ލޯބިން އަންނާށޭ ކަލާ (ސޯޅަވަނަ ބައި)
މެހެރުގެ ނިޔަތަކީ ކޮބައިކަން ނޭނގިފައި އިން ހިޝާންގެ ބުމައިގެ މަތިން މޫނުގެ އަރިމަތިން ދަތްދޮޅިއާ ހަމައަށް އިނގިލި ހިންގާލަމުން އަދި އިހުނަށްވުރެ މެހެރު ހިޝާންއާ ގާތްވެލިއެވެ.
“ވަރަށް ލޯބިވޭ……..”
” ކޮންކަމެއް ތީ…؟!” ހޭބުއްދި ފިލާފައިވާ މޮޔައަކު ފަދައިން މެހެރުއްނިސާގެ ލަދުވެތިކަން އޭގެ އިން ފަހަނަ އަޅައިގޮސް މާ ބޮޑުވަރު ނުވީ އެވަގުތު އެތަނަށް އައިސް ހުއްޓުނު އިމީގެ ސަބަބުންނެވެ. އިމީހުރީ ދެބުނަ ގޮށްޖަހައިގެން ދެއަށް ބަނޑާ ދިމާލުން އަރިމަތީގައި ޖަހާލައިގެންނެވެ.
“ހޫން .. ވަރަށް ފޫހިވޭ! ދެ މީހަކަށް އެކަނި ވެލެވޭކަށްވެސް ނޯންނާނެ މި މަންޖެއަކާ ހެދި…. ” މަޑު ސޮޕޮންޖް ޖެހި ސޯފާގެ ތެރެއަށް ރަނަގަޅަށް ފޫހަރާލައިގެން ހިޝާންއާ ޖެހި ފިތިގެން އިން މެހެރުއްނިސާ ބަރުހެލިކަމާއެކު އެތަނުން ތެދުވަމުން ތުންއަނބުރާލަމުން އެތަނުންދާން ހިނގައިގަތެވެ. ދެންމެ ވާން އުޅުނު ކަންތަކާހެދި ކުއްލި ސިހުމެއްލިބި މޭމަތީގައި އަތް ޖައްސާލައިގެން ހިޝާން އިންގޮތް ފެނުމުން އިމީ ހުރީ ބަނޑުގައި އުތުރި އަރަމުންދިޔަ ހިނިގަނޑު ބޭރުވެދާނެތީ އަނގަލައްޕައި ބާރުކޮށްލައިގެންނެވެ.
” ކޮންކަހަލަ މީހެއްތަ އެއީ؟! ސައިކޯ…” ބޯކަހާލަމުން ސޯފާއިންތެދުވެ އެހެން ބުނެލަމުން ހިޝާން އިމީއަށް ބަލައިލިއެވެ. ހިޝާން އެހެން ބުނެލުމާއެކު އިމީގެ މޫނުމަތިން ސީރިއަސްކަން ދައްކަމުން އިމީ ދެލޯ ބޮޑުކޮށްލިއެވެ.
” އޯހްހްހް… އައިއެމް ސޮރީ….” މެހެރުއްނިސާއަކީ އިމީގެ ބޮޑުދައިތަކަން ހަނދާންވުމުން ނިތްކުރީގައި އަތް ކާތާލަމުން ބުނެލިއެވެ.
“ހަހަހަހަ… ފިލްމުތަކުންވެސް ފެންނަނީ މުޅިންވެސް ފިރިހެނުން، އަންހެން ކުދިންގެ އިއްޒަތް ލޫޓުވާތަން… އަދި އަލަށް މިފެނުނީ އަންހެނަކު ފިރިހެނެއްގެ އިއްޒަތް ލޫޓުވާލަން އުޅޭތަން… ހަހަހަ….” ބަނޑަށް ހިންދާލައިގެން ހުރި ހިނިގަނޑު ފަޅާއިގެން ދިއުމުން ، އިމީ ހެމުން ހެމުން ބުނެލިއެވެ.
*******
“މެހެރު އާންޓީ ހިޝާންއާ ހެދީ މޮޔަވެދާނެހެން ކުރިންވެސް ހީވިއޭ… ވަރަށް ޒުވާން ބިޓުން ބޭނުންވާ މީހެއް އެއީ…” ހިޝާންއާ ދިމާކޮށްލަމުން، އެވަގުތު އަނެއްކާވެސް އިމީ މެސެޖްކުރިއެވެ.
” އެ އޭޖްގަވެސް ކިހާ ހޮޓް ހުންނަލެއް.. ހެހހެހެ…”
އެރޭގެ ބޮޑުބައި ޗެޓްކުރުމުގައި ހޭދަކުރުމަށްފަހު ހިޝާންއާ އިމީ ވަކިވީ ވަރަށް އަވަހަށް ބައްދަލުކުރަން ވަޢުދުވަމުންނެވެ. ހިޝާން ހުރީ އިމީ ދެކިލާހިތުން ކެތްމަދުވެފައެވެ. ދިރިއުޅުމުގައި ކުރިއަށް ފިޔަވަޅު އަޅައި، މާޒީވެ ދިޔަތަން ދޫކޮށްލައި އަލުން އާފެށުމަކުން ލޯބީގެ ދަތުރުވެސް ފަށަން ނިންމައިގެންނެވެ. ޔަގީނުންވެސް މިފަހަރު އޭނާގެ އެ ދަތުރުގެ ބައިވެރިއަކީ އިމީއެވެ.
ފަލަކުގައި ރަނުގެ ދޯދިތައް ދިއްލަމުން، ކަނޑުގެ ނިވަލުގައި ފޮރުވިލަން އިރު، ތައްޔާރު ވަމުންދަނީއެވެ. އެވަގުތު އުދަރެހަށް ވެރިވެފައިވާ ތަފާތު ކުލަތަކާއެކު އޮއްސެން އެދާ އިރަށް ބަލަހައްޓައިގެން ބަލްޚާ އިނީ ޖައިޝްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ދިރިއުޅުން ދެކަފިވެ، ދިރިއުޅުމުގެ ހުންގާނު އަތުން ބީވާން ތައްޔާރުވަމުންދާ ކަމުގެ ވޭނީ ޢާހެއްގައެވެ. އިނާޒާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާތީ، އިނާޒާއަށްޓަކައި، އަނުމްއާ ދެއަންބަށް ކައިވެނިކުރަން އިނާޒާއެދެމުންދާ ދިއުމާމެދު ޖައިޝް ހުރީ ގޮތް ހުސްވެފައެވެ. ބަލްޚާ އިނީ އިނާޒާގެ އެއެދުމުން މަނާވެ ގަންނަން ޖައިޝް ކައިރީ އެދޭނެހާވެސް ހިތްވަރު ނުލިބިފައެވެ. އަމިއްލަ ނަފްސުގެ އުނިކަމާއި ނުކުޅޭދުންތެރިކަން ހިތަށް އަރާފައެވެ. އެއާއިލާގެ ދަރިފަސްކޮޅު ދެމިގެން ދިއުމުގައި ޖައިޝްއަކީ މުހިންމު މީހަކަށްވާތީ، އެކަން އޭނާ މަނާ ކުރާނީވެސް ވަކި ކޮން ދުލަކުން ހެއްޔެވެ؟ އެހާ އަމިއްލަ އެދުން ކުރިއަށް ނެރޭކަށް އޭނާ އަކަށް ނުކެރޭނެއެވެ.
” މަށަށް މައްސަލައެއްނެތް… އެކަމަކު… ޖައިޝް…… އަހަރެން ދޫކޮށް ނުލާތި…..!” އަމިއްލަ ލޯބިވާ ފިރިމީހާ އެހެން އަންހެނަކާ ހިއްސާކުރަންޖެހުމަކީ ކިހާ ބޮޑު ވޭނެއްކަން އެނގޭނީ އެފަދަ ކަމެއް ދި،މާވުމުންނެވެ. އަނުމްއާ ކައިވެނި ކުރުމަކީ ޖައިޝްވެސް އެދޭގޮތެއް ނޫނެވެ. އިނާޒާގެ އާދޭހާ ހެދި ޖައިޝް މަޖުބޫރުވެފައި ހުންނަ މިންވަރު ބަލްޚާއަށްވެސް އެނގެއެވެ. އަނެއްކޮޅުން ޖައިޝް ބައްޕަ އަކަށް ވާން ބޭނުންވާ މިންވަރުވެސް ބަލްޚާއަށް ވަނީ ވަޒަންކުރެވިފައެވެ. އެފަދަ ހާލަތެއްގައި އަމިއްލަ އެދުން ކުރިއަށް ނެރި ޖައިޝްގެ އުފާތަކުގައި ކޮޅު ފައިން ޖަހާނީވެސް ކިހިނަކުން ހެއްޔެވެ؟
ދުވަސްތައް ފާއިތު ވަމުން ދެއެވެ. ގޭތެރޭގެ ހަމައިން ނައްޓަމުންދިޔަ މާހަވްލާއި، ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތި ހާލަތާހެދި ޖައިޝްއާއި ބަލްޚާގެ ދިރިއުޅުންވެސް ނުބައި ގޯޅިއަކުން އެޅުމާ ގާތްވަނީއެވެ. އެންމެ ފުރަތަމަ ދުވަހު ވީ ލޯބި އެ ތާޒާ ކަމާއެކު އެކަކު އަނެކަަކަށްޓަކައި، އެ ދެ ހިތުގައިވިޔަސް، އެދެ މެދަށް މަޑު މަޑުން ނޭނގޭ ބީރައްޓެހިކަމެއް ވެރިވަމުން ދިޔައެވެ. ރޭގަނޑު ނިދަން ނައިސް ޖައިޝް ބޭރުގައި އުޅޭލެއް އިތުރުވިއެވެ. އެފަދަ ކޮންމެ ރެއެއްގައި ކެތްތެރިކަމާއެކު ބަލްޚާ ޖައިޝްއަށް އިންތިޒާރު ކުރެއެވެ.
އެއީވެސް އެފަދަ ރެއެކެވެ. ރޭގަނޑު އެގާރަ ޖެހުމާ ގާތްވަމުން ދިޔައިރު، ޖައިޝްގެ އިންތިޒާރުގައި ގޭގެ ސިޓީންރޫމްގައި ބަލްޚާ އިނެވެ. ދިޔައީ ކޮންތާކަށް ކަންވެސް އަންގާނުލައި ދިއުމުން ކަންބޮޑުވެފައެވެ. އޭނާގެ ހިތުގެ ޝަކުވާތައް ކޮންމެވެސް ގޮތަކަށް މިރޭ ޖައިޝްއަށް ބުނެދޭން އޭނާއިނީ ނިންމައިގެންނެވެ. ހިޝާން އައިސް އެގެއަށްވަނީ އެވަގުތުއެވެ. މާނުވަގުތެއްގައި ޖައިޝްވެސް ނެތީސް ހިޝާން އެގެއަށް އައުމުން ބަލްޚާ ހައިރާންވިއެވެ. ސްކޫލް ދައުރުގައި ހިޝާންއާ އޮތް ގުޅުން މިހާރު ކެނޑިފައިވާތީ، ހިޝާންއައީ ކޮން ބޭނުމަކުކަން އަހާކަށް ބަލްޚާއަކަށް ނުކެރުނެވެ. އާއްމުކޮށް ހިޝާން މިގެއަށް އަންނާނީ އިމީ އާ ބައްދަލުކުރާށެވެ. ނަމަވެސް އިމީވެސް ނެތީސް މި ކަހަލަ ގަޑިއެއްގައި ހިޝާން މިގެއަށް އަންނަން ޖެހޭ ސަބަބެއް ބަލްޚާއަކަށް އުޅޭ އުޅޭވެސް ނުވިސްނުނެވެ.
“އަހަން ހިޝާން… ހާދަ ނުވަގުތެއްގަ؟ ކަމަކުތަ؟…” އިނާޒާވެސް ކޮޓަރިން ނުކުމެގެން އެތަނާ އަރާ ހަމަވީ އެވަގުތުއެވެ. އަތުން ފެން ހުސްވެފައިވާ ޖަގެއް ހިފައިގެން ހުރުމުން އޭނާ އެނުކުތީ ފެން އަޅަންކަން ބަލްޚާއަށް އެނގުނެވެ.
” މީ.. ޖައިޝް ބުނި މިގަޑީގަ ގެއަށްވަދެލަ ބަލާށޭ….އެބަ އަންނަމޭ!… ނޭނގެ ކީއްކުރަން ކަމެއް!…ޖައިޝް އެބަ އުޅޭތަ؟” އިނާޒާއަށް ޖަވާބު ދެމުން ބަލްޚާ އިށީނދެގެން އިން ސޯފާއާއި އެންމެ ދުރުގައި އިން ސޯފާގައި އިށީންދެލަމުން ހިޝާން ބުނެލިއެވެ.
“ޖައިޝް ނެތް ގެއަކު!” އިނާޒާއަށް އެއްޗެއް ނުބުނެވެނީސް ބަލްޚާ ޖަވާބު ދިނެވެ. އެވަގުތު ޖައިޝްއަށް ގުޅަން ފޯނު ނަގަމުން ހިޝާން ކޮޅަށް ތެދުވެގެން ގޮސް ގެއަށް ވަންނަ ދޮރުކައިރިއަށް ހުއްޓިއްޖެއެވެ. ސޯފާ މައްޗަށް ވެއްޓިފައިވާ ހިޝާންގެ ވޮލެޓްގައި އިނާޒާގެ ލޯ އަޅާއިގަތީވެސް އެވަގުތުއެވެ. ކުއްލިއަކަށް މޮޅު ހިޔާލެއް އައުމުން އިނާޒާއަށް ހިނިތުންވެެލެވުނެވެ.
” ބަލްޚާ ދޭބަލަ… ބޯލާނެ އެއްޗެއް ނަމަވެސް ހިޝާންއަށް ގެނެސްދެން….” ބަލްޚާ ކައިރިން މިއިން ދުވަހަކު ނޭދޭހާ ރީއްޗަށް އިނާޒާ ކަމަކު އެދުމުން ބަލްޚާ ހައިރާން ވާ ގޮތްވިއެވެ. ބަލްޚާ ދިއުމުން އިނާޒާ ނިކަން އަވަސް އަވަހަށް ދެކޮޅު ހޯދާ ބަލާލިއެވެ. ގޭތެރެއިން އޭނާ އެ ހޯދާ އެތި ފެނުމުން އޭނާ ކުރަން ހިތުލީ ކަންތައްކޮށްލީ ނިކަން ހަލުވި ކަމާއެކުގައެވެ.
“ޖައިޝްއަކާ ނުވެސް ގުޅޭ….” ހިޝާން އިނާޒާގެ ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ.
” ފޯނު ނިވުނީ ކަންނޭނގެ… އަންނާށޭ ބުނާނީ ކޮންމެވެސް ކަމަކު…” އެހެން ބުނެލަމުން އިނާޒާ ސިޓިންގ ރޫމްގެ ފަހަތުން، ފާރަކާ ނިވާވާގޮތަށް އިން އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ހޫނު ކޮފީއެއް ހިފައިގެންް ބަލްޚާ އެތަނަށް އައިސް ހުއްޓުނީ އެވަގުތުއެވެ. ސޯފާ މައްޗަށް ވެއްޓިފައިވާ ހިޝާންގެ ކަޅޫކުލައިގެ ވޮލެޓްތެރެއިން ބޭރަށް ނުކުމެފައިވާ ހަމައެކަނި ބަލްޚާގެ މޫނު ފެންނާނެހެން ހިތުގެ ބައްޓަމަށް ކަފާލާފައި އިން ފޮޓޯ އެވަގުތު ބަލްޚާއަށް ފެނުނެވެ.
“ހިޝާން އިމީ ޔޫޒް ކުރަނީ ދޯ؟!… މިހާރު ކިތައް އަހަރު މިވަނީ… މަށާ ހެދި އިމީއަށް ދެރައެއް ދޭން ހިތަށްވެސް ނާރުވާތި!…” ފެނުނު މަންޒަރަކީ ހަގީގަތް ކަމަށް ގަބޫލުކުރެވުމުން ހިޝާންއަށް ބަހެއް ބުނެލަން ވެސް ފުރުސަތު ނުދީ، ރުޅިގަދަވެފައި ބަލްޚާ ބުނެލިއެވެ.
“ކިތައް ފަހަރުތަ ބުނާނީ އަހަރެން ހިޝާންދެކެ ލޯތްބެއް ނުވަމޭ!… މަ މިހާރު މިހިރީ މެރީވެސް ކޮށްގެން… މޫވްއޮން ކޮށްފަ ރަނގަޅު ދިރިއުޅުމެއް ފަށާބަލަ….! އާދޭސް ކުރަން” ދެންވެސް ހިޝާންއަށް ފުރުސަތެއްނުދީ ބަލްޚާ އަނގަތަޅުވަން ފެށުމުން ހިޝާން އައިސް ބަލްޚާގެ އަތުގެ މުލައްދަނޑީގައި ހިފަމުން އެއްއަތުން ބަލްޚާގެ އަނގަމަތީގައި އަތް އަޅާއި ބާރުކޮށްލިއެވެ.
“އަހަންނެއް ނޫޅެން ބަލްޚާއާ ހެދި މޮޔަވެގެންނެއް…. ތިމާވަރު މީހަކު ނެތިގެން އަބަދު ނޫޅޭބަލަ.. ހަގީގަތް ބަލާ ނުލައި ކޮންމެ ފަހަރަކު އަނގަތަޅުވައިގަތީ މަ ނިމުނީއެއް ނޫނޭ…” ހިޝާން ހުރީ އިންތިހާއަށް ރުޅިއައިއްސައެވެ.
” އިމީއަށް ގޮތެއް ހަދާނެތޯ ނުހަދާނެތޯ ބަލާކަށް ނުޖެހޭ ބަލްޚާއަކަށް… އަހަރެންގެ ޒާތީ ލައިފަށް އެންޓާފެއަރ ކުރަން ބަލްޚާތީ މިހާރު އަހަންނަށް މުހިންމު މީހެއް ނޫން… އިރެއްގަ ލޯބިވިޔަސް، ބަލްޚާ އަހަންނަށް ހަދާލިގޮތް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ… ސްކޫލު ދައުރުން ފެށިގެން އަށެއްކަ އަހަރު އޮޅުވާލުމެއްގަ ބަލްޚާ އަހަރެން ބެހެއްޓީ….. އަހަންނަށްވުރެ މުއްސަނދި މީހަކު ހަމަ ފެންނަ އިރަށް އެމީހަކާ ހިތާވެގެން ތިހިރީ މިހާރު އިނދެވެސް ލައިގެންނެއްނު…. ” އެތައް ޒަމާނެއް ވަންދެން ހިތުގައި ފުނި ޖެހިފައިވާ ޝަކުވާތަކެއް ހިތުންނެރެ އުކާލާހެން ހިޝާން ބުނަމުން ދިޔަ ހަރުކަށި ބަސްތަކާއެކު ބަލްޚާ ރޮއްވާލިއެވެ.
“ހިޝާން…………!!!!!” ބަލްޚާއާއި ހިޝާން ދެއްކި ހުރިހާ ވާހަކައެއް އިވުމުން އެވަގުތު ދޮރުން ވަދެގެން އައި އިމީ ނިކަން ބާރަށް ގޮވާލިއެވެ. އެއިރު އިމީގެ އަތުގައި އޮތް ކޭކު ބިންމައްޗަށް ވެއްޓިފައި އޮތެވެ. އިމީގެ ލަގެޖްތައް ހިފައިގެން ބަސް ހުއްޓި ބުނަންވީއެއްޗެއް ނޭނގި ރުޅިވެރިކަމުގައި ޖައިޝް އެދެމީހުންނަށް ބަލަން ހުއްޓެވެ. މިމަންޒަރު ދެކެން ފާރުގެ ނިވަލުގައި ހުރުމަށްފަހު އިނާޒާއާއި މެހެރުއްނިސާވެސް އެތަނަށް އައިސް ހުއްޓިއްޖެއެވެ. އިނާޒާގެ ތުންފަތުގައި ކުޅެމުންދިޔައީ ކާމިޔާބުގެ ފަޚުރުވެރި ހިނިތުންވުމެކެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި، ބަލްޚާގެ ފޮޓޯ ހިޝާންގެ ވޮލެޓަށް ލީއިރުވެސް، މި މަންޒަރު މިހާ ފުރިހަމަކޮށް ފެނިދާނެކަމާމެދު އޭނާ ހުރީ ޝައްކެއްގައެވެ. ނަމަވެސް ޖައިޝް ދިޔައީ އިމީ ބަލައިކަން، އެނގޭތީއާއި، އެ ވަގުތަކީ އެމީހުން ގެއަށް އައުމަށް ދަތުރު ކުރާނެ ވަގުތުކަން އަންދާޒާކޮށްލަން އެނގުމުން އިނާޒާ ކުރަން އުޅުނު ކަންތައް ފުރިހަމަވާނެކަމުގެ ޔަގީންކަންވެސް އޭނާގެ ހިތުގައި އޮތެވެ.
” އޯހް މައި ގޯޑް! ހިޝާންގެ ބާރތް ޑޭ ގަ ސަޕްރައިޒް ދޭން އައި މީހާއަށް ދޯ މި ސަޕްރައިޒް ލިބުނީ….؟! ހާދަ ރީތި ގޭމެކޭ ދެމީހުން ތިކުޅެލީ؟!.. ދެމީހުންގެ ލަވް ސްޓޯރީ ކޮމްޕްލީޓް ކުރުމަށްްޓަކައި ދޮންބެއާ އަހަރެންގެ ލައިފްއާ ތިކުޅެލީ ކޮން ހައްގެއް އޮވެގެން…….؟” ހިޝާންގެ ގާތަށް އައިސް ހިށާންގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވައިގަންނަމުން އެހެން ބުނެ ނުނިމެނީ އިމީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެވަގުތު ޖައިޝޤ އިމީގެ ގާތަށް އައިސް އިމީހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.
” ޖައިޝް!! ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫން… ތިހީކުރާ ކަހަލަ ގުޅުމެއް ނެތް އަހަރެމެންގެ……..” ޖައިޝްގެ އަތުގައި ހިފަމުން އާދޭހާއެކު ބަލްޚާ ބުނެލިއެވެ. ޖައިޝް ހުރީ ބަލްޚާ ދައްކާ ވާހަކަ އަޑުއަހާ ގޮތަކަށް ނޫނެވެ. ބަލްޚާގެ އަތް ފޮޅުވާލަމުން އިމީ ގޮވައިގެން އިމީގެ ކޮޓަރިއަށް ދިއުމަށް އޭނާ ހިނގައިގަތީ ބަލްޚާގެ މޫނު ދެކެންވެސް ބޭނުން ނުވާ ވަރަށް ރުޅިއައިސް ހުރެގެންނެވެ. އެތައް ދުވަހެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުން އައުމުން އިނާޒާ ހުރީ އުފަލުންނެވެ. ކުށްވެރިން ފަދައިން ނުކުރާ ކުށެއްގެ ޒިންމާ ބޮލުގައި އެޅުނީތީ، ހިޝާންއާ ބަލްޚާވެސް ތިބީ ބުނަންވީ އެއްޗެއް ނޭނގި ހިމޭންވެފައެވެ. ހިޝާން އިމީއަށް އެންމެ ބޭނުންވި ވަގުތު މިފަދަ ލަދުވެތި ގޮތަކަށް އެގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ. އިމީއާ ވާހަކަ ދައްކައިގެން މި އެރި އޅުން ފިލުވައިދޭނެހާ ހިތްވަރެއްވެސް މިވަގުތު ނެތުމުން ހިޝާން އެގެއިން ނުކުމެގެން ދިޔައީއެވެ. އުފާވެރި އުފަންދުވަހުގެ ހަދިޔާ މިފަދަ ގޮތަކަށް ލިބުމަށް އެދޭނީ ކާކު ހެއްޔެވެ؟
އެރޭގަޑިން ތިނެއް ޖެހުމާ ގާތްވިއިރުވެސް ޖައިޝް ކޮޓަރިއަކަށް ނައެވެ. ބަލްޚާ އޮތީ ޖައިޝްއާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ލޯބިން އެކުގައިވީ ވަޢުދުތަކާއި، ދެމީހުން އެކަކު އަނެކަކަށްޓަކައި ކުރި އިތުބާރު އެހާ ފަސޭހައިން ހަނދާން ނައްތާލެވިގެން ނުވާނެ ކަމުގައި ބަލްޚާ ދެކުނެވެ. ހިޔާލާ ފިކުރުގެ ކަނޑަކަށް ގެނބެމުންދިޔަ ބަލްޚާއަށް، ހިޔާލީ ދުނިޔެއިން ހަމަބިމަށް އާދެވުނީ ޖައިޝް ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. ކޮޓަރިއަށް އައިގޮތަށް ބާލީހަކާއި ކްއިލްޓެއް ހިފައިގެން ކޮޓަރީގެ އެއްފަރާތެއްގައި ހުރި ދިގު ސޯފާގައި ޖައިޝް އޮށޯވެލިއެވެ. ޖައިޝްގެ މި އަމަލުން ބަލްޚާގެ ހިތް ރޮއްވާލިއެވެ. އިތުބާރުގެ ކުޑަ މިންވަރެއްވެސް ބަލްޚާއަށްޓާކައި ޖައިޝްގެ ހިތުގައި ނުވާކަން ޔަގީންކުރެވުނެވެ. ޖަވާޒީ ދިރި އުޅުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. ޝައްކާއި ވަހުމެވެ. ލޮލަށް ފެންނަ ހަގީގަތުގެ އެއްބައި ގަބޫލުކުރުމެވެ. އިތުބާރު ގެއްލޭފަދަ ކަމެއް ދިމާވުމުންވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ނޫޅުމެވެ.
އާދުވަހަކަށް އިރު އަރައިގެން އައި އިރު މުޅި އައްސޭރިވިލާގެ މާހަވްލުވަނީ ބަދަލުވެފައެވެ. ހުރަގެއަކަށްލައި ބަންދުކޮށްފައިވާ މީހެއް ފަދައިން އެންމެންނާ އެކަހެރިވެގެން ހުންނަން ބަލްޚާއަށް މަޖުބޫރުވީ، އެއިން އެކަކުވެސް ބަލްޚާއާއި އަނގައިން ބުނަން ބޭނުން ނުވާތީއެވެ. ކުޑަމިނުން ޖައިޝްއާއި އިމީގެ ކުރިމަތީގައިވެސް ބަލްޚާއަކީ އުޅޭ މީހެއްހެން ވެސް ހީނުވެއެވެ. ލޯބިވާމީހެއްކުރިމަތީ އެކަހެރިވެ ބާކީވެފަ ހުރުމަކީ ކިހާ ހިތަށް ތަދުވާ ކަމެއްކަން ބަލްޚާއަށް އެނގުނެވެ. އެކަމާ އޭނާ ކިތައްމެ ދެރަވިޔަސް ހިތުގެ އަޑު އިއްވަން އޭނާ ބޭނުންވާ ފަރާތް އެކަމަށް އިޖާބަ ނުދޭހާހިނދު އޭނާ ކުރާނީވެސް ވަކި ކީއްހެއްޔެވެ؟
އައްސޭރިވިލާގެ އެންމެން އޮލަ ވާހަކައެއްގައި ތިބި ވަގުތެކެވެ. އިނާޒާގެ ކައިރީގައި ޖައިޝްއާއި އިމީވެސް ތިބީ މަންމަ ދައްކާ ވާހަކަ ނިކަން ކަނުލައި އަޑުއަހަށެވެ. ކައިރީގައި އަނުމްއާއި އިނާޝާވެސް ތިއްބެވެ. ޖައިޝް އެތަނުގައި އިންނަން ބޭނުން ނުވިޔަސް އިނާޒާގެ އެދުމާ ދެކޮޅު ހަދަށް އޭނާއަށް ނުކެރުނީއެވެ. ދެކެވެމުން އެދަނީ އަނުމް އާއި ޖައިޝްގެ ކައިވެނީގެ ވާހަކައެވެ. އެތަނާ ތަންކޮޅޭއް ދުރުގައި، އެ މީހުންނަށް ނުފެންނާނެހެން ބަލްޚާ އެވާހަކަތައް އަޑުއަހަން ހުރީ މޭގައި ބާރަށް ހިފަހައްޓައިގެންނެވެ. އެވަގުތު ލޮލުން ދެމެމުން އައި ކަރުނަތައް އޭނާގެ ކޯތާފަތް ތެއްމަމުން ދިޔައެވެ. އެކައިވެންޏާށް ބަލްޙަވެސް ހުރީ ހިތާ ދެކޮޅަށް ވިޔަސް ރުހުން ދީގެންނެވެ. އެ ކައިވެންޏާއެކުވެސް ޖައިޝް އޭނާ ދޫކޮށްނުލާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ.
” އަހަރެން ބޭނުމެއް ނޫން ދެއަންބަށް އިންނާކަށް… ޖައިޝް އަހަންނާ އިންނަން ބޭނުމިއްޔާ ޖެހޭނީ ބަލްޚާ ވަރިކުރަން….” ޖައިޝޤއާއި ބަލްޚާގެ ނާޒުވެފައިވާ ގުޅުމުގެ ހަބަރު ލިބިފައިވާތީ، އަނުމްހުރީ އެކަމުގެ ފައިދާ ނަގަން އިންތިހާއަށް ބޭނުންވެފައެވެ.
(ނުނިމޭ)
މިވާހަކަ ޝައުގުވެރިކަމާއެކު ކިޔާ ހުރިހާ ކިޔުންތެރިންނަށް ވަރަށް އުފާވެރި ޢީދަކަށް އެދެން! ޢީދު މުބާރިކް! އަދި ރައުގެ ވާހަކައަށް ތިކުރާ ތާއީދަށް ޝުކުރުއަދާކުރަން!
3 Comments
Comments are closed.
vvvvv reethi..waiting
V Reethi. Waiting For Next
Ohh wow v rythi mi stry ?? but balkhaa ah ehen nahadhaabala jaish?? jaish ge dad ah adhives vaahakanudhekkeytha? Alhe eyna rangslhu kobbala rau stry v habeys whn nxt prt avaskollachchey plx gud nyt ly n eid mubaarak??❤❤????????????