ދިހައެއް ( ސޯޅަވަނަ ބައި )

“ހެޕި ބާތުޑޭ.. ހެޕި ބާތުޑޭ ޓޫ ޔޫ ރިޒުވީ..” ޕާޓީގައި ތިބި އެންމެން އެކުގައި އަތް ޖަހަމުން އެ ލަވަ ކިޔަން ފެށިއެވެ. މުޅި ގޭ ތެރެއަށް ރިޒުވީން ރަނގަޅަށް ބަލައިލިއެވެ. އެ އެންމެން ވެސް ތިބީ ގުރާފެހިކުލައާއި ގަދަފެހިކުލައިން ހެދުން ލައިގެންނެވެ. ފެހިކުލައިގެ ފުއްޕާ ހަންތަކެއް ގޭގެ އެ ތަން މި ތަނުގައި ހަރުކޮށްފައި ހުއްޓެވެ. އެ މީހުންގެ ފުރަގަހުގައި ހުރި ފާރުގައި ގަދަ ފެހި ކުލައިގެ އިނގިރޭސި އަކުރުތަކަކުން ‘ހެޕި އެއިޓީން ރިޒުވީ’ ލިޔެފައިވީއިރު އެ ލިޔުން ވަށައިގެން ފެހި ކުލައިގެ ވިދާ ތަރިތަކެއް ތަތްކޮށްފައި ހުއްޓެވެ. އެ ތަނުގައި އެ މީހުންގެ ކުރިމަތީގައި ވަށް ތިރި މޭޒެއް ބަހައްޓާފައި ހުއްޓެވެ. ރިޒުވީން އެ މޭޒާ ގާތްވެލިއެވެ.  އެ މޭޒުމަތީގައި ކުލަ އުށްބައްތިތަކަކުން ޖަރީކޮށްފައިވާ ކޭކެއް އޮތެވެ. ‘ވެނިލާ ފުރޮސްޓް’ ގެ މަތީގައި ގަދަފެހިކުލައިގެ އައިސިން ބޭނުންކޮށްގެން ‘ހެޕި ބާތުޑޭ . ރިޒުވީ އިސް އެއިޓީން’ މިހެން ފަވާލައިފައިވަނީ ރީތި ފޮންޓަކުންނެވެ. ކޭކު އިތުރަށް ރީތިކުރުމުގެ ގޮތުން ކޭކުގެ މަތީގައި ސުޓޯބެރީއާއި މޭބިސްކަދުރު ޖަހާފައި ހުއްޓެވެ. ޝަޙާ، ރިޒުވީނަށް ކުޑަ ވަޅިއެއް ދިއްކޮށްލުމުން ރިޒުވީން އެ ވަޅީގައި ހިފިއެވެ. އެއަށް ފަހު ވަޅިން ކޭކު ފަޅަން ފެށިއެވެ. “ފުރަތަމަ ކޭކު ފޮތި ލަވާނީ އަހަރެމެންގެ ކުޑަކުޑަ ނައުއްކޮއަށް..” މިހެން ބުނެފައި ރިޒުވީން ކޭކު ފޮއްޗެއް ނެގުމަށް ފަހު އެ ކޭކު ފޮތި ނައުޝާދަށް ލެވިއެވެ. ނައުޝާދު ކޭކު ފޮތިން ބައެއް ކައިލިއެވެ. ދެން ލެވީ ޝަޙާއަށެވެ. ޝަޙާއަށް ލެވުމަށް ފަހު ނަބީޙަށް ލެވިއެވެ. އެއަށް ފަހުގައި ޕާޓީގައި ދެން ތިބި އެންމެންނަށް ވެސް ކޭކު ފޮތި ލެވިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ އެންމެންނަށް ވެސް..” ރިޒުވީން ބުންޏެވެ. “އަހަރެން ވަރަށް ބޮޑަށް ބަނޑުހައި.. ނައުއްކޮ ބަނޑުހައިތަ.؟” ވަޅި ނެގުމަށް ފަހު އެންމެންނަށް ބައެއް ލިބޭހެން ނަބީޙު ކޭކު ފަޅިކުރަން ފެށިއެވެ. އެއަށް ފަހު ތަށްޓަކަށް ލުމަށް ފަހު ކޮންމެ މީހަކަށް ކޭކު ފޮއްޗެއް ދިނެވެ.

“ހައު ވޯސް ދަ ސައިޕްރައިސް..؟” ޝަޙާ އެހިއެވެ. “ސައިޕްރައިސް ރަނގަޅު..” ރިޒުވީން، އޭނާ ހިފައިގެން ހުރި ކޯކު ތަށިން އެތި ފޮދެއް ބޯލުމަށް ފަހުގައި ބުންޏެވެ. ދެ ކުދިން ތިބީ އެ ގޭ ބެލްކަނީގައެވެ. އެހެން މީހުން ވީ ގޭތެރޭގައެވެ. “މި ވަރުން ހުރިހާ ކަމެއް ކުރީމަ ވެސް ޖަވާބަކަށް މި ލިބުނީ ހަމައެކަނި ސައިޕްރައިސް ރަނގަޅު..” ތުންފަތުން ވައްތަރުޖައްސާލަމުން ޝަޙާ ބުންޏެވެ. ޝަޙާ ތުންފަތުން ޖެއްސި ވައްތަރުތައް ފެނުމުން ރިޒުވީން ހޭން ފެށިއެވެ. “އަދި އެ ފެށީ ހޭށޭ..” ރިޒުވީންގެ އަތުގައި ޝަޙާ ވިކައިލިއެވެ. “އައްދޯއް.. ހުރެ ބަލަ ލަގާއެއް ދޭނަން މި ފަހަރު..” ރިޒުވީން ހިފައިގެން ހުރި ކޯކުތަށި ޝަޙާގެ ގަޔަށް ބަންޑުންކޮށްލުމަށް ފަހު، ދުއްވައިގަތީ ގޭތެރެއަށެވެ. ރިޒުވީންގެ ފަހަތުން ޝަޙާ ވެސް ދުއްވައިގަތެވެ. ޝަޙާގެ އަތުގައި އޮތް ކޭކު ފޮތި ހިފައިގެންނެވެ. ރިޒުވީން ދުވެފައި ގޮސް ފާރު ކައިރީ ހުއްޓުނީއެވެ. ރިޒުވީން ހުއްޓުމުން ޝަޙާ މަޑުމަޑުން ހިނގައިފައި ގޮސް ރިޒުވީނާ ގާތްވެލިއެވެ. ހިނގައިފައި ދިޔައިރު ޝަޙާ ދިޔައީ ދެ އަތް ފުރަގަހަށް ލައިގެންނެވެ. އެހެންވެ، ޝަޙާ ހިފައިގެން ހުރި ކޭކު ފޮތި ރިޒުވީނަކަށް ނުފެނެއެވެ. ރިޒުވީނާ ގާތްވެލުމަށް ފަހު ޝަޙާގެ އެއް އަތް ރިޒުވީންގެ މޭމަތީގައި އެޅިއެވެ. އަނެއް އަތުން ރިޒުވީންގެ މޫނުމަތީގައި ކޭކު ފޮތި ހާކާލީއެވެ. “ލޮލް.. އަހަރެންގެ ލަގާ މާ ނުރައްކާވާނެ..” ޝަޙާ ހެމުން ބުންޏެވެ. “ރެވެންޖު ނެގިއްޖޭނު.. ނައު ޝޯ މީ އަ ވޮޝް ރޫމް.. އައި ނީޑް ޓު ވޮޝް ދިސް..” ރިޒުވީން ބުންޏެވެ. “މިއީ އަހަރެންގެ ކޮޓަރި.. އެ ކޮޓަރީގެ ފާޚާނާއިން މޫނު ދޮވެލައިގެން ތިރިއަށް އާދޭ..” ރިޒުވީނަށް ޝަޙާގެ ކޮޓަރި ދެއްކުމަށް ފަހު ޝަޙާ ދިޔައީ ތިރިއަށެވެ. ރިޒުވީން ތިރިއަށް ފޭބީ މޫނު ދޮވެލައިގެންނެވެ. ‘ސަޕްރައިސް ޕާޓީ’ ނިމުމުން ރިޒުވީނާއި ނަބީޙު، އެ މީހުންގެ ގެއަށް ދިޔައީއެވެ.

الله أكبر الله أكبر” ރިޒުވީންގެ ފޯނުން ފަތިސް ނަމާދުގެ ބަންގި ގޮވަން ފެށިއެވެ. އެ އަޑު އިވިފައި ރިޒުވީނަށް ހޭލެވުނެވެ. އެނދު ކައިރީގައި ހުރި މޭޒުމަތީގައި ރިޒުވީންގެ އައިނު އޮތެވެ. އައިނު އެޅުމަށް ފަހު، ރިޒުވީން ތިރިޔަށް ފޭބީ ސިޓިން ރޫމުގައި ހުރި ސޯފާއެއްގައި ނިދާފައި އޮތް ނަބީޙަށް ފަތިސް ނަމާދުކުރަން ގޮވާށެވެ. ނަބީޙު ހޭލުމުން ރިޒުވީން ވަނީ ފާޚާނާއަށެވެ. ފެންވަރާ ރީތިވުމަށް ފަހު ނަމާދުކުރަން ވުޟޫކުރިއެވެ. އެއަށް ފަހުގައި މަތީބުރީގައި ހުރި ކޮޓަރީގައި ރިޒުވީން ފަތިސް ނަމާދުކުރިއެވެ. ފަތިސް ނަމާދުކޮށްގެން ރިޒުވީން ތިރިއަށް ފޭބިއެވެ. “ކޮން އިރަކު ޓީވީއެއް ގަތީ..؟” ނަބީޙު ހޭލިއިރު ސިޓިން ރޫމުގައި ޓީވީއެއް ހުރުމުން އެހިއެވެ. “އެ ގަތް ޓީވީއެއް ނޫނޭ.. އަހަރެމެންގެ އަޝްރަފުގެ މަސައްކަތް ތިޔަކީ.. އޭނާ ހެދި ޓީވީއެއް ތިޔައީ.. އަހަރެން އޭނާއަށް ސޮނީ ޓީވީއެއް ބާޒާރުން ދައްކާލީމާ ހަމަ އެ ޓީވީ ހުރި ގޮތަށް ހަދާލީ..” ރިޒުވީން ބުންޏެވެ. ރިޒުވީން ޑިއުޓީއަށް ދާން ޖެހޭ ގަޑި ޖެހެންދެން ދެ ކުދިން ސިޓިން ރޫމުގައި އެކިއެކި ވާހަކަތައް ދައްކަން ތިބީއެވެ. 

ގަޑިން ނުވައެއް ޖެހުމާއެކު ރިޒުވީން ދިޔައީ ‘އެލް ކޮމްޕެނީ’ ގެ އޮފީހަށެވެ. އެ ދުވަހު އޮފީހުގައި ވަރަށް ޚާއްޞަ ބައްދަލުވުމެއް އޮތެވެ. އެއީ ‘އެލް ކޮމްޕެނީ’ ގެ އަމިއްލަ މޯބައިލް ފޯނެއް އުފެއްދުމާ ބެހޭގޮތުން ރިޒުވީން ހުށައަޅާދޭ ‘ޕްރެޒެންޓޭޝަން’ އެއް ދެއްކުމަށް ހަމަޖެހިފައިވާ ބައްދަވުމެކެވެ. “މިއީ އަޅުގަނޑުގެ ޕުލޭން.. ރާއްޖޭގައި އަދި މޯބައިލް ފޯނު އުފެއްދި ކުންފުންޏެއް ނެތް.. މި ޕުލޭން ކާމިޔާބު ވެއްޖެނަމަ އެލް ކޮމްޕެނީ ވާނީ ހަމައެކަނި ރާއްޖެއަކު ނޫން.. ދުނިޔޭގައި ވެސް ޑެމާންޑު ބޮޑު ކޮމްޕެނީއަކަށް.. އަޅުގަނޑުމެން މި ކަން ކޮމްޕެނީން ބޭރުގެ ފަރާތްތަކަށް ހާމަކުރާނީ ޕުލޭން ކާމިޔާބު ވުމުން..” ރިޒުވީން އޭނާގެ ވާހަކަދެއްކުން ނިންމައިލިއެވެ. ރިޒުވީންގެ ހުށައެޅުން ނިމުމުން ބައްދަލުވުމުގައި ތިބި އެންމެން އަތް ޖަހަން ފެށިއެވެ. އެންމެންނަށް ވެސް ރިޒުވީންގެ ހުށައެޅުން ކަމުދިޔައެވެ.

‘00010’ ކޯޑު ޖެހުމާއެކު ތަޅުންގަނޑުން މުށިގަނޑެއް ކެހިގެން ދިޔައެވެ. ފޮޓޯގަނޑު ފާރުގައި ހަރުކުރުމަށް ފަހު ރިޒުވީން އެ ތަނުގެ ތިރިއަށް ފޭބިއެވެ. އެހެން ފަހަރުތައްހެން މި ފަހަރު ވެސް ރިޒުވީން ތިރިއަށް ފޭބުމުން މުށިގަނޑު ކެހި ލެއްޕުނެވެ. “އަޝްރަފު.. މޯބައިލް ފޯނެއް އުފެއްދުމުގެ މަސައްކަތް މިހާރުއްސުރެން ފަށަންވީ.. އަހަރެން ދެއްކި ޕްރެޒެންޓޭޝަން ފެނުނޭނު.. އެއާ އެއްގޮތަށް..” ރިޒުވީން ބުންޏެވެ. “ލައްބަ ރިޒުވީން..” ގަޑީގެ އެތެރޭގައި އޮތް އަޝްރަފު ބުންޏެވެ.

ފާއިތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރިޒުވީން ވަނީ ވަރަށް ބޮޑެތި ކާމީޔާބީތަކެއް ހޯދާފައެވެ. އެ ގޮތުން 2026ވަނަ އަހަރުގެ ބޮޑު ތިލަދުންމަތީގެ އިތުރުން ދިވެހިރާއްޖޭގެ ވެސް ޒުވާން އެންމެ މޮޅު އުފެއްދުންތެރިޔާގެ އެވޯޑުތަކާއި އެހެނިހެން އެވޯޑުތައް ވެސް ވަނީ ހޯދާފައެވެ. ‘އެލް ކޮމްޕެނީ’ ގެ ފުރަތަމަ މޯބައިލް ފޯނު ވެސް ވަނީ ‘އެލް މޯބް ޕްލަސް’ ގެ ނަމުގައި ބާޒާރަށް ނެރެފައެވެ. މޯބައިލް ފޯނުގެ އިތުރުން ހެޑް ސެޓާއި ސުޕީކަރު ފަދަ އުފެއްދުންތައް ވެސް ވަނީ ބާޒާރަށް ނެރެފައެވެ. މި ކާމިޔާބީތަކުގެ ސަބަބުން ‘އެލް ކޮމްޕެނީ’ ގެ އެސިސްޓެންޓް ޕްރޮޑަކްސަން މެނޭޖަރުކަމަށް ރިޒުވީން ވަނީ ޕުރޮމޯޓު ވެސް ވެފައެވެ.

ހޭލެވުމާއެކު ޑރ.ހެންރީ ބަލައިލީ އޭނާގެ ފޯނަށެވެ. ފޯނު ބަލައިލިއިރު އަނޫރާގެ ހަތް ‘މިސް ކޯލް’ ފެނުނެވެ. ދެން އޭނާގެ ކައިރީގައި ނިދާފައި އޮތް ސަމީރާއާ ދިމާލަށް ބަލައިލިއެވެ. “މި ސަމީ ވެސް ހާދަ ލޯތްބޭ..” ސަމީރާގެ ހަށިގަނޑާ ދިމާލަށް ޑރ.ހެންރީ ބަލައިލީ ޝަހުވާނީ ގޮތަކަށެވެ. ހިނދުކޮޅަކު އެހެން ސަމީރާއާ ދިމާލަށް ބަލަން އިނުމަށް ފަހު، ޑރ.ހެންރީ ވަނީ ފާޚާނާއަށެވެ. ފާޚާނާގައި ހަރުކޮށްފައި ހުރި ލޯގަނޑުން މޫނު ބަލައިލިއެވެ. އޭނާ ހުރީ ޢާދިލް ސަރގެ ސިފައިގައެވެ. ދެން ޑރ.ހެންރީ އޭނާގެ މޫނުމަތިން ޢާދިލް ސަރގެ ސިފައިގެ މާސްކު ނެގިއެވެ. އެއަށް ފަހުގައި އޭނާގެ ފޯނުން އަނޫރާއަށް ގުޅިއެވެ. “ހެލޯ އަނޫރާ.. ކިހިނެއްވީއޭ..؟” އަނޫރާ ފޯނު ނެގުމުން ޑރ.ހެންރީ ވާހަކަދައްކަން ފެށިއެވެ. “މި އިނީ ކަލޭ ސަމީރާއާއެކު ގަންނަ ގަނޑު ބަލާށޭނު..” ޑރ.ހެންރީ، ޢާދިލް ސަރއަށް ވުމަށް ފަހު ސަމީރާއާ މާ ބޮޑަށް ގާތްވެގެން އުޅޭތީ އަނޫރާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. “އަނޫ ލަވް.. ޔޫ ނޯ ހައު މަޗް އައި ލަވް ޔޫ.. އަހަރެމެން ދެ މީހުންނަށްޓަކައޭ މިހެން މި ކަންތައް ކުރަނީ ވެސް.. ސަމީރާއަށް ވެސް އެ ސޮރާ ބެހޭގޮތުން ކަމެއް އެނގިދާނު..” ޑރ.ހެންރީ މިހެން ބުންޏަސް އޭނާ ސަމީރާއާ މާ ގާތްވެގެން އުޅެނީ އޭނާގެ ޝަހުވާނީ އެދުންތަކުގެ ސަބަބުންނެވެ. ސަމީރާގެ ހަށިގަނޑުން އަރާމު ހޯދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. “ހުއް.. އެންމެ ހެވޭ..” އަނޫރާ ޗޮކެއް ކަނޑާލިއެވެ. “އަސްލު ވެސް އޭ ލަވް.. އައި ލަވް އޮންލީ ޔޫ.. މި ސަމީރާ.. އެ އެމީ.. ދޭ އާ ނޯ ވަން..” ޑރ.ހެންރީ ބުންޏެވެ. “އައި ލަވް ޔޫ ޓޫ.. ތިޔަ ސަމީރާއަށް ވުރެ މާ ބޮޑު ސަސްޕެކްޓްއެއް އެބަހުރި..” އަނޫރާ ބުންޏެވެ. “ތިޔަ ދައްކަނީ ކާކުގެ ވާހަކައެއްތަ.؟” ޑރ.ހެންރީ އެހިއެވެ. “ހެންރީއަކަށް ނުފެނޭތަ ޢުޝާމްގެ ދަރި ހޯދާ ކާމިޔާބީތަކެއް..” އަނޫރާ ބުންޏެވެ. “އާނއެކޭ.. ރިޒުވީން.. އޭނާ ކިތަންމެ ތޫނުފިއްޔަސް އެހާ ޅަ އުމުރުގައި.. އަދި އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރި ހޯދޭނީ އެ ކުޑަ ސޮރު ފަދަ ބާރުގަދަ އެއްޗެއްގެ އެހީ ވެސް ލިބިގެން..” ޑރ.ހެންރީ ބުންޏެވެ. “އެކްޒެކްޓްލީ މައި ޕޮއިންޓް.. އޭނާއާ މެދު ގޮތެއް ހަދަން އެބަ ޖެހޭ..” އަނޫރާ ބުންޏެވެ. “އާނ.. އަހަރެން ނުޢުމާނާ ތިކަމާ ބެހޭގޮތުން ވާހަކަދައްކާލާނަން..” މިހެން ބުނެފައި ޑރ.ހެންރީ ފޯނު ބޭއްވިއެވެ.

ރިޒުވީނާއި ޝަޙާއާއި ނަބީޙު ތިބީ ‘ގްރީން އެރޯ ވާރސަސް ރެޑް އެރޯ’ ސިލްސިލާ ފެށޭ ވަގުތު ގާތްވަމުން ދާތީ، އެ ސިލްސިލާ ފެށުމުގެ އިންތިޒާރުގައި ސިޓިން ރޫމުގައެވެ. މި ފަހަރު ސިލްސިލާ ބަލަން ތިބީ އަޝްރަފު ހެދި ބޮޑު ސުކުރީނުގެ ޓީވީއިންނެވެ. “މި ހުރީ އެންމެންނަށްވާ ވަރަށް ބާގާރ..” ސޯފީ ބަދިގެއިން ނުކުތީ އެންމެންނަށް ބާގަރ ހަދާ ނިމުމުން އެ ކުއްޖަކަށް ވީ ބާގަރ ހިފައިގެންނެވެ. “ސޯފީ ދައްތަ ހާދަ ސުވީޓޭ..” ޝަޙާ ބުންޏެވެ. އިރުކޮޅެއް ފަހުން ގޭގެ ރަނގަބީލުގެ އަޑު އިވުނެވެ. “އަޝްރަފު.. ބޭރުގައި ތިބި ބަޔަކު ދައްކަބަލަ..” ރަނގަބީލުގެ އަޑު އިވުމުން ރިޒުވީން ކޮޅަށް ތެދުވެފައި ބުންޏެވެ. ދެން ރިޒުވީންގެ ސުމާޓު ގަޑިން އައްޔެއް ނުކުމެފައި ގޭގެ މައި ދޮރުގައި އެ އަލި ކޭއްތުނެވެ. ކޭއްތުމާއެކު ބޭރުގައި ތިބި މީހުން ފެންނަން ފެށިއެވެ. ބޭރުގައި ތިބީ ފުލުހުންގެ ހަތަރު މީހެކެވެ. “ގަޑި އެހެން މީހުންނަށް ނުފެންނަ ގޮތަށް ހަދާ..” ރިޒުވީން މިހެން ބުނުމާއެކު އޭނާ އަޅައިގެން ހުރި ސުމާޓު ގަޑި ގެއްލިއްޖެއެވެ. ދެން ޝަޙާ ގޮސް ދޮރު ހުޅުވިއެވެ. “ރިޒުވީން އަޙުމަދު ޢުޝާމް އެބަ އުޅުއްވާ ތޯ.؟” އެ ތަނުން ފުލުހަކު ސުވާލުކުރިއެވެ. “އަޅުގަނޑަކީ ރިޒުވީން.. ކޮން ކަމަކު ތޯ.؟” ރިޒުވީން އެހިއެވެ. “އެއީ ތި ބޭފުޅާ މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތެއް ކޮށްފައިވާތީ ކޯޓު އަމުރެއްގެ ދަށުން ތި ބޭފުޅާގެ ގޭތެރެ ބަލާ ފާސްކުރަން މި އައީ..” ފުލުސް މީހާ ބުންޏެވެ. “ވަދެ ބަލާ ފާސްކުރަންވީ..” ގޭތެރޭގައި މަސްތުވާތަކެތި ނުހުންނާނެކަމަށް ރިޒުވީން ޔަޤީންކުރިއެވެ. ރިޒުވީން އަދި ނަބީޙަކީ ވެސް މިވީހާ ތަނަށް އެފަދަ ވިޔާނުދާ ކަންކަމުގައި ބައިވެރިވެ އުޅުނު ދެ ކުދިންނެއް ނޫނެވެ. އެހެނަސް ފުލުހުން ބެލި ބެލުމުގައި އެ ގެއިން 400 ގުރާމުގެ ‘ހިރޮއިން’ ބާވަތުގެ މަސްތުވާތަކެތި ފެނުނެވެ. އެ ތަކެތި ގޭތެރެއަށް ވަން ގޮތެއް އެއިން އެކަކަށް ވެސް ނޭނގެއެވެ. “ރިޒުވީން.. ދެން އަޅުގަނޑުމެންނަށް ޖެހޭނީ ކޯޓުން ވަކި ގޮތެއް ނިންމަން ދެން ރިޒުވީން ބަންދުގައި ބަހައްޓަން..” އެ ފުލުސް މީހާ އެހެން ބުނުމުން އެ ތަނުގައި ހުރި އެހެން ފުލުހަކު ރިޒުވީންގެ އަތުގައި ބިޑި އެޅުވިއެވެ.

2027ވަނަ އަހަރު – މަޑަގަސްކަރާގައި

ދިވެހިރާއްޖޭގެ މައި މީޑިއާގެ ޗެނަލްއެއް ކަމަށްވާ ‘ޓީވީއެމް ނިއުސް’ އިން ދައްކަމުން ދިޔައީ ‘ޕްރެސިޑެންޓް ޗޮއިސް އެވޯޑްސް ފޮރ މޯލްޑިވްސް’ ނުވަތަ ‘ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ އިނާމު’ ދެއްވާ ޙަފުލާގެ ރެކޯޑިންއެކެވެ. ޢާދިލް އިނީ މަޑަގަސްކަރާގައި އޭނާ މަޑުކޮށްގެން ހުރި ކޮޓަރީގައި އެ ޙަފުލާ ބަލާށެވެ. ޢާދިލް އެ ކޮޓަރީގައި މަޑުކޮށްގެން ހުރީ ކުއްޔަށެވެ. 35000 މަލަގަސީ އަރިއަރީ ދޭ ގޮތަށެވެ. އެ ދުވަސްވަރުގައި އެއީ ގާތްގަނޑަކަށް 15 ޔޫއެސް ޑޮލަރެވެ.

“ރިޒުވީން ހޯދަމުންދާ ކާމިޔާބީ ފެނޭތަ.؟” ޒޫމް އައިސް ޢާދިލް ގާތުގައި އިށީންނަމުން ބުންޏެވެ. “އާނ.. އެބަ ފެނޭ..” ޢާދިލް ބުންޏެވެ. “ޢުޝާމްހެން ހުޝިޔާރު ތޫނުފިލި ގޮލައެއް ދޯ..” ޒޫމް އޭނާގެ އަތުގައި އޮތް ސުއްޓާ ރޯކޮށްލިއެވެ. “ރިޒުވީނަކީ ތޫނުފިލި ކުއްޖެއް.. އެހެނަސް..” މި ވަރަށް ބުނެފައި ޢާދިލް އިތުރަކަށް އެއްޗެކޭ ނުބުންޏެވެ. “އެހެނަސް ކިހިނެއްވީ ތަ.؟” ޒޫމް އެހިއެވެ. ދެން އޭނާގެ ތުންފަތުގައި ސުއްޓާ ޖައްސާލުމަށް ފަހު، ސުއްޓާ އެތެރެއަށް ދަމާލިއެވެ. ދެން ދުންގަނޑު ބޭރުކޮށްލިއެވެ. “އަހަރެންނަށް ކަލެއަށް އިތުބާރުކުރެވިދާނެ ތަ.؟” ޢާދިލް އެހިއެވެ. ޒޫމް ބޯން އިން ސުއްޓާ އެކަށް ހުސްނުކޮށް އެ ތަނުގައި ހުރި ކުނިވަށިގަނޑަށް ސުއްޓާ އެއްލާލިއެވެ. ހީވަނީ ކުއްލިއަކަށް ސުއްޓާ ބޯ ހިތް ކެނޑުނީ ހެންނެވެ. “ޢާދިލް އަހަރެންނާ ދުރުވީ.. އަހަރެންނެއް ނޫން ޢާދިލާ ދުރުވީ.. ޢާދިލް ތިއީ އަބަދުވެސް އަހަރެންގެ ބެސްޓް ބަޑީ.. އަބަދުވެސް..” ޒޫމް ބުންޏެވެ. “އެހެންވިއްޔާ މި ފަހަރު އަހަރެން އެދޭ ކަމެއް ކޮށްދެންވީ..” ޢާދިލް ބުންޏެވެ. “ކޮން ކަމެއްތަ.؟” ޒޫމް އެހިއެވެ. “ރިޒުވީން ކިތަންމެ ތޫނުފިއްޔަސް މިހާ ކުރު މުއްދަތެއްގައި ކުރި އެ ހޯދަނީ އެއްކަލަ ރޮބޯޓު ފަދަ ބާރުގަދަ އެއްޗެއްގެ އެހީގަ… މި ކަންކަން ހެންރީމެންނަށް ވެސް ފާހަގަވާނެ.. އެ މީހުން ރިޒުވީނަށް ކޮންމެ ފަދަ ކަމެއް ވެސް ކުރަން ރާވާފާނެ.. އެ ރޮބޯޓު ވެސް ޖަހައިގަނެދާނެ.. އެ ރޮބޯޓު ހެންރީ އަތަށް އަރައިފިއްޔާ މުސްލިމް ޤައުމުތަކަށް ހަދާލާނެ ގޮތް އެނގޭނު..” ޢާދިލް ކިޔައިދިނެވެ. “އަހަރެންނަކީ ކިތަންމެ ބޮޑު ވަގަކަސް.. ކިތަންމެ ނުލަފާ މީހަކަސް.. ހެންރީހެން ކުލުނެއް ނެތް މީހެއް ނޫން.. މައުސޫމު ބަޔަކު މަރާލާކަށް.. އަހަރެންގެ މި މަޑަގަސްކަރައިގައި ވެސް ދެ މިލިއަނެއްހާ މުސްލިމުން އުޅޭ.. އަހަރެން ނޭދެން އެއިން ބަޔަކަށް ވެސް ދެރަ ގޮތެއް ވާކަށް..” ޒޫމް ބުންޏެވެ. “އެހެން ވިއްޔާ ޑޭވިޑް.. މަށަށް ކުޅުދުއްފުއްޓަށް ދެވޭނެ ގޮތެއް ހަމަޖައްސައިދީ..” ޢާދިލް ބުންޏެވެ. “ޝަރުތެއްގެ މަތިން.. މަށަށް ޑޭވިޑޭ ނުގޮވާ.. މިއީ މިހާރު ޒޫމްއޭ.. ޢާދިލާއެކު އަހަރެން ވެސް ދާނަން..” ޒޫމް ބުންޏެވެ.

(ނުނިމޭ)

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.