ލޯބިން އަންނާށޭ ކަލާ…
(ފަސްވަނަ ބައި)
9 އޮގަސްޓް 2017 އާ ގުޅޭ..
މަޑު ހިނގުމެއްގައި ހޮސްޕިޓަލުގެ ކޮރިޑޯ ތެރެއިން ޖައިޝް އެތެރެއަށް ވަދެގެން ދިޔައިރު ބަލްޚާ ޖައިޝްއަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ސްކޫލުގެ ދެތިން ސްޓާފަކާއެކު ޠައްޔިބު ހޮސްޕިޓަލަށް ގެނައީ ބަލްޚާއެވެ. ހޮސްޕިޓަލްތެރެއަށް ވަދެގެންގޮސް ޠައްޔިބު ބާއްވާފައިއޮތް ޕްރައިވެޓް ރޫމުގެ ދޮރު ހުޅުވާލިއިރު އެ ކޮޓަރީގެ ތެރޭގައި އިނާޒާއާއި އިމީ އަދި ޠައްޔިބުގެ މަންމަ ގެ އިތުރުން އާއިލީ ދެތިން މެހެމާނަކު ތިއްބެވެ. ހޮސްޕިޓަލުގައި ފަސްވަރަކަށް ގަޑިއިރު ހޭދަވެފައިވާތީ، އުމުރުން އަށްޑިހައިގެ އަހަރުތައް ގުނަމުންދާ ހަސީނާ ވަނީ އެ ބަލިކަށި ހަށިގަނޑަށް އަރާންމެއްދޭން ބޭނުންވެފައެވެ. އެހެންކަމުން މާމަ ގޮވައިގެން އިމީ އާއި ދެން ތިބި މީހުން އެ ކޮޓަރިން ނުކުތެވެ. ޖައިޝް ކޮޓަރި ތެރެއަށް ވަދެ ޠައްޔިބު އޮތް އެނދާ ގާތަށް ޖެހިލިއެވެ. އެހިނދު ޠައްޔިބުގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޖައިޝް މާބޮޑަށް ލަސްވުމުން ޠައްޔިބު ހިތްހަމަ ނުޖެހުނީ ކަމަށް ގަބޫލު ކޮށްލައިގެން ދެ ބަފައިންނަށް ފުރުސަތު ދިނުމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތް އިނާޒާގެ މޫނުމަތިން ވެދިޔަ ކަންތަކާމެދު އެއްވެސް ހާސްކަމެއް ނުވަތަ ރުޅިވެރިކަމެއްވެސް ނުފެނުމުން ޖައިޝް ހައިރާންވިއެވެ. އޭނާއަށް ވީގޮތް އެނގިހުރެ މަންމަ އޭނާއަށް މަފުކުރީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ހަގީގަތުގައި ދޮގެއް ހަދައިގެންވިޔަސް ބަލްޚާވަނީ ހުރިހާކަމެއް ހަމައަކަށް އަޅުވާލަދީފައެވެ. އެންމެންވެސް ހީކޮށްގެން ތިބީ ބަލްޚާ ބުނިގޮތަށް މި ކަމެއް ދިމާވީ ޠައްޔިބު ބެލެނިވެރިންގެ ބައްދަލުވުމަށް ގޮސް ހުއްޓައިކަމުަގައެވެ. ޖައިޝް އެވަގުތު އެތަނުގައި ނެތުމާއި، ސްކޫލް ޕްރޮޖެކްޓެއްގެ މަސައްކަތުގައި އުޅޭތީ ބައްޕަގެ ހާލަތާ މެދު އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމަށް ބަލްޚާ ބުނެދިން ބުނެދިނުންވެސް އެމީހުން ތިބީ ގަބޫލުކޮށްގެންނެވެ.
” ބައްޕާ އެއީ އަހަރެން ދަންނަ ބައެއްނޫނޭ… ސްކޫލުން ގެއަށް ދާން ނުކުތް ވަގުތު އެދެ މީހުންނާ ދިމާވީ… ފުލުހުންވެސް އަހަރެންގެ ބަސް ގަބޫލުކުރި. އަދި އެދެ މީހުންވެސް ބުނެދީފި އަހރެންގެ ބައިވެރިވުމެއް އެކަމުގަ ނެތްކަން… ބައްޕަ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެތް ހެދިއްޔާ؟!…” ވީގޮތް އޮޅުން ފިލުވައި ދެވޭތޯ ޖައިޝް މަސައްކަތްކުރިއެވެ. މިއަދުގެ ޒުވާން ޖީލުގެ ހަގީގަތް ކޮންމެވެސް ގޮތަކުން އެނގިފައިވާތީ ދަރިފުޅުގެ އެބަސް ގަބޫލުކުރަންވީކަމެއް ނުވަތަ ނޫންކަންވެސް ނިންމަން ޠާއްޔިބު އޮތީ ދަތިވެފައެވެ. ކަންވީގޮތް ބައްޕައަށް ބުނެދެމުން ދެން އެފަދަކަމެއް ފެންނަ ހިސާބުގަވެސް ނުހުރުމަށް ޖައިޝް ވަޢުދުވިއެވެ. ހަގީގަތުގައި ޖައިޝް ބުނެދިން ހަގީގަތުގެ ތިންބައިކުޅަ އެއްބައި ހަގީގަތް ވަނީ އޭނާގެ ހިތުގައި ވަންހަނާކުރެވިފައެވެ. އެވަގުތު އެކަން ފަޅާނޭރިނަމަ، އެ ކުދިންގެ އަމަލުތަކަށް ޖައިޝް ދީލާލީހެވެ. ކިތައްމެ މުއްސަނދި ދިރިއުޅުމެއްގައި އުޅުނު ނަމަވެސް، ފައިސާއަކީ ބޭނުން މިިންވަރަކަށް ޖައިޝްއަށް ލިބެމުންދާ އެއްޗެއް ނޫނެވެ. ޠައްޔިބުގެ އުޞޫލަކީ މުއްސަނދިކަމުގައިޖެހި ދަރިން ކިބުރުވެރި ބަޔަކަށްވެ ނުދިނުމެވެ. އިމެއްނެތި ފައިސާއާ ބޭނުންހާ އެއްޗެއް ދީގެން ދަރިން ގެންގުޅެން ފަށައިފިނަ އެކުދިން ހަލާކުގެ ތެރެއަށް ދާލެއް އަވަސްވާނެކަމުގައި ޠައްޔިބު ގަބޫލުކުރެއެވެ.
” ދޮންބެ ކޮން އިރަކު އައީ؟” އެވަގުތު ކުޑަ ކުޑަ އިމީ ބަލްޚާގެ އަތުގައި ހިފައިގެން އައިސް އެ ކޮޓަރި ތެރެއަށް ވަނެވެ. ރުޅިވެރިކަމާއެކު ދެލޯ އަޅަލަމުން ޖައިޝް ބަލްޚާ އާ ދިމާއަށް ބަލާލި ގޮތުން ބަލްޚާ ބިރުން އިސްޖަހާލިއެވެ.
” ދަރިފުޅު ކޮބާ މަންމަަ؟ ދަރިފުޅު ކާކާއެކު ތިއައީ؟ އިމީ ފެނުމުން މަޑު މަޑުން ޠައްޔިބު ސުވާލުކުރިއެވެ.
” އިމީއައީ އާންޓްއާ އެކު… މަންމަ އެބަހުރި ބޭރުގަ އާންޓްއާއެކު ޑޮކްޓަރާ ވާހަކަ ދައްކަން..”
“ދޮންބޭ… މީ ބަލްޚާ… އިނގޭތަ؟ ބައްޕަ އަށް ހާރޓް އެޓޭކެއްޖެހި މާބޮޑުވަރު ނުވީ ބަލްޚާ އެހާ އަވަހަށް ބައްޕަ ހޮސްޕިޓަލަށް ގެނެސް ދިނީމައޯ ޑޮކްޓަރ ބުނީ….” އިމީ ބަލްޚާގެ އަތުން ދޫކޮށްލަމުން ޖައިޝްއާ ގާތަށް ޖެހިލިއެވެ.
“ޝީ ލުކްސް ލައިކް އަ ބާރބީ ޑޯލް… ދޯ ދޮންބޭ…” ޖައިޝްގެ އަތުގައި ހިފާ ތިރިއަށް ދަމާލަމުން ޖައިޝްގެ ކަންފަތް ދަށުގައި ވައިއަޑުން އިމީ ބުނެލިއެވެ. އިމީ ބުނި ބަހަށް އެއްޗެއް ނުބުނެ ޖައިޝް އިޚްތިޔާރުކުރީ މަޑުން ހުރުމެވެ.
” ބޭބޭ.. އަޅުގަނޑު ދެން ގޮސްލަނީ ގެއަށް… އަޅުގަނޑަށް މާފްކުރާތި..” ޠައްޔިބުއާ ގާތަށްޖެހިލަމުން އަދަބުވެރިކަމާއި މަޑުމައިތިރިކަމާއެކު ބަލްޚާ ބުނެލިއެވެ.
“އެކަމާ ދެރަނުވޭ… ހީކޮށްލާ ތި ކޮށްދިނީ ވަރަށް ބޮޑު ކަމެކޭ… ކޮން ނަމެއްތަ ކިޔަނީ ކޮއްކޮއަށް؟” އެހިނދު ރޫރޫ އަޅާމުން ދިޔަ ޠައްޔިބުގެ އަތް ނަގައި މަޑު މަޑުން ބަލްޚާގެ ބޯމަތީ ބާއްވާ ލަމުން ޠައްޔިބު ބުނެލިއެވެ. އެ އޯގާވެރި ހިމޭން އަޑު ބަލްޙާގެ ކަންފަތުގައި ޖެހުމާއެކު އޭނާ ފެންކަޅިވާގޮތްވިއެވެ. ބައްޕައެއްގެ ލޯބީގެ މުހިންމުކަން އޭނާނޫން ދެވަނަ މީހަކަށް އެހާ ރަނގަޅަށް ނޭނގޭނޭ ކަމުގައި ބަލްޚާ ދެކެއެވެ.
“ބަލްޚާ..”
ނުވެސް ދަންނަ ބައެއް ކުރިމަތީ ޖަޒުބާތީވާން ބޭނުން ނުވާތީ ބަލްޚާ މަޑުމަޑުން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
*********
” ބަލްހާ … ދަރިފުޅާ އެއޮއްގެން ފަތިހު ފަހެއް ޖަހަނީ… އަވަހަށް ތެދުވެ ނަމާދުކޮށްލައިގެން ހިނގާ ރޮށިފިހަން…” ނިދީގެ އަސަރެއްގެތި އެ އޮތްގޮތަށް އޮތް ބަލްޚާގެ ގައިގައި ކޮއްޓާލަމުން ބަސަންތީ ގޮވާލިއެވެ. ނިދި މޯޅިއަކަށް ދެމިލާކަމަށް ހަދާލާފައި ބަލްޚާތެދުގެ އެނދުގައި އިނށީންދެ ލިއެވެ.
” ދަރިފުޅު ނިދިންތަ؟!!” ބަލްޚާގެ މޫނުމަތިން ނިދީގެ އަސަރު ފެންނަން ނެތުމުން ބަސަންތީއެހިއެވެ.
“އާން… ދައްތާ ނިދީމޭ…” އާ ފުރޭކަމަށް ހެދިލަމުން ބަލްޚާ ބުނެލިއެވެ.
ފަތިހު ފެންވަރާލައި ވުޟޫކޮށްލާ ހަދައިގެން އައިސް ބަލްޚާ ފަތިސް ނަމާދުކޮށްލިއެވެ. އޭރު ބަސަންތީވީ ބަދިގެ ފަރާތުގައެވެ. ރޭ ޕާޓީން އައިގޮތަށް ޕާޓީ ހެދުން ބަދަލު ނުކޮށް ހުރުމުން، ހެދުން ބަދަލުކޮށްލައި ހުދުކުލައިގެ ޓީޝާޓްކޮޅަކާއެކު ކަކުލާ ހަމައަށް އަންނަ ފުޅާ ހަރުވާލުކޮޅެއް ލައިގެން ބޮލު މެދަށް ހުޅިއެއް ޖަހަމުން ބަލްޚާ ކޮޓަރިން ނުކުމެ ބަދިގެއާ ވީފަރާތަށް ހިނގައިގަތެވެ. ބަދިގެއަށް ވަތްއިރު ބަސަންތީ ހުރީ ފުށްމޮޑެ ނިންމާ ލައިގެން ރޮށި ދަމާށެވެ. ބަލްޚާގޮސް ރޮށި ފިހެ ނިންމާލުމަށްފަހު ދެންކުރަން ހުރި ކަންކަމުގައި ބަސަންތީއަށް އެހީތެރިވެދިނެވެ.
ގަޑިން ހެނދުނު 8 ޖެހި އިރު އެ ތަނަވަސް ބޮޑު ކާކޮޓަރީގެ ދިގުމިނުގައި ބާރަ ވަރަކަށް ފޫޓުހުރި، ޝާހީވަންތަ ކާމޭޒްމަތީގައި އަތުރާލެވިފައިވާ ކާތަކެތިން ދުވާ މީރުވަހުން މުޅި ތަން އެއްވަސްވެފައިވެއެވެ. އެވަގުތު ވިޔަފާރީގައި އެންމެގާތުން އެހީވެދޭ ފަސް ވަރަކަށް ބައިވެރިންނާއެކު ޒާހިރު އައިސް ކާކޮޓަރީގެ ތެރެއަށް ވަދެ މެހެމާނުން އިށީނުމުގެ ދަޢުވަތު ދިނެވެ. އެމީހުނާއެކު ޒާހިރުގެ އަނބި ސީމާވެސް ޒާހިރުގެ ކަނާތް ފަރާތުން އެންމެ ކައިރިން އިން ގޮޑީގައި އިށީނދެލިއެވެ. އެ ހުރިހާ އެންމެން ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔައިރު ބަދިގެއިން ކާކޮޓަރިއަށް ވަންނަ ދޮރާ ދިމާލުން ފާރުކައިރީ ހުއްޓިލައިގެން ހުރެ އޭނާ ބަލަމުން ދިޔައީ ސީދާ ޒާހިރުގެ މޫނަށެވެ. ބަލްޚާ ހުރި ދިމާލުން ކުރިމައްޗަށްވާގޮތަށް ޒާހިރުއާ އެންމެ ގާތަށް އިން ނިމާލްގެ ލޮލުގައި ބަލްޚާ އަޅައިގަތީ އެވަގުތުއެވެ. ނިމާލްއަކީ އުމުރުން ސާޅީހުންމައްޗަށް ގޮސްފައިވާ މިހާތަނަށް ކައިވެންޏެއްނުކޮށްހުރި ހުސްހަށިބައި ފިރިހެނެކެވެ. ޒާހިރުގެ ވިޔަފާރީގެ އެންމެ ބޮޑު މަދަދުގާރަކީ މި ނިމާލެވެ. އެވަގުތު ލޮލުގެ އިޝާރާތުން ޒާހިރުއަށް ބަލްޚާ ދައްކާލަމުން ޒާހިރުގެ ކަންފަތް ދޮށުގައި ނިމާލް ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އިރު ކޮޅަކު ހިމޭންނުން އިނުމަށްފަހު ދެން ފެނުނީ ލުއި ހިނިތުން ވުމަކާއެކު ޒާހިރު ބޯ ޖަހާލިތަނެވެ.
އެންމެން ސައިބޮއެ ނިމުމުން ލުއި ގޮތަކަށް ނާސްތާކޮށްލައިގެން ބަލްޚާވެސް ގޮސް އޭނާގެ ކޮޓަރީގައި އޮށޯވެލިއެވެ. އޭނާގެ މޮބައިލް ފޯނަށް ކޯލެއް އައީ އެވަގުތުއެވެ. އެއާއެކު ކުޑަގޮތަކަށް ތައްޔާރުވެލައިގެން ބަލްޚާ ބޭރަށްނުކުތެވެ. އޭނާގެ މިސްރާބު ހުރީ ގެއާ މާދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކާ ދިމާއަށެވެ. އެތެރެއަށް ވަނުމަށްފަހު ރެސްޓޯރެންޓުގެ އެންމެ އެތެރެއިން ވަރަށް އެކަހެރިކޮށްހުރި މޭޒެއް ނަގައިގެން ބަލްޚާ އިށީނެވެ. މާގިނަ އިރުތަކެއްނުކޮށް ޒާހިރު ވަދެގެން އައިސް ބަލްޚާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
” ބަލްޚާ މިތަނަށް މިގެނައީ ވަރަށް ބޮޑު ކަމަކު. އަހަރެން ކޮށްދިން ކުޑަ ހެޔޮކަމަށްޓަކައިވެސް މިކަން ކޮށްދީ!….” ވެއިޓަރ އައުމުން ހަމައެކަނި ދެ ކޮފީއަށް އޯޑަރ ދިނުމަށް ފަހު ޒާހިރު ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.
“ކޮންކަމެއް ތޯ؟!” ވާން މިއުޅެނީ ކީއްކަން ނޭނގިހުރެ މަޑުމައިތިރިކަމާއެކު ސީދާ ޒާހިރުގެ ދެލޮލަށް ބަލަން އިނދެ ބަލްޚާ ބުނެލިއެވެ.
” ހެނދުނުގެ ސައި ގަޑީގައި އަހަރެން ގާތުގަ އިނެއްނު ފިރިހެނެއް. އެއީ ނިމާލު… އޭނާއަށް ބަލްޚާ ވަރަށް ކަމުގޮއްސި… އޭނާ ބޭނުންވޭ ބަލްޚާއާ ކައިވެނި ކުރަން…. އަހަރެންވެސް އެގޮތަށް ނިންމައިފިން…” ބަލްޚާއަށް ކުއްލިއަކަށް ލިބުނު ސިހުމުގައި އަތުންޖެހި މޭޒުމަތީ ގައި އިން ބިއްލޫރިތަށި ވެއްޓި ނުތެޅުނީ ކިރިޔާއެވެ.
” އެކަމަކު ބައް….. ބޭބޭ؟!!!… އަހަރެން ކިހިނެތް އޭނާއާ އިންނާނީ… އޭނާ އާ އަހަރެންގެ އުމުރުގަ ހުރި ފަރަގު އެނގޭތޯ؟!…” ޒާހިރުއަށް ވިސްނާދެވޭތޯ އާދޭހާ އެކު ބަލްޚާ ބުނެލިއެވެ.
“އަހަންނަކަށް އެއްވެސް ފަރަގެއް ނުފެނޭ… ނިމާލަކީ ރަނގަޅު މީހެއް … މުއްސަންޖެއް… އޭނާ އާ ބަލްޚާ އިނދެފިއްޔާ އަހަރެންގެ ވިޔަފާރިއަށް ވަރަށް ފައިދާވާނެ… މިއީ އަހަރެން ގެ އެންމެ ފަހުގެ ނިންމުން.. ހަފްތާއެއްގެ ތެރޭ ބަލްޚާގެ ޖަވާބު އަހަންނަށް ލިބެންޖެހޭނެ!..” ހަރު ކަށިކަމާއެކު އެހެން ބުނެލަމުން ޒާހިރު އެތަނުން ނުކުމެގެން ދިޔައީއެވެ. މޭޒުމަތީގައި އާވި އަރައަރާ ހުރި ކޮފީ ތަށްޓަށް ބަލަހައްޓައިގެން ގަނޑުވެފައި ބަލްޚާއަށް އިނދެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގުނެވެ. މީހުން ބުނަނީ ތެދެކެވެ. ބައެއް މީހުންނަށް އެހެން މީހުންނަކީ އުޅޭ ބައެއްކަން ވެސް އިހްސާސްވަނީ އެމީހެއްގެ ފައިދާއާ މަންފާލިބޭ ފަދަ ކަމެއް ހާސިލު ކުރަން ބޭނުންވުމުންނެވެ. ޒާހިރުއަށް ބަލްޚާ އަކީވެސް އެފަދަ މީހެކެވެ. ހިތަށް އަރައި ފައިބަން ފެށި އެއްޗެހީގެ ގިނަކަމުން ބަލްޚާގެ ލޮލުން ވެއްޓެންދިޔަ ކަރުނަތިކި އޭނާގެ މުށަށްލައި ބޮނޑިކޮށްލިއެވެ. ކަރުނަޔަކީ އޭނާ ބޭކާރުކުރަން އެއްވެސް ވަރަކަށް ބޭނުން ނުވާ އެއްޗެކެވެ. އެކަރުނައިގެ އެއްވެސް އަގެއްނެތީތީއެވެ. ދެކޭނެ މެ މީހެއްވެސް ނުމެ ނެތީމައެވެ. ޒާހިރު އޭނާގެ ނިންމުން ނިންމާފައި ދިޔައިރު، ބަލްޚާއަށް ވާނެގޮތާ ދޭތެރޭ އެއްވެސް ވަރަކަށް އޭނާ ވިސްނާވެސް ނުލީތީ ބަލްޚަ އިންތިހާއަށް ދެރަވިއެވެ. ޒާހިރު އޭނާއާ ދޭތެރޭ “ވިސްނަނީ” ކިހާ މިންވަރަކަށްކަން އޭނާއަށް އަބަދުވެސް އެނގެއެވެ. ވިސްނަން މުއްދަތެއްވެސް އެދިނީ ވިސްނާތީ ނޫން ހެއްޔެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ޖަވާބު ކޮންމެ ގޮތަކަށް އަޔަސް އެނބުރި ދާންޖެހޭނީ ޒާހިރުގެ ނިންމުމާ އެއްގޮތަްކަން ބަލްޚާއަށް އެނގެއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ކެއުން ބުއިން ދޫކޮށްލައި ރަނގަޅަށް ނުނިދާ ހުރުމުން އެރީތި މޫނު ވަނީ މިލާ މޯޅިވެފައެވެ. ބަސަންތީ މި މައުސޫމް އަންހެން ކުއްޖާގެ ހާލަތާމެދު ހިތމަކުރަމުން ދިރިއުޅުމުގެ އަޑި ގުޑަންގަނޑާ ކެރިގެން ކުރިމަތިލުމަށް ނަސޭހަތް ދިނެވެ. އެފަކީރަށްވެސް ކުރެވޭނެ އެނޫން އިތުރުކަމެއް ނެތެވެ. ކޮށްދެވޭނެ ނަމަ ބަލްޚާއަށްޓަކައި އޭނާގެ ފުރާނަވެސް ގުރުބާނެވެ. އެހެނަސް އެކަމުގައި އޭނާއަށް ކޮށްދެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟ އިޝާު ނަމާދުކޮށްލައިގެން ބަލްޚާ އެނދުގައި އިށީންދެލީ ގޭގައި އޭނާ ކުރަންހުރިކަން ކަން ކޮށް ނިންމާލުމަށްފަހުގައެވެ. އޭނާގެ މޮބައިލް ފޯނު ރިންގުވީ އެވަގުތުއެވެ. އެއީ ހިޝާންގެ ކޯލެކެވެ. ހިޝާން މަތިްނއޭނާ ހަނދާންވީވެސް ދެނެވެ. މި ހަފްތާއެއްހާ ދުވަހުތެރޭ އެހެން އެކަކާދޭތެރޭ ވިސްނުމަކީވެސް އޭނާއަށް ކުޅަދާނަވިކަމަކަށް ނުވިއެވެ.
ކުޑައިރުކޮޅެއް ތެރޭ އެމީހުންތިބީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަދާފައިވާ ހިލަގޮނޑި ތަކުން ގޮނޑިއެއްގައެވެ. ވަގުތުގެ ގޮތުން ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް ލިބިފައިވާ އެތަނުގައި، ހިޝާންގެ ކުރިމަތީ ބަލްޚާ އިނީ ދިރިއުޅުމުގައި ކުރިމަތިވެފައި މިވާ ބޮޑު ” ވޭން” ހިޝާން އާ ހިއްސާ ކުރަންވީބާވައޭ ހިތަށް އަރައަރައެވެ.
” ކޮބާ ޖަވާބު؟!” ބަލްޚާގެ އަތްމަތީ އަތް ބާއްވާލަމުން ހިޝާންއަށް އެހެން ބުނެވުމާއެކު ބަލްޚާ ގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. މިއޮއްހާ ދުވަހު ރައްކާކޮށްފައި ބެހެއްޓި ކަރުނަތަށް އޭގެ މަންޒިލްދޫކޮށް ބަލްޚާގެ ކޯތާފަތް ތެއްމަމުން ދިޔައީ ވަކި ވަރެއް ބަލާފައެއްނޫނެވެ. ބަލްޚާއަށް ވީގޮތުން ހިޝާން ކަންބޮޑުވިއެވެ. އެހިނދު ބޭއިޚްތިޔާރުގައި މި އަންހެނކުއްޖާ ނަގައި އޭނާގެ ތަނަވަސް މޭމައްޗާ ލައި ބޮނޑިކޮށްލެވިއްޖެއެވެ. އެހިނދު ބަލްޚާއަށްވެސް އެފަދަ ހިމާޔަތެއް ލިބުމަށް އެދެވިފައިވާތީ ހިޝާންގެ މޭމައްޗަށް އޭނާގެ ހޫނު ކަރުނަތަށް ހިތްފުރޭވަރަށް އޮހޮރާލަން ދޫކޮށްލައިގެން އިރުކޮޅެއް ވަންދެން އެގޮތުގައި އޭނާ އިނނެވެ. ހޭވެރިަކްނވީ ހިޝާން ބަލްޚާއަށް ގޮވާލުމުންނެވެ.
“ކިހިނެތްތަ ވީ؟!!… ވީގޮތް ބުނެބަލަ… މަށަށް ގޯސް އެއްޗެއް ބުނެވުނީތަ؟..” ބަލްޚާއަށް ވީގޮތްފެނި ހާސްވެގެން ހިޝާން އިނީ ދެން ހަދަންވިގޮތް ނޭނގިފައެވެ. ކުޑަ ހިއްވަރެއްލުމަށްފަހު ޒާހިރު ބޭނުންވާގޮތް ކުރުގޮތަކަށް ބަލްޚާ ބުނެދިނެވެ. ނިމާލަކީ ކާކުކަމާއި ކިހާ ފެންވަރެއްގެ މީހެއްކަމެވެ
” ހާދަ ގޮތެއް ނެތް މީހެކޭ ދޯ އެއީ.. ކޮން ހައްގެއްތަ އޭނައަށް އޮތީ ބަލްޚާއަށް އަމުރުކުރަން…” ރުޅިގަދަވެފައި ހިޝަން ބުނެލިއެވެ.
” ހެޔޮނުވާނެ ހިޝަން އަހަރެން މިކަމުން ސަލާމަތް ކޮށްދީ…” ދެއަތުން ބޮލުަގައި ބާރަށް ހިފަހައްޓާލަމުން ބަލްޚާ ބުނެލިއެވެ. ” އަހަންނަށް އިތުބާރު ކުރަންތަ؟… ” އެވަގުތު ހިޝާންގެ ކަނާއަތް ބަލްޚާ އާ ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ.
(ނުނިމޭ)
28 Comments
Comments are closed.
Wow…? beautiful ingey…. kon irakun next part???? Dhigu kohdhehche miah vure vx ingey??????
This is my first comment for this story n mifaharu first dhwww mi libuny????
thank ingey… next part sundayga up kuraanan… friday saturday dhookohlaafa ingey.. ekm mi week sundayga up nukurevunyma balaanan maadha ebai kohdheveytho… insha allah… 😉
Wow… anehka me first tha?hehhe v nice ?
Nooney dww first eh noon.. hehe
hehehe..ram u r so sweet 🙂
plz e muskulhi ganda balhaa marry nuruvachey. waiting for next part
hehehe…. lets see dhw
Varah reethi. Dhen kihinehbaa vaany dhow
keep waiting…. dear… lots of thing will sort out in upcoming parts insha allah
Getting very curious. v v reethi vaahaka. Next part maadhan tha
insha allah… aslu friday saturaday ga nuliyaa gothah hury ekm… wil try ingey dear 🙂
Rau haadha rangalhey. Thank you dear 🙂
This is call a story. What a story. Sifa kurunthakaa ibaaraaithah hama habeys. Waiting for next part,,,
thanks.. dear
Dhenvaagoy balan
keymadhuvefay ebahurin Inge rau
hehehe… thanx 🙂 🙂
V kuru…. ????
heheh..
Woww ❤ mi part ves varah reethi ? e muskulhiyaa aa bal kaiveri kuriya nudheythi ? jaish and bal avahah gulhuvadhee ❤
hahaha.. thanx …. lets see dhw kihninehkan vany
Ebunaahen . emuskulhi myhaa gandaa bal nugulhuvahche rau plzzz
Vvvv reethi mibaives. Miadhu fb ga mi story nethyma heeekuree miadhu adhi up nukurany kamah…
so mi site in balaalahchey ingey… 🙂 🙂 🙂
Varah salhi mi part ves?
Waitingss❤❤
thanxx adha … heheh…
Ohhh wow ?? stry obiness to the max. E nimaal ge kibain bal haa minjukoh dhybala eynayaa marry nukureveyne gothen hadhaathi! Plx alhey bal ah dheragothen nuhadhachchey plx stry v rythi v touching ???❤??????❤❤
Wooow.nice ??