ދިހައެއް ( ދިހަވަނަ ބައި )
އަހަރު 2025 – ދެކުނު އެފުރިކާ ޖަންގަލި
ޢާދިލް އިނީ ގަދަ ނިދީގައެވެ. މީހަކު ރޯ އަޑަށް އޭނާއަށް ހޭލެވިއްޖެއެވެ. ހޭލާ ދެ ލޯ ހުޅުވާލިއިރު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ހާސްވެގެން އިނދެ ޢާދިލަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހެން ނަމަވެސް ޢާދިލުގެ ލޮލުން ފެންނަނީ ހަމައެކަނި ކަޅު އަނދިރިކަމެވެ. ޢާދިލްގެ ދެ ލޮލުގައި ފޮތިގަނޑެއް އައްސާފައިވާކަން އިހުސާސްކޮށްލެވުނީ އަދި މާ ފަހުންނެވެ. ދެން މަސައްކަތްކުރީ އިށީނދެގެން އިން ގޮނޑިން ތެދުވެވޭތޯއެވެ. ޢާދިލް އިނީ ގޮނޑީގައި ބަނދެފައެވެ. ތެދުވެވޭ ގޮތެއް ވެސް ނުވިއެވެ. ޢާދިލްގެ ހިތުގައި އިތުރު ބިރުވެރިކަމާއި ހާސްކަން އުފެދުނެވެ. އަނެއްކާ އެ މީހުން އެ އުޅެނީ ކީއްކުރަންބާއޭ ޢާދިލް ހިތަށްއަރަމުން ދިޔައެވެ. ރުއިމުގެ އަޑު ދިޔައީ ބާރުވަމުންނެވެ. އިރުކޮޅަކުން މީހަކު އައިސް ޢާދިލްގެ ލޮލުގައި އައްސާފައި އޮތް ފޮތިގަނޑު އޭނާގެ ލޮލުން ނެގިއެވެ. ޢާދިލަށް ފެނުނީ އިންސާނެއްގެ ހިތަށް ކެތްވާވަރުގެ މަންޒަރެއް ނޫނެވެ. “އެ ސޮރުގެ އެއް ފައި ވަކިކޮށް އެއް އަތް އެ އޮތީ ވަކިކޮށްލައިފައި.. ހެޔޮ ނުވާނެ އިންސާނަކު އެހެން އިންސާނަކަށް އެފަދަ ކަމެއް ކުރަން ވެސް..” އަރައިގަތް ރުޅިން ޢާދިލަށް އެ ތަނުގައި ތިބި މީހުންނަށް ހަޅޭއްލަވައި ގަނެވުނީ އޭނާގެ މާދަރީބަހުންނެވެ. ދިވެހިބަހުންނެވެ. އެ ތަނުގައި ތިބީ ބޭރު ބަޔެކެވެ. އެންމެންނަށް ދިވެހިބަސް އެނގޭނެހެން ހީނުވެއެވެ. ތަނުގައި ތިބި އެންމެން ހޭން ފެށިއެވެ. އަޅެ އިންސާނިއްޔަތުކަމުގެ ތަންފުކެއް ވެސް ނެތް ބަޔެކޭ ޢާދިލް ހިތަށް އެރިއެވެ. “އެއީ ޑރ.ހެންރީގެ ޚާއްސަ އެކްސްޕެރިމެންޓަކަށް ކުރި ކަމެއް.. ކަލޭ ވެސް އެ ސޮރު ވީ ތަން ނުބުނެދީފިއްޔާ ހަމަ މިފަދަ އެކްސްޕެރިމެންޓެއް ކަލެއަށް ވެސް ހިންގާ ތަން ފެންނާނީ..” އެ ތަނުގައި ދިވެހިބަސް ދަންނަ މީހަކު ބުންޏެވެ. އެހެން ބުނުމަށްފަހު އެ މީހާ ޖަހާލީ އިބިލީހުގެ ހިނިގަނޑެކެވެ. “ކަލެއަށް ދިވެހިބަސް އެނގޭތަ.؟” ޢާދިލް އެހިއެވެ. “އާނ.. އުރުދޫ.. ހިންދީ.. ތަމަޅަ.. ބަންގާޅު.. އިނގިރޭސި.. އަރަބި.. ފުރެންޗު.. ސުޕެނިޝް.. އިޓާލިއަން.. އެފުރިކާ ބައްރުގެ ބަހުރުވަތައް.. ކިތަންމެ ބަހެއް މިތާ ތިބި އެންމެންނަށް ވެސް އެނގޭ..” ކުރިން ވާހަކަދެއްކި މީހާ ނޫން އެ ތަނުގައި ހުރި އެހެން މީހަކު ބުންޏެވެ. “ޑރ.ހެންރީ ބުނީ ކަލެއަށް ދެ ދުވަހުގެ މުއްދަތެއް ދޭށޭ.. ރީތިކޮށް އެ ސޮރު ވީ ތަނެއް ނުބުނެފިއްޔާ ކަލެއަށް ކުދި ކުދި އެކްޕެރިމެންޓްތައް ހިންގާލާށޭ.. ސޯ ބެޓާ ޓު ޓެލް އަސް ޕީސްފުލީ..” ކުރިން ވެސް އިންޒާރުދިން މީހާ ބުންޏެވެ. އެއަށް ފަހު ޢާދިލް ސަރގެ ކަނާތް އަތުގެ ކުޑަވާ އިނގިލި ބުރިކޮށްލިއެވެ. “އަހަރެމެން މި ހަދަނީ ދޮގުނޫންކަން މި އަންގާލަދިނީ.. ދެން ދެ ދުވަހު ތެރޭ ރީއްޗަށް ނުބުނިއްޔާ މިއަށް ވުރެ ބޮޑުވަރު ކޮށްލާނަން..”
އަހަރު 2025 – ހދ. ކުޅުދުއްފުށީގައި
“ކުޅުދުއްފުށި އިންޓަރ ކޮލެޖް ބާސްކެޓް ޗެމްޕިއަންޝިޕް”ގެ ފައިނަލް މެޗު ކުޅޭ ދުވަހެވެ. އެންމެ ގިނަ މެޗުތައް ކާމިޔާބުކޮށް ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށް ދިޔަ ދެ ޓީމަކީ އެމްއައި ކޮލެޖުގެ ޓީމާއި ޖަލާލުއްދީން ކެމްޕަހުގެ ޓީމެވެ. އެމްއައި ކޮލެޖަށް މި މުބާރާތުން ލިބުނީ އެންމެ ތަށްޓެކެވެ. ޖަލާލުއްދީން ޓީމަށް އަދި ތަށްޓެއް ނުލިބެއެވެ. އެހެންވުމުން މި ފައިނަލް މެޗު ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ. ޓީމުގެ ޖާރޒީ ލައިގެން ރިޒުވީން ގެއިން ބޭރަށް ނުކުތެވެ. އެއަށް ފަހު އޭނާ އުޅޭ ‘ރޯހައުސް’ ކައިރީގައި ހުންނަ ޖޯއްޔެއްގައި އިށީނެވެ. ދެން އިސްޓާކީނާއި ބޫޓަށް އެރިއެވެ. ދެން ޖަލާލުއްދީން ކެމްޕަސް ކައިރީގައި ހުންނަ ‘ބަސް ސްޓޮޕް’ ކައިރިއަށް ދިޔައެވެ. ބަސް އައިސް އެ ތަނަށް މަޑުކޮށްލުމުން ރިޒުވީން ބަހަށް އެރިއެވެ. ބަހުގެ ހުރިހާ ސީޓެއްގައި މީހުން އިށީނދެ ތިބުމުން ރިޒުވީނަށް ހުންނަން ޖެހުނީ ކޮޅަށެވެ. ދުއްވާފައި ގޮސް ބަސް މަޑުކުރީ ފުޓުބޯޅަ ސުޓޭޑިއަމް ކައިރިއަށެވެ. ރަށުގެ ރަސްމީ ބާސްކެޓް ކޯޓު ހުންނަނީ ވެސް ހަމަ އެ ހިސާބުގައެވެ. ރިޒުވީނަށް ކޯޓަށް އާދެވުނީ ޓީމު މީހުން އަންނަންޖެހޭ ގަޑިއަށްވުރެ ލަހުންނެވެ. ކޯޓަށް ވަނުމާއެކު ރިޒުވީން އޭނާގެ ޓީމު ކުޅުންތެރިންނާ ބައިވެރިވިއެވެ.
ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު ރިޒުވީންގެ ޓީމު އޮތީ ފަހަތުގައެވެ. ތިންވަނަ ކުއާޓަރުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. ފަހު ކުއާޓަރުގައި ރިޒުވީން އޭނާގެ ގަޑީގެ އެހީ ހޯދިއެވެ. ގަޑީގެ ދިހަ ކޮމާންޑު ހުސްކޮށްލީ ސުކޯކުރާށެވެ. 36-40 ގެ ސުކޯއަކުން ޖަލާލުއްދީން ކެމްޕަސް ޓީމް މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ނަގައިފިއެވެ. ފައިނަލް މެޗާއި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ވީ ރިޒުވީނެވެ. ނަމަވެސް ރިޒުވީންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
މުބާރާތުން ރިޒުވީނަށް ލިބުނު ޓުރޮފީތައް ހިފައިގެން ރިޒުވީން ގެއަށް އައެވެ. ޓްރޮފީތައް ގޭގައި ބެހެއްޓުމަށް ފަހު ރިޒުވީން ބޭރަށް ނުކުތެވެ. ޝަޙާ ހަސްފަތާލުގައި ބާއްވާފައި ވާތީ ރިޒުވީން ހިނގައިގަތީ ހަސްފަތާލަށް ދިއުމަށެވެ. ނަބީޙު ވެސް ވީ އެ ތަނުގައެވެ. ކުރީ ރޭ މަގުމަތީގައި ރިޒުވީނާއި ޝަޙާ ސަކަރާތްޖަހަމުން ދަނިކޮށް ސައިކަލެއް އައިސް ޝަޙާގެ ގައިގައި ޖެހުނެވެ. ޝަޙާއަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ކަނާއަތް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ތުންފަތްމަތި ވެސް ވަނީ ފަޅައިގެންގޮސްފައެވެ. ކޮންމެވެސް ވަރަކަށް ދެ ފައި ވެސް މަށައިގެން ގޮސްފައި ހުއްޓެވެ. މިހާރު އޭނާގެ ހާލަތު ރަނގަޅެވެ. ނަމަވެސް އަންނަން އޮތް މަހު ފެށޭ ކެމްޕަހުގެ ފަހު އިމްތިހާންތަކުގައި ޝަޙާއަށް ބައިވެރިވެވޭނެކަމުގެ ޔަޤީންކަމެއް ނެތެވެ. އެއަށް ވުރެ ކުރިން ޝަޙާ ރަނގަޅުވާނެކަމަށް ރިޒުވީން އުއްމީދުކުރެއެވެ. ރިޒުވީން މާޔޫސްވެފައި ހުރީ ވެސް އެހެންވެގެންނެވެ. އަދި ޢާދިލް ސަރގެ ކަންތައްތަކާމެދު ވެސް ރިޒުވީން ހުރީ ކަންބޮޑުވެފައެވެ.
ބާރު ހިނގުމެއްގައި ގޮސް ޝަޙާ ބާއްވާފައި އޮތް ކޮޓަރިއަށް ރިޒުވީން ވަނެވެ. ޝަޙާ ގާތުގައި ގޮނޑިއެއްގައި ނަބީޙު އިށީނދެލައިގެން އިނެވެ. ޝަޙާއަށް އޮތީ ނިދިފައެވެ. “ހައު އިސް ޝީ.؟” ރިޒުވީން ވެސް ގޮނޑިއެއްގައި އިށީނެވެ. “ރަނގަޅު.. ހީވޭ އެގްޒާމް ފެށުމުގެ ކުރިން އޯކޭވާނެ ހެން.. ކޮބައި އަޝްރަފު ފެނިއްޖެ..؟” ނަބީޙު ބުންޏެވެ. އަޝްރަފަކީ ޑރ.ހެންރީ ހޯދަން އުޅޭ ކުޑަ ފިރިހެން ކުއްޖާގެ ނަމެވެ. ސުކްރީނުން އެ ކުއްޖާގެ މާ ގިނަ މައުލޫމާތެއް ނުދެއްކިއެވެ. ސުކްރީނުން ދެއްކީ އެ ކުއްޖާގެ ނަމަކީ އަޝްރަފުކަމާއި އެ ކުއްޖާގެ އުމުރަކީ ހަތް އަހަރުކަމާއި އެ ކުއްޖާ ހުރީ ކުޅުދުއްފުށީގައި ކަމެވެ. އެ ކުއްޖާ ހުރީ ކުޅުދުއްފުށީގައިކަން އެނގުމުން ރިޒުވީންމެން އެ ކުއްޖާ ހޯދުމުގެ މަސައްކަތްފެށިއެވެ. އެ ކުއްޖާ ހުރި ސީދާ ‘ލޮކޭޝަން’އެއް ސުކްރީނުން ނުދެއްކުމުން އެ ކުއްޖާ ހޯދަން ވަރަށް އުނދަގޫވިއެވެ. “ނޫން.. އެ ކުއްޖާ ކީއްކުރަން އެ ނަން ކިޔާ ކުއްޖަކާ ވެސް އަދި ދިމައެއް ނުވޭ.. މިރޭ ބާރަ ޖެހީމަ ދެން ގަޑީގެ އެހީއެއް ހޯދޭނީ.. ބާރަ ޖަހާންދޭން މަޑުކުރަމާ..” ރިޒުވީން ބުންޏެވެ.
ޝަޙާއަށް ހޭލެވުނުއިރު ރިޒުވީން އިނީ ގޮނޑީގައި އިށީނދެ އިނދެގެން ނިދާށެވެ. ރިޒުވީންގެ އަތުގައި ޝަޙާ މަޑުމަޑުން ވިކާލިއެވެ. ރިޒުވީނަށް ހޭލެވުނެވެ. “ހޭއި.. ގުޑް މޯނިން..” ޝަޙާ ބުންޏެވެ. “ގުޑް މޯނިން އޯ.. މި ރޭގަނޑޭ.. ޝަޙާ ކިހިނެއް މިހާރު.؟” ޝަޙާގެ އަތުގައި ހިފަމުން ރިޒުވީން ބުންޏެވެ. “ރަނގަޅޭ.. ކޮބައި ނަބީ.؟” ޝަޙާ އެހިއެވެ. “ނަބީ ވެއްޖެ ޝަޙާ ކާން ބާގާއެއް ބަލާ ގޮސް.” ރިޒުވީން ބުންޏެވެ. އިރުކޮޅެއް ފަހުން ޝަޙާ ދެކިލަން ޝަޙާގެ ބޭބެ ޝާއިނާއި ފަހަރީ އަޒުމާ އެ ތަނަށް އައެވެ. “މަގޭ ކޮކީ ކިހިނެއް.؟” ޝަޙާގެ ކޮލަށް ދޮނެއް ދީފައި ޝާއިން ގޮނޑިއެއްގައި އިށީނެވެ. “ރަނގަޅެއް ނޫން.. ދެކިލަން ވެސް އެހާ ގިނައެއްކޮށެއް ނާދޭ ދޮންބެމެންނެއް…” ޝަޙާ ޝަކުވާކޮށްލިއެވެ. “ދޮންބެ ޑިއުޓީގަ ބިޒީވީމައޭ ނާދެވެނީ.. މިއައި ކޮކީއަށް ބާގާ ވެސް ހިފައިގެން..” އަޒުމާ ކޮތަޅުން ‘ބާގާރ’ ނެގުމަށްފަހު ޝަޙާގެ އަތަށް ދިނެވެ. “އޯ.. ލަވް ޔޫ ބޯތް.. އެހެން ނޫނަސް މިއީ ބަލިވުމުގެ ފައިދާ.. އެއް ރެއިން ދެ ބާގާ..” އަޒުމާ ދިން ‘ބާގާރ’ގައި ހިފުމަށްފަހު ޝަޙާ ބުންޏެވެ. “އެހެން މީހަކު ވެސް ބާގާއެއް ގެނެސްދިންތަ.؟” ދެ ‘ބާގާރ’އެއްގެ ވާހަކަ ޝަޙާ ބުނުމުން ޝާއިން އެހިއެވެ. “ލައްބަ.. ނަބީ ވެއްޖެ ބާގާއެއް ބަލާ ގޮސް..” ރިޒުވީން ބުންޏެވެ. “ރިޒުވީނާއި ނަބީހަށް ވަރަށް ތޭންކްސް.. ތިޔަ ދެ ކުދިން ވެސް ޝަޙާއަށް ވަރަށް ހެޔޮ..” ޝާއިންނަށް މިހެން ބުނުމާއެކު ނަބީޙު ތިން ‘ބާގާރ’ ހިފައިގެން އައިސްފިއެވެ. ދެން އެންމެން ‘ބާގާރ’ ކަމުން ސަމާސާ ވާހަކަތަކާއެކު އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އެއަށް ފަހު ޝާއިނާއި އަޒުމާ އެ މީހުންގެ ގެއަށް ދިޔައީއެވެ. ޝަޙާގެ ގާތުގައި ރިޒުވީނާއި ނަބީޙު މަޑުކުރިއެވެ.
“ކޮބައި އަޝްރަފު ހޯދިއްޖެތަ.؟” މުޅި ތަން ހަމަހިމޭންވުމުން އަޝްރަފުގެ ވާހަކަ ޝަޙާ ފެށިއެވެ. “އަދި ނުފެނޭ.. ބާރަ ޖެހުމުން ގަޑީގެ އެހީ ހޯދަންކަމަށް މި ތިބީ.. ދޯ ރިޒުވީ..” ނަބީޙު ބުންޏެވެ. “ރިޒުވީން ކިހިނެއްވެފައިތަ.؟” ރިޒުވީން މާ މަޑުން ހުރުމުން ޝަޙާ އެހިއެވެ. “ޝަޙާގެ އަތް ފެނިފަ.. މިހާރު ހުރިހާ ތަނެއް ހެޔޮވިއިރު އަތް ރަނގަޅު ނުވީމަ..” ރިޒުވީންގެ އަޑުގައި ކުރެހުމެއް ހުއްޓެވެ. ވަރަށް ބޮޑަށް މާޔޫސްވެފައި ހުރިކަން އެނގެއެވެ. “ރިޒުވީ…. ޑޮކްޓަރު ވެސް ބުނީ އަތް އަވަހަށް ރަނގަޅުވާނެހެން ހީނުވާ ވާހަކަ.. ކޮންމެ ކަމެއް ވެސް ﷲ މެދުވެރިކުރައްވާނީ އެންމެ ރަނގަޅަކަށް.. ޕުލީސް ޑޯންޓް ފީލް ބޭޑް..” ރިޒުވީންގެ އަތުގައި ޝަޙާ ހިފިއެވެ. “މިހާރުން މިހާރަށް ވެސް ރަނގަޅުވާނެނަމަ..” ރިޒުވީނަށް މިހެން ބުނެވުނުއިރު ގަޑިން ބާރަ ޖަހައިފިއެވެ. ގަޑިން އައްޔެއް އެޅިފައި އެ އަލި ޝަޙާގެ އަތުގައި އެޅުނެވެ. ދެން ޝަޙާގެ އަތުގައި ހުރި ޒަޚަމްތައް މަޑުމަޑުން ފިލިއެވެ. “ﷲ އަކްބަރު.. ﷲއަށް ޙަމްދު.. ރިޒުވީގެ ބައްޕައަށް ވެސް ޝުކުރު..” ގަޑީގެ ސަބަބުން ޝަޙާގެ އަތް މުޅިން ރަނގަޅުވުމުން ޝަޙާ ޝުކުރުވެރިވިއެވެ. “ﷲގެ ރަޙުމަތްފުޅުން ގަޑި އެ ކޮމާންޑަށް މަސައްކަތްކޮށްދީފި.. ޝަޙާގެ އަތް ވެސް ރަނގަޅުވީ.. ޝަޙާއަށް ދެން އިމްތިހާނުގައި ބައިވެރިވެވޭނެ.. އަޝްރަފު ވެސް ހޯދޭނެ.. އަހަރެންނަށް އަޝްރަފު ސީދާ ހުރި ތަނެއް ދައްކަބަލަ.. އަޝްރަފު ހުރީ ކުޅުދުއްފުށީގެ ކޮންތަނެއްގައިތަ.؟” މި ފަހަރު ސުކްރީނުން އަޝްރަފު ހުރި ތަނުގެ މަންޒަރު ދެއްކިއެވެ. އެ ތަނުގެ އަނދިރިކަމުން އެއީ ކުޅުދުއްފުށީގެ ސީދާ ކޮން ތަނެއްކަމެއް އެނގޭވަރެއް ނުވިއެވެ.
(ނުނިމޭ)
4 Comments
Comments are closed.
Wow???… Keiy madhuvefaa indhaa story e nimunii??…. Waiting for next part??
Alje enme muhinmu hisaabun thi ninmaalee. Sakaraaiy. Ekam vaahaka hama habeys salhi..
Habeys ❤❤❤❤
v salhi