އަންވާރު ސީސަން 2 (އެއްވަނަ ބައި)

- by - 0- June 27, 2017

މުޅިން އާ ދުވަހެކެވެ. އިރުގެ ރަންކުލައިގެ ދޯދިތައް މަޑުމަޑުން މުޅި ހިސާބު އަލިކުރަމުން ދިޔައީ ބަލާމީހަކަށް އުފާވެރިކަން ގެނެސްދޭހާ ފުރިހަމަ ގޮތަކަށެވެ. ހަމަހިމޭންކަން މުޅި އަވަށުގައި ވާހިނދު، ހީވަނީ އެންމެންވެސް ގަދަ ނިންޖަކުން ނިދާފައިވާ ހެނެވެ. ނަމަވެސް ސަމާރާ އޮތީ ދެލޯ ބޮޑުކޮށްގެން އިރާއި ދިމާއަށް ބަލަހައްޓައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. މޫނުމަތިން ހިތާމަވެރިކަން ފާޅުވަމުން ދިޔަހިނދު އިރުއިރުކޮޅާއި ލޯ ފޮހެލަނީ ފައިބަމުން އަންނަ ކަރުނަތައް ހުއްޓުވޭތޯއެވެ. އެ ކަރުނަތަކަށް ނިމުން އަންނާނޭ ދުވަހެއް ދެކިލަން ހިތާއި ރޫހުން އެދެނީ އިންތިހާ އަށެވެ. ނަމަވެސް އެއީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއްނޫނެވެ. އޭނާގެ ހާލަތަކީ އޭނާޔަށް ބަދަލު ކުރެވޭނެ ހާލަތެއް ނޫނެވެ. އޭނާއަކަށް އެމިނިވަން ކަމެއް ނެތެވެ.

ކުއްލިއަކަށް އެއިވުނު އަޑެއްގެ ބާރުކަމުން ސަމާރާ ސިއްސައިގެންގޮސް ދެއަތުން ކަންފަތުގައި އަތްއެޅުނުއިރު ބިރުވެރިކަމުގެ އަސަރު މުޅި ހަށިގަނޑަށް ކޮށްފިއެވެ. ދެލޯ ބާރަށް މަރާލާފައި ވާހިނދު، ހިތް ބާރުބާރަށް ތެޅެމުން ދިޔައީ އަނެއްކާ މިއަދުވެސް ފެންނާނެ މަންޒަރުތައް ލޮލައް ސިފަވަމުން ދިޔަލެއް ސާފު ކަމުންނެވެ. ސިކުންތުކޮޅެއްގައި އެހެން އިނދެލާފައި ކަންފަތްމަތިން އަތްނަގާ ދެލޯ ހުޅުވާ ބަލާލީ އަޑުއައި ދިމާއަށެވެ. މާދުރުނޫން ހިސާބެއްގައި ހުރި ތިންބުރީގެ އިމާރާތެއްގެ ތެރެއިން އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ. ސަމާރާ ބަލަންހުއްޓައި އެއިމާރާތުގެ ދެބައިކުޅަ އެއްބައި ވެއްޔައް ވެގެން ބިމަށް ވެއްޓުނީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ސަމާރާގެ ލޮލުން ހޯސްލާފައި ކަރުނުތައް ފައިބައިގަތީ އަނެއްކާ މިއަދުވެސް ދުނިޔެދޫކޮށްފައި ދާނީ ކިތައް މަންމައިން ނުވަތަ އެމީހުންގެ ކިތައް ދަރިން ނުވަތަ ފިރިން ބާއޭ ހިތައް އެރުމުންނެވެ.

ސަމާރާވެސް އެ ހުރީ އެކަހަލަ އިމާރާތެއްގެ ތެރޭގައެވެ. އެއީ އޭނާގެ ބައްޕަގެ ގެއެވެ. އޭނާގެ އާއިލާގެ ފަސް މެމްބަރުންނާއެކު އެގޭގައި ދިރިއުޅުމުގެ ފުރުސަތު ނުލިބިފައިވީ، އެފަދަ ރޮކެޓް ހަމަލާއެއްގެ އަމާޒަކަށް އެގެވެސް ވުމުންނެވެ. އޭނާގެ މަންމައާއި، އެއްބަނޑު އެއްބަފާ ދައްތައާއި، ކޮއްކޮ މި ދުނިޔެ ދޫކޮށްފައި ދިޔައީ އެ ހަމަލާގައެވެ. ސަލާމަތްވީ އޭނާގެ ބައްޕައާއި ސަމާރާއެވެ. އެ ދެމީހުން ސަލާމަތްވިނަމަވެސް ބައްޕަ އެ ހާދިސާ އަށްފަހު ވެގެންދިޔައީ ނުކުޅެދޭ މީހަކަށެވެ. ވެއްޓުނު އިމާރާތުގެ ދަށުން ބައްޕަ ނެގުންއިރު އެއްފައިގެ ކަށިގަނޑުވަނީ ބޮޑެތި ޒަހަމްތަކަކާއެކު ބިންދައިގެންގޮސްފައެވެ. އަދި ލޯބިވާ އަނބިމީހާއާއި ދަރިންކޮޅު ކުއްލިއަކަށް ނެތިދިޔުމުން ލިބުނު ހިތާމާގައި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށްވެއްޓި އެއްފަޅި ވާގިނެތި ބަލިއެނދުގައި އޮންނަތާ އެތައްދުވަހެއް ވެއްޖެއެވެ. އެމީހުންނަށް އެހީވެދޭ އަމިއްލަ ޖަމާއަތްތަކުގެ އެހީތެރިކަމުގެ ދަށުގައި ބައްޕަ ވީއިރު ސަމާރާ ގެންގުޅެނީ ބައްޕަފަރާތު ބޮޑުދައިތައެވެ.

ބޮޑުދައިތަ އެ އަވަށުގެ އެހެން އެންމެންނެކޭ އެއްފަދައިން ކިތަމެހާވެސް ރަނގަޅެވެ. ނަމަވެސް ބޮޑުދައިތަގެ ފިރިމީހާވެސް މިފަދަ ހާދިސާއެއްގައި ނިޔާވެފައިވާތީ، ސަމާރާއާއެކު ގެންގުޅޭ ދަރިންގެ ހުރިހާ ޒިންމާތަކެއް ބޮޑުދައިތައަށް އުފުލޭވަރެއް ނުވެއެވެ. އެހީވެދޭ ޖަމާއަތްތަކުގެ އެހީތެރިކަމުން ލިބޭ ކޮންމެވެސް ކާއެތިކޮޅަކުން ދުވާލަކު އެއްއިރު ކާލައިގެން ހުރިހާކުދިން އުޅެމުންދާއިރު އެކުދިން އެންމެ ބިރުގަންނަނީ އެފަދަ ބޮންގޮއްވުންތަކާއި، ރޮކެޓުހަމަލާތައްދެކެއެވެ. ބިރުނުގަންނަންވީ ސަބަބެއް ނެތެވެ. އެކުދިން އެކުދިންގެ މައިންބަފައިންނާއި، ލޯބިވާ އެންމެންނާއި ވަކިވެގެންދާން ޖެހެނީ އެފަދަ ހަމަލާތަކުގެ ސަބަބުންނެވެ. ބަނޑުފުރާ މުއްތިކުރާނެ ކާއެތިކޮޅެއް ނުލިބި ހާލުގައި ޖެހިފައިއެވަނީ އެހަމަލާތަކުގެ ސަބަބުންނެވެ. ދަންނަ ހެޔޮހާލުގައިތިބި އެތައްބަޔަކު، ނުކުޅެދޭ ބަޔަކަށް ބަދަލުވެފައިވެސް އެވަނީ ހަމަ އެފަދަ ހަމަލާތަކުގެ ޝިކާރައަކަށްވެގެންނެވެ. އެފަދަ ކޮންމެދުވަހަކު މަގުގެ ހިސާބެއްގައި ހެދިފައިވާ ލޭގެ ކޯރުތައް ނުވަތަ އެކި ހިސާބުގައި ބުރަބުރައިން ގޮސްފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ނުވަތަ އިމާރާތްތަކުގެ ސިމެންތީގެ ހިރަފުހުން މުޅިހިސާބު ހިރަފުސްވެ އެފެންނަމުންދާ މަންޒަރުތައް ފެނި ކިތަމެ ގަދަ ހިތަކަށްވެސް އަސަރު ނުކުރާނޭ ހެއްޔެވެ؟ އެހާލުގައި އެކުދިން އުޅެންޖެހިފައި އެވަނީ އެކުދިން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟

ސަމާރާ ދުއްވައިގަތީ ވީހާވެސް އަވަހަކަށް ވެއްޓިފައިއެވާ އިމާރާތާއި ހަމައަށް ދެވޭތޯއެވެ. އެހިސާބަށް ފޯރިއިރު ވަރުބަލިވެގެން ފުންނޭވާތަކެއް ލެވެން ފެށިއެވެ. އެންބިޔުލާންސް އެއްފަރާތުގައި މަޑުކޮށްލައިގެން ބަލިމީހުންގެ އިންތިޒާރުގައި އޮތްއިރު، އަނެއްބަޔަކު ވެއްޓިފައިވާ އިމާރާތުގެ ގާތައް މައްޗައް އަރައިގެން މީހެއްގެ ހިލަމެއް ވޭތޯ މަސައްކަތްކުރަނީއެވެ. އަނެއްބަޔަކު އެއްފަރާތުގައި ހުރި ގާތަކެއް ނަގަމުން އެދަނީ އެތަނުން ތުއްތުކުއްޖެއްގެ ރުއިމުގެ އަޑު އިވޭތީއެވެ. އެހަމަލާއިން ސަލާމަތްވި ދިހަވަރަކަށް މީހުން ހިރަފުހުން ފޯވެފައިވާ މޫނުތަކަކާއެކު އެއްފަރާތުގެ ތިބެގެން އަޑުން އަޑުނަގާ ރޮނީއެވެ. އެމީހުންގެ ލޯބިވާ ދަރިންނާއި ކުދިންގެ ނަމުން ގޮވަމުން އެދަނީ ދިރިހުއްޓާ ފެނޭތޯ ކެތްމަދުވެފައިވާ ހާލުގައެވެ. މަރުވެފައިވާ ދެމީހެއްގެ ހަށިގަނޑު އެއްފަރާތުގައި ބާއްވާފައިވާއިރު އެމީހުންގެ ހަށިގަނޑުން އެކިދިމާލުގައި ލޭގެ އަސަރު ހިރަފުހާއެކު ވެއެވެ. އަދި އެދެމީހުންގެ އާއިލާގެ ދެތިންމީހަކު ކައިރީގައި ތިބެގެން އެދެމީހުންގެ މޫނުގައި ފިރުމަމުން ރޮނީއެވެ. ކައިރީގައި ކުޑަކުޑަ ތިން އަހަރުގެ ކުއްޖެއްވެސް ބައްޕާއޭ ކިޔާފައި ރޯން އިނީ ހިތައް ފުންއަސަރުތަކެއް ކުރުވާނޭ ގޮތަށެވެ.

ސަމާރާގެ ލޮލުން ކަރުނަ އަޅަމުން ދިޔައީ އެއީ ޙުދު އޭނާގެ އާއިލާގެ މީހުންފަދައިންނެވެ. އެންމެފަހުން އެމަންޒަރުތައް ބަލަން ކެތްނުކުރެވިގެން ލޯފޮހެލާފައި ދުވެފައި ދިޔައީ ބޮޑުދައިތަމެންގޭދޮށަށެވެ. ނަމަވެސް ގޭދޮށުގައިވާ ޕާކަކާއި އަރާހަމަވުމުން ހުއްޓުން އެރީ ބޮޑުދައިތަގެ ސާމާއި އުމަރު ޕާކުގެ އެއްފަރާތުގައި ހެދިފައިވާ ކުދި ގަސްތަކެއް އުފުރަން ތިބި މަންޒަރު ފެނިގެންނެވެ. އެއީ ބައެއް ދުވަސްދުވަހު އެކުދިންގެ ހާލަތެވެ. ބަނޑުހައިވެގެން ކެތްނުވާވަރުވީމާ ކޮންމެވެސް ވަށްތަރެއްގެ ކާފަތްކޮޅެއް ހޯދައިގެން މަގުމަތީގައި ހިނގަނީ އެގަންނާނެ މީހަކު ވޭތޯއެވެ. ބައެއްދުވަސްދުވަހު އެ ވިއްކައިގެން ކުޑަކުޑަ އާމްދަނީ އެއްލިބޭއިރު އަނެއްބައި ދުވަސްދުވަހު އެގަންނާނޭ މީހަކުވެސް ނުވެއެވެ. އެކަހަލަ ދުވަސްދުވަހު ކެތްނުވެގެން އެކުދިން އެއިން ރޯފަތްކާލައިގެން ކެތްކުރެވޭތޯ މަސައްކަތްކުރަނީއެވެ. ކޮންފަދަ ނިކަމެތި ހާލެއް ހެއްޔެވެ؟ އެއްވެސް ކުށެއްނެތް ކުދިންތަކަކަށް މިލިބެނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟

ސަމާރާގޮސް ބޮޑުދައިތަމެންގެއަށް ވަދެވުނީ ބޮޑުދައިތަ ކޮންމެވެސް ތާކަށްދާން ނިކުންނަނިކޮށެވެ. އެވަގުތު ސަމާރާގެ އޮށްސިފައިވާ މޫނު ފެނި ބޮޑުދައިތައަށް ބަލަން ހުރެވުނީ ހިތައް ކުރުވި ބުނެދޭން ނޭނގޭ އަސަރުތަކަކުންނެވެ. ކެތްނުވެގެން އެކުއްޖާ ގެނެސް މެޔާލާ ބޮނޑިކޮށްލާ ބައްދާލެވުމާއެކު ހުއްޓުމެއްނެތި އެދެމައިންގެ ލޮލުން ކަރުނަ އޮށްސާލީ ފަޅި ސިކުންތުކޮޅެއްގައެވެ. ވާނީވެސް އެހެންތާއެވެ. ދަރިން އުޅެމުންދާ ނިކަމެތިހާލު ފެނި ނުރޮވޭނީ ކޮންމަޔަކަށް ހެއްޔެވެ؟ އެކުދިންގެ ހުރިހާކަމަކާއި ހަވާލުވެގެން ހުރިއިރު އެކުދިންނަށް ބޭނުންވާނެ އެންމެ އާދައިގެ ކަންތައްތައް ކޮށްދޭންވެސް އެމައިމީހާ އެވަނީ ނުކުޅެދިފައެވެ. އެނޫން އެހެންގޮތެއް ނެއްހާލުގައިވެސް އަމިއްލަ ނަފުސު ކުއްވެރި ނުކުރެވޭނީ ކޮންމަޔަކަށް ހެއްޔެވެ؟ ކޮންމެ މަޔަކުވެސް ދަރިންނަށް ދޭންބޭނުންވާ ތަރުބިއްޔަތާއި، ތައުލީމާއި، އަސާސީ ހިދުމަތްތައް އިންތިހާއަށް ވާއިރު އެއިން އެއްވެސް ކަމެއް ހާސިލް ކޮށްދިނުމަކަށް އެ މައިމީހާގެ ހާލަތު ތަނެއް ނުދެއެވެ. ކޮންފަދަ ނިކަމެތި ދިރިއުޅުމެއް ހެއްޔެވެ؟

ކޮންމެ ދުވަހަކު އާންމުކޮށް ފެންނަމުން އެދާ މަންޒަރުތަކުން ކުދިން ބިރުން ސިހިސިހި ތިބޭއިރު ތަކުރާރުކޮށް ދަރިފުޅާ ހިތްވަރު ކުރާށެވެ، ކެތްތެރިވާންވާނެއެެވެ ބުނިނަމަވެސް، އެކުދިންނަށް ލިބިފައިއެވާ ނަފްސާނީ ބަލިމަޑުކަމުން އަރައިގަނެވޭނެ ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކާއިމެދު އެހިތްތަކުގައި އަނދަމުންއެދާ ނަފްރަތާއި، އަލިފާނުގެ ހުޅުކޮޅު ނިއްވާލާނީ ކާކު ކޯއްޗެކޭ ކިޔައިދީގެން ހެއްޔެވެ؟ އިންތިހާއަށް އެހިތްތަކުން އާދޭސް ކުރަމުންއެދާ އެހީތެރިކަން ފޯރުކޮށްދޭނެ ދެވަނަ ފަރާތެއް މި ދުނިޔޭގައި ނުވާކަން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ކިތަމެ ވާހަކައެއް ހިތްހަމަ ޖައްސައިދިނުމަށް ދެއްކި ނަމަވެސް ފެންނަމުންދާ މަންޒަރުތައް މާގިނަ ވާހަކަތައް ކިޔައިދެއެވެ. އުޅެން ޖެހިފައިވާ ހާލުން މާގިނަ ކަންތައްތައް ދަސްކޮށްދެއެވެ. އެކުދިންގެ ދިރިއުޅުމުގައި އެނިކަމެތި މައިމީހާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްފަދައެވެ. އެމައިމީހާ އެވަނީ އިންތިހާއީ މަޖުބޫރުކަމެއް މަތީގައެވެ. ދެވޭނެ ހަމަ އެކައްޗެއްވެސް އެއަތަކު ނެތެވެ.

ސަމާރާ ގޮވައިގެން ބޮޑުދައިތަ ދިޔައީ އަނެއްކާވެސް އެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ކައިރިއަށެވެ. އެދަރިންގެ ބަނޑުހައިކަން ފިލުވާނެ ކާއެތިކޮޅެއް ދިއްކޮށްލާތޯއެވެ. ދެލޮލުން ކަރުނައަޅާ ހާލުގައި ތުރުތުރު އަޅަމުންދިޔަ އެމައިމީހާގެ އަތް އެމީހުންނާއި ހަމައަށް ދިއްކޮށްލީ އެތައް އަސަރެއްކުރުވަނިވި، އެތައް ވާހަކަތަކެއް ކިޔައިދެމުންނެވެ. އަތުގައި ކުޑަކުޑަ މިންވަރެއްވާ ބަޔަކަށްވެސް އެމަންޒަރު ބަލަން ކެތްނުވާނެ ފަދައަކުންނެވެ. އެމީހުން އެމީހުންގެ ގަވާއިދުގެ ދަށުން ދެވެން އޮތްވަރަކަށް ދިއްކޮށްލީ ފުރިހަމަ ހިނިތުން ވުމާއި، އޯގާތެރިކަމާއެކުގައެވެ. އެފަދަ ޖަމާއަތްތަކުގެ އެހީތެރިކަން ނުލިބޭ، ސަމާރާމެން ފަދަ އެތައް އާއިލާއެއް ބަނޑުހައި ހޫނުކަންމަތީގައި މިދުނިޔެ ދޫކޮށްފައިވާނެކަން ޔަޤީނެވެ. އެއީވެސް އެމީހުންނަށް ލިބިފައިވާ ބޮޑު ނިއުމަތެއްފަދައެވެ. އެމީހުންދަނެއެވެ. އެމީހުންނަށްވުރެވެސް މާ ހާލުގައި އެތާކައިރީ ޓެންޓުތަކުގައި އެތައްބަޔަކު އުޅެމުން ދެއެވެ. އެފަދަ މަޖުބޫރުކަން މަތީގައެވެ. އެފަދަ ނިކަމެތިކަން މަތީގައެވެ. ނުވަތަ އެއަށްވުރެވެސް މާ ހާލުގައެވެ.

ނިކަށް ވިސްނާލަމާ ހެއްޔެވެ؟ އަހަރެމެންގެ ދުވަސް އުފާވެރިކަމާއި މަޖަލުން ފެށިގެން ދާއިރު އެކުދިންގެ ދުވަސް ފެށެނީ ބިރުވެރިކަމާއި، ބަނޑުހައި ހޫނުކަމުންނެވެ. ކަރުނައާއި ލޭގެ ކޯރުތަކުންނެވެ. ސަންދޯކުތަކާއި ކަށިނަމާދު ތަކުންނެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމާއި، ނަފްސާނީ ބަލިމަޑުކަމުންނެވެ. އެތައްވޭނަކާއި، އެތައް ހިތާމަތަކަކުންނެވެ. ހިތާމައިން ފުރިފައިވާ މައިންބަފައިންގެ ލޭކަރުނުތަކުންނެވެ. ކުދިކުދި ދަރިންތަކުގެ ހިތްކަތިލާފަދަ ރުއިމުގެ އަޑުތަކުންނެވެ. އަހަރެމެން ކުރަތްޕާއި، ހަރުފަޔާއި ނަންނުކަތި ދެކެ އިންތިހާ އަށް ބިރުގަންނަކަމަށް ބުނާއިރު އެކުދިން ބުނަނީ އެންމެ ބިރުގަންނަނީ ބޮންގޮންވުން ތަކާއި، ރޮކެޓްހަމަލާ ނުވަތަ އެއަރ ސްޓްރައިކް ތައް ދެކެއެވެ. އަހަރެމެންގެ ދުވަސް މަދަރުސާގެ ގަޑިތަކުން ފެށޭއިރު އެކުދިންގެ ދުވަސް ފެށެނީ ބަނޑުފުރާނެ އެތިކޮޅެއް ހޯދުމަށް ރަށުތެރޭގައި ދުވުމުގައެވެ. އަހަރެމެންނަށް ރޯދަމަހުވެސް ހިތްފުރޭވަރަށް އިރުއޮށްސުމަށްފަހު ކާން ލިބުނުއިރު އެކުދިންނަށް ރޯދަވީއްލަން ލިބުނު ފެންފޮދަކުން ނުވަތަ ސައިތައްޓަކާއި، ހަރު ރޮއްޓަކުން ރޯދަ ވީއްލުނުއިރު އަނެއްދުވަހު ރޯދައަށްވެސް ތިބެންޖެހުނީ ހަމަ އޭތިކޮޅުގެ ބަރަކާތުންނެވެ. މިއީ ކޮންމެ ކުއްޖެއްގެ ހާލު ނޫންނަމަވެސް ހަމަ ގިނަކުދިންގެ ހާލަތެވެ. އަހަރެމެން މަޑުގޮދަނޑިއާއި ބާލީހުގައި ނިދާއިރު، ހަލާކުވެފައިވާ އިމާރާތްތަކުގެ ގާތަކުމަތީގައި، ނުވަތަ ޓެންޓުތަކުގައި އެއްކުއްޖަކު އަނެއްކުއްޖަކާއި ފިތޭހާލެއްގައި ނިދާކުދިންވެސް އެކުދިންތެރޭގައި މަދެއް ނޫނެވެ. އަހަރެމެންނަށް އަހަރެމެން ބޭނުން ތާކަށް އީދުމަޖާ ކުރުމަށް ދިޔުމުގެ މިނިވަންކަން ލިިބިފައިވީއިރު، އެކުދިންނަށް އެހާލާތުން ސަލާމަތްވުމަށް އެ ޤައުމުން ބޭރުވެވެނީވެސް އެތައް ކަމަކާއި ކުރިމަތިލުމަށްފަހުއެވެ. އަދި މަންޒިލާ ހަމައަށް ސަލާމަތުން ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތްހާލުގައެވެ.

މީވެސް ހަމަ އަހަރެމެންފަދަ އިންސާނުންނެވެ. އަހަރެމެންފަދަ މުސްލިމުންނެވެ. އެއްވެސް ކުށެއްނެތި އެމީހުންގެ މިނިވަންކަން ނަގާލެވިފައިވާ ހާލުގައި ކަރުނަ އަޅަމުންދަނީއެވެ. އެކިއުމުރުގެ ކުޑަކުޑަ ކުދީންނެވެ. ޅަފުރައިގެ ކުދިންނާއި ޒުވާނުންނެވެ. މައިންބަފައިންނާއި މާމައާއި ކާފައިންނެވެ. ދައްތައާއި ބޭބެއިންެނެވެ. ނިކަމެތިކަމާއި މާޔޫސްކަމުގައެވެ. އެތައް ޝަކުވާތަކަކާއި ހިތާމައެއްގައެވެ. ބިރުވެރިކަމާއި ރުއިމުގައެވެ. މިހާލުގައި އެތައް ދުވަހެއް ވެއްޖެއެވެ. އަދިވެސް މިކަމުން އަރައިގަނެވޭނީ ކޮންދުވަހަކުން ކަމެއް ނޭނގޭ ހާލުގައެވެ. އަމާންކަމާއި މިނިވަންކަމަށް އިންތިޒާރުކުރާ ހާލުގައެވެ. ޔާﷲ! އަޅަމެންގެ މުސްލިމް އުންމަތައް ރަހުމަތްލައްވާ، ހާލުގައި ޖެހިފައިވާ އިބަރާސްކަލާނގެ އަޅުންނަށް ލުއިކަން ދެއްވަވާ، އެހާލުން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ! އަދި މުސްލިމުންނަށް ނަޞްރާއި އަމާންކަން ދެއްވާންދޭވެ!. އާމީން!

………………………

ވީލްޗެއާރގައި އިން އާޔަން ލެޕްޓޮޕް ބަނދުކޮށްލީ ބަރަކާގެ މަސައްކަތައް އިތުރު ފުރިހަމަކަމެއް އިތުރު ކޮށްލުމުގެ ގޮތުން ސީރިއާ ކުދިންގެ ހާލަތު ހަނދުމަ ކޮށްދިނުމަށް އަސަރުކުރުވަނިވި ވާހަކައެއް އަންވާރު ސައިޓަށް ލުމަށްފަހުއެވެ. މިހާރު އާޔަން ޗުއްޓީގައި ހުންނަތާ ދެމަސް ދުވަސް ވެއްޖެއެވެ. މާދަމާއަށް ޗުއްޓީތަކާއި، އާއިލީ ޒިންމާތައް ހުސްވާއިރު ދެން އޭނާ ހުންނަންޖެހޭނީ ނޯޕޭ ގައެވެ. ޑޮކްޓަރުން އެއް މަސްދުވަސްތެރޭގައި އޭނާގެ ފައި ރަނގަޅުވާނެކަމަށް ލަފާކޮށްފައި ވީނަމަވެސް މިހާރު އެކަމުގެއި ދެމަސް ފާއިތުވެ ދިޔައީއެވެ. ނަމަވެސް އާޔަންވެސް އުންމީދުކުރަނީ އަވަހަށް ރަނގަޅުވާނެކަމަށެވެ. މިހާރު ތަދުވާލެއްވެސް ކުޑަކަމުންނެވެ.

މިވީ ދެމަސްދުވަހު ގޭގައި އިންނަންޖެހުމުން ބަރަކާވަނީ އަންވާރު ސައިޓުގެ މަސައްކަތް އާޔަން އާ ހަވާލުކޮށްފައެވެ. ކަމެއްނެތި އިންނަންވެއްޔާ ނުބައި ފިކުރުތައް ގިނަވެ މީހާ މާޔޫސްކުރުވާނެތީއެވެ. އާޔަންގެ މަސައްކަތުން މިހާރު އެ ސައިޓައްވަނި ވަރަށްގިނަ ކުރިއެރުންތައްވެސް ލިބިފައެވެ. އެތައް މަޝްހޫރު ވިޔަފާރިވެރިތަކެއްގެ އިޝްތިހާރުތައް އެސައިޓުން ފެނިގެންދިޔުމާއެކު އެމީހުންގެ މަސައްކަތްތައްވެސް ކުރިއަރައި އެކިކަންކަމުގައި ސައިޓުގެ ނަމުގައި ހޭދަކުރެވޭވަރުވެސް އިތުރެވެ. ވީމާ ހުރިހާކުދިންވެސް އެކަމާ ވަރަށް އުފާކުރިއެވެ.

…………………

ލައިފްލައިން ކްލިނިކްގެ ގޮނޑިއެއްގައި ސާރާ އިނީ އޭނާގެ ކިިޔު ނަމްބަރާއި ޖެހެންދެން އިންތިޒާރުގައެވެ. ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ރީމާ ހަސަންގެ ކޮޓަރީގެ ކުރިމަތީގައި އިންއިރު ބާރުބާރަށް ހިތްތެޅެނީ ބިރަކާއި ކުރިމަތިލާން އުޅެވޭ ހަނދާންވުމުންނެވެ.

**ނުނިމޭ**

0

Faathii

I write with a purpose to deliver a message and remind others about the real life of this world and hearafter.

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Ma Sha Allah…. Abadhuwes inthizaaru kurewey mivaahaka upload Waane irakah… Miee dhiri ulhumuge ethakeh kanthahthakeh visnaidhey story eh… Thanks

    ⚠Report!

Leave a Reply

Your email address will not be published.