އަންވާރު ސީސަން 2 (ދެވަނަ ބައި)
ލައިފްލައިން ކްލިނިކްގެ ގޮނޑިއެއްގައި ސާރާ އިނީ އޭނާގެ ކިޔު ނަމްބަރާއި ޖެހެންދެން އިންތިޒާރުގައެވެ. ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ރީމާ ހަސަންގެ ކޮޓަރީގެ ކުރިމަތީގައި އިންއިރު ބާރުބާރަށް ހިތްތެޅެނީ ބިރަކާއި ކުރިމަތިލާން އުޅެވޭ ހަނދާންވުމުންނެވެ.
ސާރާގެ ނަމްބަރާ ޖެހުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. އެތައްދުވަހެއްފަހުން ސާރާ ފެނުމުން ލިބުނު އުފަލުން ބޭއިޚްތިޔާރުގައި ޑޮކްޓަރު ރީމާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނެވެ. އުފަލުން ސާރާގެ ގައިގައި ބައްދާލަން ހިތްއެދުނެވެ. ނަމަވެސް ސާރާގެ މޫނުމަތިން އެފެންނަމުންދާ ހާސްކަން ފެނި ކަމެއް ގޯސްކޮން އުޅޭކަން އިހްސާސްވުމުން އަމިއްލަ ނަފުސުގެ އެދުމަށް ގަދަކަން ދައްކައި ސާރާއަށް ދިމާވެފައިއެވާ ކަންތައް ދެނެގަތުމަށް ތައްޔާރުވެލިއެވެ.
ސާރާގޮސް ކުރިމަތީ އިން ސޯފާގައި އިށީނދެ ހަމަޖެހިލުމުން ޑޮކްޓަރު އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ސާރާ އޭނާ އެތަނަށް އައި ބޭނުން ހާމަކުރީ ހަމަ އެންމެ ޖުމްލައަކުންނެވެ. “އަޅުގަނޑު ރަށަށް ދާންކަމަށް މިއުޅެނީ.” އެކުރުކުރު ޖުމްލަ ދުލުން ބޭރުވި ހިނދު ދެމީހުންގެ ހަތަރުކަޅިވަނީ ހަމަވެފައެވެ. ހިތްއަވަސްވެފައިވާ ހާލުގައި ސާރާ އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރު އަރުވާނެ ލަފާއަކަށެވެ. އެބުނި ކުޑަ ޖުމްލައިގައި ސިއްރުވެފައިވާ އެތައް ވާހަކައެއް ޑޮކްޓަރުގެ ލޯކުރިމައްޗައް ސިފަވެގެންދިޔައީ ނުލާހިކު ސާފު ހަނދާނެއްގެ ސިފައިގައެވެ. ކުއްލިއަކަށް ތިހާބޮޑު ނިންމުމެއް ތިނިންމީ ހާއްސަކަމެއް ދިމާވީތަ؟ ޑޮކްޓަރު ސުވާލު ކުރެއްވީ ކަމަކާއި ވިސްނަމުންނެވެ. އަބަދު މިހެން އެއްފަސްގަނޑެއްގައި ހަށިގަނޑު ހިސޯރު ކޮށްގެން އުޅެން ވަރަށް އުނދަގޫ. ދުރުން ކަނޑު ފެންނަ ކޮންމެ ވަގުތަކު އެހަނދާންތައް އަދިވެސް ލޮލަށް ސިފަވެގެންދޭ. އަހަންނަށް ޤަބޫލުކުރެވެނީ މިބިރާއި ކުރިމަތިލީމަ ނޫނީ މިހަނދާންތަކާއި ދުރުގައި އުޅެން ވަރަށް އުނދަގޫވާނެޔޭ. އެހެންވެ ބޭނުންވަނީ އެކަމާއި ކުރިމަތިލައި، ކަނޑުފެންނަހިނދު މިވާ އުނދަގޫތަކަށް ލުޔެއް ހޯދަން. ސާރާ އޭނާގެ އެ ނިންމުމުގެ ސަބަބު ކިޔައިދިނެވެ.
ޑޮކްޓަރު ހިނިތުންވުމަކާއެކު އެ ނިންމުމަށް މަރުހަބާ ކިޔެވެ. އެއާއެކު ސާރާއަށް އިތުރު ހިތްވަރު ދިނީ އާއިލާ ކުއްޖަކަށް ހެޔޮއެދޭ ފަދައިންނެވެ. ޑޮކްޓަރު ރީމާއަކީ ސާރާއަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު މިއަދާ ޖެހެންދެންވެސް ސާރާ ބަލަމުން އައި ޑޮކްޓަރެވެ. އެހާ ކުޑައިރުންސުރެ ފަރުވާ ދެމުން އައުމުން އެހިތުގައި ސާރާއަށް ހާއްސަ މަޤާމެއް ދެވިފައި ވެއެވެ.
އެއީ މީގެ ވިހި އަހަރު ކުރިއެވެ. ސާރާގެ ކުޑަކުޑަ އާއިލާގައި ތިބެނީ އެންމެ ހަތަރު މެމްބަރުންނެވެ. ސާރާގެ މަންމައާއި ބައްޕައާއި ސާރާއާއި އަދި ކުޑަކުޑަ އާދިލް އެވެ. އެއިރު ސާރާގެ އުމުރުން ހަތަރު އަހަރު ނަމަވެސް އާދިލްއަށްވީ އެންމެ އަށްމަސް ދުވަހެވެ. އެމީހުންގެ އުފަން ރަށަކީ ހއ.އުތީމެވެ. އެރަށަކީ އޭރު މީހުންކިޔާގޮތުން ނަމަ ބޭރު ރަށެކެވެ. އޭރުގެ ބައެއް މީހުން އެހެންކިޔަނީ ފަޅު ނޯންނަ، ވަށައިގެން ކަނޑު ލެވިފައިވާ ރަށްރަށަށެވެ. އެކަހަލަ ރަށްރަށުގައި ފާލަމެއްވެސް ނުހެދެއެވެ. އާދިލް މާވަރަކަށް ހުން އަންނަންފެށި ދުވަސްކޮޅެކެވެ. ރަށުން އެތައް ފަހަރަކު ފަރުވާ ދިނުމުންވެސް ހުންގަނޑަށް އެއްވެސް ގޮތެއް ނުވެއެވެ. އަބަދު ހުން ނުކެނޑި ހުންނައިރު ބައެއްފަހަރު ހުން ގަދަކަމުން ސާރާގެ މަންމަ ސީމާ ހާސްކަމާއެކީ ތުވާލި ތެންމައިގެން ބޮލުގައި ބާއްވައިގެން ނުނިދިފާ އެތައް ރެއަކު އެފަކީރުގެ ހިދުމަތުގައި އިންނަން ޖެހުނެވެ. އެންމެ ފަހުން ސާރާގެ ބައްޕަ ހުސޭނު އެ ތިންމައިން ގޮވައިގެން ހދ.ކުޅުދުއްފުއްޓަށް ފުރީ އެރަށުން ރަނގަޅު ޑަކްޓަރަކަށް ދައްކައިގެން ވިޔަސް އެކުއްޖާއަށް އަވަސް ފަރުވާއެއް ލިބޭތޯއެވެ.
ވިއްސާރަ ނޫންނަމަވެސް ވަޔާއި ކަނޑުގަދަ ދުވަސްވަރެކެވެ. ޑަކްޓަރަށް ދައްކާ ބޭސްނަގައިގެން އެނބުރި ރަށަށް އައީ ރަށްރަށުގައި އޭރު ގެންގުޅޭ އާދައިގެ ދޯންޏެއްގައެވެ. ހިޔާނުކޮށް ހާމަ އަށް އޮތް އެ ކުޑަ ދޯނީގެ އިންޖީނުގެ ގެގަނޑުމަތީ ސީމާ އާދިލް އުރަށްލައިގެން އިންއިރު ސާރާ ހުސޭނުގެ އުނގުމަތީ އޮށޯވެއޮތީ ނިދޭތޯއެވެ. ނަމަވެސް ކަނޑުގެ ރާޅުތަކުން ދޯނި ދެފަރާތައް ހަލުވާވަރުން ނިދޭވަރެއް ނޫނެވެ. ދޯނި ރަށާއި ކައިރިވުމުން ކުޑަ ބޮށްކުރައެއްގައި އެމީހުން ބަލާއައީ އެމީހުން އައި ދޯނީގެ ފަޅުވެރިޔާގެ ދަރިއެކެވެ. ވިއްސަކަށް އަހަރުގެ އާދަނު ބޮށްކުރާ ދޯންޏާއި ކައިރިކުރީވެސް ވަރަށް އުނދަގުލުންނެވެ. އެހިސާބުގައި އޮއިބާރުކަމުން އުފެދޭ ބޮޑެތި ރާޅުތަކުން އެކުޑަކުޑަ ބޮށްކުރާ ބޭރަށް ދަމަނީ ކިރިޔާ ހިފެހެއްޓާލެވޭވަރަށެވެ. އޭރު އިރުއޮށްސި އަނދިރިވާން ކައިރިވެފައި ވީއިރު ދިޔަވަރުވެސްވީ އެންމެ ބޮޑު ވަގުތަށެވެ.
ބޮށްކުރާ ކުޑަކަމުން ހުރިހާއެންމެނަށް އެއްފަހަރާ ނޭރޭނެކަމަށް ކައްޕިތާނު ލަފާ ދިނުމުން ފުރަތަމަ ސީމާއާއި އާދިލް ބޮށްކުރަޔަށް އަރުވާފައި އެއްގަމަށް ފޮނުވާލީ އާދަނުއާއެކުއެވެ. އެމީހުން ބޮށްކުރަޔަށް އެރުވުމަށްފަހު އެނބުރި ސާރާގެ ގާތަށްދާން ހިނގައިގަތް ހުސޭނުއަށް ހުއްޓުންއެރީ ސީމާގެ ހަޅޭކުގެ އަޑަށެވެ. ލިބުނު ސިހުމާއެކު އެންމެން އެނބުރި ބަލައިލިއިރު ބޮށްކުރާވަނީ ބަންޑުންޖަހާލާފައެވެ. ސީމާއަކީ ފަތަން ދަންނަ މީހެއް ނޫނެވެ. އެއްއަތުން އާދިލްގަޔާއި ލައި ބޮނޑިކޮށްލައިގެން އަނެއް އަތުން ބަކިތަޅަމުން ދިޔައީ އަޑިއަށް ނުގޮސް ސަލާމަތްވެވޭތޯއެވެ. ނަމަވެސް ސިކުންތަކު އެއްފަހަރު އޭނާގެ ބޯ ފެންގަނޑު ތެރެއަށް ގެނބެއެވެ. ހަމައެއާއެކު އަނެއްކާވެސް ބޯހިއްލަނީ ދެފަޔާއި ދެއަތް މައްޗައް ނަގަމުން އާދަނުއަށް ގޮވަމުންނެވެ. އާދަނު ބަލާކަށް ނުހުރެ ކަނޑަށް ފުންމާލީ ލޯބިވާ އަނބިމީހާއާއި ދަރިފުޅު ސަލާމަތް ކުރެވޭތޯއެވެ.
މަންމަ އާއި ކޮށްކޮ ގެނބޭތަން ފެނުމުން ސާރާވެސް ރޮމުންދިޔައިރު ބައްޕަ ފުންމާލިތަން ފެނުމުން އެކުޑަކުޑަ ސާރާއަކަށްވެސް ނީނދެވުނެވެ. ބައްޕަ ފަހަތުން ފުންމާލަން ދުއްވައިގަތް ނަމަވެސް ކައްޕިތާނަށް ސާރާ ހިއްފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އޭރު އާދަނު އެތައް އުނދަގުލަކާއެކު ފަތާފައި އެއްގަމަށް އަރައިފިއެވެ. އެ މަންޒަރު ފެނުމުން ކައޕިތާނަކަށް ހުރި އާދަނުގެ ބައްޕަ ކަރީމް ހަރުއަޑުން ރައްޔިތުންނަށް ގޮވައިގެން އެހެން ދޯންޏެއްގައި ކަނދުތަކެއް ހިފައިގެން ނަމަވެސް އަވަހަށް އައުމަށް އަމުރުކުރިއެވެ. އޭރު އެއްގަމުން ދެތިން ފިރިހެނަކު އައިސް އަތިރިމައްޗައް ފައިބަނީއެވެ. އާދަނު ވާނުވާ ކިޔައިދެމުން ދުއްވައިގަތީ އެންމެ ކައިރީގައި ހުރި ބަކުރުބޭމެން ގޭދޮށަށެވެ. ބަކުރު ބެޔަކީ މަސްއޮޑިއެއް ގެންގުޅޭ މީހަކަށް ވެފައި އެ ދޯނިވެސް އެހިސާބުގައި ފެންނަން އޮތުމުންނެވެ.
ސާރާ އަޑުގެ ނެތްތަނަށް މަންމައަށާއި ބައްޕައަށް ގޮވަމުން ހުއްޓާނުލާ މަސައްކަތްކުރަމުން ދިޔައީ އެމީހުން ގާތަށް ދިޔުމަށެވެ. ސާރާގެ ހާލަތު ހުރިގޮތުން އެކުއްޖާ ހިފަހައްޓަމުން ދޯނީގެ ހުންގާނުގައި ނުހިފޭނެތީ ކަރީމްބެއަށް މަޖުބޫރުވީ ސާރާ ސަލާމަތްކުރެވޭތޯ އުޅުމެވެ. އޭރު ސީމާ އޮޔާއިއެކު ބޮޑެތި ރާޅުތަކު ތެރޭގައި ބޭރަށް ދަމަމުން ދާއިރު އެކުޑަކުޑަ އާދިލްގެ ރުއިމުގެ އަޑުވެސް އިވެމުން ދިޔައެވެ. ހުސޭނު އެމީހުންނާއި ދިމާއަށް ފަތަމުން ދިޔަނަމަވެސް ސީމާ އަތުޖެހޭ ހިސާބަށް ދެވޭގޮތެއް ނުވެއެވެ. އޮއި އެހާވެސް ބާރުވެފައި ނަގަނީ ބޮޑެތި ރާޅުތަކެވެ. ނަމަވެސް ހުސޭނު އޭނާގެ ހިތްވަރެއް ދުލެއް ނުކޮށްލައެވެ. އެންމެ ހިނދުކޮޅަކަށްވެސް މަސައްކަތް ހުއްޓާނުލައެވެ. ވަރުބަލިކަން އިހްސާސްވެސް ނުވާފަދައެވެ. ނަމަވެސް ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދިފައިވެއެވެ.
އޭރު އާދަނު ގޮސް ބަކުރުބޭ ގޮވައިގެން ދުވެފައި އަތިރިމައްޗައް ފައިބައި އަވަހަށް ބަކުރުބޭގެ ދޯންޏަށް އެރޭތޯ ބެލިއެވެ. އޭރު ރަށުގެ މީހުންތައްވެސް އެދިމާއަށް އެއްވެއްޖެއެވެ. ބަކުރުބޭގެ އިތުރުން ބޮޑެތި ދެތިން ވަރުގަދަ ފިރިހެނުން ދޯންޏަށް އަރާ ބަލާކަށްނުތިބެ ނަށްޓާލީ އޮޔާ ގެންދަމުންދިޔަ ސީމާއާާއި ދިމާއަށެވެ. އޭރު އިރުގެއަލިކަން ފަނޑުވެ ހަނދުގެ އަލިކަން ދުނިޔެ މަށްޗައް ވެރިވެއްޖެއެވެ. ވައިވެސްދިޔައީ ގަދަވަމުންނެވެ. ދެޓޯޗުބައްތި ކަނޑުގެ އެކިދިމަދިމާއަށް އަލިކުރަމުންދިޔައީ ސީމާޔާއި ހުސޭނަށް ސީދާވޭތޯއެވެ. އެތައް މަސައްކަތަކުން ގާތްގަނޑަކަށް ދިހަވަރަކަށް މިނަޓް ފަހުން ދޯންޏާއި މާދުރުނޫން ހިސާބެއްގައި އެތިންމައިން ރާޅުތަކާއެކު އޮޔާދަނިކޮށް ޓޯޗުގެ އަލިކަން އެމީހުންނަށް ފޯރައިފިއެވެ.
އެންމެންތައް ނޭވާ ހިފަހައްޓާލައިގެން ތިބިއިރު އިތުރު ދިހަވަރަކަށް މިނެޓް ތެރޭ އެހިސާބަށް ދެވިއްޖެއެވެ. ދޯނީގެ އިންޖީނު މަޑުކޮށް ރާޅުތަކު ތެރެއިން އެތިންމައިން ނެގޭތޯ އެންމެން މަސައްކަތްކުރަން ފެށިއެވެ. އޭރު ސީމާއޮތީ ބަންޑުން ޖެހިފައެވެ. ކުޑަކުޑަ އާދިލް ހުސޭނުއަތުތެރޭގައި އޮތް ނަމަވެސް އެދެމީހުންގެވެސް ލޯމެރިފައިވާހިނދު އަޑުގެ ނެތްކޮޅަށް ހުސޭނަށް ދެތިންފަހަރަކު ގޮވުމުންވެސް ޚަބަރެއް ނުވިއެވެ. އެބޮޑެތި ބާނިތަކުތެރެއިން އެމީހުން ނަގާ ދޯންޏަށްލުންވެސް ވީ ބުރަ މަސައްކަތަކަށެވެ. އެހެންކަމުން އެތަނުން ދެމީހަކު ކަނޑަށް ފައިބާފައި ސީމާ ދޯންޏާއި ކައިރި ކޮށްދިނެވެ. އަދި ދޯނީގައި ތިބިމީހުން ސީމާގެ ދެއަތުގައި ހިފައި ނަގައި ދޯންޏަށް އެރުވިއެވެ. ހުސޭނަށްވެސް ހެދީ އެހެންނެވެ. ފުރަތަމަ ކުޑަކުޑަ އާދިލް ނެގިއެވެ. އެއަށްފަހު ހުސޭނު ނަގާ އަރުވައިގެން އަވަހަށް ރަށަށް ފައިބަންދިޔައެވެ. އޭރު އެއްގަމުގައި ތިބިމީހުން އެމީހުންގެ އިންތިޒާރުގައި ގޮނޑުދަށަށް ފައިބައިފައި ތިއްބެވެ. ބަކުރުބޭގެ ދޯނި އަންނަމުން ކަރީމްބެގެ ދޯންޏާއި ކައިރިކޮށްފައި އެދެމީހުންވެސް ނަގައިގެން، އެދޯނި އެޅުމަށް އިތުރު މީހަކު އެއަށް އަރުވާފައި، އެމީހުން އެއްގަމާއި ކައިރިކުރިއެވެ.
އަދިވެސް ސާރާ ކަރީމްބެގެ އުރުގައި އިންއިރު އެކުއްޖާގެ ރުއިން އެއްގޮތަކަށްވެސް ނުހުއްޓެއެވެ. މަންމައާއި ބައްޕަ އަދި އާދިލް ކޮށްކޮ ޚަބަރެއްނެތި ދޯނިތެރޭގައި އޮތްތަން ބަލަން އިނދެގެން ހުއްޓާނުލާ ރޮނީއެވެ. ދޯނިތެރެއިން ބަޔަކު އެމީހުން ނޭވާލާތޯ ބެލިއެވެ. ސީމާޔާއި އާދިލް މަރުވެފައިވާކަމަށް ލަފާކުރެވުނު ނަމަވެސް ހުސޭނުގެ ހަށިގަނޑުގައި އޭރުވެސް ވިންދު ޖަހައެވެ. ދޯނީގެ ކުރީކޮޅު އެއްގަމަށް ބީއްސާލުމާއެކު އެއްގަމުގައި ތިބިމީހުންތައް އައިސް ދެފަރާތުން ދޯނީގައި ހިފެހެއްޓީ އަންނަ ރާޅުތަކާއެކު ދޯނި ބޭރުވެދާނެތީއެވެ. އިތުރު ދެމީހަކު ދުވެފައި ދެބަރޯ ހިފައިގެން އައިސް ރާޅު ނުޖަހާ ހިސާބުގައި ތިއްބެވެ.
ފަހަރަކު މީހަކު ބަރޯއަށް ލުމާއެކު އެމީހުންގެ މިސްރާބުހުރީ ސިއްޙީ މަރުކަޒާ ދިމާއަށެވެ. އެއީ ޑޮކްޓަރުންވެސް ތިބޭ ޒަމާނެއް ނޫނެވެ. އާއިލާގެ އެހީތެރިން ތިބޭއިރު އޮކްސިޖަން އަދި އައިވީ އެއްވެސް އާންމު ރަށްތަކުން ލިބޭ އިރެއް ނޫނެވެ. ނަމަވެސް އެވަގުތުގައި އަނެއްކާ އެމީހުން ގޮވައިގެން އަތޮޅު ވެރިކަން ކުރާ ރަށަށް ދެވޭހާ ވަގުތެއް ނެތެވެ. އެއީ ލާންޗު ފަހަރު އޮންނަ ޒަމާނެއްވެސް ނޫންވިއްޔާއެވެ.
ސާރާ އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތައާއި ހަވާލު ކޮށްފައި ކަރީމްބެވެސް ދުއްވައިގަތީ ސެންޓަރާއި ދިމާއަށެވެ. އޭރުވެސް ސާރާ ހުއްޓާނުލާ އެދިމާއަށް އަތްދިއްކޮށްފައި ބައްޕައަށް ގޮވަމުން ދެޔެވެ. އެހެންކަމުން ނަސީމާއަށް މަޖުބޫރުވީ އެކުއްޖާ ގޮވައިގެން އެތަނަށް ދާށެވެ. ޙުދު ނަސީމާވެސް އެމީހުންގެ ހާލަތު އެނގެން ބޭނުންވާތީޔާއެކު އޭނާވެސް ސާރާ ގޮވައިގެން އެތަނަށް ދިޔައީއެވެ. ސިއްހީ އެހީތެރިޔާ ބަލާފައިބުނީ އެތިންމީހުންވެސް މިދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އެކަކުވެސް ސަލާމަތެއް ނުވިއެވެ. އެކުޑަކުޑަ އާއިލާ ސާރާ އެކަނި ކޮށްލާފައި ވަކިވެގެން ދިޔައީއެވެ. ސާރާގެ އިތުރުން މުޅި ރަށަށްވެސް ހިތާމައިގެ ސާލެއް ލެވުނު ފަދައެވެ. އެންމެންގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވޭވޭ ހުރިއިރު އެކުޑަކުޑަ ސާރާ އަށްޓަކައި ހަމްދަރުދީނުވާ އިންސާނަކު އެރަށުގައި ނެތެވެ. ކުޑަކުޑަ ސާރާއަށް އެވަގުތުގައި ވެގެން މިއުޅެނީ ކީއްކަން ނުވިސްނުނު ނަމަވެސް އެތިންމައިންގެ ކަށުނަމާދުކޮށް ވަޅުލުމަށްފަހު ނަސީމާ އެކުއްޖާޔަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
ރަށުތެރޭގައި އެތިންމައިންގެ މަރާއި ބެހޭގޮތުން އެކިގޮތްގޮތައް ވާހަކަދެކެވުނެވެ. ހާއްސަކޮށް ހުސޭނު މަރުވިގޮތާއި މެދުއެވެ. އެއްބަޔަކު އޭނާ ފަތާފަތާ ވަރުބަލިވީކަމަށް ބުނާއިރު އެވަގުތު ހުސޭނުގެ އަތުގައި އާދިލް އޮތުމުން ސުވާލު އުފެދެނީއެވެ. ފަހަރެއްގައި ސީމާ މަރުވުމުގެ ކުރިން ހުސޭނުއަށް އެމީހުންނާއި ހަމައަށް ފޯރީކަންނޭނގެއެވެ. ނުވަތަ ހުސޭނު ދިޔައިރުވެސް ދެމައިން މަރުވެފައި ތިބީ ކަންނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް އެވަގުތު ހިނގާދިޔަ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ މާތް ﷲއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ވަގުތު ޖެހުމުން ނިމިގެން ދާނެއެވެ.
އެހާދިސާ އަށްފަހު ސާރާގެ ބެލެނިވެރިކަމާއި ނަސީމާގެ ދެމަފިރިން ހަވާލުވިއެވެ. ނަމަވެސް ސާރާގެ ހާލަތުވަނީ ވަރަށް ގޯސްވެފައެވެ. އެކި ގޮތްގޮތުން އެކުއްޖާއަށް ވިސްނައިދީދީ އެތައްބަޔަކު ވަރުބަލި ވެއްޖެއެވެ. އެފަކީރުގެ ރުއިމެއް ނުހުއްޓުވުނެވެ. ދެދުވަހުން އެއްދުވަހު ކޮންމެވެސް މީހަކު އެ މަންޖެ ގޮވައިގެން އައިސް ބުނަނީ މޫދާ ދިމާއަށް ދުވަނިކޮށް ކިރިޔާ ހިފެހުއްޓުނީކަމަށެވެ. އަބަދު ނިދީގައިވެސް އެ މަންޒަރުތައް ސިފަވަނީ ކަންނޭނގެއެވެ. ނިދީގައިވެސް ގޮވަނީ ބައްޕައާއި މަންމަ އަދި ކޮށްކޯއޭ ކިޔާފައެވެ. އެންމެފަހުން ރަށުގެ ބައެއްމީހުންގެ ނަސޭހަތާއެކު ނަސީމާ ސާރާ ގޮވައިގެން މާލެ ދިޔައީ ނަފްސާނީ ޑަކްޓަރަކަށް ދެއްކުމަށެވެ. އެދުވަހުން ފެށިގެން ޑަކްޓަރު ރީމާ އެއަންނަނީ ސާރާއަށް ފަރުވާދެމުންނެވެ. އަދި ޑަކްޓަރުގެ ލަފާޔާއެކު އެއާއިލާ އެއްކޮށް މާލެ ބަދަލުވީ ސާރާއަށް ހުއްޓުމެއްނެތި އެއްކޮށް ރަނގަޅު ވަންދެން ޑޮކްޓަރުންގެ އެހީ ބޭނުންވާނެތީއެވެ. އަދި އެމީހުންގެ އެ ފޯރުންތެރިކަން ހުރެފައި ދަރިންނަށް މަތީ ތައުލީމު ހާސިލް ކޮށްދިނުމަށްވެސް އެއީ ރަނގަޅު ހިޔާލަކަށް އެމީހުންނަށް ފެނުނީތީއެވެ.
ސާރާ ފުރަތަމަ ޑަކްޓަރަށް ދެއްކި ދުވަސްކޮޅު ޑަކްޓަރަށްވެސް ވަރަށް ބައިވަރު ގޮންޖެހުންތަކާއި ކުރިމަތި ވިއެވެ. ޑަކްޓަރު ދައްކާ އެއްވެސް ވާހަކައެއް އަޑުނޭހުމާއި އަބަދު މަންމަ އާއި ބައްޕައަށް ގޮވާ ރޯވަރުންނެވެ. ނަމަވެސް ނަސީމާމެން ކުއްޔައްތިބި ގޭގެ މަތީބައިގައި އުޅުން ޒަރީނާމެންގެ ހެޔޮއެދުމާއެކު ސާރާއަށް އެތައް ބަދަލުތަކެއް އަންނަން ފެށިއެވެ. ޒަރީނާގެވެސް އާދިލްވަރުގެ ކުޑަ ކުއްޖެއް ހުރުމުން ސާރާ އެކުއްޖާޔާއި މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. އެއަށްފަހު މަޑުމަޑުން ކުޅެ ސަކަރާތް ޖަހަންވެސް ފެށިއެވެ. އެހެންކަމުން ނަސީމާ ޒަރީނާއަށް ވީގޮތް ކިޔައިދީ ޒަރީނާގެ ވެސް އެދުމުގެ މަތިން ދުވާލު ގިނައިރު ސާރާ އެގޭގައި ގެންގުޅެން ފެށިއެވެ. މަޑުމަޑުން ސާރާ ހައްލަކަށްއެޅުމުން ދިޔަނަމަވެސް މޫދު ފެންނަ ކޮންމެ ވަގުތަކު އެހަނދާންތަކުން އެކުއްޖާ އަށް އެތައް އަސަރެއް ކުރުވައެވެ. އެހެންކަމުން އެއަށްފަހު މިއަދާއި ޖެހެންދެންވެސް ދުވަހަކުވެސް ސާރާ އެއްވެސް ރަށަކަށް ދަތުރު ކޮށްފައެއް ނުވެއެވެ. މާލޭގެ އެ ފަސްގަނޑުގައި ދިރިއުޅޭތާ މިހާރު ވިހި އަހަރު ވީއެވެ.
އެތައް ދުވަހެއްގެ ފަހުން ނަމަވެސް ސާރާ އެގަސްތުކުރީ އެނބުރި އޭނާގެ ރަށަށް ދިޔުމަށެވެ. އެފަސްގަނޑު ދެކިލުމަށާއި، ލޯބިވާ މައިންބަފައިންނާއި ކޮށްކޮ ވަޅުލާފައިވާ ތަނަށް ޒިޔާރަތް ކޮށްލަން ހިތްއެދޭތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އެތައް ބިރަކާއި ހިތްދަތިކަމެއް އެހިތައް އިހްސާސް ވީނަމަވެސް މިފަހަރު ސާރާ އެ ގަސްތުކުރީ އެކަމާއި ކެރިގެން ކުރިމަތިލާށެވެ. ބިރަކާއިހުރެ ތަދެއް ނުފިލާނޭ ބުނާފަދައިން އެރިހުންތަކާއި، އެކުރުވަނިވި ފުން އިހްސާސްތަކަށް ލުޔެއް ލިބޭތޯއެވެ.
ބޮޑުދައިތަގެ ސަމާޔާއެކު ސާރާ ފްލައިޓަށްއެރީ ހަނިމާދޫ އެއަރޕޯޓަށްގޮސް އެރަށުން ލާންޗުގައި ރަށަށް ދިޔުމަށް ނިންމައިގެންނެވެ. ފްލައިޓްގައި އިންއިރުވެސް ކުޑަދޮރުތަކުން ތިރިއަށް ނުބަލަން ސާރާއިނީ އެންމެންގެ ތެރޭގައި ހަޅޭލަވާ ރޮވިދާނެތީއެވެ. ހިތްއަވަސްވެފައި ވީހިނދު މައިންބަފައިންގެ ހަނދާންތަކުން ދެލޯވަނީ މެރިފައެވެ. ފުން ފިކުރެއްގެ ތެރެއަށް ގެނބިފައިވަނިކޮށް ހޭލެވުނީ ސަމާ ކޮށްޓާލުމުންނެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




Alhamdhulillah .me first dog.vs tag nice mi part ves.I love this stories mo’re than pizza.lol?
Sryy dho japan ulhenikoh when jehuny?
Pispis.kihaadherakameh mi keyboard as hedhives.dho jahan ulhenikoh “dog ey jehuny
hehe.. it’s ok.. ehenves baehfaharu vaane dhww..
Jazaak Allah Khair
Love this ?❤?❤
Jazaak Allah Khair
Salhi ??
Jazaak Allah Khair
Nice dear?
Jazaak Allah Khair 🙂
Its amazing.. waiting for next part ???
Jazaak Allah Khair 🙂
Kohkko ohnnairu innanee alif sukune.. Not shaviyani.. Story nice.. Keep going
thee mihaaru konmehenves rangalhu kuranjehey mistakeh. thank you for reminding me. Jazaak Allah Khair
Masha Allah. Love it
Jazaak Allah khair. 🙂
aaachaa hama kohs vehje……
🙂 Jazaak Allah Khair