ކަޅު ވިލާތަކުން މުޅި އުޑުމަތި ބައްދާލައިފިއެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ގެއްލިގެން ދިއުމާއެކު ޒާން ތިރިބަލައިލިއެވެ. އެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ވޭނެވެ. ދެލޮލުން ކަރުނަ ނުފޭބި ކަމުގައި ވިޔަސް އެ މޫނުމަތިން އޭނާ ކުރަމުންދާ ހިތާމަ ރަނގަޅަށްވެސް ހާމަވެއެވެ. ގޮނޑުދޮށަށް ރާޅު ބީއްސަމުންދާއަޑު މާހައުލުގައި ހިފާލާފައިވިއެވެ. ދެއަތުން މޫނުގައި ފިރުމާލަމުން ޒާން ދޮންވެލިގަނޑު މަތީގައި އިށީނެވެ. އެއްއަތުން ދޮންވެލި މުށެއް ނަަގައިގެން އޭނާ އެ ވެލިތައް މޮޑެލަމޮޑެލަ އިނެވެ.
ކުއްލިއަކަށް ޒާންގެ ކަންފަތް ކައިރީން ބޫން އަޑެއް އިވިގެން ދިޔައެވެ. ކުޑަކޮށް ސިހުނު ނަމަވެސް އޭނާ ބިރެއް ނުގަނެވެ. ތެދުވެ ހިންދަމާލަމުން އޭނާ ގައިގައިވާ ވެލިތައް ދެއަތުން ފޮޅާލިއެވެ. އަތުކުރީގައި އަޅާފައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޭނާ އެއްގަމާ ދިމާއަށް ހިނގައިގަތެވެ. ޖީބުގައި އޮތް އޭނާގެ ފޯނުވެސް ރިންގުވާން ފެށީ އެވަގުތެވެ.
“ހަލޯ މަންމާ.. މި ދަނީއޭ..” ފޯނު ނަގައި އެހެން ބުނެލުމަށްފަހު ޒާން ފޯނު ބޭއްވިއެވެ. މަޑު ހިނގުމެއްގައި ގެއާ ދިމާއަށް މިސްރާބުޖެހި އިރުވެސް އެ ހިތުގައި އުފެދިފައިވާ ހައިޖާނަކަށް އެއްވެސް ލުޔެއް ނުލިބެއެވެ.
ޒާން ގޮސް އެމަގުގެ ކޮޅަށް އޮބާލުމާއެކު އަތިރިމަތި ކައިރީގައި ހުރި ކާނިގަހުގެ ގޮތްޕެއް ހެލެލިއެވެ. އެ ގަސް ފުރަގަހުން ނިކުތީ ހުދު ދޮންކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ލައިގެން ހުރި ރަތް ކުލައިގެ ހެދުން ކަކުލާ ހަމައަށް އަރާއިރު އެ ކުއްޖާއަށް ލިބިގެންވަނީ ކޮންމެ ފިރިހެނަކުވެސް ހިތް ކިޔާނެފަދަ ލޫޅާފަތި ހަށިގަނޑެކެވެ. އޭނާގެ ކަޅުކަން ގަދަ، ފަން އިސްތަށިގަނޑު ދިގުކަމުން ބިންމަތީގައި ކޭއްތެއެވެ. އޭނާގެ ދެތުންފަތް ލޭކޮޅެއްހާ ރަތްއިރު ބޮލުގައި ރަތް ކުލައިގެ ބޮޑު މަލެއް ހަރުކޮށްލާފައި ވެއެވެ. ޒާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެ ތުންފަތުގައިވަނީ ފުން ހިނިތުންވުމެކެވެ.
މަޑު ފިޔަވަޅުތަކެއްގައި ޒާން ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ގޮސް ހުއްޓެލީ މާރިޔާގެ ކޮޓަރި ދޮރުމަތީގައެވެ. އޭރު މާރިޔާ އޭނާގެ ހަތް އަހަރައްދާ ދަރިފުޅު، ޒާޔާގެ ބޮލުގައި ފުނާއަޅުވަން އިނެވެ.
“ދަރިފުޅާ.. މިރޭވެސް އަތިރިމަތިންދޯ ތިއައީ؟ މަންމަ ބުނަންދޯ އެތަނަށް ނުދާށޭ.. ދަރިފުޅުވެސް ތި ފިކުރުކުރުން ހުއްޓަން ވެއްޖެއްނު؟ މަންމައަށް ވެސް އެނގެއޭ ރާޔާ ދަރިފުޅާ ދޭތެރޭ ކަންތައްކުރީ ރަނގަޅަށް ނޫންކަން.. އެކަމަކު އޭގެ މާނައެއްނޫން ދޯ ދަރިފުޅު އޭނާއާމެދު ވިސްނުމުގައި މުޅި އުމުރު ހޭދަކޮށްލާށެކޭ.!” ޒާން ފެނުމާއެކު މާރިޔާ ފައްޗަކަށް އަމުނާލިއެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅާމެދު އެ ހިތުގައި ކަންބޮޑުވުން އުފެދިފައިވިއެވެ.
މާރިޔާ ދެއްކި ވާހަކަތަކަށް ޒާން މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާ އައިސް އެނދުމަތީގައި އިން ޒާޔާއަށް ގޯނާކޮށްލިއެވެ.
“ދެން ދޮންބޭ.. ސްޓޮޕް! ޒާއްކޮ ފުނާއަޅަނީއޭ..” ޒާން އައިސް ޒާޔާގެ ބަނޑުގައި ކޮށްޓަން ފެށުމުން ޒާޔާ ގޮވާލިއެވެ. ޒާޔާގެ ބޮލުގައި ފުނާއެޅުވުމަށްފަހު މާރިޔާ ދިޔައީ ބަދިގެއަށެވެ. އުނދުންމަތީގައި ހުރި ގަރުދިޔަކޮޅު ހޫނުކޮށްލުމުގެ ބޭނުމުގައެވެ.
“ޒާއްކޮ ކީއްވެތަ އެހާ ލަހުން ނިދަނީ؟ މިހާރު އެއޮށް 11 ޖެހީއެއްނު؟ ކޮންމެ ރެއަކުވެސް ތި ނިދަނީ އެހާ ލަހުން..” ޒާޔާގެ ބޮލުގައި ފިރުމާލަމުން ޒާން އަހާލީ ލޯތްބާއެކުގައެވެ. ހުރި ހަމައެކަނި ކޮއްކޮ ދެކެ އޭނާ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެ ކޮއްކޮ ބައްޕަގެ ލޯބިން އެއްކޮށް މަހުރޫމުވެފައިވީހިނދު ހުރިހާ ކަމެއްވެސް އެ ކޮއްކޮއަށްޓަކާ ފުރިހަމަކޮށްދެވޭތޯ އޭނާ ބަލައެވެ.
“ދޮންބެ އެއްނު ކޮންމެ ރެއަކު ލަސްވީމަ ބީޗްއަށް ދަނީ..؟ ތިހެން އުޅެނިކޮށް ގޯސްޓެއް އައިސް ދޮންބެ ގެންގޮސްފާނެ..” ޒާޔާ ސީރިއަސްކަމާއެކު އެހެން ބުނެލުމުން ޒާން ގާތަށް ހިނިއައެވެ.
** ** **
“ޞިފްރީން!” ތޮށިގަނޑުގެ ބޮޑު ގަލެއް މަތީގައި އިން ޞިފްރީން ސިހިގެން ދިޔައީ އޭނާގެ މާމަގެ އަޑަށެވެ. އޭނާގެ ދިގު އިސްތަށިގަނޑު މުޅި ތޮށި މަތީގައި ފެތުރިފައިވިއެވެ. އަނެއްފަރާތަށް އެނބުރި އޭނާ ޞަފޫރާއަށް ބަލާލިއެވެ. ޞަފޫރާގެ ދެލޯ ރަންކުލައިން ދިއްލިފައިވީއިރު އޭނާ އެހުރީ ވަރަށް ހިތްހަމަނުޖެހިފައިކަން ހާމަވެއެވެ.
“ބުނަމެއްނު އިންސާނުން އުޅޭ ތަންތަނަށް ނުދާށޭ… މިރޭވެސް އެ ޒާން ކައިރިއަށް ދިޔަކަން މަށަށް އިނގެއޭ… ބުނިންދޯ ވަގުތު ޖެހުނީމަ ޞިފްރީންއަށް ޒާން ލިބޭނެއޭ.. ދެން ކީއްވެގެންތަ ކެތް ނުލަވައިގެން ތިއުޅެނީ؟؟” ޞަފޫރާގެ އަޑު ބަރުވެފައި ބާރެވެ. ޞިފްރީން ދެކަންފަތުގައި އަތް އަޅާލިއެވެ.
“މާމާ ޕްލީސް… އަހަރެން ކުރަން ބޭނުން ކަމެއް ކުރާނަން..” އެއިން ގޮތަށް އިނދެ ޞިފްރީން ބުނެލިއެވެ. އެ ދޮން މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ކުއްލިއަކަށް އޭނާ ދުންކޮޅަކަށް ބަދަލުވެގެން ދިޔައެވެ. އެއާއެކު ތޮށިމަތީގައި ހުރި ޞަފޫރާ ފުންނޭވައެއް ދޫކޮށްލިއެވެ. ޞިފްރީންއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ހަމަ އެ މަސައްކަތްކުރަނީ ޞިފްރީންއަށް ގެއްލުމެއް ވެދާނެތީއެވެ.
** ** **
އެނދުގައި އޮތް ޒާންގެ ނިދިވަނީ އެތައް މޭލެއް ދުރުގައެވެ. ލޯމަރާލާއިރަށް އޭނާއަށް ސިފަވަނީ ރާޔާއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. އެ ދުވަސްތަކުގެ މަތިން ހަނދާން ނައްތާލަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. އޭނާ ރާޔާ ދެކެވީ ހަގީގީ ސާފު ލޯތްބެވެ. ރާޔާ އޭނާއަށް ބޭވަފާތެރިވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ރާޔާއަށް ނުކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ތިން މަސް ކުރީގެ ހަނދާންތައް އެ ސިކުނޑީގައި އާވާން ފެށުމުން އޭނާ ބާލީހުން މޫނު ފޮރުވާލިއެވެ.
ދެބަދޭތެރޭގައި އޮވެވޭކަމުގެ އިހުސާސް ޒާންއަށް ކުރެވެމުން ދިޔައެވެ. ކޮންމެވެސް މީހަކު އޭނާގެ ބޮލުގެ އިސްތަށިގަނޑާ ކުޅޭކަމުގެ އިހުސާސް ކުރެވުނު ނަމަވެސް އޭނާއަކަށް ލޯ ހުޅުވައިލާނެހާ ހިތްވަރެއް ނުލިބުނެވެ. ނޭނގޭ ބާރަކުން އޭނާގެ ދެލޯ ހުޅުވިޔަނުދީ ހިފަހައްޓާހެން އޭނާއަށް ހީވިއެވެ.
ކިންގް ސައިޒު އެނދުގެ އެއްފަރާތެއްގައި ޒާން އޮތްއިރު އެ އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ޞިފްރީން އިނެވެ. އޭނާ ޒާންގެ އިސްތަށިގަނޑާ ކުޅެމުން ދިޔައިރު އެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް ވިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު އެނދުމަތިން ފެށިގެން އެ ކޮޓަރީގެ ކުޑަދޮރާ ހަމައަށް ފެތުރިފައިވިއެވެ. އެ އޮފު އަރާ ކަޅުކަންގަދަ އިސްތަށިގަނޑު ފެންނަ ކޮންމެ އަންހެނެއްގެ ހިތުގައިވެސް ހަސަދައިގެ ހުޅުކޮޅެއް ރޮއިވާނެކަން ޔަޤީނެވެ.
“ޒާންން..” ޞިފްރީން ޒާންއަށް ގޮވާލީ ލޯތްބާއެކީގައެވެ. ޒާންގެ ކަންފަތާ ހަމައަށް އެ އަޑު ފޯރީ ވަރަށް ފުސްކޮށް ނަމަވެސް އެއަޑު އިވޭއިރަށް މީހާ ސިއްސައިގެން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާގެ މުޅި މޫނުމަތިން އޮށް ދާ ހިއްލާފައިވިއެވެ. އަވަސް ނޭވާތަކެއް ލަމުން އޭނާ މޫނުމަތީގައި ދެއަތުން ފިރުމާލިއެވެ. އެވަގުތު މަޑު ވައިރޯޅިތަކެއް އައިސް ހުސްގަޔާވާ އެ ހަށިގަނޑުގައި އެއްވެސް ހުރަހެއް ނެތި ބީހިލިއެވެ. އެއާއެކު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކޮޓަރީގެ ކުޑަދޮރު ހުޅުވާފައިވާތަން ފެނުމުން އޭނާއަށް ހައިރާންކަމެއް ލިބުނެވެ. ގައިމު އޭނާ ނިދީ އެ ކުޑަދޮރު ލައްޕާ، ތަންޑު އަޅުވާފައެވެ.
ޒާން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓެހުރެ ބޭރު ބަލާލިއެވެ. އެ ބޮޑު ގޯތިތެރޭގެ އެއް ފަރާތެއްގައި މާރިޔާ ހައްދާފައިވާ ފިނިފެންމާ ގަސްތައް ވިއެވެ. ގަދަ ފިޔާތޮށި ކުލައިގެ ފިނިފެންމަލުން ގަސްތައް ފުރިފައިވިޔަސް މެންދަމުގެ ހަމަހިމޭން ވަގުތު އެ ތަން ފެންނަމުން ދިޔައީ ނާމާން ގޮތަކަށެވެ. ކުޑަދޮރު ލައްޕަން ހިފާލިތަނާ އެ ގޯތީގެ މެދުގައި ހުރި ބިޔަ ބަނބުކެޔޮ ގަހުގައި ރަތް ކުލައިގެ އެއްޗެއް ވާތަން ޒާން އަށް ފެނުނެވެ. ދެލޯ ފުހެލައި ރަނގަޅަށް ބަލާލިއިރު އެގަހުގައި އެޅިފައި އޮތީ ރަތް ކުލައިގެ ބޮޑު ކޮތަޅެކެވެ. ވަޔާއެކު އެ ކޮތަޅު އެކި ފަރާތްފަރާތަށް ހެލެމުން ގެންދިޔައެވެ. ކުޑައިކޮޅެއް ވަންދެން އެދިމާ ބަލަން ހުރެފައި ޒާން ކުޑަދޮރު ލައްޕާލިއެވެ. ދޮރު ފޮތިގަނޑު ކަހާލުމަށްފަހު އޭނާ އެނބުރި ގޮސް އެނދުގައި އޮށޯވެލިއެވެ.
ބަނބުކެޔޮ ގަހުގެ ފަލަ ގޮތްޕެއްގައި އިން ޞިފްރީންއަށް ޒާން ކުޑަދޮރު ލެއްޕި މަންޒަރު ރީތިކޮށް ފެނުނެވެ. އެ ދިގު އިސްތަށިގަނޑު ގަހުން ތިރިއަށް އެލިފައި އޮތްއިރު އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.
“ޒާން އަހަރެންގެ ހައްގަކަށް ވާން ދެން މާކަ ގިނަ ދުވަހެއް ނެތް…” ޞިފްރީން މަޑުމަޑުން ބުނެލިއެވެ.
** ** **
ހެނދުނު ތެދުވިއިރު ޒާންގެ ބޮލުގައި ވަރަށް ގަދައަށް ރިހެއެވެ. ނަމަވެސް ޕެނެޑޯލް ގުޅައެއް ކާލައިގެން އޭނާ އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. އޭނާއަކީ ގަޑިއަށާއި ވަޒީފާއަށް ޚާއްސަ ސަމާލުކަންދޭ މީހެކެވެ.
“ދޮންބޭ.. މަންމަ ބުނީ ބިސްގަނޑެއް ހެއްޔޯ އަޅަންވީ؟ ނޫނީ ޕާން ހެއްޔޯ ބޭނުމީ؟” ކޮޓަރީގެ ދޮރު ހުޅުވައި، ކުޑަކޮށް ބޯދިއްކޮށްލަމުން ޒާޔާ ގޮވާލިއެވެ.
“ބިސްގަނޑެއް…” ލޯގަނޑަށް ކުރިމަތި ލައިގެން ހުރެ ޒާން ބުނެލިއެވެ. އެއާއެކު ދޮރު ލައްޕާލާފައި ޒާޔާ ހިނގައްޖެއެވެ.
މަޑު ފެހިކުލައިގެ ގަމީސް ދަށަށް ޖަހާލާފައިވީއިރު ޒާން ފެންނަނީ ވަރަށް ސްމާޓްކޮށެވެ. އަޅި ކުލައިގެ ޓައީ ކަރުގައި އަޅުވާލުމަށްފަހު އޭނާ ބޮލުގައި ޖެލްލައި ރީތި ގޮތަކަށް ސްޓައިލްކޮށްލިއެވެ. ފޯނު ޖީބަށް ލުމަށްފަހު އޭނާ މިސްރާބުޖެހީ ކާގެއާ ދިމާއަށެވެ.
ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށްފަހު ޒާން އޭނާގެ ބައިސްކަލަށް އަރައި ދުއްވާލިއެވެ. އޭނާގެ މިސްރާބު ހުރީ ރަށު އޮފީހާ ދިމާއަށެވެ. އޭނާ އަކީ ރަށުގެ ރައްޔިރުންގެ ލޯބި ލިބިފައިފާ، އެރަށުގެ ކައުންސިލްގެ މެންބަރެކެވެ. އޮފީސް ދޮށުގައި ބައިސްކަލު ޕާކު ކޮށްލުމަށްފަހު އޭނާ އެތެރެއަށް ވަންނަން ހިނގައިގަތް ނަމަވެސް ފެނުނު މަންޒަރަކުން އެ ފިޔަވަޅުތައް ގަނޑުވި ކަހަލައެވެ. މުޅި މީހާ ހުއްޓުން އަރާފައި ހުރިއިރު އޭނާގެ ނަޒަރު އެ މަގުން ހިނގާފައި ދިޔަ ރާޔާއަށް ހުއްޓިފައިވިއެވެ. އަޅި ކުލައިގެ ޝޯލްއަކުން ބޮލާއި ކަރު ނިވާކޮށްފައިވީއިރު އެ ދޮން މޫނުގައި ވަނީ މައުސޫމްކަމެވެ. ފިރިހެނެއްގެ އަތުގައި ހިފާލައިގެން އެދިމާއަށް އަންނަން ފެށުމުން ޒާންގެ ބޮލަށް އުނދަގޫވިއެވެ. ރާޔާ އެހުރީ އޭނާގެ ފިރިމީހާ ނާއިލްގެ އަތުގައި ހިފައިގެންނެވެ. ރާޔާގެ މަކަރުވެރިކަން ޒާންގެ ހިތަށް އެރުމާއެކު އޭނާގެ ދެއަތް މުއްކެވިގެން ދިޔައެވެ. އެއީ އެއް އިރެއްގައި އޭނާ ދެކެ ފުރާނަ ފަދައިން ލޯބިވާކަމަށް ދަޢުވާކުރި އަންހެން ކުއްޖާއެވެ. ނަމަވެސް މިޔަދު އެކުއްޖާއަކީ އެހެން މީހެއްގެ އަންބެކެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު ޒާން އޮފީސްތެރެއަށް ވަދެގެން ދިޔައެވެ.
ޒާން އިނީ އޭނާއަށް ޚާއްސަކޮށްފައިވާ މޭޒު ދޮށުގައެވެ. ގޮނޑީގައި ލެނގިލައިގެން އިންއިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ރާޔާއާ މެދުގައެވެ. ރާޔާ ހެދިގޮތުން އޭނާ މިހާރު އަންހެންކުދިން ދެކެ ފޫހިވެއެވެ. މާރިޔާ އެވަރަށް ކިޔާއިރުވެސް އޭނާ އިންނާނެ މީހަކު ނުހޯދައި އެއެޅެނީ އެހެންވެއެވެ. ތިން އަހަރު ދުވަސްވަންދެން އޭނާ ރާޔާއާ ރައްޓެހިވެގެން އުޅެފިއެވެ. ނަމަވެސް އެ ހުރިހާ ދުވަހަކު އޭނާއަށް ހުރެވުނީ އަނދިރީގެ ތެރޭގައެވެ.
##
“ކި… ކީކޭ؟” ޒާންއަށް ތުރުތުރު އަޅަމުންދާ އަޑަކުން އަހާލެވުނެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި ހުއްޓިގެން ހުރި ރާޔާގެ މޫނަށް އޭނާގެ ނަޒަރު ހުއްޓިފައިވިއެވެ. ރާޔާގެ ދޮން މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
“ޒާން.. އައި ފީލް ސޮރީ ފޯ ޔޫ… އެކަމަކު ވެސް އަހަރެން މި ބުނަނީ ހަމަ ތެދު… އަހަރެން ޒާން އާ ރައްޓެހިވީ ސީރިޔަސްކޮށް އުޅުމުގެ ބޭނުމުގައެއް ނޫން.. އަހަރެން ޒާން ބޭނުންކުރީ ޓައިމް ޕާސްޓް ކޮށްލުމަށް.. ހިޔެއް ނުކުރަން މި ރިލޭޝަންއަށް މިހާ ގިނަ ދުވަސް ވެދާނެ ކަމަކަށްވެސް… އެކަމަކު…” ރާޔާ ވާހަކަދެއްކިއެވެ.
“ރާޔާ.. އަހަންނާ ސަމާސަ ކުރަނީދޯ؟ އެކަމަކު ސަމާސާ ކުރުމަށްވެސް ވަކި ހައްދެއް އޮންނަން ވާނެއެއްނު؟ ތި ކަހަލަ ކަންތައް ނުކޮށްބަލަ..” ޒާން ރާޔާގެ ގާތަށް ޖެހި އެއަތުގައި ހިފަން މަސައްކަތް ކުރިއެވެ. ނަމަވެސް ރާޔާ އޭނާގެ އަތް ފޮޅުވާލިއެވެ.
“ސްޓޮޕް އިޓް ޒާން! އަހަރެން މިއުޅެނީ އެހެން މީހަކާ އިންނާށޭ.. މިއޮއް ހުރިހާ ދުވަހު އަހަރެން އުޅުނީ ނާއިލްއާ ސީރިއަސްކޮށް ރައްޓެހިވެގެން.. ޒާން ތީ އަހަންނަށް އެއްވެސް މީހެއްނޫން.. އަންނަ ހަފްތާ އަހަންނާ ނާއިލްގެ ކައިވެނިވެސް ކުރެވޭނެ… ސޯ ޕްލީސް! ލީވް މީ އެލޯން!” ރާޔާ ދެބުމަ ގޮށްޖަހާލަމުން ބުނެލިއެވެ. ސިހުންލިބި ކަންބޮޑުވެފައިވާ ޒާންގެ ހިތް ހީވީ ފިސްފިސްވިހެންނެވެ. އެހާވެސް އެހިތަށް އަސަރުކުރިއެވެ. އޭނާއާ ފުރަގަސްދީފައި ރާޔާ ދާން ހިނގައިގަތެވެ. ރާޔާ ހުއްޓުވަން ކިތަންމެ ބޭނުންވިޔަސް އޭނާގެ ކިބައިގައި އެވަގުތު އެ ހިތްވަރެއް ނެތެވެ. ގައިން ވަރުދޫވެގެން އޭނާ ދެކަކޫ މައްޗަށް ތިރިވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







V loabi story… ?
Thankyow?
Yey me first story is just awsmly twsm ingey i love it???
Hii guys…. Liaa aneh story up kohdheynan fahun… mi stry nimmaafa… hope u liked this part… ??
Heevey varah reethi vaanehen nimendhen upkoh dhehchey
Thank u shau ☺
Wow nice keep it up
Shukuriyyaa sam ☺
It’s a nice story liaa 2 vana bayah inthizaaru kuran ??
Thanks juvey☺
Varah reethi… biruveri story eh dw.. varah kiyaahiyvey??
Waiting for next part ❣?
Thanks Adha?
alah liyaa vaahaka akaa balaafa heevanee v reethii vaane henn keep going…….?
Thanks xim ☺
Nice. When is next part?
Thanks Jjey.. today up kohdheynan
Vv reethi. When is the next part
Shukuriyyaa lovrgirl ☺
nice storry.. when is da next part??
Thanks pritty ?
Wow. I love scary stories. And story ge starting varah salhi ingey
Thanks nonns ☺
v reethi…baraabarah up kurachey…..
Thankss remoo ☺
woww awsome. hope for the best…
Thank u HARLEY quin 🙂
Mi part reethi. Unmeedhukuran mi vaahaka varah reethi vaane kamah…and vaahaka nimendhn genesdheyne kamah ves unmeedhu kuran??❤wish u the best❤❤
Thanks Scarlet ?
mi part v reethi sorry for starting late…u are my favorite author
Vrh gina dhuvas koffa mi ah mi vany.. vadhefa mi stry mi kiyaaly.. hama habeyss.. vrh salhi… hyvany dhen oiy bai vx vrh salhi vaane hen… gu luck liaa.. vr salhi stry eh..