އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު ޒާންއަށް ގެއަށް ދެވޭވަރުވީ މެންދުރުވަނިކޮށެވެ. އޭރު އޭނާގެ ބޮލުގެ ރިހުން ދެގުނައަށް އިތުރު ވެފައިހެން ހީވެއެވެ. ބައިސްކަލުގައި ގޮސް ގޭ ކައިރިއަށް މަޑުކޮށްލިއިރު މާރިޔާގެ އަތުގައި ހިފައިގެން ޒާޔާ ގޭދޮށުގައި ހުއްޓެވެ. ޔުނީފޯމު ލައިގެން ހުރިއިރު ޒާޔާގެ ބުޅި އިސްތަށިކޮޅު ގަތާލާފައިވިއެވެ.
“ހިނގާ ދޮންބެ ގެންގޮސްދޭނަން.. އަވަހަށް އަރާ!” ޒާން ޒާޔާއަށް ބަލާލަމުން ބުނެލިއެވެ. ލޯބިކޮށް ހީލަމުން ޒާޔާ ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ބައިސްކަލުގެ ފަހަތު ސީޓަށް އެރިއެވެ.
“ދައްކާ ދަބަސް މަންމާ..” ޒާން އެހެން ބުނުމުން މާރިޔާ، އޭނާގެ އެއްކޮނޑުގައި އަޅުވާލާފައިވާ ދަބަސް ނަގައި ބައިސްކަލުގެ ވަށިގަނޑަށް ލިއެވެ.
“ދަރިފުޅާ ބަސްއަހަށްޗޭ!” ޒާޔާގެ ބޮލުގައި ފިރުމާލަމުން މާރިޔާ ބުނެލިއެވެ.
ޒާޔާ ސްކޫލަށް ލާފައި އާދެވުނުއިރު ޒާން ހުރީ ވަރަށް ބަނޑުހައިވެސް ވެފައެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު އޭނާއަށް ފެނުނީ އޭނާގެ ބައްޕަ، ލަތީފްގެ ކޮޓަރި ހުޅުވާފައިވާތަނެވެ. ކަރުގައި އަޅުވާފައިވާ ޓައީ ދޫކުރަމުން އޭނާ އެދިމާއަށް ހިނގައިގަތީ ހައިރާންވެ ހުރެއެވެ. އޭނާގެ ބައްޕަ ގެއްލުނު ފަހުން މާރިޔާ އެ ކޮޓަރި ބަހައްޓަނީ ތަޅުލާފައެވެ. އޮޅިގެންވެސް މާރިޔާ އެކޮޓަރިއަކަށް ނުވަދެއެވެ. އެކޮޓަރިތެރެ ފެންނައިރަށް މާރިޔާގެ ސިކުނޑީގައި ލަތީފްގެ ހަނދާންތައް އާވެއެވެ.
ޒާން ގޮސް އެކޮޓަރި ދޮރުމައްޗަށް އެރިއިރު މާރިޔާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އެތެރެ ބަލާލިއިރު މާރިޔާ އިނީ ލަތީފްގެ އަލަމާރި ކައިރީގައެވެ. މުށިތަކުގެ މަތީގައި އިންއިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދެއެވެ. އޭނާ އަލަމާރިން ނެގި ބައެއް ތަކެތި އޭނާގެ ކައިރީގައި ބަހައްޓާލާފައި ވިއެވެ.
“މަންމާ..” ޒާން އެތެރެއަށް ވަންނަމުން އެހެން ގޮވާލީ މަޑުމަޑުންނެވެ. އެވަގުތު މާރިޔާ އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. ކަރުނަތައް ހިންދާލަމުން އޭނާ ގަދަކަމުން ހިނިތުންވެވޭތޯ މަސައްކަތްކުރިއެވެ.
“މަންމަ ރޮނީތަ؟” ޒާން އޯގާތެރިކަމާއެކު އަހާލިއެވެ. މާރިޔާ ނޭފަތް ދަމާލަމުން ދެފަރާތައް ބޯ ހޫރާލިއެވެ.
“މަންމަ މި ކޮޓަރި ހުޅުވައިގެން ކީއްވެ؟” ޒާން އެ ކޮޓަރީގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. އެކޮޓަރީގައިވާ ކޮންމެ އެއްޗެއްވެސް ހިރަފުހުން ފުރިފައިވީއިރު މިވީ 7 އަހަރު ތެރޭގައި އެ ކޮޓަރިއަށް އިތުރު މީހަކު ނުވަންނަކަން ޒާންއަށް ޔަޤީންވިއެވެ.
“މަންމަ މިއުޅެނީ މި ކޮޓަރި ސާފުކޮށްލަންވެގެން.. ޒާއްކޮ ވެސް އަބަދު ޝަކުވާކުރަނީ އަނެއް ކޮޓަރީގައި ހުންނަ އެނދު ކުޑަކަމުން… ރޭގައިވެސް ބުނީ ކިހިނެއްހޯ ޒާއްކޮ ބޮޑުވީމަ މަންމައާއެކީ މި ކުޑަ އެނދުގައި ނިދާނީ؟ ހެހެހެ..” މާރިޔާ ބުނެލިއެވެ. ލަތީފް ގެއްލުނީ މީގެ 7 އަހަރު ކުރިންނެވެ. އޭރު މާރިޔާ އިނީ ޒާޔާއަށް ބަލިވެއެވެ. ކުޑަކުޑަ ޒާޔާއަށް ލަތީފް ފެނުމުގެ ނަސީބެއް ނުލިބެއެވެ. މާލެއަށް ލަތީފް ދަތުރުކުރި ބޯޓު ކަނޑުވެ އަޑިއަށް ދިޔައީއެވެ. އެ ދުވަހު ގެއްލުނު މީހުންގެ ލިސްޓުގައި ލަތީފްގެ ނަންވެސް ހިމެނުނެވެ. އޭނާ ގެއްލުނުތާ މިހާ ގިނަ ދުވަސްވެފައިވީއިރު އެންމެންވެސް މިހާރު އޭނާ މަރުވެފައިވާކަމަށް ނިންމައިފިއެވެ.
“އެހެންދޯ؟” ޒާން ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ލަތީފް ނިޔާވުމަށްފަހު އެއާއި ޖެހިގެން ހުރި ގުދަން ސާފުކޮށް، އެތަނަށް އެނދަކާއި އަލަމާރިއެއް މާރިޔާ ވެއްދިއެވެ. ލަތީފްގެ ހަނދާންތަކާ ދުރުވުމަށްޓަކައި ޒާޔާއާއެކު މާރިޔާ ދިރިއުޅެމުން ދިޔައީ އެތަނުގައެވެ. ޒާޔާވެސް މިހާރު ފުދޭވަރަކަށް ބޮޑުވެފައިވީހިނދު މާރިޔާއަށް އެތަނުގައި އުޅެން އުނދަގޫވާނެކަން ޒާން އަށް އެނގެއެވެ.
ޒާންގެ ނަޒަރު ހުއްޓުނީ ލަތީފްގެ އަލަމާރިން މާރިޔާ ނަގާފައިވާ ތަކެއްޗަށެވެ. އެތަނުންވެސް އޭނާގެ ލޮލުގައި އެންމެ އަޅައިގަތީ ބޭރު ރޯނުން ޑިޒައިންކޮށްފައިވާ ފޮތެކެވެ. މަޑުމަޑުން އޭނާ އެފޮތް ނެގިއެވެ. އޭރު މާރިޔާ އުޅުނީ ކޮޓަރިތެރެ ކުނިކެހުމުގައި އަވަދިނެތިއެވެ. އެހެންކަމުން އޭނާއަށް ޒާން އެ ފޮތް ނެގިކަމެއް ނޭނގެއެވެ.
“މަންމަ ހުންނާނެ ކާންހަދާފަ.. ކައިލައިގެން ދަރިފުޅު އަރާމުކޮށްލާ އިނގޭ..” މާރިޔާ އެ ހުރިގޮތަށް ހުރެ ބުނެލިއެވެ. ޒާން އާއެކޭ ބުނުމަށްފަހު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އެއްކަލަ ފޮތް އޭނާގެ އެނދުމައްޗަށް ލުމަށްފަހު އޭނާ ދިޔައީ ކާގެއަށެވެ. ކާން އިންއިރުވެސް ލަތީފްގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ.
ލަތީފް ގެއްލުނީ ޒާން ގުރޭޑު 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ. އެކަމާހުރެ އޭނާގެ ކިޔެވުމަށްވެސް ބުރޫއެރިއެވެ. އަދިވެސް ލަތީފް މަރުވެފައިވާކަން ޤަބޫލުކުރަން އޭނާއަށް އުނދަގުލެވެ. ކުޑައިރު ބައްޕަ އާއެކު މަސްބާނަންދާ ހަނދާން އިއްޔެ ވީ ކަމެއްހެން އެ ހިތުގައި ހަރުލާފައިވިއެވެ. އޭނާ އެންމެ ދެރަވަނީ ޒާޔާ ފެނުނީމައެވެ. ލަތީފްގެ ސޫރަވެސް ޒާޔާ ހަމަލޮލަށް ނުދެކެއެވެ. ޒާޔާއަށް ލަތީފް ފެނިފައިވަނީ ހަމައެކަނި ފޮޓޯ ތަކުންނެވެ. އެހެންކުދިން ބައްޕައާއެކު އުޅޭތަން ފެނުމުން އެ ކުޑަ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟
ކައިނިމިގެން ކޮޓަރިއަށް ވަތް އިރު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެނދުމަތީގައި ބާއްވާފައިވާ އޮތް ބައްޕަގެ ފޮތެވެ. އޭނާ ގޮސް އެނދުގައި އިށީންދެ ޓިޝޫއަކުން ހިރަފުސް އަރާފައިވާ އެ ފޮތުގެ ބޭރު ސާފުކޮށްލިއެވެ. އަދި ހަމަޖެހިގެން އެނދުގައި އޮށޯވެ އެ ފޮތުގެ އެތެރޭގައިވާ އެއްޗެއް ކިޔަން ފެށިއެވެ. އެއީ ލަތީފްގެ ލިޔުންކަން އޭނާއަށް ޔަޤީންވެއެވެ.
#~#~#
ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ދިރިއުޅެމުން އައީ މާލޭގައެވެ. މަންމައާއި ބައްޕަ އަދި ބައްޕަ ފަރާތު ކާފަ އާއެކު ތިން ކޮޓަރީގެ އެޕާޓްމެންޓެއްގައި އަހަރެމެން ދިރިއުޅެމުން އައީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ. މަންމައާއި ބައްޕަ އަކީ އައި.ޖީ.އެމް.އެޗް ގައި ވަޒީފާ އަދާކުރާ ދެމީހުން ކަމުން އެމީހުން ގިނަވަގުތު އުޅެނީ މަސައްކަތުގައެވެ. އެހެންކަމުން ގިނަ ފަހަރަށް ގޭގައި އަހަންނާ ކާފަ އެކަނިވެއެވެ.
އެންމެ ކުޑައިރުއްސުރެ ކާފަ އަހަންނަށް ކިޔައިދޭ ވާހަކައެއް އޮވެއެވެ. ނަމަވެސް އޭރުވެސް އަހަރެން އެވާހަކައެއް ޤަބޫލެއް ނުކުރަމެވެ. ކުޑައިރު އަހަރެން އެވާހަކައަށް ވަރަށް ބޮޑު ޝަޢުޤުވެރިކަމެއް ދިން ނަމަވެސް ބޮޑުވަމުން އައި ވަރަކަށް އެވާހަކަ ވަމުން ދިޔައީ “ފޫހި” ވާހަކައަކަށެވެ.
ކާފަގެ ވާހަކަ
އިބުރާހީމާއި ހައްވަ ދިރިއުޅުނު ރަށުގައި ވަރަށް މީހުން މަދެވެ. ރަށުގެ ބޮޑުބަޔަކީ ވަލެވެ. ސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށަކީ ވަރަށް ނާމާން ރަށެއް ކަމުގައި އެންމެންވެސް ޤަބޫލުކުރެއެވެ. ވުމާއެކު އިރުއޮއްސޭއިރަށް މީހުންތައް ގެތަކަށް ވަދެ ދޮރު ޖަހައެވެ. ރޭވުމަށްފަހު އެރަށުން ނާމާން ފާޑުގެ އެކި އަޑު އަޑު އިވޭކަމަށް ގިނަ މީހުން ބުނެ އުޅެއެވެ.
ދުވަހަކީ ޞަފަރު މަހުގެ 10 ވަނަ ދުވަހެވެ. އާދައިގެ މަތިން އިރުއޮއްސޭ ވަގުތު އިބުރާހީމާއި ހައްވަ ގެއަށް ވަދެ ދޮރު ތަޅުލިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އިން އިބުރާހީމު ކަމެއް ހަނދާންވާ ފަދައިން ކުއްލިއަކަށް ތެދުވިއެވެ.
“ހައްވާ! މިރެއަކީ ޞަފަރު މަހުގެ ދިހަވަނަ ރޭތަ؟” އިބުރާހީމު އެހެން އަހާލުމުން ހައްވަ ދެލޯ ބޮޑުކޮށްލިއެވެ. ޞަފަރު މަހުގެ 10 ވަނަ ރެއަކީ އެރަށް އެންމެ ބޮޑަށް ނާމާންވާ ރެއެވެ. އެރޭ ރަށުގެ އެންމެން ވަޅުގެ ދާނި ގެއަށް ވައްދައި ފޮރުވާނެއެވެ. ދާނި ވަޅުމަތީގައި ބާއްވައިފިނަމަ އެ ހަންޑިއަކު އެމީހަކާ އަވަލާނެ ކަމުގައި ރަށު މީހުން ޤަބޫލުކުރެއެވެ.
“އިބުރާހީމާ! ދަ..ދާނި އެތެރެއަށް ނުދައްދަން ދޯ؟” ހައްވަ ބިރުން ހުރެ އެހެން އަހާލުމުން އިބުރާހީމު ބޯ ޖަހާލިއެވެ. އޭނާ ގޭގެ ދޮރު ހުޅުވާލަން އުޅުމުން އެކަން ހުއްޓުވީ ހައްވައެވެ.
“ނޫން އިބުރާހީމް.. މިރޭ ބޭރަށް ދިއުން ބުއްދިވެރިއެއްނޫން.. ދެން ދާނި ނަގަން ދާނެކަމެއް ނެތް.. މިހާރު އެ ފުރޭތައަކު ރަށުތެރޭގައި އެނބުރޭނެ.. މިރޭ އަރާނީވެސް އެންމެ ނުރައްކާތެރި ފުރޭތަތައް… އެއީ ޞަފަރު އާއިލާގެ ފުރޭތަތައް..!” ހައްވަ އިބުރާހީމްގެ އަތުގައި ހިފައިގަންނަމުން ބުނެލިއެވެ. އެއަޑުގައިވަނީ ކަންބޮޑުވުމެވެ.
އެރޭ އެ ދެމަފިރިން ނިދަން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މާދަމާ ވާއިރަށް ކަންވާނީ ކިހިނެއްކަމެއް ނޭނގޭތީ ދެމީހުންގެ ހިތުގައިވެސް ބިރުވެރިކަން އުފެދިފައިވިއެވެ. ދެފަރާތައް ފުރޮޅިލަ ފުރޮޅިލަ އޮއްވާ އިސާހިތަކު އިރުއަރައިފިއެވެ. ހައްވައަކީ އެހެން ނޫނީ އަރާ އިރާއެކު ގޭދޮށް ކުނިކަހަން ނިކުންނަ މީހެކެވެ. ނަމަވެސް މިޔަދު ހައްވަ ގޭތެރޭގައި މަޑުކޮށްގެން ހުރީ ބިރުގަނެފައި ވީވަރުންނެވެ.
އިބުރާހީމް ގެއިން ނިކުމެގެން މަޑުމަޑުން ގިފިއްޔާ ދިމާއަށް ދިޔައެވެ. ގިފިލީގެ ދޮރު ހުޅުވައި އެތެރެއަށް ވަދެ އޭނާ ވަޅު ކައިރިއަށް ޖެހެލިއެވެ. އޭރު ވަޅުމަތީގައި ބާއްވާފައިވާ ދާނި އޮތީ ތަޅުންގަނޑު މަތީގައެވެ. ބިރުން ހުރެ އޭނާ އެދާނި ނަގައި ވަޅުމަތީގައި ބާއްވާލިއެވެ. އެހިތުގައި ހާސްކަން އޮތް ނަމަވެސް ހައްވަ އިތުރަށް ބިރުގަންފާނެތީ އޭނާ ބެލީ އެ ހާސްކަން ފޮރުވޭތޯއެވެ. އޭނާ ގިފިލިން ނިކުންނަން ހިނގައިގަތްތަނާ އެ ލޮލުގައި އަޅައިގަތީ ތަޅުންގަނޑު މަތީގައި ރަތްކުލައިން ވިދަވިދާ އޮތް އެއްޗެކެވެ. އޭނާ ގުދުވެލުމަށްފަހު އެ ނަގައި އަތަށް ލިއެވެ. އެއީ ރަތް އެސްތަކެއް ޖަހާފައިވާ ކެވެލިކޮޅެކެވެ. އޭގައި އާދަޔާ ޚިލާފަށް ވިދުން ގަދަކަން އޭނާއަށް ފާހަގަކުރެވުނެވެ. އޭނާ އެ ކެވެލިކޮޅު ގޭގައި ފޮރުވުމަށްފަހު ހައްވަ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
“ހައްވާ.. ނެތޭ ގިފިލީގަ އެއްކަމެއް ވެސް ވެފައެއް.. ރޭގައި އަހަރެމެންގޭ ބޭރުން އަޑުއަޑެއްވެސް ނީވެއެއްނު؟ އެހެންވީމަ އެ ފުރޭތަތައް މި ހިސާބަށް ނާންނަނީ ކަމަށް ވާނީ…” އިބުރާހީމް އެހެން ބުނެ ހައްވަ ހަމަޖައްސާލިއެވެ. އެ ދުވަސް ފާއިތުވެގެން ދިޔައީ ވަރަށް އަމާންއޮމާންކޮށެވެ. ކުރިއަށް އޮތް ތޫފާނުގެ ބޮޑުކަން އެމީހުންނަށް އިހުސާސެއް ނުވެއެވެ.
އެރޭގެ ވަގުތެވެ. އިބުރާހީމާއި ހައްވަ އެނދުގައި އޮތް އިރު އެދެމީހުންގެ ހިތުގައި ކުރިންވީ ބިރުވެރިކަން ވަނީ ފިލައި ގޮސްފައެވެ. އަރާމު ނިންޖަކުން ދެމީހުންނަށްވެސް އިރުކޮޅެއްފަހުން ނިދުނީއެވެ.
ކުއްލިއަކަށް ދެމީހުންނަށް ފުންމައިގެން ތެދުވެވުނީ ބޭރުން އިވެންފެށި އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. ހައްވަ ބިރުން އިބުރާހީމްގެ ގައިގައި އޮޅުލައިގަތެވެ. އިބުރާހީމުގެ މޫނުންވެސް އޭރު އޮށްދާ ހިއްލަން ފަށައިފިއެވެ.
“އި..އިބުރާހީމާ.. ކޮން އަޑެއް؟” ހައްވަ ބިރުން ހުރެ އަހާލިއެވެ. އިބުރާހީމު ދެފަރާތައް ބޯ ހޫރުވާލިއެވެ. އެހިނދު އެ އަޑުފަށްގަނޑު ކުރިއަށްވުރެ ބާރުވިއެވެ. ކުއްލިއަކަށް މީހަކު އެގޭ ދޮރުގައި ތަޅައިގަތެވެ. ހައްވަ އިހުނަށްވުރެވެސް ބާރަށް އިބުރާހީމު ގައިގައި ހިފައިގަތެވެ. ދޮރުގައި ތަޅާލެއް ބާރުކަމުން ހީވަނީ އެ ދޮރު ވައްޓާލަފާނެ ހެންނެވެ.
“އިބުރާހީމްމްމް…” ބޫން ގޮތަކަށް އިބުރާހީމަށް ގޮވާ އަޑު އިވެން ފެށުމުން އޭނާ ހިންދިރުވާލިއެވެ. ވާން މިއުޅެނީ ކީއްކަމެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. ދެން އިވުނީ އެގޭގެ ޓިނު ފުރާޅުގައި އެއްޗެހި ތަކެއް ޖެހޭ އަޑެވެ. އެ އަޑު ބާރުކަމުން ހައްވަ ދެކަންފަތުގައި އަތް އަޅާލިއެވެ.
“އިބުރާހީމާ އަހަރެމެންގެ ދުވަސް ދަނީ ކަންނޭނގެ..” ހައްވަ ރޮއިގަންނަމުން ބުނެލިއެވެ. އިރުކޮޅެއްފަހުން އެއަޑުތައް ކުއްލިއަކަށް ކެނޑިއްޖެއެވެ.
“އިބުރާހީމްމް.. ބޭރަށް ނިކުމޭ! ނޫނީ ކަލެއާ ކަލޭ އަންހެނުންގެ ދުވަސް ދުއްވާލާނަން!” ބަރުއަޑަކުން މީހަކު އެހެން ގޮވާލިއަޑު އިވުމުން އިބުރާހީމް ބިރުން ހުރެ ގޭގެ ދޮރު ހުޅުވާލިއެވެ. ހައްވަ ބާލީހުގައި ބައްދާލައިގެން ކިޔެވުނު ހެޔޮ އެއްޗެއް ކިޔާލަ ކިޔާލަ އިނެވެ. ބޭރަށް ނިކުމެ ދޮރު ލެއްޕުމަށްފަހު އިބުރާހީމް އެކިކޮޅުކޮޅު ހޯދައި ބަލާލިއެވެ. ވަށައިގެން ފެންނަން ހުރީ ކަނު އަނދިރިކަމެވެ.
އޭނާ ބޭރުގައި އެހެން ހުންނަތާ އިރުކޮޅެއްފަހުން އޭނާގެ ކުރިމަތިން ދުންތަކެއް ފާޅުވިއެވެ. އެ ދުންތައް އައިސް އޭނާގެ ނޭތަފަށް ވަންނަން ފެށުމުން އޭނާ ކެއްސައިގަތެވެ. ކެއްސަމުން އޭނާ ކުރިމަތި ބަލައިލިއިރު އެ ދުންތަކުގެ ތެރެއިން އަންހެނަކު ނިކުމެގެން އަންނާތީ ފެނެއެވެ. ހީވާގޮތުން އެއީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. ރަތްކުލައިގެ ބޯވަޅުއެޅި ލިބާހެއް ލައިގެން ހުރިއިރު އެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް ރީތިކޮށް ހާމަވެއެވެ. ހުދު ދޮންކަމެއް ލިބިފައިވާ އެ އަންހެންމީހާގެ ކަޅިރަވަވެސް އެހާމެ ރީއްޗެވެ. ފަރި ހިނގުމެއްގައި އައިސް އޭނާ އިބުރާހީމާ ދިމާއަށް ބަލައިލީ ހިތް ކަތިލާފަދަ ހިތްގައިމު ބެލުމަކުންނެވެ. ރަން ފައްޓަރުބައެއް ކަރުގައި އަޅާލާފައިވީއިރު ބޮލުމެދަށް ވާގޮތަށް ހުޅިއެއް ޖަހާފައި ހުއްޓެވެ.
އިބުރާހީމަށް އެހެން ދިމާއަކަށް ބަލާލާކަށްވެސް ނޭނގުނެވެ. ޖެހި ބުދެއްހެން އޭނާ އެ އަންހެން މީހާގެ މޫނަށް ބަލަން ހުއްޓެވެ. ހިތާހިތުން އެ އަންހެނާގެ ރީތިކަމަށް އޭނާއަށް ތަޢުރީފުކުރެވުނެވެ. ދުވަހަކުވެސް އެހާ ރީތި އަންހެނަކު އޭނާގެ ދެލޮލަށް ނުފެނެއެވެ.
“އިބުރާހީމް..” އެ އަންހެންމީހާ ގޮވާލި އަޑު އިބުރާހީމުގެ ކަންފަތަށް އިވުނީ މަޑު މިޔުޒިކެއްގެ ސިފައިގައެވެ. އެ އަންހެންމީހާ އައިސް އިބުރާހީމްގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އޭނާ ގައިން ދުވި ލުއި މީރުވަސް އިބުރާހީމްގެ ނޭފަތުގައި ޖެހުމުން އެ ހިތް އޮބި ނޯންނަވަރަށް ތެޅެން ފެށިއެވެ. އެއީ ޖިންނިއެއްކަން އޭނާއަށް ޔަޤީންވި ނަމަވެސް ދުރަށްޖެހިލާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ.
“ކަލޭގެ އަތުގައި ވެއްޖެ އަހަރެންގެ އެއްޗެއް.. އޭތި އަނބުރާ ލިބިދާނެތަ؟” އެ އަންހެންމީހާ އެހެން ބުނެލުމުން އިބުރާހީމްގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. އޭނާ އެ ދައްކަނީ ކޮން އެއްޗެއްގެ ވާހަކަކަމެއް އިބުރާހީމަކަށް ނޭނގުނެވެ.
“ނޭނގުނުދޯ؟ އަހަރެންގެ ކެވެލިކޮޅުވީ އިބުރާހީމް އަތުގައެއް ނޫންތަ؟” އަންހެންމީހާ އެހެން ބުނުމުން އިބުރާހީމަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަގޮތަކަށް ގެއަށްވަދެ އެނބުރި އޭނާ އައީ އެ ކެވެލިކޮޅު ހިފައިގެންނެވެ. އެ އަންހެންމީހާ އިބުރާހީމަށް އޭނާގެ އަތް ދިއްކޮށްލިއެވެ. އެ ކެވެލިކޮޅު އެ އަތުގައި އަޅުވައިދޭށޭ ބުނާ ފަދައިންނެވެ. އިބުރާހީމް އެއްޗެކޭ ނުބުނެ ކެވެލިކޮޅު އޭނާގެ އަތުގައި އަޅުވާލިއެވެ.
“އަހަންނަށް ކިޔަނީ ޚަދީޖާ..” އެ އަންހެންމީހާ ބުނެލިއެވެ. އަދި ހިތްކަލިތާ ފަދަ ހިނިތުންވުމެއް އިބުރާހީމަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު އޭނާ އިބުރާހީމަށް ފުރަގަސްދީފައި ދާން ހިނގައިގަތެވެ. ނަމަވެސް އިބުރާހީމްކޮށްލި ކަމަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







Hii guys.. So here’s the second part.. If you liked it, plz leave a comment ingey ..
🙂
Loves <3
Liaaa amazing mifaharuves ? waiting ⏱?⏱?
Thankyw maroon.. ?
Vvv nice when is next
Thankyw shaima ☺
Wow liaa
….obiness to the max.?dhen konirakun aneh part genesdheynee?
Thankss yaanaa… veehaaves avahah genasdheynan ☺
Vvv reethi. Waiting for the third part. Avahah up kohlachey
Thankyw lovegirl ☺
Nice story
Thankss gurey ☺
Wow. Nice❤ when is next part?
Thankss Jjey ☺
Wow nice
Thanks
Masha allah v rythi v furihama obiness to the max??????❤❤❤ waiting nxt prt thanks 4 the luvly stry.???
Thankss khajja ?
Mamma! Safarukaiydha dw e eree…?? … varah reethi mi part ..
Waiting for next part ?❣
Hehe…Adha.. thankss… ??
V furihama
Thanks adam
Very nice ingey liaa….. When next part…… Waitn…… 🙂
Thanks Rishy Rishie?
i was born on safar month…. thid isvreally interesting ,,keep going,.,.,… mi vaahaka xauah vv special ngey . n knme dhuvahaku upkohdhehchey….luv ya n gud nyt,,
Ehentha? ? thankyw
v reethi ingey vaahaka dhaa goiyy …keep going?
Shukuriyyaa xim ?
Mibaives varah interesting☺☺?❤
very interesting