ނޭނގުމެއްގެތެރޭގައި..(3)
މުޅި ދުވަސް މަޖަލުގައި ހޭދަކުރުމަށްފަހު އައްޗޫ އާއިއެކު އަހަރެން ގެއަށް ދާން ނިކުތީ އެކެއްވެސް ޖެހިފަހުންނެވެ..
…….
އަހަރެން ގެއަށްލާފައި އައްޗޫ ދިޔައީއެވެ. އަހަރެން ގެއަށް ވައިން އިރު މީހާ ހުރީ މުޅިއަކުން ހަމައަކު ނޫނެވެ. ވާނުވާއެއްވެސް އަހަންނަކަށް ނޭނގެއެވެ. ކުރިން ވެދިޔަ ކަމެއްވެސް އެވަގުތަކު އަހަރެން ހަދާނެއް ނެތެވެ. ކޮޓަރިއަށް ވަދެވުނުކަން އެނގެއެވެ. ދެންވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ހޭނެތުނީ ކަމެއް ނުވަތަ ނިދުނީ ކަމެއްވެސް ނޭނގެއެވެ.
އަހަންނަށް ހޭލެވުނީ ގަޑި އެލާރމްވި އަޑަށެވެ. އޭރު ގަޑިން އަށެއް ޖެހީއެވެ. ހޭލާފައި ފުރަތަމަވެސް އަހަންނަށް ބަލައިލެވުނީ ސީމާ ކޮބައިތޯއެވެ. އޭރު އަހަރެންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. ސީމާގެ ޚަބަރެއް ނުވުމުން އަހަރެން ގަސްދުކުރީ ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާ ވެލާށެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެދުގައި ހަމަޖެހިލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މުސައްލަމަތީގައި ނަމާދު ދޮޅިއާއެކު ލެއާ ތަތްތެޅިފައި އޮތް ސީމާއެވެ. އަހަންނަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ.
އެއާއެކު ހުރިހާކަމެއް އަހަރެންގެ ލޯކުރިމަތީގައި އެނބުރެން ފެށިއެވެ. އަހަރެން ޖަލަށް ދާން ޖެހުނު ގޮތެވެ. ޖަލުން ސަލާމަތް ވެގެންއައިފަހުން ކަންތައްވީ ގޮތެވެ. އެންމެ ފަހުގެ ހަނދާނަކަށް އަހަރެންގެ ހުރީ ގެއަށް އައިސް ވަތް ހަދާނެވެ.
އަހަންނަށް ހޭވެރިކަންވީ މަންމަގެ ރުއިމުގެ އަޑަށެވެ. އޭރު ސީމާ ގައިގާ ބައްދަބައްދާފައި މަންމަ ރޮމުން ގެންދިޔައެވެ. ޖެހި ބުދެއްހެން އަހަންނަށް ހުރެވުނީއެވެ. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަހަރެންގެ ވަށައިގެން މުޅި ދުނިޔެ އެނބުރޭހެން ހީވިއެވެ. ކައިރިވާންވެސް ނޭނގިފައި ހުއްޓާ އަހަރެން ކަންފަތުގައި ޖެހުނީ އައިނީގެ ރުއިމުގެ އަޑެވެ. މީގެ ކުރިންވެސް ކިތަންމެ ފަހަރަކު އަހަރެން އެ އަޑު އަހައިފީމެވެ. އަހަންނަށް އެއަޑު އިވޭ ކޮންމެފަހަރަކު ރުޅި އާދެވެއެވެ. ބޮލަށް އުދަގޫވެއެވެ. އެކަމަކު މިފަހަރު ކުރެވުނީ އެހެންކަހަލަ އިހުސާސެކެވެ. ހީވީ މަޑު މިއުޒިކެއްގެ އަޑުހެންނެވެ. އަހަރެން ގޮސް އައިނީ އުރާލީމެވެ. އަހަރެން ފެނުމާއެކު އައިނީ ރުއިން ހުއްޓާލިއެވެ. ނުދަންނަ މީހަކަށް ބަލާހެން އައިނީ އަހަންނަށް ބަލަހައްޓައިގެން އޮތެވެ. އަހަރެންނަށް އެ މޫނުން ފެނުނީ ކުރިން ފެނިފައި ނުވާފަދަ އަލިކަމެކެވެ. އަހަރެން މަޑުމަޑުން އެ މޫނަށް ބޮސްދިނީމެވެ.
ރޯން އިން މަންމަ މަތިން ހަނދާންވީ އިރުކޮޅަކުންނެވެ. އަވަސް އަވަހަށް އެމްބިއުލާންސް އަށް ގުޅާލީމެވެ. އަދި މަންމަ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރީމެވެ. ދިހަ ވަރަކަށް މިނެޓުތެރޭ އެމްބިއުލާންސް އައެވެ. ނަމަވެސް އޭރު ވަގުތު ފައިތުވެއްޖެއެވެ. އޭރު ސީމާ ވަނީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އެ ޚަބަރާއިއެކު މަންމަ ހޭނެތިގެން ވެއްޓުނީއެވެ. ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވެ މަންމަވެސް އަބަދުގެ އަބަދަށް އަހަރެންގެ ލޯމަތިން ގެއްލިދިޔައީއެވެ. ހޮސްޕިޓަލުން އަންގައިގެން އައި ފުލުހުންގެ ޓީމެއް ގޭތެރޭގައި ހަރަކާތްތެރިވާން ފެށިއެވެ.
އެ ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭ މީހަކީ އަހަރެން ކަމުގައި ފުރަތަމަ ފަހަރަށް ގަބޫލުކުރެވުނެވެ. ސީމާއާއި މަންމަގެ ޖަނާޒާގެ ކަންތައްތައް ނިމުމާއިއެކު ސުވާލުކުރުމަށް އަހަރެން ގެންދެވުނީ ފުލުސް އޮފީހަށެވެ. އޭރު ސީމާގެ އަނިޔާވެރި މަރުގެ ޚަބަރުން މުޅި މާލެ ސިއްސުވާލައިފިއެވެ. އެއްމެންވެސް އިނގިލި ދިއްކުރީ އަހަންނަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ.
“ޑޫޑު! ކިހިނެއް ތިހެދީ؟؟ މަ ހިޔެއްނުކުރަން ކަލޭ ތިހާ ކަޑަ ކަމެއް ކުރާނެ ކަމަކަށް!!” ފުލުސް އޮފީހުން ނިކުތް ވަގުތު އައްޗޫ އަހަންނަށް ބަލާލަމުން ބުންޏެވެ. އަހަންނަށް ރައްދުގައި ބުނާނެ އެއްޗެއް ނެނގުނެވެ. ބުނާނީވެސް ވަކި ކީކޭހެއްޔެވެ. ޙުދު އަހަންނަށްވެސް ވީ ގޮތެއް ނޭނގެއެވެ. އެރޭ ހިނގާދިޔަ އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކު ނެތެވެ. އަހަންނަށްވެސް ކުއްވެރިކުރެވުނީ އަމިއްލަ ނަފްސެވެ.
ފުލުހުންގެ ތަހުގީގުން އެއްވެސް މީހަކު ގެއަށް ވަދެފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ނުވިތާކަށް ސީމާ މަރަން ބޭނުންކުރި ވަޅިވެސް އޮތެވެ. އެއީ އެހެންމީހެއްގެ އެއްޗެއް ނޫނެވެ. އެ ވަޅިއަކީވެސް ގޭގައި ގެންގުޅޭ ވަޅިއެކެވެ. އެރޭ ގޭގައި އުޅުނީ މަންމަ އެކަންޏެވެ. އަހަންނަށް އެނގިގެން އިތުރު މީހަކު ގެއަކު ނޫޅޭނެއެވެ. އެހެންކަމުން ފުލުހުންވެސް ޝައްކުކުރީ ގޭމީހަކު ކުރި ކަމެއް ކަމަށެވެ. ހުރިހާ ހެއްކެއްވެސް ހުރީ އަހަންނަށް ޝައްކު ކުރެވޭގޮތަށެވެ. އަހަރެން ސީމާއަށް އަނިޔާކުރިކަން އެމީހުންނަށް އޮތީ މާކުރިން އެނގިފައެވެ. އަނެއްކޮޅުން އެރޭ އެއީ އަހަރެން ޖަލުން ނިކުތް ރެއަށްވެފައި މަސްތުވާތަކެއްޗަށް އަހަރެން ޕޮޒިޓިވް ވެފައިވުމުން ސީމާ މަރާލީ އަހަރެންކަމަށް ޝައްކުކުރާނޭ އިތުރު ސަބަބަކަށް އެކަން ވިއެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭވަރުގެ ހެތްކެއް އެމީހުންނަކަށް ނުލިބުނެވެ.
އަހަންނަށް އަމިއްލަ ނަފްސު ކިތައްމެ ވަރަކަށް ކުއްވެރި ކުރެވުނަސް އެވަރު ކަމެއް ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ އަހަރެން އެކަމާއި ފާޅުގައި ދެކޮޅު ހެދީމެވެ. ތެދެކެވެ. އަހަރެން ހުރީ ސީމާ ކުރިކަންތަކުގެ ބަދަލު ހިފަން ނިންމައިގެންނެވެ. ނަމަވެސް އަހަރެން އެކަން ކުރަން ހިތުލި ގޮތަކީ އެއީ އެއް ނޫނެވެ. އަހަރެން ވިސްނައިގެން ހުރީ ސީމާ ވަރިކުރުމަށެވެ. އެއީ އަހަންނަށް ވިސްނުނު ގޮތުގައި ސީމާ އަށް ދެވޭނޭ އެންމެ ބޮޑު އަދަބަކީ އެއީ ކަމަށްވާތީއެވެ.
ސީމާގެ އާއިލާއިން އައިނީ ގެންދިޔައެވެ. އެ ދަރިފުޅު ދުވަހަކުވެސް އަހަރެންފަދަ ރަހުމްކުޑަ މީހެއްގެ އަތްމައްޗަށް ދޫކޮއްލަން ނޭދޭތީއެވެ. އަހަރެން އައިނީ ބަހައްޓަން ބޭނުންވިއެވެ. މިވީހާ ދުވަހު އުނިވި ބައްޕައެއްގެ ލޯބި ދޭން ބޭނުންވިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އަހަންނަށް ޖެހުނީ އެމީހުންނާއި އައިނީ ހަވާލުކުރާށެވެ. ކޮންމެވެސް ދުވަހަކުން އަހަރެން އައިނީ ބަލާ ދާނަންކަމަށް ވައުދުވަމުންނެވެ. އަހަންނަށް ގެއްލި ދިޔަތަން އަނބުރައެއް ނުގެނެވޭނެއެވެ. ނުވަތަ އިސްލާހެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި ހެޔޮލަފާ މީހަކަށް ވުމަށް އަހަރެން އަޒުމް ކަޑައެޅީމެވެ. ސީމާގެ މާފް އަހަންނަށް ނުލިބޭނެކަން ކަށަވަރެވެ. ދެން މާފަށް އެދެވޭނޭ ގޮތެއްވެސް ނެތެވެ. ނަމަވެސް އަހަންނަށް އަހަރެންގެ ދަރިފުޅު ނަފްރަތު ކުރާތަން ބަލާކަށް ކެތެއް ނުވާނެއެވެ. އަހަރެން އެހެން ވިޔަކަ ނުވެސް ދޭނަމެވެ.
އެކަށީގެންވާ ވަރަށް ހެކި ނުލިބުމާއި ގުޅިގެން ތިން މަސްދުވަހުގެ ގޭ ބަންދަށް އަހަރެން ދޫކޮއްލެވުނެވެ. އެދުވަސް ތަކުގައި އަހަރެން ތައުބާވެ އަމިއްލަ ނަފްސު އިސްލާހުކުރީމެވެ. އަހަރެންގެ ވިޔާނުދާ އެކުވެރިންނާއި އޮތް ގުޅުން އެއްކޮށް ކަޑާލީމެވެ. މަސްތުވާތަކެއްޗަށް ދެވި ހިފާފައިވުމުން އެކަމުން މިންޖުވުންވީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ނަމަވެސް އަހަރެންގެ ކުރީގެ އުފާވެރި ދިރިއުޅުން ހަދާނަށް އަންނަ ކޮންމެފަހަރަކު އެކަމުން ދުރުހެލިވާނެ އިތުރު ހިތްވަރެއް ލިބެއެވެ. އެތައް ދުވަހެއްގެ މިންނެތް މަސައްކަތާއިއެކު އަހަރެންގެ ހިތުގެ މައްޗަށް ސިކުޑި އަތްގަދަކުރެވުނެވެ. އެއާއިއެކު އަހަރެންގެ ނުބައި އާދަތަކުން އަރައިގަނެވުނެވެ. އަހަރެން އައިނީ ގެނައީ އެއަށް ފަހުގައެވެ.
ސީމާގެ މަރުގެ ހަގީގަތް ނޭނގޭހާ ދުވަހަކު ސީމާގެ އާއިލާއިން އަހަންނަށް ނަފްރަތު ކުރާނެކަން އިނގެއެވެ. އަހަރެންވެސް އެކަން ހޯދަން ބޭނުމެވެ. ނަމަވެސް މިވަގުތު އަހަރެން ކުރަންޖެހޭ އެއަށްވުރެ މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ރަނގަޅު ގޮތުގައި އައިނީ ބަލާ ބޮޑުކުރުމެވެ. ބައްޕައެއްގެ އިތުރުން މަންމަގެވެސް ލޯބި އުނި ނުވާނޭ ހެންނެވެ. އޭރުން ފަހަރެއްގައި ސީމާ އަހަންނަށް މާފު ކޮއްފާނެއެވެ.
………
އައިނީ ބޮޑުވަމުން އައީ ކިޔަމަންތެރި ބަސްއަހާ ދަރިއެއްގެ ގޮތުގައެވެ. އަހަރެމެންގެ ލޯބީގެ ދިރިހުރި މިސާލެއްގެ ގޮތުގައެވެ. ސީމާގެ މަރުގެ ހަގީގަތް އައިނީއަށް ސިއްރުކުރަން އަހަންނަށް މަޖުބޫރުވީ އެކަމުން އައިނީ އަށް ވެދާނެގޮތަކަށް ވިސްނާފައެވެ.
ސީމާގެ މަރުގެ ތަހުގީގަށް އެއްވެސް އަލިމަގެއް ނުފެނި ގިނަ ދުވަސްތަކެއް ވުމާއިއެކު، އެހެން މައްސަލަ ތަކެކޭވެސް އެއްގޮތަށް އެމައްސަލަވެސް އޮބިގެން ދިޔައީއެވެ.
އައިނީއާއިއެކު އަހަރެން ހޭދަކުރަމުންދިޔައީ ވަރަށް ހިތްގައިމު ދުވަސް ތަކެކެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ވާހަކައެއް އައިނީއަށް ކިޔައިދޭން ގަސްދުކޮއްގެންނެވެ. ނަމަވެސް ތަގުދީރުގެ ރޭވުން ކިތަންމެހާވެސް މޮޅެވެ. އަހަރެންގެ ކުށުގެ ހިތިރަހަ އަހަރެންގެ ކަރުބުޑުގައިލީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަހަންނާއިހެދި ކިތަންމެ ބަޔަކަށް އަނިޔާ ލިބުނެވެ. އަހަންނަށް ލިބެމުން މިދަނީ ހައްގު ސަޒާއެވެ.
އަހަންނަށް ޖެހިފައިވަނީ ފުއްޕާމޭގެ ކެންސަރުކަން އެނގުނުއިރު އެއަށް ދެވޭނޭ އިތުރު ފަރުވާއެއް ނެތެވެ. އަހަރެން ގުނަމުންމިދަނީ އަހަރެންގެ ހަޔާތުގެ ފަހުދުވަސްތަކެވެ. ޑޮކްޓަރުން ލަފާ ކުރާ ގޮތުން އަހަރެން ދުނިޔޭގައި ހުންނާނީ ގިނަވެގެން ތިންމަސްދުވަހުއެވެ. ނަމަވެސް މާދަންވަންދެންވެސް ދުނުޔޭގައި ހުރެވޭނެކަމުގެ ޔަގީންކަމެއް އަހަންނަކަށް ނެތެވެ. އަހަރެން މަރުވެދިއުމަށްފަހު އައިނީއަށް އެއްވެސް ކަމެއް ސިއްރުވެފައި އޮންނާކަށް އަހަރެން ނޭދެމެވެ..
……..
ޑައިރީ ކިޔާ ނިމުނުއިރު އައިނީގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައެވެ. އެ ހިތް ވަނީ ޝަކުވާއިން ފުރިފައެވެ. އެހާބޮޑު އޮޅުވާލުމެއްގެ ތެރޭގައި މިއޮންހާދުވަހު ހުރެވުނީތީއެވެ. ރޮމުންރޮމުން އައިނީ އެދު މައްޗަށް ވެއްޓިގަތެވެ. ޑައިރީ ނަގާ އެއްލާލަމުންނެވެ. ބައްޕައަށް ނަފްރަތު ކުރާ ހާލުގައެވެ. އައިނީއަށްވެސް ގަބޫލުކުރެވުނީ މަންމަ ނެތިދިޔައީ ބައްޕަގެ އެ ވިޔަނުދާ އަމަލުތަކުގެ ޝިކާރައަކަށް ވެގެންކަމެވެ. ކޮންމެ މީހަކު ނަމަވެސް ވިސްނޭނީ އެގޮތަށެވެ. ރޮއެ ރޮއެ ވަރުބަލިވީ ކަމެއް ނޭނގެއެވެ. އެހެން އޮވެއޮވެ އައިނީއަށް ނިދުނީއެވެ.
ފަތިސް ނަމާދުކޮށް ނިމިގެން ތެދުވިތަނާހެން އައިނީ ލޮލުގައި އަޅައިގަތީ ބައްޕަގެ ޑައިރީއެވެ. ޑައިރީ އޮތީ ރޭގައި އެއްލާލިގޮތަށް ކޮޓަރީގެ ކަނަކަށް ވާގޮތަށް ހުޅުވިފައެވެ. އައިނީ މުސައްލަ އޮޅާލުމަށްފަހު ގޮސް ޑައިރީ ނަގަން ގުދުވެލިތަނާހެން ލޮލުގައި އަޅައިގަތީ އެންމެ ފަހު ސޮފްހާ ގައި ލިޔެފައި އޮތް އިބާރާތްކޮޅެވެ………
ނުނިމޭ!
17 Comments
Comments are closed.