Skip to content
އެސްފިޔަ

ކޮޅިގަނޑު

ދިހަބުރިއަށް ނަގާފައިވާ އުސްއިމާރާތުގެ ޓެރެސްމަތީގައި ހުރިއިރު އަކްޔަންގެ ނަޒަރުހުއްޓިފައިވަނީ ހުޅަނގުފަރާތުގެ އުދަރެހަށެވެ. އޮއްސެމުންދިޔަ، އިރުގެ ރަންދޯދިތަކުގެ ސަބަބުން ރަތާއި، އޮރެންޖް އަދި ރީދުލުގެ ހިތްގައިމުކުލަތަކުން އުދަރެސް ފެވެމުންދިޔައެވެ. ދުރުދުރުން އުދުހެމުންދާ ދޫނިތަކުގެ ހަރަކާތްތަކުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އެހިތްގައިމު މަންޒަރަށް ހިތްދޫކޮށްލައިގެން ހުރިނަމަވެސް އަކްޔަންގެ ސިކުނޑީގައި ދައުރުވަމުންދަނީ މުޅީން އެހެން މަންޒަރެކެވެ. އެއީ މީގެ އަހަރެއްހައި ދުވަސްކުރީގެ ހަނދާންތަކެކެވެ.

****

އެއީ އެއަހަރުގެ ބޮޑުއީދެވެ. އީދު ފާހަގަކުރަން އަކްޔަން ދިޔައީ އޭނަގެ ވަރަށްގާތް ރަހުމަތްތެރިއެއް ކަމަށްވާ އާމިރުގެ ރަށް ހ.ދ ނޮޅިވަރަށް ފަރަށެވެ. އެރަށަކީ އީދުކުޅިވަރުތައް ވަރަށް ފޯރިއާއެކު ކުރިޔަށްދާ ރަށެކެވެ.

ބޮޑުއީދު ދުވަހުގެ ހެނދުނު ހެނދުނާ ރަހުމަތްތެރިޔާ އޭނާއަށް އީދުނަމާދަށްދާން ގޮވިއެވެ. ނަމަވެސް އޭނާ ބޮލުގައި ރިއްސަނީކަމުގައި ބުނެ ބަހަނާއެއް ދައްކަމުން އަނެއްކާވެސް ނިދީއެވެ. ނަމާދުން އައިސް އާމިރު ގޮވުމުން އަކްޔަން ތެދުވެ ފެންވެރިއެވެ. އީދުނަމާދަށްފަހު، އެކި ގޭގެގައި ކެއުމާއި ބުއިން ވަރަށް ފޯރިއާއެކު ކުރިޔަށް ދިޔައެވެ. އަކްޔަންވެސް އާމިރުއާއެކުގައި ބައެއް ގޭގެއަށް ކާންދިޔައެވެ. އެދުވަުގެ ހަވީރުން ފެށިގެން އީދުކުޅީވަރުތައް ކުރިޔަށް ދިޔައެވެ. އަންހެނުންނާއި ފިރިހެނުންގެ ދަފިނެގުމެވެ. ރޭގަނޑު އޮތީ އީދު ޝޯއެވެ. ސްޓޭޖްމަތީގެ ތަފާތު ހަރަކާތްތަކެވެ.

ޖެހިގެން އައި ދުވަހުވެސް، ހަވީރުން ފެށިގެން އީދުގެ ތަފާތު ކުޅިވަރުތައް ކުޅެވެމުން ދިޔައެވެ. ރޭގަނޑުގެ ކެއުމަށްފަހު ހުރިހާ އެންމެންވެސް ސްޓޭޖާއި ދިމާއަށް މިސްރާބުޖެހީ މިރޭގެ ޝޯބަލާލުމަށެވެ. މިރޭވެސް ތަފާތު އެތަކެއް ޖިންސުއްލަތީފުންނެއްގެ ހަރަކާތްތައް ސްޓޭޖްމަތިން ފެނިގެން ދިޔައެވެ. އަންހެނުންނާއި ފިރިހެނުންގެ ބަނޑިޔާޖެހުމާއި ދަނޑިޖެހުމެވެ. އިނގިރޭސި ރޮކް ލަވަތަކާއި ހިންދީ ލަވަތަކަށް ފައިހަމަކުރުމެވެ. މައިކަލް ޖެކްޝަންގެ އިނގިރޭސި ލަވައަކަށް އަކްޔަންވެސް ތައްޔާރުވިއެވެ. ކުޑައިރުއްސުރެ އޭނާއަކީ ލަވަކިޔުމާއި ނެށުމަށް ނުހަނު ފޯރިހުންނަ ކުއްޖެކެވެ. ނަމަވެސް ބައްޕަގެ ސަބަބުން ފާޅުގައި އޭނާއަށް އެކަން ކުރަން ނުކެރެނީއެވެ. އެހެންކަމުން މިރޭ އޭނާއަށް އޭނާގެ ހުނަރުދައްކާލާނެ ފުރިހަމަ މިނިވަންކަން ލިބިއްޖެއެވެ. ވަރަށް ރަނގަޅަށް ހެދުން އަޅާލައިގެން އޭނާ ސްޓޭޖަށް އެރިއެވެ. ލަވަފެށުމާއެކު މައިކަލް ޖެކްޝަން ފަދައިން ހަށިގަނޑުގެ އެކިގުނަވަނަށް އެކިބަނޑިތައް ލައްވަށް ފެށިއެވެ. އެއާއެކު ބަލަންތިބި މީހުންގެ އަޑު މުޅިތާނގައި ގުގުމައިގެން ދިޔައެވެ. އޭނާގެ ނެށުމުގެ ހުނަރުން ހަޤީޤަތުގައިވެސް އެތައްބަޔަކު އާޝޯޚުކޮށްލިއެވެ. އަންހެން ކުދީންތައް ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އެރޭގެ ޝޯގައި އަކްޔަން ހިތްފުރޭވަރަށް ނަށާމަޖާކޮށް ހެދިއެވެ.

އޭގެފަހުން ޖެހިގެން އައި ކޮންމެ ރެއެއްގައި އަކްޔަންގެ ކޮންމެވެސް އައިޓަމެއް ޝޯގައި ފެނިގެންދެއެވެ.

އީދުކުޅިވަރުނިމި، އީދަށް ރަށަށް އައި މީހުންތައް މަޑުމަޑުން ފުރައިގެން ދާންފަށައިފިއެވެ. އާމިރުއާއި އަކްޔަންވެސް ދަތުރަށް ތައްޔާރުވެއްޖެއެވެ. މޫސުން ގޯސްވެ ވިއްސާރަވާ ވައްތަރުވެފައި އޮތްނަމަވެސް ބޯޓްއޮތީ ފުރާގޮތަށެވެ. އެހެންކަމުން އެމީހުންވެސް ލޯންޗްގައި ކުޅުދުއްފުއްޓަށް ދިއުމަށްޓަކައި އަތިރިމައްޗަށް ނުކުތެވެ.

” ކީއްވެ ތިމަޑުކުރަނީ؟…” އާމިރު ލޯންޗަށް ނާރާ އެއްގަމާދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރުމުން އަކްޔަން އަހާލިއެވެ.

” މިމަޑުކުރަނީ މުދިންބޭ އަންނަންދެން…..ރޭގެ މުދިންބޭބުނީ މިއަދު އަހަރެމެންދާއިރު އެމީހުންވެސް ގެންގޮސްދިނުމަށް…އެހެންވެ މިމަޑުކުރަނީ…” އާމިރު އޮޅުން ފިލުވައިދިނެވެ. އިންތިޒާރުގައި ތިބޭތާ އިރުކޮޅެއްފަހުން ފޮއްޓެއް ހިފައިގެން އަންނަ މުސްކުޅި ފިރިހެނަކާއި އެމީހާ އެކުގައިހެން އަންހެނަކު އަންނަތަން ފެނުނެވެ. އެއަންހެންމީހާ ލާފައިހުރި ކަޅުބޮޑުހެދުމުގެ ސަބަބުން، އަކްޔަންއަށް ސިފަވީ ހިނގާފައި އައި ފޮތިފޭއްޔެއްގެ ސިފާގައެވެ. އެވަގުތު އަކްޔަންގެ ގާތަށް ހިނިވެސް އައެވެ. މިރަށުންވެސް ކަޅުހެދުންލާ އަންހެނުން އޭނާ ދެކެފިއެވެ. ނަމަވެސް އެވަރަށް ފޮތި އޮޅާ ނިވާވެގެން ހުރި ކުއްޖަކު އޭނާ ނުދެކެއެވެ. އެދެމީހުން އައިސް ލޯންޗަށް އެރުމާއެކީ ލޯންޗް ދުއްވާލިއެވެ.

އެއަންހެން ކުއްޖާ ލޯންޗަށް އެރީއްސުރެ އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާނުލައެވެ. ސީދާ އަކްޔަންގެ ކުރިމަތީގައި އިންއިރުވެސް އެންމެ ފަހަރަކުވެސް އެކުއްޖާއާ ހަތަރުކަޅި ހަމަވާ ގޮތެއް ނުވިއެވެ. އަކްޔަން ރަނގަޅަށް އެކުއްޖާގެ މޫނަށް ބަލާލިއެވެ. އެއީ މީގެކުރިން އޭނާއަށް ފެނިފައިވާ ކުއްޖެއް ނޫނެވެ. ހަމަ އެންމެ ފަހަރަކުވެސް އެކުއްޖާ ފެނުނު ހަނދާނެއް އޭނާ ނުވެއެވެ. ޔާނާ އިސްޖަހައިގެން އިންއިރުވެސް، ކުރިމަތީގައި ނުދަންނަ ފިރިހެނަކު އިނުމުން އުނދަގޫވަމުން ދިޔައެވެ. އެމީހާ އޭނާއަށް ބަލާހެން ހީވާތީ އޭނާއިނީ އިސްދަށަޖަހައިގެންނެވެ. އޭނާއަށް މޫނު ބުރުގާ އެޅިފައި ހުރިނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ހިތްނުތަނަވަސްކަންމަތީ އިންދައި ދަތުރު ނިމިގެން ހިނގައްޖެއެވެ. ފުރަން ތައްޔާރުވެފައިވާ ބޯޓު ކައިރިއަށް ލޯންޗް ކައިރިކޮށްލުމަށް އެންމެންވެސް ބޯޓަށް އަރަން އަވަސްވެގަތެވެ. އަކްޔަން ބޯޑަށް އެރުމަށްފަހު ޔާނާއަށް އަތްދިއްކޮށްލީ އޭނާގެ އަތުގައި ހިފާނެ ކަމުގެ ވަރަށްބޮޑު އުއްމީދުގައެވެ. ނަމަވެސް އާނާ އެރީ އޭނާގެ ބައްޕަގެ އެހީތެރިމަކުގައެވެ. އަކްޔަން ބުމަ އަރުވާލަމުން އަނގައަށް ގޮތެއް ހަދާލިއެވެ. މިއީ އަދި ވަރަށް ފޮނި އަންހެން ކުއްޖެކޭ އޭނާގެ ހިތަށްއެރިއެވެ.

ބޯޓް ފުރާގަޑި ޖެހުމުން އެމީހަކަށް ޚާއްސަކުރެވިފައިވާ ތަނުގައި އިށީނދެ ހަމަޖެހިލިއެވެ. އިއްތިފާޤުން އަކްޔަންއަށް އިނދެވުނީ ޔާނާއާ ދިމާކުރިމަތީގައެވެ. ޔާނާ އޭނާގެ ތަންމަތީގައި އޮށޯވެ ރަޖާއަޅާލިއެވެ. އޭނާއަށް ކަނޑުދަތުރު ކުރުމަކީ ވަރަށްވެސް އުނދަގޫކަމެކެވެ. ހޮޑުލާލައި މުޅިމީހާ ބަލިވާވަރުވެއެވެ. އެހެންކަމުން އޭނާ ބޯޓަށް އަރާގޮތަށް ބޭސްކައިގެން އަވަހަށް އޮށޯވެއެވެ. މިދަތުރަކީ އޭނާ މިގޮތަށް ކުރާނެ އެންމެ ފަހު ދަތުރުކަމަށްވެސް ވެދާނެއެވެ. އޭނާ މިދަތުރު މާލެ އެދަނީ، އޭނާގެ ޙަޔާތުގެ ވަރަށްބޮޑު ނިންމުމެއް ނިންމާށެވެ. އާއެކެވެ. އޭނާ އެދަނީ ކައިވެނި ކުރާށެވެ. އޭނާގެ އަބަދުވެސް ބޭނުންވީ ފަދަ ދީންވެރި ޚުލްޤުހެޔޮ މީހަކާ ކައިވެނި ކުރާށެވެ. އެއީ އޭނާގެ ބައްޕަގެ ޒަމާންވީ ރަހުމަތްތެރިއެއްގެ ހުރި އެންމެ ހަގު ފިރިހެން ދަރިފުޅެނެވެ. ނަމަކީ ޔޫސުފެވެ. ކިޔެވީ މަދީނާއިންނެވެ. ބުރަ މަސައްކަތަކާއި ނުލައި ރަނގަޅު ހަޔާތުގެ ބައިވެރިޔަކު ލިބޭތީ އޭނާހުރީ އުފަލުންނެވެ. އޭނަ ޤަބޫލު ކުރާގޮތުގައި ހަޤީޤީ ލޯބިވެވޭނީ ކައިވެންޏަށް ފަހުގައެވެ. ކައިވެނީގެ ބޭރުންވާ ލޯތްބަކީ ހަމައެކަނި ޝަހުވަތެވެ.

ބޯޓަށް އެރީއްސުރެ އަކްޔަންގެ ސަމާލުކަން ހުއްޓިފައިހުރީ ޔާނާއަށެވެ. ނަމަވެސް ޔާނާ އޮށޯތްގޮތަށް ދެލޯމަރައިގެން އޮތުމުން އަކްޔަން ފޫހިވެގެން ބޭރަށް ނުކުތެވެ. ފޯނުން ލަވައެއް ޖަހައިގެން އަރާ ޑެގްމަތީގައި އޮށޯތެވެ. އޭރުވެސް ފުދޭވަރަށް ގިނަމީހުން އެތާތިއްބެވެ. ދަތުރަށް ފެށިތާ އިރުކޮޅެއްނުވެ ވައިބާރުވެ، ކަނޑުގަދަ ވެއްޖެއެވެ. ބޯޓް ދެއަތް ދެއަތަށް ރޯލްކުރަން ފެށުމުން ޑެގްމަތީގައި ތިބިމީހުން މަޑުމަޑުން ހިޔާގަނޑުތެރެއަށް ވަންނަން ފެށިއެވެ. ނަމަވެސް އަކްޔަން ހަމަޖެހިލާފައި އެއޮތްގޮތަށް އޮތެވެ. އެހެން އޮއްވައި ކުއްލިއަކަށް ވާރޭވެހެން ފެށުމުން އޭނާވެސް އެތަނުން ފޭބިއެވެ. ހިޔާގަނޑުތެރެއަށްވެދެ އޮވެ އޮވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ.

މެންދަމުން އަލިވީފަހުން ކުރިޔަށްވުރެ ވައިބާރުވެ ކަނޑުގަދަވެއްޖެއެވެ. ބޯކޮށް ވާރޭވެސް ވެހެމުންދިޔައެވެ. ދޯނި އަރިވެގެންދާ ކޮންމެ ފަހަރަކު އަޑިއަށް ހިނގައިދާނެހެން ހީވެއެވެ. ޔާނާއަށް ހޭލެވުނީ ވަރަށްބޮޑަށް ފާޚާނާއަށްދާން ޖެހިގެންނެވެ. ޔާނާ އޭނާގެ ބައްޕައަށް ގޮވިއެވެ. ބައްޕަ ޔާނާއާއެކު ދިއުމަށްޓަކައި ތެދުވެ ހިނގައިގަތުމާއެކު ދޯނިއަރިވެގެން ގޮސް ބައްޕަވެއްޓިއް ފަޔަށް ތަދުވެއްޖެއެވެ.

” ބައްޕަ މަޑުކުރޭ….އަހަރެން އެކަނި ހިނގައިދާނަން…” އެންމެފަހުން ޔާނާ ބުނެލިއެވެ.

” ދަރިފުޅަށް އެކަނި ދެވޭނެތަ؟..” ޔާނާގެ ބައްޕަ ކަންބޮޑުވެފައި އަހާލިއެވެ.

” އަހަރެން އެހީވެދެންތަ؟…” ފުރުސަތުގެ ބޭނުން ހިފައި އަކްޔަން ބުނެލިއެވެ. ނަމަވެސް ވަގުތުން ޔާނާ ދެކޮޅުހަދައި ފާޚާނާއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. އެމީހުންތިބީ އެންމެ ތިރީބައިގައި ކަމުން ދާންޖެހެނީ ކޮޅުފަސްކޮޅުގައި ހުންނަ ފާޚާނާއަށެވެ. ދެއަތް ދެއަތަށް ދޯނިހެލޭވަރުން ހަށިގަނޑު ބެލެންސް ކުރުންވީ ނުހަނު އުނދަގޫ ކަމަކަށެވެ. އެހެންކަމާއެކުވެސް ހިލޭ ފިރިހެނެއްގެ އެހީހޯދާކަށް ޔާނާ ބޭނުމެއްނުވިއެވެ. ވަރަށ ހާލުން ޔާނާ ދާންފެށުމުން އަކްޔަން ޔާނާގެ ފަހަތުން ނުކުތެވެ. ޔާނާ ވަރަށް ހިތްވަރުކޮށްގެން ނުވެއްޓި ގޮސް ފާޚާނާއަށް ވަނެވެ. އަކްޔަން ބޭރުގައި މަޑުކޮށްގެން ހުރީ ޔާނާ ނުކުންނަންދެނެވެ. އިރުކޮޅެއްފަހުން ޔާނާ ނުކުމެ އަކްޔަންއަށް ބަލާލުމެއްވެސް ނެތި ހިޔާގަނޑުތެރެއަށް ދިއުމަށް ހިނގައިގަތެވެ. އަކްޔަންވެސް ޔާނާގެ ފަހަތުން ދިޔައެވެ. ދޯނީގެ ދެފަރާތުން ބޭރަށް ނުކުންނަން ކަނޑާފައި ހުންނަ ދޮރާހަމައަށް ދެވުމާއެކު ކުއްލިއަކަށް ދޯނި އަރިވެގެން ދިޔައެވެ. ޔާނާއަށް ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަންނަމުން އަކްޔަންއާ ދިމާއަށް އަތްދިއްކޮށްލެވުނެވެ. ނަމަވެސް ނަސީބުދެރަކަމުން، ޖެހެމުންދިޔަ ގަދަވައިގާ އެލުއި ހަށިގަނޑު ބެލެންސް ނުކުރެވިގެން އެދިޔަގޮތަށް ގޮސް ދޯނިން ބޭރަށް، މާސިންގާ ކަނޑަށް ވެއްޓިއްޖެއެވެ. އަކްޔަންއަށް ޔާނާ ވެއްޓުނީކަން ގަބޫލު ނުކުރެވިފައި އިރުކޮޅަކު ހުރެވުނެވެ. އެއާއެކު އެދިމާ ބިތުގައި ހުރި ލައިފްޖެކެޓެއް ދަމައިގަތުމަށްފަހު ވިސްނާލުމެއްވެސް ނެތި އޭނާވެސް އެކަނު އަނދިރީގެ ތެރެއަށް ފުންމާލިއެވެ. މީހަކަށް ގޮވަންވެސް އޭނާ ހަނދާނެއްނެތެވެ.

ޔާނާ ވެއްޓުނުގޮތަށް ކޮންމެވެސް ވަރަކަށް އަޑިއަށް ދިޔަނަމަވެސް އޭނާގެ ބޮޑުހެދުމުގައި ވައިއެޅި ފުފިފައި އޮތުމުގެ ސަބަބުން ފެންމަތީގައި ހަރުލިއެވެ. ތަނެއްދޮރެއް ދޮރެއް ނޭނގޭވަރަށް ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން އިސާހިތަނު އޭނާ ހީކަރުވަންވެސް ފެށިއެވެ. ޔާނާ ކިތަންމެ ބިރުގެންނަމަވެސް ހިތްވަރުކޮށްފައި ފެންމަތީގައި އޮވެވޭތޯ ބަލަމުން ދިޔައީ އޭނާ ނެތްކަން އެނގުމުން އެބޯޓް އަނބުރާ އަންނާނެ ކަމުގެ އުއްމީދުގައެވެ. އޭނާ ބަލަބަލާ ހުއްޓައި ބޯޓް ދުރަށްދަމުން އޭގެއަލިފަނޑުވަމުން ދިޔައެވެ. މިއީ އޭނާގެ ދިރިއުޅުމުގެ އެންމެ ފަހު ވަގުތޭ ހިތަށްއެރުމާއެކު ބިރުން ހިތް ރޫރޫއަޅައިގަތެވެ. ނަމަވެސް ﷲ ވޮޑިގެންވަނީ އޭނާއާ އެންމެގާތުގައިކަން ހިތަށްއެރުމުން ހުރިހާބިރެއް ހިތުން ފިލާދިޔައެވެ. ކެތްތެރިކަމާއެކު އެންމެ ފަހުނޭވާއާ ޖެހެންދެންވެސް އޭނާ ﷲއަށް ތަސްބީޙަ ކިޔުމަށް އަޒުމް ކަނޑައެޅިއެވެ.  ލައިފްޖެކެޓްގެ އެހީގައި އޮޔާއިވަޔަށް ބެލުމެއްނެތި އަކްޔަން ފަތަމުން ދިޔައެވެ. ޔާނާ ފެންމަތީގައި އޮންނާނެ ކަމުގެ އުއްމީދުގައި އޭނާ ހިތްވަރު ކުރަމުން ދިޔައެވެ.

” ހެލޯ….އަންހެން ކުއްޖާ….ހެލޯ…ދިރިއެބަހުރިންތަ؟…” އަކްޔަން އަޑުގެނެތްތަނަށް ހަޅޭއްލަވަމުން ދިޔައެވެ. ނަމަވެސް އޭނަގެ އަޑު ވަޔާއިއެކުވެގެން ފަޒާގެ ތެރެއަށް އޮބިގެން ދިޔައެވެ. އެތައްފަހަރަކު އަކްޔަން ގޮވިފަހުން ޔާނާއަށް އެއަޑުއިވުނެވެ. އޭރު އޭނާ ވަރުބަލިވެގެން އިތުރަށް ފެންމަތީގައި އޮންނާނެހައި ހާލެއްނެތެވެ.

” ﷲ އަކުބަރ…” ޔާނާ އަޑިއަށް ހިނގައިދާނެހެން ހީވުމާއެކު ބާރަށް ގޮވާލިއެވެ. ނަސީބަކުން ޔާރާގެ އަޑު ވަޔާއެކުވެގެން އައިސް އަކްޔަންގެ ކަންފަތަށް ފޯރިއެވެ. އަކްޔަން އަޑުއައި ދިމާ ލަފާކޮށްފައި ފަތައިގަތެވެ. ބިޔަރާޅުތަކާއި ހަނގުރާމަކުރަމުން އޭނާގެ ގައިގާ ހުރި ހުރިހާ ހަކަތައެއްގެ ބޭނުންކުރިއެވެ.

” ﷲ އަކްބަރ…” އަނެއްކާވެސް ޔާނާގެ އަޑު އަކްޔަންއަށް އިވުނެވެ. މިފަހަރު ދާދިގާތުންހެން ހީވިއެވެ. އަނެއްކާވެސް އޭނާފަތައިގަތެވެ.

” ހެލޯ…ކޮބާތަ؟…” އަކްޔަން ގޮވާލިއެވެ. މިފަހަރު ޔާނާގެ އެއްވެސް ޚަބަރެއްނުވުން ދާނެކޮޅެއް ނޭނގިފައި އޮއްވައި އޮޔާ އައި އެއްޗެއް އޭނާގެ ގައިގާ ޖެހިއްޖެއެވެ. އަވަސް އަވަހަށް އެއީ ކޯއްޗެއްތޯ ބަލާލިއިރު އެއީ އަންހެން ކުއްޖެއްކަން އެނގުނެވެ. އޭރު ޔާނާ ޚަބަރު ހުސްވެގެން އަޑިއަށްދަނީއެވެ. އަކްޔަންއަށް ޔާނާގެ ގައިގާ ހިފުނީ ކިރިޔާއެވެ. ކުޑައިރުކޮޅެއް ލަސްވިނަމަވެސް ޔާނާ އަޑިއަށް ދިޔައީހެވެ. އަކްޔަން ޔާނާ އަޑިއަށް ދިޔަނުދީ ފެންމަތީގައި ހިފެހެއްޓިއެވެ. ލައިފްޖެކެޓް ހިފައިގެން ފުންމާލެވުނުކަން އެއީ ނަސީބޭ އޭނާގެ ހިތަށްއެރިއެވެ.

ޖެހެމުންދިޔަގަދަވަޔާއި ވެހެމުންދިޔަ ބޯވާރޭގެ ތެރޭގައި ދެހަށިގަނޑުފޯވެ، ގަނޑުވާން ގާތްވެއްޖެއެވެ. އައްސޭރިއެއްހޯދަން ދާނެ މިސްރާބެއްވެސް އެނގެނީކީ ނޫނެވެ. އެހެންކަމުން ކޮޅިގަނޑު މަޑުވަންދެން ހިމޭނުން އޮތުމަށް އަކްޔަން ނިންމިއެވެ. މާގިނައިން ފަތަން ވެއްޖެނަމަ އޭނާ ލޮޑުވެދާނެއެވެ. ވުމާއެކު އޭނާ ހަރަކާތް ހުއްޓާލައިގެން ޔާނާ ފެންމަތީގައި ބާއްވައިގެން ހިފަހައްޓައިގެން އޮތެވެ. ބައެއްފަހަރު އަންނަ ބޮޑެތި ބާނިތަކާއެކީގައި އޭނަގެ އަތްދަށުން ޔާނާ ދެމިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. ގާތްގަނޑަކަށް ދެގަނޑިއިރެއްހައިރު ފަހުން ވާރޭތުނިކޮށް ވައިވެސް މަޑުވާންފެށިއެވެ. އޭރު އޮޔާބެހިގެން އެމީހުން ކޮންމެވެސް ދިމާއަކަށް ގެންގޮސްފިއެވެ.

ވާރޭ ތުނިކޮށްލިނަމަވެސް ކަނުއަނދިރިކަމުން ތަނެއް ފެންނަވަރެއްވެސް ނޫނެވެ. ދެލޯތަންމިނަށް ހުޅުވައިގެން އޮންނައިރުވެސް ތަނެއް ނުފެނެއެވެ. މިއޮވެވެނީ ކަނޑުގައިކަން އެނގުނު ނަމަވެސް، އޮވެވުނު ސަރަހައްދެއްވެސް އެނގެނީކީ ނޫނެވެ. ވަށައިގެންވީ ކަނުއަނދިރިކަން ހިނދެ ހިނދަކަށް ގަދަވާހެންވެސް އަކްޔަންއަށް ހީވިއެވެ. ލޯކަނުމީހެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ވައިގެ ބޫންއަޑާއި ކަނޑުގެ އޮއެވަރުގެ އަޑުން، އެކަނުކަމަށް އިތުރުނާމަންކަމެއް ވެރިވެފައިވެއެވެ. އެހެންކަމުން، އޭނަގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. އޭނާގެ އަތްމަތީގައި އަންހެން ކުއްޖަކު އޮތްކަން އެނގޭއިރުވެސް، އެކުއްޖާގެ ދިރުމެއްހުރިކަމެއްވެސް އޭނާއަކަށް ޔަޤީނެއްނޫނެވެ. ބިރުވެރިކަމެއްގެ މައްޗަށް ބިރުވެރިކަމެއް އޭނާގެ ހިތަށްވެރިވަމުން ގޮސް އޭނާވެސް ހޭބުއްދި ފިލަން އުޅޭހެން ހީވިއެވެ. ނަމަވެސް އޭނާ އަމިއްލަ ހިތަށް ވިސްނައިދީގެން ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. އޭނާގެ ދިރިއުޅުން މިފަދަގޮތަކަށް ނިމިދާކަށް އޭނާ ބޭނުމެއްނޫނެވެ. އުއްމީދު ކަނޑާލައި މަރަށް އިންތިޒާރު ކުރާމީހުންގެ ތެރޭގައި ވާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށްޓަކައި ފަހުނޭވަޔާ ޖެހެންދެންވެސް އޭނާ މަސައްކަތް ކުރާނެއެވެ.

ކަނޑުގެ އޮޔާއިވަޔާއެކު ދެވޭ ނުދެވޭ މިސްރާބެއް ނޭނގި ތިއްބައި މަޑުމަޑުން ދުނިމައްޗަށް އަލިވާންފެށިއެވެ. ބޯވިލާތައް ފޫއަޅުވާފައި އިރުގެ ދޯދިތައް ފަޒާގެ ތެރެއަށް އަތްގަދަކުރަން ފެށިއެވެ. ވައިމަޑުވެ، ކަނޑުވެސް މަޑުވެއްޖެއެވެ. މަޑުމަޑުން ތަންތަން އަލިވާން ފެށުމުން ވަށައިގެން ހޯދާލިއިރު ދާދިގާތުގައި ރަށެއް އޮއްވައި ފެނުނެވެ. ވީއުފަލުން އަކްޔަންއަށް ހަޅޭއްލަވައިގަނެވުނެވެ. ލޮޑުވެފައިވީ ނަމަވެސް ހިތްވަރުކޮށްފައި ރަށާއިދިމާއަށް އަކްޔަން ފަތައިގަތެވެ. ސަލާމަތްވުމުގެ އެންމެ ފަހު ފުރުސަތު ގެއްލެން އޭނާ ބޭނުންނުވީއެވެ. އެމީހުން ގެއްލިގެން ދޯނި އަންނާނެ ކަމުގައި އޭނާއަށް ހީކުރެވުނު ނަމަވެސް ދޯނީގެ އެއްވެސް ޚަބަރެއްނުވިއެވެ. އެތައް ހިތްވަރަކާއެކު ރަށުގެ ގޮނޑުދޮށާއި ހަމައަށް އަކްޔަން ފޯރިއެވެ. ޔާނާ އުފުލާލައިގެން ގެންގޮސް ވެލިގަނޑުމަތީ ބޭއްވުމާއެކީ އަކްޔަންވެސް ވަރުހުސްވެގެން ވެލިގަނޑު މައްޗަށް ދެމުނެވެ.

އިރުގެ ދޯދިތައް މޫނަށް އެޅި ހޫނުވާން ފެށުމުން ޔާނާއަށް ލޯހުޅުވާލެވުނެވެ. ވަށައިގެން ހޯދާލުމާއެކު ހައިރާންވެފައި އޭނާއަށް އިނދެވުނީ މިފެންނަނީ ހުވަފެނެކޭ ހިތާއެވެ. ވިސްނަންވީ އެއްޗެއް ނޭނގިފައި އިންދައި އަކްޔަން މޯޅިއަކަށް ދެމިލުމުން ޔާނާއަށް އެދިމާ ބަލާލެވުނެވެ. އޭނާއާ ދާދިގާތުގައި ވެލިގަނޑުމަތީގައި ނިދާފައި އޮތް ފިރިހެންމީހާ ފެނުމާއެކު ޔާނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާގެ ބޮލުގައި ބުރުގާވެސް ނެތްކަން އެނގުނީ އިރުކޮޅެއްފަހުންނެވެ. ހާސްވެ ހަދާނެ ގޮތް ހުސްވެގެން ޔާނާއަށް ރޮވެންފެށިއެވެ. ހިލޭފިރިހެނަކާއެކު އޭނާއަށް މިހުރެވުނީ ފަޅުރަށެއްގައިއޭ ހިތަށް އެރުމުން ހިތަށް ބިރުވެރިކަން ވަދެއްޖެވެ. ޔާނާ ތެދުވެގެން ރަށުތެރެއާ ދިމާއަށް މިސްރާބުޖެހީ މިއީ ފަޅޫރަށެއްތޯ ޔަޤީން ކުރުމަށެވެ.

” ކޮންތާކަށް ތިދަނީ؟…” ޔާނާގެ ފަހަތުން އަކްޔަންގެ އަޑުއިވިފައި އޭނާއަށް ހުއްޓެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ފަޔަށް ބާރުލާފައި ދުރަށް ދުއްވައިގަތެވެ. ރަށުތެރެއަށް އެރޭނެ މަގެއް ފެނޭތޯ އޭނާ ކުރިމަސައްކަތް ކާމިޔާބުނީ އެތައްއިރަކު ދުވިފަހުންނެވެ. އޭނާގެ ފަސްފަހަތުން އަކްޔަންވެސް ހައިރާންވެހުރެ ދުވަމުންދޔައެވެ. ޔާނާއަށް ފެނުނު މަގުން ރަށުތެރެއަށް އަރައިގެން ދަނިކޮށް ފަނުން ހަދާފައިވާ ގެއެއް ފެނުނެވެ. އޭނާ އަވަސް އަވަހަށް ގޮސް އެގޭގެ ދޮރުގައި ޓަކިދިނެވެ. އެއްވެސް ޚަބަރެއް ނުވުމުން ބަލާލިއިރު އެތާގައި އެއްވެސް މީހަކުނެތެވެ. އޭނާ އެތެރެއަށްވަދެ ބަލާލީ އޭނާގެ ބޯނިވާކުރާނެ ފޮތިކޮޅެއް ފެނޭތޯއެވެ. ނަސީބަކުން ބާބެޑްޝީޓެއް އޭނައަށް ފެނުނެވެ. އަވަސް އަވަހަށް ބޮލާއެކު މުޅިގައިގާ ބެޑްޝީޓް އޮޅާލިއެވެ. އަކްޔަންއަށް މިމަންޒަރު ފެނުމުން ވަގުތުން އޭނާއަށް ހެވުނެވެ. ޔާނާ އެހާ ބާރަށް ދުވެފައި އެއައީ އޭނާގެ އިސްތަށިގަނޑު ނިވާކުރަންބާއޭ އޭނާގެ ހިތަށްއެރިއެވެ.

އަކްޔަން އެގޭތެރެ ހާވާ ބެލުމުން އެނގުނީ އެއީ މީހުން އުޅެފައިހުރި ތަނެއްކަމެވެ. ގެއާއި އިންވެގެން ކުޑަބަދިގެއްވެސް ހުއްޓެވެ.

” މިއީ މީހުން އުޅޭތަނެއްހެން ހީވަނީ…ބަލާބަލަ އެހުރީ ފެންވަޅެއްވެސް” ގޭގެ ބިތްދޮށުގައިހުރި ފެންވަޅެއް ދައްކާލަމުން އަކްޔަން ބުންޏެވެ. ނަމަވެސް ޔާނާ އެއްވެސް ޖަވާބެއްނުދީ ތަންކޮޅެއް ދުރުގައި ހުއްޓެވެ. މިއީ ފަޅުރަށެއްކަން ޔާނައަށް އެނގެއެވެ. އެ ގެއަކީ ރަށްބަލަހައްޓާ މީހާގެ ގެއެވެ. ޔާނާ އިންތިޒާރު ކުރަމުން ދިޔައީ އެމީހާ އަންނާނެ އިރަކަށެވެ. އަކްޔަން ވަޅުކައިރިއަށް ގޮސް ވަޅުގައި އޮތް ޕްލާސްޓިކްދާނިން ފެންނަގައި އޭނާގެ ގަޔަށް ފެންއަޅާ ލޮނުތައް ފިލުވާލިއެވެ.

” ބަނޑުހައެއްނުވޭތަ؟…އަހަރެން ވަރަށް ހައިވެއްޖެ….އަހަރެން އަންނާނަން ކާލާނާނެ ކޮންމެވެސް އެއްޗެއް ލިބޭތޯ ބަލާފަ…މިތަނުން ދުރަށް ނުދައްޗޭ…” އަކްޔަން އެހެން ބުނެފައި ވަލުތެރެއަށް ވަނުމުން، ޔާނާވެސް މަޑުމަޑުން އައިސް ގަޔަށް ފެންއެޅިއެވެ. ލޮނުވަސް ކެނޑުމުން އައިސް ގެކައިރީގައިހުރި އުނދޯލީގައި އިނށީދެ އަކްޔަންއާއި މެދު ވިސްނާލިއެވެ. އެއީ މީގެކުރިން އޭނަ ދުށްމީހެއްނޫނެވެ. ހީވާގޮތުން އެއީ ރަށުމީހެއްވެސް ނޫނެވެ. ފެންނަ ފެނުމަށް ރަނގަޅުމީހެއް ވައްތަރެއްވެސް ނުޖަހައެވެ. މިފަދަ މީހަކާއެކި އެންމެ ހިނދުކޮޅެއްވެސް ހޭދަކުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއްނޫނެވެ. ނަމަވެސް މިނޫންގޮތެއްވެސް ނެތެވެ. އެދޯނީގެ މީހުންނަށް އެމީހުންމަދުކަންވެސް ނޭނގެނީބާއެވެ.

އަކްޔަން އެތައްތަނަކަށް ހިނގިފަހުން އޭނައަށް ނުކުމެވުނީ ފަޅޮލާއި ދޮންކެޔޮ ގަސްތަކުން ފުރިވައިވާ ދަނޑަކަށެވެ. ހިނިތުންވެލަމުން އޭނާގޮސް ދޮންވެފައިވާ ދޮންކެޔޮ ގަނޑަކުން ކެޔޮ އަރިއަކާއި ފަޅޯގަހަކުން ދެފަޅޯ ބިނދެލިއެވެ. އަދި އަވަހަށް ޔާނާ ހުރިދިމާއަށް ދިއުމަށްޓަކައި މިސްރާބުޖެހިއެވެ. އަކްޔަން އެތަކެތި ގެނެސް ޔާނާއަށް ދިނުމުން އޭނާ އޭގައިހިފަން އިންކާރުކުރިއެވެ. އެހެންކަމުން އުނދޯލީގައި އެތަކެތި ބެހެއްޓުމަށްފަހު އަކްޔަން ތަންކޮޅެއް ދުރުގައި ހުރި އައްޓެއްގައި އިށީނދެ ދޮންކެޔޮކާން ފެށިއެވެ. އެހެން އިނދެގެން އޭނާ ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. ރޭގައި ކަންތައް ހިނގާދިޔަ ގޮތްވެސް ކިޔާދިނެވެ. އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޔާނާ އަނގައިންވެސް ނުބުނެއިނީ ބިރުންނެވެ. ވާހަކަ ދައްކަމުން އައިސް އެފިރިހެނާ އޭނާއާއި ކައިރިވެދާނޭ ހީވަނީއެވެ.

ދުވަހުގެ ބާކީބައިގާ އަކްޔަން ރަށްވަށައިގެން ގޮނޑުދޮށުގައި ހިނގީ ދޯންޏެއްގެ ހިލަމެއްވޭތޯއެވެ. ނަމަވެސް އިރުއޮއްސެއް ގާތްވިއިރުވެސް އެއްވެސް ހިލަމެއްނުވިއެވެ. އަނެއްކޮޅުން ޔާނާ ކޮންމެ ނަމާދެއްގެ ވަގުތު ލަފާކޮށްގެން ނަމާދުކޮށް ހެއްދެވިފަރާތަށް ދުޢާދެންނެވުމުގައި މުޅިދުވަސް ހޭދަކުރިއެވެ. އިރުއޮއްސި އަނދިރިވުމުން ވަލުތެރެއިން ހިކި ދަނޑިކޮޅުކޮޅު ގެނެސް އެއްތަން ކުރުމަށްފަހު، ބަދިގެތެރެއިން ފެނުނު ލައިޓަރެއްގެ އެހީގައި އަލިފާން ގަނޑެއް ރޯކުރިއެވެ. އޭގެ ކައިރީގައި އަކްޔަން ހީފިލުވަން އިށީނުމާއެކު ޔާނާ ގޭގެތެރެއަށްވަނެވެ. އަކްޔަން ފެންނަ ހިސާބުގައި އިންނަންވެސް ޔާނާ ބޭނުން ނުވާކަހަލައެވެ. ކަނޑުން އަންނަ ފިނި ވައިރޯޅިތަކުން އަކްޔަންގެ ހަންގަނޑުތޮރުފަމުން ދާކަހަލަ އިހުސާސެއްކުރެވުނެވެ. އަލިފާން ގަނޑުވެސް މަޑުމަޑުން ހުލިވަމުން ގޮސް ނިވިއްޖެއެވެ. އެހެންކަމުން އޭނާ ހީކަރުވައިގެނެގެން ދަތްދޮޅި ތުރުތުރުލާން ފެށުމުން ގޭތެގެރެއަށް ވަނެވެ. ހަމައެއާއެކު އެނދުގައި އޮށޯވެގެން އޮތް ޔާނާ ފުންމައިގެން ތެދުވިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނުކުތެވެ. ޔާނާގެ އަމަލުތައް ހުންނަގޮތުން ހައިރާންވެފައި އަކްޔަންއަށް ހުރެވުނެވެ. އަކްޔަން އެނދުގައި އޮށޯތުމާއެކު އިސާހިތަކު ނިދިއްޖެއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތު އަކްޔަންއަށް ހޭލެވުނީ ޔާނާ ޤުރުއާން ކިޔަވާ އަޑަށެވެ. އެއަޑުގައިވި އަސަރާއި އެކިޔެވުމުގެ ފުރިހަމަކަމުން އިސާހިތަކު އޭނާގެ ނިދިވެސް ފިލާ ހިނގައްޖެއެވެ. ކަނުލާ އަޑުއަހަން އޮތްއިރު އޭނާގެ ހިތަށް ތަފާތު އަސަރެއް ކުރުވިއެވެ. އޭނާގެ ގައިން ބައެއްފަހަރު ހީބިހިވެސް ނަގައެވެ. މުޅިއުމުރުގައިވެސް ސަމާލުކަން ނުދެވޭވަރަށް އެކިޔެވުމަށް އޭނާއަށް ސަމާލުވެވުނެވެ. އެތައްއިރަކު ޤުރުއާން ކިޔެވުމަށްފަހު ޔާނާ ކިޔެވުން ހުއްޓާލުމުން އަކްޔަން ނުކުތްއިރު ޔާނާއިނީ ނަމާދަށެވެ. މިހާ ދަންވަރުގަޑިއެއްގައި އެކުރަނީ ކޮންނަމާދެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. އޭނާ އެތާހުރެ ހުރެ ދެފައިވާޅުވީއިރުވެސް ޔާނާގެ ނަމާދު ނިމޭކަށް ނޫޅުނެއެވެ. އެހެންކަމުން އަނެއްކާވެސް ގޮސް އޮށޯވެނިދީއެވެ.

އަނެއްދުވަހުގެ އިރުއެރީވެސް ޔާނާ އެގޮތުގައި ދުޢާކޮށްކޮށް އިންދައެވެ. އަކްޔަންއަށް ހޭލެވުނީ ދަމަކަށް އިރުއެރިފަހުންނެވެ. އޭނާ އަވަސްވެގަތީ ކޮންމެވެސް ކާއެއްޗެއް ހޯދުމަށެވެ. ބަދިގެ ތެރެއިން ފެނުނު ކަތިވަޅިއެއް ހިފައިގެން އޭނާ ވަލަށްއަދެ ކުޑަކުޑަ ރުކަކުން ކުރުބާއަޅައިގެން އައިސް، ކުރުނބާ މެށުމަށްފަހު ޔާނާއަށްދިނެވެ. މިފަހަހަރުވެސް ޔާނާ އޭގައި ހިފަން ޖެހިލުންވިއެވެ. އެހެންކަމުން އަށިމަތީގައި ކުރުނބާ ބޭންދުމަށްފަހު އޭނާ ކުރުނބާ ބޯންފެށިއެވެ.

” އަހަރެންނަށް ކިޔަނީ އަކްޔަން…ތިކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ؟…” ޔާނާގެ ނަންނޭނގޭތީ އުނދަގޫވެގެން އަކްޔަން އަމިއްލައަށް ތަޢާރަފްވެލިއެވެ.

” ޔާނާ..” ޔާނަ މަޑުމަޑުން ޖަވާބުދިނެވެ.

” ހޫމް…ޔާނާ ދޯ…” އަކްޔަން ހިނިތުންވެލަމުން ބުނެލިއެވެ. ނަމަވެސް ޔާނާ އޭނާއާ ދިމާ ބަލާވެސް ނުލައެވެ. އަކްޔަން ވާހަކަ ދައްކަން އުޅުނު ނަމަވެސް ޔާނާ ބަލަނީ ވީހާވެސް އަކްޔަންއާ ދުރުގައި ހުރެވޭތޯއެވެ. އެދުވަސްވެސް ނިމިގެން ދިޔައީ ބަޔަކު އެމީހުން ހޯދަން އަންނާނެ ކަމުގެ އިންތިޒާރުގައެވެ.

އިރުއޮއްސުމާއެކު ޔާނާ ގޭތެރެއަށްވަދެ އޮށޯތީ ކުރީރޭ ނުނިދުމުގެ ސަބަބުން މާބޮޑަށް ވަރުބަލިވެ ނިދިއައިސްފައި  ހުރުމުންނެވެ. ރެއަކީ ހަނދުވަރު ތޫނު ރެއެކެވެ. ވިއްސާރައިގެ އަސަރުވެސް އުޑުމަތީގައި ފެންނާކަށްނެތެވެ. އެހެންކަމުން ރުއްތަކުގެތެރެއިން ފުރޭނިގެން އައިސްފައިވާ ހަނދުވަރުގެ އަލިން މުޅިތަންވަނީ އަލިކޮށްފައެވެ. މިފަދަ ހިތްގައިމު ރެއެއްގައި އަކްޔަން ނިދާހިތެއްނެތެވެ. ބޯދަށަށް އަތްލައްވާލައިގެން އިރުކޮޅަކު އޮތުމަށްފަހު އޭނާ ތެދުވިއެވެ. ޔާނާ އޮތް ގެއާއި ދިމާއަށް މިސްރާބުޖެހިއިރު އޭނާގެ ހިތް ޝައިތާނާގެ ވަސްވާސްތަކުން ފުރެމުންދިޔައެވެ. މަޑުހިނގުމެއްގައި ގޮސް ދޮރުމަތީގައި ހުއްޓި އެތެރެއަށް ބަލާލިއެވެ. ގޭގެ އެއްފަރާތު ބިތުން ކަނޑާފައިވާ ކުޑަޖާލީދޮރުން ހަނދުގެ ރިހިއަލި އެތެރެއަށް އެޅިފައި ހުއްޓެވެ. ޔާނާ ނިދާފައި އޮތްއިރު އޭނާގެ ގައިގާ ލައިގެން އޮތް ބެޑްޝީޓްވަނީ ކެހިގެން ގޮސްފައެވެ. އެހެންކަމުން ޔާނާގެ ކުލައަލި މޫނާއި ދިހުންކުލައަރާ އިސްތަށިގަނޑު ހަނދުވަރުގެ އަލީގައި ފެންނަނީ އަޖާއިބުކުރުވަނިވި މަސްތީގޮތަކަށެވެ. އެމަންޒަރު ފެނުމާއެކު އަކްޔަންއަށް ހިންދިރުވާލެވުނެވެ. އެނިޔަނެތި އަންހެން ކުއްޖާގެ ގައިގާ ބީހިލަން ހިތްއެދި ގޮވަމުން ދިޔައެވެ. އޭނާގެ ނަފްސުގެ މައްޗަށް ޝަހުވަތުގެ ޖަޒްބާތު ގަދަވެއްޖެއެވެ. އެންމެފަހުން ކެތްނުކުރެވިގެން ގޭތެރެއަށް ވަންނަން ދިމާކޮށްލުމާއެކީ ކުއްލިއަކަށް މުޅިމާހައުލު އަނދިރިވެގެން ހިނގައްޖެއެވެ. ހަނދުވަރުގެ އަލިފަނޑުވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ހީވީ ވަރުގަދަ އަލިކަމެއް ކުއްލިއަކަށް ފެނިފައި ކަނުއަނދިރީގެ ތެރެއަށް ގެނބިގެން ދިޔަހެންނެވެ. ހުރެވުނުތަންވެސް ނޭނގޭވަރަށް އަނދިރިވުމުން ގުޑާލަންވެސް ނޭނގިފައި ހުރެވުނީއެވެ. ދެން ހޭވެރިކަމެއްވީ ވަޅުން މީހަކު ފެންނަގާ އަޑުއިވުމުންނެވެ. ރަނގަޅަށް ދެލޯހުޅުވައި ބަލާލެވުނުއިރު އޭނާއަށް އިނދެވުނީ ގޭގެ ބިތްބުޑުގައި ނިދާފައެވެ. އަކްޔަން ވިސްނާ ވިސްނާވެސް އެވީގޮތެއް ނޭނގުނެވެ.

އަކްޔަން ތެދުވެގެން ގޮސް ބަލާލިއިރު ޔާނާ ވުޟޫކޮށްގެން އައިސް ނަމާދަށް އަރަނީއެވެ. ބެޑްޝީޓުން ބޯނިވާކުރުމަށްފަހު ޔާނާ ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް އަވަދިވެގެން ގިސްލާރޮމުން ދުޢާކުރަން ފެށުމާއެކު ހައިރާންވެފައި އަޑުއަހަން އަކްޔަންއަށް ހުރެވުނެވެ. ހަމަހިމޭން އެ މެންދަމުގައި ޔާނާ ކުރަމުންދިޔަ ދުޢާގެ އަޑު ހުރަހެއްނެތި އޭނާއަށް އިވެމުންދިޔައެވެ. ޔާނާ ރޮއެފައި އޭނާގެ ފާފަ ފުއްސެވުން އެދި ކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވަނީއެވެ. އަކްޔަން އެނބުރިގޮސް އޭނާ ނިދަން އޮންނަ އަށީގައި އޮށޯތީ އެކުއްޖާ ކޮންމެ ރެއަކު އެކުރާ ނަމާދަކާމެދު ސުވާލު އުފެދިފައި ހުރެގެންނެވެ.

ޖެހިގެން އައި ދުވަހު އަކްޔަންއަށް ހޭލެވުނުއިރު ޔާނާއޮތީ ނިދާފައެވެ. އަކްޔަން ގޮވާލަން އުޅެފައިވެސް ނުގޮވާ ދިޔައި ފާޚާނާއަކަށް ދާންޖެހިފައި ހުރުމުންނެވެ. އަކްޔަން ފާޚާނާ ކޮށްގެން އެނބުރި އައިއިރުވެސް ޔާނާއެއް ނުތެދުވެއެވެ.

” ޔާނާ؟”  އެންމެފަހުން އަކްޔަން ޔާނާއަށް ގޮވާލިއެވެ. ނަމަވެސް ޔާނާގެ އެއްވެސް ޚަބަރެއްނުވިއެވެ. އެހެންކަމުން އޭނާ މަޑުމަޑުން ވަދެ ޔާނާގެ ނިތްކުރީގައި އަތްޖައްސާލީ ޔާނާ ބަލިހެން ހީވާތީއެވެ. އެއާއެކު ސިހިފައި ޔާނާތެދުވިއެވެ.

” އަހަރެންގެ ގައިގާ އަތްނުލާތި….ދުރަށްދޭ!…ހެޔޮނުވާނެ ﷲ ޓަކާ އަހަރެންނާ ދުރުގަހުރޭ!..
ތުރުތުރުލަމުންދާ އަޑަކުން ޔާނާ ބުނުމާއެކު އަކްޔަން އަވަހަށް ބޭރަށް ނުކުތެވެ. ޔާނާއޮތީ ހުންއައިސްފައެވެ. އެހެންކަމުން އަކްޔަން އަވަހަށް ވަލުތެރެއަށް ގޮސް ކުރުބައެއް އަޅައިގެން އައިސް ޔާނާއަށް ދިނެވެ. ޔާނާ ބަހެއްބުނުމަކާ ނުލައި ކުރުބާ ބޯލިއެވެ.

” ޔާނާ….މާބޮޑަށް ނުވިސްނާ….އިރާދަކުރެއްވިއްޔާ އަހަރެމެން ސަލާމަތްވާނެ….އަހަރެމެން ހޯދަމުން އެމީހުން މިތަނަށްވެސް އަންނާނެ….މާބޮޑަށް ވިސްނީމަ ސިއްޚަތު ގޯސްވާނީ…” ޔާނާއަށް ވިސްނައިދިނުމުގެ ގޮތުން އަކްޔަން ބުނެލިއެވެ. އޭނާހީކުރީ ޔާނާބަލިވީ މާބޮޑަށް ވިސްނާތީ ކަމަށެވެ. އެދުވަހު އަކްޔަން އިރުއިރުކޮޅުން ޔާނާގެ ހާލުބަލައެވެ. އިރު އިރުކޮޅުން ޔާނާއަށް ކާއެއްޗެއް ދިނުމަށްވެސް އޭނާ މަސައްކަތް ކުރެއެވެ. އޭނާ އެވަރުން އުޅޭއިރުވެސް ޔާނާގެ އެއްވެސް ސަމާލުކަމެއް އޭނާއަށް ނުލިބޭތީ އޭނާ ރުޅިގަދަވިއެވެ.

” އަހަރެންނަކީ އެހާ ހުތުރުމީހަކީވެސް ނޫން….އެހާ ނުބައިނުލަފާ މީހަކީވެސް ނޫން….ދެންކީއްވެތަ މިއަންހެން ކުއްޖާ އަހަރެންދެކެ އެހާފޫހިވަނީ….އެހާބިރުން އެއުޅެނީ…” އަކްޔަން އޭނާގެ ހިތާހިތާ ޝަކުވާކުރަމުން ދިޔައެވެ.

އެދުވަސްވެސް އެގޮތުގައި ނިމި ދިޔައީއެވެ. ޔާނާ އެގޭތެރެއިން ނުނިކުމެ އެއޮތް ގޮތަށް އޮތެވެ. އިރުއޮއްސި ދަމެއް ހިނގިފަހުން ހަނދުއަރާ މުޅި މާހައުލަން އަލިކަމާއި ހިތްގައިމުކަން ފަތުރާލިއެވެ. ލޮލަށް ނިދި ނައިސްފައި އަކްޔަން އޮތީ މިރޭވެސް ހިތަށް އުނދަގޫކުރަމުންދާ ޚިޔާލުތަކެއްގެ ސަބަބުންނެވެ. މިއަންހެން ކުއްޖާއާއެކު އޭނާ މިރަށުގައި ހޭދަކުރަންޖެހޭނީ ކިތައްދުވަސްކަންވެސް އެނގެނީކީ ނޫނެވެ. މިފަދަ ވަގުތުތަކެއް އަންހެން ކުއްޖަކާއި އެކީ ހޭދަކުރަން ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެކަން ޔަޤީނެވެ. އޭނާވެސް ޒުވާންވެގެން އައި ދުވަސްވަރު ” ބުލޫލެގޫން” ފިލްމު ބަލާފައި ދިރިއުޅުމުގައި އެފަދ ތަޖުރިބާއެއް ކުރަން ލިބޭނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. ނަމަވެސް މިއަދު އެތަޖުރިބާ ކުރަން ލިބުމުން، މިއީ ފިލްމުތަކުފައި ފެންނަފަދަ ހިތްގައިމު ތަޖުރިބާއެއްނޫންކަން އެނގުނެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ކުޑަކުޑަ އުއްމީދެއް ބާކީ އެބައޮތެވެ. އަދި މިވީ ދެތިން ދުވަހު ޔާނާ އޭނާއާ ދުރުގައި ހުރިނަމަވެސް، މިޔަށްވުރެ ގިނަދުވަސް ވެއްޖެނަމަ އަމިއްލައަށް އޭނާގެ އަތުތެރެއަށް އަންނާނެކަމަށް އޭނާ ގަބޫލުކުރިއެވެ. އެހެންކަމުން އޭނާ އަދި މާޔޫސްވާކަށް ބޭނުމެއްނުވެއެވެ.

އަނެއްކޮޅުން ޔާނާގެ ލޮލަށް ނިދިނައިސްފައި އޮންނަނީ ހިލޭ ފިރިހެނަކާއެކު ފަޅުރަށެއްގައި ހޭދަކުރަން ޖެހުމުންނެވެ. ކޮންމެފަދަ ވަގުތެއްގައިވެސް އޭނާގެ އިތްފަތްތެރިކަމަށް އެފިރެހެނާ އަރައިގެންފާނޭ ހިތަށް އަރަނީއެވެ. ނޫންނަމަ ޝައިތާނާގެ ވަސްވާސްތަކުން ޚުދު އޭނާގެ އަމިއްލަހިތް އަކްޔަންއާ ދިމާއަށް ލެނބިދާނެތީ ބިރުގަންނަނީއެވެ. ކިތަންމެ ދުރު ދުރުން އުޅުނު ނަމަވެސް ބައެއްފަހަރު އަކްޔަންއާ ވާހަކަދައްކަންވެސް އޭނާގެ ހިތްއެދެނީއެވެ. ބައެއްފަހަރު އޭނާގެ ދެލޯވެސް އަކްޔަން ދެކިލުމަށް އެދެވެނީއެވެ. މިއީ ޝައިތާނީ ވަސްވާސް ނޫނިއްޔާ ދެން ކޮން އެއްޗެއް ހެއްޔެވެ؟ މިއީ ފާފައަކަށް ޝައިތާނާދޭ ދައުވަތުކަން އޭނާ ހަނދާން ނައްތާލައިގެން ނުވާނެއެވެ. ޔާނާ ކޮންމެ ރެއަކުވެސް އަކްޔަން ނިދާންދެން އެގޮތުގައި އޮވެއެވެ. އަކްޔަން ނިދީކަން ޔަޤީންވުމުން ތެދުވެ ނަމާދުކޮށް ދުޢާކުރެއެވެ. މިރޭވެސް އަކްޔަން ނިދުމުން އޭނާ ތެދުވިއެވެ އަދި ވުޟޫކޮށްގެން ނަމާދުކުރުމަށްފަހު ދުޢާކުރަން ފެށިއެވެ.

” ހައްދަވާ ބޮޑުކުރެއްވި އެންމެ އޯގާވަންތަ އިލާހު….މިއަޅާގެ ފާފަތައް ފުއްސަވާ ރަޙުމަތްލައްވާންދޭވެ!….މިއަޅާއަށް ކުރިމަތިވެފައިވާ މުސީބާތުން މިއަޅާ ސަލާމަތްކޮށްދެއްވާންދޭވެ!…މިއަޅާގެ އާރެއްބާރެއް ނެތްކަމާއެކުވެސް މާސިންގާ ކަނޑުގެ ރާޅުތަކުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާގެ ފުރާނަ ސަލާމަތް ކޮށްދެއްވި ފަދައިން، މިއަޅާގެ އިތްފަތްތެރިކަންވެސް ސަލާމަތްކޮށްދެއްވާ ރައްކާތެރިކޮށްދެއްވާންދޭވެ!..،،މިއަޅާއާ އެކުގައިވާ އިންސާނާގެ ކިބައިގާ ނުބައިކަމެއް ވާނަމަ އެކަމަކުން މިއަޅާ ސަލާމަތްކުރައްވާންދޭވެ! އަދި އޭނާގެ ކިބައިގާ ހެޔޮކަމެއްވާނަމަ އެކަމަކުން މިއަޅާއަށް މަންފާ ލިބެނިވިގޮތް މިންވަރުކޮށްދެއްވާންދޭވެ!…އަދި އޭނާއަކީ މަގުގެއްލިފާވާމީހެއްނަމަ އޭނާއަށް މަގުދައްކަވާންދޭވެ! އަދި މިއަޅާއަށް ސާބިތުކަން ދެއްވާ މިއަޅާގެ ހިތް ސީދާ ކުރައްވާންދޭވެ!” ޔާނާ ތުރުތުރުލަމުންދާ އަޑަކުން ކުރަމުންދިޔަ ދުޢާގެ ކޮންމެ ލަފްޒެއް އަކްޔަންގެ ކަންފަތުގެ ތޫރީގެ ތެރެއިންގޮސް އޭނާގެ ހިތާއި ހަމައަށް ފޯރައިފިއެވެ. އެފަދަ އިޚުލާސްތެރިކަމާއެކު އިންސާނަކު އެއްވެސް އިންސާނެއްގެ ފަރާތުންވެސް އާދޭސްއެދި ދަންނަވާތީއެއް އޭނާއަށް އަޑުއިވިފައެއްނެތެވެ. ހެއްދެވިފަރާތަށް ދުޢާދަންނަވާނެ ގޮތެއް އަދި އަމުދުންވެސް އޭނާ ނުދަނެއެވެ. ނަމަވެސް ދުޢާއަކީ ކިހާ ބާރުގަދަ އެއްޗެއްކަން މިރޭ އޭނާއަށް ސާބިތު ވެއްޖެއެވެ.

އެއަންހެން ކުއްޖާ ތަކުރާރުކޮށް އެދުޢާ ކުރާކަމުގެ އަސަރު އޭނާއަށް ކުރީރޭ ފެނިއްޖެއެވެ. އޭނާގެ ހިތްގޯސްވެގެން ޔާނާގެ ގާތަށް ދިޔަނަމަވެސް އޭނާއަށް އޭނާގެ މަޤުސަދު ކާމިޔާބު ނުވީ އެކުއްޖާ އެކުރާ ދުޢާއެއްގެ ސަބަބުންނެވެ. އެހެންނޫންނަމަ ކުރިންރޭ އޭނާގެ ހިތް ގޯސްވީކީ ފަސޭހައިން ކޮންޓްރޯލް ކުރެވޭވަރަކަށް ނޫނެވެ. އެއަންހެން ކުއްޖާ ރޭގަނޑުގެ ނިދި ނަގާލާފައި ﷲގެ ހަޟުރަތަށް ދުޢާ އެދަންނަވަނީ އޭނާގެ ކިބައިން އެއަންހެން ކުއްޖާގެ އިތްފަތްތެރިކަން ސަލާމަތްކޮށް ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. އަދި އޭނާއަށް ތެދުމަގު ދެއްކެވުމަށް އެދިއެވެ. އޭގެ ބަދަލުގައި ރޭގަނޑުގެ ނިދި ލޮލަށް ނައިސް އޭނާގެ ހިތުގައި ތަފާތު ރޭވުންތައް ރާވަމުން އެދަނީ އެއަންހެން ކުއްޖާގެ އިތްފަތް ފޭރޭނޭ ގޮތަކާއިމެދުގައެވެ. ސުބުޙާނަﷲއެވެ! އޭނާއަކީ ކިހާ ޖާހިލުގޮތެއް ނެތް މީހެއް ހެއްޔެވެ؟ ފުރާނަ އަތްމައްޗަށް ލައިގެން ކަނޑުގައި އެތައްއިރަކު ފެތުމަށްފަހު، ފަޅުރަށެއްގައި އެކަނިވުމުންވެސް އޭނާގެ ޚިޔާލަށް ނުބައިކަމެއްނޫނީ ނައެވެ. މިއީވެސް އިމްތިޙާނެއްކަން އޭނާގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ. އޭނާ ނުބައިކަމެއް ކުރަނިކޮށް ﷲގެ ކޯފާ އަތުވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ސަލާމަތަށްއެދި ގޮވާނީ ކާކަށް ހެއްޔެވެ؟ ކުއްލިއަކަށް އަކްޔަންގެ ހިތަށް ބިރުވެރިކަމެއް ވަނެވެ.

ފަތިސްވާންދެން އަކްޔަން އޮތީ ވިސްނާ ފިކުރުކުރުމުގައެވެ. ދުނިޔެއާއި އާޚިރަތުގެ ދިރިއުޅުމާއިމެދު އޭނަ ފިކުރުކުރިއެވެ. ޔާނާއާއި އޭނާގެ އުޅުމާއި އަޅާކިޔެވެ. މިދެމީހުންނަކީވެސް ﷲގެ އަޅުންނެވެ. ނަމަވެސް ދެމީހުން އަމަލު ކިހާ ތަފާތު ހެއްޔެވެ؟ ޔާނާގެ ހިތް ރެޔާއި ދުވާލު ﷲ އަށް އިބާދާތު ކުރަމުން ދިޔައިރު، އަކްޔަންގެ ހިތުގެ އިމާދާތު ގުޅިފައިވަނީ އޭނަގެ ނަފްސުގެ އެދުންތަކާއެވެ. މިއަދާ ހަމައަށްވެސް އޭނާތަބާވަމުން އައީ ނަފްސުގެ ގޮވުންތަކަށެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ފަތިހު ޔާނާ ނަމާދުކުރުމުން އަކްޔަންވެސް އޭނާއަށް އެނގޭގޮތަކަށް ވުޟޫކޮށްގެން ނަމާދަށް އެރިއެވެ. ނަމާދުގައި ކިޔާ އެކައްޗެއް އޭނާގެ ހަނދާނުގައި ނެތްނަމަވެސް ނަމާދުގައި ކުރާ ހަރަކާތްތައް އޭނާ ހަނދާން އެބަހުއްޓެވެ. ހަރަމްބަނދެގެން ހުރެ ﷲ މަތިން ހަނދުމަކުރަމުން ގޮސް ބޭއިޚުތިޔާރުގައި އޭނާގެ ލޮލުން ކަރުނަ އައެވެ. އޭނާގެ ހިތްމަޑުމޮޅިވެ، ނަފްސަށް ހަމަހިމޭންކަން ވެރިވިއެވެ. ޔާނާ ނަމާދުން ނިމިގެން ބަލާލިއިރު އަކްޔަން ސަޖިދާގައި އޮތްތަން ފެނުމުން ޔާނާއަށް ހިނިތުންވެލެވުނެވެ.

އާދުވަހަކަށް އިރުއެރީ ތަފާތު ކުލަތަކެއް ދައްކަމުންނެވެ. ހިތްތަކަށް ތަފާތު އަސަރުތަކެއް ކުރުވަމުންނެވެ. އަކްޔަންގެ މިޒާޖަށްވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. ޔާނާއަށް އެކަން ވަރަށް ފަސޭހައިން ފާހަގަ ކުރެވުނެވެ. ހެނދުނު ވަލަށް ގޮސް ކުރުނބާ ހިފައިގެން އައިސް ޔާނާއަށް ކުރުނބާ މަށައިދިނުމަށްފަހު އަކްޔަން ތަންކޮޅެއް ދުރުގައި އިށީނދެ ޔާނާއަށް ބަލާލިއެވެ. އޭރު ޔާނާ އިސްދަށަށް ޖަހައިގެން ކުރުނބާ ބޮމުން ދިޔައެވެ.

” ޔާނާ ކީއްވެ އަހަރެންދެކެ އެހާ ބިރުގަންނަނީ؟…” ކުއްލިއަކަށް އަކްޔަން ކޮށްލި ސުވާލުން ސިހިފައި ޔާނާއަށް ބަލާލެވުނެވެ. ނަމަވެސް އަވަސް އަވަހަށް އޭނާ އިސްދަށަށް ޖަހާލިއެވެ.

” ކީއްވެ އަބަދު އަހަރެންނާ ދުރުދުރުން އުޅެނީ؟….ކީއްވެ އަހަރެންނާ ވާހަކަ ނުދައްކަނީ؟..” އަކްޔަން ސުވާލަކަށްފަހު ސުވާލެއްކުރަމުން ދިޔައިރުވެސް ޔާނާ ޖަވާބެއްނުދީ އެއިން ގޮތަށް އިނެވެ.

” އަހަރެންނަށް އެނގޭ ޔާނާ ނުބުންޏަސް ކީއްވެގެންކަން އެގޮތަށް ކަންތައްކުރަނީ…..އަހަރެންނަކީ ވަރަށް ގޯސްމީހަކަށް ވެދާނެތީ، އެހެންނު…..އަހަރެންގެ ފަރާތުން ޔާނާއަށް ގެއްލުމެއް ލިބިދާނެތީދޯ…..އަހަރެން ޔާނާގެ އިތްފަތްތެރިކަމަށް އަރައިގެންފާނެތީދޯ އެހާބިރުގަންނަނީ؟..” އަކްޔަން އެންމެފަހުން ކުރިސުވާލު އަޑުއިވިފައި ޔާނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަކްޔަންއަށް އެކަން އެހާފަސޭހައިން އެނގުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. އަނެއްކާ އޭނާ ދުޢާކުރާއަޑު އަކްޔަންއަށް އިވުނީބާއެވެ. އޭނާ ދުޢާކުރީ އަމިއްލަ ނަފްސަށް އިވޭވަރަށް މަޑުންނެވެ.

” ޔާނާ….ޔާނާ އަހަރެންނާމެދު ތިހީކުރާވަރަށް ވުރެވެސް ހަޤީޤާތުގަ ނުބައިމީހެއް އަހަރެންނަކީ….ރެޔާއި ޖެހެންދެންވެސް އަހަރެންގެ ވިސްނުންހުރީ ވަރަށް ގޯސްކޮށް…އެކަމު އަހަރެން ބޭނުން އިސްލާހުވާން….އަހަރެންބޭނުން ރަނގަޅުމީހަކަށްވާން….ޔާނާ ކަހަލަ އިޚުލާސްތެރި އަޅަކަށްވާން އަހަރެންވެސް ބޭނުން…..އަހަރެން ކިހިނެއް ކަންތައްކުރިއްޔާ އިޚުލާސްތެރި އަޅަކަށް ވެވޭނީ….ﷲ އަށް ކުށްތަން ވެވޭނީ….އަހަރެންނަކީ ނުލާހިކު ބޮޑު ފާފަވެރިއެއް….އަހަރެން ކިހިނެއް ރަނގަޅު މީހަކަށް ވާނީވެސް…” އަކްޔަންގެ އަޑު ކުރެހިގެން ދިޔައެވެ.

” ކޮންމެ މީހަކަށްވެސް ރަނގަޅު މީހަކަށް ވެވޭނެ….ރެޔާއި ދުވާލު ތައުބާގެ ދޮރުހުޅުވިގެންވޭ….ﷲގެ ހަޟުރަތުން އުއްމީދު ކަނޑާނުލާ…” އާނާ ފުރަތަމަ ފަހަރަށް އަކްޔަންއާ ވާހަކަ ދެއްކިއެވެ. އާނާ އަކްޔަންގެ ހިތަށް ތަސައްލީދިނުމަށް އެކިގޮތްގޮތަށް ވާހަކަ ދައްކާ ތައުބާވުމަށް ހިތްވަރުދިނެވެ. ޤުރުއާނުގެ އެކި އެކި އާޔަތްތަކުގެ މާނައާއި ހަދީޘްތައް ކިޔާދީ ﷲ ގެ ފަޟްލުވަންތަ ކަމުގެ މިސާލުތައް ދެއްކިއެވެ. ޔާނާގެ ކޮންމެ ޖުމްލައެއްގައި އިބުރަތުން ފުރިގެންވީ މެސެޖެއް އެކުލެވިގެންވިއެވެ. އެހާ ބަލާޣާތްތެރި ވާހަކަތަކެއް މީގެކުރިން އަކްޔަންއަށް އަޑުއިވިފައެއްނެތެވެ. އެހެންކަމުން ޔާނާގެ ވާހަކަތަކުން އޭނާގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރުވިއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. ޒަމާންތަކެއް ވާންދެން ލޮލުގެ ފެނުމުން މަޙުރޫމުވެފައިވާ މީހަކަށް ފެނުމުގެ ނަސީބު ލިބުނުފަދައެވެ. އެހާވެސް ތަފާތު އަސަރެއް އެވާހަކަތަކުން އޭނާއަށް ކުރުވިއެވެ.

ތިންރޭ ތިންދުވާ ފަޅުރަށެއްގައި ވޭތިކުރިފަހުން މަހަށް ނުކުމެ އުޅުނު ދޯންޏަކަށް އަކްޔަން ހަނާއެޅުމުން ރަށާއި ގާތްކުރިއެވެ. އެދެމީހުން ސަލާމަތުން މާލެ ގެނެވުމާއެކު ނޫސްތަކުގެ ފަލަސުރުޚީއަށް އެދެމީހުންގެ ފޮޓޯއަރައިފިއެވެ. ތިންދުވަސްވާންދެން ފަޅުރަށެއްގައި ތިބެފައި އައުން، ބައެއްމީހުން ސިފަކުރީ ހިތާމަވެރި އަދި ބިރުވެރި ކަމެއްގެ ގޮތުގައެވެ. އަނެއްބަޔަކަށް އެކަންވެގެން ދިޔައީ ވަރަށްވެސް ” އިޝްޤީ” ކަމަކަށެވެ. އެޚަބަރު ކިޔުމަށްފަހު އެކިމީހުން އެކިފާޑު ފާޑުގެ ކޮމެންޓް ކުރަމުން ދިޔައެވެ.

ޔާނާ ގަދަވެ ސަލާމަތުން ހުރީތީ އޭނާގެ ބައްޕަ އިންތިއާހަށް އުފާކުރިއެވެ. އެމީހުން ނެތްކަން އެނގުމުން ވަގުތުން ކަމާބެހޭ ފަރާތަށް އެންގިކަމަށާއި އެރެއިން ފެށިގެން ހުއްޓާނުލައި އެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދިޔަކަމަށްވެސް ބައްޕަ ބުންޏެވެ. ނަމަވެސް ވެއްޓުނު ހިސާބެއް ނޭނގޭތީ ހޯދިމީހުންނަށް ހޯދިފައިހުރީ މާލެއާއި ކައިރި ސަރަހައްދުތަކެވެ. އެމީހުނަށް ތިބެވުނީ ނޫނު އޮތަޅުގައިވާ ފަޅުރަށެއްގައި ކަމުން ހޯދިމީހުންނަށް ކާމިޔާބު ނުވީއެވެ. ނަމަވެސް ޔާނާގެ ބައްޕަ އުއްމީދު ކަނޑައެއް ނުލައެވެ. ﷲ އަށް ވަކީލުކޮށްގެން ދުޢާ ދެންނެވުމުގައި ދެމިހުރީއެވެ.

އެހާދިސާއަށްފަހު އޭނާ ކައިވެނި ކުރަން ހަމަޖެހިފައިވާ ޔޫސުފު އާއި އޭނަގެ އާއިލާ ބަދަލުވިއެވެ. ޔާނާއާއި ކައިވެނިކުރަން ފާޅުގައި ޔޫސުފު ދެކޮޅުހެދިއެވެ. ޔާނާގެ އިތްފަތްތެރި ކަމާއިމެދު އޭނަ ސުވާލު އުފެއްދިއެވެ. ތިންދުވަސްވާންދެން ހިލޭފިރިހެނަކާއެކީގައި ފަޅުރަށެއްގައި ހޭދަކުރާއިރު އިތްފަތްތެރިވެވޭނެ ކަމަށް އޭނަ ގަބޫލު ނުކުރާކަމަށް ބުންޏެވެ. ޔާނާ ﷲ ގަންދީ ހުވާކޮށްފައި އޭނާއަކީ އިތްފަތް ތެރިއެއްކަމަށް ބުނުމުން ވެސް ޔޫސުފް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ދެންބުނި ވާހަކައަކީ ދުނިޔޭގެ އެންމެންގެ ނަޒަރުގައި ތިއީ އިތްފަތްތެރިއެއްކަމަށް  ނުދެކެވޭއިރު އަހަރެންނަށް ވަކީން ތިއީ އިތްފަތްތެރިއެއް ކަމުގައި ދެކެވޭނީ ކިހިނެއް ހެއްޔެވެ؟ ދެން އޭނާ ދެއްކީ އޮންލައިން ނޫސްތަކަށް މީހުން ކޮށްފައިހުރި ބޭއަދަބީ ކޮމެންޓްތަކެވެ. އެމީހުންގެ ނަޒަރުގައި ޔާނާއާ އަކްޔަންގެ ދެމެދުގައި ނުހިނގާ ގުޅުމެއްނެތެވެ. ޔޫސުފް ކައިވެންޏަށް އިންކާރުކުރުމުން ޔާނާ އެނބުރި ރަށަށް ދިޔައީ ހިތްކުދިކުދިވެފައިވާ ހާލުގައެވެ.

އަކްޔަން މާލެ އައުމާއެކީ އާމިރު އޭނާގެ ގާތަށް އައިސް ހާލު އަހުވާލުބެލިއެވެ. އެހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލް ރިޕޯޓަރެއްފަދައިން ހޯދިއެވެ. އޮންލައިން ނޫސްތަކުގައި އެމީހުންނާ ބެހޭގޮތުން ކޮށްފައިވާ ކޮމެންޓްތައްފެނި އަކްޔަންގެ ރުޅިގަދަވިއެވެ. ހަޤީޤަތް ނޭނގިތިބެ މައުސޫމު އަންހެން ކުއްޖެއްގެ އަބުރަށް ހުތުރުއަރާފަދަ ކޮމެންޓްތައް މީހުން ކޮށްފައި ހުއްޓެވެ. އާމިރުގެ ފަރާތުން ޔާނާގެ ކައިވެނި ކެންސަލްވި ވާހަކަ އިވުމުން އަކްޔަން ވަރަށްދެރަވިއެވެ. އެވަގުތު އޭނާގެ ހިތަށްވެރިވި ޚިޔާލަކުން އާމިރުގާތުގައި އެވާހަކަ ދެއްކިއެވެ.

” އަހަރެންނަކަށް ހިޔެއްނުވޭ މުދިންބޭ ގަބޫލު ވާނެހެނެއް….އެކަމު އަހަރެން އަޅެ އެވާހަކަ ދައްކާނަން..” އާމިރު ބުނެލިއެވެ. އާމިރު މުދިންބެއާއި ގުޅާފައި އަކްޔަންއާއި ޔާނާގެ ކައިވެނީގެ ވާހަކަ ދެއްކުމުން، މުދިންބޭގެ ގާތަށް އައީ ރުޅިއެވެ. ޔާނާގެ ކައިވެނި ކެންސަލްވުމުގެ ހުރިހާ ޒިންމާއެއް އެޅުވީވެސް އަކްޔަންގެ ބޮލުގައެވެ.

” އަހަރެންގެ ދަރިފުޅު މީހަކާ ނީނދެ އުމުރަށް ހުސްހަށިބަޔަށް ހުންނަން ޖެހުނަސް އެކަހަލަ ގޮތެއްނެތް ޖާހިލުމީހަކާ ނުދެވާނަން…” މުދިންބޭގެ އެންމެ ފަހުބަހަކީ އެއީއެވެ.

އެދުވަހުން ފެށިގެން އަކްޔަން ރަނގަޅުމީހަކަށް ވުމަށް އަޒުމް ކަނޑައެޅިއެވެ. އޭނަގެ ކުރީގެ ވިޔާނުދާ އުޅުން ދޫކޮށް ދީނީ އިލްމު އުނގެނެންފެށިއެވެ. މީހާގެ މިޒާޖާއި ސިފަވެސް މުޅިން ބަދަލުވިއެވެ. ދިގުކޮށް،  ކުލަޖައްސާފައިހުރި،އިސްތަށިގަނޑު ކޮށާލިއެވެ. ތަންތަނުން ވީދިފައިހުންނަ ޖީންސްލުން ހުއްޓާލައި ރީތިކޮސް ހެދުން އަޅަންފެށިއެވެ. ތުނބުޅިވެސް ރީތިވަރަކަށް ދިގުކުރިއެވެ. އަކްޔަންއަށް ވީވަރަކުން ސުންނަތްތަށްވެސް އަދާކުރަން ފެށިއެވެ. އަމިއްލަ ނަފްސާމެދު ހިތްހަމަ ޖެހޭވަރަށް އަކްޔަން ބަދަލުވުމުން އޭނާ އެނބުރި ނޮޅިވަރަށްފަރަށް ދިޔަނީ ޔާނާގެ ކައިވެންޏަށް އެދިގެންނެވެ. އުފާވެރި މޫނަކައިގެން ގޮސް މުދިންބެއާއި ބައްދަލުކުރިއިރު، މުދިންބެގެ މޫނުވަނީ މިލާމޯޅިވެފައެވެ. އަކްޔަން އޭނާ އެއައީ ޔާނާއަށްޓަކައި ބަދަލުވެގެން ކަމަށްބުނެ ޔާނާގެ ކައިވެންޏަށް އެދުމުން މުދިންބޭ އަޑުން އަޑުނަގާފައި ރޯންފެށިއެވެ.

” ކޮއިފުޅާ….އަހަރެންގެ ދަރިފުޅުގެ ސަބަބުން ކޮއިފުޅު އިސްލާހުވީތީ އަހަރެން އުފާކުރަން…އެކަމަކު ދެން ދުވަހަކުވެސް އެދަރިފުޅު އެނބުރިއެއް ނާންނާނެ…ރޭގެ ދަމުނަމާދުގެ ސަޖިދާގަ އޮއްވާ އެދަރިފުޅު ނިޔާވެއްޖެ…” ރޮމުން ރޮމުން މުދިންބޭ ބުނި ޖުމަލަ އަކްޔަންއަށް އަޑުއިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ޔާނާ މިދުނިޔޭގައި ނެތްކަން އެނގުމުން އިސާހިތަކު އޭނާގެ ލޯފެންކަޅިވިއެވެ. އެމާތް އަންހެން ކުއްޖާ އޭނާއަށް މަގުދައްކައި ދިނުމަށްފަހު އަބަދުގެ އަބަދަށް އޭނާއާ ވަކިވީއެވެ.

****

ކުއްލިއަކަށް އަކްޔަން ސިހުނީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑުންނެވެ. އޭނާ ނަމާދަށް ދިއުމަށް އަވަސްވެގަތެވެ. މިހާރު އޭނާ އެންމެ ލޯބިވާތަކަނީ މިސްކިތެވެ. މިސްކިތް ފިޔަވައި އެންމެ ގިނައިން ޒިޔާރަތް ކުރެވޭތަނަކީ ގަބުރުސްތާނެވެ. ކޮންމެ ދުވަހަކު އޭނާ ޤަބުރުސްތާނަށް ޒިޔާރަތްކުރަނީ ގިނަގިނައިން މަރުހަނދާން ކުރުމަށެވެ. އޭނާ މަރުވާނޭ ދުވަހަކާ ހަމައަށް ސާބިތުކަމާއެކު ހުންނަން ބޭނުމެވެ. އޭނާއަށް މިދުނިޔޭގައި ޔާނާ ނުލިބުނު ނަމަވެސް އަންނަން އޮތް ދުނިޔެއިން ޔާނާ ލިބުމަށް އޭނާ ތާއަބަދު ދުޢާކުރެއެވެ. އެރޭގެ ގަދަ ކޮޅިގަނޑުގައި ޖެހުނުކަން އެއީ އޭނާގެ ނަސީބުކަމުގައި މިއަދު އޭނާ ގަބޫލުކުރެއެވެ. އެކޮޅިގަނޑުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ފާސިދުކަމުގެ ކޮޅިގަނޑުން ސަލާމަތްވާނެ މަގެއް ލިބުނެވެ. އެކަމަށްޓަކައި އޭނާ ފަށްފަށުން ޝުކުރުވެރިވެއެވެ.

ނިމުނީ

Comments (81)

  1. Psenhi

    Hello shiny.

  2. Shine

    hello everyone…missing you all bodu bodukoh…..miee shine kuruvaaka mubaaraathah vaahakaeh liyan engeytho balaalee…thikudin nah kamudhaa kamah vanya please do comment and share…thank you

    1. Erzi
      Shine

      Varah reethii…

    2. ??
      Shine

      Hi shine..keehve tha ahannah shine ge boss story open nukurevwry?varah try khfin ekam open eh nuvi

    3. Shine
      Shine

      Neyge aslu thi vaa gotheh…e sitah vakin vadhelan veenu….faharehga fenidhaane

  3. jummu

    Warah wes reethi ibraitheri waahakaeh ?❤️

    1. Shine
      jummu

      thanks

  4. Psenhi

    Vahaka v rythi v ibraitheri Masha Allah.

    1. Shine
      Psenhi

      thanks

  5. xoe

    varah heart touching varah reethi hama bunaa ne ehcheh neygifa mihuree

    1. Shine
      xoe

      thanks

  6. cya

    Mi vaahaka vvv reethi adhi iburaitheri

    1. Shine
      cya

      thanks

  7. Princessss

    Varah ibraitheri vaahaka eh . Vvv reethi . ماشا الله.

    1. Shine
      Princessss

      thanks

  8. Roor

    Masha Allah,v furihama vaahaka eh…

    1. Shine
      Roor

      thanks

  9. Shaai

    Varah reethi

    1. Shine
      Shaai

      thanks

  10. Iiixxii

    Ma sha Allah ?? varah asaru gadha reethi vaahakaveh.. Keep it up

    1. Shine
      Iiixxii

      thanks

  11. nonns

    Wow. Masha allah mivaahaka varah furihama and ibraiytheri.

    1. Shine
      nonns

      thanks

  12. Adha?

    Maasha allah varah reethi iburaiytheri vaahaka eh ?

    1. Shine
      Adha?

      thanks

  13. Khajja

    Masha allah v rythi v interesting allah magu dhakkavaifi alhakah magufuredhumenneiy n magufuradhdhavaifi myhakah magu dhekkevumenneiy allah ee hurihaakamevves molhah dhenevodigenvaa hakeem vantha raheem vantha ras kalaange masha allah, allah thibaage masakkathugaa barakaaiy lavvaa mi stryge sababun jaahili kanmathy thibi ethah baeh islaah koh dhevvaa ebaimyhunnah heyo thaufeeg minvarukoh dhevvaashi aameen!!!! thank u 4 the luvly stry shine thank u so much??❤❤

    1. Shine
      Khajja

      aameen…..and thanks

  14. Xxxx

    Maasha Allah ,such a heart touching story …and story genesdheefa in goi v.kamudhey …keep it up…

    1. Shine
      Xxxx

      thanks

  15. roo

    varah salhi. hama obinoavayy

    1. Shine
      roo

      thanks

  16. Aavibon

    Vaahaka Reethi

    1. Shine
      Aavibon

      thanks

  17. Flower pririncess

    Maasha Allah. Varah reethi. Love it.

    1. Shine
      Flower pririncess

      thanks

  18. jee

    Varah reethi mi vaahaka .. v iburahtheri v furihama .. ??

    1. Shine
      jee

      thanks

  19. Moosa

    Masha Allah varah furihama varah reethi vaahaka eh.

    1. Shine
      Moosa

      thanks

  20. naaanu

    Varah iburaitheri.heebihi nagaigen dhiae

    1. Shine
      naaanu

      thanks

  21. Any

    V.v.v furihama bunane ehcheneii thanks shine

    1. Shine
      Any

      thanks

  22. Aisha

    Varah reethi shine he vaahaka abadhuves kiyan love this story too

    1. Aisha
      Aisha

      Ge***

    2. Shine
      Aisha

      thanks

  23. Pinkish

    Wow… v v reethi… maasha allah.. ?

    1. Shine
      Pinkish

      thanks

  24. Yumi

    Shain mihaaru kon sait eh ga story liyanee? Pls bunedheeba

  25. Coco

    Shine ge boss story esfiya.com ga ves liyaanan dhw

  26. Azu

    Ma sha allah…..vaahaka vvvv reethi n vvv iburaiytheri…?

  27. Jaan

    Wow. Varah reethi vaahakaeyy.

  28. Saandy

    V furihama v ibraiytheri vaahakaeh.. V asarugadha 🙂

  29. Saadhu

    V v furihama

  30. Aisha

    shine dear fenvaruga start kuri story (MEE HEY LOAIBAKY) ge next part whn tha? nd e story esfiyaaga start kuran vnu?? miss u a lot.. Aisha wanna shine to cum bck in esfiya >3

  31. shehey

    V v v v v v v v reeeeeethi

  32. Afaa

    Missing you shine, varah reethi mi vaahaka ?????

  33. dream

    V touching story eh mi . V beautiful . Thnk u shine for da lovely story

  34. Jenny

    Varah reethi vaahaka eh

  35. Addu manje

    Love it..?

  36. sham

    Masha allah varah iburai theri…

  37. hardcore supporter

    mi vaahaka v v v v v reethi, v rangalhu ibraiyytheri vaahaka eh mivaahakain eba genesdhey, and dheenee vaahaka eh veema adhi v happy abt this story, ekam hithah eree akyan ah yana libun nama haadha ufaaveehey vaahaka kiyaa nimumun. aslu kiyaa nimun gothah hithah hama jehumeh nulibey yana maruveema, ekam ves v ufaavi akyan ah thedhumagu fenuneema, dhen emeehun aslu ekahala viyaanudhaa evves kameh nukuraakan dhuniye ah engun nama adhi v furihama vees hen heevanee, emeehun beyzaaruvi fadhain. but shine ge hurihaa ninmun thakah ihuthiram kuran.

  38. xeyboo

    salhi..<3

  39. Ukhthaa

    Masha Allah story v v v reethi. Story kiyaafa hama rangalhah vx rovijje. Good job shine. Keep it up.

  40. mm

    asluves varah varah reethi hama rovijje

  41. jooly

    Masha Allah vvv ‘reethi hama rovijje

  42. Hun

    Wow shine is back.

  43. inn

    varah reethi

  44. who am i?

    maasha Allah v furihama mi part ves..

    1. who am i?
      who am i?

      story.. **

  45. Maa

    Heart touching ingey shine…. boss story up kuranee kon site akah tha?????

  46. AKI

    vvv reethi vaahaka

  47. Pink

    V reethi story eh
    Ma’sha allah

  48. saee

    V RYTHI

  49. Arw

    Allah akbar…

  50. Neeno

    Vara reethi story

  51. Tink

    Fb ga shine ge site name egey kujjeh bunedheebala pls

    1. pinkish pinker
      Tink

      Shinybeautifulstories

  52. Hithun

    Bunaane evves neiy hithuge emme hima naaraa kulhelaifi mi vaahaka kiyaafa haadha reechey masha Allah ???

  53. Cherrie

    Mashaa Allah V reethi mi story…. ❤️❤️❤️❤️Love it…

  54. Anonymous

    Shine ge dheevaanaa vaahaka kiyaalan libi dhaanetha?

Comments are closed.