މާ ލަސްވެއްޖެ!
ފަހީމާ އޭނާގެ ދަރިފުޅު ރީނާ ގެންގުޅެނީ ނުހަނު ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. އެއީ އޭނާގެ ހަޔާތުގެ ފިނިކަމެވެ. ހިތުގެ ތެޅުމެވެ. ދެދުނިޔޭގެ އުފަލެވެ. އޭނާ ދެކޭގޮތުގައި އެއީ އޭނާއަށް ލިބިފައިވާ އަގުބޮޑު ޖަވާހިރެކެވެ.
ރީނާގެ އުމުރުން އަށާރަ އަހަރު ވީއިރުވެސް ރީނާގެ އެއްވެސްކަމެއް އަމިއްލައަކަށް ނުކުރެއެވެ. ހުރިހާކަމެއްވެސް ކޮށްދެނީ އޭނާގެ މަންމަ އެވެ. ބޮލުގައި ފުނާއަޅައިދެނީ މަންމައެވެ. ގަޔަށްލާ އަންނައުނު ދޮވެދީ އިސްތިރިކޮށްދެނީ މަންމައެވެ. އެންމެ ކުޑަމިނުން ބުއްތަށްޓެއްވެސް އަމިއްލަ އަތުން ގިރައިގެނެއް ނުބޯނެއެވެ. ފަހީމާ ދެކޭގޮތުގައި ސްކޫލުން ކިޔަވާ ނިމުނަސްވެސް ރީނާ އަދި ބޮޑެއް ނުވެއެވެ. އޭނާއާއި ނުލާ ރީނާއަށް އެއްވެސްކަމެއް ނުވާނެއެވެ.
އެންމެ ތުއްތުއިރުއްސުރެ ރީނާ ބޭނުންވަނީ ނަރުހަކަށް ވާށެވެ. އެހެންކަމުން އޭލެވެލް ކިޔަވާ ނިމުމާއެކު އޭނާ ކުރިމަތިލީ ނަރުސް ކޯހަށެވެ. އޭނާގެ ފަރާތުން ޤައުމަށް ޚިދުމަތެއްކޮށްދިނުމުގެ ބޭނުމުގައެވެ. ޚާއްޞަކޮށް ބަލިމީހުންނަށް އެހީވުމަކީ އޭނާ ވަރަށް ކުރަން ބޭނުންވާ ކަމަކަށް ވާތީއެވެ.
ރީނާ ކުރަމުންއައި އިންތިޒާރަށް ނިމުމެއް އަތުވެއްޖެއެވެ. ކޯސް ލިބުނުކަމުގެ ލިޔުން ލިބުމާއެކު ރީނާ މާލެ ދިޔުމުގެ ތައްޔާރީތައް ފެށިއްޖެއެވެ. މަންމަގެ ކަމަކީ ފާޑުފާޑުގެ ހަދިޔާތައް ހަދާ ދަޅުދަޅަށާއި ޑަބިޔަލަށް އެޅުމެވެ. ފޮށިގަނޑުތައް ބަންދު ކުރުމެވެ. ރީތި ހެދުންތައް ފަހާ، ރީތިވާ އެއްޗެހި ގަނެދީ ފޮށިތަންމަތި ތައްޔާރު ކުރުމެވެ. ރީނާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާގެ އުންމީދުތައް ފުރިހަމަކުރުމުގެ މަގު ފަހިވީތީއެވެ.
ރީނާ މާލެދިޔައީ އޭނާގެ ބޮޑުބޭބެ ބަލާ އައުމުން ލޯންޗުންނެވެ. ރީނާ ލޯންޗަށް އެރި ވަގުތު ފަހީމާއާއި ރީނާ އެކަކު އަނެކަކަށް ރޯއިރު ހީވަނީ އެހެންކަމެއް ހެންނެވެ. ކައިރީގައި ތިބި އެންމެންވެސް ތިބީ މި ދެމައިންގެ އަމަލުތައް ހުރިގޮތުން ފެންކަޅި ވެފައެވެ. ހިތްދަތިވެފައެވެ. އެންމެ ފަހުން ލޯންޗު ފުރާގަޑި ޖެހުމުން ދެމީހުން ދުރަށް ދިޔުމަށް މަޖުބޫރުވީއެވެ.
” މަންމާ! އަހަރެން ނުދާނަން، މަންމަ ކައިރި ހުންނާނީ ” އެވަގުތު އަޑުގެ ކޮޅަށް ރީނާ ހަޅޭއްލަވައިގަތެވެ.
” ނޫން ދަރިފުޅާ! މަންމަ ބޭނުމީ ދަރިފުޅު ބޭނުންވާގޮތަށް ނަރުހަކަށްވެގެން މަންމަކައިރިޔަށް އަންނަން. ދަރިފުޅާ! ކެތްތެރިވާންވާނެ. މަންމަޔާނުލާ އުޅެންވެސް ދަސްކުރަންވާނެ. ހިތްވަރުކުރޭ ދަރިފުޅާ! މަންމަ ދަރިފުޅަށް ގުޅާނަމޭ!” ދެލޯ ފޮހެލާފައި ރީނާގެ ބުރަކަށީގައި ފިރުމާލަމުން ފަހީމާ ބުންޏެވެ.
” ނޫން! ނުދާނަން! މަންމަވެސް އާދޭ މަށާއެކު،” ރީނާ ރޮމުން މަންމައަށް ގޮވިއެވެ.
” ދެން ރަނގަޅުވާނީ ފަހީމާ އަވަހަށް ދިޔުން. އޭރުން ދެން ރީނާ ހަމައަކަށް އެޅިދާނެ” ރީނާގެ އަތުގައި ހިފައިގެން ގޮސް ލޯންޗުގެ ސީޓުގައި ބައިންދަމުން ބޮޑުބޭބެ ބުންޏެވެ.
” ދަރިފުޅާ ހިތްހެޔޮކުރާތި! ބޮޑުބޭބެގެ ބަސްއަހާތި! ރަނގަޅަށް ކިޔަވާތި! ”
ފަހީމާ ގޮނޑުދަށުން ގެޔަށް ދިޔުމަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އެއްފަހަރު ކުރިއަށް، އަނެއްފަހަރު ފަހަތަށް ބަލަމުން ހުއްޓެމުން ދުވަމުން ކަހަލަ ގޮތަކަށް ފަހީމާ ގެޔަށް ހިނގައްޖެއެވެ.
ރީނާ ފުރުވާފައި ގެޔަށް އައިއްސުރެ ފަހީމާގެ ކަމަކީ ރުއިމެވެ. އަނެއްކާވެސް އޭނާ އެކަނިވީއެވެ. ރީނާގެ އުމުރުން އެންމެ ދެ އަހަރުގައި ނަދީމު މަރުވެދިޔުމަށްފަހު އޭނާ ހަމައަކަށް އެޅުނީ ރީނާގެ ތުއްތު ރުއިމާއި ހުނުމުގެ ސަކަރާތުންނެވެ. މިހުރިހާ ދުވަހު ދަރިފުޅު ގޮވައިގެން އޭނާ އެކަނިމާއެކަނި އުޅުނީ ނަދީމުގެ ބޮޑުބޭބެގެ ހެޔޮކަމުން، އޭނާ އެހީވެދީގެންނެވެ. ބޮޑުބޭބެގެ ދަރިއަކު ނެތުމުން ނަދީމުދެކެ ބޮޑުބޭބެ ވަރަށް ލޯބިވެއެވެ. ނަދީމު ބުނި ކޮންމެ އެއްޗެއް ހޯދައިދެއެވެ. ޚާއްޞަކޮށް ރީނާ ދެކެ ބޮޑުބޭބެ ލޯބިވާވަރު ފެނުމުން ފަހީމާގެ ހިތް އުފަލުން ފޮޅެއެވެ.
ރޭގަނޑު ހަތެއް ޖަހައިފިއެވެ. ފަހީމާ ގަޑީގެ ކަށްޓަށް ބަލަމުންދިޔައިރު އެންމެ ސިކުންތެއްވެސް ހީވަނީ އެއްދުވަސް ހެންނެވެ. އެންމެ ފަހުން ހިތަށް ކެތްނުވެގެން ރީނާއަށް ގުޅިއެވެ.
” ހަލޯ. މަންމާ! ” ރީނާ ފޯނުނެގުމާއެކު ރޯންފަށައިފިއެވެ.
” ދަރިފުޅާ! ” މަންމައަށްވެސް ރޮވިއްޖެއެވެ.
ދެކޮޅުންވެސް އިވެނީ ރޯއަޑެވެ. ވާހަކަދެއްކޭގޮތެއް ނުވިއެވެ. އެހެންކަމުން ފަހީމާއަށް މަޖުބޫރުވީ ފޯނު ބޭއްވުމަށެވެ.
އެ ރެއިންފެށިގެން ފަހީމާއަކަށް ރަނގަޅަކަށް ނުކެވެއެވެ. ހަމަނިންޖެއް ނުނިދެއެވެ. މީހާ ވަނީ ހިކި އަނަރޫފަވެފައެވެ. ލޯ ވަޅުވަދެފައެވެ. މޫނު މިލާފައެވެ. ހީވަނީ އެތަކެއް އަހަރު ބަލިވެ އުޅެފައިވާ މީހެއްހެންނެވެ. ބޭރަށް ނިކުމެ މީހުންނާ ވާހަކަދައްކަނީވެސް ވަރަށް މަދުންނެވެ. އަވައްޓެރިން އޭނާއަށް ހިއްވަރުދީ ހާލު ބަލާ ނުހަދާނަމަ އޭނާ މިހާރު ދިރިހުންނާނެ ކަމެއްވެސް ނޭނގެއެވެ.
ކޮންމެ ދުވަހަކުވެސް ފަހީމާ ރީނާއަށް ގުޅައެވެ. ފަހީމާ ގުޅާ ކޮންމެ ފަހަރަކު ނަމާދުކުރުމަށާއި، ރަނގަޅަށް ކިޔެވުމަށް އަދި ބޮޑުބޭބެގެ ދެމަފިރިންގެ ބަސް އަހައިގެން އުޅުމަށާއި، ކޮންމެވެސް ކޮންމެވެސް އެކަނި ބޭރަށް ނުދިއުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވެއެވެ. ހަމައެފަދައިން ރީނާވެސް ކޮންމެ ރެއަކު ނިދާގަޑީގައި މަންމައަށް ގުޅައެވެ. މަންމަ މަތިން ވަރަށް ހަނދާންވާ ވާހަކަ ބުނެއެވެ. ޚާއްޞަކޮށް ނިދާގަޑީގައި މަންމަ ކިޔައިދޭ ރީތި ވާހަކަތައް އަޑުއަހާ ހިތުން ނުނިދި އެތައް އިރަކު އޮންނަންޖެހޭ ވާހަކަ ރީނާ މަންމަގެ ގާތުގައި ބުންޏެވެ.
ބޮޑުބޭބެގެ އަންހެނުން ޒާހިރާ އަށްވެސް ފަހީމާ ގުޅިއެވެ. ރީނާގެ ކަންތައްތައް ހުންނަގޮތް ޒާހިރާއަށް ކިޔައިދިނެވެ. ރީނާއަށް ވަރަށް ރަނގަޅަށް ކަންތައްކޮށްދިނުމަށް އާދޭހާއެކު ޒާހިރާގެ ކިބައިންނާއި ބޮޑުބޭބެގެ ކިބައިން ފަހީމާ އެދުނެވެ. ޒާހިރާ ބުނާގޮތުގައި ރީނާ ވަރަށް ރަނގަޅެވެ. އެގެ ހުންނަނީ ކިޔަވަންދާ ހިސާބާއި ވަރަށް ދުރުގައި ކަމަށް ވާތީ އޭނާ ކުލާހަށް ދަނީ ބޮޑުބޭބެއާއެކު ސައިކަލުގައެވެ. ބޮޑުބޭބެ ފިހާރައަށް ދަނީ އޭނާ ކުލާހަށް ގެންގޮސްފައެވެ.
ރޭދުވާ ތަކުރާރުވަމުންގޮސް ދެމަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ރީނާގެ އުޅުމަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ކޮންމެ ރެޔަކު މަންމައަށް ގުޅާފައި ނޫނީ ނުނިދުނު ރީނާއަށް މިހާރު ހަފުތާއަކު އެއްފަހަރުވެސް މަންމައަކަށް ނުގުޅެއެވެ. މަންމަ ގުޅީމާވެސް އަބަދުވެސް ދެނީ އެއްޖަވާބެކެވެ. ވަރަށް ބިޒީއެވެ. ފަހުން ގުޅާލާނަމެވެ.
ރީނާގެ ޢަމަލުތައް ހުންނަގޮތުން ފަހީމާ ކަންބޮޑުވެ ހާސްވާން ފަށައިފިއެވެ. އިރުއިރުކޮޅުން ރީނާއަށާއި ޒާހިރާއަށް އަދި ބޮޑުބޭބެއަށްވެސް ގުޅެނީއެވެ. އެންމެ ފަހުން ފަހީމާ ނިންމީ ދަރިފުޅު މަންމައާއި ވަކިން އުޅެން ޖެހުމުން ވީގޮތްކަމަށް ހީކޮށް އަވަހަށް މާލެދިޔުމަށެވެ.
ފަހީމާ މާލެދިޔައީ ރީނާއަށް ނޭނގިއެވެ. އޭނާ ގެޔަށް ދިޔައިރު ރީނާ ވީ ކުލާހުގައި ކަމަށް ޒާހިރާ ބުންޏެވެ. ފަހީމާއާއި ޒާހިރާ ސިޓިންރޫމުގައި ތިއްބާ ރީނާ ގެޔަށް އައިސްވަނުމާއެކު މަންމަ ފެނުމުން ދުވެފައި އައިސް މަންމަގެ ގައިގައި އޮޅުލައިގަތެވެ.
” މަންމާ! މަންމަ ހާދަހިއްކޭ؟”
” ހިކޭނެއެއްނު. މަންމައަކަށް ނުވެސް ކެވޭ. ނުވެސް ނިދޭ . ދަރިފުޅު ނުފެންނާތީ.”
“މަންމާ! މިހާރު ކޯހުގައި ވަރަށް ބުރަ. އެހެންވެ ނުގުޅެނީ . ރޭގަނޑުވެސް އާދެވެނީ ވަރަށް ލަހުން. އެގަޑީގަ މަންމަ އޮންނާނީ ނިދާފައިކަމަށް ބަލާފަ އަހަރެންވެސް ނިދިއައިސްގެން އަވަހަށް ގޮސް އޮށޯންނަނީ . އިރުކޮޅަކުން އޮންނަނީ ނިދިފަ . ”
” ދަރިފުޅާ! މަންމައަށް އެނގޭ ވަރަށް ބުރަވާނެކަން . އެކަމަކު ކޮންމެވެސް އެއްގަޑިއެއްގަ މަންމައާ ވާހަކަދައްކާލަން ވާނެއެއްނު. އެހެންނޫނީ މަންމަ ކިހިނެއް ނިދާނީ. މަންމައަށް މިހާރު އެއްގޮތަކަށްވެސް ނުނިދޭ. ”
” އާނ! ތިބުނީ ތެދެއް. އެކަމަކު މަންމަ ތިއައީ ނުގުޅީމައެއްނު . ގުޅާނަމަ ނުވެސް އަންނާނެ ކަންނޭނގެ. މިހާރު މާރަނގަޅެއްނު . މިހިރީ ކައިރީގައެއްނު . ދެން މަންމަ ދައްކާނެ ވާހަކައެއް ދައްކަބަލަ!” ރީނާ މަންމަގެ ގައިގައި ބައްދައިގަތެވެ.
” ދެން ދޭ މަންމަ ގޮވައިގެން ކޮޓަރިއަށް . ރީނާ މިހާރު ވަރަށް ގިނަ ކަންތައްތައް ދަސްކޮށްފި. މިހާރުތީ ކުރީގެ ރީނާއެއް ނޫނޭ ދޯ ރީނާ! ” ޒާހިރާ ގޭތެރެއަށް ދިއުމަށް ހިނގައިގަންނަމުން ރީނާއާދިމާއަށް ހިނިތުންވެލިއެވެ.
” ތެދެކޭ މަންމާ! ހިނގާބަލަ ކޮޓަރިއަށް. ” ރީނާ މަންމަގެ އަތުގައި ހިފައިގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
އެރޭ ރީނާ އޭނާގެ ހުރިހާ ވާހަކައެއް ފަހީމާއާއި ހިއްސާ ކުރިއެވެ. އޭނާވެސް ރީނާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާތަން ފެނުމުން ވަރަށް އުފާކުރާވާހަކަ ބުންޏެވެ. އަދި މަންމަ ބޭނުންވަނީ ކޮންމެ ޙާލެއްގައި ވެސް ކެތްތެރިވެ ރީނާއަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމަށް ކަމުގައި ބުންޏެވެ.
ތެދެކެވެ. ރީނާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މަންމަ ކޮށްދެމުންއައި ހުރިހާކަމެއް މިހާރު ރީނާ އެކަނި ކުރަން ދަސްކޮށްފިއެވެ. އެއްޗެހިދޮވުމާއި އިސްތިރި ކުރުމެވެ. ގޭތެރެ ފޮޅާ ސާފު ކުރުމާއި އެނދު ތަންމަތި އެޅުމެވެ. ބައެއް ވައްތަރުގެ ކާއެއްޗެތި ތައްޔާރު ކުރަންވެސް މިހާރު ރީނާ ވަރަށް މޮޅެވެ.
ހަފުތާއެއްހާ ދުވަހު މާލޭގައި މަޑުކުރުމަށްފަހު ފަހީމާ ރަށަށް ހިނގައްޖެއެވެ. ނުހަނު އުފަލުންނެވެ. ރީނާގެ ކިޔެވުމާއި، ތާހިރު ، މުރާލި އުޅުންގަނޑު ފެނި ހިތްހަމަޖެހިގެންނެވެ. ޒާހިރާއާ ބޮޑުބޭބެގެ ހެޔޮކަމަށް ފަށްފަށުން ތަޢުރީފު ކޮށްފައެވެ.
ކޯހުގެ ފުރަތަމަ އަހަރުގެ ކިޔެވުން ނިމި ޗުއްޓީ ލިބިއްޖެއެވެ. ރީނާ ރަށަށްދާން އުޅޭ ވާހަކަ ފަހީމާގާތުގައި ބުނުމާއެކު ފަހީމާ އޭނާގެ ދަރިފުޅަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުން ދިޔައީ ކައިރި އަވައްޓެރިންގެވެސް މަދަދާ އެކުގައެވެ. މަކުނުވާ ފޮޅާ ، ގޭތެރެ ސާފުކޮށް މުޅި ގޯތިތެރެއަށް ދޮންވެލި، ލިއެވެ. ބަދިގެ ދޮވުނެވެ. އެނދުތަންމަތި އަޅާ ، ގޮނޑި މޭޒު ފޮހުނެވެ.
ރީނާ އަންނަ ބޯޓު ރަށަށް ލަފަނީ ހެނދުނު ދިހައެއް ޖަހާއިރުކަމަށް ބުނެފައިވާތީ ފަތިހު ފަތިހާ ތެދުވެ ސައި ކައްކާ ހެދިއެވެ. ގޭތެރޭގެ ހުރިހާކަމެއް ނިންމާލުމަށްފަހު ފަހީމާ ބަނދަރުމަތީގައި ބުރުޖަހަންފެށިއިރު ގަޑިން ހަޔެއްވެސް ނުޖަހާނެއެވެ. އެއްފަހަރު ގޮނޑުދަށަށް ފައިބާފައި ބަލާލުމަށްފަހު އަނެއްފަހަރު ގެއާދިމާލަށް ދުއްވައިގަނެވެނީ ބޭއިޚްތިޔާރުގައެވެ.
” އަދިވެސް ބޯޓު ނުލަފަނީތަ؟ މިހާރު ހާދަ ލަސްވެއްޖެޔޭ. މަގޭ ރީނާ މިހާރު ހުންނާނީ ދޮންވެފަ، ފަލަވެފަ ކަންނޭނގެ ” ރީނާ ދެކޭހިތުން ކެތްމަދުވެފައި ހުރި ފަހީމާ އޭނާގެ އުދާސްތައް ބޭރު ކުރަމުން ދެއެވެ.
ގަޑިން ނުވަގަޑި ސާޅިސް ފަހެއް ވީއިރު ބޯޓު ފަޅަށް ވަދެއްޖެއެވެ. މީހުންތައް ފައިބަމުން ދިޔަވަރަކަށް ފަހީމާގެ ހިތް އަވަސްވަމުން ދެއެވެ. އަދި މަޑުމަޑުން ފަހަރަކަށްވުރެ ފަހަރެއް ގޮނޑުދޮށަށް ފައިބަމުން ގޮސް އެންމެ ފަހުން މީހުންތަކުގެ ތެރެއަށް ވަދެއްޖެއެވެ. އެވަގުތު ރީނާ ފެނުމާއެކު ފަހީމާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.
” ދަރިފުޅާ! މަގޭ ދޫންޏާ! ހޮޑުލެވުނުތަ ؟ އަވަހަށް އާދޭ ގެޔަށް ދާން. ދަރިފުޅު ތިހިރީ ވަރަށް ބަނޑުހައިވެފައެއްނު . އަލިބޭ! ކޮބާތަ މީނަގެ ފޮށި؟” ފަހީމާ އެއްފައްޗަކަށް އަމުނާލިއެވެ.
” މަންމާ! މިހިރީ ފޮށި.” ރީނާ ކައިރީގައި ހުރި ފޮށި ދެއްކިއެވެ.
” ހިނގާ އަވަހަށް ދާން! ” މަންމަ ފޮށި ނަގާ ބަރޯގައި ބާއްވަމުން ރީނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ރީނާގެ ކަމަކީ ގެޔަށް ވަނީއްސުރެ ޝަކުވާ ކުރުމެވެ. އޭނާގެ ކޮޓަރި ހުތުރު ވެއެވެ. ކޮޓަރީގައި ފާހާނާ ނެތީމައެވެ. ފަނުން ގެ ހުރީމައެވެ. ގޭގައި ވެލި ހުރީމައެވެ. މަދިރި ހަފާތީއެވެ. ސައިކަލާއި ކާރުގައި ތަންތަނަށް ނުދެވޭނެތީއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް މާލެ ދިޔުމަށެވެ.
އެންމެ ފަހުން ރީނާ ފެންވަރަން ގިފިއްޔަށް ނުވަނުމުން ފަހީމާ އޭނާގެ އަވައްޓެރިއެއްގެ ގެއިން ކޮޓަރިއެއް ހޯދާފައި އެގެޔަށް ރީނާ ބަދަލުކޮށްފިއެވެ. ހިތާ ދެކޮޅަށް ނަމަވެސް ރީނާގެ ހިތް ހަމަޖައްސައިދިނުމަށް ޓަކައެވެ.
މިއަދަކީ ފަހީމާ އުފަލުން ހޭންވީ ދުވަސްކަމުގައި ވިޔަސް އޭނާގެ ހުރިހާ އުންމީދެއް މިވަނީ ފެނަށްވެފައެވެ. ހިތާމައާއި ހިތްދަތިކަމުން ފުރިފައެވެ. ދަރިފުޅަށްޓަކައި ރޭގަނޑު ނުނިދާ ވީ ތައްޔާރީތައް ދަރިފުޅަކަށް ކަމަކު ނުދިޔައެވެ. ދަރިފުޅު ރަށަށް އައިނަމަވެސް އޭނާ މަންމަގެ ކައިރީގައި ނިދާލާކަށް ހިތެއް ނުރުހުނެވެ. މިއަދު ރީނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އެކަނިމާއެކަނި ތަންމަތީގައި ނުނިދި ފުރޮޅިފުރޮޅި އޮތް މަންމަގެ ގިސްލުމުގެ އަޑު އިވޭވަރަށްވުރެ ދަރިފުޅު ވަނީ މާދުރުގައެވެ. އެހެން ގެޔެއްގައެވެ. ފިނި ކޮޓަރީގައި އަރާމު ނިދީގައެވެ. ފަހީމާގެ ހިތް ދަރިފުޅަށް އެދި ރޯ އިރުވެސް މެއެވެ.
އޭގެ އަނެއްދުވަހު ފުރި ލޯންޗަކުން ރީނާ ފުރައިގެން މާލެ ހިނގައްޖެއެވެ. އޭނާ ފުރުވަން ގޮސް ހުރިއިރު ފަހީމާގެ ހިތް ކަތިލި ކަހަލައެވެ. އެހެނަސް އޭނާ ކެތްތެރިވިއެވެ. ދަރިފުޅަށް ހެޔޮ ދުޢާކުރަމުން، ހިއްވަރުދެމުން ، ނަސޭހަތްތެރިވާ ޙާލުގައެވެ.
ދުވަސްތައް ފާއިތުވެ ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދެ އަހަރު ދުވަހުގެ ކޯސް ނިމިއްޖެއެވެ. ރީނާގެ އުންމީދު ފުރިހަމަކުރެވިއްޖެއެވެ. ރީނާ ރަށަށް ގެންނަން ފަހީމާ ކިތަންމެ ބޭނުންވިޔަސް ރީނާ ވަޒީފާ އަދާކުރަން ބޭނުންވީ މާލޭގައެވެ. މުސްކުޅިން ބުނާހެން މާލޭފެނަށް ދިރުނީއެވެ.
މިހާރު ރީނާ އަކީ އައިޖީއެމްއެޗްގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަރުހެވެ. ބަލި މީހުންނަށް އޯގާތެރި ، ހިތްހެޔޮ ، ކަމަށް ކަމޭހިތާ، ފަރުވާތެރި، ނަރުހެކެވެ. ޚާއްޞަކޮށް ރީނާގެ ރީތިކަމުގެ ސަބަބުން އެތަނުގައި ވަޒީފާއަދާކުރާ ހުރިހާ ޒުވާނުންގެ ލޯތައް އަމާޒުވެފައިވަނީ ރީނާއަށެވެ.
މާގިނަދުވަހެއްނުވެ ރީނާގެ ނަޞީބު އަތުގައި ހިފައިފިއެވެ. އެތަނުގެ ކުޑަކުދީންގެ ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ފިރާޝްގެ ހިތުން ޚާއްޞަ މަޤާމެއް އަތުލައިފިއެވެ. ފިރާޝްއަކީ ރީނާ އެ ހޮސްޕިޓަލަށް ޓްރޭނިންގއަށް ދިޔަ ދުވަހުއްސުރެވެސް އެންމެ ގާތުގައި އުޅުނު އެއް ޑޮކްޓަރެވެ. އެހެންކަމުން ރީނާވެސް ހުރީ ފިރާޝްގެ ފަރާތުން އެކަހަލަ އިޝާރާތެއް ވޭތޯ އިންތިޒާރުގައެވެ.
ފިރާޝްއަކީ ބަލިމީހުންނަށް ވަރަށް އޯގާތެރި ، ވަރަށް ގިނަ މީހުންގެ މަޤުބޫލުކަން ލިބިފައިވާ މަޝްހޫރު ޑޮކްޓަރެކެވެ. އޭނާގެ ބައްޕައަކީ މުއްސަނދިކަމަށް އަރާހުރި މާލޭގެ މަހުޖަނުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. މަންމައަކީވެސް އެހާމެ ޤަދަރުވެރި ޢާއިލާއެއްގެ ބޭފުޅެކެވެ. މިއީ ރީނާގެ މަޤުޞަދު ޙާޞިލުވެ ކުރިމަގު އުޖާލާ ވުމަށް މެދުވެރިވި ވަރަށް ބޮޑު ނަސީބެކެވެ.
ރީނާގެ މަންމައަށް ގުޅާފައި އޭނާގެ ކައިވެނީގެ ކަންތައް ހަމަޖައްސަން އުޅޭވާހަކައާއި މަންމަ ކޮންމެހެން އަންނާނެކަމެއް ނެތްކަމަށް އޭނާ މަންމަގެ ކައިރީ ބުންޏެވެ. ފަހީމާގެ ހިތަށް ހީވީ މީހަކު ތޫނު ޚަންޖަރެއް ހަރާލިހެންނެވެ. މިހުރިހާ ދުވަހު އޭނާ އެންމެ ދެކެން ބޭނުންވި އެއްދުވަހަކީ އެއެވެ. ނަމަވެސް އެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތުވެސް އޭނާއަށް ނުލިބުނީއެވެ. އޭނާގެ ހަމުގެ ކުލަ ކަޅުވީމަ ހެއްޔެވެ؟ ސިފަ ހުތުރުވީމަ ހެއްޔެވެ؟ މޫނަށް ރޫ އަރާފައި ހުރީމާ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ފަހީމާ ބޭނުންވީ އެވަގުތުވެސް ދަރިފުޅަށް ހެޔޮ ދުޢާ ކުރުމަށެވެ. ކެތްތެރިވުމަށެވެ. އަދި އިރާދަކުރެއްވިއްޔާ އޭނާގެ ހިތަށް ހަމަޖެހުން ލިބޭނެ ދުވަހެއް އަންނާނެއެވެ. އޭނާގެ ދަރިފުޅު އޭނާ ބަލާ އަންނާނެއެވެ.
ކައިވެނީގެ ފަހުން ރީނާއަށް ލިބުނީ ގަނޑުވަރެއްކަހަލަ ރީތި ގެއެކެވެ. އޭސީ ކޮޓަރި އެކެވެ. އަރާމު ތަންމައްޗެކެވެ. ރީތި މޮޅު ފަރުނީޗަރާއި މީރު ކާނާތަކެވެ. ފިރާޝްގެ ޢާއިލާގެ އެންމެންވެސް ރީނާދެކެ ވަރަށް ލޯބި ވެއެވެ. ހީވަނީ ރީނާއަކީ އެގޭގެ ރާނީ ހެންނެވެ. ރީނާ ބޭނުން ކަމެއް، ބޭނުންވަގުތަކު ކުރެވެން ހުރެއެވެ. ކައިރީގައި ނޯކަރުންތައް ތިބެނީ ރީނާ ކަމެއް ބޭނުންވެގެން ގޮވާލާތޯއެވެ. އެހެންކަމުން މިހާރު އޭނާ ވަޒީފާއަކަށްވެސް ނުދެއެވެ.
ރީނާއާ ވާހަކަދައްކަން ކެތް މަދުވެފައި ހުރި މަންމަ ވަރަށް ގިނައިން ރީނާއަށް ގުޅާ ޙާލު ބަލައެވެ. ފޯނު ނަގަނީ ވަރަށް މަދު ފަހަރަކު އެވެ. އަބަދުވެސް ރީނާ ދޭ ޖަވާބަކީ ފަހުން ގުޅާނަމެވެ. ދުވަހަކުވެސް އެ ‘ފަހެއް’ ނާދެއެވެ. އެކަމަކުވެސް މައި ލަގޮނޑިއަށް ކެތްނުވާތީ ގުޅެނީއެވެ.
ރީނާ ބަލިވެއިންކަން އެނގުމާއެކު ފާޑުފާޑުގެ މީރު ކާއެއްޗެހި މަންމަ ރީނާއަށް ފޮނުވިއެވެ. ކުޅިކާޖާއާއި ފޮނިކާޖާއެވެ. ތެލުލި ބަނބުކޭލާ އަތުޖެހިއެވެ. އުޅާއްޔާއި ހަލުވާއެވެ. ނަމަވެސް މިއިން އެކައްޗެއްވެސް ރީނާ ނުކައެވެ. ގޭމީހުނަށްވެސް ސިއްރުން އުކާލަނީއެވެ. ރަށު ހަދިޔާ ކަމު ނުދާތީއެވެ.
ފަހީމާ ބޭނުންވީ ރީނާ ވިހަންވާއިރަށް މާލެ ދިޔުމަށެވެ. ނަމަވެސް ރީނާ މިގޮތަކާ އެއްބަހެއް ނުވިއެވެ.
” މަންމަ އާދޭ ތަންކޮޅެއް ފަހުން” ރީނާ ބުންޏެވެ.
” ދަރިފުޅާ! މަންމަ ބޭނުން މަންމަގެ ފުރަތަމަ މާމަ ދަރިފުޅު ދެކެން” އަސަރާއެކު ފަހީމާއަށް ބުނެވުނެވެ.
” މަންމަ މިދުވަސްކޮޅު އައީމަ މިގޭ މީހުންނަށް ވާނީ އުނދަގޫ. ފަހުން އާދޭ! އަހަރެން ވިހައިގެން ހައެއްކަމަސް ވީމަ މަންމަ އަންނާނީ” ނުރުހުމުގެ ރާގުގައި ރީނާ މިހެންބުނުމުން ފަހީމާއަށް އިތުރު އެއްޗެއް ބުނާނެ ހިއްވަރެއް ނުލިބުނެވެ.
ކައިވެންޏަށް ދެއަހަރުގައި ރީނާއަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބިއްޖެއެވެ. ރީމާ ހީވަނީ ހަމަ ރީނާ ހެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. އެހެންކަމުން ފިރާޝް އޭނާއަށް ކިޔަނީ ބޭބީ ރީނާއެވެ. ރީނާވެސް ހުންނަނީ މިކަމާ ވަރަށް ގަޔާވެފައެވެ. ފިރާޝް އޭނާ ދެކެވާ ލޯތްބަށް ބޮޅެއް އިތުރުވުމުންނެވެ.
މާގިނަދުވަހެއް ނުވިއެވެ. ރީނާއަށް ލިބުނު މޮޅު ދިރިއުޅުމުގެ ސަބަބުން ރީނާގެ ހިތް އާސްމާނަށް އަރައިފިއެވެ. ތިމާއަށް ތިމާފެނިއްޖެއެވެ. ދަންނަ މީހަކު ފެނުނަސް އެނގޭކަމަށްވެސް ނުހަދައެވެ. ފިރާޝްގެ ކަންތައްތައްވެސް ކޮށްދެނީ އެހެންމީހުންނެވެ. އޭނާ އެއްޗެކޭ ބުންޏަސް މޫނުމަތީގައި ޒުވާބުކޮށް ހަޅޭއްލައެވެ. ނުވިތާކަށް ފިރާޝްގެ މައިންބަފައިންގެ ކުރިމަތީގައި އޭނާގެ ނުފޫޒުގަދަކަން ދައްކަންވެސް ފަށައިފިއެވެ. ފިރާޝް ހުންނަނީ މިކަމާ ވަރަށް ދެރަވެފައެވެ. ފަހީމާއަށް މިހާބޮޑު ބަދަލެއް އައި ސަބަބަކީ ކޮބައިބާވައެވެ؟
ފަހީމާ ހުރީ މެންދުރު ކައްކަން ބަދިގެ ތެރޭގައެވެ. އޭނާގެ ޖީބުގައިއޮތް ފޯނު ރިންގުވާން ފެށުމުން ނަގާ ބަލާލިއިރު ގުޅަނީ ރީނާއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަހަށް ފޯނު ނަގާ ވާހަކަދައްކަން ފެށިއެވެ.
” ދަރިފުޅާ! ކިހިނެއްތަ ޙާލު . ކޮބައިތަ އެމަންޖެ؟ ” އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.
” މަންމާ! މިއޮތީ އެމަންޖެ. ނިދާފަ . މަންމައަށް މިގުޅީ ވަރަށް ބޮޑު ކަމަކު.”
” އަނެއްކާ ކޮންކަމަކު އަވަހަށް ބުނޭ ދަރިފުޅާ! ” ވީ އުފަލެއްގެ ބޮޑުކަމުން ފަހީމާއަށް ބުނެވުނެވެ.
” މަންމާ! ރީމާ ބަލައިދޭން މަންމަ އަންނަންވީނު؟ ” ރީނާގެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ.
” އާނ! މަންމަ މިހުރީ ހަމަ މިހާރު މިވަގުތު ބުންޏަސް ދާން ތައްޔާރަށް! އަނެއްކާ ކިހިނެއްވީތަ؟” ފަހީމާ ހިތުގައި ސުވާލު އުފެދުނެވެ.
” ކަމެއްނުވޭ މަންމާ! އަވަހަށް އާދޭ!”
” އާނ! ” ފަހީމާގެ ހިތް ބާރުބާރަށް ވިންދު ޖަހަމުން ދިޔައެވެ.
“އަނެއްކާ ކިހިނެއްވީބާ؟” ފަހީމާ ހުރީ މާލެ ދިޔުން ލަސްވެފައެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު ފަހީމާ މާލެ އަތުވެއްޖެއެވެ. ގެޔަށް ދެވުމާއެކު ފަހީމާ އަޖައިބުވެ އަންތަރީސްވިއެވެ. އޭނާގެ ދަރިފުޅުގެ އެ މުއްސަނދި ދިރިއުޅުން ފެނި އާޝޯޚުވިއެވެ. ތަލިން ކުޅުހިކިފައި ގޭގެ އެތަން މިތަނަށް ބަލަބަލާ ހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ.
” މަންމާ! ހިނގާބަލް ކޮޓްރިއަށް. ” ރީނާ ތުއި ގޮތަކަށް ބުނެލިއެވެ.
” ކޮބާ ރީމާ؟”
” ކޮޓްރީގަވީ”
ރީނާ އޭނާގެ މަންމަ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ރީމާ އޮތީ ނިދާފައެވެ.
” މިއޮތީ ދޯ ދަރިފުޅު؟ ހީވަނީ ހަމަ ރީނާ ހެން . މާމަގެ ލޯބި ދަރިފުޅާ! ” ފަހީމާ އަކަށް ކެތެއް ނުވިއެވެ. ނިދާފައި އޮތް ރީމާގެ ކޮލުގައި ބޮސް ދެވިއްޖެއެވެ.
” މަންމާ! އޭނަ ހޭލަފާނެ” ރީނާ ހިތްހަމައެއް ނުޖެހުނެވެ.
ރީމާ ބެލެހެއްޓުމުގެ ކަންތައްތައް ރީނާ ، މަންމައާއި ހަވާލު ކުރިއެވެ. ކާންދީ ، ބުއްފުޅި ހަދާ، ފެންވަރުވާނެގޮތް ކިޔައިދިނެވެ. މާގިނައިން އުރައިގެން ނޫޅުމަށް ބުންޏެވެ. ފެންވަރާ އަތްފައި ދޮވެގެން ނޫނީ ރީމާގެ ގައިގައި އަތް ނުލުމަށް ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. އޭނާގެ ހިތް ރޮމުން ގިސްލަމުން ދިޔަކަމުގައިވިޔަސް ފަހީމާއަށް އާނ!ބަސް ބުނުން ނޫން އިތުރުގޮތެއް ނެތެވެ.
އާދަވެގެން އޭނާ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުކޮށްގެން ކިޔަވާ ފަދައިން މިއަދުވެސް ފަތިސް ނަމާދަށް ހޭލިގޮތަށް ފަހީމާ އިނީ ޚަތިމު ހިފައިގެން ކިޔަވާލާށެވެ. އިރުކޮޅަކުން ރީމާ ހޭލައިފިއެވެ. ފަހީމާ ރީމާ އުރާލައިގެން އައިސް އަނެއްކާވެސް ކިޔަވަން ފެށިއެވެ. ނަމަވެސް ރީމާ ރޯން ފަށައިފިއެވެ. އެއްގޮތަކަށް ހުއްޓައެއް ނުއްޔެވެ. ބުއްފުޅިއެއްވެސް ނުބުޔެވެ. އެންމެ ފަހުން ހަދާނެގޮތް ބޮޑުވެގެން ފަހީމާ ނިކުތީ ބެލްކަންޏަށެވެ. އެވަގުތު ރީމާ ހުއްޓާލައިފިއެވެ.
ގަޑިން ހަތެއް ޖަހައިފިއެވެ. މާމައާއި ރީމާ ފިޔަވާ އެންމެން ތިބީ ގަދަ ނިދީގައެވެ. މާމައާއި ރީމާގެ ކަމަކީ ސަކަރާތް ޖެހުމެވެ. މަޖާ ކުރުމެވެ. ފުރަތަމަ މާމަ ދަރިފުޅު، މާމައާ އެހާ އޮޅުވީތީ ފަހީމާ ހުރީ އުފަލުން ފޮޅިފައެވެ. ހެދޭ ނުހެދޭ އެއްވެސް ނޭނގެއެވެ. ކޮލަށް ދޮނެއް ދޭނެއެވެ. ބައްދާލާނެއެވެ. ބޮލުގައި ފިރުމާލާނެއެވެ. މަގުމަތިންދާ ދުއްވާ އެއްޗެހި ދައްކާ ‘ބޫން’ ގޮއްވާލަފާނެއެވެ.
އިރުކޮޅަކުން އިވުނީ ބޭރަށް ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑެވެ. އެ އަޑާއެކު ހަޅޭކެއްގެ އަޑުވެސް އިވުނެވެ. އަދި ތުއްތު ކުއްޖަކު ވަރަށް ބާރަށް ރޮއިގަތް އަޑުވެސް އިވުނެވެ.
” އެގޭ…..ފަސްވަނަބުރިން އެ….ވެއްޓުނީ…. ކު..ކު…ކުއްޖެއް” ޖެހިގެންހުރިގޭ ބެލްކަނީގައި ހުރި މީހަކު ހަޅޭއްލަވައިގަތެވެ.
” މަގޭދަރި! މަ……..މަ……” ފަހީމާ ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް އޭނާގެ ހަބަރު ހުސްވެއްޖެއެވެ.
ރީނާއަށް ލޯހުޅުވާލެވުނެވެ. އަދި ރީމާ ހޭލިތޯބަލާލަން އަނެއް ކޮޓަރިއަށް ދިޔައެވެ. ރީމާއެއްވެސް މަންމައެއްވެސް ނެތެވެ. އަނެއްކާ އެކުއްޖާ ގޮވައިގެން ކޮންތާކަށް ދިޔައީބާވައެވެ؟ ހިތްހަމަ ނުޖެހިފައި ހުރެ ރީނާ ސިޓިންރޫމަށް ނިކުތެވެ. އެވަގުތު ގޭގެ ނޯކަރު މީހާ އައިސް ދިން ޚަބަރުން ރީނާ ބޮލަށް އެނބުރުން އެރިއެވެ. އަދި ” ރީމާ” އޭ ކިޔާ ބާރުބާރަށް ހަޅޭއްލަވައިގަތުމާއެކު ވެއްޓެން ދަނިކޮށް އެމީހާ ރީނާ ގެންގޮސް ސޯފާގައި ބާއްވައިފިއެވެ. އަދި ދުވަމުން ދުވަމުން ގޮސް ފިރާޝްއަށާއި ގޭ މީހުނަށް ގޮވައިފިއެވެ.
ކަންތައްވީ ވަރަށް ދެރަގޮތަކަށެވެ. ރީމާގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ގިނަ އަދަދަކަށް ލޭ ބޭރުވުމުގެ ސަބަބުން ރީމާގެ ފުރާނަ ސަލާމަތެއް ނުވިއެވެ. ފަހީމާގެ ހާލުވެސް ވަރަށް ދެރައެވެ. ނަމަވެސް ފުރާނައަށް ނުރައްކާ ވާވަރެއް ނުވެއެވެ. ހޭއަރާފައި ހޭނެތެނީއެވެ. ހޭއަރާއިރަށް ބަލިއަޑަކުން ގޮވާލެވެނީ ” ދަރިފުޅާ! ދަރިފުޅާ! ” މިހެންނެވެ. ރީނާގެ ހާލުވެސް ހަމަ އެފަދައެވެ. ހޭވެރިކަމެއް ވާއިރަށް ” ރީމާ! ރީމާ! ރީމާ ގެނެސްދީ! ” ގޮވަމުން ދިޔައެވެ.
ފަރުވާ ދޭތާ ތިންދުވަހަށްފަހު ފަހީމާ ރަނގަޅުވެއްޖެއެވެ. ރީނާވެސް ހަމައަކަށް އެޅިއްޖެއެވެ. ހޮސްޕިޓަލުން ގެޔަށް ދޫކޮށްލުމާއެކު ރީނާ ވަރަށް ރުޅިއައިސްފައި ފަހީމާއާއި ދިމާލަށް ބުންޏެވެ.
” ދެން އަހަރެމެންގެ ހިޔަނި ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ. އަހަރެންގެ ދަރިފުޅު މެރި ޤާތިލަކީ ތީ”
ފަހީމާގެ ހިތް ކުދިކުދިވިއެވެ. މިއަދު އޭނާއަށް އެހެން ބުނުމުގެ ޙައްޤު އެބައޮތްކަމުގައި އޭނާއަށް އިހުސާސްކުރެވުނެވެ. އެކަމަކު އެއީ މަންމަ ޤަޞްދުގައި ކުރިކަމެއް ހެއްޔެވެ؟ “ދެއްވާނީ ވެސް ގެންދަވާނީވެސް ކުޅަދުންވަންތަ ﷲ އެވެ. އަދި އިރާދަކުރެއްވިއްޔާ ދަރިފުޅަށް އެ ނަސީބު ލިބޭނެއެވެ. ” ފަހީމާ ހިތާހިތުން ބުނެލެވުނެވެ. ނަމަވެސް ދުލުން ބަހެއް ބޭރުކުރާހާ ހިއްވަރެއް އޭނާއަކަށް ނުލިބުނެވެ.
އެދުވަހު އޭގެފަހުން ރީނާ ފަހީމާއަކާ ވާހަކައެއް ނުދައްކައެވެ. ކާކަށްވެސް ނުބުނެއެވެ. ގޭ މީހަކު އަނގައިން ބުންޏަސް ރީނާ އެމީހަކަށް އެއްޗެހި ގޮވައިގަނެއެވެ. މެންދުރުވީތަނާ ނޯކަރަކު އައެވެ. ” ރީނާ ބުނީ މަންމަ އަވަހަށް ރަށަށް ދާށޯ! މީގެ ފަހުން ރީނާއަކީ ނެތް ދަރިއެއްކަމުގައި ހީކޮށްލާށޯ”
ފަހީމާގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. އޭނާގެ މާމަ ދަރިފުޅު ވަކިވެ ދިޔުމުން އޭނާ ވަކި ދެރަ ނުވާނެހެއްޔެވެ؟ ޤަޞްދުގައި އޭނާ އެފަދަކަމެއް ކުރާނެ ހެއްޔެވެ؟ އަނެއްކޮޅުން އުފަން ދަރިފުޅުވެސް ދިރިހުރެ ‘މަރުވީ’ އެވެ.
” އަހަރެން ރަށަށް ހިނގައިދާނަން . އެކަމަކު ހަމަ އެންމެ ފަހަރަކު ނަމަވެސް ރީނާ ދެކިލަން އަހަރެން ބޭނުން” ފަހީމާ ނޯކަރުގެ ކިބައިން އެދުނީ ރީނާއާ ބައްދަލުކޮށްދިނުމަށެވެ.
އެހެނަސް ފަހީމާއާ ބައްދަލުކުރާކަށް ރީނާއެއް ނައެވެ. އޭނާއަށް އަޑުން އަޑުނަގާ ރޯން ފެށުނެވެ. ކުރާނެކަމެއް ނެތެވެ. އެ ވޭނީ ގިސްލުމުގެ އަޑު އަހާނެ އެކަކުވެސް މިއަދަކު ނެތެވެ. އެންމެ ކުޑަމިނުން އޭނާ ހުރީ ކައިގެންތޯވެސް ރީނާ ބަލާ ނުއްޔެވެ.
ފަހީމާ އެ ގެއިން ނިކުތީ ރޭގަނޑު އަށެއް ޖެހިއިރުއެވެ. އޭނާ ހުރީ މެންދުރުއްސުރެ އެއްވެސް އެއްޗެއް ނުކައެވެ. އެހެންކަމުން މަގު ހިނގޭވަރަށްވުރެވެސް އޭނާގެ ހާލު ދެރައެވެ. ފަހީމާ އެ ގެއިން ނިކުމެ މަގު ހުރަސްކުރުމަށް ހިނގައިގަތެވެ. އެވަގުތު ވަރަށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހި، އޭނާ ދިޔައީ ވިއްސައިގެންނެވެ.
” ސުބުޙާނަﷲ ” މިހެން ބުނުމާއެކު މީހުންތައް ޖަމާ ވެއްޖެއެވެ. އެއާއެކު ލެއިން ތަތްތެޅިފައިވާ ފަހީމާގެ ހަށިގަނޑު ނެގި ވަގުތު އޭނަގެ އަނގައިން ނިކުތީ ހިތް ހަލާކުވާފަދަ ލަފުޒުތަކެކެވެ.
” ދަ…ރި…ފު…ޅާ! ރީ…ނާ….! މަ..ން…މަ…އަ…ށް މާ…ފު…ކު..ރޭ! ” އޭގެ ފަހުގައި ޝަހާދަތުގެ ދެކަލިމައިގެ އަޑާއެކު އެ ނިކަމެތި އިންސާނާ މިދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. އެންމެ ފަހު ވަގުތުވެސް އޭނާގެ ލޯބިވާ ދަރިފުޅަށް އެދި ގޮވަމުންނެވެ. އޭނާގެ ފުރަތަމަ މާމަ ދަރިފުޅު، ވަކިވެދިޔައީ މާމަގެ ސަބަބުން ކަމަށް ރީނާ ބުނީތީ މާފަށް އެދެމުންނެވެ.
އިވުނު އަޑުފައްގަނޑާއެކު ހަޅޭކުގެ އަޑަށް، ރީނާ ގެއިން ނިކުތްއިރު ފަހީމާ އެންބިއުލާންސަށް އަރުވަނީއެވެ. އެވަގުތު ރީނާއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ.
” މަ…ން…މާ!!!!!! ” ރީނާ އަރިއަޅާލި ވަގުތު މީހުންތައް އައިސް އޭނާވެސް އެންބިއުލާންސަށް އަރުވައިފިއެވެ.
ރީނާ ހޭ އެރީ އޭގެ ތިންދުވަސް ފަހުންނެވެ. ކައިރީގައި ފިރާޝް ހުއްޓެވެ. ހޭ އެރުމާއެކު އަނެއްކާވެސް މަންމަ ކޮބައިތޯ ސުވާލު ކުރިއެވެ.
” މަންމަގެ ހުރިހާކަމެއް ނިންމައިފިން. ” ފިރާޝް ރީނާގެ ބޮލުގައި ފިރުމާލިއެވެ.
” އެކަމަކު… މަންމާ! އަހަރެން ކިހާ ގޯސް . މަންމަ އަހަންނަށްޓަކައި ކިހާ……” ރީނާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ.
” ދެން އެކަމާ ދެރަނުވޭ! މަންމައަށް ހެޔޮ ދުޢާކުރޭ! ” ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލައިދެމުން ފިރާޝް ބުންޏެވެ.
” އަހަރެން އެންމެ ދެރަވަނީ މަންމައަށް ހެދުނު ގޮތުން . އަހަރެން މަންމައަށް ނަފުރަތު ކުރިން. ދުލަށް އައިހާއެއްޗެއް ގޮވިން. މާފުކުރޭ މަންމާ! “ރީނާ އޭނާއަށް ކުރެވުނު ކުށަށް އިޢުތިރާފުވިއެވެ.
” މާފުކުރާކަށް މިއަދަކު މަންމައެއް ދުނިޔެއަކު ނެތް. ދެން އޮތީ ކުރެވުނު ކުށަށް ތައުބާވުން. މަންމައަށް ހެޔޮދުޢާ ކުރުން. ދެން އަލުން އެފަދަ ކުށެއް ތަކުރާރު ނުކޮށް ، ކުރިއަށް އޮތްތަނުގައި ވިސްނައިގެން އުޅުން. ” ފިރާޝް ، ރީނާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
” އާނ! ފިރާޝް! އަދި ކިރިޔާ މިވިސްނުނީ! އެކަމަކު މިހާރު މާ ލަސްވެއްޖެ! ފިރާޝްގެ ކޮނޑުގައި ބޯއަޅާލަމުން ރީނާ ދެލޯ މަރާލިއެވެ.
ރީނާ އޭނާގެ މަންމައާ ދޭތެރޭ ކަންތައްކުރެވުނު ގޮތުން ދެރަވެ ތައުބާވިއެވެ. އަދި މަންމައަށް ހެޔޮދުޢާ ކުރުމުގައި ދެމިހުއްޓެވެ. ފިރާޝްގެ މަންމައަކީ އޭނާގެ ދެވަނަ މަންމަ ކަމުގައި ދެކިގެން ކުރީގެ ދިރިއުޅުން އިސްލާޙު ކުރިއެވެ.
= ނިމުނީ =
19 Comments!
Comments are closed.
Masha allah. It was heart touching..
Maasha allah..? varah iburaiytheri ehaame reethi vaahaka eh ? molhu kameh libuneh kamaku maimeeha mathin handhaan nahthaalaa e mayah goaskn hithaakah nuvaane.. abadhuves balan vaany mamma ufaluga behehteytho.. suvaruge libunves vany hama e mammage faithila dhashun…
Varah heart touching .. Varah salhi
masha allah…..
Hama rovijje… v v reethi… maasha allah…
Very touching…
Keep it up ❤
Very touching…
Keep it up ❤
Aslu story v rythi.. Miahvre asaru gadha kohkevunis.. Myhun rohvaalevey varu kohleveyne mi story in.. V rythi.. Improve kreveyne in sha Allah
Varah reethi
Alhey. It was a very heart touching story.
Nice story..
Heart touching story love it
Masha allah v rythi v ibraiytheri v asarugadha stry eh mihaaru mizamaanaaves v gulhey touching stry eh ?? manmage aguvazan kuran neyngun kujjeh dhw aee ves suvaruge vany maimyhaage faithila dhashugaey bunaakanves reenaa ah neygeny baa evarah kiyavaafa huri iruves masha allah stry v rythi all the best gud nyt❤?❤?
Hama rovihje mamma ah ehen hadhaakah nuvaanu.. Miee mihaaruge haalathakiee Gina mieehun mainbafainah hadhaniee hadhaane gotheh emieehun dharin bodu kuraniee kihaa buraeh ufuhlaigen kameh dharinnakah ihsaas eh nukurevey.. Ehves shakuvaaeh nethi hatharu dhamu manma dhairifulhah huskohlaairu emanma ah shukuruveri kamuge lolakun balaalumuge badhaluga manma aai dhimaalah balaniee nafrathuge lolakun.. Love this story.. Keep it up
Varah reethi❤
Thanks
Vv reethi??
Typical
Very nice … ?