Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިދީނީލޯބި

އަންވާރު (ސީސަން 01) އަށްވަނަ ޕާޓް

Faathii Level 410 Stories100 Comments100 Login
May 24, 2017 6 Mins Read
8 Comments

އެއްވެސް ވަރަކަށް ރަނގަޅުވޭތޯ ޓެސްޓް ކޮށްލީކަމަށް ސަމާހުބުނެ ތެދުވެގެން އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ނަމަވެސް ސާދިޔާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ދީނާއަށް އެކަން ފާހަގަކުރެވުމުން މަންމަ ތީނީ ކިހިނެއްވެފައިހޭ އަހާލިއެވެ.

ސާދިޔާ: މިހާރު ކޮންދުވަހެއް ދަރިފުޅު ހުއްޓާނުލާ ތިއެއްޗެހި ކިޔަވާތާ. އެކަމަކު އަދިވެސް ރަނގަޅުނުވޭ. މަންމައަކަށް އެއްވެސް ކުރިއެރުމެއް ތި ކުރާ ކަމަކުން ނުފެނޭ.

ދީނާ: މަންމަ ތިހެން ނުވިސްނަބަލަ. ކޮންމެކަމެއްވެސްވާނީ ރަނގަޅަކަށޭ. ނިކަށް ވިސްނާލަބަލަ، މިކަމެއް ދިމާނުވިނަމަ އަހަންނަށް މިހާ ބަދަލެއް ނައީސް އެއްނު. މިކަމުގެ ސަބަބުން ނަމަވެސް ކިހާ ހެޔޮކަމެއް އެބަ ކުރެވޭ. އަދި މިހާރުކިހާ ހިތްވަރުވެސް ގަދަ. އެހެންޏާ ރޭގަނޑު ވެއްޖާ ދެފިޔަވަޅުވެސް ގެއިންބޭރަށް އަޅާކަށް ނުކެރޭނެ ވިއްޔަ.

ސާދިޔާ: އަހަރެން ހިތައްއަރަނީ ކާކުބާއޭ ދަރިފުޅަށް ސިހުރުހެދީ.

ދީނާ: ކޮންމެ މީހަކު ހެދިޔަސް އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެއްތާ. އެހެންވީމާ އެކަމާދެން ނުވިސްނާ.

ސާދިޔާ: ދަރިފުޅަށް ވާވަރު ތިހިރީ. ކިހިނެއް މަޔަކަށް ނުވިސްނަހުރެވޭނީ؟

ދީނާ: އަހަންނަކަށް މާބޮޑުވަރެއް ނުވެއެއްނު. އަހަރެން އަޑުއަހަން ބައެއްމީހުނަށް ނަމާދުވެސް ނުކުރެވޭވާހަކަ. ނަމާދަށްއަރާއިރަށް ހޭނެތިގެން ވެއްޓޭވާހަކަ. އަދި ބައެއްމީހުން އަބަދުވެސް މޮޔަވެފަ ތިބޭވާހަކަވެސް އަޑުއިވޭ. މޮޔަކަންތައްތައްކޮށް، މޮޔަގޮވާ ހަދާ. އަދި ބައެއްމީހުނަށް ނޭނގި މުޅިރަށުތެރޭގައި ހިނގޭވާހަކަވެސް އަޑުއަހަން. ހޭލެވޭއިރު ސަހަރާތެރޭގަ ނޫނީ ގަހެއްގެ މަތީ އޮންނަވާހަކަވެސް. އަދި އަނެއްބަޔަކު ނިދާ ހޭލާއިރު މުޅި ގައިގަ ވަކި އަޅާފަ ހުންނަ ވާހަކަވެސް އަޑުއިވޭ. އަހަންނަށް އެއިން އެއްވެސް ކަމެއް ނުވާތީ ﷲއަށް ހަމްދުކުރަން ޖެހެއެއްނު.

އަހަންނަށް އަމިއްލަ އަށް ޤުރުއާން ކިޔެވެއެއްނު. އެކިކަހަލަ އުނދަގޫވިޔަސް. އެހެންމީހަކު ކިޔަވާ އަޑު އިވުނީމަތާ ސަކަރާތްވަނީ. މާބޮޑެތި ބިރުވެރިކަންތައްތަކާއި ދިމާނުވާތީވެސް ﷲ އަށް ހަމްދުކުރަން ޖެހޭނެއްނު.

ދީނާ ސާދިޔާއަށް ނަސޭހަތްދޭ ފަދައަކުން އެވާހަކަތައް ދައްކަމުން މިހިސާބަށް ބުނެވުންތަނާ އެކޮޓަރިއަށް ވަތް ސަމާހުވެސް ދީނާއާ ބައިވެރިވެލީ އެއީ ދީ ބަރާބަރަށް ކިޔަވާތީ ކަމަށް ބުނަމުންނެވެ. އަދި ބޭރަށްގޮސްލާފަ އެބައަންނަމޭ ސާދިޔާކައިރީ ބުނެ ނިކުންނަން ދަމުން ދެން ދެމީހުން ނިދަން އުޅޭށޭ ބުންޏެވެ.

………….

ޔަމީނާ ނިދިނައިސްގެން އެނދުމަތީ ދެކޮޅަށް އެނބުރި އެނބުރި އޮތީ މާދަމާވާނެ ކަންތައްތަކާއި ވިސްނޭވަރަކުންނެވެ. ހަމަ ކައިވެނިކުރަންވީބާއޭވެސް ހިތައްއަރަނީ މަދަކުންނޫނެވެ. އޭނާވެސް އެއުމުރުގެ އެހެންކުދިންނެކޭ އެއްގޮތައް ރަނގަޅު ފިރިއެއްގެ ހުވަފެންދެކޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

ޔަމީނާ ދެކޭ ހުވަފެނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އޭނާއަށް އެހީވެދޭނެފަދަ ފިރިޔަކާއެކު ވުމެވެ. ދީނުގެ އެއްވެސް ކަމަކަށް އޭނާއަށް ފަރުވާކުޑަ ކުރެވޭހިނދު އެކަން ހަނދާން ކޮށްދީ އެކަން ކުރުމަށް ބާރުއަޅާ ފަރާތަކަށް އޭނާގެ ފިރިމީހާ ވުމެވެ. ސުންނަތް ނަމާދުތަކުގައި ގޭގަ އޭނާއާއެކު ބައިވެރިވާނެފަދަ ފިރިއެކެވެ. ދަމުނަމާދަށް އޭނާ ހޭލައްވާ ދެމީހުންއެކީ ނަމާދުކުރެވޭނެ ދުވަހަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. ފިރިމީހާ ޤުރުއާން ކިޔަވާއިރު އޭނާގެ ކޮނޑުމަތީ ބޯއަޅާލައިގެން އަޑުއަހަން އޮތުމަކީ އޭނާ ދެކޭ ހުވަފެނެކެވެ. ދެމީހުންއެކީ ގެފުޅަށް ޒިޔާރަތް ކޮށް ދެމީހުންގެ އުފާވެރިކަމަށް އެކީ ދުއާކުރުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އަދި ދުނިޔޭގައި އެކުގަ ވީހެން ސުވަރުގޭގެ ދާއިމީ ނިއުމަތުގައި އެކީގަ ވުމަކީ ކޮންމެ މުސްލިމަކުވެސް ދެކޭނެ ހުވަފެނެއްކަން ޔަޤީނެވެ.

އަދި އޭގެ އިތުރަށް ހުރިހާ ޒިންމާއެއް ފުރިހަމައަށް އަދާ ކުރަން މަސައްކަތްކުރާ، ރުޅިމަޑު އޯގާތެރި ފިރިއަކު ލިބުމަކީ އޭނާގެ ދުޢާ އެކެވެ. ހުރިހާކަމެއް ފުރިހަމަ އެކަކުވެސް ނުހުންނާނެކަން އޭނާވެސް ޤަބޫލުކުރެއެވެ. ދެމީހުންގެ ދިރިއުޅުން ބާއްޖަވެރިވާނީ އެކަކު އަނެކެއްގެ ނުރަނގަޅުއާދަތައް ދަނެ ހުރިހާކަމެއްގައިވެސް ވާހަކަ ދެކެވިގެންކަން އޭނާއަށް ވިސްނެއެވެ.

މިފަދަ ޚިޔާލުތައް އޭނާގެ ނިދި ނަގާލާފައިވާއިރު މޫނުމަތީގައި ރަކި ހިނިތުންވުމެއް ވެއެވެ.

………………

އާޔަން ފެންވަރައިގެން ނިކުތްއިރު ބަރަކާ ހެދުންބަދަލުކޮށްގެން އެނދަށްއަރަނީއެވެ. އާޔަންއާއި ދިމާއަށް ބަލާވެސްނުލާ އަނެއް ފަރާތައް އެނބުރި އޮށޯތްގޮތުން ބަރަކާ އެވަނީ ހިތަހަމަނުޖެހިފާކަން އާޔަން އަށް އެނގުނެވެ. އެހެންކަމުން އޭނާވެސް ނިދަންލާ ސޯޓް ލައިގެން އޮށޯވެ ފަހަތުން ބަރަކާގައިގާ ބައްދާލީ ބަރަކާ ރުޅިމަޑުވޭތޯއެވެ. އަދި ބުންޏެވެ.

އާޔަން: މިހާރު ކޮންކަމަކާ ތުންދަމާފަ ތިއޮތީ؟ ތިތުންކޮޅު ދައްކާލަބަލަ. އެހެންބުނެ އޭނާޔާވީ ފަރާތައް ބަރަކާ އަނބުރާލިއެވެ.

ބަރަކާ: ދެން އާޔަން އަހަރެންގެ އެއްވެސް ކަމެއް ބަލާކަށް ބޭނުމެއްނުވޭ ވިއްޔަ. އަތިއްޔާގެ ކަންތައް އެނގުނީމަ އެވީ.

އާޔަން: ތިހެން ތުންދަމާފަ އޮންނައިރު ހީވަނީ ހަމަ އަތިއްޔާހެން. އޭނަވެސް ރޯއިރު ޖައްސާނީ ތިވަށްތަރު. ބަލާތީނި ތުންކޮޅެއް.

އާޔަން ހެމުން އެހެންބުނީ ބަރަކާެވެސް ހެއްވާލުމުގެ ގަސްތުގައެވެ. ބަރަކާވެސް ހިނިފަޅައިންދިޔައީ އަތިއްޔާ ރޯއިރު ތުންދަމައިގެން އިންނައިނުން ސިފަވުމުންނެވެ. ނަމަވެސް އެހިނދުކޮޅުގައި ބަރަކާ ދެން ބުނި އެއްޗަކުން އާޔަން އަށް ސިހިފައި ބަލާލެވުނީ ޤަބޫލު ނުކުރެވިގެންނެވެ.

ބަރަކާ: އެކަމަކު ދެން ތުންދަމާފަ ރޯނެ ދެކުދިން ތިބޭނެ.

އާޔަން ސުވާލުގެ ނަޒަރަކުން ބަރަކާއާއި ދިމާލަށް ބަލާލީ އެބުނީ ބަރަކާއާއި އަތިއްޔާގެ ވާހަކަތޯ ނޫނީ އަތިއްޔާގެ އިތުރުން އެހެން ކުއްޖެއްގެ ވާހަކަހޭ އަހާ ގޮތަށެވެ. އެވަގުތު ބަރަކާ އަތުން ބަނޑުގައި ފިރުމާލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އާޔަންވީ އުފަލުން ބަރަކާގެނެސް ގަޔާލައި ބޮނޑިކޮށްލައި، ނިތްކުރީގައި ބޮސްދިނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. އަދި ﷲ އަށް ހަމްދުކޮށްލީ އޭނާގެ އެ ކުޑަކުޑަ އާއިލާއަށް އިތުރު ފުރިހަމަ ކަމަކާއި، އުފާވެރިކަމެއް ލިބުމުންނެވެ.

………………….

ސާރާގެ އެކުވެރިޔާ ފޯނު ނުނެގުމުން އޭނާގެ ފޯނު އަތްދަބަސް ތެރެއަށް ލާފައިވެސް އެނބުރި އެކުވެރިން ކައިރިއަށް ދާން ނުދާން ދެޚިޔާލުގައި އެހުންނަނީ އެދައްތަގެ ހާލު ސާރާއަށް އިހްސާސްކުރެވޭލެއް ބޮޑުކަމުންނެވެ. އެމަގުން ހިނގާ މީހުންނާއި އެތާ ރެސްޓޯރަންޓްމަތީގައި ތިބި މީހުންތައްވެސް އެދައްތައަށް އެހާވަރަށް ލޯއަޅައި ބަލާއިރުވެސް އެއިން އެއްވެސްކަމެއްގެ ހިލަމެއްނުވެ އެގޮތައް ރޯން އެއިނީ ބޮޑު ހިތްދަތިކަމެއް ވީމަކަން ޔަޤީންތާއެވެ. ސާރާގެ ހިތް އެދައްތަ އެހާލަށް ދޫކޮށްލާފަ ދާކަށް އެއްބަހެއް ނުވިއެވެ.

ސާރާ ތައުލީމު ހާސިލް ކޮށްފައިވާ ދާއިރާއިންވެސް ސާރާއަށް ވިސްނައިދިނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މުސްލިމަކަށްވެހުރެ އަނެއް މުސްލިމާ ހިތާމައަކަށް ދޫކޮށްލާކަށްވެސް ނުވާނެތާއެވެ. އެހެންކަމުން ސާރާ ފޯނުނަގާ އޭނާގެ އެކުވެރިންނަށް ގުޅާފައި ކަމެއްދިމާވެގެން ތާކަށްދާންޖެހިއްޖެކަމަށްބުނެ ފޯނު ބާއްވާފައި އެދައްތަ ކައިރިއަށްގޮސް ދޮންވެލިގަނޑުމަތީގައި، އިށީނދެލިއެވެ.

އެއާއެކު އެދައްތަގެ ހިތާމަވެރި ދުނިޔެއިން ނިކުމެވުން ކަހަލައެވެ. ކައިރީގައި މީހަކު އިށީންތަން ފެނުމުން ހާސްކަމާއެކު އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ. ހީވަނީ ހިތުގައިއެވާ ހުރިހާ ވޭނެއް ސިއްރުފޮއްޓެއްގެތެރޭގައި ބަންދުކޮށްލަން ބޭނުންވި ހެންނެވެ. ސާރާ އެއިން އެއްވެސްކަމެއް ދެނެހުރިކަމަށްނުހަދާ ވާހަކަދައްކަންފެށީ އެ ދައްތަ ހަމައަކަށް އެޅުވޭތޯއެވެ.

ސާރާ: ހާދަހިތްގައިމު ދުވަހެކޭދޯ. އުޑުމަތި ސާފު ވައިވެސް އެހާ މަޑު. މޫދުވެސް ހީވަނީ ހިމޭންކަމުގެ ތަރަފާލިގަނޑެއް އަޅާފައި އޮތްހެން. އެންމެ ރާޅެއްވެސް ނެތްވިއްޔަ. އެކަމު ކުޑަކުޑަކޮށް ވައިޖެހޭނަމަ މިތާތިބެން ވަރަށް ހިތްގައިމުވީސް.

ނަމަވެސް އެދައްތަ ސާރާގެ އެއްވެސް ބަހަކަށް ޝައުޤުވެރިކަމެއް ނުދިނެވެ. އެހެންކަމުން އަނެއްކާވެސް ވާހަކަދެއްކީ ސާރާއެވެ. އާއިލާއާއެކު އުފާވެރިވަގުތުކޮޅެއް، ޕިކްނިކެއް ހަދާލަން ވަރަށް ހިތްގައިމު ދުވަހެއްދޯ؟ ނަމަވެސް މިފަހަރު އެހެން ބުނެވުމާއެކު އެ ދައްތަ އަނެއްކާވެސް ފެށީ ރޯށެވެ. އެހެންކަމުން އެދައްތަގެ ހިތާމައިގެ ފަހަތުގައިވަނީ އާއިލާ ކަން ސާރާ އަށް ފަހުމްވިއެވެ. އަދި ދުރުދުރުން ވާހަކަދައްކައިގެން އެދައްތަގެ ހިތުގައިވާ ވޭން ދުރުނުކުރެވޭނެޔޭ އޭނާގެ ހިތްބުންޏެވެ. އެހެންކަމުން މިފަހަރު ގަސްތުކުރީ އެހިތާމަތަކަށް ލުޔެއްދެވޭތޯއެވެ.

ސާރާ: ދައްތާ! ދައްތަ ތި ރޮނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގޭ. އެކަމަކު އެކަނިވެރިކަން އިހްސާސް ކުރެވޭނަމަ އަހަރެން މިހިރީ ކައިރީގަ. އަދި ﷲ އެކަލާނގެ އަޅުތަކުންނާއެކު އަބަދުވެސްވޭ. ހުރިހާކަމަކަށް ކުޅަދާނަ، މަތިވެރި ކަލަކު ތިމާޔާއެކު ވޮޑިގެންވާކަން އިހްސާސް ކުރެވޭމީހަކު ފިކުރު ކުރަންވީ ކަމެއް ނޯންނާނެއްނު. އެކަލާނގެ ދުވާލު ރޭގަނޑަށް ބަދަލުކުރައްވާ ފަދައިން ދައްތަގެ ހިތާމަތައްވެސް އުފަލަށް ބަދަލުކުރުމުގެ ކުޅަދާނަކަން އެކަލާނގެ އަށްވޭ.

ސާރާއަށް އެހެން ބުނެވުމާއެކު އެ ދައްތަ ހިތާމަވެރިކަމާއެކު މައްޗައް ބަލާލައިފައި އިސް ޖަހާލިއެވެ. އެއަމަލުން އެދައްތަ ސާރާ ދައްކަމުންއެދާ ވާހަކަ އަޑުއަހާކަން އެނގުންވުމުން ސާރާ އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. ދައްތާ! މީ ދުނިޔެ. މިދުނިޔޭގައި ހިތާމައާއި ހިތްދަތިކަމަކީ އާންމުކަމެއް. އެހެންނަމަވެސް އެހިތާމަތަކަށް ކެތްތެރި ވެއްޖެނަމަ ދާއިމީ ދުނިޔޭގައި އުފާވެރިކަމާއި ހިތްހަމަޖެހުން ނޫންކަމެއް ނުލިބޭނެ. ސާރާއަށްވެސް އެވާހަކަތައް ދެއްކުނީ ކުރިމަތީގައިވާ މޫދަށް ބަލަހައްޓައިގެން އިނދެ މާޒީގެ ހަނދާންތަކެއް ހިތައްވެރިވަމުން ދިޔަހިނދުއެވެ. ނަމަވެސް އެދައްތަ ސާރާގެ ވާހަކަތަކަށް ޖަވާބުދޭން ފެށުމުން އޭނާގެ މާޒީން ނުކުމެ އެވާހަކައަށް ސަމާލުކަން ދިނެވެ.

އަހަރެން ދުނިޔޭގައި މިހެން މިއަދު މިހުރީ އެކަލާނގެ ވާކަން އިހްސާސް ކުރެވި އަމިއްލަ އަށް މަރުވުމަކީ ނަރަކައިގެ އަލިފާނުގައި ފެތުންކަން އިހްސާސްވާތީ. އެހެންނޫންނަމަ އެތައް ފަހަރަކު ހިތައްއަރާ ތިޔޮށް ކަނޑަށްއެރި މަރުވެދާނަމޭ. މިހިތާމަތަކުގައި އިތުރަށް ކެތްކުރާހާ ހިތްވަރެއް މި ހަށިގަނޑަކު ދެން ނެތް. އަހަރެން ހާދަވަރަކަށް ދުއާކުރަމޭ އަހަރެންގެ މިހިތްދަތިކަމަށް ނިމުމެއްގެނެސް ދިނުމަށް. ނޫންނަމަ އަހަރެންގެ ފުރާނަ މިދުނިޔޭން ގެންދެއްވުމަށްއެދި. އެދައްތަ އެހެން ބުނި އިރުވެސް އަޑުގައި ވޭނީ އާހެއް ވާއިރު ހުއްޓުމެއްނެތި ދެލޮލުން ކަރުނު ފައިބަމުންދިޔައެވެ.

އެބުނި ވާހަކަތަކުން ސާރާއަށް ފުންނޭވާއެއް ދޫކޮށްލެވުނީ އެންމެ ދުވަހެއްގެ ކުޑަ ހިނދުކޮޅެއްގެ ވާހަކަތަކުން އެދައްތަ އަށް ކުރާނެ މާ ބޮޑު އަސަރެއް ނުވާނެކަން އެނގުންވުމުންނެވެ. އެދައްތަގެ ހިތާމަތައް އެޔަށްވުރެ ފުންވެފައި ހިތްދައްޗެވެ. އެހެންކަމުން ކުޑަކޮށް ވިސްނާލާފައި އަނެއްކާވެސް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

އަނިޔާ ލިބިފައިވާ އަޅުންގެ ދުޢާ އެކަލާނގެ އިޖާބަ ކުރައްވާނެ. އަހަންނަށް ދައްތަގެ ތި ހިތާމަތަކުން މިންޖުކޮށްދެއްވުމަށްކުރި ދުޢާ އިޖާބަ ކުރެއްވުމުގެ މަލަމަތި އެބަފެނޭ. ސާރާ އެހެންބުނުމާއެކު އެދައްތަ ހައިރާންކަމާއެކު ސާރާއަށް ބަލާލިއެވެ. ސާރާ އެދައްތަ އަށް ހިނިތުންވެލަމުން އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ދައްތަ ނިކަށް ވިސްނާލަބަލަ. ﷲ އަހަރެން މިތަނަށް ފޮނުއްވެވީ ދައްތައަށް އެހީ ވާކަށް ނޫންތަ؟ އަހަންނަށް ހީވަނީ ދައްތަ މާވަރަކަށް އެކަނިވެރިއެކޭ، ދައްތަގެ ވާހަކަތައް އަޑުއަހާނެ މީހަކުނެތޭ، ވިސްނާވަރުން ﷲ އަހަރެން މިތަނަށް ފޮނުވީހެން. ގައިމުވެސް އަހަރެން މީނީ ދައްތަގެ ހުރިހާ ވާހަކައެއް އަޑުއަހަން. ތިމާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލީމަ ސިކުނޑިއަށް ވަރަށް ލުއި ލިބޭނެ. ސާރާ މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ.

އެ ދައްތަގެ ވާހަކަ ތައް ކިޔައިދޭން އަނގަ ހުޅުވާލާފައިވެސް ހުއްޓާލަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެހެންކަމުން ސާރާ އަނެއްކާވެސް އެކަމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ބުނެލިއެވެ. ދައްތަގެ އާއިލާގެ ތިބެނީ ކިތައްމީހުންކަމެއްވެސް އަހަންނަކަށް ނޭނގެ. އަދި އުޅެނީ ކޮންތާކު ކޮންބަޔަކާއެކު ކަމެއްވެސް ނޭނގެ. ދައްތަ މާލެތަ؟ ކިތައްދަރިން ތިބޭ؟ އެ ސުވާލާއެކު އެދައްތަ ފުންނޭވާއެއް ދޫކޮށްލާފައި މޫދައްބަލަހައްޓައިގެން އިނދެ ކިޔައިދޭންފެށިއެވެ.

އަހަރެންގެ ހަދަރިން ތިބޭ. ހަތަރު ފިރިހެންދަރިންނާއި ދެ އަންހެން ދަރިން. އެންމެ ހަގު ފިރިހެންދަރި ފިޔަވާ އެހެން އެންމެންވެސް އުޅެނީ މީހުންނާ އިނދެ އަމިއްލަ ދިރިއުޅުމެއްގަ. ހުރިހާ ކުދިންވެސް އުޅެނީ މާލޭގަ. އަހަރެމެން ދެމަފިރިން އުޅެނީ އެންމެ ހަގު ދެކުދިން ކައިރީގަ. ދަރިން ތިއްބަސް އަހަރެންނަށް އަޅާލާނެ އެކަކުވެސް ނުވޭ. އަހަންނާއި ހެދި އެކުދިންނަށްވަނީ އުނދަގޫ. އަހަރެން ކައްކާ އެއްޗެއް ކާންބޭނުމެއްނުވޭ. އަހަރެން ތައްޓެއް ދޮވުނަސް އެއަލުން ނުދޮވެ އެމީހުންނަކަށް ކާކަށްވެސް ނުކެރޭ.

އެހިސާބަށް ބުނެވުނުތަނާ އަނެއްކާވެސް އެ ދައްތައަށް ރޮވިއްޖެއެވެ. ހުއްޓުމެއްނެތި އެދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އަދި ކުރަކިވެފައިވާ ހިތާމަވެރި އަޑަކާއެކު ދެލޯ ފޮހެމުން ކިޔައިދެމުން ދިޔައެވެ.

އަހަރެން އަބަދު ބަލިވެ އުޅޭތީވެސް އެމީހުން ތިބެނީ ހިތްހަމަ ނުޖެހިފަ. އަހަރެން ޑޮކްޓަރަށް ދައްކާދޭން ދާންވެސް ވަނީ ބޮޑު ތަކުލީފަކަށް. އަހަރެން ހަނދާނެއް ނުވޭ މީން ދުވަހަކު އަހަރެންގެ ދަރިއެއް އަހަންނާއި އޯގާތެރިކަމާއެކު ވާހަކަދައްކާލި ހަނދާނެއްވެސް. ނޫނީ އައިސް އަހަރެންކައިރީ އިށީނދެ އަމިއްލައަކަށް ވާހަކަދައްކާލި ހަނދާނެއްވެސް. މަންމަ ކިހިނެއްތޯ؟ ބަލިން ލުޔެއް ލިބޭތޯ؟ އެއްވެސް ކަމެއް ބަލައެއްނުލާނެ. އަހަރެންނަށް ކެތްނުވާވަރުވީމަ ޑޮކްޓަރަށް ދައްކަންވެސް އެމީހުންކައިރީ ބުނަނީ.

އެންމެންވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމާއިގެން ގެއްލި ހުސްވެފަ. ބިޒީކަމުން މަންމަގެ ދިރިއުޅުމެއްވާކަންވެސް ހަނދާނެއް ނުހުރޭ. މި މަންމަގެ އުފަލަކީ ދަރިންކަމެއް އެކުދިން ހަނދާނެއް ނުހުރޭ. މިފަހަރު އެ ދައްތައަށް ގިސްލާފައި ރޯންފެށުނެވެ. އެއާއެކު ސާރާގެ ލޮލަށްވެސް ކަރުނަތައް ޖަމާވެއްޖެއެވެ. އެހެންނަމަވެސް އަވަސް އަވަހަށް ލޯ ފޮލެލާފައި ދަބަހުން ކުޑަ ޓިޝޫ ޕެކެޓެއް ނަގާފައި އެ ދައްތައަށް ދިއްކޮށްލިއެވެ. އެއާއެކު ނޭފަތުން ފޭބި ފެންތަކާއި ކަރުނަތައް ފޮހެލާފައި އަނެއްކާވެސް ކިޔައިދިނެވެ.

އެކުދިން ކުޑައިރު ލޯބީގެ އެއްވެސް އުނިކަމެއް ނެތި ބަލާބޮޑުކުރީ. މިއަދު އަމިއްލަ ދިރިއުޅުމެއްފެށި، ދަރިން ލިބުނީމަ މި މަންމައަށް ލޯބި ބޭނުންވާނެކަމެއް ނުވިސްނޭ. އަނބިމީހާ ނުވަތަ ފިރިމީހާއަށް އޯގާތެރިވުން އެކަނި އެނގެނީ. މަންމައެއް ހުންނަކަންވެސް ހަނދާންވަނީ އަހަރެން ފެންނަހިނދު އެކަނި.

އެއިން އެއްވެސް ކުއްޖަކު އަހަރެން ކައިރީ ނުބުނި ނަމަވެސް އަހަންނަށް އިހްސާސް ކުރެވޭ، ފެނޭ އެކުދިން އަހަރެންދެކެ ފޫހިވާވަރު. އަހަރެން ދުނިޔޭގައި އިންނާތީ އުނދަގޫވާވަރު. މިޒަމާނުގެ އެއްވެސް ކަމެއް، އެއްވެސް އެއްޗެއް އަހަންނަށް ނޭނގޭތީ މާމަ ދަރިންވެސް އަހަންނަށް އަބަދު ކުރަނީ މަލާމާތް. އަހަރެން އެއިންކަމެއް ނުވަތަ ގެންގުޅޭ އެއްޗަކާބެހޭ ގޮތުން ސުވާލުކުރިނަމަވެސް ޖަވާބު ލިބޭނީ ރުޅިއައިސްފަ. އަހަރެންފަދަ މުސްކުޅިއަކަށް އެއިން އެއްޗެއް ދަސްކުރުމުގެ ބޭނުމެއްނެތޭ ބުނާފަދައިން. އަހަންނަކީ އެއްވެސް ބޭނުމެއްނެތް ބޭކާރު މީހަކަށް މިއަދު މިވަނީ ވެފަ.

އަހަރެންގެ ފިރިމީހާ އުޅެނީ ކަންނެލީގެ. ގެއަށް އަންނާނީ ތިންމަހުން އެއްފަހަރު. ނޫނީ އެއަށްވުރެވެސް ލަހުން. އޭނާއަކަށްވެސް އަހަންނާއި ގުޅާލާ ހާލުބަލާލާ ހަދާކަށް ވަގުތެއްނުވޭ. އަހަރެން އެއްޗެއް ބޭނުންތޯވެސް، އަހައިލާކަށް ހަނދާނެއްނުވޭ. މިދުނިޔޭގެ އެންމެން އަހަރެން މަތިން ހަނދާންނެތިފައިވާ ކަހަލަ. އަހަރެންދެކެ ފޫހިވެފައިވާ ކަހަލަ.

އަހަރެންގެ އަޑުއަހާނެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް. އަހަރެންގެ މޭގައި މި ރިއްސާ ރިއްސުން އަދި ހިތުގައި އަޅާވޭން އެނގެން ބޭނުންވާ އެކަކުވެސް ނެތް. އަހަންނަކަށް އަހަރެންގެ ދަރިންގެ އެ ފޫހިވެފައިވާ މޫނު އަބަދު ބަލާކަށް ކެތެއްނުވޭ. މި ހިތްދަތިކަމަކީ ނިމުމެއް ނެތްކަމެއްފަދަ. އަހަރެން މަރުވުމުންނޫނީ މި ހިތްދަތިކަމަކަށް ނިމުމެއްނާންނާނެ ކަންނޭގެ.

…………….

އަންވާރުސައިޓްގެ މިއަދުގެ ހެޔޮބަސް

ކެތްތެރިކަމަށް ތިބާ އިމްތިހާން ކުރެވޭހިނދު، ތިބާ އެތައް ދުވަހެއްގެ މަތިން އެތަކެއް ދުޢާތަކެއް ކުރާހިނދުވެސް، އެ ދުޢާތައް އިޖާބަ ނުވެ ގިނަދުވަސްތަކެއް ވޭތުވެގެންދެއެވެ. އެހެންނަމަ ތިބާ ހަނދާންކުރާށެވެ. ތިބާގެ އިމްތިހާނަކީ ތި ކެތްތެރިކަމެވެ. ކެތްތެރިކަމާއެކު ދުޢާގައި ސާބިތުވެ ހުންނާށެވެ. އަދި ﷲ ގެ ހަޟްރަތުން ތިބާއެދުނުވަރަށްވުރެ އެތައްގުނައެއް އިތުރަށް ލިބުމަށް ތައްޔާރުވާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ޔަނާލް..!!

Next

ލޯބި އަހަރެން ވާނަމޭ (8)

Next
May 24, 2017

ލޯބި އަހަރެން ވާނަމޭ (8)

Previews
May 23, 2017

ޔަނާލް..!!

8 Comments!

  1. Cenhi says:
    May 24, 2017 at 11:30 pm

    V asarugadha vahakakolheh. Waiting for next episode.

    1. Faathii says:
      May 25, 2017 at 4:40 am

      Jazaak Allah Khair

  2. Misha says:
    May 25, 2017 at 6:14 am

    Mi vaahaka mee vvv rangalhu vahaka eh…mi vaahaka liyaa kujjaa ah heyo rahumaih lahvaashi..adhi thi kuraa masahkathuga kaamiyaabu dhehvaashi..aameen

    1. Faathii says:
      May 25, 2017 at 8:08 am

      Jazaak Allah Khair

  3. haja says:
    May 25, 2017 at 10:16 am

    Masha Allah v reethi I bura there mivaahaka

    1. Faathii says:
      May 26, 2017 at 3:03 pm

      Jazaak Allah khair

  4. Shopaholic says:
    May 25, 2017 at 10:36 am

    ??? rovijje! E dhattha ah ragalhu gotheh meduveri kuravvashi!

    1. Faathii says:
      May 25, 2017 at 11:24 am

      In Shah Allah. Goas gotheh medhuverieh nuvaane. Btw Jazaak Allah khair.

Comments are closed.

Next Episodeއަންވާރ (ސީސަން 01) ނުވަވަނަ ޕާޓް←


All Right Reserved!