ބަރަކާ ދިޔުމުން ޔަމީނާ ފުންނޭވާއެއް ދޫކޮށްލީ އެ ޝަކުވާތައް މީހަކަށް ކިޔާދެވުމުން ސިކުނޑިއަށް ލިބުނު ލުޔަކުންނެވެ. އެއަށްފަހު ކޮޓަރިއަށް ވަނީ މަޣްރިބް ވަގުތުޖެހޭތީ ނަމާދަށް އަރަން ތައްޔާރުވެލާށެވެ. ނަމަވެސް އަދި ފަނަރަ ވަރަކަށް މިނެޓް އޮތުމުން އަންވާރު ސައިޓަށްވަދެ އޭނާ ކުރިން ލިޔެލާފައިއިން ލިޔުމަކުން ސައިޓް އަޕްޑޭޓް ކޮށްލިއެވެ.

ފެޝަން އިންޑަސްޓްރީ

ފެޝަނަކީ ކޮބާތޯއެވެ؟ ފެޝަނަކީ އެންމެ ފަހުގެ ސްޓައިލްތަކާއި އުޅުންތަކެވެ. މިޒަމާނުގައި އިންސާނުން ގެންގުޅޭ ހުރިހާ އެއްޗަކާއި، ކުރާ ހުރިހާކަމެއްގައިވެސް ފެޝަންވަނީ ހިމެނިފައެވެ. ފެޝަނާނުލާ ދިރިއުޅުމެއްނުވެއޭ ޤަބޫލުކުރެވޭ މިންވަރަށް ފެޝަން ވަނީ އާންމުވެފައެވެ. އަދި ހަމައެހެންމެ އެމީހަކު ލާ ހެދުމުން ނުވަތަ އުޅުން ހުންނަގޮތުން އޭނާގެ ދިރިއުޅުމުގެ ފެންވަރާއި، އޭނާގެ ހިތުގެއަޑީގައިވާ ހުރިހާ އިހްސާސެއް ދެނެގަނެވޭނެ ކަމަށް، އިންސާނުންނަށް މި ފެޝަންތައް ޤަބޫލުކުރުވަން މަސައްކަތްކުރުވައެވެ. އަދި މިއަދު ފެންނަމުންދާ އެންމެ ހިތާމަވެރި އެއް މަންޒަރަކީ އިންސާނާ އަށް ލިބިދެވެންޖެހޭ އެންމެ އަސާސީ ހިދުމަތްތައްވެސް މި ލިބެނީ އޭނާ ބޭރުފުށުން އަޅާފައިހުންނަ ހެދުމަށް ބަލައިގެންކަމެވެ.

ހެދުމަކީ ﷲ ގެ ފަރާތުން އިންސާނުންނަށް ދެއްވާފައިވާ ބޮޑު ނިއުމަތެކެވެ. ހޫނާއި ފިނިން އަހަރެމެންގެ ހަށިގަނޑު ސަލާމަތްކޮށްދޭ ވަސީލަތެކެވެ. ރީތި ހެދުން އެޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް ލާ ހެދުމުން، އަޅާ ފައިވާނުން، އަދި މި ނޫން ގޮތަކަށްވެސް، ބޮޑާކަން ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) އަހަރެމެންނަށް ދަސްކޮށްދީފައިވަނީ “ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައިވާ މީހަކު ސުވަރުގެ ނުވަންނާނެކަމެވެ.” އަދި ހަމަ އެހެންމެ ކާފިރުންނާއި، އެމީހުންގެ އާދަތަކާއި ވީހާވެސް ވަރަކަށް މުސްލިމުން، އަދި މުސްލިމުންގެ އާދަތައް ތަފާތުކުރަން ޖެހޭނެކަމަށްވެސް ރަސޫލާގެ (ސައްލަﷲ އަލައިހި ވަސައްލަމް) އަންގަވާފައިވެއެވެ. އެހެންނަމަވެސް މިއަދު މި ފެންނަނީ މިއާ ދިމާ އިދިކޮޅަށެވެ. ކޮންމެކަމެއްވެސް ކުރަނީ “ސެލެބްރިޓީން”  ނުވަތަ ކާފިރުން ކުރާތީއެވެ.

ފެޝަން މިހާ ވަރަށް އިންސާނުންގެ ސިކުނޑިއާއި ކުޅިލައިފައިވާ ގޮތްތަކާއި، ސަބަބުތަކަށް ވިސްނާލަމާ ހިނގާށެވެ. އަހަރެމެންނަށް މިތަކެތީގެ މައުލޫމާތު ލިބެނީ ކޯއްޗަކުން ހެއްޔެވެ؟ ރަނގަޅައް ވިސްނާލާށެވެ. ސިޓިންރޫމްގައި ޓީވީ ބަލަންއިންނަ މަންމައަށް 24 ގަޑިއިރު ހުއްޓުމެއްނެތި މި ފެންނަނީ މިމަންޒަރުތަކެވެ. ކޮޓަރީގައި ލެޕްޓޮޕް ހުޅުވައިން އޮންނަ ދަރިފުޅުވެސް 24ގަޑި އިރު މި ބަލަނީ މި މަންޒަރުތަކެވެ. ސޯފާގައި ނޫސްކިޔަން އިން ބައްޕަ އަށްވެސް މިފެންނަނީ ހަމަ މިމަންޒަރެވެ. މި މަންޒަރުތައް ނުފެންނަނީ ކޯއްޗަކުން ހެއްޔެވެ؟ މަގުމައްޗައް ނުކުތަސް އުސް އިމާރަތްތަކުގައި ހަރުކޮއްފައިއެވާ ބޮޑެތި ޕޯސްޓަރުތަކުގައިވެސް ހަމަ މި މަންޒަރެވެ. އެންމެފަހުގެ އަވިއައިނެވެ، ބޫޓެވެ. ހެއަރ ސްޓައިލެވެ. ލާނެ ހެދުމެވެ. ތުންފަތުގަ ޖައްސާނެކުލައިން ފެށިގެންގޮސް ނަން ހުސްކޮށެވެ. ދިރިއުޅުމުގައި އިންސާނުން ބޭނުންކުރާނެ ހުރިހާ އެއްޗެހީގެ އިޝްތިހާރު ތަކުުން ފުރިފައެވެ.

ލަވަތަކާއި، ފިލްމު ތަކާއި ޑްރާމާތަކުގައި އުޅޭމީހުން ލާ އެއްޗެހި ކޮޕީކޮށް، އެމީހުންގެ ބަސްތައް އަދި ބައެއް ފަހަރު ޖުމްލަތައްވެސް އެއީ ހަމަ މިއަދުގެ ޒުވާނުންނަށް ހާއްސަ ފެޝަންތަކެވެ. އަދި މަޝްހޫރު ސިޔާސީ މީހުންނާއި، އިއްޒަތްތެރިން ބޭނުންކުރާ ތަކެތިވެސް އެއީ ހަމަ އެންމެ ފަހުގެ ފެޝަންކަމަށް މިދަނީ ދައްކަމުންނެވެ. މިތަކެތީގެ މައުލޫމާތު އަހަރެމެންނަށް މިފޯރު ކޮށްދެނީ މި ޑްރާމާތަކާއި، ލަވަތަކާއި، އިންޓަރނެޓްގެ ބޮލޮގްތަކާއި، ފޮޓޯތަކާއި، ވީޑިޔޯތަކާއި އަދި ނޫސްތަކުންނެވެ. އަދި ހަމައެހެންމެ އަހަރެމެންގެ ވަށައިގެންވާ މާހައުލުންނާއި، އެންމެންގެ އުޅުމުންވެސް މެއެވެ. ބަރަކް އޮބާމާގެ އަނބިކަނބަލުން ތުރުކުރައްވާ  ހެނދުންތަކުގެ ރީތި ވާހަކައެވެ. ޝާހްރުކްޙާން ދުއްވާ ކާރުގެ މައުލޫމާތެވެ. އެވޯޑް ފެސްޓިވަލުގައި އެންމެ ރީއްޗައް ހެދުން އެޅީ ކާކުކަމެވެ. އައިޑޮލްގައި އެންމެ ރީތި ހެއަރ ސްޓައިލްގެ ވެރިޔާ ހޮވި ވާހަކައެވެ. މިފަދަ އެތައްއެތައް ވާހަކައެކެވެ.

ވިސްނާލަންވީ އަހަރެމެންގެ ދިރިއުޅުމުގެ އާދަތަކަށާއި އަޙްލާޤަށް ފެޝަން ވެރިވެފައިވާ މިންވަރެވެ. ސްކޫލުތަކުގެ ކުދިންގެ އަޙްލާޤައް ވިސްނާލަން ހިނގާށެވެ. އަޑުނީވެނީ ކޮން މައްސަލައެއްގެ އަޑު ހެއްޔެވެ؟ ބުލީ ކުރުމާއި، ސިނގިރެޓް ބުއިމާއި، މާރާމާރީ ހިންގުމާއި، ބަދު އަޙްލާޤީ އެތައް މައްސަލައެކެވެ. އެވެސް ސްކޫލްތެރޭގައެވެ. ހާދަހާވާ ހިތްދަތި މަންޒަރުތަކެކެވެ. އެކަމަކު މީވެސް ހަމަ ފެޝަނެވެ. ސިނގިރޭޓް ބުއިންވަނީ ފެޝަނަކަށެވެ. ކުދިންނަށް މަލާމާތްކުރުންވެސް ވަނީ ފެޝަނަކަށެވެ. ބިޓުން ނެގުން އަދި ޒިނޭކުރުންވެސް ހަމަ މިވަނީ ފެޝަނަށެވެ. ޓީޗަރުގެ ބަސް ނޭހުންވެސް ވަނީ ހަމަ ފެޝަނަކަށެވެ. ޤަބޫލުކުރަން އުނދަގުލަސް މީ ހަމަ ހަޤީޤަތެވެ. ކުދިންގެ ވިސްނުން ބަދަލުވެފައިވާ މިންވަރެވެ. ދެން އަނެއްކާވެސް މި ފެޝަންތަކާއި، މި ވިސްނުންތައް ކުދިންނަށް ދަސްވަނީ ނުވަތަ ދަސްކޮށްދެނީ ކޯއްޗަކުންކަން ވިސްނާލާއިރު އެނބުރިދާން މިޖެހެނީ ކުރިން ދިޔަ ހިސާބަށެވެ.

އެތަކެތީގައި އުޅޭ ކެރެކްޓަރ ތަކަށް ވިސްނާލާށެވެ. އެއިން އަހަރެމެންނަށް އަދި ދަރީންނަށް ނަގައިދެނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ އެމީހުން ކުދިންނަށް ދައްކުވައިދެނީ ކޮން އުޅުމެއް ހެއްޔެވެ؟ އަންހެންކުދިންނާއި ފްލާޓް ކުރަން ދަސްކޮއްދެއެވެ. އަންހެންކުދިންނަށް ލޯބި ހުށައަޅާނެ މޮޅުގޮތްތައް ދަސްކޮއްދެއެވެ. ލޯބިވެރިޔާ ގެއްލުމުން އަނބުރާ ހޯދާނެ މޮޅު އުކުޅުތައް ދަސްކޮށްދެއެވެ. އަންހެންކުދިންގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލާނެ މޮޅެތި ގޮތްތައް ދަސްކޮށްދެއެވެ. ޒިނޭ ކުރާއިރު އަމަލުކުރާނެ ރީތިމޮޅު ގޮތްތަކެވެ. ފެޝަނުގެ ބަހުންނަމަ ރޮމޭންޓިކް ވާން ދަސްކޮށްދެނީއެވެ. މީހުންނަށް މަލާމާތްކުރާއިރު ބޭނުންކުރާނެ މޮޅު ބަސްތައް ދަސްކޮއްދެއެވެ. މީހުންގެ ދިރިއުޅުން ހަލާކު ކުރާނެ މޮޅު ގޮތްތައް ދަސްކޮށްދެއެވެ. އެމީހުންގެ ކަލާނގެ ތަކަށް އަޅުކަން ކުރަނީ ކިހިނެއްކަން ދަސްކޮށްދެއެވެ. މީހުންގެ ސަމާލުކަން ހޯދާނެ ގޮތްތަކާއި މިނޫންވެސް އެތައް ހުތުރު އާދަތަކެކެވެ. އަދި ތިމާގެހުރި ބޮޑާކަން ދެއްކުމަކީވެސް ހަމަ ފެޝަންކަން ދަސްކޮށްދެނީ ހަމަ މިބުނާ ކެރެކްޓާރ ތަކެވެ.

މި މައްސަލައަކަށްވަނީ ޓީވީ، ރޭޑިޔޯ، ލެޕްޓޮޕް، އައިޕެޑް، ނޫސް އަދި މަޖައްލާތަކެއް ނޫނެވެ. އެތަކެތިން ފެންނަ ތަކެއްޗެވެ. ނުވަތަ ބަލާ ތަކެއްޗެވެ. މަންމަ ބަލާ ޑްރާމާތަކުން ފެންނަނީ ކޯއްޗެއް ހެއްޔެވެ؟ މި ސުވާލު މަންމަ އާއި ކޮއްފިއްޔާ ބުނާނީ އެ ޑްރާމާ ހާދަހާ ރީއްޗެވެ. އޭގައި އެހެން މިހެންވަނީ އެވެ. އެކަމަކު ހަޤީޤަތަކީ އަހަރެމެންގެ ސިކުޑިއަށް ފެންނަނީ އޭގައިވާ ވާހަކަ އެކަނި ނޫންކަމެވެ. ދަރިފުޅު ބަލާ ސީރީޒްތަކާއި، ފިލްމުތަކާއި، ލަވަތަކުންވެސް، އަދި ބައްޕަ ކިޔާ ނޫސްތަކުންވެސް އަދި މަޖައްލާތަކުންވެސް މި ފެންނަނީ އެކައްޗެހިކަން ވިސްނައިފިއްޔާ އެނގޭނެއެވެ. އެކިކަހަލަ މޭކަޕް ތަކެވެ. ކަރުގައި އަޅާ ފަށުންފެށިގެން ފައިގައި އަޅާ ކެވައްޔައްދާންދެން ފެންނާނެއެވެ. ލައިފައި ހުންނަ ހެދުމުގެ ކަރުވަޅާއި، އަތްކުރި އަދި ފަސްބައިވެސް ހަމަ އެންމެފަހުގެ ފެޝަނެވެ. ނުވަތަ މި ދުވަސްކޮޅު އެންމެ މަޤްބޫލު ފެޝަނެވެ. މަޝްހޫރުކަން ހޯދައިފައިވާ ކޮންމެސް މީހެއްގެ ނުބައި އާދަތަކެވެ. އެއީވެސް ހަމަ ފެޝަނެވެ. އެންމެ ފަހުގެ ފިލްމަށްވީމައެވެ. ނުވަތަ މަޝްހޫރު މީހަކު އުޅޭގޮތްވީމައެވެ.

ވިސްނާލާށެވެ! ކުޑަކުދިންގެ ތެރޭގައި އެންމެ މަޝްހޫރު އެއް ކާޓޫނަކަށްވީ “ފްރޯޒެން” އިން ކުދިންނަށް ދަސްކޮށްދިނީ ކޯއްޗެއް ހެއްޔެވެ؟ އެއިން އެދޭ މެސެޖް ހެއްޔެވެ؟ ކޮށްކޮއާއި ދައްތަގެ މެދުގައިވާ ލޯބި ދައްކުވައިދީފައިވީނަމަވެސް ކުދިންނަށް އެ ލޯބި އެގޮތުގައި އެމެސެޖް ނަގައިގަނެވުނުތޯ ވިސްނާލަ ބަލާށެވެ. ނޫނެކެވެ. ސަތޭއަކުން ދިހަ ޕަސެންޓް ކުދިންނަށް އެ މެސެޖް ލިބިދާނެއެވެ. ނަމަވެސް ދެން ތިބި ކުދިންނަށް ފެންނަނީ އޭގައިވާ ކެރެކްޓަަރުންގެ އުޅުމެވެ. ލާ ހެދުމެވެ. މޭކަޕްތަކާއި ލަވަތަކެވެ. ބޭނުންވީ އެހެދުންލާށެވެ. ބޭނުންވީ އެގޮތައް އިސްތަށިގަނޑު ބެހެއްޓުމަށެވެ. ބޭނުންވީ އެގޮތަށް ލަވަކިޔަމުން ސްނޯތަކުގައި އެނބުރެމުން ނަށާށެވެ. މިތަކެތީގެ ސަބަބުން ކުދިން ބޮޑުވަމުން އަންނަނީ މިތަކެތިން ފެންނަފަދަ ހުވަފެނީ ދުނިޔެއެއްގައި އެފަދަ ހުވަފެންތަކުން ނިދަމުންނެވެ. އެފަދަ ޕްރިންސެސް އެއްފަދައިން އުޅުމަށެވެ. އެގޮތައް ލަވަކިޔާ ނަށާށެވެ. އެތަކެތިން އެ ފެންނަފަދަ ޕްރިންސެއްގެ އިންތިޒާރުގައެވެ.

މިތަކެތިން އަހަރެމެންނަށް އެއްވެސް ފައިދާއެއް ކުރޭ ހެއްޔެވެ؟ ނޫނެކެވެ. މިތަކެތިން ފައިދާކުރަނީ ފެޝަން އިންޑަސްޓްރީ ހިންގާ މީހުންނަށެވެ. އެމީހުންގެ ހުރިހާ ޖީބެއް އެ ފުރާލަނީ އަހަރެމެނަށް ހުވަފެންތައް ދައްކަމުންނެވެ. މި ކާޓޫންތަށް ރިލީޒް ކުރުމުގެ ކުރިން މިތަކެތީގެ ފޮޓޯތަކުން ކުޑަކުދިން ގެންގުޅޭ ހުރިހާ އެއްޗެއް ތައްޔާރުކޮށް ފިހާރަތަށް ފުރާލައެވެ. އަދި ރިލީޒް ވުމާއެކު ދާ ކޮންމެތާކުންވެސް ފެންނާނި މިތަކެއްޗެވެ. އެންމެ ބޭނުން ނުވާ ކުއްޖާވެސް ހިތްޖެހޭ ގޮތަށެވެ.

“ފެޝަނަކީ އެލާ މީހާގެ ދިރިއުޅުމުގެ ވާހަކަތައް ބުނެދޭ ބަހެކެވެ.” މީ ފެޝަން އެކްސްޕާޓުން ފެޝަން ސިފަކުރާގޮތެވެ. އެކަމު ހަޤީޤަތަކީ މީ، މިމީހުން ހަދާފައިވާ ގަވާއިދުތަކެއްކަމެވެ. މިމީހުންގެ ޖީބުތަކާއި އެކައުންޓްތައް ފުރާލަން ބޭނުންކުރާ ބޮޑު މަޅިއެއްކަމެވެ. މިބުނާ ފެޝަންތައް ލާން ނުލިބޭ މީހުންނަކީ، ނުވަތަ ބޭނުން ނުކުރާ މީހުންނަކީ ދުނިޔެއިން ބޭކާރުވެ، އެއްވެސް އަގެއްނެތް، އެއްވެސް އެއްޗެއް ނުދަންނަ ބައެއްކަމުގައި މިމީހުން ހަދާހެދުން، މިކަމުގެ އެންމެ ބޮޑު ހެތްކަކަށް ފުދެއެވެ. ވާނީވެސް އެހެންތާއެވެ. އެ މީހުންގެ ފަރާތުން މިބުނާ އެކްސްޕާޓުން އަދި ވިޔަފާރިވެރިންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ވިއްޔާއެވެ.

މިއަދުގެ މުޖުތަމައުއަށް ވިސްނާލާށެވެ. ރާއްޖޭގައި ބުރުގާ އާންމުވެގެން ދިޔަހިސާބުން ފެންނަންފެށި މަންޒަރަކީ ކޮބާތޯއެވެ؟ އޭގެ ކުރީން ފެންނަން ނެތް އާ ވިޔަފާރިތަކެއް އުފެދި ބުރުގާވެސް ފެޝަން އިންޑަސްޓްރީގެ ބަޔަކަށް ބަދަލުވެގެން ދިޔަތަނެވެ. ފެޝަން އެކްސްޕާޓުންނޭ މިކިޔާ މީހުންތައް އުތުރިއަރާ ދުވާލަކު އެތަށް ވަށްތަރެއްގެ ބުރުގާ ތަކާއި ޝޯލް ތަކެއް ތައާރަފް ކޮށް ރަނގަޅަށް މިދާއިރާގައި ފައިހިއްޕާލައި ފައިދާ ނަގަމުންދާ މަންޒަރެވެ. ކޮންމެ މަހަކުވެސް ނުވަތަ އެއަށްވުރެވެސް އަވަހަށް އެކި ފާޑުފާޑުގެ އާ ޑިޒައިންތަކެއް، އާ ނަންތަކަކާއެކު، އާ ވަށްތަރަކަށް ނެރެ ވިޔަފާރީގައި އެތަކެއް ފައިދާތަކެއް ހޯދަމުންދާތަނެވެ. އެމީހުން އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ސާބިތުކޮއްދިނުމަށް މަސައްކަތް ކުރަމުން އެދަނީ މުސްލިމުންނަށްވެސް ބުރުގާ އަޅަމުން ކާފިރުންނާއި އެއްފަދައިން ފެޝަން ވެވޭނެ ކަމެވެ. ބުރުގާ އަޅާ ކުދިންނަކީވެސް ފެޝަން، ކޫލް، ސްމާރޓް އަދި ހިޕް ބައެއްކަމަށް ދައްކަމުން އެދާ ކެހިވެރިކަމުގައި މުޅި ދުނިޔޭގެ މުސްލިމުން މިވަނީ ރަނގަޅައް ތަޅު އެޅުވިފައެވެ.  ހަމައެކަނި ޔޫޓިއުބްގައި ހިޖާބު ޖަހާލިނަމަވެސް ތިބޭފުޅާގެ ސްކްރީން ފުރިގެންދާނީ ބުރުގާ/ޝޯލް ނުވަތަ ހިޖާބު އަޅާނެ މޮޅެތި ފެޝަން ގޮތްގޮތުގެ ވީޑިއޯ ތަކުންނެވެ. ހަމައެކަނި އަޅާގޮތްތަކެއް ނޫނެވެ. އެ ޝޯލް އަކާއި ގުޅޭނެ މޭކަޕް ތަކާއި ފަރި ހެދުންތަކާއި އަޅާނެ ފައިވާން ނުވަތަ ބޫޓްގެ އައިޑިއާވެސް ދޭނެއެވެ. އެތައްބުރަ މަސައްކަތަކުން ހަދާފައިވާ މި ވީޑިޔޯތައް ނުބަލާ ކުދީން މިހާރު ނޫޅޭނޭ ބުންޏަސް ކުށަކައް ނުވާނެއެވެ.

ލޯބިވާ މުސްލިމުންނޭވެ! ފެޝަން އިންޑަސްޓްރީން އާންމުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ ވާހަކަތަކާއި، އެ މީހުންގެ މޮޅެތި އުކުޅުތަކުގެ ވާހަކައާއި، ދަރީންގެ ދިރިއުޅުން ހަލާކުވެގެންދާ ވާހަކަތަކާއި، ގޮތްތަކަކީ، ވަކިވަކިން ހެއްކާއި ދަލީލު ފެންނަގޮތައް ސާފްކޮށް ކުރިމަތީގެ ހުރި ކަންކަމެވެ. މިކަންކަމުގެ ވާހަކަ ދައްކަންވެއްޔާއި، ރެޔާއިދުވާލު ނިމިދިޔަސް ނުނިމޭހާ ގިނަވާނެއެވެ. ވީމާ ވީހާވެސް ކުރުގޮތަކަށް ބުނެދޭން މި ގަސްތުކުރާ ވާހަކަ ބުނެދެވޭތޯ ބަލާނަމެވެ. ވަރަށްވެސް ސާފުކޮށް ބުނެވިދާނެއެވެ. ބުނެދޭން މިއުޅެނީ، މި ކަމުން މުސްލިމުންނަށްކުރީ ކޮންއަސަރުތަކެއް ކަމެވެ. ނުލާހިކު ސާފް މަންޒަރެކެވެ. ހިޖާބުގެ އަސްލު މަޤްސަދު އޮޅި މީ ހަމައެކަނި ފެޝަނެއްގެ ގޮތުގައި ބޮލުގައި އޮޅާލައި ފޮތިކޮޅަކަށް ހިޖާބު މިވަނީ ވެފައި ނޫން ހެއްޔެވެ؟ ނުވަތަ ބަޔަކު ހަދައިފައި ނޫންހެއްޔެވެ؟ އަންހެނާ ސްކާރފެއް ބޮލުގައި އޮޅާލައިގެން އެތަށް މޭކަޕް ތަކަކުން ޖަރީވެގެން ހުރުމުން މާތް ﷲ މުސްލިމް އަންހެނުންނަށް އަޅަން އަމުރުކޮށް، އުޅެން އަންގަވާފައިވާގޮތަށް އުޅެވޭ ހެއްޔެވެ؟ ރަސޫލާ ސައްލައްލާހި އަލައިހި ވަސައްލަމްގެ ހަދީސް ތަކުން ސާބިތުވާ ހިޖާބަށް މި ހިޖާބުވޭ ހެއްޔެވެ؟ ކިޔާލާށޭވެ.

އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެ ފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.” (އަލް އަހްޒާބު:  33:59)

ފޮށި ބަންދުކުރަން ޓޭޕް އޮޅާލާހެން ހަށިގަނޑުގައި އަދި ބޮލުގައި ފޮތިކޮޅެއް އޮޅާލުމަކުން ނިވާވާނެތޯ ނުވަތަ ނޫންތޯ އަމިއްލަ ނަފްސައް ސުވާލުކޮށްލާށެވެ. އެ މައުޟޫއަށް މިފަހަރު ދާކަށް ގަސްތެއް ނުކުރަމެވެ.

ލޯބިވާ މުސްލިމުންނޭވެ! ފެޝަން އިންޑަސްޓްރީން ތިބާގެ ދިރިއުޅުމަށް ކުރާ އަސަރު އަމިއްލައަށް ވިސްނާލާށެވެ. ތިބާގެ ފިކުރުތަކާއި، އާދަތަކާއި، އަޙްލާޤް ބަދަލުތިކުރެވެނީ ބައެއްގެ ޖީބުފުރަން، އެބައި މީހުން ދައްކުވައިދޭ ގޮތްގޮތަށެވެ. ތިބާ ލާންވީ ކޮން ހެދުމެއްކަމާއި، ތިބާގެ އިސްތަށިގަނޑަށް ހަދަންވީ ކިހިނެއްކަމާއި، ތިބާގެ އުޅުން ބަހައްޓަންވީ ކިހިނެއްކަން މިކިޔާ އެކްސްޕާޓުން ތިބާއަށް މިބުނެދެނީ ފެޝަނުގެ ނަމުންނެވެ. ތިބާ އަނދިރިކަމެއްގެ މަތީގައިބަހައްޓާ، ނުބައި، ނުރަނގަޅު އާދަތައް އެއީ މޮޅުރީތި ގޮތްތަށްކަމަށް ފެޝަންގެ ނަމުގައި ތިބާއަށް ދައްކުވައިދެއެވެ. ތިބާގެންގުޅޭ ތަކެއްޗާއި، ތިބާގެ ދިރިއުޅުމުގެ ކަންކަން ބަދަލުކޮށްލަނީ ތިބާއަށް ނޭނގި، މިކުރެވެނީ ކީއްކަން ނުވިސްނޭހާވެސް މޮޅަށެވެ. ދެން ވިސްނާލާށެވެ. މަތީގައި ބުނެވުނު ހުރިހާ ކަމެއްވެސް މި ހިނގަނީ މިގޮތަކަށް ނޫންހެއްޔެވެ؟ އާއެކެވެ. ފެޝަން އިންޑަސްޓްރީގެ ސަބަބުން ތިބާ، ތިބާގެވެރި ރައްބާއި ދުރުކޮށް، އެކަލާންގެ މަތިން ހަނދާން ނައްތުވާލާ، ދުނިޔޭގެ ކަންކަމަށް ހެއްލުވައެވެ. ވިސްނާލާށެވެ. ތިބާއަށް އެވެނި މިވެނި ސީރީޒެއް ނުވަތަ ޑްރާމާއެއް ބަލަން ވަގުތުވެއެވެ. ސެލޫންތަކަށްގޮސް އިސްތަށިގަނޑުގައި ކުލަޖައްސާލާއި، ބުމަ ހަދަން ވަގުތުވެއެވެ. ރަހުމަތްތެރިންނާއެކު ދަތުރުގޮސް ކޮފީތަކަށް އަރަން ވަރަށް ވަގުތު އޮވެއެވެ. އެކަމަކު ނަމާދު ކުރާކަށް ޤުރުއާން ކިޔަވާކަށް ވަގުތެއް ނުވެއެވެ. ނުވަތަ ފެޝަނަކަށް ނުވާތީ ކުރާ ހިތްނުވަނީއެވެ.

މި ފެޝަންތައް ތިބާއަށް ދައްކުވައިދެނީ، ﷲ ސުބުހާނަހޫ ވަތައާލާ ތިބާ އަށް އުޅެން އެންގެވިގޮތާއި، ދީނުގެ ރިވެތި އުސޫލުތަކާއި އެއްގޮތައް ހެދުން އެޅުމުންނާއި، އިސްލާމީ ރިވެތި އަޙްލާޤަކީ، އެއްވެސް އެއްޗެއް ނޭނގޭ، ނުވިސްނޭ، ފަގީރު ބަޔަކު ގެންގުޅޭ އާދަތަކެއްކަމެވެ. މި ފެޝަންތައް ތިބާ ދުނިޔެއަށް، ތިބާގެ ވެރިރަސްކަލާނގެ ފޮނުވާފައިވާ މަޤްސަދު ހަނދާން ނައްތުވާލައެވެ. މީހަމަ ޝައިތާނާގެ ކެހިވެރި މަގެކެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވާފައިވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ.  ﷲ ވަހީ ކުރައްވާފައިވެއެވެ. “ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރަން މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ. ” ( ޤުރުއާން 51:56 )

އިންސާނުން ހެއްލެނިވިކުރުން އެއީ ޝައިތޯނާގެ އަމާޒު ކަމަށް އެންގެވުމަށް ﷲ ވަހީކުރައްވާފައިވެއެވެ. “ﷲ އެ ޝައިތޯނާ އަށް ލައުނަތް ލައްވާފައިވެއެވެ. އެ ޝައިތޯނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިންކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން ތިމަން ހިފާހުށީމެވެ. އަދި ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާ ހުށީމެވެ. އަދި ތިމަން އެއުރެން ލައްވާ، ހަޤީޤަތެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށްވެސް ތިމަން އެއުރެންނަށް އަމުރު ކުރައްވާހުށީމެވެ. އަދި ﷲގެ ދީން ބަދަލު ކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާ ހުށީމެވެ.  ﷲ ފިޔަވާ ޝައިތޯނާ އެއީ އެހީތެރިއެއްކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.” (ޤުރުއާން 4:118،119)

ލޮބުވެތި މުސްލިމުންނޭވެ! މައްސަލަ އަކަށް މިވަނީ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނައިރު އެ ހައްދުން ނެއްޓިގެންދާ ދިއުމެވެ. ތިމާއަށް މި ކުރެވޭ ކަންކަމުގެ އަދި އުޅެވޭ ގޮތްގޮތުގެ ހަޤީޤަތް ތިމާއަށް ނޭނގޭތީއެވެ. ފެޝަނުގެ ނަމުގައި ޝައިތޯނާގެ ބަހަށް ހެއްލެވި، އެތައް ފާފަތަކަކަށް އަރައިގަނެވޭއިރު އެއިންއެއްވެސް ކަމެއް ތިމާއަށް ރޭކާ ނުލާތީއެވެ. ފެޝަނޭ ބުނެ އެބަ ޒިނޭކުރެވެއެވެ. ފެޝަނޭބުނެ އެތައް ބިދުއަ، އެއް އެތައްކަމެއްގައި ތައާރަފްކޮށް އެއަށް އަމަލު ކުރެއެވެ.

މިކަންކަމުން އަހަރެމެން އަރައިގަންނަން/ސަލާމަތްވާން އޮތް މަގަކީ ތައުހީދެވެ. އީމާންތެރިކަމެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ތިބާ ފަސްވަގުތު ނަމާދު އަދާކުރާށެވެ. ނަމާދަކީ އިންސާނާ ނުބައިކަންތައްތަކުން ދުރުކޮށްދޭ އެންމެބޮޑު ބާރެވެ. ދީނުގެ ފަސްތަނބުގައި ގަދަޔަށް ހިފަހައްޓާށެވެ. ﷲ މަތިން ގިނަގިނައިން ހަނދުމަކުރާށޭވެ. ތިބާ ﷲ އާއި ދުރުކުރުވާ ހުރިހާ ވަސީލަތަކުން އެއްކިބާވާށެވެ. އަދި ތިބާގެ ދަރީންނާއި، އެންމެން ފެޝަނުގެ ނަމުގައި މިދައްކާ ނުބައި ފިކުރުތަކުން ސަލާމަތްކުރާށެވެ. ކޮންމެ ކަމެެއްގައިވެސް އެންމެ ފުރަތަމަ ﷲ އިސްކޮށް، އެކަލާނގެ އެންގެވި މަގުން ހިނގުމަށް މަސައްކަތް ކުރާށެވެ. އޭރުން ތިބާއަށް ކާމިޔާބު ލިބޭނެއެވެ.

އަހަރެމެންނަށް ފެޝަނުގެ ގޮތުގައި ޝޮޕިންކޮއް މޮޅެތި ރީތި ތަކެތި ލެވިދާނެއެވެ. މޭކަޕްވެސް ކުރެވިދާނެއެވެ. ސާފް ތާހިރުކަންމަތީ ހުރުމަކީ އިސްލާމްދީން ވަރަށްބޮޑަށް ބާރު އަޅާކަމެކެވެ. އަދި ރީތިވުމަކީވެސް ﷲ ސުބުހާނަހޫ ވަތައާލާ ލޯބިކުރައްވާ ކަމެއްކަން ރަސޫލާގެ ހަދީސްތަކުން ސާބިތުވެއެވެ. އެހެންނަމަވެސް ހަލާލު ގޮތުގައެވެ. ހުއްދަ ގޮތުގައެވެ. ހިލޭ ފިރިހެނުންނާއި އެނޫންވެސް އާންމުންގެ ސަމާލުކަން ހޯދުމަށް އަންހެނުން ރީތިވާ ރީތިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.  ﷲ ނުރުއްސަވާ މަގަށް ތިބާގެ އަމަލުތަށް ބަހަށްޓާ، ކާފިރުންގެ އާދަތަކުން ޖަރީވުމަކީ މުސްލިމުންނަށް ހުއްދަކަންކަމެއް ނޫނެވެ.

ރީތި އަޙްލާގުން ޖަރީވެ، ދަހިވެތި ލޯތަކަށް އެއަންހެނާގެ ރީތިކަން ފޮރުވާފައިވާ އަންހެނާގެ ރީތިކަމީ ޝައްކެއްވެސް ނެތްގޮތުގައި ބޮޑުވެގެންވާ އަގަކުން ގަނެވޭނެ ރީތިކަމެއް ނޫނެވެ.

ރީތި އަޙްލާޤުން ފޭރާން އަޅާ، ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ އަންހެނާ އާއި ފިރިހެނާއީ ދެދުނިޔެއިންވެސް ބާއްޖަވެރިކަން ހޯދާފައިވާ ދެމީހުންކަން ކަށަވަރެވެ.

ނުނިމޭ

2

11 Comments

  1. ......

    May 21, 2017 at 8:10 pm

    masha allah… vrh reethi.. mi vaahaka akee vrh rangalhu iburaii thakeh libey vaahaka eh… mi vaahaka liyaa kujjaa ah heyo rahumaii lavvaan dhey….

    • Faathii

      May 21, 2017 at 9:08 pm

      Ameen. Thibaa ahves Allah heyo rshmaih lahvaandheyv.

  2. Maree

    May 21, 2017 at 9:37 pm

    masha Allah v fruhaha

    • Faathii

      May 21, 2017 at 11:24 pm

      Jazaak Allah Khair.

  3. leen

    May 22, 2017 at 1:16 am

    varah furihama v asarugadha keep it up dear

    • Faathii

      May 22, 2017 at 5:36 am

      Jazaak Allah Khair

  4. n

    May 22, 2017 at 9:44 am

    v muhinmu vaahaka thakeh…ekam mikala vaahaka eh fenijjeyya ves varah madhu bayaku kiyany… konmes ehen kahala vaahaka eh kiyeytho balaane.v dhera kameh.. anyways v reethi

    • Faathii

      May 22, 2017 at 1:20 pm

      It’s ok. Everyone have their own freedom to read whatever they like dhw.. Jazaak Allah Khair. 🙂

  5. Kudaa

    May 22, 2017 at 11:10 am

    Maashaa Allah. V reethi dheenii vaahaka eh. Love it.

    • Faathii

      May 22, 2017 at 1:22 pm

      Alhamdhulillah. Jazaak Allah Khair.

  6. Kai

    May 27, 2017 at 9:07 am

    Allahumma baarik. Varah furihama mi part vess.

Comments are closed.