އަހަރެން އިނީ ސިޓިންގ ރޫމުގައި ހުރި ސޯފާގައި ލެޕޮޓޮޕުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ސިހިފައި އަހަރެންގެ އަތުންދޫވެ ލެޕްޓޮޕް ތަޅުން މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހީވީ ފިލްމުތެރެއިން މީހަކު ސީދާ އަހަންނަށް ބަލާލިހެންނެވެ. ކުޑަކޮށް ހިތަށް ބިރުވެރިކަން ވަތް ނަމަވެސް އެއީ ހީވިހީވުމެއްކަން އިހުސާސްވުމުން އަމިއްލަނަފްސަށް މަލާމާތް ކޮއްލެވުނެވެ. އަދި އަވަސްއަވަހަށް ލެޕްޓޮޕް ނެގީމެވެ. ބޭރުފުށުން ގެއްލުމެއް ލިބިފައި ނެތަސް ލެޕްޓޮޕް ހުޅުވޭ ގޮތެއް ނުވިއެވެ. އަހަރެން ކަންބޮޑުވީ ފައިސަލް ރުޅިއަންނާނޭ ވަރު ހިތަށް އަރާފައެވެ.
މިހާރަކަށް އައިސް އެކަހަލަ ކިތަންމެކަމެއް ތަކުރާރު ވެއްޖެއެވެ. ބައެއްފަހަރު ނިދަން އޮވެފައި ކުޑަޖުއްޖަކު ރޯއަޑަށް ހޭލެވިދާނެއެވެ. އަނެއްބައިފަހަރަށް ގޭތެރޭގައި އެހެން މީހަކު އުޅޭކަމު އިހުސާސްވެސް ކުރެވެއެވެ. ނޫނީ ގޭގައި ބަހައްޓާފައި ހުންނަ ތަކެތި ހަމަ ހުރެފައި ވެއްޓިދާނެއެވެ. އަދި ބައެއް ފަހަރު ފާޑުފާޑުގެ އަޑު އިވޭހެންވެސް ހީވެއެވެ. ނަމަވެސް މިގޭގައި އަހަންނާއި އަހަރެންގެ ފިރިމީހާ ފިޔަވާ އިތުރު މީހަކު ނޫޅެއެވެ. އަހަރެން އެވާހަކަތައް ފައިސަލްއާ ހިއްސާއެއް ނުކުރަމެވެ. އެއީ ފައިސަލް އަހަންނަށް މަލާމާތް ކޮއްފާނެތީކީއެއް ނޫނެވެ. އަހަރެން މިރަށުގައި ހުންނަން ބޭނުންނުވާތީވެ ދައްކާ ވާހަކައެއް ހެން ފައިސަލްއަށް ހީވެދާނެތީއެވެ.
އަހަރެންނާއި ފައިސަލް ދިމާވީ އޮފީސްދަތުރެއްގައި ފައިސަލް އަހަރެމެން ރަށަށް އައިސް އުޅެނިކޮށެވެ. އަހަރެންނަށް ފުރަތަމަ ފެނިލުމުންވެސް ފައިސަލް ވަރަށް ކަމުދިޔައެވެ. ފުރަތަމަ ނަޒަރުންވެސް ލޯބިވެވޭކަން އަހަންނަށް އެނގުނީވެސް ފައިސަލް ފެނުނު ދުވަހުއެވެ. ފައިސަލް އަހަންނަށް ލޯބިހުށަހެޅުމުން އަހަރެން ހިތުންރުހުމުން އެކަމަށް އާނބަސްބުނީމެވެ. ފައިސަލް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ނަމަވެސް އަހަރެމެންގެ ގުޅުމަކަށް މަންމަމެންގެ ރުހުމެއް ނުލިބުނެވެ. އެންމެފަހުން މަންމަމެންގެ ނުރުހުމުގައި އަހަރެމެން ކައިވެނިކޮށް ފައިސަލްގެ ރަށަށް ދިރިއުޅުން ބަދަލުކުރީމެވެ.
އަހަރެން ފައިސަލްއާ ކައިވެނި ކުރިއިރު ފައިސަލްގެ މާގިނަ މައުލޫމާތެއް ނޭނގެއެވެ. ހަމައެކަނި އިނގޭހާވެސް ކަމަކީ ފައިސަލްގެ މައިންބަފައިން މަރުވެފައިވާ ކަމާއި އޭނާގެ އާއިލާގައި އިތުރުމީހަކު ނެތްކަމެވެ.
ފައިސަލްގެ ރަށަށް ބަދަލުވިތާ ކުރީކޮޅު ފައިސަލް އާގުޅޭ ގޮތުން އެރަށު މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކައި އުޅުނެވެ. ނަމަވެސް އަހަރެން އެވާހަކަތަކަށް ބީރުކަންފަތެއް ދިނީ ފައިސަލްއަށް ކުރެވޭ އތުބާރެއްގެ ބޮޑުކަމުންނެވެ.
ފައިސަލް މަސައްކަތް ކުރަނީ ރަށު އިންޖީނުގޭގައެވެ. އޭނާއަށް ލިބޭ މުސާރައިން އަހަރެމެންނަށް ފުދިފައި އިތުރުވެސް ވެއެވެ. އެހެންކަމުން އަހަރެން ވަޒީފާ އަދާކުރުމަކީ ކޮންމެހެން މުހިންމުކަމެއް ނޫންކަމުގައި އަހަރެމެން ދެމީހުނަށްވެސް އިއްތިފާގުވެވުނެވެ. އަދިއަމުދުން މިހާރު އަހަރެން ބަނޑުބޮޑު އިރު ވަޒީފާ އަދާކުރާކަށް ފައިސަލް އެއްބަހެއް ނުވާނެއެވެ.
އެހެން ރޭތަކެކޭ އެއްފަދައިން އެރޭވެސް ފައިސަލް ގެއަށް އައީ ފުދޭވަރަކަށް ދަންވިފަހުންނެވެ. ލެޕްޓޮޕަށް ވީގޮތް ބުނުމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުއްޓަސް އަހަންނާއި ދިމާލަށް އެއްޗެކޭ ނުބުނުމުން ހިތްހަމަޖެހުނެވެ. ކައިނިންމާލުމަށްފަހު ދެމީހުންވެސް އޮށޯތީ ނިދާށެވެ.
އަހަންނަށް ހޭލެވުނީ ބަނޑަށް އުދަގޫވާތީއެވެ. ތެދުވެފައި އަހަރެން ހިނގައިގަތީ ފާޚާނާ އާއި ދިމާއަށެވެ. ފާޚާނާގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނުމާއެކު ތަށިތެރޭގައި ހުރި ލޭ ތައް ފެނި އަހަރެން ސިހުނެވެ. އަހަރެންގޮސް ފްލެޝް ޓޭންކުގެ މަތި ހުޅުވައިލީ ލޭތައް ފައިބާފައި ހުރި ގޮތުން އެއީ ޓޭންކު ތެރެއިން ފައިބައިފައި ހުރި ލޭތަކެއްހެން ހީވަތީއެވެ. ޓޭންކު ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
އަހަންނަށް ހޭވެރިކަންވީ ފައިސަލް އަހަރެންގައިގައި ހިފާ ތަޅުވާލުމުންނެވެ. އޭރު މީހާ ވަނީ ނޭވާކުރުވެ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެއާއިއެކު އަހަންނަށް ބަނޑުގައި ފިރުމައިލެވުނެވެ. ދެން އެރޭ އިތުރަކަށް އަހަންނަކަށް ނުނިދުނެވެ. ލޯމަރާލާއިރަށް ފެންނަނީ ފްލެޝް ޓޭންކު ތެރޭގައި ލެއިން ތަތްތެޅިފައި އޮތް ތުއްތު ކުއްޖާއެވެ. އެއީ ދުވަސްނުފުރާ ވިހަފައިވާ ކުއްޖެއްކަން އެނގެނީ ކުއްޖާގެ ބައެއް ގުނަވަންތައް ފުރިހަމައަށް އުފެދިފައި ނުވާތީއެވެ. އޭގެ ފަހުން ކޮންމެ ރެއަކުހެން އެ ހުވަފެން ތަކުރާރުވާން ފެށިއެވެ. ކޮންމެވެސް މީހަކު އަހަންނައް އެއްޗެއް ބުނެދޭން އުޅޭކަމަށް އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް އަންގަން އުޅޭކަހަލައެވެ. ނަމަވެސް އަހަރެން ފައިސަލްއަކާ އެ ވާހަކަތަކެއް ހިއްސާއެއް ނުކުރަމެވެ. ކުރިންވެސް ބުނި ސަބަބާހުރެއެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ބަނޑަށް އަށްމަސް ފުރިއްޖެއެވެ. ދަރިފުޅަށް ބޭނުންވާ ގިނައެއްޗެހި އޭރު ފައިސަލް ހުރީ ގަނެފައެވެ. ކުރުގޮތަކަށް ބުނަންޏާ ފިރިހެން ކުއްޖަކަށް ބޭނުންވާނެ ހުރިހާސާމާނެކެވެ. ފައިސަލް ބޭނުންވީ ފިރިހެން ކުއްޖެކެވެ. އެކަމަކު އަންހެން ކުއްޖެއް ލިބުނަސް އަހަންނަކަށް މައްސަލައެއް ނެތެވެ.
ބަދިގޭގައި ހުރެފައި އަހަރެން ނުކުތީ ގޭތެރެއިން އަޑެއް އިވޭހެން ހީވާތީއެވެ. ޢޭރު ފައިސަލްއިނީ ސިޓިންގ ރޫމުގައި ޓީވީ ބަލާށެވެ. އަހަރެން ބަދިގެއިން ނިކުތްއިރުވެސް އެއަޑު އިވިއިވި ހުއްޓެވެ. ފައިސަލް އަށް އެ އަޑު ނުއިވެނީކަމެއް ނުވަތަ ޓީވީއަށް ގެއްލިފައި އިން ވަރުން ސަމާލުކަން ނުދެވުނީ ކަމެއް އަހަންނަކަށް ނޭގެއެވެ. އެ އަޑު އަންނަ ދިމާއަށް އަހަރެން ދާންފެށީމެވެ. އަޑުއަންނަނީ ކޮޓަރިތެރެއިންކަން އެނގުނީ ކޮޓަރިއާއި ގާތްވިވަރަކަށް އަޑުގަދަވާން ފެށުމުންނެވެ. އޭރު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެއެވެ. އަހަރެން ގޮސް މަޑުމަޑުން ދޮރުހުޅުވާލީމެވެ. އެއްވެސްމީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ކުރީދުވަހު ފައިސަލް ގަނެގެން ގެނެސްފައިހުރި ކުޑަކާރު ކޮޓަރިތެރޭގައި އޭރު ދެކޮޅަށް ދުވެއެވެ. އަހަރެން އަނެއްކާވެސް ކޮޓަރިތެރެއަށް ނަޒަރުހިންގާލީމެވެ. އަދި ކުޑަކޮށް ގުދުވެލާފައި އެނދުތަންދޮށް ބަލާލީމެވެ. އެއާއިއެކު ކުއްލިއަކަށް ފަހަތަށް ޖެހިލެވުމާއެކު ވަރައްބާރަށް ފައިސަލްއަށް ގޮވާލެވުނެވެ. އޭރުވެސް އެންދުތަންދޮށުން ފެނުނު ދެލޯ ސީދާ އަމާޒުވެފައި ހުރީ އަހަންނަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ފައިސަލްއައެވެ. ނަމަވެސް އެއިން އެއްވެސްކަމެއް ފައިސަލްއަށް ފެނުނު ކަމަކަށް ނުވިއެވެ.
ހަމައެދުވަހެވެ. އަހަރެން އިނީ ގޯތިތެރޭހުރި އުނދޯއްޔެއްގައި ވާހަކަފޮތެއް ކިޔާށެވެ. އަހަރެން ފޮތަށް ބަލަހައްޓައިގެން ހުއްޓާ ފޮތުގެ އަކުރުތަށް އެކި ކޮޅުކޮޅަށް ދުވަންފެށިއެވެ. ލިބުނު ސިހުމާއެކު ފޮތް އެއްލާލަން އުޅެފައިވެސް މަޑުކޮށްލެވުނީ ބަސްތައްތަރުތީބުވެ ޖުމްލަތަކެއް ހެދެން ފެށުމުންނެވެ. އަހަރެން ލިޔެވެމުންދާ އެއްޗެއް ކިޔަންފެށީމެވެ. “ކަލޭގެ ބަނޑުގައިވެސް ތި އޮތީ އަންހެންކުއްޖެއް. ކަލެއަށްވެސް ހަދާލާނީ ހަމަ އަހަންނަށް ހަދާލިހެން.” އެއާއެކު އަހަރެން ފޮތް ލައްޕާލީމެވެ. އިތުރަށް ކިޔަން ބޭނުން ނުވީއެވެ. ފަހަކަށް އައިސް އަހަންނަށް ލިބެމުންދިޔަ އިންޒާރުތަށް ދިޔައީ ގިނަވަމުންނެވެ. އަހަރެން އެންމެ ކަންބޮޑުވީ އަހަރެމެންގެ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. އެހެންވެ އަހަރެން ގަސްދުކުރީ ކަންތައް ގޯހުންގޯހަށް ނުދަނީސް ފައިސަލްއަށް އެވާހަކަތަށް ކިޔާދޭށެވެ.
އެދުވަހު މެންދުރު ފައިސަލް ގެއަށް އައުމުން އަހަރެން އެވާހަކަތަށް ފައިސަލްއަށް ކިޔައިދިނީމެވެ. ފައިސަލް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ނަމަވެސް މޫނުގެކުލަވަރު ބަދަލުވިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރުމެން އުފަލުގައި އުޅޭތީ ބަޔަކު ޖެއްސުން ކުރަނީކަމަށް ބުނެ ފައިސަލް ފުއްދާލީއެވެ. އަހަންނަކަށް އެވަރަކުން ނުފުދުނެވެ. އެއީ މީހެއްގެ ޖެއްސުމެއް ނޫންކަން އަހަންނަށް ޔަގީނެވެ. އަދި އެއީ އަހަންނަށް ހީވާހީވުމެއްވެސް ނޫނެވެ. ފައިސަލް އަހަންނަށް ކަމެއް ސިއްރުކުރާހެން އަހަންނަށް ހީވިއެވެ. އެހެންކަމުން އެކަމުގެ ހަގީގަތް ހޯދަން އަހަރެން ބޭނުންވިއެވެ. ނަމަވެސް އަހާނީވަކި ކާކު ކައިރީ ހެއްޔެވެ. އަހަރެން ދަންނަ އެއްވެސް މީހަކު މިރަށުގައި އުޅެނީކީއެއްވެސް ނޫނެވެ. އަހަރެމެންގެ ގެ ހުންނަނީ މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް އެކަހެރިކޮއްކަމުން ވާހަކަދައްކާލާނެ އަވައްޓެރިއަކުވެސް ނެތެވެ. އަނެއްކާ ރަށުމީހުން ދައްކާ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއްވޭބާވައެވެ؟ އެރޭ އަހަންނަށް ނިދުނީ މިކަހަލަ ހައިޖާނުގަޑެއްގެ ތެރޭގައި އޮއްވައެވެ.
……….ރަށުގެ އެހެން ގެތަކާއި ދުރުގައި މުޅީން އެކަހެރިކޮށް ހުރިގެއެކެވެ. މުޅިހިސާބުގަނޑުގައި ދިރޭ ފަނިފަކްސާއެއްގެ ހިލަމެއްނެތްތާގައި އަލިކަމެއްވެސް ނެތެވެ. މަޑުމަޑުން ހިގާފައި ގޮސް އަހަރެން އެގެއާއި އަރާ ހަމަވިއެވެ. މިއޮއްދަންގަޑީގައިވެސް އެގޭތެރެއިން އިވެމުންދިޔައީ ދެމީހެއްގެ ޒުވާބުގެއަޑެވެ. އެތަނުން އެއްއަޑަކީ އަހަރެން ދަނެ ފަރިތަ އަޑެކެވެ. އަހަރެންގޮސް ކުޑަދޮރުކައިރީގައި ހުއްޓިލީމެވެ. އޭރު ގޭގެ ސިޓިންގ ރޫމުގައި ހުރީ ފައިސަލްނޫން ދެވަނަ މީހެއްނޫނެވެ. ދެން ހުރީ ކޮން އަންހެނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ކޮންމެވެސް ތާކުން ފެނުނު މީހެއްހެން ހީވިއެވެ. ފައިސަލްގެ އަތުގައި ވަޅިއެއް އޮތެވެ. އޭރު އެ އަންހެންމީހާގެ އާދޭހުގެ އަޑު މުޅި މާހައުލުގައި ގުގުމާލާފައިވިއެވެ. ” ހެޔޮނުވާނެ ތިހެން ނުހަދާ .. އަންހެންކުއްޖަކު ލިބެންއުޅުން އެއީ އަހަރެންގެ ކުށެއްތަ؟ އޭގަ އެ ދަރިފުޅުގެ އޮތީވެސް ފަހެ ކޮން ކުށެއް؟” އެއާއިއެކު އަހަރެން އެ އަންހެންމީހާއަށް ބަލާލީމެވެ. ބަނޑުބޮޑުކަން ކޮންމެސްވަރަކަށް އޭނަގެ ބަނޑުން އެނގެން ހުއްޓެވެ. އޭރު ފައިސަލް ވަޅި ދައްކައިގެން ހުރެ އޭނާއަށް ބިރުދައްކަމުން ދިޔައެވެ. ދަރިވައްޓާލުމަށް އަމުރުކުރިއެވެ. ނޫނީ ދެމީހުންގެ ފުރާނަވެސް ސަލާމަތް ނުވާނޭކަމަށް ބުނަމުންނެވެ. އެ އަންހެންމީހާ އެކަމަކަށް އެއްބަހެއްނުވިއެވެ. “އަހަރެން މަރުވިޔަސް ދަރިފުޅަށް އަނިޔާއެއް ވިޔަކަ ނުދޭނަން”
“އެހެންވިއްޔާ ކަލޭ މަރުވޭ” އެހެން ބުނުމާއިއެކު ފައިސަލް އޭނަ އަތުގައިއޮތް ވަޅިއެމީހާގެ ބަނޑަށް ހަރާލިއެވެ. އެއަންމީހާގެ ވޭނީއާހުގެ އަޑު މުޅި ފަޒާތެރޭގައި ގުގުމާލިއެވެ. އަހަންނައް ހުރެވުނީ ހަޅޭއްލަވައިގަންނަންވެސް ނޭގިފައެވެ. ދެންފެނުނީ ފައިސަލް އެއަންހެންމީހާގެ ފައިގައި ހިފާފައި ދަމާގެނެސް ގޭގެ އިންފާރުކައިރީ ކޮނެފައި ހުރި ވަޅަށް ވައްޓާލިތަނެވެ. ދެންފައިސަލް އެނބުރިލީ އަހަންނާވީ ފަރާތަށެވެ. އެއާއިއެކު ފަޔަށް ލެވުނުހާ ބާރެއްލާފައި އަހަރެން ދުއްވައިގަތީމެވެ. ނަމަވެސް އަހަންނަށް ދެވުނީ ތަންކޮޅަކަށެވެ. އެއްޗެއްގައިއަޅައިގެންފައި ކަނޑާ ވައްޓާލިރުކެންހެން އަހަރެންގޮސް ޖެހުނީ ބިންމަތީގައެވެ. އެއާއިއެކު އަހަންނަށް ބާރަށް ރޮއެގަނެވުނެވެ..
ފުންމައިގެން ތެދުވެ އަވަސްއަވަހަށް ބޮކި ދިއްލައިލީމެވެ. އޭރު ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. އަހަރެން ބަލާލިއިރު ފައިސަލްއެއް ނެތެވެ. ދެން ބަލާލެވުނީ ގަޑިއަށެވެ. އަހަންނަށް ނިދުނީ މާއަވަހަށްކަން އެނގުނީ ދެނެވެ. ދެން ހަނދާންވީފެނުނު ހުވަފެނެވެ. އަހަންނަށް އެއަންހެންމީހާ ކޮންމެވެސް ތާކުން ފެނުނު ހަނދާން ވެއެވެ. އެކަމަކު ކޮންތާކުންބާއެވެ. ކުއްލިއަކަށް ހަނދާންވިއެވެ. ކުރީދުވަހު އެނދު ތަންދޮށުން ފެނުނީ ހަމަ އެ އަންހެންމީހާއެވެ. އެއީ އަނެއްކާ ކާކުބާވައެވެ؟ އަހަރެން ގަސްދުކުރީ ފައިސަލް ކުރެން އެކަން އޮޅުންފިލުވާށެވެ. ރަށުމީހުންގެ ވާހަކަތަކާއި އަހަންނަށް މި ފެންނަ ކަންތައްތަކާއި ކޮންމެވެސް ގުޅުމެއް ވާކަން ޔަގީނެވެ. އެރޭ ފައިސަލް އައުމުން އަހަރެން ފައިސަލްކުރެން އެވާހަކަ އެހީމެވެ.. ފައިސަލް ކުރިން މީހަކާ އިންތޯއާއި މިހާރު އެމީހާ ކޮބައިތޯއެވެ. ނަމަވެސް ފައިސަލް އެޔަށް އެއްވެސް ޖަވާބެއް ނުދިނެވެ. އަހަރެން ތަކުރާރުކޮށް އަހަންފެށީމެވެ. ނަތީޖާއަކަށްވީ ފައިސަލްގެ އަތްތިލައިގެ ހޫނުކަން އަހަރެންގެ ކޯތާފަތަށް އިހުސާސްކުރަން ޖެހުމެވެ. އެރޭ ދެންއަހަންނަކަށް ނުނިދުނެވެ.
ޖެހިގެންއައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެން ހުރީ ގޯތިތެރެ ކުނިކަހާށެވެ. ކުއްލިއަކަށް އަހަރެން ލޮލުގައި އަޅައިގަތީ ގޭގެ އިންފާރު ކައިރީ ބަގީޗާ ހައްދާފައިވާ ތަންކޮޅެވެ. ދެން ހަނދާންވީ އެރޭ ފެނުނު ހުވަފެނެވެ. ފައިސަލްއަށް އެވަރުކަމެއް ކުރަން ކެރިދާނެކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއްނުކުރެއެވެ.
ގޭގެމައިދޮރު ހުޅުވާފައި ވަދެގެން އައި ފައިސަލްފެނުމުން އަހަރެން ފަސްޖެހުނެވެ. ފައިސަލްއަކީ މިގަޑީގައި އެހެންޏާ ގެއަށް އަންނަ މީހެއް ނޫނެވެ. ފައިސަލްއާ އެކީ އިތުރު މީހަކުވެސް ހުއްޓެވެ. އެއީ ޑރ.ފިރާޒެވެ. އަހަރެން ބަނޑުބޮޑު ވީއްސުރެ ހުރިހާކަމެއްވެސް ބަލަހައްޓަނީ ފިރާޒެވެ. ރަށު މީހުންނަށް އަހަރެން ބަނޑުބޮޑުކަން އަންގަން ފައިސަލް ބޭނުންނުވަނީ ތޯއްޗެކެވެ. ހުރިހާ ޓެސްޓުތަކެއްވެސް ހަދަނީ ގޭގައެވެ. އެދުވަހުވެސް ކޮންމެވެސް ޓެސްޓު ތަކެއް ހެދިއެވެ. އެހެންފަހަރުތަކާއި ޚިލާފަށް ފައިސަލްގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް އަހަންނަށް ފާހަގަ ކުރެވުނެވެ.
އެރޭ ގެއަށްއައިސް ފައިސަލް ބުނިއެއްޗަކުން ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ހެންނެވެ. އަހަންނަށް ބުނާނެއެއްޗެއް ނޭގިފައި އިރުކޮޅަކު ހުރެވުނެވެ.
“އަހަރެން ކުރިންވެސް ބުނިހެން އަހަރެން ބޭނުމީ ފިރިހެން ކުއްޖެއް.. ސީމާ ބަނޑުގަ ތިއޮތީ އަންހެން ކުއްޖެއް. އެހެންވީމާ ތި ދަރި ވައްޓާލާ. އަހަރެން ސީމާއަށް ވިސްނަން ދޭނީ ތިންދުވަސް. ގޮތެއް ނިންމާނީ ސީމާ. ދަރިވައްޓާނުލައިފިއްޔާ ދެން ހަދާނެގޮތް އެނގޭނީ އަހަންނަށް.. އޭރުން މާ މަންޒަރު ރީއްޗެއް ނުވާނެ..” ފައިސަލްގެ އެ ބަސްތައް އަހަރެންގެ ކަންފަތްދޮށުގައި ހޮނު ގުގުރިއެއްހެން އިވިއިވި ހުއްޓެވެ. މުޅި ދުނިޔެވެސް އަހަރެންގެ ވަށައިގެން އެނބުރޭ ކަހަލައެވެ.
…..
ދެދުވަސްފާއިތުވެ ދިޔަ އިރުވެސް އަހަރެމެން ދެމީހުން ދޭތެރޭ އިތުރު ވާހަކައެއް ނުދެކެވެއެވެ. ފައިސަލް ގެއަށް އަންނަނީ ހަމައެކަނި ނިދަންވީމައެވެ. ފައިސަލްބުނި ދުވަސް އައިސް ޖެހުނުއިރުވެސް އަހަންނަކަށް ގޮތެއް ނުނިންމުނެވެ. އަހަރެން ވަކި ނިންމަންއޮތީވެސް ކޮން ގޮތެއް ހެއްޔެވެ. އެއްވެސް މަޔަކު ތިމާގެ އަމިއްލަ ދަރިއަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބޭކަށް ނޭދޭނެއެވެ.
އަހަންނަށް އެއް ކަމެއް އެނގި ސާފުވެއްޖެއެވެ. ރަށުތެރޭގައި ފައިސަލްއާއި ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަ ތަކަކީ ހަގީގަތެއް ކަމެވެ. އަދި އަހަންނަށް ފެނުނު ހުވަފެނަކީވެސް އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއްވާ ކަމެއްކަމެވެ.
އަހަރެންއިނީ ކޮޓަރީގައެވެ. މިރޭ ކަންތައް ވާނެ ގޮތަކާއި މެދު ވިސްނާށެވެ. ކޮންމެ ގޮތަކަށް ކަންތައް ވީކަމުގައި ވިޔަސް އަހަރެން އަހަރެންގެ ބަނޑުގައި މިވާ ތުއްތު ތުއްތު ފުރާނައަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަމެވެ.
ކުއްލިއަކަށް ދޮރުހުޅުވުނު އަޑަށް އަހަންނަށް ފުންމައިގެން ތެދުވެވުނެވެ.
“ކޮބާ ގޮތެއް ނިންމައިފިން؟” ފައިސަލްގެ އަޑުގައިވީ އަމުރުވެރި ގޮތެކެވެ. ފައިސަލްއަށް ބަލާލުމަށްފަހު އަހަރެން ބޭނުންވާ ގޮތް ހާމަކުރީމެވެ. ” އަހަރެންގެ ނިންމުން ފައިސަލްއަށް އެނގެއެއްނު!”
ފައިސަލްގެ މޫނުމައްޗައް އަރާ ފައިބަމުންދިޔަ ކުލަވަރު އަހަންނަށް ވަރަށް ރަނގަޅަށް ނަގައިގަނެވުނެވެ.
” އެހެންވިއްޔާ މަގޭ ނިންމުނވެސް…”
“ކިހިނެއް ހަދާނީ؟ ކުރީގެ އަނބިމީހާއަށް ހެދިހެން އަހަރެންވެސް މަރާލާނީތަ؟” ފައިސަލްގެ ވާހަކަ މެދުކަނޑާލަމުން އަހަރެން ބުނިއެއްޗަކުން އޭނާއަށް ކުއްލި ޝޮކެއް ލިބުނެވެ.
ފައިސަލްގެ ރުޅި އިންތިހާއަށް ދިޔައެވެ. ޖީބުންކުޑަ ވަޅިއެއް ނަގައި އަހަންނާއި ދިމާއަށް ފުންމައިގަތެވެ. ފައިސަލް އައިސް ހިފީ އަހަރެންގެ އިސްތަށި ގަނޑުގައެވެ.
” އާނ އާނ.. އަހަރެންގެ ކުރީގެ އަނބިމީހާވެސް މަރާލީ ހަމަ އަހަރެން. އޭނަވެސް ތިގޮތައް ގަދަދެއްކި. ކަލޭވެސް މިއަދު މަރުވާނީ މަގޭއަތުން”
ފައިސަލް އަތުގައިއޮތް ވަޅި އަހަންނާ ދިމަލަށް މަޅާލީ އެވަގުތުއެވެ. އަހަންނަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
“ބަންންން..”
ބާރު އަޑުފައްގަނޑަކާއިއެކު ދޮރު ވައްޓާލުމައް ފަހު ފުލުހުންގެ ޓީމެއް ކޮޓަރިތެރެއަށް ވަދެގަތެވެ. ފައިސަލްއަށް އާގަމަ ވެފައި ބަލަހައްޓައިގެން ހުރެވުނީ ލިބުނު ކުއްލި ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. ފުލުހުން އައިސް ފައިސަލްގެ އަތުގައި ބިޑި އެޅުވިއެވެ.
އަހަންނައް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހުރިހައިކަމެއްވެސް ރޭވުމާއި އެއްގޮތަށް ދިޔައީމައެވެ. ފުލުހުން ކުޑަ ތަންކޮޅެއްވެސް ލަސްވިނަމަ އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ ފުރާނަ މި ދުނިޔެއަށް އަލްވަދާޢުކީހެވެ.
ފައިސަލްއަކީ ހާދަ ރަހުމްކުޑަ މީހެކޭ އަހަރެންގެ ހިތައް އެރިއެވެ. ހަމައެކަނި ފިރިހެން ދަރިއެއްގެ ބޭނުމުގައި އެއްވެސް ކުށެއްނެތް ދެފުރާނަ ދުއްވާލިއިރު އެހިތުގައި ކުލުނޭ މިކިޔާ އެއްޗެއްގެ ކުޑަ މިންވަރެއްވެސް ނެތީބާވައެވެ. އިންސާނަކަށް އެހެން ހަދަން ކެރިދާނެކަމަކަށް އަހަރެން ފަހަރެއްގައިވެސް ހީނުކުރަމެވެ.
ފައިސަލް ވަނީ އޭނަގެ ކުރީގެ އަނބިމީހާ މަރާލިގޮތުގެ ހުރިހާވާހަކައެއްވެސް ކޯޓުގައި ކިޔައިދީފައެވެ. އަދި ފައިސަލްގެ ވާހަކަތަކުން އެ އަންހެންމީހާ ވަޅުލަފައިވަނީ ގޯތިތެރޭގައިކަންވެސް އެނގުނެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އެތަން ކޮނެ އެތަނުން ކަށިތައް ނަގާފައެވެ. އަދި ޑރ.ފިރާޒު ވެސް ހައްޔަރު ކުރެވުނެވެ.
މިހުރިހާ ކަމެއްގައިވެސް އަހަންނަށް އެންމެބޮޑު އެހީތެރިކަމެއް ވެދިނީ އަހަރެންގެ އެންމެ ކުޑައިރުގެ ރަހުމަތްތެރިޔާއެވެ. ހާމިދަކީ ފުލުހުންގެ ވަޒީފާގައި އުޅޭ މީހަކަށް ވުމުން ކަންތައް ކުރަންވާ ގޮތް އަހަންނަށް ކިޔައިދިނީ އޭނައެވެ. އަދި އަހަރެން ބުނި ދުވަހަށް ފުލުހުންގެ ޓީމެއް ގޮވައިގެން މިރަށަށް އައީވެސް ހާމިދެވެ. އަހަރެން ހާމިދަށް އިންތިހާއަށް ޝުކުރުވެރިވީމެވެ.
….
އަހަރެން އެނބުރިއައީ ރަށަށެވެ. މަންމަމެން ކިތަންމެ ނުރުހުނަސް އަހަރެންގެ ހާލާއި މެދު ހަމްދަރުދީވިއެވެ. އޭގެކުޑަދުވަސްކޮޅެއް ފަހުން އަހަރެންނަށް ލޯބިލޯބި އަންހެންކުއްޖެއް ލިބުނެވެ. ހުރިހާ ހަމްދާއި ޝުކުރެއް ހުރީ ކުޅަދުންވަންތަ ﷲ އަށެވެ. އަހަންނާއި އަހަރެންގެ ދަރިފުޅު މަރުގެ ތުންފަތްމަތިން ސަލާމަތް ކޮށްދެއްވި ކަމަށްޓަކައެވެ.
ނިމުނީ
16 Comments!
Comments are closed.
vaahaka v reeth…Ekam kyve dhevana faharah ehvaahakaeh meeny …..
Wow v reethi adhi vaahaka Liyanfeney love it
Maadhama adhi 1 faharu up kuran feney
Mee iyyega ves up koffa in vaahakaey noontha
aslhuvess dhw???
Y u r updating the same story again.. plxx ehn story eh up kohba
Hey all, sorry for the inconvenience..
It was 2 days ago that i tried to upload the story from mobile, but there was a problem, and i wasn’t uploaded till yesterday, ? so i had to upload it from PC..
I didn’t know that it’ll be uploaded twice..! ?
its okey.. happens sometimes.. <3 .oved ur story.. hope to see more biruveri stories too ingey..
Yes, soon Insha Allah
Don’t worry! Snail speed dhiraagu even after 35 years of services. dhuniyeyge ehen thantha haadh fastey.
It wasn’t the fault of the network i guess..!
Best joke ever i have heard…. ???Koojii ah aslu kiyanee kon nameh baaa???
Its OK kooji…don’t worry about it … I ‘m waiting for a new story from u…
Thanks?
Hadi vaahaka gandeh
Thanks for reading.