ފުން އިހުސާސެކޭ 6
ލޫކަސް ވަދެ ދޮރުވެސް ތަޅުލި އަޑު އިވިފައި އަނާނީއަށް ތެޅިގަނެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ ހުރީ ލޫކަސްގެ އަތުތެރޭގައި ހައްޔަރުވެފައެވެ. އަނާނީ ފަދަ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް، އެ ބާރުގަދަ އަތުތެރެއިން ސަލާމަތްވުމަކީ ކިތަންމެ އުނދަގޫ ކަމެއްކަން އެނގިހުރެ ވެސް، ހަރަކާތްކުރަން ފެށީ ސަލާމަތްވާށެވެ. އޭރު އޭނާ ގަނެފައި ހުރި ބިރަށްވުރެ ބޮޑަށް އައިސްފައި ހުރި ރުޅި މާގަދައެވެ. އޭނާގެ ބާރު ހުރި ނަމަ ލޫކަސް ގައިގައި ތަޅައިގަތް ގަތީނުން ނުވެސް ތެދުވެވޭ ވަރު ކޮށްލީހެވެ.
ތެޅިތެޅި އަނާނީ ވަރުބަލި ވެއްޖެކަން އެނގުމުން ލޫކަސް ކުޑަކޮށް ދޫދިނެވެ. އެ ދަނޑިވަޅަށް ބަލަބަލައި ހުރި އަނާނީ، އެނބުރިގަނެފައި ލޫކަސްގެ ކޯމައްޗަށް ހޫނު އެތިފަހަރަށް އަރުވައިލީ، ގައިގައި ހުރި ހުރިހާ ބާރެއް ލައިގެނެވެ. އަދި އަވަސްއަވަހަށް ލޫކަސް އޭނާއާ ދުރަށް ކޮއްޕައިލިއެވެ.
“ކަލޭ ހާދަ ލަދުކުޑައޭ! ހަމަ މިހާރު މިތަނުން ނުކުމޭ! ނުކުންނާށޭ!” އަނާނީގެ އަޑު ބާރެވެ. މިކަމުން އެކަނި ވެސް އޭނާ އައިސްފައި ހުރި ރުޅި، ލޫކަސްއަށް ވަޒަން ކުރެވޭނެއެވެ.
“ޝްޝްޝް! ވޮލިއުމް ޑައުން ބޭބީ. ތި ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް މަޑުން، ލޯބިން ބުންޏަސް މަށަށް އިވޭނެއޭ.” ލޫކަސް އަނެއްކާވެސް އަނާނީއާ ކައިރިވެލިއެވެ. އޭނާ ވާހަކަ ދެއްކީ ވައިއަޑުންނެވެ.
“މަ އަޑު އިއްވަން ބޭނުން އެހެން މީހުންވެސް އެބަތިއްބޭ! އެމީހުންނަށް ވެސް އެނގެން ޖެހޭނެ އެންނު ކަލޭގެ ހުރި ގޮތްކުޑަކަން!” އަނާނީގެ އަޑުގައި ނަފްރަތު ނޫން އެއްޗެއް ނުވެއެވެ.
ލޫކަސް ފެށީ ހޭށެވެ. ” ބޭބީ އަކަށް ނޭނގޭތަ؟ މިގޭގަ ހުންނަނީ ސައުންޑްޕްރޫފު ވޯލްސްއޭ! އެހެންނޫނަސް ދޮންބެ އަކީ ވަރަށް ނިދިގަދަ މީހެއް. ތި އަޑެއް އެމީހުންނަކަށް ނީވޭނެ. އެހެންވީމަ ހަޅޭއްލެވައިގެން ތި ލޯބި އަޑު ހަލާކުކުރުމުގެ އެއްވެސް ޕޮއިންޓެއް ނެތެންނު؟ ސްޓޮޕް ވޭސްޓިންގ ދެޓް އެނާރޖީ، ވީ ހޭވް މޯ ތިންގްސް ޓު ޑޫ.” އޭނާ އަނާނީގެ ތުންފަތުގައި އިނގިލި ކުރިން ބީހިލިއެވެ. ނަމަވެސް އަނާނީ އެ އަތް ފޮޅުވައިލީ ނިކަން ބާރަށެވެ.
“ކޮބާތަ ކަލޭގެ ބޭނުމަކީ؟” އަނާނީގެ އަޑު މަޑެއްނުވެއެވެ. އޭރު ރުޅިއައިސްގެން ދަތްކުނޑި ވިކައިލައިފައި ހުރިލެއް ބާރު ކަމުން، އެ ދަތްތައް ވެސް ބިންދައިގެން ގޮސްދާނެހެން ހީވެއެވެ.
“މަގޭ ބޭނުމަކީ ހަމަ އަނާނީގެ ވެސް ބޭނުން. އެކަމަކު ތަފާތަކީ، އަނާނީ މާ ނޫންކަމެއް ހެދިގެން އުޅޭކަން. ގައިމު ރޭގަވެސް ފިރިހެނަކާ އެއްކޮށް ހުއްޓާ ބަސްޓުވެފަ އޮތީ. ޔަގީނޭ ގެސްޓު ހައުސް އަކުން ކަން އައީ. ދެން ވަކި ކީއްވެ މަގޭ ކުރިމަތީ މާ އިނޮސެންޓު ވެގެން އުޅެނީ؟ ޑޯންޓް ޔޫ ތިންކް އިޓްސް ޓައިމް ޔޫ ޓޭކް އޯފް ދެޓް ވާރޖިން މާސްކް؟” ލޫކަސްގެ މި ލަފްޒުތައް އަހަން ހުރެފައި އަނާނީގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުމުން، އަނެއްކާވެސް އަތް އުފުލައިލެވުނީ ދެވަނަ ހަމަލާއަކަށެވެ. ނަމަވެސް އެފަހަރު ލޫކަސް ހުރީ ހުށިޔާރުވެގެންނެވެ. އަދި އެ އަނދިރިގަނޑަށް ލޯ ވެސް ހުރީ ރަނގަޅަށް ހޭނިފައެވެ. އެހެންކަމުން އަނާނީގެ އަތުގައި ހިފެއްޓީ ހަމަ ރަނގަޅު ވަގުތުގައެވެ. އަދި އެއައްފަހު، އެ އަތުގެ އުޅަނބޮށީގައި ހިފައިފައި މަޑުމަޑުން ލޫކަސްއާ ކައިރިކޮށްލިއެވެ. “ބޭބީ ޔޫ އާ ސޯ ވައިލެންޓް. މްމްމް އައި ލައިކް ދެޓް. އެކަމަކު މިރޭ މޫޑު ގޮއްސި. ބަޓް ރިމެމްބަރ، ދިސް އިޒް ޖަސްޓް އެ ޓްރެއިލަރ. ގުޑްނައިޓް” މިހެން ކިޔައިފައި އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
އަނާނީ ބޭނުންވީ ހަޅޭއްލަވާށެވެ. އެވަގުތުން އެވަގުތަށް ވެސް އެގެއިން ނުކުމެގެން ދާށެވެ. މަންމައަށް ގުޅައިފައި ހުރިހާ އެއްޗެއް ކިޔައިދޭށެވެ. ނަމަވެސް އެ ހިތްވަރެއް އޭނާގެ ނެތެވެ. އައިސްފައި ހުރި ގަދަ ރުޅިގަނޑު، ކަރުނައަށް ބަދަލުވާކަށް ހިނދު ކޮޅެއް ވެސް ނުނެގިއެވެ.
ދޮރުގައި ލެނގިލައިގެން، ދެކަކޫމަތީ ބޯއަޅައިގެން ރޯން އިން އަނާނީއަށް އިސްއުފުލައިލެވުނީ އޭނާގެ ފޯނުން އަޑެއް ކިޔުމުންނެވެ. އޭރު އެނދުމަތީގައި އޮތް ފޯނުގެ ސްކްރީން ކުޑަ ހިނދުކޮޅަކަށް ދިއްލިފައި ނިވުން ތަން ފެނުނެވެ. އަނާނީ ފޫހި ގޮތަކަށް ތެދުވެ، ދެލޮލުން ފޭބި ކަރުނަތައް ފޮހެމުން ފޯނާ ދިމާއަށް ހިނގައިގަތެވެ. އޭނާ ހުރީ މުޅި ދުނިޔެމަތިން ވެސް ފޫހިވެފައެވެ.
“ނުވެސް ނިދާ ކުއްޖެއް ދޯ” ޔާނިއު ފޭސްބުކް މެސެންޖާ އިން ފޮނުވައިފައި އިން މި މެސެޖު ފެނިފައި އަނާނީގެ ދެލޮލުގައި ވިދުވަރެއް އުފެދުން ކަހަލައެވެ. ހިތް ތެޅިގަތީ ބުނަން ނޭނގޭފަދަ ގޮތަކަށެވެ. އޭނާ ހުރީ މީހަކާ ވާހަކަ ދައްކާލާ ހިތުން ކެތްމަދުވެފައެވެ. އެ މީހަކީ ޔާނިއުއަށް ވުމަކީ އަދި މާ ރަނގަޅަށް ދިމާވި ކަމެކެވެ.
“3ޖީ އޮން ކޮށްގެން ހުރެވުނީމަ އޮން ކަމަށް ދައްކަނީ” އަނާނީ އަވަހަށް ރިޕްލައި ކޮށްލި އިރު އޭނާގެ ހިތާމަތައް ވެސް ހިނދުކޮޅަކަށް ހަނދާން ނެތުން ކަހަލައެވެ.
“ވައި ވެގެން މެސެޖު ކޮށްލީ ހަމަ ހަހަހަ. ގޯ ބެކް ޓު ސްލީޕް.” ޔާނިއު ފޮނުވައިލި މެސެޖުގައި ވިއެވެ.
“ނުނިދޭނެ. މައި ލައިފް ސަކްސް. ޕްލީޒް ހެލްޕް މީ…” މި މެސެޖު ފޮނުވައިލި އިރު އަނާނީގެ ދެލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވެއްޖެއެވެ. ޔާނިއުއަކީ އޭނާ މާ ރަނގަޅަށް ދަންނަ މީހެއް ނޫންކަން އެނގިހުރެވެސް މިގޮތަށް މެސެޖު ކުރެވުނީ މީހެއްގެ އެހީއަކަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އޭނާގެ ބޮލުތެރޭގައި ހިނގާ ހުރިހާ ކަމެއް ހިއްސާކުރަން ބޭނުމެވެ. އޭނާއަށް މަގެއް ދައްކައިދޭނެ މީހަކު ބޭނުމެވެ. ޔާނިއު އޭނާއަށް އެހީވެދޭނެ ނަމައެވެ.
“ކިހިނެއްވީ؟” ޔާނިއުގެ ފަރާތުން ރިޕްލައި އެއް ލިބުނީ އިރުކޮޅެއް ފަހުންނެވެ.
“އެވްރީތިންގ ވޯޒް ފައިން އަންޓިލް ލޫކަސް ކޭމް. އޭނަ އަހަރެންގެ ފަރާތުން ބޭނުންވެގެން އުޅެނީ ކޮންކަމެއް ކަމެއް ނޭނގެ. އަބަދުވެސް އުނދަގޫ ކުރަނީ. ނުވިތާކަށް މިރޭ.. މި ކޮޓަރިއަށް ގަދަކަމުން ވަދެގެން ހީ އީވަން ޓަޗްޑް މީ! ހީ އިޒް އެ ޕާރވާރޓް!” އަނާނީ ކުރުގޮތަކަށް ކިޔައިދިނެވެ.
“ވަޓް؟ ލޫކަސް އަކީ ކާކު އޯ؟” ޔާނިއުއަށް މާބޮޑަށް ވާނުވާ އޮޅުމެއްނުފިލިއެވެ.
އަނާނީއަށް އެވަގުތު ރޮވެން ފެށުމުން ރިޕްލައި އެއް ނުކުރެވުނެވެ. ނަމަވެސް ޔާނިއު ވަރަށް ގިނަ މެސެޖު ކުރިއެވެ. އަދި އަނާނީއާ ދިމާވާން ބޭނުންކަމުގައި ވެސް ބުނެފައި އޮތެވެ. އަނާނީގެ ވާހަކައަށް އޭނާ މާބޮޑަށް ޝައުގުވެރިކަން އުފެދުނީ ކަމުގައި ވެސް ވެދާނެއެވެ.
ޔާނިއު ކޮށްފައި ހުރި މެސެޖުތައް އަނާނީއަށް ރަނގަޅަށް ބަލައިލެވުނީ އަނެއްދުވަހުގެ ހެނދުނު ހޭލެވުމުންނެވެ. އޭނާގެ ހިތަށް އުފާވެރިކަމެއް ވެރިވީ ޔާނިއު އޭނާ އިތުރަށް އެނގެން ބޭނުންވާ ކަމަށާއި، ދިމާވެލަން ހިނގާށޭ ބުނެފައި އޮތް މެސެޖު ފެނިފައެވެ. އަދި، ޔާނިއުގެ ނަންބަރުވެސް ދީފައި އޮތެވެ.
އަނާނީ ރޭ ލޫކަސްގެ ވާހަކަ ޔާނިއުއަށް ކިޔައިދިނީ ކޮންމެހެން ޔާނިއުގެ ސަމާލުކަން އަތުލުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް މިވީ ގޮތް މާ ރަނގަޅެވެ. އެންމެފަހުން ޔާނިއުއާ ދިމާވާ ގޮތްވެސް މެދުވެރިވީތާއެވެ. އަނާނީއަށް ހިނިތުންވެލެވުނީ، އޭނާގެ ހަޔާތުން އުފާވެރިކަން އެއްކޮށް ފިލައިނުދާކަން އިހުސާސްވުމުންނެވެ. އެހެނަސް ލޫކަސް ރޭ ކުރި ވިޔާނުދާ ކަންތަކުގެ ސަބަބުން އޭނާއަށް ދުވަހަކުވެސް މާފުނުދޭން ހިތުގައި އަޒުމްކަނޑައެޅުނެވެ. ޔާނިއުއާ ގާތްކަމެއް އުފެދެން މެދުވެރިވި ސަބަބަކީ އެ ހާދިސާ ކަމުގައި ވީނަމަވެސް، ޔާނިއުއަކީ އަދި މުޅިން އެހެން ޞަފްހާއެކެވެ.
އަނާނީ އެދުވަހު ކޮލެޖަށް ގޮސްފައި ލިބުނު ހުސް ވަގުތުކޮޅެއްގައި ޔާނިއު ދިން ނަންބަރަށް މެސެޖު ކޮށްލިއެވެ. މިއީ އަނާނީ ކަމާއި، ދިމާވާން އޭނާވެސް ބޭނުންވާ ކަމުގައި ބުނެއެވެ.
ހަމަ އެދުވަހެވެ. އަނާނީއާއި ރީޝާ ކޮލެޖު ނިމިގެން ގެއަށްދާން ނުކުންނަނިކޮށް އަނާނީގެ ފޯނު ރިންގުވާން ފެށިއެވެ. އަނާނީ ދަބަހުން ފޯނު ނަގައިފައި އެއީ ކާކުކަން އެނގުމުން، އެވަގުތު އެފޯނަށް ކަޅި އަޅައިގެން ހުރި ރީޝާއަށް ފޮރުވަން ވެގެން ފޯނު އަވަސް އަވަހަށް ފުރަގަހަށްލިއެވެ. މިމަންޒަރު ފެނިފައި ރީޝާ ގާތަށް ރުޅި އައެވެ.
“މިހާރަކަށް އައިސް އަނާ ކިހިނެއްތަ ތި އުޅެނީ؟ މަށަށް ކަންކަން ސިއްރު ކޮށްގެން، އެއްވެސް ކަމެއް ކިޔައިދެނީކީ ނޫން! ތީ މަ ވަރަށް ނައްޓާ ސިފައެއް އިނގޭ!” އެއްނޭވާއިން ޜީޝާ ބުނެލިއެވެ.
އަނާނީ އެއްޗެއް ބުނަން އަނގަހުޅުވައިލުމުން، ރީޝާ އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ. އަދި ބުންޏެވެ. “ކޮންމެހެން އިތުރު ދޮގުތަކެއް އަޑު އަހާކަށް ބޭނުމެއް ނޫން. ލުކް، އައި ނޯ އަރީން ލައިކްސް ޔޫ. ހީ އިޒް މައި ބެސްޓް ފްރެންޑް ޓޫ. އަނާ މަށަށް ކަންކަން ޝެއާ ނުކުރިޔަސް އޭނަ ކުރޭ. އެހެންވީމަ ތިދެމީހުންގެ ކަންތައްގަނޑު މަށަށް ފޮރުވުމުގެ ބޭނުމެއް ކޮބާ؟”
“ވަޓް..” އަނާނީއަށް ލިބުނީ މުޅިން އައު މައުލޫމާތެކެވެ. އަރީން އޭނާދެކެ “ލައިކު” ވާކަމެއް އަރީން ބުނެފަކާ ނެތެވެ. ނަމަވެސް ރީޝާއަށް އެ ހީކުރެވުނީ އެހެންނެވެ.
“ސޯ މަށަށް ހުރިހާ އެއްޗެއް ތެދުތެދަށް ކިޔައިދޭނީތަ ނޫނީ..” ރީޝާ ހިނގުން ހުއްޓައިލައިފައި އަނާނީއާ ދިމާއަށް ބަލަން ފެށީ ހަށަންބަނދެގެން ހުރެއެވެ.
އަނާނީ އެވަގުތުކޮޅު ހަމަހިމޭންވެލައިގެން ހުރީ ވިސްނާށެވެ. ރީޝާއަށް ހުރިހާ ކަމެއް މިވަގުތު ކިޔައިދޭނީ ހެއްޔެވެ؟ އެ ވިސްނުމުގައި ހުއްޓައި ދެތިން މިނިޓު ފާއިތުވެގެން ދިޔައެވެ. އަނާނީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރީޝާ ހިތްހަމަނުޖެހިގެން ހިނގައިގަތީ “އޯކޭ ބާއި” އޭ ބުނެލާފައެވެ. އޭނާއަށް ހީވީ އަނާނީ އޭނާއަށް ކަންކަން ހިއްސާކުރަން އެއްގޮތަކަށްވެސް ބޭނުންނުވަނީ ކަމުގައެވެ. އެފަދަ މީހެއްގެ ފަރާތުން ގަދަކަމުން އެއްޗެހިތަކެއް ނުހޯދޭނެއެވެ.
ރީޝާ އޭނާ ބަހައްޓައިފައި އެހެން މަގެއް އަޅައިގެން ދިޔަތަން ފެނުމުން އަނާނީ ދެރަވިއެވެ. ނަމަވެސް ގެއަށް ގޮސް ރީޝާއަށް ގުޅައިގެން އޭނާ ހަމައަކަށް އަޅުވާނީ ކަމަށް ނިންމައިގެން އަނާނީވެސް އިތުރަށް މަޑުނުކޮށް ގެއާ ދިމާއަށް ހިނގައިގަތެވެ. އަދި ވަކި ހިސާބަކުން ޔާނިއު އޭނާއަށް ގުޅިކަން ހަނދާންވެގެން، ފޯނު ނަގައިފައި ޔާނިއުއަށް ގުޅައިލިއެވެ. މާ ގިނަ އިރެއް ނުވެ ޔާނިއު ފޯނު ނެގިއެވެ.
“ސޯ މިރޭ ކިހިނެއް ވާނީ؟” ފޯނު ނެގި ގޮތަށް ޔާނިއު ސުވާލުކޮށްލިއެވެ. އަދި އަނާނީއަށް އެއްޗެއް ބުނުމުގެ ފުރުސަތެއްވެސް ނުދީ، ދާންވީ ތަނާއި ވަގުތުވެސް ހާމަކުރިއެވެ.
“އޯކޭ..” މަޑު ރާގެއްގައި އަނާނީ ބުނެލިއެވެ.
“އޯކޭ ސީ ޔޫ ދެން!” މިހެން ކިޔައިފައި ޔާނިއު ފޯނު ކަނޑައިލިއެވެ. އަނާނީއަށް ދެބުމަ ހިއްލައިލެވުނީ ޔާނިއުއަކީ ހަގީގަތުގައި ވެސް އެހާ ފޮނި މީހެއް ބާއޭ ހިތުގައި ސުވާލު އުފެދިފައެވެ. ނޫނީ އޭނާ ކޮންމެވެސް ކަމެއްގައި މާ ބިޒީކޮށް އުޅޭ ވަގުތެއް ކަމުގައިވެސް ވެދާނެއެވެ.
އަނާނީ ގެއަށް ވަންނަމުން ވެސް ލޫކަސްގެ މޫނު ނުފެނުމަށް އެދި ދުޢާ ކޮށްލެވުނެވެ. ނަސީބު ރަނގަޅުކަމުން އެވަގުތަކީ ލޫކަސް ގޭގައި އުޅޭ ވަގުތަކަށް ނުވިއެވެ. އަނާނީއަށް ހަށިފުރައި ނޭވާއެއް ލެވުނެވެ. އަދި ކޮޓަރިއަށް ވަދެ ކުޑަކޮށް ތާޒާ ވެލައިގެން ނުކުތީ ގޭތެރޭގައި ކުރަން ހުރި މަސައްކަތްތައް އަވަހަށް ކޮށް ނިންމައިލާށެވެ. ޔާނިއު 9 ޖަހާއިރަށް ގަޑި ކިޔައިފައި އޮތުމުން، އޭނާ ހުރީ ކުޑަކޮށް އެކަމާ ނުތަނަވަސްވެސް ވެފައެވެ. އެއީ އަސްލެއްކަން އޭނާއަށް އަދިވެސް ރަނގަޅަކަށް ގަބޫލެއްނުކުރެވެއެވެ. ހުރިހާ ކަމެއް މި ހިނގަނީ މާ އަވަހަށެވެ. ނަމަވެސް އޭނާގެ ޝަކުވާއެއް ނެތެވެ. މި ދިޔަ ދެވަރަކަށް ހަފްތާގެ ތެރޭގައި އޭނާ އެންމެ ބޭނުންވެފައި ހުރި ކަމަކީ ޔާނިއުއާ ގުޅުން ބަދަހިކުރާށެވެ. ޔާނިއުއާ ބައްދަލުކޮށްލާށެވެ. އެހެންކަމުން މިއަދު އެކަން ހަގީގަތަކަށް ވާން އަންނަ އިރު، ފަސްޖެހިގެން ނުވާނެއެވެ.
ކުރަން ހުރި ހުރިހާ ކަމެއް ނިންމައިލަފައި ކޮޓަރިއަށް ވަންނަން ދަނިކޮށް، ލިއުޝާއާއި ފައިސަލް، އަޒްކާ ގޮވައިގެން އެމީހުންގެ ކޮޓަރިން ނުކުތް ތަން ފެނިފައި އަނާނީ މަޑުކޮށްލީ، ލިއުޝާކުރެން ބޭރަށް ދިއުމަށް ހުއްދަ ހޯދާށެވެ. އޭރު އެ ދެމަފިރިންނާއި އަޒްކާ ވެސް ތިބީ ބޭރަށް ދާން ތައްޔާރުވެގެން ކަމަށް ލަފާކުރެވެއެވެ.
“މައްސަލައެއް ނެތް. އެކަމަކު 10:30 ވުމުގެ ކުރިން ގެއަށް ވަންނާތި.” ލިއުޝާގެ ޖަވާބަކީ މިއެވެ. އަދި މިހެން ބުނެފައި މަޑު ނުކޮށް ގެއިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ފަހަތުން ދިޔަ ފައިސަލް ދިޔައީ އަނާނީއަށް ހިނިތުންވެލާފައެވެ. އަދި ފައިސަލް އުރާލައިގެން ހުރި އަޒްކާ ވެސް އަނާނީއަށް ހަނާ އަޅައިލިއެވެ.
އަނާނީ ކޮޓަރިއަށް ވަދެފައި، ފެންވަރަން ވެގެން ތުވާލި ނަގަނިކޮށް ޑްރެސިންގ ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ފެނިފައި ކުއްލިއަކަށް ރީޝާ މަތިން ހަނދާންވިއެވެ. އަދި ތުވާއްޔަކަށް ތުވާއްޔެއް ދޫކޮށްލައިފައި އަވަހަށް ފޯނު ނަގައިގެން ރީޝާއަށް ގުޅަން ފެށިއެވެ. މި ހުރިހާ އިރު ރީޝާ އޭނާދެކެ ރުޅިއައިސްފައި ހުރިކަން ހަނދާނެއްނެތެވެ. ވާނީވެސް އެހެންތާއެވެ. ޔާނިއު ނޫން މީހަކާ މެދު ވިސްނާކަށް އޭނާގެ ސިކުނޑި ތަނެއް ވެސް ނުދެއެވެ.
ރީޝާއަށް ގުޅައި ގުޅައި ފޯނަށް ޖަވާބެއް ނުދިނެވެ. އޭރު ގަޑިން އަށެއް ޖަހައިފައި ވުމުން، އަނާނީ ދެން ވަނީ ފެންވަރާށެވެ. އަދި ފެންވަރައިގެން އައިސް ރީޝާއަށް މެސެޖެއް ކޮށްލިއެވެ. “ޜީޝް.. އައި އޭމް ރިއަލީ ސޮރީ ފޯ އެކްޓިންގ ދެޓް ވޭ ޓުޑޭ. ބަޓް މާދަން ހުރިހާ އެއްޗެއް ކިޔައިދޭނަން. އައި ޕްރޮމިސް. ރުޅި އައިސް ނުހުންނައްޗޭ ދެން. ލަވް ޔޫ.”
އަނާނީ ގޭ ތިރީގައި މަޑުކޮށްލީ ރީތިވެގެން އައިހެވެ. އޭރު ނުވައެއް ރަނގަޅަށް ނުޖެހިއެއް ކަމަކު، ޓެކްސީއެއް ހޯދައިގެން ޔާނިއު ބުނި ކެފޭއަށް ދާން ނިންމީ، ލޫކަސްއަށް ފެނުމުގެ ކުރިން އަވަހަށް އެތަނުން ދާން ބޭނުންވުމުންނެވެ. ކުރީ ދުވަހު ވީގޮތް އޭނާ ހަނދާނެއް ނުނެތެއެވެ.
ޓެކްސީއަށް އެރިތަނާ، މުޅި ޓެކްސީގައި ވެސް ހިފައިލީ އަނާނީ ޖަހައިފައި ހުރި “ގުޑް ގާލް” ގެ ވަހެވެ. ކޮންމެވެސް ވަރަކަށް މޭކަޕް ކޮށްލައިގެން ހުއްޓަސް، އޭނާގެ ސިފައެއް ނުގެއްލެއެވެ. ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ޓޮޕްކޮޅުގެ މޭމަތީގައި ނާޑުވާހެން ފުރައިފައި ހުއްޓެވެ. އަދި ގަދަ ނޫ ކުލައިގެ ޑެނިމް ޖީންސް، އެ ޓޮޕްކޮޅާ ނުހަނު ގުޅެއެވެ.
ޓެކްސީ ވަކިހިސާބަކަށް ދުއްވައިލިތަނާ، ވާރޭ ކަނިކަނި ޖަހަން ފެށިއެވެ. އަނާނީ ކާރުގެ ކުޑަދޮރުން ބޭރަށް ބަލަން އިނީ ހިތް ނުތަނަވަސްވެފައެވެ. ވާރޭ ވެހެންޏާ ޔާނިއު ނުވެސް އަންނާނެ ކަންނޭނގެއެވެ. ނަމަވެސް އެދުވަސް އެއްކޮށް އޮތީ އުޑުމަތި ބަނަކޮށެވެ. އެހެންކަމުން، ޔާނިއު ދައުވަތު ދިން އިރުވެސް ވާރޭ ވެހިދާނެ ކަމަށް ވިސްނައިފައި އޮންނަން ޖެހޭނެއެވެ.
ކެފޭގެ ދޮރުމައްޗަށް ކާރު ހުއްޓައިލި އިރު ވާރޭ ވަނީ ފުދޭވަރަކަށް ބޯކޮށްލާފައެވެ. އަނާނީ ޑްރައިވަރަށް ފައިސާ ދައްކައިފައި ކާރުން ފައިބައިގެން އައިސް ކެފޭއަށް ވަނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އެހާ ރީތިވެގެން ހުރެ ތެމޭކަށް އޭނާ ބޭނުމެއް ނޫނެވެ.
ކެފޭއަށް ވަދެގެން އައި އަނާނީއަށް، އެވަގުތު އެތާ ތިބި އެންމެންވެސް ކުރަން ހުރި ކަންކަން ހުއްޓައިލައިފައި ބަލަންފެށިއެވެ. މިހާ ރީތި ކުއްޖެއް އެކަނިމާއެކަނި މިތަނަށް މި އައީ ވާރޭއިން ހިޔާވާންހެއްޔެވެ؟ އަނާނީ ކުޑަކޮށް އިސްޖަހައިލައިގެން ހުރެ، ހުސް މޭޒެއް ކައިރީ އިށީނެވެ. ހަމައެއާއެކު، އެންމެންވެސް އެމީހެއް ކުރަންހުރި ކަމަކަށް އެނބުރެނެވެ. މިއީ މާ ގިނަ މީހުން ތިބި ތަނަކަށް ނުވި ކަމަށްޓަކައި އަނާނީއަށް ހިތާއިހިތުން ޝުކުރުކޮށްލެވުނެވެ.
ކޮފީގެ މީރު ވަހުން މުޅިތަން ތާޒާ ކޮށްދެއެވެ. ނަމަވެސް އަނާނީގެ ހިތް ބާރަށް ތެޅެމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ޔާނިއު އޭނާއަށް ލަނޑެއް ދިނީ ކަމަށް ހީވަނީއެވެ. އޭނާ އެކަނި މިތާ އިންނާކަށް ބޭނުމެއް ނޫނެއެވެ. މިހާރު ދެތިން ފަހަރަކު ވެއިޓަރު ވެސް އޭނާ ކައިރިން ހުރަސްކޮށްލައިފިއެވެ. ގެންނަންވީ ކޯއްޗެއްހޭ އަހާ ފަދަ ނަޒަރަކުން އޭނާއާ ދިމާއަށް ބަލަމުންނެވެ. މިއީ ފިނިކޮށްލަން އައިސް އިންނަ ތަނެއް ނޫންކަން ހަނދާންކޮށްދޭ ފަދަ ރުންކުރު ނަޒަރެކެވެ. އަނާނީ ވަކި ކުރާނީ ކީއްހެއްޔެވެ. އޭނާއަކީ މިކަހަލަ ތަންތަނަށް އައިސް އުޅޭ ކުއްޖެއް ނޫނެވެ. ރީތި ފިރިހެނެއްގެ ހައްގުގައި މިއަދު މިތަނަށްވެސް އަންނަން ޖެހުނީއެވެ.
ހައެއްކަފަހަރު ޔާނިއުގެ ނަންބަރަށް ގުޅިއްޖެއެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވެއެވެ. މިހާރު ގަޑިން 9 ޖަހައި 15 މިނިޓު ހިނގައިފިއެވެ. އަނާނީ މިތާ އިންނަތާ ބަރާބަރު ފަނަރަ މިނިޓު ވީއެވެ. އަނާނީ ނިންމީ އިތުރު ފަސް މިނިޓަށް ބަލައިފައި، ޔާނިއުގެ ހިލަމެއް ނުވެއްޖެނަމަ ގެއަށް ދާށެވެ. ނަމަވެސް އެހެން ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ބޮޑު ލަދެއްގައި ބެދޭކަށް އޭނާ ބޭނުމެއްނޫނެވެ.
ކެތްމަދުވެފައި، ދޮރާ ދިމާއަށް ބަލަހައްޓައިގެން އިން އަނާނީއަށް ފެނުނީ ދޮރުން އެތެރެއަށް ވަދެގެން އައި، ބައިމަތި ފުޅާ، ދިގު އިސްކޮޅެއްގެ ވެރި ޒުވާނާއެވެ. ތުނބުޅިމަތިމަސް ރީތިވަރަކަށް ތުނިކޮށްފައި ހުރި އިރު، ފުދޭވަރެއްގެ ދިގު އިސްތަށިގަނޑު އޮތީ އެއްވެސް އަމާޒެއްނެތި ހާވާލެވިފައެވެ. މާދުރުންވެސް އެ ކަޅުކަންގަދަ، ބޯބުމަ ފާހަގަވާނެއެވެ. އެއީ ޔާނިއުއެވެ. އަނާނީގެ ދިގު އިންތިޒާރު މިއޮއް ނިމުމަކަށް އައީއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
Vvvv salhi❤
Varah rythi… When is next part
V v v v v v v v nice.. When next … Plx avahan up kndhenchey next part…
vvvv reethi…. haadha lahun up kury next part avaha up kohdhechey …. plx plx
v reethi
Rythi?
v salhi ekamaku v kuru
I just started reading this story. Love it so far. Who is the male protagonist? Lucas or Yaan?