އާޔަންގެ ފޯނު ރިނގުވާއަޑަށް ހޭލެވުނުއިރު ގަޑިން ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އާޔަން ބަލައިލިއިރު ގުޅަނީ އާޔަންގެ މަންމައެވެ. އޭރު ނޫރާގެވެސް ދެ މިސްކޯލް އައިސްފައި ވެއެވެ. “ކީކޭ މަންމާ؟” ކުރެހިފައިވާ އަޑަކުން އާޔަން ބުންޏެވެ.
“ދަރިފުޅާ. އާދެބަލަ ހޮސްޕިޓަލަށް އަވަހަށް…. ސައީ…. ސައީ….” ޒޫނާއަށް ރޯންފެށުނެވެ. ބުނަން އުޅުނު އެއްޗެއް ނުވެސް ބުނެވުނެވެ. “އަރީއާ …. ޝައިލާވެސް …. ގޮވައިގެން އަންނާތި.” ޒޫނާ ނޭފަތް ދަމާލަމުން ޖުމްލަ ނިންމާލިއެވެ.
އާޔަން ފޯނު ކަނޑާލިއެވެ. ސައީދާއަށް ކޮންމެސް ބޮޑުކަމެއް ވީކަން އާޔަން ދެނެގަތެވެ. އާޔަން ޝައިލާއާއި އަރީ ގޮވައިގެން ހޮސްޕިޓަލަށް ވަންއިރު އެންމެން ތިބީ ހޮސްޕިޓަލުގައެވެ. ލައިއާއި ލައިމަންމައާއި ލައިކޮއްކޮއެވެ. މޫސައާއި ޒީނާއާއި ނާއިފްއެވެ. ނައީމާއާއި ޝަކީބްއާއި ޒައު އެވެ. އާޔަން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން އަރީ އަތުގަ ހިފައިގެން ކުރިއަށް ދިޔައެވެ. އެންމެންގެ މޫނުންވެސް ފެންނަމުން ދަނީ ހިތާމަވެރި އަސަރެކެވެ. އެތަނުގައި ނޫރާ ފެންނާކަށް ނެތެވެ. އާޔަންގޮސް އާޔަން މަންމައާއި ބައްޕަ ކައިރީ ހުއްޓިލިއެވެ.
“ވަޓް ހެޕަން؟” މަޑުމަޑުން އާޔަން މަންމަ ކައިރީ އަހާލިއެވެ.
“ޝީ އިޒް ނޯ މޯރ … ސައީދާ ލެފްޓް އަސް ” ޖަވާބު ދިނީ އިސްމާޙް އެވެ. އާޔަންއަށް ބުނަން ނޭގޭ ގޮތްތަކެއް ވެގެން ހިގައްޖެއެވެ. ނޫރާއަށް ވާނެ ގޮތަކާމެދު ހިތަށް އެރުމުން ހިތަށް ތަދުވެގެން ދިޔަހެން އާޔަންއަށް ހީވިއެވެ.
“ކޮބާ ނޫރާ؟” ދިމަދިމާ ހޯދާލަމުން އާޔަން އަހާލިއެވެ.
“ނޫރާ އެތެރޭގަ.” ޒޫނާ ބުންޏެވެ.
“ވަޓް. އެކަނިތަ؟ މަންމަ ކީއްވެ އޭނަ އެކަނި އެތެރެއަށް ވަނަދިނީ؟” އާޔަން ހުރީ ހިތްހަމަ ނުޖެހިފައެވެ. އަވަހަށް އަރީނާއަތުން ދޫކޮށްލާފަ އެތެރެއަށް ވަނުމަށް އާޔަން ދުއްވައިގަތެވެ.
އާޔަން އެތެރެއަށް ވަންއިރު ނޫރާ އިނީ ފޯރމުތަކެއްގައި ސޮއި ކުރާށެވެ. ނޫރާގެ ލޮލުން ކަރުނަ އަންނަމުން ދާތަން އާޔަންއަށްފެނުނެވެ. އާޔަން އައިސް ނޫރާ ކައިރީ ހުއްޓިލިއެވެ. އަދި ނޫރާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ނޫރާ އެންމެ ފަހު ފޯރމުގައި ސޮއި ކުރުމަށްފަހު އާޔަންއާއި ދިމާއަށް އެނބުރުނެވެ. އާޔަން ނޫރާގެ ކޮނޑުގައި ހިފާލުމުން ނޫރާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އާޔަންގެ އުނަގަނޑުގައި ބައްދައިގަނެވުނެވެ. އަދި ބާރަކަށް ރޯންފެށުނެވެ. މީގެކުރިން ނޫރާއަކީ އެހާބާރަށް ރޯކުއްޖެއްވެސް ނޫނެވެ.
އާޔަން ނޫރާއާއި އެކު ސައީދާ އޮތް ކޮޓަރިއަށް ވަނެވެ. ސައީދާއޮތީ ހަށަމަށް އަތްއަރުވައި ހުދުފޮތިން ބަނދެފައެވެ. ނޫރާ ސައީދާއަށް ބަލައިލިއެވެ. ނޫރާއަށް ހީވަނީ އޭނާގެ މަންމަ ދެންމެ ދެންމެ ތެދުވެދާނެހެނެވެ. މޫނުމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވެފައިވާއިރު ހީވަނީ އަރާމު ނިންޖަކުން ނިދާލާފައިވާހެނެވެ. ނޫރާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ. އެވަގުތު އެތަނަށް އިސްމާޙްއާއި ޒޫނާއައިސް ވަނެވެ. އިސްމާޙްގެ އެދުމުގެ މަތިން އާޔަން އެތާއިނދެ ޤުރުއާން ކިޔަވަންފެށިއެވެ. ނޫރާގައިގައި ޒޫނާ ހިފާލައިގެން އެތަނުން ނެރުނީ ހިތްވަރުކުރުމަށް ބުނަމުންނެވެ.
ނޫރާނުކުތްއިރު ނޫރާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ޝައިލާއެވެ. އެތާ ޝައިލާވެސް ހުރީ ނޫރާއާއި ދިމާއަށް ބަލަހައްޓައިގެނެވެ. ޝައިލާގެ މޫނުމަތީގައިވެސް ވަނީ މޮޅިވެރިކަމެވެ. ނޫރާއާއި ދޭތެރޭ ޝައިލާ އެހާދެރަވެފަ ހުއްޓާ މީގެކުރިން ނޫރާއަށް ފެނިފައެއް ނެތެވެ.
ނޫރާއާއި ދިމާއަށް ބަލަން ހުރެލާފައި ޝައިލާ ނޫރާކައިރިއަށް އައެވެ. އަދި ސަލާމް ކޮށްލަން އަތްދިއްކޮށްލީ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރަމުންނެވެ.
“ނޫރާ. އައި އޭމް ރިއަލީ ވެރީ ސޮރީ.” ނޫރާ ޝައިލާ އަތުގައި ހިފާލުމުން ޝައިލާ ބުންޏެވެ. “ނޫރާ. ނޫރާ ވަރަށް ބްރޭވް. އަސްލުވެސް މިބުނީ.”
ނޫރާވެސް ޝައިލާއާއި ދިމާއަށް ގަދަކަމުން ހީލަމުން ޝައިލާ ކައިރީހުރި އަރީނާގެ ކޮލުގައި ފިރުމާލިއެވެ.
“ނޫރާ! …… އަހަންނަށް މާފުކުރޭ!…..އަހަރެންނަށް ކަންތައްތައް ކުރެވިފައިވާގޮތް ހިތަށްއެރުމުން މިހާރު އަހަރެން ލަދުވެސް ގަނޭ. ޕްލީސް ނޫރާ އަހަންނަށް މާފު ކުރާނަންތަ؟” ޝައިލާގެ ލޮލުން ކަރުނަ ނިރާލިއެވެ. ނޫރާ ޝައިލާއާއި ދިމާއަށް ބަލައިލަމުން ބޯޖަހާލިއެވެ. އަނގައިން ވާހަކަ ނުދެއްކިކަމުގައިވިއަސް ނޫރާގެ ހަރަކާތްތައް ހުރިގޮތުން ޝައިލާއާއިމެދު ނޫރާގެހިތް ރަގަޅުކަން އިނގިގެންދިޔައެވެ.
އެރޭ އާޔަންއާއި އެކު ނޫރާ ނިދަން އޮވެގެން ނޫރާ ވަރަށް ގިނަވަހަކަ ދެއްކިއެވެ. މީގެކުރިން އާޔަންއާ ހިއްސާކޮށްފައިނުވާ އެތައް ވާހަކައެއް ދެއްކިއެވެ. ނޫރާގެ ކުޑައިރުގެ ވާހަކައެވެ. ނޫރާ މަންމައާއި އެކުކޮށްފައިވާ މަޖާ ކަންތައްތަކުގެ ވާހަކައެވެ. އެންމެ ފުރަތަމަ ޝައިލާއާއި ދިމާވިގޮތުގެ ވާހަކައެވެ.
“ޝައިލާއާ އެންމެ ފުރަތަމަ ދިމާވީވެސް ގޯސް ވަގުތެއްގައި. އެއީ ސްކޫލްގަ އޮތް ފަންކްޝަނެއްގަ. އެއީ ޝައިލާ އެންމެ ފުރަތަމަ ސްކޫލަށް އައި ދުވަސް. ނޫރާއަކަށް ނޭގެ އެއީ އާކުއްޖެއްކަމެއް. ނޫރާ ހުރީ ވަރަށް ބަރުކޮން ބައިވަރު ފުޅިތަކެއް ހިފައިގެން. ނޫރާ އެފުޅިތައް ގެންގޮސް ޝައިލާއަތަށް ދީފަބުނީ މިސް ކުލްކަރުނީ އަތަށް ދިނުމަށް. އޭނަވެސް އަދި ނުބުނެ އޭނަ އަލަށް އައިސް އުޅޭކަމެއް. އޭނަވެސް އެ ހިފައިފި. ނޫރާއަށް ކިހިނެއްތަ އިނގޭނީ އޭނައަށް މިސް ކުލްކަރުނީ ނޭގޭ ކަމެއްވެސް. އޭނަ އެފުޅިތައް ހިފައިގެން ގޮސް މިދިނީ މިސް ލައުރާ އަތަށް. އާޔަންއަށް އިނގޭނު ލައުރާ މިސް. ވަރަށް ހަރުކަށިވާނެ. އޭނަ ޝައިލާއާ ދިމާއަށް އެއްޗިހި ކިޔާލީ ކިހިނެއް. މިސް ޝައިލާއާ ދިމާއަށް އެއްޗިހި ކިޔާލި ވާހަކައާއި ޝައިލާއަކީ ނިއު ކުއްޖެއް ކަން އިނގުނީ ނަދާ ބުނީމަ. ނޫރާ ޝައިލާ ކައިރިއަށް މާފަށް އެދެންގޮސް ސޮރީ ބުނުމުން އެންމެން ކުރިމަތީ ނޫރާއާ ދިމާއަށް ފުރަތަމަ އެއްޗިހި ކިޔާލީ އެދުވަހު. އެދުވަހު ނޫރާ ވަރަށް ދެރަވި. އޭގެފަހުން އެހާ ދެރައެއްނުވޭ.” ނޫރާ ވާހަކަތައް ކިޔާނިންމާލާފައި އޮތީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. އެހާގިނަވާހަކަ އާޔަންއަށް ކިޔާދެވުނީމައެވެ.
“ނޫރާ. މިހާރު އެކަމު ޝައިލާ ވަރަށް ރަގަޅު. މިހާރު އެއީ ކުރީގެ ޝައިލާއެއްނޫން. އޭނަފެނުނީމަވެސް އިނގޭނެ އޭނައަށް އައިސްފައިވާ ބަދަލު.” އާޔަން ބުންޏެވެ.
ތެދެކެވެ. އެއީ މިހާރު އެހެން މީހެކެވެ. ރަގަޅު މީހެކެވެ. ނޫރާކައިރިއަށް އައިސް މާފަށް އެދޭނީވެސް ކިހާ ރަގަޅުވީމަ ހެއްޔެވެ. އާޔަންވެސް އޭނަދެކެ މިހާރު އެހާލޯބިވަނީ އޭނަ ރަގަޅުވީމައެވެ. ނޫރާ އެދޭތެރެއިިން ދުރަށްދާންވީއެވެ. މިހާރު ނޫރާއަކީ އެކަނިވެރިއެކެވެ. ނޫރާބޭނުންތާކަށް ނޫރާ ބޭނުންއިރަކު ދެވޭނެއެވެ. އާޔަންއާ ފިލައިގެންވެސް ކިތަންމެ ދުވަހަކު އުޅެވިދާނެއެވެ. ނޫރާ ހިޔާލުގެތެރޭ އާޔަންގެ އަތުތެރޭ އޮތެވެ. އާޔަންވެސް އެހެން އޮއްވާ އާޔަންއަށް އޮތީ ނިދިފައެވެ.
އާޔަންއަށް ނިދިފައި އޮތްކަން އިނގުމުން ނޫރާ ތެދުވެ މޭޒުކައިރީ އިށީނީ އާޔަންއަށް ސިޓީއެއްލިޔަން ކަމަށެވެ. ނަމަވެސް އެހިޔާލު ބަދަލުވެއްޖެއެވެ. ދެން އެތަނުން ތެދުވެ ނޫރާގެ ފޯނުނަގާ އާޔަންއަށް މެސެޖެއް ލިޔެލިއެވެ.
ނޫރާ މެސެޖު ލިޔެ ނިމިގެން ނޫރާގެ ފޯނު ނޫރާ ނިވާލުމަށްފަހު ރީތިވާ މޭޒުމަތީ ފޯނު ބޭއްވިއެވެ. އަދި ކުޑަ ދަބަހަކަށް ދެތިން ހެދުމާއި ބޭނުންވާނެ މުހިންމު ސާމާނުކޮޅެއް ލައިފިއެވެ. އެއަށްފަހު ޕާސްޕޯރޓާއި ނޫރާގެ ކްރެޑިޓް ކާރޑްތަކާއި ފައިސާކޮޅެއް ވޮލެޓަށް ހަމަކޮށްލަމުން ޖެކެޓުވެސް ހިފައިގެން ނިކުމެގެން ދަމުން އެނދުގައި ނިދާފައޮތް އާޔަންއަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. ލޮލުން ކަރުނަ އައިސްފައިވުމުން އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން މަޑުމަޑުން ނިކުމެގެން ދިޔައީ އެގޭގައި ދެންތިބި އެކަކަށްވެސް ނޭގިއެވެ.
ފަތިހު އާޔަން ހޭލައިގެން ބަލައިލިއިރު ނޫރާ ކޮޓަރީގައި ނެތުމުން ނޫރާ މާކުރިން ހޭލައިގެން ނަމާދުކުރީކަމަށް ހީކޮށްލައިގެން އާޔަންވެސް ތެދުވެ ނަމާދުކޮށްލިއެވެ.
“ނޫރާ! އާޔަންއަށްވެސް ކޮފީއެއް.” އެހެން ކިޔަމުން ނޫރަހޯދަމުން އާޔަން ބަދިގެއަށް ވަނީ އެތާނޫރާ އުޅޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް އެތާނޫރާނެތުމުން ގޭގެ އެހެންތަންތަން ބަލައިލިއެވެ. ގޭގެ އެއްވެސްތާކު ނޫރާނެތުމުން ކޮޓަރިއަށްވަދެ އާޔަން ރަގަޅަށް ފެންވަރާލިއެވެ. ނޫރާމިހާރު ވާނީ ކޮންތާކުބާއޭ އާޔަން ހިތަށްއަރަމުން ދިޔައެވެ. އާޔަން ފާހާނާއިން ނިކުތީ ރޯބްލައިގެންނެވެ. އާޔަން ނިކުމެ އާޔަންގެ ފޯނުނެގީ ނޫރާއަށް ގުޅާލާށެވެ. ނަމަވެސް ނޫރާގެ މެސެޖު ފެނުމުން މެސެޖު ކިޔުމާއެކު އާޔަން ހާސްވެއްޖެއެވެ. އާޔަންއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހިގެން ދިޔަހެނެވެ. ނޫރާ ދިޔައީއެވެ. އަދި އަވަހަށް ނޫރާއަށް ގުޅަންފެށިއެވެ. ނޫރާގެ ފޯނުވަނީ ނިވާލާފައިކަމުގައި ބުނުމުން ލިބިފައިވާ ހާސްކަން އިތުރުވެގެން ދިޔައެވެ.
“ފޯނުވެސް އަދި ބާއްވާފަ އެދިޔައީ” އާޔަން ހިތާހިތުން އެހެން ބުނެލީ ރީތިވާ މޭޒުމަތީ ނޫރާގެ ފޯނު އޮތްތަން ފެނުމުންނެވެ. މެސެޖަކުން ހުރިހާކަމެއް ނިންމާލާފައި އާޔަން އެކަނިކޮށްފައި ނޫރާ ދިޔައީއެވެ. އާޔަންއަށް ހުރިތާ ގުޑާލަންވެސް ނޭގިފައި އެތަކެއް އިރު ހުރެވުނެވެ. އަދި އެތަކެއް އިރުފަހުން “ނޫރާ!” ކިޔާ ކަރުބުޑުން އާޔަންއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ބާރަކަށް ރޯންފެށުނެވެ.
މޫސައާއި ނާއިފްއަށް އަޑުއިވިގެން އައިސް ނޫރާމެންގެ ކޮޓަރިއަށް ވަންއިރު އާޔަން ކަކޫޖަހައިގެން އިނދެ ބާރަށް ރޮނީއެވެ. އެރުވެސް އާޔަން އިނީ ރޯބުގައެވެ. ފެންވަރައިގެން ނިކުތްގޮތަށެވެ. މޫސައާއި ނާއިފް ބަލާކަށް ނުހުރެ އައިސް އާޔަންކައިރިއަށް ތިރިވިއެވެ. މޫސައާއި ނާއިފް އާޔަންއަށް ވެގެން އުޅޭގޮތެއް ނޭގިގެން އުޅެނިކޮން ތިއްބާ ޝާކީބްއާއި ނައީމާވެސް އެކޮޓަރިއަށް ވަނެވެ. އެމީހުން ފަހަތުން ޒީނާއާއި ލައިއާއި ލައިގެ މަންމަވެސް ވަނެވެ. އެންމެން ތިބީ ހާސްވެފައެވެ. ވީގޮތެއް އެކަކަށްވެސް ނޭގިފައެވެ. އާޔަން އެހާވަރަށް ރޯނީ ހާދަބޮޑުކަމެއް ދިމާވީމަތާއެވެ. ނައީމާ ހިތަށް އެރިއެވެ. އަދި ކަންބޮޑުވެފައި ހުއްޓެވެ. އަނެއްކާ ނޫރާ ކޮބާބާއެވެ.
“ކޮބާ ނޫރާ؟” ނައީމާ ދިމަދިމާ ހޯދާލަމުން އަހާލިއެވެ.
އެންމެންގެ ސަމާލުކަމަށް އެސުވާލު ގެނުވިއެވެ. އެންމެންވެސް އެކަކު އަނެކަކަށް ބަލައިލިއެވެ. ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.
“އާޔަން ކޮބާ ނޫރާ؟ އަނެއްކާ ނޫރާއަށް ކަމެއްވީތަ؟” އާޔަން ކައިރީ އިން މޫސަ އަހާލިއެވެ.
އާޔަންއަތުގަ އޮތްފޯނު މޫސައާއި ދިމާއަށް ދިއްކޮށްލިއެވެ. މޫސަ ފޯނުގައި ހިފާ ބަލައިލިއިރު އާޔަންއަށް ނުރާ ފޮނުވާފައިވާ މެސެޖު އޮތެވެ. މޫސަ އެންމެންގެ މޫނަށް ބަލައިލަމުން މެސެޖުކިޔަމުން ތެދުވިއެވެ. އަދި ފޯނު ގެންގޮސް ނައީމާއަތަށް ދިނެވެ. ނައީމާ މެސެޖުކިޔާލުމަށްފަހު ކައިރީގައި ހުރި ސޯފާއަށް ތިރިވެވުނެވެ. ޝަކީބު ފޯނުއަތުލާ މެސެޖު ކިޔާލިއެވެ. އޭގައިވަނީ
“އާޔަން، ނޫރާ މިދަނީ އާޔަންދެކެ ލޯބިނުވާތީއެއް ނޫނެވެ. ނޫރާ މިދަނީ އާޔަންއަށް ރަގަޅަކަށެވެ. ކުރީކޮޅު މިސްވާނެއެވެ. ނަމަވެސް އެކަމަށްހޭނި ހުރިހާކަމެއް ހަމަޖެހިދާނެއެވެ. އާޔަންއާއި ޝައިލާއާއި އަރީއަކީ ވަރަށް އުފާވެރި އާއިލާއެކެވެ. އާޔަންއަށް މިހާރު ތިއޮތީ ކުޑަކުޑަ އުފާވެރި އާއިލާއެއްވެސް ލިބިފައެވެ. ތިދެތެރޭ ނޫރާ ހުންނާކަށް ބޭނުމެއްނޫނެވެ. ނޫރާއަށް ރަގަޅީ އާޔަން ނޫރާހޯދަން މަސައްކަތް ނުކުރިއްޔާއެވެ. އާޔަން ނޫރާދެކެ ލޯބިވާކަން ނޫރާއަށް އިނގެއެވެ. އަދި އެކަން އަބަދުވެސް ހަދާން ބަހަށްޓާނަމެވެ.”
އެންމެން އެންމެނަށް މެސެޖުކިޔެވެ. އާޔަންގެ ލޮލުން އަދިވެސް ކަރުނަ ހިލެމުން ދެއެވެ. މިހާރު އަޔަންވެސް ތެދުވެ އެނދުގައި އިށީނދެ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ.
އެކަކަށްވެސް ނޫރާދިޔައީ ކޮންތާކަށްކަމެއް ނޭގެއެވެ. ނޫރާ ހޯދަންދާން މޫސަ އާއި ޝަކީބް އުޅެން ފެށުމުން އާޔަން އެކަން ހުއްޓުވިއެވެ.
“ނޫރާ ހޯދަން ދާނެކަމެއްނެތް. ނޫރާ އެއޮތީނު މެސެޖުގަ ލިޔެފަ ހޯދަން ނޫޅޭށޭ.” އާޔަން ބުންޏެވެ. އަދި ތެދުވެގެން ދަބަސް ހިފައިގެން ނިކުތީ އާޔަން މަންމަމެންގެއަށް ދާށެވެ. އާޔަން ދިއުމުން މޫސައާއި ޝަކީބު ނޫރާހޯދަން ނުކުތެވެ. މެލޭޝިޔާގެ އެކި ހޮޓާތަކާ ތަންތަން އެމީހުން ހޯދިއެވެ.
ޒޫނާއާއި އިސްމާޙްއަށް އެހަބަރު ލިބުމުން އެމީހުނަށް ލިބުނީ ބުނަން ނޭގޭފަދަ ހައިރާން ކަމެކެވެ. އިސްމާޙް ގަސްތުކުރީ ޕޮލިސް މެދުވެރިކޮށް ނޫރާ ހޯދާށެވެ. އަދި އިސްމާޙްގެ ހާއްސަ އެޖެންޓުންނަށްވެސް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށެވެ. އެކަމަށް އާޔަން ހުރަސްއެޅިއެވެ.
“ނޯ ޑޭޑް. ލީވް ހަރ އެލޯން. ދެޓްސް ވަޓް ޝީ ވޯންޓް.” އާޔަން ބުންޏެވެ. އަދި އިސްމާޙްއަށް މަޖުބޫރުވީ ނޫރާ ހޯދުމުގެ ކަންތައް ވަގުތުން ހުއްޓާލުމަށެވެ. އިސްމާޙް އުޅެފިނަމަ އަދިވެސް ނޫރާ ހޯދިދާނެއެވެ. ކޮންމެތާކު ކޮންމެ ގައުމެއްގައި ހުއްޓަސް ނޫރާ ހޯދިދާނެއެވެ. އެހާފެންވަރު އިސްމާޙްގެ އެބަހުއްޓެވެ. ނަމަވެސް އާޔަން ނުރުހުމުން އިސްމާޙް އެކަން ހުއްޓާލީ ހިތާ ދެކޮޅަށެވެ.
“ނޫރާ އެދިޔައީ އާޔަންއާ ދުރަށް އަހަރެމެންނާ ދުރަކަށް ނޫން. އަހަންނަށް ހީވަނީ މާލެދިޔައިމަ ނޫރާ އަންނާނެހެން.” އެރޭ ނިދަން އޮށޯވެއޮވެ ނައީމާ ޝަކީބް ކައިރީ ބުންޏެވެ. ޝަކީބްވެސް އޮވެ ބޯޖަހާލިއެވެ. ” އާން! އަދި އެނބުރި އަހަރުމެން ކައިރިއަށް ނޫރާ އަންނާނެ. މަގޭ ހިތްވެސް ބުނަނީ ތިހިން.”
ތިންދުވަސް ފަހުން އެންމެން މާލެދާން އެއަރޕޯރޓަށް ދިޔައިރު އާޔަންވެސް އެމީހުން ފުރުވަން ދިޔައެވެ. އާޔަންގެ އުޅުމަށްވަނީ ކޮންމެސް ކަހަލަ ބަދަލެއް އައިސްފައެވެ. މަޑުމައިތިރިކަން ވަނީ ހިޔާރުކޮށްފައެވެ. ސަކަމިޒާޖު މިހާރަކު ނެތެވެ. އަވަސްއަރުވާލާފަ ކަންތައްތައް ކޮށްނިންމާލާ އުސޫލުވެސް މިހާރަކުނެތެވެ. އަބަދުހެން ހުންނަނީ ފުންވިސްނުމެއްގެ ތެރޭގައެވެ. އެއްއަތް ފަޓުލޫނު ޖީބުތެރެއަށް ލައިގެނހުރެ އެންމެނާ ސަލާމް ކުރަމުން އާޔަން ދިޔައެވެ. މޫސައާއި ލައި ތިބީ ތަންކޮޅެއް ދުރުގައެވެ. އެމީހުން ކައިރިއަށް އާޔަންއައުމުން ލައި ސަލާމް ކޮށްލިއެވެ. އަދި މޫސައާއި ސަލާމް ކޮށްލިވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.
” އާރ ޔޫ އޯކޭ؟” މޫސަ އަހާލިއެވެ. އާޔަން ބޯޖަހާލިއެވެ. ” މޫސަމެނަށް ނޫރާ ފެނިއްޖެއްޔާ އާޔަންއަށް އަންގާނަން އިނގޭ.” މޫސަ ބުންޏޭވެ.
” ނޫނޭ. އެހެން ކޮންމެހެން ހަދާނެކަމެއްނެތް. ނޫރާ އެދިޔައީ އާޔަންއާ ދުރަށް ދާންވެގެން. ތިމީހުނާ ދުރަކަށްނޫނެއްނު. ލީވްހަރ. އޭނަ ހަދާގޮތެއް ހަދަން ބަހަށްޓާ. އައިވިލް އޯލްވޭސް ވެއިޓް ފޮރ ހަރ. އާޔަންގެ ހިތް އޮށްނާނީ އަބަދުވެސް ނޫރާއަށް ޓަކާ އިންތިޒާރުގަ. ނޫރާ ބޭނުންދުވަހަކު އަޔަސް އާޔަން މަރުހަބާ ކިޔާނަން. ޖަސްޓް ލެޓް ހަރ ޑޫ ވަޓް އެވަރ ޝީ ޕްރިފަރ.” އާޔަން މޫސަގައިގައި ބައްދާލިއެވެ. ” ނޫރާގެ ވާހަކަ ދެން ދައްކާނެ ކަމެއްނެތް އާޔަންކައިރީ އެކަކުވެސް. ނޫރާ ފެނުނަސް ނުބުނާތި އާޔަންކައިރީ.” އާޔަން މޫސަ ކޮނޑުގައި ކުޑަކޮން ޖަހާލިއެވެ. އަދި ފަނޑުގޮތަކަށް ހިނިތުންވެލިއެވެ.
” މޫސާ. މޫސަ ބައްޕަ ކައިރީ އެވާހަކަ ދައްކައްޗޭ.” އާޔަން އާއި މޫސަ ދެތިންދުވަސް ކުރިން ދައްކާފައިވާ ވާހަކައެއް ފެށިއެވެ.
” ކޮން ވާހަކައެއް؟” މޫސަ ހަދާނެއް ނުވިއެވެ.
” އާޔަންމެންގެ ކޮމްޕެނީއެއް ހުޅުވަންވެގެން މޫސަމެންގެ ގެ ހަދާވާހަކަ. ކުރީދުވަހު މޫސަކައިރީ ބުނީމެއްނު.” އާޔަން މޫސައަށް ހަދާން ކޮށްދިނެވެ.
” އޯ ޔެސް! އާން. ބުނާނަން. އެހެންވިއްޔާ ވަރަށް އަވަހަށް އާޔަން މާލެދާނެތާދޯ.” މޫސަ ބުންޏެވެ.
” އާން. ޝައިލާގެ ބަލިގަނޑު ހަމައަކަށް އެޅުނީމަ އިރާދަކުރެއްވިއްޔާ މާލެދާނަން.” އާޔަން ބުންޏެވެ. އާޔަން އެންމެނާ ސަލާމް ކުރުމަށްފަހު އަތުން ހަނާއަޅަމުން ގޮސް ކާރަށް އެރިއެވެ.
ނައީމާމެން މާލެއައިތާ ދެދުވަސް ފަހުން ނައީމާގެ ބޮލަށް އެނބުރުން އަރާ ހޮޑުލެވެން ފެށިއެވެ. ނައީމާއަށް އެއީ ކީއްވެގެން ވާގޮތެއްކަން އިގިނޖެއެވެ. އެދުވަހު ޝަކީބު އޮފީހުން އައިމަ ނައީމާ އެހަބަރުދިނީ ވަރަށް އުފާވެފައި ހުރެއެވެ.
” ޝަކީބް. އަހަރުމެންނަށް ދެވަނަ ދަރިފުޅު ލިބެންއުޅެނީ. އަހަރެން ބަނޑުބޮޑު.” ނައީމާ ބުންޏެވެ. ޝަކީބްވީ އުފަލުން ނައީމާ އުރާލިއެވެ. އެމަންޒަރު ބަލަންއިން ޒައުވެސް ފުމެންފެށިއެވެ. ޒައު އަބަދުވެސް ކޮއްކޮއެއް ބޭނުންވެގެން އުޅެއެވެ. ޒައުގެ ހުވަފެންވެސް ކާމިޔާބުވަނީއެވެ.
ހަފްތާއެއްފަހެވެ. ނައީމާކައިރީ ބެޑްރެސްޓް ކުރުމަށް ޑޮކްޓަރ ވަނީ އަނގާފައެވެ. އެހެންކަމުން ގޭތެރޭ މަސައްކަތް ކުރުމަށް ޝަކީބުވަނީ ބޭރުމީހެއް ހޯދާފައެވެ. ނައީމާ އޮތީ ސޯފާގައި ޖައްސާލައިގެން ޓީވީ ބަލާށެވެ. ޒައު އިނީ ބިންމަތީ ކޮންމެސް އެއްޗެއް ކުރަހާށެވެ. ދޮރުގެ ރަނގަބީލު މީހަކު ޖެހުމުން އެގޭގައި މަސައްކަތްކުރަން ގެނެސްގެން އުޅޭ ލަންކާ އަންހެނެއްކަމަށްވާ މާލިން ގޮސް ދޮރުހުޅުވިއެވެ. ދޮރުކައިރީ ވަރަށް ރީތި ލޫޅާފަތި އަންހެން ކުއްޖެއް ހުއްޓެވެ. ގަދަނޫކުލައިގެ ދިގު ހެދުމެއްލައިގެން މަޑުނޫކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއެކުއްޖާ ހިފައިގެން ހުރި ފޮށި ފެނުމުން އެއީ ކޮންމެސް ބޭރުގައުމެއްގައި އުޅެފައި އައި ކުއްޖެއްކަން އިނގެއެވެ. ފޮށީގައި ހިއްޕާފައިވާކަރުދާސްތަކުން އެއައީ އެއަރޕޯރޓުންކަން އެހެރީ އިނގޭށޭވެ. މާލިން ނުދަންނަ މީހެއްކަމުން މާލިން ބަލަން ހުރީއެވެ.
“ކާކު؟ މާލިން، ކާކުތަ؟” ސޯފާގައި އޮތް ނައީމާ ގޮވާލިއެވެ.
” ނޭގެ މެޑަމް. ފޮއްޓެއް ހިފައިގެން ހުރި ކުއްޖެއް.” މާލިން ބުންޏެވެ.
” ބުނޭ މީ ނޫރާއޭ” ނޫރާ ބުނެލިއެވެ. އެއަޑަށް ނައީމާއަށް ސޯފާގައި ނޯވެވުނެވެ. ޒައުވެސް ދޮރާދިމާއަށް ދުއްވައި ގަތެވެ. ދެމީހުން ދޮރުކައިރިއަށް ގޮސް ނޫރާއަށް ބަލަން ހުރެވުނީ އަޖައިބުވެފައެވެ. ނޫރާ ބުރުގާ އަޅާފައި ހުންނައިރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. އެހާފުރިހަމައެވެ. ކުރިއަށްވުރެ ދޮންވެފައި ރީތިކަން އިތުރުވެފައިވާހެން ހީވެއެވެ. ނައީމާ ނޫރާގައިގާ ބައްދައިގަތެވެ. ޒައުވެސް ނޫރާގައިގައި އޮޅުލައިގަތެވެ. އެންމެންގެ ލޮލުން ކަރުނަނިރާލިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. ނައިމާ ނޫރާ ގޮވައިގެން އެތެރެއަށް ވަނެވެ. އަދި ނޫރާކައިރީ ނައީމާ ބަނޑުބޮޑު ވާހަކަ ބުނުމުން ނޫރާއަށް އިތުރު އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ނޫރާ ގެއިން ނުކުމެގެން ދިޔަފަހުން ކަންތައްވީގޮތް ނައީމާ ނޫރާއަށް ކިޔައިދިނެވެ. އަދި އާޔަން ދެރަވެގެން އުޅުންވާހަކަވެސް ނައީމާ ކިޔައިދިނެވެ. އާޔަންއަށް ގުޅުމަށްވެސް ނޫރާއަށް ނައީމާ ނަސޭހަތްތެރި ވުމުން ނޫރާ އެކަމާ އިންކާރުކުރިއެވެ.
” ނޫން ތުއްތާ. ޕްލީސް. ދެން އެމީހުނަށް ގުޅާނެކަމެއްނެތް. އާޔަންމަންމަ ކައިރީވެސް ތުއްތަ ކައިރީ ނޫރާ އުޅޭވާހަކަ ބުނާނެ ކަމެއްނެތް.” ނޫރާ ބުންޏެވެ. ނައީމާ އިނީ ހައިރާން ވެފައެވެ.
” އެއީ ކީއްވެތަ؟ ކީއްވެތަ އެމީހުނާ ދުރުން ތިއުޅެނީ؟ ކީއްވެތަ ނޫރާ؟ އެމީހުން ނޫރާދެކެ އެހާލޯބިވާކަންވެސް ނޫރާއަށް އެނގިހުރެ ތިހެން ދުރަށް ދާކަށް ނުވާނެނު.” ނައީމާ އިނީ ހިތްހަމަ ނުޖެހިފައެވެ.
” ތުއްތާ. ތުއްތަ އަކަށްނޭގޭނެ. ނޫރާ އާޔަންދެކެ ވަރަށް ލޯބިވޭ. އާޔަން އަށް އިތުރު ތަކުލީފްތަކެއް ނުޖައްސަން ވެގެން ނޫރާ އެމީހުނާ ދުރަށްމިއައީ. އާޔަން އަބަދުވެސް ބުނާނެ ދެ އަނބިން ގޮވައިގެން އާޔަން ބައްޕަ އެއުޅޭ ގޮތަކަށް އާޔަންއަކަށް ނޫޅެވޭނެޔޭ. އެއީ އާޔަން އުޅެން ބޭނުންވާގޮތެއް ނޫނޭ. އެކަމަކު ކަންދިމާވި ގޮތުން އާޔަންއަށް އުޅެން އެޖެހުނީ އެގޮތަށް. އަނެއްކާ އަނެއްކޮޅުން އާޔަން ޝައިލާދެކެވެސް ނުލާހިކު ލޯބިވާކަން ނޫރާއަށް އިނގޭ. އާޔަންް ބޮޑަށް ބޭނުންވާނީ ޝައިލާ ކައިރީ ހުންނާކައްނު. އާޔަންގެ ދަރިފުޅުވެސް އެއީ ޝައިލާގެ ކުއްޖެއްވިއްޔަ. އާޔަން އަސްލުބޭނުންވާނީ އެގޮތެއްނު. ނޫރާ ދެރަވެދާނެތީ ނޫރާ ކައިރިއަށް އާޔަން އަންނަނީ ނޫރާދެކެވެސް އާޔަން ލޯބިވާތީ. އެކަމަކު އެއީ އާޔަން އަށް ވަރަށް އުނދަގޫކަމެއްކަން ނޫރާއަށް އިނގޭ. އެހެންވެ އާޔަންއަށް މީހާރު ނޫރާއާއި ދޭތެރޭ ވިސްނާކަށް ނުޖެހޭނެނު.” ނޫރާ ނައީމާ ކައިރީ ބުންޏެވެ. ނޫރާ ދައްކާވާހަކަވެސް ނައީމާއަށް ގަބޫލުކުރެވުނެވެ. ނަމަވެސް ނޫރާ އެހާބޮޑު ގުރުބާނީއެއް ވާކަށް ނައީމާ އެއްގޮތަކަށްވެސް ނޭދެއެވެ.
“އެކަމަކު ނޫރާގެވެސް ހައްގުތަކެއްނު އާޔަންގެ ލޯބި ލިބިގެން އުޅުމަކީ.” ނައީމާއަށް ބުނެވުނީ އެހިސާބަށެވެ. ނޫރާ ވާހަކަ ދައްކަން ފެށިއެވެ.
“އެހެން ވެޔޭ މިބުނަނީ ތުއްތައަކަށް ނޭގޭނެޔޭ.” ނޫރާ ބުންޏެވެ. “ނޫރާ މިއައީ ލަންކާއިން ގެއެއް ހިފާފަ. ޒައު ސްކޫލަށް ވައްދަންވެސް އޮންނާނީ ހުރިހާކަމެއް ހަމަޖައްސާފަ. ތުއްތަމެން މިތަން ކުއްޔައްދީފަ ނޫރާއާ އެއްކޮން ހިނގާ ލަންކާއަށްދާން. ހުރިހާ ހަރަދެއްގަ ނޫރާ ހިފާނަން. ގެއަށް ލާރިދައްކާކަށް ނުޖެހޭނެ ތުއްތަމެނަކަށް. ޒައުގެ ކިޔެވުމުގެ ހުރިހާކަމެއްވެސް ނޫރާ ކޮށްދޭނަން. މިތަނުން ލިބޭ އެއްޗަކުން ތުއްތަމެންގެ އަމިއްލަ ބޭނުން ކޮށްލައިގެން އުޅެވޭނެނު. ޕްލީސް ހިނގާބަލަ ލަންކާއަށް.” ނޫރާ ކިޔަން ފެށިއެވެ.
” އައްދޭ ދެން ނޫރާ. ތިހެން އެހާފަސޭހައިން ދެވޭތަ. ޝަކީބްބެގެ މަސައްކަތޯ؟ އެކަންތައްތައް ދޫކޮށްލާފަ ޝަކީބެއް ނުދާނެނު. ޝަކީބްބޭ ނުދަންޏާ ތުއްތައަކަށް ނުދެވޭނެ.” ނައީމާ ބުންޏެވެ.
“ޝަކީބްބެއާ ވާހަކަ ދެއްކީމަނު އިނގޭނީ.” ނޫރާ ބުންޏެވެ.
އެދުވަހު ޝާކީބްއައިސް ނޫރާ ފެނުމުން ޝަކީބްއަށްވެސް ލިބުނީ ކުއްލި ހަރިއާން ކަމެކެވެ. ނޫރާއަށް އައިސްފައިވާ ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް ޝަކީބް ބުންޏެވެ. ޝަކީބު ކައިރީ ލަންކާއަށް ބަދަލުވާ ވާހަކަ ދެއްކުމުން ނުހަނު ފަސޭހައިން ޝަކީބް އެކަމާ އެއްބަސް ވެއްޖެއެވެ. ޝަކީބްވެސް މިހާރަކަށް އައިސް ވިސްނަމުން ދާކަމެއް ކަމަށް ޝަކީބް ބުނުމުން ނައީމާ ހުރީ ހައިރާން ވެފައެވެ. ޝަކީބް ބުނިގޮތުން ޝަކީބްމެން މިހާރު ކުރަމުން އަންނަ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެހެންކަމުން ޝަކީބްވެސް ބޭނުންވަނީ ރާއްޖެދޫކޮށް ދާށެވެ. ޒައުއަށް ރަގަޅަށް ކިޔަވައިދިނުމަށް ޝަކީބްވެސް ބޭނުންވާތީއެވެ. އެގޮތުން ދެމަހެއް ތެރޭ ހުރިހާކަމެއް ހަމަޖައްސާނިމުނެވެ. ގެވެސް އެއްކޮން ކުއްޔައްދިނުމަށްފަހު ލަންކާއަށް ބަދަލުވިއެވެ.
އާޔަންއާއި ދުރަށް ނޫރާ ދިޔަފަހުން ދެއަހަރު ވޭތިވެގެން ދިޔައިރުވެސް އާޔަންއަށް ނޫރާގެ ހިޔާލު ނުކުރެވޭ ދުވަހެއް ނާދެއެވެ. ނޫރާއާއި ދޭތެރޭ ވިސްނެނީއެވެ. އަނެއްކޮޅުން ޝައިލާ މިހާރު އަނެއްކާވެސް އެހާބަލިވެއްޖެއެވެ. އެއްދުވަހު ތެދުވެ އުޅުނިއްޔާ އަނެއްދުވަހު ނުތެދުވެވެއެވެ. އާޔަންމެން އެންމެންވެސް މާގިނަދުވަހު މެލޭޝިޔާގައި ނުތިބެ ކޮރެއާއަށް ބަދަލުވީ އެވެ. އަރީނާގެ ހުރިހާ ކަމެއް މިހާރު ކުރަނީ ޒޫނާއެވެ. ޝައިލާ ބަލިކަމުން މިހާރު އަރީނާއާއި އެކު ވަގުތުކޮޅެއްވެސް ހޭދަކޮށް ނުލެވެއެވެ. އެކަމާ އަރީނާ ހުންނަނީ ވަރަށް ދެރަވެފައެވެ. މިހާރު ޝައިލާގެ ބަލިތަށް ވަނީ އިތުރުވެފައެވެ. ނިއުމޯނިޔާ ޖެހުމުގެ ސަބަބުން ފުއްޕާމޭދަނީ ގިރެމުން ކަމަށް ޑޮކްޓަރ ބުންޏެވެ. އެހެންކަމުން އަބަދުހެން ޝައިލާ ކެއްސައެވެ. ބައެއްފަހަރު އަނގައިން ލޭވެސް އާދެއެވެ. އަދި މިހާރު ކިޑްނީގެ މައްސަލަވެސް ވަނީ ކުރިމަތިވެފައެވެ. ޖެހޭ ބައްޔެއް ރަގަޅެއް ނުވެއެވެ. ބޭސްތައް ކައިގެން މީހާގެ ވަރުދެރަވުންނޫންކަމެއް ނުވެއެވެ. ޝައިލާ މިހާރުވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ. މޫނުމަތީވެސް ވަނީ ބޮޑެތި ބިހިތަކެއްނަގާ ފާރުވުމުގެ ސަބަބުން މީހާގެ ސިފަ މުޅިން ބަދަލުވެފައެވެ. އާޔަން ޝައިލާއަށް ބަހަށްޓާ އޯގާތެރިކަމާ ހިތްހެޔޮކަމަކަށް ބަދަލެއް ނާދެއެވެ. އާޔަންގެ އޯގާތެރިކަމުން ޝައިލާއަށް ލިބޭއުފަލުން ރޮވޭވަރުވެއެވެ. ބައެއްފަހަރު އަމިއްލަ ނަފްސުކުއްވެރި ކުރެވިގެންވެސް ރޮވެއެވެ. އަރީނާއަށް އޭނަމަންމަ އޮތްހާލު ފެނުމުން ކޮންމެދުވަހަކު ރޮއެވެ. ނަމަވެސް އަރީނާއަށް ވަނީ ކެތްތެރިވުމަށް އާޔަން ދަސްކޮށްދީފައެވެ. އަރީނާއަށް ނުވަހަރުވީއިރު އަރިނާވަނީ ވަރަށް ކެތްތެރި ހިތްހެޔޮ ދީންވެރި ކުއްޖަކަށް ވެފައެވެ. އާޔަންއާއި ޒޫނާގެ ތަރުބިއްޔަތުން އަރީނާއަށް ވަނީ ލޯތްބާއި އަޅާލުންލިބި ރަގަޅާ ނުބައިގޮތް ދަސްކޮށްދީފައެވެ. ޝައިލާފަދަ ކުއްޖަކަށް އަރީނާ ނުވުމަށް އާޔަން ބޭނުންވިއެވެ. ޝައިލާގެ އުޅުމުގެ ވާހަކަތައް އަރީނާ ކައިރީ އާޔަންއާއި ޒޫނާ ނުދެއްކިކަމުގައިވިއަސް އަރީނާއަށް އެހުރިހާކަމެއް ވަނީ އިނގިފައެވެ. ޝައިލާ އުޅެފައިވާ ގޮތް އަރީނާ ކުޑައިރު އަރީނާއަށް ވަނީ ފެނިފައެވެ. އޭރު އެއްޗެއް ނުވިސްނުނަސް މިހާރު އަރީނާއަށް ހުރިހާ އެއްޗެއްް ވެސް ވިސްނެއެވެ. މަންމަ އެފަދަ މުޑުދާރު ގޮތަކަށް އުޅުނީތީ އަރީނާ ދެރަވެއެވެ. މަންމަ އޭރުކުރަމުން ދިޔަފާފައިގެ އަޒާބު ދުނިޔެމަތީގައިވެސް މަންމައަށް ދައްކަވަނީއެވެ. އަރީނާ އޭނަގެ މަންމައަށް ހެޔޮދުޢާ ކުރެއެވެ. އެމަންމަގެ ފާފަތައް ފުއްސެވުން އެދި ދުޢާކުރެއެވެ. ޝައިލާ އުޅެފައިވަނީ ކިތަންމެ މުޑުދާރު ހަޑިގޮތަކަށްކަން އަރީނާއަށް އިނގުނު ނަމަވެސް ދުވަހަކުވެސް ޝައިލާއާއި ދިމާއަށް އުއްފުވެސް ބުނެލާފައި އަރީނާ ނުވެއެވެ. އެއީވެސް އާޔަންގެ ތަރުބިއްޔަތެވެ. މަންމައަށް ކަމޭހިތުމަށް ކިތަންމެ ރަގަޅަކަށްވެސް އާޔަންވަނީ އަރީނާއަށް ކިޔައިދީފައެވެ. އަދި އާޔަން ޒޫނާއަށް ކަމޭހިތާ ގޮތްތަށްވަނީ އަރީނާގެ ލޯމައްޗަށް ފެނިފައެވެ. އަރީނާގެ ލޯބިވެސް ޝައިލާއަށް އައީ ލިބެމުންނެވެ. ކޮންމެފަދަ ހާލެއްގައި ޝައިލާ އޮތަސް އަރީނާ ގޮވައިގެން ކޮންމެދުވަހަކު އާޔަން ހޮސްޕިޓަލަށް ދެއެވެ. މިހާރު ޝައިލާގެ ފާރުތަކުން ދޮސްއައިސް ކުނިވަސްވެސް ހިސާބަކަށް ދުވައެވެ. ނަމަވެސް އަރީނާއާއި އާޔަން އެކަމަކާވެސް ފަރުވާލެއް ނުބަހަށްޓައެވެ. ޝައިލާ ކުރިމަތީ ދެމީހުންވެސް ޝައިލާދެކެ ވަރަށްލޯބިން އުޅެއެވެ. މިހާރަކަށްއައިސް ޝައިލާއަށް ލޯވެސް ހުޅުވާލެވެނީ މަދުފަހަރަކުއެވެ. ވާހަކަވެސް ނުދެއްކޭ ހިސާބަށް މިހާރު ޝައިލާގެ ބަލި ހިގައްޖެއެވެ.
ވޭތިވެގެން ދިޔަ ދެއަހަރުތެރޭ މޫސަމެންގެ ގެ ހެދުމަށް އާޔަންމެންގެ ކޮންޕެނީގެ ފަރާތުން ވަނީ އެގްރިމެންޓެއްގައި ސޮއިކުރެވިފައެވެ. އެކަންތައް ކުރިއަށް ގެންދަނީ އިސްމާޙް މޫސައާއި ގުޅިގެންނެވެ. މިހާރު މޫސަމެންގޭގައި ބިންގާއަޅާ ހަދަންވެސް ވަނީ ފަށާފައެވެ. މޫސަގެ ކައިވެނި ކުރަންވެސް މޫސަ ބޭނުންވަނީ ގެ ހެދުނީމައެވެ.
އާޔަން އަރީނާ ގޮވައިގެން ހޮސްޕިޓަލުގައި އުޅެފައި ގެއަށް އައިއިރު ޒޫނާއިނީ ސިޓީއުރައެއް ހިފައިގެން ފިކުރުބޮޑުވެފައެވެ. އާޔަންއައުމުން ޒޫނާ ފުންމައިގެން ތެދުވިއެވެ.
ކޮޓަރިއަށްދާން ހިތަށް އަރުވައިގެން ހުރިއާޔަންއަށް ޒޫނާ ފުންމައިގެން ތެދުވިގޮތުން ކޮންމެވެސް ކަމެއް ވެއްޖެހެން ހީވެއްޖެއެވެ. އެހެންކަމުން އެދިމާއަށް އެނބުރުނުވަގުތު ޒޫނާވެސް އަތުގައޮތް ސިޓީއުރަ އާޔަންއަށް ދައްކާލިއެވެ. އާޔަންއައިސް ސިޓީއުރާގައި ހިފިއިރުއެއީ ކޮރެއާ ސަރުކާރުގެ ސީލްޖަހާ ބަންދުކޮށްފައިވާ ސިޓީއުރައެކެވެ. އެޑްރެސްކޮށްފައިވަނީ އާޔަންއަށެވެ. އާޔަން ސިޓީއުރަ ކަނޑާ ބަލއިލިއިރު އޭގައިވަނީ އާޔަންއަށް އާރމީއަށް ވަނުމަށް ސަރުކާރުން ގޮވާލާފައެވެ. ކޮރެއާގައި އޮންނަ ގޮތުންވެއްޖެއްޔާ ކޮންމެ ކޮރެއާގެ ރައްޔިތަކުވެސް ތިންއަހަރާ ފަސްއަހަރާ ދޭތެރޭ މުއްދަތަކަށް ކޮރެއާގެ އާރމީއަށް ހިދުމަތް ކޮށްދޭން ޖެހެއެވެ. އެގޮތުން ހިދުމަތް ކޮށްދޭން ޖެހެނީ އަށާރައަހަރުން މަތީގެ ޒުވާނުންނެވެ. އުމުރުން ސާޅީސް އަހަރުވުމުގެ ކުރިން އާމީއަށް ހިދުމަތް ކޮށްދޭން ޖެހޭނެއެވެ. އެހެންނޫންނަމަ އެއީ އެތަނުގެ ގާނޫނީގޮތުން ފިޔަވަޅު އެޅޭކަމެކެވެ.
އާޔަންއަށް އާރމީއަށް ވަންނަން އަންގާފައިވަނީ އަންނަމަހުއެވެ. އާޔަން އޭނަގެ މަންމަ އަށް ބަލައިލިއެވެ. ޒޫނާހުރީ ހިތް ނުތަނަވަސް ވެފައެވެ. އެދަނޑިވަޅުގައި އެއީ ކުރެވޭނެ ކަމަކަށް ނުވާނެތީއެވެ. ޝައިލާ އެހާބަލިކޮން އުޅެނިކޮން އާޔަން އާރމީއަށް ދިޔުން އެއީ މާއެދެވެ ކަމެއްވެސް ނޫނެވެ. އާޔަންއަށް އަނެއްކާވެސް ފިކުރުކުރެވޭކަހަލަ ކަމަކާ މިއޮތީ ދިމާވެފައެވެ. ޝައިލާ ބަލިވެ ނޫޅޭނަމަ އާރމީއަށް ވަންނަން އާޔަންބޭނުމެވެ. އޭރުން ނޫރާގެ ހިޔާލުތަކާމެދުވެސް ވިސްނަން ޖެހޭ ވަގުތުތަށް މަދުވާނެއެވެ. ގައިމުވެސް ޒޫނާ އަރީނާ ބަލާނެއެވެ. އަރީނާ ބެލުމާއިމެދު އާޔަން ވިސްނާކަށް ނުޖެހޭނެއެވެ. ނަމަވެސް ހުރިހާވެސް މައްސަލައަކީ ޝައިލާ ބަލިވެ އުޅޭތީއެވެ. އެރޭ ނިދަން އޮވެގެން އާޔަން ވިސްނަމުން ދިޔައީ އެކަމާއެވެ.
ފަތިހު ނަމާދަށް ހޭލާފައި އަރީނާއަށް ގޮވަންދިޔައިރު އަރީނާ އިނީ ނަމާދަށް އަރައެވެ. މިހާރަކަށްއައިސް އަރީނާ އެކަނި ހެލައިގެން ނަމާދަށް އަރައެވެ. އެކަމާ އާޔަން ވަރަށް އުފާވެއެވެ. އަރީނާ ބޮޑުވި ބޮޑުވިހެން ދީނީ ކަންތަކަށް ހޭލުންތެރިވާތީއެވެ. އާޔަން ނަމާދުކޮށްލައިގެން ތައްޔާރުވެލީ ތަންކޮޅެއް ކުރިން ހޮސްޕިޓަލަށް ދިއުމަށެވެ. އަރީނާވެސް ނުލާ އެދުވަހު އާޔަން ހޮސްޕިޓަލަށް ދިޔައީ ޝައިލާ ކައިރީ އާޔަން އާރމީއަށް ވަންނަން ޖެހިއްޖެ ކަމުގެ ވާހަކަ ވެސް ދައްކާލަންށާ އެއްކޮނެވެ.
އާޔަންގޮސް ޝައިލާ އޮތްކޮޓަރިއަށް ވަންއިރު އެތާ ބައިންދާފައިއިން ނަރުސްކުއްޖާއަށް އިނީ ނިދިފައެވެ. އާޔަން ވަންއަޑަށް އެކުއްޖާ ހޭލިއެވެ. އަދި ގޮނޑިން ތެދުވެ ބޯގުދު ކޮށްލީ ސަލާމް ކޮށްލުމުގެ ގޮތުންނެވެ. އާޔަންވެސް އެކުއްޖާއާއި ދިމާއަށް ބޯޖަހާލަމުން ޝައިލާކައިރި އިން ގޮނޑީގައި އިށީނެވެ. ޝައިލާއާއި ދިމާއަށް އާޔަން ބަލައިލިއެވެ. އާޔަންއަށް ކަމެއް ގޯސްހެން ހީވީ ޝައިލާ ނޭވާނުލާހެން އާޔަންއަށް ހީވުމުންނެވެ. ނަރުސް ކުއްޖަކައިރީ އެވާހަކަ ބުނުމުން އޭނައައިސް ނޭވާ ލާތޯ ބަލައިލުމަށްފަހު ވިންދު ބަލައިލިއެވެ. އަދި ހައިރާންވެހުރެ ދުއްވައިގަތީ ޑޮކްޓަރއަށް ގޮވުމަށެވެ. ޑޮކްޓަރ އައިސް ބެލުމުން އިނގުނީ ޝައިލާވަނީ ދާދި ދެންމެއަކު މިދުނިޔެ ދޫކޮށްފައިކަމެވެ. މަރުވިތާ އަދި ފަނަރަމިނިޓުވެސް ނުވާނެކަމަށް ޑޮކްޓަރ ކަށަވަރުކޮށްދިނެވެ. އާޔަން ޝައިލާގެ އަތް ހަށަމަށް އަރުވާ ޝަހާދަތްކިއެވެ. އަދި ޒޫނާއަށް ގުޅާފަ އެވާހަކަ ބުންޏޭވެ. އަރީނާ ދެރަވާނެވަރު ހިތަށް އަރާފައި އާޔަންހުރީ ވަރަށް ދެރަވެފައެވެ. އަރީނާ ރުއީ ކުޑަކޮންނެވެ. އަރީނާ ކެތްކުރިއެވެ. ހިތްވަރުކުރިއެވެ. ކިތަންމެ ދެރަވިއަސް ނުރޯން މަސައްކަތް ކުރިއެވެ. އާޔަންމެން ފްލައިޓެއް ހިފައިގެން ޝައިލާގެ އާއިލާ އެއްކޮން ޝައިލާގެ ޖަނާޒާގައި ބައިވެރިވުމަށް ގެނައެވެ. ޝައިލާ މަންމައަށް ޝައިލާގެ ވާހަކަތައް އިނގުނީ ޝައިލާ މިދުނުޔެ ދޫކޮށް ދިޔަފަހުންނެވެ. އެކަމާވެސް ޝައިލާމަންމަ އަށް ރޮވުނެވެ.
* * * * * * * * * * * *
އާޔަން އާރމީއަށް ވަނީ ތިންއަހަރަށެވެ. އާޔަން ތިންއަހަރު އާރމީއަށް ހިދުމަތް ކޮށްފައި އައިރު ވަރަށްވެސް ރީއްޗެވެ. ކަސްރަތީ ހަށީގަނޑަށްވަނީ އިތުރު ބާރެއް ލިބިފައެވެ. ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ. އާޔަން ފެންނަ ކޮންމެ އަންހެނެއް ދީވާނާކޮށްލާފަދަ ހައިބަތެއް ލިބިފައިވެއެވެ. ތުނި ތުނބުޅިއެއް ބަހަށްޓާފައި ވާއިރު ރީތިކަން އިތުރުވެފައި ވެއެވެ.
އަރީނާގެ އުމުރުން މިހާރު ބާރަ އަހަރުވީއެވެ. އަރީނާއަށް ޒޫނާ ވަނީ ނޫރާގެވާހަކަ ކިޔައިދީފައެވެ. ނޫރާދެކެ އޭނަ ބައްޕަވާލޯބީގެ ފުންކަންވެސް އިހުސާސުވާވަރަށް އެވާހަކަ ޒޫނާވަނީ އަރީނާއަށް ކިޔައިދީފައެވެ. އަދި ނޫރާގެ ފޮޓޯއާ ކައިވެނީގެ ފޮޓޯތަށްވެސް ޒޫނާވަނީ އަރީނާއަށް ދައްކާފައެވެ. އަރީނާއަށް އޭނަބައްޕައާއި އެންމެ ގުޅޭ އަންހެނަކަށްވީވެސް ނޫރާއެވެ. މަންމައަށް ވުރެ ރީތިވެފައި ދެމީހުންގެ ރީތިކަންވެސް އެހާގުޅޭތީއެވެ.
އާޔަންއާއި ކޮންމެވާހަކައެއް ދައްކުމަކީވެސް އަރީނާއަށް މާބޮޑުކަމަކަށް ނުވެއެވެ. އާޔަންވެސް އަރީނާދައްކާވާހަކަ އަޑުއަހާތީ ބައްޕަ އާއި ނުދައްކާ ހުންނާނެ އެއްވެސް ވާހަކައެއް އަރީނާގެ ނޯވެއެވެ. ސްކޫލުގައި އުޅޭއިރު ރީތިވާ ފިރިހެން ކުއްޖެއްގެ ވާހަކަވެސް އަރީނާ އޭނަގެ ބައްޕައާއި ހިއްސާ ކޮށްލައެވެ. ޒޫނާއާއި ނުދައްކާ އެތައްވަހަކައެއް އާޔަންއާއި އަރީނާ ދައްކައެވެ. އާޔަން ވެސް އަރީނާއާއި ވާހަކަ ދައްކަނީ ގާތް ރައްޓިއްސަކާ ވާހަކަ ދައްކާ ގޮތަށެވެ. އެހެންކަމުން ދެމީހުން އެކަކު އަނެކަކާ ދިމާކޮށްވެސް ހަދާލައެވެ.
” ޑެޑީ ޝީ ލުކްސް ޕްރިޓީ. ޑެޑީއާ ވަރަށް ގުޅޭ. ދޭބަލަ ގޮސް ވާހަކަ ދައްކާލަން.” މަގުމަތީ ހުރި ތާކު އަރީނާ ގޮވައިގެން އާޔަން ކާން އިންދާ ޖެހިގެން ހުރި މޭޒުކައިރީ އިށީނދެގެން އިން ކޮރެއާ އަންހެނެއް ދައްކާލަމުން އަރީނާ ބުންޏެވެ.”
” އެކަމު ޑެޑީއަކާ ނުގުޅޭނެ.” އާޔަންވެސް އެއަންހެން މީހާއަށް ބަލައިލާފަ ބުނެލިއެވެ. ދެމީހުން އެކަހަލަ ސަމާސާ އަބަދުވެސް ކުރަނީ ޒޫނާ ނެތްތަންތާއެވެ. ޒޫނާ ހުރިއްޔާ އަރީނާވެސް ވަރަށް އަދަބު އިހުތިރާމު ކުރެއެވެ. އާޔަންއާވެސް މުހާތަބު ކުރާނީ އަދަބުވެރިކޮންނެވެ.
އަރީނާއަށް ނޫރާގެ ވާހަކަ އިނގުނު ފަހުން ނޫރާގެ ވާހަކަ އާޔަންކައިރީ ދައްކާކަށްވެސް އަރީނާ ފަހެއް ނުޖެހެއެވެ.
” ޑެޑީ. ދެން ނޫރާ ހޯދަން ޑެޑީވެސް މިހާރު އުޅެންވެއްޖެ އިނގޭ. ދެމީހުން ތެރޭން ކޮންމެސް އެކަކު ގޮތްދޫކޮށްގެން އުޅެވޭނީ.” އަރީނާ ބުންނެލި އެވެ. އާޔަން ހައިރާންވެގެން އަރީނާއާއި ދިމާއަށް ބަލއިލެވުނެވެ. އަރީނާއަށް ނޫރާގެ ވާހަކަ އިނގުނުގޮތާމެދު ސުވާލު އުފެދުނެވެ. އާޔަން ބަލަން ހުރިގޮތުން އަރީނާ ކައިރިއަށް ހިނިއައެވެ.
“ޑެޑީ! ލަދުގަނެފަތަ ތިހުރީ؟” އަރީނާއަށް މަޖާވީ އާޔަން އަދިވެސް އެހުރިގޮތަށް ހުރުމުންނެވެ. އެހެން މީހަކު ނޫރާގެ ވާހަކަ ދައްކައިފިއްޔާ އާޔަން ރުޅިއާދެއެވެ. ނަމަވެސް އަރީނާ ނޫރާގެ ވާހަަކަ ދެއްކުމުން އަރީނާދެކެ ރުޅިއެއްވެސް ނާދެވުނެވެ. އަދި ދުވަހަކުވެސް ނުރުހިގެން އަރީނާދެކެ ރުޅިއައިސްގެން އާޔަން އެއްޗެއް ނުބުނާތީކަންވެސް ނޭގެއެވެ.

31

11 Comments

  1. Faathu

    October 28, 2013 at 11:41 pm

    varah reethi thanks aasi

  2. ނަންނާ

    October 29, 2013 at 10:47 pm

    ފުރަތަމަ ޕާޓުން ފެށިގެން24 މިކިޔާލެވުނީ ވވވވވވވވވވވވވވވވވރީތި ވާހަކައެއް މީ މިވާހަކައިގެ ކުރިއަށް ހުރިބައި ތަކަށް ވަރަށް އިންތިޒާރުކުރެވޭ އިގޭ…. އަވަހަށް އަޕް ކޮއްދެއްޗޭ އާސި

  3. hhhhhhhh

    October 30, 2013 at 6:08 am

    ashi hadhalasvany………i cant wait…….avaha up kurabaaaaa…………

  4. hhhhhhhh

    October 30, 2013 at 6:10 am

    this is the beautiful story i ever read……,p. ,sunga lia aishge vahakathaves rythi,,,,,,,

  5. nau

    October 30, 2013 at 6:10 am

    this is the beautiful story i ever read……,p. ,sunga lia aishge vahakathaves rythi,,,,,,,

  6. lilllly

    October 30, 2013 at 6:13 am

    ashity korea kujetha,,,,,,ehennony…..varah musadhi kujetha……….mivahaka kyma korea daa hiveje,p

  7. shau

    October 30, 2013 at 6:14 am

    avaha up kodhebaaaaaaa

  8. hazu

    October 30, 2013 at 7:19 pm

    Thimeehun mivaahaka kiyaahiyvany araamagu.com in mivaahaka kiyaaba..dhen dhivahi vaahaka sitegavx mivaaahaka eba ulhey..hazu mi vaahaka ky araamagu.com inn

  9. nu

    March 13, 2014 at 3:30 pm

    V habeys…

  10. SAAAAAAA

    October 1, 2014 at 8:11 pm

    V V V REETHI

  11. sheyn

    April 1, 2016 at 10:44 pm

    v hadi

Comments are closed.