ވީމޭ އިންތިޒާރުގައި 25 ވަނަ ބައި
“ޑެޑީ! ލަދުގަނެފަތަ ތިހުރީ؟” އަރީނާއަށް މަޖާވީ އާޔަން އަދިވެސް އެހުރިގޮތަށް ހުރުމުންނެވެ. އެހެން މީހަކު ނޫރާގެ ވާހަކަ ދައްކައިފިއްޔާ އާޔަން ރުޅިއާދެއެވެ. ނަމަވެސް އަރީނާ ނޫރާގެ ވާހަަކަ ދެއްކުމުން އަރީނާދެކެ ރުޅިއެއްވެސް ނާދެވުނެވެ. އަދި ދުވަހަކުވެސް ނުރުހިގެން އަރީނާދެކެ ރުޅިއައިސްގެން އާޔަން އެއްޗެއް ނުބުނާތީކަންވެސް ނޭގެއެވެ.
އާޔަން އެކަމާ އަނގައިން ނުބުނުމުން އަރީނާ އަނެއްކާވެސް މަޖާވެފައި ވާހަކަ ދައްކަން ފެށިއެވެ.
” ޑެޑީ ނޫރާ ހޯދަން ނޫޅެންޏާ އަރީ ދެން ނޫރާ ހޯދާނީ. އަރީއަށް ޓިކެޓް ނަގައިދީ މާލެދާން. އަރީވެއްޖެ މާލެދާން.” އަރީނާ އާޔަންއާއި ދިމާއަށް އެހެން ބުނަމުން އައިސް އެނދުމަތީ އިށީށެވެ. އާޔަންވެސް އައިސް އަރީނާ ކައިރީ އިށީނެވެ.
” ޑެޑީވެސް މާލެދާންވެފަ މިހިރީ މޫސަބޭ އާ ލައި ދައްތައާ މެރީ ކުރަން އުޅެނީ. ދޭ ނީޑް މީ.” އާޔަން އަރީނާއަށް ބަލައިލިއެވެ. “އަރީ ގޮވައިގެން ދާނީ. އެކަމަކު ނޫރާ ފެނުނަސް އެންމެންގެ ތެރޭ ޑެޑީއަށް ގޮވައިގެން ނުވާނެ. ޑެޑީ ލަދުގަންނަ ގޮތަކަށް ކަތްތައް ކޮށްގެން ނުވާނެ އިނގޭ. އަރީއަށް އަންޑަސްޓޭންޑް ވެއްޖެތަ. މީހުންތެރޭ އަމިއްލަ ބައްޕައާ އަންހެން ކުދިންނާ އަޅުވާ ކިއުމަކީ ބޭއަދަބީ ކަމެކޭ.” އާޔަން ބުންޏެވެ.
” އޯ ކަމޯން ޑެޑީ. އައި ނޯ ދެޓް. އައި އޭމް ބިގް ނައު.” އަރީ ބުނެލިއެވެ.
ހަފްތާއެއް ފަހުން އާޔަން އަރީ ގޮވައިގެން މާލެ ދިޔައެވެ. އާޔަން ގޮސް ހުރީ މޫސަމެންގޭގައި އާޔަން ހިފާފައިވާ ތިން ބުރިން އެއްބުރީގައެވެ. މޫސަމެންގެވަނީ ދިހަ ބުރިއަށް ހަދާފައެވެ. އެންމެ ތިރީ ތިންބުރި ވަނީ އާޔަންމެންގެ ކޮމްޕެނީއަށް ދީފައެވެ. ޖެހިގެން އިން ހަތަރުބުރި ވަނީ ކުއްޔައް ދީފައެވެ. ދެން ހުރިބައިގައި އުޅެނީ މޫސަގެ މަންމައާއި ބައްޕައެވެ. ޒީނާއާއި ނާއިފް އަށް ދީފައިވަނީ އެއާ ޖެހުނު ބައެވެ. އެންމެ މަތި ލިބުނީ މޫސައަށެވެ. އެއީ މޫސަ ބޭނުންވިގޮތެވެ. މިހާރު ޒީނާގެ ދެކުދިން ތިބެއެވެ. ބޮޑަށް ހުރީ ފިރިހެން ކުއްޖެކެވެ. ހަގީ އަންހެން ކުއްޖެކެވެ. އަރީނާގެ ކަމަކަށް އޮންނަނީ އެދެކުދިންނާއެކު ކުޅެން އުޅުމެވެ. އަރީނާއަށް ކުޑަކުދިން އުޅޭގޮތް ފެންނަން ފެށީ އަދިކިރިޔާއެވެ. އެކުދިން އުޅޭގޮތް ވަރަށް މަޖާވިއެވެ. އަރީނާގެ ކޮއްކޮއެއް ހުންނަނަމައޭ އަރީނާ ހިތަށްއެރިއެވެ.
މޫސަމެންގެ ކައިވެނި ކުރެވިގެން ދިޔައީ ދަރުބާރުގޭގައެވެ. އާޔަންމެންގެ ފެމިލީގެ ފަރާތުން މޫސަމެންނަށް ދޭންއުޅުނީ ހަނީމޫން ދަތުރެކެވެ. ނަމަވެސް މޫސަމެން އެކަމަށް އިންކާރު ކުރިއެވެ. ހަނީމޫންއަށް ދާން ބޭނުންނުވާކަމަށް ބުނެއެވެ. ދެން މޫސައަށް އާޔަން ހަދިޔާކުރީ އެންމެ ޒަމާނީ ފެރާރީ ނޫ ކުލައިގެ ކާރެކެވެ. އެވެސް މޫސަ ގަބޫލު ނުކުރަން އެތަކެއް ބަހަނާ ދެއްކިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. މިހާރުވެސް އާޔަން ވަނީ މޫސައަށް އެހާގިނަ އެހީވެފައެވެ. މޫސަގެ ކޮޓަރިހެދުމާ ކޮޓަރީގެ ހުރިހާ ސާމާނެއްވެސް ހޯދައިދިނީ އާޔަން ވިއްޔާއެވެ. އާޔަން ކިޔަކިޔަިގެން އެންމެފަހުން ކާރުވެސް ގަބޫލު ކުރީއެވެ.
އާޔަންެމެން ކޮމްޕެނީ ފަރާތުން މޫސަމެންގޭގައި ހުޅުވީ ކުޑަކުދިންނަށް އެހީވާ ފަންޑެކެވެ. އެތަނުގެ ނަމަކަށް އާޔަން ކީ ނޫރު އެއިޑް ފަންޑެވެ. އެއީ އެން.އޭ.އެފް އެވެ. މީހުން އެތަނަށް ކިޔަނީ ނޭފް އެވެ. އެތަނުން ކުރާކަމަކީ ބަލިހާލުގައި އުޅޭ ނިކަމެތި ކުޑަކުދިންނަށް އެހީވުމެވެ. ބޮޑެތި އޮޕަރޭޝަން ތަކާއި ބަލިތަކުން ސަލާމަތްވުމަށް ދެވޭ އަގުބޮޑު ބޭސްތަށް ނެގުމަށް އެތަނުން އެހީވެއެވެ. އެތަނުން ފަންޑު ދެއެވެ. ނިކަމެތިންނަށް އެހީވުމަށް އާޔަންއަށް ކުރެވިފައި ހުރިކަންތައްތަކަށް މިކަންވެސް ވެގެން ދިޔައެވެ. އާޔަންމެނަށް މާތްﷲ ދެއްވާފައިވާ ނިޢުމަތުގެ ބޭނުން އެދެވޭގޮތަކަށް ކުރެވޭތޯ އާޔަންގެ ބައްޕަވެސް މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން އެކި ގައުމުތަކުގައި ހޮސްޕިޓާތަކާއި މިސްކިތްތައްވެސް ބިނާކޮށްފައި ވެއެވެ. އެ މުއްސަނދިކަމަށް ފަނޑުކަމެއް ނައުމުގެ ސިއްރަކީވެސް އެއީކަންނޭގެއެވެ. ބޮޑާނުވެ ﷲ ގެ މަގުގައި މުދާ ހޭދަކުރަމުން ދާތީ އެވެ. އެ މުދަލާ ފައިސާގައި މާތްﷲ ވަނީ ބަރަކާތް ލައްވާފައެވެ.
އެއްމަސް ފަހުން އަރީނާ ކޮރެއާއަށް ފޮނުވާލީ އަރީނާގެ ކިއެވުން ފެށޭތީއެވެ. އާޔަން މާލޭގައި މަޑުކުރީ ކޮމްޕެނީގެ ކަންތައް އަދި ހަމައަކަށް ނޭޅޭތީއެވެ. އާޔަންވަނީ މޫސައާއި އެތަން ބެލުމަށް ހަވާލުކޮށްފައެވެ. އާޔަން މޫސައަށް ވަރަށް އިތުބާރު ކުރެއެވެ.
އަހަރުތަކެއްފަހެވެ. އާޔަންގެ މަސައްކަތަށްވަނީ އެތަކެއް ކުރިއެރުން ލިބިފައެވެ. އެތަށްކުދިންނެއް ވަނީ އެތާ ރަޖިސްޓްރީ ކުރެވިފައެވެ. އަދި އެތައް ކުދިންނަކަށް ވަނީ އެހީތެރިވެދީފައެވެ. މިހާރު މީހުންގެ ތެރޭގައިވެސް މަޤްބޫލު ތަނަކަށް އެތަން ވެއްޖެއެވެ. އަދި މަޑުމަޑުން މަޝްހޫރުވަމުން އާދެއެވެ.
އަރީނާ މިހާރު ކިޔަވަމުންދަނީ މެލޭޝިޔާގައެވެ. އަރީނާގެ އުމުރުން މިހާރު ފަނަރައަހަރު ވެއްޖެއެވެ. ނޫރާ އާޔަން މެންނާ ދުރަށް ދިޔަތާ މިހާރު ނުވައަހަރު ފާއިތުވެއްޖެ އެވެ. އާޔަންގެ ހިތުގައި އަދިވެސް ނޫރާއަށް ދެވިފައިވާ ޖާގަ އޮތްގޮތަށް އޮތީއެވެ. އާޔަން އަދިވެސް ހުރީ އިންތިޒާރުގައެވެ. މީހުންކައިރީ ނުބުނިކަމުގައި ވިއަސް ހިތުގެ އަޑިން ނޫރާއަދި އަންނާނެކަމުގެ އިންތިޒާރު އާޔަން ކުރެއެވެ.
މިހާރު އާޔަންގެ މާމަވެސް އުޅެނީ ވަރަށް ބަލިކޮންނެވެ. މުސްކުޅިކަމުން އެނދުންވެސް ނުތެދުވެއެވެ. އާޔަންގެ މާމަވެސް މިހާރު އުޅެނީ މެލޭޝިޔާގައެވެ. ޒޫނާ އާއި ހަނާއާއި ހަނާގެ ދެކުދިންވެސް މެލޭޝިޔާއަށް ބަދަލުވީ އިސްމާޙްގެ އެދުމުގެ މަތިންނެވެ. އެންމެން އެއްގެއެއްގައި އުޅެނީ ވަރަށް ގުޅިގެންނެވެ. ޒޫނާއަށް ހަނާގެ ދެކުދިން ކިޔަނީވެސް މަންމައެވެ. އާޔަން މަންމަ ކިޔާތީއެވެ. އަދި އާޔަންވެސް މިހާރު ހަނާއަށް ކިޔަނީ އޮމޯނީއެވެ. އެއީ ކޮރެއާ ބަހުން މަންމައެވެ. އާޔަން ބައްޕަފަދައިން އާޔަންވެސް މިހާރު އެކި ގައުމުތަކަށް ވަނީ ދާންޖެހިފައެވެ. އާޔަންގެ ބައްޕަގެ ވިޔަފާރީގައި ހިފަން ހުރި ހަމައެކަނި ފިރިހެން ކުއްޖަކީ އާޔަންއެވެ. ދެންތިބި އަންހެން ދެބެން އެކަމަށް އެހާ ޝައުގުވެރިކަމެއް ނުދެއެވެ.
އާޔަންގެ މާމަ އަމީނާ މިހާރު ވަނީ އާޔަން މީހަކާ އަލުން އިންނަން އަމުރު ކޮށްފައެވެ. އާޔަންގެ މާމަ ބަލިކަމުންނާއި މުސްކުޅިކަމުން އާޔަންއަށް އެކަމާ ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. އެހެންކަމުން އާޔަން އެކަމާ އިންކާރު ނުކުރުމުން އަމީނާ މިހާރު ވަނީ އާޔަން އިންނާނެ ކުއްޖަކުވެސް ހޯދާ ނިންމާފައެވެ. އެއީ އަމީނާގެ މާގާތް ރައްޓިއްސެއް ކަމަށް ބުނާ ހަސީނާގެ ހުރި ދެވަނަ އަންހެން ދަރިފުޅު ލަމްހާއެވެ. އެއީވެސް މުއްސަދި އަދި ކޮރެއާގެ މުސްލިމު އާއިލާއެކެވެ. ލަމްހާއަށްވެސް ހުންނަނީ މާކުރިންވެސް އާޔަން ކަމުގޮއްސައެވެ. އެހެންކަމުން އާޔަން ކާވެންޏަށް ދެކޮޅު ނުހެދުމުން ލަމްހާވެސް ހުންނަނީ ނުލާހިކު ވެފައެވެ. ނަމަވެސް ކައިވެނީގެ ވާހަކަ ދެއްކިފަހުން އަދި ލަމްހާއަށް އާޔަން ފެންނަވަރެއް ނުވެއެވެ. އާޔަން ރަށުގައި ނޫޅޭތީއެވެ. ލަމްހާގެ އާއިލާވެސް މެލޭޝިއާއަށް އައީ އަމީނާގެ އެދުމުގެމަތިން އަވަހަށް ލަމްހާގެ ކައިވެނި އާޔަންއާއި ކުރާވާހަކަ ދެއްކުމުންނެވެ. އެކައިވެނި ކުރަން އުޅޭތީ އެކަމާ އެންމެ އިންކާރުކޮށް ނުރުހިފައި ހުންނަނީ އަރީނާއެވެ. އަރީނާއަށް ލަމްހާއެއް އެއްވެސް ގޮތަކަށް ކަމަކު ނުދެއެވެ. ބައްޕައަށް އެންމެ ގުޅޭ އެންމެ ރަގަޅު ކުއްޖަކީ ނޫރާއެވެ. އެނޫން މީހަކާ އެއްކޮން ބައްޕަ އުޅޭކަށް އަރީނާ ބޭނުމެއްވެސް ނުވެއެވެ. އެކަމާ މިހާރު ހަލްމޮނީ ކައިރީވެސް އެވާހަކަ ދައްކައިފިއެވެ. ނަމަވެސް ހަލްމޮނީ ދިން ޖަވާބުން އަރީނާ ވަނީ އިތުރަށް ހިތްހަމަ ނުޖެހިފައެވެ.
“ޑޭޑް! ދެން ހަލްމޮނީ ކައިރީ ބުނެބަލަ ޑެޑް ބޭނުމެއް ނޫނޭ މެރީ ކުރާކަށް. ޕްލީސް ބުނެބަލަ.” އަރީނާ ކޮޓަރި އެނދުމަތީ ދެފައި ވައްކޮށްލައިގެން އިނދެ އާޔަންއާ ފޯނުން ވާހަކަ ދައްކަމުން ގެންދެއެވެ.
“އަރީ. އައި ކާންޓް. ދެން އެމީހުން ކުރާކަމެއް ކުރަން ބަހަށްޓަބަލަ. ހަލްމޮނީ އިޒް ރިއަލީ ސިކް. ހަލްމޮނީ ދެރަކުރާކަށް ޑެޑީ ބޭނުމެއްނޫނޭ.” އާޔަން ބުންޏެވެ. އޭރު އާޔަން އިނީ އޮފީހުގައި ފައިލްތަކެއްގައި ސޮއިކުރާށެވެ.
“ޑެޑީ. ޔޫ އާރ ސްޓުޕިޑް. ނޫރާ ފެނުނީމަ އަނެއްކާވެސް ނޫރާ ދުރަށް ދާނީ ޑެޑީ މެރީ ކޮށްގެން އުޅެންޏާ.” އަރީނާ ބުންޏެވެ.
” މިހާރުވެސް ދުރުގައެއްނު އެހެރީ. ޑޯންޓް ޓޯލްކް އަބައުޓް ހަރ. އަރީ ނޫރާ ބޭނުންނަމަ ނޫރާ އަންނަހާ ދުވަސް ވެއްޖެނު މިހާރު. ޑެޑީގެ ލައިފް ހުސްކޮން ވޭސްޓް ކޮށްލަންތަ އަރީ ބޭނުމީ؟” އާޔަން އެހެން ބުނެލީ ކޮންމެހެން އާޔަންގެ ހިތުގައި އެހެން އޮވެގެނެއް ނޫނެވެ. އާޔަން އަދިވެސް ނޫރާއަށް އިންތިޒާރު ކުރެއެވެ. ނަމަވެސް މީހުނަށް އެކަން އިނގޭކަށް އާޔަން ބޭނުމެއް ނޫނެވެ. އަދި އަމުދުން އަރީގެ ކުރިމަތީ ނޫރާއަށް އިންތިޒާރުކުރާކަން ދައްކާކަށް އާޔަން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.
“ޑެޑީ! ވީކެން ފައިންޑް ހަރ. ކަމޯން ޑޭޑް.” އަރީނާ އެނދުމައްޗަށް ބަންޑުން ވެއްޓި ގަތެވެ.
” ނައު އައިގޮޓް ބިޒީ. އެހެން ފަހަރަކުން ގުޅާނަން. ލަވް ޔޫ. ބާއި.” އެވަގުތު އާޔަންގެ އޮފީސްކޮޓަރިއަށް މޫސަ ވަދެގެން އައިތަން ފެނުމުން އާޔަން ބުންޏެވެ. އަދި އަވަހަށް ފޯނު ކަނޑާލަމުން މޫސައާއި ދިމާއަށް އެނބުރުނެވެ.
“ކޮންގްރެޖުލޭޝަން މޫސާ! މިހާރު ލައި ކިހިނެއް؟ ބޭބީ ވެސް ރަގަޅުދޯ.” އާޔަން ވަރަށް ހެވިފައި އިނދެ އަހާލިއެވެ.
“އާން. އިރާދަކުރެއްވިއްޔާ މިހާރު ރަގަޅު. މާދަމާ ގެއަށްވެސް ފޮނުވާލާނެ. އާޔަން ނައިސްގެން މަންމަ މިއަދު އެވާހަކަ ދެއްކި. މޫސަ ބުނިން ވަރަށް ބިޒީކޮންނޭ އުޅެނީ.” މޫސަ ގޮނޑީގައި ހަމަޖެހިލިއެވެ.
“މާދަމާ ލައި ގެއަށް އައިމަ އިރާދަކުރެއްވިއްޔާ އާޔަން ލައިކައިރިއަށް ދާނަން.” އާޔަން މޫސައަށް ބަލައިލިއެވެ. “އަރީ މިކޮޅަށް ގެންނަން މިއުޅެނީ ދުވަސްކޮޅަކަށް. އަރީގެ ކިއެވުން ނިމިއްޖެ. ދެން ޔުނިވާރސިޓީއަށް ދިއުމުގެ ކުރިން ދުވަސްކޮޅަކު މާލޭގަ ބަހަށްޓާލަންކަމަށް މި ވިސްނަނީ.” އާޔަން ބުންޏެވެ.
“އަރީ ބުނި އާޔަން މެރީ ކުރަން އުޅޭވާހަކަ. އެއީ ތެދެއްތަ؟” މޫސަ ގޮނޑީގެ އެއްފަރާތަކަށް ޖެހިލަމުން އެހިއެވެ.
“އަރީ…. އަރީ ބުނީ ދޯ މިހާރު. އެއީ ހަލްމޮނީ ކަންތައް. ދެން އާޔަންވެސް ކޮންމެހެން އެކަމާ ދެކޮޅު ނުހެދީ ހަލްމޮނީ ބަލިވެ އުޅޭތީ.” އާޔަން ބުންޏެވެ. “އަރީ އެކަމާ އެހާ ގަބޫލެއް ނޫން. ”
“އާން. އަރީ ބުންޏޭ. އަރީ ވަރަށް ފޫހިވާ މީހަކާއޯ ޑެޑީ މެރީކުރަން އެއުޅެނީ. ކާކުތަ އެއީ؟” މޫސަ އެހިއެވެ.
“އެއީ އާޔަންއަކަށްވެސް މާބޮޑަކަށް ނޭގެ. ލަމްހާ ކިޔާ މީހެއްއެއީ. ހަލްމޮނީގެ މާގާތް މީހެއްގެ ދަރިއެއް.” އާޔަން ބުންޏެވެ.
“މޫސަ ބުނަންތަ ވާހަކައެއް. އަސްލު މޫސަވެސް އެހާ ޤަބޫލެއްނޫން ތިކަމަކާ. ހިނގާބަލަ ނޫރާ ހޯދަން މަސައްކަތްކުރަން. އާޔަންމެން އުޅެފިއްޔާ ކޮންމެތާކުންވެސް ނޫރާ ހޯދިދާނެ. ހިނގާބަލަ. ނޫރާ އަސްލު އަދިވެސް އެހުންނަނީ މިސްއަންޑަރސްޓޭންޑިން އެއްގެ ތެރޭގަނު. ތި ކައިވެނި ނުކޮށް އެކަމާ އުޅެން ހިނގާބަލަ.” މޫސަގެ ހިތްބުނާގޮތަށް މޫސަލަފާ ދިނެވެ.
” ނޯ މޫސާ. ނޫރާއަށް އާޔަން މިހާރު ވެއިޓްއެއް ނުކުރަމޭ. ދެން ނޫރާގެ ވާހަކަ ނުދައްކާތި. ނޫރާ އަދިވެސް ބޭނުންނަމަ ނޫރާއަށް އާދެވޭނެނު. އާޔަންގެ ފޯނު ނަންބަރ ވެސް އާޔަން ޗޭންޖު ނުކޮށް މިހުންނަނީވެސް ނޫރާ ގުޅާފާނެކަމަށް. އެކަމަކު ނުގުޅިއެއްނު. ނޫރާއަށް ދުވަސް ދެވިއްޖެނު. ނުވައަހަރުވެގެން މިދަނީ.” އާޔަން ގޮނޑީގައި ހަމަޖެހިލިއެވެ.
މޫސަވެސް އިތުރަށް އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ. މޫސަ ދެންފެއްޓީ ވިޔަފާރީގެ ވާހަކައެވެ. ދެމީހުން ވާހަކައިގައި އިރުކޮޅަކު ތިބުމަށްފަހު އާޔަންވެސް ތެދުވީ ކޮޓަރިއަށްގޮސް ފެންވަރާލާ ނަމާދުކޮށްލާ ހަދާލާށެވެ. އެއް އިމާރާތެއްގައި ހުރިހާތަނެއް ހުންނާތީ އާޔަންއަށް ވަރަށް ފަސޭހައެވެ. އަދި ހަމައެފަދައިން މޫސައަށްވެސް އެހާ ފަސޭހައެވެ. އާޔަން ކޮޓަރިއަށްގޮސް ފެންވަރާލައިގެން އައިސްނަމާދަށް އެރިއެވެ. ނަމާދު ނިމިގެން ނޫރާ ހެޔޮހާލުގައި ވުމަށްއެދި ހިތާހިތުން ދުޢާ ކުރިއެވެ. މީހުންކައިރީ ކޮންމެ އެއްޗެއްކިއަސް ހިތުގައި ވަނީ އަދިވެސް ނޫރާއެވެ.
ވިއްސާރަ ރެއެކެވެ. އާޔަން ކޮންމެހެންވެސް އެރޭ އެއަރޕޯރޓަށް ދާންޖެހެއެވެ. އާޔަން ގޮވައިގެން ކާރުގައި މޫސަ ފެރީ އާއިހަމައަށް ދިޔައިރުވެސް ބޯކޮން ވާރޭވެހެމުން ދެއެވެ. ވައިވެސް ގަދަވެފައި ކަނޑުވެސް ގަދައެވެ. އާޔަން ލާފައި މޫސަ ދިޔައީއެވެ.
އާޔަން އެއަރޕޯޓަށްގޮސް ހުއްޓިލައިގެންހުރީ އަންނަމީހުން ނުކުންނަދޮރާދިމާލުގައެވެ.
“އައްސަލާމްއަލައިކުން އާޔަން.” މީހަކު އައިސް އެހެން ބުނުމުން އާޔަން ބަލައިލިއިރު ދާދިކައިރީގައި ހުދުގަމީހަކާއި މުށި ސޯޓެއްލައިގެން ފާޒިލް ހުއްޓެވެ. ފާޒިލްގެ ކަރުގައި އަޅާފައިވާ ކާރޑުންވެސް ފާޒިލް އައިސް އުޅޭ ބޭނުންއެނގެއެވެ.
” ވައަލައިކުމުއްސަލާމް. ފާޒިލް ކިހިނެއްތަ. ހާދަ ދުވަހެއްފަހުންނޭ މި ބައްދަލުވީދޯ!” އާޔަން ފާޒިލްއާއި ސަލާމް ކޮށްލިއެވެ. އަދި ހިނިތުންވެލަމުން ބުނެލިއެވެ.
” މިތާ ކާކު އަންނާތީ ތިހިރީ؟” ފާޒިލް އަހާލިއެވެ.
” ދަރިފުޅު. އާޔަންގެ ދަރިފުޅު އަންނާތީ މިހިރީ. ފާޒިލް މިހާރު ލައިފް ކިހިނެއްތަ؟ މީހަކާ އިނީތަ؟” އާޔަން އަހާލިއެވެ.
” އާން. އެކަންކޮއްފިން. ވައިފްވެސް ޕްރެގް މިހާރު. އާޔަންގެ އެއްކަލަ ދަރިފުޅުތަ؟ އެމަންޖެ ވަރަށް ބޮޑުވެދާނެދޯ މިހާރު.” އާޔަންމެންގެ ވާހަކަ ފާޒިލްއަށް ދޭތެރެދޭތެރެއިން އަޑުއިވެއެވެ.
” އާން. މިހާރު ފަނަރަ އަހަރު ވެއްޖެ.” އާޔަން ބޯޖަހާލަމުން ބުންޏެވެ.
” ތިރީސް އަހަރަށް އެޅިއިރު ފަނަރަ އަހަރުގެ ދަރިއެއްހުރޭ. ރަގަޅެއްނުދޯ.” ފާޒިލް ބުނެލިއެވެ. ” ކުރީދުވަހު ނޫރާދެކުނިން.”
އާޔަންއަށް ފާޒިލްގެ ލޮލަށް ބަލައިލެވުނެވެ. ” ކޮންތާކުން؟ ” އާޔަން ބުނަން ހިތަށްއަރާފައިވެސް ދުލުން އެންމެބަހެއްވެސް ބޭރެއްނުވިއެވެ.
” އަހަރުމެން ލަންކާއިން އައިއިރު ނޫރާވެސް އައީ އެ ފުލައިޓުން.” ފާޒިލް އާޔަންއަށް ބަލަން ހުރެ ބުނެލިއެވެ. ހީވީ އާޔަންގެ ހިތުގައިވާ އެއްޗެއް ފާޒިލްއަށް އިނގުނީހެނެވެ.
” ކޮންއިރަކު؟ ” އަނެއްކާވެސް އާޔަން އަހަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ނޭހުނެވެ. ނަމަވެސް މިފަހަރުވެސް ފާޒިލް އެގެޖަވާބުދިނެވެ.
” އެއީ މީގެ ދެތިން ދުވަސް ކުރިން. އެކަމަކު ނޫރާއާ އެއްކޮން ހުރި ކުޑަވަރެއްގެ ފިރިހެން ކުއްޖެއްވެސް. އަށް އަހަރަކަށްދާ ކުއްޖެއް އެއީ. ނޫރާއާ ވައްތަރުގޮތެއްވެސް ހުރި. ނޫރާގެ ދަރިއަކަށް ވެދާނެހެން ހީވާތީ ވަރަށް އަހާލާހިތުން ހުއްޓާވެސް އެކަން ވާގޮތެއް ނުވި އެދުވަހަކު.” ފާޒިލް ބުންޏެވެ.
“އަށް އަހަރުގެ ކުއްޖެކޭ؟” އާޔަންއަށް ބުނެވުނެވެ. އާޔަންއަށް ހިންދިރުވާލެވުނެވެ. “ކީކޭ ތިބުނީ؟” ގަބޫލު ނުކުރެވިފައިހުރެ އާޔަން އަހާލިއެވެ.
” ފަހަރެއްގައި ނޫރާ ދިޔައިރު ޕްރެގް ކަމަށް ވެދާނެތަ؟ އެހެން ވެދާނެތަ؟” ފާޒިލް އަހާލިއެވެ.
އާޔަން ފާޒިލްއާއި ދިމާއަށް ބަލަން ހުއްޓެވެ. އެއަށްދޭނެ ޖަވާބެއްވެސް އާޔަންއަކަށް ނޭގެއެވެ. އެއީވެސް ވެދާނެ ގޮތެކެވެ. އެކަމަކު ނޫރާ އެހެންހަދާފާނެ ހެއްޔެއްޔެވެ. ނޫރާއަށް އެނގިހުރެ އެފަދަ ހާލަތެއްގައި އާޔަންއާއި ދުރަށް ގޮސްދާނެ ހެއްޔެވެ.
” ޑެޑީ… ޑެޑީ!” ބުރަކަށީގައި ދަބަހެއް އަޅުވައިގެން ހުރި ރީތި ޒުވާން އަންހެންކުއްޖަކު ގޮވާލިއަޑަށް ފާޒިލްއާއި އާޔަން އެދިމާއަށް ބަލައިލިއެވެ. ފާޒިލްއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެކުއްޖާ ރީތިވީމައެއް ނޫނެވެ. އާޔަންއާއި ވައްތަރުކަމުންނެވެ. ދިގު އިސްތަށިގަނޑު ފިރިހެނެއްހެން ކޮށާލައިފިނަމަ އާޔަންއާއި ނުހަނު ވައްތަރުވާނެއެވެ. އަނެއްކާ އެހާރީތިވެފައި އިސްކޮޅުންވެސް ދިގުކޮން ހުރުމުން އާޔަންގެ އެހާބޮޑު ދަރިއެއް ހުރެދާނެކަމަކަށް ގަބޫލެއްވެސް ނުކުރެވޭނެއެވެ.
” އަރީ.” އާޔަން އަރީނާއާއި ދިމާއަށް ދަމުން ގޮވާލިއެވެ. އަރީނާ އައިސް އާޔަންގައިގައި އޮޅުލައިގަތެވެ.
” އަރީ. މިހިރީ ޑެޑީގެ ފްރެންޑެއް. ފާޒިލް.” އަރީނާއަށް ފާޒިލް ތައާރަފް ކޮށްދެމުން އާޔަން ބުންޏެވެ. އަރީނާ ހިނިތުން ވެލަމުން ބޯ ގުދުކޮށްލާ ފާޒިލްއާއި ސަލާމް ކޮށްލިއެވެ. އެވަގުތު ގެސްޓުންތަށް ނުކުންނަން ފެށުމުން ފާޒިލްވެސް ދަނީއޭ ބުނެފައި ހިގައްޖެއެވެ.
އަރީނާ ގޮވައިގެން އާޔަން ފެރީއަށް އެރިއިރުވެސް ތުނިކޮން ވަރޭވެހެމުންދެއެވެ. އަދިވެސް އެހާވަރަށް ވައިގަދައެވެ. އެހެންކަމުން ކަނޑުވެސް ވަރަށްގަދައެވެ. އަރީނާ ފެރީގައި އިނީ އާޔަންގައިގައި ބާރަށް ހިފަހައްޓައިގެންނެވެ. އަރީނާ އިނީ ވަރަށް ބިރު ގަނެފައެވެ. ފެންނަމީހުނަށް އާޔަންއަކީ އަރީނާގެ ބައްޕަކަމަކަށްވެސް ލަފާކޮށް ނުލެވޭނެއެވެ. އާޔަން އެހާ ޒުވާންކަމަށް ދައްކައެވެ.
” ޑެޑީ! ޑެޑީ ބުނެގެން އަރީ އެހާގިނަ ހެދުމެއް ނުގެންނަން. ދެން އަރީ ހެދުން ގަންނަން ދާންޖެހޭނެނު. ޑެޑީތަ ދާނީ އަރީއާ އެއްކޮން ހެދުން ގަންނަން. ލައިދައްތައަކަށް ނުދެވޭނެނު. ޒީ ދައްތަވެސް ބިޒީ ވާނެނު. ދެން ޑެޑީ ދޯ ދާނީ.” އާޔަން ނިދަން އޮށޯވެގެން އޮއްވާ އަރީނާ އެކޮޓަރިއަށް ވަދެފައި ބުންޏެވެ. އަރީނާކިޔާ އެއްވެސް އެއްޗެއް އާޔަންއަކަށް ނީވެއެވެ. އާޔަން އޮތީ މިއަދު ފާޒިލް ދެއްކި ވާހަކައާމެދު ވިސްނާށެވެ.
” ޑެޑީ! އަޑުއިވޭތަ؟” އަރީނާ އެނދުކައިރިއަށް އައިސް ބާރަށް ބުނުމުން އާޔަން ދިޔައީ ސިއްސައިގެނެވެ. އަރީނާ ކައިރިއަށް ހިނިއައެވެ.
” ކކިހިނެއްވެފަ ޑެޑީ ތިއޮތީ؟ ނޫރާގެ ހިޔާލުގަނު ތިއޮންނަނީ؟ އަރީ ދައްކާވާހަކަ އަޑެއްވެސް ނީވޭނު؟” އަރީނާ އާޔަންގެ މަގަތުން އެނދުގައި އިށީންނަމުން ބުންޏެވެ.
” އަރީ…. ދޭބަލަ ދެން ނިދަން. އަރީއަށް ޑެޑީ ތައްޔާރުކޮށްފަ އެހެރީ ޖެހިގެން ހުރި ކޮޓަރި. ވަރަށް ލަސްވެއްޖެ މިހާރު. ދޭބަލަދެން ނިދަން.” އާޔަން އަރީނާއާއި ދިމާއަށް ބުންޏެވެ.
އަރީނާވެސް އިތުރަށް ވާހަކަ ދައްކަން ނަހަދާ އަވަހަށް އެކޮޓަރިން ނިކުމެގެން ހިގައްޖެއެވެ. އާޔަން އެތައް ދަމެއް ވަންދެން ފާޒިލް ބުނި ވަހަކަތަކާ މެދު ވިސްނަން އޮތެވެ.
ނޫރާ އެހެން ހަދާފާނެބާއެވެ. ނޫރާ ހޯދަން އާޔަން ބޭނުންވެއްޖެއެވެ. މިވީހާ ދުވަހު ދުވަހަކުވެސް ނޫރާ ހޯދަން އާޔަން ހިޔާލުވެސް ނުކުރެއެވެ. ނަމަވެސް ގޮތްދޫކޮށްގެން އެކަން ކުރަންވީއެވެ. ނޫރާގެ ދަރިއެއް ހުރިއްޔާ އެއީ އާޔަންގެ ދަރިއެއްކަން ޔަގީނެވެ. ނޫރާއާއި އެކު އާޔަން ހޭދަކޮށްފައިވާ ލޯބީގެ ދުވަސްތައް ހަދާނަށް އަންނަމުން ދާންފެށިއެވެ. ދެމީހުން އެއްކޮން ކޮށްފައިވާ މަޖާ ކަންތައްތައް ހިތަށް ވަނުމުން ބައެއްފަހަރު އާޔަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވަމުން ދެއެވެ. އަނެއްބައި ފަހަރު ސީރިއަސްކަން އެމޫނުން ފާޅުވެއެވެ. އެކަހަލަ ހިޔާލުތަކެއްގައި އޮއްވާ ނިދުނު އިރެއްވެސް ނޭގެއެވެ. ހޭލެވުނީ އަރީނާ އައިސް ނަމާދަށް ހޭލާށޭ ކިޔާ ކޮވާއަޑަށެވެ. އާޔަން ތެދުވެ ވުލޫކޮށްލައިގެން ނިކުމެގެން ދިޔައީ ކައިރީގައި ހުރި މިސްކިތަށް ނަމާދަށެވެ. ތިރިއަށް ފޭބިއިރު ނާއިފްއާއި ދިމާވިއެވެ. ފަތިސް ގަޑިކަމުން ނާއިފް ހުރީ ހަރުވާޅަކާ ޓީޝާރޓެއް ލައިގެނެވެ.
” އެއްކަލަ ފާތު އައިސް އެބައުޅޭ. މި ހުރިހާދުވަހު ފިރިމީހާގެ ރަށުގަ އުޅެފަ އެއައީ. މިހާރު ހުންނަނީ މޫނު ބުރުގާ އަޅާފަ.” ނާއިފް އާޔަން ކައިރީ ބުންޏެވެ.
” އެހެންތަ. އާޔަން މެންނާ މީޓެއް ނުކުރާނެތަ؟ ހިނގަބަލަ ގެޓްޓުގެދަރ އެއް ބާއްވަމާ.” އާޔަން ބުންޏެވެ.
” ފާތުގެ އާއިލާ ވަރަށް ބޮޑޭ މިހާރު. ހަތަރު ކުދިން އެބަތިބި އަނެއްކާ މިހާރުވެސް އިނީ ބަލިވެ ކަންނޭގެ. ” ނާއިފް ބުންޏެވެ.
” ހަމަތެދެއްތަ. އަލްހަމްދުލިﷲ ކިހާރަގަޅުދޯ. އާޔަންވެސް ވަރަށް ބޭނުން ބައިވަރު ކުދިން.” އާޔަން ބުންޏެވެ.
” އާޔަންވެސް ޖަޕާނު މަހެއް ހޯދަބަލަ. އޭރުން ވާނެ ތިކަން.” ނާއިފް ސަމާސަ ރާގަކަށް ބުނެލިއެވެ. އޭރު މިސްކޮތަށް ވަދެވިއްޖެއެވެ.
ހެދުނު ދިހައެއް ޖެހިއިރު އަރީނަ ހުރީ މަޖީދީމަގުގެ ސެންޓުވިއްކާ ފިހާރައެއް ތެރޭގައެވެ. އާޔަން ކައިރީ އަރީނާއާއި އެކު ބާޒާރަށް އަންނަން ބުނުމުން އެކަނި ގޮސް ބާޒާރު ކޮށްލުމަށް އާޔަން ބުންޏެވެ. އަރީނާއަކީ އެއްވެސް ކަމަކަށް ފަސްޖެހޭ ކުއްޖެއްނޫނެވެ. ކޮންމެކަމެއްވެސް ކުރަން އަރީނާއަށް ކެރޭނެއެވެ.
ފަހަރަކު ސެންޓު ފުޅިއަކުން ވަސްބަލަ ބަލާފައި އަރީނާ އުޅެނިކޮން ފަހަތުން މީހަކުއައިސް ޖެހިގަތުމާއެކު އަތުގަ އޮތް ސެންޓުފުޅި ވިއްސައިގެންގޮސް ބިންމައްޗަށްވެއްޓި ތެޅިއްޖެއެވެ. އަރީނާ އެދިމާއަށް ބަލައި ނުލެވިގެން އުޅެނިކޮން ފަހަތުގައި ހުރިމީހާ ވާހަކަ ދައްކަން ފެށިއެވެ.
” ޝިޓް! …. ވަރަށް ބޮޑަށް ސޮރީ. އަސްލު ގަސްތުގަ ވީކަމެއްނޫން ތީކީ.” ފަހަތުގައި ހުރި މީހެއްގެ އަޑު އައުމުން އަރީނާއަށް އެއަޑު ވަރަށް ކަމުދިޔައެވެ. އެހާމެބަރު ފިރިހެންވަންތަ އަޑެކެވެ. އެއީ އަނެއްކާ ކާކުބާއެވެ. އަރީނާ ފަހަތަށް ބަލައިލިއިރު ރީތި ފިރިހެން ކުއްޖެއް އަރީނާއާއި ދިމާއަށް ބަލަން ހުއްޓެވެ. އެކުއްޖާގެ އަޅިކުލައަކަށްދާ ލޮލުގައިވާ ވިދުން ވަރަށްވެސް ރީއްޗެވެ. ބެލުމުގައި ތޫނު ގޮތެއް ހުއްޓެވެ. އެހާދޮން ނޫނަސް އެއީ ކަޅު ކުއްޖަކަށް ނުކިޔާނެއެވެ. މީގެކުރިން އަރިނާއަށް އެހާ ހިތްގައިމުގޮތެއް ހުރި ކުއްޖެއް ފެނިފައެއް ނުވެއެވެ.
” އައި އޭމް ރިއަލީ ސޮރީ. އިޓް ވޯސް ޖަސްޓް އެން އެކްސިޑެންޓް. އައި އޭމް ރިއަލީ ސޮރީ.” އެކުއްޖާއަށް އަރީނާގެ މޫނު ފެނުމުން އިރުކޮޅަކު ހުއްޓިފައި ހުރުމަށްފަހު ބުންޏެވެ. އަރީނާއަށް ދިވެހި ނޭގޭނެކަމަށް އެކުއްޖާ މާފަށް އެދެންފެށީ އިނގިރޭސިންނެވެ.
” އިޓްސް އޮކޭ. ” އަރީނާ ބުނެލިވަގުތު އެ ފިހާރައިގެ މުއަށްޒަފެއް އައިސް ތެޅުނު ސެންޓުފުޅިއަށް ފައިސާ ދޭންޖެހޭނެކަމަށް ބުންޏެވެ.
” އައިވިލް ގިވް ދެޓް. ” އަރީނާ ބުންލިއެވެ. އަދި ކިހާވަރެއްތޯ އެހުމުން ހަތްހާސް ރުފިޔާކަމަށް ބުނެޏެވެ. ޖެހިލުމެއް ނެތި އަރީނާ އެއަށް ލާރިދައްކަން އުޅުމުން އެފިރިހެން ކުއްޖާ ހުރީ ހައިރާންވެފައެވެ. އަދި އަރީނާއަށް އެތަކެއްފަހަރު ޝުކުރު އަދާކުރިއެވެ. އަރީނާ ބޭނުންވީ އިތުރަށް އެފިރިހެން ކުއްޖާއާއި ރައްޓެހިވެލާށެވެ. އެހެންކަމުން އައިސް ކްރީމް ދިނުމަށް އެފިރިހެން ކުއްޖާކައިރީ އަރީނާ އެދުނެވެ. މާފު ދެވޭނީ އޭރުން ކަމަށް އަރީނާ ބުންޏެވެ.
” އޯކޭ. ލެޓްސްގޯ.” އެ ފިހާރައިން ނިކުންނަމުން އެ ފިރިހެން ކުއްޖާ ބުންޏެވެ. “ބައިދަވޭ މައި ނޭމް އިޒް އަތޫފް އަހުމަދު. މައި ފްރެންޑްސް ކޯލް މީ އާތު. އައި އޭމް އަ މޯލްޑިވިއަން.”
” އެންޑް މައި ނޭމް އިޒް އަރީނާ އާޔަން. ޔޫ ކެން ކޯލްމީ އަރީ. އެންޑް އައި އޭމް ކޮރެއަން އެންޑް އަ މޯލްޑިވިއަން ޓޫ.” އަރީނާވެސް ކުޑަކޮން ތައާރަފް ވެލިއެވެ. އަތޫފް ހައިރާންވެފައި ހުރެ އަރީނާއަށް ބަލައިލިއެވެ. އެއީ ރާއްޖޭ ކުއްޖެކޭ އެބުނީ ކީއްވެ ހެއްޔެވެ. އަތޫފް ހިތަށް އެރިއެވެ.
ކައިރީގައި ހުރި ރެސްޓޯރެންޓަކަށް އަރީނާ ގޮވައިގެން އަތޫފް ވަނީ އަރިނާއަށް އައިސްކުރީމް ގަނެދޭށެވެ. މޭޒެއްކައިރީ އިށީނުމުން ވެއިޓަރ އައިސްފިއެވެ. ދެ އައިސްކްރީމްއަށް އަތޫފް އޯޑަރު ދިނެވެ.
” މިތާ ހުންނަނީ އެންމެ ވައްތަރެއްތަ؟” އަރީނާ އިނދެފައި ދިވަހިން ފަރިތަކަމާއެކު އަހާލި ސުވާލުން އަތޫފްގެ އަނގަ ހުޅުވުނެވެ. އަޖައިބުވެގެން އަރީނާއާއި ދިމާއަށް ބަލަން އިރުކޮޅަކު އިނދެވުނެވެ.
” އެންމެ ފްލޭވަރ އެއްތަ މިތާ ހުރީ؟ ބްލޫބެރީ އައިސްކްރީމްއެއް ނެތްތަ މިތާކު؟” އަރީނާ އަނެއްކާވެސް އެހިއެވެ.
” އާން….ހިއެއްނުވޭ.” ހައިރާންވެފައި އިން އަތޫފް ޖަވާބު ދިނެވެ. ” ތިހާ ރީތިކޮން ދިވެހި ދަސްކުރީ ކިހިނެއް؟” އަތޫފްއަށް އަހާލެވުނެވެ.
” ދިވެއްސަކަށް ވީމަ ދަސްވާނެނު. ބުނީމެއްނު ދިވެއްސެކޭމީ. އަރީގެ ޑެޑީއަކީ ހާލްފް ކޮރެއާ މީހެއް. އަރީގެ މަންމައަކީ ރާއްޖޭ މީހެއް. މާމައަކީވެސް ރާއްޖޭ މީހެއް. އަރީ އަކީ ދެބައި އަރީގެ ޑެޑީ ގޮތަށް.” އަރީނާ ބުންޏެވެ.
“އެހެންތަ. ރާއްޖޭގަތަ އުޅެނީ؟” އަތޫފް އަހާލިއެވެ.
“ނޫނޭ. ކޮރެއާގަ. މިހާރު އުޅެނީ މެލޭޝިޔާގަ ކިޔަވަނީ.” އަރީނާ ބުންޏެވެ. “އަރީ ވަރަށް ކުޑައިރު ރާއްޖޭގަ އުޅުނީ. އަރީގެ ރައްޓިއްސެއްވެސް ނުހުންނާނެ ރާއްޖެއަކު. އެހެންވެ ވަރަށް ދެރަވޭ.” އަރީނާ ބުންޏެވެ.
” ތިހެން މިހާރަކު ނުބުނެވޭނެނު. ކާންޓް އައި ބީ ޔުއަރ ފްރެންޑް؟” އަތޫފް އެހިއެވެ.
” އަސްލުތަ. އާން ތިހެން ވިއްޔާ އެއް ފްރެންޑް ލިބުނީތި.” އަރީނާ ބުނެލިއެވެ. “މިހާރު އާތު ކިޔަވާ ނިމުނީތަ؟” އެވަގުތު ވެއިޓަރ އައީ ދެ އައިސްކްރީމް ތަށި ހިފައިގެނެނެވެ.
” ކޮލެޖުގަ މިއުޅެނީ. ހަދަނީ ބިޒްނަސް. މިދުވަސްކޮޅު ކޮލެޖު ބަންދު.” އަތޫފް އައިސްކްރީމް ތަށި ކައިރިކޮށްލަމުން ބުންޏެވެ.
” ތިވީ މާރަގަޅަކަށްނު. އަރީއާ އެއްކޮން ކޮންމެދުވަހަކު އުޅެންވާނެ. އަރީ ފުރަނދެން.” އަރީނާ އުފަލުން ބުންޏެވެ. އެދުވަހު ދެމީހުން ގެއަށް ދިޔައީ އެތަށްވާހަކައެއް ދައްކާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކޮށްފައެވެ. އަދި ނުވިތާކަށް ފޯނު ނަންބަރާއި އީމޭލް އެޑްރެހާ ފޭސްބުކް އެޑްރެސްވެސް ބަދަލުކޮށްފައެވެ.
އެރޭ އާޔަން ކައިރީ އަރީނާގެ ދުވަސް ދިޔަގޮތުގެ ވާހަކަ ކިޔައިދިނެވެ. އަތޫފްގެ ވާހަކަ ކިޔައި ދެމުން ދިޔައިރު އާޔަންއަށް އެހެންޏާ ފާހަގަ ނުކުރެވޭ ކަމެއް އަރީނާގެ ފަރާތުން ފާހަގަ ކުރެވުނެވެ. އަތޫފްގެ ނަން ބުނާއިރު މޫނުމައްޗަށް އަރާ ފިޔާތޮށި ކުލައެއް ފެނެއެވެ. އަދި އެނަމަށް ބާރުލަމުން ކިޔާކަންވެސް އާޔަންއަށް ފާހަގަ ކުރެވުނެވެ. އާޔަންގެ ދަރިފުޅު ބޮޑުވީއެވެ. އާޔަން ޒުވާންކަންމަތީ ހުއްޓާ ދަރިފުޅު މީހަކާ އިނދެ އާޔަންއަށް ކާފަވެސް ކިޔާފާނެއެވެ. އަރީނާގެ އެކަންތައްތައް ފާހަގަ ވިއަސް އާޔަން އަރީނާ ކައިރީ އެވާހަކަ ނުދެއްކީ އަދި އެކަހަލަ ވާހަކައެއް ދެއްކުން މާ އަވަސްް ކަމަށް އާޔަންއަށް ފެންނާތީއެވެ.
“ކޮންތާކަށްތަ އަރީ ނުދެވިގެން ތިއުޅެނީ؟” އަރީނާ ޒީނާ މެންގެ ބަޔަށް އައިސްފައި މާ އަވަހަކަށް ދާން އުޅެންފެށުމުން ޒީނާ އެހިއެވެ. ޒީނާގެ ދެކުދިން އޭރުވީ ސްކޫލަށް ގޮހެވެ.
“އަރީއަށް ނިއު ފްރެންޑެއް ލިބިގެން މިއުޅެނީ. މީޓް ކުރަންވެގެން ނުދެވިގެން މިއުޅެނީ.” އަރީނާ ބުނެލިއެވެ.
“ކޮންކަހަލަ ފްރެންޑެއް އަނެއްކާ؟ ޒީ ދައްތަމެންނާ މީޓް ކޮށްދޭން ގެންނަވައްތަރުގެ ފްރެންޑެއްތަ؟” ޒީނާ ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.
“ނޫނޭ. އަދި އެކަހަލަ ފްރެންޑެއް ނޫން. އަދި އަރީއަށް ފިފްޓީން އަހަރޭ. ޒީ ދައްތަ ތި ހީކުރާކަހަލަ ކަމެއް އަދި އަރީ އެއް ނުކުރަމޭ. ހީ އިޒް ޖަސްޓްއަ ފްރެންޑް.” އަރީނާ ރަކިވެފައި އިނދެވެސް ބުނެލީ ހަރުދަނާ އެއްޗެކެވެ. ޒީނާ މާނަފުން ގޮތަކަށް އަރީނާއަށް ބަލައިލިއެވެ. އަދި ބޯ ޖަހާލިއެވެ.
ޒީނާ ކައިރީ އިނދެލާފައި އަރީނާ އެރީ މައްޗަށެވެ. ލައި ކައިރިއަށްވެސް ވަދެލާފަ ދާން ހިތަށްއަރާފައެވެ. އަރީނާ އެރިއިރު ލައި އިނީ ލައިގެ ދިހަދުވަސްވީ ތުއްތު ދަރިފުޅު އުނގަށްލައިގެން ސޯފާގައި ޓީވީ ބަލާށެވެ. ލައިގެ އުނގުގައި އެ ކުޑަކުޑަ ކުއްޖާ އަރާމުގައި ނިދާލާފައި އޮތެވެ. އަރީނާއަށް ބޭބީ ފެނުމުން ވަރަށް އުފާވިއެވެ. އަދި އައިސް ދޮންދޮން އޮމާން ކޮލުގައި އިނގިލި ޖައްސާލިއެވެ.
“އަރީވެސް ކުޑަކުދިން ގެންގުޅެން ދަސްކުރަން ޖެހޭނެނު. އަރީއަށްވެސް މިކަހަލަ ލޯބި ކުދިން ލިބޭނެނު ބޮޑުވީމަ.” އަރީނާ އިށީނުމުން އަރީނާގެ އުނގަށް ލައިގެ ކުޑަދަރިފުޅު ލަމުން ލައި ބުންޏެވެ.
“ތިހާ ބޭބީ އިރު އުރަން އަރީ ވަރަށް ބިރުގަނޭ. އަދި އަރީ އަކަށް ނުކެރޭނެ ތިވަރު އިރު އުރާކަށް. އަޅޭ އެކަމަކު ލޯބިކަން.” އަރީނާ ތުއްތު ނިއްކުރިއަށް ބޮސްދިނެވެ. އަރީނާގެ ހިތް ލޯބިން ފުރިގެންދިޔައެވެ. އާޔަން ފަދައިން އަރީނާވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވެއެވެ. ކުޑަކުދިން ފެނުނީމަ އަރީނާއަށް ވާގޮތެއްވެސް ބުނާކަށް ނޭގެއެވެ. ހިފައިގަނެ ބައްދާލާ މޮޑެލާ ހިތްވެއެވެ. ނަމަވެސް އެހާ ތުއްތު ކަމުން ތަދުވެދާނެތީވެސް އެކަހަލަ ކަމެއް ނުކޮށް އަރީނާ އިނެވެ.
އެދުވަހު މެންދުރު ބާރަޖެހިއިރު އަތޫފް ހޭލައިގެން ފާހާނާއަށް ވަނެވެ. ފެންވަރައިގެން ނިކުމެ ބޮލުން ޓީޝާރޓް ނުލެވި އުޅެނިކޮން ފޯނު އައެވެ. އަތޫފްގެ ބޭބެ އަލީފް އެވަގުތު ކޮޓަރިއަށް ވަނީ އަލީފް އޮފީހުގެ ފައިލެއް ބާއްވާފައި ދެވިގެން އެ ބައެވެ. އަލީފް އާއި އަތޫފް ނިދަނީ އެއްކޮޓަރިއެއްގައެވެ. ކޮޓަރީގެ ތަންކޮޅު ކުޑަކަމުން ދެމީހުން ނިދަން ބަހަށްޓާފައިވަނީ ދެބުރި އެނދެކެވެ. މަތީގައި ނިދަނީ އަތޫފްއެވެ.
” ދެން ތި ފޯނު ނަގާބަލަ. ލާފަ އެހުންނަ ރިންގަކުންވެސް މީހެއްގެ ބޯފަޅައިގެން ދާވަރުވޭ.” އަލީފް އައިސް ކޮޓަރިއަށްވަދެ ފައިލް ހިފައިގެން ދަމުން ބުނެލިއެވެ. އަލީފްއާއި އަތޫފް އަކީ އުމުރުން ތިން އަހަރު ތަފާތު ދެބެން ކަމުގައި ވިއަސް ބަލާމީހަކަށް ހީވަނީ އެއްވަރެއްގެ ދެބެން ހެނެވެ. އެހާވެސް ވައްތަރުވެފައި އުޅޭ ގޮތްވެސް ތަފާތެއްނޫނެވެ. ދެމީހުންވެސް ފުޓުބޯޅައަށް ލޯބިކުރެއެވެ. އަލީފްކިޔެވީ ބިޒްނަސް އެވެ. އަތޫފްވެސް ކިޔަވަމުން ދަނީ ބިޒްނަސް އެވެ. ރީތިވަނީވެސް އެއްކަހަލަ އެއްޗިއްސެވެ.
“ހެލޯ؟” އަތޫފް ފޯނު ނަގާ ޖަވާބު ދިނީ ކާކުތޯ ގުޅަނީވެސް ބަލައިނުލައެވެ.
“އާތޫ! އަރީ މިހިރީ މޫދެއްގެ ކައިރީ. މިތަނަށް އާދެބަލަ. މިތާ އެބަހުރި ރެސްޓޯރެންޓެއްވެސް. އަރީއަކަށް ނޭގެ މީ ކޮންތަނެއްކަމެއް. މިތާ އެބަހުރި ބައިވަރު ގަސްވެސް. މީހުން މޫދަށް އެރިވެސް އެބައުޅޭ މިތާ.” އަރީނާ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން އަތޫފްއަށް އޭނަ ހުރިތަން ބުނެދެމުން ދިޔައެވެ.
” އާރޓީފިޝަލް ބީޗްގަ ދޯ! މިދަނީ އިރުކޮޅަކުން. ތިތަނުން ބެންޗެއްގަ އިށީނދެގެން އިނދޭ.” އަތޫފް އެހެންބުނެ ފޯނު ކަނޑާލިއެވެ. އަދި ޖީބަށް ފޯނުލައިގެން ކޮޓަރިން ނިކުތީ އަރީނާ ހުރިދިމާއަށް ދާށެވެ.
“އާތޫ. ނަމާދު ކުރީތަ؟ މިހާލަހުން ހޭލައިގެން ރީތިވެގެން ކޮންތާކަށް ތިދަނީ؟ ސައިވެސް ނުބޯނަންތަ؟” ދޮރާދިމާއަށް ދިޔަ އަތޫފް ފެނިގެން އަތޫފްގެ މަންމަ ރިޔާޒާ ގޮވާލިއެވެ.
” މަންމާ. މިދަނީ މީހަކާ ބައްދަލުކޮށްލަންވެފަ އޮތީމަޔޭ. ނަމާދުވެސް ކުރާނަމޭ. އަދި ނުގޮވައޭ މެންދުރަކަށް. އާތު ނިދީ ފަތިސް ނަމާދު ކޮށްގެނޭ.” އަތޫފް ބުނެޏެވެ. އަދި ދެވަނަ ފަހަރަށްވެސް ރިޔާޒާއާއި ދިމާއަށް ބަލައިލައިފައި އަތޫފް ނުކުމެގެން ދިޔައީއެވެ.
އަރީނާ ހެދިގޮނޑުދޮށުގެ ގޮނޑިއެއްގައި އިށީނދެލައިގެން އިންއިރު އެހެންދާ ބައެއް ފިރިހެން ކުދިންގެ ނަޒަރު އެދިމާއަށް ހުއްޓިލައެވެ. އަވިއައިނެއް އަޅާލައިގެން މަޑު ފިޔާތޮށިކުލައަކަށްދާ ގަމީހަކާއި ކަޅު ހަރުވާޅެއް ލައިގެން ގޮޑީގެ ދެފަރާތަށް ފައި އެލުވާލައިގެން ދިމަދިމާ ފޯނުން ފޮޓޯ ނަގަމުން އަރީނާ ދެއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ތެތްކަންވަނީ ކުޑަ ލިޕްގްލޮސް ކޮޅެއް ހާކައިފާވާތީއެވެ. ފުރަގަހަށް އައްސާލާފައިވާ ކަޅުކުލަ ގަދަ ފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރިގެން އައިސް ކުރިމައްޗަށްވެސް އެއްބައި ވެއްޓިފައި އޮތެވެ.
އަތޫފްއަށް އަރީނާ ހޯދާކަށް އުނދަގުލެއް ނުވިއެވެ. އެހާ އަވިގަދަ ވަގުތެއްގައި ހެދި ގޮނޑުދޮށް ސަރަހައްދުގައި މީހުން އެހާވެސް މަދެވެ. މޫދަށް އެރިލަން އައިސް އުޅޭ ދެތިން މީހަކު ފިޔަވާ ދެން އުޅެނީ ކައިރި އޮފީސް ތަކުން ރެސްޓޯރެންޓު ތަކަށް ކާލަން އައިސް އުޅޭ ދެތިން ގުރޫޕެކެވެ.
“އަރީ. ކީއްކުރަންތަ މިތަނަށް ތި ގެނައީ؟” އަރީނާގެ ފަހަތަށް އައިސް ހުއްޓެމުން އަތޫފް ބުންޏެވެ.
“މިތަނުން ކައިގެން އަރީއާ އެއްކޮން ހިނގާބަލަ މުޅި މާލެ ދައްކާލަން. މާލޭގެ އެކި ތަންތަން ކިޔައިދޭން. ޕްލީސް.” އަރީނާ ތެދުވަމުން ބުނެލިއެވެ.