ކުށަކާނުލާ.. (11 ވަނަ ބައި)
ަނަވެފައިވާ އަހަރެންގެ ހަޔާތަށް އަނެއްކާވެސް ބަހާރު މޫސުން އަތުވެއްޖެއެވެ. މިލާ މޯޅިވެފައިހުރި މާތައް ފޮޅެން ފެށިއެވެ. މޭވާ އަޅާ ފުރެން ފެށިއެވެ. ހަޔާތުގެ ގަނޑުތަކުގައި ކުލަ ޖެހެން ފެށިއެވެ. ދިރިއުޅުމަށް އާބާރެއް ލިބިގެންދިޔައެވެ. އާއުއްމީދުތަކެއް ކުރެވުނެވެ. ފޮނި ހުވަންފެންތައް ފެންނަން ފެށިއެވެ.
ދުވަސްތައް ފައިތުވަމުން ދިޔަހެން އަހަރެމެންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ވިޝާމް ދާނަކަށް އަހަރެން ނުލައެއް ނުދެވެއެވެ. އަހަރެންވެސް ވިޝާމް ދާތާކަށް ދާހިތްވެއެވެ. ދެމީހުންނަށް ކެވެނީވެސް އެކަކު އަނެކަކު ކަންޏާއެވެ. ރޭގަނޑުގެ ބައްދަލުވުންތައް އާންމުކަމަށް ވިއެވެ. މުޅި ކޮލެޖަށްވެސް ވިޝާމްއާއި އަހަރެންގެ ގުޅުން މަގުބޫލުވާން ފެށިއެވެ.
“މީނދީނު ރޯމިއޯ އެންޑް ޖޫލިއެޓް. ކޮން އިރެއް ހޯދާތާ.” ދީބާގެ އަޑަށް ސިހިފައި އަހަރެމެން ދެމީހުނަށް ބަލައިލެވުނީ އެކުއެކީއެވެ. އަހަރެމެން ތިބީ ކޮލެޖުގެ ބަގީޗާ ސަރަހައްދުގައި ހުރި ބެންޗުގައި އިށީނދެލައިގެންނެވެ. “ގުޅާލިނަމަ. ކީއްކުރަން ހޯދީ؟” އަހަރެން ހިނިތުންވެލަމުން ވާހަކަ ދެއްކީމެވެ. “ހަމަ ފޫހިވީމަ. ހިނގާ ކާންދަމާ. ވަރަށް ބަނޑުހައިވެއްޖެ” މޫނަށް ވައްތަރެއް ޖައްސާލަމުން ދީބާ ބުނެލިއެވެ. އަހަރެން ބަލައިލީ ވިޝާމަށެވެ. ވިޝާމްވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އޭނަގެ ހުއްދަޔާ ނުލާ މިހާރު ކާންވެސް ނުދެވޭތަ؟” ދީބާ ދިމާކޮއްލިއެވެ. “ސާބަސް. އޭނަވެސް ކާނަންތޯ ބަލައިލީއޭ” އަހަރެން ބުނެލީމެވެ.
ކައިރީ ހުރި ރެސްޓޯރެންޓަކަށް އަހަރެމެން ދިޔައީމެވެ. އޯޑަރު ދިނުމަށްފަހު އަމިއްލަ ވާހަކަތަކައިގެން ކުރިއަށް ދިޔައެވެ. “މިހާރު އަހަރެއްވަނީނު. އިންނާކަށް ނުވޭތަ ދެން؟” ދީބާ ސުވާލު ކުރީ ވިޝާމްއާއެވެ. އަހަރެންގެ މޫނު ލަދުން ރަތްވިއެވެ. “މަންމަމެން ކައިރިން ބުނަން ނިންމައިގެން މިހުންނަނީ. ދެން އިންނަން ބުނިއްޔާ އަވަހަށް އިންނަންވީ. ދޯ ނީ” ވިޝާމް އަހަންނަށް ދޯދިނެވެ. އަހަރެން އިނީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. އެވަގުތު ކާއެއްޗެހި ހިފައިގެން ވެއިޓަރު އައުމުން ވާހަކަ މެދުކެނޑުނެވެ. “ދީބާ ނޫޅެންތަ ކުއްޖަކާ ރައްޓެހިވާކަށްވެސް؟” މައުޟޫ ބަދަލު ކޮއްލުމުގެ ގޮތުން އަހަރެން ބުނެލީމެވެ. “ކަމުދާ ކުއްޖެއް ނުފެނެޔޭ. އެކަމު ހުންނާނެ ވަރަށް ހިތްކިޔާ ކުއްޖެއް. މާލޭގަ އޭނަ އުޅެނީ. އެހެންވެ އަދި ކުރިއެރުމެއް ނާރައިގެން މިއުޅެނީ” މޯޅިވެފައިވާ ރާގެއްގާ ދީބާ ބުލިއެވެ.އެކި ވާހަކަތަކައް ފަހު ކައިނިމިގެން ދީބާއާއެކު އަހަރެން ދިޔައީ ގެއަށެވެ. ވިޝާމްވެސް ދިޔައީ އޭނަ އުޅޭ ގެއަށެވެ.
ޖެހިގެން އައިރެއެވެ. ވިޝާމްއާއި އަހަރެން ތިބީ ޕާކެއްގައެވެ. އެއީ އަބަދުވެސް އަހަރެމެން ބައްދަލުކުރުމަށް އަންނަ މާހައުލެވެ. މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ވިޝާމް އިނީ އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. އަހަރެން އޮތީ ވިޝާމްގެ ކޮނޑުގައި ބޯއަޅައިލައިގެންނެވެ. “ނީ..؟” ވިޝާމްގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ. “ހޫމްމމ” އަހަރެން އިނީ ވިޝާމް ބުނަން އުޅޭ އެއްޗެއް އަޑު އެހުމަށެވެ. “ކޮން އިރަކުންތަ މަންމަމެނަށް އަންގާނީ؟ އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ނީ އަހަރެންގެ މީހަކަށް ހަދަން.” ވިޝާމް ބުނި އެއްޗަކުން އަހަރެންގެ ހިތް އުފަލުން ފޮޅިލިއެވެ. “އަހަރެންވެސް.. ” ލަދުވެތި އަޑަކުން އަހަރެންނަށް ބުލެވުނެވެ. “ސެމިސްޓަރ ބްރޭކް ވަރަށް ކައިރިވެއްޖެނު. މިފަހަރު ނީ ދާނަން މާލެ. ކުރިން ބުރު ނުގޮސްގެންވެސް މަންމަ އެހާ ޝަކުވާ ކުރި. އަދި މިބުރު ލިބޭ ޗުއްޓީވެސް ބޮޑެއްނު. މާލެ ގޮސް އަހަރެން މަންމައާ ވާހަކަ ދައްކާނަން. ޝާމް ނުދަންތަ؟” އަހަރެން ވިޝާމްގެ މޫނަށް ބަލައިލަމުން ސުވާލު ކޮއްލީމެވެ. “ނޫނޭ. މަވެސް ދާންކަމަށް މިއުޅެނީ. އެކަމު ނީ ދަންޏާ ދާނީ. އަހަރެންވެސް މަންމަމެނާ ނީގެ ވަހަކަ ދައްކާނަން. މަންމަ ވަރަށް އުފާވާނެ ނީ ކަހަލަ ރަނގަޅު ކުއްޖެއްކަން އަހަންނަށް ލިބުނީމަ.” ވިޝާމްއާ އަހަރެން ކައިރިކޮއްލަމުން ވިޝާމް ބުނެލިއެވެ. “ދެން ހެވޭ ތިވަރަށް ނުހެއްދިޔަސް. ވިޝާމް ވަރެއް އެންމެން ނުވާނެނު.”
ވިޝާމްއާއެކު ވަގުތުތައް ހޭދަވެގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ގެއަށް އައިއިރު ބާރަ ޖަހަން ކައިރިވެއްޖެއެވެ. ދީބާއަށް ހޭލެވިދާނެތި އަހަރެން ދޮރު ހުޅުވާލީ މަޑުމަޑުންނެވެ. އަދި އަވަހަށް ހެދުން ބަދަލުކޮއްލައި ހަދައިގެން ނިދަން އޮށޯތީމެވެ. ފަތިހުގެ އެލާމަށް އަހަރެން ދެލޯ ހުޅުވާލީމެވެ. އަދި މޯޅިއަކަށް ދެމިލުމަށްފަހު ދީބާއަށް ގޮވަން ފެށީމެވެ. ވިޝާމްއާ ރައްޓެހިވިފަހުން އަރާ ކޮންމެ އިރަކާއެކު އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ތައްޔާރުވެލައިގެން އަހަރެން ކޮލެޖަށް ދިޔުމަށްފަހު، އާދައިގެމަތިން ފުރަތަމަވެސް ބެލީ ވިޝާމް ފެނޭތޯއެވެ.
ދުވަސްތައް އޮއިވަރާއެކު ހިނގަމުން ގޮސް އިމަތިހާނު ފެށިއްޖެއެވެ. އިމްތިހާނުގެ ދުވަސްވަރު ކަމުން ވިޝާމްއާއި އަހަރެންގެ ބައްދަލުވުންތައް މަދުވިއެވެ. ވާހަކަ ދައްކާލަން ތިބެނީ ކުޑަ ވަގުތުކޮޅަކަށެވެ. ކޮލެޖުގެ ތެރޭވެސް ސަކަރާތްޖަހާ ކުދިން މަދުން ނޫނީ ނުފެނެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ސީރިއަސްކަމެވެ. އަހަރެންވެސް ރަނގަޅު ނަތީޖާއެއް ލިބޭތޯ ރެއާ ދުވާލު ގަދައަޅާ މަސައްކަތް ކުރީމެވެ. ވިޝާމްވެސް ހަމައެފަދައެވެ. ވިޝާމްއާއި ދީބާގެ އިމްތިހާން އަހަރެމެންނަށް ވުރެ ކުރިން ނިމުނެވެ. އެހެންކަމުން ފިލާވަޅުތައް އިތުރަށް ކިޔާދީ އޮޅުންފިލުވަމަށް އަންނަން ފެށިއެވެ. ވިޝާމްގެ އެހީތެރިކަމާއެކު އަހަރެންގެ އިމްތިހާނުވެސް ނިމިގެން ދިޔައެވެ. ކުރިއަށް އޮތީ ޗުއްޓީކަމުން އެންމެންވެސް މަޑުކުރީ ނަތީޖާ ހިފައިގެންދާށެވެ.
“އަހަރެން ވަރަށް ބިރުގަނޭ އެބަ.” އަހަރެން ވިޝާމްގެ އަތުގައި ހިފާލީ ބިރުވެރިކަމެއް ހިތަށް ވެރިވުމުންނެވެ. ދުވަހަކީ ނަތީޖާ ނެރުނު ދުވަހެވެ. ވިޝާމްއާއެކު ނޮޓިސްބޯޑު ދޮށަށް ދިޔައީ ފާސްވި ކުދިންތެރޭ އަހަރެމެންގެ ނަންއިންތޯ ބެލުމަށެވެ. ވިޝާމްގެ ނަން ފެނުމާއެކު އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. ވިޝާމްއާއި ދީބާވެސް ހުރިހާ އެއްޗަކުން ފާސްވިއެވެ. އަހަރެންގެ ހިނިތުންވުން އިތުރަށް ފުޅާވީ އަހަރެންގެ ނަންވެސް ލިސްޓުން ފެނުމުންނެވެ. “މިވަރު ކަމެކޭ. މަށަށް އޭރުވެސް އިނގޭ އެކަކު ފާސް ނުވިޔަސް ނީ ފާސްވާނެކަން. މިހާރު ބިރު ފިލީތަ؟ އަޅެ ބިރުގަންނާނެ ނަމަދޯ. އޭރުން އަނެއްކާވެސް އަތުގަ ހިފައިގެން ހުންނާނު” ވިޝާމް ސަމާސާކޮއްލިއެވެ. “ސާބަހޭ ދެން. އެންމެންތެރޭ އަތުގަ ހިފައިގެނެއް ނުހުރެވޭނު. އޭރު ހިފުނީ އޮޅިގެންނޭ. ހިނގާބަ ދެންވެސް ސެލެބްރޭޓް ކުރަން. ދީބާ ކޮބާތަ؟” ފާސްވިކަމުގެ އުފަލުގައި އެދުވަހު އަހަރެމެން ދިޔައީ ކާލާށެވެ. އަދި އެއަށްފަހު މާލެ ދިޔުމުގެ ކުރިން ބާޒާރު ކޮއްލަން ނިކުތީ އާއިލާގެ މެމްބަރުނަށް ހަދިޔާ ގަތުމަށްޓަކައެވެ. “ދީބާ އާދެބަލަ” ވިޝާމް ދީބާގެ އަތުގައި ހިފައިގެން ދާން ފެށުމުން އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ. އަހަރެމެން ތިބީ މޯލެއްގައެވެ. “ނީ އިހަށް މަޑުކުރޭ. އެހާލަހެއް ނުވާނެ” އަހަރެން ހުއްޓުނީ ވިޝާމް މަޑުކުރުމަށް އެދުމުންނެވެ.
ވިޝާމްއާއި ދީބާ ނައިސް އިރުވާން ފެށުމުން އެމީހުން ދިޔަދިމާއަށް އަހަރެން ހިނގައިގަތީމެވެ. އުވަގުތު އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ފެނުނު މަންޒަރަކުންނެވެ. ގަބޫލްކުރަން ދަތި ނަމަވެސް އެއީ ހަމަ އެމޫނެވެ. އެހަށިގަނޑެވެ. އެ ހިނިތުންވުމެވެ. އަހަރެން ހުރީ ގަނޑުވެފައެވެ. ވިޝާމްއާއި ދީބާ ހީހީފައި ވަހަކަ ދައްކަމުން ދިޔައީ ދެވަނަ ދެމީހަކާއެއް ނޫނެވެ. އަޔާންއާއެވެ. ވިޝާމްއަށް އަހަރެން ފެނުމުން ހަނާ އަޅާލިއެވެ. އަހަރެން އަވަހަށް އަނެއް ފަރާތަށް އެނބުރުނީމެވެ. އަޔާނާ ފިލުމުގެ ނިޔަތުގައެވެ. ނުފެންނަ ކަމަށް ހަދާ އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ނަމަވެސް ވިޝާމް ދުވެފައި އައިސް އަހަރެން ހުއްޓުވިއެވެ. “މަހީކުރީ ފެނިގެން ކަމަށް އަދި އެދިމާއަށް ބަލަން ހުރީ. ހިނގާބަލަ. އެބަހުރި ބައްދަލު ކޮއްލަން ހުރި މީހެއް.” ވިޝާމްގެ އެދުމަށް ފުރަގަސް ދޭކަށް އަހަންނަކަށް ނުކެރުނެވެ. ވިޝަމްގެ ފަހަތުން ހިނގައިގަތީ ހިތާ ދެކޮޅަށެވެ.
“ޔާނު. މީ އަހަރެންގެ ގާލްފްރެންޑް. ނީ. ނީ، މީ އަޔާން” އަޔާން އެނބުރިލީ ސަލާމަށް އަތް ދިއްކޮއްލަމުންނެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. އަޔާންވެސް ހުއްޓުން އެރި ގޮތަށް ހުރެވުނީއެވެ. “ކިހިނެތްވަނީ އަހަރެންގެ ޗޮއިސް؟” ވިޝާމްގެ އަޑަށް އަޔާން ސިހުނެވެ. “އަ.. އާން ވަރަށް ސަޅި. ވަރަށް ގުޅޭ.” އަޔާން ހުރީ ބިރުގެންފައެވެ. އޭ. ސީ ކޮއްފައިވާ މި ފިނި މޯލުގައިވެސް އަޔާން ދާހިއްލަން ފެށިއެވެ. ހިނގާ ދާން ވަރަށް ލަސްވޭނު އެބަ” އަހަރެން ބޭނުންވީ އަވަހަށް އެތަނުން ދުރަށް ދާށެވެ. އަޔާން ނުފެންނަ ހިސާބަށް ދާށެވެ. “އޯކޭ ސީޔޫ. މިރޭ ދިމާކޮއްލަން ވާނެ އިނގޭ. އަޔާންއަށް ބާއި ބުނުމަށްފަހު ދީބާއާއި ވިޝާމް އަހަރެންގެ ފަހަތުން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް އަހަރެން ފަހަތަށް އެނބުރިލީމެވެ. އޭރުވެސް އަޔާން ހުރީ އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ.
އަޔާންގެ ވަހަކަ ދައްކަން ބޭނުން ނުވިނަމަވެސް ވިޝާމްއާ އަޔާން ދަންނަނީ ކިހިނެއްތޯ އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ. ގެއަށް ދިޔުމަށް ދިޔަމަގުމަތީ އަހަރެން ވިޝާމްއާ ސުވާލުކުރީވެސް އެބޭނުމުގައެވެ. “ކޮން އަޔާނެއް. މިވީހާ ދުވަހު ނުދައްކަމެއްނު އެ ފްރެންޑެއް” “އެއީ ކުރިން ލަންކާގަ އުޅުންއިރު ކުލާސްމޭޓެއް. މިހާރު ޔޫކޭގަ އުޅެނީ. ދީބާވެސް ދަންނާނެ އޭނަ. ފެމިލީ ބަޔަކު މިކޮޅަށް ޝިފްޓްވީމަޔޯ އެއައީ. އެމީހުންނަށް ހެލްޕްވެލަން. ނީ ކީއްވެ އެހާ މަޑުން ހުރީ އެގަޑީ.؟” ވިޝާމް ޖަވާބު ދިނުމަށްފަހު ކޮއްލި ސުވާލަށް ލުއްލިއަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ނުވިސްނުނެވެ. ކަމެއްނުވޭ ބުނެލާ އަވަހަށް ވާހަކަ އޮއްބާލީއެވެ.
އެރޭގެ ވަގުތެކެވެ. ބެލް އެޅިއަޑަށް އަހަރެން ދޮރު ހުޅުވީ ވިޝާމްކަމަށް ހީކޮށެވެ. “އަޔާން؟” ވިޝާމްއާއެކު ދޮރުމަތީ ހުރި އަޔާން ފެނުމުން އަހަރެން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން ފާޅުނުކުރީ ވިޝާމަށް އަންގަން ބޭނުން ނުވާތީއެވެ. “ކާންދާއިރު އަޔާންވެސް ގެންދަން ކަމަށް މި ގެނައީ. ރެޑީ ވީތަ؟” އެތެރެއަށް ދެމިގަންނަމުން ވިޝާމް ބުނެލިއެވެ.