މިއަދަކީ އަނާނީ ކޮލެޖަށް ދާ ފުރަތަމަ ދުވަހެވެ. އެކަމާ ހިތް ނުތަނަވަސްވެފައި ހުރިލެއް ބޮޑު ކަމުން، އޭނާއަށް ރޭގައި ރަނގަޅަކަށް ނުވެސް ނިދުނެވެ. އަނާނީ މާލެ ބަދަލުވިތާ މަހެއް ވަނީއެވެ. ނަމަވެސް މާލޭގެ މާޙައުލަށް އަދިވެސް ރަނގަޅަށް ހޭނޭގޮތެއް ނުވެއެވެ. އަނެއްކާ ކޮލެޖުގައި ތިބޭނީ ކޮންކަހަލަ ކުދިންނެއް ހެއްޔެވެ؟ އެކުދިން އަނާނީ އެކަނި ކޮށްލާނީ ބާއެވެ؟ މިކަހަލަ އެތައް ސުވާލު ތަކަކުން އަނާނީގެ ސިކުނޑިވަނީ ފުރާލެވިފައެވެ. ފަތިހު ހޭލެވުނީއްސުރެ، ހިތްވެސް ހުންނަނީ އަވަސްވެފައެވެ.

އަނާނީ އޯލެވެލާ ހަމައަށް ކިޔެވީ އޭނާގެ އުފަން ރަށުންނެވެ. އޯލެވެލްގައި އޭނާއަށް ވަނީ ފުދޭވަރެއްގެ ރަނގަޅު ނަތީޖާއެއް ލިބިފައެވެ. ނަމަވެސް އޭލެވެލާ ހަމައަށް ކިޔަވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ދެކޭ ގޮތުގައި އޭލެވެލަކީ ބޭކާރުވެގެންދާ ދެ އަހަރެވެ. އަނާނީ ކުރިއަށް ދާން ބޭނުންވާ ދާއިރާ އޭނާއަށް އެނގެއެވެ. އެއީ ޓޫރިޒަމްގެ ދާއިރާއެވެ. އޭނާ ބޭނުންވީ އެދާއިރާއިން އިތުރަށް ކިޔެވުމަށް ކޮލެޖަކަށް ވަންނާށެވެ. ނަމަވެސް، ރަށުގައި ކޮލެޖު ނުހުންނާތީ، އޭނާގެ މަންމަ އޭނާ މާލެ ފޮނުވައިދިނީއެވެ. މަންމަގެ ހުރިހާވެސް އުއްމީދަކީ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކިޔަވައިގެން މޮޅު މީހަކަށްވާށެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ، އެންމެންގެ އިޚްތިރާމާއި ގަދަރުލިބޭ ފަދަ މީހަކަށްވުމެވެ. މިއަދު އަނާނީގެ އުއްމީދަކީވެސް މަންމަގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދިނުމެވެ. މަންމަ އަނާނީ މާލެ ފޮނުވީ އަމިއްލަ އެއްބަނޑު ކޮއްކޮއެއްގެ ގެއަށެވެ.

“އަނާނީ! އެ އިވެނީ އަޒްކާ ރޯ އަޑު ކަންނޭނގެ. ކޮންކަމަށްތަ ގެއްލިފަ ތި އިންނަނީ؟ ނިކަން އަވަހަށް ދޭބަލަ އަޒްކާގެ ކޮޓަރިއަށް!” ރުންކުރު ގޮތަކަށް، އަނާނީގެ ބޮޑުދައިތަ ލިއުޝާ ބުނެލިއެވެ. އަނާނީ ދިޔައީ ސިއްސައިގެނެވެ. އޭރު އޭނާއަށް އިނދެވުނީ މެންދުރު ކާންއެޅި ބަތްތަށި ތެރެއަށް އަތްލައިގެން އިން ގޮތަށެވެ. އަވަސް އަވަހަށް އަތް ދޮވެލައިގެން އަނާނީ ގޮސް އަޒްކާގެ ކޮޓަރިއަށް ވަނެވެ. އޭރު އަޒްކާ ރޮމުން، ދެކޮޅަށް ދުވަނީއެވެ.

“ދައްތާ، ކޮއްކޮ ޕުއްޕު ލަވަނީ!” ރޮމުން ރޮމުން އައިސް އަޒްކާ ބައްދައިލީ އަނާނީގެ ބަނޑުގައެވެ.

“އެއީ ރޯވަރު ކަމެއް ނޫނެއްނު އަޒްކޯ! ދައްތަ ބުނީމެންނު ޕުއްޕު ލެވީމަ އައިސް މިތާ އިށީންނާށޭ. މިހެން. ލުކް، އިޓްސް ސޯ ސިމްޕަލް!” އަނާނީ އަޒްކާ އުފުއްލައިލައިގެން ގެނެސް ފާހަނާ ތަށި މަތީ ބޭންދީ ނިކަން ލޯބިންނެވެ.

“އޯކޭ.” ކަރުނަތަށް ފޮހެމުން، ކުރެހިފައިވާ އަޑަކުން އަޒްކާ ބުނެލިއެވެ.

އަޒްކާ ފެންވަރުވައި ހުރިހާ ކަމެއް ނިމުން އިރު ގަޑިން 3 ޖަހައިފިއެވެ. އަނާނީ ހުރީ ހާސްވެފައެވެ. އަވަސް އަވަހަށް ފެންވަރައި، ކޮލެޖަށް ދާން ތައްޔާރުވާން ފެށިއެވެ. ފުރަތަމަ ދުވަހު ގަޑިޖެހިގެން ދާކަށް އަމުދުން އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް ފުރަތަމަ ދުވަހަސް، މާ ނެލެހެދޭކަށް އަނާނީ ސަމާލުކަމެއް ނުދިނެވެ. އޭނާގެ އަތުގައި ހުރި ތަނުން ރީތި، އެހެނަސް އާދައިގެ ހެދުމެއް ލައި، ފަހަތަށް އިސްތަށިގަނޑު ވައްޓައިލައި، ތުންފަތުގައި ކުޑަކޮށް ލިޕްސްޓިކް ކޮޅެއް އުނގުޅައިލައިގެން އަޒްކާ ތިރިއަށް ފޭބީ އަވަހަށް ޓެކްސީއެއް ހޯދާށެވެ.

ނަސީބު ދިމާ ކުރިގޮތުން ވަރަށް ފަސޭހައިން ޓެކްސީއެއް ލިބުނެވެ. އަނާނީ ޓެކްސީއަށް އަރައި ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ނަސީބަކުން 4 ޖަހަން އަދި 10 މިނިޓު އޮތެވެ. ޓެކްސީ ޑުރައިވަރު ދާންވީ މަންޒިލް އަހައިލަމުން، އަނާނީގެ މޫނަށް ބަލައިލީ ކުރިމަތީގައިި ހަރުކޮށްފައި ހުރި ލޯގަނޑު ކޮޅުންނެވެ. ސާދާ ގޮތަކަށް ހުއްޓަސް، ނިކަން ރީތި ކުއްޖެކެވެ. ޤުދުރަތުން ލިބިފައިވާ ރީތި ކަމެއްކަން އެނގެއެވެ. އެ ސާދާ ކަންމަތީ ހުއްޓަސް، އެކުއްޖާ ލޮލުގައި އަޅައިނުގަންނާނެ މީހަކު ނުހުންނާނެ ކަން ޔަގީނެވެ. މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ރީތި ދެލޮލަކާއި ފަން ދިގު އިސްތަށިގަނޑެކެވެ. މާ ދުރުން ފެންނަ މީހަކަށް ވެސް އެކުއްޖާގެ ހަމުގެ އަލިކަން ފާހަގަވާނެކަން ކަށަވަރެވެ.

ކޮލެޖުގެ ގޭޓުން އެތެރެއަށް ވަދެވުނު އިރު އަނާނީގެ އަތްފައި ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އޭނާ ހުރީ އެހާވެސް ފިނިވެ، ހާސްވެފައެވެ. ކުރިއަށް އަޅަމުން ދިޔަ ލަސް ފިޔަވަޅު ތަކުން އެކަނި ވެސް އެކަން ހާމަވެއެވެ. ފިޔަވަޅު ތަކުގައި ތުރުތުރެއް ހުރިހެން ވެސް ހީވެއެވެ. އޭރު ކޮލެޖުގެ އެކި ދިމަ ދިމާލުގައި ތިބި މީހުންގެ ލޯތަށް އޭނާއަށް އަމާޒުވެފައި ހުރިކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.

އަނާނީ ދާން ހަމަޖެހިފައިވާ ކްލާސް ހުރިތަން އޭނާ ހޯދަން ފެށީ އަތުގައި އޮތް، ކޮލެޖުގެ މެޕަށް ބަލައިގެންނެވެ. އެއީ ދެވަނަ ބުރީގައި ހުންނަ ކްލާހެކެވެ. ސިޑިން މައްޗަށް އަރަމުން ދިޔައިރު ވަރަށް ގިނަ މީހުން ފެނުނެވެ. އެންމެންވެސް ގިނައިރަށް އަނާނީއަށް ބަލަން ހުރެއެވެ. އަދި ބައެއް ކުދިން އެކަކު އަނެކަކު ކައިރީ ސިއްރުން ވާހަކަ ދައްކަމުން ދިޔަތަން ފެނުނެވެ.

އަނާނީ އައިސް ކްލާސް ދޮރުމައްޗަށް އެރި އިރު، ކްލާހުގައި ތިބީ ހައެއްކަ ކުދިންނެވެ. އަނާނީއަށް ކުޑަކޮށް ހަމަޖެހިލެވުނީ އެހެންވެގެންނެވެ. ގިނަ ކުދިން ތިބި ނަމަ އޭނާ އިތުރަށް ހާސްވެ، ވަންނަން ޖެހިލުން ވީހެވެ.

“ވޯ، ބޭރު ކުއްޖެއްތަ؟” ފަހަތު ބެންޗުގައި އިން ފިރިހެން ކުއްޖެއް މިހެން ބުނެލި އަޑު އަނާނީއަށް އިވުނެވެ. ނަމަވެސް އަޑު ނީވޭ ކަމަށް ހަދައި، އަނާނީ އައިސް ކުރިމަތީ ބަރިން ހުސް ބެންޗެއްގައި އިށީނީ އެކަކަށް ވެސް ބަލައި ނުލައެވެ. އޭނާ މިތަނަށް އައީ ކިޔަވާށެވެ. މީހުން ކިޔާނެ އެއްޗަކަށް ބަލައިގެން ނުވާނެއެވެ.

ކްލާހަށް އިތުރު ކުދިން އައިސް، ކްލާސް ފުރައިލައިފިއެވެ. އަނާނީ އިން ބެންޗުގައި ވެސް ތިން ކުއްޖަކު އައިސް އިށީނެވެ. ގިނަ ކުދިން އެކަކު އަނެކަކަށް ތައާރަފް ވަމުން، އެކުވެރިކަން ބަދަހި ކުރަމުން ދިޔައިރުވެސް އަނާނީ އިނީ މަޑުމަޑުންނެވެ. އިސްޖަހައިލައިގެނެވެ.

“ހޭއި، ކޮން ނަމެއް ކިޔަނީ؟ ހާދަ މަޑުން ތީނީ؟” އަނާނީއާ ޖެހިގެން އިން އަންހެން ކުއްޖާ އަނާނީ ކުރެން އަހައިލިއެވެ.

އަނާނީ..” ހިނިތުންވަމެއް ވެރިކުރުވަމުން އަނާނީ ޖަވާބު ދިނެވެ.

“ހަމަޖެހިލަބަ، އަނާނީ އެކަންޏެއް ނޫނޭ އަލަށް ތި އައީ. އަހަރުން އެންމެންގެ ވެސް ފުރަތަމަ ދުވަސް މިއީ. އެކަމަކު ތިހާ މަޑުން އިންނަ އެއްޗެއް ނޫން. ވީ އޯލް ޑޯންޓް ނޯ އީޗް އަދަރ ހިއަރ. ދެން މިހެން ބުންޏަސް ބައެއް ކުދިން ތިބޭނެ މާކުރިންވެސް ރައްޓެހި.. ބަޓް އިޓްސް އޯކޭ. އަދި އެންމެންނާވެސް ފްރެންޑްސް ވެވޭނެ! ބައި ދަ ވޭ، މަށަށް ކިޔަނީ ރީޝާ!” ރީޝާ ވާހަކަ ދެއްކީ ވަރަށް އޯގާތެރިކަމާއެކުއެވެ. އަނާނީ ވަރަށް އުފާވިއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް މިތާ ހިތްހެޔޮ ކުދިންވެސް އެބަތިއްބެވެ. އޭނާ މުޅިން އެކަނި ނުވާނެކަން އެނގުމުން ހިތަށް ވެރިވީ ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ.

އެދުވަހު އަނާނީ ގެއަށް އައީ ހިތްހަމަޖެހި، އުފާވެފައި ހުރެގެންނެވެ. ކޮލެޖަށް ދާން ނުކުތް އަނާނީއާ، ކޮލެޖުން ގެއަށް އައި އަނާނީ އަކީ ދެމީހެއް ފަދައެވެ. އޭނާގެ ޖެހިލުންވުމާއި ހާސްކަން އެއްކޮށް ފިލައިފިޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ފުރަތަމަ ދުވަހުވެސް ރީޝާ ފަދަ ރަނގަޅު އެކުވެރިއެއް މިވަނީ ލިބިފައެވެ. އަދި ރީޝާ ނޫނަސް، ކްލާހުގެ އެހެން ބައެއް ކުދިންނާވެސް ކުޑަކޮށް ވާހަކަ ދައްކައިލުމުން، އެކުދިންގެ މިޒާޖުވެސް ރަނގަޅުކަމަށް ފާހަގަވިއެވެ. މިއޮއްހާ ދުވަހު ކޮލެޖާމެދު ކުރެވެމުން ދިޔަ ބިރުވެރި ފިކުރުތަކުން މިއަދު މިންޖުވުމުން، އަނާނީއަށް ހީވީ ހަޔާތުގައި އާ ކަމެއް ހާސިލްވިހެނެވެ. ދެން ކޮލެޖަށް ދާން އިތުރު ބިރުވެރިކަމެއް ނެތެވެ. ސިކުނޑިއަށް ވެސް މި ލިބުނީ ވަރަށް ބޮޑު ލުޔެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ގޭގެ މަސައްކަތް ބުރައަސް، އަނާނީ ދިޔައީ ކިޔެވުމަށް ވީހާވެސް ގިނަ ވަގުތު ހޭދަކުރަމުންނެވެ. މި ފާއިތުވި ދުވަސްތަކުގައި އަނާނީއަށް ވަނީ ކޮލެޖުން ގިނަ ރައްޓެހިން ތަކެއް ލިބިފައެވެ. އޭނާގެ ކްލާހުގައި މިހާރު އޭނާއާ ވާހަކަ ނުދައްކާ ކުއްޖެއް މަދުވާނެއެވެ. އަދި އެހެން ކްލާސް ތަކުގެ ކުދިންވެސް އަނާނީއާ ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރެއެވެ. އޭގެތެރެއިން ބައެއް ކުދިންނާ އަނާނީ މިހާރު ވާހަކަ ދައްކައި ހަދައެވެ. އޭނާއާ ހެދި އުޅޭ ފިރިހެން ކުދިންވެސް ވަރަށް ގިނައެވެ. އަމިއްލަ ކްލާހުގައި ވެސް އޭގެ ދެތިން ކުއްޖަކު ތިބެއެވެ. ބައެއް މީހުން ފޮށެހަދައެވެ. އެހެނަސް، އެމީހުންނަކަށް އަނާނީ ސަމާލުކަމެއް ނުދެއެވެ. ގިނަ ދުވަސް ވާވަރަކަށް އެކަންވެސް ހުއްޓޭނެކަމަށް އޭނާ ގަބޫލުކުރެއެވެ.

ކޮންމެއަކަސް، އަނާނީގެ މިޒާޖު ވަރަށް ބަދަލު ވެއްޖެއެވެ. ފުރަތަމަ ކޮޅު މަޑުން އިނަސް، މިހާރު އޭނާވެސް ކްލާހުގައި ޖަހައި ސަކަރާތުގައި ބައެއް ފަހަރު ބައިވެރިވެއެވެ. އަދި ބާރަށް ހުނުމާއި، ގިނައިން ވާހަކަ ދެއްކުން ފަދަ އާދަތައް ވެސް އޭނާގެ މިހާރު ހުރެއެވެ.

“އަނާ! ހިނގާބަ މި ތާސްޑޭ ނައިޓުގަ ބޭރަށް ގޮސްލަން. އެސައިންމެންޓެއްވެސް ނުދެއެންނު މި ވީކްގަ.” އެއްދުވަހަކު ކޮލެޖުން ގެއަށް ދިޔަ މަގުމަތީގައި ރީޝާ ބުންޏެވެ. އަދިވެސް އަނާނީ އެންމެ ގާތީ ރީޝާއާއެވެ. ރީޝާ އަކީ އޭނާގެ ބެސްޓު ފްރެންޑެވެ.

“ކޮންތާކަށް؟ ގޭގެ މަސައްކަތް ހުރި ގޮތުން އެނގޭނީ. އަޒްކޮ އުޅެނީވެސް ބަލިވެ މިދުވަސްކޮޅު.” އަނާނީ ބުންޏެވެ. ކޮލެޖުގައި ކިތަންމެ ގިނަ ރައްޓެހިންނެއް ތިއްބަސް، އަނާނީ ވަރަށް އެމީހުންނާ އެއްކޮށް ބޭރަށް ގޮހެއް ނޫޅެއެވެ. ރީޝާއާ އެކީ ވެސް ދަނީ މަދު ފަހަރަކުއެވެ. މިކަމާ ރީޝާ ވަރަށް ޝަކުވާ ކުރެއެވެ.

“އަޅެ މަ ކައިރީ ވާހަކައެއް ބުނެފާނަންތަ؟ އަޒްކޮގެ މަންމަ އަކީ އަނާތަ؟ އާން އެހެންޏާ ފަހެ، އެކުއްޖާގެ ހުރިހާ ކަމެއް ތިކުރަނީ އަނާ! ކޮބާތަ އޭނަގެ މަންމަ؟ ކަންނެތް މީހެއް ދޯ! ނުވިތާކަށް ގޭގެ ހުރިހާ ކަމެއްވެސް ތިކުރަނީ އަނާ އެންނު. އެކަންކަން ކޮށްފަ، ކިޔަވާފަ، އެހެން ކަމެއް ކުރާނެ ފުރުސަތެއް އެބޮތްތަ؟ ޔޫ އާ ސްޓިލް ޔަންގް! ޔޫ ނީޑް ޓު އެންޖޯއި ޔޯ ލައިފް. ޒުވާންކަމުގެ ދުވަސްވަރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން!” ރީޝާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައެވެ.

“އައި ނޯ! އެކަމަކު އެއީ މަ އުޅޭ ގެއެންނު. ދެން އެގޭގަ އުޅެންޏާ ލިއުދައްތަ ބުނާ ގޮތަކަށްދޯ އުޅޭވޭނީ. އެންޑް އައި ލަވް އަޒްކޮ. އަޒްކޮގެ ކަންކަން ކުރާކަށް ބުރައެއް ނުވޭ.” އަނާނީ ކިޔައިދިނެވެ.

“އާހް ވަޓްއެވަރ! މަ ނަމަ ހުވާ މިބުނީ ތި ލިއުދައްތަ އަކަށް ކުޅި ދައްކާލީސް! އެހާވެސް ޒާތްކޮޅު ބޮޑު އަންހެނެއް ވިއްޔަ. އެނީވޭ، ބޭރަށް ދެވެންޏާ އަންގާލާތި!” ރީޝާގެ ގެއާ ހަމަވުމުން ދެމީހުން ވަކިވިއެވެ. އެހިސާބުން އަނާނީ ގެއަށް ދާން ހިނގައިގަތީ އެކަންޏެވެ. އޭނާގެ ގެ ވެސް މާ ދުރު ނޫންކަމުން، ކޮންމެދުވަހަކުވެސް ކޮލެޖުން ގެއަށް އަންނަނީ މިހެންނެވެ.

އަނާނީ ކޮންމެވެސް ވިސްނުމެއްގައި ހުރެފައި މަގު ހުރަސްކޮށްލަން އުޅުނެވެ. އެވަގަތު އެމަގުން ވަރަށް ބާރަށް ދުއްވާފައި އައި ޖީއެން ސައިކަލެއް އޭނާއާ ޖެހޭނުޖެހޭ ހިސާބުގައި ކުއްލިއަކަށް މަޑުކޮށްލިއެވެ. އަނާނީ ދިޔައީ ސިއްސައިގެނެވެ. އަދި އެ ސައިކަލުގައި އިން ޒުވާނާއާ ދިމާއަށް ބަލައިލެވުނީ ކުށްވެރިވެފައިވާ ގޮތަކަށެވެ. އޭނާ ދެންމެ އެ ސައިކަލުގައި ނުޖެހުން ކަމީ ދުއްވަން އިން ޒުވާނާގެ ހުށިޔާރުކަމެވެ. އެހެންނޫންނަމަ، ބަލައިނުލައި މަގު ހުރަސް ކުރަން ހަދައިގެން ދެންމެ އެކްސިޑެންޓެއް ހިނގީހެވެ. އަމިއްލަ ފަރުވާކުޑަ ކަމަށް އަނާނީއަށް ހިތާއިހިތުން އެއްޗެހި ކިޔުނެވެ.

“ސޮރީ..” އަނާނީއަށް ބުނެވުނެވެ. އެވަގުތު އޭނާއަށް ހުރެވުނީ ކަޅިޖަހައިނުލައި އެ ޒުވާނާގެ މޫނަށް ބަލާށެވެ. މިހާ ރީތި ފިރިހެނެއް އޭނާ އަދި މި ރާއްޖެއަކުން ދެކެފައެއް ނުވެއެވެ. ބޭރު ޤައުމުތަކުގައި އުޅޭ މޮޑެލް އަކާ އެއްފަދައެވެ. ހަށިގަނޑުންވެސް ފެންނަނީ ފިރިހެންވަންތަ ކަމެވެ. ދުއްވަން އިން ޖީއެން ސައިކަލާ، އެ ފިރިހެންވަތަކަމާ ނުހަނު ގުޅެއެވެ.

އެ ޒުވާނާ އަނާނީއަށް ބަލައިލީ ނުރުހުންވެފައި އިން ފަދައިންނެވެ. އަދި ދެފަރާތަކަށް ބޯހޫރުވާލައިފައި ޖީއެން ދުއްވައިލިއެވެ. ނަމަވެސް. އޭނާ ލޮލުކޮޅަަށް ގެއްލެންދެން އަނާނީ ބަލަން ހުއްޓެވެ. މިއީ އަނާނީއަށް މާބޮޑު ސަމާލު ކަމެއް ނުދިން ފުރަތަމަ ފިރިހެނާއެވެ. ނަމަވެސް އެހާ ރީތި މީހެއްގެ ޝައުގުވެރިކަން ނުލިބުމުން އަނާނީއަށް އެހެން ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. ހިތަށް ހީވީ ކަށްޓެއް ހެރުން ހެނެވެ. މިއީ އޭނާއަށް ފިރިހެނެއްގެ ފަރާތުން ޝައުގުވެރިކަން ނުލިބުމުން އެކަމާ އޭނާ މާޔޫސްވި ފުރަތަމަ ފަހަރުވެސްމެއެވެ.

ނުނިމޭ

77

3 Comments

 1. Kiara

  April 6, 2017 at 12:20 am

  Reethi varah

 2. Shu

  April 6, 2017 at 12:35 am

  Varah reethi vaanehen heevey..

 3. shafu

  April 6, 2017 at 8:31 pm

  nice…

Comments are closed.