
ފުން އިހުސާސެކޭ 2
ޖެހިގެން އައި ދުވަހު އަނާނީ ކޮލެޖަށް ގޮސް މާ މަޑުމަޑުން އިނުމުން ރީޝާއަށް މިކަން ފާހަގަކުރެވުނެވެ. ފަހަކަށް އައިސް އަނާނީ ވަރަށް ސަކަރާތް ޖަހައެވެ. ނަމަވެސް މިއަދު އެގޮތަށް އިނުމުން ރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި، ވެގެން އުޅޭ ގޮތް އަހައިލާނެ ދަނޑިވަޅަކަށް ބަލަބަލާ އިނެވެ.
“އޭއް! ކިހިނެއްވެފަ ތީނީ؟ ގޭތެރޭގަ ކަމެއް ހިނގީތަ؟ ލިއުދައްތަ އެއްޗެކޭ ބުނީ ދޯ!” ލެކްޗާރ ނިމުންތަނާހެން ރީޝާ އަނާނީއާ ވާހަކަ ދައްކައި، ވީގޮތް އޮޅުންފިލުވަން އުޅުނެވެ.
“ނޯ، ނަތިންގ!” އަނާނީ އަވަސްއަވަހަށް ޖަވާބުދިނެވެ. އޭނާއަށް ވެފަ އިން ގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އިއްޔެ މަގުމަތިން ފެނުން ޒުވާނާއާމެދު ވިސްނެނީއެވެ. ލޯ މަރައިލިޔަސް ހީވަނީ އެމޫނު ސިފަވާ ހެނެވެ. ނަމަވެސް އެޒުވާނާ އެންމެކުޑަމިނުން އަނގައިންވެސް ނުބުނެއެވެ. ބަލައިލީ ވެސް އެހާ ރުޅިވެރި ނަޒަަރަކުންނެވެ. މިކަމުގެ ސަބަބުން އަނާނީ ހުންނަނީ ދެރަވެފައެވެ. ދެން އެ ރީތި ޒުވާނާ ދުވަހަކުވެސް ލޮލު ކޮޅަށް ފެންނާނެ ކަމެއް ނޭނގެއެވެ. ނަމަވެސް އަދި އެއްފަހަރު ނަމަވެސް ދެކިލަން އަނާނީ ބޭނުމެވެ.
އިތުރަށް އަހައި އަހައި ވެސް އަނާނީގެ ފަރާތުން ރީޝާއަށް ލިބުނީ އެއް ޖަވާބެކެވެ. ނަމަވެސް، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ޔަގީނެވެ.
ބުރާސްފަތި ދުވަހެވެ. ކްލާސް ނިންމައިފައި އަނާނީއާއި ރީޝާ ކޮލެޖުން ނުކުމެގެން ހިޔާ ތަނެއްގައި މަޑުކޮށްލީ ބޯކޮށް ވާރޭ ވެހޭތީއެވެ. ރީޝާ ދިޔައީ ޓެކްސީއެއް ލިބޭތޯ ގުޅަމުންނެވެ. އެހެން ތިއްބައި ކުއްލިއަކަށް އެތާ ކައިރިއަށް މަޑުކޮށްލި ޖީއެން ސައިކަލެއް ފެނިފައި އަނާނީގެ ހިތް ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ދުއްވަން އިން މީހާގެ މޫނު ފެނުމުން ދެލޯ ބޮޑުވީ، ގަބޫލުކުރަން ދަތިވެފައެވެ.
“އޯ މައި…” އަނާނީއަށް ކިޔައިލެވުނެވެ. އެ އަޑު އިވިފައި ރީޝާއަށްވެސް އެ ދިމާއަށް ބަލައިލެވުނެވެ. އަދި ކަޅުކުލައިގެ ވިއްސާރަ ކޯޓެއްގައި އިން މީހާ ފެނުމުން އަނބުރާ އަނާނީގެ މޫނަށް ބަލައިލެވުނެވެ. އަނާނީ އޭރުވެސް ހުރީ ދެލޯ ބޮޑުކޮށްގެން ބަލަން ހުރި ގޮތަށެވެ. “ދެޓްސް ހިމް..” އަނާނީއަށް ބުނެވުނެވެ.
“ކާކު؟ ބިޓެއްތަ؟” އަނާނީއަށް ވެފައި ހުރި ގޮތް ފެނި، ހައިރާންވެފައި ރީޝާ އަހައިލިއެވެ.
“ނޫން..” އަނާނީއަށް މިހެން ބުނެވުންތަނާހެން ކޮލެޖުން ނުކުމެގެން އައި އަންހެން ކުއްޖެއް، ކުޑައެއް ހުޅުވައިލައިފައި އެ ޒުވާނާގެ ސައިކަލު ފަހަތަށް އެރިއެވެ. އެއީ ޒުހާއެވެ. އަނާނީއާ ޖައްސައިލައިގެން އެ ކޮލެޖުގައި އުޅޭ ކުއްޖެކެވެ.
“ވަޓް ދަ..” އަނާނީއަށް އިތުރު ސިހުމެއް ލިބުނީ ޒުހާ އެ ސައިކަލު ފަހަތަށް އެރުމުންނެވެ.
“ކިހިނެއްވީ؟ އަނާގެ އެކްސެއް ދޯ؟” ލާނެތް ގޮތަކަށް ރީޝާ އަހައިލިއެވެ.
“ނޫނެކޭ!” ޒުހާމެން ގެއްލުމުން އަނާނީ ޖަވާބުދިނެވެ.
“ދެން؟ ރީތިވީތަ؟ ޔާ ހީޒް ހޮޓް. އެކަމު ބޭޑް ބޯއީއެއް އެއީ. ޕާޓޭއެއް ކަހަލަ.” ރީޝާ ބުނެލިއެވެ.
“ދަންނަންތަ؟” ޝައުގުވެރިވެފައި ހުރެ އަނާނީ ސުވާލު ކޮށްލިއެވެ. އެވަގުތު ރީޝާ ގުޅި ޓެކްސީ އައުމުން، ދެކުދިން ގޮސް އެއަށް އެރިއެވެ.
“އާން. ޒުހާގެ ކަޒިން ބްރޯ އެއީ. އަހަރުން އަމީނިއްޔާގަ އުޅުން ދުވަސްކޮޅު ވަރަށް ގިނައިން ޒުހާ ބަލާ ސްކޫލު ކައިރިއަށް އައިސް އިންނާނެ. ކޮލެޖަށް އައި ފަހުން އަދިކިރިޔާ މިފެނުނީ އެކަމަކު.” ޓެކްސީގައި ހަމަޖެހިލަމުން، ރީޝާ ކިޔައިދިނެވެ.
އެއީ ޒުހާގެ ކަޒިން އެކޭ ރީޝާ ބުނި ވަގުތުން ފެށިގެން އަނާނީގެ ހިތް ނަށަންފެށި ކަހަލައެވެ. ލޯބިވެރިޔާއަށް ނުވުމުން ހިތުގެ އަޑިން ޝުކުރުކޮށްލެވުނެވެ. “ކޮން ނަމެއް ކިޔަނީ؟” އަނާނީ އިތުރަށް އެނގެން ބޭނުންވިއެވެ.
“ކޮންމެވެސް.. ޔާނިއު އެއް ކަންނޭނގެ.. އެފާޑެއްގެ ނަމެއް.” ހަނދާން ކުރަމުން ރީޝާ ބުންޏެވެ. “ހާދަ ކިއުރިއަސް ވެފަ އަނާ! ލޯބި ޖެހުނީތަ؟” ރީޝާ ހޭންފެށިއެވެ. ނަމަވެސް އަނާނީ އިތުރަކަށް އެއްޗެއް ނުބުނެއެވެ. ގެއާ ހަމައަށް ދެވެންދެން އިނީ ހަމަހިމޭންވެގެންނެވެ. ރީޝާވެސް އިތުރަށް އެވާހަކައެއް ނުދައްކައެވެ.
ގެއަށް އައިސް ހަމަޖެހިލައިގެން އަނާނީ ފޯނުން ފޭސްބުކަށް ވަނެވެ. އަދި ޔާނިއުގެ ނަން ޖަހައިގެން ހޯދަން ފެށިއެވެ. ނަމަވެސް އޭނާގެ ފޮޓޯ ލާފަ އިން މީހެއް ނުފެނުމުން މާޔޫސްވިއެވެ. އެހެން އިންދައި އެހެން ޚިޔާލެއް އައެވެ. ޒުހާގެ ފޭސްބުކް ޕްރުފައިލް އަނާނީއަށް އެނގެއެވެ. އެއަށް ވަދެގެން ޒުހާ ލާފަ ހުރި ފޮޓޯތައް ބަލަން ފެށިއެވެ. ކަޒިން އަކަށް ވުމުން ދެމީހުން އެއްކޮށް ނަގައިފައި ހުރި ފޮޓޯ ލައިފައި ހުންނާނެ ކަންނޭނެނގެއެވެ. އަދި އެފަދަ ފޮޓޯއެއްގައި ޔާނިއު ޓެގު ކޮށްފައި އިނދެދާނެއެވެ.
ޒުހާގެ ހުރިހާ ފޮޓޯއެއް ބެލުމުންވެސް ޔާނިއުގެ މޫނެއް ނުފެނުނެވެ. ދެން އަނާނީގެ ލޮލުގައި އަޅައިގަތީ ޒުހާ ލައިފައި އިން ކުޑަ ދެކުދިންގެ ފޮޓޯގަނޑެކެވެ. ވަރަށް ކުރީގެ ފޮޓޯއެކެވެ. އޭގައި ހުރި ކުޑަ އަންހެން ކުއްޖާ ޒުހާއާ ވައްތަރެވެ. ދެން ހުރީ ފިރިހެން ކުއްޖެކެވެ. ޔާނިއުއާ ވައްތަރު ގޮތެއް އެބަހުއްޓެވެ. އަނާނީ އަވަސް އަވަހަށް ފޮޓޯގެ ތައާރަފްގައި ލިޔެފައި އިން އެތި ކިޔައިލިއެވެ. “ބެސްޓް ކަޒިންސް. ލިޓްލް އިޑިއަޓްސް”. އަނާނީގެ އުއްމީދު އާވީ އެހިސާބުންނެވެ.
އެފޮޓޯގައި ޓެގްވެފައި ތިބި މީހުންގެ ތެރެއިން، ނުހަނުު ފަސޭހަކަމާއެކު ޔާނިއު ހޯދުނެވެ. ނަމަވެސް ނަމަކަށް އިންނަނީ ޔާން އެވެ. ޔާނިއުގެ ނަން ޖަހައިގެން ކުރިން ނުފެނުނު ސަބަބަކީ މިއީއެވެ. އަނާނީއަށް އުފަލުން އަތް ޖަހައިލެވުނެވެ. އަދި އަވަހަށް ޔާންގެ ޕްރުފައިލަށް ވަދެ ފްރެންޑު ރިކުއެސްޓު ފޮނުވިއެވެ. އެއަށްފަހު ފޮޓޯތައް ހާވަން ފެށިއެވެ. ނަމަވެސް، ބެލޭ ގޮތަަށް އިނީ އެންމެ ދެ ފޮޓޯއެވެ. އެއްފޮޓޯގައި އިނީ ޔާނިއު ޝީޝާ ބޮމުން އަނގައިން ދުން އަރުވައިފައި ހުއްޓައެވެ. އެއީ އޭނާގެ މިހާރުގެ ޕްރޮފައިލް ފޮޓޯއެވެ. ދެން އިނީ ބިކިނީއެއް ލައިގެން އިން ބޭރު އަންހެން ކުއްޖެއްގެ ފޮޓޯއެކެވެ.
އެރޭ އެއްކޮށް އަނާނީ އޮތީ ފޭސްބުކް ބަލައިލަ ބަލައިލައެވެ. ޔާނިއު އޭނާގެ ރިކުއެސްޓު ކޮންފާމް ކުރޭތޯއެވެ. ނަމަވެސް އެކަހަލަ އިޝާރާތެއް ނުވުމުން އަނާނީ ކަރު އެލޭ ގޮތްވިއެވެ. ފުރަތަމަ ދުވަހު އޭނާ އަމީނީ މަގު ހުރަސްކުރަނިކޮށް، އިއްތިފާގަކުން ދިމާވި ރީތި ފިރިހެނާއާ ގުޅުން ބަދަހިކުރަން އޭނާ ނުހަނު ބޭނުންވެއެވެ. އެ ހާދިސާއާ ހަމައިން މި ވާހަކަ ނިމޭކަށް އަނާނީގެ ހިތެއް ނޭދެއެވެ. މިއީ އޭނާގެ ހިތުގައި ފިރިހެނަކާމެދު މިކަހަލަ ޝައުގުވެރިކަމެއް އުފެދުނު ފުރަތަމަ ފަހަރަށްވުމުން، އެހާ ފަސޭހައިން އެ ފިރިހެނާ ދިޔަދޭކަށް އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މިއީ އަދި ލޯބި ނޫންކަން އަނާނީއަށް އެނގެއެވެ. ރީޝާ ކައިރީ ވެސް އަދި މިވާހަކަ ބުނަން ބޭނުންނުވަނީ އެހެންވެއެވެ. ހަޤީގަތުގައި، ފުރަތަމަ ނަޒަރުން ލޯބި ވުމަކީ އަނާނީ ޤަބޫލުކުރާ އެއްޗެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި އެހެން ވަނީ ހަމައެކަނި ވާހަކަފޮތްތަކުގައާއި ލޯބީގެ ފިލްމު ތަކުގައެވެ. މިއަށް އަސްލު ކިޔާނީ މީހަކު ރީތިވުމެވެ. އެމީހަކު ފެނުމުން ލޮލަށް ފިނިކަމެއް ލިބުމެވެ.
ނުނިމޭ
754 Comments
Comments are closed.
reethi 🙂
V reethi . Next part avahah up kohdheh chey
Vaahaka reethi.. bt foto vv hadi.. rythi lobi kujjeh ly nama.. foto fenifa ma heekury anaany kamah partey aky..
Wow salhi..
Reethi kudhin fenunyma hama vaa goih..?