ވީމޭ އިންތިޒާރުގައި 18 ވަނަ ބައި
މޫސަ ހަދަން އުޅޭގޮތެއް ނޭގިފައި މޫސަގެ އަތްފޮޅުވާލުމަށްފަހު ތެޅިގަނެފައި މޫސަގެ އަތްދަށުން ލައިދެމިގަނެއްޖެއެވެ.
“ކިހިނެއްވެގެންތަ ތި އުޅެނީ؟” ލައިގެ ނިތްކުރިއަށް ރޫއަރުވާލަމުން އަޑަށްބާރުލާފަ ލައިއަށް ބުނެވުނީ އެހެނެވެ.
“ލައި… އައި އައި އޭމް ސޮރީ! އައި މީން އިޓް. އައި ރިއަލީ ލަވްސް ޔޫ! ޕްލީޒް ލައި އަހަންނަށް މާފުކުރޭ! އަހަރެން ދެން ދުވަހަކުވެސް ލައި ހިތުގަ ޖައްސާކަށް ނެތިން. ޕްލީޒް ކަމް ބެކް!” މޫސަ ލައިއާއި ދިމާއަށް އަތްދިއްކޮށްލަމުން ވަރަށް އަސަރާއެކު ބުނަމުން ގެންދިޔައެވެ.
އެވަގުތަށް އިންތިޒާރުކޮށްގެން ހުރި ލައި މޫސައާއި ކައިރިވެލާފައި މޫސަގެ އަތުގަހިފިއެވެ. އަދި އެވަގުތު ލޮލުން ކަރުނަ ފާއްދާލީ އުފަލުންނެވެ. އެމަންޒަރު ބަލަން ދުރުގަތިބި އާޔަން، ނޫރާ އާއި ފާތުއަށް ތެދުވެވުނީވެސް އެވަގުތު ވީ އުފަލާއި ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ. މޫސައާއި ލައި ކައިރީ ހުރި ފާޒިލް އަތްތިލަބަޑި ތަޅައިގަތެވެ. ފާޒިލްމެން ރާވައިގެން ކުރިއަށް ގެންދިޔަ ޑްރާމާއަށް ނިމުމެއް އައުމުންނެވެ. މޫސައާއި ލައި އަލުން ގުޅުމުންނެވެ.
އެރޭ އަނބުރާ މާލެއައި ދޯނިމަތީގައި އެންމެން ވެގެން މޫސައަށް ހުރިހާވާހަކައެއް ކިޔައިދިނެވެ. ލައިއާއި ފާޒިލްގެ އެކަހަލަ ގުޅުމެއް ނެތްކަން އިނގުމުން މޫސަ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. މޫސަ ފާޒިލްގެ ބޮލުގައި ޓަތްކެއްވެސް ޖަހާލިއެވެ.
* * * * * * * * * * *
ކައިވެނީގެ ހަފަލާ އޮތް ރޭ ނޫރާ އާއި އާޔަން ރީތިވުމަށް ދިޔައީ ސެލޫންއަކަށެވެ. ނޫރާ ހުރީ ނޫކުލައިގެ މެކްސީއެއް ލައިގެންނެވެ. އޭގައި ރިހި ކުލައިގެ ތަރިތަކެއް ހަރުކޮށްލާފައި ވެއެވެ. އަރައިގެން ހުރި ރިހިކުލައިގެ އުސް ފައިވާނުން ހުރީ އާޔަންއާއި އެއްވަރުވެފައެވެ. ނޫރާގެ އިސްތަށިގަނޑު ވަނީ ފުރަގަހަށް ގެންގޮސް ބޮޑު ހުޅިއެއް ޖަހާފައެވެ. އަދި ކަންހުޅި ކައިރިން ބުޅި ކޮށްލާފައިވާ އިސްތަށިކޮޅެއް ވައްޓާލައިފައި ވުމުން ނޫރާގެ ރީތިކަން އިތުރުވެފައި ވެއެވެ.
އާޔަން ލައިގެން ހުރީ ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. އަދި ޓައީގައިވެސް ހުރީ ކަޅާއި ރިހިކުލައެވެ. ދެމީހުންވެސް އަންނައުނު ގަތީ މެލޭޝިޔާއިން ނެވެ. އެއީ މިޕާރޓީއަށް ހާއްސަކޮން ގަތް އެއްޗިއްސެވެ.
ދެމީހުން ތައްޔާރުވެގެން ދަރުބާރުގޭ ރަންނަބަޑޭރި މާލަމްއަށް ވަންއިރު މުޅިތަން ވަނީ ރިހިކުލައާއި ނޫކުލައިގެ ތަރިތަކުން ޖަރީކުރެވިފައެވެ. އެންމެންވެސް ލައިގެން ތިބީ ނޫކުލައާއި ރިހިކުލަ ހިމެނޭ ހެދުމެވެ. ޒީނާގެ ހެދުން ހުރީ ފުއްޕާލާފައެވެ. އެބޮޑު ނޫކުލައިގެ ހެދުމުގެ ތަންތަން ކޮޅުގައި ވަނީ ރިހިކުލައިގެ ކުދި ތަރިތަކެއް ހަރުކުރެވިފައެވެ. ޒީނާ އަޅައިގެން ހުރީ ރިހިކުލައިގެ ޝޯލްއެކެވެ. އޭގައި ވަނީ ނޫކުލައިގެ ތަރިތަކެކެވެ. ނާއިފް ލައިގެން ހުރީ އާޔަން ނާއިފްގެ ވެޑިންއަށް ހާއްސަކޮށް ގެނައި ކަޅު ކޯޓެކެވެ. އެކޯޓުގެ އަރިމަތީގައި ރިހިކުލައިގެ ފޮތިފަށެއް އަޅާފައި ވެއެވެ. ކޯޓުގެ ޖީބުގައި ރިހިކުލައިގެ ތަރިއެއް ހަރުކޮށްލާފައި ހުއްޓެވެ. އަދި ލައިގެން ހުރީ ނޫ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. ދެމީހުންވެސް ފެންނަލެއް ވަރަށް ފުރިހަމައެވެ.
އާޔަންއާއި ނޫރާ މާލަމް ތެރެއަށް ވަދެގެން ދިޔަވަގުތު ޕާރޓީއަށް އައިސްތިބި ގިނަ މީހުންގެ ލޯތައް އެދިމާއަށް އެނބުރިގެން ދިޔައެވެ. ބައެއް އަންހެންކުދިންގެ ހިތްތައް ކަތިލެވިގެން ދިޔައެވެ. އަދި ބައެއްމީހުންގެ ހިތުގައި ހަސަދައިގެ ހުޅުކޮޅު ރޯވިއެވެ. އެހާފުރިހަމަ ޖޯޑެއް އަދި ޕާރޓީއަކަށް ނާދެއެވެ. އާޔަން ނޫރާގެ ފަހަތުން އުނަގަނޑުގައި އަތްއަޅުވާލައިގެންގޮސް ނާއިފްއާއި ޒީނާއާ ސަލާމް ކޮށްލިއެވެ. އަދި ފޮޓޯ ނެގުމަށް ފަހު އާޔަން އަތުގައި އޮތް ސިޓީ އުރަ ނާއިފްއަށް ދިއްކޮށްލިއެވެ.
“ހަމަ މިހާރު މި ހަދިޔާ ކަޑަން ޖެހޭނީ!” ސިޓީއުރައިގައި ނާއިފް ހިފުމުން އާޔަން ބުންޏެވެ.
ނާއިފް ސިޓީއުރަ ކަނޑާލިއެވެ. އޭގައިވާ ހަދިޔާއިން ނާއިފް ހުރީ އަނގަ ހުޅުވިފައެވެ. އަދި ޒީނާއަތަށް އެދެމުން އާޔަންގައިގައި ބައްދާލީ އުފަލުންނެވެ. ޒީނާ އަށް އެފެނުމުން ހުރިތާހުރެ އެބޮޑު ހެދުމާއެކު ފުމެން ފެށީ ތޫލި އަޑަކުން ހަޅޭއްލަވަމުންނެވެ. ދުރުގައި ތިބި މީހުންވެސް ޒީނާއަށް ވެގެން އުޅޭގޮތެއް ނޭގިފައި ބަލަހައްޓައިގެން ތިއްބެވެ.
“ކިހިނެއްވީ؟” ޒީނާގެ މަންމަ އައިސް އަހާލީ ހައިރާން ކަމާއެކުއެވެ.
“މަންމާ ބަލާ އާޔަންމެން ދިން ހަދިޔާ!” ޒީނާ ބުންޏެވެ. “ތައުޒަން ޔޫރޯ އާއި އިޓަލީ ދެކޮޅު ޓިކެޓް! އެކަމު މިހާ އަގުބޮޑު ހަދިޔާއެއް ހިފަން ކެރޭނެތަ؟” ޒީނާ އުފާވިއަސް ހުރީ ޖެހިލުންވެފައެވެ.
“މީ އާޔަންއާއި ނޫރާގެ މުޅި ފެމިލީގެ ފަރާތުން ދޭ އެއްޗެކޭ! އާޔަންމެން ބޭނުންވީ ހަދާނުން ފޮހެ ނުލެވޭނެފަދަ ހަދިޔާއެއްދޭން އެހެންވެ އެންމެރަގަޅު އެއްޗަކަށް ފެނުނީ މި!” އާޔަން ބުނެޏެވެ.
ޒީނާގެ މަންމައާއި ބައްޕަވެސް ތިބީ ވަރަށް އުފާވެފައެވެ.
“އަހަރުމެން ބޭނުންވަނީ ކެނެޑާއަށް ދާން!” އެވަގުތު އެތަނަށް ލައި އާއި އެއްކޮންއައި މޫސަ ސަމާސާ ރާގަކަށް ބުންޏެވެ.
“ތިވާހަކަ އިރާދަކުރެއްވިއްޔާ ހަދާން ބަހައްޓާނަން! ފާތު ބޭނުމީ ކޮންތާކަށްދާން؟” އާޔަން ނޫރާކައިރިއަށް އައިސް ހުއްޓުނު ފާތުއާއި ދިމާއަށް ބުނެޏެވެ.
“ފާތު ބުނާނަން ފަހުން. އަދި ޑިސައިޑެއް ނުކުރަން.” ފާތު ހީލަމުން ބުންޏެވެ.
ނޫރާ އާއި އާޔަން ކާންތިއްބާ ޒޫނާ އާއި ސައީދާ ވެސް ޕާރޓީއަށް އައެވެ. އަދި އެމީހުން ފަހަތުން ނައީމާގެ ދެމަފިރިންނާއި ޒައުވެސް އައިސް ވަނެވެ. ކުޑަކުޑަ ޒައު ލައްވާފައި ހުރީ ފުއްޕާލައިފައިވާ ރިހިކުލައިގެ ހެދުމެކެވެ. އޭގެ ފަސްބައިގަ އާއި ކޮނޑުގެ ވާކޮޅުގައި ނޫކުލައިގެ ވިދާ ތަރިތަކެއް ހުއްޓެވެ. ޒައުގެ އިސްތަށިގަނޑު ވަނީ މައްޗަށް ނަގާ ބޮލުމެދަށް ހުޅިއެއް ޖަހާފައެވެ. ކަންހުޅިއާއިދިމާ ދެފަރާތުން ފައިބައިފައި ވާ އިސްތަށިކޮޅުތަކުން ކުޑަކުޑަ ޒައު ހީވަނީ ކުޑަކުޑަ ޕަރީއެއްހެނެވެ.
ކާން އިން އާޔަން ތެދުވެގެން ގޮސް ޒައު އުރާލައިގެން އައިސް ނޫރާއާއި އާޔަންގެ ދޭތެރޭ ގޮނޑިއެއްގައި ބޭންދިއެވެ. އާޔަންގެ ހިތް ވަނީ ޒައުއަށް ޓަކައި ލޯބިން ފުރިފައެވެ. އާޔަންގެ މި ހަރަކާތްތަކުން ކުޑަކުދިންނާހެދި އާޔަން އުޅޭވަރު ފެނިގެން ދިޔައެވެ.
ޖެހިގެން އައިދުވަހު ހަވީރު ނާއިފް އާއި ޒީނާ އިޓަލީއަށް ދިއުމަށް އެމިރޭޓްސް ފްލައިޓުން ނައްޓާލިއެވެ. އެމީހުން ފުރުވާފައި އައިސް އާޔަންވެސް ނޫރާގޮވައިގެން ރިސޯޓަކަށް ދިޔައެވެ. އާޔަންއާއި ނޫރާ ރިސޯޓުގައި ހޭދަކުރި ފަސްދުވަސް ވީ ލޯބިން ފުރިގެންވީ ފަސްދުވަހަށެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުމުގައި އެދުވަސްކޮޅު ފާއިތުވަމުން ދެއެވެ. ނޫރާގެ ސެމިސްޓަރ ބްރޭކް ވެސް ނިމުމަކަށް އަންނަނީއެވެ. އާޔަންއާއި ނޫރާގެ ކައިވެނި މާލޭގައި ރަޖިސްޓްރީ ކުރުމަށް ޓަކައި ސައީދާއާއި ޒޫނާ ދަނީ ތައްޔާރު ވަމުންނެވެ. އެދުވަހު ނޫރާގެ ދެފަރާތު އާއިލާއަށް ސައިދިނުމަށް ވަނީ ރާވާފައެވެ.
ޒީނާމެންވެސް ހަފްތާ އަކަށްފަހު ހަނީމޫން ނިންމާލައިފައި އައިސްފިއެވެ. އެ ހަފުތާގެ ހުކުރު ދުވަހު އެންމެން އެއްތާކަށް އެއްވެލަން ރޭވީ އާޔަންއެވެ. ޒީނާމެންގެ ހަނީމޫންގެ ވާހަކަތައްވެސް ކިޔައިދޭން ޒީނާ ބޭނުންވެފައިވާ ވާހަކަ ބުނުމުން ނެވެ.
ހުކުރުން ފައިބައިގެން އާޔަންއައީ ގެއަށެވެ. ނޫރާ ނަމާދުކޮށް ނިމުމުން ދެމީހުން ތައްޔާރުވެގެން ޒީނާމެންގެއަށް ދިޔައީ ކާރުގައެވެ. އެގެއަށް ކާން އައުމަށް ޒީނާ އޮތީ އަންގާފައެވެ. އާޔަންމެން ކައިގެން ޒީނާއާއި ނާއިފްގެ ކޮޓަރިއަށް ދިޔައީ ފޮޓޯތަށް ބަލާށެވެ. ކައިވެނީގެ ފޮޓޯތަކާއި ހަނީމޫންގެ ފޮޓޯތަށް ބަލަމުން ދިޔައީ ޒީނާގެ ލެޕުޓޮޕުންނެވެ. އެވަގުތު ފާތު ވެސް އެތަނަށް އައެވެ.
“ކޮބާ ލައިމެން؟ ނާދޭތަ؟” ފާތު އައިސް ޒީނާމެންގެ އެނދުގައި އިށީންނަމުން އަހާލިއެވެ.
“އަންނާނެ މިހާރު! މޫސަ މިއަދު ލައިމެންގެއަށް ކާން ދިޔަ ދުވަހެއްނު. ދެން އެންމެ އަވަހަށް އޮންނާނީ އެދެމީހުންގެ ކައިވެނި ކަންނޭގެ!” އާޔަން ބުންޏެވެ.
“އާން! އެއްދުވަހުވެސް ލައި މިގެއަށް ނައިސް ހުރިއްޔާ މަންމަ ހީވާނީ އެހެން ކަމެއްހެން! އަނެއްކާ ލައިގެ އާއިލާ އެންމެންވެސް އެހާޤަބޫލު.” ޒީނާ ބުނެލިއެވެ. “އެދެމީހުންގެ ކައިވެނީގަވެސް ވާނެ ވަރަށް މަޖާނަގަންދޯ!”
އެވަގުތު ކޮޓަރީގައި ޓަކިޖަހާލިއަޑު އިވުނެވެ. ނާއިފްގޮސް ދޮރުހުޅުވިއިރު ކޮޓަރިދޮރުމަތީގައި މޫސައާއި ލައި ތިއްބެވެ. އެދެމީހުން އެތެރެއަށް ވަނުމުން އެންމެންވެސް ދެއްކީ އެދެމީހުންގެ ކައިވެނީގެ ވާހަކައެވެ. އެހެން ވާހަކައިގައި ތިއްބާ އަސުރު ނަމާދަށް ގޮވާއަޑު އިވުނެވެ.
“ހިގާބަލަ ނަމާދުކޮށްގެން މީރު ބިލެތްގަޑެއް ކާލަންދާން!” ފާތުބުންޏެވެ.
“އާން! މަޖާވާނެ. ފާޒިލްވެސް ގޮވައިގެން ދާންވާނީ!” ޒީނާ ބުންޏެވެ. “އޭރުން ސައިކަލުވެސް ހަމަވާނީ.”
އެންމެން ނަމާދުކޮށް ހަދައިގެން ސައިކަލުގައި ނައްޓާލީ ރާޅުގަނޑު ސަރަހައްދާ ދިމާއަށެވެ.
އަތިރިމަތީ ތޮށިގަނޑު މަތީ އިށީނދެގެން ބިލެއްގަނޑުކާން އެންމެން ތިބީ އެކިވާހަކައިގައެވެ. އެހެންދާ ބައެއްކުދިން އާޔަންއާއި ދިމާއަށް ނަޒަރުހިންގާލައެވެ. އާޔަން ދުފަމުން ދިވެހިން ވާހަކަ ދައްކާތީވެ ކަންނޭގެއެވެ. އެކަމަކާ އެކަކުވެސް އަޅައެއްނުލައެވެ.
އެތަނުގައި އިރުކޮޅެއް ހޭދަކޮށްލުމަށްފަހު މިސްރާބުޖެހީ ހެދިގޮނޑުދޮށާ ދިމާއަށެވެ. އެދިމާލުގައި ވަރަށް މީހުން ގިނައެވެ. ހުކުރުދުވަސްކަމުން ބޭރުމީހުނާއި ކުޑަކުދިން ގޮވައިގެން އައިސްތިބި މީހުނެވެ. އެތަނުން ދިގުގޮނޑިއެއްހުސްވީ ޒީނާ އަރާހަމަވިތަނުންނެވެ. އެތާ އަވަހަށް ޒީނާއާއި ފާތު އިށީނެވެ. އާޔަންއާއި، ފާޒިލްއާއި، މޫސައާއި، ނާއިފް ދިޔައީ ތިއްތިމެންތަނުން ކޯން ގަންނާށެވެ. ލައި އިށީންނަމުން ނޫރާކައިރީ އިށީނުމަށް ބުނުމުންވެސް ނޫރާ ކޮޅަށް ހުރީއެވެ.
ކުއްލިއަކަށް ނޫރާގެ ބުރަކަށީގައި އެއްޗަކުން ޖެހިގެން ބަލައިލިއެވެ. އެއީ ކުޑަކުޑަ ފެހި ކުލައިގެ ބޯޅައެކެވެ. ނޫރާ ބޯޅަނަގާފައި ބަލައިލިއިރު ނޫރާކައިރީގައި ހުރީ ކުޑަކުޑަ ބިދޭސީ އަންހެން ކުއްޖެކެވެ. ލޯކުޑަކޮން ހުރުމުން އާޔަންއާއި ވައްތަރު ގޮތެއްވެސް އެކުއްޖާގެ ހުއްޓެވެ. ދިގު އިސްތަށިގަނޑެއް ލާފައިވާ ދޮން ދޮން އެކުޑަ ކުއްޖާ ހުރީ ނޫރާއާއި ދިމާއަށް އަތް ދިއްކޮށްގެނެވެ. ނޫރާ އެކަން އިހުސާސް ވެގެން އަވަހަށް އަތުގަ އޮތް ބޯޅަ އެކުއްޖައަށް ދިއްކޮށްލިއެވެ. ދިއްކޮށްލިވަގުތު އެބޯޅައިގައިވާ ނަމަށް ބަލައިލެވުނީ އޮޅު މަކުންނެވެ. އެނަން ކިޔާލެވުމާއިއެކު ނޫރާއަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. އަދި އެކުއްޖާބޯޅަ ހިފައިގެން ދިއުމުންވެސް އެކުއްޖާއާއި ދިމާއަށް ބަލަން ހުރެވުނީއެވެ. އެކުއްޖާ ދުވެފަގޮސް ތަންކޮޅެއް ދުރުގައި އިން އަންހެނެއް ކައިރިއަށް ހުއްޓުމުން އެ އަންހެން މީހާ ތެދުވެއްޖެއެވެ. އެ އަންހެންމީހާ ލައިގެން ހުރި މަތި ގަޔަށް ބާރުކަމުން ހިވަނީ ދިމަދިމާއިން މަސްތައް ނުކުމެދާނެހެންނެވެ. ތިރިން ލައިގެން ހުރީ ކަޅުޓައިޓެކެވެ. އިސްތަށިގަނޑު ހުރީ ކޮނޑާހަމައަށް ކޮށާލާފައެވެ. އެއީ އެކުޑަ ކުއްޖާގެ މަންމަ ކަންނޭގެއެވެ. އެވަގުތު އެއަންހެން މީހާ ނޫރާހުރިދިމާއަށް އެނބުރުމުން ނޫރާ އަށް އޭނަގެ މޫނުފެނުނެވެ. ނޫރާއަށް ހީވީ ވަށައިގެން ވާހުރިހާކަމެއް ހުއްޓުނު ހެނެވެ. ނޫރާ އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލީ ހައިރާންވެ ދެލޯބޮޑުވެފައި ހުރެއެވެ. ލައި އަށް ނޫރާއާއި ދިމާއަށް ބަލައިލެވުނީ އެވަގުތުއެވެ. ލައި ހައިރާންވެފައި ނޫރާއަށް ކިހިނެއްވީތޯ ސުވާލު ކުރަން ފެށިއެވެ. ނޫރާ އަނގަމަތީ އަތް އަޅައިގެން ހަދާނެގޮތެއް ނޭގިފައި ހުއްޓެވެ.
ލައިއަށް ގޮނޑީގައި ނީދެވިގެން ތެދުވެވުނީ ނޫރާ ހުރިގޮތުން ނެވެ. އެވަގުތު ފާތުއަށް އެއަންހެންމީހާ ފެނިގެން އެދިމާއަށް ދުއްވައި ގަތުމުން ނޫރާއަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. ފާތު ދިޔަ ދިމާއަށް އަނެއްކާވެސް ނޫރާބަލަން ހުރީ ހައިރާންވެ ހުރެއެވެ. ފާތުއާއި އޭނައާއި ރައްޓެހި ހެއްޔެވެ. އެދެމީހުންގެ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ނޫރާ ހިތަށް އެރިއެވެ. ނޫރާ އަށް ވެފައި ހުރިގޮތުން ލައި އަނެއްކާވެސް ނޫރާއާއި ސުވާލުކުރިއެވެ. ނޫރާ އެވަގުތު ފާތު ހުރިދިމާ ލައިއަށް ދައްކާލީ އަތުގެ އިށާރާތުންނެވެ. އިޝާރާތްކުރާ ދިމާއަށް ލައިއާއި ޒީނާ ބަލައިލިއިރު ކުޑަކުއްޖެއް އުރާލައިގެން ހުރި އަންހެނެއް ކައިރީ ފާތު ހުއްޓެވެ.
“އެތާ އެހެރަ މީހާއަކީ ޝައިލާ! ކުޑަކޮން ފަލަވެފަ ހުއްޓަސް އެއީ ހަމަ އޭނަ!” ނޫރާ ލައިމެންނާއި ދިމާއަށް އެނބުރެމުން ބުންޏެވެ. ނޫރާ ފުރަގަސް ދިނީ ޝައިލާއަށް ފެނިދާނެތީއެވެ.
ޒީނާއާއި ލައި އަނެއްކާވެސް އެދިމާއަށް ބަލައިލިއެވެ. އޭރު ފާތު ޝައިލާއާއި ވާހަކަ ދައްކަނީއެވެ.
“ފާތުއަށް ޝައިލާ އިންގޭތަ؟” ޒީނާ އަހައިލިއެވެ. “ތިބުނާ ޝައިލާ އުރައިގެން އެހުރީ ބޭރު ކުއްޖެއްތަ؟ އެއީ އޭނަގެ ދަރިއެއްތަ؟” ޒީނާ ނޫރާކައިރީ އަހާލިއެވެ.
“ނޭންގެ! ނޫރާ މިހިރީ އެކުއްޖާގެ ބޯޅައިގައި ލިޔެފައި އޮތް ނަމަކުން ބުނާނެއެއްޗެއް ނޭގިފަ! އެގޭތަ! އެކުއްޖާގެ ބޯޅާގައި އޮތީ އަރީނާ އާޔަން އިސްމާޙް ޖަހާފަ. ފަހަތަށް އާޔަން އިސްމާޙް އައިމަ އެއީ އަޖައިބެއްނު!” ނޫރާ ލައިއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ. “އެއީ އިއްތިފާގަކަށް ވެދާނެތަ؟ އަނެއްކާ ބަލާބެލުމަށް އާޔަންއާ އެހާ ވައްތަރު.” ނޭގޭ ބިރުވެރިކަމެއް ނޫރާގެ ހިތުތެރެއަށް ވެރިވެގެން ދިޔައެވެ. ނޫރާގެ ހިތަށް އަރަމުންދާ އެއްޗިހިން ހިތް ނުތަނަވަސްވެ މާޔޫސްކަން މޫނުމަތިން ފާޅުވާން ފެށިއެވެ.
ފާތު ޝައިލާއާ ސަލާން ކޮށްލުމަށްފަހު އެކުޑަ ކުއްޖާގެ ކޮލުގައި ކޮށްޓާލުމަށްފަހު ނޫރާމެން ތިބި ދިމާއަށް އަންނަތަން ފެނުނެވެ. ނޫރާ އަދިވެސް ހުރީ އެދިމާއަށް ފުރަގަސް ދީގެނެވެ. ޝައިލާއަށް ނޫރާ ފެންނާކަށް ނޫރާ ނޭދެއެވެ.
“އެއީ ކާކު؟ ކިހިނެއް ފާތުއާ ރައްޓެހީ؟” ފާތު އެހިސާބަށް ނާރަނީސް ލައި ސުވާލުކުރަން ފެށިއެވެ.
“އެއީ ފާތުމެން ގޭދޮށުގަ އުޅޭ ޝައި، އެމީހުން ވަރަށް ގިނަދުވަސް ވެއްޖެ ނުފެންނަތާ. އެހެންވެ ފެނުނީމަ ގޮވާލަން މިދިޔައީ!” ފާތު ހައިރާންވެ ހުރެ ބުންޏެވެ. “ކިހިނެއްވީތަ؟ ލައިއަށް އިނގޭތަ އޭނަ؟”
“އެއީ ޝައިލާދޯ! އެއީ އޭނަގެ ދަރިއެއްތަ؟” ފާތުއާ ދިމާއަށް އެނބުރެމުން ނޫރާ ބުންޏެވެ. ނޫރާގެ މޫނުމަތިން ފެނުނު އަސަރާއި ނޫރާ އެކުރި ސުވާލުން ފާތުގެ ހިތަށް އެތައް އެއްޗެއް އަރައިގެން ދިޔައެވެ. އަދި ނޫރާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ފާތޫ! އެއީ އޭނަގެ ދަރިއެއްހޭ؟” ލައި އަނެއްކާވެސް އެހުމުން ފާތުސިހުނެވެ. އަދި އާނއެކޭ ބުނާގޮތަށް ބޯޖަހާލިއެވެ. އިރުކޮޅަކު މަޑުކޮށްލަމުން ފަތު ކިޔާދޭން ފެށިއެވެ.
“އާން އެއީ އޭނަގެ ދަރިއެއް! އެކަމަކު އެއީ ނޫރާމެނާ އެއްކޮން ލަންކާގަ އުޅުން ޝައިކަމެއް ނޭގެ. އެކަމުމިހާރު ޝައްކު ވެއްޖެ އެއީ އެ ޝައިލާއަށްވެސް ވެދާނެ. އެއީ ….. ޝައިލާގެ ދަރި….އެކަމަކު…” ފާތުގެ އަޑު ބެދިއްޖެއެވެ. ނޫރާއާއި ދިމާއަށް ބަލައިލެވުނީ ހަމްދަރުދީއާއި އެކުއެވެ. ހިންދިރުވާލީ އިތުރަށް ވާހަކަ ނުދެއްކިގެންނެވެ.
“ކިޔައިދީބަލަ. އޭނަ އިނީ ކާކާތަ؟ ބޭރު މީހަކާތަ؟ ކީއްވެތަ އޭނަގެ ދަރިފުޅުގެ ނަމުގެ ފަހަތަށް އާޔަން އިސްމާޙް އައިސްފަ އެއޮތީ؟” ލައި ފާތުއާއި ކައިރިއަށް ޖެހިލަމުން ސުވާލުތަކެއް ބަންޑުން ކޮށްލިއެވެ.
“އެއީ … ފާތު…. އަކަށްވެސް ނޭގެ.” ފާތުއަށް ހުރިހާ ކަމެއްވެސް އިނގިގެން ހިގައްޖެއެވެ. ވާހަކަ ދައްކަން ފާތުއަށް އުނދަގޫވީ ނޫރާގެ މޫނުމަތިން ހިތާމަވެރި ގޮތެއް ފެންނަން ހުރުމުންނެވެ. ނަމަވެސް ހިތްވަރު ކޮށްފައި ޒީނާއާއި ދިމާއަށް ބަލަން ހުރެ ފާތު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އޭނަ ކުރިން ލަންކާގަ ކިޔަވަން އުޅެފަ އަހަރުގެ މެދުތެރޭން އައީ ދެން ކިޔަވާކަށް ނުދާނަމޭ ކިޔާފަ. އެހެން ހުރެފަ ދެމަސް ފަހުން އަނެއްކާ ހިގައްޖެ. ދެން އައީ ދޮޅު އަހަރު ކޮށްފަ އައިއިރު ބޭބީ އެއްގޮވައިގެން އައީ! ބުނީ ކޮރެއާ މީހަކާ އިނދެގެން ލިބުނު ކުއްޖެކޭ އެއީ. އެމީހާ އޭނަ ވަރިކުރީ ޔޯ. އެކަމު ގޭދޮށު މީހުން ކިޔަނީ އެއީ އެހެން ގޮތަކަށް އޭނައަށް ލިބުނު ކުއްޖެއްކަމަށް. ފާތުމެންނަށް ވެސް އެއީ އޭނަގެ ދަރިއެއްކަން އެގެނީ އޭނަ ކުރިން ވަރަށް ހިކިވާނެ. އެކަމު ބޭބީ ގޮވައިގެން އައިއިރު ހުރީ ވަރަށް ފަލަވެފަ. އެހެންވެ ވިހައިގެންކަން އެނގުނީ!” ފާތު ނޫރާއަށް ފުންކޮން ބަލައިލިއެވެ.
“ފާތުއަށް ހީވަނީ އޭރު އޭނަ އަނެއްކާ އެނބުރި ލަންކާއަށް ދިޔައީ ބަނޑުބޮޑުކަން އިނގުނީމަހެން. ފާތު މަންމަމެން އޭރުގަ އެހެން ކީ. އޭނަ އަކީ ވަރަށް ކޫޑި ކުއްޖެއްވިއްޔަ! އެކަމު ފަހުން އޭނައައިސް އެދެއްކި ވާހަކައިން އެންމެން ވެސް އޭނަގެ ވާހަކަ ގަބޫލު ކުރީ!” ފާތުއަށް ނޫރާއާއި ދިމާއަށް ބަލައިލަމުން ނޫރާގެ ހިތަށް އަރާނެ އެއްޗިހި އިހްސާސް ކުރެވުނެވެ.
“ތިބުނީ ……. ލަންކާއިން އޭރުގަ އޭނަ އައީ އާޔަން އެހެން ހެދީމަ…. ފާތު…. ކިހިނެއް މިވަނީ؟” ލައި ގަބޫލުކުރަން ބޭނުމެއް ނުވިއެވެ.
“ފާތުއެއް ނުބުނަން އެއީ ……!” ފާތު ނޫރާއަށް ބަލައިލިއެވެ. ކަންބޮޑުވެފައި ހުރެއެވެ. “ފާތުއަށް އެކަމު ހީވަނީ… ” ފާތުއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ފާތުގެ އަޑުބެދި ލޮލުން ކަރުނަ ފާއްދާލިއެވެ. އެއްވެސް ހާލެއްގައި ނޫރާ ދެރަކުރަން ފާތު ބޭނުމެއް ނޫނެވެ. “އެހެން އެކަން ވިޔަސް ހީކުރާގޮތަށް ނުވެވެސް ހިގައިދާނެ! އެއީ ޝައިލާއަކީ އެއްވެސް އިރެއްގަ މާރަގަޅަށް އުޅޭ މީހެއްނޫން. އޭރުވެސް މިހާރުވެސް އޭނަގެ އުޅުމެއް ބަދަލެއްނުވޭ! އޭރު އުޅުނު ގޮތަށް މިހާރުވެސް އުޅެނީ… ތާ އަބަދު ކޮންމެސް ފިރިހެނަކާއެކީ.” ފާތު ބުނެޏެވެ.
ނޫރާގެ ހިތަށް އަރަމުންދާ އެއްޗިހި ވަރަށްވެސް ގިނައެވެ. އޭގެން އެއްކަމެއްވެސް ގަބޫލު ކުރާކަށް ނޫރާ ބޭނުމެއްނޫނެވެ. މީ ކޮންފަދަ ތަޖުރިބާއެއް ހެއްޔެވެ. އަނެއްކާ އަންނަން މިއުޅޭ ތޫފާނުގެ ވައި ގަދަވެގެން ދާނީ ކިހާބާރަކަށްބާއެވެ. ނޫރާގެ ހިތް މަޑަކުން ނޯވެއެވެ. ވިސްނެނީއެވެ. ހިތަށް އަރުވައިގެން ނުވާނެ އެއްޗިހިވެސް ގަބޫލު ކުރެވެނީއެވެ.
“ސްޕައިސީ ކޯން ބޭނުމީ ކޮންބައެއް؟” އެވަގުތު އެތަނަށް އައި ފާޒިލް އެހެން ބުނިއަޑަށް އެންމެން އެދިމާއަށް އެނބުރުނެވެ. އެންމެންވެސް ތިބީ އަގައިންބުނަން ބޭނުން ނުވެފައެވެ. އެކަކު އަނެކެއްގެ މޫނަށް އަވަސް ނަޒަރެއް ދޫކޮށްލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ފާޒިލް އަޖައިބުވެ ހުރެ އެކި މީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ.
“އަން! މިހިރީ ޗީޒް ވައްތަރު!” އާޔަން އައިސް ނޫރާއަތަށް ކޯން ތައްޓެއް ދެމުން ބުންޏެވެ. އެތަނަށް އައިސްފައިވާ ހަމަހިމޭންކަން އާޔަންއަށް އިހުސާސް ކުރެވުނީ ނޫރާވެސް ތަށީގައި ހިފާފައި ކާންނޫޅެ އަތްތިރިކޮށްލުމުންނެވެ. ލައި އައިސް މޫސަ ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލީ އެތާގައި ހިގައިދިޔަ ކަންތައް ކިޔާދޭށެވެ. ޒީނާ ކައިރިއަށް ނާއިފް އާއި ފާތު ޖެހިލުމުން ފާޒިލްވެސް އެތަނުގައި އެމީހުންގެ ވާހަކަ އަޑު އަހަން ހުއްޓެވެ.
ނޫރާވެސް ދުރަށް ޖެހިލީ އާޔަންކައިރީ އެވާހަކަ ބުނަން ބޭނުންވެފައި ހުރީމައެވެ. ނަމަވެސް ބުނާނެ ގޮތެއްވެސް ނޫރާއަކަށް ނޭގެއެވެ.
“ކިހިނެއްވީތަ؟ އާޔަންމެން އެކޮޅަށް ދިޔައިރު ފެނުނު ގޮތަކަށްނޫން އައިއިރު ތިތިބީކީ!” ނޫރާފަހަތުން ހިގަމުން އާޔަން ބުންޏެވެ.
“އާޔަން! ކުޑަކުޑަ ހިދުކޮޅެއްގެ ތެރޭގައި އެތަށްކަމެއް ބަދަލުވެގެން ހިގައިދާނެ. މިހާރުވެސް މިއޮތީ އެހެންވެފަ!” އާޔަންއާއި ދިމާއަށް އެނބުރެމުން ނޫރާ ބުންޏެވެ.
“ކީކޭތަ ތި ކިޔަނީ؟ ސާފު ސާފުކޮން ތި ބުނަން އުޅޭއެއްޗެއް ބުނެބަލަ!” އާޔަން މޫސަމެން ތިބި ދިމާއަށް ބަލއިލިއިރު މޫސަ ހުރީ އާޔަންއާއި ދިމާއަށް ބަލާށެވެ. އޭރު ލައި މޫސައާއި ވާހަކަދައްކަމުން ދެއެވެ.
“އާޔަން!” ނޫރާ މާނޭވާއެއް ލަމުން އާޔަންގެ ނަން ކިޔާލިއެވެ. “ދެންމެ މިތަނުން ޝައިލާ ފެނިއްޖެ! ކުޑަކޮން ފަލަވެފަ ހުއްޓަސް އެއީ ހަމަ އޭނަ! ހަމަ އެމޫނު!” އިސްޖަހައިގެން ވާހަކަ ދައްކަން ފެށި ނޫރާއަށް ސީދާ އާޔަންގެ ލޮލަށް ބަލައިލެވުނެވެ.
އާޔަންއަށް ކުއްލި ސިހުމެއް އައިކަމުގައިވިޔަސް އެކަން ނޫރާ ކުރިމަތީ ދައްކާކަށް އާޔަން ބޭނުމެއް ނުވިއެވެ. އަދި ހަމަޖެހިލާފައި ކޯން ސަމްސަލެއް އަނގައަށް ލިއެވެ.
“ޝައިލާ ފެނުނަކަސް ތިޔަހާ ބޮޑަށް ހާސްވާން ވެއްޖެތަ؟ ކޮބައިތަ ޝައިލާ؟ އާޔަން ބޭނުމޭ އޭނަކައިރިން މާފަށް އެދެން.” ވަރަށް ހަމަޖެހިލާފައި އާޔަން ވާހަކަ ދެއްކިއެވެ.
“އާން.އާޔަން ޝައިލާގެ ކިބައިން މާފަށް އެދެން ޖެހޭނެ. އާޔަންއަށް ކުރެވިފައި ހުރިކަންތައްތަކުން މާފު ހޯދަން ޖެހޭނެ” އާޔަން ހަމަޖެހިލާފައި ހުރުމުން ނޫރާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
“އޯ ކަމޯން ނޫރާ، ހާދަ ރޫޑް ގޮތަކަށޭ ތި ވާހަކަ ދައްކަނީ. އާޔަންވެސް މިބުނީ ތިހިނެއްނު. ވެއަރ އިޒް ޝީ؟ މިހާރުވެސް މާފަށް އެދެވިދާނެ!” އާޔަން އެކިދިމާ ހޯދާލިއެވެ.
“އާޔަން…. އާޔަން. ޝައިލާގެ ދަރިއަކުވެސް އެބަހުރި! އެއީ ފަސް ވަރަކަށް އަަހަރުގެ ކުއްޖެއް.” ނޫރާ ކުޑަކޮން ހުއްޓަމުން އެހެން ބުނީ އާޔަން ކަންބޮޑުވެދާނެތީއެވެ.
“ސޯ؟” އާޔަން ކޯން ސަމުސަލެއް އަނގައަށްލީ ހަމަޖެހިލައިގެން ހުރެއެވެ.
“އާޔަން. ލަންކާގަ އޭރު ހިނގި ހާދިސާގެ ފަހުން މިހާރު މިއޮތީ ހަ އަހަރަށް!” ނޫރާ އާޔަންއަށް ސަމާލުވެލަމުން ބުންޏެވެ.
“ނޫރާ. ވަޓް އާރ ޔޫ ސެއިން؟ ކޮންކަހަލަ ހިޔާލެއް އައިސްގެންތަ ނޫރާ ތިއުޅެނީ؟” އާޔަން ކުޑަކޮން ނުރުހުން ވެފައި ބުންޏެވެ.
“އާޔަން. ނޫރާވެސް ގޮތަކަށް ވިސްނަނީއެއް ނޫނޭ އެކަމަކު ޝައިލާގެ ދަރިފުޅު ވައްތަރެއްވެސް ނޫން ދިވެހި ކުއްޖަކާ. އެކުއްޖާއަށް ކިޔާނަމަކީވެސް އަރީނާ އާޔަން އިސްމާޙް! އާޔަން އިސްމާޙް ކިޔާ އެހެން މީހެއްވެސް ހުރެދާނެތާ. އެކަމަކުވެސް…… އިޒް ދިސް ކޯއިންސިޑެންސް؟” ނޫރާގެ ލޮލުން ކަރުނަ ނިރާލިއެވެ. ކިތަންމެ ކެތްތެރިވާން މަސައްކަތް ކުރިކަމުގައި ވިއަސް މިފަހަރު ނުވިއެވެ. ހިތަށް އެކިކަހަލަ އެއްޗިހި އަރަމުން ދާތީއެވެ.
“ނޫރަ. އޯކަމޯން. ދެން އަދި ތީ ޔަގީންވާ ކަމެއްވެސް ނޫނެއްނު. އަދި ތިކަމާ ތިގޮތަށް މާޔޫސްވެ ރޯކަށް ނުވޭނު.” އާޔަންއަށް ނޫރާގެ ލޮލުން ކަރުނަ އައުމުން ދެރަވިއެވެ. ނަމަވެސް ނޫރާ ދެއްކިވާހަކަ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
“އާޔަން. ފާތު ދެއްކިވާހަކައިންވެސް ހަމަ ބުރަވެވެނީ އެގޮތަށް.” ނޫރާ އާޔަން އަށް ބަލައިލަމުން ފާތު ބުނި ވާހަކަ އާޔަންއަށް ކިޔައިދިނެވެ.
“ދެން ތިބުނީ އާޔަންއަށް ލިބިފަ ހުރި ދަރިއެއް ޝައިލާގެ ހުރެޔޭތަ؟ އައި ކޭންޓް ބިލީވް…. ކީކޭތަ ތިކިޔަނީ؟” އާޔަން އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބުންޏެވެ. އެވަގުތު އެތަނަށް މޫސައާއި ލައިވެސް އައެވެ. “ކިހިނެއް އިނގެނީ އެއީ އާޔަންގެ ކުއްޖެއް ކަމެއް؟” އާޔަން ހުރީ ހިތްހަމަ ނުޖެހިފައެވެ.
“އާޔަންގެ ކުއްޖެއް ކަމެއް ނޭގެ. އާޔަންގެ ކުއްޖަކަށް ނުވެވެސް ހިގައިދާނެ. އެކަމަކު އާޔަންގެ ކުއްޖަކަށްވެސް ވެދާނެ. ސަބަބަކީ އާޔަންއާއި ވައްތަރުވީމަ! އާޔަންގެ ތި ދެލޯހާ ވައްތަރުގެ ލޮލެއް އޭނަގެވެސް އިނީ ތިކަހަލަ ފަން އިސްތަށި ގަނޑަކާއި ތިފަދަ ދޮންކަމެއް އޭނަގެ ހުރީ!” އެތަނަށްއައި ލައި އާޔަންއާއި ދިމާއަށް ބުންޏެވެ.
ލައިގެ އަގައިން ބޭރުވެގެން އެއައި ބަސްތަކުން އާޔަންއަށް ހުރީ ގުޑާލަންވެސް ނޭގިފައެވެ. އަނގައިން ނުބުނެވުނުތާގައި ހިންދިރުވާވެސް ނުލެވުނެވެ. މިގޮތަށް ކަންތަށް ދިމާވެދާނެ ކަމަކަށް އާޔަން ހިތަށްވެސް ނާރައެވެ. މިވީ ކިހިނެއް ހެއްޔެވެ. ދެން ވާނީވެސް ކިހިނެއް ކަމެއް އާޔަންއަކަށް ނޭގެއެވެ. ނޫރާ ބުނިހެން ކުޑަ ހިދުކޮޅަކުން ހުރިހާކަމެއްވެސް ބަދަލުވެދާނެ އެވެ. ނަމަވެސް އެއީ ވާނެ ކަމެއްކަމަކަށް އާޔަން ގަބޫލެއް ނުކުރެއެވެ.
“އެހާދިސާ އެގޮތަށް ވެގެން ދިޔަސް އެއީ ސީދާ އާޔަންގެ ދަރިއެކޭ ނުބުނެވޭނެ. ނޯ ޕްރޫފް. އަނެއްކާ އެހެން ބުނެވޭނީވެސް ޝައިލާއަކީ ވަރަށް ދީންވެރި ރަގަޅު ކުއްޖެއް ނަމަތާ. އޭރުވެސް އެތަކެއް ފިރިހެން ކުދިން ފަހަތުލައިގެން އުޅުނު މީހެއް އެއީ. އެހެންވީމަ ތިގޮތަށް ފެނުނަސް އަދި ގަބޫލު ކޮށްގެން ނުވާނެ.” އެއްވެސް ހެއްކަކާނުލާ އެގޮތަށް އެންމެނަށް ގަބޫލުކުރެވޭތީ އާޔަން ހުރީ ހިތްހަމަ ނުޖެހިފައެވެ.
މޫސައާއި ލައިވެސް މާޔޫސް ކަންމަތީ ހަދާނެ ގޮތެއްނޭގިފައި ތިއްބެވެ. އަނެއްކޮޅުން ފާޒިލްއަށް އާޔަންގެ މާޒީ އިނގިގެން މިދިޔައީ ދާދި ދެންމެ އެވެ. ޒީނާމެން ކިޔައިދިނުމުންނެވެ. ފާޒިލްއަށް ނޫރާއާއި ދޭތެރޭ ހަމްދަރުދީ ވެވުނެވެ. އަދި މިހާރު އާޔަންގެ ރަގަޅުކަން ހިތަށް އެރުމުން އެކަމާވެސް ދެރަވިއެވެ.
“އަދި ތިހެން ތިބޭކަށް ނުވެޔޭ! އަދި ނޭގޭނު ތަނެއް ދޮރެއް! ތި ޝައިލާއަކާއި ބައްދަލުކޮށް މާފަށްއެދި ވާހަކަ ދައްކާ އޮޅުން ފިލުވަންވީނު.” ފާޒިލް އައިސް ލަފައެއް ވެސް ދިނެވެ.
އެކިމީހުން އެކި ގޮތްގޮތަށް ހަދަންވީގޮތްތަށް ބުނެދެމުން ދިޔައެވެ. އެމީހުން ދައްކާވާހަކަވެސް އާޔަންއަށް ރަގަޅަކަށް އަޑެއްނީވެއެވެ. ގަބޫލުކުރަން ބޭނުންނުވިއަސް އެހެންވެސް ވެދާނެޔޭ ހުދު އާޔަންގެ ހިތަށްވެސް އަރަމުން ދިޔައެވެ.
އާޔަންއާއި ނޫރާ އެދުވަހު އިރުއޮއްސުނު އިރު ގެއަށް ދިޔައިރު ސައީދާއާއި ޒޫނާއާއި ދެމިހުންވެގެން ސޯފާގައި ތިބެގެން ބޮޑު ލިސްޓެއް ތައްޔާރު ކޮށްފައި އޮތެވެ. އާޔަންއާއި ނޫރާ ގެއަށް ވަނުމާއި އެކު އެލިސްޓް އެމީހުން އަތަށް ދިނެވެ. އަދި އަންނަ ހުކުރުގައި އެގޭގައި ކުޑަ ކެއުމެއް ބާއްވާ ވާހަކަ ބުންޏެވެ. ޒޫނާ ވާހަކަ ދައްކަ ދައްކަ ހުއްޓާ އާޔަން އެތަނުން ދުރަށްގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޒޫނާކީ އެއްވެސް އެއްޗަކަށް ސަމާލުކަމެއް އާޔަން ނުދެއެވެ.
ޒޫނާ ނޫރާއާއި ދިމާއަށް ހައިރާންކަން އެކުލެވިފައިވާ މޫނަކުން ބަލައިލިއެވެ. އެތަށް ސުވާލުތަކެއް ޒޫނާގެ ހިތަށް އަރަމުން ދާން ފެށިއެވެ.
“ކީއްވެތަ އާޔަން އެދިޔައީ؟ ކަމެއް ގޯސްވީތަ؟ ދެމީހުން ދެބަސްވީތަ؟” ކޮންމެސް ކަމެއްވެއްޖެ ކަމުގައި ޔަގީންކޮށްގެން ހުރި ޒޫނާ ނޫރާގެ މޫނަށް ބަލައިލަމުން އެހިއެވެ.
“ނޫން!” ނޫރާ ކުރުޖަވާބެއްދިނީ ދެހިޔާލެއްގައި ހުރެއެވެ. މަންމަމެނަށް އެވާހަކަ ކިޔައިދޭންވީބާއެވެ. ނޫނީ އަދި މާ އަވަސް ބާއެވެ. އެކަންތައް ޔަގީން ނުވަނީސް އަދި ކިޔާކަށް ނުވާނެއެވެ. އާޔަން ކައިރީ ނާހާ ކިޔައިދީފިއްޔާ އާޔަން ރުޅިވެސް އައިސް ދާނެކަންނޭގެއެވެ.
“ކިޔައިދީބަލަ! މަންމައަށް ޔަގީން ކޮންމެސް ކަމެއް ވެއްޖެ!” ޒޫނާ ނޫރާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ބުންޏެވެ.
ނޫރާ ބޭނުންވީ އެވަގުތު ޒޫނާއާއި ސައީދާއަށް އެވާހަކަ ކިޔައިދޭށެވެ. ނަމަވެސް ސައީދާއަށް އެވާހަކަ ކިޔައިދިނުމަށް ނޫރާ ޖެހިލުން ވިއެވެ. ނޫރާގެ ހިތުގެ އިހްސާސްތަކާއި މެދު ނޫރާގެ މަންމަ ވިސްނާނެތީއެވެ. އަދި މަންމައަށް އެވާހަކަ ސިއްރެއްގެ ގޮތުގައި ބޭއްވިދާނޭ ކަމަކަށް ނޫރާ ގަބޫލެއް ނުކުރެއެވެ.
“އާޔަން ކުޑަކޮން ބޮލުގަ ރިއްސާތީ އުޅެނީ. ނޫރާ އެބަ އަންނަން.” ނޫރާ ކޮޓަރިއަށް ދަމުން އެހެން ބުނެލިއެވެ.
ނޫރާ ކޮޓަރިއަށް ވަންއިރު އާޔަން އޮތީ ނިތްކުރި މަތީ އަތް ބާއްވާލައިގެން އެނދުގައި އޮށޯވެގެންނެވެ. އާޔަންއޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ނޫރާ ކޮޓަރިއަށް ވަންކަމެއްވެސް އާޔަންއަކަށް ނޭގެއެވެ. ނޫރާގޮސް އެނދަށް އެރުމުން އާޔަން ބަލައިލީ މާޔޫސްވެފައިވާ ބެލުމަކުންނެވެ. އާޔަންގެ މޫނުފެނުމުން ނޫރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަދި ހަމަޖެހިލަމުން އާޔަންގެ މޭމަތީ ބޯއަޅާލިއެވެ. އާޔަންވެސް ލޯބިން ފުރިގެންވާގޮތަކަށް ނޫރާ އާޔަންގެ ގަޔާ ކައިރިކޮށްލިއެވެ.
“ނޫރާ!” އާޔަން ނޫރާގެ ކޮނޑުގައި ފިރުމާލަމުން ގޮވާލިއެވެ.
“ހޫމް!” ނޫރާ އޮތީ އާޔަން ދައްކާން އުޅޭ ވާހަކައަށް ތައްޔާރުވެގެންނެވެ.
“ނޫރާ! ކިހިނެއްވާން މި އުޅެނީ؟” އާޔަންއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ.
“އާޔަން! އިރާދަކުރެއްވިއްޔާ ކޮންމެކަމެއްވެސް ދާނީ ރަގަޅަށް. އެހާބޮޑަށް ނުވިސްނާ.” އާޔަން ފިކުރު ބޮޑުވެފައިވާތީ ނޫރާ ބެލީ އާޔަން ހިތްހަމަ ޖައްސާލަ ދެވޭތޯއެވެ. އެހެން ނަމަވެސް އަމިއްލަ ހިތް ހަމައަކަށް ނޭޅިގެން އުޅޭއިރު އާޔަންގެ ހިތްހަމަ ޖައްސާދެވޭނެ ހެއްޔެވެ. ނޫރާގެ ލޮލުން ފޭދިގެން ފައިބަމުން ދިޔަ ކަރުނަތަކުން އާޔަންގެ ޓީޝާރޓް ތެމެން ފެށިއެވެ.
“ނޫރާ. އަދި ރޯކަށް ނުވެޔޭ. ނޫރާ ތިހިން ރޮންޏާ އާޔަން ހާސްވެޔޭ.” ޓީޝާޓް ތެމެމުން ދާތީ ނޫރާ ރޯކަން އާޔަންއަށް އިގުމުން ބުންޏެވެ. ނޫރާ ރޮންޏާ އާޔަންއަށް ކެތެއް ނުކުރެވެއެވެ.
“ނޫރާއަށް ފެންނަނީ އާޔަން އެއްފަހަރު ޝައިލާއާއި ބައްދަލުކޮށްލަން. ޝައިލާއާއި ވާހަކަ ދައްކާ މާފަށްއެދެން. އޭރުން ހުރިހާކަމެއް އޮޅުން ފިލާފާނެ.” ނޫރާ ލޯފޮހެލަމުން ބުންޏެވެ.
“ޝައިލާ އާޔަންއަށް މާފުކޮށްފާނެތަ؟” އާޔަން އަހާލިއެވެ.
“ވާހަކަ ދައްކާލީމަނު އިނގޭނީ! މަންމަމެން ކައިރީވެސް ބުނަން ނޫރާއަށް ފެންނަނީ! އެމީހުނަށްވެސް ކުރީބައިގަ އިނގުނީމަ ރަގަޅުވާނީ! މަންމަމެނަށް މިހާރުވެސް ހީވެފަ ތިބީ ކޮންމެސް ކަމެއް ވެއްޖެހެން. ނޫރާ މިއައީ މަންމަމެނަށް ދޮގުވެސް ހަދާފަ އާޔަން ބޮލުގަ ރިއްސަނީޔޭ ކިޔާފަ.” ނޫރާ ބުންޏެވެ.
“މިރޭ ކޮންމެސް ވަގުތަކު ބުނާނީދޯ! މިހާރު ހިނގާ ނަމާދުކުރަމާ! ކޮންމެކަމެއްވެސް މެދުވެރިވާނީ އިމްތިޙާނަކަށް. މި ކަންތަށްތަކަށް ކެތްކޮށް ކުރިމަތިލުން އާޔަންމެންނަށް އޮތީ!” އާޔަން އެނދުން ތެދުވިއެވެ.
އެރޭ ޒޫނާއާއި ސައީދާ ކައިރީ ނޫރާއާއި އާޔަން އެވާހަކަ ދައްކަން ނިންމައިގެން ތިބެފަވެސް ފަހުން ހިޔާލު ބަދަލުވީ ޝައިލާއާއި ބައްދަލުކޮށްފަ ކިޔައިދިނުމަށެވެ.
އަނެއްދުވަހު ހަވީރު ފާތުގެ އެހީގައި އާޔަން ޝައިލާމެންގެއަށް ދިޔައީ މޫސައާވެސް މަޝްވަރާ ކުރުމަށް ފަހުއެވެ. މޫސަވެސް ގޮވައިގެން ޝައިލާމެންގެއަށް އާޔަން ވަނީ ފާތުގެ ފަހަތުންނެވެ. ފާތު އޭރުގައި އޮތީ ޝައިލާ ކައިރީ މީހަކު ޝައިލާއާއި ބައްދަލުކޮށްލަން ބޭނުންވެގެން އުޅޭވާހަކަ ބުނެފައެވެ. ސަލާމް ގޮވައިލުމުން ޝައިލާގެ މަންމަ ހަނީފާ ސަލާމް ބަލައިގަތެވެ. އަދި ދޮރުހުޅުވިއިރު ސޯފާގައި ޝައިލާ އިށީނދެގެން އިނެވެ. ފާތު ފެނުމުން ސޯފާގައި އިން ޝައިލާ ހިނިތުން ވެލަމުން ފުންމައިގެން ތެދުވިއެވެ. ފާތުގެ ފަހަތުގައި ހުރި އާޔަން ފެނުނީ ފާތުއާއި ދިމާއަށް އަންނަން ހިގައިގަތް ވަގުތުއެވެ. ޝައިލާއަށް ހުއްޓުންއެރިއެވެ. އެހާ ކުއްލިގޮތަކަށް އާޔަންފެނުމުންނެވެ. “އާޔަން!” ޝައިލާއަށް މަޑުމަޑުން ބުނެލެވުނެވެ.
ޝައިލާ ހުރީ ހައިރާންވެފައެވެ. އެތައްއިރަކު ޤަބޫލުކުރަން ދަތިވެފައި ބަލަހަށްޓައިގެން ހުރެވުނެވެ. ދުރުގައި ހުރި ޝައިލާގެ މަންމަ ހަނީފާ ވެސް ހުރީހުއްޓުން އަރާފައެވެ. އަރީނާއާއި ވައްތަރު މީހެއް ފުރަތަމަފަހަރަށް ހަނީފާއަށް ފެނުމުންނެވެ.
އެމީހުން އިށީންނަށް ތަންދައްކާފައި ޝައިލާ އެތެރެއަށްވަނީ ހަމަޖެހިލުމަށެވެ. އަދި އޭނަ މަންމައަށް ވެސް ގޮވާ ވާހަކަތަކެއް ދެއްކިއެވެ. އިރުކޮޅެއްފަހުން ޝައިލާ ނިކުތީ ޖޫސް ހިފައިގެނެވެ. އަދި ފާތުކައިރީ އިށީނީ ހިނިތުން ވެލަމުންނެވެ. އެކަކަށްވެސް ތިބީ ފުރަތަމަ ވާހަކަދައްކަން ނުކެރިފައެވެ. ފައްޓާނެގޮތެއް ވެސް ނޭގިފައެވެ.
“ޝައިލާ ކައިރިއަށް އާޔަން މިއައީ ވަރަށްބޮޑުކަމަކު!” އެންމެ ފަހުން އާޔަން ވާހަކަ ދައްކަންފެށިއެވެ. އާޔަންއަށް ދިވެހި އެނގޭކަމެއް މީގެކުރިން ޝައިލާއަށް އެނގިފައެއް ނެތެވެ. އެހެންކަމުން އަޖައިބު ވެގެން ބަލައިލާފަދަ ގޮތަކަށް ޝައިލާ ބަލައިލިއެވެ. އެވަގުތު ހަނީފާވެސް ހުރީ ހައިރާންވެފައެވެ. ބޭރުމީހަކު އެހާރީތިކޮން ދިވެހިން ވާހަކަދައްކާތީއެވެ.
“ކޮންކަހަލަ ކަމަކު؟” ޝައިލާ ހުރީ އަދިވެސް ހައިރާން ވެފައެވެ.
“ޝައިލާ! އާޔަން މިއަދު މިއައީ އާޔަންއަށް ކުރިންކުރެވިފައި އޮތްކަމަކަށް މާފަށް އެދެންވެގެން. ވިލް ޔޫ ފޮރގިވްމީ؟ ޝައިލާގެ ކިބައިން މާފަށްއެދެން އާޔަން ބޭނުންވެގެން ވަރަށް ދުވަސްވެއްޖެ ޝައިލާ ހޯދާތާ! އެންމެފަހުން ފާތުގެ ފަރާތުން މި އެނގުނީ ޝައިލާއުޅޭތަން!” އާޔަން ހިންދިރުވާލީ ޝައިލާގެ މޫނަށް ބަލައިލަމުންނެވެ. “އިނގޭ އެއީ މާފު ދެވޭވަރުގެ ކަމެއްނޫންކަންވެސް އެހެންނަމަވެސް….. އާޔަންއަކަށް ނޭގެ ދެން އެކަމުގަ ކުރާނީ ކީއްކަމެއްވެސް. ޝައިލާ ބޭނުން އަދަބެއް ދެވިދާނެ. އާޔަން މިހިރީ ޝައިލާދޭ ކޮންމެ އަދަބެއްވެސް ލިބިގަންނަން ތައްޔާރަށް! އާޔަންއަށް މާފުކުރޭ ޝައިލާ! ޕްލީޒް!” އާޔަންގެ ލޮލުން ވަނީ ކަރުނަ ނިރާލާފައެވެ. އަސްލުގައިވެސް އާޔަންވަނީ ހިތުގަ ޖެހިފައެވެ. އާޔަންއަށް ކުރެވިފައިވާ ބޮޑުފާފައަށް ކޮންމެސްވަރެއްގެ ލުއިކަމެއް އަންނާނީ ޝައިލާ މާފުދިނިއްޔާއެވެ.
“ތިހެން ކުއްލިއަކަށް އައިސް ތިގޮތަށް ކަންތައްކުރުމުން އަހަންނަކަށް ނޭގެ ބުނާނެ އެއްޗެއް! އަހަރެން އުޅެމުންއައި ދަތި ދުވަސްތަކާ ދޭތެރޭ އާޔަން ވިސްނާލީމުތަ. ބަލަ ތިހެން އައިސް މާފުކުރާށޭ ބުންޏަސް އަދި ނުކުރެވޭނެ. އަހަރެންވެސް އަދި ބޭނުން ދުވަސްކޮޅެއް ވިސްނާލަން!” އެމީހުންގެ ވާހަކަ އަޑުއަހަން ތިބި މޫސަ އާއި ފާތުއަށް ބަލައިލުމެއްނެތި ހަރުކަށިކޮން ޝައިލާ ބުންޏެވެ.
“އާޔަންއަށްވެސް އިނގެޔޭ ޝައިލާ އުޅޭނެ ދަތި ހާލު. ބޮޑު ބަދުނާމެއް ލިބުމުން ވާނެގޮތް އާޔަންއަށް އިހްސާސް ކުރެވޭތީއޭ މާފަށްއެދެން މިއައީވެސް.” ވަރަށް މަޑުމައިތިރިކޮން އާޔަން ބުންޏެވެ.
“އަހަރެން ބޭނުންވަނީ އާޔަންއާއި އެކަނި ވަކިން ބައްދަލުކޮށްލަން! އަހަރެން އާޔަންކައިރީވެސް ބުނަންވެފަ އޮތް ވާހަކައެއް އޮތީމަ!” އިރުކޮޅަކު އިނުމަށްފަހު ޝައިލާ ބުންޏެވެ.
އެރޭ އެގެއިން ނިކުތީ ކޮންމެވެސް ރެސްޓޯރެންޓަކުން ބައްދަލުކުރުމަށް ނިންމާ ފޯނުނަމްބަރުވެސް އެކަކު އަނެކަކަށް ބަދަލުކުރުމަށް ފަހުއެވެ. ޝައިލާ ދައްކަން އެއުޅޭ ވާހަކަވެސް ކޮންމެސް ވަރަކަށް އާޔަންއަށް އެނގޭކަހަލައެވެ.
މޫސައާއި އެއްކޮން އުޅުމަށްފަހު އާޔަން ގެއަށް ދިޔައީ އިޝަނަމާދުން ފައިބައިގެންނެވެ. އޭރު ނޫރާއާއި ދެ މަންމަ އާޔަންގެ އިންތިޒާރުގައި ތިއްބެވެ. އާޔަން އައިސް ވަނުމުން ސައީދާ ފުންމައިގެން ތެދުވިއެވެ.
“ދަރިފުޅާ ހިނގާ ކާންއުޅެމާ!” ސައީދާ އާޔަންގެ އަތުގަ ހިފާލަމުން ބުންޏެވެ. ސައީދާވެސް މަންމައަކު ފަދައިން އާޔަންދެކެ ލޯބިވެއެވެ. ސައީދާ ދެކެނީ އާޔަންއަކީވެސް ސައީދާގެ ދަރިއެއްކަމުގައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ޒޫނާވެސް ނޫރާއާއި ދޭތެރޭ ކަންތައް ބަހަށްޓަނީ ހަމަ އެފަދައިންނެވެ.
“މަންމާ! އާޔަން ދެންމެ މިއައީ މޫސައާއި އެކު ސައިބޮއެގެން އެހެންވެ ތަންކޮޅެއް ލަހުން އާޔަން ކާނީ!” އާޔަން ސައީދާގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. އަދި ނޫރާއާއި ދިމާއަށް އެނބުރިލަމުން ނޫރާ ކާށޭ ބުނެލިއެވެ.
އާޔަންގެ މޫނުމަތިން ފެންނަން ހުރި މާޔޫސްކަމުން ޒޫނާގެ ހިތުގެ ދިމާލެއްގައި ކޮށްޓާލިއެވެ. ކަމެއް ގޯހުން ގޯހަށް ދާހެން ޒޫނާއަށް ހީވިއެވެ.
އެރޭ ސައީދާ ކޮޓަރިއަށް ނިދަން ވަނުމުން ޒޫނާގޮސް އާޔަންމެން ކޮޓަރި ދޮރުގައި ޖަހާލިއެވެ. ދޮރުހުޅުވީ ނޫރާއެވެ.
“ކޮބާ އާޔަން؟ ހޭލާތަ އުޅެނީ؟” ޒޫނާ ނޫރާ ކައިރީ އަހާލިއެވެ.
“އާން. އެބައޮތް އެނދުގަ.” ޒޫނާ ވަންނަން ތަން ދައްކަމުން ނޫރާ އެއްކައިރިއަށް ޖެހިލިއެވެ.
“ދަރިފުޅާ. ކޮންމެސް ކަމެއް ސިއްރުކުރަނީދޯ. މަންމަ އަށް ވަރަށް ހީވެގެން އެންމެފަހުން މިއައީ.” އޮށޯވެގެން އޮތް އާޔަންގެ މަގަތުން އެނދުގައި އިށީނަމުން ޒޫނާ އެހިއެވެ.
“މަންމާ!” އާޔަން ތެދުވެ އެނދުގެ ބޯލާކޮޅު ފަޑީގައި ލެގިލިއެވެ. އަދި ނޫރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“މަންމައަށް އިނގޭނެ އާޔަންއަށް ކަމެއްވެގެން އުޅެންޏާ. ދެން ސިއްރުނުކޮށް ބުނެބަލަ. މަންމަ ސައީ ނިދަންދެން ހޭލާވެސް މީނީ އާޔަންއާއި ވާހަކަ ދައްކަންވެގެން.” އާޔަންގެ އުނގުމަތީއޮތް ބާލީސްމަތީ އޮތް އާޔަންގެ އަތުގައި ޒޫނާ ހިފާލިއެވެ.
“އާޔަން. ނޫރާއަށް ފެންނަނީ ދެން ކިޔައިދޭން.” ކޮޅަށް ހުރި ނޫރާ އާޔަންއަށް ބަލައިލަމުން ބުންޏެވެ.
އާޔަން ހުރިހާވާހަކައެއް ޒޫނާއަށް ކިޔައިދިނެވެ. ޒޫނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއަސް ހަމަޖެހިލާގޮތް ދެއްކޭތޯ ވަރަށް މަސައްކަތް ކުރަމުން ދެއެވެ.
“ދަރިފުޅުމެން އަދި އެހާ ހާސްވާ ހިސާބަކަށް ނުދޭނު. ޑީ އެން އޭ ހެދުމަށްފަހު ތިގޮތަށް ވިސްނަން ވާނީ. ދެން މާފުނުދިނަސް އެއީ އެމީހެއްގެ ކަމެއް. އާޔަންއަށް މިހާރު މާފަށް އެދެވިއްޖެނު. އޭނަ މާ ގަދަކުރަން އުޅެންޏާ އަޅާލާނެ ކަމެއްނެތް.” ޒޫނާ ބުންޏެވެ.
“އޭނަ އެބުނާ ތާކުން އޭނައާ ބައްދަލުކޮށްފަ އިނގޭނީދެން. އަނެއްކާ އަދި ނޫރާ މަންމަކައިރީ މިވާހަކަ ނުކިޔައްޗޭ. ޝީ ކޭންޓް ހޯލްޑް އިޓް.” އާޔަން ބުންޏެވެ.
* * * * * * * * * * *
ނޫރާއާއި އާޔަންގެ ކައިވެނީގެ ކެއުން އާއިލާ މީހުނަށްދިނުން ލަސްކޮށްލައިފިއެވެ. ކަންތައްތައް ހަމައަކަށް އެޅެންދެން ސައީދާގެވެސް އެދުމުގެ މަތިން އެކަންލަސްކޮށްލީ ޒޫނާއެވެ. އަދި އާޔަންއާއި ނޫރާގެ ކައިވެނި މާލޭގައި ރަޖިސްޓްރީ ކުރުމުގެ ކަންތައްވެސް ޒޫނާވަނީ ލަސްކޮށްލާފައެވެ.
އާޔަން ކޮޓަރި އެނދުގައި އައިޕެޑް ހިފައިގެން އޮތީ ކޮންމެސް މަސައްކަތެއްކުރާށެވެ. މިއަދު އާޔަންއޮތީ ވަރަށް ހަމަޖެހިލައިގެނެވެ. ނޫރާ ފާޙާނާއިން ފެންވަރައިގެން ނިކުތީ ތުވާލި އޮޅާލައިގެންނެވެ. އާޔަންއަށް ނޫރާފެނުމުން އައިޕެޑް އެދުމައްޗަށް އެއްލާފައި އައިސް ނޫރާގެ އުނަގަނޑުގައި ހިފާލަމުން އާޔަންއާއި ކައިރިކޮށްލިއެވެ. އަދި ކަނދުރާގައި ބޮސްދޭން ފެށިއެވެ. އެފަދަ ލޯބިވެތި ގޮތަކަށް އުޅެނިކޮން އާޔަންގެ ޖީންސްގެ ޖީބުން ރިންގުވާއަޑު އިވެންފެށިއެވެ.
“މިހާހެދުނާ ކާކުތަ؟” އާޔަން ޖީބަށް އަތްކޮށްޕާލަމުން ބުންޏެވެ. އޭރުވެސް ނޫރާގައިން އާޔަން ދުލެއް ނުކުރެއެވެ. ނަމަވެސް ފޯނާދިމާއަށް ބަލައިލުމާއި އެކު ނޫރާގައިން އާޔަން ދޫކޮށްލިއެވެ. އަދި ފޯނަށް އަރާނަން ނޫރާއަށް ދައްކާލިއެވެ. ޝައިލާއެވެ. އާޔަންއަށް ޝައިލާ އެގުޅަނީ ހަފްތާއެއް ފާއިތުވެގެން ދިޔަ ފަހުންނެވެ.
“ނަގާބަލަ!” އާޔަން ފޯނަށް ބަލަން ހުރުމުން ނޫރާ ބުންޏެވެ.
“ހެލޯ!” މަޑުމައިތިރި ކަމާއެކު އާޔަން ފޯނަށް ޖަވާބުދިނެވެ. “އާން! މައްސަލައެއްނެތް! މިރޭދޯ! އޯކޭ!” އާޔަން ފޯނު ކަޑާލިއެވެ. ނޫރާ ހުރީ އާޔަން ކިޔައިދެންދެން މަޑުކޮށްލައިގެންނެވެ.
“ޝައިލާ ބޭނުންވަނީ މިރޭ އާޔަންއާއި މީޓް ކުރަން! ސިޓީ ޕާރކް ޑައިނަމޯރ އަށް ދާށޭ ބުނީ!އާޔަން ދާނީ މޫސައާ އެއްކޮން!” އާޔަން މާނޭވާއެއްލިއެވެ. އަދި ނޫރާ އުރާލައިގެން ގެންގޮސް އެނދުމަތީ ބޭއްވިއެވެ. “ނޫރާ. ޔޫލުކް ސޯ ސެކްސީ ޓުޑޭ. ނޫރާ ތީ އާޔަންގެ ހުރިހާވެސް އުއްމީދަކީ! އާޔަންގެ ހިނިތުންވުމާއި ހިތްހަމަޖެހުމަކީވެސް ތީ!” ނޫރާކައިރީ އޮށޯންނަމުން އާޔަން ބުންޏެވެ.
* * * * * * *
އެރޭ އިޝާނަމާދުން ފައިބައިގެން މޫސައާއިއެކު އާޔަން ދިޔައީ ސިޓީ ޕާރކަށެވެ. އާޔަންއަށް އެންމެކުރިން ޝައިލާއެއް ނުފެނުނެވެ. މަޑުކޮށްލައިގެން ހުރީ ޝައިލާ އަދި ނާންނަނީކަމަށް ހީކޮށެވެ. އިރުކޮޅަކުން އާޔަންއަށް ޝައިލާ ގުޅާފައި އޭނަ އިންތަން ބުނެލިއެވެ. އާޔަން މޫސައާއި އެކު ހިގައިގަތީ ޝައިލާބުނި ދިމާލަށެވެ. އާޔަން ދިޔައިރު ކުޑަކުދިން ކުޅޭ ދިމާލުގެ ހިލަ ގޮނޑިއެއްގައި އިށީނދެލައިގެން ފޯނާކުޅެން ޝައިލާ އިނެވެ.
އާޔަންއާއި މޫސަ ފެނުމުން ޝައިލާ ތެދުވިއެވެ. ޝައިލާ ލައިގެން ހުރީ ގަޔަށްބާރު ނޫކުލައިގެ ޓޮޕަކާ ކަޅުކުލައިގެ ޓައިޓެކެވެ. ބުރުސޫރަ ގެއްލިފައިވާ ހަށިގަނޑުގެ މަސްތަކާ އެކި ބައިތައް ވަކިވަކިން ބަލައިލާ މީހަކަށް ފެންނާނެއެވެ. އެއީ ކުރިން ކިހާރީތި ހަށިގަނޑެއްގެ ވެރިއެއް ހެއްޔެވެ. ލޫޅާފަތި ބަނިޔާދަކަން މިހާރު އެވަނީ ނެތިގޮސްފައެވެ. ދިގުދިގު ފަން އިސްތަށިގަނޑުގެ ބަދަލުގައި މިހާރު އެވަނީ ހޯލިކޮޅެކެވެ. އާޔަން ހުރީ ޝައިލާއަށް އައިސްފައިވާ ބަދަލުތަކާމެދު ވިސްނާށެވެ.
“މަންމީ. ވަންމޯ ޓައިމް އަރީ އަރާލަންތަ ސްލައިޑަށް؟” އެވަގުތު ދުވެފައި ޝައިލާ ކައިރިއަށް އައި ކުޑަކުއްޖާ ފެނުމުން އާޔަންއަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެނެވެ. މީހާ ފިނިވެގެން ދިޔައެވެ. މޫސަވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެދުވަހު ލައި ބުނީ ތެދެކެވެ.
One Comment
Comments are closed.
Not nice…. ????