ވީމޭ އިންތިޒާރުގައި 19 ވަނަ ބައި
\”މަންމީ. ވަންމޯ ޓައިމް އަރީ އަރާލަންތަ ސްލައިޑަށް؟\” އެވަގުތު ދުވެފައި ޝައިލާ ކައިރިއަށް އައި ކުޑަކުއްޖާ ފެނުމުން އާޔަންއަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެނެވެ. މީހާ ފިނިވެގެން ދިޔައެވެ. މޫސަވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެދުވަހު ލައި ބުނީ ތެދެކެވެ. އެކުއްޖާ އާޔަންއާ ވަރަށްވެސް ވައްތަރެވެ. އާޔަންގެ ލޮލެވެ. އެމޫނެވެ.
އާޔަންއަށް ވެފައިހުރިގޮތް ފެނުމުން ޝައިލާ އެދިމާއަށް އައެވެ.
\”އެއީ އަރީނާ! އާޔަންއަށް ފެންނައިރަށް އެގިއްޖެދޯ! އެއީ އަހަރެންގެ ދަރިއެއް. އަދި އެއީ އާޔަންގެވެސް ދަރިއެއް.\” ޝައިލާ ޖެހިލުމެއްނެތި އެބުނެލި ޖުމްލައިން އާޔަންއަށް ހީވީ އާޔަންގެ ފައިދަށުން ބިންގަނޑުދެމިގެން ގޮސް ބޮޑު އަނދަވަޅަކަށް އާޔަން ވެއްޓުނު ހެނެވެ. މޫސަވެސް ހުރީ ހައިރާންވެ ގޮތްހުސްވެފައެވެ.
\”ޝައިލާ ތިބުނީ ތެދެއްތަ؟ އާޔަން ކިހިނެއް ގަބޫލު ކުރާނީ؟\” އާޔަން ހުރީ ގަބޫލު ނުކުރެވިފައެވެ. އެވަގުތު އާޔަންއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އަރީނާއަށް އާޔަން ފުންކޮން ބަލައިލިއެވެ.
\”އާޔަން އާނޫންތަ އޭނަ ވައްތަރީ؟ އާޔަންއަށް ގަބޫލު ނުކުރެވެންޏާ ޕްރޫފްވެސް ދެއްކިދާނެ.\” ޝައިލާ ހުރީ އާޔަން ގަބޫލު ނުކުރުމުން ކުޑަކޮން ހިތްހަމަ ނުޖެހޭގޮތް ވެފައެވެ.
\”މަންމީ.. މިބޭބެ ވަރަށް ވައްތަރު ދޯ އަރީގެ ޑެޑީއާ\” އާޔަންއާއި ދިމާއަށް ބަލަން ހުރި އަރީނާ ބުނެލި ޖުމްލައިން އާޔަންއަށް ތެޅިގަނެވުނެވެ.
\”އެތަނުން ތަނެއްގަ އިށީނދެގެން ވާހަކަ ދައްކާލަން ދާންވީނު. އައި ވިލް ޓޭކް ކެއަރ އޮފް ދަ ކިޑް\” އެވަގުތު މޫސައެތަނަށް އައިސް އަރީނާއަތުގަ ހިފާލިއެވެ. ދެމީހުން އެތާތިބެ ވާހަކަދައްކާތީ މޫސައަށް ކަމަކު ނުދިޔައެވެ. އަދި އެހާ އަމިއްލަ ވާހަކައެއް އާމު ތަނެއްގަ ދައްގާތީއެވެ.
އާޔަންއާއި ޝައިލާ އައިސް ޑައިނަމޯރގެ މޭޒެއްކައިރީ އިށީނުމުން ވެއިޓަރަކު އައެވެ.
\”ދެ ކޮފީ.\” އެހެން ބުނެ އާޔަން އެމީހާ ފޮނުވާލިއެވެ.
\”ޝައިލާ އެހެން އާޔަންއާ ވައްތަރަކަސް އަސްލު ނޭގޭނެނު އެއީ އާޔަންގެ ކުއްޖެއްކަމެއް. އެދުވަސްކޮޅު ކިތައް މީހުނާއެއްކޮން ޝައިލާ އުޅުނިން.\” އާޔަން އަދިވެސް ގަބޫލު ކުރަން ބޭނުމެއް ނޫނެވެ.
\”އާން. އެދުވަސްކޮޅު އަހަރެން އުޅުނިން ލަންކާ ކުއްޖަކާއެކީ. އަހަރުމެން ދެމީހުންގެ ގުޅުންވެސް އެހާވަރަށް އޮތް. އެކަމަކު އަހަރުމެން ސޭފްޓީ ބޭނުން ކުރީމޭ.\” ޝައިލާ އާޔަންގެ މޫނަށް ބަލައިލިއެވެ. އެއީ ހަމަ އެލޮލެވެ. ޝައިލާއަށް ރީތިވެގެން އުޅުން އެމޫނެވެ. މިހާރު އެ ހަށިގަނޑުވެސް އިތުރަށް ރީތިވެފައި ފިރިހެންވަންތައެވެ.
\”އެދުވަހުގެ ހާދިސާއަށް ފަހު އަހަންނަށްވެސް ނޭގެ އަހަރެން ބަނޑުބޮޑުކަމެއް. މާލެއައިސް ދެމަސް ވީފަހުން އެނގުނީ. އަހަރެން ވަރަށް ރުއިން. މަންމަވެސް ހުރީ ދެރަވެފަ. އާއިލާގައި ހުރި އެންމެބޮޑު އަންހެން ކުއްޖާއަށް އެފަދަ ކަމެއް ދިމާވީމަ ދެރަވާނެނު. އަހަރެން ފަހުން އަނެއްކާ ލަންކާއަށްގޮސް ވިހައިގެން ކައިވެނީގެ ވަގު ސެޓްފިކެޓަކާއި ވަރީގެ ވަގު ސެޓްފިކެޓެއް ހެއްދީ! އަދި އަރީނާއަށް ނަންވެސްދިނީ އާޔަންގެ ނަން ލާފަ! އެއީ އަހަރެން ބަދުނާމުވާނެތީވެ ކުރިކަމެއްނޫން! އެއީ އަރީއަށް ޓަކައި އަދި އަހަރެންގެ އާއިލާއަށް ޓަކައި ކޮށްދިންކަމެއް. މަންމަ ފިޔަވާ އާއިލާގެ އެހެންމީހުން ހީކުރަނީ އަހަރެން އާޔަންއާއި ކައިވެނިކޮށް އަދި އާޔަން އަހަރެން ވަރިވެސް ކުރީކަމަށް!\” ޝައިލާ ހުރިހާ ވާހަކައެއް ދެއްކިއިރު އާޔަން އިނީ އެވާހަކަތައް އަޑުއަހާށެވެ. ކެތްތެރިކަމާއެކުއެވެ.
\”ސޮރީ! ވަރަށްބޮޑަށް ސޮރީ! އާޔަންއާހެދި ޝައިލާއަށް ކިހާބޮޑު ތަކުލީފެއް އުފުލަން ޖެހުނީ..\” އާޔަންއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. އަޑު ބެދިއްޖެއެވެ. ކުޑައިރުކޮޅަކަށް ނަމަވެސް ޝައިލާގެ ވާހަކަ އާޔަންއަށް ގަބޫލުކުރެވުނެވެ. އިރުކޮޅަކު އެތަނަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ.
\”އެކަމަކުވެސް އާޔަން ބޭނުން ޑީއެންއޭ ޓެސްޓް ހަދަން.\” އާޔަންގެ އެޖުމްލައިން ޝައިލާ ކައިރިއަށް ރުޅިއަންނަގޮތް ވިއެވެ.
\”ކަލޭ ހީކުރަނީދޯ އަހަރެން ދޮގުހަދަނީޔޭ. އެކަމު ބުނަންތަ އަހަރެން މިހަދަނީ ތެދު. ކަލޭޖެހޭނީ ގަބޫލުކުރަން. ތިހާ ބޭނުންވެގެން އުޅެންޏާ ތި ޓެސްޓުވެސް ހެދިދާނެ.\” ޝައިލާ ވާހަކަދައްކަމުން ދިޔައިރު ރުޅިވެސް ދިޔައީ ގަދަވަމުންނެވެ. އަޑުވެސް ބާރުވަމުން ދިޔައެވެ.
ކޮފީހިފައިގެން ވެއިޓަރު އައުމުން ޝައިލާ ހަމަޖެހިލިއެވެ. އަދި ގޮނޑީގައި ލެގިލިއެވެ.
\”ޝައިލާއަށް އާޔަން ބަސްޓްކޮށްލެވުނީސް! އާޔަންގެ މައްޗަށް ޝަރީއަތްވެސް ހިންގުނީސް. ޝައިލާ ތިހުރިހާ ދޮގުތަކެއް ހެދުމަށްވުރެ ކުށެއް ނެތްގޮތަކަށް ޝައިލާ ސަލާމަތްވާނެ! ނަމަވެސް އާޔަން ބެދޭނެ ޝައިލާ އެހެން ހެދިނަމަ! ކީއްވެ އެހެން ނެހެދީ! ބަދަލު ހިފަންވެސް އެހެން ހެދިނަމަ!\” ވެއިޓަރ ދިއުމުން އާޔަން ޝައިލާއާއި ވާހަކަދައްކަން ފެށިއެވެ.
\”އަހަރެން މިހަދަނީ ދޮގެއްނޫނޭ! އަހަރެންނަށް ތިހެންވެސް ހެދުނީސް. އެކަމަކު އަހަރެން މީ ކޮންމެކަހަލަ ގޮތަކަށް އުޅޭ މީހަކަށްވިޔަސް ކުޑަކުދިންދެކެ ލޯބިވާމީހެއް. އަހަރެން އަހަރެންގެ ދަރިފުޅަށް ޓަކައި ކޮންމެކަމެއްވެސް ކުރާނަން. އަހަރެން އޭރު ބަނޑުބޮޑުވުމުން އަހަރެންގެ މަންމަ ނުލާހިކުވަރަށް އެބޯރޓް ކޮށްލަން މަޝްވަރާދިން. އެކަމަކު އަހަރެން އެގޮތް ބޭނުންނުވީ.\” ޝައިލާގެ ވާހަކަތައް އާޔަންއަށް ގަބޫލު ކުރެވެން ފެށިއެވެ. ނޭގޭ ރިހުމެއް ހިތުގައި އުފެދުނެވެ. ދުރުގައި ކުޅެން އުޅޭ ކުޑަކުޑަ އަރީނާއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އާޔަންގެ ހިތް ލޯބިން ފުރިގެންދިޔައެވެ. އެއީ އާޔަންއަށް ލިބިފަހުރި ލޯބިލޯބި ކުއްޖެއް ހެއްޔެވެ. ނޭގިހުއްޓާ ބައްޕައަކަށް ވީ ހެއްޔެވެ. އާޔަން ހިތުގެ އަޑިން އެވާހަކަ ގަބޫލުކުރަން ބޭނުންނުވިއަސް އެއީ ވެދާނެ ގޮތެއްކަން ހިތަށްއަރަމުން ދިޔައެވެ.
\”އަހަރެން އާޔަންދެކެ ވަރަށް ލޯބިވީން! އާޔަން އަހަރެންނަށް އެގޮތަށް ކަންތައްކުރީ އަހަރެންގެވެސް ކުއްތަކެއް އޮވެގެންކަން އަހަންނަށް ގަބޫލުކުރެވުނީ! އަހަރެން އުންމީދު ކޮށްގެން ހުރީ އާޔަން ފެންނާނެކަމަށް. އެކަމަކު އަހަރުމެން ކައިރިއަށް އާޔަން އަންނާނެކަމުގެ އުއްމީދެއް އެއްވެސް ވަރަކަށް އަހަރެން ނުކުރަން! ނަމަވެސް އަރީއަށް އާޔަންގެ ފޮޓޯދައްކާ ބައްޕައަކީ ތީކަން ބުނެދީފަ އޮންނާނީ! އަރީ އާޔަންގެ ފޮޓޯއާއި ވަރަށް ވާހަކަދައްކާނެ. އާޔަންއާ ދިމާނުވިއަސް އަރީ އާޔަންދެކެ ވަރަށް ލޯބިވޭ!\” ޝައިލާ ބުންޏެވެ.
އާޔަން ކޮފީ ޖޯޑު ކައިރިކޮށްލަމުން ދުރުގައި ކުޅެން އުޅޭ އަރީނާއާއި މޫސައަށް ބަލައިލިއެވެ. އަރީނާ މޫސަ ފަހަތުން ދުވަނީއެވެ. ވަރަށް މަޖާ ވެލާފައި ދެމީހުން ކުޅެން އުޅެއެވެ.
\”ޝައިލާ! ދެން އާޔަންއަށް މާފުކުރާނަންތަ؟\” އާޔަން ޝައިލާގެ އަނދުންއަޅާލާފައިވާ ލޮލަށް ބަލައިލަމުން އެހިއެވެ. ޝައިލާގެ ލޯ ވަރަށް ރީއްޗެވެ. ނަމަވެސް އެލޮލުގައި އެއްވެސް އަސަރެއް ހުރިތަނެއް އާޔަންއަކަށް ނުފެނެއެވެ. ޝައިލާގެ އަދިވެސް އުޅުމަށް ބަދަލު ނާންނަކަން އާޔަންއަށް އިނގެނި ލައިގެން އިން ބާރު ހެދުމުގެ ސަބަބުންނެވެ. ހެދުމުގެ ކަރުބޮޑުކަމުންވެސް ކިރިޔާ ގުދުވެލާއިރަށްވެސް ނުފެންނަން ތަންތަން އެންމެނަށް ފެންނަހާ ވެއެވެ.
\”އާޔަން! އަހަރެން އާޔަންއަށް މާފުކުރާނީ ޝަރުތެއްގެ މަތިން! އާޔަން އެކަމާ އެއްބަސްވޭ އޭރުން އަޔަންއަށް މާފްވެސް ލިބޭނެ!\” ޝައިލާ ނިކަން ހަމަޖެހިލާފައި އިނދެ ބުނެލިއެވެ.
\”ކޮބައިތަ ޝަރުތަކީ؟\” އާޔަން ޝައިލާކުރެން އަހާލީ ހަމަޖެހިލަމުންނެވެ.
\”އާޔަން އަހަންނާ މެރީކުރުން! އެއީ ޝަރުތަކީ!\” ޝައިލާ އާޔަންގެލޮލަށް ބަލަން އިނދެ ގޮނޑީގައި ހަމަޖެހިލިއެވެ. \”އޭރުން އަރީނާއަށް ބައްޕައެއްގެ ލޯބިވެސް އެންމެ އެދެވޭގޮތަށް ދެވޭނީ!\”
އާޔަންއަށް ހީވީ އާޔަންގެ ހިތުގެ ހިގުން ކުޑަވަގުތުކޮޅަކަށް ނަމަވެސް ހުއްޓުނު ހެންނެވެ. ހިތުގައި މީހަކު ބާރަށް ވިކާލިކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ނޫރާއާއި ދޭތެރޭ އާޔަންއަށް ވިސްނެންފެށިއެވެ. ޝައިލާގެ ޝަރުތު ގަބޫލުކޮށްގެން ޑެޑް އުޅޭހެން އާޔަންއަށްވެސް އުޅެންޖެހިދާނެ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.
އާޔަންގެއަށް އައިއިރު ނޫރާއާއި ޒޫނާ ތިބީ ޓީވީން އަންނަ ފިލްމެއް ބަލާށެވެ. އާޔަންވަދެ މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ކޮޓަރިއާއިދިމާއަށް ދިޔައެވެ. ނޫރާއާއި ޒޫނާ އެކަކު އަނެކަކަށް ބަލައިލިއެވެ. ބޮލުގެ އިޝާރާތުން އާޔަން ކައިރިއަށް ދިއުމަށް ޒޫނާ ނޫރާކައިރީ ބުންޏެވެ.
ނޫރާ ކޮޓަރިއަށް ވަންއިރު އެނދުގައި އިށީނދެލައިގެން ފުން ވިސްނުމެއްގެ ތެރޭގައި އާޔަން އިނެވެ. އާޔަން އިން ގޮތުންވެސް ނޫރާއަށް ކަމެއް ގޯސްވެއްޖެކަން އެގުނެވެ. ހަމަޖެހިލަމުން ނޫރާއައިސް އާޔަންކައިރީ އިށީނދެ އާޔަން ކޮނޑުގައި ބޯއަޅާލިއެވެ.
\”ކިހިނެއްވެފަ ތިއިނީ؟ ޝައިލާ މާފްނުކުރީތަ؟\” ނޫރާ އަހާލިއެވެ.
އާޔަން އެވަގުތު ނޫރާއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ނުދައްކަ ހުންނާކަށްވެސް ހިތެއް ގަބޫލެއް ނުވިއެވެ. އެންމެފަހުން ފުންނޭވާއެއް ލަމުން ނޫރާއާއި ދިމާއަށް އެނބުރުނެވެ. ނޫރާގެ މޫނަށް ބަލައިލިއެވެ. ނޫރާއަށް ކިޔައިދީފިނަމަ ވާނީ ކިހިނެތް ހެއްޔެވެ. ނޫރާގެ ހިތުގަ ޖެހޭނެ ހެއްޔެވެ. އާޔަންގެ ލޮލުން ކަރުނަ ނިރާލިއެވެ. އާޔަންއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ.
އާޔަންގެ މޫނަށް އަރަމުންދާ ކުލަތަށް ބަލަން އިން ނޫރާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.
\”އާޔަން! ކީކޭތަ ޝައިލާ ބުނީ؟\”
\”ނޫރާ! އާޔަން ގަބޫލުކުރަން ބޭނުންނުވިއަސް އެއީ އާޔަންގެ ދަަރިއަކަށް ވެއްޖެއްޔާޔޯ!\” އާޔަން މާޔޫސްކަންމަތީ އިނދެ ބުންޏެވެ. އާޔަންގެ އެޖުމްލައިން ނޫރާގެ ހިތުގައި މީހަކު ޖެހިހެން ނޫރާއަށް އިހްސާސްވެގެން ދިޔައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކަވޭތޯ ނޫރާ މަސައްކަތް ކުރިއެވެ.
\”ނޭގޭނު. ޝައިލާ ބުނީތަ އެއީ އާޔަންގެ ދަރިއެކޭ؟\” ނޫރާއާޔަންގެ އަތުގައި ހިފާލިއެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން އާޔަންއަށް ނޫރާ ބަލަންއިނެވެ. އާޔަން ބޯޖަހާލިއެވެ.
\”އާޔަންއަށް ޝައިލާއާ މެރީކުރަން ޖެހިއްޖެއްޔަޔޯ؟\” އާޔަން ނޫރާގެ ލޮލަށް ބަލައިލަމުން އެހިއެވެ. އެވަގުތު ނޫރާގެ ހިތަށް މީހަކު ފިތާލިހެން ހީވިއެވެ. އާޔަންގެ އަތުތެރޭއޮތް ނޫރާގެ އަތްވެސް ދަމައިގަނެވުނީ އިހްތިޔާރަކާ ނުލައެވެ. އަދި ނޫރާ އެނދުންވެސް ތެދުވެވިއްޖެ އެވެ.
\”ނޫރާ! ޝައިލާ… ޝަރުތެއް ކަނޑައެޅީ! އޭނަ މާފް ދޭނީ އާޔަން އެޝަރުތު ފުރިހަމަ ކުރުމުންކަމަށް ޝައިލާބުނީ!\” އާޔަން އިސްޖަހައިގެން އިނދެ ބުންޏެވ. ނޫރާ ދުރަށް ޖެހިލީ ލޮލަށް ކަރުނަ ގިނަވަމުން ދާތީއެވެ.
\”ކޮން ޝަރުތެއް؟\” ހިތްވަރުކޮށްލާފައި ނޫރާ އަހާލިއެވެ.
\” އާޔަންވީ ޝައިލާއާއި މެރީ ކުރާށޯ! ޝައިލާ އެހެން ބުނުމުން އަނގައިންވެސް ނުބުނެ އެތަނުން ތެދުވެގެން އާޔަން މިއައީ!\” އަސަރުން ފުރިފައިވާ ގޮތަކަށް އާޔަން ބަލައިލިއެވެ. \”ހެލްޕް މީ ނޫރާ!\” އާޔަން އިނީ ފެންކަޅިވެފައެވެ.
\”އާޔަން…. \” ނޫރާގެ އަރުތެރެ ވަނީ ބެދިފައެވެ. ރޮވޭތީވެ އާޔަންއަށް ފުރަގަސް ދިނެވެ. އެފަދަ ޝަރުތެއް ކަނޑައަޅަން ޝައިލާއަށް ހައްޤު އެބައޮތެވެ. އާޔަން ކުރިކަމަކުން ޝައިލާ ތަހަންމަލު ކުރަން ޖެހިފައިވާނީ ކޮންފަދަ މުސީބާތް ތަކަކާކަމެއްވެސް ނޭގެއެވެ. އެވަރުވެސް ކުޑައެވެ. އެއަށްވުރެންވެސް ބޮޑު އަދަބެއް އާޔަންއަށް ދެވެން އެބައޮތެވެ. ހެކިވެސް އެހުރީ ފެންނާށެވެ. ޝައިލާ އެގޮތަށް އެކަންތަށް ކުރަނީ ދަރިފުޅަށްޓަކައި ކަންނޭގެއެވެ. ނޫރާގެ ހިތަށް އަރަމުން ދިޔައެވެ.
\”ނޫރާ! ކޮންމެސް އެއްޗެއް ބުނެބަލަ! އާޔަން ހަދާނެގޮތެއް ބުނެބަލަ!\” އާޔަން އެދުން ތެދުވެގެން އައިސް ފަހަތުން ނޫރާގެ އުނަގަނޑުގައި ބައްދާލިއެވެ. ދެމީހުންގެ ލޯވެސް ވަނީ ކަރުނުން ތެމިފައެވެ.
\”ނޫރާ! ބުނެބަލަ ކޮންމެސް އެއްޗެއް!\” ނޫރާގެ ކޮނޑުގައި އާޔަންގެ ދަތްދޮޅި އަޅުވާލަމުން އާޔަން ބުންޏެވެ.
ނޫރާ ބުނާނީވެސް ކީކޭ ހެއްޔެވެ. ޝައިލާގެ އެޝަރުތަކާ ގަބޫލުވާކަށް ނޫރާއަށް އެއްބަހެއް ނުވެވޭނެއެވެ. އެކަމަކު އެއީ އާޔަންގެ ދަރިއަކަށް ވެއްޖެނަމަ ނޫރާއަށް ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ. ދަރިފުޅަށްޓަކައޭ ކިޔާ ޝަރުތު ގަބޫލުކޮަށްފިނަމަ ނޫރާއަށް ކުރެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ.
\”އާޔަން! ނޫރާއަކަށް ނޭގެ! އާޔަން ބޭނުންގޮތެއް މިކަމުގަ އާޔަން ހަދާ! އާޔަން ނިންމާ ކޮންމެގޮތަކަށްވެސް ނޫރާ މިހިރީ އިޖާބަދޭން ތައްޔާރަށް! އާޔަން ދާމަގުން ނޫރާވެސް އެއްވަރަށް ހިނގޭތޯ ބަލާނަން!\” އެތަށްއިރަކު ވިސްނަން ހުރި ނޫރާ އެންމެފަހުން ބުންޏެވެ. \”މަންމަމެނާއިވެސް މަޝްވަރާކޮށްލުން ރަގަޅުވާނެ!\” ނޫރާގެވާހަކަ ނިންމާލީއެހާ ހިސާބުންނެވެ. ނަމަވެސް ދެމިހުންގެ ވިސްނުންތަކަކަށް ނިމުމެއް ނާދެއެވެ. އެގޮތް މިގޮތަށް ފިކުރުކޮށްލަ ކޮށްލަ ތިބެވުނެވެ.
އެރޭ ކާމޭޒުކައިރީ ތިބީ އެންމެންވެސް ވަރަށް މަޑުމަޑުންނެވެ. އެކަކުގެވެސް ދައްކާނެ ވާހަކައެއްނެތީއެއް ނޫނެވެ. ފަށްޓާނެ ގޮތެއް ނޭގެނީއެވެ. ކައިނިމި ނޫރާއާއި ސައީދާއާއި ދެމީހުން ތަށިތަށްނަގަން އުޅުނެވެ. އެވަގުތު އާޔަން އޭނަގެ މަންމައަށް ހުރިހާވާހަކައެއް ކިޔައިދީފިއެވެ. އެދިމާއަށް ކަންފަތް ދީގެންހުރި ސައީދާއަށްވެސް އާޔަން ދެއްކި ހުރިހާވާހަކައެއް އަޑުއިވުނެވެ. ސައީދާގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވަދެގެން ގޮސްފިއެވެ. ނޫރާއަށް ބޮޑު ދެރައެއް ލިބެން އުޅޭކަމުގެ އިހުސާސް ވެއްޖެއެވެ.
\”ދެން އާޔަން ކިހިނެތް ހަދަން ގަސްތުކުރަނީ؟\” ޒޫނާ އަހާލިއެވެ.
\”މަންމަމެން ދީބަލަ ޙިޔާލެއް!\” އާޔަން ބުނެލިއެވެ.
\”އާޔަން ދަރިފުޅާ! މަގޭ ނޫރާއަށް ދެރައެއްނުދޭތި! އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިއަކީ!\” ސައީދާއައިސް ސޯފާގައި އިށީންނަމުން ބުންޏެވެ. އާޔަން ސައީދާގެ އަތުގައި ހިފާލިއެވެ. އަދި ނޫރާއަށް ދެރައެއްނުދޭނަން ކަމާއި ނޫރާއާއި ދުރުނުވެވޭނެކަމަށް އާޔަން ބުންޏެވެ. ކޮންމެގޮތަކަށް ނިންމިއަސް އާޔަން ނޫރާއާއި ވަތްކެއް ނުވާނެކަމަށް ސައީދާ ކައިރީ ވަޢުދު ވިއެވެ.
\”މަންމައަށް ފެންނަނީ އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން ޑީއެންއޭ ހަދަން. ޝައިލާކައިރީ ބުނޭ ޝަރުތު ގަބޫލު ކުރެވޭނީ ޑީއެންއޭ ދިމާ ވެއްޖެނަމައޭ.\” ޒޫނާ ވިސްނާލަން އިނދެފައި ބުންޏެވެ.
\”އެކަމު މަންމާ. ފަހަރުގައި ޑީއެންއޭ ދިމާވެސް ވެދާނެނު. އެކަމު އެޝަރުތު ގަބޫލު ކުރެވޭނެތަ.\” އާޔަން އެހެންބުނިއިރު ނޫރާވެސް އައިސް ސޯފާގައި އިށީދެއްޖެއެވެ. އާޔަން ނޫރާއަށް ބަލައިލީ އަސަރުން ފުރިފައިވާ ގޮތަކަށެވެ. \”އާޔަން މީހަކާ އިނދެގެން އުޅޭކަން ޝައިލާއަށް އަންގައިފިއްޔާ ފަހަރެއްގައި ޝަރުތު ތަފާތުވެދާނެ ކަންނޭގެ.\” ނޫރާއަށް ބަލަން އިނދެ އާޔަން ބުންޏެވެ.
\”އެކަމަކުވެސް އަދި މަޑުކުރޭ. އެންމެ ކުރިން ޓެސްޓު ހަދާ. ފަހަރަކު ފިޔަވަޅެއް އަޅާނީ.\” ޒޫނާ ބުންޏެވެ.
އާޔަން ޝައިލާއަށް ގުޅާލިއެވެ. އަނެއްކާވެސް ޓެސްޓު ހަދަން ބޭނުން ވާހަކަ ޝައިލާކައިރީ އާޔަންބުނީ ޓެސްޓު ނަތީޖާ ދިމާވެއްޖެނަމަ ޝައިލާގެ ޝަރުތު ގަބޫލުކުރުމަށް އެއްބަސްވަމުންނެވެ. އެހެންކަމުން ޝައިލާވެސް ނުހަނު ފަސޭހައިން އެކަމާ އެއްބަސްވެއްޖެއެވެ. ޖެހިގެން އައިދުވަހު މޫސަގެ އެހީއާއެކު ހޯދި ނަރުސްކުއްޖެއް ގޮވައިގެން އާޔަން އާއި މޫސަ ދިޔައީ ޝައިލާމެންގެއަށެވެ. އަދި ނުހަނު ފަސޭހައިން އަރީނާ ނިދާފަ އޮށްވާ ލޭކޮޅެއް ނެގިއެވެ. އަދި ލަންކާއަށް ހަމަ އެދުވަހު ލޭފޮނުވިއެވެ. ކަންދިމާވިގޮތުން އެދުވަސްކޮޅު އިސްމާޙް ވެސް ހުރީ ލަންކާގައެވެ. އެހެންކަމުން އެކަންތަކާ އިސްމާޙް ހަވާލުވިއެވެ. ލޭގެ ނަތީޖާ ލިބޭނީ ދެދުވަސް ފަހުން ކަމަށްވަނީ ބުނެފައެވެ.
ނޫރާގެ ކިޔެވުން ފެށޭދުވަސްވެސް ވަނީ ކައިރިވެފައެވެ. އެކަމާވެސް ނޫރާހުންނަނީ ކަންތައް ބޮޑުވެފައެވެ.
\”އާޔަން. ނޫރާގެ ސެމް ފެށެންވާއިރަށް މެލޭއަށް ދާން ނޫރާ ބޭނުން.\” އެރޭ ނިދަން ކޮޓަރިއަށް ވަދެ އެދުގައި އޮށޯވެފައި ނޫރާ ބުންޏެވެ.
\”ނޫރާ. އާޔަން ތިކަމާވެސް އެބަ ވިސްނަމޭ. ދެން އޮތީ ފަސްދުވަސްދޯ. ޓެސްޓް ރިޕޯރޓް ލިބުނީމަ ތިކަމާ ޑިސައިޑް ކުރާނީ.\” އާޔަން ނޫރާއާއި ކައިރި ވެލަމުން ބުންޏެވެ.
އާޔަން ނޫރާގެނެސް އާޔަންގެ މޭމަތީ ބޭއްވިއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ދެމީހުންގެ ސިކުނޑީގައިވެސް ބުރުޖަހަމުން ދަނީ އެއްހިޔާލުތަކެކެވެ. ދެން ވާނެގޮތަކާމެދު ވިސްނެނީއެވެ. އެތައް ދަމެއްވީއިރުވެސް ދެމީހުން ކުރެން އެކަކަށްވެސް ނުނިދެއެވެ. އެހެންނަމަވެސް ދެމީހުންވެސް ތިބީ ނިދާކަމަށް ހަދައިގެންނެވެ.
ޖެހިގެން އައިދުވަހު އެންމެން އެއްކޮން ހުޅުމާލެއަށް ދިަޔައެވެ. ކަންދިމާވިގޮތުން ފާތުއަކަށް ނުދެވުނެވެ. ނަމަވެސް ފާޒިލް ދިޔައެވެ. އާޔަންއާއި ނޫރާ ދިޔަކަމުގައި ވިއަސް ދެމީހުންގެ ދޭތެރޭ ނޭގޭ ބީރައްޓެހިކަމެއް އުފެދިފައި ވެއެވެ. އެކަކު އަނެކަކަށް ވާނެ ދެރަ ހިތައްއަރާފަ މާގިނަ ވާހަކައެއް ނުދައްކައެވެ. މޫސައަށް އެކަން ފާހަގަ ކުރެވިގެން އެތައް ގޮތަކުން އެދެމީހުން ހަމައަކަށް އެޅުވުމަށް ތަފާތު ކުޅިވަރުތައް ކުޅުނެވެ. ކުޑަ ކާމިޔާބެއްވީ ކަމުގައި ވިއަސް މާބޮޑުނަތީޖާއެއްް ނުފެނުނެވެ.
އެންމެފަހުން މާލެދިޔައިރު ދެމީހުން ދޭތެރޭ ގައިވާ ހަމަހިމޭންކަން ދެމެދު ތުނިފާރެއް ރޭނިފައިވެއެވެ. ކޮންމެހެން ބުނަން ޖެހޭއެއްޗެއް ނޫނީ ނުބުނެއެވެ. އެކަކު އަނެކަކާ ދައްކާނެ މާގިނަ ވާހަކައެއް ނެތްކަހަލައެވެ. ލޯބީގެ ހުޅުކޮޅު ފަނޑުވަމުން ދަނީ ހެއްޔެވެ.
ކުރީރޭ ހަމަނިދި ނުލިބުމާއިއެކު ވެފައިވާ ވަރުބަލިން އެރޭ ދެމީހުނަށްވެސް ދާދި އަވަހަށް ނިދުނެވެ.
ހެދުނު އާޔަންއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. އާޔަން ފޯނުނަގާ ބަލައިލިއިރު ގުޅަނީ ޝައިލާއެވެ. އޭރު ގަޑިން ދިހައެއްވެސް ޖަހާ ބޮޑުވެއްޖެއެވެ. އާޔަންއަކީ މީގެކުރިން އެހާގިނައިރު ނިދަން އޮންނަމީހެއްވެސް ނޫނެވެ. އާޔަން ނޫރާކޮބައިތޯ ބަލައިލިއެވެ. ނޫރާއެއް ކޮޓަރިއަކު ނެތެވެ. ފަތިސްނަމާދަށްވެސް އާޔަންއަށް ނޫރާނުގޮވަނީ ހެއްޔެވެ. ސުވާލެއްގެތެރޭ އިނދެ އާޔަން ފޯނަށް ޖަވާބުދިނެވެ.
\”ހެލޯ! ކިހިނެއްވީ؟\” ހިޔާލެއްގެތެރޭ އިން އާޔަން ބުންޏެވެ.
\”މިގުޅާލީ ރިޕޯރޓް ލިބިއްޖެތޯ ބަލަންވެގެން. މިއަދުލިބޭނެނު.\” ޝައިލާ ޔަގީންކަމާއެކު އަހާލިއެވެ.
\”ނޫނޭ. މާދަމާއަދި ލިބޭނީ.\” އާޔަން ޖަވާބުދިނެވެ.
\”މިގެއަށް މިއަދު އާދެވިދާނެތަ. އަރީނާ މިއަދު އާޔަންގެ ވާހަކަ ވަރަށް ދައްކާ.\” ޝައިލާ ބުންޏެވެ.
\”ޝައިލާ، އާޔަންއަދި އަރީނާއާ އެހާ ކްލޯސް ރިލޭޝަންއެއް ބާއްވާކަށް ގަސްތެއްނުކުރަން. ނަތީޖާ ލިބުމުން ޝައިލާއަށް އަންގާނަން. ބާއި\” އާޔަން ފޯނު ބޭއްވިއެވެ. އަދި ފޯނަށް ބަލަން އިނެވެ.އެތަކެއް އިރު ބަލަން އިނެވެ. ކޮޓަރިއަށް ނޫރާވަނުމުން އާޔަން އެނދުން ތެދުވެ ހިންދެމިލިއެވެ. އަދި އަގައިންވެސް ނުބުނެ ވަނީ ފާހާނާއަށެވެ.
އާޔަން ހާދަ ދުރުވެއްޖެއެވެ. އަދި ޓެސްޓު ރިޕޯރޓް ދިމާވެއްޖެނަމަ ނޫރާމަތިން އެއްކޮން ހަދާން ނައްތާލަފާނެއެވެ. އޭގެކުރިން ކޮންމެސް ގޮތެއް ނޫރާ ވިސްނަން ޖެހޭނެއެވެ. ނޫރާ ހިޔާލުގައި އެނދުމަތީ އިނެވެ. އާޔަން ފާހާނާއިން ނިކުމެ ރީތިވެލައިގެން ނަމާދަށް އެރިއެވެ. އަދިވެސް ނޫރާ އެނދުގައި އިނެވެ.
އާޔަން ނަމާދުން ފައިބައިގެން ނޫރާކައިރީ އިށީނެވެ.
\”ނޫރާ. ވަޓް އިޒް ހެޕަނިން ޓު އަސް؟\” އާޔަން މަޑުމަޑުން ބުނެލިއެވެ. އަސަރުން ފުރިގެންވާ ބެލުމަކުން ނޫރާ އާޔަންއަށް ބަލައިލިއެވެ.
\”ނޫރާ! ކޮންމެގޮތަކަށް ކަންތައް ވިއަސް އައި ޑޯންޓް ވޯންޓު ލޫސްޔޫ.\” އާޔަން ނޫރާގެ ކޮނޑުގައި އަތް އަޅުވާލަމުން އާޔަން ކައިރިއަށް ދަމާލިއެވެ. \”ނޫރާ. ފަތިސްނަމާދަށް ހޭލިންތަ؟\”
\”ނޫން. ނޫރާއަށް ފަތިސްނަމާދަކަށް ނުހޭލެވުން. އެހެންވެ އާޔަންއަށްވެސް ނުގޮވީ. ނޫރާއަށްވެސް ހޭލެވުނީ އަށެއްވެސް ޖެހިފަހުން.\” ނޫރާގެ އަތުން އާޔަންގެ ބުރަކަށީ ފިރުމާލިއެވެ.
\”އާޔަން. ނޫރާ ހިތަށްއަރަނީ އަރީނާ އާޔަންގެ ދަރިއަކަށް ވެއްޖެނަމަ އާޔަން ޝައިލާއާއި މެރީ ކުރާނެބާއޭ. އެހެންވެއްޖެނަމަ…..\” ނޫރާގެ ވާހަކަ މެދުކަނޑާލީ އާޔަންއެވެ.
\”ނޫރާ މާބޮޑަށް ނުވިސްނަބަލަ. އާޔަން ދުވަހަކުވެސް ނޫރާއާއި ވަތްކެއް ނުވާނަމޭ.\” އާޔަން އެހެން ބުނީ އާޔަންއަށްވެސް ވާނެގޮތާއިމެދު ސުވާލު އުފެދިފައި ވަނިކޮންނެވެ.
\”އާޔަން އެކަމަކު މިދިޔަ ދެދުވަސް ދުއްވާލީ ނޫރާ އެކަހެރިކޮށްލަމުން ނޫން ހެއްޔެވެ.\” ނޫރާހިތުން ޝަކުވާކުރަމުން ދިޔައެވެ. އެންމެ ލަފަޒެއްވެސް އަނގައިން ބޭރެއް ނުވިއެވެ.
އެދުވަހު ހަވީރު އާޔަންއާއި ނޫރާ ހިނގާލަން ދިޔައީ ރާޅުގަނޑު ސަރަހައްދަށެވެ. ދެމީހުން އަތާއަތް ޖޯޑުކޮށްލައިގެން ހިނގާލާފައިގޮސް ތޮށިގަނޑުމަތީ އިށީނީ ކުރުނބާއެއް ބޯލުމަށެވެ. މިއަދު ދެމީހުންގެ ހީނަރުވަމުން އަންނަ ދިރިއުޅުމަށް ހެޔޮބަދަލެއް އައިސްފައިވާހެން ހީވެއެވެ. ކުރުބާބޮއެގެން ތެދުވިތަނާ ނޫރާއަށް ހުއްޓެވުނީ ދުރުން ފެނުނު މަންޒަރަކުންނެވެ. ނޫރާ އަވަހަށް އަނެއްފަރާތައް އެނބުރުމުން އާޔަންވެސް އަޖައިބުވެފައި ކުރިއަށް ބަލައިލިއެވެ. އޭރު ކުރިމަތިން ތޮށިގަނޑުމައްޗަށް އަރީނާ އަރުވައިގެން އޭނަގެ އަތުގައިހިފައިގެން އެއަންނަނީ ޝައިލާއެވެ.
އާޔަންއާއި ނޫރާ އެއްކޮން ޝައިލާއަށް ފެނިއްޖެނަމަ ކުރާނެ ސުވާލު ހިތަށް ވަނުމުން އާޔަންއަށްވެސް ތެޅިގަނެވުނެވެ. އަވަހަށް ނޫރާއާއި ދުރަށް ޖެހިލީ ޝައިލާއަށް އާޔަން ފެނިގެން ހީލުމުންނެވެ.
\”އާޔަން. ކީއްކުރަނީ މިތާ؟\” ޝައިލާ އާޔަންއާއި ދާދިކައިރިއަށް އައިސް އެހިއެވެ. އޭރު ނޫރާ ދުރުގައި ހުރީ އެމީހުނަށް ފުރަގަސް ދީގެނެވެ.
\”މީ.. މީހަމަ ޖައްސާލީ.\” އާޔަން އަދިވެސް ބޮޑަށް ނޫރާއާއި ދުރަށް ޖެހިލަމުން އަޅައަޅައި ގަންނަމުން ބުންޏެވެ.
\”ތީ އަރީގެ ޑެޑީއެއް ނޫންތަ. އަރީގެ ޑެޑީއާ ހާދަވައްތަރޭ.\” އެ ހުރިހައިރު އާޔަންއާއި ދިމާއަށް ބަލަންހުރި އަރީނާ ބުންޏެވެ.
މިފަހަރު އާޔަންއަށް އަރީނާއާއި ދިމާއަށް ބަލައިލެވުނީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. އާޔަންއަށް އަނގައިން ނުބުނެވުނެވެ. އަޑުބެދުނީ ކީއްވެކަމެއްވެސް ނޭގުނެވެ.
\”އަރީއަށް ހީވަނީތަ އެއީ ޑެޑީހެން؟ ދަރިފުޅަށް ޑެޑީއާ ވައްތަރުވީދޯ!\” ޝައިލާ އެހެންބުނެ އަވަސްވެގަތީ އެތަނުން އަވަހަށް ދެވޭތޯއެވެ. އަރީނާ ކުރާނެ އިތުރު ސުވާލަކަށް ދޮގުހަދަން ޖެހިދާނެތީއެވެ. ޝައިލާ ކޮންމެގޮތަކަށް އުޅުނަސް އަރީނާދެކެ ޝައިލާ ވަނީ މަންމައަކު ދަރިއެއްދެކެ ވާ ލޯތްބެވެ. އަރީނާއަށް ޝައިލާ ދޮގުހަދަން ބޭނުމެއް ނުވެއެވެ.
ޝައިލާގޮސް އޮބާލަންދެން އާޔަން ބަލަން ހުއްޓެވެ. ނޫރާއާޔަންއަށް ބަލަން އެހުރިހާއިރު ހުރިކަންވެސް އާޔަންއަކަށް ނޭގެއެވެ. ދެމީހުން ގެއަށް ދިއުމަށް ހިގައިގަތީ ހަމަހިމޭންކަމުގެ ފަރުދާ ފަތުރާލައިގެންނެވެ. ގެއަށް ދެވުނު އިރުވެސް އެކަކުވެސް އަނގައިން ނުބުނެއެވެ.
* * * * * * *
އާދުވަހަކަށް އިރު އަރައިފިއެވެ. ނޫރާ ކޮޓަރިން ނިކުތްއިރު ޒޫނާ އިނީ ފޯނެއްގައެވެ. ކޮރެއާބަހުން ވާހަކަދައްކަމުންދާތީ ކިޔާއެއްޗެއް އެއްގޮތަކަށްވެސް އިނގޭވަރެއް ނުވެއެވެ. ސައީދާ ބަދިގޭގައި ސައި ތައްޔާރުކުރަން އުޅެއެވެ. ނޫރާ އަވަހަށް އައިސް އޭނަ މަންމައަށް އެހީވުމުގައި އުޅެންފެށިއެވެ.
\”ދަރިފުޅާ؟ ކިހިނެއްވެފަ ތިހިރީ؟\” ސައީދާއަށް ނޫރާގެ މޫނު ފެނުމުން ސުވާލުކުރިއެވެ. ނޫރާގެ ލޯކައިރިވަނީ ކުޑަކޮން ދުޅަވެފައެވެ. ގިނައިރަކު ރޮއެފަ އައިސް ހުރިހެން ހީވެއެވެ.
\”ކިހިނެއްވީ؟\” ހައިރާންވެފައި ނޫރާ އަހާލިއެވެ. އެވަގުތު އާޔަންއައިސް ބަދިގެ މޭޒުކައިރީ އިށީނދެއްޖެއެވެ.
\”އާޔަން. ދަރިފުޅާ. އާދެބަލަ.\” ޒޫނާ ސޯފާގައި އިނދެފައި އާޔަންއަށް ގޮވާލިއެވެ. ނޫރާއަށްވެސް ޒޫނާއާއި ދިމާއަށް ބަލައިލެވުނެވެ. ޒޫނާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުރުމުން ނޫރާގެ ހިތުގެ ހިގުން އަވަސްވެގެން ދިޔައެވެ.
ނޫރާ އެދިމާއަށް ބަލަން ހުރުމުން ދެމީހުންވެސް ވާހަކަދެއްކީ ކޮރެއާބަހުންނެވެ. ކީއެއްޗެއް އެއްގޮތަކަށްވެސް ނޭގެއެވެ. ދެމީހުންގެ މޫނުމަތިން ހަސްކަން ފެންނަން ހުއްޓެވެ.
\”ކަމެއް ގޯސްވީތަ؟\” އެންމެފަހުން ނޫރާއަށް ނުހުރެވިގެން ގޮސް އަހާލިއެވެ. އެވަގުތު އާޔަން ޒޫނާއަށް ބޮލުގެ އިށާރާތުން ކިޔައިދިނުމަށް ބުންޏެވެ.
\”ނޫރާ…. ރިޕޯރޓް ލިބިއްޖެ.\” ޒޫނާ ބުނިގޮތާއި ބުނި ރާގުން ނޫރާގެ ހިތް ނެގިނެގިފައި ޖެހެންފަށައިފިއެވެ.