ވީމޭ އިންތިޒާރުގައި 17 ވަނަ ބައި
“އެހެރީދޯ މޫސަ! ވަރަށް ފޮނިހެން ހީވަނީ!” ލައިގެ ދައްތަ ބުނާއަޑު އިވުނެވެ.
“އާން! ހިނގާދާން ވަރަށް ބަނޑުހައިވެއްޖެ!” ލައި އަވަހަށް ވާހަކަ އޮޅުވާލަމުން ބުނެލިއެވެ. އަދި ނޫރާއަށް ބަލައިލާފަ ކޮނޑުއަރުވާލިއެވެ.
ލައިއަށް ބުނަން ނުކެރުނީކަން ނޫރާއަށް އިގުނެވެ. އަދި ދެރަވެފައި ލައިއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
އާޔަންމެން މާލޭގައި ތިބެނީ ސައީދާމެންގޭގައެވެ. ސައީދާމެނގެ ހުންނަނީ ފަސްބުރިއަށް ނަގާފައެވެ. ސައީދާ އުޅެނީ އެންމެ މަތީ ބުރީގައެވެ. އެއީ އެއާޖެހުނު ބުރީގައި އުޅެނީ ނައީމާއެވެ. ކޮންމެ ބުރިއެއްގައި ތިން ކޮޓަރިއާއި އެކޮޓަރިތަކުގެ ފާހާނާއާއި ބަދިގެއަކާއި ކުޑަ ފެންޑާއެއް ވެއެވެ. މާލެއާއި ބަލާފަ ކޮންމެ އެޕާރޓްމެންޓެއްވެސް ހަދާފައިވަނީ ވަރަށް ފެންވަރު ރަގަޅުކޮންނެވެ. ދެންހުރި ބުރިތައް ހުންނަނީ ކުއްޔަށް ދީފައެވެ. ކުލިންލިބޭލާރި ނައީމާއާއި ސައީދާގެ މައްޗަށް ކޮންމެ މަހަކުވެސް ބަހާލަނީއެވެ. އެގެ ހަދާފައި އެހެރީ ފާރޫޤް އާއި ޝަކީބްގެ މިންނެތް މަސައްކަތުންނެވެ.
ސިޑިން އަރައިގެން އައިސް އެންމެކުރިން ވަދެވެނީ ފެންޑާއަށެވެ. ހުރިހާ ކޮޓަރިއެއްވެސް ވަނީ ފެންޑާއަށް ނުކުމެވޭގޮތަށް ދޮރުލާފައެވެ. މަގުމައްޗާއި ދިމާވާގޮތަށް ހުރި ކޮޓަރީގައި އުޅެނީ ޒޫނާއެވެ. އެއާޖެހިގެން ހުރި ކޮޓަރީގައި ސައީދާއެވެ. އާޔަންއާއި ނޫރާ ބޭނުންވީ އެންމެ އެތެރެއަށް ހުރި ކޮޓަރިއެވެ. އެއީ އެކޮޓަރި އެހެން ކޮޓަރިތަކަށްވުރެ ބޮޑުވީމައެވެ.
އަނެއްދުވަހު ނޫރާ އުޅެނީ ދަބަހުން އެއްޗިހިތައްނަގާ އަލަމާރިއަށް ލުމުގެ މަސައްކަތުގައެވެ. އާޔަން އެނދުމަތީ އޮތީ ނޫރާއާއި ދިމާއަށް ބަލަހަށްޓައިގެންނެވެ. ނޫރާ ނިކަން ފާޑުވެރިކަމާއި އެކު އާޔަންގެ ޓީ-ޝާރޓްތަކާއި ޖީންސްތައް ތަރުތީބުން އަލަމާރީގައި އަޅުވަމުން ގެންދެއެވެ.
“ނޫރާ! ދެން ނޫރާ ޑިގްރީ ހަދާފަ ނޫރާ ކީއްކުރާނީ؟” އާޔަން ބޭނުންވަނީ ނޫރާގެ ހިޔާލެކެވެ. “ޖޮބަކަށްދާން ބޭނުންތަ؟”
“އާޔަންއަށް ރަގަޅީ ނޫރާ ކީއްކުރިއްޔާ؟” ނޫރާވެސް ކުރީ ސުވާލެކެވެ.
“އާޔަންއަށް އޯކޭ ނޫރާ ޖޮބަށް ދިޔަސް ގޭގަ ހުއްޓަސް. މިހާރު ނޫރާއަކީ އާޔަނމެން ފެމިލީގެ މެމްބަރަކަށްވުމުން އާޔަންމެންގެ ކޮމްޕެނީސްތަކަށް ލިބޭ ފައިދާގެ ހަތް ޕަސަންޓް ނޫރާއަށްވެސް ލިބޭނެ. ނޫރާ ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ހައްޤު ނޫރާއަށް އޮންނާނެ. ނޫރާ ޖޮބަކަށް ނުދިޔަސް ނޫރާ ބޭނުންވާ ކޮންމެކަމެއް ކުރާނެހާ ފައިސާ ނޫރާގެ އެކައުންޓަށް ޖަމާވަމުންދާނެ. އެކަމު ނޫރާ ޖޮބަކަށް ދާން ބޭނުމިއްޔާ އާޔަން ބޭނުންވަނީ އާޔަންމެންގެ ބިޒްނަސްގަ ނޫރާވެސް އުޅެން.” އާޔަން ބުންޏެވެ.
“އާޔަން ދާތަންތަނަށް ނޫރާ ދާނީ އާޔަންގެ އެސިސްޓެންޓަކަށްވެގެން!” އަލަމާރީގެ ދޮރުފަތް ލައްޕާލަމުން ނޫރާ ބުންޏެވެ. އަދި އައިސް އާޔަން ކައިރީ އިށީނެވެ.
“މިހާރު ޑެޑް ހުރިހާ ކޮމްޕެނީސް ތަކެއްވެސް އެ ބަލަހަށްޓަނީ! ދެން ކޮންމެގޮތެއްވިއަސް ޑެޑްގެ މަސައްކަތް ކުރިއަރުވަން ހުރި މީހަކީ އާޔަން. ޑެޑް އެގޮތަށް އެތަންމިތަނަށް އެހާގިނަދުވަހު ގޮސް އުޅުނަސް އާޔަންއަކަށް އުޅެވޭނެ ހެނެއް ހިއެއްނުވޭ ނޫރާ ނުލައެއް އެހާ ގިނަދުވަހަކު!” އާޔަން ތެދުވެ އެނދުގައި އިށީނެވެ. އަދި ކައިރީގައި އިން ނޫރާގެ އަތުގަ ހިފާ އާޔަންއާއި ދިމާއަށް ދަމައިގަތެވެ. ނޫރާގެ މޫނު އާޔަންގެ މޭމަތީ ޖެހުމުން އާޔަންގައިން ދުވި މީރުވަހުން ނޫރާއަށް ލޯމަރާލެވުނެވެ. ނޫރާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް އާޔަންގެ އިނގިލިން އެއްކައިރި ކޮށްލިއެވެ. “ނޫރާއާއި ނުލައެއް އާޔަންއަކަށް ދެނެއް ނޫޅެވޭނެ. އާޔަންއާއި އެއްކޮން ކޮންމެތާކަށްވެސް ދާނަމޭ ނޫރާ ތިބުނަނީ. ދެން ކިޑެއް ލިބުނީމަ ކިހިނެއް ހަދާނީ؟” އާޔަން ނޫރާގެ ނިތްކުރިއަށް ބޮސްދިނެވެ.
ނޫރާ ލަދުގަތެވެ. ކުއްލިއަކަށް އާޔަން އެހެންބުނުމުން އާޔަންގެ މެމަތީ މޫނު ފޮރުވައިގެން ނޫރާ އޮތެވެ. އާޔަން ނޫރާގެ އިސްތަށި ގަނޑުގައި ފިރުމާލަ ފިރުމާލަ އޮތެވެ.
“އާޔަން.” ނޫރާ އާޔަންއަށް ގޮވާލިއެވެ.
“ހޫމް؟” އާޔަން ޖަވާބުދިނެވެ.
“ނޫރާމެން ހޯދާނީ ކިތައް ކުދިން؟” އާޔަންއާއި ދިމާއަށް ބޯހިއްލާލަމުން ނޫރާ އަހާލިއެވެ.
“ދިހަވަރަކަށް ކުދިން އޯކޭވާނެ.” އާޔަން ސަމާސާ ރާގަކަށް ބުންޏެވެ.
“އާޔަން.” ނޫރާ އޮތީ ސީރިއަސް ވެފައެވެ. “އަސްލު ބުނެބަލަ. އާޔަން ބޭނުމީ ކިތަށްކުދިން ހޯދަން.” ނޫރާ އަނެއްކާވެސް އެހިއެވެ.
“މާތް ރަސްކަލާނގެ ދެއްވިވަރަކަށް. އަސްލުވެސް ނޫރާ. އާޔަން ކުދިންދެކެ ވަރަށް ލޯބިވާނަން.” އާޔަން ނޫރާގެ ކޮލުގައި ފިރުމާލިއެވެ.
“އާން. ނޫރާއަށް ތިކަން އިގެޔޭ.” ނޫރާ ހިނިތުން ވެލަމުން ބޯޖަހާލިއެވެ. ލޯބީގެ ފޮނިފޮނި ބަސްތަކުން ނޫރާ އަބަދުވެސް ހުންނަނީ ހިތަހަމަޖެހި އުފާވެފައެވެ. އާޔަން ނޫރާ ގެނެސް އަދިވެސް އާޔަންއާއި ކައިރިކޮށްލަމުން ބައްދާލިއެވެ. އެވަގުތު ކޮޅުވެސް ވެގެން ދިޔައީ އެދެމީހުންގެ ހަޔާތުގެ ލޯބީގެ ވަގުތު ކޮޅަކަށެވެ.
އާޔަން ސިހުނީ އެނދުކައިރީ ހުރި ކަބަޑުމަތީ އޮތް އާޔަންގެ ފޯނު ރިންގުވާން ފެށުމުންނެވެ. އާޔަންގައިމަތީ އޮތް ނޫރާ އެއްކައިރިއަށް ލުމަށްފަހު އާޔަން ފޯނުނެގިއެވެ. އެއީ މޫސައެވެ. އާޔަން ފޯނުނެގުމުން ތިރިއަށް ފޭބުމަށް މޫސަ އެދުނެވެ. އެއީ މޫސައާއި އެކު ކޮންމެސްތާކަށް ދާންކަމުގައި ބުނެއެވެ. އާޔަންތެދުވެ އެނދުކައިރިއަށް ވެއްޓިފައިއޮތް އާޔަންގެ ޖީންސް ނަގައިގެން ވަނީ ފާހާނާއަށެވެ. އާޔަން އަވަސް ކޮށްލައިގެން ނިކުމެގެން ދަމުން ނޫރާއަށް ގޮވާލުމަށްފަހު އެވާހަކަ ބުނެލާފައި ނޫރާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އާޔަން ކޮޓަރިން ނިކުމެގެން އަވަހަށް ތިރިއަށް ފައިބައިގެން ދިޔައެވެ.
އެއީ ފުރަތަމަ ފަހަރަށް މޫސަ ނާޒްއާއި ބައްދަލުކުރަން ދާ ދުވަހެވެ. މޫސަ ބޭނުންވަނީ ނާޒްއާއި ބައްދަލުކުރަން އާޔަން ގޮވައިގެން ދާށެވެ. އެއީ އާޔަންއަށްވެސް އެއީ ކޮންކަހަލަ ރީތި ކުއްޖެއްކަން ދައްކާލާ ހިތުންނެވެ.
“މޫސަ މިހާރު އެކުއްޖާ ދެކެފިންތަ؟” އާޔަން މޫސައަރައިގެން އިން ސައިކަލުގެ ފަހަތަށް އަރަމުން އަހާލިއެވެ.
“ނޫނޭ! އަދި މާލެ މިއައީ އިއްޔެނު އަދި ފެންނަން މިއުޅެނީ ފުރަތަމަ ފަހަރު! އެހެންވެ އާޔަން ގޮވައިގެން ދާން މިއުޅެނީ!” މޫސަ ބުންޏެވެ.
މޫސަ އާޔަންއާއި އެކު ނާޒުގެ ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ހިމަ ގޯޅިއަކަށް ސައިކަލު ވައްދާލިއެވެ. އަދި ހައެއްކަ ބުރިއަށް ނަގާފަހުރި ނޫކުލައިގެ އިމާރާތެއްގެ ކުރިމަތީ އޮތް ޕާރކިން އޭރިޔާގައި ސައިކަލު ބެހެއްޓުމަށްފަހު ދެމީހުން އޭގެން ފޭބިއެވެ.
“މީ އެގެއަކީ!” މޫސަ އެ އިމާރާތަށް އިށާރާތް ކޮށްލަމުން އޭނަގެ ފޯނު ނެގިއެވެ. “މި ގުޅަނީ އޭނައަށް.”
“ތޮއް! ފޯނެއް ނުނަގަ އޭނައެއް!” މޫސަ ޗޮކެއް ކަނޑާލަމުން ބުންޏެވެ.
“އަހާން މޫސާ! މޫސަތަތީ؟ މިހާރު ކިޔަވާނިމުނީތަ؟” އެމަގުން ސައިކަލުގައި އައި ޒުވާނެއް މޫސަމެން ތިބިތަނަށް މަޑުކޮށްލަމުން އަހާލިއެވެ.
“އަހަން، ޒިދާން ދޯ! ޒިދާން ކީއްކުރަނީތި؟” މޫސަ ފޯނު ކަންފަތުގައި ޖަހާލަމުން ސުވާލު ކޮށްލިއެވެ.
“މިހިރަގޭގަ އުޅޭނެ ވަރަށް ފައްކާ ބިޓެއް! އެމަންޖެ ކައިރިއަށް މިއައީ!” ޒިދާން ބޮލުން އިށާރާތެއް ކޮށްލަމުން ބުންޏެވެ.
“ޒިދާން، ކަލޭނުވާނެ ރަގަޅެއް. އަދިވެސް ހަމަ އެހެންދޯ ތިއުޅެނީ؟ އާޔަން މީ ޒިދާން! ޒިދާން އަކީ މޫސައާއި އެއްކޮން އެއްކުލާހުގައި ވަރަށް ގިނަދުވަހު އުޅުނުކުއްޖެއް! މީ އާޔަން! މީ މޫސަގެ ބަޑީއެއް.” މޫސަ ދެމީހުން ތައާރަފް ކޮއްދިނެވެ.
ޒިދާން ހީކޮށްގެންހުރީ އާޔަންއަށް މޫސަ އެބުނި އެއްޗެއް ނޭގޭނެ ކަމަށެވެ. ނަމަވެސް އާޔަން ހީލަމުން ޒިދާންއާއި ސަލާން ކުރަން އަތްދިއްކޮށްލުމުން އާޔަންއަށް މޫސަ އެބުނި އެއްޗެއް ދޭހަވިކަން ޒިދާންއަށް އިގުނެވެ.
“މޫސަމެން މިހިސާބުގަ ކީއްކުރަނީ؟” ޒިދާން އަހާލިއެވެ.
“ރައްޓިއްސަކާ ބައްދަލުކޮށްލަން އައިސް މިއުޅެނީ! އޭނަ ފޯނެއްވެސް ނުނަގަ!” މޫސަގެ ފޯނު އާޔަންއަށް ދައްކާލަމުން ބުނެލިއެވެ.
“ނެތްތަ ރަގަޅު ބިޓެއް؟ އަހަރެން މިއުޅެނީ ރަގަޅު ކުއްޖެއް ނުލިބިގެން!” ޒިދާން މޫސައާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.
“ޒިދާން، ޒިދާން ކުއްޖަކާ ތައްޓެހިވެގެނެއް ނޫންތަ އުޅެނީ؟ އެކަމު ދެންމެވެސް ތިބުނީވިއްޔަ ބިޓުކައިރިއަށްށޭ ތިއައީ!” މޫސަ އަނެއްކާވެސް ނާޒުގެ ނަންބަރަށް ގުޅަންފެށިއެވެ.
“މިގޭގަ އުޅޭނެ މަންޖެއެއް! އޭނަ ކައިރިއަށް މިއައީ ކަމަކު. އެމަންޖެއަކީ ކޫޑި މަންޖެއެއް. ބިޓު ނެތް ދުވަސްކޮޅު ފަޅުފިލުވާލަދޭނެ ރަގަޅު މަންޖެއެއް އެއީ!” ނޫކުލައިގެ އިމާރާތަށް އިށާރާތް ކޮށްލަމުން ޒިދާން ބުންޏެވެ. “މިގޭ ފަސްވަނަ ބުރީގަ އުޅޭނެ ނާޒިމާ ކިޔާ ސަޅި ކުއްޖެއް. ބަލާބެލުމަށް ވަރަށް ރީތިވެފަ މަޑުމައިތިރިހެން ހީވާނެ. އެނގޭތަ ނާޒިމާ؟”
“ކޮން ނާޒިމާއެއްތަ؟” ޒިދާން ކިޔާއެއްޗަކަށް މާބޮޑު ފަރުވާލެއް ނުބަހަށްޓާ ފޯނުކުރަން ހުރި މޫސަ އަހާލިއެވެ. އާޔަން ހުރީ ޒިދާން ދައްކާވާހަކައަށް ސަމާލުވެގެންނެވެ. އެހެންކަމުން އާޔަންއަށް ކޮންމެސްކަހަލައެއްޗެއް ވިސްނެން ފަށައިފިއެވެ.
“ތިބުނާ ނާޒިމާއަކަށް ވަނަމުން ކިޔަނީ ކީކޭތަ؟” އާޔަންއަށް ނުހުރެވިގެން އަހާލެވުނެވެ. ޒިދާން އިނީ ހައިރާންވެފައެވެ. އާޔަންގެ ބަސްމޮށުންތެރިކަމުން އެއީ ދިވެއްސެއްނޫން ކަމެއްނޭގިފައެވެ.
“ބަޑި ނާޒުއޭ ބުނީމަ މިހިސާބުގަނޑު އެންމެނަށްވެސް އިނގޭނެ!” އިރުކޮޅަކު ހައިރާންކަންމަތީ އިން ޒިދާން ޖަވާބުދިނެވެ.
ޒިދާން ދިން ޖަވާބުން އާޔަންއަށް ކަމެއް ޔަގީންވި ކަހަލައެވެ. އަދި މޫސައަށް ރަގަޅަށް ބަލައިލުމަށްފަހު ޒިދާން ކައިރީ އެބުނާ ނާޒުއެއް އެތަނަށް ގެނައުމަށް ބުންޏެވެ. ޒިދާން ސައިކަލު ޕާރކްކޮށްފައި އެގެއަށް ވަދެގެން ހިގައްޖެއެވެ.
“ކީއްކުރަން ތިބުނީ އެހެން؟ އާޔަން ތިހީކުރަނީ އެއީ މޫސަ މިބުނާ ނާޒު ކަމަށްދޯ! ދެން އެހެނެއް ނުވާނެނު!” މޫސަ ހުރީ ހިތްހަމަ ނުޖެހިފައެވެ.
“މުޅިއަކުން އެހެނެއްނޫން. އެކަމަކު އާޔަންއަށް ހީވިއެއްޗެއް ބަލައިލަންވެގެން.” އާޔަން ހަމަޖެހިލާފައި ބުނެލިއެވެ.
އިރުކޮޅަކުން ދޮންދޮން އަންހެން ކުއްޖެއްގެ މުލައްދަޑީގައި ހިފައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ދަމަމުން ޒިދާން އަންނަތަން ފެނިއްޖެއެވެ. އެއީރީތި އަންހެން ކުއްޖެކެވެ. ކަޅުކުލަގަދަ ފަށުވިކޮޅެއްހެން އޮތް އިސްތަށިގަނޑުން ދެންމެ ފެންވަރާފައި ހުރިކަން އިނގެއެވެ. ކަޅުކުލަގަދަ ކަޅުދެލޮލެވެ. އެންޖެލީނާ ޖޮލީގެ އިންނަކަހަލަ ބޮޑު ރަތް ތުންފަތެކެވެ. ބަލާބެލުމަށް ފިރިހެނުންގެ ހިތްތަށް ކަތިލާފަދަ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ލައިގެންހުރި ބާރު ހެދުމުން އަންހެން ގުނަވަންތައް ފާޅުވާން ހުއްޓެވެ.
“އާޔަން! އެއީ …. އެއީ ހަމަ އެކަކު!” މޫސައަށް އާޔަންއާއި ދިމާއަށް ބަލައިލަމުން ހައިރާންކަމާއި އެކު ބުނެލެވުނެވެ.
“މިހިރީ! މީ ނާޒު. މަގޭ ބިޓު. ބޭނުމިއްޔާ އެއްރެއަށް ލިބިދާނެ. ދޯ ނާޒު.” ޒިދާން ހުރީ ހިނިއައިސްފައެވެ. ނާޒު ހުރީ އިސްޖަހައިގެންނެވެ. ލަދުންކަމަށްވެސް ވެދާނެއެވެ. މޫސަ ނާޒުއާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލަހަށަޓައިގެން ހުއްޓެވެ.
“އާޔަން! ހިނގާދަމާ! ނަސީބެއް ކުރީބައިގަ އިނގުނުކަން!” މޫސަ އާޔަންގެ ކޮނޑުގައި އަތްބާވާލަމުން އަނެއްފަރާތަށް އެނބުރުނެވެ.
“އައްދެ. މޫސައަށް ކަމުނުދިޔައީތަ؟ އާޔަންއަށް ކަމުދޭދޯ!” ޒިދާން ހީލަމުން އަހާލިއެވެ. އާޔަން އަތުގެ އިށާރާތުން ނޫނެކޭ ބުނަމުން މޫސަފަހަތުން ގޮސް ސައިކަލަށް އެރިއެވެ.
“އާޔަން! ނުބުނާތި އެއްވެސް އެއްޗެއް! މޫސަ މީނީ ވަރަށް ލަދުގަނެފަ! ޖަސްޓް ކީޕް ސައިލެނޓް! އެކަކަށްވެސް މިވާހަކަ ނާންގާތި!” މޫސަ ހަމަ އަސްލުވެސް އިނީ ލަދުންނެވެ. ކުރެވެން އުޅުނު ކަންތަކާއިމެދުއެވެ.
އެރޭ އެންމެނާއިއެކު ކާން އިނދެގެން އާޔަންކައިރިއަށް ހަމަ ހިނިއަންނަނީއެވެ. އެދުވަހު މޫސަ ކުރި ކަންތައް ހިތައްއަރާފައެވެ. އެކަމަކާހެދި އާޔަންއަށް ރަގަޅަށް ނުވެސް ކެވެއެވެ. އާޔަންއަށް ވެގެން އުޅޭގޮތެއް އެކަކަށްވެސް ނޭގެއެވެ. ނޫރާވެސް އިނީ އާޔަންއަށް އެވާގޮތެއް އިނގެން ބޭނުންވެފައެވެ.
“މިއަދު ދިމާވި ކަމަކާހެދި މި ހެވެނީ!” އާޔަން ބުނީ ހަމައެކަނި އެހެނެވެ. އާޔަން ހޭތީވެ އެންމެންގެ މޫނުމަތިންވެސް ވަނީ ހިނިތުންވުން ފާޅުވެފައެވެ..
“ޒޫ! އާޔަންއާއި ނޫރާގެ ކައިވެނި މާލޭގަވެސް ރަޖިސްޓްރީ ކުރަންވީނު. އެއީ އަހަރެން ވަރަށް އެދޭ ކަމެއް!” ސައީދާ ހެވިފައި އިނދެ ބުންޏެވެ.
“އާން! ތީ ރަގަޅު ކަމެއް. ރަޖިސްޓްރީ ކުރާދުވަހު އަދި ސައީއާއި ފާރޫޤްގެ ގާތްތިމާގެ މީހުނަށް ކެއުމެއްވެސް ދޭންވާނެ ދޯ! އެމީހުންވެސް ނޫރާގެ ކައިވެނީގެ ހަފްލާގައި ބައިވެރި ކުރަންވާނެނު!” ސައީދާއަށް ބުނެވުނީ މާކުރިންވެސް ޒޫނާ ހިތުގައި ބާއްވައިގެން އުޅޭ ވާހަކައެކެވެ.
“މިއަންނަ ހުކުރު ދުވަހު ޒީނާއާއި ނާއިފް ކައިވެނި ކުރޭ! އެހެންވެ މަންމަމެން ތިކުރަން އުޅޭ ކަންތައް ޖެހޭނީ ލަސްކުރަން!” އާޔަން ގޮނޑިން ތެދުވަމުން ބުންޏެވެ. “އެމީހުންގެ ކައިވެނީގެ ހަދިޔާއަކަށް އާޔަންމެންގެ ފަރާތުން ދޭނީ ކޯޗެއް؟” އާޔަން ޒޫނާކައިރިން ލަފައަކަށް އެދުނެވެ.
“މާލޭގަ ގިނަމީހުން ބޭނުންވާނީ ލާރި! އެހެންވީމަ ލާރިދޭން މަންމައަށް ފެންނަނީ!” ޒޫނާ ބުނެލިއެވެ.
“އާޔަން ބޭނުންވަނީ ހަދާނުން ފޮހެނުލެވޭނެ ވަރުގެ އެއްޗެއްދޭން! ކިހިނެއްވާނީ ޔޫރަޕްގެ ގައުމަކަށް ހަނީމޫންއަށް ފޮނުވަން އާޔަންމެންގެ ފެމިލީ ގިފްޓެއްގެ ގޮތުގަ؟” އާޔަން ބުންޏެވެ.
“ތިގޮތްވެސް ރަގަޅުވާނެ! ނޭގޭގޮތަށް އަހާލަބަލަ އެދެމީހުން ކައިރީ ކޮންތާކަށްތޯ ދާހިތްވަނީ! އޭރުން ހަމަޖެއްސިދާނެނު!” ޒޫނާ ބުންޏެވެ.
“އާން! ތިހެން ހަދަންވީ!” އާޔަން އޭނަ މަންމަބުނި އެއްޗަކަށް އެއްބަސްވަމުން ކޮޓަރިއަށް ވަންނަން ހިގައިގަތް ވަގުތު ނައީމާ ޒައު ގޮވައިގެން އައިސް ވަނެވެ.
“އާޔަންބޭ! މިރޭ ޒައު ނިދާނީ އާޔަންބެ ކޮޓަރީގަ. މަންމި ބުނީ އާޔަންބެ އޯކޭ ބުނީމަޔޯ ނިދޭނީ!” ޒައު ދޮރުންވަދެފަ އާޔަންކައިރިއަށް އަންނަމުން ބުންޏެވެ. އާޔަން ޒައު އުރާލިއެވެ. އަދި ނިކަން ލޯބިން ޒައުގެ ދޮން ކޮލަށް ދޮނެއްދިނެވެ.
“އާން! އާޔަންބެއާ އެއްކޮން ދޯ ނިދާނީ!” އާޔަން ޒައުގޮވައިގެން ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
“ޒައު ހާދަވަރެއް ހުރެޔޭ އާޔަންއާއި ހެދި! އަބަދު ދައްކަނީ އާޔަންގެ ވާހަކަ!” ނައީމާ އައިސް ސޯފާގައި އިށީންނަމުން ބުންޏެވެ.
“އާޔަންވެސް އެހާވަރު ހުރޭނު! އާޔަންއަށް ކުއްޖެއް ލިބޭދުވަހަކު ހާދަ ލޯބިންނޭ އުޅޭނީ! އާޔަން ވަރަށް ލޯބިވޭދޯ ކުޑަކުދިންދެކެ!” މޭޒުކައިރީ އިން ނޫރާއަށް ބަލައިލަމުން ނައީމާ ބުނެލިއެވެ. ކުދިންލިބޭވާހަކަ ބުނުމުން ނޫރާގެ ހިތުތެރޭ އުފާވެރިކަން ފާޅުވިއެވެ. ނަމަވެސް އާޔަންއާއި ނޫރާ ނިންމާފައިވަނީ ނޫރާ ކިޔަވާ ނިމުނީމައި އާއިލާއެއްފަށާށެވެ. އެހެންކަމުން އަދި އަހަރެއްހާދުވަސް ބާކީ އެބައޮތެވެ.
ޖެހިގެން އައިދުވަހު އާޔަންއައި ނުރާ ދިޔައީ ޒީނާމެންގެއަށެވެ. އެގޭގައި ޒީނާއާއި ނާއިފްގެ ކައިވެނީގެ އެކިއެކި ކަންތައްތަކަށް އެހީވުމަށް އަންނާށޭ ޒީނާގެ މަންމަ ނަފީސާ ބުނެފައި އޮތުމުންނެވެ.
އާޔަންމެން ޓެކްސީގައި ގޮސް ޒީނާމަންޒިލް ދޮރުމައްޗަށް ކައިރިކޮށްލިއިރު މޫސަ ދޮރުކައިރީ ހުއްޓިގެން ހުރީ އާޔަންމެން އަންނާތީވެއެވެ. އާޔަންއާއި ނޫރާ ކާރުން ފައިބައިގެން މޫސައާއިއެކު އައިސް ގެއަށްވަނެވެ. އެއީ މާލޭގެ ބޮޑު ގެތަކުގެ ތެރެއިން ގެއެކެވެ. އެގޭގެ ގޯތިތެރޭގައި ގަސް ހައްދާލާފައި އޮތެވެ. ގަހެއްކައިރީ ބަހަށްޓާފައި ހުރި ޖޯލިފަތީގައި މެދުއުމުރުގެ އަންހެނަކާއި އަދި އިތުރު ދެ އަންހެންކުދިން ނޫކުލައިގެ ބޮޑުފޮތިގަނޑެއްގައި މިނާ ހަރުކުރަން ތިއްބެވެ. ގޭތެރެއަށް ވަންނަތާ ދޮރުގެ އެއްފަރާތެއްގައި ތިބި ކުދިން ތިބީ ކުދިކުދި ތަރިތަކެއް ކަފާށެވެ.
“ދޮންތާ! މީއާޔަން. ދެން މިހިރީ ނޫރާ!” ޖޯލީގައި އިން މެދުއުމުރުގެ އަންހެންމީހާ ކައިރިއަށް އައިސް މޫސަ ބުންޏެވެ. “އާޔަން މީ ދޮންތަ އިނގޭ! މީ މޫސަ މަންމަގެ ދައްތަ! ވަރަށް ރީތިކޮން ފަހާނެ. މިހާރު އެހަދަނީ ޒީނާގެ ވެޑިން ޑްރެސް!” މޫސަ ބުންޏެވެ. މުޅި ގޭތެރެއިންވެސް ފެންނަނީ އެކިމީހުން އެކިމަސައްކަތުގައި އުޅޭތަނެވެ. މިގޮތަށް މިކަހަލަ ކަމަކާ އެންމެން އެއްކޮން މަސައްކަތް ކުރާތީ އާޔަން ހުރީ ހައިރާން ވެފައެވެ. އާޔަންގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ.
“މޫސަމެންގެ އާއިލާ ވަރަށް ބޮޑުދޯ!” އާޔަން އަހާލީ ގޭތެރޭ މީހުން ގިނަކަމުންނެވެ.
“އާން! އެކަމު މިއަދު މިތާ މިއުޅެނީ ނާއިފްގެ އާއިލާއާއި މޫސަގެ އާއިލާ! އެހެންވެ އެހާ މީހުން ގިނަކަމަށް އެދައްކަނީ!” މޫސަ ބުންޏެވެ. އެވަގުތު ފާތު އެތަނަށް އައީ ލައި ގޮވައިގެނެވެ. ފާތުއައިސް ނޫރާއާއި ސަލާމް ކޮށްލިއެވެ. ލައި މޫސައަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އެވަގުތު މޫސަ ބަލަން ހުރުމުން ލައިއަށް އިސްޖަހާލެވުނެވެ. މޫސަ ލައިއާއި ދުރުވެދާނެ ކަމަށް އަދިވެސް ލައިގެ ހިތެއް ގަބޫލެއް ނުކުރެއެވެ.
ފާތު ނޫރާގެ އަތުގައި ހިފައިގެން މަޑުކުރުވިއެވެ. މޫސަ އާޔަން ގޮވައިގެން އެތެރެއަށް ވަދެގެން ހިގައްޖެއެވެ. ފާތު މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާގެ ވާހަކަ ނޫރާއަށް ކޮންމެސް ވަރަކަށް ކިޔާދީފަ ނޫރާ ގޮވައިގެން ލައި އާއި ފާތު ގޭތެރެއަށް ވަންނަން ދިޔަވަގުތު މޫސަމެންގެ ތިމާގެ ޅަފުރާ އަންހެން ކުދިންތަކެއް ދޮރުމަތީ ތިއްބެވެ. ނޫރާއާއި ފާތުއަށް ހުއްޓެވުނީ އާޔަންއޭ އެކުދިން ބުނީމައެވެ.
“ހަޒީލާ! ހަޒީލާއަކަށް ނޭގުނެއްނު. އެއީ މޫސަބޭ އާއި އެއްކޮން ކިޔަވަން އުޅުނު ކުއްޖެއް. ހަޒީލާއަށް ތި އިނގުނީ ނަން އެކަނި!” ސަނާ ބުނާއަޑު އިވުނެވެ.
“ސަނާއަށް ކިހިނެއް އިނގެނީ؟ އަހަންނަށް އެންމެ ކުރިން އެކުއްޖާ ފެނުނީ. އެހެންވީމަ މިކަމާ އެހެންމީހުން ނޫޅޭތި!” ހަޒީލާ ބުނެލިއެވެ.
“އެކަމަކު ހާދަ ރީއްޗޭދޯ! އަދި އެހާސަޅި ބޮޑީއެއް!” އެތާ އެންމެ ކުރުކޮން ހުރި ދޮން ދޮން ރީނާ ބުންޏެވެ.
“ރީނާ! ކަލޭ އެންމެ ފުރަތަމަ ޖެހޭނީ ތަނެއްގަ އެލިގެން ދިގުވާން. ބައިފޫޓުވެސް ކަލޭގެ ނެތް. އޭނައަށް ކަލޭ ނުވެސް ފެންނާނެ.” ހަޒީލާ ބުނެލިއެވެ. “އެއީ ހާދަ ރީތި އިންސާނެކޭ! ހިނގާފަ ދާގޮތްވެސް ބަލާބަލަ. ކިހާ ސްމާރޓް”
“އާނއެކޭ ހާދަ ނަސީބުގަދަ މީހަކަށޭ އޭނަ ލިބޭނީ؟” ސަނާ ބުންޏެވެ.
“މޫސަބޭ ކައިރީ ބުނެގެން އެންމެކުރިން ފްރެންޑް ވާނީ! އަންނާނަން އޭނަ ކައިރިއަށް ގޮސްލާފަ!” ހަޒީލާ ހިގައިގަތީ އާޔަން މެނާއިދިމާއަށެވެ.
ފާތު ނޫރާއާއި ލައި އެކަކު އަނެކަކަށް ބަލައިލިއެވެ. “އާޔަން މީހާދަ ކާމިޔާބު މީހެކޭދޯ!” މަޑުމަޑުން ފާތު ބުނެލިއެވެ. “ހިނގާބަލަ އާޔަންއަށް ވާގޮތެއް ބަލައިލަންދާން!”
ފާތު އަވަހަށް ނޫރާގެ އަތުގަ ހިފައިގެން އެދިމާއަށް ދިޔައެވެ. ފާތުއާއި ނޫރާ އަދި ލައިއަށް މިކަންތަށް ވީ ވަރަށް މަޖާ ކަމަކަށެވެ. މިކުދިން އުޅޭގޮތެއް ބަލަން އާޔަން ކައިރިއަށް ނޫރާމެން އައިސް މަޑުކޮށްލިވަގުތު ހަޒީލާއައިސް އާޔަން ގައިގައި ފުރަގަހަތުން ޖެހިގަތެވެ. އާޔަން ފަހަތަށް އެނބުރުނު ވަގުތު ހަޒީލާ އުޅުނީ އާޔަންއާއި ދިމާއަށް ވެއްޓިގަންނާށެވެ. ނަމަވެސް އެވަގުތު އާޔަންއަށް ނޫރާ ފެނިގެން އަވަހަށް އައުމަށް އަތުން ގޮވަންފެށީ ކައިރީގައި ހުރި ހަޒީލާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ހަޒީލާ އަރިއަޅާލައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ. އެކަމާ ފާތުއާއި ލައި ކައިރިއަށް ހިނިއައެވެ. ނޫރާވެސް ހެމުން އާޔަންކައިރިއަށް އައެވެ. ހަޒީލާ އެދިމާއަށް ބަލަން ހުއްޓެވެ.
“އޭ ހަޒީލާ! އިނގޭތަ މީ ކާކުކަން؟” އެންމެފަހުން ފާތު އައިސް ހަޒީލާއަށް އާޔަން ދައްކާލަމުން ބުންޏެވެ. ހަޒީލާ ހުރީ ލަދު ގަންނަގޮތް ވެފައެވެ. ހަޒީލާ ކުރިކަންތައް ފާތުއަށް ފެނުނީކަން ހަޒީލާއަށް ހީވެއްޖެއެވެ. “މީ އާޔަން. ފާތުމެން އެންމެންގެ ފްރެންޑެއް! މިހިރީ މީނަގެ އަންހެނުން.” ފާތު ނޫރާގެ އަތް އުފުލާލަމުން ބުންޏެވެ. އެވަގުތު ހަޒީލާގެ މޫނުމަތިން ކުލަވަރު ބަދަލުވެގެން ހިގައްޖެއެވެ. މީހެއްގެ ފިރިއެއްކަން އިނގުމުން ކުރެވުނު ކަންތަކާ ލަދުގަނެއްޖެއެވެ. އަދި އަޖައިބުވީ އާޔަން ދިވެހިބަހުން އެންމެނާ ވާހަކަދައްކަން ފެށުމުންނެވެ.
“އަހަރުމެންނަށް މިޖެހުނީ ކާޑުގަ ނަންކޮޅު ތަތްކުރަން!” އާޔަން ނޫރާގެ އަތުގަ ހިފާއާޔަންއާއި ކައިރިއަށް ދަމާލަމުން ބުންޏެވެ. ނޫރާއަށް ހަޒީލާއާއި ދިމާއަށް ބަލައިލެވުނީ އިހުތިޔާރަކާނުލައެވެ. ހަޒީލާގެ މޫނުމަތިން ފެންނަން ހުރި ހިތްހަމަނުޖެހުމާއި ހަސަދަވެރިގޮތުން ނޫރާ ކުޑަކޮން ދެރަވިއެވެ. ނަމަވެސް އެކަމާ ނޫރާއަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. ހަޒީލާ އެތާ ނުހުރެ އަވަހަށް އެތަނުން ހިގައްޖެއެވެ.
“އާޔަންގެ ރީތިކަމާހެދި އަންހެން ކުދިންތައް ދީވާނާވަމުން ދާތަން މި ފެންނަނީ ފާތުމެނަށް ދޯ ލައި!” ހަޒީލާ ދިއުމުން ފާތު ހެވިފަ ހުރެގެން ބުނެލިއެވެ.
އާޔަން ފާތުއަށް ބަލައިލަމުން ނޫރާއާއި ދިމާއަށް ބަލައިލިއެވެ. “ކިތަންމެ އަންހެން ކުދިންނެއް ދީވާނާ ވިއަސް ނޫރާ ނޫން މީހަކަށްް އާޔަންއެއް ނުލިބޭނެ!” ވަރަށް ފޮނިވެލާފައި އާޔަން ބުނެލިއެވެ.
އެދުވަހު މޫސަމެން ގޭގައި އުޅެފައި އާޔަންއާއި ނޫރާއަށް ގެއަށް އާދެވުނީ ވަރަށް ލަސްވި ފަހުންނެވެ. ނޫރާ އެއްޗިހި ބަދަލުކޮށްގެން ނިދަން ތައްޔާރުވެގެން ނުކުތްއިރު އާޔަން އިނީ ފޯނެއްގައެވެ. ކުޑަކޮން ހިތްހަމަނުޖެހިފަ އިންހެންވެސް ހީވެއެވެ.
“ކާކު ނަންބަރ ދިނީ؟” އާޔަން ބުނާއަޑު އިވުނެވެ. ދެން ފެނުނީ ފޯނު ނިވާލުމަށްފަހު އެދުކައިރީ ހުރި ކުޑަ ކަބަޑުމަތީ ފޯނުބޭއްވިތަނެވެ.
“ކާކު ގުޅީ؟” ނޫރާ ރީތިވާ މޭޒުކައިރީ ހުރެ ބޮލުގައި ފުނާއަޅަމުން އަހާލިއެވެ.
“ނޭގެ. ކޮންމެސް ހަޒީލާއެކޯ. އާޔަންއާ ފްރެންޑްވާން ބޭނުންވަނީޔޯ. އޭނައަށް އިނގޭ ނޫރާވެސް. ޑޫ ޔޫ ނޯ ހަރ؟” އާޔަން ނޫރާ ކައިރިއަށް އައިސް އެހިއެވެ.
“އެއީ މިއަދު ދިމާވި ކުއްޖާ. މޫސަމެން ތިމާގެ ކުއްޖެއް. ފާތު އިންޓްރޮޑިއުސް ކޮށްދިނެއްނު.” ނޫރާ ލޯގަނޑުން އާޔަންގެ މޫނަށް ބަލައިލަމުން ބުންޏެވެ.
“އާން. ޔެސް! އެކަމު އޭނައަށް އާޔަންގެ ނަންބަރ ލިބުނީ ކިހިނެއް؟ އޭނަ ބުނި އެއްޗެއް އިނގޭތަ ނޫރާ؟” އާޔަން އައިސް ނޫރާގެ ފަހަތުން ނޫރާގެ ބަނޑުގައި ބައްދާލިއެވެ.
“ކީކޭބުނީ” ނޫރާ އަތުގައި ލޯޝަންކޮޅެއް އުނގުޅާލިއެވެ.
“އޭނަ ބުނީ އޭނަ އާޔަންއާއި ވާހަކަދައްކަން ބޭނުމޯ. އޭނައަށް އާޔަން ވަރަށް ރީއްޗޯ. ވަރަށް ސެކްސީ ސްމައިލް އެކޯ އާޔަންގެ….. ކީއްކުރަންހޯ އެހާއަވަހަށް މީހަކާ އިނީ. އެކަހަލަ ވާހަކަތަކެއް ދެއްކީ. އޭނައަށް ނޭގުނީ އާޔަން ނޫރާދެކެ ލޯބިވާވަރު.” އާޔަން ނޫރާގެ ކަނދުރާއަށް ބޮސްދިނެވެ. ނޫރާ ހީލިކަރުވައިގަނެގެން އާޔަންއާއި ދިމާއަށް އެނބުރުނުވަގުތު އާޔަންގެ ތުންފަތުން ނޫރާއަށް އެތަކެއް ހަދިޔާތަކެއް ލިބިގެން ދިޔައެވެ.
އިރުއަރާ އިރަށް އަވަހަށް މޫސަމެންގެއަށް ދެމީހުން ދިޔައެވެ. ބައިވަރު ކަންތައްތައް އަދިވެސް ނުނިމި ހުރީމަ އެހީވުމަށް އަންނަން ބުނެފައި އޮތީމައެވެ. އެދުވަހު ހަޒީލާފެނުމުން އާޔަން ނޫރާއަތުގަ ހިފައިގެން ހަޒީލާ ކައިރިއަށް އައިސް ވަރަށް ރީއްޗަށް ހަޒީލާއާއި ވާހަކަ ދެއްކިއެވެ. ނޫރާއާއި އާޔަން ދުރުނުވާނެކަމަށްވެސް ހަޒީލާކައިރީ އާޔަން ބުންޏެވެ.
މިހާރު ކޮންމެދުވަހަކު އެގޮތަށް މޫސަމެންގެއަށް ގޮސް ގޮސް މިހާރު މޫސަގެ އާއިލާއާއި ނާއިފް އާއިލާގެ އެންމެންނާވެސް ރަށްޓެހިވެ ގުޅުން ބަަދަހިވެގެން ހިގައްޖެއެވެ. މޫސަގެ އާއިލާގެ އެންމެނަށްވެސް ލައި އާއި މޫސަގެ ވާހަކަ އޮތީ އިނގިފައެވެ. އެހެންކަމުން މޫސަގެ އާއިލާ އެންމެންވެސް ލައިއާއި ދޭތެރޭ ހާއްސަ ނަޒަރަކުން ދެކެއެވެ. މޫސަގެ މަންމައާއި ބައްޕައަށްވެސް ލައި އަކީ ވަރަށް މަޤްބޫލު ކުއްޖެކެވެ. ނަމަވެސް އެދެމީހުންގެ ގުޅުމަށް އަންނަމުންދާ ބަދަލުތަކުން އެންމެންވެސް ތިބެނީ ހިތްހަމަ ނުޖެހިފައެވެ. އެދެމީހުންގެ ގުޅުން ރަގަޅު ކުރެވޭތޯ އެތަކެއް މަސައްކަތެއް އާޔަންވެސް ކޮށްފިއެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވެއެވެ.
ނޫރާ އިނީ ނޫކުލައާއި ރިހި ކުލައިގެ ތަރި ތަކެއް ކަފަން ޒީނާއާއި އެކު ޒީނާ ކޮޓަރީގަ އެވެ. އޭރު އެނދުމަތީގަ އާއި ބިންމަތީ އޮތީ ހުސް ނޫކުލައާއި ރިހި ކުލައިގެ ކަރުދާހެވެ. އެމީހުން ކަފާފައި މުޅިތަނަށް ކަރުދާސް އަޅަމުން ގެންދަނީ ފަހުންސާފުކުރާނީކަމަށް ބުނެފައެވެ. އެހެން ތިބެގެން ދެމީހުން ދައްކަމުންދާ ވާހަކައަކީ ލައިއާއި މޫސަގެ ކަންތައް ހައްލުކުރާނެ ގޮތެއްގެ ވާހަކައެވެ.
“އެދެމީހުން ކޮންމެސް ގޮތަކުން އެކަހެރިކޮން ބައިތިއްބަންވީ! އޭރުން ވާހަކަ ދައްކަންފަށާފާނެ. މިކަމަށް ހައްލެއް އަންނާނީ ދެމީހުންވެސް ވާހަކަދައްކައިގެން!” ނޫރާ ބުންޏެވެ.
“އާން! ޒީނާމެންގެ ވެޑިންދުވަހަށް އަލުން އެދެމީހުން ގުޅޭނެނަމަ ކިހާރަގަޅު!” ޒީނާ ދެރަވެލާފައި ބުންޏެވެ.
ޒީނާ އެބުނި އެއްޗަކަށް ނޫރާ އެއްބަސްވަމުން އާނއެކޭ ބުނެލިއެވެ. “ދެން މެރީކޮށްގެން ހަނީމޫންއަށްދާން ހިތަށްއަރަނީ ކޮންތާކަށް؟” ނޫރާ ކެފި ތަރި ބާއްވަމުން ނޫރާ ޒީނާކައިރީ އަހާލިއެވެ.
“ދެން ނޫރާ. ކިހިނެއް އެގޮތަށް ވިސްނާނީވެސް. މިހާބޮޑު ހަރަދެއްކޮށްފަ އަދި އެކަމަށް ފައިސާއެއް ނުހުންނާނެނު. ނާއިފް ބުނި ރިސޯރޓަކަށް އޯވަރ ނައިޓަކަށް ދާން އެކަމަކު ޒީނާގެ ބައްޕަ ބޭނުންވަނީ ފަހުންވިއަސް އިޓަލީއަށް ފޮނުވަން. އެއީ ނާއިފްއާއި ޒީނާ ހަނީމޫންއަށް ދާން ނިންމައިގެން ތިބިތަން.” ޒީނާ ބުންޏެވެ. “އެކަމަކު އެކަން މިދަނޑިވަޅުގަ ބައްޕައަކަށްވެސް ނުވާނެ. މިހާރު މިކަމަށް ހުރިހާ ހަރަދެއްކުރަމުން އެދަނީ ބައްޕައާ ނާއިފްގެ ފެމިލީ!” ޒީނާ ނޫރާއަށް ބަލައިލަމުން ބުނެޏެވެ.
ނޫރާއަށް ހިތްހަމަޖެހުމެއްލިބުނު ކަހަލައެވެ. ޒީނާމެން ހަނީމޫންއަށް ފޮނުވާނެ ތަނެއް ނޫރާއަށް އިނގުމުންނެވެ. އެވަގުތު ކޮޓައިއަށް ކުއްލިއަކަށް އައިސްވަނީ ލައި އެވެ. ވަރަށް އަވަސް އަރުވާލައިފަ އައިސް ފާހާނާއަށް ވަދެއްޖެއެވެ.
“އެއައީ އަދިކިރިޔާ! މިއަދު މާލަހުން އެއައީ ކީއްވެބާ؟” ޒީނާ ބުންޏެވެ.
ނޫރާ ކޮނޑު އަރުވާލިއެވެ. އަދި އެނދުމަތީ ހުރި ބާކީ ކަރުދާސް ކޮޅުތައް އެއްކުރަން ފެށިއެވެ. ޒީނާވެސް ކޮޓަރި ކުނިކަހަން ފެށިއެވެ.
“ލައި މިއަދު ލަސްވީ ހޮސްޕިޓަލަށް ދާންޖެހިގެން! ލައިގެ ކޮއްކޮގެ ލޯ މާބޮޑަށް ރަތްވެފަ ހުރެގެން ޑޮކްޓަރ އަށް ދައްކަން ދިޔައީ. މާބޮޑުކަމެއް ނުވެ ނަސީބަކުން. އޭނަ އެއްކޮޅަށް ނިދަން މާގިނައިރު އޮތީމަ ވެފަ ހުރި ގޮތެއްކަމަށް ބުނީ” ލައި ފާހާނާއިން ނުކުމެ ޒީނާގެ ނަމާދުކުރާ މުސައްލަ ނަގަމުން ބުންޏެވެ. “ހޮސްޕިޓަލުން ނުކުމެގެން ކޮއްކޮ ގެއަށްލާފަ ލައި މިއައީ މިގެއަށް! ބައްޕަ ސައިކަލު ގަނެދިނީމަ ވަރަށް ފަސޭހަ! އަބަދު ތާކަށް ދާންޖެހިގެން ނުދެވިފަ ހުންނާކަށް ނުޖެހޭ! މިހާރު ހުރިހާކަމެއް ނިމުނީތަ؟” ލައި ދޮޅިއަޅަމުން އަހާލިއެވެ.
“ނޫނޭ! އަދި މި ސްޓާރ ތައް ކާޑުތަކުގަޔާ ގިފްޓް ތަކުގަ ހިއްޕަން ޖެހޭނެނު. އަނެއްކާ ޑޭކަރޭޓް ކުރަން ހަދާ ސްޓާރ ތައްވެސް އަދި އެއްކޮން ކަފާނުނިމެ.” ކުނިކަހަން ހުރި ޒީނާ ބުންޏެވެ.
“މި ވެޑިން ވަރަށް ރީތިވާނެ. މިގޮތަށް އެންމެން ވެގެން އުޅޭއިރު ކިހާމަޖާތަ!” ލައި ނޫރާއަށް ބަލައިލިއެވެ. “ނޫރާ! ނޫރާގެ ވެޑިން ދިޔައީ ކިހިނެއް؟”
“އާޔަން ކިޔައި ދިނެއްނު! ނޫރާމެންނަށް ސަރޕްރައިސްއެއްވީ! ނޭގިތިއްބާ ހުރިހާކަމެއްވެ ނިމިއްޖެ. ކުއްލި ޝޮކެއް ޖެހިފަތިބީ!” ނޫރާ ހީލަމުން ބުންޏެވެ. “ލައިދެން އަވަހަށް ނަމާދުކޮށްބަލަ މިހާރު ވަރަށް ލަސްވެއްޖެ. އިރުކޮޅަކުން އަސުރަށް ގޮވާނެ.” ނޫރާ ބުންޏެވެ.
“ލައި ވަރަށް ބޭނުން ދެއާއިލާ މިގޮތަށް މަސައްކަތްކޮށްގެން ވެޑިން ބާއްވަން. އޭރުން ދެއާއިލާގެވެސް ގުޅުން ކިހާ ބަދަހިވެގެން ދާނެ.” ލައި ނަމާދު ނިމިގެން ފުން ފުންވިސްނުމެއްގެ ތެރޭ އިރުކޮޅަކު އިނުމަށްފަހު ބުންޏެވެ. “މިހާރު ލައި އަކަށްނޭގެ ލައި މެރީކުރާނީ ކޮންއިރަކު ކަމެއްވެސް. އަދި ކާކާ ކަމެއްވެސް.” ލައިގެ ލޮލުން ކަރުނަ ނިރާާލިތަން ނޫރާއަށް ފެނުނެވެ. ނޫރާ ލައިގެ އަތުގައި ހިފާލިއެވެ.
“އަދި މާޔޫސްވާކަށް ނުވޭނު. މޫސައަށް އަދި ވިސްނޭނެޔޭ ނޫރާގެ ހިތްބުނަނީ! އިރާދަކުރެއްވިއްޔާ މޫސައަދި ލައި ކައިރިއަށް އަންނާނެ! މާފަށްވެސް އެދޭނެ.” ނޫރާ ބުންޏެވެ.
“ތިހެން ވެއްޖެޔާ ކިހާރަގަޅު. ލައި އަޖައިބުވަނީ އެއްވެސް ކުށަކާނުލާ މޫސަރުޅިއައީމަ. ލައިއަކަށްނޭގެ ލައިއަށް ކޮންކަމެއް ކުރެވިގެން ކަމެއް މޫސައެގޮތަށް އެ ކަންތައްކުރީ! ދެން ކޮންމެގޮތެއްވިއަސް ލައިވެސް ނޫޅެން މޫސަކައިރިއަށް ދާކަށް މޫސަ މާފަށް އެދުނީމަނޫނީ ލައި މޫސައާ ދެން ނުގުޅޭނަން.” ލައި ބުނެޏެވެ. އެވަގުތު ޒީނާއާއި ނޫރާގެ މެދުގައި އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ.
އެންމެން ޒީނާ މެންގޭގަ ސައިބޯންތިބީ ޒީނާގެ މަންމައާއި ބައްޕައާއިވެސް އެކުއެވެ. އޭރު އާޔަންއާއި މޫސަ އޮލަ ވާހަކައެއްގައި ތިއްބެވެ. ލައި އެދިމާއަށް އިރުކޮޅަކާ ބަލައިލައެވެ. ނޫރާއަށް އެކަންފާހަގަވިއެވެ. ޒީނާ އޭނަ މަންމަކައިރީ ކޮންމެސް ވާހަކައެއް ދައްކަމުން ގެންދެއެވެ. ނާއިފްތައްޓަށް މާގިނަ އެއްޗެހި އެޅުމުން އެކަމާ ޝަކުވާކުރަނީ އެވެ. ޒީނާގެ ބައްޕަ މަޑުމަޑުން އިނދެ ކަމުން ގެންދެއެވެ. ޒީނާގެ ބޮޑުދައިތަ އިރުކޮޅަކާ މޭޒުކައިރިއަށް އައިސް ކޮންމެސް އެއްޗެއް ތައްޓަށް އަޅައިގެން ހިފައިގެން ދެއެވެ. ތަންކޮޅެއް ދުރުގައި ހުރި ވަށްމޭޒެއްކައިރީ ތިބި ކުދިން އަދިވެސް ތަރިކަފަމުން ގެންދެއެވެ. އެބޮޑު ފެންޑާގައި މީހުން ގިނަކަމުން ހީވަނީ މަގުމަތީ ބާޒާރު ހެނެވެ.
އިރުކޮޅަކުން އެތަނަށް އައީ ފިރިހެންކުއްޖެކެވެ. އެއީ ކުލަ އަލި ހިކިކޮންހުރި ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ކުޑަކޮން ދިގުކޮށްލާފައެވެ. ބަލާބެލުމަށް ހީވަނީ އާޔަންމެނާ އެއްވަރުގެ ކުއްޖެއްހެނެވެ.
“ފާޒިލް! ފާޒިލް އަދިކިރިޔާ އެއައީ!” އޭނަ ފެނުމުން ޒީނާ ފުންމައިގެން ތެދުވިއެވެ. މޫސަވެސް އެދިމާއަށް ބަލައިލިއެވެ. އެމީހުންގެ މަންމައާއި ބައްޕަވެސް ފާޒިލްއަށް ގޮވާލިއެވެ. “ފާޒިލް! އާދޭ ކާން!” ޒީނާގެ މަންމަ ބުންޏެވެ.
“ދެންމެ މިއައީ ހަނީފާއްތަ މެންގޭން ކައިގެން. ރަށުން އައިގޮތަށް މަންމަ އެބައިން އަދިވެސް ހަނީފާތަ މެންގޭގަ ސްޓަކްވެފަ! ނުހުރެވިގެން އަހަރެން ކުރީބައިގަ މިއައީ! މަންމަވެސް އަންނާނެ އިރުކޮޅަކުން.” ފާޒިލް ބުންޏެވެ. “އެންމެފަހުން އަހަރެން ބުނިގޮތަށްދޯ ތި ވެޑިން ހަދަނީ! ސަޅިއެއްނޫންތަ އަޅެ.” ފާޒިލް ޒީނާއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ.
“އާން! ތީ ވިއްޔަ މިއާއިލާގައި ހުރި އާރޓިސްޓަކީ! މިގޮތް އަސްލުވެސް ވަރަށް ސަޅި. ދެން ބުނެބަލަ ކޮބައިތަ ރައްޓެހިވެގެން އުޅުނު މަންޖެ؟” ޒީނާ އަހާލިއެވެ. އެވަގުތު ފާޒިލް ފޫހިވައްތަރެއް މޫނަށް ޖައްސާލިއެވެ.
“އެކަންތައް ނިމިއްޖެ. މަންމަވެސް އެހާ ގަބޫލެއްނޫން ވިއްޔަ! ޒީނާގެ ފްރެންޑުން ތެރޭ ނެތްތަ ރަގަޅު ބިޓެއް؟” ފާޒިލް ނޫރާއާއި ދިމާއަށް ބަލައިލަމުން ބުނެޏެވެ.
“މިތާ އެންމެން އޮކިއުޕައިޑް. އާދޭ އިންޓްރޮޑިއުސް ކޮށްދޭނަން!” ޒީނާ ބުންޏެވެ. ފާޒިލް ޒީނާ ކައިރިއަށް އައުމުން ޒީނާ އިން ގޮޑިން ތެދުވެ ފާޒިލް އެގޮނޑީގައި ބޭންދިއެވެ.
“މީ ފާޒިލް އިނގޭ! މީ ޒީނާމެންގެ ކަޒިންއެއް. މަންމަގެ ކޮއްކޮގެ ދަރިއެއް! ފާޒިލް އެއައީ ރަށުން! ފާޒިލް، މީނީ އާޔަން އިނގޭ! މީ ދޮންބެގެ ބެސްޓް ފްރެންޑް. ދެން މީނީ ނޫރާ. އާޔަންގެ ވައިފް.” ފާޒިލް ބުމައަރުވާލިއެވެ.
“ދެން މީނީ ނާއިފް! އެގޭނު ނާއިފްދޯ!” ޒީނާ ފާޒިލް ކުރެން އެހިއެވެ. ފާޒިލް ބޯޖަހާލިއެވެ. “ދެން މީ ފާތު ނާއިފްގެ ކަޒިންއެއް. ދެން މީނީ ލައި!” ފާޒިލް ލައިއާއި ދިމާއަށް ފުންނަޒަރަކުން ބަލައިލިއެވެ.
“ލައި! ލައިޝާދޯ!” ފާޒިލް އެހެން އަހާލަމުން މޫސައާއި ދިމާއަށް ބަލައިލިއެވެ. ފާޒިލްއަށް ކޮންމެސް ވަރަކަށް މޫސައާއި ލައިގެ ގުޅުމުގެ ކަންތައް އިނގޭކަމުގައި ނޫރާއަށް ހީވިއެވެ. އެވަގުތު ނޫރާގެ ހިތައް ރަގަޅު ހިޔާލެއް އައެވެ.
އެދުވަހު ހަވީރު ހުރިހާ ޒުވާން ފުރައިގެ ކުދިން ތިބީ ކާޑު ތަކުގައި ތަރި ހަރުކުރާށެވެ. މުޅި މޭޒުވަށާލައިގެން އެންމެން ތިބެގެން އެމަސައްކަތް ކުރަމުން ދެއެވެ. މޫސަ އެވަގުތުވީ މޫސަގެ މަންމަ ބުނެގެން އެއްޗެއް ގަންނަން ގޮހެވެ. އޭރު އެތާ ތިބީ ނޫރާ، ޒީނާ ނާއިފް، ފާތު، އާޔަން، ފާޒިލް އާއި އަދި ޒީނާގެ ތިމާގެ ދެކުއްޖެކެވެ.
އޭރު އާޔަން ދައްކަމުން ދަނީ ވަރަށް ފޯރިގަދަ ވާހަކައެކެވެ. އެންމެންވެސް ވަރަށް މަޖާވެގެން އެވާހަކައާއި އެއްބަސްވަމުން ދެއެވެ.
“ތީ ރަގަޅު ހިޔާލެއް! އާޔަންއަށް އިނގޭދޯ ކަންތައްތައް ސޯލްވް ކޮށްލާނެ މޮޅެތި ގޮތްތައް.” ފާޒިލް ބުންޏެވެ.
“އަސްލު މިހިޔާލަކީ ނޫރާގެ ހިޔާލެއް. މައި ވައިފް ނޯސް ބެޓަރ!” އާޔަން ނޫރާއަށް އެއްލޯ މަރާލަމުން ބުންޏެވެ.
“ތިހިޔާލު ވޯރކް ކޮށްފިއްޔާ ކިތަންމެހާވެސް ރަގަޅު. މޫސަބެއަކީ ވަރަށް ގޮތުގަ ހުންނަމީހެއް އަބަދުވެސް. އަހަރެން މިހިރީ ތައްޔާރަށް އެކްޓް ކުރަން! ލައި ތައްޔާރުތަ؟” ފާޒިލް ވަރަށް ފޯރީގައި އިނދެފައި ބުންޏެވެ.
“ލައިއަކަށް ހިޔެއްނުވެ ލައިއަށް ތިކަންތައް ވާނެހެނެއް. އެކްޓު ކުރާކަށް ލައި އެހާ މޮޅެއްނުވާނެ.” ލައި ބުންޏެވެ.
“މާބޮޑު އެކްޓެއް ކުރާނެ ކަމެއްނެތޭ. ލައި ހަމަ ގިނަގިނައިން ފާޒިލްއާއި އެއްކޮން އުޅެންވީ. އޭރުން ރަގަޅުވާނެ.” އާޔަން ބުންޏެވެ.
ލައި ބޯޖަހާލިއެވެ. އެންމެން ވެގެން ރާވަމުން ގެންދާ ކަންތައް ކާމިޔާބު ވާނޭކަމުގެ އުއްމީދުގައި ހިނިތުންވެލައިގެން އެންމެން ތިއްބެވެ.
ޖެހިގެން އައި ދުވަހު އޮތީ އެކި ގޭގެއަށް ކާޑު ބަހަން ދިއުމެވެ. ކޮންމެ މީހަކުވެސް ސައިކަލެއްގަ އުޅޭ ކުއްޖަކާއެކު ކާޑުތައް ހިފައިގެން ދާން ފެށިއެވެ. ފާތު ދިޔައީ ފާތުގެ ބޭބެ މުހައްމަދާއި އެކުއެވެ. ޒީނާ ދިޔައީ ނާއިފް އާއި އެކުއެވެ. އާޔަން އާއި މޫސަވެސް އެވަގުތު ކާޑުތަކެއް އަތަށް ނަގައިގެން ދާން ތައްޔާރުވަނީއެވެ.
“ލައި! ހިންގާ އަހަންނާއެއްކޮން ކާޑުބަހަން ދާން! އަހަންނަށް އިނގޭނެ ގެތައް. ލައި ދުއްވާނީ!” ފާޒިލް ކާޑުތަކެއް ހިފައިގެން އައިސް އެންމެންތަކު ތެރޭ ހުޓިލަމުން އެހެން ބުނެލިއެވެ. މޫސަ ފާޑަކަށް ފާޒިލްއަށް ބަލައިލިއެވެ. ލައި އަވަހަށް އިންގޮޑިން ތެދުވީ ކައިރީގައި އިން ނޫރާ ކޮށްޓާލީމައެވެ. ޑްރާމާގެ ފެށުން ކަމުގައި އިނގުނީ ނޫރާ ކޮށްޓާލުމުންނެވެ.
“އާން ހިންގާ!” ލައި އަވަހަށް ފާޒިލް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އެމީހުން ފަހަތުން ދަމުން އާޔަން ނޫރާއަށް އެއްލޯ މަރާލީ ހިނިތުން ވެލަމުންނެވެ.
އެމީހުން ދިއުމުން އެގޭ އެހެން ކުދިންނާއި އެކު ނޫރާވެސް ފެށީ ތަރި ކަފާށެވެ. އެކިމީހުން އެކިވާހަކަ ދައްކަމުން ދެއެވެ. އެގޮތުގައި ތިބިއިރު ގަޑިދިޔަގޮތްވެސް ނޭގުނެވެ. ކާޑުބަހާ ނިމިގެން އެންމެ ކުރިން އައި ގުރޫޕަކަށްވީ އާޔަންއާއި މޫސަ އެވެ.
“ވަރުބަލި ވެއްޖެ! ހޫނުގަދަކަމުންގޮސް ކަރުހިއްކައިގަނެއްޖެ!” އާޔަންއައިސް ނޫރާ ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. އެވަގުތު މޫސަގެ މަންމައައިސް އާޔަންއާއި މޫސައަށް ފިނި ޖޫސްތައްޓެއް ދިއްކޮށްލިއެވެ. އާޔަން ޝުކުރުވެރި ވެލަމުން ޖޫސްތަށި ބޯލިއެވެ. މޫސަވެސް ގަޑިއަށް ބަލައިލަމުން ޖޫސްތަށި ބޯލީ ކޮޅައް ހުރެއެވެ.
“އެންމެ ކުރިން އައީ އަހަރުމެން ދޯ!” ހުސްތަށި މޭޒުމަތީ ބަހަށްޓަމުން މޫސަ ބުނެޏެވެ.
“އަހަރުމެން މިއައީ ދެވަނައަށް!” ނާއިފް މޫސަގެ ފަހަތުގައި ހުރެފަ ބުންޏެވެ. އޭރު ޒީނާ ނާއިފްއަށް ޖޫސް ތައްޓެއް ދިއްކުރަނީއެވެ. އެވަގުތު ފާތުވެސް އޭނަގެ ބޭބެއާއި އެކު އައިސް ވަދެއްޖެއެވެ.
“ކޮންބައެއް މިހާރު ނާންނަނީ؟” ފާތު އަހާލިއެވެ. “އަހަރުމެން ދިއައީ އެންމެ ގިނަކާޑު ބަހާފަ!” ފާތު ގޮޑިއެއްގައި އިށީންނަމުން ބުންޏެވެ.
“މިހާރު ނާންނަނީ ފާޒިލްބެ އާއި ލައި. އެންމެ މަދުން ކާޑު ދިނީ އެދެމީހުން އަތަށް!” މޭޒުކައިރީގައި އިން ޒީނާގެ ތިމާގެ ހަޝްމާ ބުންޏެވެ. “ފާޒިލްބެ ހީވަނީ ލައިއާއި އަޅައިގަނެފަ ހުންނަހެން. ފާޒިލްބެއާއި ލައިއާ ވަރަށް ގުޅޭ!” ހަޝްމާ އެހެން ބުނުމުން މޫސައަށް ހީވީ މޫސަގެ މޫނުމަތީ މީހަކު ބޮޑިއެއް އެޅިހެނެވެ. މޫސަގެ ހިތަށް ކުރިއަސަރަކުން މޫނުމައްޗަށްއައި ކުލަވަރުން މޫސައާއި ދިމާއަށް ކަޅިހުއްޓާލައިގެން ތިބި އާޔަންއާއި ނޫރާ އަދި ފާތުއަށް ފެނިގެން ދިޔައެވެ. މޫސައަށް އަސަރުކޮށްފިކަން އެނގުމުން އެއީ ކާމިޔާބެއްކަމަށް އެންމެންނަށް ގަބޫލުކުރެވުނެވެ.
އެތަށްއިރަކަށްފަހު ފާޒިލް އާއި ލައި އައިސް ގެއަށްވަނީ ހެމުން ހެމުންނެވެ. މޫސަގެ މަންމަ ޖޫސްތަށި ދިނުމުން ވެސް އެއަކުވެސް ނުހިފިއެވެ.
“އަހަރުމެން މިއައީ ކާޑު ބަހާނިމިގެން އެތާހުރި ހަބަކަށް ވަދެ ޖޫގޯ ބޮއެގެން!” ފާޒިލް ބުނެލިއެވެ. އެއަޑު މޫސަގެ ކަންފަތުގައި ޖެހުމުން އެތެރެއިން އަލިފާންގަޑު އަރަންފެށި ކަހަލައެވެ. އެވަރުންވެސް އެއްޗެއް ނުބުނެ ހުރެވޭތޯ މޫސަ ބެލިއެވެ.
އެދުވަހު މެންދުރު ކާމޭޒުކައިރީ ފާޒިލް ކާންއިންއިރު އެކި އެއްޗިހި ފާޒިލްގެ ތައްޓަށް އަޅައިދެމުން ލައި ގެންދެއެވެ. ފާޒިލް ކުރިމަތީއިން މޫސައަށް އެމަންޒަރުފެނި ކެތްނުކުރެވިގެން ބަތްތަށި ބަހަށްޓާފައި ތެދުވެގެން ހިގައްޖެއެވެ. އާޔަންކައިރިއަށް ހިނިއައި ކަމުގައިވިއަސް ނުހީ ހިފަހަށްޓައިގެން އިނީއެވެ. ނާއިފްއާއި ޒީނާވެސް ތިބީ އެފަދަ ހާލެއްގައެވެ. އާޔަން ކައިނިމިގެން މޫސަ ހޯދަމުން ދިއައިރު އެގޭ ގޯތިތެރެގައި ހުރި ކުޑަ ފާރުބުރިއެއްމަތީ އިށީނދެ އިސްޖަހައިގެން މޫސަ އިނެވެ.
“މޫސާ! ކިހިނެއްވެގެން ތިއުޅެނީ؟” އާޔަން މޫސަކައިރީ އެފާރުބުރި މަތީ އިށީންނަމުން އަހާލިއެވެ. “ރަގަޅަށް ނުވެސް ކައިނު ތިއައީ!”
“ކިހިނެއްތަކާނީ! ލައި އުޅޭގޮތުން މޫސަމިހުންނަނީ މިހާރު ކަންތައްބޮޑުވެފަ!” މޫސަ ބުންޏެވެ.
“ލައި ކިހިނެއްތަ އުޅެނީ؟ …. އާން ފާޒިލް އާއި އެއްކޮން އުޅޭތީތަ؟ އަނެއްކާ ފާޒިލް އަކީ ރަގަޅު ކުއްޖެއްނޫންތަ؟” އާޔަން ނޭގޭކަމަށް ހަދަމުން ބުނެލިއެވެ.
“ލައި ބުނި ލައި ލޯބިވަނީ މޫސަދެކެޔޭ! އެކަމު ފާޒިލްއާ އެއްކޮން މިހާރު އެއުޅެނީ!” މޫސަ ބުންޏެވެ.
“އާން! ދެން މުސަ ލައި ދޫކޮށްލީމަ އެހެނެއްނުވާނީ! މޫސަ އެއްނު ލައިއާއި ރުޅިވެގެން ތިއުޅެނީ! ލައިއަށްވެސް ފުރިހަމަ މިނިވަންކަން އެބައޮތެއްނު ލައި ބޭނުން މީހަކާ ރައްޓެހިވާން. މޫސަ ތިކަމާ ތިހާ ހިތްދަތިވަންޏާ ލައިކައިރިން މާފަށް އެދެންވީނު. އަނެއްކާގުޅެންވީނު. އެހެން ނޫނީ ތިހެން ހުއްޓާ ފާޒިލްއާއި ދެމީހުން ދުރުނުވާ ހިސާބަށް ހިގައިދާނެ. ތެޔޮނާށީ ކާޅު ޖަހައިގަނެދާނެ.” މޫސައަށް ވިސްނައިދިނުމަށް އާޔަން މަސައްކަތްފެށިއެވެ.
“ދެން ކެރޭނެތަ. މާފަށް އެދުމުން ލައި އަހާނެ މޫސަ ރުޅިވި ސަބަބު. މޫސަ ބޭނުމެއްނޫން އެއްވެސް މީހަކަށް އިގޭކަށް މޫސަ ކޫޑި ކުއްޖަކާ ރައްޓެހިވާންވެގެން ލައިއާ ރުޅިވިކަން. އެހެންވެ އަސްލު މިހުންނަނީ! މޫސައަށް އިނގޭ ލައިހާ ރަގަޅު ކުއްޖެއް ދެން މޫސައަށް ނުލިބޭނެކަންވެސް. އެކަމަކު….” މޫސަގެ ހިތަށްވަނީ ވަރަށް އަސަރުކޮށްފަކަން އާޔަންއަށް ފާހަގަ ކުރެވުނެވެ. އާޔަންގެ ހިތުންވެސް މޫސައަށް ހަމްދަރުދީވެވުނެވެ.
“އާޔަން ބުނާނީ ދެންވެސް ލައިގެ ކިބައިން މާފަށް އެދޭށޭ! އެހެންނޫނީ ވަގުތު ފާއިތުވެދާނެ.” އާޔަން ތެދުވަމުން ބުންޏެވެ. އާޔަން ތެދުވެގެން ދިޔައިރުވެސް މޫސަ އިންގޮތަށް އިނީއެވެ.
އެދުވަހު ހަވީރަށް ހުރިހާކަމެއްހެން އޮތީ ނިމިފައެވެ. ދެންއޮތީ އަނެއްދުވަހު ދަރުބާރުގޭ ރަންނަބަޑޭރިމާލަމް ތައްޔާރުކުރަން ދިއުމެވެ.
އެރޭ އާޔަން ހަމަޖައްސައިގެން ހުރީ އެންމެން ގޮވައިގެން ބޭރަށް ކާން ދިއުމަށެވެ. އެހެންކަމުން އާޔަންގެ ދައުވަތަކަށް ފާތު، ޒީނާ، ނާއިފް، ލައި، ފާޒިލް އަދި މޫސަ ދިޔައީ ހުޅުލޭއައިލެންޑް ހޮޓަލަށް ކާށެވެ. އެތާ ޕޫލްސައިޑްގައި ހުރިމޭޒެއް ވަށާލައިގެން އެންމެން ތިބެގެން ކަމުން އެކިވާހަކަ ދައްކަމުން ދެއެވެ. ލައި އާއި ފާތުއާއި ދެމީހުންވެގެން ވާހަކަދައްކަމުންދަނީ ފާޒިލްއާއެވެ. އެމީހުން ޔުނިވަރސިޓީގައި އުޅުނުއިރު ދިމާވެފައި ހުރި މަޖާ ކަންތަކުގެ ވަހަކައެވެ. ދޭތެރެއަކުން ޒީނާވެސް އެއްޗެއް ބުނެލައެވެ. ނޫރާއާއި އާޔަން ތިބީ މޫސައަށް ބަލާށެވެ. މޫސަގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތައް މާރީއްޗަށްވެސް ފާހަގަ ކުރެވުނެވެ.
އެންމެން ކައިނިމުމުން ޕޫލްކައިރީ ހިގާލުމަށް ޒީނާއާއި ނާއިފް ތެދުވެއްޖެއެވެ. އެދެމީހުން ތެދުވެ އަތުގުޅާލައިގެން މަޑުހިގުމެއްގައި ކުރިއަށް ދާންފެށިއެވެ. ފާތުއާއި ނޫރާ ތިބީ ތެދުވާކަހަލަ ހިޔާލެއްގައެއްނޫނެވެ. ލައި ތެދުވީ އެތާހުރި ގަސްތަކަށް އަލިއެޅިފައި ހުރިގޮތުން އެމަންޒަރު ފޮޓޯ ނަގާށެވެ. ލައިއާއިއެކު ފާޒިލްވެސް ފޮޓޯނަގަން އުޅެއެވެ. މޫސަ މިފަހަރު އެދިމާ ބަލަން އިނދެފަ ތެދުވެއްޖެއެވެ. އެދިޔަގޮތައްގޮސް ލައިގެ އަތުގަ ހިފާ ކުއްލިއަކަށް ދަމައިގަތުމުން ލައި ސަމާލުނުވެ ހުރީމަ އެއައިގޮތަށް އައިސް ލައިގެ މޫނު ޖެހުނީ މޫސަގެ މޭގައެވެ. ލައިއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެތާދަދި ކައިރީހުރި ފާޒިލްވެސް ހުރީ ސިހިފައެވެ. މޫސަ ހަދަން އުޅޭގޮތެއް ނޭގިފައި މޫސަގެ އަތްފޮޅުވާލުމަށްފަހު ތެޅިގަނެފައި މޫސަގެ އަތްދަށުން ލައިދެމިގަނެއްޖެއެވެ.
“ކިހިނެއްވެގެންތަ ތި އުޅެނީ؟” ލައިގެ ނިތްކުރިއަށް ރޫއަރުވާލަމުން އަޑަށްބާރުލާފަ ލައިއަށް ބުނެވުނީ އެހެނެވެ.