“ނޫތައަށް ސަރޕްރައިސް އެއް ގޮވައިގެން މިއައީ.” ޒައުޝަން ގެތުއްތު ތުއްތު އަޑުން ބުންޏެވެ.
“ސަރޕްރައިސް އެކޭ؟” ނޫރާ ހެވިފަ ހުރެގެން ނައީމާއަށް ބަލައިލިއެވެ. ނައީމާވެސް ހެވިފަ ހުރެ އެއީ ސަރޕރައިސް އެކޭ ބުނެލިއެވެ.
އެވަގުތު އެބުނާ ސަރޕްރައިސްއެއް ނިކުމެގެން އަންނަތަން ފެނުނެވެ. ނޫރާގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުން ވުމެއް ފާޅުވިއެވެ. އަދި ހަމަ ސައީދާގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަން ހުއްޓެވެ.
ނައީމާގެ ފިރިމީހާ ޝަކީބް އާއި އެކު ޓްރޮލީ ހިފައިގެން އެއަންނަނީ ދެވަނަ އެހެން މީހެއްނޫނެވެ. ނޫރާގެ ބައްޕަ ފާރޫޤް އެވެ. އަންނަވާހަކަ އަންގާވެސްނުލާ ފާރޫޤް އައުމުން ނޫރާ އާއި ސައީދާ ތިބީ ހައިރާންވެފައެވެ. އެހެނަސް އުފާވެފައެވެ. މިއަދު މިވީ ވަރަށް އުފާވެރި ދުވަހަކަށްތާއެވެ ނޫރާ ހިތަށް އެރިއެވެ.
އާޔަންއައިސް ފާރޫގް ހިފައިގެން ހުރި ޓްރޮލީ އަތުލައިފިއެވެ. އެކަމާ ފާރޫގް ނުރުހުންވިއެވެ. ނުވެސް ދަންނަ ބިދޭސީ މީހެއްއައިސް ޓްރޮލީ ހިފައިގެން ދާތީއެވެ.
“މީ އާޔަން!” އެވަގުތު ސައީދާ އަވަހަށް އެންމެނަށް އާޔަން ތައާރަފް ކޮށްދޭންފެށިއެވެ. އަހަރުމެންގެ ޒޫނާގެ ދަރިފުޅު.” ސައީދާ ބުންޏެވެ.
“އޭނ… ޒޫގެ ދަރިފުޅޭ؟” ނައީމާ ހައިރާންކަމާއެކު އެހިއެވެ. “ކޮން ޒޫއެއް؟…. ޒޫއްތަގެ؟” ސައީދާ ބޯޖަހާލިއެވެ. ނައީމާއަށް އެހާދުވަސް ފަހުން ޒޫނާގެ ހަބަރެއް ވީތީ ނައިމާ ހުރީ އުފާވެފައެވެ. ކޮންއިރަކު ޒޫއްތައާ ދިމާވީ؟ ޒޫއްތަ އުޅޭނީ މެލޭޝިޔާގަތަ؟ ” ނައީމާ އުފަލުން އެހިއެވެ. ޒޫނާއަށް ނައީމާ ކިޔަނީ ޒޫއްތައެވެ. އެއީނައީމާއަށް ވުރެ ޒޫނާ ދޮށީވެފަ އެއްބަނޑު އެއްބަފާގޮތަށް ދެކެމުން އައި މީހަކަށް ވާތީއެވެ.
“ކިތައްކުދިން ޒޫއްތަގެ ތިބޭތަ؟” ޒޫނާ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ނައީމާ ބޭނުންވިއެވެ. ސައީދާ ޒޫނާއާއި ދިމާވިގޮތާއި ޒޫނަމެންގެއަށް ދިޔަވާހަކަ ނައީމާއަށް ކިޔައިދިނެވެ.
“ކޮން ޒޫއްތައެއްތަ؟” ޝަކީބް އަހާލިއެވެ. ޝަކީބްއަކަށްޒޫނާއެއް ނޭގޭނެއެވެ.
“އެއީ އަހަރުމެންގެ އެންމެގާތުގަ އުޅުން ދައްތައެއްފަދަ މީހެއް. ފޮޓޯތަކުގަ ހުއްޓެއްނު.” ނައީމާ ޝަކީބް އަށް އޮޅުން ފިލުވައިދިނެވެ.
އޭރު ނޫރާ ޒައު ކިހިއްޔަށް ޖަހައިގެން އެކިތަންތަން ދައްކަމުން ކިޔައިދެމުން އާދެއެވެ. ޒައު ނޫރާއާއި ވަރަށް އޮޅެވެ. ނޫރާވެސް ޒައު އާހެދި ވަރެއް ހުރެއެވެ. އާޔަންއަށް އެމަންޒަރު ފެނުނެވެ. ނޫރާ ކުޑަކުދިންދެކެ ވަރަށް ލޯބިވާކަން އާޔަންއަށް އިނގުމުން ވަރަށް އުފާވިއެވެ. ކުޑަކުދިންދެކެ އާޔަންވެސް ވަރަށް ލޯބިވެއެވެ.
ހުރިހާއެންމެން ކާރު ކައިރިއަށް ގޮސް ކާރަށް ފޮށިތައް އެރުވުމަށްފަހު ކާރަށް އެރިއެވެ. ފާރޫގްއެރީ ކުރިއަަށެވެ. ފަހަތުގައި ދެބަރިއަށް ޝީޓް ހުރުމުން އެންމެ ފަހަތަށް އެރީ ޝަކީބް، ނައީމާ އާއި ސައީދާއެވެ. ދެންއިން ބަރިއަށް ޒައުގޮވައިގެން ނޫރާ އެރިއެވެ. އާޔަން އަދި ހަމަ އެކަކާވެސް އަނގަޔަކުން ނުބުނެއެވެ. ފާރޫގް ހީކުރީ އާޔަންއަށް ދިވެހި ނޭގޭ ކަމަށެވެ.
“މީނައަށް އެގޭނެދޯ ގެއަށްދާން!” ފާރޫގު ފަހަތަށް އަރިއަކަށް ބަލައިލަމުން ބުންޏެވެ.
“އިނގޭނެނު! އޭނަ ކިހާދުވަހެއް ވެއްޖެ މެލޭޝިއާގަ އުޅޭތާ.” އެންމެފަހަތުގަ އިން ސައީދާ ބުންޏެވެ. “އަނެއްކާ އެއީ ދިވެއްސެއް އޭނައަށް ދިވެހި އިނގޭނެ!” ސައީދާ ބުނެލިއެވެ.
“ތެދެއް؟” ފާރޫގް އާޔަންއަށް ބަލައިލަމުން އަހާލިއެވެ. އާޔަން ބޯޖަހާލަމުން ހީލިއެވެ. އަދި ކާރު އިސްޓާޓު ކޮށް ދުއްވާލިއެވެ.
ކާރުގައި ތިބިއިރު އާޔަން ފިޔަވާ އެންމެންވެސް ވާހަކަ ދައްކަމުން ދިޔައީ މެލޭޝިޔާގެ މަގުތަކާއި އެކި އެކި ތަންތަނާއި ބެހޭގޮތުންނެވެ. އާޔަން ހަމަ ބަހެއްނުބުނެ އިނީއެވެ. ކަސަސުބާންގް ކޮންޑޯއަށް ދެވުނުއިރު ހުރީ ނުވައެއް ޖަހަން ކައިރިވެފައެވެ. ހުރިހާފޮށްޓަކާއި ދަބަސްތަކެއް ބާލަދީފަ ލިފްޓާއިހަމައަށް ގެންގޮސަދިނުމަށް އާޔަންވެސް އެހީތެރިވިއެވެ. އެއަށްފަހު އާޔަން އައީ ގެއަށެވެ.
އާޔަން ކާރުޕާރކް ކުރުމަށްފަހު ގެއަށްވަންއިރު ޒޫނާ އިނީ ސޯފާގަ ކޮންމެސް ހިންދީ ފިލްމެއް އަޅުވައިގެންނެވެ. އާޔަން ފެނުމުން ރިމޯރޓުނަގާ ޓީވީ ނިވާލުމަށްފަހު ހިނގާށޭ ސައިބޯން ބުންނެޏެވެ.
އާޔަންވެސް ބަނޑުހައިވެފަ ހުރީމައާއިއެކު އޭނަ މަންމައާއިއކު ހެދުނުގެ ނާސްތާ ކުރުމަށް ދިޔައެވެ. އެވަގުތު ޒޫނާގެ ފޯނު ރިންގު ވާންފެށިއެވެ. ޒޫނާފޯނުނަގާ ސަލާމް ކިޔާ އިނގިރޭސިން ވާހަކަ ދައްކަން ފެށިއެވެ. ބައެއްތަންކޮޅު ކޮރެއާބަހުންވެސް ބުނެލައެވެ. އަނެއްކޮޅުން ވާހަކަދައްކަނީ އާޔަންގެ ބައްޕަކަން އިނގުނެވެ.
“މިއަދު ޑެޑް އެބަ އަންނަމޯ! އާޔަން ޑެޑްއާއި އެކު ކޮރެޔާއަށް ދާންވާނެޔޯ!” ޒޫނާ ފޯނު މޭޒުމަތީ ބައްވަމުން ބުންޏެވެ.
“ވަޓް! އެއީ ކީއްވެތަ؟……ހަލްމޮނީ ބުނެގެންދޯ! އެއީ ކީއްކުރަންތަ؟” މިފަހަރު އާޔަން އެއްވެސް ގޮތަކަށް ކޮރެޔާއަށް ދާހިތެއް ނުވެއެވެ. އާޔަން ބައްޕަ އަންގައިފިއްޔާ އާޔަންއަށް ދެކޮޅު ހަދާކަށްވެސް ނުކެރޭނެއެވެ.
“ނޭގެ! ދަރިފުޅު ނުފެންނަތާ ގިނަދުވަސް ވެގެން ދެކިލާހިތުން ކަމަށް ވާނީ.” ޒޫނާ ޕާން ފޮއްޗެއްގައި ބަޓަރ ހާކަމުން ވާހަކަ ދައްކަމުން ގެންދެއްވެ.
އާޔަން އިނީ ހިތްހަމަ ނުޖެހިފަކަން ޒޫނާއަށް އެގުނެވެ. އެހެން ކަމުން އާޔަން ހިތްހަމަ ޖައްސާދިނުމުގެ ގޮތުން ޒޫނާ ބުންޏެވެ.
“ހަލްމޮނީގެ ވާހަކަ ދެއްކުން ވަރަށް ތަފާތު. އަދި އެހާގިނައިން އެގުޅަނީ ކީއްވެކަމެއް ނޭގެ.” ޒޫނާ ދިއްކޮލި ޕާންފޮތީގައި ހިފަމުން އާޔަން ބުނެޏެވެ. “އެހެންޏާ ހަލްމޮނީ އެހާގިނައިރު ފޯނުން ވާހަކަ ދައްކައެއް ނަހަދާ. ރޭގަވެސް ގުޅައިގެން އެހާ ގިނައިރު ވާހަކަ ދެއްކި.” އާޔަން އަތުގައި އޮތް ޕާންފޮތިން އެތިކޮޅެއް ކާލިއެވެ. އަދި ވިސްނާލަން އިނދެފައި ވަހަކަ ދައްކަން ފެސިއެވެ. “ޔުނީގެ ވާހަކައާއި ރައްޓެހިންގެ ވާހަކަވެސް އެހި. ކޮންމެސް ކަމެއް ވެގެން އުޅޭހެން ހީވަނީ!”
އާޔަން ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޒޫނާ އަނގައިން ނުބުނެ އިނީއެވެ. ކޮންމެވެސް ވަރަކަށް ޒޫނާއަށްއޮތީ ވާންއުޅޭ ގޮތް އެގިފައެވެ. ނޭގެނީ އަންނަން އުޅޭ ތޫފާނުގެ ކޮޅިގަނޑު ގަދަވެގެންދާނެ ވަރެކެވެ.
އާޔަން ކޮޓަރިއަށް ވަދެ ޓީ-ޝާރޓް ބާލާ އެނދުމަތީ ބޭއްވިއެވެ. އަދި އާޔަންގެ ޖީންސް ޖީބުގައި އޮތް ފޯނާއި ވޮލެޓް ނަގާ އެނދު ކަިއރީ ހުރި ކަބަޑުމަތީ ބެހެއްޓިއެވެ. ދެން ރިމޯޓް ނަގާ ކޮޓަރީގަ ހުރި ހުރިހާ ދޮރެއް ހުޅުވާލިއެވެ. އެވަގުތު ފޯނުރިންގުވާން ފެށިއެވެ. އާޔަން ބަލައިލިއިރު އެއީ ހަލްމޮނީއެވެ. ނަގަން ނުނަގަން ހުރެވެސް ފޯނު ނެގީ ހަލްމޮނީ ހިތްހަމަނުޖެހިދާނެތީއެވެ.
ފޯނުން ވާހަކަދައްކާނިމުން އިރު މީހާ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. ފޯނު އެދުމައްޗަށް އެއްލާލުމަށްފަހުު ޖީންސް ބާލައި ތުވާލި އަނދެލައިގެން ވަނީ ފާޙާނާއަށެވެ. އެތައްއިރަކު ޖަކޫޒީ ތެރޭގައި ލޯމަރައްިލައިގެން އޮތެވެ. އޭނާ އޮތީ ވިސްނުމެއްގެ ތެރޭގައައެވެ. ނިތަށް ރޫއަރައިގެން ދިޔައީ ދެ ބުމަ ކައިރި ކޮއްލުމުންނެވެ. ވިސްނަމުންދަނީ ނޫރާއާއި މެދުއެވެ. އޭނާގެ އެންމެ ފުރަތަމަ ލޯތްބެވެ. މިގެ ފަސް އަހަރު ކުރިންވެސް އޭނާ އެންމެ ލޯބިވި ކުއްޖާއަކީ ނޫރާއެވެ. މިހާރުވެސް އަދި އަބަދުވެސް އޭނަ އެންމެލޯބިވާނީ ނޫރާދެކެއެވެ. އަބަދުވެސް ނޫރާ ފެންނަ ހިސާބުގައި ހުންނަން އޭނަ ބޭނުންވެއެވެ. ނޫރާއަށް ހުރިހާ އުފަލެއް ހޯދަދޭން ބޭނުން ވެއެވެ. ނޫރާ ލޯބިވާކަން އެނގުނަސް އާޔަން ލޯބިވާވާހަކަ ނޫރާއަށް އަންގަން ބޭނުންނުވަނީ ފަހުން ނޫރާއަށް ހިތާމައެއް ދޭންޖެހިދާނެތިއެވެ. ނޫރާގެ ރައްޓިއްސެއްގެ ގޮތުގައި ހުރުން މާ ބުއްދިވެރި ކަމުގައި އާޔަން ދެކެއެވެ. އެގޮތުގައި ކިތަންމެގިނަ ދުވަހަކުވެސް ހުރެވިދާނެތީއެވެ. ކޮންމެފަދަ ހާލަތެއްގައިވެސް އެގޮތުގައި ނޫރާއާއި ދުރުނުވެ ހުރެވޭނެއެވެ.
ޝައިލާ ވީ ކޮންތާކުބާއެވެ. އޭނަ އާޔަންއަށް މާފުކުރާނެ ބާއެވެ. އެއްފަހަރު މާފްނުކުރިއަސް އަނެއް ފަހަރުވެސް އާޔަން މާފަށް އެދޭނީއެވެ. މާފްކުރަންދެން މާފަށް އެދޭނިއެވެ. އޭނަ ބުނާކަމެއް ވިއްޔާވެސް ކުރާނީއެވެ. އެއީ ކިތަންމެ ދަށު ދަރަޖައިގެ ކަމެއް ވިއަސް މަފް ލިބޭނަމަ އާޔަން ކުރާނެއެވެ.
ހަލްމޮނީއަށް ވެސް އެވާހަކަތައް އެނގޭއިރު ހަލްމޮނީ އެކިޔަނީ ކީކޭ ހެއްޔެވެ. ޑެޑްގެ ބިޒްނަސް ޕާރޓްނަރ ގެ އަންހެން ދަރިފުޅާ ބައްދަލުކުރަން އާޔަން ދާންޖެހެނީ ކީއްވެ ހެއްޔެވެ. އެއީ އާޔަން އެހީކުރާ ކަހަލަ ކަމެއް ނޫން ކަންނޭގެއެވެ. އަދި އެއްފަހަރު ހަލްމޮނީއާއި ވާހަކަ ދައްކާލަން ހިތައް އެރުމާއިއެކު ޖަކޫޒީ ތެރެއިން ފޭބިއެވެ. އަދި ފެންވަރައިގެން ލާ ރޯބް އެއް ލައިގެން ފާހާނާއިން ނިކުމެ ފޯނު ނެގިއެވެ.
އާޔަން ހަލްމޮނީއާއި ވާހަކަ ދައްކަނީ ކޮރެއަބަހުންނެވެ. ވަރަށް އަދަބުވެރިކަމާއި އެކުއެވެ. ވާހަކަދައްކާނިމުނުއިރު އާޔަން ހުރީ ކުރިއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަލަމާރިން ޓީ-ޝާރޓްއަކާއި ސޯޓެއް ލައިގެން އެނދަށް އަރައިފިއެވެ. ރޭގަވެސް އާޔަން ނޫރާއާއި ދޭތެރޭ ވިސްނަން ހަދައިގެން ހަމައަށް ނުނިދެއެވެ. މިހާރު ހަލްމޮނީ އެދެއްކި ވާހަކައަކުން ދެންއަރާމެއް ލިބޭނެ ހެނެއް ހިއެއްނުވެއެވެ. ނަމަވެސް މިވަގުތު ނިދޭތޯ އާޔަން މަސައްކަތް ކުރަންފެށިއެވެ.
* * * * * * * * * * *

މިހާރު މެންދުރުން އަނބުރާ ދޭއްޖަހަން އުޅެނީއެވެ. މުޅިގޭގައިވެސް ހޭލާ އިނީ ނޫރާއެވެ. ދަންވަރު ފްލައިޓުން އައިމީހުން ތިބީ ދަތުރު ވަރުބަލިވެގެން ނިދާފައެވެ. ސައީދާވެސް އޭނާގެ ފިރިމީހާއާއި އެކު ނިދަނީއެވެ. އެދެމަފިރިން އެހާގިނަދުވަސްކޮށްފަ ބައްދަލުވީމަ ވާނީވެސް އެހެން ނޫންހެއްޔެވެ. ނޫރާ މެންދުރަށް ކެއްކިއެވެ. އެއަށްފަހު ފޫހިވެގެން ފޭސްބުކް އަށް ވަނެވެ. އޮންލައިންގަ އިނީ ލައި އެކަންޏެވެ. ލައިއަށް ގޮވިއަސް ޖަވާބެއް ނައެވެ. އެންމެފަހުން ލެޕްޓޮޕުން ފިލްމެއް އަޅުވައިގެން އެބަލަން ސޯފާމަތީ ޖައްސާލައިގެން އޮތެވެ. އިރުކޮޅަކުން ފޯނުވާން ފެށިއެވެ. ނޫރާ ފޯނުނެގިއެވެ. އެއީ އާޔަން އެވެ.
“ކޮން ޕްރޮގްރާމެއް އޮތީ؟ މެހެމާނުން ގޮވައިގެން ތަންތަން ދައްކަން ދިއުމެއް ނެތްތަ؟” އާޔަން އަހާލިއެވެ.
“މިއަދު އެންމެން ރެސްޓް ކުރަނީ. އަދިވެސް ނިދާފަ. ހީވަނީ މިރޭހެން ތިކަންތަށް ފަށާނީ.” ނޫރާ ބުނެލިއެވެ.
“އެހެންތަ! އާޔަންގެ ޑެޑް އަންނާތީ މިއުޅެނީ މަންމައާއެއްކޮން އެއަރޕޯޓަށްދާން” އާޔަން ބުންޏެވެ.
“އެއީ ކީއްވެ ކުއްލިއަކަށް އަންނަނީ؟” ނޫރާ އެހިއެވެ. “މިއަދު ދެން ނާދެވޭނެދޯ މިގެއަކަށް؟” ނޫރާ އަބަދު ބޭނުންވަނީ އާޔަން ފެންނަހިސާބުގަ ހުންނާށެވެ. ނޫރާގެ ހިތުގަ އޮތް އެއްޗެއް އާޔަންއަށް އެގޭނެނަމައޭ ނޫރާ ހިތަށް އަރައެވެ. ބައެއްފަހަރު އިސްނަގާ އާޔަންކައިރީ ލޯބިވާވާހަކަ ބުނަންވީއޭވެސް ނޫރާ ހިތަށް އަރައެވެ. އެކަމަކު އެހެން ބުނާކަށް ނޫރާއަކަށް ނުކެރޭނެއެވެ. ނޫރާ މާލަދުގަނެއެވެ. އާޔަން ނޫރާއަށް ބަލަން ހުންނަގޮތުން ވެސް ބައެއްފަހަރު ނޫރާ ހުންނަނީ ލަދުންނެވެ. އާޔަންވެސް ނޫރާދެކެ ލޯބިވާހެން ނޫރާއަށް ބައެއްފަހަރު ހީވެއެވެ. އެކަމަކު އަނެއްބައިފަހަރު އެއީ ހަމަ ރަޙްމަތްތެރި ކަމޭހީވެއެވެ.
އާޔަންއާއި ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވާފައި ފެންވަރާލުމަށް ނޫރާވަނީ ފާޙާނާއަށެވެ. ނޫރާ ފެންވަރާ ނަމާދުކޮށްލާ ހަދައިގެން ރީތިވާންހުއްޓާ ނޫރާ ކޮޓަރި ދޮރުގައި ޓަކިޖަހާއަޑު އިވުނެވެ. ނޫރާ ދޮރު ހުޅުވާލިއިރު ހުރީ ޒައު އެވެ. ޒައުގެ އެއްއަތުގަ އޭނަ ކުޅެން ގެންގުޅޭ ބުދު އެލުވައިލާފައި އޮތެވެ.
“ނޫތާ! ޒައު ބޭނުންވަނީ މިއަދު ކާރުގަ އިން ކުއްޖާއާ ފްރެންޑް ވާން!” ޒައުގެ ލޯބި އަޑުން އެހެން ބުނުމުން ނޫރާއަށް މަޖާވިއެވެ.
“އެހެންތަ! އާނ! ދެންއެ ބޭބެއައިމަ ވާނެދޯ ފްރެންޑްވާން.” ނޫރާ މަޖާވެލާފައި ބުންޏެވެ.
“ޒައުއަށް ވަރަށް ރީތި އެކުއްޖާ! ޒައު މިއުޅެނީ އެކުއްޖާ ޒައުގެ ބޯއިފްރެންޑަށް ހަދަންވެގެން.” ޒައު ބޮޑު މީހެއް ހެން ބުނެލިއެވެ.
ޒައު އެބުނި އެއްޗަކުން ނޫރާ ހައިރާންވިއެވެ. އަދި ހިނިވެސް އައެވެ. އަދި މަޖާވެގެން ނޫރާ ފުނާ ބޮލަށް ޖަހާލައިފައި ރީތިވަ މޭޒުމަތީ އޮތް ފޯނުނަގާ އާޔަންއަށް މެސެޖެއް ފޮނުވިއެވެ.
“ކޮބާ ޒައުގެ މަންމި؟ ހުރިހާކުދިން ހޭލައިފިތަ؟” ފޯނު މޭޒުމަތީ ބޭއްވުމަށްފަހު ޒައުއާ ދިމާއަށް ގުދުވެލަމުން އަހާލިއެވެ.
“ޒައު މަންމި އެބައިން ބޭރުގަ. އަދިވެސް ބައްޕި އޮތީ ނިދާފަ.” ޒައު ބުންޏެވެ.
ޒައުގެ އަތުގަ ހިފައިގެން ނޫރާ ބޭރަށް ނުކުތްއިރު ނައީމާ އިނީ ސޯފާގައެވެ. ނޫރާ އައިސް ނައީމައަށް ޒައުދެއްކި ވާހަކަ ކިޔައިދިނެވެ. އެކަމާ ނައީމާވެސް ހިނިއައެވެ.
“ތިވީ މާދެރަގޮތެއްނު! ނޫރާ ތިހެން ހުއްޓާ ތެޔޮނާށި ޖަހައިގަންނަން އެއުޅޭނީ!” ނޫރާއައިސް ނައީމަކައިރީ އިށީނުމުން ނައީމާ ބުންޏެވެ.
ނޫރާ ނައީމާއަށް ވަރަށް ގިނަވާހަކަ ކިޔައިދެއެވެ. އެކިފަހަރު ނައީމާއާއި ޗެޓް ކުރާއިރު ނައީމާ ނޫރާ ކައިރީ ގޮތް ގޮތަށް އެކިވާހަކަ ދައްކައިގެން ނޫރާގެ ސިއްރުތައް ހޯދައެވެ. އެހެންކަމުން އާޔަންގެ ވާހަކަވެސް އެއީ ނައީމާއަށް މާކުރިންވެސް އެނގޭ ވާހަކައެކެވެ. ނައީމާ އެކަމު އެއްވެސް ވާހަކައެއް ސައީދާއަށް ކިޔައެއްނުދެއެވެ. ނައީމާއަކީ ސައީދާގެ ކޮއްކޮ ކަމަކު ނައީމާއަކީ އެހާ ގިނައިން ވާހަކަދައްކާ މީހެއްނޫނެވެ. ކޮންމެކޮންމެ ވާހަކައެއް ނައީމާގެ އަނގައިން ބޭރެއްނުވާނެއެވެ. އެއަޙިލާފަށް ސައީދާއަށް އެއްވެސް ވާހަކައެއް ސިއްރުކޮށްގެން މާގިއިރަކު ނުހުރެވޭނެއެވެ. ސައީދާގެ ގޮތް އެނގޭތީ ނޫރާވެސް ސައީދާއަށް ވާހަކަތަށް ކިޔާދީ ނޫޅެއެވެ.
“ހިނގާ ކާން ދޯ!” ނޫރާ ނައީމާއަށް ބަލައިލަމުން ބުންޏެވެ.
“އާން! ވަރަށް ބަނޑުހައިވެފަ މީނީ. ޝަކީބް ހޭލަންދެން މަށަކަށް ނީދެވޭނެ.” ނައީމާ ތެދުވަމުން ބުންޏެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން އެންމެން ހޭލައިގެން ކައިހަދައިފިއެވެ. އަދި އެންމެން އަވަހަށް ސަން ވޭ ޕިރަމިޑްއަށް ދާން ތައްޔާރުވާން ފެށިއެވެ. އެއީ ސަންވޭ ކިޔާ ސަރަހައްދުގައި ހުންނަ ބޮޑު ވިޔަފާރީގެ މަރުކަޒެކެވެ. އެތާގައި ފިހާރަތަކާއި ކުޑަކުދިން ކުޅޭ ތަންތަނާއި ގޭމްކުޅޭ ސްޓޯލްތަކާއި އަދި ސިނަމާތަކާއި ސްކޭޓްކުރާ ތަނަކާއި އޭގެ އިތުރުން ވަރަށްގިނަ ތަންތަން ހިމެނެއެވެ. އެންމެން ޕިރަމިޑްއަށް ދިއައީ ބަހުގައެވެ.
ޕިރަމިޑް އަށް ވަންނަތާ ދޮރުގެ ދެފަރާތުގައި ބޮޑު ދެ ސިންގާގެ ސިފަިގައި ހަދާފައިވާ ދެބިނާ ހުއްޓެވެ. އެތެރޭގައި މައްޗަށް އެރުމަށް ހުރީ ހުސް ދުވާސިޑިއެވެ. އެތަނަކީ އެކަކަށްވެސް އާތަނެއް ނޫނެވެ. އެއީ ވަރަށްގިނަ ފަހަރުމަތިން އެންމެންނަށްވެސް މިހާރު އާދެވިފައިވާ ތަނެކެވެ. އެންމެން މިސްރާބުޖެހީ ކުޑަކުދިން ކުޅޭ ދިމާއަށެވެ.
ޒައު ގޮވައިގެން ޝަކީބް އެތާހުރި އެއްޗިހިތަކަށް އަރަންފެށިއެވެ. އެނބުރޭ އުނދޯއްޔަށް ވެސް އެރިއެވެ. ޒައު އިނީ ވަރަށް އުފާވެފައެވެ. ވަރަށް މަޖާވެފައެވެ. ނޫރާހުރީ ޒައުއަށް މަޖާވެގެން އުޅޭތަން ވީޑިއޯކުރާށެވެ. ނައީމާއާއި ސައީދާ އެތާހުރި ފިހާރައަކަށް ވަނެވެ. ފާރޫޤް ހުރީ ކުޑަކުދިން ކުޅޭތާގެ ޗެންޗޭނުގައި ހިފަހަށްޓައިގެން ފޯނުގައެވެ.
އިރުކޮޅަކުން ނޫރާއަށް އާޔަން ގުޅައިފިއެވެ. “އަސްލުތަ؟ ޒައު ހާދަ ލޯބިއޭ އެހެންވިއްޔާ!” އާޔަން ހެމުން ހެމުން ބުންޏެވެ.
“އާނއެކޭ! އެކަމާ އެންމެން މަޖާވެގެން އުޅެނީ! ނޫރާމެން މިތިބީ ޕިރަމިޑްގަ.” ނޫރާ ބުންޏެވެ. “ކޮންތާކު އާޔަން ތިހިރީ؟” ނޫރާއެހިއެވެ.
“އާޔަން މިހާރު މިހިރީ ޓާރމިނަލްގަ. ޑެޑް އަދި ނުނިކުމޭ! މަންމަ އެބައިން މިތާ.” އާޔަން ބުންޏެވެ. “ނޫރާ! އަދި ވާހަކައެއްވެސް ކިޔައިދޭން ވެފަ އެބައޮތް. މިހާރަކުނޫން އިނގޭ ފަހުން” އާޔަން ބުންޏެވެ.
“އެއީ؟ އަނެއްކާ ކޮންވާހަކައެއް؟” ނޫރާ އެހިއެވެ. ނޫރާގެ ހިތުގެ ހިނގުން އަވަސްވެފައިވަނީ އެއީ ނޫރާ ހިތަށްއަރުވައިގެން ހުރި ވާހަކަ ބާއޭ ހިތަށްއަރާފައެވެ.
އާޔަން އޭނަ މަންމައާއި ދުރަށް ޖެހިލިއެވެ.
“ހަލްމޮނީ ބޭނުން ވަނީ އާޔަން މި ޗުއްޓީގަ ކޮރެއާއަށް ދާން. ޑެޑް ވެސް އެހާ އަވަހަށް އެއައީ އެހެންވެ ކަންނޭގެ.” އާޔަން ފޯނުން ވާހަކަ ދައްކަމުން އެތާހުރި ގޮނޑިއެއގައި އިށީނެވެ. އަދި ފޯނު އަނެއްކަންފަތަށް ބަދަލުކޮށްލިއެވެ.
“ކުއްލިއަކަށް ދާން އެބުނީ ކީއްވެ؟” ނޫރާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.
“ޑެޑްގެ ބިޒްނަސް ޕާރޓްނަރގެ އަންހެން ދަރިފުޅާއި މީޓްކުރަންށޯ. ހަލްމޮނީ ވޯންޓްސް މީޓު މީޓް ހަރ. އެންޑް ނައު ޑެޑް ބުނެފި އާޔަންކައިރީ ކޮރެއާއަށް ދާންވާނެޔޯ. ދިޔައިމަ ނޫންހޯ އިނގޭނީ. އާޔަން މިހުންނަނީ އެކަމާ ބޯގޮވާފަ. މަންމައަށް ވެސް ކޮންމެސް ވަރަކަށް އެގޭނެކަންނޭގެ. އެކަމަކު ޑެޑް ބުނެފިއްޔާ މަންމަވެސް ހުންނާނީ ހަތިޔާރު ބަހަށްޓައިގެން.” އާޔަން ބުންޏެވެ.
ނޫރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނޫރާގެ ހިތުގައި ދިއްލިފައިވާ ހުޅުކޮޅު ނިވެނީ ހެން ނޫރާއަށް ހީވިއެވެ. އާޔަންއަށް އާޔަންމެން ފެންވަރުގެ ކުއްޖެއް ހަލްމޮނީ ހޯދައިދެނީކަން ނޫރާއަށް އެގުނެވެ. އާޔަން އެކަން ކުރާނެހެއްޔެވެ. އޭރުން ނޫރާގެ ހިތަށް ވާނީ ކިހިނެއް ހެއްޔެވެ.
“އާޔަން އެއްވެސް ގޮތަކަށް ކޮރެއާއަށް ދާކަށް ބެނުމެއްނޫން.” ނޫރާ ވާހަކަ ނުދެއްކުމުން އާޔަން ވާހަކަ ދައްކަން ފެށިއެވެ. “އާޔަން އަކީ އާޔަންގެ ޑެޑްއެއް ނޫން. އެކަން ހަލްމޮނީއަށް އަނގަން އާޔަންބޭނުމީ. އާޔަންގެ ލައިފްއަކާ ހަލްމޮނީއަކަށް ނުކުޅެވޭނެ. ޑެޑްއަށް ކޮންމެގޮތެއް އޯކޭ ވިއަސް އާޔަން….” އާޔަންގެ އަޑު ބެދިއްޖެ އެވެ. އާޔަންއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އާޔަންއަށް އެކަމާ ދެކޮޅު ހެދޭނެ ހެއްޔެވެ. ހަލްމޮނީ ކުރިމަތީ އަނގަހުޅުވާލަންވެސް އާޔަންއަށް ނުކެރެއެވެ. ދެން އަދި ނުރުހުމާއެކު އެއްޗެއް ބުނާނީ ކިހިނެއް ހެއްޔެވެ.
ނޫރާ މުޅިން މިލައިފިއެވެ. ނޫރާއަށް މި ލޯބިވެވުނީ ކާކުދެކެ ހެއްޔެވެ. ނޫރާއަށްވުރެ ފެންވަރު މާމަތި މީހެއް ދެކެއެވެ. އެއްވެސް އިރަކު އެލޯތްބެއް ކާމިޔާބެއް ނުވާނެއެވެ. އެކަމުވެސް އާޔަންދެކެ ނޫރާ ލޯބިވާނެއެވެ. އެއީ ނޫރާގެ އެންމެފުރަތަމަ ލޯތްބެވެ. ނޫރާއަށް އެހެންމީހަކުދެކެ ލޯތްބެއް ނުވެސް ވެވޭނެއެވެ. ނޫރާ އާޔަންއަށް އިންތިޒާރު ކުރާނެއެވެ. ކޮންމެސް ދުވަހަކުން އާޔަން ނޫރާއަށް ލިބޭނެއެވެ. ނޫރާ ކައިރިއަށް އާޔަން އަންނާނެއެވެ. ނޫރާ އުއްމީދު ކަޑައެއްނުލާނެއެވެ.
“ނޫރައަށްވެސް އިނގޭނެ އާޔަން ލޯބިވަނީ އެހެން ކުއްޖެއްދެކެކަން. އާޔަން އަދިވެސް މި އިންތިޒާރު ކުރަނީ އެކުއްޖާއަށް. އަނެއްކާ މިހާރު އެކުއްޖާވެސް އާޔަންދެކެ ލޯބިވާކަން އާޔަންއަށް އެނގޭ.” އާޔަން ކުރެހިފައިވާ އަޑަކުން ވާހަކަ ދައްކަންފެށިއެވެ. އާޔަންއަށް ނޫރާވެސް އާޔަންދެކެ ލޯބިވާކަން އެގުނީ ނޫރާ މަންމަ ސައީދާ އެދުވަހު ދެއްކި ވާހަކައިންނާއި ނޫރާ ކޮޓަރިން އާޔަންއަށް ފެނުނު ނޯޓް ފޮތުންނެވެ.
“ތިބުނީ އާޔަން އަށް އެގެއޭތަ އެކުއްޖާވެސް ލޯބިވާކަން؟” ނޫރާ އަޖައިބުވެގެން އަހާލިއެވެ. “އެއީ ލަންކާގަ އުޅުންއިރު އާޔަން ލައިކްވި ކުއްޖާތަ؟”
“އާނ! އެއީ އެކުއްޖާ. އެއީ އާޔަން އެންމެ ލޯބިވާ އަންހެންކުއްޖާ. އެހެންކުއްޖެއްދެކެ އާޔަން ލޯތްބެއްނުވެ. އަދި އެހެން ކުއްޖެއްދެކެ ލޯބި ވެވޭނެ ހެނެއް ހިއެއްވެސް ނުވޭ!” އާޔަން ބުންޏެވެ.
އާޔަން އެހެން ބުނުމުން ނޫރާގެ ހިތް ހީވީ ކުދިކުދި ވެދާނެހެންނެވެ. އާޔަންގެ ހިތް މާކުރިން އެހެން ކުއްޖަކަށް އެވަނީ ދީފައެވެ. ނޫރާއަށް މިކުރެވެނީ ކީއްހެއްޔެވެ. ނޫރާގެ ހިތް ރޮމުން ގެންދެއްވެ. ނޫރާ ބޭނުންވަނީ ގެއަށްދާށެވެ. އަދި އެނދުމަތީ އޮވެ ބާރަށް ރޯށެވެ. ނޫރާއަކީ އެއްވެސް ގޮތަކަށް މީހުންނަށް ފެންނަތާ ރޯކުއްޖެއްނޫނެވެ. ކިތަންމެ ދެރަވާކަމެއް ވިޔަސް ދެރަވެފައި ހުރިކަން މީހުންގެ ކުރިމަތީ ނޫރާ ނުދައްކައެވެ.
“ޑެޑް އެބައާދެ. ބާއްވަނީއިގޭ! ބާއި. ސީޔޫ ސޫން.” އާޔަން ފޯނުކަޑާލަމުން ބުންޏެވެ.
އާޔަންގެ ބައްޕަ އިސްމާޙް ކުޑަ ދަބަހެއް ދަމަމުން ޓާމިނަލްއިން ނިކުމެގެން އާދެއެވެ. އައިސް އާޔަންގައިގަ ބައްދާލިއެވެ. އަދި ޒޫނާއާއި ސަލާމް ކޮށްލިއެވެ. އިސްމާޙްއަށް ދިވެހި އިނގެނީ ވަރަށް ކުޑަކޮންނެވެ. ކިޔާއެއްޗިހި އެނގުނަސް ވާހަކަ ދައްކާކަށް ނޭގެއެވެ. އާޔަން ބައްޕައާއި ވާހަކަ ދައްކަނީކޮރެއާ ބަހުންނެވެ. އަދި ބައެއްފަހަރު އިގިރޭސިބަސް ވެސް ބޭނުން ކުރެއެވެ. ޒޫނާ ގިނައިން އިސްމާޙްއާއި ވާހަކަ ދައްކަނީ އިނގިރޭސިން ނެވެ.
އިސްމާޙް އިނީ ކާރުދުއްވާށެވެ. ޒޫނާއިނީ ކުރީ ސީޓްގައެވެ. އާޔަން ކާރުގެ ފަހަތުގައި އިނެވެ. ވަރަށް ގަދައަށް ބަހުސް ކުރަމުންދެއެވެ. ކޮރެއާބަހުންނެވެ. އާޔަން އިނީ ވަރަށް ބޮޑަށް ދެރަވެފައެވެ. ޒޫނާގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތްހަމަނުޖެހުމާއި ނުތަނަވަސް ކަމެވެ. އިސްމާޙް ވެސް އިނީ ފާޑަކަށެވެ. އާޔަން އިނީ ބުނާނެއެއްޗެއް ނޭގިފައެވެ. ބައްޕަގެ ކުރިމަތީ ހަތިޔާރު ބަހައްޓައިގެންނެވެ. ޒޫނާ އެކަމު އިރުކޮޅަކާ އެއްޗެކޭބުނެލައެވެ. ވެގެން އުޅޭގޮތަކީ އާޔަންގެ މާމަ އަމީނާ އާޔަން އިންނަން ކުއްޖަކު ހަމަޖައްސައިގެން ޒޫނާއާއި އާޔަން އެކަމާ ނުރުހެނީއެވެ. އިސްމާޙް ވެސް މާރުހޭ ކަމެއް ނޫނެވެ. ނަމަވެސް އޭނަގެ މަންމަބުނީމަ ކޮންމެކަމެއްވެސް ކުރަން އިސްމާޙް އަށް ޖެހެއެވެ.
ގެއަށް ދެވުމުން އާޔަން އަނގައިންވެސް ނުބުނެ ކާރުން ފައިބައިގެން ގެއަށްވަދެ ސޯފާގައި އިށީނެވެ. ޒޫނާ ވަނުމުން އާޔަން ތެދުވިއެވެ.
“މަންމާ! ޑެޑް ކައިރީ ބުނެބަލަ މިފަހަރު އެއްބަސް ނުވާށޭ! ދިސް އިޒް ނޮޓް ފެއަރ. ހުރިހާކަމެއްވެސް ހަލްމޮނީ ބުނާގޮތަށްތަ ވާންޖެހެނީ؟ ” އާޔަން ޒޫނާކައިރީ އެހެން ބުނިއިރު އިސްމާޙް ދޮރުން ވަދެގެން އާދެއެވެ. އާޔަން ކީއެއްޗިހި އިސްމާޙް އަށް އަޑު އިވުނެވެ.
“ޔޫ ޑޯންޓް ހޭވްޓު ޑޫ ވަޓްއެވަރ ޝީ ސޭސް! ބަޓް ލެޓްސް ގޯ އެންޑް ލިސްން ފަސްޓް.” އިސްމާޙް ބުންޏެވެ.
“ކަމޯން ޑެޑް! އާރ ޔޫ ސެއިން ފަރސްޓް ލިސްން އެންޑް ޑޫ ވަޓް އެވަރ އިޓްއިޒް…. އައި އޭމް ނޮޓް ޔޫ ޑެޑް. ދިސް ޓައިމް ޔޫއާރ ނޮޓް ރައިޓް.” އާޔަން ހުރީ ވަރަށް ރުޅިއައިސްފައެވެ. އެންޑް ޔޫ ކޭންޓް ފޯރސްމީޓު ޑޫ އެނީތިނގް!!” ވަރަށް ބާރަށް އާޔަން ހަޅޭއްލަވައިގަތެވެ. އާޔަން ހުރީ ވަރަށް ޕްރެޝަރުގައެވެ. އާޔަން އެހާ ރުޅިއައިސްފަ ހުއްޓާ ނުދެކޭތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި އިސްމާޙް ވެސް އެވަގުތު ދެން އިތުރު އެއްޗެއް ބުނަން ގަސްތެއް ނުކުރިއެވެ. ޒޫނާ އާއި އިސްމާޙް މައްޗަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
އާޔަން ގަބުވެފަ ހުރިތާހުރީއެވެ. އެއްވެސް ކޮޅަކަށް ގުޑާވެސް ނުލައެވެ. ލޮލުގައި ކަރުނަތަށް ގިނަވެ ކޯތާފަތް މައްޗަށް ފައިބަމުން ދެއެވެ. އާޔަން އޭނަ ބައްޕައާއި ދުވަހަކުވެސް އެގޮތަށް ވާހަކައެއް ނުދައްކައެވެ. އިރުކޮޅަކު އެހެން ހުރެފަ މައްޗަށް ގޮސް ކޮޓަރިއަށް ވަނެވެ.

52

1 Comment

  1. Mai

    July 31, 2017 at 8:02 pm

    V NICE

Comments are closed.