
ވީމޭ އިންތިޒާރުގައި 6 ވަނަ ބައި
“އާޔަންގެ ޑެޑް އާއި މަންމަ އާއި ޑިވޯރސްއެއް ނޫންކަން މިއަދު އާޔަންއަށް ކަށަވަރުވެއްޖެ!” އާޔަން ނޫރާއަށް ބަލައިލިއެވެ.
ނޫރާ އަޖައިބުވެގެން އަޔަންއަށް ބަލައިލިއެވެ. “އެކަމު އާޔަން ބުނީމެއްނު އެދުވަހު….” ނޫރާހުރީ ސުވާލު އުފެދިފައެވެ.
“އަާޔަންއަށްވެސް ޝައްކުވެފަ ހުރީ! އެއީ އާޔަންގެ ޑެޑް ކޮންމެފަހަރަކު އައިސް މަންމަ ކޮޓަރީގަ ނިދާތީ. ދެން އެހާ ދީނަށް ލޯބިކުރާ ދެމީހުން ޑިވޯސް ވެފަތިބެ އެއްތާކު ނިދާ ހަދާނެތަ؟ ޑެޑް އުޅޭއިރު ޑެޑް ނުކަންޏާ މަންމައެއް ނުކާނެެ. ޑެޑްއާ އެއްކޮން ޑިނަރއަށް ރޭގަޑު ބޭރަށްވެސްދާނެ. އެހެންވެ އެކަހަލަ ކަންތައް އާޔަންއަށް ފެންނާތީ އާޔަންއަށް ހީވާނެނު. ދެން އާޔަން އަކަށް ނުކެރޭނެނު ސީދާ މަންމަ ކައިރީ އަހާކަށް ޑިވޯރސް އެއް ނޫންހޭވެސް.” އާޔަން ނޫރާއަށް ކިޔާދެމުން ދިޔައެވެ.
ނޫރާހުރީ އާޔަން ދައްކާވާހަކަ އަޑުއަހާށެވެ.
“މިއަދު ލައި އެއަރޕޯރޓަށް ލާފަ އައިތަނުން މަންމަ ބުނެފި ކޭ.އެލް.ސީ އަށްދާން. އެއީ ވިސާގެ ކަންތަކުގަ. ދެން މަންމަގެ ފައިލްތެރެއިން ޕާސްޕޯރޓް ނަގާށޭ މަންމަ ބުނީމަ އާޔަން އަށް އެ ފައިލް ތެރެއިން ފެނުނީ ލަންކާގަ ރަޖިސްޓްރީ ކޮށްފައިވާ މެރިޖް ސެޓްފިކެޓެއް.” އާޔަން ނޫރާއަށް ބަލައިލިއެވެ.
“ތި ބުނީ ޑިވޯރސް ކޮށްފަ އަނެއްކާ މެރީކޮށްގެން ނޭތަ އެއުޅެނީ.” ވިސްނަން އިނދެފަ ނޫރާ އެހިއެވެ.
“ޔެސް! އެއެންތާ އެވީ. އާޔަންއަށް ހީވަނީ ކޮރެއާގަ ޑިވޯރްސް ކޮށްފަ ލަންކާއަށް ގޮސް މެރީކުރީހެން. ދެން ކޮރެއާގަ ރަޖިސްޓްރީ ނުކުރަނޏާ ހަލްމޮނީއަށް ތަނެއްދޮރެއް ނޭގޭނެނު. އާންޓީ އަކަށްވެސް ނޭގޭނެނު!”އާޔަން ބުންޏެވެ.
“ކޮން އާނޓީއެއް؟” ނޫރާ އެހިއެވެ.
“އާންޓީއަކީ އާޔަންގެ ސްޓެޕް މަމް. ހަނާ.” އާޔަން ބުންޏެވެ.
“އެހެންތަ! ސްޓެޕް މަމްގެ ތިބޭތަ ކުދިން؟” ނޫރާ އެހިއެވެ.
“އާނ! ތިބޭނެ ޓޫ ގާރލްސް. އެއްމާބަނޑު ދެކުދިން ބާރަ އަހަރުމިހާރު. ވަރަށް ލޯބި ލޯބި ދެ ސިސް އެއީ.” އާޔަން ބުނި ގޮތުންވެސް އާޔަން އެކުދިން ދެކެ ވަރަށް ލޯބިވާކަން ނޫރާއަށް އިނގުނެވެ.
“އެކުދިން އާޔަން ދެކެ ލޯބިވޭތަ؟” ނޫރާ އަހައިލިއެވެ.
“އާނ! އެކުދިން ވަރަށް ލޯބިވާނެ އާޔަންދެކެ. އާންޓީ ވެސް ވަރަށް ލޯބިވާނެ އާޔަން ދެކެ. ހަލްމޮނީވެސް އާޔަންދެކެ ވަރަށް ލޯބިވާނެ. އެކަމު މަންމަ އާ ހަލްމޮނީއާ އަބަދު ފައިޓް.” އާޔަން ބުންޏެވެ.
އެވަގުތު އާޔަންގެ ފޯނު ރިންގުވާން ފެށިއެވެ. އާޔަން ފޯނުނެގިއެވެ. އަދި ވަރަށް މަޑުން އެއީ ހަލްމޮނީ އޭ ނޫރާކައިރީ ބުންޏެވެ. އެއަށްފަހު ކޮރެއާ ބަހުން ވާހަކަ ދައްކަން ފެށިއެވެ. ނޫރާ ގަޑި ބަލައިލި އެވެ. އޭރު ތިނެއް ޖަހައިފިއެވެ. ގަޑިދިޔަ ގޮތްވެސް ނޭގެއެވެ. ނޫރާ އަވަހަށް ފާހާނާއަށް ވަނެވެ. އަދި ވުޟޫ ކޮށްލައިގެން ނުކުތެވެ. އާޔަންއަށް ނޫރާ ފެނުމުން ފާޙާނާ ކައިރީ އޮޅާލާފައި ތަރުތީބުން އަތުރާލައިފަ ހުރި ތުވާލިތައް ނޫރާއަށް ދެއްކިއެވެ. އޭރުވެސް އާޔަން ފޯނުން ވާހަކަދައްކަމުން ގެންދެއެވެ.
“ކޮންތާކައް؟” ނޫރާ ކޮޓަރިން ބޭރަށްދާން ހިގައިގަތްތަނާ އާޔަން ފޯނު ކަޑާލަމުން ބުންޏެވެ.
“ތިރިއަށް! ދަބަސް ބަލާ. ދަބަހުގަ ހުންނާނީ ނޫރާގެ ނަމާދު ކުރާ އެއްޗިހި.” ނޫރާ ބުންޏެވެ.
“ނޫރާ މަޑުކުރޭ އާޔަން އަންނާނަން ހިފައިގެން.” އާޔަން ހިގައިގަންނަމުން ބުންޏެވެ.
ދިޔަކަމެއްނޭގެ އަވަހަކަށް އައިސްފިއެވެ. އަދި ނޫރާ އަތަށް ދަބަސް ދީފަ މުސައްލަ އޮތްތަން ދައްކާފަ އާޔަން މިދަނީ ފެންވަރާށޭ ކިޔާފަ އަލަމާރި ހުރި ކޮޓަރިއަށްވަދެ އެތަނުގެ ދޮރު ކަހާލިއެވެ.
ނޫރާ ނަމާދުކޮށް ނިމިގެން ބެލްކަންޏަށް ނުކުމެ ހުއްޓާ ނޫރާގެ ފޯނުވާން ފެށިއެވެ. އެއީ ފާތު އެވެ. އަދިވެސް ތިބީ ލަންކާގަ ކަމަށް ފާތު ބުންޏެވެ. މާލެދެވޭނީ އަދި ދެދުވަސް ފަހުންކަމަށްވެސް ބުންޏެވެ. އަދި ފާތުއަށް މާރީތި ކުއްޖަކު ފެނުނު ވަހަކައެއްވެސް ބުނެފަ އެފް.ބީ ގަ ކިޔާދޭނަމޭ ކިޔާފަ ފޯނު ކަޑާލިއެވެ.
އިރުކޮޅަކުން އާޔަން ނުކުތެވެ. އާޔަންހުރީ ރަތްކުލައިގެ ޓީ-ޝާރޓް އަކާއި ހުދު ކުލައިގެ ޖީންސްއެއް ލައިގެންނެވެ. އާޔަން ނުކުތުމުން މޭފުރިގެންދާފަދަ ހިތްގައިމު ފިރިހެން ވަހެއް މުޅި ތަނަށް ފެތުރިގެން ދިޔައެވެ. އާޔަންއާއި ދިމާއަށް ނޫރާ އަށް ބަލައިލެވުނެވެ. ފެންވަރާލީމަ އަދި މާރީތިހެން ހީވާތީ ކަންނޭގެއެވެ.
“ހިނގާދާން. މަންމަމެން ކޮބައިތޯ ބަލައިލަން.” އާޔަން ނޫރާއަށް ހިނިތުންވެލަމުން ބުންޏެވެ. އެލޮލުގައި ވާ ޖަޒުބާތެއް ބުނެދޭކަށް ނޭގެއެވެ. އާޔަން ހިގައިގަތެވެ. އާޔަންގެ ފަސްފަހަތުން ނޫރާ ދިޔައެވެ.
އޭރު ސައީދާ އާއި ޒޫނާ ޒޫނާ ކޮޓަރިން ނިކުންނަނީ އެވެ. ޒޫނާ ސައީދާއަށް ގޭތެރެ ދައްކަނީއެވެ. އެވަގުތު އާޔަން އާއި ނޫރާ ފެނުމުން އަވަހަށް ސައިބޯން ހިނގާށޭ ބުނެލިއެވެ.
“މަންމާ! ދެންމެހަލްމޮނީ ގުޅި. ހަލްމޮނީ ބުނީ ޑެޑްއަށް ގުޅާ ގުޅާ ފޯނެއް ނުނަގަޔޯ. ދެން މަންމަ ރަގަޅުހޯވެސް އެހި. މިފަހަރު ބަންދުގަ އާޔަން ނާންނަންހޯވެސް އެހި.” އާޔަން ބުންޏެވެ.
“އަޖައިބެއްތީ! އަހަރެންގެ ހާލު ބަލައިފިއްޔާ ނުބައެއް އެބައުޅޭ! ސައީދާއަށް ބަލައިލަމުން ޒޫނާ ބުންޏެވެ. ސައީދާއަށް މިހާރު ޒޫނާ ވަނީ އެތައް ވާހަކައެއް ކިޔައިދީފައެވެ. އެހެންކަމުން ސައީދާ ހުއްޓަސް ޒޫނާ އެހެންބުނަންވެސް ޖެހިލުމެއް ނުވިއެވެ. “ދެން ކީކޯ ބުނީ؟” ޒޫނާ އެހިއެވެ.
“ހަލްމޮނީ ދެން އެހީ … އާޔަންގެ ގާރލް ފްރެންޑެއް ހުރޭހޯ.” އާޔަންއަށް ބޭއިޙްތިޔާރުގައި ނޫރާއަށް ބަލައިލެވުނެވެ. ނޫރާ އިސްޖަހާލިއެވެ.
“ދެން އާޔަން ބުނީ ކީކޭ؟” ޒޫނާ އާޔަން ކުރެން އެހިއެވެ.
“… މަންމަ އަށް އިގެއެއްނު……” އާޔަން ކުޑަކޮން ހުއްޓަމުން ބުންޏެވެ.
“މަންމައަށް ހީވަނީ ހަލްމޮނީ އެއުޅެނީ ކޮންމެސް ކަމެއް ރަވައިގެންހެން. ހަލްމޮނީގެ ގޮތް މަންމައަށް އިނގޭ. އެހެންނޫނީ އާޔަން ނުގޮސްގެން އެހާވަރުން ނޫޅޭނެ.” ޒޫނާ އެހެންބުނީ ނުރުހިފައެވެ.
“އޯހ ޕްލީޒް! މަންމާ. ހަލްމޮނީ ކޮންމެގޮތަކަށް ކަންތައްކުރިއަސް މަންމަ ހިތްނުބައި ނުކޮށްބަލަ. ޑެޑް ލަވްސް ހަރ….” ޒޫނާ އާޔަންގެ ވާހަކަ މެދުކަނޑާލިއެވެ.
“އާޔަން، މަންމައަށް އިނގެޔޭ. އެކަމަކު މަންމަ ހަދާނެއް ނުނެތޭނެ މަންމައަށް އެ އަންހެނާ ކަންތައް ކުރިގޮތެއް.” ޒޫނާ ހިޔާލެއްގެ ތެރޭ ހުރެ ބުންޏެވެ.
“ކޮންމެގޮތަކަށް ކަންތައް ކުރިއަސް ޑެޑްއަށް މަންމައާ ދުރަކަށް ނުދެވުނެއްނު.” އާޔަން ލާނެތް ހިނިތުންވުމަކާއެކު އެހެން ބުނެފަ އަވަހަށް ސިޑިން ފައިބައިގެން ދިޔަގޮތައް ދިޔައީއެވެ. ޒޫނާ އަޖައިބުވެ އާޔަންއާއި ދިމާއަށް ބަލަން ހުރީއެވެ. މީހާދަ ލާނެތްކުއްޖެކޭ ޒޫނާ ހިތަށްއެރިއެވެ.
އެންމެން ސައިބޮއެނިމިއްޖެއެވެ. މިހާރު ދެން ގެއަށްދާންވީ ކަމަށް ސައީދާ ބުނުމުން ޒޫނާ އަދިވެސް ސައީދާފޮނުވާކަށް ގަސްތެއްނުކުރި އެވެ. އެހެންނަމަވެސް ސައީދާގެ ކޮއްކޮ އަނެއްދުވަހު އަންނާތީ ބައިވަރު ކަންތައް ކުރަންހުރި ވާހަކަ ބުނުމުން ޒޫނާއަށް ޖެހުނީ އެންމެފަހުން ސައީދާ ފޮނުވާށެވެ. އެކަމު ގިނަގިނައިން އަންނަންވަނެޔޭ ބުންޏެވެ. އަދި ޙާއްސަތާކަށް ދަންޏާ ޒޫނާއަށް އަންގަންވާނެ ކަމުގައިވެސް ބުންޏެވެ. އާޔަން އާއި އެކު އެމީހުން ގެއަށް ފޮނުވާލައިފާ ޒޫނާ ދިޔައީ ޒޫނާގެ ކޮޓަރިއަށެވެ.
ޒޫނާއަކީ ބައްޕަނެތް ކުއްޖެކެވެ. އެއީ ޒޫނާގެ ކުށެއް ކަމަކަށް ޒޫނާ ނުދެކެއެވެ. ޒޫނާގެ މަންމަ ޒޫނާ ވަރަށް ޅައިރު ނިޔާވެއްޖެއެވެ. ޒޫނާ ބެލީ ސައީދާގެ މައިންބަފައިންނެވެ. ސައީދާ އާއި ޒޫނާ އާއި އަދި ސައީދާގެ ކޮއްކޮ ނައީމާ އުޅުނީ ވަރަށް އެއްކޮންނެވެ. ސައީދާ މެންނަށް ހޯދަދޭ ކޮންމެއެއްޗެއް ޒޫނާ އަށްވެސް ހޯދަދެއެވެ. ސައީދާގެ މަންމައާއި ބައްޕަ ޒޫނާއަށް ވަރަށް ހެވެވެ. އަމިއްލަ ދަރިންނާ ތަފާތެއް ނުކުރެއެވެ. ސައީދާގެ ބައްޕަ ނިޔާވުމުގެ ކުރިން ޒޫނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފަ ހުރި ހަރުދަނާ މީހަކަށް ހެދިއެވެ. ރަގަޅު ވަޒީފައެއްގަ އުޅޭ އަންހެނަކަށް ޒޫނާވީ އެމީހުންގެ ސަބަބުންނެވެ. ޒޫނާގެ ވަޒީފާ ހުންނަގޮތުން އެކިފަހަރު އެކި ގައުމުތަކަށް ދާންޖެހެއެވެ. އެގޮތުން އެއްފަހަރު ބެންކޮކްއަށް ކުރި ދަތުރެއްގައި ޒޫނާއަށް ލީ.އިސްމާޙް ކިޔާ ކޮރެއާ މުސްލިމަކާއި ދިމާވިއެވެ. ޒޫނާއަށް އިސްމާޙްދެކެ ލޯބި ވެވުނީ އެއީ ކާކުކަން ނޭގޭ ހާލުގައެވެ. ކޮން ފެންވަރެއްގެ މީހެއް ކަމެއްވެސް އޭރު ޒޫނާއަކަށް ނޭގެއެވެ.
އިސްމާޙް އަކީ ވަރަށް މުއްސަނދި އާއިލާއެއްގެ ހިތްހެޔޮ މީހުނާގުޅޭ މީހެކެވެ. އިސްމާޙް އަށް ޒޫނާދެކެ ލޯބިވެވުނެވެ. އަދި ޒޫނާ ފަހަތުން މާލެއައިސް ޒޫނާއާއި އިނެވެ. އިދެގެން އިސްމާޙްއާއި އެކު ޒޫނާ ދިޔައީ ކޮރެއާއަށެވެ.
އިސްމާޙްގެ މަންމަ ލީ. އަމީނާ އަކީ ހުވަފަތް ވެފައިވާ އަންހެނެކެވެ. އަމީނާ އަށް ޒޫނާ ކަމުދާ ކުއްޖަކަށް ނުވިއެވެ. ޒޫނާ އަކީ ބައްޕަނެތް ކުއްޖަކަށް ވީތީއެވެ. އެއާއިލާގައި އެކަހަލަ ކަންތަކަކީ އެހާ ގަބޫލު ކުރެވޭ ކަންކަމަށް އޮންނަނީ ނުވެފައެވެ. އެހެންކަމުން އަމީނާއަށް އަބަދުވެސް ހީވެފައި އޮންނަނީ ޒޫނާވެސް އޭނަގެ މަންމަ ފަދައިން ހިލޭފިރިހެނުން ނާއިއެކު އުޅެދާނެ ކަމަށެވެ. އެކަމުގެ ފޫހީގައި އަބަދުވެސް ޒޫނާ ކުރާކަމެއް ރަގަޅެއް ނުވެއެވެ. ބުނާއެއްޗެއް ކަމަކު ނުދެއެވެ. އިސްމާޙް ގެއަށް އަންނައިރު ޒޫނާ އިންނަނީ ރޯލަރޯލައެވެ. އިސްމާޙް އެކަމާ ވަރަށް ދެރަވެއެވެ. އިސްމާޙް ޒޫނާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މަންމަވެސް ދޫކޮށްލެވޭކަށް ނެތެވެ. އެހެންކަމުން އިސްމާޙް ގަނެފައިވާ ބޮޑު ވާދީއެއްގައި ޒޫނާއަށްޓަކައި ބޮޑު ގަނޑުވަރެއް ބިނާކުރިއެވެ. އަދި އެގެއަށް ހެޕީ ޕެލެސް ކިޔާ ނަންދިނެވެ. އެއީ ޒޫނާ އުފަލުގައި ބެހެއްޓުމަށް ހަދައިދިން ގަނޑުވަރަކަށް ވާތީ އެނަން ކީއެވެ. ހެޕީ ޕެލެސް އަށް ބަދަލުވީފަހުން ޒޫނާއަށް ހިތްހަމަޖެހުން ލިބުނެވެ. މިހާރު ޒޫނާ ބޭނުންވާ ގޮތަކަކަށް އުޅެވެއެވެ. އެއްވެސް މީހެއްގެ ނުފޫޒެއް ޒޫނައަކަށް ނުފޯރައެވެ.
ދެއަހަރެއްވީފަހުން ޒޫނާ ބަލިވެއިނދެ ފިރިހެން ކުއްޖަކު ވިހައިފިއެވެ. އެކުއްޖާއަށް ލީ އާޔަން އިސްމާޙް ގެ ނަމުން ނަން ދިނީ އަމީނާއެވެ. އިސްމާޙް ހީކުރީ އާޔަން ލިބުމުން މަންމަ ޒޫނާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވާނެ ކަމަށެވެ. އާޔަން ލިބުނު ދުވަސްކޮޅު އަމީނާ އުފަލުން މީހުނަށް ޞަދަގާތް ބަހަބަހާފަ އުޅުނީމައެވެ. އަދި ޒޫނާމެންގޭގައި ގިނަވަގުތު ހޭދަކުރަން ފަށައިފިއެވެ. ނަމަވެސް ވީދުވަސް ކޮޅެ ކެވެ. ފަހުން ޒޫނާ އާޔަން ތަރުބިއޔަތު ކުރަމުން ގެންދަނީ ރަގަޅަށް ނޫންކަމަށް ބުނަން ފަށައިފިއެވެ. އަދި އެކަމުގެ ޝަކުވާތައް ތާއަބަދު އިސްމާޙް ކައިރީ ކުރަން ފަށައިފިއެވެ. އެކަންތަކާ އިސްމާޙް އަށް އަބަދު ޖެހެނީ ފިކުރު ކުރާށެވެ. މަންމަ އުފަލުގައި ބަހައްޓަން އިސްމާޙް ބޭނުންވެއެވެ. އަދި ޒޫނާއަށް ވެސް އުފާތައް ހޯދަދޭން އިސްމާޙް ބޭނުމެވެ.
ޒޫނާ ފެންނަހިސާބުގައި ހުންނާކަށް އަމީނާ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. އަމީނާ ބޭނުންވަނީ އިސްމާޙް އާއި ޒޫނާ ދުރުކުރާށެވެ. އެގޮތުން އަމީނާގެ ރައްޓެއްސެއްގެ އަންހެން ދަރިފުޅާ އިސްމާޙްގެ ކައިވެނި ހަމަޖައްސާ އިސްމާޙްއަށް މަޖުބޫރު ކޮށްގެން އެކައިވެނި ކުރުވިއެވެ. އެކަމާ ޒޫނާ ވަރަށް ހިތާމަ ކުރިއެވެ. އެހެނަސް އިސްމާޙްއާއި ވަކިވާކަށް ޒޫނާއެއް ބޭނުމެއް ނޫނެވެ. އަދި އިސްމާޙް ވެސް ޒޫނާ ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެގޮތުގައި އަހަރުތަކެއް ވޭތިވެގެން ދިޔައެވެ.
އިސްމާޙްގެ ހަގު އަނބި ހަނާއަކީ ކިޔަމަންތެރި އަންހެނެކެވެ. ކެތްތެރި ދީންވެރި ބަސްމަދު އަދި ހިތްހެޔޮ މީހެކެވެ. ނަމަވެސް ހަނާ އަށް އިސްމާޙްގެ ފަރާތުން އެއްވެސް އުފަލެއް ނުލިބެއެވެ. އަދި އިސްމާޙް ރަށުގަ ހުރީ ވިއްޔާ އަބަދުވެސް އުޅެނީ ޒޫނާ އާއި އާޔަން ކައިރީގައެވެ. ހަނާ ކައިރިއަށް އެއްވެސް ގޮތަކަށް ނުދެއެވެ. އެކަމާ އަމީނާ ކަންތަށް ބޮޑުވެ ރޭވުންތައް ރާވަން ފެށިއެވެ. އެގޮތުން އެއްފަހަރު ބަލިވާކަމަށް ހަދައިގެން ހަނާއަށް ދެރަކޮށް ނުހިތުމަށް އިސްމާޙް ލައްވާ ވަޢުދު ކުރުވިއެވެ. އަދި އަބަދު ޒޫނަ ކައިރީ އުޅޭ ވާހަކައާއި ހަނާއަށް އޯގާތެރި ނުވާވާހަކަ ދައްކަންފެށިއެވެ.
ޒޫނާ އާއި ހަނާ އެކަކު އަނެކަކާ ވަރަށް ގުޅެއެވެ. ދެމީހުންނަކީވެސް ހިތްހެޔޮ މިޒާޖުގެ ދެމީހުނަށް ވީތީއެވެ. އެހެންކަމުން ޒޫނާ އެއްގޮތަކަށްވެސް ހަނާއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. ވަރަށް ވިސްނުމަށްފަހު އާޔަން ގޮވައިގެން އެހެން ރަށަކަށް ދާން ޒުނާ ނިންމިއެވެ. އިސްމާޙް ބޭނުންވީ އެދެމައިން ސްރީލަންކާއަށް ގެންދާށެވެ. އެއީ އިސްމާޙްގެ ކޮމްޕެނީގެ ގޮތްޕެއް ލަންކާގައި ހުންނާތީ އިސްމާޙްއަށް އަވަސް އަވަހަށް އެތަނަށް ދެވޭނެތީއެވެ.
އަމީނާ އެކަމާ ގަބޫލެއް ނުވިއެވެ. އަމީނާގެ އެދުމަކަށްވީ ޒޫނާފަދައިން އިސްމާޙްގެ ލޯބި ހަނާއަށް ވެސް ދިނުމެވެ. އަދި ޒޫނަވެސް ތާއަބަދު އިސްމާޙް ކައިރީ ކިޔާތި އިސްމާޙް އަށް މަޖުބޫރުވީ ހަނާއާއި އެކު ވަގުތުހޭދަކޮށް އޭނައާއިއެކު އުޅޭށެވެ. ހަނާއަކީވެސް ރަގަޅު އަންހެނެއްކަން އިސްމާޙްއަށް ފާހަގަ ކުރެވުނެވެ. އަދި ހަނާ އަށްވެސް އިސްމާޙްގެ އަޅާލުމާއި ލޯބި ލިބުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހަނާ ބަލިވެ އިނދެ އެއްމާބަނޑު ދެ އަންހެން ކުދިން ލިބުނެވެ. ހަނާއަށް ދެކުދިން ލިބުމުން އިސްމާޙް ޒޫނާއާއި އިނދެގެން އުޅޭކަށް އަމީނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އަމީނާގެ ނުފޫޒުގެ ބޭނުން ކޮށްގެން އެދުނީ އިސްމާޙް ޒޫނާ ވަރި ކުރުމަށެވެ. އަބަދުގެ އަބަދަށް ދުރުވުމަށެވެ. އެންމެފަހުން ޒޫނާގެވެސް އެދުމުގެމަތިން އެދެމީހުން ވަރިވީއެވެ. އޭރު އާޔަންއަށް އެގާރަ އަހަރެވެ. އެއަށްފަހު ޒޫނާ އާޔަން ގޮވައިގެން ސްރީލަންކާއަށް ބަދަލުވީއެވެ.
ޒޫނާ ވަރިކުރިއަސް ޒޫނާގެ ހުރިހާ ޙަރަދެއް ބަލަހައްޓަނީ އިސްމާޙް އެވެ. އަދި ޒޫނާއާއި ދުރުގައި އިސްމާޙް އަކަށް މާގިނަ ދުވަހަކު ނުހުރެވުނެވެ. އަވަސް އަވަހަށް ޒުނާ ކައިރިއަށް ދެވެއެވެ. އާޔަން ދެކެވެސް އިސްމާޙް ނުހަނު ލޯބިވެއެވެ. އެހެންވެ އަމީނާއާށް ސިއްރުން އަނެއްކާވެސް އިސްމާޙް ޒޫނާ އާއި އިނީއެވެ. އެކަމެއް އެކަކަށްވެސް ނާންގައެވެ. ގޭގަ ގެންގުޅޭ މީހުންނަށް އެކަންތައް އެގުނަސް އެމިހުންވެސް އެކަންތައް އޮތީ ޒޫނާއަށް ޓަކައި ސިއްރުކޮށްދީފައެވެ. އަމީނާއަށް އެގިދާނެތީއެވެ. އެގޮތުގައި މި ހުރިހާ ދުވަހެއް ވޭތިވަމުން އެދިޔައީއެވެ. އަމީނާ އަދިވެސް ހީކުރަނީ ޒޫނާ އާއި އިސްމާޙް އެޅެނީ ވަކިން ކަމުގައެވެ. އާޔަންވެސް މިހުރިހާދުވަހު ހީކުރީ އެހެންނެވެ.
**** **** **** **** **** **** **** ****
ނޫރާ އަށް ފަތިހު ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. ނޫރާ އަވަހަށް ތެދުވެ ފާހާނާއަށް ވަދެ ތައްޔާރުވެލިއެވެ. އަދި ނަމާދުކޮށްލައިގެން އެއަރޕޯރޓަށް ދާން ތައްޔާރުވާން ފެށިއެވެ. އެއީ ނޫރާގެ ހުރި ހަމައެކަނި ބޮޑުދައިތަގެ އާއިލާ އަންނާތީއެވެ. ރަތް ކުލައިގެ ކުރުތައަކާ ކަޅު ހަރުވާޅެއް ނޫރާ ލިއެވެ. އަދި ފުނާ އެޅުމަށް ފަހު ކޮޓަރިން ބޭރަށް ނިކުތީ ކަޅުކުލައިގެ ދަބަހަށް ފޯނު ލަމުންނެވެ. އެވަގުތު ފޯނު ރިންގުވާން ފެށިއެވެ. ދެބުމަ ކައިރިކޮށްލަމުން މިގަޑީގަ ގުޅާނީ ކާކުބާއޭ ނޫރާ ހިތަށް އެރިއެވެ.
ފޯނު ނެގުމާއިއެކު ހިނިތުން ވެލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ.
“ހެލޯ!” ނޫރާ ބުންޏެވެ.
“އެއަރޕޯރޓަށް ދަނީ ކިހާއިރަކު؟” އާޔަންގެ އަޑު އެކޮޅުން އައެވެ.
“މި އުޅެނީ ނިކުންނަން. ކިހިނެއްވީ؟” ނޫރާ ކޮޓަރިދޮރު ލައްޕާލަމުން ބުންޏެވެ.
“އާޔަން މިހިރީ ތިރީގަ. ޓެކްސީ އަކަށް ގުޅާނެކަމެއްނެތް އިނގޭ.” އާޔަން ބުންޏެވެ.
“ކަމާކަން ފަށާފަ އާޔަން ތި އައީ ނޫރާމެން އެއަރޕޯރޓަށް ގެންގޮސްދޭންތަ؟” ނޫރާއަށް ގަބޫލު ނުކުރެވިފައި ހުރެ އަހާލެވުނެވެ.
“އާޔަން މަންމަ ބުނީ ނޫރާމެން އެއަރޕޯރޓަށް ގެންގޮސްދޭން ދާށޭ އެހެންވެ މިއައީ. އާދޭ އަވަހަށް ތިރިއަށް އިނގޭ.” އާޔަން ފޯނު ކަނޑާލިއެވެ.
ނޫރާ ގޮސް ސައީދާ ކައިރީ އެވާހަކަ ބުނުމުން ސައީދާއަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ.
“އާނ! ޒޫނާ ބުނެފައޮތީ އަހަރުމެންނާއެއްކޮން ނައީމާ ބަލައިދާން އާޔަން ފޮނުވާނަމޭ.” ސައީދާ ބުރުގާ އަޅަމުން އެހެން ބުންޏެވެ.
ދެމައިން ތިރިއަށް ފައިބާ ބޭރަށް ނިކުތް އިރު އާޔަން ކާރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އާޔަން އައީ ޒޫނާގެ ކާރުގައެވެ. އެކާރު ބޮޑުވީމަ ގިނަމީހުނަށް އެރޭނެތީއެވެ.
އެއަރޕޯރޓަށް ދެވުނު އިރު ހުރީ އެއްކޮން ދުނިޔެމަތި އަލިވެފައެވެ. އިރުއަރާފައެވެ. ނޫރާ ގަޑިބަލައިލިއިރު ގަޑިން ހަތްގަޑިބައިވެ އަށެއްޖަހަނީއެވެ. މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ނައީމާ ފެނިއްޖެއެވެ. އޭނާހުރީ ޒައުޝަންގެ އަތުގަ ހިފައިގެންނެވެ. ނޫރާއަށް އެތަން ފެނުމުން އަވަހަށް އެދިމާއަށް ދުއްވައިގަތެވެ. އެދިޔަގޮތަށްގޮސް ޒައުޝަން އުރާލިއެވެ. އެއީ އެންމެ ފަސް އަހަރުގެ ކުއްޖެކެވެ. ނައީމާ އާއި ޝަކީބްއަށް ލިބުނު ހަމައެކަނި ދަރިއެވެ.
“ނޫތަ ދޫނީ!” ނޫރާ ވަރަށް ލޯބިން ޒައުޝަންގެ ކޮލަށް ބޮސްދެމުން ބުންޏެވެ. “ނޫތަ މިހިރީ ޒައު އަންނާތީ ވަރަށް ހެޕީވެފަ.”
“ނޫތައަށް ސަރޕްރައިސް އެއް ގޮވައިގެން މިއައީ.” ޒައުޝަން ގެތުއްތު ތުއްތު އަޑުން ބުންޏެވެ.
“ސަރޕްރައިސް އެކޭ؟” ނޫރާ ހެވިފަ ހުރެގެން ނައީމާއަށް ބަލައިލިއެވެ. ނައީމާވެސް ހެވިފަ ހުރެ އެއީ ސަރޕރައިސް އެކޭ ބުނެލިއެވެ.