ތަނާލްގެ ތުންފަތް މައްޗަށް ވެރިވެގެންދިޔައީ ލާނެއް ހިނިތުން ވުމެކެވެ. ފަސް އެބުރި ތަނާލްއަށް ވެސް ބަލައި ލެވުނީ އެދިމާލަށެވެ.“ދެން ބުނެބަލަ ކޯއްޗެއްތަ ހުވަފެނުގައި ފެނުނީ؟” ސައިކަލުން ފައިބައި އަންޝް ހިނގައި ގަތުމުން ޔާން އަކަށް ނީދެވުނެވެ. އަންޝް ޔާންއަށް ބަލައިލީ ހައިރާންވެފައެވެ. “ނޫނޭ.. ދޮންބެ ބުނަން ބޭނުން ނޫނިއްޔާ…….” ” ފެނުނީ ފުރައިގެން އުޅެނިކޮށް. މާ ރަނގަޅަކަށް ނޭގޭ ވީ ގޮތެއް. ބަޔަކު މަރުވާކަން އެގޭ. ނޭވަޔަށް އުދަގޫ ވެގެން ދޮންބެއަށް ހަޅޭލަވައި ގަނެވުނީ” ” ތިހެން ވިއްޔާ ތީ ވަރަށް ބޮޑު މައްސަލައެއް. ދޮންބެ މިދަތުރު މާލެ ދާނެ ކަމެއް ނެތް.” ޔާން އަށް ބުނެވުނީ ހާސްވެފައެވެ. އަންޝް ޔާންގެ ކޮނޑުގައި ހިފަހައްޓައިލީ ޔާންގެ މޮޔަކަމާއި ހުރެ ހިނި އައިސްފައެވެ. “ހުވަފެނެއް އެއީ.. އެހެން ނޫނަސް މާދަމާ ދޮންބެ ޑިއުޓީއަށް ނުކުންނަން ޖެހޭ. ދޮންބެ ނެތަސް މަންމަ އާއި މަލްކޮ ރަނގަޅަށް ބަލާތި.” އަންޝް ބުނުމުން ޔާން ބޯ ޖަހާލިއެވެ. ޔާން ކޮނޑުގައި ޖަހާލާފައި އަންޝް ހިގައިގަތީ ލޯންޗާއި ދިމާލަށެވެ. އިސްކޮޅުން ދިގު އެ ހަށިގަނޑާއި ފިޓު ބޮޑީ ގުޅުވައިލުމުން ތަނާލް އަށް ވެސް އޭރު ހުރެވުނީ އަންޝްއަށް ބަލާށެވެ. ތަނާލް އަށް މުބާ ވެސް ރީއްޗެވެ. އެހެން ނަމަވެސް އަންޝް އާއި ހަމައަށްވެސް މުބާއަށް ނާދެވޭނެއެވެ.
ދެމީހުންގެ ކުރިމަތިން އަންޝް ދިޔައީ އެ ދެމީހުންނަށް ބަލައިވެސް ނުލައެވެ. އެވަގުތު އަންޝްގައިގައި ބީހިލާފައި އައި މަޑު ރޯޅިން ދުވި މީރުވަސް މަރީގެ ހޭވެރިކަމާއި ކުޅެލިއެވެ. “އޯ މައި ގޯޑް” މަރީ އަރިއަޅާލާ ގޮތްވުމުން އަންޝްއަށް އެ ދިމާލަށް ބަލާލެވިއްޖެއެވެ. ސިހިފައި ތަނާލް އާއި މަރީއަށް މޫނު އަބުރައިލެވުނީ ދުރަށެވެ. އަދި ވަރަށް ނޫން ކަމަށް ހަދައި ވާހަކަ އަޅުވާލައިފިއެވެ. އަންޝްއަށް އެއީ އާ ކުޅިވަރެއް ނޫނެވެ. އަންޝް ގޮސް އެރީ ލޯންޗަށެވެ. މަރީ އާއި ތަނާލް އެކަކު އަނެކަކަށް ބަލާލާފައި ހީ ގަތީ އެކުގައެވެ. ” ހިގާދެން. އެހެރަ އަންނަނީ މުބާ ވެސް. މި ހަތަރު ދުވަހު ބައްދަލު ނުކުރެވިއްޖިއްޔާ މުބާ ވަރަށް ދެރަ ވާނެ. މާލެ ގޮސް ބައްދަލު ކުރަން ދެކޮޅު ނުހަދާތި.” “ހޫނ..” މަރީ ވިސްނައި ދިނުމުން ތަނާލްއަށް އެއްބަސް ވެވުނެވެ. މުބާ ގޮސް ލޯންޗަށް އެރީ އައިސް ހުއްޓުނު ތަނާލް އަށް ބަލާލާފައެވެ. މުބާ ތަނާލު ދެކެ ލޯބިވާކަން މަރީ އާއި ތަނާލް ޤަބޫލުކޮށްގެން ތިބިކަން އެއީ އެ ދެމީހުންގެ ކުށެވެ. މުބާގެ ހިތުގައި ތަނާލްއަށްޓަކައި ލޯތްބާއި އޯގާތެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ. މުބާގެ މަޤުސަދަކީ ބަދަލު ހިފުމެވެ. ރަށު ތެރޭ މަސްތުވާތަކެތި ވިއްކުމުގައި އިސްކޮށް އުޅުނު މުބާ މުޅި ރަށާއި އާއިލާގެ ކުރިމަތީ ބޭޒާރުކޮށްލީ ތަނާލުގެ ކުޑަ ދޮންބެ އަޤީލު އެވެ. ދެމަސް ދުވަހު މުބާ ޖަލުގައި ހުންނަން ޖެހުނެވެ. ޖަލުން މުބާ ދޫކޮށްލީ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ހެކި ނުލިބުމުންނެވެ. އަޤީލް ކިބައިން ބަދަލު ހިފަން ތަނާލްއަށްވުރެ ރަނގަޅު ހަތިޔާރެއް މުބާ އަތަކު ނުޖެހުނެވެ. މުބާ ބޭނުންވި ގޮތަށް ތަނާލް އެހުރީ މުބާ ގަތާލި މަޅިފަތީގައި ޖެހި ބެދިފައެވެ. ދެން ޖެހޭނީ ދެފިޔަ ކޮށާލާށެވެ. މި ހަތަރު ދުވަހު ތެރޭގައި މުބާ އެކަން ވެސް ކުރާނެއެވެ.
ލޯންޗަށް އަރައި ތަނާލް އިށީ އިނީ ހުވަފެނުގައި ވެސް ފެނުނު ގޮޑީގައެވެ. އަދި އެންމެންނަށް “ބައި” ކިޔާލާފައެވެ. އޭރުވެސް މަރީ އިޝާރާތް ކުރަމުންދިޔައީ އަންޝްގެ ނަމާއި ނަންބަރު ހޯދައި ދިނުމަށް އެދިއެވެ. ސަޅި ބިޓެއް ފެންނަ ކޮންމެ ފަހަރަކުވެސް މަރީގެ ހާލަކީ އެއީއެވެ.
ލޯންޗް ސްޓާޓް ކޮށްލުމުން ޒަހުނާއަށް ދެންވެސް ބަލައި ލެވުނީ ލުބުނާގެ ކިހިލީގައި އިން އަނޫ އަށެވެ. ޒަހުނާ އާއި އެކު ދާންބޭނުންވެ އަނޫ ވެސް ބަލަން އިނީ ޒަހުނާއަށެވެ. އެހެނަސް ޒަހުނާ ޑޮކްޓަރަށް ދައްކައިގެން މާދަމާ އަންނާނެއޭ ކިޔައި ލުބުނާ ހުރީ އެ ކުއްޖާ ވެސް ހައްދައިލައިފައެވެ. ޒަހުނާ ބަލަން ފެށުމުން ލުބުނާ ހިގައިގަތީ އަނޫ ގޮވައިގެން ގެއަށްދާށެވެ. އެނބުރި ދެންވެސް އަނޫ ބަލައިލީ ޒަހުނާއަށެވެ. ދެންމެ ދެންމެ އަނޫ ރޮއި ގަންނަން އުޅޭ ކަހަލައެވެ. ޒަހުނާއަށް އިސްޖެހުނީ އަނޫއަށް ބަލާނެހައި ހިތްވަރުނެތިގެންނެވެ.
ފަޅުން ނުކުމެ ލޯންޗު ހުދުފޮނު ކަފާލާފައި ކުރިއަށް ދަތުރުފެށިއެވެ. ބޮލުގައި އިން ރަބަރު ތަނާލް ނައްޓައިލީ އިންތިހާއަށް އުފާވެފައެވެ. ކަންތައްވީ ތަނާލް ހީކުރި ހެނެއް ނޫނެވެ. ފުރަގަހައް ދޫކޮށްލި އިސްތަށިގަނޑު އެނބުރި ގަތީ ތަނާލުގެ މޫނުމަތީގައެވެ. ބަލަން އިން ނައިލްއަށް ހީ ގަނެވުނީ ތަނާލްގެ މޮޔަކަމުންނެވެ. ތުންކޮޅު ދަމާލާފައިވެސް ތަނާލު ޖެހުނީ އެ އިސްތަށިގަނޑު އަލުން އައްސައިލާށެވެ. ބަލަން އިން މުބާ މޫނު އަނބުރާލީ ތަނާލު ދެކެ ވީ ފޫހިންނެވެ.
ލެޕްޓޮޕް ހުޅުވައިލަމުން އަންޝް ވެސް ގޮނޑީގައި ޖައްސާލައިފިއެވެ. ވައިރޯޅިއެއް ނުވާ ހޫނުގަދަ ދުވަހެއް ކަމުން ލޯންޗު ކުރިއަށްދިޔައީ ފުދޭވަރަކަށް ބާރަށެވެ. ތަނާލްއަށް އިރު އިރުކޮޅާއި މުބާއަށް ބަލައިލެވެއެވެ. ތަނާލްއަށް ބަލައި ލެވޭ ގިނަ ފަހަރު މުބާވެސް އިންނަނީ ލޯބިން ތަނާލްއަށް ބަލާށެވެ. މީހަކަށް އެތަން ފާހަގަކުރެވިދާނެތީ ކަންބޮޑުވިއަސް މުބާ އެހާ ލޯބިވާތީ ތަނާލް އިނީ މާ ބޮޑަށް އުފާވެފައެވެ.
މަޑުމަޑުން އޮވެ ވަގުތުތައް ދިޔައީ ކުރިއަށެވެ. ލޯންޗު ނައްޓާލިތާ ދެގަނޑިއިރު ވެގެން ދިޔައިރު ލޯންޗު ތެރޭ އޮތީ އެކީ ހިމޭންވެފައެވެ. ޕާޓޭ ގުރޫޕް ފިލްމެއްގައި ޖެހިފައި ތިއްބެވެ. މުސްކުޅި ދައިތަ އޭނަގެ ދަރިފުޅު މޫމިނާ ކޮޑުގައި ބޯ އަޅައިގެން ނިދިފައި އިނަސް ޒަހުނާ އިނީ ގޮނޑީގައި ބޯޖައްސައިލައިގެން މާ ސިންގާ ކަނޑަށް ނަޒަރު ހުއްޓިފައެވެ. އެގޮތަށް ޒަހުނާ އިންނަތާ ގަނޑިއިރު ވެގެން ދިޔައީ އެވެ. ސަމާހަށް އިރު އިރުކޮޅާއި ޒަހުނާގެ މޫނަށް ބަލައިލެވެއެވެ. ގިނައިރު ވީވީހެން ސަމާހަށް އަމިއްލަކުށް އިޙްސާސް ކުރެވެމުންދިޔައެވެ. ކަންތައް މިކުރެވުނީ އަދި ރަނގަޅަށް ނޫންކަން ވިސްނެމުންދިޔައެވެ. ހަދަންވީ ކިހިނެތް ކަމެއް ކުރަންވީ ކީއް ކަމެއް ނޭގިފައި ސަމާޙު އިނީ ސިކުނޑި ސުމަކަށް ގޮސްފައެވެ.
ތިންގަނޑިއިރު ވެގެންދިޔައިރު ވެގެންދިޔައިރު ފޫހިވެގެންނާއި ބަނޑުހައިވެގެން ތަނާލްއަށް އެތަނުގައި އިނުންވެސް ދަތިވެއްޖެއެވެ. އެހެނަސް މުބާގެ ކުރިމަތީގައި ކާ އެއްޗެއްގައި އަތްލަންވެސް ތަނާލްއަށް ނުކެރުނެވެ. ކެތްކޮށްލައިގެން ތަނާލް އިނީ އިތުރުގޮތެއް ނެތުމުންނެވެ. ” ބަނޑުހައި ނުވަނީތަ؟ އަން. މިއިން އެތިކޮޅެއް ކާލަބަލަ” ތަނާލުގެ އަތްދަބަސް ހުޅުވައި ނައިލް ނެގީ ކުޑަ ތެލުލިކެޔޮ ދަޅެކެވެ. އަދި އެއިން އެތިކޮޅެއް ނަގައި ތަނާލްއަށް ދަޅު ދިއްކޮށްލިއެވެ. ތަނާލްއަށް ކަޅިއެއްލުނީ މުބާއަށެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން ލޯމެރިފައި މުބާ އިނެވެ. ދަނޑިވަޅުގެ ބޭނުންހިފައި ތަނާލު އެ ދަޅު ޖަހައިގެންފިއެވެ. އަދި އަތު ފުރައި ތެލުލިކެޔޮ ނަގައި އަގަޔަށް އަޅާލައިފިއެވެ. ނައިލް ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އެ މަންޒަރު ދެން ފެނުނު މީހަކީ އެންމެ ފަހަތުގައި އިން އަންޝްއެވެ. ތަނާލް އާއި މުބާ ނަޒަރު އަޅާތަން ފެނިފައި އޮތުމުން އަންޝްއަށް ބަލައި ލެވުނީ މުބާއަށެވެ. “ތަނޫ.. ތިހެން ކާކަށް ނުވާނެ” ” ކަނޑުމައްޗަށް އަރަންޖެހޭތީ އަހަންނަށް ކެވުނީ އެންމެ ފަސް ރޮށި.. ދޮންބެ.. އަހަރެން ވަރަށް ބަޑުހައި އެބަވޭ” ތަނާލް އެ ދަޅުވެސް ކާލަން އުޅޭ ކަހަލައެވެ. މީހަކަށް ނޭގޭނޭގޮތަށް އަންޝް އޭނަގެ ފޯނުން ވީޑިއޯއަށްލައި ތަނާލް އާއި ދިމާކޮށްލައިފިއެވެ. ” އެކަމަކު ތިހެން ކާކަށް ނުވާނެ. މި ޕެކެޓް ބޯލާ..” ހޮޅިޖަހާފައި މައިލޯ ޕެކެޓް ދިނުމުން ތަނާލް އެ ޕެކެޓް ދަމާލީ އެއްފަހަރުންނެވެ. އަންޝް ގާތަށް އައީ ހިންޏެވެ. “ތަނޫ ކިހިނެތްތަ ތިއުޅެނީ؟ އެކޮޅުން ކޯއްޗެއްތަ ތިބަލަނީ؟” އަވަސް ކަޅިތަކެއް ތަނޫ މުބާއަށް އަޅާތަން ފެނުމުން ނައިލް އަށް ވެސް ބަލައިލެވުނެވެ. ލޯންޗަށް ލޮޅުމެއް އެރީ އެވަގުތުއެވެ. އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނުއިރު ކައްޕި މޫސަ ލޯންޗުގެ ދުވެލި މަޑުކޮށްލައިފިއެވެ. އޭރު އަނިއްކައިވެސް ލޮޅުން އަރައިފިއެވެ. މޫސަ ނިވައިލީ އިންޖީނެވެ. ” މޫސަބެ. ކިހިނެއްވީ؟” މޫސަ އަކީ ދަންނަ މީހަކަށް ވުމުން އަހަލީ ނައިލް އެވެ. “ބަލައިލަންޖެހޭނީ..” މޫސަ އަވަސްވެގަތީ އިންޖީނަށްވީ ކީއްތޯ ބަލާށެވެ. މާ ބޮޑު ހާސްކަމެއް މޫސަގެ މޫނުމަތިން ނުފެނުމުން އެހެން މީހުން ވެސް ތިބީ ހަމަޖެހިލާފައެވެ. ލިބުނު ދަނޑިވަޅުގެ ބޭނުންކޮށް ތަނާލް އެ ދަޅު އެކީ ހުސްކޮށްލިއެވެ. މިވީ ގޮތާއި މެދު ސަމާލު ވެވުނަސް އަންޝް އެ މަންޒަރު ވެސް ރެކޯޑް ކުރިއެވެ.
އިންޖީނު ރޫޅާލައި އެތައް އިރަކު ދިމާވި މައްސަލައެއް ނޭގިގެން މޫސަ އުޅެން ޖެހުނެވެ. ލަސްވާތީ އެނބުރި ރަށަށް ދާން ބޭނުން މީހަކު ހުރިތޯވެސް މޫސަ ސުވާލު ކުރިއެވެ. އެހެނަސް އެންމެންވެސް މާލެ ދަނީ ކޮންމެހެން ދާންޖެހިގެން ކަމަށް ވުމުން އަދި މޫސަ އަކީ އެކަހަލަ ކަންކަމުގައި މާޙިރަކަށްވުމުން އެންމެންވެސް ބޭނުންވީ އެ ލޯންޗުގައި މާލެދާށެވެ. އެތައް އިރަކު އުޅެގެން މޫސައަށް ފެނުނީ އެތެރެ ހޮޅިކޮޅަކަށް ލައްވާލާފައި އިން ކުޑަކުޑަ ފޮތިކޮޅެކެވެ. އެހާ އެތެރޭގައި އެކަހަލަ އެއްޗެއް ތާށިވެފައި އިނުމުން ހައިރާންވިޔަސް ތިންގަނޑިއިރު އެ ސަކަރާތެއްގައި ހޭދަވެ ހިގައްޖެއެވެ. އެކަމާ ވިސްނުންހުއްޓާލާފައި މޫސަ އަވަސް އަވަހަށް ލޯންޗު ދުއްވާލައިފިއެވެ. ކަނޑުމަޑު ދުވަހެއް ކަމުން އެންމެންވެސް ކުރިން އުއްމީދު ކުރީ ތިނެއް ޖެހުމުގެ ކުރިން މާލެ ދެވޭނެ ކަމަށެވެ. އެހެނަސް މިހާރު އެދަނީ ހަތަރެއް ޖަހާށެވެ. މިރޭ އިރު ނޯއްސެނިސް ދެން އެ ލޯންޗު މާލެ އަކު ނުދާނެއެވެ.
އެންމެންނަށް ވެސް އެދަތުރުވީ ދިގު ފޫހި ދަތުރަކަށެވެ. އަނެއްކޮޅުން ގޮޑީތެރޭ އިދެ އިދެ ޒަހުނާގެ އުނަގަނޑުގައި ވަރަށް ގަދައަށް އެބަ ރިއްސައެވެ. ދައިތައަށް ދެގޮނޑި އެއްކޮއްލައިގެން އޮވެވުނަސް ޒަހުނާ އެ ބަޑުގަނޑާއިވެގެން އޮންނާނީ ކިހިނެތް ހެއްޔެވެ؟ ކެތްނުވާވަރުވުމުން ޒަހުނާ ތެދުވެއްޖެއެވެ. ސަމާޙުގެ ކުޑަކުޑަ އެހީ އެއްވެސް ބޭނުންނުވާތީ ގޮނޑިތަކުގައި ހިފަހައްޓަމުން ގޮސް އެންމެ ފަހަތު ގޮނޑީގައި އިށީ އިދެއްޖެއެވެ. ސަމާޙަށް އިދެވުނީ ބަލާށެވެ. ” ޖައްސާލަންވީނު.. މާ ގިނައިރު އިށީއިދެގެން އިނީމަ ތި ތަދުވަނީ.” އަންޝް ތެދުވީ ޒަހުނާގެ ހާލު ވިސްނިގެންނެވެ. ނުދަންނަ މީހަކަށްވުމުން ޒަހުނާ އިނީ ބުނަން ނުކެރިފައެވެ. ” ތޭންކްސް” އަންޝްއަށް ޒަހުނާގެ ހާލު ވިސްނުނީތީ ޒަހުނާ ހިންހަމަޖެހުނެވެ. ދިގު ގޮނޑިއެއްގައި ޖައްސާލަން އުނދަގޫވުމުން ޒަހުނާއަށް އެހީވީ އަންޝްއެވެ. އެ މަންޒަރުދެކެން ސަމާޙަކަށް ނީދެވުވުނެވެ. އަވަސް އަވަހަށް އައިސް ޒަހުނާ ގައި ގައި ހިފަހައްޓައިފިއެވެ. އަންޝް ޖެހުނީ ދުރަށެވެ. އޮށޯ އޮވެލެވެމުން ޒަހުނާގެ މުޅި ހަށިގަނޑަށް ދިޔައީ އަރާމު ވެގެންނެވެ. ސަމާޙު އިށީ އިނީ ޒަހުނާގެ ފައި ކައިރީގައެވެ. އެ ދެމީހުން ހަމަޖެހިލުމުން އަންޝް އިށީ އިނީ އެންމެ ކައިރީ ހުރި ހުސްގޮނޑީ ނައިލް ކުރިމަތީގައެވެ. ނިދިފައި އިން ނައިލް ކޮނޑުގައި ބޯ އަޅައިގެން ތަނާލްވެސް އިނީ ނިދިފައެވެ. ފަލަޔަސް ތަނާލް ރީއްޗެވެ. ހިކިއްޖިއްޔާ ރީތީގެ ރާނީއަކަށް ދުލެއް ނުކުރާނެއެވެ. އެހެނަސް ހިކޭނީ ކިހިނެއް ހެއްޔެވެ؟ ކެއުމަށް ތަނާލް ހުންނަފޯރި މިހާރު ވެސް އަންޝްއަށް ފެނިއްޖެއެވެ.
ތަނާލް އާއި މެދު ވިސްނުން ހުއްޓާލާފައި އަންޝްވެސް ނިދާލެވޭތޯ ލޯމަރާލިއެވެ. ދިގު ދަތުރަކަށް ވުމުން އެންމެން ކަހަލަގޮތަކަށް އޭރުތިބީ ނިދިފައެވެ. ފަހެއް ޖެހިއިރު އަންޝްއަށް ވެސް އިނީ ނިދިފައެވެ. ބާރު ސްޕީޑުގައި ދަތުރުކުރަމުންދިޔަ ލޯންޗު އެހެންދިމާލަކަށް އަނބުރައިލީ ކުއްލިއަކަށެވެ. ނިދިފައިތިބި އެންމެނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއްބަޔަކު ވެއްޓިޖެހުނުއިރު އަނެއްބަޔަކު އަނިޔާވާގޮތަށް ތަންތަނުގައި ޖެހުނެވެ. ހަމައެވަގުތު އަޑުގެ ކޮޅަށް މީހަކު ރޮއެ ހަޅޭވެސް ލަވައިގެންފިއެވެ. އެންމެންނަށް ކުރިއަށް ބަލައިލެވުނީ އެކުގައެވެ. ފެނުނު މަންޒަރުން އެންމެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އެހެނަސް ކަމެއްކޮއްލާނެ އެންމެ ފަޅި ސިކުންތުވެސް ނުލިބުނެވެ. ފަޅުވެރިއަކަށް ހުރި ބިދޭސީ އެކަކު މޫސަ ކަރުގައި ވަޅި އަޅުވައި ދަމާލިގޮތަށް ދޮރުން ބޭރަށް މާސިންގާ ކަނޑަށް ނަގައި އެއްލާލައިފިއެވެ.
ފަޅުވެރިއަކަށް ހުރި ބިދޭސީ އެކަކު މޫސަ ކަރުގައި ވަޅި އަޅުވައި ދަމާލިގޮތަށް ދޮރުން ބޭރަށް މާސިންގާ ކަނޑަށް ނަގައި އެއްލާލައިފިއެވެ. އެންމެންނަށް ހަޅޭލަވައި ގަނެވުނީ ބިރުވެރި އަޑަކުންނެވެ. ތަނާލް އަށް ނައިލް ގައިގައި ބެއްދުނު ގޮތްވެސް ނޭގުނެވެ. ޒަހުނާއަށް އޮޅުލައި ގަނެވުނީ ސަމާޙް ގައި ގައެވެ. އެހެނަސް އެމީހުންނަށްވުރެ ލޯންޗުގެ ދެ ފަޅުވެރިންނާއި މާލެ ދިޔުމުގެ ނަމުގައި ލޯންޗަށް އަރައިތިބި ދެ ބިދޭސީންގެ އަޑު މާ ބާރެވެ. އެކަކު ލޯންޗު ދުއްވަންހުރި އިރު ދެން ތިބި ތިން މީހުން އެންމެންގެ މެދަށް އެރި ހަޅެއް ލަވައިގަތީ ވަޅި ހިފައިގެން ތިބެ އެވެ. އެންމެން މައިތިރިވެގެން ދިޔައީ ފާޑަކަށް ތެޅިގެންފައެވެ. އިތުރަށް އަޑެއް ލައްވާލަން ނުކެރުނުތާ ގުޑިލަންވެސް އެއިން މީހަކަށް ނުކެރުނެވެ.
އިރުޝާއަށް ހީވި ހީވުން ޔަޤީންވީ ޓެސްޓް ކުރުމުންނެވެ. ނައިލްގެ ފުރަތަމަ ދަރިފުޅަށް އިރުޝާ އިނީ ބަލިވެއެވެ. ގޭގެ އެންމެންނަށް އެ އުފާވެރި ޙަބަރު ދީފިއެވެ. ފާއިޒާ އާއި ޝިފާޢުގެ ކާފަ ދަރިފުޅު އަންނަން އުޅޭ ކަމުގެ ޙަބަރު ލިބުމުން އެ ދެމީހުން ތިބީ އިންތިހާއަށް އުފަލުންނެވެ. އެންމެންނަށް ވެސް ފެނުނީ ވީހާވެސް އަވަހަކަށް އެ އުފާވެރި ޙަބަރު ނައިލްއަށް ދޭށެވެ. ތަނާލް އާއި ނައިލް އުފަލުން ހަލާކުވާނެއެވެ. އެހެނަސް ގުޅައި ގުޅައި ވަރުބަލި ވިއިރުވެސް ދެ ފޯނުން ކުރެ އެއް ފޯނަކަށް ވެސް ނުގުޅުނެވެ. “ކީއްތަ އެމީހުން އެކުރަނީ” އެ ޙަބަރު ނައިލްއަށްދޭ ހިތުން އިރުޝާ ކެތް ނުލަވައިގެން ގުޅަ ގުޅާފައި ގޭތެރޭގައި ހިނގަނީއެވެ. ” ތި ފޯން ކުރެވޭނެ ތިތަނުގައި އިށީއިދެގެން އިނަސް.. ތީ އެބުރޭ ރޯޅިއެއްތަ؟” އިރުޝާ އުޅެމުންދިޔަ ގޮތުން އަޤީލް ގާތަށް އަންނަނީ ހިންޏެވެ. ކާ މޭޒު ދޮށުގައި އަވަދި ނެތި އުޅުނަސް ފާއިޒާގެ ނަޒަރު ވެސް ހުރީ އިރުޝާ އަށެވެ. ” އަޤީލް ދޭބަ ފުރަތަމަ ކައިވެނި ކުރަން. އޭރުން އެގޭނެ ބައްޕައަކަށް ވުމަށް ފިރިހެނުން އެދޭވަރު..” އިރުޝާ ރުޅި އައީ އަޤީލް ދެކެވެ. ” ތިހެން ވިއްޔާ ދޮންބެދައްތަ ކީއްވެ ދޮންބެ ހުއްޓައި ޓެސްޓް ނުކުރީ..” އައިސް އަޤީލް ޖައްސައިލީ ސޯފާގައެވެ. އިރުޝާ ގައިން ދިޔައީ ވަރުއެލިގެންނެވެ. ” މިހާރު ދެރަވޭ ހެދުނު ޓެސްޓް ނުކުރެވުނީތީ.. އެކަމަކު ކީއްތަ ކުރާނީ. ތިން އަހަރު ވެއްޖެ ނައިލް ކުއްޖަކު ބޭނުންވެގެން އުޅޭތާ.. އަހަރެން ޓެސްޓް ކުރާ ކޮންމެ ފަހަރަކު ނައިލްއަށް ރޮވޭ.. އެހެންވެ ނައިލްއަށް ނޭގި މިހާރު އަހަރެން ޓެސްޓް ކުރިއަސް ކުރަނީ.. ކިހިނެތްތަ އެގެނީ މިހެންވާނެ ކަމެއް” ” ތިވީ ވަރަށް ދެރަ ގޮތެއް. ދެންވެސް ގުޅާބަލަ ތިހެން ނުހުރެ” އަޤީލްގެ ރާގުދިޔަ ގޮތުން އިރުޝާ އަޤީލް އަތުގައި ވިކައި ގެންފައި ގޮސް މޭޒު ދޮށުގައި އިށީއިދެއްޖެއެވެ. “އަޅެ މަންމާ.. އަށެއް އެހެރަ ޖެހީ.. އިރުއޮއްސުނު ފަހުން ވެސް ނައިލްއަކަށް ނުގުޅޭ.. ކީއްވެތަ……… ” ޝިފާޢު ….. ޝިފާޢު” އެންމެންގެ ނަޒަރު ހުއްޓުނީ ދުވެފައި އައިސް ގެއަށްވަތް އަސްލަމްގެ މޫނަށެވެ. އަސްލަމްއަކީ ޝިފާޢުގެ ގާތް ރައްޓެއްސެކެވެ. ” އަސްލަމް” ކުރަންހުރި މަސައްކަތް ހުއްޓާލާފައި ފާއިޒާ ހިގައިގަތީ އަސްލަމާއި ދިމާލަށެވެ. ” ފަހަރި.. އެބުނާ ލޯންޗުގަތަ ތަނާލް މާލެ ދިޔައީ؟..” ” އަނިއްކާ ކިހިނެތްވީ؟” ފުރަތަމަ ވެސް ފާއިޒާ ގަތީ ބިރެވެ. އިރުޝާގެ މޫނުމަތީގެ ކުލަ ވަރުވެސް ދިޔައީ ބަދަލު ވެގެންނެވެ. ކަންބޮޑުވެފައި އިރުޝާއަށް ތެދުވެވުނީ ކޮޅަށެވެ. އަޤީލްއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ” އެ ލޯންޗު ގެއްލިގެން އެބަ އުޅޭ..” އަސްލަމް ދިނީ ބިރުވެރި ޙަބަރެކެވެ. ” ލޯންޗު ގެއްލުނީ އޭ!!!” ފާއިޒާއަށް ރޮއެ ގަނެވުނީ ގަތް ބިރުންނެވެ. ދުވެފައި އައިސް އަޤީލްއަށް ހިފެހެއްޓުނީ ފާއިޒާ ގައިގައެވެ. ” އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ނުގުޅޭ.. ހަތެއް ޖެހުމުގެ ކުރިން ލޯންޗު މާލެ ވަންނަންޖެހޭނެޔޯ މޫސަގެ ކުޑަބެ ކިޔަނީ” ” މާތްކަލާކޯ! މަގޭ ދަރިންކޮޅު.” ފާއިޒާއަށް ޤިޔާމަތް ކުރިމަތިވި ކަހަލައެވެ. ” މަންމާ.. މަންމަ ނުރޮއެ. އަދި ނޭގޭ ލޯންޗު ގެއްލިގެން އުޅޭ ކަމެއް. ވެދާނެ އިންޖީނު މައްސަލަ އެއް ޖެހިގެން އިންޖީނު ހަދަނީ ކަމަށް ވެސް” އަޤީލް ފާއިޒާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންދިޔައިރު، ދެލޯ ބޮޑުވެފައިހުރި އިރުޝާ ހުއްޓުން އެރި ފިޔަވަޅު މަތީގައި ހުއްޓެވެ. އެކަހަލަ ބިރުވެރި ޙަބަރެއް ކުއްލިއަކަށް ލިބިދާނެ ކަމުގެ ޙިޔާލެއް ވެސް އައިސްފައި ނެތުމުން އިރުޝާ އާއި އެކު އިރުޝާގެ ހިތުގެ ތެޅުން ވެސް ހުއްޓުނު ކަހަލައެވެ. އިރުޝާއަށް ވެފައި އިންގޮތް ފެނުމުން ފާއިޒާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންދިޔަ އަޤީލްގެ ލޮލުންވެސް އައީ ކަރުނައެވެ.
ހިކިފަތެއްގައި ރޯވި އަލިފާންގަނޑެއް ހެން ލޯންޗު ގެއްލުނު ޙަބަރު ރަށުތެރެއަށް ފެތުރިގެން ހިގައްޖެއެވެ. ލޯންޗުން ދަތުރު ކުރި މީހުންގެ އާއިލާތައް އެ ޙަބަރު އަޑުއެހީ ބޮޑު ސިޙުމަކާއި އެކުގައެވެ. ލުބުނާއަށް ވެސް ވީ ފާއިޒާއަށް ވީ ވަރެވެ. މުއުމިނާގެ ކުދިންކޮޅުގެ ހާލު މާ ދެރައެވެ. ހަލީމާ އަކީ ކުރިންވެސް ކެތްތެރި އަންހެނެކެވެ. ” އެވާނީ ލޯންޗު މައްސަލަ އެއް ޖެހުނީ ކަމަށް.. އަހަރެންގެ ދަރިފުޅަކީ ހިއްވަރުގަދަ ކުއްޖެއް. މާތްﷲ ގެ އިރާދަފުޅުން އަންޝް ހުންނާނީ ސަލާމަތުން.. ” އެކަމަކު މަންމާ.. ނުވައެއް ޖަހަން އެދަނީ.. ދޮންބެ….” ” މަލުން ރޯންޖެހޭވަރުގެ ކަމެއް އަދި ނުވޭ.. މަންމަ މިބުނީނު.. ދޮންބެއަށް ހެޔޮ އެދެންޏާ ގޮސް ދުޢާ ކުރޭ.” ހަލީމާގެ ވާހަކަ ޤަބޫލުކޮށް މަލުން ހިގައްޖެއެވެ. ޙަލީމާ ބަލައިލީ ދުރުގައިހުރި ޔާން އަށެވެ. ޔާންވެސް ބަލަން ހުރީ ހަލީމާއަށެވެ. ދޮންބެ ގެއްލުމުން ވެސް ޔާން އެހުރީ ކެއްތެރިކަމާއެކު ކޮޅަށެވެ. ޔާން ހުރިގޮތް ފެނުމުން ހަލީމާގެ ލޮލުގެ ކުރިމަތިން ތަސްވީރު ވެގެންދިޔައީ އަންޝްއެވެ. ” ދޭ އެ ލޯންޗުގެ ޙަބަރެއް ބަލަން” ކިތަންމެ ހިއްވަރުކުރިޔަސް އެވެސް މަންމަ އެއްތާއެވެ. އަންޝްއަކީ ޙަލީމާގެ ދިރިއުޅުމުގެ އެއްބައެވެ. ޔާން ނުކުމެގެން ދިޔައީ ޙަލީމާގެ ލޮލުން ކަރުނަ ދެކޭނެހައި ހިއްވަރު ޔާން ގައިގައި ނެތުމުންނެނެވެ.
ޙަލީމާއަށް ވެސް ރޮވުނެވެ. އެހެނަސް ކެތްތެރިވާން ޙަލީމާއަށް އެގެއެވެ. ކަރުނަ އެޅުން ހުއްޓާލާފައި ދުޢާ ކުރުމުގައި ޙަލީމާ ވަގުތުތައް ހޭދަކުރަމުންދިޔައިރު ޔާން ލޯންޗުގެ ޙަބަރު ލިބޭނެހެން ހީވާ ހުރިހާ އެންމެންނާއި ވާހަކަދައްކައި ވާނުވާ ޙަލީމާއަށް ޙަބަރު ދެމުންދިޔައެވެ.
ގަނޑިން 12 ޖަހައި ބޮޑުއެވެ. ކަޅުއަދިރިކަން ވަށާލާފައިވާ މާސިންގާ ކަނޑުތެރެއިން ލޯންޗު އަދިވެސް ދަނީ ކުރިއަށެވެ. ހަތިޔާރާއި އެކު ހަތަރު މީހުން ތިބުމުން އެންމެން ޖެހި ބުދުތަކެއް ހުއްޓިފައިތިއްބެވެ. އަންޝް ވެސް އިނީ އެކަހަލަ ގޮތަކަށެވެ. އެހެނަސް އެހެން އިދެވޭކަށެއް ނެތެވެ. ލޯންޗު މިދާގޮތަށްދާނަމަ ރަނގަޅު ތަނެއްގައި ބަނދަރު ނުކުރާނެކަން އަންޝްއަށް ޔަޤީނެވެ. ހަމަ ގައިމުވެސް މިހާރު އެ ލޯންޗު ރާއްޖޭގެ ކަޑިންމައިން ނުކުމެދާނެއެވެ. ބުއްދިވެރި ގޮތަކީ އެމީހުންގެ އަތްދަށުގައި ރަނގަޅަށް ތާށި ނުވަނީސް ސަލާމަތްވާނެ މަގު ހޯދުމެވެ. އަންޝް ބަލައިލީ ލޯންޗުގައި ތިބި ހަ ފިރިހެނުންނަށެވެ. ވަޅި ނޫން އިތުރު ހަތިޔާރެއް ހަތަރު ބިދޭސީން އަތަކު ނެތެވެ. ހަ ފިރިހެނުން އެކުގައި ތެދުވެ ހަމަލަ ދީފިއްޔާ އެ ހަތަރު ބިދޭސީން ބަލި ކުރެވިދާނެއެވެ. އެހެނަސް އެހެން ވެސް ހެދޭނީ އެންމެން އެއްބައި ކިޔައިގެން ތިބިނަމަ ތާއެވެ.
ހަދާނެ ގޮތަކާއި މެދު ވިސްނަމުންދިޔަ އަންޝްގެ ލޮލުގައި އަޅައިގަތީ ފައިދަށަށް ވެއްޓިފައި އޮތް ތަނާލްގެ ބޭގެވެ. ކާއެއްޗެހި ތަކުގެ ތެރެއިން ނުކުމެފައި އޮތް ތަނާލްގެ ޑައިރީ އެވެ. ފޮތުގެ ތެރޭގައި ގަލަމެއް އޮތެވެ. އަޑެއް ބަޑެއް އިއްވައި ނުލައި އަންޝް އެފޮތް ނަގައިފިއެވެ. ނައިލްއަށް ބަލައިލެވުނީ އަންޝްގެ މޫނަށެވެ. އަންޝް އެ ފޮތުން ގަނޑެއް ނައްޓާލައި ފަސް ބަޔަށް ވީދައިލީ އެ ހަތަރު ބިދޭސީންނަށް ބަލަމުންނެވެ. އަދި އެހާ ސިއްރުން ކޮންމެ ގަނޑެއްގައި ލިޔެ ގަނޑުކޮޅުތައް ވަކިވަކިން ބޮޑިކޮށްލައި ހަމަޖެހިލައިފިއެވެ. އަންޝް ކަމެއް ކުރިކަން އެއިން މީހަކަށް ރޭކާވެސް ނުލިއެވެ. ނައިލްއަށް އަންޝްގެ މޫނަށް ބަލައިލެވުނީ އެކުރި ކަމެއް ނުވިސްނިފައެވެ.
ކަންތައްތައް ހުރިނެތްގޮތް ބަލާލަން ބިދޭސީ ކޮމާންޑް ލޯންޗުތެރޭ ހިގާލާފައި އެނބުރި ކުރިއަށް ހިގައިގަތުމުން ފަސް އެބުރުގޮތަށް އެއް ގަނޑުކޮޅު އަންޝް ސަމާޙްއަށް އެއްލައިފިއެވެ. ސަމާޙުގެ ނިއްކުރީގައި ޖެހިފައި ގަނޑުކޮޅު ވެއްޓުނީ ސަމާޙުގެ އުގަށެވެ. ސަމާޙު އާއި ޒަހުނާއަށް ބަލައިލެވުނީ އެކުގައިއެވެ. އެހެނަސް އޭރު އަންޝް ކުރިމައްޗަށް އެނބުރި ނައިލް އަތުތެރެއަށް ގަނޑުކޮޅު ލަނީއެވެ. އަވަސް އަވަހަށް ނައިލް ގަނޑުކޮޅު މުށު ތެރޭ ފޮރުވައިފިއެވެ. އެމީހުންގެ ޕްލޭންއެއް އޮތްކަން ވިސްނުމާއި އެކު ސަމާޙް ވެސް އަވަސް އަވަހަށް ގަނޑުކޮޅު ނަގައި ފޮރުވައިފިއެވެ.
އެދެމީހުންނަށް ގަނޑުކޮޅު ދެވުނަސް އެހެން މީހުންނަށް ގަނޑުކޮޅު ދޭނެ ވަގުތެއް ނުލިބިފައި ވިއްސަކަށް މިނެޓް ހޭދަވެގެން ހިގައްޖެއެވެ. ރަނގަޅު ދަނޑިވަޅެއް ނުލިބުމުން ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އަންޝް ކުޑަ އިގިލި މައްޗަށް ނަގައިފިއެވެ. ބަލަންހުރި ޖެކްސަން އައިސް އަންޝް ގާތު ހުއްޓިއްޖެއެވެ. ޖެކްސަން އަތުގައި އޮތް ވަޅިއަށް ބަލައިލެވުނަސް ފާހާނާއަށް ދާން ބޭނުންވާ ވާހަކަ އަންޝް ބުނުމުން ޖެކްސަން ބަލައިލީ ކައިރީ ހުރި ޑެޑް އަށެވެ. ޑެޑް ބޯޖަހައިލުމުން ޖެކްސަން އަންޝް ކަރުހިފައި ގެންގޮސް ފާހާނާ ތެރެއަށް ގަޅުވައިލައިފިއެވެ. އަންޝްއަށް ވަރަށް ދަތުވިއެވެ. އެހެނަސް ވިސްނަން ނުހުރެ އިރުކޮޅެއް ކޮއްލާފައި އަންޝް ފާހާނައިން ނުކުމެއްޖެއެވެ. ޖެކްސަން މިފަހަރުވެސް ހިގައިގަތީ އަންޝް ޓީޝާޓްގެ ގިރުވާނުގައި ހިފައިގެންނެވެ. އަރައި ހަމަވާއިރަށް ޕާޓޭ ގުރޫޕްގެ ހައްލެ އުނގައް އަންޝް އެގަނޑުކޮޅު އެއްލައިފިއެވެ. އަންޝް ނައިލްއަށް ގަނޑުކޮޅު ދިންތަން ފެނިފައި އޮތުމުން އަވަސް އަވަހަށް ހައްލެ އެ ގަނޑުކޮޅު މުށުތެރެއަށް ލައިފިއެވެ. އެއީ ލޯންޗު ރާޅަކާއި ޖެހި ގަނޑިކަމުން ބަލާކަށް ނުހުރެ އަންޝް އިށީއިނީ އެންމެ ކައިރީގައި ހުރި ގޮނޑި މުބާގެ ކުރިމަތީގައެވެ. ޖެކްސަން ރުޅި އައިސް ރަތްވެފައި ބަލައިލުމުން އަންޝް އަވަސް އަވަހަށް އިސްޖަހައިލިއެވެ. ޖެކްސަން ހިގައިގަތީ ދުރަށެވެ. މުބާ އަތުގެ ތެރެއަށް ގަނޑުކޮޅުލާފައި އަންޝް ހަމަޖެހިލީ ނޭވައެއް ދޫކޮށްލަމުންނެވެ.
ވަގުތު ލިބުމުން ކޮންމެ މީހަކުވެސް ސިއްރުން ގަނޑުކޮޅު ކިޔައިލައެވެ. ” ސަލާމަތްވާން ބޭނުމިއްޔާ އަހަރުމެން ޖެހޭނީ މިހާރު އެންމެން އެކުގައި ތެދުވަން.. އެއީ ހަތަރު މީހުން. އަހަރުމެން ހަ މީހުން އުޅެފިއްޔާ ގަދަ ވެވިދާނެ.. އަހަންނާއި އެކު ހުރިއްޔާ އިޝާރާތެއް ކޮށްލާ.. އިސްވެ އަހަރެން ތެދުވާނަން..” ގަނޑުކޮޅު ކިޔާލާފައި ހައްލެ ގަނޑުކޮޅު ދިނީ ކައިރީގައި އިން މާސް އަތަށެވެ. އަދި އަންޝްއަށް އިޝާރާތް ދިނުމަށް ކަރު ކެހިލައިފިއެވެ. ގަނޑުކޮޅުގައި އޮތް ގޮތަށް އެންމެންވެސް ވެސް ބޭނުންވީ މި މުސީބާތުން ވީހާވެސް އަވަހަކަށް ސަލާމަތްވާށެވެ. ބިރުގަތަސް މުބާ ވެސް ބޯޖަހައިލިއެވެ. އަންޝް ނޫން ގޮތަކަށް ބަލައިލީ ސަމާޙްގެ މޫނަށެވެ. ބަލަން އިން ސަމާޙް ބޯޖަހައިލުމުން ދެން އަންޝް ބަލައިލީ ނައިލް އަށެވެ. ނައިލް ވެސް އިޝާރާތް ދިނީ އެގޮތަށެވެ. ގަނޑުކޮޅު ކިޔާލާފައި މާސް ވެސް ކަރުކެހިލައި އޭނަގެ އިޝާރާތްދީފިއެވެ.
ލޯންޗުގައި ކަމެއް ރޭވިގެން ހިގައްޖެކަމުގެ ޝައްކެއް ވެސް ވެފައި ނެތުމުން އެމީހުންތިބީ ޙަމަލާއަކަށް ރެޑީވެގެނެއް ނޫނެވެ. އިރުކޮޅަކު އިދެފައި އަންޝް ތެދުވަން ހިފައިލި ވަގުތު ލޯންޗު ދުއްވަން ހުރި މައިކް ލޯންޗުގެ ދުވެލި މަޑުކޮށްލައިފިއެވެ. އެންމެނާއި އެކު އަންޝްގެ ސަމާލުކަންވެސް ހުއްޓުނީ އެކަމަށެވެ. އޭރު ލޯންޗު އެތަނަށް މަޑުކުރުވައި މައިކް ލޯންޗުގެ އިންޖީނު ނިވާލަނީއެވެ. އޭރު ޕްލޭން ކާމިޔާބުވި ކަމުގެ ފުރިހަމަ ހެކި އެ ހަތަރު މީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ. ހައިރާންވެ އެކައްޗެއް ވެސް ނުވިސްނުނީ އަންޝްއަށެވެ. އެއީ މާ ސިންގާ ކަނޑުގެ މެދެވެ. ވަށައި ކަނު އަދިރިކަން ފިޔަވައި އެކައްޗެއްވެސް އެތާކު ނެތެވެ. އަންޝް ހައިރާންވިޔަސް އެކަކު އަނެކަކާއި އަތްޖަހާލާފައި މައިކް ނެގީ އަލިގަދަ ބައްތިއެކެވެ. އަދި ލޯންޗު ފަހަތުކޮޅަށް ގޮސް ދުރަށް އަލިކުރަން ފަށައިފިއެވެ. ފަސް އެބުރި އަންޝްއަށް ބަލައިލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. އޭރު ދުރު ދުރުން ހަމައެކަހަލަ އައްޔެއް ވެލައިފިއެވެ. މައިކްއަށް ވެސް އެ އަލި ފެނި ބައްތީގެ އަލި އެދިމާލަށް ސީދާކޮށްލައިފިއެވެ. އަންޝް ދިޔައީ ދެލޯބޮޑުވެގެންނެވެ…
މައިކްއަށް ވެސް އެ އަލި ފެނި ބައްތީގެ އަލި އެދިމާލަށް ސީދާކޮށްލައިފިއެވެ. އަންޝް ދިޔައީ ދެލޯބޮޑުވެގެންނެވެ..
އެއަށްނަނީ އެމީހުންނާއި ގުޅިގެންއުޅޭ އެހެން ބައެއް ކަން ޔަޤީނެވެ. އެންމެ ހިނދުކޮޅެއް ލަސްކޮށްލިޔަސް ކުށެއްނެތް އެންމެން އެމީހުންގެ ޝިކާރައަކަށް ވެގެންދާނެއެވެ. އެންމެންނަށް އިޝާރާތް ކޮށްލާފައި އަންޝް ތެދުވީ ކުއްލިއަކަށެވެ. ހަތަރު ބިދޭސީން އެކުގައި ބަލައިލިއިރު ދުވެފައިގޮސް އަންޝް މައިކް ގައިގައި ޖެހިގެންފިއެވެ. ހަމަލާއަކަށް ސަމާލުނުވެވި ހުރި މައިކް ހަޅޭލަވައިގަތް އިރު އޮތީ ކަނޑުތެރެއަށް ވެއްޓިފައެވެ. “މީނަ އެރިޔަ ނުދީ ހިފަހައްޓާ” ސަމާޙަށް އަންގާފައި އަންޝް ހުށިޔާރުވީ ހަޅޭލަވަމުން އަންޝް އާއި ދިމާލަށް ދުއްވައިގަތް ކޮމާންޑާއި ކުރިމަތިލާށެވެ. ވަޅި ހިފައިގެން ކޮމާންޑް ދުއްވައިގަތްތަން ފެނުމުން ތަނާލް އަދި ޒަހުނާ އަށްވެސް މޫނުގައި އެޅުނީ އަތެވެ. އެހެނަސް އަރައި ހަމަކުރާއިރަށް ނައިލް ކޮމާންޑުގެ އުނަގަނޑުގައި ބައްދައިފިއެވެ. ކަނޑައިލި ރުއްގުޅި އެއްހެން ދެ މީހުން ލޯންޗު ތެރެއަށް ޖެހުނުއިރު ހައްލެ އާއި މާސް ކޮމާންޑު ފަހަތުން އައި ޖެކްސަން ގަޔަށް އަރައިގެންފިއެވެ. މުބާ އަރައިގެންހުރި ފައިވާނުން ތަޅައިގަތީ ނައިލްއަށް ހަމަލަދޭން އުޅުނު ކޮމާންޑުގެ މޫނުމަތީގައެވެ. އޭރު ސަމާޙް މައިލް ލޯންޗަށް އެރިޔަ ނުދީ ހިފަހައްޓަމުންދިޔައެވެ. ހަމަކުއްލިއަކަށް މަންޒަރު ބަދަލު ވެގެންދިޔަ ގޮތުން ޑެޑް ގަތީ ބިރެވެ. އެއެއް މިއެއް ނުބަލައި ޖެކްސަންގައިގައި ތަޅަމުންދިޔަ ހައްލެ ބުރިކައްޓަށް ވަޅިޖަހަން ޑެޑް އަތްނެގިއިރު އަންޝް މައިކް އަތުން ދޫވި ވަޅި ނަގައިގެން އައިސް ޑެޑް އާއި އަރައި ހަމަކުރަނީއެވެ. ބަލާކަށް ނުހުރެ ޑެޑް ފުއްމައިލީ ކަނޑަށެވެ. އަދި އަމިއްލަ ސަލާމަތްކަން ހޯދައިފިއެވެ. “މިމީހުންނާއި ގުޅިގެން އުޅޭ އެހެންބަޔަކު ފަހަތުން އެބަ އާދޭ.. މީނަ ބޭރަށް އެއްލާލާ” އަންޝް ހުރީ އަވަސް އަރާފައެވެ. ލަސްނުކޮށް ހައްލެ އާއި މާސް ޖެކްސަން ނަގައި މޫދައް އެއްލައި ލައިފިއެވެ. ” ދެން މިކަލޭގެއަށް ކިހިނެތް ހަދަންވީ؟” ” ބަދެފަ ބާއްވާ.. މޫސަބެ މަރާލައިގެން ތިކަލޭގެ ތިއޮތީ” އަންޝްގެ ހަރަކާތްތައް އަވަހެވެ. ނައިލް މެން އަވަސްވެގަތީ ކޮމާންޑް ބަދެލާށެވެ. ތިން ލައިފް ޖެކެޓް ބޭރަށް އެއްލާލާފައި އަންޝް މައިކް އަތުތެރެއަށް ޖެހީ މައިކް އަތުން ދޫވެ ލޯންޗު ތެރެއަށް ވެއްޓުނު ބައްތިއެވެ. ” އެހީއަށް ދެން އެމީހުންގާތު އެދޭ” ބުނެފައި މުއްކަވާފައި އަންޝް މައިކް މޫނު މަތީ ޖަހައިފިއެވެ. ލޯންޗުން މައިކް އަތްދޫވިއެވެ. އަންޝް ދުވެފައިގޮސް ލޯންޗު ސްޓާޓްކޮށް އައިކޮޅަށް އަބުރާލައި ލޯންޗު ދުއްވާލައިފިއެވެ. ވީ އުފަލުން ހައްލެ އާއި މާސް އެކަކު އަނެކަކާ އޮޅުލައިގަތީ ފުންމައި ހަޅޭލަވަމުންނެވެ. މޫމިނާއަށް އެންމެ ފުރަތަމަ ވެސް ޖެހުނީ ސަޖިދައެކެވެ. އުފަލުން ރޮމުން ދުވެފައި އައިސް ތަނާލް އޮޅުލައިގަތީ ކޮމާންޑް ބަދެލާފައި ހިންދެމިލި ނައިލް ގައިގައެވެ. ޕާޓޭ އަންހެން ކުއްޖާ އިލާ ވެސް މާސްގެ ކޮނޑަށް އަރައިގެން އުޅެއެވެ.
ލޯންޗު ތެރޭ އުފާ ފާޅުކުރުން ފެށިގެންދިޔަސް ކަންތައް ވާންފެށީ އަންޝް ހީކުރި ގޮތަށެވެ. ފަހަތުން އައި ލޯންޗު އެ ލޯންޗުފަހަތު އަޅުވައިލައިފިއެވެ. އަވަސް އަވަހަށް އަންޝް ލޯންޗުގައި ދިއްލާފައިހުރި ލައިޓް ނިވާލައިފިއެވެ. ލޯންޗު ތެރެއަށް ވެރިގެން ދިޔައީ ކަނު އަދިރިކަމެވެ. މިނިވަންވިކަމުގެ އުފާ ފާޅުކުރުމުންދިޔަ އެންމެން ބަލައިލީ އަންޝްއަށެވެ. “އެ ލޯންޗު އެ އަންނަނީ އަހަރުމެން ފަހަތުން.. އެންމެން އިށީއިދެގެން ތިބޭ..” އަންޝްގެ އަޑު ބާރެވެ. އެ ލޯންޗުގެ އަލިކަން ފެންނަންހުރީ ކުރިން ފެންނަންހުރިލެއް ދުރަކުން ނޫނެވެ. އެމީހެއްގެ ގޮޑީގައި އެމީހަކު އިށީ އިންއިރު ދެންމެ އުފާފާޅުކުރި ހަދާންވެސް އެމީހުން ނެތުނުކަހަލައެވެ. ލައިޓް ނިވައިލުމުން ވެސް އެ ލޯންޗް ފަހަތަކުން ނުނެއްޓުނެވެ. އަންނަނީ ވެސް ފުދޭ ވަރަކަށް ބާރަށެވެ. ސްޕީޑް ބާރު ކުރަމުން އަންޝް ވެސް ދިޔައީ ހިއްވަރުކުރަމުންނެވެ. އެއްވެސް ހާލެއްގައި އެމީހުންގެ އަތްދަށުވާކަށް އަންޝް ބޭނުމެއް ނޫނެވެ. އެހެން ކަމުން ވިސްނުން ބޭނުންކޮށް އަންޝް ވައަތް ފަރާތަށް ލޯންޗު އަނބުރައިލައިފިއެވެ. އެ ލޯންޗު މިސްރާބު ބަދަލުކޮށްލިކަން އަދިރީގެ ތެރެއިން ނޭގިތިބެ ފަހަތުން އައި ލޯންޗު ދިޔަގޮތަށް ދިޔައީ ރާއްޖެއާއި ދިމާލަށެވެ. މާކަ ގިނައިރެއް ނުވެ ދެ ލޯންޗު ދެ ދިމާލަށް ގޮސް އެ ލޯންޗުގެ އަލި ފަޑުވަމުން ގޮސް އެ އަލި ގެއްލިއްޖެއެވެ.
އެ ސަރަހައްދާއި ދުރަށް ގަނޑިއެއްހާއިރު ދުއްވާފައި އަންޝް ލޯންޗު މަޑުކޮށްލައި އިންޖީން ނިވާލައިފިއެވެ. އިންޖީން ނިވާލުމުން މުޅި އެ ސަރަހައްދަށް ވެރިވެގެންދިޔައީ ކުއްލި ހިމޭން ކަމެކެވެ. ލައިޓް ދިއްލާ ލަމުން އަންޝް ބަލައިލީ އެމީހުންނަށެވެ. އެކަކު އަނެކަކުގައިގައި ތަތްވެގެން އެމީހުންތިބީ އަންޝްއަށް ބަލާށެވެ. ހާސްކަމާއި ބިރުވެރިކަން އެމީހުންގެ ދެ ލޮލުން ފެންނަން ހުއްޓެވެ. ” ކިހިނެތްވެފަ ތިތިބީ؟.. ލޯންޗު ހިގައްޖެ..” އަންޝް ބުނެލީ ކޮންމެވެސް ވަރަކަށް ހިނިއައިސްފައެވެ. އެހާބޮޑަށް އަންޝް ހުރީ ހިތްހަމަޖެހިފައެވެ. އެންމެންގެ މޫނު މައްޗަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. ” ސަކަރާތް ނުޖަހާ.. ކޮންތާކަށް އެ ލޯންޗުދިޔައީ؟” އެއްޗެއް ބުނެވޭވަރު ވީ ވެސް މާސް އަށެވެ. ” ލޯންޗު ފަހަތުން ނެއްޓުނުތާ ގަނޑިއެއްހާއިރު ވެދާނެ މިހާރު.. އަހަރެން ލޯންޗު އަނބުރާލިކަން އެމީހުންނަކަށް ނޭގެ.” “އެހެންތަ؟ އޭ ކަލޭ ގަދަ އިނގޭ..” މާސް ހޭންފެށީ ބޭރު ބަލައިގެން ވެސް ލޯންޗު ނުފެނުމުންނެވެ. އެހެން މީހުން ވެސް އޭރު ބޭރަށް ބޯދިއްކޮށްގެން އުޅެއެވެ. އެ ލޯންޗުގެ ހިލަމެއްވެސް އެތާކު ނެތެވެ. ތަނާލް ނައިލްއަށް ބަލައިލީ އުފަލުން ފުރިފައެވެ. އެނބުރި ރާއްޖެދިއުމަށް އިތުރު އެއްވެސް ހުރަހެއް ދެން ނެތެވެ. ނައިލް ތަނާލްގެ ލޯ ފުހެލަދިނީ ލޯބިންނެވެ. ” ލޯންޗު ދުއްވަން އެގޭ އިތުރު މީހަކު އެބަހުރިތަ؟” އަންޝްގެ ސުވާލުން ބޭރު ބެލުން ހުއްޓާލާފައި އެންމެން އަންޝްއަށް ސަމާލުކަން ދީފިއެވެ. ތަނާލް ގައިގައި ލައްކޮށްލަމުން ނައިލް ވެސް ބަލައިލީ އަންޝް އަށެވެ. “ކިހިނެތްވީ؟؟ އަނެއްކާ ކަލޭވެސް ހަކުރު ހުންނަނީތަ؟” “މާސް.. ޖޯކް ޖަހަންވެސް ވަކި ވަގުތެއް އޮންނާނެ..” އިލާ އަދިވެސް އިނީ ބިރުންނެވެ. އެކަހަލަ ވަގުތެއްގައި މާސް ސަކަރާތްޖަހަން އުޅުމުން އިލާ ވަރަށް ބޮޑަށް ހިންހަމަނުޖެހުނެވެ. ” އަހާ!! އޭގަ ކޮބާ މިހާރު މަ ޖޯކެއް ކިޔާފަ.. އެހާ ފިޓްކޮށް ހުރިއިރު އެހާ އަވަހަށް ވަރުބަލި ވުމުގެ ފަހަތުގައި ސިއްރެއް އޮންނާނެ..” ” އެކަމަކު އަދި އޭނެ ނުބުނޭދޯ ހަކުރު ހުރެއެކޭ އޭނަ ގައިގައި.. މިހުރިހާ ކަމެއް މިވަނީ މާސް އާއިހުރެ. ފުލައިޓްގައި ދެވެން އޮއްވައި ކީއްކުރަންތަ އަހަރެން ގޮވައިގެން މި ލޯންޗު ގަޑަށްއެރީ..” އިލާ ކުރިމަތިލީ މާސް އާއި އެވެ. އިލާ ރުޅިގަދަވުމުން މާސް ގާތަށް ވެސް އައީ ރުޅިއެވެ. ” ތީ ވަރަށް ހެއްވާ ވާހަކައެއް.. ފުލައިޓްގަ ދަނިކޮށް ބަޔަކު ފުލައިޓް ހައިޖެކް ކުރިނަމަޔޯ؟؟ އޭރުން ބުނާނެ ލޯންޗުގައި ދެވެން އޮއްވައި ކީއްކުރަންހޯ މި ފުލައިޓް ގަޑަށް އެރީ.” ” މާސް އާއި ޒުވާބު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން ބޭނުމީ މާލެ ދާން.. އަހަރެން ނުފެނިގެން ބައްޕަ ވީ ހާލެއްވެސް މިހާރު ނޭގޭ؟؟” “އާ!! އެހެންޏާ އިލާ އެކަނިވިއްކާ ބައްޕައެއް ލިބިފަހުރީ.. ދެން މިތިބީ ހައްތަހާ ބަފަޔަކާއި ނުލައި އުފަންވެފައިތިބި މީހުން..” އައި ރުޅިން އެއްޗެހި ކިޔަމުން ގޮސް މާސް އިށީ އިނީ ދައިތަ ކުރިމަތީ ހުރި ހުސް ގޮނޑީގައެވެ. ” އަހަރެން ބޭނުމީ މާލެ ދާން” މާސް އެގޮތަށް ބަވައިލުމުން އިލާ ރޯންފެށީ މޫނުގައި ދެއަތް އަޅާފައެވެ. އެހާ ހިތްދަތިވެފައި އިލާ ރޯންފެށުމުން ތަނާލް އަދި ޒަހުނާއަށް އަނިއްކާވެސް ރޮވިއްޖެއެވެ. ” ރުއިމަކީ ހައްލެއް ނޫން؟” އެމީހުންގެ އަތްދަށުން ވެސް ﷲ ގެ އިރާދަފުޅުން އަހަރުމެން މިވަނީ ސަލާމަތްވެފައި.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަށަށް ވެސް ދެވޭނެ.. ލޯންޗު މި މަޑުކުރީ އަހަރެންމީ ލޯންޗު ދުއްވީ މީހެއް ނޫން މީގެ ކުރިން.. ފަރެއް ކަހަލަ ތަނަކަށް ދެންމެ ދިމާވި ނަމަ މިހާރު މި ލޯންޗު އޮންނާނީ ކުދި ކުދި ވެފައި..” “ސަމާޙްއަށް އެގޭނެ ލޯންޗު ދުއްވަން..” ޒަހުނާ ބަލައިލީ ސަމާޙް އަށެވެ.. ” ނޫނޭ އެއީ މާ ކުރީގެ ކަމެއް.. ކުޑަ ކުޑަ ޑިންގީ ގަޑެއް ކަހަލަ ލޯންޗެއް އެއީ.. އަނިއްހެން ނޭގޭނެ މަށަކަށް.. އެގުނަސް މިކަނު އަދިރީގައި މަށަށް ލާހިކެއްނޫން ދުއްވާކަށް..” ” އަހަރުމެން މިތިބީ ކިހާހިސާބަކު ބާ؟؟ ސަމާޙްގެ ވާހަކަ ނިމުމުން އަހައިލެވުނީ ނައިލްއަށެވެ. ” ދެ ގަޑިއެއްހާއިރު ދުއްވައިގެން އަހަރުމެންނަށް ރާއްޖޭގެ ކަނޑަށް ވަދެވޭވަރުވާނެ.. ދެން ދާންޖެހޭނެ މަގު ޖީޕީއެސް އިން ފެންނަން އެއޮތީ..” ” ތިހެން ވިއްޔާ ކޮންމަކާއި ބިރުން މި އަންހެނާ މިރޮނީ؟؟” މާސް އަތްދިއްކޮށްލީ އިލާ އަށެވެ. އިލާ މާސްއަށް ބަލައިލީ ރުޅި އައިސް ރަތްވެފައެވެ. “ރޮނީ ކާކުކަން މާލެ ގޮސް މާސްއަށް ދައްކާލާނަން..” ” އާ!! ނުވެގެން އުޅޭ ކަންތަކުގެ ވާހަކަ އަދި ކިރިޔާ ތި ބުނެވުނީ.. އައްމަޑޭ ފެނުނު ފަހުން ކަމަނާގެ ހާލަކީ ތިއީ.. މަގޭ ކުށެއް ނުފެނިފަ ތިހުންނަނީ..” މާސް އަށް ކޮންޓްރޯލުން ނެއްޓުމުން ހައްލެ ގާތަށް އައީ ނުލަފާ ހިންޏެވެ. އެހެނަސް އިލާ އާއި މާސްގެ ޒުވާބު އެހާ ހިސާބުން ހޫނުވެ ލޯންޗު ތެރޭގައި އަޑުގަދަކޮށްލައިފިއެވެ. ޖެހިފައިވާ ހާލު ހަދާންނެތި މުޅިން އެހެން ކަމަކާއި އެ ދެމީހުން އެހާ ހޫނު ޒުވާބެއް ފެށުމުން އަގަނަގައިގެން ބަލަން އެންމެން ތިއްބެވެ. ކޮޅަށްހުރި އަންޝް ވެސް ހުރީ ބަސްހުސްވެފައި އެދެމީހުންނަށް ބަލާށެވެ.
އާ ފަތިހަކަށް ފެށިގެން އައިރު މީޑިއާތަކުގެ ޒަރިއްޔާއިން މުޅި ރާއްޖެއަށް އޮތީ ލޯންޗު ގެއްލުނު ޙަބަރު ފެތުރިފައެވެ. ލޯންޗު ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ކުރަމުންދިޔައީ އެ ލޯންޗު ރާއްޖެއިން ބޭރު އޮވެދާނެ ކަމުގެ ހިޔާލެއް ވެސް ނެތިއެވެ. މާލެ އަންނަން އެ ލޯންޗުގައި ޒަހުނާ ފުރައިގެން އުޅޭކަން ޒަހުނާގެ މަންމައަށް އެގުނީ ސަމާޙް ބައްޕަ ގުޅާފައި ޙަބަރު ދިނުމުންނެވެ. ވިހަން ގާތްވެފައިވާ އެމީހުންގެ ދަރިފުޅު ގެއްލުމުން ލުތުފާގެ ހޭބުއްދި ފިލައި ނުދިޔައީ ކިރިޔާއެވެ. އިލާ ބައްޕަ އާމިރުގެ ހާލު މާ ދެރައެވެ. މަންމަ އަކާއި ނުލައި ބަލައި ބޮޑުކުރި ހުރި ހަމައެކަނި ދަރިފުޅު ގެއްލުންވީ އާމިރަށް ކެތްކުރަން ދަތި އިމްތިހާނަކަށެވެ. ކުރިން ވެސް ހާޓްއެޓޭކެއް ޖެހިފައިވާ އާމިރަކީ ހަކުރު ބަލި ވެސް ހުންނަމީހެކެވެ. އާމިރު އެންމެ ފުރަތަމަ ވެސް ގެންދަންޖެހުނީ ހޮސްޕިޓަލަށެވެ.
ހޫނު ޒުވާބަކަށްފަހު މާސް އާއި އިލާ ދެ ފަރާތަށް މޫނު އަބުރައިގެންތިއްބެވެ. ފިނި ފަތިހަކަށްފަހު ދުނިޔެމަތި އަލިވަމުންދިޔަ އެވެ. މާސިންގާ ކަނޑުތެރެއިން ދުރު ދުރުން ވެސް ހިކިފަސްތަނެއްގެ ހިލަމެއް ނުވެއެވެ. “މިހާ ހިސާބަށް ރޭންޖެއް ނުލިބޭ..” މައިކް މެން އަތުލި ފޯންތައް އަތުގައި ޖެހުމުން އެމީހެއްގެ ފޯނެއް ހިފައިގެން އެމީހަކު އުޅެއެވެ. އެއްވެސް ކަހަލަ ބިރެއް ނެތި އެންމެންވެސް މިހާރުތިބީ ހަމަޖެހިފައެވެ. ވަގުތު ލިބުމުން ތަނާލް މަސައްކަތް ކުރީ ބަނޑުފުރައި ކެވޭތޯއެވެ. ތަޅައިލި ތަޅައިލީނުން މިހާއިރު އެބުރުން އަރައިފައި އިން ކޮމާންޑް ވެސް މިހާރު އިނީ ލޯ ހުޅުވައިގެންނެވެ. ” ކޮބާ.. ލޯންޗު ނައްޓާލަންވީދޯ؟” ފާހާނާ އަށް ވަދެލާފައި ސަމާޙް ނުކުމެއްޖެއެވެ. ” އޭގެ ކުރިން އަހަރުމެން ކުރަންޖެހޭ އެހެން ކަމެއް އެބައޮތް..” ޒަހުނާ ކޮޅަށް ތެދުވީ ހީލާފައެވެ. ވަރި ކުރިފަހުން ޒަހުނާ ހީލާފައި އަގައިން އެބުނީ އަދިކިރިޔާއެވެ. ސަމާޙް ވަރަށް ބޮޑަށް ހިންހަމަޖެހުނެވެ. “އެ ކޮންކަމެއް؟” މާސް އަހައިލީ ނުވިސްނިފައެވެ. ” ކޮންއިރަކުން އަހަރުމެން އެކަކު އަނެކަކަށް ތައާރަފްވަނީ؟ މިހަކަލަ ދަތުރަކަށްފަހު ރަށަށް ގޮސް އަހަރުމެން އަކަކު އަނެކަކު ހަދާން ނައްތާލަންވީތަ؟ އަހަންނަށް ކިޔަނީ ޒަހުނާ” ޒަހުނާ ތަޢާރަފް ވެލުމުން ކޭކެއް ހިފައިގެން އިން ތަނާލް އަތް ނަގައިފިއެވެ. “އަހަނަށް ކިޔަނީ ތަނާލް.. ލޯބިން އެންމެންވެސް އަހަންނަށް ކިޔަނީ ތަނޫ.. އަހަރެންގެ ފެމެލީގައި އަހަރެން އެކަނި އަންހެންކުއްޖަކަށް ހުންނަނީ..” ” އާރ! އެކަމަކު ތިހާ ތުއި ދެއްކެންޖެހޭތަ ތިހެން ބުނަން” ތަނާލް އުޅުނުގޮތުން ހައްލެއަށް އެއްޗެއް ނުބުނެ ނީދެވުނެވެ. މާސް ޖަހައިލީ ހިނިގަޑެކެވެ. ތަނާލް ދިޔައީ އޮފް ވެގެންނެވެ. ” ކުދިންނޭ އަލިވެސް މިހިރަވަނީ.. ރަށެއް ފެނޭތޯ ބަލާބަލަ މަޖާކުރަން ނޫޅެ.. ކޮންމެ ހާލެއްގައި ތިއްބަސް މިހާރު މިއުޅޭ ކުދިން ނޯވެ މައިތިރި ވާގޮތެއް.. ބިރުވެސް ނުގަންނަނީތަ ތިކުދިން؟؟ ” ދައިތަގެ އަޑުގައި އަދިވެސް ވީ ހާސްކަމާއި ކަންބޮޑު ވުމުގެ ކުލަވަރެވެ. ” ދައިތާ!! މުސީބާތުގެ ގަޑީގައި ރޮއެގެން ހިއްވަރުއެލި ގޮތް ހުސްވުން ނޫންކަމެއް ނުވާނެކަން އަހަރެމެން ދެންމެ ތަޖުރިބާކޮށްފަމިއައީ.. ދުވަސް ފެށިގެން މިދިޔައީ ހަމަ އެންމެ ރަނގަޅަށް..” ” ތިކުދިން މިހާ އަވަހަށް ހަދާން ނެތުނީތަ އެ ކުއްޖާ ކަރުބުރި ކޮށްލާފައި އެއްލާލިކަން؟” އަންޝް ވިސްނަދޭން ފެށުމުން ދައިތަ ފެށީ ރޯށެވެ. އެވާހަކަ ނުދެއްކިޔަސް އެއީ އެމީހުން ދުވަހަކުވެސް ނެތޭނެ ހަދާނެއް ނޫނެވެ. މޫސަގެ ވާހަކަ ފެށުމުން އެންމެންގެ ލޮލުން އަނިއްކާވެސް އައީ ކަރުނައެވެ. ” އަހަންނަށް ހީވަނީ މޫސަބެގެ ވާހަކަ އަހަރުން ނުދައްކަންވީހެން.. މިވަގުތު އަހަރުންނަށް މުހިންމީ ވީހާވެސް އަވަހަކަށް އެބުރި ރާއްޖެ ދިއުން. ދެން އެކަކު އަނެކަކަށް ތައާރަފް ވުމަކީ ވެސް މުޙިންމު ކަމެއް.. އަހަންނަށް ކިޔަނީ ނައިލް.. އަހަންނަކީ ޓީޗަރެއް” “މަށަށް ކިޔަނީ ހައްލެ.. ބައްޕަ ދިނީމަ ކައިގެން ނުދިނީމަ ވައްކަން ކޮށްގެން އުޅެނީ.. ދެން މީ އަހަރެން ކަޒިންނެއް” ހައްލެ އިޝާރާތްކޮށްލީ އިލާ އަށެވެ. ” ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟” ދެކަކޫ ޖަހައި ގޮނޑިމައްޗަށް އަރަމުން ތަނާލް އަންޝްއަށް ބަލައިލީ ވަރަށް ލޯބިންނެވެ…
7 Comments
Comments are closed.
Salhi
Wow..hyvs nukuraa kahala gothakah Evy..varah habeys
Varah salhi
Nice
aahhchaaaa. <3 already in luv with this
vrh vrh salhi…waiting for the next part…
new gothakah story.. vaahaka v reethi