ދުނިޔޭގެ ބަދަލެއް ނާންނަ ޤާނޫނުގެ މަތިން މިއަދު ވެސް ރޭގަނޑަކަށް އިރުއޮއްސި އަނދިރި ސާލެއް ދުނިޔެ ވަކި ހިއްޕާލައިފިއެވެ. އާދައިގެ ދިރިއުޅުމެއްގައި އަވަދިނެތި އެއްބަޔަކު ދިރިއުޅެމުންދިޔަ ނަމަވެސް އެއް ބަޔަކަށް މިރޭވެސް ވީ ހިތާމައިން ފުރިގެންވާ ރެއަކަށެވެ. އެއިން އެކަކީ 25 އަހަރުގެ ޒަހުނާއެވެ. މީގެ ހަތަރު އަހަރު ކުރިން މައިން ބަފައިންގެ ނުޤަބޫލުގައި ކުރި ކައިވެނީގެ ގޮއް މިރޭ މޮހެވިގެންދިޔައީއެވެ. ސަމާޙު އާއި އެކު އުޅޭވޭތޯ ކުރި ހުރިހާ މަސައްކަތެއް އޮޔަށް ވަޔަށް ބުރައިގެންދިޔައީއެވެ. ވަރިކޮށް އެއްލާލިއިރު އެ ދެމީހުންގެ ލޯބީގެ ނިޝާން ކުޑަ ކުޑަ އަނޫ އާއި މެދުވެސް ސަމާޙު ވިސްނާނުލިއެވެ. އަނޫ އާއި މެދު ވިސްނާލާނީ އެހެން ހަދާލިއިރު ޒަހުނާގެ އަށްމަހުގެ ބަނޑު ސަމާޙަށް ފެނުނު ނަމަތާއެވެ.

ހުއްޓުމެއްނެތި ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެމުން ޒަހުނާ ތައްޔާރުވަމުންދިޔައީ މާލެ ދިއުމަށެވެ. އޭރު ހިޔާލެއް ފިކުރެއްނެތި 2 އަހަރުގެ އަނޫ އޮތީ ނިދާލާފައެވެ. އެ ލޯބި ލޯބި ދަރިފުޅުވެސް ސަމާޙު ޒަހުނާއަށް ނުދިނެވެ. މިހާ ނިކަމެތި ގޮތަކަށް އެނބުރި ދާންޖެހިދާނެ ކަމަށް ޒަހުނާ ހީވެސް ނުކުރެއެވެ. އެނބުރި ދާންޖެހުމުން ލަދުވެސް ގަނެއެވެ. އެހެނަސް އެގޭގައި އެންމެ ހިނދުކޮޅަކުވެސް ޒަހުނާ ބަހައްޓަން ސަމާޙުގެ މަންމަ ލުބުނާ ބޭނުމެއް ނޫނެވެ. ސަމާޙު ހަދަނީ ލުބުނާ ބުނިގޮތެކެވެ. ލުބުނާ އެދުނު ގޮތަށް މާދަމާ ސަމާޙު ޒަހުނާ ގެންގޮސް ޒަހުނާގެ މައިންބަފައިންގެ ބޮލަށްޖަހާނެއެވެ. މުޅިރޭ އެ ހިތާމައިގައި ޒަހުނާ ހޭދަކުރިމުންދިޔަ ނަމަވެސް މިރެއަކީ ތަނާލްގެ ހަޔާތަށް އައި އެންމެ އުފާވެރި އެއް ރެއެވެ.

އުމުރުން 19 އަހަރުފުރި 20 އަހަރާއި ގާތްކުރަމުންދިޔަ ތަނާލަކީ ފާއިޒާ އާއި ޝިފާޢުގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަނގު ކުއްޖާއެވެ. މުޅި އާއިލާގައިވެސް ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އެންމެ އަންހެންކުއްޖަކަށް ވުމުން ތަނާލްއަކީ އެ އާއިލާގެ ފުރާނައެވެ. އެ ގޭގެ ތުއްތު ބަބާއެވެ. ޅަކުރާވަރުން ބޮޑުވެ 20 އަހަރާއި ގާތްވި އިރުވެސް ތުއިވެ ޅަވެފައި ނޫންގޮތަކަށް ތަނާލްގެ ދުލުން ބަހެއް ބޭރެއް ނުވެއެވެ. ބުނި ވަގުތަކު ބުނިއެއްޗެއް ހޯދަދޭން ތިން ބޭބެ 24 ގަނޑިއިރު ތިބެނީ އަތުކުރި އޮޅައިލައިގެންނެވެ. ނަތީޖާއަކަށްވީ ރީތި ސިފަތަކެއް ލިބިފައިވީނަމަވެސް ތަނާލް ފަލަ ކުއްޖަކަށްވުމެވެ…

ނަތީޖާއަކަށްވީ ރީތި ސިފަތަކެއް ލިބިފައިވާއިރުވެސް ތަނާލް ފަލަކުއްޖަކަށް ވުމެވެ. ފިރިހެން ކުދިންނަށް ކަމުނުދާ އެ ސިފަ ތަނާލުގެ ރީތި ކަމުގެ ފަރުދާ އެޅުމެވެ. ތަނާލް އަށް އެއީ މައްސަލައެއް ނޫނެވެ. ގޭތެރޭގައި އުޅޭއިރު ތަނާލް ފެންނަންޏާ ތަނާލްގެ އަތުން ކާނެއެއްޗެއް ފެންނާނެއެވެ. އެކަމާއިމެދު ތަނާލް ކަންބޮޑުވެ، ހިންމޮޅިވީ އެންމެ ފަހުން ކިރާލި ދުވަހު ފަސްދޮޅަސް އަށް ކިލޯ ތަނާލްގެ ގައިގައި ހުރުމުންނެވެ. ދެރެވެގެން އެ ދުވަހު ތަނާލް ހުރީ ނުކައެވެ. ކުޑަ ދޮންބެ އަޤީލް އާއި އެކު އެރޭ ދުވަން ވެސް ދިޔައެވެ. އެހެނަސް އެއީ ހަމައެކަނި އެދުވަހާއި އެރޭގެ ސަކަރާތް ގަނޑެކެވެ. ޖެހިގެން އައި ދުވަހު އަށްރޮށި މޮނޑެލައިގެން ތަނާލް މޭޒުދޮށުގައި ޖައްސައިލި ގޮތުންވެސް އެންމެން ޖެހުނީ ހޭށެވެ.

އޭލެވެލް ނިންމާފައި އަދިވެސް ކިޔަވަން ތަނާލް ބޭނުންވާތީ ގޭގެ އެންމެންނަށް ވެސް ފެނުނީ މެލޭޝިއާ އަށް ތަނާލް، ތިއްތިބެ އަފުރާޙް ކައިރިއަށް ފޮނުވާލައިށެވެ. ކައިވެނި ކޮށްގެން އަފުރާޙް ދިރިއުޅުން އެކީ މެލޭޝިއާ އަށް ބަދަލުކޮށްލި ފަހުން އަދި ތަނާލް އަށް އަފްރާޙް ނުފެނެއެވެ. ތިއްތިބެ ދެކިލާ ހިތުން ކެއްމަދުވެފައިވާ ތަނާލްއަށް ލިބުނު ރަނުގެ ފުރުސަތު ތަނާލް ވެސް ދޫކޮށެއް ނުލިއެވެ. އެ ދަތުރު ލަސްކުރަންވެސް ތަނާލް ނެހެދިއެވެ. މާދަމާ ފެރީ ލޯންޗުގައި މާލެ ދިއުމަށް ތަނާލް ތައްޔާރުވަމުންދިޔައީ މެލޭޝިއާއަށް ދާހިތުން ކެތްމަދުވެފައިހުރެއެވެ.

ޒަމާންވީ ރަޙުމަތްތެރިންނާއި އެކު މަޖާ ބާބަކިޔޫ އެއް ނިންމާލާފައި ގެއަށް އާދެވުނުއިރު ތަނާލް ހުރީ ސަކާރަތް ޖަހާލިވަރުން ވަރުބަލިވެފައެވެ. އެހެނަސް މިރޭ ތަނާލްގެ ލޮލަށް ނިންޖެއް ނައެވެ. ތަނާލްގެ ޙިޔާލާއި ފިކުރުތަމުގައި ވަނީ މާދަމާގެ ދަތުރެވެ. އަލަށް ރާއްޖެއިން ބޭރަށް ދެވެން އުޅޭތީ ތަނާލް ވަނީ ހިތް އަވަސް ވެފައިއެވެ. ދެ ގަނޑި އެއްހާއިރު ނުނިދި އެނދުގައި ފުރޮޅި ފުރޮޅި ތަނާލް އޮތެވެ. މަޑުމަޑުން ނިދިއައިސް ތަނާލްގެ ލޮލަށް ވެރިވެ ތަނާލްއަށް ނިދިއްޖެއެވެ. ކޮންމެ ރެއަކު ރީތި ހުވަފެންތަކުގެ ތެރޭގައި ރަނި ކަން ކުރާ ތަނާލް މިރޭ ވެސް ހުވަފެނީ އާލަމަށް ގެބިގެން ހިގައްޖެއެވެ. ފެންނަންފެށީ ލޯންޗެވެ. ރާޅެއްގެ ހިލަމެއްވެސް ނުވާ ކަނޑު ތެރޭގައި ލޯންޗު ދުއްވާލާފައި ދިޔައީ ލޮނުގައި ވެސް ނުޖެހޭ ހޭ ބާރު ސްޕީޑެއްގައެވެ. ފަށުވި ދިގު އިސްތަށިގަނޑު ދޫކޮށްލައިގެން ތަނާލް އިނީ ކުޑަދޮރުން ބޭރުބަލާށެވެ. ތަނާލްއަށް މަޑުން ނީދެވޭތީ ދޮންމެ ނައިލް އިނީ ތަނާލް އަތުގައި ހިފަހައްޓައިގެންނެވެ.

މަންޒަރު ބަދަލުވެގެންދިޔައީ ކުއްލިއަކަށެވެ. ވީ ކީއްކަންވެސް ނޭގި މުޅި ދުނިޔެ ވަށައި ކަޅު ވިލާ ތަކުން ބައްދާލައިފިއެވެ. ބިރުން ކޮޅު ކޮޅަށް ދުވެ މީހުންތައް ރޯން ފަށައިފިއެވެ. ކަނޑުގެ ބިޔަ ރާޅުތައް މިނިކާ ޖަނަވާރެއް ފަދައިން ލޯންޗަށް އަރައިގަންނަން މަސައްކަތް ކުރަމުންދަނިކޮށް މީނުވީ އެއް ނޭނގި ލޯންޗުގައި އަލިފާން ހިފައިފިއެވެ. ސަލާމާތްވާން ތަނާލް ވެސް ލޯންޗު ތެރޭގައި އެނބުރުނެވެ. އެހެނަސް ގައިގައި ރޯވެއްޖެއެވެ. ބިރުވެރި ހަޅޭ ކަކާއި އެކު ތަނާލް ކޮޅަށްޖެހުނީ ގައި ފޮޅަމުންނެވެ. ތަނާލް މާލެ ގެންދަން ތައްޔާރުކުރި ދަޅުތައް ބަންދު ކުރަން ހުރި ނައިލް އަންހެނުން އިރުޝާ ދިޔައީ ސިއްސައިގެންނެވެ. ސައި މޭޒު ދޮށުގައި ތިބި އަޤީލް އާއި ޝާފިޢުގެ ނަޒަރު ހުއްޓުނީ ތަނާލް ކޮޓަރީގެ ދޮރަށެވެ. “ތަނޫ” އެންމެން އެކުގައި ގޮސް އެ ކޮޓަރިއަށް ވަތް އިރު ބޮލުގައި ދެއަތް އަޅައިގެން ތަނާލް ހުއްޓެވެ. “ތަނޫ ކިހިނެއްވީ؟” ގޯތި ތެރޭގައި ކުނިކަހަން އޮތް ފާއިޒާ ވެސް ދުވެފައި އައިސް ވަނީ އެ ކޮޓަރިއަށެވެ.

“ދެން ބުނެބަލަ. ކޯއްޗެއްތަ ހުވަފެނުގައި ފެނުނީ؟” އަންޝް ހޭލި ފަހުން ޔާން އެ ސުވާލު އެކުރީ ތިން ވަނަ ފަހަރު އެވެ. ޙަލީމާ އާއި މަލުން އަންޝްގެ މޫނަށް ހިނި އައިސްފައި ބަލާލިއަސް، އަންޝް ޔާންގެ މޫނަށް ބަލާލީ ރުޅި އަންނަ ގޮތް ވެފައިއެވެ. “ދޮންބެ ހަޅޭލަވައިގަތް އަޑު އިވުނީމަ މިހެން މި އެހެނީ. އެކަމަކު ބުނަން ބޭނުން ނޫނިއްޔާ އަޅާނުލާ” ޔާން އަވަސް އަވަހަށް ސައިތަށި ބޯލައިގެން ހިގައްޖެއެވެ. އަންޝް ރޮށިކޮޅު އަގަޔަށްލީ ދެފަރާތަށް ބޯ ހޫރައިލަމުންނެވެ. މާލޭގައި އުޅެ ބޮޑުވި އަންޝް އަށް ސައުވީސް އަހަރެވެ. އިންސްޕެކްޓަރ އަންޝް އަޙުމަދަކީ ޤައުމަށް ޙިދުމަތް ކުރަން އަތުކުރި އޮޅާލައިގެން ހުރި ހިއްވަރުގަދަ ޒުވާނެކެވެ. އެ އާއިލާގެ ބައްޕަ ނިޔާވިތާ މިވީ ބާރަ އަހަރު ތެރޭ އަންޝް ޙަލީމާގެ ހުރިހާ އުއްމީދުތަކެއް ފުރިހަމަކޮށްފިއެވެ. ޙަލީމާ އެންމެ އުފާވަނީ ބޮޑުވަމުން އަންނަ ވަރަކަށް ޔާން ވެސް އަންޝްގެ ފިޔަވަޅު މަތިން ހިނގާތަން ފެނުމުންނެވެ. ދެން ހުރީ ފަނަރަ އަހަރުގެ މަލުން ނެވެ. ސޮފޫރު ދުނިޔޭގައި ނެތަސް އެއީ ތަނަވަސް އާއިލާއެކެވެ. ޙަލީމާ އާއި އަންޝްގެ ހިއްވަރުން އަދިވެސް އެމީހުން ދަނީ ކުރިއަށެވެ.

ފުރުން އޮތީ ނުވައެއް ޖަހާއިރު ކަމުން ގަނޑިން 08:30 ވީއިރު ތަނާލް މެން ބަނދަރަށް ހިގައްޖެއެވެ. ޒަހުނާ އަނޫ އުރައިލައިގެން ބަނދަރު މަތީގައި ހުއްޓެވެ. ދެ ބިދޭސީ އެއްގެ އިތުރުން ޕާޓޭ ވައްތަރުގެ ދެ ޒުވާނަކާއި އަންހެން ކުއްޖަކު މާލެ ދިއުމަށް އައިސް ލޯންޗުގައި ތިއްބެވެ. ދުވަސްވީ މުސްކުޅި އަންހެނަކު ގޮވައިގެން ހަރުފުރާގެ އަންހެނަކު ލޯންޗަށް އެރީ ތަނާލްމެން ބަނދަރުމަތީގައި ތިއްބައެވެ. ” ތަނޫ. މަންމަ އަކަށް ނުފެނޭ މިދަތުރުގައި ތަނޫ މާލެ ދާކަށް” ތަނާލު ދާންއުޅޭތީ ކުރިންވެސް ފާއިޒާ ހުރީ ދެރަވެފައެވެ. ފެނުނު ހުވަފެން ކިޔައިދިނުމުން މިހާރު ފާއިޒާ ހުރީ ކަންބޮޑުވެފައެވެ. އެހެނަސް އެ ގޭތެރޭގައި އެ ހުވަފެން ހަދާންހުރި މީހަކުވެސް މިހާރު ފާއިޒާ ނޫނީ ނެތެވެ. “ބަލަ އަންހެން ކުއްޖެއް އެއީ. އަބަދު އުގަށްލައިގެން ފާއިޒާއަކަށް ނީދެވޭނެ. މާދަމާ ނޫންކަމެއް ނޭގޭ ކުއްޖަކު ގޮވައިގެން އައިސް ބައްޕާ ވަލީ ދޭށޭ ބުނާނީ.” ” ދެން ބައްޕާ، އަހަރެން ނޫޅެން އެކަހަލަ ކަންތައް ކުރާކަށް.” ލަދުން ތަނާލު ހަލާކުވާވަރު ވިޔަސް އެންމެން އެކުގައި ފެށީ ހޭށެވެ. ފާއިޒާ ގާތަށް ވެސް އައީ ހިންޏެވެ. ފާއިޒާ ތަނާލްގެ ބޮލުގައި ފިރުމާލީ ލޯބިން ފުރިފައެވެ. “މަންމަ ދޫކޮށްލާފައި ތަނޫ އަކަށް ނުދެވޭނެ. ތަނޫ އާއި ކައިވެނި ކުރާ ކުއްޖަކު ޖެހޭނީ ތަނޫ އާއި އެކު ތަނޫގެ ގެއަށް ބަދަލުވާން”

” ތަނޫ..” ފަހަތުން ގޮވައިލުމުން އެންމެވެސް ބަލައިލީ އެ ދިމާލަށެވެ. ބައިސްކަލެއްގައި އައިސް މަޑުކޮށްލި ތަނާލް ބެސްޓްފުރެންޑް މަރީ ފެނުމުން ދުވެފައި ގޮސް ތަނާލް މަރީ ކައިރީ ހުއްޓިއްޖެއެވެ. “ކޮބާ؟” “އެބަ އާދޭ” ތަނޫ ރޭ ބައްދަލު ކުރަން ނުދިޔައީމަ މުބާ ހުރީ ހިންހަމަނުޖެހިފަ. ކީއްވެތަ ނުދިޔައީ؟” ” އަހަންނަކަށް ނުކެރުނޭ” ތަނާލް ބުނީ ދެރަވެލާފައެވެ. ” ދެން ކީއްވެ މުބާ އާއި ރައްޓެހިވީ؟ ތިހެން ހެދީމަ ކިހާ ދެރަވާނެ އޭނަ. ނަސީބެއްނު މާލެ ދާ ހިޔާލު މުބާ ކުރިކަން. އެއް ފަހަރު ބައްދަލުކޮށްލެވުނީމަވެސް ތަނޫ އަށް އެގޭނެ މުބާ ލޯބިވާވަރު ތަނޫ ދެކެ. މާލެ ގޮސްއަ…..” މަރީގެ ވާހަކަ ހުއްޓިއްޖެއެވެ. ތުންކޮޅު ދަމައިގެން ހުރި ތަނާލް އަށް ބަލައި ލެވުނީ މަރީގެ މޫނަށެވެ. ކަޅި ވެސް ޖަހާލަން ނޭގިފައި މަރީ ބަލަންހުރީ އައިސް ތަންކޮޅެއް ދުރުގައި މަޑުކޮށްލި ސައިކަލްގައި އިން އަންޝް އަށެވެ. އެގޮތަށް މަރީ ދެލޯ ބޮޑު ވާނީ އާ ބިޓެއް ފެނިގެންނެވެ. ތަނާލްގެ ތުންފަތް މައްޗަށް ވެރިވެގެންދިޔައީ ލާނެއް ހިނިތުން ވުމެކެވެ. ފަސް އެބުރި ތަނާލްއަށް ވެސް ބަލައި ލެވުނީ އެދިމާލަށެވެ. …ނުނިމޭ……