އަނދިރިފަރާތް (6 ވަނަ ބައި)
“އެބައޮތްތަ ކަޅު ގަލަމެއް؟ އަހަރެން ހަނދާނެއް ނެތް މިޔަދު ގެންނާކަށް…” އަހަރެން ޖެހިލުންވެ ހުރެ އެހެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް އެނބުރި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އަހަންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އެ ކަޅުކަންގަދަ ދެލޮލުގެ ތެރެއަށް ގެނބިގެންދާން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ. އެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. އެކަހަލަ އަސަރުގަދަ ދެލޮލެއް އަދި އަހަރެން ހަޔާތުގައިވެސް ނުދެކެމެވެ. އޭނާވެސް އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި ހުރިގޮތަށް ހުއްޓެވެ. އެގޮތަށް ހުރެ ކުއްލިއަކަށް އޭނާ ކޮށްލި ކަމަކުން އަހަރެން ދިއައީ ސިހިގެންނެވެ.
އުނގުގައި އެއްޗެއް ޖެހޭކަމުގެ އިހުސާސްކުރެވުމުން އަހަރެން ސިހިފައި ތިރިބަލާލީމެވެ. އޭރު ޝާކިން އަހަރެންގެ އުނގަށް ކަޅު ގަލަމެއް ލައިދެނީއެވެ. އަހަރެން އަވަސް އަވަހަށް އެގަލަން ނަގައި ކަރުކެހެލީމެވެ. އޭރުވެސް އޭނާ ހަމަ އެހުރިގޮތަށް އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ.
“އަމްމް.. ތޭންކްސް.!” ގަދަކަމުން ހިނިތުންވެލަމުން އަހަރެން އެހެން ބުނެލުމަށްފަހު އަވަސް އަވަހަށް ފޮތެއް ނަގައިގެން ލިޔަން ފެށީމެވެ. ޝާކިންއަކީ ހާދަހާ އާދަޔާ ޚިލާފު މީހެކޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ވާހަކަދެއްކީމަ އަނގައިންވެސް ނުބުނި ވިއްޔާއެވެ. އަނެއްކޮޅުން އޭނާ އެގަަލަން އަހަރެންގެ އުނގަށް ލާންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ އަތަށްވެސް ދެވިދާނެ ނޫން ހެއްޔެވެ؟ ކަންތައްވީގޮތުން ދެން އެދުވަހު އަހަރެން އިތުރަށް ޝާކިންއާ ވާހަކަދައްކާކަށް މަސައްކަތެއް ނުކުރަމެވެ.
އެރޭ އަހަރެން އެޖެންސީއަށް ދިޔައިރު މަޝްވަރާ ރޫމްގައި ތިބީ އާރިފް ސާރ އާއި އަރޫން އަދި މާޒްގެ އިތުރުން ރިޒާމެވެ. އަހަރެން ފެނުމުން އެމީހުން ބަލަހައްޓައިގެން ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސްކުރެވުނެވެ.
“ކަމެއް ގޯސްވީތަ؟” އަހަރެން އެތެރެއަށް ވަދެގެން އަންނަމުން އަހާލީމެވެ. އަރޫން އަހަންނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“މިހާރު އަތް ކިހިނެއް؟” އަހަރެން އަރޫންގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސާލަމުން އަހާލީމެވެ. އެއާއެކު އަރޫންގެ މޫނަށް އަރައިގެން ދިޔަ ކުލަވަރުން އަދިވެސް ވަރަށް ތަދުވާކަން އަހަންނަށް ދޭހަވިއެވެ.
“ކުރިއަށްވުރެ އޯކޭ..” އަރޫން އަހަރެންގެ އަތް ދުރުކޮށްލަމުން ބުނެލިއެވެ.
“އިރުދޭފުށީގަ ކޮންމެވެސް ބަޔަކު ޑްރަގް ޑީލިންގް ގެ މަސައްކަތެއް އެބަ ކުރޭ…” މާޒް އޭނާގެ ކުރިމަތީގައި ބަހައްޓާފައި ހުރި ލެޕްޓޮޕަށް ބަލަަހައްޓައިގެން ހުރެ ބުނެލިއެވެ. އޭނާ އެދެއްކި ވާހަކައަކުން އަހަރެން ހައިރާންވިއެވެ. ކުރީގައި އިންޑިޔާގެ ބަޔަކު ސްޕައިކުރަން އުޅޭ ވާހަކަދައްކާފައި މިހާރު އެކިޔަނީ ކީކޭ ހެއްޔެެވެ؟
“ވަޓް؟ އެކަމު އެކަމު އަހަރެންގެ ރަށަކީ ތިބުނާހާ ގޯސް މީހުން އުޅޭ ރަށެއް ނޫން…” އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. “ކޮން އިރަކު އެނގުނީ؟”
“ކުރިންވެސް މިކަން ހިނގާކަމަށް ސަސްޕެކްޓްވެފަ އޮތީ… މިހާރު ޔަޤީންވެއްޖެ… ބަލާބަލަ…” މާޒް ލެޕްޓޮޕް އަހަންނާ ވީ ފަރާތަށް އަނބުރާލަމުން ބުނެލިއެވެ. އޭގެއިން ފެންނަމުން ދިޔައީ ހަދަން ފަށާފައިވާ ފަޅު ގެއެއްގެ ތެރޭގައި އަންހެން ކުއްޖަކު ހުރިތަނެވެ. ފާރުގައި ލެނގިލައިގެން އެތަނުގެ ތަޅުންމަތީގައި އޭނާ އިންއިރު ފަނޑުއަލީގެ ތެރެއިން އޭނާ ލައިގެން ހުރީ ގަދަނޫކުލައިގެ ޓޮޕަކާއި ކަޅު ސްކިނީއެއްކަން ފާހަގަވެއެވެ. ބުޅިއިސްތަށިގަނޑުން ބައެއް މޫނުމައްޗަށް ވެއްޓިފައިވީއިރު އެހާ ރަނގަޅަށް އެ މޫނު ފެންނަ ގޮތެއް ނުވެއެވެ. އަހަރެން ހުރީ އަންހެން ކުއްޖަކު އިރުދޭފުށީގައި އެފަދަކަމެއް ކުރުމުގައި އުޅޭތީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެއީ ކާކުކަން ބަލާ ހިތުން އަހަރެން ކެތްމަދުވާންފެށިއެވެ. އެއީ އިރުދޭފުށީގެ ކުއްޖެއްނަމަ އަހަންނަށް އެކުއްޖާ ނޭނގިއެެއް ނުދާނެއެވެ.
“އަރޫން އާ ޝުބާއާ މިހާރު އެދިމާއަށް ދާންވީ.. އެތަނަށް އިރުކޮޅަކުން އަންނާނެ އެހެން މީހުން.. އެއެންމެން އަތުލައިގަނެވެން ޖެހޭނެ..” އާރިފް ސާރ އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ. އަރޫންވެސް ބޯ ޖަހާލުމަށްފަހު އެ ރޫމުން ނިކުންނަން ހިނގައިގަތެވެ.
“ޔަޤީންތަ އަރޫންއަށް ދެވޭނެކަން؟ އަދިވެސް ބުލެޓް އެރި ތަނަށް ތަދުވެއެއްނު؟” އެތަނުން ނިކުމެވުމުން އަހަރެން އަހާލިއެވެ. އެއާއެކު އޭނާ ފާޑަކަށް އަހަންނަށް ބަލާލިއެވެ.
“މިފަހަރުވެސް ޝުބް އެގޮތަށް އަހަރެން އެކަނިކޮށްލާފަ ދާނަންތަ؟” އަރޫން އެހެން އަހާލުމުން އަހަރެން ވަގުތުން ބޯ ހޫރާލީމެވެ. އެއާއެކު އޭނާ އެއް މިޔަކުން ހިނިތުންވެލިއެވެ. “މި ފަހަރު ހީނުވޭ މި މީހުންގެ އަތުގައި ބަޑި ހުންނާނެ ހެނެއް..” އަރޫން އެެހެން ބުނެލުމުން އަހަރެން ހިނިތުންވެލީމެވެ.
** **
މުޅި މާހައުލަށް އަނދިރިކަން ވެރިވެފައިވީއިރު ފަޒާގައި ތެތްފިނިކަމެއް ހިފާލާފައިވިއެވެ. މަރުފަދަ ހަމަހިމޭންކަން މަގަށް ވެރިވެފައިވީއިރު އަހަންނާ އަރޫން މިސްރާބުޖެހީ އެ އަންހެން ކުއްޖާ ހުރިކަމަށް ބުނާ ފަޅުގެއާ ދިމާއަށެވެ. ސްކޫލާ މާ ދުރުނޫން ހިސާބެއްގައި ހުރި އެގެއަކީ އަލަށް ހަނދަންފަށައިފައިވާ ގެއެކެވެ. ތިންބުރިއަށް ނަގާފައިވާ އެ އިމާރާތުގެ ކުރިމަތީގައި އަހަރެމެން ހުއްޓެލީމެވެ.
“ހިނގާ ދާން.. އޭނަ ހުރީ އެންމެ މަތީ ފްލޯގަ..” އަރޫން ވައި އަޑުން އެހެން ބުނެލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އަހަރެން އަރޫންގެ އަތުގެ މުލަށްދަނޑީގައި ހިފައި ހުއްޓުވީމެވެ.
“ހިނގާ ބިލްޑިންގް ގެ މައްޗަށް އަރަން… އެހެރަ ފެން ލައިޓުން އެތެރެ ފެންނާނެ…” އަހަރެން އިމާރާތުގެ އެންމެ މަތީގައި ހުރި ފެންލައިޓުތައް ދައްކާލަމުން ވާހަކަދެއްކީމެވެ. އަރޫންވެސް އަހަރެންނާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ދެމީހުން ފުރާޅުމައްޗަށް އެރުމަށްފަހު މަތީގައި ހުރި ފެންލައިޓުން އެތެރެއަށް ބަލަަހައްޓައިގެން ހުރީމެވެ. އޭރުވެސް އެއްކަލަ އަންހެއްކުއްޖާ އެތަނުގައި އެއިން ގޮތަށް އިނެވެ. އެހެން އަހަރެމެން ތިބޭތާ ގާތްގަނޑަކަށް ގަޑިއިރެއް ފަހުން އެމަގުގެ ކޮޅުން ބޮޑު ދެ ފިރިހެނުން އަންނަތަން ފެނުނެވެ. އަހަރެން އަރޫން ގައިގައި ކޮށްޓާލުމަށްފަހު އޭނާއަށް އެމީހުން ދައްކާލީމެެވެ. އެމީހުން ކަންތައްކުރާނެ ގޮތެއް ނޭނގޭތީ އަހަރެމެން ތިބީ ސަމާލުވެގެންނެވެ.
އެދެމީހުން އެއިމާރާތް ތެރެއަށް ވަދެގެން ދިޔަތަން އަހަރެމެން ދެކުނީމެވެ. އަހަރެން ފެންލައިޓުން އެތެރެއަށް ފުންމާލަން ތައްޔާރުވެގެން ހުއްޓާ އެމީހުން އެ ފްލޯއަށް އަރައިގެން އައި ތަން ފެނުނެވެ. ފޮތިގަނޑަކުން އަނގަމަތި ނިވާކޮށްގެން ދެމީހުން ހުރިއިރު އަހަރެންނަށް އެއީ ކޮންބައެއްކަން ފާހަގަވާވަރެއް ނުވިއެވެ. އެމީހުން ބަރު ފިޔަވަޅުތަކެއްގައި އައިސް އެ އަންހެން ކުއްޖާއާ ދާދި ކައިރީގައި ހުއްޓުނެވެ. އެވަގުތު އެ އަންހެން ކުއްޖާ އިސްއުފުލާލާ ބަލާލީ އެއްމިޔަކުން ހިނިތުންވެ ހުރެއެވެ. އެކުއްޖާގެ މޫނު ފެނުމުން ލިބުނު ސިހުމާއެކު އަހަރެންގެ ފައި ކައްސާނުލީވެސް ކިރިޔާއެވެ. ނޭވާލާން ދަތިވެފައި އަހަންނަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. އެއީ ހަމަ ލީޒާ ހެއްޔެވެ؟ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހެއްޔެވެ؟
“ކޮބާ އެއެއްޗެހި؟” އެތަނުން އެކަކު ބަރު އަޑުން ލީޒާ ގާތު އަހާލުމާއެކު ލީޒާ އެއިންތަނުން ތެދުވިއެވެ. އަދި ލައިގެން ހުރި ސްކިނީގެ ދެޖީބަށް އަތް ޖަހާލުމަށްފަހު ނެގީ ކުދި ކުދި ރަބަރު ކޮތަޅުތަކެކެވެ. އަނދިރިކަމުން އޭގެ ތެރޭގައި ހުރީ ކޮން އެއްޗެއްކަން ފާހަގަވާވަރެއް ނޫނެވެ.
ލީޒާ އެކޮތަޅުތައް އެމީހުން އަތަށް ދިއްކޮށްލުމާއެކު އެތަނުން އެކަކު އެއެއްޗެހި ޖަހައިގަންނަން އުޅުނެވެ. ނަމަވެސް ލީޒާ ހުޝިޔާރުކަމާއެކު އޭނާގެ އަތް ގެންގޮސް ފުރަގަހަށް ލިއެވެ.
“ފުރަތަމަ ފައިސާ..” ނުލަފާ ގޮތަކަށް ހީލައިގެން ހުރެ ލީޒާ ބުނެލިއެވެ. އެވަގުތު އަހަރެންގެ މެއަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އަހަރެން ހީކުރީ އަހަންނަށް ލީޒާގެ ހުރިހާ ކަމެއްވެސް އެނގޭކަމަށެވެ. ނަމަވެސް މިޔަދު މިއޮތީ އޭނާގެ އަނދިރިފަރާތް އަހަރެންގެ ކުރިމަތީގައި ހާމަވާށެވެ. އަހަންނަށް އެނގޭ ގޮތުގައި ލީޒާ އަކީ ބަސްއަހާ މަޑުމައިތިރި ކުއްޖެކެވެ. ގުރޭޑު ފަހަކުން ފެށިގެން އޭނާ އުޅެނީ ބުރުގާ ވެސް އަޅައިގެންނެވެ. ފަސްވަގުތު ނަމާދުކުރާ، އަދިވެސް ދެނަމާދު ދޭތެރޭ ޤުރުއާން ކިޔަވާ ހަދާ ކުއްޖެކެވެ. ކުލާހުގެ އެންމެ މޮޅެތި ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ނަމަވެސް މިޔަދު އަހަންނަށް ލީޒާ މިފަދަ ގޮތަކަށް ފެނުމުން ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ބުރުގާ އަޅައި، ފައިތިލައާ ހިސާބަށް އަރާ ދިގު ހެދުން ލައިގެން އުޅޭ ކުއްޖާ ކުރު ޓޮޕަކާއި ސްކިނީއެއް ލައިގެން ހުރުމުން ހައިރާންނުވާނީ ފަހެ ކާކު ހެއްޔެވެ؟
އަހަރެން ސިހުނީ އަރޫން އަހަރެންގެ ކޮނޑުގައި ކުޑަކޮށް ކޮށްޓާލުމުންނެވެ. އަތުގެ އިޝާރާތުން އޭނާ އަހަންނަށ އެންގީ ތިރިއަށް ފޭބުމަށެވެ. އެމީހުން އަތުލައިގަންނަ ވަގުތު އައިސް ޖެހުނީކަން އެނގުމާއެކީ އަހަންނަށް ހިންދިރުވާލެވުނެވެ. އެމީހުންނާއެކީ އަހަރެން އެންމެ ލޯބިވާ ރަހުމަތްތެރިޔާވެސް އަތުލައިގަންނަންވީ ހެެއްޔެވެ؟ ނޫނެކެވެ. ލީޒާ އަކީ އަހަރެންގެ ކޮންމެމީހަކަށް ވިޔަސް އޭނާގެ ކުށް މިހާރު އެއޮތީ އަހަރެންގެ ކުރިމަތީގައި ހާމަވާށެވެ. ކުރީ ފަހަރު ކަންތައްވީ ގޮތް ހިތަށް އެރުމާއެކު އަހަންނަށް ބަލާލެވުނީ އަރޫން އާ ދިމާއަށެވެ. އަދިވެސް އަރޫންގެ ކޮނޑުގައި ތަދު ހުންނާނެކަން އަހަންނަށް އެނގެއެވެ. އެއީ އަހަރެންގެ ސަބަބުންވީ ކަމެކެވެ. މިފަހަރު އަހަރެން އެފަދަކަމެއް ތަކުރާރުވިޔަ ނުދޭނަމެވެ. ކޮންމެ ގޮތެއް ވިޔަސް މިފަހަރު އަހަރެން އެމީހުން ދިޔަކަ ނުދޭނަމެވެ.
ސަމާލުވެހުރެ އަހަރެން ފެންލައިޓުން ތިރިއަށް ފުންމާލީމެވެ. އަރޫން ވެސް އަހަރެންގެ ފަސް ފަހަތުން ފުންމާލިއެވެ. މިވަގުތު އެތަނަށް އެހެން މީހަކު އަތުވެދާނެކަމަށް ނުވިސްނާ ހުރުމުގެ ސަބަބުން އެއެންމެންގެ މޫނުމަތިންވެސް ފާޅުވީ ކަންބޮޑުވުމާ ސިހުމެވެ. ޚާއްސަކޮށް ލީޒާގެ މޫނުމަތިންނެވެ. އޭނާ ހުރީ ހަތަރު އުދަރެސް ފެނުޖެހިފައޭ ހީވާ ކަހަލައެވެ. ފުރަތަމަ އެތަނުގައި ތިބި ދެ ފިރިހެނުން އުޅުނީ ދުވެ ފިލޭތޯއެވެ. ނަމަވެސް އަހަރެމެން އެމީހުންގެ ކުރި ބެއްދުމުން އެމީހުންނަށް އަހަރެމެންނާ ކުރިމަތިލާން މަޖުބޫރުވިއެވެ. މާ ބޮޑު އުނދަގުލަކާނުލާ އަހަރެންނާ އަރޫން އެދެމީހުން ބިމަށް ތިރިކޮށްލީމެވެ. އެއަށްފަހު އަހަރެން އެނބުރުނީ ލީޒާއާދިމާއަށެވެ. އޭރު އޭނާގެ މޫނުމަތިން ދާތިކިތައް ވިދައެވެ. ލީޒާ ގާތަށް އެޅި ކޮންމެ ފިޔަވަޅަކާއެކު އަހަރެންގެ ހިތުގައި އޭނާއަށްޓަކާ އުފެދެމުން ދިޔަ ހަމްދަރުދީ އިތުރުވަމުން ދިޔައެވެ. ބޮލުގައި އަޅާފައިވާ މާސްކު ނަގައި މީ ޝުބާއޭ ބުނަންވެސް އެތަށް ފަހަރަކު ހިތަށްއެރިއެވެ. މަޖުބޫރުވެގެން ނޫނީ ލީޒާ އެފަދަކަމެއް ނުކުރާނެއޭ އަހަރެންގެ ހިތް އެތަށް ފަހަރަކު ބުނަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގަމުން އަހަރެން ލީޒާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލީމެވެ. އޭރު އޭނާ ހުރީ ބިރުން ވިރިވިރިކަން އެ ދެލޮލުން ހާމަވެއެވެ.
** **
އޭސީގެ ފިނި މުޅިތަނަށް ވެރިވެފައިވީއިރު ތަން ދިއްލިފައިވަނީ ހުދުނޫ ކުލައިގެ އައްޔަކުންނެވެ. ބަހައްޓާފައި ހުރި މޭޒުކައިރީގައި އަހަރެން އިނީ ދެލޯ މަރައި ތަގުޅުކޮށްގެންނެވެ. ކައިރީގައި އަރޫންގެ އިތުރުން އާރިފް ސާރ އުޅޭކަން އަހަންނަށް އެނގެއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލުމަށްފަހު އަހަރެން ކުރިމަތީގައި ހުރި މޭޒުގައި ގޮށް މުށުން ޖެހީމެވެ. އެއަޑަށް އާރިފް ސާރ އާ އަރޫންވެސް އަހަންނާ ދިމާއަށް ބަލާލިއެވެ. ދެފަރާތަށް ބޯ ހޫރުވަމުން އަހަރެން ކުރިމައްޗަށް ނަޒަރު ހިންގާލީމެވެ. ބޯ ބިއްލޫރިގަނޑުގެ ފުރަގަހުގައި ހުރި އެނދުގައި އިށީންދެލައިގެން އިން ލީޒާއަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އިސްޖަހައިގެން އިންއިރު އެ މޫނުމަތީގައި އެއްވެސް ދިރުމެއްނުވާ ކަހަލައެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލާއަޑު އިވޭއިރު ލީޒާ ރޮނީކަން އަހަންނަށް ޔަޤީންވިއެވެ. ބިއްލޫރުގަނޑު ކައިރީގައި އާރިފް ސާރ ލީޒާއަށް ބަލަހައްޓައިގެން ހުއްޓެވެ. ލީޒާއަށް މޫނު ފެނިދާނެތީ ސާރ ވެސް މިހާރު ހުރީ މާސްކު އަޅައިގެންނެވެ. ހަމަ އެގޮތަށް އަހަންނާ އަރޫންވެސް އަޅައިގެން ހުރި މާސްކެއް ނުނަގަމެވެ.
ލީޒާ އިން އެނދާއި ތަންކޮޅެއް ދުރުގައި ހުރި ބެންޗެއް ކަހަލަ ތަނެއްގައި ލީޒާއާއެކު އެ ފަޅު ގޭގައި ތިބި ދެ ފިރިހެނުން ތިއްބެވެ. އެމީހުންގެ މޫނު ފެނުނު ވަގުތުންފެށިގެން އަހަރެން މިހުރީ ހަމަ ކޮސްވެފައެވެ. އެތަނުން އެކަކީ ރަށު ކައުންސިލަރު އާދަމް ހަނީފެވެ. އަނެކަކަކީ ރަށުގެ މަޝްހޫރު ވިޔަފާރިވރިޔާ ހުސައިން މަނިކެވެ. ދެ މީހުންނަކީވެސް ރަށުގެ އެންމެންގެ ޤަދަރު ލިބިގެންވާ ދެމީހުންނެވެ. އެމީހުންނަކީ މިފަދަ ބައެކޭ ރަށުގެ އެއްވެސް މީހަކު ދުވަހަކު ހިތަށްވެސް އަރުވާފައިނުވާނެކަން ޔަޤީނެވެ. މިހާރު އަހަރެމެން އެމީހުން އަތުލައިގަނެގެން ގެނައިތާ ބައިގަޑިއިރުވަރު ވެދާނެއެވެ.
“ސާރ..! ޓެސްޓުގެ ނަތީޖާ ލިބިއްޖެ..” ރިޒާމް އެތަނަށް ވަންނަމުން އާރިފް ސާރ ގާތު ބުނެލިއެވެ. ރިޒާމް ވަނީ އެމީހުން ގެނައިތަނާ އެއިން ކޮންމެ މީހެއްގެ ގައިން ޓެސްޓު ހެދުމަށްޓަކާ ލޭ ނަގާފައެވެ.
“ސޯ؟” އާރިފް ސާރ އެހެން އަހާލުމުން އަހަރެން ރިޒާމްއަށް ނަޒަރު ހުއްޓާލީމެވެ. އަހަރެން ހުރީ ލީޒާގެ ނަތީޖާއަކީ ކޮބައިކަން ބަލާ ހިތުން ކެތްމަދުވެފައެވެ.
“ތިން މީހުންވެސް މަސްތުވާތަކެތީގެ ވަރަށް ގިނަ ބާވަތްތަކަށް ޕޮޒިޓިވް…” ރިޒާމް އެހެން ބުނެލުމާއެކީ އަހަންނަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތު އަހަރެން ބޭނުންވީ އެތަނުން ނިކުމެލާށެވެ. ދޮރުގައި އަަހަރެން ފިންގަރޕްރިންޓު ޖަހާލިތަނާ ދޮރު ކެހިގެން ދިޔައެވެ.
“ހުސް ދޮގު! އަހަރެން ޕޮޒިޓިވްއެއް ނުވާނެ!! މިހިރަ އަންހެންކުއްޖާ އަހަރެމެންނަށް ދިން ލަނޑެއް އެއީ!” އަހަރެން ނިކުންނަން ދިޔަ ގަޑީގައި އެތަނުން ކޮންމެވެސް މީހަކު އެހެން ކިޔައި ހަޅޭލަވާ އަޑު އިވުނެވެ. ނަމަވެސް އަހަރެން އެކަމާ މާބޮޑަށް އަޅާނުލާ ނިކުމެގެން ދިޔައީމެވެ. އެލަވޭޓަރަށް އެރުމަށްފަހު އަހަރެން މިސްރާބުޖެހީ އެންމެ އަޑީ ފްލޯއަށެވެ. އެތަނުގައި ހުންނަ ކޮރިޑޯ ތެރެއިން ހިނގާފައި ގޮސް އަހަރެން ވަނީ އެކުއޭރިއަމް ރޫމަށެވެ. ރޫމެކޭ ބުންޏަސް އެތަން އަހަރެންގެ ގެއާ އެއްވަރުވާނެއެވެ.
ހަތަރު ފަރާތުގައި ބިއްލޫރި ޖަހާފައިވީއިރު ފެންތަކުގެ ތެރޭގައި ދިއްލާފައިވާ ބޮކީގެ ހުދު އަލީގެ ތެރެއިން އެކުއޭރިއަމްގެ އެތެރެ ފެންނަމުން ދިޔައެވެ. އެކި ކުލަކުލައިގެ މުރަކަތަކުގެ ކައިރީގައި ރޭގަނޑުގެ މިވަގުތުވެސް މަސްތައް ޙަރަކާތްތެރިވަމުން ދިޔައެވެ. އަހަރެން ގޮސް ހުއްޓެލީ ބިއްލޫރިގަނޑުގައި މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. މަސް ޓޭންކު ތެރެއަށް ބަލަހައްޓައިގެން ހުރި ނަމަވެސް އަހަރެންގެ ސިކުނޑީގައިވަނީ އެހެންކަމެކެވެ. އޭރު މަޑުމަޑުން އަހަރެންގެ ދެލޯ ވެސް ދިޔައީ ފެންކަޅިވަމުންނެވެ. އަހަންނާ މި ކުރިމަތިވަނީ ކޮންފަދަ އިމްތިހާނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. ލީޒާ އަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން އަބަދުވެސް ވަރަށް ދެރަވެއެވެ. ވީއިރު ޖަލުގެ ތޭރިތަކުގެ ތެރެއަށް އޭނާ ދާތަން ބަލަން އަހަންނަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ ދެން ހުރީ ޝާކިންއެވެ. މާގިނަ ދުވަހެއްނުވެ މިމީހުން ޝާކިންވެސް އަތުލައިގަންނާނެއެވެ. އަހަރެންގެ ހޮވުންތައް ހަމަ ގޯހީއެވެ. އެންމެ ގާތް އެކުވެރިޔާއަކަށް އަހަންނަށް އިޚުތިޔާރު މިކުރެވުނީ ޑްރަގް ޑީލަރެކެވެ. އަދި އަހަންނަށް ލޯބިވެވިފައި މިވަނީ ރާއްޖެއާ ދެކޮޅުވެރިވެގެން އުޅޭ މީހަކު ދެކެއެވެ.
ކުއްލިއަކަށް އަހަރެންގެ ކުރިމަތިން އެއްޗެއް ޙަރަކާތްކޮށްލިހެން ހީވެގެން އަހަރެން އިސްއުފުލާ ބަލާލީމެެވެ. އޭރު ގަދަ ރަތްކުލައަކަށްދާ ބޯވާ ދިލަމަހެއް އަހަރެންގެ ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި އަހަންނަށް ހިނިތުންވެލެވުނެވެ. ދެލޮލުން އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަހަރެން އަނެއްކާވެސް އެކުއޭރިއަމް ތެރެއިން ފެންނަމުން ދިޔަ ރީތި މަންޒަރުތަކަށް ބަލަން ފެށީމެވެ.
“ހޭއި..” ކުއްލިއަކަށް އަހަރެން ސިހުނީ ދާދި ގާތުން އަރޫންގެ އަޑު އިވުމުންނެވެ. ފަހަތަށް އެނބުރި ބަލާލިއިރު އަހަންނާ ދާދި ގާތުގައި އޭނާ ހުއްޓެވެ. އަހަރެން ބަލާލުމާއެކު އޭނާ ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެެވެ. ހިނގާފައި އައިސް އޭނާ އަަހަންނާ އެއް ހަމައެއްގައި ހުއްޓެލިއެވެ. އަރޫން މާސްކު ނަގައިގެން ހުރުމުން އަހަރެން ވެސް ބޮލުގައިވާ މާސްކު ދަމައިގަތީމެވެ. އޭތި އަޅައިގެން އުޅޭއިރު ހާދަ ހޫނެއް ވެއެވެ.
“ލުކް.. އަހަންނަށް އެނގޭ ލީޒާ އެއީ ޝުބް ގެ ގާތް އެކުވެރިއެއްކަން… ބަޓް އޭނާ ކޮށްގެން އެއުޅެނީ ރަނގަޅުކަމެއް ނޫނެއްނު ދޯ؟ ޝުބް ވެސް ޖެހޭނެ އެކަމާމެދު ވިސްނަން…” އަރޫން އެހެން ބުނުމުން އަހަރެން އޭނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާއަށް ލީޒާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
“ހޭ.. އަހަންނަށް ޝުބްއާ ބެހޭ އެކަހަލަ އިންފޮމޭޝަން ދެން އެނގޭނެއްނު؟” އަހަރެން އެގޮތަށް ބަލާތަންފެނުމުން އަރޫން ހީލަމުން ބުނެލިއެވެ. އަހަރެންވެސް ހިނިތުންވެވޭތޯ މަސައްކަތްކުރީމެވެ.
“އެނގޭ ޝުބް އަށް އުނދަގޫވާނެކަންވެސް ލީޒާ އެހެން ހުންނަތަން ދެކެން… އެކަމަކު ޝުބް ތީ ނުލާހިކު ވިސްނޭ ކުއްޖެއް.. ޝުބްގެ ޤާބިލްކަމެއް ހުރީމަ އާރިފް ސާރ މިކަމަށް ޝުބް އައްޔަންކޮށްފަ ތި ހުރީ… އާރިފް ސާރ އަކީ އެންމެންގެ ކެޕޭބިލިޓީސްތައް ވަކިވަކިން ބަލާ މީހެއް… ސޯ ޝުބް އަށް ވިސްނެންވާނެ ލީޒާ އެކުރީ ގޯސްކަމެއްކަން… ލީޒާ އަނގައިން މިހާރު އެއްބަސް ވެއްޖެ އެކަން ކުރާކަމަށް ޝުބް… ސާރމެން މިކަން ވަރަށް ރަނގަޅަށް ބަލާ އެބަ..” އަރޫން ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. އަރޫން އެބުނީ ތެދެކެވެ. ލީޒާ އެކުރީ ރަނގަޅުކަމެއް ނޫނެވެ. އަހަރެން ވެސް ޖެހޭނީ އެކަން ޤަބޫލުކުރާށެވެ.
“ތޭންކްސް އަރޫން…” އަހަރެން އަރޫން އަށް ބަލާލަމުން ބުނެލީމެވެ. މިކަހަލަ ދަނޑިވަޅުތަކުގައި އަރޫން ދައްކާ ވާހަކަތަކުން އަހަރެންގެ ހިތަށް އަބަދުވެސް ހަމަޖެހުން ލިބެއެވެ. ދިމާވާ ހުރިހާ ކަންތައްތައް އޭނާއާ ހިއްސާކުރެވެނީވެސް އެހެންވެއެވެ. ޝާކިން ދެކެ ލޯބިވާ ވާހަކަ ނޫން އެހެން ހުރިހާ ވާހަކައެއް އަރޫންއަށް އެނގޭނެެއެވެ. އަހަންނަށް އަރޫންއަށް އެވަރަށް އިތުބާރުކުރެވެއެވެ.
“ޔުއާރ ވެލްކަމް ޕްރިންސަސް… ދެން ވެސް ހިނގާ އާރިފްސާރ ގެ ބޮލުން ދުން ނާރަނީސް އެކޮޅަށް ދާން…” އަރޫން ފާޑަކަށް ގުދުވެލަމުން ބުނެލިއެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ހީލެވުނީ އެވަގުތެވެ. އަރޫންގެ ކޮނޑުގައި ޖަހާލަމުން އަހަރެން ދާން ހިނގައިގަތީމެވެ. ތަންކޮޅަކަށް ގޮސްފައި އަހަރެން ފަހަތް ބަލާލީ އަރޫން ނާންނާތީއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަހަރެން އަވަސް އަވަހަށް ދުވެފައި އައި ކޮޅަށް ދިޔައީމެވެ.
އެއް އަތުން އަނެއް އަތުގެ ކޮނޑުގައި ހިފަހައްޓައިގެން އަރޫން އުޑުފައިން އިންއިރު އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުން އޭނާއަށް ވަމުންދާ ތަދު އަހަންނަށް އަންދާޒާކޮށްލެވުނެވެ. އިރުކޮޅެއް ކުރިން އަހަންނަށް ޖެހުނީ ކުރިން ދުވަހު ވަޒަން އެރިތަކުގައިކަން އަހަންނަށް އެނގުނީ އެވަގުތެވެ. ދެލޯ މަރާ ފިއްތައިގެން އަރޫން އިންއިރު ހަދާނެގޮތެއް ނޭގިފައި އަހަރެން އަރޫންގެ ގާތުގައި އިނީމެވެ.
“އަރޫން… އަރޫން… ވަރަށް ތަދުވޭތަ؟” އަހަރެން އަރޫންއަށް ގޮވަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ލޯ ހުޅުވާލެވޭ ވަރަށްވުރެ ވެސް ބޮޑަށް އެތަނަށް ތަދުވަނީ ކަންނޭނގެއެވެ. އަހަރެން ތެދުވެގެން ދުވެފައި އެތަނުން ނިކުންނަން ދިޔައީ އާރިފް ސާރ މެން މީހަކަށް މިކަން އަންގާށެވެ. ނަމަވެސް އަހަރެން އެތަނުގެ ދޮރާ ހަމައަށް އެރިތަނާ ބާރުއަޑެއް އިވުމުން އަހަރެން ކަންބޮޑުވެފައިހުރެ އެނބުރި ބަލާލީމެވެ. ތަޅުންގަނޑު މައްޗަށް އަރޫން ވެއްޓިފައި އޮތްތަން ފެނުމުން އަހަރެންގެ ޙަރަކާތް ހުސްވިއެވެ.
(ނުނިމޭ)
17 Comments!
Comments are closed.
Hey guys.. 🙂
ummeedhu kuran mi part ves kamudhaane kamah.
Loves <3
finally liaa
ive waited for so long??
alhe aroon ah gotheh nahadha chey
yey me first
Finally… Thank u liaaa…???
C.I.D
I have a question????
Are you giving a compliment or………
V v nice ingey mi part vs .me first dw
In your dreams… LOL
Speechless.. ehaa ves furihama
Dhen fahun mi stry nimey iru gulheyny aroon and shubaa thocheh
V nice
thanks liaa…
love it loads
mee kudakudinge story eh dw
So interesting anehbai tankolheh avahah genesdeyti liaa?
Waiting for the next part….⏳
Waiting a run maraaa nulahchey
Waiting for the next part..??