އިވާން ގުޅާތަން ފެނުމުން މެހެކް ހާސްވާގޮތް ވިއެވެ. ޔަޤީނުން ވެސް އިވާން އެ ގުޅަނީ އޭނާ ނުގުޅައިގެން ލަސްވެގެންނެވެ. ” އެ..އެއީ ޑޮކްޓަރެއް” މެހެކް ބުނެލިއެވެ. އާހިލް ގާތު ސީދާ ތެދު ބުނަން އޭނާ ފަސްޖެހުނެވެ. އާހިލް ދެރަވާނެވަރު ހިތަށް އަރާފައެވެ. އާހިލްގެ ބަލިހާލު ހުރިގޮތުން އެފަދަ ވާހަކައެއް ދެއްކުން ރަނގަޅު ނުވާނެ ކަމަށް މެހެކް އަށް ވިސްނުނެވެ. ތުރުތުރު އަޅާ ހާލް އޭނާ ފޯން ނެގިއެވެ.
” އަދިވެސް ބިޒީތަ؟ އިވާން ލޯތްބާއެކު އަހާލިއެވެ. އިވާން ގެ އަޑު ކަންފަތުގައި ޖެހުމާއެކު މެހެކް އަށް ކުރެވުނީ ބަޔާން ކުރަން ނޭނގޭ ކަހަލަ ހިތްދަތި އިޚްސާސެކެވެ. އޭނާ އަވަސް އަވަހަށް ހިންދިރުވާލިއެވެ. ރޮއޮރޮއި ބެދިފައިވާ އަޑު ސާފުކޮއްލުމަށް ޓަކައި ކުޑަކޮށް ކަރުކެހިލެވުނެވެ. “ހުމްމް” މެހެކް މަޑުމަޑުން ބުނެލިއެވެ.
” އެހެންތަ؟ އުނދަގޫ ކުރެވެނީ ދޯ. ހަނދާން ވާވަރުން ހަމަ ގުޅުނީ”. އިވާން ދެރަވެލާފައި ބުނެލިއެވެ.
މެހެކް އަށް ބަލާލެވުނީ އާހިލްގެ މޫނަށެވެ. އޭރު އާހިލްވެސް އިނީ މެހެކް އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
” ކިހިނެއްވީ؟” މެހެކް ފޯން ބޭއްވުމުން އާހިލް އަހާލިއެވެ. ” އެއީ ދޯ.. އެއީ މިތާ ކުޑަކަމެއް ދިމާވީ..” މެހެކް ކުޑަކޮށް ހީލިއެވެ.
އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވާލުމަށް ފަހު ނާރސް ކުއްޖެއް އެތެރެއަށް ވަދެގެން އައެވެ. އޭނާ އާއި އެކު އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު އަބްދުލްރައްޒާޤް ވެސް ވަދެގެން އަންނަތަން ފެނުނެވެ.
“ކިހިނެއް ހާލް؟” އާހިލް ގާތު ހުއްޓިލުމަށް ފަހު ޑޮކްޓަރު އަހާލިއެވެ. ދެން މެހެކް އަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއްތަނެއްގައި މަސައްކަތް ކުރާތީވެ މެހެކް އާއި އެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން އޮވެއެވެ.
“މީ ޑޮކްޓަރު މެހެކްގެ ކާކުތަ؟” ޑޮކްޓަރު އަހާލިއެވެ. އެވަގުތު އާހިލް ގާތަށް ހިނިއައެވެ. ބުނާނެ އެއްޗެއް ނޭނގިފައި މެހެކް އަށް ހުރެވުނީއެވެ.
މެހެކް އެއްޗެއް ނުބުނެ ހުރުމުން އާހިލް ބަލާލިއެވެ. އެވަގުތު އެއްއަތުން އަނެއްއަތުގައި ބާރުބާރަށް ހިފައްޓާލާފައި މެެހެކް ހިނިތުންވެލިއެވެ.
” ވާގޮތް ކިޔާލަދީބަލަ؟” ޑޮކްޓަރ އެދުނެވެ. އެވަގުތު އާހިލް ވަރަށް ތަފްސީލްކޮށް އޭނާއަށް ވާ ހުރިހާ ގޮތެއް ޑޮކްޓަރަށް ކިޔާދިނެވެ.
” ވާ ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑަށް ބުނެވޭނީ އާހިލް މާ ބޮޑަށް ވިސްނަނީއޭ. އާހިލް އަށް ބޭނުންވަނީ ހިތްހަމަޖެހުން. ތިކަމުގައި ގިނަ ދުވަސް ވުމުގެ ސަބަބުން ތިހުރީ މައިގްރެއިން އަށް ބަދަލުވެފައިކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ. އެހެންވީމަ އަޅުގަނޑު ދޭނަން ބޭސް. އެބޭހުން ހައްލެއް ނުލިބޭ ކަމަށް ވާ ނަމަ އިތުރު ޓެސްޓް ތަކަކަށް ދާނީ. އަދި ބުނަންތަ؟ އެހާ ބޮޑަށް ކަންކަމާ ނުވިސްނާ ނަމަ ބަރާބަރުވާނެ.” ޑޮކްޓަރް ލަފާ ދިނެވެ.
ޑޮކްޓަރުގެ ވާހަކަ ތައް އަޑު އިވުމާއެކު ވީ ދެރައިން މެހެކް އަށް ލޯމަރާލެވުނެވެ. އާހިލްގެ ހުރިހާވެސް ހިތްހަމަ ޖެހުމަކީ އޭނާކަން އޭނާއަށް އިނގެއެވެ.
” ޓޭކް ކެއާރ އޮފް ހިމް އިނގޭ”. ޑޮކްޓަރ މެހެކް އަށް ހިނިތުންވަމުން ބުނެލިއެވެ. އެވަގުތު މެހެކް އާ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
” ކާފަ އަށް މިގުޅަނީ” ޑޮކްޓަރ ދިއުމާއެކު އާހިލް ބުނެލިއެވެ.
ގުޅާލިތާ މާ ގިނައިރުތަކެއް ނުވެ ކާފަ އައެވެ. ” އެތައް ދުވަހެއް ފަހުން މަގޭ ދަރިފުޅުގެ މޫނު މަތިން އުފާވެރިކަން މި ފެންނަނީ. ދަރިފުޅު ބޭހެއް ކާނެ ކަމެއް ނެތެއްނު. މެހެކް ކުރިމަތީގަ ހުރީމަ މިހާރު އެންމެ ރަނގަޅު” ކާފަ އާހިލް އާއި ދިމާ ކޮއްލިއެވެ.
“ދަރިފުޅު ދެން ގޮސްލަން ވީނު ގެއަށް ދޯ؟. ރޭ ހަތަރުދަމު ނުނިދައެއްނު ތި ހުންނަނީ. މިހާރު އެއޮއް އެގާރަ ޖަހަނީ. ކާފަ ގަޑިއަށް ބަލާލަމުން ބުނެލިއެވެ.
” ޑޮކްޓަރ އެ ދޫކޮއްލީ އާހިލް. ކާފަ އާއި އާހިލް ގެއަށް ދިޔާމަ އަހަރެން ގެއަށް ދާނީ”. މެހެކް ހިނިތުންވަމުން ބުނެލިއެވެ.
ހަޤީގަތަކީ އޭނާ އެންމެ ސިކުންތެއްވެސް އާހިލް އާއި ދުރުގައި ހުންނަން ބޭނުން ނުވާކަމެވެ. މިހާރު އޭނާގެ ހިތް އެދެނީ އާހިލްގެ މީހަކަށް ވެގެން އާހިލް އަށް ޚިދުމަތް ކުރުމުގައި ހުންނާށެވެ.
ހޮސްޕިޓަލުން ނުކުމެވޭވަރު ވީ މެންދުރު ފަސް ވި ފަހުންނެވެ. “މިހާރު ކޮން ގެއަކު މެހެކް ތި އުޅެނީ؟” ހޮސްޕިޓަލުން ނުކުންނަމުން އާހިލް އަހާލިއެވެ.
“މެހެކް އަހަރެން މިރޭ ދާނަން އިނގޭ. ގެއަށް ގޮސްވެސް ނޭނގެ ވާނެގޮތެއް. އެންމެ ސިކުންތެއްވެސް މެހެކް އާއި ދުރުގައި ހުންނާކަށް އަހަންނަކަށް ކެތެއް ނުވާނެ.” މެހެކް ގޭގެ އެޑްރެސް ބުނެލުމުން އެފަދަ ހާލުގައިވެސް އާހިލް ހުރީ ކެތްމަދުވެފައެވެ.
” ނޫން އާހިލް. ތިހާ ބަލި އިރު ކިހިނެއް އަންނަނީ؟. އަހަރެން ގުޅާނަން އިނގޭ. އަަހަރެން ބޭނުމީ އާހިލް މިރޭ ރަނގަޅަށް އަރާމުކޮއްލަން. އިރާދަކުރެއްވިއްޔަ މާދަމާ ބައްދަލުވާނެ”. އާހިލް ގާތު އޭނާ ހުންނަން ހިތް އެދި ގޮވަމުން ދިޔަ ނަމަވެސް އެކަމަށް މިވަގުތު ދެކޮޅު ހަދަން އޭނާއަށް މަޖްބޫރުވީއެވެ.
“އެންމެ ރަނގަޅު. އެކަމަކު ދެން އަހަރެން އެހާ ބަލިމީހަކަށް ނަހަދަބަލަ. އަހަރެން މިހާރު ކިހާ ރަނގަޅު”. އާހިލް ވާހަކަ ދައްކަމުން ދިޔައީ މެހެކްގެ އަތުގައި ހިފާލައިގެން ހުރެއެވެ.
އާހިލް އެރި ޓެކްސީ ދުއްވާލުމާއެކު އެދިމާއަށް ބަލަން ހުރެފައި މެހެކް ވެސް އެރީ ޓެކްސީ އަކަށެވެ. އިވާން އަށް ގުޅަން އޭނާގެ ހިތް ނޭދުނީއެވެ. ކާރަށް އެރުމަށް ފަހު އޭނާ އިވާން އަށް މެސެޖު ކުރިއެވެ. “ގެއަށް މި ދަނީ އިނގޭ. މީހަކާއި ދިމާވެގެން އޭނަ އާއި އެކު” ވަރަށް ވިސްނުމަށް ފަހު އޭނާ މެސެޖް ފޮނުވާލިއެވެ.
ކާރުގައި އިން އިރުވެސް އޭނާއަށް ވިސްނެނީއެވެ. އާހިލް ގެ ކުށެއްނެތް ކަން ހާމަވުމުން ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ނޭނގޭ ކަހަލަ ހަމަޖެހުމެކެވެ. ނަމަވެސް އެހަމަޖެހުމާ އެއްވަރަށް އޭނާގެ ހިތުގައި ވޭން ވެސް އަޅަނީއެވެ. އިވާން މަތިން ހިތަށް އެރުމުން މެހެކް ގެ ހިތުގައި ރަހުމު އުފެދެނީއެވެ. އިވާން އަށް ދެރައެއް ދޭން އޭނާ ބޭނުން ނުވަނީއެވެ. ނަމަވެސް އޭނާ ދުވަހަކުވެސް އާހިލް ފިޔަވައި އެހެން މީހަކު ދެކެ ލޯތްބެއް ނުވެއެވެ. އިވާން އާއި ކައިވެނި ކުރަން އޭނާ އެއްބަސް ވީ މަންމަގެ އުފަލަށްޓަކައެވެ. އިތުރަށް އާހިލް އާއި ބައްދަލު ކުރުމުގެ ކުރިން އޭނާ އިވާން އަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުމެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ މީ އޭނާއަށް ދިމާވި ކޮންފަދަ ބޮޑު އިމްތިޚާނެއް ހެއްޔެވެ؟ ދެން މަންމަ ގާތު އޭނާ ބުނާނީ ކީކޭ ހެއްޔެވެެ؟. ގޮތް ހުސްވާ ކަހަލަ އިޚްސާސެއް ވުމުން އަނެއްކާވެސް އޭނާ އަށް ރޮވުނެވެ.
އެ ޚިޔާލުތަކުގައި ބޯ ހާސްވެފައި އިންދައި ކާރު އައިސް ގޭ ކައިރިއަށް މަޑުކޮއްލިއެވެ. ކާރުން ފައިބައިގެން ލަސް ފިޔަވަޅުތަކުގައި އޭނާ ސިޑިން އަރަމުން ދިޔައެވެ. ބަނޑުހައިކަން އިޚްސާސްވާން ފެށީ އެވަގުތުއެވެ.
” ދަރިފުޅާ. ހާދަ ލަސްވީ މިއަދު. މާ ބިޒީ ވީތަ؟ މަންމަ ނުގުޅަން މިހުރީ އެހެން ހިތަށް އަރާފަ”. ގެއަށް ވަދެވުމާއެކު ނަފީސާ އާއި އެކު ޓީވީ ބަލަން އިނދެފައި މެހެކް ފެނުމުން މަންމަ ތެދުވިއެވެ.
“އިވާން ދިޔައީތަ ދަރިފުޅު ލާފަ މިއަދު. އެހެން ފަހަރުތަކުގައި ދަރިފުޅާ އެކު މައްޗަށް އަރައެއްނު” އިވާން ގެ ވާހަކަ މަންމަ އަހާލުމުން މެހެކް ބަސް ހުއްޓުނުނެވެ. އިރުކޮޅަކު މަންމަ ގެ މޫނަށް ބަލަން އޭނާއަށް ހުރެވުނީއެވެ. މަންމަ އިވާން އާއި ކިހާ ރުހޭ ހެއްޔެވެ؟ އާހިލްގެ ވާހަކަ މަންމަ ގާތު ބުނެފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ.؟
“ދަރިފުޅާ، ކިހިނެއްވެފަ ތިހުރީ؟”. މެހެކް އެއްޗެއް ނުބުނެ ހުރުމުން މަންމަ އަނެއްކާވެސް ސުވާލު ކުރިއެވެ.
” ނޫން އިވާން މިއަދު ނާދޭ އަހަންނާއި އެކުއެއް” ހަމަޖެހޭގޮތް ދައްކަމުން މެހެކް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެފައި އޭނާ ފޯން ބަލާލިއެވެ. އޭރު އިވާން ގެ ދެ މެސެޖާއި އާހިލްގެ ތިން މެސެޖް އޮތެވެ.
ދެ މީހުންގެ މެސެޖްގައި ވެސް ވަނީ އެއްވާހަކަ ތަކެކެވެ. މެހެކް ދެކެ ލޯބިވާ ވާހަކަ އެވެ. މެހެކް މަތިން މިސްވާ ވާހަކައެވެ. އޭނާ ރިޕްލައި ކުރަން ބޭނުމީ އާހިލްގެ މެސެޖް ތަކަށެވެ. އިރުކޮޅާކު ފޯނަށް ބަލަން އިނުމަށް ފަހު އޭނާ އެނދު މައްޗަށް ފޯން ހޫރުވާލިއެވެ. އޭނާ ދެރަވަނީ ވިސްނާ ނުލާ އޭނާގެ ޚަޔާތުގައި ނިންމިފައި ހުރި ނިންމުންތައް ހިތަށް އަރާފައެވެ. އާހިލް ގެ ފޯން އެދުވަހު އޭނާއަށް ނެގުނު ނަމައެވެ. އިވާން އާއި ކައިވެނި ކުރަން އެއްބަސް ނުވެވުނު ނަމައެވެ.
އަވަސް އަވަހަށް އޭނާ ވަނީ ފާހާނާއަށެވެ. ބާރުބާރަށް މާގަނޑު ދޫކޮއްލުމާއެކު ފިނިފެންތައް އޮހޮރެން ފެށިއެވެ. އޭނާއަށް ލޯ މަރާލެވުނެވެ.
އެއްކޮޅުގައި ހުރީ އޭނާ ކައިވެނިކުރަން އެއްބަސް ވެފައިވާާ މީހާއެވެ. އަދި މަންމަ އިވާން އާއި ނުލާހިކު ރުހެއެވެ. އަނެއްކޮޅުގައި އެހުރީ އޭނާ އިންތިހާއަށް ލޯބިވާ އޭނާގެ ފުރާނަފަދަ ލޯބިވެރިޔާއެވެ. ނިންމުމެއް ނިންމަން އުނދަގޫވިއެވެ. ނަމަވެސް އާހިލް އާއި ވަކިވުން އެއީ އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވުމެވެ. އާހިލް އާއި ނުލާ މި ވެއަތުކުރި އަހަރުތަކުގައި އޭނާ އުޅުނީ ކިހާ ހިތާމައިގައި ހެއްޔެވެ؟ އޭނާ އަކަށް ރަނގަޅަަކަށް އެންމެ ރެއަކުވެސް ނުނިދެއެވެ. އެތައް އަރާމަކުން އޭނާ މަހްރޫމްވިއެވެ.
މެހެކް މާގަނޑު ބާރުކޮއްލިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެނީއެވެ. ކޮންމެ ގޮތަކަށް ވެގެން ދިޔަ ނަމަވެސް އޭނާ ބޭނުމީ އާހިލް އެވެ. އާހިލް އޭނާ އަށް ލިބިފައި ހުއްޓައި އާހިލްގެ ލޯތްބަށް ފުރަގަސް ދީފިނަމަ އޭނާ މަރުވެދާނެއެވެ.
ފާހާނާ އިން ނުކުންއިރު މެހެކް ގެ ފޯން ރިންގް ވަމުން ދިޔައެވެ. ބަލާލިއިރު ގުޅަނީ އާހިލް އެވެ. “ހެލޯ” މެހެކް ފޯނު ނެގިއެވެ. ” ކީއްކުރަނީ ހާދަ މިސްވެޔޭ” އާހިލް ބުނެލިއެވެ. “ހީވަނީ މޮޔަވެދާނެހެން ތިޔަ ސޫރަ ފެނިފަ ލޯ މަތިން ގެއްލުނީމަ”
އާހިލްގެ އަޑު އިވުމާއެކު މެހެކްގެ ނުތަނަވަސްވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. “ކަމެއް ނުކުރަން. އަހަރެންވެސް އާހިލް މަތިން ވަރަށް މިސްވޭ އެބަ. ވަރަށް ވަރަށް ލޯބިވޭ” މެހެކް މަޑުމަޑުން ބުނެލިއެވެ.
” މެެހެކް އަށް އެނގޭތަ؟ މެހެކް ފެނުނުފަހުން ހީވަނީ އެހެން ގޮތެއް ހެން. އެފަހުން ވަރަށް ރަނގަޅު އަަހަރެން އިރާދަކުރެއްވިއްޔަ. ހީވަނީ އަހަރެންގެ ބޭހަކީ ތީހެން. ބަޔާން ކޮއްދޭން ނޭނގޭ ކަހަލަ އުފަލެއް ވަނީ”. އާހިލް މެހެކް ދެކެ ލޯބިވާވަރު ހާމަ ކުރަމުން ދިޔައެވެ.
ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލާފައި ފޯން ބޭއްވިއެވެ. އާހިލްގެ ވާހަކަ ތަކުން އުފާވެރިކަން އިޙްސާސް ވިނަމަވެސް މެހެކްގެ ހިތް ނުތަނަވަސް ވަނީއެވެ. ފުންނޭވާއެއް ދޫކޮއްލަމުން އޭނާ ގޮދަޑިމަތީގައި އޮށޯއޮވެލިއެވެ. އެހާ ބޮޑަށް ބަނޑުހައިވެފައި ހުރި އިރުވެސް އޭނާ އެއްވެސް އެއްޗެއް ކާ ހިތެއް ނުވިއެވެ. އޭނާ ބޭނުންވަނީ އަވަހަށް އިވާން އަށް ހަޤީޤަތް ކިޔާދޭށެވެ. ނަމަވެސް އިވާން ދެރަވާނެވަރު ހިތަށް އަރާފައި ރަހުމު އުފެދި މެހެކް ފަސް ޖެހެނީއެވެ. އެމީހަކު ލޯބިވާ މީހަކު އެމީހަކަށް ގެއްލިގެން ދިއުން އެއީ ކިހާ ބޮޑު ވޭނެއްކަން އޭނާ އަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟ އެވޭން އެތައް އަހަރަކު އޭނާ ވަނީ ތަހައްމަލްކޮއްފައެވެ.
އެ ޚިޔާލުތަކުގެ ތެރެއިން މީހަކު ދޮރުގައި ޓަކި ޖަހާލިއަޑަށް އޭނާ ސިހުނެވެ. އެއީ މަންމަ ކަން އެނގި މެހެކް އަވަސް އަވަހަށް ދޮރު ހުޅުވާލިއެވެ.
“ދަރިފުޅާ އެއްޗެއް ކާން އުޅެންވީނު. ކޮން އިރެއް މިހާރު ކޮޓަރިއަށް ވަން ފަހުން”. މަންމަ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ” އަނެއްކާ އިވާން އާއި މައްސަލައެއް ޖެހުނީތަ ދަރިފުޅާ؟”
” ނު..ނޫން މަންމާ”. މެހެކް އެހެން ބުނުމުން މަންމަ ހިނިތުން ވެލިއެވެ.
“މަންމާ.. އަހަރެން..”
މެހެކް އަށް ބުނެވުނީ އެހިސާބަށެވެ. ކޮޓަރިއަށް ވަދެގެން އައިސް މަންމަ އަލަމާރި ހުޅުވާލާފައި ނެގީ ފޮތިގަނޑެކެވެ. ” ދަރިފުޅާ މިއޮތީ މަންމައަށް އިވާން ހަދިޔާއަކަށް ދިން ފޮތިގަނޑެއްނު. ދަރިފުޅު މެން ކައިވެނި ކުރާ ދުވަހު ލާން. މަންމަ މި ހިތަށް އަރަނީ ފަހަން ދޭން ވީ އޭ އަވަހަށް” މަންމަ އެހެން ބުނެލުމާއެކު މެހެކް އަނގަ ބެދުނެވެ. އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ.
ފޮތިގަނޑަށް ބަލަން އިރުކޮޅަކު ހުރެވުނީއެވެ. މަންމަ އެކައިވެންޏަށް ކިހާ އުންމީދެއް އެބަކުރޭ ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. ހަމަ ޔަޤީނުން ވެސް އެކަހަލަ އަގު ބޮޑު ރީތި ފޮތިގަނޑެއް މަންމަ އަށް ދޭކަށް އާހިލް އަކަށް ނުލުބޭނެއެވެ. އާހިލް އަކީ ފަގީރެކެވެ. އިވާން އަކީ މުއްސަންޖެކެެވެ. ނަމަވެސް އެކަމުން މަންމަ ގެ ޝަކުވާއެއް ނޯއްނާނެކަން ޔަޤީނެވެ. މަންމަ ދެރަވާނީ މަންމަ އެހާ ރުހޭ މީހަކާ މެހެކް ނުރުހުނީމަ ކަންނޭނގެއެވެ.
ރޭގަނޑުގެ ވަގުތެވެ. މަންމަ އޮތީ ނިދިފައެވެ. މަންމަ ގާތު އެވާހަކަ ދައްކާކަށް އޭނާ އަކަށް ނުކެރުނެވެ. ހިތްވަރު ނުލިބުނީއެވެ.
އޭނާ އަށް ރޮވެން ފެށިއެވެ. މީ ޚަޔާތުގައި ވެސް ކަމެއް ނިންމަން އޭނާއަށް އެހާ އުނދަގޫވި ފުރަތަމަ ފަހަރެވެ. އޭނާގެ މޫނުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ހިތަށް ހަމަޖެހުން ލިބޭނީ އެވާހަކަ ދެއްކުނީމައެވެ. އެންމެންނަށް ހަޤީޤަތް އެންގީމައެވެ. އިރުކޮޅަކު ދެއަތް ދެއަތާ މޮޑެމޮޑެފައި އޭނާ އިވާން އަށް ގުޅާލިއެވެ.
” ހެލޯ އިވާން…މިގެއަށް އާދެވިދާނެތަ؟ އަހަރެން..އަހަރެން ވާހަކައެއް ބުނަން ބޭނުން” މެހެކް ލޯމަރާ ބާރުކޮއްލިއެވެ.
“އޯކޭ މިދަނީ އިނގޭ” އިވާން ވަގުތުން ބުނެލިއެވެ.
ވިއްސަކަށް މިނެޓް ފަހެވެ. މެހެކްގެ ފޯން ރިންގް ވާން ފެށިއެވެ.
“ހެލޯ މެހެކް ދޮރުކައިރީގަ މިހުރީ” އިވާން އެހެން ބުނުމާއެކު މެހެކް ގެ ހިތް ތެޅިލިއެވެ. އޭނާ އެއްކޮށް ފިނިވެގެން ދިޔައެވެ. އޭނާ ބުނަން އެއުޅެނީ ކޮން ވާހަކައެއްކަން އެނގޭނަމަ އިވާން ނުވެސް އައިސް ކަންނޭނގެއެވެ.
ސިޓިންގް ރޫމަށް މެހެކް ނުކުމެލިއިރު މުޅިތަން ވަނީ ހަމަހިމޭންވެފައެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް ދޮރު ހުޅުވާލިއެވެ.
އެވަގުތު އިވާން އެތެރެއަށް ވަނެވެ. ” މެހެކް….އަހަރެން މަންމަ މެންނާ ކައިވެނީގެ ވާހަކަ ދައްކައިފިން އިނގޭ. މަންމަމެން މި މަހު އަންނާނެ މިކޮޅަށް. ވަރަށް އުފަލުން މަންމަ ހުރީ” އިވާން ސޯފާގައި ހަމަޖެހިލާފައި ބުނެލިއެވެ.
“މަންމަ ކޮބާތަ؟ ދެން ވެސް ވާހަކަ ދެއްކީ އިވާން އެވެ.
“މެހެކް ބުނަން އޮތީކޮން ވާހަކައެއް؟ އަވަހަށް ބުނެބަލަ”. ހިނިތުންވަމުން އިވާން އެހެން އަހާލުމުން މެހެކް އިސްޖަހާލިއެވެ. އިވާންގެ އާއިލާ އާއި އެވާހަކަ ހިއްސާކުރިކަން އެނގުމުން މެހެކް ހިތަވަރުއެލުނެވެ. އިވާން ގާތު އެވާހަކަ އޭނާ ބުނާނީ ދެން ކިހިނެއް ހެއްޔެވެ؟
” މަންމަ ނިދައިފި. އަހަރެން ބުނަން އުޅުނީ..” އެވަގުތު މެހެކް ގެ ފޯނަށް މެސެޖެއް އައެވެ.
” ތިރިއަށް ފައިބާލެވިދާނެތަ؟ އަހަރެން މިހުރީ ތިރީގައި. ސޮރީ މެހެކް. މިސްވާ ވަރުން ދެކެލަން މިއައީ” އެ މެސެޖް ފެނި މެހެކްގެ ދެލޯ ބޮޑުވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މެހެކް އެވަރަށް ބުނުމުންވެސް އާހިލް އެއައީއެވެ. ނުގޮސް ވެސް އޭނާ އަކަށް ކެތެއް ނުވާނެއެެވެ.
” ވަރަށް ދިގު ވާހަކަ އެއް ކިޔާދޭން މިއުޅެނީ”. ކާރީގައި ފޯން ބާއްވާލަމުން މެހެކް ބުނެލިއެވެ. “ދެން ބުނެބަލަ އެހެންވިއްޔާ” އިވާން ހީލިއެވެ.
މެހެކް އަކަށް ހިތްވަރެއް ނުލިބުނެވެ. އޭނާ ހަމަ ދެރަވަނީއެވެ. މަންމަ މަތިންވެސް ހިތަށް އަރަނީއެވެ. އިވާން ކުރިމަތީގައި ކައިވެންޏަށް އެއްބަސްވެފައި އެގޮތަށް އިންކާރު ކޮއްފިނަމަ މެހެކް ވާނީ ކިހާ ގޯސް މީހަކަށް ހެއްޔެވެ؟ އެކަމަކު އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އާހިލް ދެކެ އިންތިހާ އަށް ލޯބިވެވުން ހެއްޔެވެ؟ އޭނާ ހިތް ހަށިގަނޑު އެތެރެއިން ކުދިކުދި ވާހެން އޭނާއަށް ހީވިއެވެ. މިފަދަ ނިންމުމެއް ނިންމަން ފަސޭހަވާނީ ކޮން އިންސާނަކަށް ހެއްޔެވެ؟
” އިވާން އަހަރެން ވަރަށް ނިދި އާދޭ އެބަ” އެންމެ ފަހުން މެހެކް އަށް ބުނެވުނީ އެހެންނެވެ. އޭނާ އަށް ގޮތް ހުސްވިހެން ހީވީއެވެ.
“އަހާ ކޮބާ ވާހަކަ؟ ”
” ފަހުން ދެން ދޯ” މެހެކް ބުނެލިއެވެ.
” އޯކޭ އެހެންވީމަ ގޮސްލަނީ. އަަހަރެން ވަރަށް ބިޒީކޮށް އުޅެފަ މިއައީ ވެސް”.
އިވާން ނުކުމެގެން ދިޔަތާ އިރުކޮޅެއް ވުމުން މެހެކް އަވަސް އަވަހަށް ފޯން ބަލާލިއެވެ. އޭރު އާހިލް އަނެއްކާވެސް މެސެޖެއް ފޮނުވާފަ އޮތެވެ. “މެހެކް ނިދުނީތަ؟” އާހިލް ގެ މެސެޖް ފެނުމުން މެހެކް ގެ ލޯ ކަރުނުން ފުރުނެވެ. އޭނާ މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ؟ ކަންކަމާ ކުރިމަތި ލުމުގެ ހިތްވަރު އޭނާ ގައިގައި ނެތީ ހެއްޔެވެ؟
ކަރުނަ ފޮހެލުމަށް ފަހު މަޑު މަޑުން އޭނާ ސިޑިން ފައިބަން ފެށިއެވެ. ހިތްދަތިވެގެން ގޮސް ހަލާކުވާ ހާލުގައި ހުރެގެންނެވެ. ފައިބަމުން ދިޔަ ވަރަކަށް އިވާންގެ އަޑު ތަންކޮޅެއް ބާރަށް އިވޭހެން އޭނާ އަށް ހީވިއެވެ. އިވާން އަދިވެސް ނުދަނީބާއެވެ. މަޑުމަޑުން މެހެކް ތަންކޮޅެއް ތިރިއަށް ފައިބާފައި ބަލާލިއެވެ.
އެވަގުތު ފެނުނު މަންޒަރުން އޭނާ ގެ މޭގައި އަތް އަޅާލެވުނެވެ. އޭނާ ހައިރާންވިއެވެ. އިވާން ގާތުގައި އެހުރީ އާހިލް އެވެ.
“ބަލައިގެން އުޅެބަލަ”. އިވާން ގެ އަޑުގައިވަނީ ހަރުކަށި ކަމެވެ. “އެމް ސޮރީ” ކުއްވެރިއެއް ފަދައިން އާހިލް މަޢާފަށް އެދުނެވެ. އަނެއްކާ ކިހިނެއްވީ ބާ އޭ މެހެކް ހިތަށް އެރިއެވެ.
” ދެން ވެސް އެއްފަރާތް ވެބަލަ”.
ރުޅިވެރި ނަޒަރަކުން އާހިލް އަށް ބަލަމުން އިވާން ނުކުމެގެން ދިޔައެވެ. އިވާން، އާހިލް އާއި ވާހަކަދެއްކި ގޮތުން މެހެކް ހިތް ހަމަނުޖެހުނެވެ. މަޑުމަޑުން އޭނާގޮސް އާހިލްގާތުގައި ހުއްޓިލީ ބޭރަށް އޭނާ ނުފެންނާނެ ގޮތަށެވެ.
އާހިލް އަށް މެހެކް ފެނުމާއެކު ހިނިތުންވެލިއެވެ. ” އާހިލް މިހާރު ކިހިނެއް؟” މެހެކް އަހާލިއެވެ. ” ވަރަށް ރަނގަޅު އިރާދަކުރެއްވިއްޔާ. ސޮރީ އިނގޭ މެހެކް އެވަރަށް ބުނެފަ އޮއްވާވެސް މިއައީ “.
އަތްދިގު ހުދު ކުލައިގެ ޓީޝާޓާއި ކަޅު ޖިންސްގައި ހުރި އިރު އާހިލްގެ ފަން އިސްތަށިގަނޑު ހުރީ މައްޗަށް ނަގާލާފައެވެ. ޓީޝާޓްގެ އަތްކުރި މައްޗަށް ދަމާލާފައި ހުރި އިރު އެ ފިރިހެންވަންތަ ދެއަތް ފެންނަން ހުރުމުން އޭނާ އަދި މާރީތި ހެން ހީވެއެވެ.
” ދެންމެ ކިހިނެއްވީ؟” މެހެކް ބޭނުން ވީ އިވާން އާހިލް ދެކެ ރުޅިއައި ސަބަބެއް ހޯދާށެވެ.
” ދެންމެ ދޯ… ވީ ގޮތަކީ އޭނަ އައީ ފޯނަށް ބަލަހައްޓައިގެން ހުރެގެން. އަހަންނަށް ވެސް މިތަނަށް ވަދެވުނީ އިސްޖަހައިގެން ހުރެ.. ދެން ދެމީހުން ލައިގަތީ. އެގަޑީގަ އޭނާގެ ފޯން ވެއްޓެން ދިޔައީ.. އެ ފޯން ބިންމަތީގައި ޖެހުމުގެ ކުރިން އަހަންނަށް ހިފިއްޖެ. އެކަމަކު އޭނަ ދެން ވަރަށް ރުޅި އަތުވެއްޖެ. ކުއްވެރިއަކީ އަހަރެން..” އާހިލް ކުޑަކޮށް ހިނިތުންވެ ހުރެ ވާހަކަ ކިޔާދިނެވެ.
އާހިލްގެ ވާހަކައިން ދެ މީހުންވެސް އެއްވަރަށް ކުއްވެރިވިކަން މެހެކް އަށް އެނގުނެވެ. އެކަމަކު ކުއް އެ ޤަބޫލު ކުރީ އާހިލް އެވެ. މެހެކް ގެ ހިތް އާހިލް އަށް ޓަކައި ލޯބިން ފުރުނެވެ.
” މެހެކް އަހަރެން މި އައީ މެހެކް ގާތު ކަމަކަށް އެދެން.” ފުން ނޭވާއެއް ދޫކޮއްލަމުން އާހިލް އެހެން ބުނެލީ މެހެކް އާއި ދިމާއަށް އިރުކޮޅަކު ބަލަން ހުރެފައެވެ.
“މެހެކް…. މަގޭ ލޯބިވާ ރާނީ. ދުނިޔޭގެ މުއްސަނދިކަން މަގޭ ރާނީއަށް ހޯދާ ނުދެވުނަސް މި ނިކަމެތި ހިތުން މަގޭރާނީއަށް ވާ އޯގާތެރިކަމާއި ލޯބި އިންތިހާ އަށް މުއްސަނދި އިންޝާ ﷲ….. އަހަންނަށް މެހެކް އާއި ނުލާ ނޫޅެވޭނެ..”
“އަހަންނާ ކައިވެނި ކޮއްފާނަންތަ؟” އާހިލް މެހެކް އާއި ދިމާއަށް ބަލާލަމުން ލޯތްބާ އެކު އަހާލިއެވެ.
އާހިލް ގެ ޖުމްލައިން މެހެކް ހުއްޓުން އެރިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. އާހިލް ދެކެ ކިތަންމެ ލޯބިވި ނަމަވެސް މިވަގުތު އާހިލް އަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Hehe.. Dhemydhaa fahaa dhiya bulhalah v varuves mehek ah nuvaane kahneh… Vahaka varah rethi.. The best story ever i read.. Dhen vaany kihineh baaa?? Avahah next part genes dhehchey
haadha kurreyyyyyyyyy varah reethi
Wow. Nice ingey…v v v inthixaaru kurevey next partah ves
Findi Mehek.
Shelly thy abadhuves thihen kiyan huhna myhehtha… Haadha kurey haadha kurey.. Kurihya dhen nukiyan v nu… V v v reethi.. Mehek marry kuraany kaakaabaaaa
VVVVVVV hadi dhan hama e aahil gadu aaima ivaan fakiru nubaikurani …..
Vara kiya hithun fasi but dhan mahak ivaan a nuliba goth vathui nulan kiyaka…..??????????
me tooo
Aahil aa mehek aa gulhunas nuny ivaan aai mehek gulhunas mi vaahaka rychah gendhan engijje nama v salhivaane..
alhey Mehek aa gulleny Ivaan aa. salhi avaha upko ddhecchey thnx
Nice ….hope u upload the next part soon…can’t wait to read it❤??