Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އަނދިރިފަރާތް (1 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
January 26, 2017 11 Mins Read
28 Comments

ދެ ފަޔަށް ލެވުނުހާ ބާރެއް ލަމުން އަހަރެން ދުވަމުން ދިޔައީމެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބާ އަހަރެންގެ ގަތާފައިވާ،ކަޅުކަންގަދަ، ފަން އިސްތަށިގަނޑު ފަހަތަށް ވިހުރެމުން ދިޔައެވެ. ވައި ކަފާފައި ދުވަމުން ދިޔައިރު މަގުމަތީގައި ތިބި ގިނަ މީހުންގެ ނަޒަރު އަހަންނަށް އަމާޒުވެފައިވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެެއް ނުލަމެވެ.

“ކޮއްކޯ! މިޔަދުވެސް ގަޑި ޖެހުނީތަ؟” ފާރުބުރިއެއްގެ މަތީގައި އިން މުސްކުޅި މާމައެއް އަހަންނާ ދިމާއަށް ގޮވާލިއެވެ. އަހަރެން އާއެކޭ ގޮވާލަމުން ކުރިއަށް ދިޔައީމެވެ.

ސްކޫލާ ކައިރިވުމުން އަަހަރެން ގަޑި ބަލާލީމެވެ. 7 ޖަހައިފިކަން އެނގުމުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ގޭޓު ކައިރިއަށް ދާން ހިތަށް އަރާފައިވެސް އަހަރެން ނުދިއައީ، މިއީ މިމަހުގައި ގަޑިޖެހޭ 5 ވަނަ ފަހަރަށް ކަމުގައި ވުމުންނެވެ. މިޔަދު ގަޑި ޖެހިއްޖެނަމަ އަަހަރެން ޕްރިންސިޕަލްގެ އޮފީހަށް ދާން ޖެހޭނެއެވެ.

އަހަރެން ލައިގެން ހުރި އަޅި ގަމީސްކޮޅުގައި އަތް ހާކާލަމުން، ކަޅު ސްކާޓަށް ދަމާލީމެވެ. އަދި ހަދާނެ ގޮތަކާމެދު ވިސްނަން ފާރުގައި ލެނގިލީމެވެ. އޭރު އެސެންބުލީގައި ސްކޫލުގެ ލަވަ ޖަހަމުންދާ އަޑު އަހަންނަށް އިވެމުން ދިޔައެވެ. ނިތްކުރިމަތިން ފޭބި ދާތިކިތައް ފުހެލަމުން މަތި ބަލާލިހިނދު އަހަރެންގެ ލޮލުގައި އަޅައިގަތީ ސްކޫލުތެރެއިން ބޭރަށް ވާގޮތަށް އޮތް އަނބު އޮފިގަނޑެކެވެ. މޮޅު ޚިޔާލެއް އައުމުން އެއްފަރާތަކަށް އަޅުވާފައިހުރި އަހަރެންގެ ކަޅުކުލައިގެ ދަބަސް ގެންގޮސް ފަހަތަށް ވާގޮތަށް އަޅުވާލީމެވެ. އަދި ދެކޮޅު ހޯދާ ބަލާލީމެެވެ. އެވަގުތު އެ މަގުގައި މީހަކު ފެންނަން ނެތުމުން، ފުންމާލުމަށްފަހު އަހަރެންގެ އިސްކޮޅަށް ވުރެ ތަންކޮޅެއް މައްޗަށް ހުރި އެ ފާރުގައި އަތް އަޅުވާލީމެވެ. ކުޑަ ހިތްވަރެއް ކޮށްލުމަށްފަހު އަހަރެންގެ ހަށިގަނޑު މައްޗަށް ހިއްލާލަމުން ފާރު މައްޗަށް އެރީމެވެ. އަދި އަނބު ގަހުގެ ގޮފިގަނޑަށް އެރުމަށްފަހު ސްކޫލު ތެރެއަށް ނަޒަރު ހިންގާލީމެވެ. ނަސީބަކުން އެދިމާގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އަހަރެން ބަލާލީ ތިން ވަނަ ފްލޯގައި ހުންނަ އަހަރެންގެ ކުލާހުގެ ކުޑަ ދޮރުތަކާ ދިމާއަށެވެ. އެ އަނބުގަހުގެ ގޮތްޕެއް ކުލާހުގެ ކުޑަ ދޮރުތަށް ކައިރިއަށް ވާގޮަތަށް އޮތްކަން އަހަންނަށް ކުރިންވެސް އެނގެއެވެ. މީހަކަށް ފެނިދާނެތީ ކުޑަކޮށް ޖެހިލުންވެ ހުރެ އަހަރެން އެއްގޮފިން އަނެއް ގޮތްޕަށް އަރަމުން ގޮސް އެ ގޮފިގަނޑަށް އެރީމެވެ. އޭރުވެސް އެސެންބުލީ ލަވަ ޖެހެމުން ދިޔުމާއެކު ކުދިންތައް ވާނީ ހޯލުގައި ކަން އަހަންނަށް ޔަޤީންވިއެވެ. އެހެންކަމުން ކުލާސް ތެރެއަށް ބަލާލުމެއްވެސް ނެތި އަހަރެން އުނދަގުލާއެކު ކުޑަދޮރުން އެތެރެއަށް ފުންމާލީމެވެ. ފުންމާލެވުމު ގޮތަކުން ކުލާހުގެ ތަޅުންގަނޑު މައްޗަށް އަހަރެން އުއްޑުން ވެއްޓުނެވެ. އަރިކައްޓަށް ވެސް ތަދެއް އެރިއެވެ. އެއާއެކު އަހަރެންގެ ކަންފަތުގައި ގުގުމާލީ ކުދިންތަކުގެ ހުނުމުގެ އަޑެވެ.

“ވޭ ޓު ގޯ ޝުބީ!” ކޮންމެވެސް ކުއްޖަކު އެހެން ގޮވާލި އަޑު ވެސް އިވުނެވެ.

ޔުނީފޯމު ކުޑަކޮށް ފޮޅާލަމުން ތެދުވެ އަހަރެން ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ކުލާސްތެރޭގައި ހުރިހާ ކުދިންވެސް ތިއްބެވެ. އެކުދިން ކޮޅަށް ހުރުމުން އެހުރީ އެސެންބުލީއަށް ކަން އަހަންނަށް އެނގުނެވެ. ލަދުން ގޮސް އަހަރެންގެ މޫނު ރަތްވި ހިނދު އަހަންނަށް ބަލާލެވުނީ ކުލާހުގެ އެންމެ ފަހަތު ސީޓު ކައިރީގައި ކޮޅަށް ހުރި ޝާކިން އާ ދިމާއަށެވެ. އޭނާ ވެސް އަހަންނާ ދިމާއަށް ފާޑަކަށް ބަލަން ހުރުމުން އަހަރެން އިތުރަށް ލަދުގަންނަ ގޮތް ވިއެވެ. އެހެން އެއްވެސް މީހަކަށް ނޭނގުނަސް އެންްމެ ކުޑައިރުއްސުރެ އަހަރެންގެ ހިތުގައި ޝާކިންގެ ސޫރަ ވަނީ ބިންވަޅު ނެގިފައެވެ. ނޭނގި ނަމަވެސް އަހަންނަށް ވަނީ އޭނާ ދެކެ ލޯބިވެވިފައެވެ. ކުލާހުގެ ހުރިހާ ކުދިން ހެމުން ދިޔައިރު ޝާކިން ނުވެސް ހީލައެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. ކުލާހުގެ އެންމެން މަޖާކޮށް ކުޅިވަރު ކުޅެ ހެދިޔަސް އޭނާ ބައިވެރިއެއް ނުވާނެއެވެ. އޭނާ އަބަދުވެސް އިންނާނީ ކުލާހުގެ އެންެމެ ފަހަތު ސީޓުގައި އެންމެނާ އެކަހެރިކޮށެވެ. މާގިނައިން ކުދިންނާ ވާހަކަ ދައްކައެއްވެސް އޭނާ ނޫޅެއެވެ. ފިރިހެންކުއްޖަކާ އަނގައިން ބުނެލިކަމުގައި ވިޔަސް މިހާތަނަށް އައި އިރު އޭނާ އެއްވެސް އަންހެން ކުއްޖަކަށް ބަހެއް ބުނެލާފައެއް ނުވެއެވެ. އޭނާގެ އެ ހުންނަ މިޒާޖެއްގެ ސަބަބުން އަހަރެން ބައެއް ފަހަރު ހައިރާން ވެސް ވެއެވެ.

ކުޑަ ދޮރު ކައިރީގައި އަހަރެން އެ ހުރި ގޮތަށް ހުއްޓާ އެސެންބުލީ ލަވަ ނިމިއްޖެއެވެ. ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރު، ރާޖް ސާރ ވެސް ކުލާހަށް ވަންނަން އައީ އެގަޑީގައެވެ. ސާރ އަށް އަހަރެން ކުޑަ ދޮރު ކައިރީ ހުއްޓާ ފެނުމުން ނިތްކުރިއަށް ދެތިން ރޫ އަރުވާލަމުން އެތެރެއަށް ވަނެވެ. ސާރ ފެންނައިރަށް ހުރިހާ ކުދިން ހުނުން ހުއްޓާލިއެވެ. ބައެއް ކުދިން ހުނުން ކޮންޓުރޯލު ކުރަން އަނގަމަތީގައި އަތް އަޅައިގެން ވެސް ތިއްބެވެ.

“ޝުބާ! ކީއްވެ ތިތާ ތި ހުރީ؟ އަދި ދަބަސްވެސް ނުބާލަންތަ؟” ރާޖް ސާރ އުނަގަނޑުގައި ދެއަތް ވިއްދާލަމުން އިނގިރޭސި ބަހުން ސުވާލުކުރިއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އެވަގުތު އަހަންނަށް ބުނާނެ އެއްޗެއް ވެސް ނުވިސްނުނީއެވެ.

“އިށީންނަން ދޭ!” ސާރ އެެހެން ބުނުމުން އަހަރެން އަވަސް އަވަހަށް އަހަރެންގެ ސީޓާ ދިމާއަށް މިސްރާބު ޖެހީމެވެ. ދަމުން ވެސް އަހަރެން ވަށްކަޅިން ޝާކިން އާ ދިމާއަށް ބަލާލީމެވެ. އޭރު ޝާކިން ގޮނޑީގައި އިށީންދެގެން ގަނޑެއްގައި ކުރަހަން އިނެވެ. އަހަރެންގެ އެންމެ ގާތް ދެ ރަޙުމަތްތެރިން ކަމުގައިވާ ލީޒާ އާއި ރައުފާގެ ދެމެދުގައި އިށީންދެ އަހަރެން ހަމަޖެހެލީމެވެ. އޭރުވެސް ރައުފާ ދިޔައީ އޭނާގެ ހުނުން ކޮންޓުރޯލުކުރަން މަަސައްކަތް ކުރަމުންކަން އޭނާގެ މޫނުމައްޗަށް ބަލާލުމުން އަހަންނަށް އެނގުނެވެ.

“ޝުބް.. ކީއްވެ ލަސްވީ؟ އަދި ކުޑަ ދޮރުން ވިއްޔަ އެރީ…” ނުހޭން މަސައްކަތް ކުރަމުން ލީޒާ އަހާލި ނަމަވެސް އޭނާއަށް ކުޑަކޮށް ހެވުނެވެ. އެއަޑަށް ރާޖް ސާރ އަހަރުމެންނާ ދިމާއަށް ލޯ އަޅާލިއެވެ. އެ ގަޑި ނިމެންެދެން އަހަރުމެން ހިމޭނުން ތިބީ ވާހަކަ ދައްކާ ކުދިން ކޮޅަށް ނަގަން ރާޖް ސާރ ފަސްނުޖެހޭނެކަން އަހަންނަށް އެނގޭތީއެވެ. ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް އިންޓަވަލް ގަޑި ޖެހުމުން ގިނަ ކުދިން ކުލާހުން ނިކުމެގެން ކެންޓީނާ ދިމާއަށް ދިއައެވެ.

“އޭ! ޝުއްބޫ! ހާދަ ސަޅި އެއްޗެކޭ މިޔަދު ޖައްސާލީ ތި!” ކުލާހުގައި އުޅޭ ލާނެތް ފިރިހެން ކުއްޖަކު އަހަންނާ ދިމާއަށް އެހެން ބުނެފައި ހެމުންހެމުން ދުވެފައި ބޭރަށް ދިޔައެވެ. ލީޒާ އާ ރައުފާ ގާތަށް ވެސް ހިނިއައެވެ. އެވަގުތު އަހަރެން ހުރީ ފިޒިކްސް ފޮތަށް ނަޒަރު ހުއްޓައިގެން ކަމުން އެ މީހުންނަަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ނުދެމެވެ.

“އޭ ލެވެސް ފިޒިކްސް ސަކްސް!” އަޑުގެ ކޮޅަށް އަހަންނަށް ގޮވާލެވުނީ ފޮތުގައި ހުރި އެއްވެސް އެއްޗެއްގައި ވާނުވާ ނޭނގުމުންނެވެ. އެއަޑަށް ކުލާހުގައި ތިބި މަދު ކުދިން އަހަރެން ގާތަށް އަތުވެއްޖެއެވެ.

“ސާބަސް ޝުބާއަށް… ޝުބާއާ ނުލާ މިކުލާހެއް ނުހިނގާނެ… އެހާ ވެސް ގަދަ މީހެއް ތީ!” އެތަނުން ކުއްޖަކު އަހަންނާ ދިމާއަށް ބުނެލިއެވެ. އޭނާ ނޫނަސް އެހެން ކުދިންވެސް އަހަރެން ގާތު އަހަންނާ ނުލާ ކުލާސް ނުހިނގާނެ ކަމަށް ބުނެއެވެ. އެއީ އަހަރެން އުޅޭ ގޮތުންނާ އަދި ބައެއް ފަހަރު ބުނެލާ ވާހަކަތަކުން ކަމުގައި އެ ކުދިން ބުނެއެވެ.

އިރުކޮޅަކުން ކުލާހުގައި އަހަރެންނާއި ލީޒާ އަދި ރައުފާ އެކަނިވިއެވެ. އަހަރެމެން ތިން މީހުންނަކީ އާންމު ގޮތެއްގައި އެންމެ ފަހު ވަގުތުގައި ކެންޓީނަށް ވަދެގަންނަ ބައެކެވެ.

“އަޅޭ.. ކީއްވެތަ މިޔަދު އެސެންބުލީ ހޯލްގަ ނުބޭއްވީ.. ؟ އައި ތޯޓް އެސެންބުލީ އެޮންނާނީ ހޯލްގަ ކަމަށް… އެހެންވެ ކުޑަ ދޮރުން އެރީވެސް…” އަހަރެން ލީޒާ އާ ރައުފާއަށް ބަލާލަމުން ބުނެލީމެވެ.

“ހަހަަހަ… ޝުބް ހާދަ މަޖާ ގޮތަކަށޭ ވެއްޓުނީ.. އަހަރެން ދިޔައީ ސިއްސައިގެން… ދުވަހަކުވެސް މީހަކު އެ ގޮތަށް ކުލާހަށް ވަނީކީ ނޫން ވިއްޔަ…. އިޓް ވޯސް ސޯ ފަނީ…” ލީޒާ ހެމުން ހެމުން ބުނެލިއެވެ. އަހަރެން ޗޮކެއް ކަނޑާލީމެެވެ. އެ ވާހަކަ ދައްކަ ދައްކާފައި މި މީހުން ހޭން ތިބެދާނެއެވެ. ނަމަވެސް އަހަންނަށް އޭރު އެމީހުންނަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ. ފިޒިކްސްއިން ހަދަން ދީފައިން އިން ސުވާލެއް ނޭނގިގެން އަހަރެން އިނީ ބޯ ގޮވާފައެވެ.

“ޝުބް ހަމަ ހަނދާންނެތީތަ؟ ހޯލް މަރާމާތުކުރަން ފެށީ މިދިޔަ ހަފްތާއެއްނު؟ ދެން ކިހިނެއް ހޯލަށް އެސެންބްލީއަށް ދާނީ؟” ރައުފާ އެހެން ބުނެލުމުން އަހަރެން ފޮތުން ނަޒަރު ވަކިކޮށްލަމުން ރައުފާއަށް ބަލާލީމެވެ. ތެދެކެވެ. މިދިޔަ ހަފްތާ ތެރޭގައި ހޯލް އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެކަން ހަނދާން ނެތުނީ އަހަރެންގެ މޮޔަކަމުންނެވެ. މިޔަދު ކުޑަދޮރުން ފުންމާލިތަން އެއްވެސް ޓީޗަރަކަށް ފެނުނުނަމަ އަަހަރެންގެ ދުވަސް ދިޔައީހެވެ.

“ޝިޓް.. އެއީ ތެދެކޭ… އަހަރެން ހަނދާން ނެތުނީ..” ނިތްކުރީގައި އެއްއަތުން ޖަހާލަމުން އަހަރެން ބުނެލީމެވެ.

އެދުވަހު ސްކޫލު ނިމިގެން ގެއަށް ދިޔައިރު އަހަރެން ހުރީ ވަރުބަލިގެންގޮސް ހާންތިވެފައެވެ. ލޯގަނޑު ކުރިމައްޗަށް އަަރައި އަމިއްލަ ސޫރައަށް ބަލާލިހިނދު އަހަންނަށް ޗުސްތަޅާލެވުނެވެ. ދެލޮލުގައި ކުޑަ ރަތްކަމެއް އެވަނީ ރޭވެސް ނުނިދާ އުޅުމުންކަން އަހަންނަށް އެނގުނެވެ. ޔުނީފޯމުވެސް ނުބާލާ އެނދުމައްޗަށް ވެއްޓި އޮއްވާ އަހަންނަށް ނިދުނެވެ.

އަހަަންނަށް ހޭލެވުނީ މަންމަ ދޮރުގައި ތަޅާ އަޑަށެވެ. ފުންމައިގެން ތެދުވެ ގަޑި ބަލާލިއިރު އިރުއޮއްސި 7 ޖަހައިފިއެވެ. އެހާ ގިނައިރު ނިދުމުން އަމިއްލަނަފުސާ ދިމާއަށް ކުދި ކިޔަމުން ގޮސް އަހަރެން ތަޅުލާފައިވާ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އޭރު އުނަގަނޑުގައި ދެއަތް ވިއްދައިގެން މަންމަ ހުއްޓެވެ.

“ސުކޫލުން އައި ގޮތަށް ނިދީ ދޯ! ސާބަސް ޝުބާއަށް… އަވަސްކޮށްގެން ކާން އާދޭ…” މަންމަ ކުޑަކޮށް ނުރުހިފައި އެެހެން ބުނެލުމަށްފަހު ހިނގައްޖެއެވެ. އަހަރެން ކަންނެތް ކަމާއެކު ފާހާނާއަށްވަދެ ފެންވަރާ ތާޒާވެލައިގެން ކާގެއަށް ދިޔައީމެވެ. އޭރު ދޮންބެ އާ މަންމަ މޭޒުދޮށުގައި ކާން އިނެވެ. އަހަރެންވެސް ގޮސް ދޮންބެ ކައިރީގައި އިށީންދެ ތައްޓަށް ބަތް އަޅަން ފެށީމެވެ.

ކައިގެން މަޑުކޮށްލުމެއްވެސް ނެތި އަހަރެން ދިޔައީ ކޮޓަރިއަށެވެ. 12 ޖެހުމުގެ ކުރިން ފިލާވަޅުތައް ނިންމަންޖެހޭނެކަން އެނގޭތީއެވެ. ފޮތްތައް ހުޅުވާ ބަލާލިއިރު ހީކުރިވަރަށްވުރެ ގިނަ މަަސައްކަތް ގެއަށް ހަވާލުކޮށްފައި ހުރުމުން އަހަރެންގެ ބޯ ސަކަރާތްވިއެވެ. ގޮނޑީގައި ފޫހިިއްލާ ނުލާ އެއިން ގޮތަށް އިނދެ އަހަރެން އެހުރިހާ ފިލާވަޅެއް ނިންމިއިރު 11.45 ވެއްޖެއެވެ. އޭރު އެއްގޮތަކަށް އިނުމުގެ ސަބަބުން އަހަރެންގެ ފައިވެސް ވަނީ ކުޑަކޮށް އައްސިވެފައެވެ.

ކޮޓަރިި ދޮރު ހުޅުވާލުމަށްފަހު އަހަރެން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނީ މަންމަގެ ކޮޓަރި ދޮރުމަތީގައެވެ. ދޮރުގައި ކަންފަތް ޖެހިއިރު މަންމަގެ ގުގުރީގެ އަޑު އިވުމުން އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެން އަަހަރެން ދިޔައީ ދޮންބެ ކޮޓަރި ކައިރިއަށެވެ. ދޮރުގައި ކަންފަތް ޖައްސާލިއިރު އާދައިގެ މަތިން އިވެމުން ދިޔައީ ދޮންބެ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ގުޅައިގެން ވާހަކަ ދައްކާއަޑެވެ.

“ދެން.. ދެން.. އައި ނާނު ދެކެ ވަރަށް ވަރަށް ލޯބިވެޔޭ.. ދެން ނާނޫ..” ކުޑަކޮށް ތުއިކޮށް ދޮންބެ އެހެން ބުނި އަޑު އިވުމުން އަހަރެން ގާތަށް ހިނިއައެވެ. އަޑު ބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅައިގެން ހުރެ އަހަރެން ކޮޓަރިއަށް ދިޔައީމެވެ. އެއާއެކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދޮންބެވެސް އުޅޭ ވައްތަރު ވިއްޔާއެވެ. ގަޑި ބަލާލިއިރު 12 ޖަހަން 10 އަކަށް ވެފައި ހުރިތަން ފެނުމުން އަހަރެން ހާސްވިއެވެ. އަނެއްކާ މިރޭވެސް ގަޑި ޖެހިގެން ދެވިއްޖެނަމަ އާރިފް ސާރގެ ދެކަންފަތުން ދުން އަރާނެކަން އަހަންނަށް އެނގުނެވެ. އަވަސް އަަވަހަށް ގޮސް އަލަމާރި ހުޅުވައި ހާވަން ފެށީމެވެ. އަދި އަލަމާރީގެ އެންމެ އަޑިން އަހަރެން ނެގީ ކަޅުކުލައިގެ ސުއިޓެކެވެ.

ކޮޓަރީގެ ދޮރު ހުރީ ތަޅުލާފައިކަން ޔަޤީންކޮށްފައި އަހަރެން އެ ސޫޓް ލައި ލޯގަނޑު ކުރިމައްޗަށް އެރީމެވެ. އޭތި ލުމުން އަހަރެންގެ އަތާއި ފައި ނޫން އެހެން ހުރިހާ ތަނެއް ފޮރުވިފައިވިއެވެ. ސޫޓު ގަޔަށް ހިފިފައި ހުރުމުން އަހަރެންގެ ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ފަަޔަށް ކަޅުކުލައިގެ ބޫޓު ލެއްވުމަށްފަހު އަތަށްވެސް ހަމަ އެކުލައިގެ އަންގިއެއް ލެއްވީމެވެ. އިސްތަށިގަނޑުގައި މައްޗަށް ވާގޮތަށް ހުޅިއެއް ޖަހާލުމަށްފަހު އަހަރެން ބޮލާއި އެއްކޮށް ހުންނަ ކަޅު މާސްކް އަޅާލީމެވެ. މިހާރު އަހަރެންގެ މުށިކުލައިގެ ދެލޯ ނޫން އިތުރު ގުނަވަނެއް ނުފެނެއެވެ. ކުޑަކޮށް އަރިވެލަމުން ލޯގަނޑަށް ބަލާލުމަށްފަހު އަހަރެން މޭޒު މައްޗަށް ގޮނޑިއެއް ލީމެވެ. ކޮނޑުގައި ކުޑަވަރެއްގެ ކަޅު ދަބަހެއް އަޅުވާލަމުން އެ ގޮނޑިއަށް އެރުމަށްފަހު އަހަރެން އެރީ އަލަމާރި މައްޗަށެވެ. އޭރުން އަހަރެންގެ އަތް ސީލިންގް ގައި ޖެހެއެވެ. ސީލިންގްގެ ބަައެއް މައްޗަށް ކޮއްޕާލުމުން ދޮރެއް ގޮތަށް ހުޅުވުނެވެ. ފަސޭހަކަމާއެކު އެތަނުން މައްޗަށް އަހަރެން އެރީމެވެ. ފުރާޅުންވެސް ހަމަ އެގޮތަށް ދޮރެއް ހުޅުވާލުމަށްފަހު އަހަރެން ގެ މައްޗަށް އެރީމެވެ. މެންދަމުގެ ފިނިފިނި ރޯޅިތައް އަހަރެންގެ ހަށިގަނޑުގައި ބީހިލުމާއެކު އަހަންނަށް ފުންނޭވައެއް އެތެރެކޮށްލެވުނެވެ.

ފުރާޅުން ހުޅުވި ދޮރު ލައްޕާލަމުން އަހަރެން ދަބަހަށް އަތް ކޮށްޕާލަމުން ބޯޅައެއް ފާޑަށް އޮތް އެއްޗެއް ނެގީމެވެ. އޭތި ގެއާ ކައިރީގައި ހުރި ރުކަކަށް އަމާޒުކޮށްލަމުން އަހަރެން އޭގައިވާ ސުވިޗަށް ފިތާލީމެވެ. އެއާއެކު ވާގަނޑެއް ކަހަލަ އެއްޗެއް ނިކުމެގެން ގޮސް އެރުކުގައި ހަރުލިއެވެ. އަހަރެން ގެމަތިން ފުންމާލައި، އެވާގަނޑުގައި އެލިގަނެގެން ހުރެ ފުންމައިގެން އެރުކަށް އެރީމެވެ. އެއްރުކުން އަނެއްރުކުން، އެއްއިމާރާތުން އަނެއް އިމާރާތުން ފުންމަމުން އަހަރެން މިސްރާބުޖެހީ ރަށުގެ އެންމެ ގަސްބޯ ވާ އޮންނަ ފަރާތަށެވެ. އެފަރާތުން އަތިރިމައްޗަށް ނިކުމެވުމުން އަހަރެން އަނެއްކާވެސް ގަޑި ބަލާލީމެވެ. 12 ޖަހަން 3 މިނެޓެވެ.

މޫދުކައިރިއަށް ގޮސް އަހަރެން ދެކޮޅު ހޯދާ ބަލާލީމެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އަހަރެން ކުރިން އަތުގައި އޮތް ބޯޅަ ދަބަހަށް ލުމަށްފަހު ނެގީ ހަތަރެސްކަނަށް އޮތް އެއްޗެކެވެ. އޭގެ ސުވިޗަކަށް ފިތާލުމާއެކު އޭތި ނިއުޅެމުން ގޮސް ބަދަލުވީ “ސާފިންގ ބޯޑް” އެއް ޒާތުގެ އެއްޗަކަށެވެ. އަހަރެން އެއަށް އަރައި ފައިގެ އެހީގައި ދުއްވަން ފެށީމެވެ. ކުރީ ކޮޅު އަހަންނަށް އޭތި ދުއްވަން އުނދަގޫވި ނަމަވެސް މިހާރު އަހަރެން އެކަމަށް ވަރަށް ކުޅަދާނައެވެ. ސްޕީޑް ލާއްޗަކަށްވުރެ ވެސް އޭގެ ދުވެލި ބާރުވެފައި ހަލުއްވެވެ.

އަހަރެން މިސްރާބުޖެހީ އަހަރެންގެ ރަށް، އިރުދޭފުށްޓާ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ވިނަދޫ އަށެވެ. އެރަށުގެ ގޮނޑުދޮަށަށް ބޯޑު ބީއްސާލުމާއެކީ އަހަރެން އެ ނަގައި ކުރިން ހުރި ގޮތަަށް ކުޑަކޮށްލުމަށްފަހު ދަބަހަށް ލީމެވެ. އަދި ބާރު ދުވެލީގައި ރަށުތެރެއަށް މިސްރާބުޖެހީމެވެ. ރަށުގެ މެދެއްހާ ހިސާބުގައި ހުރި ބިޔަ ނިކަގަހުގެ ދޮށުގައި އަހަރެން މަޑުކޮށްލީމެވެ. އަދި ގަސްދަށަށް ވެރިފައި ހުރި ފަތްތައް އަތުން އެއްފަރާތްކޮށްލީމެވެ. އެއާއެކު ފަތްތަކުގެ އަޑީގައި ފޮރުވިފައިވަ ދަގަނޑު ދޮރު ފާޅުވާން ފެށިއެވެ. ބަލާކަށްނުހުރެ އަހަރެން އެދޮރު ހިއްލާލުމަށްފަހު އެތެރެއަށް ފުންމާލީމެވެ. އަހަރެން ފުންމާލުމާއެކު އެ ދޮރު ލެއްޕޭެނެކަން އަހަންނަށް އިނގެއެވެ. ތަޅުންގަނޑުގައި ފައި ޖެހުމާއެކު އަހަންނަށް މިހުރެވުނީ އެލަވޭޓަރ ގައި ކަން އެނގުނެވެ. ފަރިތަކަމާއެކު އަހަރެން އޭގައި ލޮކް ކޯޑު ޖަހައި ދާންވީ ފްލޯގެ ނަންބަރު ޖަހާލީމެވެ. މާގިނައިރެއްނުވެ އަޑިއަށް ތިންވަނައަށް ހުންނަ ފްލޯއަށް ދެވުނެވެ. އެލަވޭޓަރުގެ ދޮރު ހުޅުވުމާއެކު އަހަރެން އޭގެއިން ފޭބީމެވެ. އަދި ފުންނޭވައެއް ދޫކޮށްލަމުން މުޅި ތަނަށް ނަޒަރު ހިންގާލީމެވެ.

ނޫހުދު ކުލައިން މުޅިތަން ދިއްލިފައިވީއިރު އެކި ކޮޅުކޮޅަށް މީހުން ހޭލަމޭލަވަމުން ދާތަން ފެނުނެވެ. ބަލާކަށް ނުހުރެ އަހަރެން ވެސް އަަވަސް ހިނގުމަކާއެކު މިސްރާބުޖެހީ މަޝްވަރާ ރޫމާ ދިމާއަށެވެ. އެތަނުގެ ދޮރުމައްޗަށް އަރައި އަހަރެން ދޮރުގައި ހުރި ލޮކް ގައި ފިންގަރޕްރިންޓް ޖައްސާލީމެވެ. އެއާއެކު މަޑު އަޑަކާއެކު އެ ދޮރު މައްޗަށް ކެހިގެން ގޮސް ހުޅުވުނެވެ.

އެތަނުގައި ތިބި އެންމެންގެ ނަޒަރު އޭރު ވަނީ އަހަންނާ ދިމާއަށް އަމާޒުވެފައެވެ. ތުންފަތުގައި ދަތް އަޅާލަމުން އަހަރެން އަވަސް އަވަހަށް ގޮސްް މާސްކު ނަގައި، ގޮނޑީގައި އިށީނީމެވެ. ވަށްކޮށް ހުރި ކަޅުކުލައިގެ މޭޒުގެ ވަށައިގެން އިށީންދެގެން ތިބީ އަހަރެންގެ ޓީމުގެ މެންބަރުންނެވެ. އެއެންމެންވެސް ހުރީ އަހަރެންނެކޭ އެއްފަދައިން ކަޅުކުލައިގެ ސުއިޓު ލާފައެވެ. އޭރު ކުރިމަތީގައިވާ ސްކްރީނުން ކޮންމެވެސް ޗާޓެއް ދައްކަމުން ދިޔަ އާރިފް ސާރ އަހަންނާ ދިމާއަށް ބަލާލަމުން ހަރަން ބަނދެލިއެވެ.

“އަގެއިން ލޭޓް… ކޮންމެ ދުވަހަކުވެސް ގަޑި ޖެހިގެން ތިއަންނަނީ؟ ހީކުރަނީތަ މީ ކުޅޭ ކުޅޭ ކަމެކޭ..؟” އަޑަށް ބާރުލާފައި އާރިފް ސާރ އެހެން ބުނެލި ގަޑީގައި އަހަރެން ދިޔައީ ސިހިގެންނެވެ. އެންމެންވެސް ފާޑަކަށް އަހަންނަށް ބަލަން ހުރުމުން އަހަރެން އިސްޖަހާލީމެވެ. ނަމަވެސް އަހަންނަކީ މީހަކު ބުނާ އެއްޗެއްގެ ސަބަބުން އެހާ އަވަހަށް ދެރަވާ މީހެއް ނޫނެވެ. އިސްޖެހި ބާރުމިނުގައި އަހަރެން ބޯ އުފުލާ ސީދާ އާރިފްސާރ ގެ ދެލޮލަށް ބަލާލީމެވެ.

“އަހަރެންމީ ކިޔަވާ ކުއްޖެއް.. މިކަން ނޫނަސް އަހަރެން ކުރަން ބައިވަރު ކަންތައްތައް ހުރޭ… އެހެންވީމަ ލަސްވެސްވެދާނެކަމަށް ސާރ ވެސް ޖެހޭނެ ގަބޫލުކުރަން…” އަހަރެންވެސް ހަރުކަށިކަމާއެކު ބުނެލީމެވެ. ސަރ އަހަންނާ ދިމާއަށް ކުޑަ ވަގުތުކޮޅަކު ބަލަން ހުރެފައި އަނެއްކާވެސް ސްކްރީނުން ދައްކާފައިވާ ޗާޓަށް އިޝާރާތްކޮށް ވާހަކަ ދައްކަން ފެށިއެވެ. ހާ ފުރޭވަރުން އަހަންނަށް ސަރ ކިޔާނުކިޔާ އެއްޗެއް ވެސް ނޭނގުނެވެ. ދެލޯ ހުޅުވާލައިގެން އަހަންނަށް ހުރެވުނީ ކިރިޔާއެވެ.

“ޝުބާ މަޑުކޮށްފަ އެހެން އެންމެން ދިޔަސް އެންމެ ރަނގަޅު…” އެތައް އިރަކަށްފަހު އާރިފް ސާރގެ ވާހަކަ ނިމުމުން އޭނާ އެންމެންނަށް ބަލާލަމުން އެހެން ބުނެލިއެވެ. އަހަރެން ފުންނޭވައެއް ދޫކޮށްލަމުން އިންތަނުގައި އިނީމެވެ. އެވަގުތު ކައިރީގައި އިން އަރޫން އަހަރެންގެ ކޮނޑުގައި ކުޑަކޮށް ޖަހާލުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ.

“ޝުބާ… މިރޭ އަހަރެން ދެއްކި އެއްވެސް ވާހަކައެއް އެނގުނުތަ؟” އެންމެން ދިއުމުން އާރިފް ސާރ ފުރަތަމަވެސް އަހާލީ އެހެންނެވެ. އަހަންނަށް އެވަގުތު ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ހުރިހާ އިރަކު އަހަރެން ހުރީ ނިދިބޮލަށް އަރާފައިވިއްޔާއެވެ.

“ޔޫ ވާ ސްލީޕިންގް.. ހީނުކުރައްޗޭ އަހަންނަށް ނޭނގޭނެއޭ.. އަހަރެން ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް އޮބްޒާވްކުރަން…” އާރިފް ސާރ އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ. އަމިއްލަ ނަފްސު ދިފާޢުކުރުމަށް ބުނާނެ އެއްޗެއް އެވަގުތަކު ހިތަކަށް ނައެވެ.

“ކޮބާ ރިޒާމް އަތުން ގެނައި ޕިލްސް ތައް؟” ސާރ އެހެން އަހާލުމުން އަހަރެން އަނގަ އޮރިކޮށްލީމެވެ. ރިޒާމް އަކީ އަހަރެމެން ޓީމުގެ ސައިންސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ އެކަކެވެ. އޭނާ އުފެއްދި ‘އެންޓި ސްލީޕް ޕިލްސް’ ގެ ފުޅިއެއް އަހަންނަށް ވެސް ދިނެވެ. ކޮންމެ ދުވަހަކު ވެސް އެއިން އެއްގުޅަ ކެއުމުން 28   ދުވަސްވަންދެން ނުނިދައި ހުރެވެއެވެ. ނަމަވެސް 29 ވަނަ ދުވަހު ހަތަރުދަމު ހޭދަކުރަންޖެހެނީ ނިދުމުގައެވެ. އަހަރެންވެސް ކުރީކޮޅު ކޮންމެ ދުވަހަކުވެސް އޭތި ކަމެވެ. ނަމަވެސް އެ ފުޅި ގެއްލުމުން މިހާރު އަހަންނަށް އެ ނުކެވެނީއެވެ.

“އެ ފުޅި އަހަރެން އަތުން ގެއްލުނީ.. ރިޒާމް ކައިރިއަށް ދާން ޖެހޭނީ އެހެން ފުޅިއެއް ބަލާ… ކޮންމެ ފަހަަރަކުވެސް ހަނދާން ނެތެނީ…” އަހަރެން ފާޑަކަށް ހީލަމުން ބުނެލީމެވެ.

“މުޅި ޓީމުގައި ވެސް ހުރި އެންމެ ރިސްޕޮންސިބިލިޓީ ދަށް މީހާ! އަހަރެން ދެން ނެތް އިތުރަށް ބުނާނެ އެއްޗެއް… ދިޔަސް އެންމެ ރަނގަޅު…” ހަށިފުރާ ނޭވާއެއްލަމުން އާރިފް ސާރ ބުނެލިއެވެ. އަހަރެން ސާރއަށް ހީލުމަށްފަހު ދާން ހިނގައިގަތީމެވެ.

“ދެން ސާރ ހީލާ… ސާރ ހީލީމަ ވަރަށް ސްމާޓް!” އަހަރެން އެނބުރި ސާރއަށް ބަލާމަށްފަހު އަވަސް އަވަހަށް އެތަނުން ނިކުތީމެވެ. އޭރު ސާރ މަޑުމަޑުން ހީލި އަޑު އިވިފައި އަހަރެންނަށް ހިނިތުންވެލެވުނެވެ. އާރިފް ސާރއަަށް އަހަރެން ދެެކެ ރުޅިއަންނަން ނޭނގޭނެކަން އޭރުވެސް އަަހަންނަށް އެނގެއެވެ.

ހިނިތުންވެގެން ހުރެ އަހަރެން މިސްރާބުޖެހީ ސައިންސް ޑިޕާޓްމެންޓްގެ އެކްސްޕެރިމެންޓުތައް ހަދާ ލެބޯރެޓޮރީއާ ދިމާއަށެވެ. ފިންގަރޕްރިންޓު ޖަހާލުމާއެކު އެތަނުގެ ދޮރުވެސް ފަސޭހަކަމާއެކު ކެހިގެން ދިޔައެވެ. އެތަނުގައި ހުރި ބައެއްކުދިން އަހަންނާ ދިމާއަށް ހާއި އޭ ބުނެލުމުން އަހަރެންވެސް ރައްދުގައި އެހެން ބުނެލީމެެވެ. ރިޒާމް ހުރި މޭޒު ކައިރިއަށް ގޮސް އަަހަރެން ހުއްޓެލީމެވެ. އޭރު އޭނާ އުޅެނީ ކޮންމެވެސް ފުޅިއެއްގައި ހުރި ނޫކުލައިގެ ކިލަނބު ފެން ފާޑުގެ އެއްޗެއް ދިރާސާކުރުމުގައެވެ. މަސައްކަތަށް ވަދެވިފައި ހުރުމުގެ ސަބަބުން އަހަރެން އެތަނަށް އައިކަން ވެސް އޭނާއަކަށް ނޭނގުނެވެ.

“އެހެމް.. އެހެމް..” އަހަރެން ކަރުކެހެލި އަޑަށް ރިޒާމް ދިޔައީ ސިހިގެންނެވެ. އޭނާގެ އަތުގައި އޮތް ނޫކުލައިގެ ފެން ފުޅި ވެސް ނުވެއްޓުނީ ކިރިޔާއެވެ.

“ޝުބް… ތިހެން ހަދާކަށް ނުވާނެއްނު؟ ކިރިޔާއޭ މި ފުޅި ނުވެއްޓުނީ…” ފުޅި މޭޒުމަތީގައި ބަހައްޓަމުން ރިޒާމް ބުނެލީ ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ނަގައި ބޮލުގައި އަޅުވާލަމުންނެވެ.

“ސޮރީ..” ރިޒާމްއަށް ވީގޮތް ފެނިފައި ނުހޭން ހުއްޓަސް އަހަންނަށް ހެވުނެވެ. ނަމަވެސް ކަރުކެހިލުމަށްފަހު އަހަރެން ހަމައަކަށް އެޅެލީމެވެ.

“އެއްކަލަ ކަހަލަ އެންޓިސްލީޕިންގ ޕިލްސް ފުޅިއެއް ދެވިދާނެތަ ރިޒާމް..؟” އަހަރެން އަވަސް އަވަހަށް އަހާލީމެވެ. އެވަގުތު ރިޒާމް ބުމަ އަރުވާލަމުން އަހަންނަށް ބަލާލިއެވެ.

“ދިނީމެއްނު ވަރަށް ފަހުން ފުޅިއެއް؟” ރިޒާމް އަހާލިއެވެ. އަދި އެއްޗެއް ނުފެނިގެން އުޅޭފަދަ ގޮތަކަށް ލައިގެން ހުރި ހުދުކުލައިގެ ލެބް ކޯޓުގެ ޖީބުތައް ހޯދަން ފެށިއެވެ. އަހަރެން އޭނާއަށް ފުންކޮށް ބަލާލީމެވެ. އެއީ މުޅި ލެބުގައިވެސް މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ އެކުވެރިކޮށް ވާހަކަދައްކާ އެކަކެވެ. ލައިގެން ހުރި ކަޅުކުލައިގެ ސުއިޓު މަތިން ލެބު ކޯޓުލާފައި ހުންނައިރު އޭނާ އަށް ލިބިފައި ހުންނަނީ ސައިންޓިސްޓަކާ ވަރަށް ގާތްކުރާ ސިފަތަކެކެވެ. ބުޅި އިސްތަށިގަނޑެއް ލިބިފައިވީއިރު އަބަދުވެސް އެ ބޯ ހުންނަނީ ހާވާލެވިފައެވެ. އަޅި ކުލައިގެ ބޮޑު ދެލޯ އެއީ އޭނާގެ ސިފަތަކުގެ ތެރެއިން އަހަންނަަށް އެންމެ ރީތި ސިފައެވެ.

“އާއެކޭ… ދިނޭ ފުޅިއެއް.. އެކަމަކު އޭތި ގެއްލުނީއޭ..” އަަހަރެން ތުންގަނޑު ބޮޑުކޮށްލަމުން ބުނެލީމެވެ. އެވަގުތު ރިޒާމް ޗުސްތަޅާލިއެވެ. އަދި ޖީބުން ނެގި ތަޅުދަނޑިފަތި ހިފައިގެން އޭނާގެ ކަބަޑުތަކާ ދިމާއަށް ދިޔައެވެ.

“އެނގެއޭ ބޭސް ނުކައި އުޅޭކަން… މިރޭވެސް ސާރ ކީ އެކައްޗެއްވެސް ޔަޤީން ހަމަ ޝުބްއަކަށް ނޭނގޭނެކަން..” ފަހަތުން މީހަކު އެހެން ބުނެލިއަޑަށް އަހަރެން އެނބުރެލީމެވެ. އޭރު ފަހަތުގައި އަހަންނާ ދިމާއަށް ބަލަހައްޓައިގެން އަރޫން ހުއްޓެވެ. ހީލައިގެން ހުރިއިރު އެ ދެކޮލަށް އަޑިކޮޅު އެޅިފައި ހުއްޓެވެ. އަރޫން އަކީ މުޅި ޓީމުގައި ވެސް އަހަންނާ އެންމެ ގާތްކޮށް އުޅޭ މީހާއެވެ. އެއީ އަހަރެމެނަކީ ގާތްގަނޑަކަށް އެއްއުމުރެއްގެ ދެމީހުންނަށްވުމުން ކަމުގައިވެސް ވެދާނެއެެވެ. އޭނާގެ އުމުރުން 18 ވީއިރު އަހަންރެންނަށް އަދި 17 އަހަރެވެ. ދެން މުޅި ޓީމުގައި ވެސް އުޅެނީ 25 އަށް ވުރެ އުމުރުން މަތީ މީހުންނެވެ. ރިޒާމްއަށް ވެސްވީ 26 އަހަރެވެ.

“އަސްލުވެސް ނޭނގުނު މިރޭ ސާރ ކީ އެކައްޗެއްވެސްް…” އަހަރެން އަރޫންގެ ކޮނޑުގައި ޖަހާލަމުން ބުނެލީމެވެ. އެވަގުތު އޭނާ ހިނިގަނޑެއް ޖަހާލިއެވެ. އަރޫން އަކީ އަހަރެން ފަދައިން ހަމުގެ ކުލަ އަލި މީހެކެވެ. ފަންފަން އިސްތަށިގަނޑެއް ލިބިފައިވީއިރު އަބަދުވެސް އެ އިސްތަށިގަނޑު ހުންނަނީ ޖެލްލައި ރީތި ގޮތަކަށް ސްޓައިލްކޮށްފައެެވެ. އޭނާއަށް ލިބިފައިވަނީ ވިލު ނޫކުލައިގެ ރީތި ދެލޮލެވެ.

“މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަންގެ ވާހަކަ ދެއްކީ… އެއަރ ފޯރސްއިން މައުލޫމާތު ލިބުނު ގޮތުގައި އިންޑިޔާގެ 10 ވަރަކަށް ސްޕައި ރާއްޖޭގަ މިހާރު އެބައުޅޭ… އަޅެ އެހާ އިންޕޯޓަންޓް ވާހަކައެއް ސަރ ދެއްކިއިރުވެސް ޝުބްއަށް ހަމަ އެކައްޗެއްވެސް ނޭނގުނުތަ؟” އަރޫން އެންމެ ފަހު ޖުމްލަ ބުނެލީ އަހަރެންގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސައި ކުޑަކޮށް އޮއްބާލަމުންނެވެ. އަހަންނަށް ކުޑަކޮށް ތަދުވެސްވިއެވެ. އައުޗް އޭ ކިޔައި އަަހަރެން ނިތްކުރީގައި އަތް ހާކާލީމެވެ.

“އެހެންތަ؟ ސްޕައިން ކަމަށް ޝައްކުކުރެވޭ ބަޔަކު މިހާރު އެއްވެސް ވަރަކަށް ހޯދިއްޖެތަ؟” އަހަރެން ނިތްކުރީގައި އަތް ހާކަމުން އަހާލީމެވެ. އާރިފް ސާރ ހަމަ އެކަހަލަ އެއްޗެއް މިރޭ ކީބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ހުރީ އެވަރުގެ އެއްޗެއް ކީއިރުވެސް އަޅައިނުލެވޭފަދަ ހާލަތެއްގައި ހެއްޔެވެ؟

“ހޫމްމް.. ސާރ ބުނީ ޝައްކު ކުރެވޭ ދެތިން މީހަކު ހޯދިއްޖެއޯ.. އެމީހުންނަށް ސްޕައިކުރަން ޓީމުގެ ހަ މެންބަރުން ކަނޑައެޅިކަންވެސް ހަމަ ޝުބް އަކަށް ނޭނގޭތަ؟” އަރޫން އެހެން ބުނުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“އަހަރެންވެސް މިޝަން އަަކަށް ފޮނުވާނަމަ ދޯ…؟ ވަރަށް ދާހިތްވޭ އަސްލު..” އަހަރެން ދެރަވެލާފައި އަރޫން ގާތު ބުނެލީމެވެ. މި މުޅި ސިއްރު އެޖެންސީގައިވެސް އަހަރެން ނޫނީ މިޝަން އަކަށް ނުދާ މީހަކު ނޫޅެއެވެ.  އަރޫން ވެސް މިހާރު ދެ މިޝަންގައި ބައިވެރިވެއްޖެއެވެ. އަހަރެން މި އެޖެންސީއާ ގުޅުނީ މިދިޔަ އަހަރު ކަމުގައިވިޔަސް މިހާރު އަހަންނަށްވެސް އެކަށީގެންވާ ޓްރެއިނިންގް ލިބިއްޖެއެވެ. ވީއިރު އާރިފް ސާރ އަހަރެން އެއްވެސް މިޝަންއެއްގައި ބައިވެރިނުކުރަނީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެން އެހެންމީހުންހާ ޒިންމާދާރުނުވީމަ ހެއްޔެވެ؟ ނޫނީ އަހަރެން އެހެންމީހުންނަށްވުރެ ކުޑަވީމަ ހެއްޔެވެ؟ނޫނީ އަހަންނަކީ އަންހެއްކުއްޖަކަށްވީމަ ހެއްޔެވެ؟

“މިއޮތީ…” ކަބަޑުތައް ހާވަމުން ދިޔަ ރިޒާމް އެހެން ގޮވާލުމުން އަހަރެންވެސް އެދިމާ ބަލާލީމެވެ. އޭރު އޭނާ ކަބަޑުތެރެއިން ބިއްލޫރި ފުޅިއެއް ނަގަނީއެވެ. އޭގައި ހުރި ފެހި ކުލައިގެ ބޭސްގުޅަތައް ފެނި އަހަރެންނަށް ކުޑަކޮށް ހިނިތުންވެލެވުނެވެ. ދެން ކުލާސްގަޑީގައިވެސް ނިދިއައިސްފައި ހުންނާކަށް ނުޖެހޭނެއެވެ. މިފަހަރު އަހަރެން އެ ފުޅި ގެންގުޅޭނީ ވަރަށް ބަލައިގެންނެވެ. ނޫނީ އަނެއްކާވެސް އާރިފް ސާރ އަހަންނާ ދިމާއަށް ރިސްޕޮންސިބިލިޓީ ދަށޭ ކިޔައިފާނެއެވެ.

ރިޒާމް އެ ފުޅި ހިފައިގެން އައިސް އަހަރެން އަތަށް ދިނެވެ. އަހަރެން ވަގުތުން އެފުޅި ލީ ކޮނޑުގައި އަޅުވާލާފައި އޮތް ދަބަހަށެވެ. އޭރު ރިޒާމް އަހަންނާ ދިމާއަށް ބަލަން ހުރީ ފާޑަކަށެވެ.

“ދެން ވެސް ގެއްލުވާނުލާތި އިނގޭ…” އިންޒާރުގެ ރާގަކަށް ރިޒާމް އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ.

“ކޮބާތަ ރިޒާމް އެންމެ ފަހުން އުފެއްދި ސުއިޓްތައް…؟ އެ ބަލާލަންވެގެން އަސްލު މިއައީ…” އަރޫން ރިޒާމްއަށް ބަލާލަމުން ބުނެލިއެެވެ. އެވަގުތު ރިޒާމް އަތުގެ އިޝާރާތުން އައުމަށް ބުނެލިއެވެ. އަހަންނާ އަރޫން އޭނާގެ ފަހަތުން ހިނގައިގަތީމެވެ. ރިޒާމް ގޮސް ފިންގަރޕްރިންޓް ޖަހާލުމާއެކު ދޮރެއް ހުޅުވިގެން ދިޔައެވެ. އެއީ އޭނާ އުފައްދާ އީޖާދުތައް ބަހައްޓާ ހަދާ ތަނެވެ. އެތަން ހުޅުވޭނީ ހަމައެކަނި އޭނާއަށެވެ.

އެތެރެއަށް ވަދެ އަހަރެން އެ ކުޑަ ތަންކޮޅަށް ނަޒަރު ހިންގާލީމެވެ. އެލުމިނިއަމް ހަތަރު ބިތް ނޫން އެހެން އެއްޗެއް އެތާކުއެއް ނެތެވެ. ރިޒާމް ގޮސް އެއްބިތުގައި އަތް ޖައްސާލިތަނާ އެތަން ހުޅުވިގެން ދިޔައެވެ. އަލަމާރިއެއް ފާޑުއެއްޗެއް ނިކުމެގެން އައިއިރު އޭގެ ތެރޭގައިވާ ސްޓޭނޑްތަކުގައި ހަތަރު ސުއިޓް އަޅުވާފައި ހުއްޓެވެ.

“ވާއޮ! މީ ހުސް ރިޒާމް ހަދާފަތަ؟” އެތަނުން ސުއިޓެއްގައި އަތް ޖައްސާލަމުން އަހަރެން އަހާލީމެވެ. އެވަގުތު ރިޒާމް ބާރަކަށް އަހަރެންގެ އަތުގައި ހިފައި އެ ސުއިޓާ އަތް ދުރުކޮށްލިއެވެ. ހައިރާންވެފައި އަހަރެން ރިޒާމް މޫނަށް ބަލާލީމެވެ. އަހަރެން އުޅުނީކީ އެ ސުއިޓު ހަލާކުކޮށްލާކަށް ނޫން ވިއްޔާއެވެ.

“މީކީ ޝުބްމެން ކަހަލަ ބޭބީ ކުދިން ކުޅޭ ކަހަލަ އެއްޗިއްސެއް ނޫން..” ހަރުކަށި ގޮތަކަށް ރިޒާމް އެހެން ބުނެލުމުން އަހަންނަށް ބަލާލެވުނީ ކައިރީގައި ހުރި އަރޫންގެ މޫނަށެވެ. އަރޫން އެވަގުތު ދެކޮނޑު ހިއްލާލިއެވެ.

“ކަމް އޯން ރިޒާމް… އަހަރެން އަތުން އެ ފުޅި ގެއްލުނީމަ އަދިވެސް ހިތްހަމަނުޖެހިފަތަ ތި ހުރީ؟” އަހަރެން ހީލަމުން އަހާލީމެވެ. ރިޒާމް ފާޑަކަށް އަހަންނަށް ބަލާލުމަށްފަހު އަރޫންއާ ދިމާއަށް އެނބުރުނެވެ. އަހަރެން ކުރި ސުވާލަށް ޖަވާބުދޭކަށް އޭނާއެއް ނޫޅުނެވެ. ބައެއްފަަހަރު އޭނާގެ މިޒާޖު ދެނެގަންނަން އަހަންނަށް ވަރަށް ވެސް އުނދަގުލެވެ.

“މިއީ އެންމެފަހުން އުފެއްދި ސުއިޓް…” އެތަނުން އަޅި ފާޑަކަށް ދާ ކުލައެއްގައި ހުރި ސުއިޓެއްގައި އަތް ޖައްސާލަމުން ރިޒާމް އަރޫން ގާތު ބުނެލިއެވެ. އަރޫން ވަރަށް ފުންކޮށް އެއަށް ބަލާލަމުން އެހެން ހެއްޔޭ އަހާލިއެވެ. އަހަރެން ދެއަތް އުރާލައިގެން ރިޒާމްއަށް ނަޒަރު ހުއްޓާލައިގެން ހުރީމެވެ. އަހަރެން އޭނާ ރުޅިއަންނަވަރުގެ ކަމެއް ނުކުރަންވިއްޔާއެވެ.

“މި ސުއިޓްއަކީ އަލިފާން ޖެހުނަސް އެއްވެސް ގެއްލުމެއްނުވާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް.. މި ލައިގެން ހުންނަ މީހާ އަލިފާނުގެ ތެރެެއަށް ދިޔަސް އެއްވެސް ގެއްލުމެއް ނުލިބޭނެ.. އައި ހެވެންޓް ޓެސްޓަޑް އިޓް ޔެޓް.. ބަޓް މީތި ވޯކް ކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބައޮތް… އައި ކޯލް އިޓް ‘ފަޔަރ ސުއިޓް’…” ރިޒާމް އެހެން ބުނުމުން އަހަރެން ބާރުބާރަށް ހޭންފެށީމެވެ. އަރޫންއާ ރިޒާމްވެސް ހައިރާންވެފައި އަހަންނަށް ބަލަން ފެށިއެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ އަހަންނަށް ހެވެމުން ދިޔައެވެ. ރިޒާމް އޭނާގެ އުފެއްދުންތަކަށް ދޭ މޮޔަ ނަންތަކުން މީހަކު ހިނިނައިއްޔާ ދެރައެވެ.

” ފަޔާރ ސުއިޓޭ… ހެހެ… ސަޗް އަ ލޭމް ނޭމް.. ތިއަށްވުރެ ރީތި ނަމެއް ހަމަ ރިޒާމްއަކަށް އެއަށް ކިޔާކަށް ނޭނގުނުތަ؟” އަހަރެން ހެމުން ހެމުން ބުނީމެވެ. ނަމަވެސް ރިޒާމްގެ މޫނުމަތީގައިވީ ސީރިއަސްކަމެވެ. އޭނާއަށް މިޔަދު އެހުންނަނީ ކީއްވެފަކަމެއް އަހަންނަކަށް ނޭނގެއެވެ.

“އަރ ޔޫ މޭކިން ފަން އޮފް މައި އިންވެންޝަންސް؟” ރިޒާމް ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ބިތުގައި އަތް ޖައްސާލިއެވެ. އެއާއެކު އެތަނުން ޝެލްފެއް ހުޅުވިގެން އައެވެ. އޭގެ މަތީގައިވީ ބަޑިތަކެއް ފާޑު އެއްޗެހިތަކެކެވެ. ބަލަބަލާ ހުއްޓާ އޭނާ އެތަނުން އެއްޗެއް ނަގައިގެން އަހަންނާ ދިމާއަށް އަންނަން ފެށިއެވެ. އެ މޫނުމަތިން އަހަންނަށް ފެނުނީ ރުޅިވެރިކަމެވެ. އަހަންނާ ޖެހޭ ނުޖެހޭ ހިސާބަށް އައިސް އޭނާ ސީދާ އަހަރެންގެ ބޮލަށް އޭތި އަމާޒުކޮށްލިއެވެ. އަހަރެން ހާސްވާންފެށީ އެހިސާބުންނެވެ. ރިޒާމްގެ ފަހަތުގައި ހުރި އަރޫންގެ މޫނުންވެސް ފެންނަނީ ކަންބޮޑުވުމެވެ. އަނެއްކާ އެއީ ރިޒާމްގެ ސިފައިގައި ހުރި ސްޕައިއެއްބާއޭ އަހަރެންގެ ހިތަށް އެރިވަގުތު ބިރުވެރިކަމުގެ ބާންޏެއް ހިތުތެރޭގައި ދުވެލިއެވެ. އެއީ ރިޒާމް ދުވަހަކުވެސް އުޅުނުގޮތެއް ނޫންވިއްޔާއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ދެއަތް މައްޗަށް ހިއްލާލެވުނެވެ. ރިޒާމް އެ ބަޑީގެ ޓްރިގަރއަށް ފިތާލިވަގުތު އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (13)

Next

ޢަޞްރު (ސަތުތިރީސްވަނަ ބައި)

Next
January 27, 2017

ޢަޞްރު (ސަތުތިރީސްވަނަ ބައި)

Previews
January 26, 2017

ފިރިމީހާގެ ހައްޤުގައި (13)

28 Comments!

  1. Liaa says:
    January 26, 2017 at 2:46 pm

    Hii all.. Mi story akee Liaa kurin liyunu story thakaa thafaathu vaahakaeh.. Liaa akee ehaa molhu kujjeh noon story liyan.. So, mistakes hurumakee ekasheegenvaa kameh… Mistakes bunedhineema improve kuran masaiykai kuraanan…
    Heekuran mi story reethivaaane kamah 🙂
    Loves <3

  2. yippy says:
    January 26, 2017 at 3:10 pm

    ehan vahaka thaka varah thafaath. hope mi vahaka ved rythi vaane kamah. i like shub. her character is realy intresting. pls upload the next prt soon

    1. Liaa says:
      January 26, 2017 at 3:49 pm

      Thankss Yippy 🙂

  3. Aasaalee says:
    January 26, 2017 at 3:14 pm

    Wow v thafaath interesting waiting 4 nest part

    1. Liaa says:
      January 26, 2017 at 3:49 pm

      Thankss Aasaalee 🙂

  4. Affe says:
    January 26, 2017 at 3:47 pm

    V thafaathu interesting starting eh ekam liyumuga kuh ebahuri kommeves varakah misaalakah magu matheegai huri meehunge Ey buneema e jumla Hama nujehey eyge badhaluga magumatheega thibi meehunge liyununama reethivaane love ur stories.. keep it up lia ❤

    1. Liaa says:
      January 26, 2017 at 3:50 pm

      Thankks Affe 🙂 Now ethankolhu rangalhu kollaafin…
      Heekuran ehen mistakes ves bunedheyne kamah

  5. tttt says:
    January 26, 2017 at 3:49 pm

    Kihinei tha mi vany..vanuva neynge e meehun e work kurany drug ufahdhaa thanehga tha

    1. Liaa says:
      January 26, 2017 at 3:51 pm

      Adhi fahun vaanuvaa inegyne ttt
      Thanks for reading

  6. malaikaa says:
    January 26, 2017 at 3:58 pm

    V reethi..liaashrr vaahaka eh ahaalan thr?alhugandu storyehh liyan vgn mi uleni..ekmvaahaka liyunima esfiyaaga numehh indheyy liyaa vaahak eh ..e keehvve??

    1. Liaa says:
      January 26, 2017 at 4:20 pm

      Thanks malaikaa
      Neynge Liaa akah ves keevve kameh neennaneekee… Contact admin of esfiya 7997991..

  7. malaikaa says:
    January 26, 2017 at 3:59 pm

    Wat is happening admin?keehve ehn vany

  8. ~minty~ says:
    January 26, 2017 at 4:12 pm

    Speechless…this is really unique nd different..sslu vx vrh mi story kiyaa hiyy vey eba..nd I love shubaa’s character soo much??

    1. Liaa says:
      January 26, 2017 at 4:21 pm

      Thaankks a lot minty 🙂
      <3

  9. HARRY says:
    January 26, 2017 at 4:22 pm

    wow … liaa again new story eh dhw…. v v thafaathu mi faharuge stry…. good luck ingey…. hama unique and nice

  10. afu says:
    January 26, 2017 at 6:00 pm

    Its really interesting and very different..
    Liaa I love your storys..
    And next part thankolheh dhigu kollahcheyy…
    Kn dhuvass thakehga story up kuranyy..??

    1. Liaa says:
      January 26, 2017 at 6:23 pm

      Thankss afu 🙂
      Kameh dhimaa nuwanyaa komme dhuvahakuves upload kuraanan…

  11. pooh bear says:
    January 26, 2017 at 8:01 pm

    varah reethi.
    avahah update kurahchey.

    1. xaha says:
      January 26, 2017 at 11:58 pm

      eey thi shaha dhw

    2. Liaa says:
      January 27, 2017 at 9:44 am

      Thanks pooh bear 🙂

  12. leon says:
    January 26, 2017 at 8:26 pm

    v nice..ma dream eh aslu mikahala vaahaka eh kiyumaky spy in uley..u made my dram come true..tanks

    1. Liaa says:
      January 27, 2017 at 9:45 am

      Thankyw Leon 🙂 V ufaa vejje leon ge dream come true kureveythy

  13. Eleesha says:
    January 26, 2017 at 9:20 pm

    Lia liaa.. Heehee koshi ves araifi.. All I can imagine was anbu gahun claahah fummali scene.. Missed my aminiyya days… Story awsum liaa ?????

    1. Liaa says:
      January 27, 2017 at 9:45 am

      Hehe…
      Thanks Eleesha 🙂

  14. Mal mal says:
    January 27, 2017 at 11:13 am

    Vvv thafaathu story akah vaane hen hyvey
    Liaaa plx upload next part soon

  15. Dk says:
    January 30, 2017 at 1:39 am

    Lia ge thi hunaru iraadha kurehveethee ebahuri.. Mihaathanah dhivehi bahun kiyaalevunu vaahakaehge, ehme thafaathu eh feshun.. Go on.. Wil see.. 🙂

  16. ham says:
    February 1, 2017 at 9:15 pm

    Liaa wow nice ingey…abadhuves umeedhakee mikalage thafaathu story….

  17. Muns says:
    August 30, 2017 at 11:26 am

    Reygadu gadyga avi Ainu alhaatha???

Comments are closed.

Next Episodeއަނދިރިފަރާތް (2 ވަނަ ބައި)←


All Right Reserved!