“އާހިލް މިތާ ކީއްވެބާ؟”

މެހެކް ހައިރާން ވެފައި ހުއްޓައި އޭނާ މެހެކް އާއި ކުރިމައްޗަށް ވާ ގޮތަށް އެނބުރިލިއެވެ. އެވަގުތު މެހެކް އަށް އެ މޫނު ފެނުނެވެ. އެހިނދު ބާރުބާރަށް ތެޅެމުން ދިޔަ އޭނާ ގެ ހިތް މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. އެއީ އާހިލް އެއް ނޫނެވެ. ފުރަގަހުން އާހިލް އާއި ވައްތަރުވީއެވެ. ފުންނޭވާއެއް ބޭރުކޮއްލުމަށް ފަހު މެހެކް ދެލޯމަރާލިއެވެ. މީހަކާއި މެދު މާ ބޮޑަށް ވިސްނޭނަމަ އެހެންވެސް ވެދާނެ ކަމަށް އޭނާގެ ހިތަށް ޤަބޫލްކުރެވުނެވެ.

ހުރިހާ ޙިޔާލްތަކާއި ދުރަށް ޖެހިލުމަށް ފަހު، އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ބޯ ފޮތްތައް އޭނާ މޭޒުމަތީގައި އަތުރާލިއެވެ. ދެން ކިޔެވުމާއިގެން މަސްޢޫލުވިއެވެ.

އެގޮތުގައި ވެއަތުވަމުން ގޮސް ދުވަސް ތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރު ތަކަށް ބަދަލު ވަމުން ގޮސް ހަތަރު އަހަރު ފާއިތު ވެ ދިޔައީއެވެ.

* * * * * *

4 އަހަރު ފަސް

“ދަރިފުޅާ، މި ދެ ފޮތިގަނޑު ލާބަލަ ފޮއްޓަށް، މަންމަ ކުރިން ފަހަރު މިކޮޅުގައި ހުރި އިރު މީގެ ފޮތި ރީތި ވެގެން އެވާހަކަ ދެއްކި، އެހެންވެ ޝިޔާމައްތަ މަންމަ އަށް ފޮނުވި ހަދިޔާ އެކޭ ބުނޭ އިނގޭ” އަވަދިނެތި ދަތުރު ތައްޔާރު ކުރަމުންގޮސް ފޮއްޓައް އެއްޗެހި އަޅަމުން، މެހެކް މޫނު މައްޗައް ވެއްޓިފައި އޮތް އޭނާގެ ރީތި އިސްތަށިގަނޑު އެއްފަރާތް ކޮއްލަމުން ޝިޔާމައްތަ ދައްކާލި ދެ ފޮތިގަނޑަށް ބަލާލިއެވެ.

މެހެކް އިނީ ހެވިލާފައެވެ. މާދަމާއަކީ އޭނާ ރާއްޖެ ދާން ފުރާ ދުވަހެވެ. މަންމަ އާއި ބައްޕަގެ ހުވަފެން ހަޤީޤަތަކަށް ހަދައިގެންނެވެ. މުޖުތަމަޢަށް ޙިދުމަތް ކުރުމުގެ ޤާބިލުކަން ހުރި ދަރިއަކަށް ވެގެންނެވެ.

ޝިޔާމައްތަ މެހެކް ގެ ބޮލުގައި ފިރުމާލިއެވެ. މިއަދު އިރުއެރީއްސުރެ ނަސީރުބޭ އިންނަނީ ދެރަވެފައެވެ. އިރު އިރުކޮޅުން އައިސް މެހެކް ގެ ކޮޓަރި ދޮރުމަތީގައި ނަސީރުބޭ ހުއްޓިލައެވެ. “ޝިޔާމާ، މެހެކް ދިޔާމަ ވަރަށް ފަޅުވާނެ ދޯ؟” ދެރަވެފައި ހުރެ ނަސީރުބޭ ޝިޔާމައްތަގެ ގާތުގައި އަހާލިއެވެ.

“މެހެކް އަކީ އަކީ އަހަރުމެންގެ ދަރިއެކޭ، މެހެކް ބުނީ ޗުއްޓީ ވާއިރަށް މިކޮޅަށް އަންނާނަމޭ ދޯ ދަރިފުޅާާ”

“ލައްބަ، އަޅުގަނޑު އިރާދަކުރެއްވިއްޔަ ގުޅާނަން، އަދި އަންނާނަން”.

“އަހަރުމެން ވެސް ރާއްޖެ ދާންވީ ދޯ؟”. ދެރަވެލާފައި އަނެއްކާވެސް ނަސީރުބޭ ބުނެލިއެވެ.

“އާ ތިކަމާ އަހަރެންވެސް ވިސްނީމޭ، އެކަމަކު ދެން މެހެކް ޗުއްޓީގަ އައިސް ދާ ދުވަހު މެހެކް އާ އެކު ރާއްޖެ ދާނީ، އިރާދަކުރެއްވިއްޔާ”  ޝިޔާމައްތަ ބުނެލިއެވެ.

ވާހަކާގައި ތިއްބައި މެހެކް ގެ ފޯން ރިންގް ވާން ފެށި އަޑަށް އެންމެން ނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. “މަންމަ ކަންނޭނގެ އެގުޅަނީ” ފޯނާ ދިމާއަށް ހިނގަންނަމުން މެހެކް ބުނެލިއެވެ.

އޭނާ ފޯން ބަލާލިއިރު ގުޅަނީ އިވާން އެވެ.

“މެހެކް އަހަރެން މިހުރީ ތިގޭ ދޮރުމަތީގައި، ހުޅުވާލަބަލަ” އިވާން އެދުނެވެ.

“އޯކޭ”

” އިވާން އަތުވެއްޖެ” ދޮރާ ދިމާއަށް މެހެކް ހިނގައިގަތެވެ.

މި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އިވާން ވަނީ ޝިޔާމައްތަ މެންގެ ހިތް ހޯދާފައެވެ.  އިވާން ދެކެ އެމީހުން ވަރަށް ލޯބިވެއެވެ. ފަހުުން ފަހުން އައިސް އިވާން އެގެއަށް އައުން ގިނަ ކުރީއެވެ. އެމީހުން ބޭނުންވާ ކަންކަން އިވާން އަމިއްލައަށް ވެސް ކޮއްދެނީއެވެ. ޙާއްސަކޮއް މަންމަ ހުންނަ ދުވަސް ތަކުގައި އިވާން އަންނަލެއް ގިނައެވެ. އިވާން އާއި މެހެކް އަކީވެސް ކުރިއެކޭ އެއްގޮތަށް ހަމަ ދެ އެކުވެރިންނެވެ.

“އިވާން އަވަހަށް ވަދޭ” މެހެކް ދޮރު ހުޅުވާލާފައި ބުނެލިއެވެ.

“އިވާން އިސްޖަހާލައިގެން ހުރެ އެތެރެއަށް ވަނެވެ.

“އިވާން ކޮބާ ކިހިނެއް؟، ޝިޔާމާ، އިވާން އަށް ކޮފީ އެއް ހަދާބަލަ” ނަސީރުބޭ ސޯފާގައި ހަމަޖެހިލިއެވެ.

” ނޫން.. އަހަރެން މި ގަޑިގަ ވަރަށް ފުލް، މިއައީ މެހެކް މާދަމާ ފުރާތީވެ ވާހަކައެއް ބުނެލަން ވެގެން”

“އެހެންތަ، އެހެންވީމަ ނަސީރުބޭ ކޮޓަރިއަށް މި ގޮސްލަނީ” ހިނިތުންވަމުން ނަސީރުބޭ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ޝިޔާމައްތަ ވެސް ކައްކާބަޔަށް ވަދެ ކެއްކުމުގެ މަސައްކަތުގައި އުޅެން ފެށިއެވެ.

“މެހެކް، އަހަރެން މިރޭ ފުރަން މެލޭޝިއާ އަށް ދާން. އަހަރެންގެ ކޮއްކޮ އެތާ ކިޔަވާތީވެ މަންމަ އާއި ބައްޕަވެސް އެކޮޅަށް ބަދަލުވެ ތިބީ މިވަގުތު. ދެން އަހަރެންވެސް މަންމަ މެންނާއެކު އެތާނގައި ހުރެލަން މިދަނީ”

” އެހެންތަ؟ ” މެހެކް އަހާލިއެވެ.

” އަހަރެން ބުނަން އުޅުނީ މެހެކް ރާއްޖެ ގޮސް ވެސް ކަމެއް ދިމާވެއްޖެ ނަމަ އަހަންނަށް ޙަބަރެއް ވައްޗޭ.  މިބުނީ ކިތަންމެ ބޮޑު އެހީ އެއް ބޭނުން ވިޔަސް އަހަރެން މަތިން ހަނދާން ކުރައްޗޭ. އިރާދަކުރެއްވިއްޔަ އަހަންނަ ވެވުނު އެހީއެއް ވިއްޔާ މެހެކް އަށް ވާނަން. ތީ އަހަރެންގެ ވަރަށް ޙާއްސަ އެކުވެރިއެއް.” އިވާން ހިނިތުން ވެލިއެވެ.

“ވައިބާރ ނުނީ ފޭސްބުކް މެހެކް ބޭނުން ކުރަންޏާ ދެމީހުން ދިމާވާނެއެއްނު ދޯ”

“ތޭންކްސް އިވާން” މެހެކް ވެސް ބަދަލުގައި ހިނިތުންވެލިއެވެ.

“ސަދޫ ގެ ޙަބަރެއްވޭތަ އިވާން އަށް؟” މެހެކް ސާދުނާ މަތިން ހަނދާންވެގެން އަހާލިއެވެ.

” އާ ދޭތެރެއަކުން އެހެން ގުޅާލާނެ، އެކަމު އަހަންނަކަށް ނުގުޅޭ ބިޒީ ކަމުން، މެހެކް އަށް ސަދޫގެ ޙަބަރެއް ވޭތަ؟”

އިވާން އެހެން އަހާލުމުން މެހެކް ވަރަށް ދެރަވިއެވެ.  ފަހަކަށް އައިސް ސާދުނާ، މެހެކް އަކާ މާ ބޮޑު ގުޅުމެއް ނުބާއްވައެވެ. އޭނާގެ މަޖާ މިޒާޖު އެއްކޮއް ބަދަލުވިއެވެ. ކުރީގެ ސާދުނާ އޭ އެކަކުވެސް ނުބުނާ ވަރަށެވެ. އޭނާ ހުންނަނީ އަބަދުވެސް ދެރަވެ ބަސްމަދުވެފައެވެ.

“އިވާން އަހަރެން ދެކެ ލޯބިވާ ހެނެއް ހިއެއް ނުވޭ”. ސަބަބެއް ހޯދަން މެހެކް މަސައްކަތް ކުރި ދުވަހު ސާދުނާ ބުނީ އެހެންނެވެ.

ސާދުނާ ހަދަން އައި ތިން އަހަރުގެ ކޯސް ނިންމުމަށް ފަހު ދިރިއުޅުން ސްރީލަންކާ އަށް ބަދަލު ކުރިއެވެ. މެހެކް އަށް އަންގާވެސް ނުލައެވެ. އެކަން މެހެކް އަށް އެނގުނީ އިވާން ގެ ފަރާތުންނެވެ. އެދުވަހު މެހެކް އެތައް ޝަކުވާއެއް ކުރިއެވެ. ނަމަވެސް ސާދުނާ ގެ ޖަވާބަކަށް ވީ ސޮރީ އެކަންޏެވެ. މެހެކް އާއި ސާދުނާ ގެ ގުޅުން އެހާބޮޑަށް ހީނަރުވާންވީ ސަބަބެއް މެހެކް އަކަަށް ނުވިސްނުނެވެ.

“ނޫން ޙަބަރެއް ނުވޭ، އަހަރެން ވައިބާރ އާއި ފޭސްބުކް ވެސް ނުގެންގުޅެން ވިއްޔަ. އެހެންވެ ކަންނޭނގެ ދެން” މެހެކް ދެރަވެލާފައި ބުނެލިއެވެ.

ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

“މެހެކް.. އަހަރެން އަދި ބޭނުން އިތުރު ވާހަކައެއް ބުނެލަން..” އިވާން މެހެކް ގެ މޫނަށް ބަލާލިއެވެ.

މެހެކް ގެ ފޯން ރިންގް ވާން ފެށީ ހަމަ އެވަގުތެވެ. “މަންމަ އެބަ ގުޅާ”  ފޯނަށް ބަލާލަމުން މެހެކް ބުނެލިއެވެ.

” އޯކޭ އިނގޭ އަހަރެން ދެން ދަނީ މި” ފުންނޭވާއެއް ދޫކޮއްލަމުން އިވާން ގޮނޑިން ތެދުވިއެވެ.

” އިރާދަކުރެއްވިއްޔާ އަހަރުމެން ދެ މީހުން އަދިވެސް ބައްދަލް ވާނެ ކަމަށް އުންމީދު ކުރަން. ވަރަށް ހަނދާންވާނެ އިނގޭ. ހިތްހެޔޮކުރާތި”

“އާ އަހަރެން ވެސް ހަނދާންވާނެ އިވާން މަތިން. ތީ އަހަންނަށް ލިބުނު ވަރަށް ރަނގަޅު ރަހުމަތްތެރިއެއް. ހިތްހެޔޮ ކުރާތި އިވާން ވެސް”.

” ޝިޔާމައްތާ، ހިތްހެޔޮ ކުރާތި އަހަރެން މިރޭ ފުރަން.” އިވާން ގޮސް ކައްކާބައިގައި ހުއްޓިލާފައި ޝިޔާމައްތަ އަށް ގޮވާލަމުން ބުނެލިއެވެ. އަދި ނަސީރުބެއަށް ވެސް ގޮވާލިއެވެ.

 

އެރޭގެ ރޭގަނޑުގެ ވަގުތެވެ. ނުނިދިގެން އެނދުގައި ފުރޮޅި ފުރޮޅި މެހެކް އޮތެވެ. ފަސް އަހަރު އިންޑިއާގައި ވެއަތު ކުރުމަށް ފަހު އޭނާ ރާއްޖެ ދަނީއެވެ. އާހިލް މަތިން ހަނދާން ވާވަރުން އޭނާގެހިތުގެ ވިންދް އަވަސް ވަނީއެވެ. އާހިލް އޭނާ އަށް ފެނިދާނެ ބާއެވެ؟ ނޫނެކެވެ. އާހިލް ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. ފެނުނަސް ފެންނާނީ އާހިލްގެ އަނބިމީހާ އާއި އެކުއެވެ. ނޫނީ ދަރިންނާއި އެކުގައި ކަންނޭނގެއެވެ. ހިތަށް ތަދުވުން ނޫން އެހެން ކަމެއް ނުވާނެއެވެ.

މެހެކް އަށް އެހިތާމަތައް މިހާރުވަނީ އާދައަކަށް ވެފައެވެ. އޭނާ މިހާރު އެހަނދާން ތަކުގައި ރޯކަށް ބޭނުމެއް ނޫނެވެ. އެ ހަނދާންތައް އާވި ނަމަވެސް އޭނާ ކޮންމެވެސް އެހެން ކަމެއްގައި މަސްޢޫލުވަނީއެވެ.

ބާލީހެއް މޫނުމަތީގައި އަޅާލުމަށް ފަހު މެހެކް ދެލޯ މަރާ ބާރުކޮއްލިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ވަގުތެވެ. މެހެކް ހުރީ އެއާރޕޯޓްގައެވެ. ޝިޔާމައްތަ އާއި ނަސީރުބޭ ތިބީ ރޮވިފައެވެ. އެ ހިތްހެޔޮ ލޯބި ދެމަފިރިން ދޫކޮއްދާން ޖެހޭތީ މެހެކް އަށް ވެސް ރޮވުނެވެ.

އެތެރެއަށް ވަންނަން ގޮވާލުމާއެކު އޭނާ ހިނގައިގަތެވެ. އެެނބުރި އޭނާ ފަހަތް ބަލާލިއެވެ. އެ ދެމަފިރިން އެކީގައި މެހެކް އަށް އަތުން ހަނާ އަޅާލިއެވެ. އެވަގުތު މެހެކް ޙިޔާލަށް އައީ އޭނާ އެންމެ ފުރަތަަމަ އިންޑިއާ އައި ދުވަހެވެ. އެ ދުވަހުއް ސުރެން މިއަދާ ހަމައަށް ޖެހެންދެން ވެސް އެ ދެމަފިރިންގެ ހިތްހެޔޮ ކަމަކަށް ބަދަލެއް ނާދެއެވެ. މެހެކް ވެސް ފެންކަޅިވެފައި ހުރެ ހިނިތުން ވަމުން ހަނާ އަޅާލިއެވެ.

ހުޅުލޭ އެއާރޕޯޓްގެ ރަންވޭގައި ފްލައިޓް ޖެއްސުމާއެކު އޭނާ ގެ ހިތަށް އުފާވެރިކަން އިޙްސާސްވިއެވެ. އެއީ އަމިއްލަ ވަތަނަށް އާދެވުނު ކަމުގެ އުފާވެރި އިޙްސާސެވެ. މިވީހާ ދުވަހު ބަހަނާ ދައްކާފައި އޭނާ މާލެ ނައި ނަމަވެސް، މާލެ ދެކެލާހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.

ހުރިހާ ކަމެއް ނިމިގެން އޭނާ ބޭރަށް ނުކުމެލުމާއެކު މަންމަ އާއި ބޮޑުބޭބެ ގެ އާއިލާ ފެނުނެވެ. އެންމެން ފެނިފައި އޭނާއަށް ހިނިތުންވެލެވުނެވެ. ބާރު ބާރަށް ޓްރޯލީ ހިފައިގެން ހިނގާފަ އައިސް މެހެކް މަންމަގެ ގައިގައި ބައްދާލިއެވެ. “މަރުހަބާ ދަރިފުޅާ” މަންމަ ހުރީ އުފަލުން ރޮވިފައެވެ. ” މަރުހަބާ ދަރިފުޅާ” މެހެކް ގެ ބޮލުގައި ފިރުމާލަމުން ބޮޑުބޭބެ ވެސް ބުނެލިއެވެ. އަދި ނަފީސާ އާއި ޝިނާވެސް މެހެކް އަށް މަރުހަބާ ކިއެވެ.

“މެހެކް ހާދަ ހިއްކޭ މިހާރު، ކިހިނެއް ތި ހަދަނީ؟”. ނަފީސާ މެހެކް ގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.

“މަރުހަބާ މެހެކް ދައްތާ” ޝަހަފްކޮ އައިސް މެހެކް ގާތުގައި ހުއްޓިލިއެވެ. “އަޅޭ ޝަހަފްކޮ ހާދަ ބޮޑު ވެއްޖެ އޭ މިހާރު” މެހެކް ޝަހަފްގެ ކޮލުގައި ހިފާލިއެވެ. “ކޯޗެއް މެހެކް ދައްތަ ޝަހަފްކޮ އަށް ގެނައީ؟” ޝަހަފް ގެ ސުވާލުން އެންމެން އެއްފަހަރާ ހޭން ފެށިއެވެ. “ބައިވަރު، ބައިވަރު ގިފްޓް ގެނައިން”

“ޝަހަފްކޮ ހަމަ ބޭނުން އެއްޗެއް ގަންނަން ބުނަންވީ މެހެކް ދައްތަ ކައިރީގަ އިނގޭ، ދެން މެހެކް ދައްތަ އަށް ބައިވަރު ލާރި ލިބޭނެ، އެންމެ ދުވަހެއްވެސް ދޫ ނުކުރާތި، އަހަރުމެން ގޭގަ މެހެކް ދައްތަ ހުންނަނީވެސް” ސަމާސާ ރާގެއްގައި ނަފީސާ ބުނެލިއެވެ.

“އަނެއްކާ ދޮންބެ ވެސް އެބަ އާދޭ މިއަންނަ އަހަރުު މޮޅު ކުއްޖަކަށް ވެގެން. ދޮންބެއަށް އަދި މާގިނަ ރުފިޔާ ލިބޭނެ އައީމަ”

ނަފީސާ މެހެކްގެ މޫނަށް ބަލާލިއެވެ. އޭނާ އެދައްކަނީ ސުހައިލްގެ ވާހަކައެވެ. މެހެކް އިންޑިއާއަށް ދިޔަ އަހަރު ސުހައިލް ވެސް ކިޔަވަން، މެލޭޝިއާއަށް ބޮޑުބޭބެ ފޮނުވިއެވެ. ސުހައިލް ގެ އުޅުން ހުންނަ ގޮތުން ހަރުދަނާ މީހަކަށް ވާން އޭނާ މަސައްކަތް ކުރާހެން ހީނުވާތީ ތަނަކަށް ނުފޮނުވަން ބޮޑުބޭބެ ނިންމައިގެން ހުއްޓައި ނަފީސާ އެކަމަށް އާދޭސް ކުރާވަރުން ބޮޑުބޭބެ ގެ ނިންމުން ބަދަލުކުރީއެވެ.

އެންމެން އެކީގައި ފެރީއަށް އަރަން ހިނގައިގަން ވަގުތު މެހެކް އަށް މުޅި އެއާރޕޯޓާށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފުރަން ދިޔައިރު އާހިލް ހުއްޓިލައިގެން ހުރި ތަނެވެ. “އަހަންނަށް ނުގެއްލޭތި އިނގޭ” އާހިލް އޭނާ ގާތުގައި އެންމެ ފަހުން ބައްދަލުވި ދުވަހު ބުނެލި ޖުމްލަ އޭނާގެ ހަނދާނަށް އައެވެ. އޭނަ އާހިލް އަށް ކިހާ ވަފާތެރި ވި ހެއްޔެވެ؟ އާހިލް ދެެކެ ކިހާ ލޯބި ވި ހެއްޔެވެ؟ ނަމަވެސް އެންމެ އިތުބާރު ކުރި މީހާ އެ އިތުބާރުގައި ކޮޅުފައިން ޖެހީއެވެ.  އޭނާ އެގޮތުގައި ހުއްޓާ އާހިލް އޭނާއަށް ގެއްލުނީއެވެ.

ރާއްޖެ އާދެވުމުން އާހިލް މަތިން މާ ބޮޑަށް ހަނދާންވާތީވެ އޭނަ މޫޑު ސަކަރާތް ވިއެވެ. އެހަނދާން ތަކުން ދުރަށް ދިއުމަށް ޓަކައި އޭނާ އަވަސް އަވަހަށް މަންމަ އާއި ވާހަކަ ދައްކަން ފެށިއެވެ.

ބޮޑުބޭބެމެންގެ ގެއަށް ވަދެވުމާއެކު މުޅި ގޭތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. ތިން ކޮޓަރީގެ ބޮޑު އެޕާރޓްމެންޓެކެވެ. އެއީ ކުރިން ބޮޑުބޭބެ މެން ދިރިއުޅުނު އެޕާރޓްމެންޓެއް ނޫނެވެ. މަންމަ އެގޭގައި ބަހައްޓަން އެހެން އެޕާރޓްމެންޓެއް ހިފީއެވެ.

“އާހްހް” ގެއަށް ވަދެވުމާއެކު ސޯފާގައި ނަފީސާ ހަމަޖެހިލިއެވެ. “ވަރުބަލިވެއްޖެ”

ނަފީސާގެ އަޑަށް މަންމަ އާއި އެކު ކޮޓަރިއަށް ދަމުން މެހެކް ހުއްޓިލިއެވެ. އޭރު ބޮޑުބޭބެ ވެސް ފެންވަރާލަން ކަމަށް ބުނެ ކޮޓަރިއަށް ވަދެފިއެވެ. ޝިނާ ވެސް އަވަސް އަވަހަށް ޝަހަފް އެއްޗެހި ބަދަލު ކުރެވޭތޯ އުޅުނެވެ.

“ނަފީސައްތަ ކިހިނެއް މިހާރު؟”

“ކިހިނެއް ވާނީ، ކަމެއް ކޮއްލާއިރަށް އަތް އައްސިވަނީ، ދެން ނޭނގެ. ފައިވެސް ބައެއް ފަހަރު ދުޅަވާނެ”

” އެގޮތައް އައްސި ވާނަމަ އެއީ ނާރެއްގެ މައްސަލަ އަކަށް ވެސް ވެދާނެ” މެހެކް ބުނެލިއެވެ.

” އެހެންތަ؟ ގައިމު ޑޮކްޓަރަކު ދުވަހަކުވެސް ތިހެނެއް ނުބުނޭ” ނަފީސާ ދެބޮމަ ކައިރިކޮއްލަމުން ބުނެލިއެވެ.

” އެއީ ދޮގެއް، ހުރިހާ ޑޮކަޓަރުންވެސް ބުނަނީ އެހެން، މެހެކް ވެސް އެއީ މިހާރު ޑޮކްޓަރެއްނު މަންމާ” ފަހަތުން އިވުނީ ޝިނާގެ އަޑެވެ. “މަންމަ ހަމަ ފަރުވާ ކުޑަކަމުން މަންމަ ގެ ބައްޔަށް ފަރުވާ ނުލިބެނީ” ޝިނާ ކުދި ކިޔަމުން އައިސް، ޝަހަފް އުނގައްލައިގެން ސޯފާގައި އިށީއިނދެލިއެވެ.

“ކޮންތާކު، ފަހުން ދެއްކި މީހާ ވެސް ބުނީ މައްސަލައެއް ނެތޭ” ނަފީސާ ރުޅިއައެވެ.

” އެއީ ތަނެއް ދޮރެއްވެސް ނޭނގެ މީހެއް” ޝިނާ ވެސް ދުލެއްނުކުރިއެވެ. “ބޭރަށް ޑޮކްޓަރަށް ދައްކަން ދާކަށް ވެސް މަންމަ ގަބޫލެއް ނޫން”.

އޭރު ނަފީސާ އިނީ އިސްޖަހައިގެން ރުޅި މޫނު ހަދައިގެންނެވެ. އެތަން ފެނި މެހެކް އަށް ކުޑަކޮއް ހެވުނެވެ.

އިތުރު އެއްޗެއް ނުބުނެ ޝިނާ އަށް ހިނިތުންވުމެއް ހަދިޔާކޮއްލުމަށް ފަހު މެހެކް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެ މެހެކް އަވަސް ވެގަތީ އެންމެން ނަށް ގެނައި ހަދިޔާތައް ބަހާށެވެ. “ދަރިފުޅާ ދެން މާދަމާ އެއްނު ތިކަމާ އުޅޭނީ” މަންމަ ބުނެލިއެވެ.

“ނޫން މަންމާ، މިރޭ މިކަން ކޮއްލީމަ އަހަރެން ހިތް ހަމަޖެހޭނީ. މިއޮތީ މަންމަ އަށް ޝިޔާމައްތަ ދިން ހަދިޔާ”.  ދެ ފޮތިގަނޑާއި ސެންޓް ފުޅިއެއް މަންމަ އަށް މެހެކް ދިއްކޮއްލިއެވެ.

“އާ މީ މަންމަ އަަށް ރީތި ވެގެން އުޅުނު ފޮތިގަނޑު ދޯ؟” މަންމަ އުފަލުން ހެމުން ބުނެލިއެވެ.

އެންމެންނަށް ހަދިޔާ ތައް ބަހާލުމަށް ފަހު ފެންވަރާ ނަމާދު ކޮށް ހަދާލައިގެން މެހެކް ނިދަން އޮތެވެ.

އޭހެ ހަފްތާއެއް ހައި ދުވަސް ފަހެވެ.ފަތިހާ ތެދުވެ ފަތިސް ނަމާދު ކޮއްލައިގެން މެހެކް ހުރީ ބެލްކަނީގައި ކޮފީ ތައްޓެއް ބޯށެވެ. ޖެހެމުން ދިޔަ ފިނި ފިނި ހިތްގައިމު ވައިރޯޅިތައް ތައް އައިސް އޭނާގެ ގައިގައި ބީހިލުމުން ހިތަށް ފިނިކަން ލިބެއެވެ. އިރުއިރުކޮޅުން އޭނާގެ ދިގު އިސްތަށިގަނޑު އެއްފަރާތް ކޮއްލެވެނީ ޖެހޭވައިރޯޅިތަކުން އޭނާގެ މޫނު ފޮރުވޭތީއެވެ.

“ދަރިފުޅާ ކޮން ދުވަހަކު ތަ ސެޓްފިކެޓް ލިބޭނީ؟” މަންމަ އައިސް  މެހެކް ގެ ގާތުގައި ހުއްޓިލިއެވެ.

“ވަރަށް އަވަހަށް ލިބޭނެ. އެކަމަކު އަންނަ މަހު ކަންނޭގެ ހޮސްޕިޓަލަށް ދާން ފެށޭ ވަރުވާނީ” މެހެކް ކޮފީ ތަށީގައި ތުން ޖަހާލަމުން ބުނެލިއެވެ.

“އެހެންތަ؟، މަންމަ ވާހަކައެއް ބުނަންތަ ދަރިފުޅާ؟”

މެހެކް ބޯ ޖަހާލުމާ އެކު މަންމަ ބޭރަށް ނަޒަރު ހިންގާލަމުން ވާހަކަ ފެށިއެވެ.

“ދަރިފުޅާ، މިހާރު ދަރިފުޅަށް ވެސް ތޭވީސް އަހަރު ވީ، ދެން ކައިވެންޏެއް ކުރަން ޙިޔާލު ކުރަންވީނު؟”

މަންމަ އެހެން ބުނެލުމާއެކު މެހެކް ސިހުނެވެ. މަންމަ ގެ މޫނަށް ބަލަން އޭނާ އަށް ހުރެވުނީއެވެ. އާހިލް ވަކިވި ފަހުން އޭނާ އެފަދަ ކަމަކަށް ވިސްނާފައެއް ނެތެވެ. އެފަހުން އޭނާގެ ހަމައެކަނި މަގްސަދަކަށް ވީ ހަމައެކަނި ކިޔެވުމެވެ.

“މަންމަ އަށް ވަރަށް ކަމުދާ ކުއްޖެއް އެބަހުރި” މަންމަ ބުނެލިއެވެ.

” ކަ..ކާކު؟” މެހެކް ހުރީ ސުވާލުން ފުރިގެންވާ ނަޒަރަކުން މަންމަގެ މޫނަށް ބަލާށެވެ.

މަންމަ އިރުކޮޅަކު ހުރެލިއެވެ. ދެން ޖަވާބު ދިނެވެ. “އިވާން”.

އިވާން ގެ ނަން މަންމަ ބުނުމާއެކު ހުއްޓުން އަރާފައި މެހެކް އަށް ހުރެވުނީއެވެ.

“މަންމާ އިވާން އޭ”.

” ކިހިނެއްވީ ދަރިފުޅާ؟، އިވާން އަކީ މަންމަ އަށް ދަރިފުޅާ ގުޅެން ވަރަށް ކަމުދާ ކުއްޖެއް. އަނެއްކޮޅުން ވަރަށް އަޙްލާގް ރަނގަޅުހެން ވެސް ހީވޭ. މަންމަ އަށް ވެސް ނުލާހިކު ހެޔޮ އެކޮޅަށް ގޮސް އުޅޭއިރު”

“އިވާން އުޅޭ ގޮތުން މަންމަ އަށް ހީވޭ ދަރިފުޅު ދެކެ ލޯބިވާހެން. އިވާން ގެ ޙަބަރެއް ވިތަ މިކޮޅައް އައި ފަހުން؟”

މަންމަ ސުވާލު ކުރިއެވެ.

“ނޫން ޙަބަރެއް ނުވޭ، އޭނަ މެލޭޝިއާ އަށް ފުރައިފި އަހަރެން އައި އިރު”.

މެެހެކް ރާއްޖެ އައި ފަހުން އިވާން ގެ ޙަބަރެއް ބަލާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. މުޅިންވެސް ވިސްނެނީ އާހިލް އާއި މެދުއެވެ. އަބަދުވެސް ހިތުގައި އޮންނަނީ އާހިލް ފެނިިދާނެ ކަމުގެ ބިރެވެ.

“އަނެއްކާ ދަރިފުޅަށް ކަމުދާ އެހެން ކުއްޖެއް ހުރީތަ؟” މެހެކް ހާސްވެފައި ހުރުމުން މަންމަ އަހާލިއެވެ.

“ނު..ނޫން މަންމާ، އަހަރެން ތިކަމާ ވިސްނާނަން “. މެެހެކް އަޅައިގަންނަމުން ބުނެލިއެވެ.

 

އެރޭ ނިދަން އޮވެ މެހެކް އެކަމާ އެތައް ވަރަކަށް ވިސްނިއެވެ. އިވާން އާއި ވާހަކަ ދައްކާލަން، ވައިބާރ އިންސްޓޯލް ކުރަން އޭނާ ހިތައް އެތައް ފަހަރަކު އެރިއެވެ. އެހިނދު އާހިލް އާއި ދޭތެރޭ އޭނާ އަށް ވިސްނާލެވުނެވެ.

އާހިލް އޭނާ ދޫކޮއްލީ އޭނާގެ އެއްވެސް ކުށެއް ނެތިއެވެ. އާހިލް އަކީ ބޭވަފާތެރިއެކެވެ. ކެހިވެރިއެކެވެ. އޭނާ އާހިލް މަތިން ހަނދާން ނައްތާ ލެވޭތޯ ލައްކަ މަސައްކަތް ކޮއްފިއެވެ. ނަމަވެސް އެކަމެއްނުވިއެވެ. އާހިލް ގެ ޖާދޫ ވަނީ އޭނާގެ ހަށިގަނޑުގައިވާ ލެޔާއި ގުޅިފައެވެ.

އޭނާއަށް އާހިލްގެ މަޤާމް އެހެން މީހަކަށް ދެވިދާނެ ހެއްޔެވެ؟ އެހެން މީހަކު ދެކެ އެ ލޯބި ވެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

އަނެއްކޮޅުން އިވާން އަކީ އޭނާ އެކަހަލަ ނަޒަރަކުން ދުވަހަކު ވެސް ދުއް މީހެއް ނޫނެވެ. އިވާން އަކީ ހަމައެކަނި އޭނާގެ އެކުވެރިއެކެވެ. މަންމަ އެހެން ބުނުމުން އޭނާ އިވާން އާއި ދޭރެތޭގައި ވިސްނާލިއެވެ. އިވާން، އޭނާ އާއި މެދު ބަހައްޓާ ޙާއްސަ ގޮތެވެ. ބޭކަރީ ތެރެއަށް އޭނާ ވެއްޓުނު ދުވަހު އިވާން އުޅުނު ގޮތެވެ. ކޮލެޖުން ކުދިންތަކެއް އޭނާ އާއި ދިމާ ކުރި ދުވަހު އިވާން އެމީހުން ދެކެ ރުޅި އައި ވަރު ވެސް މެހެކް ޙިޔާލަށް އައެވެ. އެކަހަލަ ކިތަންމެ ކަމެއް ފާއިތުވެ ދިޔަ ފަސް އަހަރުތެރޭގައި ދިމާވިއެވެ. ނަމަވެސް އިވާން އާއި ދޭތެރޭ އެއްވެސް ވަރަކަށް އޭނާ ނުވިސްނައެވެ.

އިވާން އޭނާ ދެކެ ލޯބިވަނީ ހެއްޔެވެ؟ އެހެން ވިޔަސް އިވާން އާއި ދޭތެރޭ އޭނާ އަށް އެގޮތައް ވިސްނޭނީ ކޮން ފަދައަކުން ހެއްޔެވެ؟

ލޯބި ނުވާ މީހަކާ ކައިވެނިކޮއް ދިރިއުޅުން ހަލާކު ކޮއްލަން ވީ ހެއްޔެވެ؟ ހިތް ބުނަމުން ދިޔައެވެ. އޭނާ އަދި ކައިވެންޏަކާއި މެދު ވިސްނަން މާ އަވަހެވެ.

އެހެނަސް އޭނާ ވެސް ކޮންމެވެސް ދުވަހަކުން ކައިވެންޏެއް ކުރަން ޖެހޭނެއެވެ. އާހިލް މަތިން އޭނާ ޖެހޭނީ ހަނދާން ނައްތާލާށެވެ. އޭނާ ގެ ފިރިއަކަށް ވާ މީހެއްގެ ހައްޤުގައެވެ. އެކަމަކު..އެއީ ކާކުބާ އެވެ؟ ހިތާ ހިތުން އޭނާ އަށް ބުނެލެވުނެވެ.

* ނުނިމޭ *

25

9 Comments

  1. shelly

    January 21, 2017 at 10:52 am

    varah reethi me first dhw

    • shafu

      January 21, 2017 at 1:13 pm

      Labba shelly first ?

  2. Inu

    January 21, 2017 at 12:44 pm

    V kuru aahil fennane irakah inthizaaru mi kurany

    • shafu

      January 21, 2017 at 1:15 pm

      Thankx inu thi dey supportah

  3. me

    January 21, 2017 at 12:59 pm

    vaahaka reethi kannenge.. bt i hav a suggestion.. ޚިޔާލު، ޚިދުމަތް، ޚަބަރު، ޅާއްސަ mi bas thakuge haa ga thiki innaany matheega.. hama bunelaa hiyy v. adhi alah mi story mi kiyaaly ves.. faahaga v kameh bunely.. 🙂 unmeedhu kuran rangalhu commenteh gothuga balaigannaane kamah

    • shafu

      January 21, 2017 at 1:11 pm

      Ufalun balaiganefin me ge comnt.. in sha Allah dhn rangalh vaane.. thankx vaahaka kythy ingey

  4. 4t

    January 21, 2017 at 1:39 pm

    Varah Varah reethi.. Mi hama best. Kiyaa hithun hureaveanyky noon. Shafu dheh kohn dhuvahakun aneh part.

    • shafu

      January 21, 2017 at 2:15 pm

      Thank u 4t.. in sha Allah v avahah up kohlaanan ingey.. ?

  5. Nabu

    January 22, 2017 at 1:36 pm

    Nice….shafu avahah next part up kohdhybala….waiting….

Comments are closed.