އަހަރެން ހިނިތުންވެލާފައި ކޮފީއެއް ހަދާލުމަށްޓަކައި ބަދިގެއަށް ވަނީމެވެ. ފެން ހޫނުކުރަން ގެންގުޅޭ ކަރަންޓް ޖަގަށް ފެން އަޅައި ހިފާލިތަނާ އަހަރެންގެ ބަނޑުގައި ހުރި ރިހުން ކުއްލިއަކަށް ގަދަ ވިއެވެ. ހަމައެވަގުތު އަހަރެންގެ އަތުން ޖަގު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. މަންމާއޭ ކިޔާ އަހަންނަށް ބާރަށް ހަޅޭއް ލަވައި ގަނެ ބަަނޑުގައި ހިފަހައްޓާލެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަޒޫ އައިސް އަހަރެންގެ ގައިގައި ހިފަހައްޓާލަމުން ސަމަދަށް ގޮވަން ފެށިއެވެ.

ވީ އެންމެ އަވަހަކަށް އަހަރެން ހޮސްޕިޓަލަށް ގެންދެވުނެވެ. އަހަރެންގެ ބަނޑުގައި ވަރަށް ގަދަޔަށް ވޭން އަޅަމުން ދިޔައެވެ. އަހަރެން އެޑްމިޓް ކުރީންސުރެ އަޒޫއާ ސަމަދް ހުންނަނީ އަހަރެންގެ ހިދުމަތުގައެވެ. ބަނޑުގައި ގަދަ ވޭން އަޅަމުން ދިޔަ ވަގުތުވެސް އަހަރެންގެ ކައިރީ ހުރި ކުޑަ ކުޑަ ލަޔާ އަށް އަހަރެން ހިނިތުން ވެލީމެވެ. ﷲ އިރާދަ ކުރެއްވީތީ މާގިނައިރުތަކެއް ނުވެ އަހަރެންގެ ލޯބިލޯބި ދެދަރިންވެސް ދުނިޔެއަށް އުފަން ވިއެވެ. ލޯބި ލޯބި ކުޑަކުޑަ ދެ އަޔާޒްއެވެ.  ކުޑަކުޑަ ލަޔާވެސް އުފަލުން ފޮޅުނެވެ.ވިއްސާ ކޮޓަރިން ނެރެގެން އަހަރެން ގެންދެވުނީ އަޒޫ ހިފާފައިހުރި ޕްރައިވޭޓް ކޮޓަރިއަކަށެވެ. އަހަރެން ހުރީ ވަރަށް އުފަލުން ނެވެ. ދެކުދިންވެސް ފުރިހަމަ ސިއްޙަތެއްގައި ލެއްވެވީތީ އަހަރެން ﷲ އަށް ޙަމްދު ކުރީމެވެ. މިހާރު އަހަންނަކީ ލޯބި ލޯބި ދެކުދިންގެ މަންމައެކެވެ.

އަހަރެން ވިހޭތާ ދެދުވަސް ފަހުން ގެއަށް ދޫކޮށްލެވުނެވެ. ހޮސްޕިޓަލުން ނުކުމެ ކާރަށް އަރަން ދިޔަ ވަގުތު އަހަރެންގެ ލޮލުގައި އަޔާޒްގެެ މަންމަ އަޅައިގަތެވެ. އަހަރެންގެ ދެފައި ބިމުގައި ތަތްވިކަހަލައެވެ. އަޔާޒްގެ މަންމައަށްވެސް އަހަރެން ފެނުމުން ހައިރާންވެފައި އަހަންނާ ދިމާލަށް ބަލަމުން ދިޔައެވެ. މަންމަ ފެނިފައި އަހަރެންގެ ލޮލުން ކަރުނަ ނީރާލީ ބޭއިޙްތިޔާރުގައެވެ. އަހަރެން ހުއްޓުން އަރާފައި ހުރުމުން އަޒޫ ކިހިނެތްވީތޯ ސުވާލު ކުރިއެވެ. އަހަރެން އިސްދަށަށް ޖެހީ ހަތަރުކަޅި ހަމަކޮށްލަން ނުކެރިގެނެވެ. އަހަރެންގެ ހިތް ހީވަނީ ތޮރުފެމުން ދާހެނެވެ. ލޮލުގައި ޖަމާވެފައި ހުރި ބޮޑެތި ކަރުނަ ތިކިތަކުން އަހަރެންގެ ލޯ ނުސާފު ވަމުންދިޔައެވެ.

” ދަރިފުޅާ… މީ ދަރިފުޅުގެ ދެކުދިންތަ… ސުބްޙާނަﷲ.. މީ އަޔާޒްގެތަ… އަޔާޒް ކުޑައިރާ ހާދަހާ ވައްތަރޭ…”

މަންމަގެ ޖުމްލަތަކުން އަހަރެންނަށް ކުޑަކޮށް ހެވުނެވެ. މަންމައަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.

” އަހަރެންގެ އަޔާޒަށް ބައްޕަކީ ދޯ… އަހަރެން މާމައަކަށްވީ… މާމަގެ ކުޑަ ފުއްގަނޑުތައް ރަނގަޅުތަ…”

އަޔާޒްގެ މަންމަ އަހަރެންގެ އަތުން ކުޑަ ދަރިފުޅު އަތުލާ އުރާލާ ލޯބިކޮށްލިއެވެ. ހަމައެގޮތަށް އަނެއް ދަރިފުޅާވެސް ލޯބިކޮށްލިއެވެ. އެވަގުތު ބޭސް ނަންބަރުން ބޭސް ނަގައިގެން އަޔާޒްގެ ބައްޕަވެސް ކައިރިއަށް އަންނަން ހެދީމާ އަޔާޒްގެ މަންމަ ތުއްތު ދެކުދިން އެކުދިންގެ ކާފަޔަށް ދައްކާލަމުން މިއީ އަޔާޒްގެ އޭ ބުނަމުން ދިޔައެވެ. އަހަރެން ހިނިތުންވީމެވެ.

އަހަންނާއެކު އަޔާޒްގެ މައިންބަފައިންވެސް އަހަރެން އުޅޭ ގެޔަށް ދިޔައެވެ. ކޮޓަރިއަށްވަދެ ރަނގަޅަށް ހަމަ ޖެހިލެވުމާއެކު އަޔާޒްގެ ބައްޕަ އަޔާޒަށް ގުޅަން އުޅުނެވެ.

” ނޫން ބައްޕާ. ނުގުޅާ އަޔާއަށް. އަހަރެން އަޔާއާ ކުރިމަތިލާކަށް ބޭނުމެއްނޫން. އަހަރެން އަޔާ ކައިރީ ކިހާ އާދޭހެއް ކުރިން. ވަރިކުރިފަހުން އެންމެ ފަހަރަކުވެސް އަޔާ އަހަންނަކަށް ނުގުޅާ. އަހަރެންގެ ހާލުވެސް ބަލައިނުލާ. ގެއިން ނުކުމެގެން ދާށޭ ބުނިއިރު އަޔާއަށް އެނގޭނެ އަހަރެން ނުކުމެގެން ދާނެ އެއްވެސް ތަނެއް ނުހުންނާނެކަން. އަހަރެން ބަނޑުއަޅާވިހޭ މައިމީހާ ދޫކޮށްލާފައި އަޔާ އާ ގުޅުނީ ހަގީގަތުގައިވެސް އަޔާދެކެ ލޯބިވާތީ. އަޔާ ބޭނުންވާތީ. ކޮންމެ ހާލެއްގައިވެސް އަހަރެން ހުރީ އަޔާއާ އެކު އުޅެން. އަހަރެންގެ ކުށަކަށްވީ ހަމައެކަނި އަހަރެން ތެލަސީމިއާ ކެރިއަރެއްކަން އަޔާޒަށް ސިއްރުކުރުން. އަހަރެން އެކަން ކުރީ އަަޔާ ދެކެ ލޯބިވާތީ. އެކަމަކު އަޔާ ބޭނުން ނުވީ އަހަރެން. ހަމަ ކުޑަ ކުޑަ ކަރުދާސް ކޮޅެއްގެ ސަބަބުން އަޔާ އަހަރެން ދޫކޮށްލީ. އަހަރެން މިވާ ލޯބީގެ އެއްވެސް އަގެއް ނެތް. ދެން މިއަދު އަހަންނަށް ﷲގެ އިރާދަފުޅުން ދެ ކުދިން ދެއްވީމަ އަޔާ އަހަރެން ބަލައިގަންނާކަށް ބޭނުމެއްނޫން. ކުދިންގެ ބޭނުމުގައި….އަހަރެން ބޭނުން ނަމަ އަޔާ އަހަރެން ހޯދާނީ މިއަދަކު ނޫން… މިއަދު އަހަންނަށް އަހަރެން ކެތްތެރިވީ ކަމުގެ މޭވާ ﷲ ދެއްވައިފި. ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް އަހަރެން އެ ދަރިން ބޭނުންވީ. ﷲ ގެ ކުޅަދުންވަންތަކަން ބަލާބަލަ. އަހަރެންގެ ދެ ދަރިންވެސް ނޯމަލް. އަލްހަމްދު ލިﷲ… މިއަދު އަހަންނަކަށް އަޔާ ބޭނުމެއްނުވޭ… އަހަރެން ކިތަންމެ ލޯބި ވިޔަސް އަޔާގެ ލޯބި އަހަންނަށް ލިބުން އެއީ ނުވާނެކަމެއްކަން އަހަރެން މިހާރު ގަބޫލު ކޮށްފިން…”

އެތައް ދުވަހެއް ވަންދެން އަހަރެންގެ ހިތުގައި ފޮރުވިފައިވާ ހިތާމަތައް އަޔާޒްގެ މައިންބަފައިންގެ ކުރިމައްޗަށް އަހަރެން ބަންޑުން ކޮއްލީމެވެ. އޭރު އަހަންނަށްހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަޔާޒްގެ މަންމަގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް އަޔާޒަށް އަޑު އިވުންކަން އަހަންނަށް އެނގުނީ އަޔާޒްގެ ރުއިމުގެ އަޑު ފޯނުން އިވެން ފެށީމައެވެ. ވަގުތުން އަޔާޒްގެ ބައްޕަ ފަހުން އެބަ ގުޅަމޭ ބުނެ ފޯނު ބޭއްވިއެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ. އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަންނަށްގެ ހިތް ބާރަށް ތެޅިގަތެވެ. އަހަރެން ރޮއެ އާދޭސް ކުރިއިރު އޭނައަށްވެސް އެހެން އިޙުސާސްވިބާއޭ އަހަރެންގެ ހިތައް އަރަމުން ދިޔައެވެ.

” ދަރިފުޅާ… މަންމަ ގަބޫލު ކުރަން އަޔާޒް ކަންތައްކުރީ ރަނގަޅަށް ނޫންކަން. އެކަމަކު އެ ފަކީރުވެސް ވަކި ކުރާނީ ކީއް… ތެލަސީމިއާރ ކުދިން ލިބިދާނެތީ އަޔާޒް ދަރިފުޅާ ދުރުވީ… ދަރިފުޅު ދެކެ އަޔާޒް ވަރަށް ލޯބިވޭ… ދަރިފުޅު ދޫކޮށްލާފައި އަޔާޒް މިއަދާ ހަމައަަށް އުޅުނު ހާލް އެންމެ ކައިރިން ދުށް މީހަކީ މި މަންމަ… އަމިއްލަ ދަރިއަކު އަޔާޒް އިންތިހާއަށް ބޭނުންވާކަން މި މަންމަ ދެނެހުރިން. ދަރިފުޅު ބަލިވެ އިންކަން އަޔާޒަށް އެނގުނީ އެހައްދުވަހު…އަފްރާޙު އައިސް ބުނީމަ…އެދުވަހު އަޔާޒް ވަރަށް އުފާވި. ވަރަށް ރޯންވެސް ރުއި… ދަރިފުޅަށް އެހެން ކަންތައް ކުރެވުނީތީ… އެންމެ ފަހަރަކުވެސް ދަރިފުޅުގެ ހާލު ބަލއިނުލެވުނީތީ އެކަމާ…ގެއިން ނުކުންނަން ބުނީ ދަރިފުޅުގެ މަންމަ ކައިރިއަށް ދޭތޯ…ދަރިފުޅު ދާނެ ތަނެއް އެ ނޫނީ ނުހުންނާނެތީ…ދަރިފުޅު އުޅޭނެ ހާލު އަޔާޒްއަށް އިޙުސާސްވޭ… ތި ގޮތައް އަަޔާޒު މި ކުދިންނާ ދުރު ނުކުރޭ…މީ އަޔާޒު އެންމެ ބޭނުންވި ކަންތައް…އަޔާޒަށް މާފު ކުރޭ..”

އަޔާޒްގެ މަންމަ ރޮއެ ރޮއެފައި އަހަރެން ކުރެން އަޔާޒަށް މާފު ކުރުމަށް ބުނަމުން ދިޔައެވެ. އަހަންނަށްވެސް ރޮވެން ފެށިއެވެ. އެވަގުތު އަހަރެންގެ އެންމެ ހަގު ދަރިފުޅު ރޯލިއެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ހިނގައިގަތީމެވެ. އަޔާޒްގެ މަންމަމެންވެސް އިރު ކޮޅަކު މަޑުކޮށްލުމައްފަހު އަހަރެންގެ ބޮލުގައި ލޯބިން ފިރުމާލައިފައި ފަހުން އަންނާނަން ކަމަށް ބުނެ ގެއަށް ދިޔުމައްޓަކައި ހިގައިގަތެވެ. ރޭގަނޑުގެ ވަގުތެއް ކަމުންނާއި ހޮސްޕިޓަލުގައި ނުނިދާ ހޭލާ އުޅުމުގެ ސަބަބުން އަހަރެން ހުރީ ވަރުބަލިފައެވެ. ދަރިފުޅު ނިންދެވުމައްފަހު އަހަންނަށްވެސް ނިދުނީއެވެ. އެހެނަސް ކުޑަ ވަގުތު ކޮޅަކަށެވެ. ކުޑަ ކުޑަ ދެކުދިން އިރު އިރު ކޮޅާ ރޯލައެވެ. ބަނޑުހައި ވާތީ ކަމަށްވެސް ވެދާނެއެވެ. އެ ހުރިހާ ވަގުތެއްގައިވެސް އަޒޫއާއި ސަމަދްގެ ފުރިހަމަ އެހީ އަހަންނަށް ލިބެމުން ދިޔައެވެ. އަޒޫއަކީ ބަލި މީހަކަށް ވުމުން އަހަރެން އަޒޫ ކައިރީ ނިދަން ދިއުމައް ކިތަންމެ ފަހަރަކު ބުނަމުން ދިޔައީމެވެ.

ޖެހިގެން އައި ދުވަހު ގޭތެރޭގައި  ދަަރިންނަށް ކިޔާނެ ނަމަކާ ދޭތެރޭ މަސްވަރާ ކުރަމުން ދިޔައެވެ. އަހަރެންނަށް އެންމެ ކަމުދިޔައީ އަޔާލް އާއި އިޔާލް މި ދެނަމެވެ. އަޔާޒްގެ ނަމާ ގުޅޭތީ އެވެ. އަހަރެން އަދިވެސް އަޔާޒްދެކެ އިންތިހާއަށް ލޯބިވަމެވެ. ފަހަރެއްގައި އަޔާޒް މާފައިގެން އަހަރެން ކައިރިއަށް އަތުވެއްޖެނަމަ އަހަންނަށް އޭނައަށް މާފުވެސް ކުރެވެއްޖައީހެވެ. އެހާ ވަރަށް އަހަރެން އަޔާޒް ދެކެ ލޯބިވެއެވެ. އެކަމަކު އަހަރެންގެ ހިތް ދެވަނަ ފަހަރަށް އޭނައާ ގުޅޭކަށް ބޭނުމެއް ނުވެއެވެ. އެއީ ކީއްވެކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ. ފަހަރެއްގައި އެ ހިތާމަތައް ދެވަނަ ފަހަރަށް ކުރަން ޖެހިދާނެ ކަމުގެ ބިރު އަހަރެންގެ ހިތުގައި އޮތީތީ ކަންނޭނގެއެވެ.

ގޭގެ ދޮރުގެ ބެލް ޖެހި އަޑަށް އަޒޫ ގޮސް ދޮރު ހުޅުވިއެވެ. ސިޓިންގް ރޫމްގައި ބަހައްޓާފައި ހުރި ކުޑަ ކުޑަ އެދުގައި އަހަރެންގެ ދެ ކުދިން ވަރަށް ލޯބިކޮށް ނިދާލާފައި އޮތެވެ. އަހަރެން އިނީ ލަޔާ އަށް ކާން ދޭށެވެ. ދޮރުން ވަދެގެންއައި އަޔާޒްގެ މަންމަ ފެނި އަހަރެން ހިނިތުންވެލީމެވެ. މަންމަ ވަރަށް ލޯބިންއައިސް ކުޑަ ދެ ކުދިން ނިދާފައި އޮތް އެނދާ ކައިރި ވެލާ ބަލާލިއެވެ.

” މާމަގެ ދެ ފުއްގުޅަ މިއޮތީ ނިދާލާފަ ދޯ… ދަރިފުޅާ އިފާޝާ. މަންމަ މިއައީ ދަރިފުޅުގެ ހުއްދައަކަށް އެދެންވެގެން. އެންމެ ފަހަރަކަށް ނަމަވެސް މި ކުދިން އުރާލަން އަޔާޒަށް އާދެވިދާނެތަ… ”

މަންމަ ވަރަށް ހާސްވެފައި އަހަންނާ ދިމާލަށް ބަލާލަމުން އަހާލިއެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް އަހަރެން ހިމޭން ވިއެވެ.

” އަޅުގަނޑު ނުބުނަން އަޔާޒަށް ކުދިން ނާ ބައްދަލެއް ނުކުރެވޭނެޔެކޭ…އެއީ ހަމަ އަޔާޒްގެވެސް ލޭ… ކިތަންމެ ފަހަރަކުވެސް އަޔާޒަށް އެ ކުދިންނާ ބައްދަލު ކުރެވިދާނެ.. ”

އަހަރެންގެ ޖަވާބުން މަންމަ ވަރަށް އުފާވެފައި އަހަންނަށް ޝުކުރު އަދާ ކުރުމަށްފަހު އަވަސް އަވަހަށް ގޮސް ބޭރު ދޮރު ހުޅުވާލިއެވެ. އަހަރެން ނޭވާ ހިފަހައްޓާލީމެވެ. އެތައް ދުވަހަކަށްފަހު އަހަންނަށް އަނެއްކާވެސް އަޔާޒް ފެންނަށް އުޅޭތީއެވެ.

ބައްޕަގެ އެހީއާ އެކު އެތެރެއަށް ވަދެގެން އައި އަޔާޒް ފެނި އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. އެއީ ހަމަ އަޔާ ހެއްޔެވެ؟ މުޅި މީހާގެ ސިފަ ގެއްލިފައި ހުރީތީ އަހަންނަށް އެއީ އަޔާ ކަމަށް ގަބޫލުވެސް ނުކުރެވުނެވެ. ދިގުކޮއްފައިވާ ބޮޑު ތުބުޅިއެވެ. އެ ރީތި މޫނު ވަނީ މިލާމޯޅިވެފައެވެ. އަހަރެން ހަރަކާތް ހުއްޓިފައި އިރުކޮޅަކު އިނީމެވެ. އހަރެންގެ ހިއްސުތައް ހަމައަކަށް އެޅުނީ އަޒޫ އައިސް އަހރެންގެ ކޮޑުގައި ހިފަހައްޓާލުމުންނެވެ. އަހަރެންގެ ލޮލުން ކަރުނަތައް ފައިބާގަތެވެ. ހިތައް ކެތް ނުވުމުން އަހަރެން ބާރު ބާރަށް ހިނގާފައި އެތަނުން ދުރަށް ޖެހިލީމެވެ. ސިޓިންގް ރޫމް ސޯފާގައި އަޔާޒް ބޭންދުމައްފަހު މަންމަ އަޔާޒްގެ އުނގަށް އެތަނުން އެއްކުއްޖަކު ނަގާފައި ލާދިނެވެ. އަޔާޒް ލޯބިން އެ ދަރިފުޅުގެ މޫނުގައި ބޮސްދިނެވެ. އޭރު އޭނައަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. މަންމަ ދެވަނަ ކުއްޖާ ނަގާފައި އަޔާޒްގެ އަތް އެ ކުއްޖާގެ ގައިގާ ޖެއްސުވިއެވެ. އަޔާޒަށް އުފަލުންގޮސް ހީލެވުނެވެ. ހުރިހާ މަންޒަރެއް ބަލަން ދުރުގައި އަހަރެން ހުރި އިރު ދެރަވެގެންގޮސް ހިތް ހީވަނީ ފަޅައިގެން ހިގައިދާނޭހެނެވެ.

” ކޮބާ އިފާ.. އަހަރެން ބޭނުން އިފާ އާ ވާހަކަ ދައްކާލަން. ޕްލީޒް އިފާ. ”

އަޔާޒްގެ އަޑާއެކު ހުރިހާ އެންމެންވެސް ބަލާލީ އަހަންނާ ދިމާލަށެވެ. އަވަސް އަވަހަށް އަހަރެން އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. އަހަރެން އަދި އަޔާޒްއާ ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. އެކަމަކުވެސް އަހަރެން މީހަކަށް އަނިޔާވެރި ވާކަށް ނެތީމެވެ. މަޑުމަޑުން އަހަރެން ގޮސް އަޔާޒްގެ އަތުގައިވާ އަހަރެންގެ ދަރިފުޅު އެނދަށް ލުމަށްފަހު އަޔާޒްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނީމެވެ. އެހެން މީހަކަށް އެ އަޑު އިވެން ބޭނުން ނުވާތީއެވެ.

އެދުމަތީގައި އަޔާޒް އިށީނުމުން އަހަރެން އަޔާޒާ ދުރަށް ޖެހިލީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ.

“އިފާ.. އަހަންނަށް މާފު ކުރޭ.. އަހަންނަށް އެނގޭ އަހަންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއްކަން. ޕްލީޒް އިފާ.. އަހަރެން އެހެން ހެދީ އަހަރެމެން ދެމީހުންގެވެސް މުސްތަގުބަލާމެދު ވިސްނާފަ. އަހަންނަށް މަޖުބޫރުވެގެން. ތަގުދީރު އަހަންނާ އެއްބައި ނުވީ.. ކިތަންމެ ލޯބި ވިޔަސް ދެ ކެރިއަރުންކަން އެނގުނީމަ އަހަންނަށް މަޖުބޫރުވީ އިފާ ދޫކޮށްލަން. އޭރަކު ހިތަކަށް ނާރާ މިހެން ވެދާނެޔެކޭ. އިފާ ބަނޑުބޮޑު ވެދާނެޔެކޭ. ލޭ އަޅާ ކުދިންނަކީ ހާދަ ވޭނެއްގައި އުޅޭ ކުދިންނެކޭ. ހުދު އަހަންނަކީ އެކަހަލަ ކުދިންނަށް ލޭ ހަދިޔާ ކުރަމުން އައި މީހެއް. ދެން ކިހިނެއް އަހަރެން އިފާ އާ އެކު އުޅޭނީ. އިފާ ބަނޑުބޮޑުކަން އަހަންނަށް އެނގުނީ އިފާ ވިހަން ކައިރި ވެފައި ވަނިކޮށް. އަހަރެން ވަރަށް މަސައްކަތް ކުރިން އިފާ ހޯދަން. ލޭ އަޅާ ކުއްޖަކު ލިބިދާނެތީ އަހަރެން ވަރަށް ބިރުގަތް. އަހަރެންގެ މުޅި ދުވަސްތައް ހޭދަކުރަމުންދިޔައީ ﷲ އަށް ދުޢާ ދެންނެވުމުގައި. ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. މިއަދު އިފާއަށް އަހަންނަށް މިއަށްވުރެ ބޮޑު އުފ ަލެއް ނުދެވޭނެ.. އަހަރެންނަށް މާފު ކުރޭ އިފާ …އަލުން އަހަރެންގެ ހަޔާތައް އާދޭ އިފާ”

އަލަމާރީގައި ލެގިލައިގެން އަހަރެން އަޔާ ގެ މޫނަށް ވަރަށް ފުން ކޮށް ބަލާލީމެވެ. އަހަރެން އެއްޗެއް ނުބުނެ ހުރުމުން އަޔާ އަހަރެންގެ ނަމުން ދެތިން ފަހަރަކު ގޮވާލިއެވެ.

” އަޔާ.. ކިތަންމެ އާދޭހެއް ކުރިޔަސް …އަހަންނާ ދޭތެރޭ އަޔާ ކަންތައްކުރީ އެއްވެސް ރަޙުމެއްްނެތި.. އަހަރެން އަޔާއަށް މާފު ކޮށްފިން… އެކަމަކު … އެކަމަކު އަހަންނަށް މިއަދު އަޔާގެ ހަޔާތަކާ ގުޅެވޭކަށް ނެތް. އަޔާ އާ މެދު އަހަރެންގެ ހިތުގައި އެއްވެސް ކިލަބު ކަމެއް މިހާރަކު ނެތް… މިއަދު މި އާއިލާއަށް އަހަރެން ވަރަށް މުހިއްމު…އަހަރެންނަށް ހިޔާވަހިކަންދީ އަހަރެންނަށް އަޅާލި ހަމައެކަނި ފަރާތަކީ މީ…އަހަރެން އަޔާ ކިތަންމެ ބޭނުމަކަސް މިއަދު އަހަންނަށް މަޖުބޫރު.. އަހަންނަށް މާފު ކުރޭ..”

ހިތުގެ ގޮވުމުގެ އަޑާއެކު އަހަންނަށް ބޭއިޙްތިޔާރުގައި އަޔާއާ ދިމާލަށް ހިނގައިގަނެވެއްޖެއެވެ.  އަހަރެން ދިޔަގޮތަށްގޮސް އެދެއަތުގެ ހިމާޔަތުގެ ދަށަށް ވަނީމެވެ. އަހަންނަށް ބާރަށް ރޮވެން ފެށުނެވެ.

” ހެޔޮނުވާނެ އިފާ.. އަހަރެން ބާކީ ނުކޮށްލާ..  އަހަރެން ބޭނުން އިފާގެ ލޯބި. އަހަރެން ބޭނުން އަހަރެންގެ ދެ ދަރިން. އަހަރެން އެކަނިކޮށްނުލާ..އަހަރެން މަރުވެގެންދާނީވެސް އިފާގެ ހައްގުގައި..އާދޭސް ކުރަން..އިފާއާ ނުލާ އަހަރެންގެ ހިތުގައި އެޅި ވޭނަށް އަހަންނަށް ޝިފާއެއްދީ..”

އަހަރެން ރޮއެ ރޮއެ ވަރުބަލިވެއްޖެއެވެ.

” ނޫން އަޔާ…އަޔާ ބޭނުމިއްޔާ ބޭބީ ތައް އުރާލަން އާދެވިދާނެ. އަހަރެން އެންމެ ހާލުގައި ޖެހުނު ދުވަހު އެންމެ އެހީތެރިވީ އަޒޫ… ދިރިއުޅުމުގެ މައިދާނުގައި ކުރިޔަށް ދާން އަހަންނަށް ހިތްވަރުދިނީ އަޒޫމެން. އަހަންނަކަށް ނުކެރޭނެ އަޒޫ އެހާ ބަލިވެ އުޅޭއިރު އޭނައަށް  އަހަރެންގެ ބޭނުން އެހާ ބޭނުންވެފައިވާއިރު އަޔާ އާ ގުޅިގެން ދާކަށް…އަހަރެން ކިތަންމެ ވަރަކަށްވެސް އަޔާދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. އަހަންނަށް މިނޫން ގޮތެއް ނެތީތަ؟ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ އަހަރެން މިހާ ބަދުނަސީބު މީހަކަށް ވީ…..”

އަހަރެން ބާރު ބާރަށް ރޮމުން ގެންދިޔައީމެވެ. މުޅިން މާޔޫސްވިއެވެ. މިއަދު އަހަންނަށް އަޔާ ލިބުނުއިރު އަހަރެންނަށް އަޔާއާ އެކީ ދެވެން ނެތީތީއެވެ.

” އަހަރެން އިފާ އަށް އިންތިޒާރު ކުރާނަން… ”

އަހަރެން ދެލޯ ފުހެލާފައި އަޔާގެ އަތަށް ފިތާލީމެވެ. އެކަމަށް ބާރު އެޅުމުގެ ގޮތުންނެވެ.  މަޑުމަޑުން  އަޔާ ގޮވައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ.

” ދަރިފުޅާ އިފާ މިހާރު ނަމެއް ހޯދައިފިންތަ މި ކުދިންނަށް ކިޔަން…”

މަންމަގެ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ. އެހެނަސް އަހަރެންނަށް ނަންތައް ބުނެވުމުގެ ކުރިިން ލަޔާ ވަރަށް ލޯބިން އަޔާއްކޮއާއި އިޔާއްކޮއޭ ބުނެލިއެވެ. ބައެއްފަހަރު ލަޔާ އުޅޭލެއް ލޯބިކަމުން އަހަރެންގެ ހިތަށް ލިބިފައިވާ ހިތާމަތަށް ފިލައިގެންދަނީ ޖާދޫއެއްފަދައިންނެވެ. ލަޔާގެ ބޮލުގައި އަހަރެން ފިރުމާލަމުން އަޔާލް އަދި އިޔާލް އޭ ބުނެލީމެވެ. އެންމެނަށްވެސް އެނަންތައް ވަރަށް ކަމުދިޔައެވެ. އެދުވަހު ފަހުން އަހަރެން ހުރީ ވަރަށް ހަމަޖެހިލާފައެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް އަހަރެން ވިހޭތާ އަހަރުވީއެވެ.  އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެތައް ސަބަބަކާ ހުރެއެވެ.  އަހަރެންގެ ލޯބި ލޯބި ދެ ކުދިންނަށް އަހަރު ވީތީއެވެ. އަޒޫގެ ބަލި ރަނގަޅުވަމުން ދާތީއެވެ. އެންމެ ބޮޑު ކަމަކަށް އަަހަންނަށް އަޔާ ލިބެން އުޅޭތީއެވެ. އަހަރެންގެ ހިތުގެ ރިހުމަށް ޝިފާ ލިބުނީތީއެވެ. އާއެކެވެ. އަޒޫ އަހަރެން ކައިރީ އަޔާއާ ކައިވެނި ކުރުމަށް ބުނީއެވެ. އަހަރެންގެ ހިތުގެ ޙާލު އަޒޫއަށް ރަނގަޅަށް އެނގޭތީއެވެ.

އަަހަރެން އަޔާ ކައިރީ ކައިވެންޏަށް އެދުނީމެވެ. އެންމެނަށް ސިއްރުންނެވެ. އެއީ އަހަރެމެންގެ ލޯބީގެ ގުޅުންވެސް ފެށުނު ގޮތެވެ. އަޔާ ކައިރީ ރައްޓެހިވާން ފުރަތަމަ އެހީވެސް ހަމަ އަހަންނެވެ. އަޔާޒްއަށް ގަބޫލު ނުކުރެވިގެން އެތައް ފަހަރަކު ހަމަ އަސްލު ހެއްޔޭ އަހަމުން ދިޔައެވެ. އަހަރެން ހެމުން ހެމުން ގޮސް އަޔާޒްގެ ގައިގައި ބައްދާލީމެވެ. ދުވަހަކުވެސް ދުރު ނުކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ.

” އަހަރެން ދުވަހަކުވެސް  ދެން އިފާ އާ ވަތްކެއްނުވާނަން. އުމުރަށް ލޯބިވާނަން. ވަރަށް ލޯބިވާނަން. ”

ދިރިއުޅުމުގެ ތަފާތު އަޑި ގުޑަން ތަކެއް އައުމަށްފަހު މިހާރު އަހަރެން އުޅެމުން މިދަނީ ނުހަނު އުފަލުންނެވެ. އަހަރެންގެ ދެލޮލުގެ ކޮއި ފަދަ އަހަރެންގެ ދަރިންނާ ލޯބިވާ ފިރމީހާއާ އެކުއެވެ. އެއީ އަހަރެންގެ ހިތެވެ. ފުރާނައެވެ.

ނިމުނީ

ނޯޓް: މި ވާހަކައަކީ އަޅުގަނޑު ނިމިގެންދިޔަ އަހަރު ދިވެހި އެފްއެމްއަށް ލިޔެދިން ވާހަކައެކެވެ. ހުރިހާ ބޭފުޅުންނަށްވެސް މި ވާހަކަ ކަމުދިޔަ ކަމަށް އުއްމީދުކުރަމެވެ.

21

6 Comments

  1. liyaa

    January 18, 2017 at 10:42 pm

    reethi vaahaka.☺??

    • Eyeminath

      January 19, 2017 at 12:26 am

      Thankyuh Liyaa 😀

  2. saamii

    January 18, 2017 at 10:54 pm

    Reethi vaahaka eh.. varah furihama ??

  3. Khajja

    January 19, 2017 at 7:51 am

    Masha allah v rythi v intelijent stry eh mi kahala stry eh adhives kiyan libeyne kamah ummydhukuran dhynybai bodah himanaigen thank u so much

    • Eyeminath

      January 19, 2017 at 10:20 am

      Thankyuh khajja.

  4. Angel

    December 29, 2018 at 10:46 pm

    V salhi

Comments are closed.