ދުވަސްތައް ވެއަތުވަމުން ދިޔައެވެ. އެހިތާމަތަކަށް ދެ މަސްދުވަސް ފާއިތު ވަނީއެވެ. މެހެކް އަކީ މިހާރު ކުރީގެ އުފާވެރި މެހެކް އެއް ނޫނެވެ. ކެތްތެރިކަން ދެއްވާތޯ ކެނޑިނޭޅި އޭނާ ދުޢާ ކުރެއެވެ. އެންމެންނަށް ވެސް ހީވަނީ މަންމަ ދާ ދުވަސް ކައިރިވާތީވެ އެހިތާމައިގައި މެހެކް ހުންނަނީ ކަމަށެވެ.
އާހިލް އަށް ގުޅިދާނެ ކަމުގެ ބިރަށް އޭނާ އާހިލްގެ ނަންބަރު ފޯނުން ޑިލީޓް ކޮއްލިއެވެ. އާހިލްގެ ފޮޓޯތައްވެސް ޑިލީޓް ކުރިއެވެ. ފޮޓޯތަކަށް ބެލޭތީއެވެ. އެ ސޫރަ ފެނި އަބަދު ރޮވޭތީއެވެ.
ނަމަވެސް އޭނާގެ ހިތުން އާހިލް ‘ޑިލީޓް’ ކޮއްލާނީ ކިހިނެއް ހެއްޔެވެ؟ މުޅި ދުވަސް ހޭދަވަނީ އެ ހަނދާން ތަކުގައެވެ. އާހިލް އުޅޭނެ ގޮތާއި މެދު ވިސްނުމުގައެވެ. އާހިލް ބޭވަފާތެރި ވީ ނަމަވެސް، މެހެކް ގެ ހިތުގައި އާހިލްއަށް ޓަކައި އޮތް ލޯތްބައް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. އެތައް ސުވާލެއްގެ ޖަވާބު އޭނާ ބޭނުމެވެ. ބޭވަފާތެރިން ދެކެ ލޯބި ވެވެނީ ކީއްވެ ބާއެވެ؟ އަމިއްލަ ހިތަށް ބާރު ނުފޯރުވެނީ ކީއްވެ ބާއެވެ؟
ބެލްކަނީގައި ޙިޔާލުތަކަށް ގެއްލިފައި ހުއްޓައި، މެހެކް ހޭވެރިކަން ވީ މީހަކު ފުރަގަހުން އައިސް އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ.
“މަންމަ ތަ؟ މެހެކް އެނބުރިލިއިރު މަންމަ ހުރުމުން އޭނާ ހިނިތުން ވެލިއެވެ. ” އާ، ދަރިފުޅު ކޮން ޙިޔާލެއްގައި؟” މަންމަ މެހެކް ގެ ބުރަކަށީގައި ފިރުމާލިއެވެ.
“ނޫން، މަންމާ ހަމަ ހުރެލީ”.
“މަންމަ ދާ ދުވަސް ކައިރިވީ ދޯ؟” ބޭރަށް ނަޒަރު ހިންގާލަމުން މެހެކް ބުނެލިއެވެ.
“އާ ދަރިފުޅާ، މިހާރު ދާންވެސް ކައިރިވީމި”.
“މަންމަ ތީ ދުނިޔޭގައި ހުރި އެންމެ ބެސްޓް މަންމަ” މެހެކް މަންމަގައިގައި ބައްދާލިއެވެ.
” ކޮބާ މާދަމާ ޝޮޕިންގް އަށް ދަމާ ދޯ!” ދެމައިން، ކޮޓަރިން ބޭރަށް ނިކުމެލުމާއެކު ނަސީރުބޭ ބުނެލިއެވެ.
“ޒާހިދާ ދިޔާމަ އަހަރެން ހާދަ ފޫހި ވާނެޔޭ މި ކިޔަނީ، އަނެއްކާ މެހެކް ވެސް އުޅެން ޖެހޭނީ އެހާ ބިޒީކޮށް ދޯ ދަރިފުޅާ” ޝިޔާމައްތަ ދެރަވިއެވެ.
އެންމެން ވާހަކާގައި ތިއްބާ ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. މެހެކް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ސާދުނާ އެވެ.
” ފޯން ކޮންތާކަށް ލައިގެން ތި އުޅެނީ؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ. ސާދުނާ ޝަކުވާ ކޮއްލިއެވެ.
އަނގައިން ނުބުނެ ސާދުނާގެ މޫނަށް ބަލަން މެހެކް އަށް ހުރެވުނީއެވެ. އާހިލް ވަކިވި ފަހުން އޭނާ އުޅެނީ ފޯނާ ވަރަށް ދުރުގައެވެ. ފޯންގައި އަތް ލާ ހިތްވެސް ނުވަނީއެވެ. އޭނާ ފޫހިވަނީއެވެ.
“ވަދެބަލަ އެތެރެއަށް” މެހެކް ސާދުނާ އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ.
” މެހެކް އަހަރެން ވާހަކައެއް ބުނަން ބޭނުން” ސާދުނާ މަޑުމަޑުން ބުނެލިއެވެ.
ދެމީހުން އެކީގައި ކޮޓަރިއަށް ވަނުމާއެކު ސާދުނާ ވާހަކަ ފެށިއެވެ. “މެހެކް މާދަމާ އަކީ އިވާންގެ ބާރތްޑޭ. އަހަރެން ބޭނުން ވަނީ އިވާން އަށް ސަޕްރައިޒެއް ދޭން. ޕްލީޒް މެހެކް ޙިޔާލެއް ދީބަ” ސާދުނާ އާދޭހުގެ ރާގުގައި ބުނެލިއެވެ.
“ބާރތް ޑޭ އޭ، ދެން ގިފްޓެއް ދީބަ” ފަރުވާ ކުޑަ ގޮތަކަށް މެހެކް ބުނެލިއެވެ.
“ނޫނޭ، ތިހާ ކުޑަގޮތަކަށް ނިންމާލީމަޔޯ، ހިނގާ ބަލަ މިތާ ކައިރީ މިހިރަ “ސްވީޓް ބޭކަރީ” އަށް ދާން. އެތަނުން ކޭކެއް ގެނެސް އޭނަ ސަޕްރައިޒް ކޮއްލާނީ. އަހަރެން ބޭނުންވަނީ، އަހަރެން އިވާން ދެކެ ކިހާ ލޯބިވާކަން އޭނައަށް ދައްކާލަން”
“ޕްލީޒް މެހެކް، އަހަންނާ އެއްކޮށް ދާނަން ދޯ”. ސާދުނާ އާދޭސް ކުރަން ފެށުމުން މެހެކް އެއްބަސްވިއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު، މަންމަ ގާތުން ހުއްދަ ހޯދުމަށް ފަހު ތައްޔާރުވެލައިގެން މެހެކް، ސާދުނާ އާއި އެކު ބޭކަރީ އަށް ދިޔައެވެ. އިވާން އަށް ސަޕްރައިޒެއް ދޭން ރާވާފައިވާތީ ސާދުނާ ނިންމީ ބޭކަރީއަށް ގޮސް އިވާން އަށް ގުޅާށެވެ.
އެތަނަށް ވަދެފައި މުޅިތަނަށް ދެމީހުން ނަޒަރު ހިންގާލިއެވެ. ހުސް މޭޒެއް ނެތުމުން އެމީހުން އެރީ އެތަނުގެ މަތީބަޔަށެވެ.
” އިވާން އާދެބަލަ މެހެކްމެން އުޅޭ ގޭކައިރީ ހުންނަ ސްވީޓް ބޭކަރީ އަށް، މެހެކް އާއި ދެމީހުން މިތިބީ އެތަނުގަ” ސާދުނާ ގޮނޑީގައި ހަމަޖެހިލަމުން އިވާން އަށް ގުޅާލިއެވެ.
“ހާދަ އިރެއް ވެއްޖެއޭ ދޯ؟” ފަނަރަވަރަކަށް މިނެޓް ވީ އިރުވެސް އިވާން ނައުމުން، ވާހަކާގައި އިނދެފައި ސިޑިއާއި ދިމާއަށް ސާދުނާ ބަލާލިއެވެ. އެވަގުތު އިވާން ސިޑިން އަރައިގެން އަންނަ ތަން ފެނުމުން އޭނާ ހިނިތުންވެލިއެވެ.
އިވާން އައިސް އެމީހުންގެ ކައިރިއަށް ހުއްޓިލުމާއެކު އޭނާ ޖަހާފައިވާ ސެންޓްގެ މީރުވަސް ދުވަން ފެށިއެވެ.
“އިވާން ހާދަ ސަޅިއޭ” އަތުކުރި އޮޅާލާފައިވާ ކަޅު ގަމީހުގައި އިވާން ފެނުމުން ސާދުނާ ތަޢުރީފް ކޮށްލިއެވެ.
އިވާން ހިނިތުންވެލަމުން ގޮނޑީގައި އިށީއިނދެލިއެވެ.
” އެބަ އަންނަން އިނގޭ” އިވާން އައުމާ އެކު، ސާދުނާ ތެދުވެގެން ގޮސް ކައުންޓަރުގައި އިން ކުއްޖާ ކައިރިއަށް ހުއްޓިލާފައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ދެން އޭނާ ހިނިތުންވަމުން އަނެއްކާވެސް އިށީއިނދެލިއެވެ.
އިރުކޮޅެއް ނުވެ ވެއިޓާރ ކުޑަ ކުޑަ ކޭކެއް ގެނެސް މޭޒުމަތީގައި ބައިންދާލިއެވެ.
“އޯ” އިވާން ދެ ލޯ ބޮޑު ކޮއްލިއެވެ. “ހެޕީ ބާރތް ޑޭ އިވާން” ކޭކުގައި ލިޔެލާފައިވާ އިބާރާތްކޮޅު އިވާން ކިޔާލިއެވެ.
“ކިހިނެއް އިނގުނީ އަހަރެންގެ ބާރތް ޑޭ ކަމެއް؟”
“އަހަރެން ފޭސްބުކުން ދުށީ، ހެޕީ ބާރްތްޑޭ އިވާން، 23 އަހަރު ވީ ދޯ”. ސާދުނާ ހިނިތުން ވެލަމުން ބުންޏެވެ.
“ސަދޫ އެބަހުރި ރަނގަޅަށް އަހަރެންގެ މަޢުލޫމާތު ހޯދާފަ” ހެމުން ހެމުން އިވާން ބުނެލިއެވެ.
އެކަން ސެލެބްރޭޓް ކޮށްލުމަށްފަހު، ތިން މީހުން އެކީގައި ސިޑިއާއި ދިމާއަށް ހިނގައިގަތެވެ. އޭރު މެހެކް ހުރީ ތަންކޮޅެއް ކުރީގައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މޭޒެއްދޮށުގައި ކާން ތިބި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ..
އާހިލް މަތިން އޭނާ ހަނދާންވާން ފެށިއެވެ. ފެންކަޅިވެފައި އޭނާ އަވަސްއަވަހަށް ސިޑިން ފައިބަން ދިމާ ކޮއްލި ވަގުތު އޭނާ ގެ ފައި ކައްސާލިއެވެ. މެހެކް ހުރީ އެފަދަ ކަމަކަށް ސަމާލުވެގެން ކަމަށް ނުވާތީ އޭނާ ވަރަށް ފަސޭހައިން ވެއްޓުނެވެ.
“މެހެކްކްކްކް….”. އިވާން އާއި ސާދުނާ އަށް ބާރުބާރަށް ގޮވާލެވުނެވެ.
ސިޑިމަތީގައި ފުރޮޅެމުން އޭނާ ގޮސް ޖެހުނީ ތިރިއަށެވެ. އިވާން އަވަސް ފިޔަވަޅިތަކުގައި ސިޑިން ފޭބިއެވެ.
“މެހެކް އާ ޔޫ އޯކޭ؟” އިވާން މެހެކް ގެ އަތުގައި ހިފާލިއެވެ.
“އާހްހްހް”
ތެދުވަން މަސައްކަތް ކުރުމުން އޭނާގެ ފަޔަށް އަރާފައިވާ ތަދުން އޭނާއަކަށް ނުތެދުވެވުނެވެ، ނިއްކުރިވެސް ވަނީ ކުޑަކޮށް ފެޅިފައެވެ. އޭރު ރެސްޓޯރެންޓްގައި ތިބި އެންމެން ވެސް އެތަނައް އެއްވެއްޖެއެވެ. ސާދުނާ އަށް ވެސް އަނގަމަތީގައި ދެއަތް އަޅައިގެން މެހެކް އަށް ބަލަން ހުރެވުނީއެވެ. “މެހެކް ހާސް ނުވޭ” އިވާން އަވަސް އަވަހަށް ބުނެލިއެވެ.
އަދި އޭނާގެ ބާރުގަދަ އަތްދަނޑި މަތީގައި މެހެކް އުހުލާލިއެވެ.
ރެސްޓޯރެންޓުން ނުކުމެގެން އޭނާ ހިނގައިގަތީ މެހެކް އުޅޭ ބިލްޑިންގް އާއި ދިމާއަށެވެ. ” އޮޓޯ އަކު ދާންވީނު؟” ސާދުނާ ހާސްވެފައި ހުރެ އޮޓޯ އަށް ގޮވަން ފެށިއެވެ.
“މީ ވަރަށް ކައިރި، އޮޓޯ ނަގާނެ ކަމެއް ނެތް، މަގު ހުރަސް ކޮއްލާއިރަށް އެ ދެވުނީނު”
ދޮރުގައި ޓަކި ޖަހާލުމާއެކު ނަސީރުބޭ ދޮރު ހުޅުވިއެވެ. އެވަގުތު ނަސީރުބޭ ހައިރާން ވެގެން ދެ ލޯ ބޮޑުވިއެވެ. “ދަރިފުޅާ މެހެކް ކިހިނެއްވީ؟” އިވާން މެހެކް އުފުލާލައިގެން ހުރުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ނަސީރުބެ އަށް އެނގުނެވެ. އެއަޑަށް ދުވެފައި ކަހަލަ ގޮތަކަށް ޝިޔާމައްތަ އާއި މަންމަ އައެވެ.
” މެހެކް އެނދުގައި ބާއްވާ”. ކޮޓަރި ދޮރު ހުޅުވާލަމުން ޝިޔާމައްތަ ބުނެލިއެވެ.
އިވާން އަވަސް އަވަހަށް އައިސް މެހެކް އެނދުގައި ބޭއްވިއެވެ. އޭރުވެސް މެހެކް ގެ ފަޔަށް ތަދު އަރާފައި ހުރި ގޮތުން ފައި ދަމައި ވެސް ނުލެވެއެވެ. “މަންމާ”. ވީ ތަދުން އޭނާ އަށް ބުނެލެވުނެވެ.
“ދަރިފުޅާ ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން، ނިއްކުރިވެސް ތިހުރީ ފެޅިފައެއްނު”. މަންމަ މެހެކްގެ ނިއްކުރި ޓިޝޫއަކުން ފުހެލިއެވެ. އޭރު ޝިޔާމައްތަ ބޭސް ފޮށި ހިފައިގެން ކޮޓަރިއަށް ވަންނަނީއެވެ.
“ނޫން މަންމާ ހޮސްޕިޓަލަށް ދާނެކަމެއް ނެތް”
އެންމެން އެކީގައި ވީ ގޮތް އަހަން ފެށުމުން ސާދުނާ ވީގޮތް ކިޔާދިނެވެ.
އިވާން އައިސް މެހެކް ގެ ގާތުގައި އިށީ އިނދެލިއެވެ. އޭރު މަންމަ އިނީ މެހެކް ގެ ފައިގައި ފިރުމާލަ ފިރުމާލައެވެ. “ދައްތާ ދައްކަބަލަ އަހަރެން ކުޑަ މަސާޖެއް ދޭނަން”
އިވާން އަކީ ޑޮކްޓަރުކަން ކިޔަވަމުން ދާ ކުއްޖަކަށް ވާތީ، އެކަހަލަ ކަންތައްތައް އިނގޭނެތީވެ އެންމެން ތިބީ އިވާން އަށް އެކަން ދޫކޮއްލައިގެންނެވެ.
އޭނާ މެހެކް ގެ ފައިގައި މަސާޖު ކުރަން ފެށިއެވެ. އެއީ މެހެކް އަށް ވެސް އެނގޭ މަސާޖެކެވެ. އެކަމަކު އޭނާ އަށް ވެފައޮތް ވަރުގައި އެކަނި އެކަން ނުވީއެވެ.
“ދެ..ދެން އޯކޭ މިހާރު، ތޭންކްސް” އިވާން މަސާޖުދޭން ފެށުމުން މެހެކްގެ ފަޔަށް ލުއިލިބޭކަމުގެ އިޙްސާސް ވާން ފެށުމާއެކު އޭނާ އަވަސް އަވަހަށް ބުނެލިއެވެ.
” އެހެންތަ؟ އާ ޔޫ ޝުއާ؟” އިވާން ޔަގީން ކުރަން ބޭނުންވިއެވެ.
“ހުމްމްމް”. މެހެކް ބޯ ޖަހާލިއެވެ.
“އޯކޭ އެހެންވީމަ އަހަރެން ދަނީ، ޓޭކް ކެއާރ” އެންމެންނަށް ހިނިތުންވަމުން އިވާން ހިގައިގަތެވެ.
“އިވާން ދަރިފުޅާ މަޑުކޮއްބަލަ، ވަރަށް ބޮޑަށް ޝުކުރިއްޔާ” މަންމަ ބުނެލިއެވެ.
އޭގެ ހަފްތާއެއްހައި ދުވަސް ފަހެވެ. މެހެކް މިހާރު އެއްކޮއް ރަނގަޅެވެ. މިއަދު ވޭން އަޅަމުން ދަނީ އޭނާގެ ހިތުގައެވެ. ވާނީވެސް އެހެންތާ އެވެ. މިއަދަކީ އޭނާގެ މަންމަ ފުރާ ދުވަހެވެ.
އެންމެން ތިބީ އެއާރޕޯޓްގައެވެ. މެހެކް ހުރީ މަންމަގެ އަތުގައި ހިފާލައިގެންނެވެ. “ދަރިފުޅާ، މަންމަ ދިން ނަސޭހަތްތައް ހަނދާނުގައި ބަހައްޓާތި އިނގޭ، އިރާދަކުރެއްވިއްޔާ މަންމަ އަންނާނަން މި އަންނަ އަހަރުވެސް ދަރިފުޅު ކައިރިއަށް” މެހެކް ގެ ބޮލުގައި މަންމަ ފިރުމާލިއެވެ. އޭރު މަންމަ ގެ މޫނުމަތި ހުރީ މިލާ މޯޅިވެފައެވެ. މަންމަ ވެސް ދާ ހިތް ނުވާކަން މެހެކް އަށް އެނގެއެވެ. އެކަމަކު އެކަހަލަ ވާހަކައެއް ނުދައްކަނީ މެހެކް ދެރަވާނެތީއެވެ.
މަންމަ ފުރުވާލާފައި ގެއަށް އާދެވުނުއިރުވެސް މެހެކް އެންމެ ބަހެއްވެސް ނުބުނެއެވެ. އޭނާ އަށް ދެރަވެފައި ހުރެވެނީއެވެ. މި ދެމަހެއްހައި ދުވަހު އޭނަ ކުރަމުން ދާ ހިތާމައަށް ލުޔެއް ކިރިޔާވެސް ލިބެނީ އޭނާގެ ލޯބިވާ މަންމަ ފެންނަން ހުރީމައެވެ. ދެން އަނެއްކާވެސް އޭނާ ނިދަން ޖެހޭނީ އެކަންޏެވެ. އޭނާ އަށް މަންމަ ގެ މޫނު ފެންނާނީ އަހަރެއް ފަހުންނެވެ.
ޝިޔާމައްތަ ވެސް އިނީ ވަރަށް ބޮޑަށް ދެރަވެފައެވެ. “ދަރިފުޅާ ދެރަނުވޭ، އިރާދަކުރެއްވިއްޔާ މަންމަ އަންނާނެ އެއްނު އަންނަ އަހަރު ވެސް ދޯ”
ބޯ ޖަހާލާފައި ގަދަކަމުން ހިނިތުންވަމުން މެހެކް ގޮސް ކޮޓަރިއަށް ވަނެވެ.
އާ ދުވަހަކަށް އިރުއެރިއެވެ. ފަތިހާ ތެދުވެ ނަމާދުކޮއްލައިގެން މެހެކް ކޮލެޖައްދާން ތައްޔާރުވެލިއެވެ. އަނެއްކާވެސް ކޮލެޖް ހުޅުވުނީއެވެ. އެ ބުރަ ދުވަސްތައް ފެށުނީއެވެ. މަންމަ ދިން ނަސޭހަތްތައް ހަނދާން ވެ އޭނާގެ ހިތްވަރު އާލާވިއެވެ.
މެހެކް ބޭރަށް ނުކުންނަމުން ސާދުނާއަށް ގުޅާލިއެވެ. “މިދަނީ މިދަނީ” ސާދުނާ ފޯން ކަނޑާލިއެވެ.
އިރުކޮޅެއްނުވެ ދުވެފައި ކަހަލަ ގޮތަކަށް ސާދުނާ އަންނަތަން ފެނުނެވެ. މެހެކް ގާތަށް ހިނިއައެވެ.
” މެހެކް އަހަންނަށް ޗުއްޓީ ވާނެ ވަރަށް އަވަހަށް، މަންމަ ގުޅީމައޭ ތަންކޮޅެއް ލަސްވީ” ސާދުނާ ހުރީ އުފަލުން ފޮޅިފައެވެ. “މަންމަ އާއި ބައްޕަ ކައިރިއަށް ދެވޭތީ ވަރަށް އުފާވޭ އެބަ” ހިނގައި ގަންނަމުން ސާދުނާ ބުނެލިއެވެ.
“ހާދަ ފަރި ހިނގުމެކޭ ދޯ” ފަހަތުން އިވުނީ އިވާން ގެ އަޑެވެ.
ދެމީހުން އެކީގައި ބަލާލިއިރު އިވާން ފަހަތުގައި ހެވިފައި ހުއްޓެވެ. “ހުމްމް، އެއައީ ރަންބިރް ކަޕޫރް، އެ އެކްޓް ނަގައިގެން އިވާން އުޅެނީ” ސާދުނާ ސަމާސާކޮއްލިއެވެ. ނުހޭން ހުއްޓަސް މެހެކް އަށް ހޭން ފެށުނެވެ. ސާދުނާ އަބަދުވެސް ބުނެލާނީ އެކަހަލަ މަޖާ ބަސްތަކެވެ.
“ހްމްމް… ރަންބިރް ކަޕޫރް މިއައީ ތި ދެކުދިންނާ އެކު ދާ ހިތުންނޭ” އިވާން ވެސް ދުލެއް ނުކުރިއެވެ.
އިވާން އާއި މެހެކް އެކުގައި ކޮލެޖަށް ވަދެގެން ދިޔައިރު ގޭޓް ކައިރީގައި ދެ ފިރިހެން ކުދިން ތިއްބެވެ. މެހެކް އާއި ދިމާއަށް ބަލަމުން އެމީހުން މަޑުމަޑުން މެހެކް ގެ ފަހަތުން ހިނގަން ފެށިއެވެ.
ބަލާބެލުމަށް އެއީ އިންޑިއާ ދެ ކުދިން ހެން ހީވެއެވެ. ” ހައު ބިއުޓިފުލް ޝީ އިޒް؟” އެކަކު ބުނެލި އަޑު އިވުނެވެ. “ސެކްސީ ލިޕްސް” ހެމުންހެމުން ދެން ހުރި ކުއްޖާ ބުނެލިއެވެ.
އިވާން އަށް އެއަޑު އިވި އޭނާ ހުއްޓިލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އެމީހުންނާ އަރާ ހަމަކުރިއިރު މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ” ސޭ އަގެއިން” އިވާން އެހެން ބުނެލުމާއެކު އެމީހުން ހުނުން ހުއްޓާލިއެވެ. “ސޭ އަގެއިން” އިވާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭރު އެކުދިންގެ މޫނު މަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ.
މެހެކް އަށް ވެސް ބަލަން ހުރެވުނީއެވެ. އޭނާ ހުރީ ބިރުން ހަލާކުވާ ވަރު ވެފައެވެ. “އިވާން ޕްލީޒް ހިނގާ ދަމާ” މެހެކް މަޑުމަޑުން ބުނެލިއެވެ.
އިވާން ހުރީ އެކުދިން ދޫ ކުރާ ގޮތަކަށް ނޫނެވެ. އިވާން އެހާ ރުޅިއެއް އެއައީ ކީއްވެބާއެވެ؟ އެހާ ބޮޑު ކޮލެޖެއްގައި އެކަހަލަ ކިތަންމެ ކުއްޖެއް އުޅޭނެކަން އިވާން އަށް ނުވިސްނުނީ ހެއްޔެވެ؟
ދެން ކުއްލިއަކަށް އިވާންގެ މޭގައި އަޅާ އެތަނުން އެއް ކުއްޖަކު ކޮއްޕާލިއެވެ. އިވާން ވެއްޓުނެވެ. އޭނާ އެހުރީ އެފަދަ ހަމަލާއަކަށް ސަމާލުވެގެން ހެނެއް ހިއެއް ނުވެއެވެ. ވެއްޓުނު ދިމާލުގައި އޮއްގާ ވެސް ހުރުމާއެކު އޭނާ ގެ އުޅަބޮށި ހަލާކުވޭ ލޭ އަންނަން ފެށިއެވެ.
“އިވާން” މެހެކް އަށް މަޑުމަޑުން ބުނެލެވުނެވެ.
އޭނާ އަވަސް އަވަހަށް ތެދުވިއެވެ. އޭރު އެ ދެކުދިން ހެނީއެވެ. ލިބުނު ކާމިޔާބީއަށް ޓަކައި ކަންނޭނގެއެވެ. އިވާން އަތަށް ރަނގަޅަށް ބަލާލުމަށް ފަހު، އެކުއްޖާ ފާރުގައި ވިދިލައިގެން ހުރި އަތުގައި ހިފާލިއެވެ. އެފާރަކީ އޮމާން ފާރެއް ކަމުން އެކުއްޖާގެ އަތް ކައްސާލުމާއެކު ނިއްކުރި ފާރުގައި ވަރަށް ބާރަށް ޖެހިއްޖެއެވެ. އަދި އަނގަވަތައް ވެއްޓެންދިޔައެވެ. އިވާން އެވަގުތު އެކުއްޖާގެ ގައިގައި ނުހިފެއްޓި ނަމަ ތަޅުންގަނޑުގައި ޖެހި، މޫނާއިއެކު ދަތްތައްވެސް ސަލާމަތް ނުވީހެވެ. “ބީ ކެއާރ ފުލް ނެކްސްޓް ޓައިމް” އިވާން އެކުއްޖާގެ މޫނަށް ބަލާލަމުން މަލާމާތުގެ ރާގަށް ބުނެލިއެވެ.
ނަސީބަކުން، ނިއްކުރީގައި އަތް އަޅައިގެން އެ ކުއްޖާ ދުއްވައި ގަތުމާއެކު ދެން ހުރި ކުއްޖާވެސް ފަހަތުން ހިނގައްޖެއެވެ. އިވާން އެނބުރި މެހެކް އާއި ދިމާއަށް ބަލާލިއެވެ. އޭރު މެހެކް ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އަވަސް އަވަހަށް އަތް ދަބަހުން ޓިޝޫ ޕެކެޓެއް ނަގާ އިވާން އަށް ދިއްކޮއްލުމަށް ފަހު މެހެކް ބާރު ހިނގުމުގައި ކްލާހާ ދިމާއަށް ދާން މިސްރާބު ޖެހިއެވެ.
ކޮލެޖުން ނުކުމެ ގެއަށް ދިޔައިރުވެސް މެހެކް ހުރީ ހިތްހަމަ ނުޖެހިފައެވެ. އިވާން ވެސް މާ ބޮޑަކަށް ވާހަކައެއް ނުދައްކައެވެ. “އަހަރެން މެހެކް އާއި އެކު ތިގެއަށް ދާނީ” މެހެކް ހިތްހަމަ ނުޖެހިފައި ހުރިހެން ހީވުމުން ސާދުނާ ބުނެލިއެވެ.
“އިވާން ދެން ކީއްކުރާކައްތަ އެމީހުނާ ފައިޓް ކުރީ”. ސާދުނާ އަށް ވީ ގޮތް ކިޔާ ދިނުމަށް ފަހު މެހެކް ބުނެލިއެވެ.
ސާދުނާ ވެސް ހައިރާން ވެފައި އިނީއެވެ. ” އެކަމް އިވާން ކިހާ ގަދަ” ސާދުނާ ހިނިތުންވަމުން ބުނެލި ވަގުތު އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ގުޅަނީ އިވާން އެވެ. ސާދުނާ ފޯން ނެގިއެވެ.
“ކޮން ވާހަކައެއް؟”. ސާދުނާ ގާތައް ހިނިއައެވެ.
“އޯކޭ އޯކޭ، އަހަރެން ދާނަން”
ފޯން ބޭއްވުމަށްފަހު ސާދުނާ އުފަލުން ކޮޓަރި ތެރޭގައި ފުމެން ފެށިއެވެ.
” ސަދޫ ކިހިނެއްވީ އަނެއްކާ، އިވާން ކީކޭތަ ބުނީ”. ސާދުނާ އުޅޭގޮތުން މެހެކް ހައިރާން ވެފައި އަހާލިއެވެ.
“މެހެކް އިވާން ބުނީ އަހަރެން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުމޯ، ބުނީ ބަލާ އައްނާނަމޯ “ވެސްޓާން ޕާރްކް”، ކިޔާ ޕާރްކް އަކަށޯ ދަނީ”. ސާދުނާ އަށް މާނޭވާ ލެވެނީއެވެ.
“އައި ތިންކް ހީ ލަވްސް މީ”. ސާދުނާ މެހެކްގެ އަތުގައި ހިފާ ބާރު ކޮއްލަމުން ބުއްޏެވެ.
” މެހެކް އަހަރެން ކޮން ހެދުމެއް ލާނީ އެހެން ވީމަ؟ އިވާން އަށް ރީތިވާނީ ކޮންކަހަލަ ހެދުމެއް ލީމަބާ؟”.
އެއްކަލަ ދުވަހު މެހެކް ލައިގެން ހުރި ރެޑް ހެދުން އިވާން އަށް ވަރަށް ރީތިވި ދޯ”
” އާ އެކަހަލަ ހެދުމެއް ލާ” މެހެކް ޙިޔާލެއް ދިނެވެ.
ހަވީރުގެ ވަގުތެވެ. ރީތިވެ ނަލަ ހެދިލައިގެން ސާދުނާ މެހެކް ގާތަށް އައެވެ.
ސާދުނާ ގެ މަތިން ފެށިގެން ތިރިއަށް މެހެކް ނަޒަރު ހިންގާލިއެވެ. އޭނާ ލާފައި ހުރީ ރަތް ކުލައިގެ ރީތި ހެދުމެކެވެ. އޭނާގެ ދިގު ބުޅި އިސްތަށިގަނޑު މައްޗައް ނަގާލާފައި ހުރި އިރު މޫނު މައްޗައް ވެއްޓިފައިވާ އިސްތަށިކޮޅުން އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އޭނާ ހުރީ ވަރަށް ރީއްޗަށް މޭކަޕް ވެސް ކޮއްގެންނެވެ.
“މެހެކް ރަނގަޅުތަ މިހުރި ގޮތް؟”.
“ވާއު، ސަދޫ ހާދަ ރީއްޗޭ”
“ތޭންކްސް” މެހެކް ތަޢުރީފް ކޮއްލުމުން ސާދުނާ ނުކުއްނަމުން ބުނެލިއެވެ.
އެރޭގެ ރޭގަނޑުގެ ވަގުތެވެ. ސާދުނާގެ ޙަބަރެއް ނުވުމުން ވީ ގޮތެއް ބަލާލަން މެހެކް ގުޅާލިއެވެ.
މެހެކް ހައިރާން ވިއެވެ. ސާދުނާ ފޯނެއް ނުނަގައެވެ. ތިން ފަހަރު މެހެކް ގުޅިފަހުން ސާދުނާ ފޮނުވީ މެސެޖެކެވެ.
“އިވާން ކުޑަ ކަމެއް ދިމާވެގެން ނާދޭ” މެސެޖްގައިވާ އިބާރާތް ކޮޅު ފެނި މެހެކްގެ ހިތަށް އަސަރު ކުރިއެވެ. ސާދުނާ ވާނެ ދެރަ ހިތަށް އަރާފައެވެ.
މަޑުމަޑުން އޭނާ ބެލްކަންޏައް ނުކުމެލިއެވެ. ސާދުނާ އާއި ދޭތެރޭ އޭނާ އަށް ވިސްނެންފެށުނެވެ. ނަމަވެސް، ސާދުނާއަށް އިތުރަށް ގުޅާކަށް އަދި މެސެޖެއް ކުރާކަށް ވެސް އޭނާއަކަށް ނުކެރުނެވެ.
ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ބިލްޑިންގެ ފަސްވަނަ ފްލޯގެ ބެލްކަނީގައި އޭނާ އަށް ފުރަގަހަށް ވާގޮތަށް، ހުއްޓިލައިގެން ހުރި ފިރިހެން ކުއްޖާއެވެ. އެތާނގައި ދިއްލާފައި ހުރި ގަދަ އަލީގައި އެ ފިރިހެން ކުއްޖާ އޭނާއަށް ވަރަށް ރީތިކޮށް ފެނެއެވެ. ފުރަގަސް ދީގެން ހުރި ނަމަވެސް އޭނާ ހުރީ ފޯނެއްގައިކަން އެނގެއެވެ.
އެ ފިރިހެން ކުއްޖާގެ ފަން އިސްތަށިގަނޑާއި ހަށިގަނޑު ފެނި މެހެކް ގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭނާ އަނެއްކާވެސް ލޯ ކުޑަކޮއްލުމަށް ފަހު ރަނގަޅަށް ބަލާލިއެވެ.
” އާހިލް” މޭގައި އަތް އަޅާލަމުން މެހެކް އަށް މަޑުމަޑުން ބުނެލެވުނެވެ.
*ނުނިމޭ*
318 Comments
Comments are closed.
Rythi varah.. ahil aeetha anekkaa
Thank u aree
❤
V rythi
Thank u maash..❤
haadh lahey up vaale dho varah udhaguvey but varah retthi mi part ves
Sorry dear in sha Allah miray up kohlaanan.. thankx alot ❤
Shafu ko baatha vaahaka.. Haadha reechey mi vaahaka.. Mi hama best.