“މޯމް ބުނީ މާދަމާ އަންނަމޯ. އާޝިޔާއަށް ވަރަށް ގިނައިން ސަލާމްބުނި. އަދި ބުނި ބުނާށޯ މޯމްއާއެކު ބޮއްތަމެން އަންނަ ވާހަކަ.” އިޒްޔާން ވަރަށް ހަމަޖެހިލާފައި އަޒްފާ ދެއްކި ވާހަކަތައް ކިޔައިދިނެވެ. އިޒްޔާންގެ ވާހަކައަށް ޖަވާބެއްނުދީ ހުރެފައި ކުއްލިއަކަށް އާޝިޔާ އިޒްޔާންގެ ފޯނުގައި ހިފާ ދަމައިގަތެވެ. އަދި އޭގެ ސްކްރީނުން ފެންނަން އިން ފޮޓޯއަށް ކަޅިޖަހާނުލާ ބަލަން އިނެވެ.
“މީ ކާކު؟” އާޝިޔާ އަވަސްވެފައިވާ ނޭވާތަކުން އެއީ ކާކުކަން އެނގެން ބޭނުންވާކަން ހާމަކޮށްދެމުން ދިޔައެވެ.
“ތީ…” އިޒްޔާން އެހެން ބުނެފައި އާޝިޔާ އަތުން ފޯނު އަތުލިއެވެ. ފޯނުގައި އިން ފޮޓޯއަށް އިޒްޔާން ބަލަހައްޓައިގެން ހުރިއިރު އެދެލޮލުން ވޭނީ އަސަރެއް ފާޅުވަމުން ދިޔައެވެ. އިޒްޔާން ބަހެއް ނުބުނެ ފޯނުގެ ސްކްރީންގައި އިނގިލިތަކުން ފިރުމާލިއެވެ.
“އިޒްގެ ލޯބިވެރިއެއް ހުންނައިރު ކީއްވެ އަހަރެންދެކެ ލޯބިވެޔޭ ބުނީ؟” އާޝިޔާއަށް އިޒްޔާންގެ ފޯނު ސްކްރީނުން ފެންނަން އިން ފޮޓޯ ފެނިފައި ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ. އެއީ އޭނާގެ ފޮޓޯއެކެވެ. އެފޮޓޯ ފެނި އިޒްޔާންއާއެކު ހޭދަވި އުފާވެރި ދުވަސްތައްމަތިން ހަނދާންވެ ހިތް ރޮއްވާލިއެވެ. ލޮލުން ވެއްޓެންދިޔަ ކަރުނަތިކިތައް ކޯތާފަތްމަތިން އޮހިގެންދިޔައެވެ.
“މީ އަހަރެންގެ ލޯބިވެރިއެކޭ ބުނުމުން ދޮގަކަށް ވެދާނެ. އާޝިޔާއަށް އެނގޭތަ މިއީ ކާކުކަން؟ މިއީ އަހަރެންނަށް ލޯބި އެއީ ކޮން އެއްޗެއްކަން ފުރަތަމަ ފަހަރަށް އިހުސާސްކޮށްދިން އަންހެންކުއްޖާ. މިހިތުގައި ލޯބީގެ ތެޅުން އިހުސާސްކޮށްދިން މަލަކާ. މިހިތުގެ މަލަކާ.” އިޒްޔާން އަދިވެސް ހުރީ ފޮޓޯއަށް ބަލަހައްޓައިގެންނެވެ. ފާއިތުވި ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު ދުށުމަށް ހިތްއެދޭ އެރީތި ސޫރަ އޭނާ ދެކިލަނީ އެފޮޓޯއިންނެވެ.
“ދެން މިހާރު ކޮބާ ތިކުއްޖާ؟” އާޝިޔާ ނޭވާ ހިފަހައްޓާލަމުން އަހާލިއެވެ.
“ނޭނގެ ވީތަނެއް.” މާޔޫސީ ރާގެއްގައި އިޒްޔާން ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. އިޒްޔާން ހުވަފެނީ ދުނިޔެއެއްގައި ހުރެ ވާހަކަދައްކަމުން ދިޔައެވެ.
“އެރޭ އެގޮތަށް ކަންތައް ނުކުރެވުނުނަމައޭ ހިތަށްއަރާ. މަލަކާގެ ކިބައިން މާފަށް އެދުމުގެ ފުރުސަތެއްވެސް ނުލިބުނު. އަހަރެންނަށް މިލިބެނީ އެކަމުގެ ޙައްޤު އަދަބު ކަންނޭނގެ.” އިޒްޔާންގެ ހިތުގައި އެތައް ދުވަހެއް ވަންދެން ރައްކާކުރެވިފައިވާ ޖަޒުބާތުތައް އާޝިޔާގެ ކުރިމަތީގައި ބޭރުކޮށްލެވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ޝަހާދަތް އިނގިލިން ފޮހެލިއެވެ. އެއަށްފަހު ނޭފަތް ދަމާލާ މީހާ ހަމައަކަށް އެޅުނެވެ.
“ކީއްވެ ފަހުން އިޒް މަލަކާ ހޯދަން ނޫޅުނީ؟ އިޒް ތިވަރަށް ލޯބިވާނަމަ މަލަކާ ވީތަނެއް ހޯދީސް. އިޒް މަލަކާދެކެ އެއްވެސް ވަރަކަށް ލޯތްބެއްނުވޭ.” އާޝިޔާއަށް މިހާރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެހިތުގައި އިޒްޔާންއާމެދު އުފެދިފައިވާ ޝަކުވާތައް ބަންޑުންކޮށްލެވުނީ ކީއްވެކަމެއް ޚުދު އާޝިޔާއަކަށްވެސް ނޭނގުނެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސެނީ އޭނާ އިޒްޔާންއަށް އިންތިޒާރުކޮށްކޮށް ހުއްޓައެވެ. އިޒްޔާންއަށްޓަކައި އޭނާ ޤުރުބާންވީ މިންވަރު އެނގޭނީ ޚުދު އޭނާއަށެވެ. އާޝިޔާގެ ވާހަކަތަކުން އިޒްޔާންއަށް ހައިރާންކަމެއް ލިބުނެވެ.
“ކީކޭ އާޝިޔާ ތިކިޔަނީ؟ އިޒް މަލަކާދެކެ ލޯތްބެއް ނުވެޔޭ؟ އޭނަ ހޯދާކަށް ނޫޅެއޭ؟ އާޝިޔާއަށް އެނގޭތަ ތިކިޔޭ އެއްޗެއް؟” އިޒްޔާން ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.
“އާނ އެނގޭ. އިޒް އަހަރެންދެކެ ލޯބިވީނަމަ މިވޭތުވެދިޔަ ފަސްއަހަރު ތެރޭގަ އެއްފަހަރުވެސް އަހަރެން ވީތަނެއް ބެލީސް. އޭގެ ބަދަލުގަ އިޒް ފުރައިގެން ދިޔައީ. އެއްފަހަރުވެސް އެނބުރި ބެލުމެއްނެތި. އަހަރެން ރުއިރުއިމާ އުފުލި ވޭނެއް އިޒްއަކަށް ނޭނގޭނެ.” އާޝިޔާ ގިސްލާ ރޮމުން ދައްކަމުންދިޔަ ވާހަކަތަކުން އިޒްޔާންއަށް ހުރެވުނީ ޤަބޫލުނުކުރެވިފައެވެ. އާޝިޔާ ފެނުމުން އޭނާއަށް ތަފާތު އިހުސާސްތަކެއް ކުރުވި ސަބަބަކީ މިއީތާއެވެ. އާޝިޔާ ފެނުމުން އޭނާއާ ގާތް ގުޅުމެއް އޮތް މީހެއްކަމުގެ އިހުސާސް ކުރެވުނީ މިހެންވެގެންތާއޭ އިޒްޔާންގެ ހިތަށް އެރިއެވެ. މިއޮއްހާ ދުވަހު އޭނާއަށް ކުރެވުނު ހީ ހަޤީޤަތަކަށްވީއެވެ.
“މަލަކާ!” އިޒްޔާންއަށް ކުރެވުނު އިހުސާސުން ހިތުގައި އުފެދުނު ޖަޒުބާތުތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. މަލަކާ ގެނެސް އެއަތުގެ ތެރެއަށްލާ ބޮނޑިކޮށްލެވުނެވެ. އެއާއެކު ލޮލުން ކަރުނަތައް އޮހިގަތެވެ. ދެހިތުގެ ނާ އަތުން ދޫވި ލޯބީގެ އެންމެ ފުންމިނަށް އެދެހިތް ފީނާލިއެވެ. ހިތުން ހިތަށް ލޯބީގެ ސިގުނަލްތައް ފޯރުކޮށްދެމުންނެވެ.
އިޒްޔާން ހުރީ ރެއިލިންގައި ލެނގިލައިގެން، އޭނާގެ ކުރިމަތީގައި ގޮނޑީގައި އިށީނދެލައިގެން އިން މަލަކާއަށް ބަލަހައްޓައިގެންނެވެ. “މިއޮއްހާ ދުވަހު މަލަކާ އުޅުނީ ކޮންތާކު؟ ކިހިނެއް މިގެއަށް އާދެވުނީ؟” އިޒްޔާން މަލަކާއާ ސުވާލުކޮށްލިއެވެ. އަދި މަޑުމަޑުން ގޮސް މަލަކާގެ ފައި ކައިރީ ކޮޅުކަކުލަށް ވާގޮތަށް އިށީނދެ މަލަކާގެ ދެއަތުގައި ހިފާލިއެވެ.
“މަލަކާއަށް އެނގޭތަ؟ މަލަކާ ހޯދަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ. އަހަރެންނަށް ހުރިހާ ހަޤީޤަތެއް އެނގުނީމަ އެންމެ ފުރަތަމަވެސް އަޝްފާޤަށް. އޭނަ ބުނީ މަލަކާ ފުރި ވާހަކަ. މާލޭގަ މަލަކާ ހުރި ގެސްޓްހައުސްގެ ނަން ބުނީމަ އެތަނަށްވެސް ދިޔައިން. އެކަމަކު އެތަނުންވެސް އަންނަންޖެހުނީ ހުސްއަތާ. މަލަކާއަށް ހީވަނީ އަހަރެން ކިޔަވަންގޮސް މަލަކާ މަތިން ހަނދާން ނައްތާލީހެންތަ؟ މަލަކާއަށް އެނގޭތަ؟ ކޮންމެ ދުވަހަކު އެތައް ބަޔަކަށް ގުޅައިގެން މަލަކާގެ ޚަބަރެއް ވޭތޯ ބެލިން. އެކަމަކު އެއްކަމެއްވެސް ނުވި. ދުވަސްތައް ފާއިތުވަމުންގޮސް އަހަރު ދެއަހަރުވެގެންގޮސް ފަސްއަހަރުވެސް ފާއިތުވެގެން ދިޔައީ މަލަކާގެ އެއްވެސް ޚަބަރެއްނުވެ. މިހުރިހާ ދުވަސްވީއިރުވެސް މަލަކާގެ ލޯބި މިހިތުން ފިލައިގެނެއް ނުދޭ. އަދިވެސް ހަމަ އެހާ ލޯބިވޭ.” އިޒްޔާން ވާހަކަ ހުއްޓާލީ ލޮލަށް ޖަމާވި ކަރުނަތައް އޮހިގެންފާނެހެން ހީވުމުންނެވެ. އޭރުވެސް މަލަކާ އިސްޖަހައިގެން އިނދެ ރޮމުން ދިޔައެވެ. ގިސްލެވޭވަރުން ވާހަކަދައްކަންވެސް އުނދަގޫވިއެވެ.
“އިޒް! އަހަރެންނަކަށް ނޭނގެ އިޒްއަށް މިވާހަކަތައް ކިޔައިދޭނެ ގޮތެއް. ފަށަންވީ ހިސާބެއް.” މަލަކާ އެއިންގޮތަށް އިނދެ އިޒްޔާންގެ އަތްތިލަ ނިތްކުރީގައި ޖައްސާލިއެވެ. މަލަކާ އިނީ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގިފައެވެ. އެދުވަސްތައް މަތިން މަލަކާ އަދިވެސް ހަނދާނެއް ނުނެތެއެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހާދިސާއެވެ.
“އިޒް! އަހަރެން ފުރައިގެން ދިޔައީ ޝާފިއުއާއެކު ބެންކޮކަށް. އެއްމަސްދުވަހަށް ދިޔަ ދަތުރުގަ އަހަރެންނާ ދިމާވީ ލަތީފް ކިޔާ މީހަކާ. އޭނަ އަހަރެންނަށް މިދިރިއުޅުން ހޯދައިދިނީ. އޭނައަކީ ކުރިންވެސް އަހަރެން ކަހަލަ ކިތަންމެ ކުދިންނެއް މިކަމުން ސަލާމަތްކޮށްދީފަ ހުރި މީހެއް. ފުރަތަމަ އަހަރެންނަށް ޤާބޫލެއްވެސް ނުކުރެވޭ. އެކަމު އެއްފަހަރު އިތުބާރުކޮށް އޭނައާއެކު ފިލައިގެން މެލޭޝިއާއަށް ދިޔައީ. އެއަށްފަހު ލަންކާއަށް. އެތާވެސް ދުވަސްކޮޅަކު އުޅެފަ ރާއްޖެ އައީ. ރާއްޖެ އައުމުގެ ކުރިން އޭނަ ބުނިގޮތަށް މޫނު ބުރުގާ އެޅީ.
ފުރަތަމަ އޭނަ އަހަރެން ގެންގޮސްލީ ގެއިން އަހަރެންނާ ދޭތެރޭ ކަންތައްކުރީ އެހާ ރަނގަޅަކަށް ނޫން. ދެން އެހެން ގެއަކަށް ބަދަލުކޮށްދިނީ. އެގޮތަށް ދެތިން ގެއަކަށް ބަދަލުވި ފަހުން މިގެއަށް އާދެވުނީ. އޭރު އެއްގޮތަކަށްވެސް ނޭނގެ މީ އިޒްގެ ގެކަމެއް. ލަތީފްބެ އަހަރެންނަށް އެހީވެދިނީ އެއްވެސް ބަދަލެއް ބޭނުންވެގެނެއް ނޫން. އިޒްއަށް އެނގޭތަ؟ އެއީ ހާދަ ރަނގަޅު މީހެކޭ. އަހަރެން މިގެއަށް ބަދަލުވަންދެން އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިނީ އޭނަ. ބޭބެއެއް ނުލިބި ހުއްޓާ މާތް ﷲގެ އޯގާވަންތަވެރިކަމުން އަހަރެން އެމީހުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާ އޯގާތެރި ހެޔޮލަފާ ބޭބެއެއް ދެއްވައިފި. ލަތީފްބެ މިހާރުވީ ރާއްޖޭން ބޭރުގަ. އަންނަ ހަފްތާގަ އަންނާނެހެން ހީވަނީ.” މަލަކާ އިޒްޔާންގެ މޫނަށް ބަލާލިއެވެ. މަލަކާގެ ވާހަކަތަކުން އިޒްޔާން ވަރަށް ދެރަވިއެވެ. ހަމައެއާއެކު މަލަކާ އެކަމުން ސަލާމަތްވީތީ އުފާވެސްވިއެވެ.
“އަހަރެން ބޭނުން އޭނައާ ބައްދަލުކޮށް ޝުކުރު އަދާކުރަން. އޭނަގެ ސަބަބުން މިއަދު އަހަރެންނަށް އަހަރެންގެ ލޯބި ލިބިއްޖެ. ދެން ދުވަހަކުވެސް މަލަކާ އަހަރެންނާ ވަކިވިޔަކަ ނުދޭނަން.” އިޒްޔާން މަލަކާގެ އަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އިޒްޔާންއާ މަލަކާ ވާހަކަދައްކަމުން ދާއިރު މަލަކާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއްވެއެވެ. އިޒްޔާންގެ މަންމަމެންނަށް ހަޤީޤަތް އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާއެވެ. އެމީހުން އިޒްޔާންގެ އަނތްބެއްގެ ގޮތުގައި އޭނާ ޤަބޫލުކުރާނެބާއެވެ.
އިޒްޔާންއާ މަލަކާ ވާހަކައިގައި ތިއްބާ ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ. އިރުގެ ރަންދޯދިތަކުން ގަޔަށް ހޫނުވާން ފެށުމުން ދެމީހުން ގޮސް ގެއަށްވަނެވެ. އިޒްޔާން ދިޔަގޮތަށް ގޮސް ސޯފާގައި ޖައްސާލިއެވެ. މަލަކާ ދިޔައީ އިޒްޔާންއަށް ކޮފީއެއް ހަދައިދޭށެވެ. ކޮފީ ހިފައިގެން އައިއިރު އިޒްޔާންއަށް އޮތީ ނިދިފައެވެ. އެހާ ލޯބިކޮށް ނިދާލާފައި އޮތުމުން މަލަކާއަށް ގޮވާކަށް ނުކެރުނެވެ. އެފިރިހެންވަންތަ ރީތި މޫނަށް ބަލަހައްޓައިގެން މުޅި އުމުރު ދުވަހު ހުރިކަމުގައިވިޔަސް ފޫއްސެއް ނުވާނެއެވެ. އެހާވެސް ހިތަށް އަސަރުކުރުވާފަދަ ފިރިހެންވަންތަ ރީތިކަމެއް އެމޫނުގައިވެއެވެ. މަލަކާގެ ހިތްއެދި ގޮވަމުންދިޔައީ އެރީތި މޫނުގައި ބީހިލުމަށެވެ. މަލަކާގެ ހިތަށް އަރަމުންދިޔަ އެއްޗެހިތަކުން ލަދުން އެމޫނު ރަތްވެގެން ދިޔައެވެ. މޫނުގައި ދެއަތް އަޅާލަމުން އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ. ދެން ދުވަހަކުވެސް އިޒްޔާންއާ ވަކިނުވުމަށް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް އިޒްޔާންގެ ލޯބި ހޯދަން މަލަކާ ބޭނުންވިއެވެ. ކޮފީތަށި މޭޒުމަތީ ބަހައްޓާފައި މަލަކާވެސް ޖެހިގެންހުރި ސޯފާގައި ޖައްސާލިއެވެ. އިޒްޔާންއާ ދިމާލަށް ބަލަހައްޓައިގެން ފުން ވިސްނުމެއްގައި އޮތް މަލަކާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.
މަލަކާއަށް ހޭލެވުނީ އީނާ އައިސް ގައިގައި ކޮއްޓާލުމުންނެވެ. އަވަހަށް ތެދުވެ ގަޑި ބަލާލީ ދެލޯ ބޮޑުކޮށްލާފައެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. އަދި ސައިވެސް ނުހަދާކަން ހަނދާންވެ މަލަކާ އަވަސްވެގަތީ ދެކުދިންނަށް ސައިދޭށެވެ. އެންމެ އަވަހަށް ތައްޔާރުކޮށްލެވޭ އެއްޗެއް ތައްޔާރުކޮށްލާފައި ދެކުދިންނަށް ސައިދީ ފެންވަރުވާ ރީތިކޮށްލިތަނާ އަޒްފާ ގޮވާލި އަޑުއިވިގެން އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ.
“އާޝިޔާ! އަވަހަށް ސައި ތައްޔާރުކޮށްލަބަލަ.” އަޒްފާ އެހެން ބުނުމާއެކު އާޝިޔާ ދާން ހިނގައިގަތެވެ. އޭރު އިޒްޔާންއަށްވެސް ހޭލެވިއްޖެއެވެ.
“ހޭއި އިޒް! ނޫނޭވާ ރަނގަޅު. މިކޮޅަށް އައިގޮތަށް ޚަބަރެއްވެސް ވެނުލާ.” ޖުމާނާ ރުޅި މޫނު ހަދާލަމުން އައިސް އިޒްޔާން ގާތުގައި އިށީނެވެ. އިޒްޔާންއާ އެހާ ގާތުގައި ޖުމާނާ އިށީންތަން ފެނި މަލަކާގެ ހިތަށް އުނދަގޫ ގޮތްތަކެއް ވެގެންދިޔައެވެ.
“ޖުމްމައަށްވެސް އެނގެއެއްނު އިޒް ބިޒީވާނެވަރު. އެހެންވެ ގުޅާވެސްނުލެވިގެން މިއުޅެނީ. އެހެންނޫނަސް އިޒްއަށް އެނގޭ ޖުމްމަ ގަދަވެކަން އުޅެނީ. ބަލިވެ އުޅޭއިރުއެއްނު މީހުން ހާލު ބަލަން ގޮސް އުޅެނީ.” އިޒްޔާން ތެދުވެގެން ހިނގައިގަތީ ކޮޓަރިއަށްދާށެވެ. މަލަކާ ސައި ހަދާފައިހުރި ވާހަކަ ބުނުމުން އެންމެން ސައިބޯން ވަނެވެ. އިޒްޔާންގެ ބައްޕަ ފަޔާޒްގެ އެއްބަނޑު ފައުޒިއްޔާއާއި އޭނާގެ ދެދަރިން މިދަތުރުގައި އެއައީ ދާއިންގެ ކައިވެންޏަށެވެ. އެންމެން ގޮސް ގޮނޑިތަކުގައި އިށީނެވެ. ފައުޒިއްޔާ މޭޒުމައްޗަށް ނަޒަރު ހުއްޓާލަމުން މީ ކޮން އެއްޗެއްހޭ އަހާލިއެވެ. އެއަޑުގައި ހުރި ރުންކުރު ގޮތަކުން މަލަކާ ތުރުތުރުއަޅައިގަތެވެ.
“އާޝިޔާ! ރޭގަ ގުޅާފަ ބުނީމެއްނު ސައި ހަދަން. ކީއްވެތަ ރޮށި ނުފިހުނީ؟” އަޒްފާ ހިތްހަމަނުޖެހިފައި އެހެން އެހުމުން މަލަކާއަށް އިސްއޮބާލެވުނެވެ. މިގޭގައި މިއޮއްހާ ދުވަހު އުޅުނުއިރުވެސް އަޒްފާ އޭނާއާ އެގޮތަށް ވާހަކަދައްކާފައެއް ނުވެއެވެ.
“މޯމް! އެއީ އިޒް ބުނެގެން ތައްޔާރުކުރި އެއްޗެހި. އިޒް ހީކުރީ ބޮޑޭމެންނަށް ކަމުދާނީ އެކަހަލަ އެއްޗެހިކަމަށް. ޖުމްމައަށްވެސް ހެނދުނު ސަޔަށް ރަނގަޅީ ޕާނާއި ބިސްގަނޑުވިއްޔަ. އެހެންވެ. ސޮރީ އިނގޭ.” އިޒްޔާން އައިސް ފައުޒިއްޔާއާ ޖެހިގެންހުރި ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.
“އެހެންތަ؟ އިޒް އަދިވެސް ޖުމާއާމެދު ވިސްނައޭ ދޯ؟ މިހާރު ބޮޑޭއަށް ފެންނަނީ އިޒްވެސް ދެން މީހަކާ އިންނަން.” އިޒްޔާންގެ ވާހަކައިން އުފާވެފައިހުރެ ފައުޒިއްޔާ ބުންޏެވެ.
“މިއުޅެނީ އިންނަންވެގެންނޭ. އެކަމް އަދި ފައިނަލް ނުވާތީ މި މަޑުކޮށްލަނީ.” އިޒްޔާން އެހެން މީހުންނަށް ނޭނގޭގޮތަށް މަލަކާއަށް ބަލާލިއެވެ. ވާހަކައިގައި ތިބެ އެންމެން ސައިބޮއި ނިންމާލުމަށްފަހު ސިޓިންގރޫމުގައި ޖައްސާލިއެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ގޭތެރޭގައިވެސް އޮތީ މަރުފަދަ ހިމޭންކަމެކެވެ. މިއަދު ހަތަރުދަމު މަސައްކަތުގައި ތެޅިތެޅި މަލަކާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ އަވަހަށް އޮށޯވެ ނިދާލާށެވެ. ބަދިގެ ތަޅުލާފައި ކޮޓަރިއަށް ދަނިކޮށް މަލަކާ ސިހުނީ މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. ލިބުނު ސިހުމާއެކު އޭނާގެ އަނގައިން ތޫނު ހަޅޭކެއްގެ އަޑު ނުކުމެގެން ދިޔައެވެ. އެވަގުތު ފިރިހެނެއްގެ ބާރުގަދަ ދެއަތުގެ ތެރޭ ބޮނޑިކޮށްލަމުން އަނގަމަތީގައި އެމީހަކު އަތްއެޅިއެވެ. މިހާ ހިމޭން ވަގުތެއްގައި މީހެއްގެ ހިލަމެއްވެސް ނުވާ މިބޮޑު ގޭގައި މިވަގުތު ހޭލާ އުޅޭނީ ކާކުބާއޭ އޭނާގެ ހިތަށްއެރިއެވެ. ބިރުންގޮސް އޭނާގެ ނޭވާ ތާށިވެ މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. މަލަކާގެ އަނގަމަތީގައި އޮތް އަތްނަގަން އުޅުނު ވަގުތު މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވި މަލަކާ ހިމޭންވިއެވެ.
“އިޒް!” ފަހަތުން އިވުނު އަޑަށް އިޒްޔާން މަލަކާ ދޫކޮށްލިއެވެ. އެއީ ޖުމާނާގެ އަޑުކަން އިޒްޔާންއަށް އެނގުނެވެ. ޖުމާނާއަށް މިވަގުތު މަލަކާ ފެނިއްޖެނަމަ އެތައް ސުވާލެއް ކުރާނެއެވެ. އެހެންކަމުން އިޒްޔާން އަވަސްއަވަހަށް ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.
“ޖުމްމަ މިތާ؟ އަހަރެން ހޯދަން ދޯ ތިއައީ؟” އިޒްޔާން އެހެން ބުނެ އަވަސްއަވަހަށް ސިޑިން އަރަންފެށިއެވެ. ޖުމާނާ ގުދުވެލީ އެތާ އިތުރު މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް ޖުމާނާއަށް ފެނުމުގެ ކުރިން މަލަކާ ސިޑި ދަށަށްވަދެ ނިވާވެލިއެވެ. އިޒްޔާން ޖުމާނާއާއެކު ދިޔައީ ޓެރަސްއަށެވެ.
ޖުމާނާމެން އައިފަހުން އިޒްޔާންއަށް މަލަކާއާ އެކަހެރިކޮށް ވާހަކަދައްކާލާނެ ފުރުސަތެއް ނުލިބެއެވެ. މިކަމާ ވިސްނާ ވިސްނާ އިޒްޔާންގެ ބޮލުގައިވެސް ރިއްސާވަރުވިއެވެ. އެންމެފަހުން އިޒްޔާން ލޫތުއާ ގުޅައިގެން އެކަމަށް ހައްލެއް ހޯދިއެވެ.
“އާޝިޔާއްތާ!” ކެއި ތަށިތައް ނަގަންހުރި މަލަކާ ސިހުނީ ފަހަތުން މިލީގެ އަޑުއިވިފައެވެ. މިހާ ނުގަޑިއެއްގައި މިލީ ފެނުމުން މަލަކާ ކުޑަކޮށް ހައިރާންވިއެވެ.
“މިލީ! މިގަޑީ!؟ އަނެއްކާ ކަމެއްވީތަ؟” އަކުރުތަކަށް ބާރުލާފައި އާޝިޔާ އަހާލިއެވެ. މިލީ ހީލަމުން އައިސް ދިއްކޮށްލީ ކޮތަޅެކެވެ.
“ތީ އިޒް އާޝިޔާއްތައަށް ފޮނުވި އެއްޗެއް.” އާޝިޔާ ހައިރާންވެހުރެ ކޮތަޅު ހުޅުވާލިއެވެ. އޭގައި އޮތީ އެންމެ މިޒަމާނުގެ ފޯނެކެވެ. އާޝިޔާ ހައިރާންވެހުރެ މިލީއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުން މިލީ ހީލަމުން އެފޯނުގެ ބޭނުން ކިޔައިދިނެވެ. އަދި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނެވެ. އާޝިޔާއަށް ފޯނާއި ކުޅެން ދަސްވުމުން މިލީ ގެއަށްދާން ނުކުތެވެ. އޭރު އިޒްޔާންއާއި ޖުމާނާ ސޯފާގައި ތިއްބެވެ. މިލީ ފެނުމާއެކު އިޒްޔާން މިލީ ގާތުގައި ދަނީތޯ އަހާލިއެވެ.
“އާނ. އަހަރެން އައި ކަންތައް ވެއްޖެ. ދެން މަޑުކުރުމުގެ ބޭނުމެއް ނެތެއްނު. އެހެންނޫނަސް މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު.” މިލީ އެހެން ބުނިތަނާ ލޫތު އައިސް ވަތްތަން ފެނުނެވެ. ދަނީކަމުގައި ބުނެ މިލީ ލޫތުއާއެކު ބޭރަށް ނުކުތެވެ. މިހާރު އިޒްޔާންއަށް އެންމެ މިނެޓެއްވެސް މަލަކާއާ ނުގުޅާ ކެތެއްނުވިއެވެ. ޖުމާނާއާ ރޭގަނޑުގެ ސަލާމްކޮށްލާފައި އިޒްޔާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އިޒްޔާން މިހާރަކަށް އައިސް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާގެ ހިތުގެ ވެރިޔާއާ ބޭނުން އިރަކު ވާހަކަދައްކާލެވޭގޮތް ވީތީއެވެ. އެހެންކަމުން މަލަކާއާއި އިޒްޔާންގެ ލޯބީގައި އެތައް ގަހެއް ފަޅާ ކުރިލާ ހެދެމުން ދިޔައީ ގޭ އެކަކަށްވެސް މިކަމުގެ ހިލަމެއްވެސް ނުވާހާ ސިއްރުންނެވެ. ދާއިންގެ ކައިވެނި އޮތީ ރަށުގައިކަމަށްވާތީ މަލަކާއަށްވެސް ދާން މަޖުބޫރުވިއެވެ. އެފަސްގަނޑަށް އެނބުރި ދާކަށް ދުވަހަކުވެސް އޭނާ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް މަޖުބޫރުވުމުން މަލަކާ އެދަތުރުގައި ބައިވެރިވިއެވެ. ރަށުގެ ފަސްގަނޑުގައި ފައިތިލަ ބީއްސާލެވުމުން މާޒީގެ ހަނދާންތައް އާވެގެން ދިޔައެވެ. މަލަކާގެ އެ ކުޑަކުޑަ ގެއަށްދާން އެހިތް އެދެންފެށިއެވެ. އިޒްޔާންއަށްވެސް ނޭނގި މަލަކާ އޭނާގެ އަމިއްލަ ގެއަށްދާން ނިންމިއެވެ.
އެކި މަގުމަގުން ކުރިއަށްދިޔަ މަލަކާއަށް ރަށުގެ މަގުތަކުގައި ހިނގުންވީ ވަރަށް އުނދަގޫ ކަމަށެވެ. ރަށަށް ނައިސް އެހާ ގިނަ ދުވަސްވެފައި އައިއިރު މަގުތަކަށް އައިސްފައިވާ ބަދަލުގެ ސަބަބުންނެވެ. އެތައްއިރަކު ހިނގުމަށްފަހު މަލަކާއަށް އޭނާގެ ގެއާއި ހަމައަށް އާދެވިއްޖެއެވެ. ގޭގެ އިންފާރު ރާނާ ދޮރާށިލާފައި ހުރިތަން ފެނުމުން އޭނާ ހައިރާންވިއެވެ. ހިތުގައި އެތައް ސުވާލެއް އުތުރިއަރައިގަތެވެ. މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލިއިރު ދޮރު ހުރީ ހުޅުވާފައެވެ. ގޯތިތެރެ ކުނިކަހާ ސާފުކޮށްފައި އޮތުމުން މަލަކާ ހިތްހަމަޖެހުމުގެ ނޭވައެއް ބޭރުކޮށްލިއެވެ. މުޅި ގޯތިތެރެވެސް އޮތީ އޭނާ ދިޔައިރު އޮތްގޮތަށެވެ. ގޭ ބިއްދޮށުގައި ހުރި އަށްޓާއި ގެއާއި އެއްކޮށްހުރި އުނދޯލިގެވެސް ހުރީ ހަމަ އެގޮތަށެވެ. ހަމަ އެއުނދޯއްޔެވެ. މަލަކާ މަޑު ހިނގުމެއްގައި ގޮސް އުނދޯލީގައި އިށީނދެ ހެއްލާލީ ކުޑައިރުގެ ހަނދާން އާވުމުންނެވެ. އިރުކޮޅަކު އުނދޯލި ހެއްލަން އިނދެފައި އުނދޯލިން ފޭބިއެވެ. ގޭ ބޮޑުދޮރުމަތީ ހުއްޓެމުން ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައިކަމުން ޖީބުން ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. އެވަގުތު ގޭތެރެއިން ދުވި މީރުވަހުން އެގެ ސާފުކޮށް ބަލަހައްޓާ މިންވަރު އެނގިގެން ދިޔައެވެ.
ގޭގެ އެތަންމިތަން ބެލުމަށްފަހު މަލަކާ އޭނާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެތެރެއަށްވަދެ މޫނުގައިވާ ފޮތިގަނޑު ނެގިއެވެ. އެކޮޓަރިއަށް ބަލާލުމުން ކޮންމެވެސް މީހަކު އެތަން ވަރަށް ރަނގަޅަށް ސާފުކޮށްފައި ހުރިކަން އެނގެއެވެ. ކޮޓަރިތެރޭ އެކި އެއްޗެހީގައި ވަކިވަކިން އަތް ކާއްތަމުންގޮސް އަލަމާރި ހުޅުވާލިއެވެ. އޭނާގެ ކުރީގެ ހެދުންތަކާ އެއްޗެހި އެހުރިގޮތަށް ހުއްޓެވެ. ނަމަވެސް އެއެއްޗެހި ހުރީ ވަރަށް ބޮޑަށް ފީޖަހާ ހަލާކުވެފައެވެ. އަލަމާރިއަށް ބަލާލުމުން މިއިން ދުވަހަކުވެސް އެ ހުޅުވާފައި ނުވާކަން އެނގުނެވެ. މަލަކާ އޭނާގެ އެއްޗެހިތައް ވަކިވަކިން ނަގަމުންދިޔައެވެ. އެވަގުތު ފަށްޖަހާފައި ހުރި އަންނައުނުތަކުގެ ދަށުން ފޮޓޯތަކެއް ނެގިއެވެ. އެއީ އޭނާއާއި މިލީގެ ފޮޓޯތަކެކެވެ. އެފޮޓޯތައް ބަލަން ހުރިއިރު އެދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައެވެ.
ލޫތުގެ ދެމަފިރިން އަންނާތީ އެމީހުން ބަލާ އައިސް އިޒްޔާން ހުރީ އެއާރޕޯޓުގައެވެ. އިޒްޔާން އެއާރޕޯޓަށް އައިތާ އިރުކޮޅެއްނުވެ ލޫތުގެ ދެމަފިރިން އައި ފްލައިޓް ޖެއްސިއެވެ. މާގިނައިރެއްނުވެ ފޮށި ހިފައިގެން ލޫތުގެ ދެމަފިރިންނާ އެމީހުންގެ ދަރިފުޅު ނުކުމެގެން އައެވެ.
“ކޮބާ ދަތުރު ކިހިނެއް؟” ލޫތުމެން އަރާ ހަމަވުމުން އިޒްޔާން އަހާލިއެވެ. ލޫތު ރަނގަޅުކަމަށް ބުނުމުން ލޫތުގެ ފޮށި ހިފައިގެން އިޒްޔާން ހިނގައިގަތެވެ. އެންމެން ކާރަށް އެރުމާއެކު ލޫތު ބުނި ގެއަށްދާން ކާރު ނައްޓާލިއެވެ. ކާރުގައި ގޮސް ލޫތު ބުނި ގޭކައިރިއަށް މަޑުކޮށްލުމުން އެންމެން ފޭބިއިރު އިޒްޔާން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މިލީ ކާރުން ފައިބައިގެން ގޮސް ގޭ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތްއިރު އިވާން މިލީގެ ފަހަތުން ދުވެފައި ވަނެވެ. ލޫތު ފޮށި ބޭލިއިރުވެސް އިޒްޔާން ނުފައިބާ އިނުމުން ލޫތު ދޮރާއި ގާތްވެލިއެވެ.
“ނުފައިބަންތަ ތިއިނީ؟ އާދޭ ކޮފީއެއް ބޮއިގެން ދާން.” އިޒްޔާން ސިހުނީ ލޫތުގެ އަޑަށެވެ. ދޮރު ހުޅުވާލާފައި ފޭބިއިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ސުވާލުތަކުން ހިތް ނުތަނަވަސްވަމުން ދިޔައެވެ.
“މީ މިލީގެ ގެތަ؟” ގޭގެ ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރެ އިޒްޔާން އަހާލިއެވެ.
“ހޫމް. މީ މިލީގެ ގެ. މިގެއަށް އަލަށް އައި ފަހަރު ވާނީ ކޮފީއެއް ބޮއިގެން ދާން.” އެހެން ބުނަމުން ލޫތު އެތެރެއަށް ވަނެވެ. ލޫތުގެ ފަހަތުން އިޒްޔާން ވަތްއިރު ފަހަރަކު ދިމާއަކަށް އެނބުރެމުން ބަލަމުން ދިޔައީ ގެއްލިގެން އުޅޭ އެއްޗެއް ހޯދާ ކަހަލަ ގޮތަކަށެވެ. ގެއށްވަދެ ފޮށި ބެހެއްޓިތަނާ ލޫތުއާ އިޒްޔާން ސިހުނީ މިލީގެ ރުއިމުގެ އަޑު އިވިފައެވެ. އަޑު އަންނަނީ ކުރިމަތިން ފެންނަންހުރި ކޮޓަރިންކަމަށް ވާތީ ދެމީހުންވެސް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރި ދޮރުމައްޗަށް ހުއްޓުނެވެ. އެވަގުތު ފެންނަމުންދިޔަ މަންޒަރު ޤަބޫލުނުކުރެވުފައި އިޒްޔާންއަށް ހުރެވުނެވެ.
އިޒްޔާން ޖެހި ބުދެއްހެން ހުރިއިރު މަލަކާއަށްވެސް ވެފައިހުރީ އެފަދަ ގޮތެކެވެ. އިޒްޔާންއާ ލޫތު އައިއިރުވެސް އެންމެ ކުޑަމިނުން މޫނު ނިވާކޮށްލަންވެސް މަލަކާ ހަނދާނެއްނުވިއެވެ. ލޮލުގައި ގިނަވެ އޮހިގަންނަން ތައްޔާރުވެފައިވާ ކަރުނައިގެ ތެރެއިން އިޒްޔާންއަށް ބަލާލި ވަގުތު އެދެލޮލުން ހުރިހާ ވާހަކައެއް ކިޔާލަދިން ކަހަލައެވެ. ލޫތު އައިސް ވަތްތަން ފެނުމާއެކު މިލީ ދުވެފައިގޮސް ލޫތުގެ ގައިގައި އޮޅުލައިގަތެވެ.
“ލޫތު!” މިލީއަށް ގިސްލެވޭވަރުން ވާހަކަދައްކަންވެސް އުނދަގޫވިއެވެ.
“އާޝިޔާ މިތާ!!؟ ކިހިނެއް މިގެއަށް ވަނީ؟ އަދި މިކޮޓަރިއަށް..؟” ލޫތު ހައިރާންވެފައި އަހާލިއެވެ.
“އަހަރެންވެސް… މިއަހަނީ… ތިހެން.” ލޫތުގެ ވާހަކަ މެދުކަނޑާލަމުން މިލީ ރޮމުން ވާހަކަދެއްކީ ހުއްޓަހުއްޓާފައެވެ. މިލީ ރޮމުން ލޫތުއަށް އޭނާ އައިއިރު ފެނުނު މަންޒަރުތައް ކިޔައިދެމުން ދިޔައިރު އަވަސް ހަރަކާތްތަކަކާއެކު މަލަކާ ހުރިހާ އެއްޗެއް އަލަމާރިއަށްލާ ދޮރުފަތް ލައްޕާލިއެވެ. އެއަށްފަހު ބޭރަށް ނުކުންނަން ހިނގައިގަތެވެ. އިޒްޔާން ހުރީ މަންޒަރު ބަލަން ދޮރުމަތީގައެވެ. މަލަކާ ބޭރަށް ނުކުމެގެން ދާންއުޅުނު ވަގުތު އިޒްޔާން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
“މިލީ! މިލީގެ ދޮންތައަށް ކިޔަނީ ކޮންނަމެއް؟” އިޒްޔާންއަށް އެނގިހުރެވެސް އަހާލީ އިތުރަށް ޔަޤީންކުރާށެވެ. އިޒްޔާންގެ އަޑަށް މިލީއާއި ލޫތުގެ ސަމާލުކަން ހުއްޓުނެވެ.
“މާހީ! އަހަރެންގެ ދޮންތިއަށް ކިޔަނީ މާހީ.” ލޫތުގެ ގައިން ދޫކޮށްލަމުން މިލީ އިޒްޔާންގެ ސުވާލަށް ޖަވާބު ދިންއިރު މިވާން އުޅެނީ ކީއްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. މަލަކާ ހުރީ އިޒްޔާން ކުރަންއުޅޭ ކަމަކުން ބިރު ހީވެފައެވެ. ކޮންމެ ގޮތެއްވިޔަސް އޭނާވެސް އޭނާގެ ކޮއްކޮއާ ވަކިވާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް އޭނާގެ ހަޤީޤަތް އެނގުމުން ވެދާނެ ގޮތަކާމެދު ވިސްނާފައި އޭނާ އެހަޤީޤަތް އަންގަން ޖެހިލުންވީއެވެ.
“މިލީގެ ދޮންތިއަކީ މީ. އާޝިޔާއަކީ މިލީގެ ދޮންތި. އެކަމަކު އާޝިޔާގެ ހަޤީޤަތް އެނގުމުން މިލީ ހަމަ ތިގޮތަށް ދޮންތިދެކެ ލޯބިވާނަންތަ؟” އިޒްޔާންގެ ވާހަކަތައް އަޑުއަހާފައި މިލީ ބަލާލީ ލޫތުގެ މޫނަށެވެ. ދެން އޭނާގެ ނަޒަރު ގޮސް ހުއްޓުނީ އޭނާގެ ލޯބިވާ ދޮންތިގެ މޫނަށެވެ.
“ދޮންތި ސިއްރުކުރަން ތިއުޅޭ ހަޤީޤަތް އަހަރެންނަށް އެނގެޔޭ ބުނެފިއްޔާ ދޮންތި ދާނަންތަ އަހަރެން ދޫކޮށްލާފަ؟ އާނ އިޒް! އަހަރެމެންނަށް އެނގޭ ދޮންތިގެ ހަޤީޤަތް. ދޮންތި އަހަރެންނަށްޓަކާ ވީ ޤުރުބާނީ. ހުރިހާ ކަމެއް އަމިއްލައަށް ކުރަމުން އެހުރިހާ ދުވަހު އެވޭން އުފުލީ ހަމައެކަނި އަހަރެންނަށްޓަކާ. އެހެންވީއިރު އަހަރެން ކިހިނެއް ދޮންތިއާނުލާ އުޅޭނީ؟ ދޮންތިއާމެދު ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނަސް އަހަރެންގެ ފަރުވާލެއްނެތް. ތީ އަހަރެންގެ ދޮންތި.” ވާހަކަދައްކަމުން ކުރިއަށް ހިނގަމުން އައި މިލީ މަލަކާގެ އަތުގައި ހިފިއެވެ. އެދެއަތުގައި ބޮސްދިނުމާއެކު އަޑުން އަޑުނަގާ ރޯންފެށިއެވެ. އެތައް ދުވަހަކަށްފަހު ދެބެން ބައްދަލުވުމުން ލިބުނު އުފަލުން މަލަކާ މިލީ ގައިގައި ބައްދާލަމުން ކޮއްކޯއޭ ކިޔާ ގޮވާލިއެވެ. ދެބެން އެކެއް އަނެކެއްގެ ގައިގައި އޮޅުލަމުންދިޔަ މަންޒަރު ބަލަންތިބި އިޒްޔާންއާއި ލޫތުއަށްވެސް ތިބީ ރޮވިފައެވެ.
“ޑެޑީ! ކީއްވެ މަންމިއާ އާޝިޔާއްތަ ރޮނީ؟” މިހުރިހާ ކަމެއް ބަލަންހުރި ކުޑަކުޑަ އިވާން ލޫތުގެ އަތުގައި ހިފާ ދަމާލަމުން އަހާލިއެވެ. ލޫތު ގުދުވެ އޭނާގެ ލޯބިވާ ދަރިފުޅު އުރާލައިގެން ނުކުތީ މިލީއާއި އާޝިޔާއަށް އެކަހެރިކޮށް ވާހަކަދައްކާލަން ވަގުތުކޮޅެއް ބޭނުންވާނެކަން އެނގޭތީއެވެ. ލޫތުއާއެކު އިޒްޔާންވެސް ބޭރަށް ނުކުތެވެ. އޭރު އޭނާގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިފައިވެއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވަމުންދާކަމުގެ ފެހި ސިގުނަލް ލިބުމުންނެވެ.
(ނުނިމޭ)
36 Comments!
Comments are closed.
v v v reethi
ޝުކުރިއްޔާ މެޒޯ
yay
ޝުކުރިއްޔާ ކިއުޓް ހަންޑި
Wow nice ingey
ޝުކުރިއްޔާ ޕިއާލް
Varah reethi mi part ves.
ޝުކުރިއްޔާ އައިމިން
Ma sha allaah vvv. Furihama…
ޝުކުރިއްޔާ ހައްވޫ
Vrah salhi
ޝުކުރިއްޔާ ޝިޒް
varah reethi
ޝުކުރިއްޔާ ޝެލީ
Wow lovely story
Wow wow
ޝުކުރިއްޔާ މައި
Nice
ޝުކުރިއްޔާ ނާދީ
Aharennah ves mily aa eku gos dhonthiaa bahddhaluvifadha hama ehaa varu v…
ޝުކުރިއްޔާ އަނާ
masha allah….. vrh reethi…… enmen nah inguny…… this is just wow……. plxxxxx next prt avas ingey………
ޝުކުރިއްޔާ ޗުމް ހަންޑި! އަދި އެންމެ މުހިންމު މީހުންނަކަށް ނޭނގެއެއްނު… އިރާދަކުރެއްވިއްޔާ މިއަދު (ހޮނިހިރު) ދުވަހު 17ވަނަ ބައި ގެނެސްދޭނަން
Wow mihaaru varah salhi izz ah malakaa egunyma and dhonthi vess libi v happy mihaaru e kudhin kolhu
ޝުކުރިއްޔާ އިނޫ
vvvvv reethi
ޝުކުރިއްޔާ މަރީ
E fauzihyaa gandu fani hadhaane kanneynge
އެނގިދާނެތާ
mivaahaka up vehjetho irukolhakaa esfiya balaalevey. up kohdheyne time eh angaaladhinun edhen. v rythi vaahakaeh.
ޝުކުރިއްޔާ ވެއިޓިންގ! އިރާދަކުރެއްވިއްޔާ މިރޭ 8-9 އާ ދޭތެރޭ އަޕްކޮށްލަދޭނަން… ސީދާ ގަޑިއެއް ބުނަން ދަތި
woow nice
ޝުކުރިއްޔާ ހައިނީ
koba story
މީ! ވަރަށް ބޮޑަށް ސޮރީ! ކުއްލިއަކަށް މީޓިންގއަކަށް ދާން ޖެހިގެން ބުނި ގަޑިއަށް އަޕްކޮށްނުދެވުނީ… މިހާރު އަޕްކޮށްފަ އިންނާނެ
sandy stryyy
ޕާޕްލް ހަންޑި! ވަރަށް ބޮޑަށް ސޮރީ! ކުއްލިއަކަށް މީޓިންއަކަށް ދާން ޖެހިގެން ބުނި ގަޑިއަށް އަޕްކޮށް ނުދެވުނީ… މިހާރު އަޕްކޮށްފަ އިންނާނެ