
“ޑެޑީ! ކީއްވެ މަންމިއާ އާޝިޔާއްތަ ރޮނީ؟” މިހުރިހާ ކަމެއް ބަލަންހުރި ކުޑަކުޑަ އިވާން ލޫތުގެ އަތުގައި ހިފާ ދަމާލަމުން އަހާލިއެވެ. ލޫތު ގުދުވެ އޭނާގެ ލޯބިވާ ދަރިފުޅު އުރާލައިގެން ނުކުތީ މިލީއާއި އާޝިޔާއަށް އެކަހެރިކޮށް ވާހަކަދައްކާލަން ވަގުތުކޮޅެއް ބޭނުންވާނެކަން އެނގޭތީއެވެ. ލޫތުއާއެކު އިޒްޔާންވެސް ބޭރަށް ނުކުތެވެ. އޭރު އޭނާގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިފައިވެއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވަމުންދާކަމުގެ ފެހި ސިގުނަލް ލިބުމުންނެވެ.
ރޮއިރޮއި ވަރުބަލިވެފައިވާ ދެބެން އެނދުގައި އިށީނދެ އެދެމީހުންގެ ދިރިއުޅުމުގައި ކަންތައް ވެގެންދިޔަ ގޮތް އެކަކު އަނެކަކަށް ކިޔައިދެމުން ދިޔައެވެ. މިވާހަކަތަކުގެ ތެރެއިން މިލީއަށް އޭނާގެ ދޮންތިގެ ހަޤީޤަތް އެނގުނު ގޮތުގެ ވާހަކަވެސް ކިޔައިދިނެވެ.
“އަހަރެން ކިޔަވައިގެން އައިސް ހޮސްޕިޓަލުގަ މަސައްކަތްކުރަން ފެށިތަނާ އެއްދުވަހަކު އަހަރެން އުޅުނު ގޭ ދައްތަ ގުޅާފަ ބުނީ އައިޖީއެމްއެޗްގެ އައިސީޔޫގަ ޤާދިރުބެ އޮތް ވާހަކަ. އަދި އޭނަ ވަރަށް ހާލު ދެރަކަމަށާއި އަހަރެންނާ ބައްދަލުކުރަން ބޭނުންވާކަމަށް ބުނިކަމަށް. ދެން އަހަރެން ދިޔައީ. އޭރު ޤާދިރުބެގެ ހާލު ވަރަށް ދެރަ. ކިޔާ އެއްޗެއް ރަނގަޅަކަށް އޮޅުމެއްވެސް ނުފިލާ. އޭނަ ދޮންތިގެ ވާހަކަތައް ކިޔާދިނީ. އަދި ދޮންތި ގެއްލުނު ވާހަކައާ ވީތަނެއް ނޭނގޭކަމަށް ބުނި. ދޮންތި ފެނުނު ދުވަހަކުން ޤާދިރުބެ މާފަށް އެދުނު ވާހަކަ ބުނެދޭށޭ ބުނި. އަދި ދޮންތިއަށް އެނގޭތަ؟ ޤާދިރުބެ ބުނި ދޮންތިއަށް އޭނަ ދިން އަނިޔާގެ ބަދަލު ﷲ އޭނާއަށް ދެއްވައިފިކަމަށް. އެކަމަކު ދޮންތިގެ މާފު ލިބިއްޖެއްޔާ އޭނާވީ ތައުބާ ﷲގެ ހަޟްރަތުގައި ބައްލަވާވޮޑިގެންފާނެކަމަށް ބުނި.” މިލީގެ ވާހަކަތަކުން މަލަކާއަށް ވަރަށް އަސަރުކުރިއެވެ.
ޤާދިރުބެ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އޭނާ މިހާރު އެކަން ހިތުގައި ބާއްވާކަށް ބޭނުމެއް ނުވެއެވެ. އެހެނީ މިހާރު އޭނާއަށް ދިރިއުޅުމުގައި ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެއެވެ. މައެއްގެ ލޯތްބަށް އެދިއެދި ހުއްޓާ އިޒްޔާންގެ މަންމަގެ ފަރާތުން އޭނާއަށް އެލޯބި ލިބެއެވެ. ކޮއްކޮއާ ބައްދަލުވެ އިޒްޔާންގެ ލޯބި ލިބިއްޖެއެވެ. މިހާރު އޭނާގެ އޮތީ އެންމެ އުންމީދެކެވެ. އެއީ އިޒްޔާންގެ އަނތްބަކަށްވެގެން ލޯބިލޯބި އުފާވެރި ދިރިއުޅުމެއް އުޅުމެވެ. މިލީ ބުނިގޮތުން އެދުވަހު ޤާދިރުބެ މި ފަނާވަނިވި ދުނިޔެއާ ވަކިވެ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރިއެވެ. އަދި އޭނާގެ އަންހެނުން ޤާދިރުބެއަށް ދިމާވި ކަންތައް ކިޔައިދިނެވެ.
“ޤާދިރުބެގެ އަންހެނުން ބުނީ ޤާދިރުބެ އެކްސިޑެންޓްވެގެން ހޮސްޕިޓަލުގަ ފަރުވާދީ ކުޑަކޮށް ރަނގަޅުވެގެން ގެއަށް ގެނެސްގެން އުޅެންމުންދާތާ ހައެއްކަ މަސް ވީތަނާ، ދޮންތިގެ ލާރިން އެޅި ގެއާ ބޮޑު ރެސްޓޯރެންޓާހެދި އޭނާގެ ކުދިންތައް ހިފާ ތަޅާފޮޅަން ފެށީޔޯ. ކޯޓަށް ގޮސް މައްސަލަ ޖައްސާވެސް އުޅުނޯ. އެކަމާ ހިތާމަކޮށް ޤާދިރުބެ އުޅުނޯ. އަދި ވަރަށް ކިޔާ އުޅުނޯ މީ މަށަށް ލިބެންޖެހޭ ޙައްޤު އަދަބޭ. އެއްދުވަހަކު ގޭގެ ރަޖިސްޓްރީ ނާއިލްއަށް ބަދަލުކޮށްނުދިނީމަ ރުޅިއައިސްގެން ކޮއްޕާލި ގޮތުން ގޮސް ފާރުގަ ޖެހިފަ ވެއްޓުނީޔޯ. އެކްސިޑެންޓްވެގެން ބޮލުގެ ނާށިގަނޑު ދުޅަވެފަ ހުއްޓާ އެގޮތަށް ޖެހުނީމަ ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔައީކަމަށް ޤާދިރުބެގެ އަންހެނުން ބުނީ. އެކަމުގަ މަރުވެގެން އެދިޔައީ. ގޯސްކޮށް އުޅޭ މީހުންނަށް ދުނިޔެމަތީގަވެސް އެކަން ދައްކަވާނެއޭ ބުނެއެއްނު.” މިލީ އެހެން ބުނީ ކޮންމެހެން އޭނާގެ ހިތުގައި ޤާދިރުބެއާމެދު ބުރަކަމެއް އޮވެގެންނެއް ނޫނެވެ. އެއީ އާންމު ޙާލަތުގައި ދުނިޔޭގެ ކަންތައް ހިނގާ ގޮތަށްވާތީއެވެ.
އިޒްޔާން ގޮސް ވަނީ ބަދިގެއަށެވެ. އިވާން ކުޅުމުގެ ތެރެއަށް ވައްދާފައި ލޫތުވެސް ގޮސް ބަދިގެއަށް ވަނެވެ. އޭރު އިޒްޔާން ދެކޮފީ ތައްޔާރުކޮށްލައިގެން އައިސް މޭޒު ކައިރީގައި ޖައްސާލަނީއެވެ.
“ބަދިގެއަށް ބަލާލީމަ ހީވަނީ ލޫތުމެން ވަރަށް ގިނައިން އައިސް އުޅެފަ ހުރިހެން.” ލޫތު ވަތްތަން ފެނުމުން އިޒްޔާން ބުނެލިއެވެ.
“ހޫމް. ވަރަށް ގިނައިން އަންނަން. މިލީ އަބަދުވެސް ކިޔާނެ އޭނަގެ ދޮންތި ކޮންމެވެސް ދުވަހަކުން މިގެއަށް އަންނާނެއޭ. ގޭގެ އިންފާރު ރާނާ ދޮރެއްލާ ތަޅެއް ހަރުކޮށްފަވެސް ތަޅުނުލާ ބަހައްޓަނީ އެހެން ކިޔާފަ. ގޭ ދޮރު ހަލާކުވެގެން ދޮރު ބަދަލުކުރިއިރުވެސް ތަޅު ބަދަލުނުކޮށް ބެހެއްޓީ.” ލޫތު ގޮނޑި ދަމާލަމުން އިށީނެވެ. އިޒްޔާން އިނީ އޭނާގެ ހިތުގައި އޮތް ސުވާލުތައް ކުރާނެ ގޮތެއް ނޭނގިފައެވެ.
“އިޒް! ވާހަކައެއް އަހާލަންތަ؟” ލޫތުވެސް އިނީ ހަމަ އެފަދައިން ސުވާލުކުރަން ބޭނުންވެފައެވެ.
“ހޫމް. އަހާބަލަ.” އިޒްޔާން ފިނި ގޮތަކަށް ބުނެލަމުން ކޮފީތަށިން ކޯވަރެއް ބޯލިއެވެ.
“އިޒްއަށް މާހީގެ ހަޤީޤަތް އެނގިހުރެތަ މެރީކުރަން ތިނިންމީ؟” ލޫތު އިނީ އިޒްޔާންގެ މޫނަށް އަރާ ކުލަވަރުން އެއްވެސް އެއްޗެއް ދެނެގަންނަން ނޭނގިފައެވެ.
“ހޫމް. ތިއެއްނޫން. ލޫތުއަށް މަލަކާގެ ހަޤީޤަތް އެނގުނީ ކިހިނެއް؟ ކާކު ކިޔައިދިނީ؟” އިޒްޔާން ސުވާލުކުރުމުން ލޫތުގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރުތައް ފެނިގެން ދިޔައެވެ.
“މަލަކާއޭ!!؟ އެއީ ކާކު؟” އިޒްޔާންއަށް ކިޔުނު އެއްޗެއް ރޭކާލީ ލޫތު އެހެން އަހާލުމުންނެވެ.
“ސޮރީ! މިބުނީ މާހީގެ ވާހަކަ.” އިޒްޔާން ބުނެލިއެވެ.
“މާހީއަށް އިޒް ކިޔަނީ މަލަކާތަ؟” ލޫތުގެ ސުވާލަށް އިޒްޔާން ޖަވާބުދިނުމުން އަނެއްކާވެސް ލޫތު ސުވާލުކޮށްލިއެވެ.
“ތިވާހަކަ ދައްކާނީ ފަހުން. އިހަށް މަގޭ ސުވާލަށް ޖަވާބުދީބަލަ.” އިޒްޔާންގެ ސުވާލުގެ ޖަވާބު ބޭނުންވެފައި ހުރި މިންވަރު އޭނާގެ މޫނަށް ބަލާލުމުން އެނގިގެންދެއެވެ.
“އެކަން އެނގުނީ… މިލީއަށް ޤާދިރުބެ ކިޔާ މީހެއް ކިޔައިދިނީ.” ލޫތު އެވާހަކަތައް ކިޔައިދިނުމުން އިޒްޔާންވެސް ލޫތުއަށް ކުޑަ ގޮތަކަށް އޭނާއާ މަލަކާގެ ވާހަކަ ކިޔައިދިނެވެ.
“އިޒްގެ މޯމްއަށް އެނގޭތަ؟ އަހަރެންނަށް ހިއެއްނުވޭ އިޒްގެ މޯމްމެން ރުހޭނެހެނެއް.” އިޒްޔާންގެ ވާހަކަ އަޑުއަހާފައި ލޫތު ކޮށްލި ސުވާލުން އިޒްޔާންއަށް ބަލާލެވުނީ ލޫތުގެ މޫނަށެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި މަލަކާއާ މިލީއަށް އެއަޑު އިވި ހުއްޓުންއެރިއެވެ. އެއީ މިއޮއްހާ ދުވަސްވީއިރުވެސް މަލަކާގެ ހިތަށް ނޭރި ސުވާލެކެވެ. އޭނާ ޤަބޫލުކުރީ އަޒްފާ އޭނާ ދަރިއެއްގެ ގޮތުގައި ބަލައިގެންފައިވާއިރު އިޒްޔާންގެ އަނތްބެއްގެ ގޮތުގައިވެސް ބަލައިގަންނާނެކަމެވެ. ނަމަވެސް ކައިވެނިކުރަންޏާ އޭނާގެ ހަޤީޤަތްވެސް އެނގިގެންދާނެއެވެ. އެހަޤީޤަތް އެނގުމުން އަޒްފާގެ ހިތް ބަދަލުވެދާނެބާއޭ މަލަކާގެ ހިތަށްއެރިއެވެ. މަލަކާ ހުއްޓުން އަރާފައި ހުރި މަންޒަރު ފެނި އެންމެންގެވެސް ހިތް ނުތަނަވަސްވިއެވެ.
އިޒްޔާން ގޮނޑިން ތެދުވެ މަލަކާއާ ދިމާއަށް ހިނގައިގަތެވެ. އިޒްޔާން މަޑު ހިނގުމެއްގައި ގޮސް މަލަކާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. މަލަކާ ހުރީ އިޒްޔާންގެ ދެލޮލަށް ބަލާށެވެ. އެދެލޮލުން އޭނާއަށް ފެންނަމުންދާ އިންތިހާ ދަރަޖައިގެ ލޯބިން އޭނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ލިބުނު ކަހަލައެވެ.
“މަލަކާ! ތިގޮތަށް ދެރަވެފަ ނުހުރެބަލަ. އިޒް މޯމްއާ ވާހަކަދައްކާނަން. މޯމްއަށް ވިސްނޭނެ.” މަލަކާގެ ޖާދުވީ ދެލޮލަށް ބަލަންހުރެ އިޒްޔާންއަށް ބުނެވުނީ ދެތިން ބަހެކެވެ. ދެން މަލަކާ ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ.
“އޭތް. އަހަރެމެންވެސް ތިބިކަން ހަނދާންކޮށްލައިގެން އުޅޭ.” ލޫތު ކަރުކެހިލަމުން ބުނެލިއެވެ. އަދި މިލީއާ ދެމީހުން އެކުގައި ހޭންފެށިއެވެ. އެމީހުންގެ ހުނުމުގެ އަޑަށް އިޒްޔާން މަލަކާގެ ގައިން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ. މަލަކާއަށް ލަދުން އެތަނުގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ނުކެރުނެވެ. އަވަހަށް ދުވެފައި ބޭރަށް ނުކުތެވެ. އިޒްޔާންވެސް ލޫތުއަށް ބަލާލަމުން ބޯކަހާލިއެވެ. ދެން އަވަސްއަވަހަށް ނުކުތްއިރު މަލަކާ ފެންނާކަށް ނެތެވެ. މަގަށް ނުކުމެ ދެކޮޅު ބަލާލިއިރު ތަންކޮޅެއް މަލަކާ ދާތަން ފެނުނެވެ.
“އޭތް. އެކަނި ތިދަނީޔޯ؟ މަޑުކުރިނަމަ.” އިޒްޔާން ދުވެފައި ގޮސް މަލަކާއާ އަރާ ހަމަކުރަމުން ބުނެލުމުން މަލަކާ މަޑުކޮށްލިއެވެ. ދެން ދެމީހުން އެކުގައި ހިނގާފައި ގެއަށް އާދެވުނުއިރު އެދެމެދުގައި ތަފާތު އެތައް ވާހަކައެއް ދެކެވުނެވެ. ގެއަށް އާދެވުނުއިރު ހަވީރުވެއްޖެއެވެ. ގެއިން ނުކުމެ ނުކުމެ ހުރި ޖުމާނާއަށް އިޒްޔާންއާއި އާޝިޔާ އެކުގައި ގެއަށް އައިސް ވަތްތަން ފެނިފައި މޫނު ކުނިކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ޖުމާނާ ގޮވައިގެން މޫދަށް ދާން ބުނެފައި އިޒްޔާން އެކަން ހަނދާން ނައްތާލީއެވެ. އިޒްޔާން ބަލާލުމުން ޖުމާނާ ގޭތެރެއަށް ވަދެ ސޯފާގައި އިށީނެވެ.
“ޔާން! ދަރިފުޅު މިއަދު ކިހިނެއް ތިހެދީ؟ މިހާރު ކިހާއިރެއް ޖުމާ ތައްޔާރުވެގެން އިންނަތާ. ކޮންތާކު އުޅެފަ ތިއައީ؟ އާޝިޔާވެސް ގޮވައިގެންގޮސް ދޯ ތިއުޅުނީ؟ މަންމަ ހާދަ ހޯދައިފީމޭ ތިދެކުދިން.” ގޭތެރެއަށް ވަތްއިރުވެސް ޖެހިލުންވެފައި ހުރި އާޝިޔާ އިތުރަށް ހާސްވިއެވެ. ދޭނެ ޖަވާބެއް ނުވިސްނިފައި ހުއްޓާ އިޒްޔާން ވާހަކަދައްކަން ފެށިއެވެ.
“މޯމް! އިޒް ބުނީމެއްނު ލޫތުމެން އަންނަ ވާހަކަ. އެހެންވެ އެމީހުން ބަލާ އެއާރޕޯޓަށް ދިޔައީ. އާޝިޔާވެސް ދާން ބޭނުންވެފަ ހުރީމަ އޭނަ ގޮވައިގެން ދިޔައީ.” އިޒްޔާން ގޮސް އަޒްފާގެ ގާތުގައި އިށީނެވެ.
“ދެން ކޮބާ ލޫތުމެން؟ އެމީހުން މިގެއަކަށް ނޫންތަ އައީ؟ މަންމަ ހީކޮށްގެން މިހުންނަނީ އެމީހުންވެސް އަންނާނީ މިގެއަށްކަމަށް.” އަޒްފާ އިނީ ކައިވެނި ޕާޓީއަށް އަންނަ މީހުންނަށް ދޭނެ ހަދިޔާ ތައްޔާރުކުރާށެވެ. އެކަމުގައި ރައުދާގެ އެކުވެރިންނާއި އެއާއިލާގެ ކުދިންވެސް ބައިވެރިވަމުންދެއެވެ. އެކުދިންގެ ނަޒަރު އިޒްޔާންއަށް ހުއްޓިފައިވާތަން ފެނި މަލަކާގެ ހިތުގައި ނޭނގި ނަމަވެސް ހަސަދައިގެ އޮއިވަރެއް އުފެދިގެން ދިޔައެވެ. އިޒްޔާން އެތާނގައި އަނގަތަޅަން އިންއިރު މަލަކާ ފެންނަ ހިސާބުގައިވެސް ނެތެވެ. އިޒްޔާންއާ އެހެން އަންހެންކުދިންނާ މަޖާކުރާއިރު އޭނާ އެތާނގައި ހުރުމުން ހިތަށް ތަދުވުން ނޫންކަމެއް ނުވާނެއެވެ. އެހެންކަމުން އޭނާ ގޮސް އޮތީ ކޮޓަރީގައެވެ.
“ޖުމްމަ މިތާ!!؟ ކިހިނެއްވީ؟ ހާދަ ރުޅިއައިސްފަހެން ހީވެޔޭ.” ސިޓިންގރޫމުގައި އަނގަތަޅަން އިނދެފައި އިޒްޔާން ކޮޓަރިއަށް ދިޔައިރު އެނދުގައި ޖުމާނާ އޮތްތަން ފެނިފައި ހައިރާންވެގެން އަހާލިއެވެ. އިޒްޔާން ދިޔަގޮތަށް ގޮސް އެނދުގައި އެއްއަތް މައްޗަށް ވާގޮތަށް އޮށޯތެވެ.
“ކީއްކުރަން ތިއައީ؟ އެ އާޝިޔާއާއެކު އުޅުނީމަ ވީނު.” ޖުމާނާ ތުން އަނބުރާލަމުން ބުނެލިއެވެ.
“އާޝިޔާއާ ވާހަކަދެއްކުމަކީ މައްސަލައެއްތަ؟ ޖުމްމަ ތިކިޔާ އެއްޗެއް ނުވިސްނުނު. އަސްލު މިއަދު އުޅުނީ މޫދަށް ދާން. އެކަމް ރޭގަ ލޫތު ގުޅާފަ ބުނެފި މިއަދު އަންނަ ވާހަކަ. އެހެންވީމަ ނުދެވޭނެއެއްނު.” އިޒްޔާން ވީގޮތް ކިޔައިދިނެވެ. އޭރުވެސް ޖުމާނާ އޮތީ މޫނު ހަދައިގެންނެވެ.
“ދެން ދާކޮންމެ ތަނަކަށް އެ އާޝިޔާ ނުގެންގޮސް ނުވަނީތަ؟ ޖުމްމަ ގޮވައިގެން ދިޔަނަމަ… އޭރުން ކިހާ މަޖާވީސް.” ޖުމާނާ އެހެން ބުނުމުން އިޒްޔާން ހީގަތެވެ.
“ދެން ބިޓުން ގާތަށް ދާއިރު ޖުމްމަ ގެންދެވޭތަ؟ އާޝިޔާ ގޮވައިގެން ދިޔައީ އެހެންވެއޭ.” އިޒްޔާން އެހެން ބުނުމާއެކު ޖުމާނާ ފުންމައިގެން ތެދުވެ ސުވާލުކުރަން ފެށިއެވެ. އެއީ ކާކުތޯއާއި އޭނަގެ ނަމަކީ ކޮބައިތޯއެވެ. އަދި އޭނަގެ ފޮޓޯވެސް ދައްކަން ކިޔަންފެށިއެވެ.
“އެއީ ޖުމްމައަށްވުރެ ރީތި ކުއްޖެއް.” އިޒްޔާން ހެމުން ހެމުން ބުނެލިއެވެ. އިޒްޔާން އެހެން ބުނެލުމާއެކު ޖުމާނާ އެނދުގައި ހުރި ބާލީހުން އިޒްޔާން ގައިގައި ތަޅަންފެށިއެވެ. ދެމީހުން ކޮޓަރިތެރޭ ކުޑަކުޑަ ދެކުދިންހެން ބާލީހުން ތަޅަމުން ދުވެދުވެ ތިއްބާ ފައުޒިއްޔާ އައިސް ވަނެވެ.
“އަދިވެސް ތިއުޅެނީ ކުޑަކުދިންހެން. ދެން މިހާރު ތިހެން އުޅުން ދޫކޮށްލަން ވެއްޖެއެއްނު. ދުވަސްކޮޅަކުން ދެން އޮތީ ތިދެކުދިންގެ ކައިވެނި. އޭގެ ކުރިން ޖުމާވެސް ބޮޑު މީހަކަށް ވާން އެބަޖެހޭ.” ޖުމާނާ ހިމޭންވީ ފައުޒިއްޔާގެ އަޑަށެވެ.
“ޖުމްމަ މެރީކުރަނީއޭ؟ ހާދަ ސިއްރުސިއްރުންނޭ ދޯ؟ ބުނެވެސްނުލާ ވިއްޔަ. ދެން ބުނެބަލަ. ކާކުތަ؟” ފައުޒިއްޔާ ދިއުމާއެކު އިޒްޔާން ޖުމާނާއާ ސުވާލުކުރަން ފެށިއެވެ.
“ނުބުނާނަން. އިޒްވެސް ނުބުނީމެއްނު.” އެހެން ބުނެފައި ޖުމާނާ ދުވެފައި ކޮޓަރިން ނުކުތެވެ. އިޒްޔާންވެސް ފަހަތުން ދިޔައެވެ. ނަމަވެސް އޭނާ ދިޔައީ މަލަކާ ފެނޭތޯއެވެ. މިހާރު އިޒްޔާންއަށް އެންމެ މިނެޓަކުވެސް އެރީތި ސޫރަ ދެކިނުލާ ހުރެވެނީއެއް ނޫނެވެ.
ކޮޓަރީގައި އެކަނިމާއެކަނި އިނދެ ރޮމުން ދިޔައިރު، އެއްވެސް މީހަކު ވަދެދާނެތީ ޖުމާނާ އިނީ ދޮރު ތަޅުލައިގެންނެވެ. މިއަދު އިޒްޔާން އޭނާއާމެދު ދެކޭގޮތް ސާފުވީއިރު އެހިތުން ވަނީ އިޒްޔާންއަށް މަޤާމެއް ދެވިފައެވެ. އިޒްޔާންއާއެކު އުޅެއުޅެ އޭނާއަށް ރަހުމަތްތެރިކަމަށްވުރެ ގާތްކަމަކަށް އެދެވެންފެށީ ކޮންއިރަކުކަމެއް ނޭނގުނެވެ. އިޒްޔާންދެކެ އޭނާއަށް ލޯބި ވެވިއްޖެއެވެ. އެހިތުން އިޒްޔާންއަށް ދެވިފައިވާ މަޤާމު އެހެން މީހަކަށް ދެވޭނެ ހެއްޔެވެ؟ އެކަމެއް އޭނާއަކަށް ނުވާނެއެވެ. އަނެއްކޮޅުން އޭނާގެ މަންމަ އެދެމުން އެދަނީ އޭނާއާއި އިޒްޔާންގެ ކައިވެންޏަށެވެ. މިހުރިހާ ކަމަކާ ވިސްނަމުން ދިޔައިރު ޖުމާނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ.
“އިޒްއަށް މިކަން އެނގި ކައިވެންޏަށް ދެކޮޅު ހެދުމުގެ ކުރިން އަހަރެން މޯމްއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން. ނޫން. އެހެން ހަދައިފިއްޔާ މޯމް ރުޅިގަދަވާނެ.” ޖުމާނާ އެކަނިމާއެކަނި ވިސްނަމުން ދިޔައީ ހަދާނެ ގޮތަކާމެދުގައެވެ. މިހާރުވެސް ނުސީދާކޮށް އޭނާގެ މަންމަ އެދަނީ އޭނާގެ ކައިވެންޏަށް އެދެމުންނެވެ. ކަމަކާ ޚިޔާލު ބަދަލުކޮށްލާނެ ރައްޓެއްސެއްވެސް އިޒްޔާން ފިޔަވައި މިތާނގައި ހުރީއެއް ނޫނެވެ. ނަމަވެސް އިޒްޔާންއާ މަޝްވަރާ ކުރެވޭކަށްވެސް ނެތެވެ. މިހުރިހާ ކަމެއްގެ ހައްލު ހޯދަން އޭނާ ހަދާނެ ގޮތެއް ނޭނގިފައި އިންދާ ކޮޓަރީ ދޮރުގައި ޓަކިދޭ އަޑު އިވުނެވެ. މޫނު ރީތިކޮށްލަމުން ގޮސް ދޮރު ހުޅުވާލުމާއެކު ޖުމާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“އަންނާ!” ދޮރުމަތީގައިހުރި އަންހެންކުއްޖާ ފެނިފައި ޖުމާނާއަށް ލިބުނު އުފަލުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނގަނެގެންހުރެ އެކުއްޖާއަށް ގޮވާލިއެވެ. އެއީ އަރޫނާއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އިތުރުން ވާންއުޅޭ ފަހަރިވެސްމެއެވެ. އަރޫނާގެ އަތުގައި ހިފައިގެން ޖުމާނާ އެތެރެއަށް ވަނެވެ.
“އަޅުގަނޑަކަށް މަރުހަބާއެއް ނުކިޔާނަންތަ؟ ގަދަކަމުން ޗުއްޓީއެއް ހޯދައިގެން މިއައީ ހަމަ ތިމޫނު ދެކިލާ ހިތުން ނުހުރެވިގެން. އެވަރުންވެސް ބަލާވެސްނުލާ ތިދަނީ.” ފަހަތުން އިވުނު އަޑަށް ޖުމާނާ އެނބުރި ބަލާލިއިރު ދޮރުކަނީގައި ލެނގިލައިގެން ހުރި ޒުވާނާ ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެވެ.
“އަނހާ! މާއިންވެސްތަ؟” ޖުމާނާ އެހެން ބުނެލީ ރަކި ގޮތަކަށް ހީލަމުންނެވެ. މާއިންއަށް ޖުމާނާ ފެނިއްޖެނަމަ ކޮންމެވެސް ތަޢުރީފެއް ކޮށްލުމަކީ އޭނާގެ އާދައެކެވެ. މާއިންއަކީވެސް ހުތުރު ފިރިހެނަކަށް ނުކިޔޭނެއެވެ. ރީތީގެ ގޮތުން އިޒްޔާން ގާތުގައި ހިފަހައްޓާލެވޭވަރުގެ ޒުވާނެކެވެ. އިޒްޔާންހާ ދޮން ނޫނަސް އޭނާގެ އެ ކަސްރަތީ ފިރިހެންވަންތަ ހަށިގަނޑަށް ކޮންމެ އަންހެންކުއްޖެއްގެ ނަޒަރުވެސް ހުއްޓިގެންދެއެވެ. މާއިން އައިސް ހުއްޓުމުން އަރޫނާވެސް އޭނާގެ ދޮންބެއާއި އެއްބައިވެގެން ޖުމާނާއާ ދިމާކުރަން ފެށިއެވެ. ތިންމީހުން ވާހަކައިގައި ތިއްބާ ކޮޓަރި ދޮރުމައްޗަށް ހުއްޓުނު އަރޫނާގެ މަންމަ ފެނިފައި ޖުމާނާ ހިނިތުންވެލިއެވެ.
“ޖުމްމައަށް މިހީވަނީ ރަނގަޅަށްތަ؟” އަރޫނާގެ ކަންފަތްދޮށުގައި ޖުމާނާ ސިއްރުސިއްރުން ބުނެލިއެވެ. އެވަގުތު ލަދުރަކި ގޮތަކަށް ހީލަމުން އިސްޖަހާލާފައި އާނއެކޭ ބުނެލިއެވެ. އަރޫނާ އެއައީ އޭނާއާއި ޖާވިދުގެ ކައިވެނި ރަށުގައި ކުރާގޮތަށް ހަމަޖެހުނީމައެވެ. އަރޫނާ އުޅެ ބޮޑުވީ ރާއްޖޭން ބޭރުގައި ނަމަވެސް އޭނާގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކޮށްފައިވަނީ އިސްލާމީ ރިވެތި ތަރުބިއްޔަތުންނެވެ. ޖުއްބާއާއި ބޮޑު ބުރުގާ އަޅާފައި ހުންނައިރު އަރޫނާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ.
އަރޫނާއަކީ ބަލާލަންވެސް ހުތުރު ކުއްޖެއް ނޫނެވެ. ހެދިހުރި އިސްކޮޅާއި އެއްވަރަށް އެމޫނުގެ އޮމާންކަމުންވެސް އެތައް ފިރިހެނެއް ފިދާވާހާވެއެވެ. މުށި ހަންގަނޑެއް ލިބިފައިވީނަމަވެސް އޭނާގެ ހަޤީޤީ ރީތިކަމަކީ އޭނާއަށް ލިބިފައިވާ ރިވެތި އަޚްލާޤެވެ. ޖާވިދަށް އަރޫނާ ކަމުދިޔައީވެސް އޭނާގެ މި ރިވެތި އަޚްލާޤުގެ ސަބަބުންނެވެ. ތިންމީހުންގެ ވާހަކަ މެދުކަނޑާލާފައި ކާން ދިޔައިރު ކާމޭޒުދޮށުގައި އެންމެން ތިއްބެވެ. ޖުމާނާ ބަލާލިއިރު އިޒްޔާން ގާތުގައި ހުސް ގޮނޑިއެއް ހުރިތަން ފެނިގެން އަވަހަށް ގޮސް އެގޮނޑީގައި އިށީނެވެ. ކެއުމުގެ ތެރޭގައި ކައިވެނީގެ ވާހަކަތައް ދެކެވެމުން ދިޔައިރު ޖުމާނާ އިނީ ނުތަނަވަސްވެފައެވެ. އޭނާގެ މަންމަ އޭނާގެ ކައިވެނީގެ ވާހަކަދައްކައިފާނެތީއެވެ. ކެއުން ނިމިގެން ދިޔައިރުވެސް ޖުމާނާ އިނީ ހިމޭނުންނެވެ. މިކަން އިޒްޔާންއަށް ފާހަގަކުރެވުނުވެސްމެއެވެ. ނަމަވެސް ވަގުތުގެ ގޮތުން އެވާހަކަ ނޭހީ ފަހުން އަހާލަން ވިސްނާފައެވެ.
ދެކައިވެނި އެއްފަހަރާ ކުރެވޭތީ ގޭތެރޭގެ ހަލަބޮލިކަން ވަނީ ދެގުނައަށް އިތުރުވެފައެވެ. ގޭތެރޭގައި މީހުން ގިނަކަމުން އިޒްޔާންއަށް މަލަކާއާ ދިމާވާގޮތެއް ނުވެއެވެ. މިކަމުން އޭނާގެ ހިތަށް ދަތިކަން ލިބެއެވެ. އެނދުގައި އޮވެގެން އިރުއިރުކޮޅާ މެސެޖެއް ކޮށްލަކޮށްލާ އޮވެވުނީ ކިހާ އިރަކުކަމެއް އިޒްޔާންއަކަށް ނޭނގުނެވެ. އެއިން އެއްވެސް މެސެޖަކަށް މަލަކާ ރިޕްލައި ނުކުރީތީ އިޒްޔާން އޮތީ ރުޅިގަދަވެފައެވެ. އެހެން އޮއްވާ އޭނާގެ ރައްޓެހިން އޭނާ ބަލާ އައުމުން ތައްޔާރުވެގެން ނުކުތްއިރުވެސް ދެކޮޅު ހޯދާ ބަލާލީ މަލަކާ ފެނޭތޯއެވެ. ނަމަވެސް މިފަހަރު އޭނާގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. މަލަކާގެ ހިލަމެއްވެސް ނުވެއެވެ. އިޒްޔާން މާޔޫސްވެހުރެ ގެއިން ނުކުތް ވަގުތު ގެއަށް ވަންނަން އައި މީހެއް ގައިގައި ލައިގަތުމުން “ސޮރީ”އޭ ބުނެލިއެވެ. އޭނާއަށް އެއީ މަލަކާކަން އެނގުމުން ލިބުނު އުފަލުގައި ކުއްލިއަކަށް މަލަކާގެ އަތުގައި ހިފުނެވެ. މަލަކާ ސިހިފައި އަތް ދަމައިގަތުމުން ދެވަނަ ފަހަރަށް އިޒްޔާން އެއަތުގައި ހިފީ ކުރިއަށްވުރެ ބާރަށެވެ.
“އޭތް އިޒް! އާދޭ ދާން.” ސައިކަލަށް އަރާ ނައްޓާލަން ތައްޔާރުވެފައި ތިބި ރައްޓެހިންތައް ގޮވަންފެށިއެވެ. މަލަކާ ހުރީ ލަދުން ހަދާނެ ގޮތެއް ނޭނގިފައެވެ. އިޒްޔާން އެއަތުގައި ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ފަސޭހައިން ދޫނުކުރާނެކަން އޭނާއަށް ޔަޤީންވިއެވެ. އިތުރަށް ގަދަނުހަދާ ރީތިކޮށް ހުރީ އެހެންވެއެވެ.
“މަ އެބަ ދަން އިރުކޮޅަކުން. ހަމަ އެތަނަށް ދޯ ދަނީ؟” އިޒްޔާން އެހެން ބުނުމުން އެންމެ ރަނގަޅޭ ބުނެފައި އެމީހުން ނައްޓާލައިފިއެވެ. އިޒްޔާން މަލަކާގެ އަތުގައި ހިފައިގެން ހިފައިގެން ހިނގައިގަތެވެ. މަލަކާވެސް ބަހެއް ނުބުނެ އިޒްޔާންއާއެކު ދިޔައެވެ. ގޭ ބިއްދޮށަށް ގޮސްފައި އިޒްޔާން މަލަކާގެ އަތުން ދޫކޮށްލިއެވެ. އޭރު އެމޫނުމަތިން ހިތްހަމަނުޖެހުން ފާޅުވާން ހުއްޓެވެ. އިޒްޔާންގެ މޫނު ފެނިފައި މަލަކާ ހުރީ ޖެހިލުންވެފައެވެ. އިރުކޮޅަކު ދެކޮޅަށް ހިނގާލުމަށްފަހު އިޒްޔާން އައިސް މަލަކާގެ ގައިގައި ޖެހޭ ނުޖެހޭހާ ގާތުގައި ހުއްޓުނެވެ. އޭރު މަލަކާ ހުރީ ފާރުގައިޖެހި ފިތިފައެވެ.
“ކޮންތާކު ތިއުޅެނީ؟ ކިތައްފަހަރު ގުޅިއްޖެ؟ އެވަރުން ނުވެގެން ކިތައް މެސެޖު ކުރެވިއްޖެ؟ ފޯނު ނުނެގިތާނގަ މެސެޖަކަށް ރިޕްލައިއެއްވެސް ކުރީއެއް ނޫން.” އިޒްޔާން ރުޅިއައިސްފައި އެހެން ބުނުމުން މަލަކާ އޭނާގެ މޫނުން ފޮތިގަނޑު ހިއްލާލިއެވެ.
“ސޮރީ އިޒް! ފޯނު އޮންނާނީ އަތްދަބަހުގަ. އެހެންވެ އިޒް ގުޅިކަން ނޭނގުނީ. އަސްލު ހެނދުނު ދިޔަގޮތަށް މިއުޅެނީ އެހެން ގެއެއްގަ. މިހާރު މިއައީ. ހަނދާންނެތިގެން އަތްދަބަހެއް ނުގެންދެވުނު.” މަލަކާ ދެލޯ ހަނިކޮށްލަމުން ބުނެލިއެވެ.
“މަލަކާއަށް އެނގެއެއްނު ތިގޮތަށް ކަންތައް ކުރީމަ އަހަރެން ހާސްވާނެކަން. މިހާރު އެއްގޮތަކަށްވެސް މަލަކާއާ ދިމާވަނީއެއް ނޫން. އަހަރެންނަކަށް ނޭނގެ މިވާގޮތެއް. މަލަކާ ނުފެނި އެންމެ މިނެޓަކުވެސް ކެތްވަނީއެއް ނޫން.” މަލަކާގެ ދެއަތުގައި ހިފަހައްޓާލަމުން އިޒްޔާން އަސަރާއެކު ބުނެލިއެވެ. އިޒްޔާންގެ ތޫނު ދެލޮލަށް ބަލާލުމުން މަލަކާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. އެދެލޮލުގައި އެވަނީ ކޮންފަދަ ޖާދޫއެއްކަމެއް ނޭނގެއެވެ. އެދެލޮލަށް ބަލަން ހިނދުކޮޅަކުވެސް ހުރުން އެއީ މަލަކާއަށް ވާވަރުކަމެއް ނޫނެވެ. އިޒްޔާންގެ ތޫނު ދެލޮލުގެ ޖާދޫގައިޖެހި ހިތް ޒަޚަމްވެފައިވަނީ ކިތައް އަންހެންކުދިންގެ ކަމެއް ނޭނގެއެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް މަލަކާގެ ހިތްވަނީ އެތޫނު ދެލޮލުން ޒަޚަމްވެފައިކަން ގައިމެވެ.
“އިޒް! އަހަރެން ވަރަށް ބިރުގަނޭ. ހިތަށްއަރަނީ އަޒްފާއްތައަށް ހަޤީޤަތް އެނގުނީމަ ދެންވާނީ ކިހިނެއްބާއޭ؟ މިގުޅުން މިހިސާބުން ނިންމާލަން ޖެހިދާނެތީ އަހަރެން ވަރަށް ބިރުގަނޭ. އެނގޭ އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން އަހަރެން ކަހަލަ މީހަކު އެމީހެއްގެ ޅީދަރިއަކަށް ހަދާކަށް. އިޒްގެ މޯމް ނޫނެކޭ ބުނެފިއްޔާ އިޒް އަހަރެން ދޫކޮށްލާނަންތަ؟” އިޒްޔާންގެ ދެލޮލަށް ބަލަންހުރެ މަލަކާ ސުވާލުކޮށްލިއެވެ. އެސުވާލުގެ ޖަވާބުދޭން ނޭނގިފައި އިޒްޔާންއަށް ހުރެވުނެވެ. އޭނާއަށް މަލަކާއާނުލާ އުޅެވޭނީ ކިހިނެއް ހެއްޔެވެ؟ މިހާރު މަލަކާ ވަނީ އޭނާގެ ދިރިހުރުމުގެ ކާނާއަށް ވެފައެވެ. ތެދަށް ބުނަންޏާ މިހާރު އޭނާ ނޭވާލަނީވެސް މަލަކާއަށްޓަކައެވެ.
“ތިހެންވެގެންތަ މަލަކާ ތިހާ ދުރުދުރުން ތިއުޅެނީ؟ އަހަރެންނަށް އެނގެނީ އެންމެ ކަމެއް. އަހަރެން މަލަކާދެކެ ވަރަށް ވަރަށް ލޯބިވާކަން. އަދި މަލަކާއާނުލާ ދިރިއުޅުމެއް ކީއްކުރަން؟ ހުވަފެނެއްވެސް ދެކޭކަށް އަހަރެން ބޭނުންނުވާކަން.” އިޒްޔާން އިރުކޮޅަކު ވިސްނަން ހުރެފައި ބުނެލިއިރު އެދެލޮލުން ފެންނަންހުރި އަސަރުން މަލަކާއަށް ރޮވޭގޮތްވިއެވެ.
“އިޒް! ދެން ކިހިނެއް ހަދާނީ؟” މަލަކާގެ ލޮލުން ކަރުނައިގެ އަސަރު ފެނުމުން އިޒްޔާންއަކަށް ކެތެއްނުވިއެވެ. މަލަކާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލެވުނެވެ. އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެހެންނެވެ. މިހުރިހާ ކަމެއްވެގެން ދިޔައިރު މިމަންޒަރުތައް ބަލަން އިތުރު މީހަކު ހުރިކަމެއް އެއިން އެކަކަށްވެސް ރޭކާނުލިއެވެ. އިރުކޮޅަކުން ސިހިފައި މަލަކާ އިޒްޔާންއާ ދުރަށް ޖެހިލިއެވެ. އަދި އަވަސްއަވަހަށް މޫނު ނިވާކޮށްލިއެވެ. އޭރު އޭނާގެ ހިތް މޭގައި އޮވެގެން މަޑުމަޑުން ތެޅިލަ ތެޅިލާ އޮތެވެ.
“މިތާ ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.” މަލަކާ އެހެން ބުނުމުން އިޒްޔާންވެސް ވިސްނާލިއެވެ. މަލަކާ އެބުނީވެސް ދޮގެއް ނޫނެވެ. މިރޭ ގުޅަން އެއްބަސްވެފައި ދެމީހުންވެސް ވަކިވީ އިތުރަށް އެތާނގައި ތިބުން އެއީ ރަނގަޅު ގޮތަކަށް ނުވާނެތީއެވެ.
(ނުނިމޭ)
18 Comments!
Comments are closed.
reethi
ޝުކުރިއްޔާ ސަބީހާ
Woooow.vrh riithi mi part.next part vrh kiyaa hiyy vey
ޝުކުރިއްޔާ މީ! މިހާރު އަޕްކޮށްލާފަ އިންނާނެ
Vara vara reethi meege next part anaany kon dhuvahakun vara kiyaa hiyy vee vara avaha anaane kama hykuran.
ޝުކުރިއްޔާ ނައުއްޓެ! މިހާރު އަޕްކޮށްލާފަ އިންނާނެ
Kaaku tha ehenvy iru etha balan ehury???
ޝިފޫ ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގިދާނެ ކާކުކަން ބަލަން ހުރީ
Jummi kanneyge
އެނގިދާނެތާ
Faadehgge jumaa eh vahtaa laigen fani vahttan. Ingey ehchaky jumaa kithanme varakun ulhunass ixx eh nulibeynekan. Story nimeyny malaka ah ixx libegen. Ehn v ma knkamakaa visnan v,,,
ޝުކުރިއްޔާ ހައްވޫ! އެނގިދާނެތާ ވާގޮތެއް
vvv reethi
ޝުކުރިއްޔާ މަރީ
Saaandy this story is superb. Youre doing a great work. <3
ޝުކުރިއްޔާ އަނާ! މީ ސާންޑީގެ ވާހަކައެއް ނޫން… ނެއިންގެ ވާހަކައެއް.. ސާންޑީއަށް މިވާހަކަ ރީތިވީމަ މި ގެނެސްދެނީ ނެއިންގެ ހުއްދައާއެކު
jumaan nooney raudha azfaa
ޝެލީ! އެނގިދާނެތާ ކާކުކަން އެތަން ބަލަން ހުރީ