Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (13ވަނަ ބައި)

Saandy
January 10, 2017
10 Mins Read
64 Views
36 Comments

އާޝިޔާ މޫދަށް އެއްލާލާފައި ހޭންހުރި އިޒްޔާން ހުނުން ހުއްޓާލާ ހިމޭންވީ އާޝިޔާ މޫނު ނިވާނުވެގެން އުޅޭތަން ފެނިފައެވެ. އާޝިޔާއަށް ތެދުވެވުނީ އިޒްޔާންއަށް އެއްއަރިއަކަށް ވާގޮތަށެވެ. އެހެންކަމުން މޫނު އެއްކޮށް ނުފެނުނުނަމަވެސް އެދޮން ކޯތާފަތް އިޒްޔާންއަށް ފެނުނެވެ. އިރުގެ އަލި އެޅިފައިވާއިރު ކޯތާފަތުގައި ފެންތިކިތައް ބަބުޅަމުން ދިޔައެވެ. ކުރެވުނު ކަންތަކާމެދު އިޒްޔާންއަށް ވިސްނާލެވުނީ ދެނެވެ. އަދި އަވަސްއަވަހަށް އާޝިޔާއަށް ފުރަގަސްދިނެވެ. އޭރު އިޒްޔާންގެ ހިތުގައިވަނީ ހަލަބޮލިކަމެއް އުފެދިފައެވެ.

އާޝިޔާ މޫނު ނިވާކޮށްލުމަށްފަހު އެއްގަމަށް އަރައިގެން ދިޔައިރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އާޝިޔާ ކެއްސަމުންގޮސް ކުރިން ހުއްޓިހުރިތާ ހުރި ގޮނޑީގައި އިށީނެވެ. އިޒްޔާން އަވަސްއަވަހަށް ގޮސް ފެންފުޅިއެއް ހިފައިގެން އައިސް އާޝިޔާއަށް ދިއްކޮށްލިއެވެ. އާޝިޔާ ކިތަންމެ ހިތްހަމަނުޖެހިފައި އިންނަމަވެސް ފެންފުޅީގައި ހިފިއެވެ. ލޮނު ބޮވުމުގެ ސަބަބުން އޭނާ އެވަގުތު ހުރީ ފެނަށް ބޭނުންވެފައެވެ. އިޒްޔާން ފުރަގަސްދިނީ އޭނާއަށް އާޝިޔާގެ މޫނު ފެނިދާނެތީއެވެ. އާޝިޔާ ފެންބޮއިގެން ތެދުވެގެން މަޑުމަޑުން ގޮސް އަވީގައި ދެފައި ކުރުކޮށްލަމުން އިށީނެވެ. އޭނާ މޫދަށް ނޭރެން ނިންމައިގެން އައީތީ އިތުރު ހެދުމެއްވެސް ނުގެނެއެވެ. އާޝިޔާގެ ފަހަތުން ގޮސް އިޒްޔާންވެސް އިށީނެވެ.

“ޕްލީޒް ފޮގިވް މީ. އައިމް ރިއަލީ ވެރީ ސޮރީ.” ދެންވެސް އާޝިޔާ އެއްޗެއް ނުބުންޏެވެ. އިޒްޔާންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އާޝިޔާގެ އެހިމޭންކަމުގެ ސަބަބުން އޭނާއަށް ބުނެދޭން ނޭނގޭ އުނދަގުލެއް އިހުސާސްވަމުން ދަނީއެވެ.

“އާޝިޔާ ޕްލީޒް. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. ތިހިމޭންކަމުން އިޒްއަށް ވަރަށް އުނދަގޫވޭ.” އިޒްޔާންއަށް އޭނާގެ ޖަޒުބާތުތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ބޭއިޚްތިޔާރުގައި އާޝިޔާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ސިހުނުވަރުން އާޝިޔާއަށް ފުންމައިގެން ތެދުވެވުނެވެ. ކަރަންޓު ޖެހުނަސް އެވަރަށް ސިހޭނެހެނެއް ހިއެއްނުވެއެވެ. އޭނާ ދާން ހިނގައިގަތް ވަގުތު އީނާއާއި ރީނާ އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. އޭރުވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އިޒްޔާން އެއަތުގައި ހިފާލި ވަގުތު އެއީ އޭނާގެ ހަޔާތަށް އައި އުފާވެރި ހިތްގައިމު ވަގުތުކޮޅެވެ. މިއަދު އޭނާއަކީ މަލަކާނަމަ އިޒްޔާން އެގޮތަށް އޭނާ އަތުގައި ހިފާނެބާއޭ އޭނާގެ ހިތަށްއެރިއެވެ.

އީނާއާއި ރީނާ ބަނޑުހައިވެއްޖެއޭ ބުނުމުން އާޝިޔާ އޭނާގެ ހިތުގައި ހިނގަމުންދިޔަ ޖަޒުބާތުތަކުގެ މައްޗަށް ބާރު ފޯރުވަމުން އެކުދިން ގޮވައިގެންގޮސް ގޮނޑީގައި ބޭންދިއެވެ. އަދި ކާއެއްޗެހި މޭޒުމަތީ އަތުރާލިއެވެ. އާޝިޔާ ދިޔަ މަންޒަރު ބަލަން އިރުކޮޅަކު އިނުމަށްފަހު އިޒްޔާޏް ވެލިގަނޑުމަތީ އުޑުތިލަމަތިން އޮށޯވެލިއެވެ. އިޒްޔާންއަށްވެސް ވަނީ ބުނެދޭން ނޭނގޭ އަސަރުތަކެއް ކޮށްފައެވެ. އޭނާއަށް ވިސްނެމުން ދިޔައީ އާޝިޔާގެ މާފު ހޯދާނެ ގޮތަކާމެދުއެވެ. ލޯމަރާލައިގެން އެހެން އޮއްވާ ލޫތު އައިސް ގޮވާލިއެވެ.

“ކިހިނެއްވީ؟ އާޝިޔާ ރުޅިއައީތަ؟” ލޫތުގެ އަޑަށް އިޒްޔާން ލޯހުޅުވާލިއެވެ. ދެން ތެދުވެ އިށީނދެފައި އިސްޖަހާލިއެވެ.

“ހޫމް. އިޒްއަށް އެގޮތަށް ކަންތައް ކުރެވުނީ ކީއްވެކަމެއް ނޭނގެ. އިޒް ހިތަށްއަރަނީ ކީއްވެބާއޭ އާޝިޔާ އަބަދުވެސް އެހެން އެހުންނަނީ. މީހުންނާ މަޖާކޮށް ހީލާ ހަދާތަނެއް ނުދެކެން.” އިޒްޔާން ބުނެލިއެވެ.

“އިޒް! އެއީ އަބަދުވެސް އާޝިޔާ ހުންނަގޮތް. އެންމެން އެއްގޮތެއް ނުވާނެއެއްނު. އެކި މީހުންގެ މިޒާޖު ތަފާތުވާނެއެއްނު.” ލޫތު ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ.

“ހޫމް. ތީ ތެދެއް. އެކަމަކު ނޭނގެ ކީއްވެކަމެއް. އަހަރެންނަށް ހަމަ ހީވަނީ އާޝިޔާ ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއޭ. އެ ކަޅު ހެދުމުގެ ނިވަލުގަ ފޮރުވިފައިވާ ސިއްރެއްވެއޭ…” އިޒްޔާން އޭނާއަށް ހީވާގޮތް ބުންޏެވެ.

“ތީ އިޒްއަށް ހީވާ އެއްޗެއް. އަހަރެންނަކަށް ހިއެއްނުވޭ. ތިވަރުގެ ސިއްރެއްވާނަމަ ތިންއަހަރު ވީއިރު ފޮރުވައިގެންނެއް ނޫޅެވޭނެ ދޯ.” ލޫތު އިޒްޔާންގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ.

“ކޮފީއެއް ބޯލަނިކޮށް ތިސިކުނޑީގައި ތިހުރި ބޭކާރު ޚިޔާލުތަކުން ދުރުވެވިދާނެ. ހިނގާބަލަ.” ލޫތު ކިޔާވަރުން އެންމެފަހުން އިޒްޔާން ތެދުވެގެން ހިނގައިގަތެވެ. ދަތުރު ނިންމާފައި އެނބުރި މާލެ އައިއިރުވެސް އިޒްޔާންއަށް އާޝިޔާގެ މާފު ލިބޭގޮތްވަނީ ނުވެފައެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެއް ނަމަވެސް އިޒްޔާންއަށް މާބޮޑު ތަފާތެއް ފާހަގައެއް ނުވެއެވެ. އިޒްޔާންގެ ބިޒީ ދިރިއުޅުމުގައި އެހެންމީހުންނާމެދު ވިސްނާނެ ވަގުތެއް ނޯވެއެވެ. ނަމަވެސް މިހާރަކަށް އައިސް އިޒްޔާންއަށް އާޝިޔާއާމެދު ވިސްނެނީ މާވަރަކަށެވެ. އެދުވަހުގެ ފަހުން އިޒްޔާން ކިތަންމެ ފަހަރަކު އާޝިޔާގެ ކިބައިން މާފަށް އެދެފިއެވެ. ނަމަވެސް އެއިން އެއްފަހަރުވެސް އާޝިޔާ އަނގައިން އެންމެ ލަފުޒެއްވެސް ބޭރުކޮށްނުލައެވެ. އިޒްޔާންއަށް އާޝިޔާއާ ވާހަކަދައްކާލަން ލިބޭ ވަގުތުކޮޅަކީ ހަމައެކަނި ހެނދުނު ކޮފީގެ ވަގުތެވެ. އެވަގުތުކޮޅު އިޒްޔާން ތަފާތު ގޮތްގޮތަށް މާފަށް އެދެފިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އިޒްޔާންއަށް ލިބެނީ ހަމަ އެއްޖަވާބެކެވެ. އެހިމޭންކަމެވެ.

މިހާރު އަބަދުވެސް އިޒްޔާންއަށް ހުރެވެނީ އާޝިޔާގެ ޚިޔާލުގައެވެ. އިޒްޔާންއަށް މިވަނީ ކީއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އާޝިޔާ ގާތަށް އޭނާ ދަމާފައި މިގެންދަނީ ކޮން ބާރެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ފަސްއަހަރު ވޭތުވެދިޔައިރު އަންހެންކުއްޖެއް ފެނުނަސް ފޫހިވާ އިޒްޔާންއަށް މިއަދު އާޝިޔާގެ ހިޔަނިނަމަވެސް ފެނިލަން އެދެވެނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އާޝިޔާއާމެދު އިޒްޔާންގެ ހިތުގައި ނޭނގޭ އިހުސާސެއް އުފެދެމުން ދަނީއެވެ. އެއިހުސާސަށް ދޭނެ ނަމެއް އިޒްޔާންއަކަށް ނޭނގުނެވެ.

ރެޔާއި ދުވާލު އިޒްޔާންގެ ޚިޔާލުތަކުގައިވަނީ އާޝިޔާއެވެ. އިޒްޔާން އެއިހުސާސްތަކާމެދު ވިސްނި ވަރަކަށް އެއަށް ދެވޭނީ ހަމަ އެންމެ ނަމެއްކަން އޭނާއަށް އެނގުނެވެ. އެއީ ލޯތްބެވެ. އާނއެކެވެ. އޭނާގެ ހިތް އާޝިޔާއަށް ދެވިއްޖެއެވެ. އެހިތުގައި އާޝިޔާއަށްޓަކައި ލޯބީގެ ޖަޒުބާތު އުފެދިއްޖެއެވެ. އިޒްޔާން ކޮޓަރީގައި ހުރެ ވިސްނަމުން ދެކޮޅަށް ހިނގަމުން ދިޔައެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އިޒްޔާން ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. އޭނާ ބޭރަށް ނުކުތްއިރު ގޭތެރެއިން އެކަކުވެސް ފެންނާކަށް ނެތެވެ. އިޒްޔާން ބޭރުގައި އުޅެފައި ގެއަށް އައިއިރު ގަޑިން މެންދަމު ބާރަ ޖަހަނީއެވެ.

އާޝިޔާ ކޮޓަރީގައި ހުރެގެން ދެކޮޅަށް ހިނގަމުން ވިސްނަމުން ދިޔައެވެ. މިހާރަކަށް އައިސް އިޒްޔާންގެ އަމަލުތައް ހުންނަގޮތުން އޭނާއަށް ވަރަށް އުނދަގޫވެއެވެ. މިކަން އަބަދު ތަކުރާރުވާން ވެއްޖެނަމަ އޭނާގެ ބޮޑު ސިއްރު ފަޅާއަރާފާނެއެވެ.

“އިޒް ޕްލީޒް! ތިގޮތަށް ކަންތައް ނުކޮށްބަލަ. އަހަރެން އިޒްއަށް މާފުކުރިތާ ކޮން ދުވަހެއް. އެކަމަކު ދުލުން ބުނާނީ ކިހިނެއް؟ އަހަރެން ބިރުގަނޭ އަހަރެންގެ އަޑުން އިޒްއަށް އަހަރެން މީ މަލަކާކަން އެނގިދާނެތީ. އަހަރެން ކިހިނެއް ބުނާނީ އަހަރެން މީ މަލަކާއޭ؟ އޭރުން އަނެއްކާވެސް އަހަރެންނަށް އިޒް ގެއްލޭނެ. ތިސޫރަ ނުފެންނަ ހިސާބުގަ އަހަރެން އުޅޭނީ ކިހިނެއް؟ އިޒްއާނުލާ އަހަރެންނަކަށް ނޫޅެވޭނެ. އެކަމަކު އަހަރެންނަށް އިޒްއާއެކު އުޅެވޭކަށްވެސް ނެތް. އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް. އަހަރެން ވިސްނާ ވިސްނާ މޮޔަވެދާނެ. ޕްލީޒް އިޒް! އަހަރެންނާ ދުރަށްދޭ. ތިގޮތަށް އަހަރެންގެ އިހުސާސްތަކާ ނުކުޅޭ. އެހެންނޫނީ އަހަރެންގެ މި ނުކިޔަމަންތެރި ހިތަށް ވިސްނައިދޭން އުނދަގޫވެދާނެ.” އާޝިޔާ އޭނާގެ އަމިއްލަ ނަފްސާ މުޚާތަބުކޮށްކޮށް ހުއްޓާ ކުއްލިއަކަށް ދޮރުގައި ޓަކިދިން އަޑު އިވުނެވެ. މިހާ ދަންގަޑިއަކު ކާކުބާއޭ ހިތާ އިރުކޮޅަކު ހުރެވުނެވެ. ދެވަނަ ފަހަރަށް ޓަކި ދިނުމުން އާޝިޔާ ކާކުތޯ އަހާލިއެވެ.

އިޒްޔާންގެ އަޑު އިވުނު ވަގުތު އާޝިޔާއަށް ތެޅިގަނެވުނެވެ. މިހާ ދަންގަޑިއެއްގައި އިޒްޔާން އެއައީ ކީއްކުރަންބާއޭ އާޝިޔާގެ ހިތަށްއެރިއެވެ. ހެދުން ބަދަލުކޮށްލައިގެން ގޮސް ދޮރު ހުޅުވާލިއިރު އިޒްޔާން ދޮރުމަތީގައި ހުއްޓިލައިގެން ހުއްޓެވެ. ކަޅުކުލައިގެ ސްލިމް ގަމީހަކާއި ކަޅު ޖީންސެއްގައި ހުރި އިޒްޔާން ފެނިފައި އާޝިޔާއަށް މީގެ އެތައް އަހަރެއް ކުރީގެ ހަނދާނެއް އާވެގެން ދިޔައެވެ. މިހާރު އިޒްޔާން ކުރިއަށްވުރެވެސް ފިރިހެންވަންތަވެފައި ރީއްޗެވެ. އެދެލޮލަށް އާޝިޔާގެ ނަޒަރު ސީދާވި ވަގުތު އަތްފައި ފިނިވިވަރުން ހީކަރުވައިގަތްހެން ހީވިއެވެ. އެތޫނު ނަޒަރުން ފޮނުވާލާ ތީރުތަކުން އާޝިޔާގެ ހިތް ޒަޚަމްކޮށްލައެވެ.

“ސޮރީ! ދެން މާފުކޮށްދީބަލަ. ޕްލީޒް! މިހާރު އިޒް މޮޔަވާވަރު ވެއްޖެ. ދުވަހަކުވެސް އަންހެންކުއްޖެއްގެ ގާޓުން މާފަށް އެދުނު ހަނދާނެއްނުވޭ. އެކަމަކު އެދެން ޖެހުނު ފަހަރު މާފު ލިބޭގޮތެއްނުވި.” އިޒްޔާން ވާހަކަދައްކަމުން ދިޔައިރު އާޝިޔާއަށް ބެލެމުން ދިޔައީ އިޒްޔާންގެ ރީތި މޫނަށެވެ. އެމޫނުން ނަޒަރު ވަކިކޮށްލަމުން އިސްޖަހާލަން އުޅުނު ވަގުތު އާޝިޔާގެ ލޮލުގައި އަޅައިގަތީ އިޒްޔާން އޭނާއަށް ދިއްކޮށްލައިގެންހުރި ކާޑާއި ރަތް ފިނިފެންމަލެވެ. އެއާއެކު އާޝިޔާގެ ދެލޯ ބޮޑުވިއެވެ. ފެންނަމުން މިދަނީ ހުވަފެނެއް ނޫންބާއޭ އޭނާގެ ހިތަށްއެރިއެވެ. ހަދާނެގޮތެއް ނުވިސްނިފައި އާޝިޔާ ހުއްޓެވެ. ހާސްވިވަރުން ވަގުތުން ދޮރު ލައްޕާލެވުނެވެ. އޭރު އާޝިޔާގެ ހިތުގައި މަޑުމަޑު ހީލިކެރުވުމެއްވެއެވެ. އެތައް ދުވަހަކަށްފަހު އޭނާ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށްވީއެވެ. މޭގައި ދެއަތް އަޅާލައިގެން އިރުކޮޅަކު އާޝިޔާ ހުއްޓެވެ. އެހިތް ތެޅެމުންދަނީ އޭގެ މަޤާމު ދޫކޮށް ބޭރަށް ނުކުންނަހާ ބާރަށެވެ.

“އިޒް! ބޭނުންވަނީ ތިމަލުގަ ހިފަން. އިޒްގެ ދެއަތުގެ ތެރޭ ބޮނޑިވެލަމުން މާފުކޮށްފީމޭ ބުނަން. އެކަމަކު އަހަރެންނަށް އެގޮތަށް ކަންތައް ކުރެވޭކަށް ނެތް. އިޒް! އަހަރެންނަކީ ވަރަށް ބަދުނަސީބު އަންހެންކުއްޖެއް. އަހަރެން މިދުނިޔޭން ލޯބިވި ހަމައެކަނި އިންސާނަކީ ތީ. އެކަމަކު ތިލޯތްބަށް ފުރަގަސްދިނުން ނޫންގޮތެއް އަހަރެންނަކަށް ނެތް.” އާޝިޔާއަށް ރޮވެން ފެށިއެވެ. އިޒްޔާން އެހާ ހިސާބަށް އެދިޔައީ އޭނާގެ ސަބަބުންކަން ޤަބޫލުކުރެވުނެވެ. އަދި އެކަމުގައި އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ބައިގަޑިއެއްހާއިރު ރޯން އިނދެފައި އާޝިޔާ ތެދުވެގެން ގޮސް މޫނު ދޮވެލިއެވެ. މިހާރު އިޒްޔާން ހިނގައިދާނެކަމަށް ވިސްނާފައި އާޝިޔާ ދޮރު ހުޅުވާލީ އިޒްޔާން ހުރިތޯ ބަލާލާށެވެ. ލޮލު ކުރިމަތިން ފެނުނު މަންޒަރުން އާޝިޔާ ހައިރާންވިއެވެ. މިއޮއް ހުރިހާއިރު ވީއިރުވެސް އިޒްޔާން އެހުރިތާނގައި ހުއްޓި ހުރި މަންޒަރު ފެނުމުން އާޝިޔާގެ ދެލޯ ބޮޑުވިއެވެ. ދޮރު ހުޅުވުނު އަޑަށް އިޒްޔާން އިސްއުފުލާ ބަލާލިއެވެ. އެވަގުތު އެދެލޮލުން ފެނުނު އަސަރުން އާޝިޔާގެ ހިތް ކުދިކުދިކޮށްލިއެވެ. އިޒްޔާން އަތުގައި އޮތް ކާޑާއި ރަތް ފިނިފެންމާ އަނެއްކާވެސް އާޝިޔާއަށް ދިއްކޮށްލިއެވެ. އިރުކޮޅަކު ބަލަން ހުރެފައި އާޝިޔާ އޭގައި ހިފިއެވެ.

“ތޭންކްސް. އާޝިޔާ ނުނުކުތްނަމަ އިރުއަރަންދެންވެސް އަހަރެން ހުންނާނަން. އެކަމަކު އަދި ތިކަމުން އަހަރެންނަށް މާފު ކުރީކަމަކަށް ނުބަލާނަން. މާފު ކޮށްފިއްޔާ އަހަރެންނާ ވާހަކަދައްކާނެ.” އިޒްޔާން ކުޑަކޮށް ކުރިއަށް ޖެހިލަމުން ބުނެލި ބަސްތަކުން އާޝިޔާއަށް ތެޅިގަނެވުނެވެ. އޭނާ އިޒްޔާންއާ ވާހަކަދައްކާނީ ކިހިނެއް ހެއްޔެވެ؟ އާޝިޔާ އަވަސްއަވަހަށް ދޮރު ލައްޕާލިއެވެ. އެއަށްފަހު އެމަލުން ވަސް ބަލާލިއެވެ. އިޒްޔާންގެ ފަރާތުން އަލަށް ލިބުނު މިހަދިޔާ އާޝިޔާގެ ހިއްސުތަކުގައި މީރުކަމެއް އުފެއްދިއެވެ. އާޝިޔާ ކާޑު ހުޅުވާލިއެވެ. އޭގައި މާފަށްއެދި އިޒްޔާން ލިޔެފައިވާ ކޮންމެ އިބާރާތެއް އާޝިޔާގެ ހިތުގައި އާ ދިރުމެއް އުފަންކުރުވިއެވެ. ލޯބީގެ ފޮނިފޮނި ރާގެއް ހިތުގައި ކުޅެމުން ދަނީއެވެ. އެއިހުސާސްތަކުގައި އޮވެވުނީ ކިހާ އިރަކުކަމެއްވެސް އާޝިޔާއަކަށް ނޭނގުނެވެ. ބަންޤީގެ އަޑާއެކު އާޝިޔާއަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. މިއަދަކީ ހުކުރު ދުވަސްކަމުން އާޝިޔާ ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. އެހެންކަމުން އަވަސްއަވަހަށް ނަމާދުކޮށްލައިގެން ގޮސް ބަދިގެއަށް ވަދެ މަސައްކަތައިގެން ކުރިއަށްދިޔައެވެ.

ބަދިގޭގެ މަސައްކަތް ނިމުނުއިރުވެސް އިޒްޔާންގެ ޚަބަރެއް ނުވެއެވެ. މިނޫނީ ކޮންމެ ދުވަހަކުވެސް ފަތިހު ކޮފީ ބޮއެވެ. އެހާ ލަހުން ނިދުމުން ނުހޭލެވުނީ ކަންނޭނގެއެވެ. އިޒްޔާން އަންނަންވާއިރަށް ސިޓިންގރޫމް ފޮޅާ ސާފުކުރަން އާޝިޔާ އަވަސްވެގަތެވެ. ހަރުގަނޑަށް އަރާ ފަންކާތައް ސާފުކުރަމުން ދަނިކޮށް ކުއްލިއަކަށް އިޒްޔާން ނުކުތްތަން ފެނިފައި އާޝިޔާގެ އަތްފައި ފިނިވިއެވެ. މީގެކުރިން ހުކުރު ދުވަސްދުވަހު ފަތިހު ކޮފީ ބޮއިގެން ގޮސް ނިދާގޮތަށް އިޒްޔާން ކޮޓަރިން ނުކުންނާނީ ދިހައެއް އެގާރަ ޖަހާފަހުންނެވެ. އޭރަށްވާއިރަށް އާޝިޔާ ހުންނާނީ ގޭތެރޭގެ ހުރިހާ ތަނެއް ފޮޅާ ސާފުކޮށް ނިންމާފައެވެ. ނަމަވެސް މިއަދު އިޒްޔާން އެނުކުތީ މާ އަވަހަކަށެވެ. އާޝިޔާއަށް އިޒްޔާން ފެންނައިރަށް އެވާ ގޮތްތަކަކުން ކޮޅަށް ހުންނަން ދަތިވެއެވެ. ހަރުގަނޑުން ފައިބަން ނުފައިބަން އާޝިޔާއަށް ހުރެވުނެވެ. އާޝިޔާ ހަރުގަނޑަށް އަރައިގެން ފަންކާތައް ފޮހޭތަން ފެނުމުން އިޒްޔާން ހައިރާންވިއެވެ. މިގެ މިހާ ސާފުކޮށް އޮތުމުގެ ސިއްރަކީ މިއީތާއޭ އިޒްޔާންގެ ހިތަށްއެރިއެވެ. އާޝިޔާ، އަމިއްލަ ގެއެއް ބަލަހައްޓާހެން އޭނާގެ ގެ ބަލަހައްޓައިދޭތީ އިޒްޔާން ވަރަށް އުފާވިއެވެ.

“ތިޔޯ؟ އާޝިޔާތަ މިގެ ފޮޅާ ސާފުކުރަނީ؟” އިޒްޔާން ސުވާލުކޮށްލީ ހައިރާންކަން އެކުލެވިގެންވާ ރާގެއްގައެވެ. އާޝިޔާ ބޯޖަހާލިއެވެ.

“އާޝިޔާ ފައިބާ. އިޒް ތިކަން ކޮށްލަފާނަން. މީގެފަހުން ގޭތެރެ ސާފުކުރާއިރު އިޒްވެސް އުޅޭނަން.” ހަރުގަނޑުގައި ހިފަހައްޓަމުން އިޒްޔާން ވަރަށް ގާތްގޮތަކަށް ވާހަކަދެއްކިއެވެ. އިޒްޔާން ފައިބަން ބުނުމުން އާޝިޔާ މަޑުމަޑުން ތިރިއަށް ފައިބަމުން ދިޔައެވެ. ތުރުތުރުލާވަރުން ދެންމެ ދެންމެ ވެއްޓިދާނެއޭ އާޝިޔާއަށް ހީވެއެވެ. އެންމެފަހު ހަރަށް ފައި އަޅަން އުޅެނިކޮށް އާޝިޔާގެ ފައި ކައްސާލިއެވެ. އެވަގުތު ހަޅޭކެއްގެ އަޑު އާޝިޔާގެ އަނގައިން ނުކުތެވެ. އާޝިޔާ ވެއްޓުމުގެ ކުރިން އިޒްޔާން އޭނާ ހިފެހެއްޓިއެވެ. އެވަގުތަކީ ދެމީހުންނަށްވެސް އަސަރުތަކެއް ކުރުވި ވަގުތެކެވެ.

އިޒްޔާންގެ ހިތުގެ ތެޅުން އަވަސްވެ އަތްފައި ފިނިވިއެވެ. އާޝިޔާގެ ހާލަކީވެސް އެއީއެވެ. ނޭނގޭ ބާރަކުން ދެހިތް ގުޅިފައިވާކަން އެދެމީހުންވެސް ދިޔައީ އިހުސާސްކުރަމުންނެވެ. އާޝިޔާ ބޭނުންވީ މުޅި އުމުރަށް އެދެއަތުގެ ތެރޭގައިވާށެވެ. ހިތް އެދި ގޮވަމުންދިޔައީ އިޒްޔާންގެ ލޯތްބަށެވެ. އެއޯގާތެރިކަމަށެވެ. މަޑުމަޑުން އާޝިޔާއަށް އިޒްޔާންގެ މޭގައި ބޯއަޅާލެވުނެވެ. އެވަގުތު އިޒްޔާންއަށް ކުރެވުނު އިހުސާސަކުން އާޝިޔާގެ ހަށިގަނޑު އިތުރަށް ގަޔާލާ ފިއްތާލެވުނެވެ. މިހާރު އެދެމެދަށް ވައިރޯޅިއަކަށްވެސް ވަދެވޭހާ ޖާގައެއް ނެތެވެ. އިޒްޔާންގެ މޭގައި ބޯއަޅާލައިގެން އޮތްއިރު މިކުރެވެނީ ކީއްކަމެއް އާޝިޔާއަކަށް ނުވިސްނެއެވެ. ހިތަށް ކުރަމުންދިޔަ އަސަރުތަކުން ހިތް ރޮއްވަމުން ދިޔައެވެ. އިޒްޔާންގެ ލޯބީގައި އޭނާގެ ހިތް އޮޔާލަމުން ދަނީއެވެ.

ކުއްލިއަކަށް އިޒްޔާން ސިހުނީ އާޝިޔާގެ ލޮލުން އޮހެމުންދިޔަ ހޫނު ކަރުނައިން އޭނާގެ މޭމަތި ތެމެން ފެށުމުންނެވެ. އިޒްޔާން ހައިރާންވީ އާޝިޔާ އެރޮނީ ކީއްވެގެންބާއޭ ހިތަށްއަރާފައެވެ. އާޝިޔާ ކޮންމެވެސް ކަމެއް ފޮރުވާކަން އިޒްޔާންއަށް އަބަދުވެސް އިހުސާސްކުރެވެއެވެ. އެސިއްރު ހޯދަން އިޒްޔާން ބޭނުންވިއެވެ. އެހިމޭންކަމުގެ ފަހަތުގައިވަނީ ކޮންފަދަ ވޭނެއްތޯ ބަލަން ބޭނުންވިއެވެ. އާޝިޔާ ގާތުގައި އަހައިގެން އެކަމެއް ނޭނގޭނެކަން އިޒްޔާންއަށް ޔަޤީނެވެ.

“އާޝިޔާ! ކިހިނެއްވީ؟ ތަދުވީތަ؟” އިޒްޔާން އާޝިޔާ ދުރުކޮށްލަމުން އަހާލިއެވެ. އާޝިޔާ ނޭފަތް ދަމާލަމުން ބޯހޫރާލިއެވެ.

“ދެން ކީއްވެ؟ އަނެއްކާ މާބާރަށްތަ ހިފެހެއްޓުނީ؟” އިޒްޔާން އާޝިޔާގެ ކަންފަތްދޮށުގައި ސިއްރުސިއްރުން އަހާލިއެވެ. އެވަގުތު އާޝިޔާގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވެގެން ދިޔައެވެ. އޭނާއަށް ކުރެވުނު ކަންތައް އިހުސާސްވީ އެހިސާބުންނެވެ. ދެން ހަދާނެ ގޮތެއްވެސް ނެތެވެ. އިޒްޔާންއާ ގާތްވެގެން ނުވާނެކަން އެނގޭއިރުވެސް ގާތްވެވެނީއެވެ.

“ތޭންކްސް. މިހާރު ޤަބޫލުކޮށްފިން މާފުކޮށްފިކަމަށް. ދެން ހިނގާ އަވަހަށް މަސައްކަތް ނިންމަން.” އާޝިޔާ އެއްޗެއް ނުބުނެ އެހުރިގޮތަށް ހުރުމުން ދެންވެސް ވާހަކަދެއްކީ އިޒްޔާންއެވެ. ވެއްޓިފައި އޮތް ފޮތިގަނޑު ހިފައިގެން އިޒްޔާން ހަރުގަނޑަށް އެރިއެވެ. ހުރިހާ ފަންކާއަކާއި ސީލިންގެއް ފޮޅާ ސާފުކޮށްލިއެވެ. އަދި ހުރިހާ ކުޑަދޮރެއްވެސް ފޮހުނީ އިޒްޔާންއެވެ. އިޒްޔާންއަށް އެންމެ އުނދަގޫވީ ލައިބްރަރީ ސާފުކުރާށެވެ. ލައިބްރަރީ ސާފުކޮށް ނިންމާފައި ނުކުތްއިރު އާޝިޔާ އެއޮއް ބޮޑު ގެ އެއްކޮށް ފޮޅާ މޮޕްޖަހާ ނިންމާލައިފިއެވެ. އާޝިޔާގެ އަތްމަތި އަވަސްކަމާއި މުރާލިކަން އިޒްޔާންއަށް ފާހަގަކުރެވުނެވެ. އާޝިޔާ ލައިބްރަރީގައި މޮޕްޖަހަން ހުއްޓާ އީނާއާއި ރީނާ އައެވެ.

“އަނހާ. ކޮއްކޮމެންނަށް ހޭލެވުނީ ދޯ؟ އާދޭ ބޮޑުބެއާއެކު. އާޝިޔާއްތަ އަންނާނެ ފަހުން.” އިޒްޔާން ދެކުދިން ގޮވައިގެން ދަމުން އާޝިޔާއަށް ބަލާލިއެވެ. އިޒްޔާންގެ އެބަލާލުމުން އާޝިޔާއަށް މިއަދު ލިބެމުންދަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އެނަޒަރުން ގާތްކަމާއި އޯގާތެރިކަން ލިއްބައިދެއެވެ.

މެންދުރުގެ ކެއުން ނިންމާފައި އެންމެން ރޭވީ އަންނަ ހުކުރުގައި ހުޅުމާލެއަށް ދާށެވެ. އަޒްފާގެ އެއްބަނޑު ރިޔާޝާ ކިޔާވަރުންނެވެ. މިހާރު އެކޮޅަށް ނުދެވޭތާވެސް ވަރަށް ދުވަސްވެއްޖެއެވެ. އިޒްޔާން އިނީ ސިޓިންގރޫމުގައި ދެކުދިންނާއެކު ކުޅޭށެވެ. އެވަގުތު ބެލް އަޅާލި އަޑަށް އިޒްޔާން ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ މިލީއާއި އޭނާގެ ދަރިފުޅު އިވާންއެވެ. އީނާއާއި ރީނާ ފެނުމާއެކު އިވާން އުފަލުން އެތެރެއަށް ދުއްވައިގަތެވެ.

“މިލީ! އާދޭ އެތެރެއަށް. ކޮބާ ލޫތު؟ ނާދޭތަ؟” އިޒްޔާން މިލީ ވަންނަން ތަން ދައްކަމުން އަހާލިއެވެ.

“އާނ. ލޫތު ވީ ޔާމީންމެން ގެއަށް ކުލަލާން ގޮސް. ކޮބާ އާޝިޔާއްތަ؟” މިލީ އިޒްޔާންގެ ސުވާލަށް ޖަވާބުދެމުން އަހާލިއެވެ.

“ބަދިގޭގަ.” އިޒްޔާންގެ ޖަވާބު ލިބުމުން މިލީ ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. މިލީ ގޮސް ބަދިގެއަށް ވަތްއިރު އާޝިޔާ އުޅެނީ ތަށިތައް ދޮންނާށެވެ.

“އާޝިޔާއްތާ! ހާދަ ލަހުން ކެއި ދުވަހެއް.” މިލީ އަހާލިއެވެ.

“އަނހާ މިލީ. ކޮންއިރަކު އައީ؟ މީ ކޮއްކޮމެން ކެއި ތަށިތައް. އެނގެއެއްނު އެކުދިންގެ ކެއުން ހުންނަ ގޮތް.” އާޝިޔާ ތަށި ދޮންނަމުން ބުނެލިއެވެ.

“ހަމަ ދެންމެ މިއައީ. މި އިވާން މިގެއަށް އަންނަން އުޅޭވަރުން މިއައީ. އިވާން ހުންނަނީ މިހާރު ވަރަށް އުފާވެފަ. ތޭންކްސް.” މިލީ އެހެން ބުނެލަމުން އައިސް އާޝިޔާއާ ބައިވެރިވެގެން ތަށި ދޮންނަން ފެށިއެވެ.

“ޝުކުރު އަދާކުރާވަރުގެ ކަމެއް ކޮށްދެވިއްޖެތަ؟ މިލީގެ ދައްތައެއް ހުރިނަމަވެސް ހަމަ މިގޮތަށް ދޯ ކަންތައް ކޮށްދޭނީ.” އާޝިޔާ އެހެން ބުނެލުމުން މިލީގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

“ކިހިނެއްވީ؟ އަނެއްކާ އަހަރެންނަށް ގޯސް އެއްޗެއްތަ މިބުނެވުނީ؟” އާޝިޔާ ދޮވެދޮވެ ހުރި ތަށިތައް ބަހައްޓާފައި މިލީ ގޮވައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. އޭރު ހަމަ ރަނގަޅަށްވެސް މިލީއަށް ރޮވިއްޖެއެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް މިލީ ފޮހެލިއެވެ.

“އާޝިޔާއްތަގެ ވާހަކައިން ދޮންތަ މަތިން ހަނދާންވީ.” މިލީ އޭނާގެ ދޮންތަގެ ވާހަކަ ބުނުމުން އާޝިޔާ ވަރަށް ޝައުޤުވެރިވިއެވެ. އަދި އިތުރަށް އެވާހަކަތައް އަހަން ބޭނުންވިއެވެ.

“ކޮބާ މިލީގެ ދޮންތަ؟” އާޝިޔާ ވަރަށް ޝައުޤުވެރިކަމާއެކު އަހާލިއެވެ.

“ނޭނގެ ވީތަނެއް. އަދިވެސް ނުފެނޭ. ވަރަށް ހޯދައިފިން.” މިލީ ދެރަވެލާފައި ބުނެލިއެވެ. މިލީގެ ވާހަކަތަކުން އާޝިޔާގެ ހިތުގެ ހިނގުން އަވަސްވިއެވެ.

“ކޮން ނަމެއް މިލީގެ ދޮންތައަށް ކިޔަނީ؟” އާޝިޔާ އަވަސްއަވަހަށް އަހާލިއެވެ.

“މާހީ!” މިލީ ބުނެލި ނަން އަޑުއިވިފައި އާޝިޔާއަށް ހީވީ އޭނާގެ ވަށައިގެންވާ މާހައުލު އެނބުރިގަތްހެންނެވެ. ކޮޅަށް ހުންނަން ދަތިވުމުން އަވަހަށް ގޮނޑީގައި އިށީނެވެ.

އާޝިޔާއަށް ބުނާނެ އެއްޗެއް ނުވިސްނުނު ތާނގައި އަންގައިން ބަހެއްވެސް ބޭރުކޮށްނުލެވުނެވެ. އެނގިގެން ދިޔަ ހަޤީޤަތުން އޭނާގެ ދުލުގައި ތަޅެއް ލެވިގެން ދިޔައެވެ. އެތައް އަހަރުތަކަކަށްފަހު ކޮއްކޮއާ ބައްދަލުވުމުން ލިބެންވާ ހަޤީޤީ އުފަލެއް އާޝިޔާއަކަށް ނުލިބުނެވެ. އެންމެ ކުޑަމިނުން މިއީ މިލީގެ ދޮންތައޭ ބުނެލެވެން ނެތެވެ. އާޝިޔާގެ ހިތަށް ކުރާ އަސަރުން އެހިތް ކުދިކުދިވާހެން ހީވެއެވެ. މިއަދު މިދުނިޔޭގައި އާޝިޔާވަރުގެ ބަދުނަސީބުވެރިއެއް ވާނެ ހެއްޔެވެ؟ އެންމެ ލޯބިވާ ދެމީހުންނަށްވެސް ހަޤީޤަތް ސިއްރުކުރަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އާޝިޔާ އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެފައި އިނުމުން މިލީ އާޝިޔާގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. އާޝިޔާ ވަރަށް އުނދަލުން އެބަ އަންނަމޭ ބުނެފައި އަވަސްއަވަހަށް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ.

“ކީއްވެ އާޝިޔާ އެދިޔައީ؟” ދޮރުން ވަދެގެން އައި އަޒްފާ އަހާލިއެވެ.

“ނޭނގެ ކީއްކުރަން ކަމެއް. އެބަ އަންނަމޭ ކިޔާފަ އެދިޔައީ.” މިލީގެ ލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. ރުއިމުގެ ސަބަބުން އަޑު ކުރެހިފައި ހުރުމުން އަޒްފާއަކަށް އެކަމެއް ސިއްރެއް ނުކުރެވުނެވެ.

“މިލީ ރޮނީތަ؟ އަނެއްކާ އާޝިޔާ އެއްޗެކޭ ކީތަ؟” އަޒްފާ ހާސްވެފައި އައިސް ގޮނޑީގައި އިށީންނަމުން އަހާލިއެވެ.

“ނޫން. އާޝިޔާއްތަ އެއްޗެކޭ ނުކިޔާ. އާޝިޔާއްތައާ ވާހަކަދައްކާލީމަ އަހަރެންގެ ގެއްލުނު ދޮންތަ މަތިން ހަނދާންވީ.” މިލީ ބުނެލިއެވެ.

“މިލީގެ ދޮންތަވީ ގެއްލިފަތަ؟ ދެން ކީއްވެ ޕޮލިހަށް ނޭންގީ؟” އަޒްފާ ހައިރާންވެފައި އަހާލިއެވެ. އަޒްފާގެ ވާހަކަ އަޑުއިވިފައި މިލީ ހާސްވިއެވެ. މިދެއްކެނީ ކޮން ވާހަކައެއްކަން އޭނާއަށް އިހުސާސްވީ އެހިސާބުންނެވެ.

“ޕޮލިހުންވެސް ހޯދި. އެކަމަކު ނުފެނުނު. މިހާރު ނިންމައިގެން މިތިބީ ދޮންތަ ދުނިޔޭގަ ނެތީކަމަށް.” މިލީ އެހެން ބުނުމުން އަޒްފާ ހިތްވަރުދިނުމުގެ ގޮތުން މިލީގެ ބޮލުގައި ފިރުމާލިއެވެ. އެކި ވާހަކައިގައި ދެމީހުން ތިބެފައި ބަންޤި ގޮވުމުން އަޒްފާ ކޮޓަރިއަށް ދިޔައީ ނަމާދުކުރާށެވެ. މިލީ ނުކުތްއިރު އިޒްޔާން ފެންނާކަށް ނެތެވެ. ހުރިހާ ކުދިން ތިބީ ކުޅިވަރަށް ގެއްލި ހުސްވެފައެވެ. އާޝިޔާ ނުކުތީ އެވަގުތުއެވެ. އޭރު މިލީވެސް އިވާން ގޮވައިގެން ގެއަށް ދާން ތައްޔާރުވަނީއެވެ.

“އާޝިޔާއްތާ! ދަނީއޭ. އަވަހަށް އާޝިޔާއްތައާ ސަލާމްކޮށްލާ.” މިލީ ދިއުމުން އާޝިޔާ ދެކުދިން ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަޞްރު ނަމާދުކޮށްގެން ދެކުދިން ގޮވައިގެން ދުއްވާލަން ދާނެކަމަށް އިޒްޔާން ވަނީ ބުނެފައެވެ. އިޒްޔާން އައިއިރު އާޝިޔާ ހުރީ ދެކުދިން ތައްޔާރުކޮށްގެންނެވެ. އިޒްޔާން އެދުނީ އާޝިޔާވެސް އެމީހުންނާއެކު ދިއުމަށެވެ. ދާން ބޭނުންނުވިޔަސް އީނާއާއި ރީނާ ކިޔަން ފެށުމުން އެމީހުންނާއެކު ދާން އާޝިޔާ އެއްބަސްވިއެވެ.

ޖެހިގެން އައި ދުވަހު ސައި ބޮއިގެން އާޝިޔާއާ އަޒްފާ ތިބީ ކުދިން ގޮވައިގެން ޓެރަސްގައެވެ. އެވަގުތު އިޒްޔާން އައިސް ވަތްތަން ފެނުނެވެ.

“ޔާން! މިގަޑީ ކިހިނެއްވީ؟” އަޒްފާ އަހާލިއެވެ.

“މިއައީ ޑޭޑް ގުޅައިގެން. ހޮޓެލްގެ ސިލްވަރ ޖުބްލީއަށް ތައްޔާރުކުރަން އިޒް އެކޮޅުގަ މަޑުކުރާށޯ ޑޭޑް ބުނީ.” އިޒްޔާން އެހެން ބުނަމުން އާޝިޔާއަށް ބަލާލިއެވެ. މިހާރު އާޝިޔާ ނުފެންނަ ހިސާބަށް ދާން އިޒްޔާން ބޭނުމެއްނުވެއެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި އިޒްޔާން އަތުކުރި އޮޅާލީ ވަރުގަދަ އަޒުމެއްގައެވެ. އަޒްފާއާ ވާހަކަދައްކާލަން އިރުކޮޅަކު ހުރެފައި އިޒްޔާން ދާން ހިނގައިގަތެވެ. އިޒްޔާން ލޯމަތިން ގެއްލެންދެން އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އާޝިޔާއަށް ހުރެވުނެވެ. އިޒްޔާން ކުއްލިއަކަށް ދާންޖެހުންވީ އާޝިޔާއަށް ކެތްކުރަން ދަތިވި ކަމަކަށެވެ. ކުޑަމިނުން އިޒްޔާން ދަނީ ކިތަށް ދުވަހަށްކަމެއްވެސް އާޝިޔާއަކަށް ނޭނގެއެވެ. އަހާލަންވެސް ނުކެރިފައި ރެއިލިންގެ ދަގަނޑުގައި ބާރަށް ހިފަހައްޓާލައިގެން އާޝިޔާއަށް ހުރެވުނީއެވެ.

އާޝިޔާގެ އަރާމު ނިދި ގެއްލި ހިމޭންކަން އޭނާ ވަށާލައިފިއެވެ. އިޒްޔާން ނުފެނި ދާ ކޮންމެ ސިކުންތެއް އާޝިޔާއަށް ހީވަނީ ޤަރުނެއްހެންނެވެ. ޚާއްސަކޮށް ފަތިހުގެ ކޮފީ ގަޑި މަތިން ހަނދާންވެ އާޝިޔާއަށް ރޮވޭގޮތްވިއެވެ. އިޒްޔާންދެކެ މިހާ ލޯބިވާއިރު އިޒްޔާންއާ ދުރުގައި އާޝިޔާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ އާޝިޔާއެކޭ އެއްގޮތަށް އިޒްޔާންވެސް ވަގުތުތައް ގުނަމުންދަނީ ބޭޤަރާރުކަމާއި އެކުގައެވެ.

ހަފްތާއެއް ވޭތުވެދިޔައިރު އިޒްޔާންއަށް ކެތްކުރެވެނީއެއް ނޫނެވެ. ގެއަށް ނުދެވޭތީ އާޝިޔާގެ އަޑު އަހާލާ ހިތުން ގެއަށް ގުޅަން ފެށުނެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ފޯނު ނަގަނީ އިޒްޔާންގެ މަންމައެވެ. ކޮންމެގޮތެއްވިޔަސް މިކަން ނުނިމެނީސް އިޒްޔާންއަށް ގެއަށް ދެވޭކަށްވެސް ނެތެވެ. ބަރާބަރު ދެމަސްވެގެން ދިޔައީ އިޒްޔާންގެ ހިތަށް ކެތްކުރަން ދަތި އިހުސާސްތަކެއްގައި ބޭޤަރާރުކަމާއެކު ދުވަސްތައް ގުނަގުނާ ހުއްޓައެވެ.

އާޝިޔާގެ ކަމަކީ އިޒްޔާންގެ ހަނދާންތައް އާކޮށްކޮށްފައި ރުއިމެވެ. އޭނާއަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބެނީ އީނާއާއި ރީނާއާއެކު ހޭދަކުރެވޭ ވަގުތުތަކުގައެވެ. އެވަގުތުތަކުގައިވެސް އިޒްޔާން އެކުދިންނާއެކު ކުޅެން އުޅޭގޮތް ހަނދާންވެ ހިތް ތަޅުވައެވެ. އާޝިޔާއަށް އެންމެ ބޮޑަށް އިޒްޔާންގެ ހަނދާންތައް އާވަނީ މިލީއާ ދިމާވާ ވަގުތުތަކުގައެވެ. މިލީއަކީ އޭނާގެ ކޮއްކޮކަން އެނގުނުފަހުން އާޝިޔާ އިވާންވެސް ގެންގުޅެނީ އަމިއްލަ ދަރިއެއްހެންނެވެ. އެތައް ދުވަހަކަށްފަހު އާޝިޔާއާއި މިލީ ފުރަތަމަ ދިމާވީ ދަތުރުދިޔަ ދުވަހުއެވެ. މިހާރު އެގުޅުން ބަދަހިވެގެން ގޮސްފައިވަނީ ފެންނަ ކޮންމެ މީހަކަށްވެސް އެއީ ދެބެންނޭ ނުބުނެވި ނުދާނެހެންނެވެ.

ހެނދުނު ހެނދުނާ އާޝިޔާ ބަދިގޭގައި އުޅެނިކޮށް ފަހަތުން އިޒްޔާންގެ އަޑުއިވުމުން ސިހިފައި ބަލާލިއެވެ. މިއަދު އިޒްޔާން ފެންނަނީ ވަރަށް ވަރުބަލިކޮށެވެ. ކޮފީއެއް ގެންނަން ބުނެފައި މަޑުވެސްކޮށްނުލާ އިޒްޔާން ދިއުމުން އާޝިޔާ ހައިރާންވިއެވެ. މިއޮއްހާ ދުވަހު އޭނާއަށް މިކުރެވުނު އިހުސާސްތަކަކީ ވަހުމެއްބާއޭ އާޝިޔާގެ ހިތަށްއެރިއެވެ. ކޮފީ ހިފައިގެން ދިޔައިރު އާޝިޔާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ސޯފާގައި އުޑުތިލަމަތިން ދެލޯ މަރައިގެން އިޒްޔާން އޮތެވެ. އާޝިޔާ ތުރުތުރުލާ ހާލު ކޮފީތަށި މޭޒުމަތީ ބަހައްޓަން އުޅުނު ވަގުތު ފަހަތުން އައި އީނާ އާޝިޔާ ގައިގައި ޖެހިގަތެވެ.

“އާހް…” ސިހުނުވަރުން އާޝިޔާއަށް ހަޅޭއްލަވައިގަނެވެ. އާޝިޔާގެ އަޑަށް އިޒްޔާން ސިހިފައި ލޯހުޅުވާ ބަލާލިއެވެ. އޭރު އާޝިޔާ އަތް ފޮޅަމުން ތެދުވަނީއެވެ. އީނާ ޖެހިގަތުމުން ހޫނު ކޮފީތަށި އާޝިޔާގެ އަތަށް ބަންޑުންވީއެވެ. އިޒްޔާން ފުންމައިގެން ތެދުވެ އާޝިޔާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ކުއްލިއަކަށް އާޝިޔާ އަތް ދަމައިގަތެވެ. އެވަގުތު އިޒްޔާން ލޯއަޅާލުމުން އާޝިޔާ ހިމޭންވިއެވެ. އިޒްޔާން އާޝިޔާގެ އަތުގައި ހިފައިގެންގޮސް ޒިންކު އިސްކުރު ދަށަށްލާ ފެންއަޅަން ފެށިއެވެ.

“އަދިވެސް ނުދައްކަން އުޅޭތި.” އާޝިޔާގެ އަތަށް ފެންއަޅަމުން އިޒްޔާން ވާހަކަދެއްކީ ނުރުހިފައެވެ. “ކިހިނެއް ހަދަން އުޅެ ކޮފީތަށި އަތަށް ބަންޑުންވީ؟ މިއޮއް ރީތި އަތަށް ގޮތެއް ވެއްޖެއްޔާ މިހިތް ހަލާކުވެދާނެއެއްނު.” އާޝިޔާ ގެންގޮސް ގޮނޑިއެއްގައި ބައިންދާފައި އިޒްޔާން ދިޔައީ ބޭސްފުޅި ބަލައެވެ. ބޭސްފުޅި ހިފައިގެން އައިއިރުވެސް އާޝިޔާ އެއިންގޮތަށް އިނެވެ. އާޝިޔާ އަތަށް ކޮފީތަށި ބަންޑުންވުމުން ދެކުދިންވެސް ތިބީ ވަރަށް ދެރަވެފައެވެ. އެއީ އެއްވެސް ކަމެއްނޫންކަމަށް ބުނެ ވިސްނައިދިނުމަށްފަހު އިޒްޔާން އެދެކުދިން އަޒްފާ ގާތަށް ފޮނުވާލިއެވެ. ބޭސް އުނގުޅަމުން ދިޔައިރު އާޝިޔާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އެބޭހުގެ ދިލައަށްވުރެ އޭނާގެ ހިތުން ނަގާ ދިލަ ހޫނު މާބޮޑެވެ. އިޒްޔާންގެ އިނގިލިތައް އެއަތުގައި ބީހެމުންދާއިރު އެލިބެމުންދާ އަރާމަކުން އާޝިޔާގެ ދެލޯ މެރިގެންދިޔައެވެ. ކުއްލިއަކަށް އިޒްޔާން ކޮށްލި ކަމަކުން އާޝިޔާ ސިހިފައި ލޯހުޅުވާލިއެވެ.

(ނުނިމޭ)

31
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އިންތިހާޔަށް (10ވަނަ ބައި)

Next

އެވިއްސާރަ ރޭ… ތިންވަނަބައި

Next
January 11, 2017

އެވިއްސާރަ ރޭ… ތިންވަނަބައި

Previews
January 10, 2017

އިންތިހާޔަށް (10ވަނަ ބައި)

36 Comments

  1. Annu says:
    January 10, 2017 at 9:38 pm

    Anehkkaa dhaiy elhee tha ???

    1. Saandy says:
      January 10, 2017 at 10:13 pm

      ހެހެހެ… ވެދާނެ ހަމަ

  2. im says:
    January 10, 2017 at 10:06 pm

    aslu alhugadaky mihen kiya vaahaka thaka comment kuraa meehei noon but mi vaahaka aky v reethi vaahaka veema commente dhenan mi story v reethi waiting 4 next part inshaa allah

    1. Saandy says:
      January 10, 2017 at 10:14 pm

      ޝުކުރިއްޔާ އައިމް! އިރާދަކުރެއްވިއްޔާ މާދަމާ 14ވަނަ ބައި ގެނެސްދޭނަން

  3. imin says:
    January 10, 2017 at 10:26 pm

    Vvv rythi stry…tnx fr da awesome stry…saandy ge hiyyvarah faffashun shukuru…??

    1. Saandy says:
      January 11, 2017 at 7:24 am

      ޝުކުރިއްޔާ އައިމިން

  4. Hal says:
    January 10, 2017 at 10:36 pm

    I guess I know what will happened it ??

    1. Saandy says:
      January 11, 2017 at 7:25 am

      ހެހެހެ ހަލް

  5. Fathumadi says:
    January 10, 2017 at 11:42 pm

    Mi vaahaka asluves v salhi…??

    1. Saandy says:
      January 11, 2017 at 7:25 am

      ޝުކުރިއްޔާ ފާތުމާދީ

  6. Sweetie says:
    January 10, 2017 at 11:44 pm

    Athugai thunfaiy jassaalee.

    1. Saandy says:
      January 11, 2017 at 7:26 am

      ހެހެހެ ސްވީޓީ

  7. Naadhee says:
    January 11, 2017 at 12:36 am

    V reethi. dhen kihineh baa vaanee v hiyy thelhey

    1. Saandy says:
      January 11, 2017 at 7:26 am

      ޝުކުރިއްޔާ ނާދީ

  8. hyyyyl says:
    January 11, 2017 at 12:52 am

    habeys hama Alhe dhn kon irakunbaa aashiyaa mee malakaa kann izyaanah igeyny …. waiting waitin ??

    1. Saandy says:
      January 11, 2017 at 7:27 am

      ޝުކުރިއްޔާ ހީލް

  9. shifu says:
    January 11, 2017 at 6:41 am

    Story varah varah salhi. Keep it up sandy

    1. Saandy says:
      January 11, 2017 at 7:27 am

      ޝުކުރިއްޔާ ޝިފޫ

  10. NAAZ says:
    January 11, 2017 at 7:46 am

    mashaa allah…v reethi

    1. Saandy says:
      January 11, 2017 at 8:32 am

      ޝުކުރިއްޔާ ނާޒް

  11. liyaa says:
    January 11, 2017 at 8:06 am

    story v v nice eingy saandy.

    1. Saandy says:
      January 11, 2017 at 8:32 am

      ޝުކުރިއްޔާ ލިޔާ

  12. Lwbi says:
    January 11, 2017 at 9:20 am

    V habbu mi story. .. maasha allah. .. keep it up Saandy. . ?

    1. Saandy says:
      January 11, 2017 at 5:47 pm

      ޝުކުރިއްޔާ ލޯބި

  13. Anonymous says:
    January 11, 2017 at 9:34 am

    woww… inthizaaruga mi hunjnany mi vaahaka kiyan libeyne irakah.. waiting for anothr part,,..

    1. Saandy says:
      January 11, 2017 at 5:48 pm

      ޝުކުރިއްޔާ އެނޮނީމަސް! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލަދޭނަން

  14. Naadhee says:
    January 11, 2017 at 1:31 pm

    Saandy story up koh dheeba plx v kiyaa hithun miulhenee

    1. Saandy says:
      January 11, 2017 at 5:49 pm

      ޝުކުރިއްޔާ ނާދީ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލަދޭނަން

  15. Same says:
    January 11, 2017 at 3:39 pm

    V reethi, maashaALLH..

    1. Saandy says:
      January 11, 2017 at 5:49 pm

      ޝުކުރިއްޔާ ސޭމް

  16. me says:
    January 11, 2017 at 4:29 pm

    kon irakun up vanii story

    1. Saandy says:
      January 11, 2017 at 5:50 pm

      މީ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލަދޭނަން

  17. athy says:
    January 11, 2017 at 8:30 pm

    Nice story

    1. Saandy says:
      January 11, 2017 at 10:34 pm

      ޝުކުރިއްޔާ އަތީ

  18. Shaa says:
    January 11, 2017 at 10:07 pm

    Alhe avahah up kohba story. V reethi mi bai ves.

    1. Saandy says:
      January 11, 2017 at 10:41 pm

      ޝުކުރިއްޔާ ޝާ! މިހާރު އަޕްކޮށްފަ އިންނާނީ

Comments are closed.

All Right Reserved!