Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (7ވަނަ ބައި)

Saandy
January 4, 2017
8 Mins Read
64 Views
20 Comments

ހެދުން އިސްތިރިކޮށް ކޮނޑުގައި އަޅުވަން އުޅެނިކޮށް މީހަކު ދޮރު ލައްޕި އަޑަށް އެނބުރި ބަލާލެވުނެވެ.

**********

ކުއްލިއަކަށް އިޒްޔާން ސިހުނީ މީހަކު ފޮތުގައި ހިފާ ދަމައިގަތުމުންނެވެ. އިޒްޔާންއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. އެފޮތް އޭނާ ނޫން އިތުރު މީހަކު ކިޔާކަށް އޭނާއެއް ނޭދެއެވެ. އިޒްޔާން ޤަބޫލުކުރާ ގޮތުގައި މަލަކާ އެފޮތް އޭނާއާ ހަވާލުކުރާނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެވެ.

“އޭތް!” އިޒްޔާން ސިހުނުވަރުން ގޮވާލެވުނީ ވަރަށް ބާރަށެވެ. އިޒްޔާންގެ އަޑަށް ދާއިން ސިހުނެވެ. ނަމަވެސް އޭނާ އެފޮތް ދޭކަށް ނޫޅެއެވެ.

“ލޯ ފޮހެފޮހެފަ މާވަރަކަށް ތިކިޔަނީ މީގަ ކޮން އެއްޗެއް އޮތީމަތަ؟ މަވެސް ބަލާލަން ބޭނުމޭ މީގަ ލިޔެފަ އޮތީ ކޮން އެއްޗެއްތޯ.” ދާއިން މިހެން ބުނެފައި ފޮތް ހުޅުވާލަން އުޅުމުން އިޒްޔާން ފުންމައިގެން ތެދުވިއެވެ.

“ނޫން. ތިފޮތް ނުހުޅުވާތި! ހަމަ މިހާރު ތިފޮތް ގެނޭ! އަޑުއިވޭތަ އެބަ؟ ތި ދޭށޭ!” ފޮތް ހުޅުވަން އުޅެފައިވެސް އިޒްޔާންގެ އަޑަށް ދާއިންއަށް ހުއްޓެވުނެވެ. އިޒްޔާން އެހާ ސީރިއަސްވެފައި ހުއްޓާ މީގެކުރިން ދާއިންއަކަށް ފެނިފައެއް ނުވެއެވެ. ދާއިން އަވަސްއަވަހަށް ފޮތް ދިއްކޮށްލިއެވެ.

“އެހެންނު ވާނީ. ކޮޓަރިއަށް އައިސް ވަތްއިރުވެސް އޮތީ ތިފޮތް ކިޔަން. ފެންވަރައިގެން ނުކުމެ ގޮސް ކައިގެން އައިއިރުވެސް ތިއޮތީ ހަމަ ތިކަމުގަ. ނޭފަތް ދަމަމުން ކަރުނަ ފޮހެމުން ތިކިޔާ އެއްޗެއް މަވެސް ބަލާލާ ހިތްވީ. ސޮރީ އިނގޭ.” ދާއިން އައިސް އެނދުގައި އިށިނެވެ. އިޒްޔާން ހިންދިރުވާލަމުން ފުން ނޭވައެއް ބޭރުކޮށްލިއެވެ.

“މީ ކޮއްކޮއާ ބެހޭ ފޮތެއް ނޫން. އަދި ބުނަން. މަންމަ ގާތު މިވާހަކަ ނުބުނާތި!” އިޒްޔާން އެހެން ބުނީ ކިރިޔާ ކަމެއްވާއިރަށް މަންމަ ގާތުގައި ބުނުމަކީ ދާއިންގެ އާދައަކަށްވާތީއެވެ. “ހޫމް”އެކޭ ބުނެ ހަމަޖެހިލައިގެން ދާއިން އެނދުގައި ޖައްސާލިއެވެ.

އިރުއޮއްސުނުއިރުވެސް އިޒްޔާންއަށް އެފޮތުން އިތުރު ތަންކޮޅެއް ކިޔާލެވޭ ގޮތެއް ނުވިއެވެ. މަންމަ ގޮވާވަރުން ނޯވެވިގެން ގޮސް ކައިގެން އައިއިރު ދާއިން އޮތީ ލެޕްޓޮޕުން ފޭސްބުކަށް ވަދެއެވެ. އެހެންކަމުން އިޒްޔާންވެސް ޖައްސާލީއެވެ. ރޭ ހަތަރުދަމު ނުނިދާ އުޅުމުގެ ސަބަބުން ޖައްސާލިއިރަށް ނިދިއްޖެއެވެ. ދެން ހޭލެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ހޭލާފައި ބަލާލިއިރު ދާއިންއެއް ކޮޓަރިއަކު ނެތެވެ. އިޒްޔާން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އެވަގުތު ފޮތް މަތިން ހަނދާންވުމުން އިޒްޔާން އަވަސް އަވަހަށް ބާލީސް ހިއްލާލާ ބަލާލިއެވެ. އެތާގައި ފޮތް ނެތުމުން އިޒްޔާން ހާސްވިއެވެ. މުޅި ކޮޓަރި ބެލިއިރުވެސް އެފޮތެއް ނުފެނުނެވެ. އެންމެފަހުން އަލަމާރީގައި ހުރި ހުރިހާ އެއްޗެއްވެސް ނަގާފައި ބެލިއެވެ.

“އަނެއްކާ އެފޮތް ގެންދިޔައީ ކާކުބާ؟” އިޒްޔާން މަޑުމަޑުން ކިޔާލިއެވެ. އިޒްޔާން ހާސްކަންމަތީ ހުއްޓާ ދާއިން އައިސް ވަނެވެ. އިޒްޔާން ހުރިގޮތް ފެނިފައި ދާއިންއަށް ވިސްނުނެވެ. ހިނިތުންވެލަމުން ދާއިން ގޮދަޑި ހިއްލާލާފައި ފޮތް ނެގިއެވެ.

“މިހާ އަގުބޮޑެތި މުދާ މީހުންނަށް ފެންނާނެހެން އުކާލާފަ ބަހައްޓަން ނުވާނެތީ ފޮރުވާފަ މިދިޔައީ. ހާސްނުވޭ. އަހަރެން ތީގެން އެއްވެސް ތަންކޮޅެއް ނުކިޔަން.” އިޒްޔާންގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. އިޒްޔާން ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ނިންމީ އޭނާގެ ބައްޕަގެ ހޮޓަލަށް ދުވަސްކޮޅަކަށް ބަދަލުވުމަށެވެ. އޭރުން އެއްވެސް ބިރުވެރިކަމެއްނެތި އޭނާގެ މަލަކާގެ އަމާނާތް ބެލެހެއްޓޭނެއެވެ. އަދި އެފޮތް ކިޔާއިރު އެއްވެސް އުނދަގުލެއް ނުވާނެއެވެ. އިޒްޔާން މިހާރު ބޭނުންވަނީ ކިޔަން ފަށާގޮތަށް އެއްފަހަރާ އެފޮތް ނިންމާލާށެވެ.

އިޒްޔާން އޭނާގެ މަންމަގެ ހުއްދަ ހޯދައިގެން ހަމަ އެރޭ ހޮޓަލަށް ބަދަލުވިއެވެ. އަޒްފާ ހުއްދަދިނީ އިޒްޔާންގެ ހިތްހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. އިޒްޔާން އޭނާގެ ބައްޕަގެ ހޮޓަލަށް ބަދަލުވުމުން އެހޮޓަލުގެ މެނޭޖަރަށް ގުޅައިގެން އިޒްޔާންގެ ހުރިހާ ކަމެއް ވަރަށް ފަރުވާތެރިކަމާއެކު ބެލުމަށް އެންގިއެވެ. އަދި ވާނުވާ އޭނާއަށް އެންގުމަށްވެސް ބުންޏެވެ.

އިޒްޔާންއަށް ހޮޓަލަށް ދެވުމާއެކު އަވަހަށް ބެލީ އެފޮތުން ބައެއް ކިޔާލެވޭތޯއެވެ. ސޯފާގައި ހަމަޖެހިލަމުން ރިސެޕްޝަނަށް ގުޅާފައި ކޮފީ ގެނެސްދޭން ބުނެލިއެވެ. ފޮތަށް ބަލާލަމުން އިޒްޔާން ވިސްނާލިއެވެ.

“މަލަކާގެ ބައްޕަ ކޮބައިބާ؟ އޭނާގެ ދެދަރިން ތިބިކަން ހަމަ ނޭނގެނީބާ؟” މަލަކާއާއެކު ވިސްނާލުމުން އިޒްޔާންގެ ހިތަށް ތަދުވިއެވެ. މަލަކާއާމެދު ކަންތައް ކުރެވުނު ގޮތުން ދެރަވިއެވެ. އެއްވެސް ރަހުމެއްނެތި އޭނާގެ އަތުން މަލަކާއަށް އެލިބުނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ އިރުކޮޅަކުން ވެއިޓަރ އައިސް ކޮފީ ތަބައް ބެހެއްޓިއެވެ. އިޒްޔާން ޖޯޑަކަށް ކޮފީ އަޅާލުމަށްފަހު އެތިފޮދެއް ބޯލިއެވެ. ދެން ފޮތް ހުޅުވާ ކިޔަންފެށިއެވެ.

**********

އަހަރެން ފަސްއެނބުރި ބަލާލިއިރު ވަދެގެން އައީ ސަލްމާއްތަގެ ފިރިމީހާ ޒުހެއިރުބެއެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމުގައި ހިތަށް ވިސްނައިދިނީމެވެ. ޒުހެއިރުބެއަކީ އެވައްތަރު މީހެއް ނޫނެވެ. އެގޭ އެހެން އުޅުނަސް ޒުހެއިރުބެ ދުވަހަކުވެސް އެހެނެއް ނޫޅެއެވެ. ޒުހެއިރުބެ އައިސް ނިމުނީތޯ އަހާލިއެވެ. އަދި ސަލްމާއްތަ ކޮބައިތޯ އަހާލިއެވެ. ސަލްމާއްތަ ވީ ކުޅިވަރު ބަލަން ގޮސް ކަމަށް ބުނެފައި ކޮޓަރިން ނުކުންނަން ދަނިކޮށް އޭނާ އަހަރެންގެ އަތުގައި ހިފިއެވެ.

“ކޮންތާކަށް ތިދަނީ؟ އާދެބަލަ މިތާ އިށީނދެ ވާހަކަ ދައްކާލަން.” އަހަރެންނަށް ކުއްލިއަކަށް އަތް ދަމައިގަނެވުނެވެ. އަވަސްއަވަހަށް ދޮރު ހުޅުވަން އުޅެނިކޮށް ޒުހެއިރުބެ އެއައިގޮތަށް އައިސް އަހަރެންގެ އުނަގަނޑުގައި ހިފާ ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. އޭރު ބިރުންގޮސް އަހަރެންގެ މޭގަނޑު އަނގައަށް އަންނަވަރު ވެއްޖެއެވެ. މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. އަހަރެން ތެދުވަން އުޅެނިކޮށް، އޭނަ އަހަރެންގެ ގައިމައްޗަށް ޖެހިގަނެ އަހަރެންގެ ދެއަތުގައި ހިފެހެއްޓިއެވެ.

“ހާދަ ބިރުން ތިއުޅެނީ. ބޭބެ ނޫޅެމޭ ތަދުކުރާކަށް. ބޭބެއަށް މާހީ ވަރަށް ރީތި. ވަރަށް ދުވަސްވެއްޖެ ބޭބެ ކެތްކުރާތާ. ދެން މިހާރު ބޭބެގެ ކަރުހިއްކުން ފިލުވާލަދީ. އެކަކަށްވެސް ނޭނގޭނެއޭ. ބިރުނުގަނެބަލަ.” ޒުހެއިރުބެގެ ވާހަކަތަކުން އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ.

“ދޫކޮށްލާ! ހެޔޮނުވާނެ. އަހަރެން ހިއެއްނުކުރަން ޒުހެއިރުބެ ތީ ތިކަހަލަ މީހެއް ކަމަކަށް. އަހަރެން ސަލްމާއްތަ ގާތު ބުނާނަން. ދޫކޮށްލާށޭ!” އަހަރެން ރޮމުން އާދޭސްކުރަމުން ދިޔައީމެވެ. އަހަރެންގެ ރުއިމަކުން ޒުހެއިރުބެއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ލާނެތް ހިނިގަނޑެއް ޖަހާލަމުން އޭނާ އަހަރެންގެ ކަރުދޮށަށް ގުދުވިއެވެ. އަހަރެން ދަނޑިވަޅު ބަލާފައި އޭނާގެ އަތުގައި ވަރަށް ބާރަށް ދަތްއެޅީމެވެ. “އައްދޯއި”އޭ ބުނަމުން އޭނާ އަތް ދަމައިގަތެވެ. އަހަރެން އަވަސްއަވަހަށް އެނދުގެ އަނެއްފަރާތުން ފައިބައިގެން ގޮސް ދޮރު ހުޅުވަން މަސައްކަތްކުރި ވަގުތު ދޮރު ހުޅުވުނެވެ. ދޮރުމަތީގައި ހުރީ ސަލްމާއްތައެވެ. ދެލޯ ބޮޑުކޮށްގެން ބަލަން ހުރިގޮތުން ފެންނަމުންދިޔަ މަންޒަރު އޭނާއަށް ޤަބޫލުކުރަން ދަތިވެފައި ހުރިކަން ހާމަވެއެވެ. އަހަރެންނަށް ބަލާލެވުނީ ފަހަތަށެވެ. އޭރު އަހަރެން ހިފަހައްޓަން ދުވެފައި އައި ޒުހެއިރުބެ ހުރީ ހުއްޓުން އަރާފައެވެ.

“ޒުހެއިރު!! އަހަރެން ހިއެއްނުކުރަން ޒުހެއިރު ތިފަދަ މުޑުދާރު އަމަލެއް ހިންގަފާނެ ކަމަކަށް.” ސަލްމާއްތައަށް ހުރީ ރޮވެން ކައިރިވެފައެވެ.

“ނޫން ސަލްމާ! ތިކުރެވެނީ ކުށްހީއެއް. އަހަރެން އެއްވެސް ގޮތަކަށް ނޫޅެން. ސަލްމާއަށް އެނގެއެއްނު އަހަރެން އެފަދަ ގޮތަކަށް ނޫޅޭނެކަން.” ޒުހެއިރުބެ އެހެން ބުނަމުން ސަލްމާއްތަގެ އަތުގައި ހިފިއެވެ. “ދޮގު ހަދާނެކަމެއް ނެތް.” ކުއްލިއަކަށް ސަލްމާއްތަ އަތް ދަމައިގަތެވެ. އެވަގުތު ޒުހެއިރުބެ ދޮގު މައްޗަށް އިތުރު ދޮގެއް ހެދިއެވެ.

“ސަލްމާއަށް އެނގޭތަ؟ ސަލްމާ ގޭގަ ނޫޅެއޭ ކިޔާފަ މި ގޮތެއްނެތް އަންހެންކުއްޖާ އައިސް މަގޭ ގަޔަށް ބޮލަށް އަރަންފެށީ. އޭނައަށް އަހަރެން ވަރަށް ކަމުދެޔޭ ކިޔައިގެން. މަ ނޫނެކޭ ކިޔާ އޭނަ ދުރުކުރަން އުޅުނިން. އެކަމަކު މަވެސް މީ ފިރިހެނެއްވިއްޔަ. އެކަމަކު ހަމަ ތެދެއް މިބުނީ. މަށެއް އޭނައަކާ ނުބެހެން.” ޒުހެއިރުބެ ހުރިހާ ކަމެއް އެޅުވީ އަހަރެންގެ ބޮލުގައެވެ. ސަލްމާއްތަ ބަލާލިގޮތުން އަހަރެންނަށް ރޮއިގަނެވުނެވެ. އަދި އެއީ ހުސް ދޮގުކަމަށް އަހަރެން ބުނީމެވެ. އެވަގުތު ބޮޑުދައިތަ އައިސް ވަދެ ވީކީއްތޯ އެހިއެވެ. ޒުހެއިރުބެ ވެގެން އުޅޭގޮތް ކިޔައިދިނުމުން ބޮޑުދައިތަ ރުޅިއައިސްގެން ހަޅޭއްލަވަންފެށިއެވެ.

“ގޮތްކުޑަ ކުއްޖާ! ހަޔާތް ކެނޑިގެން ތިއުޅެނީ ކީއްވެގެންތަ؟ އާނ އެހެންނު ވާނީ. އަމާވެސް އުޅުނީ އެފާޑަށް ވިއްޔަ. ބުނަން. ވަރަށް ކެތްކޮށްފިން. ކަލޭގެ ކަންތައް މިހާރު ތިދަނީ މާމައްޗަށް. މަށަށް ހީވަނީ ދެން ކަލޭ މިގޭގަ ބެހެއްޓުން ރަނގަޅެއް ނޫންހެން. ލައްކަ ދުވަހު ބެލެހެއްޓިއްޖެއެއްނު. ދެން ނުކުމެގެން ދާންއުޅޭ.” އެވަގުތު އަހަރެންގެ ހިތް ހީވީ ހުއްޓުނުހެންނެވެ. ހަދާނެގޮތެއް ބުނާނެ އެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާނެ އެކަކުވެސް އެގެއަކު ނޫޅޭނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން ގެއިން ނުނެރުމަށްއެދި ރޮއި އާދޭސްކުރީމެވެ. އަހަރެން ރޮއިރޮއި ހުއްޓާ ބޮޑުދައިތަ އެދިޔަގޮތަށް ގޮސް ކޮޓަރީގައިހުރި ހުރިހާ އަންނައުނެއް ކޮތަޅަކަށް އަޅާފައި އަހަރެންގެ އަތަށް ދިނެވެ. އަދި އަހަރެންގެ އަތުގައި ހިފާ ދަމަމުން ގެންގޮސް މަގުމައްޗަށް ހޫރާލިއެވެ. އަހަރެން ވެއްޓުނީ އަނގަ ވަތަށްކަމުން ޖެހުނު ގޮތަކުން އަނގަމަތި ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ.

އެވަގުތު ގޭ ކުރިމައްޗަށްހުރި ގޭ މީހުން ނުކުމެ ވެގެންއުޅެނީ ކީއްތޯ އެހިއެވެ. ބޮޑުދައިތަ ބުނީ އަހަރެން އެގޭ ފިރިހެނުން ގަޔަށް އަރަނީކަމަށެވެ. ގަތް ލަދެއްގެ ބޮޑުކަމުން އަހަރެން މިދުނިޔެއަށް ނައިނަމައޭ ހިތަށްއެރިއެވެ. ގެއްލޭކަހަލަ ޖާދުލެއް އެނގޭނަމައޭވެސް ހިތަށްއެރިއެވެ. ގެއިން ނެރެލީ އަހަރެން އެކަނިކަމަށް ހީކޮށް އަހަރެން ތެދުވެގެން ދާން އުޅުނު ވަގުތު ބޮޑުދައިތަގެ އަޑަށް ހުއްޓެވުނެވެ.

“އޭތް! ކޮންމެހެން މިކުއްޖާ ބަހައްޓާފަ ދާނެކަމެއް ނެތް. މީނަވެސް ގޮވައިގެން ދޭ!” އެހެން ބުނެފައި ކޮއްކޮ ގެނެސް އަހަރެން ގާތުގައި ބެހެއްޓިއެވެ. އޭރު އެންމެން ފާޑުފާޑު އެއްޗެހި ކިޔަމުންދާ އަޑުއިވެއެވެ. އަހަރެން ރޮމުން އަންނައުނު ކޮތަޅު ގަޔާ ބޮނޑިކޮށްލުމަށްފަހު ކޮއްކޮގެ އަތުގައި ހިފައިގެން ހިނގައިގަތީމެވެ.

އެދުވަހު އަހަރެން ވަރަށް ލަދުގަތެވެ. އަހަރެންގެ އެއްވެސް ކުށެއްނެތި މުޅި ރަށަށް އަހަރެން ބަދުނާމްކޮށްލުމުން ބޮޑުދައިތައާ ދޭތެރޭ ހިތްބަރުވިއެވެ. ހިތުގައި އެތައް ޝަކުވާތަކެއް ގިނަވިއެވެ. ދާނެ ތަނެއް ނޭނގި ހިނގަމުންދިޔައިރު ހިތަށް އެތައް އެއްޗެއް އަރަމުންދިޔައެވެ. އަހަރެން ދިޔައީ އަހަރެންގެ އަމިއްލަ ގެއަށެވެ. ގޯތިތެރެ އޮތްލެއް ހަޑިކަން ފެނުމުން އަހަރެން ވަރަށް ދެރަވިއެވެ. ބޮޑުދައިތަގެ ގެއަށް ދިޔަފަހުން އެންމެ ފަހަރަކުވެސް އަމިއްލަ ގެއަކަށް ނާންނަމެވެ. އަހަރެން ކޮއްކޮ ގެންގޮސް ޖޯލިފަތީގައި ބޭންދުމަށްފަހު ތަޅުގައި ހިފާލީ ދޮރު ހުޅުވާލުމަށެވެ. ދޮރު ހުރީ ތަޅުލާފައެވެ. ނަމަވެސް އަހަރެންގެ އަތުގައި ތަޅުދަނޑި ނެތުމުން ދެން ހަދާނެ ގޮތަކާމެދު ވިސްނާލެވުނެވެ.

ކޮއްކޮ ރޯންފެށުމުން ކޮއްކޮ މަސަލަސްކޮށްލާފައި ކުޅޭނެ އެއްޗެއް ދިނީމެވެ. ދެން އަހަރެން ގޮސް ބެލީ ގޭގެ ބިއްދޮށު ފަޅީގައިހުރި ފޭރު ގަސްތަކުގައި ފޭރު ހުރިތޯއެވެ. އެގަސްތައްވެސް ހުރީ އަޅާނުލުމުގެ ސަބަބުން މަރުވާގޮތްވެފައެވެ. ގަސްތައް ބަލަމުން ދަނިކޮށް ދެފޭރު ފެނުނެވެ. ދަނޑިއަކުން ދެފޭރު ބިނދެލުމަށްފަހު ކޮއްކޮއަށް ކާންދިނީމެވެ. ދެން ގޯތިތެރެ ސާފުކުރަން އިލޮށިފައްޗެއް ހޯދައިގެން އައިސް ކުނިކަހަން ފެށީމެވެ.

އިރުއޮއްސި އަނދިރިވުމުން ކުނިކެހުން ހުއްޓާލީމެވެ. ފެންވަރައިގެން ނުކުތްއިރު ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވާވަރުވެފައެވެ. ކާއެއްޗެއް ހޯދާނެ ގޮތަކާމެދު ވިސްނާލަމުން ޖެހިގެންހުރި ގޭދޮށަށް ދިޔައީމެވެ. އެގެއިން އެއްވެސް އެއްޗެއް ނުލިބުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. ކޮއްކޮ ބަނޑުހައިވެގެން ރޯތީ ފެންދީފައި ނިންދެވޭތޯ އުޅުނީމެވެ. ކޮއްކޮއަށް ނިދުނީ ވަރަށް ދަންވެފައި ހުއްޓައެވެ. ނިންދަވާފައި ބޭއްވީވެސް އެޖޯލީގައެވެ. އަހަރެންގެ ލޮލަކަށް ނިންޖެއްނައެވެ. ޒުހެއިރުބެ ނޫނީ ކޮންމެވެސް އެހެން މީހެއްގެ އުނދަގޫ ފޯރަފާނެތީ ބިރުންނެވެ. މަގުމަތީ ހުރި ހޮޅިބުރީގެ އަލި، ގޯތިތެރެއަށް އޮތަސް ޖޯލިފަތި ހުރި ހިސާބަކަށް އެއައްޔެއް ނުފޯރައެވެ. އެހެން އޮއްވާ ގޯތިތެރެއަށް ވަދެގެން އައި ސަލްމާއްތަ ފެނިފައި އަހަރެން ހައިރާންވިއެވެ. ސަލްމާއްތަ އަތުގައި ތަށްޓެއް ހުއްޓެވެ. ސަލްމާއްތަ ފެނުމުން އަހަރެން ޖޯލިން ތެދުވެގެން ގޮސް ސަލްމާއްތަ ކުރިމައްޗަށް ހުއްޓުނީމެވެ. ސަލްމާއްތަ ހުރީ ވަރަށް ދެރަވެފައެވެ.

“ކައިފިންތަ؟” ސަލްމާއްތަ އެހެން އަހާލީ އަހަރެންގެ މޫނަށް ބަލާވެސްނުލައެވެ. އަހަރެން ދެރަވީ ސަލްމާއްތަ ރުޅިއައިސްފައި ހުރިކަމަށް ހީކޮށެވެ. ހެނދުނު ކެއި އެއްޗަކާއެކު ހުރުމުން އަހަރެން ހުރީ ވަރަށް ބަނޑުހައިވެފައެވެ. އަހަރެން ނޫނެކޭ ބުނުމުން ސަލްމާއްތަ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. ތަޅުގައި ހިފާލަމުން ދޮރު ތަޅުލާފައި ހުރީ ކީއްވެތޯ އަހާލިއެވެ. މިފަހަރު ސަލްމާއްތަގެ ނަޒަރު އަހަރެންނާ ސީދާވިއެވެ. އެމޫނުމަތީގައިވަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. އަހަރެން ތަޅުދަނޑި ނެތް ވާހަކަ ބުނުމުން ފޯނުން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އިރުކޮޅެއްނުވެ ސައިކަލެއްގައި އައިސް މީހަކު މަޑުކޮށްލިއެވެ. ސަލްމާއްތަ އެމީހާ ދިން ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވާލިއެވެ.

މުޅި ގެ އޮތީ ހިރަފުސްވެ މަކުނުވާ އަޅާފައެވެ. ސަލްމާއްތަ އުނދޯލި ފޮހެ ސާފުކޮށްދިނެވެ. އެވަގުތު އަހަރެން އުޅުނީ ކާއެތިކޮޅެއް ކެވޭތޯއެވެ. މިވީ ވަގުތުކޮޅުތެރޭ ސަލްމާއްތަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އުނދޯލި ސާފުކޮށް ނިމުމުން ކޮއްކޮ ގޮވައިގެން އައިސް އުނދޯލީގައި ބާއްވައިދިނެވެ. އަދި އަހަރެން އަތަށް ތަޅުދަނޑި ދެމުން ރަނގަޅަށް ތަޅުލައިގެން އޮތުމަށް ބުންޏެވެ. ކޮއްކޮ ހޭލުމުން ކާންދޭން ބުނެފައި ސަލްމާއްތަ ދާން ހިނގައިގަތެވެ. އަހަރެންނަށް އޭނަގެ އަތުގައި ހިފެހެއްޓުމާއެކު އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

“ސަލްމާއްތާ! ޒުހެއިރުބެ އެހަދަނީ ދޮގު. އަހަރެންނެއް ނޫން. އޭނަ އުޅުނީ އަހަރެންނާ ބެހެން.” އަހަރެންނަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. އަހަރެންނަށް މާ ގަދަޔަށް ރޮވިފައި ހުރުމުން އަޑުގައި ކުރަކިކަމެއް ހުއްޓެވެ.

“ދައްތައަށް އެނގޭ ތި ހުރިހާ ކަމެއްވެސް. މާހީ ދެން އަވަހަށް ނިދާލާ.” ސަލްމާއްތަ އަހަރެންގެ ބޮލުގައި ފިރުމާލާފައި ނުކުމެގެން ދިޔައެވެ. އަހަރެންނަށް ހުރެވުނީ ސަލްމާއްތަ ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެން ދޮރު ލައްޕާ ތަޅުލުމަށްފަހު ނިދަން އޮށޯތީމެވެ. އަހަރެންނަށް ނިދުނީ ކުޑަކުޑަ އިރުކޮޅަކުއެވެ. ކޮއްކޮ ހޭލުމުން އޭނައަށް ކާންދީފައި ދެން އޮށޯތްގޮތަށް ހޭލެވުނީ ހެނދުނު ވީފަހުންނެވެ. އޭރަކު އަދި ކޮއްކޮއެއް ނުތެދުވެއެވެ. އަހަރެން ގިފިއްޔަށް ވަދެލާފައި އައިއިރު ކޮއްކޮ ތެދުވެއްޖެއެވެ. އަވަސްއަވަހަށް ކޮއްކޮގެ ކަންތައްތައް ނިންމާލާފައި އަނެއްކާވެސް ފެށީ ގޯތިތެރެ ސާފުކުރާށެވެ.

މެންދުރުވާން ގާތްވެފައި ހުއްޓާ ބިޔަ ހަށިގަނޑެއްގެ ވެރި މުސްކުޅި ފިރިހެނެއް އައިސް ވަތްތަން ފެނުނެވެ. އޭރު އަހަރެން އުޅުނީ ކޮއްކޮ ދޮއްވައިގެން އައިސް ރީތިކުރާށެވެ.

“މީ ތިދެކުދިންގެ ބޮޑުބޭބެ. ބޮޑުބެ މިއައީ ތިދެކުދިން ބަލާ. ހިނގާ ބޮޑުބެއާއެކު ބޮޑުބެގެ ގެއަށް.” އެވަގުތު ހިތުގައި ނޭނގޭ އިހުސާސްތަކެއް އުފެދުނެވެ. އެއްވެސް ބަހެއް ނުބުނެ އަހަރެން ހުންނަން ފެށުމުން ބޮޑުބެ ވާހަދައްކަން ފެށިއެވެ.

“ތިދެކުދިން މިގޭގަ އެކަނި އުޅޭކަށް ބޮޑުބެ ބޭނުމެއްނޫން. މާހީ ބޮޑުވަންދެން އުޅެންވާނީ ކޮއްކޮއާއެކު ބޮޑުބެ ގޭގަ.” ބޮޑުބެ މިހެން ބުނެފައި އަހަރެމެންގެ ހުރިހާ އަންނައުނެއް ހިފައިގެން އަންނާށޭ ބުނެ ހިނގައިގަތެވެ. އިތުރު ގޮތެއް ނެތުމުން ބޮޑުބެގެ ފަހަތުން ކޮއްކޮ ގޮވައިގެން އަހަރެން ހިނގައިގަތީމެވެ. މިފަހަރު އަހަރެންގެ ތަޤުދީރުގައި އޮތީ ކޮން ގޮތެއްބާއޭ ހިތަށްއެރިއެވެ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ދިމާވެދާނެތީ ޖެހިލުންވެހުރެ ބޮޑުބެގެ ފަހަތުން އަހަރެން އެގޭ ގޯތިތެރެއަށް ވަނީމެވެ. އެވަގުތު ބިޔަ ބޮޑު އަންހެނެއް ގޭތެރެއިން ނުކުތެވެ. އޭރު ގޭ ދޮރުމަތީ ފުރޮޅުލީ ގޮނޑިއެއްގައި މުސްކުޅި އަންހެނެއް އިނެވެ. އަހަރެން ބަލާލުމުން އެ އަންހެންމީހާ ވަރަށް ރުޅިއައިސްފައި ލޯއަޅާލިގޮތުން އަހަރެން ވަރަށް ދެރަވިއެވެ. މިގެއިންވެސް ލިބޭނީ ހިތްދަތިކަމޭ ހިތާ ފެންކަޅިވިއެވެ.

“މަ މިފަރާތުގަ އުޅޭއިރު ކަލޭމެން ދެކުދިން މިފަރާތުގަ އުޅެގެން ނުވާނެ! މަގޭ ކުރިމައްޗަށް ނައިސް އުޅެވޭތޯ ބަލާތި!” އެމުސްކުޅި އަންހެންމީހާގެ ބަސްތައްވީ އަހަރެންގެ ހިތަށް ހެރުނު ތީރުތަކަކަށެވެ. ފުރަތަމަ ފިޔަވަޅާއެކުވެސް އިވިގެން އެދިޔައީ ނަފުރަތުގެ ބަސްތަކެވެ. ދެން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަންތައްތަކަކާބާއޭ ހިތަށްއެރިއެވެ. ގެއިން ނުކުތް އަންހެންމީހާ އައިސް އަހަރެމެން ގޮވައިގެން ދިޔައީ ގޭގެ އަނެއް ފަރާތަށެވެ. އެފަރާތުގައި ތިން ކޮޓަރިއާއެކު ބޭރުގައި ތަނބުޖެހި ފެންޑާއެއް ހަދާފައި ހުއްޓެވެ. އެއަންހެންމީހާ އެތަނުން އެންމެ ބިއްދޮށަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“މީ ތިދެކުދިންގެ ކޮޓަރި. އަން. މިއޮތީ ތަޅުދަނޑި. ހާސްވާކަށް ނުޖެހޭނެ. މިގޭގަ އުޅޭނީ ތިދެކުދިންގެ މާމައާއި ބޮޑުބެއާ މަށާ ތިންމީހުން. ދެންމެ ވަދެގެން އައިއިރު ފުރޮޅުލީ ގޮނޑީގަ އެއިނީ ތިކުދިންގެ މާމަ. މަށަށް ކިޔަނީ ޒާހިދާ.” އެހެން ބުނެފައި އޭނާ ނުކުންނަން ގޮސްފައި މަޑުކޮށްލިއެވެ. އަދި އެނބުރިލަމުން ހިނިތުންވެލާފައި ވަރަށް އޯގާތެރިކަމާއެކު ސައިބޮއިފިންތޯ އެހިއެވެ. އަހަރެން ނޫނެކޭ ބުނުމުން ސައިބޯން އަންނަން ބުނެފައި ނުކުމެގެން ހިނގައްޖެއެވެ. އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ބޮޑުބެ ފިޔަވައި އިތުރު ފިރިހެނެއް އެގޭގައި ނޫޅޭތީއެވެ. ނަމަވެސް އެވަގުތު ހިތަށްއެރި އެއްޗަކުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެމެންގެ ކޮޓަރިއަކީ ގެއާ ވަކިންހުރި ކޮޓަރިއަކަށްވީއިރު ކޮޓަރިއަށް އެހެން މީހަކު ވަނަސް ނޭނގޭނެތީއެވެ. އަހަރެން ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެކަކަށްވެސް އަޑެއް ނީވޭނެއެވެ. ކޮންމެ ގޮތެއްވިޔަސް ކެތްކުރުން ނޫންގޮތެއް ނެތެވެ.

ހަފްތާއެއް ވީއިރު އެގޭގެ ހުރިހާ ކަމެއް ރަނގަޅަށް ދަސްވިއެވެ. ޒާހިދާއްތައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ބޮޑުބެވެސްވީ އަހަރެން ހީކުރި ވަރަށްވުރެ މާރަނގަޅު މީހަކަށެވެ. އެގެއިން އަހަރެންނާ ކޮއްކޮއަށް ދަތި އުނދަގޫވާނެ އެއްވެސް ކަމެއް ނޯވެއެވެ. ޒާހިދާއްތަގެ އޮންނަނީ އެންމެ މައްސަލައެކެވެ. އެއީ އޭނަ ބުނާކަމެއް އެބުނާ ވަގުތު ނުކުރެއްވިއްޖެނަމަ ނޫނީ އޭނަ ބުނާ ގަޑިއަކަށް ނުނިންމިއްޖެނަމަ ވަރަށް އެއްޗެހި ގޮވާލާނެއެވެ. ނަމަވެސް ފަހުން އެކަމެއް ނޯންނާނެއެވެ.

ޒާހިދާއްތައަކީ ކުދިންނަށް ޤުރުއާން ކިޔަވައިދޭ މީހެކެވެ. އަދި ލިޔަންކިޔަންވެސް ދަސްކޮށްދެއެވެ. ޒާހިދާއްތަ ބުނިގޮތުންނަމަ ކުރިން އެކަން ކުރީ މާމައެވެ. ނަމަވެސް މާމަ މުސްކުޅިވުމުގެ ސަބަބުން އެކަން ނުކުރެވޭތީ ޒާހިދާއްތަ އެކަން ކުރަން ފެށީއެވެ.

އަހަރެން ބޮޑުބެ ގެއަށް ދިޔަފަހުން އެގޭގެ ހުރިހާ މަސައްކަތެއް ކުރަންޖެހެނީ އަހަރެންނަށެވެ. ތިންމީހުން އުޅޭތީ މާގިނަ އެއްޗެއް ކައްކަން ނުޖެހުނު ނަމަވެސް، ގޯތިތެރެ ކުނިކަހާ ސާފުކޮށް އެއްޗެހި ދޮވެ އިސްތިރިކުރުމާއެކު ކޮއްކޮގެ ކަންތައްތައް ކުރަންޖެހޭތީ އަހަރެންނަށް ވަރަށް ބުރަވެއެވެ. ފުރަތަމަކޮޅު ގައިގައި ރިއްސާވަރުން ނުވެސް ނިދެއެވެ. އެކަމަކު ފަހުން އެކަންވެސް ހަމައަކަށް އެޅުނެވެ. އެގެއިން އަހަރެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަރާމުކޮށް ނިދާލެވޭތީއެވެ. އެއްވެސް ކަހަލަ ގޯނާއަކާ ކުރިމަތިނުވެ ފަތިސްވަންދެން އޮވެލެވޭތީއެވެ.

މަހެއްހާ ދުވަސްވީއިރު އަހަރެންނަށް އިތުރު މަސައްކަތެއްވެސް ކުރަން ޖެހުނެވެ. އެއީ ކޮންމެ ރެއަކު ނިދުމުގެ ކުރިން ޒާހިދާއްތަގެ ފައި މޮޑެދިނުމެވެ. މިގޮތަށް ފައި މޮޑެން އިން ރެއަކު ޒާހިދާއްތަ އަހަރެން ގާތު ޤުރުއާން ކިޔަވާ ނަމާދުކުރަން އެނގޭތޯ އެހިއެވެ. އަހަރެން ނޫނެކޭ ބުނުމުން ދަސްކުރަން ޖެހޭނެކަމަށް ބުންޏެވެ. އަހަރެން އާނއެކޭ ބުނެ ކޮއްކޮއަށްވެސް ދަސްކޮށްދިނުމަށް އެދުނީމެވެ. އެގެއަށް ކިޔަވަން އަންނަ ކުދިންގެ މައިންބަފައިން އަހަރެން އެގޭގައި އުޅޭތީ ވަރަށް ކަންތައް ބޮޑުކުރެއެވެ. އެހެންވެ އަހަރެންނަށް ޒާހިދާއްތަ އެންގީ އެކުދިން އުޅޭ ގަޑީގައި އެހިސާބަށް ކޮއްކޮއާ އަހަރެން ގޮސް ނޫޅުމަށެވެ.

ކޮންމެ ރެއެއްގެވެސް ދެނަމާދު ދޭތެރެއާ އިޝާ ނަމާދުގެ ފަހުން ޒާހިދާއްތަ އަހަރެމެން ދެބޭންނަށް ކިޔަވައިދެއެވެ. ފުރަތަމަކޮޅު ކިޔަން ވަރަށް އުނދަގޫވިއެވެ. ފުރަތަމަވެސް ފެށީ އަކުރު ދަސްކުރާށެވެ. ވަރަށް ބުރަ މަސައްކަތުން އެއްމަސްދުވަހުގެ ތެރޭގައި އަކުރުތައް ދަސްވިއެވެ. އެދުވަސްތަކުގައި ޒާހިދާއްތަގެ ފަރާތުން ކުދިކުދި އަނިޔާވެސް ލިބުނެވެ. އެކަމަކު އެއަށްވުރެ އަހަރެންނަށް އަކުރު ދަސްވުމުން މާ އުފާވިއެވެ.

ޒާހިދާއްތަގެ ފައި މޮޑެދޭން އިންނައިރު އޭނަ ވަރަށް ގިނަ ވާހަކަތައް ކިޔައިދެއެވެ. އެއާއިލާގެ ވާހަކައެވެ. އަދި ޒާހިދާއްތަ ކުޑައިރުގެ ވާހަކައެވެ. އެހުރިހާ ވާހަކައެއްވެސް އަހަރެން އަޑުއަހަމުން ދިޔައީ ވަރަށް ޝައުޤުވެރިކަމާއެކުގައެވެ. ޒާހިދާއްތަ ބުނިގޮތުން އެއާއިލާއަކީ ވަރަށް ބޮޑު އާއިލާއެކެވެ. މާމައާ ކާފަގެ ދިހަ ކުދިން ތިބެއެވެ. އޭގެ ތެރެއިން މިރަށުގައި އުޅެނީ ބޮޑުދައިތައާއި ބޮޑުބެއެވެ. އެއްބަޔަކު ރަށުން ބޭރު މީހުންނާ އިނދެގެން ގޮސް އުޅެނީ އެރަށްރަށުގައެވެ. އަނެއްބަޔަކު މާލޭގައި ވަޒަންވެރިވެގެން ދިރިއުޅެނީ އެތަނުގައެވެ. ޢީދު ޗުއްޓީ ނުވަތަ ސްކޫލު ބަންދު ދުވަސްވަރެއްގައި އައިސް އުޅެއެވެ. އެކަމަކު އެއީވެސް ވަރަށް މަދުންނެވެ.

ޒާހިދާއްތަގެވެސް ހަތް ކުދިން ތިބެއެވެ. އެއީ ތިން އަންހެންކުދިންނާއި ހަތަރު ފިރިހެންކުދިންނެވެ. ހުރިހާ ކުދިންވެސް އުޅެނީ މިރަށުގައެވެ. އެންމެ ކުއްޖަކު ފިޔަވައި ހުރިހާ ކުދިންވެސް މީހުންނާ އިނދެގެން އުޅެނީ ވަކި ދިރިއުޅުމެކެވެ. ޒާހިދާއްތަގެ ކުދިންގެ ތެރެއިން މިހާރު މީހަކާ ނީނދެ ހުރީ ޒައިން އެކަންޏެވެ. އޭނާ އުޅެނީ ސަރުކާރުން ލިބުނު ސްކޮލާރޝިޕެއްގައި ރާއްޖޭން ބޭރަށް ކިޔަވަން ގޮހެވެ.

އެއްއަހަރު ވީއިރު އަހަރެންނަށް ރަނގަޅަށް ލިޔަންކިޔަން ދަސްވެއްޖެއެވެ. އެކަމަށް ޒާހިދާއްތައަށް ޝުކުރު އަދާކުރީމެވެ. ދުވަހަކުވެސް ޒާހިދާއްތަ އެކޮށްދިން ކަންތަކުގެ އަގު ނުދެވޭނެކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް ދުވަހެއްގެ ކޮޅުންވެސް ޒާހިދާއްތަ އަހަރެން ގާތު ކަމަކު އެދެފިނަމަ އެކަމެއް ކޮށްދިނުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ.

(ނުނިމޭ)

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އިންތިހާޔަށް (4ވަނަ ބައި)

Next

މަލަކާ (8ވަނަ ބައި)

Next
January 5, 2017

މަލަކާ (8ވަނަ ބައި)

Previews
January 4, 2017

އިންތިހާޔަށް (4ވަނަ ބައި)

20 Comments

  1. Naadhee says:
    January 4, 2017 at 7:49 pm

    V reethi mi part ves

    1. Saandy says:
      January 5, 2017 at 2:10 am

      ޝުކުރިއްޔާ ނާދީ

  2. imagination says:
    January 4, 2017 at 7:57 pm

    oohh. v reethi.

    1. Saandy says:
      January 5, 2017 at 2:11 am

      ޝުކުރިއްޔާ އިމޭޖިނޭޝަން

  3. sandy ge faneh says:
    January 4, 2017 at 8:52 pm

    woww v reethi

    1. Saandy says:
      January 5, 2017 at 2:11 am

      ޝުކުރިއްޔާ ސާންޑީގެ ފޭންއަށް

  4. Lynn says:
    January 4, 2017 at 9:45 pm

    Mi part ves vvv reeethi keep going

    1. Saandy says:
      January 5, 2017 at 2:12 am

      ޝުކުރިއްޔާ ލީން

  5. Hawwoo.... says:
    January 4, 2017 at 9:50 pm

    Keep going ma sha allaah???

    1. Saandy says:
      January 5, 2017 at 2:12 am

      ޝުކުރިއްޔާ ހައްވޫ

  6. Juvey says:
    January 4, 2017 at 10:17 pm

    Mibaives varah reethi.

    1. Saandy says:
      January 5, 2017 at 2:13 am

      ޝުކުރިއްޔާ ޖުވޭ

  7. MAL MAL says:
    January 4, 2017 at 11:27 pm

    VVV SHALHI, VVV SHALHI VAAHAKA AKAHVAANE

    1. Saandy says:
      January 5, 2017 at 2:13 am

      ޝުކުރިއްޔާ މަލް މަލް

  8. sweetie says:
    January 5, 2017 at 12:08 am

    Hama superb.

    1. Saandy says:
      January 5, 2017 at 2:14 am

      ޝުކުރިއްޔާ ސްވީޓީ

  9. Yalv says:
    January 5, 2017 at 6:08 am

    Dhen kon irakuntha up kuraany? V reethi vaahaka

    1. Saandy says:
      January 5, 2017 at 9:14 am

      ޝުކުރިއްޔާ ޔަލްވީ… މިހާރު އަޕްކޮށްފަ އިންނާނެ

  10. Maree says:
    January 5, 2017 at 9:08 am

    Mi baives v salhi

    1. Saandy says:
      January 5, 2017 at 9:15 am

      ޝުކުރިއްޔާ މަރީ

Comments are closed.

All Right Reserved!