އެ ހަނދާންތައް

- by - 0- December 30, 2016

އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

އެއީ މީގެ 7 އަހަރު ކުރިއެވެ. އެއީ އަހަރެންގެ ސްކޫލް ދައުރުގެ އެންމެ ފަހު އަހަރެވެ. އަހަރެމެން ކިޔާގޮތުންނަމަ “ހައިސްކޫލް ސީނިޔަރ އިޔާ” އެވެ. ސްކޫލުގައި މާ ބާރު ހިންގާ “ޕޮޕިއުލަރ ގާލް” އަކަށް އަހަރެން ނުވިޔަސް އެހަރެންގެވެސް ގާތް ރައްޓެހިން ތިބެއެވެ. އަހަންނާއެއްކޮށް އިތުރު ތިން ކުދިން އުޅުނެވެ. ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންގެ ގޮރޫޕަކަށް ވުމުން ބައެއް މީހުން އަހަރެމެން ހާދަ “ގައްޑާ” އޭ ބުނަމުން ދިޔައިރު އަނެއްބައިމީހުން ބުނަމުން ދިޔައީ އަހަރެމެންނަކީ ބިޓުންގެ ގުރޫޕެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެހެންމީހުން އެހެން ކިޔަން ފެށިއިރު އަހަރެމެންގެ ތެރޭގައި އޮތީ ހަމައެކަނި ރަހުމަތްތެރި ކަމުގެ ގުޅުން ކަމެވެ. އެހެނަސް އެކަކު އަނެކަކުގެ ހިތު ތެރޭގައި އެފަދަ ޝުޢޫރުތައް ނެތޭ ނުބުނެވޭނެއެވެ.
އަހަރެންގެ ހިތުގެ ތެރޭގައިވެސް އޭރު ވަނީ އެކުވެރިއަކަށް ލޯބީގެ ކުލަބޮކި ދިއްލެން ފަށާފައެވެ. އެބޮކީގެ އަލިން ފާޅުވަމުން ދިޔައީ ރަން އަކުރުން ފަވާލެވިފައިވާ ފަޒީލްގެ ނަމެވެ. ބޮއްކުރާ ދޮށަށް ކެނބޭ އޮޑިއަކަށް ވާން ބޭނުން ނުވާތީ އަހަރެން ފަޒީލްއަށް ހިތް އެދުނަސް އެކަމެއް ފަޒީލްއަށް ނާންގަމެވެ. ލޯބި ހިތުގައި ރައްކާކޮށްގެން އަހަރެން ފަޒީލްއަށް އިންތިޒާރު ކުރަމުން ދިޔައީމެވެ. މާގިނަ ދުވަހެއް ނުވެ ފަޒީލްގެ ކިބައިން އަހަންނަށް އިޝާރާތްތައް ލިބެން ފަށައިފިއެވެ. އެއްވެސް ކަމެއް ނުވަނީސް ހާދަ ރީއްޗޭވެސް ބުނެފާނެއެވެ. އަހަރެންގެ ފޯނަށް މެސްޖު ކުރަންވެސް ފަށައިފިއެވެ. އެންމެ ފަހުން ދެ ޅެންބައިތުން ފަޒީލް އަހަރެން ދެކެ ވާލޯބި ބަޔާން ކޮށްދިނެވެ.
ފެނިލުމަށް އަބަދުމެ އެދެނީ ތިޔަ ސޫރައޭ
އިވުމަށް އަބަދުމެ އެދެނީ ތިޔަ މިޔުޒިކީ އަޑޭ
ހިތް އަބަދުމެ އެދެނީ ތިޔަ ލޯތްބަށޭ
ހިތް އަބަދުމެ އެދެނީ ލިއުރާ އަށޭ
ކުލާހުގައި އަހަރެންގެ ފަހަތުގައި ހުރެފައި ފަޒީލް ދިން ގަނޑުގައި ލިޔެފައި ހުރި ބައިތުތައް ކިޔާލުމާއެކު އަހަރެންނަށް ހީވީ ގައިން ހީބިހި ނަގައިގެން ދިޔަ ހެންނެވެ. ފަޒީލްއަށް ބަލާލުމުން ފަޒީލްދިން ހިނިތުންވުމާއެކު އަހަރެން ލަދުންގޮސް މުޅި މޫނު ރަތްވިއެވެ

އަހަރެމެންގެ ލޯބީގެ ބަހާރު މޫސުން ފެށިގެން ދިޔައެވެ. އެންމެ ފަހު އިމްތިހާން ދުވަސްކޮޅު ކަމުގައި ވިޔަސް ދިގު ފޯން ކޯލްތަކުގައި އަހަރެމެން ރޭގަނޑު ހޭދަ ކުރަމުންދިޔައީމެވެ. އެކަކު އަނެކަކަށް ލޯބީގެ ލަވަޔާއި ޅެންބައިތު ކިޔައިދެމުން ދިޔައީމެވެ. ޅެންބައިތު ކިޔައިދިނުމަކީ ފަޒީލް ވަރަށް ކުރާހިތްވާ ކަމެކެވެ. ބަހާރު މޫސުން އިތުރަށް ފުރިހަމަވުމަށް މަގުފަހިވެގެން ދިޔައީ އަހަރެންގެ މައިންބަފައިން ކޮއްކޮ ޑަކްޓަރަށް ދައްކަން އިންޑިޔާއަށް ދާން ޖެހުމުންނެވެ. ގޭގައި އިތުރު މީހަކު ނެތުމުން އަހަންނަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. ފަޒީލްއާއެކު ބޭރަށް ދިޔުން އާންމު ކަމަކަށް ވިއެވެ. ބޭރަށް ނުދެވުނު ރެއެއް ވިއްޔާ ފަޒީލް އަހަންނާ ބައްދަލުކުރަން ގެއަށްވެސް އަންނާނެއެވެ. އެހެން ގެއަށް އައިސް ބައްދަލުކޮށް އުޅުމުގެ ތެރޭގައި ފަޒީލް އަހަރެންގެ މޫނާއި ފަޒީލްގެ މޫނު ކައިރިކުރުމަށް ފަހު އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އަހަރެން ވަގުތުން ދުރަށް ޖެހިލީމެވެ. އަދި ނޫނެކޭ ބުނާގޮތަށް ބޯތަޅުވާލީމެވެ. “ލިއު އަހަރެންދެކެ ލޯބި ވަންޏާ ކޮބާ މިކަމުގަ އޮތް މައްސަލަ އަކީ؟ ލޯބި ވަންޏާ އަހަންނަށް މި އުފާވެސް ދޭނެ. ލިއު އަހަރެން ދެކެ ލޯބި ނުވަނީ” ފަޒީލް ހިތުގަޖެހިފައިވާ ރާގަކަށް ބުނެލިއެވެ. އަހަރެން ފަޒީލް ދެކެ ލޯބިވަމެވެ. އެކަން ސާބިތު ކޮށްދިނުމަށް ކޮންމެ ކަމެއް ކުރުމަށްވެސް އަހަރެން ހުރީ ތައްޔާރަށްވެ.

އެ ހާދިސާ ހިނގިތާ މަހެއް ފާއިތުވެގެން ދިޔައިރު މަންމަމެންވެސް އެނބުރި މާލެ އައިސްފިއެވެ. އަހަރެމެންގެ ސްކޫލްވެސް ނިމިއްޖެއެވެ. ސްކޫލް ނިމުމުން ފަޒީލް ބަދަލުވާން ފަށައިފިއެވެ. ފޯންކޯލްތައް މަދުވިއެވެ. ޅެންބައިތު ކިޔައިދިނުން ހުއްޓިއްޖެއެވެ. އަހަންނާ ބައްދަލުކުރާހިތުން ފަޒީލެއް ނޫޅެއެވެ. ފަޒީލަށް ބަދަލުތައް އަންނަމުން ދިޔައިރު އަހަރެންގެ ހަށިގަނޑަށްވެސް ދިޔައީ ބަދަލުތަކެއް އަންނަމުންނެވެ. މިބަދަލުތައް ފާހަގަވުމުން އަހަރެން ހާސްވާންފެށިއެވެ. ދެން ކުރަންވީ ކަމެއްވެސް އަހަންނަށް ނުވިސްނުނެވެ. ފަޒީލަށް ގުޅާ ގުޅާ މިހާރު އަހަރެންގެ އިނގިލިތައްވެސް ވަރުބަލި ވެއްޖެއެވެ. އެންމެ ފަހުން އަހަރެންނާ އެއްކޮށް ދެން އުޅުނު އަންހެން ކުއްޖާކަމަށްވާ އީޝަލްއަށް ގުޅާލީމެވެ. އީޝަލްވެސް ފޯނެއް ނުނަގައެވެ. އުމުރަށްވެސް ރައްޓެހިންގޮތުގައި ވާނަމޭ ކިޔާފަ ދެއްކި ހުރިހާ ވާހަކައެއް ސްކޫލް ނިމުމުން ސްކޫލް ޔުނިފޯމް އުކާލާ ފަދައިން އުކާލަނީހޭ ކިޔާ ކުދިކިޔާލުމަށްފަހު ދެން އަހަރެންނާއެއްކޮށް އުޅުނު ފިރިހެން ކުއްޖާ ކަމަށްވާ ޝިނާހު އަށް ގުޅާލީމެވެ. ފުރަތަމަ ރިންގާއެކު ޝިނާހު ފޯނު ނަގައިފިއެވެ.
” އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން.. އަހަންނާ ބައްދަލުކޮށްލެވިދާމެތަ؟” އަހަރެންގެ އެދުމަށް ވަގުތުން ޝިނާހު އަހަރެންގެ ގެ ކައިރި އަށް އައިސްފިއެވެ. އަހަރެން ޝިނާހުއާއެކު ފުރަތަމަ ދިޔައީ ގެ ކައިރި ބީޗަށެވެ. އަދި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ޝިނާހުގެ ފޯނުން ފަޒީލް އަށް ވެސް ގުޅީމެވެ. ފަޒީލް ފޯނު ނެގުމުން ހަމައެކަނި އަހަރެން ގުޅީމަ ނުނަގަނީކަން އަހަންނަށް ވިސްނުނެވެ. ފޯނު ނެގުމަށްފަހު އަހަންނަށް އަނގައިން އެންމެ ލަފުޒެއްވެސް ބޭރުނުކުރެވުނެވެ. އެންމެ ފަހުން ޝިނާހުއަށް ޖެހުނީ ފަޒީލް ކައިރި އެވާހަކަ ބުނާށެވެ. އެއާއެކު ފަޒީލް ދިން ޖަވާބުން އަހަރެންގެ ހިތް ހުއްޓުނު ކަހަލަ އެވެ. “އޭނަ ބަނޑުބޮޑޭ؟ މަގޭ ދަރިއަކަށް؟ ނުވާނެ. މަ އޭނައާއެއްކޮށް ތިކަހަލަ ކަމެއް ނުވެސް ކުރަން”.

އޭގެ ދެމަސް ފަހެވެ. އަހަރެންގެ ބަނޑަށް ތިން މަސް ފުރިއްޖެއެވެ. ގޭގެ މީހުން އަހަރެން ފަލަވަނީ ކަމަށް ހީކުރިޔަސް މާލެ ތެރޭގައި އެކި އެކި ވާހަކަ ފެތުރެން ފެށިއެވެ. މިކަމުގައި އަހަންނަށް އެހީތެރިވެދެނީ ޝިނާހު އެކަންޏެވެ. ސިއްރުން ޝިނާހު އަހަރެން ޑަކްޓަރަށް ދައްކަންވެސް ގެންދެއެވެ. އަހަރެންގެ ބަނޑުގައި ވަނީ ފަޒީލްގެ ދަރިއެއް ނޫންކަމަށް އޭނަ ބުނި ދުވަހުގެ ފަހުން އަހަރެން ފަޒީލް އާ ވާހަކަވެސް ނުދައްކަމެވެ. ޝިނާހުގެ އޯގާތެރިކަމުން އަހަރެންގެ އިޚުތިޔާރާ ނުލާ އަހަރެންގެ ހިތް ބަދަލުވާން ފެށިއެވެ. ފަޒީލް ފަތިން ފޫހިވެ ޝިނާހުއަށް ހިތުގައި ޝުޢޫރުތަކެއް އުފެދެން ފަށައިފިއެވެ.

އިރުއޮއްސި ހަތެއް ޖަހައިފިއެވެ. އަހަރެން އިނީ އާޓިފިޝަލް ބީޗުގެ ވެލިގަނޑުގައި އިށީދެގެންނެވެ. އަހަރެންގެ ގާތުގައި ޝިނާހު އިނެވެ. ދެމީހުނެ ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. ދައްކަންޖެހޭ ވާހަކަ ގިނަކަމުން ފުރަތަމަ ދައްކަންވީ ކޮންވާހަކައެއް ކަން ނޭނގިގެން ދެމީހުންނަށްވެސް ހުރެވުނީ ކަންނޭގެއެވެ. ނޫނީ ދައްކަން ޖެހޭ ވާހަކައިގެ ޒާތުން އެވާހަކަ ދައްކަން ލަދުން ދެމީހުންވެސް ހުރީކަމަށް ވެދާނެއެވެ. “ލިއު. ލިއު ކުރަން ތިއުޅެނީ ވަރަށް ބޮޑުކަމެއް. އުނދަގޫކަމެއް. އަދި މީހުންގެ މެދުގަ ލިއު ބަދުނާމުވެގެން ދާނެ ކަމެއް” އެންމެ ފަހުން ތަނުގެ ހަމަހިމޭންކަން ކަނޑުވައިލީ ޝިނާހުއެވެ. “އަހަންނަށް ތިކަން އިނގޭ ޝިނާހު. އެކަމަކު ޝިނާހު. އަހަންނަށް މިހާރުވެސް ބޮޑު ކުށެއް ކުރެވިއްޖެ. އަނެއްކާ އެއަށްވުރެ ބޮޑު ކުށެއް އަހަންނަށް ނުކުރެވޭނެ” އަހަރެމެން ދެމީހުން ވާހަކަދައްކަމުން ދިޔައިރު އެކަކުވެސް އަނެކަކުގެ މޫނަށް ބަލާނުލަމެވެ. މޫދަށް ބަލަހައްޓައިގެން ހުރެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. “އަހަރެންވެސް ބޭނުންވަނީ ތިގޮތޭ.. އެކަމަކު ކޮންމެ ކަމަކަށްވެސް ލިއު ހުންނަން ޖެހޭނީ ތައްޔާރުވެގެންނޭ ބުނަން މިއުޅެނީ. މަންމަމެންނަށް އިނގުނީމަވެސް-” ޝިނާހުގެ ވާހަކަ އެހާހިސާބަށް ދިޔުމާއެކު ޝިނާހުގެ ވާހަކަ މެދުކަނޑާލުމަށްފަހު އަހަރެން ވާހަކަ ދައްކަން ފެށީމެވެ. “އަހަރެން ތިކަމާ ވަރަށް ވިސްނައިފިން.. އަހަރެން މިއެޅެނީ މަންމަ ކައިރި ބުނަން” އަހަރެން އެހެން ބުނުމުނެ ޝިނާހު އަހަންނަށް ބަލާލިއެވެ. އަދި އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއޭ ބުނެލިއެވެ. އަހަންނަށް ބޭއިޙުތިޔާރުގައި ލޯ މަރާލެވުނެވެ. އަދި ޝިނާހުގެ އޯގާތެރިކަމަށް ހިތާހިތާ ޝުކުރު ކޮއްލަމުން އަހަރެންގެ އަމިއްލަ ހާލާމެދު އިތުރަށް ވިސްނާލީމެވެ.

ގެއަށް އާދެވުމާއެކު އަހަރެން އަވަސްވެގަތީ އިޝާ ނަމާދު ކުރުމަށެވެ. އެއަށްފަހު ކޮޓަރިން ނުކުތީމެވެ. ފެންޑާގައި މަންމަ ޓީވީ ބަލަން އިނެވެ. އަހަރެން މަންމަ ތިބަލަނީ ކޯއްޗެއްހޭ އަހާލުމުން ހަބަރު ބަލަނީ ނޫންހޭ މަންމަ ބުންޏެވެ. “މަންމާ! އަހަރެން ވާހަކައެއް ބުނަން” އަހަރެން އެތައް ހިއްވަރެއް ލުމަށްފަހު ބުނެލީމެވެ. މަންމަ ޖަވާބެއް ނުދިނުމުން އަހަރެން ތަކުރާރު ކޮށްލީމެވެ. މަންމަ އަހަރެންގެ މޫނަށް ބަލާލުމުން އަހަންނަށް އިސްޖަހާލެވުނެވެ. އަދި ބުނަން އެތައް ފަހަރަކު އަނގަ ހުޅުވުމަށްފަހު އެންމެފަހުން ބުނީމެވެ. “މަންމާ! އަހަރެން ބަނޑުބޮޑު”. މަންމައަށް “އޭ” ބުނެވުމާއެކު ފަހަތުން ބާރަށް ލިއުރާއޭ ކިޔާ މީހަކު ގޮވާލިއެވެ. އަހަރެން ބިރުންހުރެ ފަހަތް ބަލާލިއިރު ބައްޕަ ރުޅިން ފުރިފައިވާ މޫނަކާއެކު އަހަންނަށް ބަލަން ހުއްޓެވެ. ބައްޕަގެ ދެއަތްވެސް ތުރުތުރު އަޅަމުން ދިޔައެވެ. “ލިއުރާ ބަނޑުބޮޑޭ!” ބައްޕައަށް އިތުރަށް އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. “އެއީ އެމަންޖެ ސަމާސާއަކަށް ބުނި އެއްޗެކޭ” މަންމަ އަދިވެސް ގަބޫލު ނުކުރެވިގެން ބުންޏެވެ. އެދި އަހަރެން އެއީ ތެދެކޭ ބުނޭތޯ އަހަރެންނަށް ބަލާލިއެވެ. އަހަރެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނީމެވެ. އެއާއެކު މަންމައަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. އަދި އަހަރެމެންނަށް މި ދެއްކެވީ ކޮންފަދަ ދުވަހެއްހޭ ކިޔާ ގޮވަންފެށިއެވެ. ބައްޕައަށްޗެސް ރޮވެން ފެށުނެވެ. އެހެންނަމަވެސް ކަރުނަ ފޮހެލުމަށްފަހު އަހަންނާ ދިމާއަށް އަންނަން ފެށިއެވެ. އަހަރެން ބިރުން ތުރުތުރު އަޅަންފެށިއެވެ. ބައްޕަ އަހަރެންގެ މުލައްދަނޑީގައި ހިފާ ގޭގެ ބޮޑުދޮރާ ދިމާއަށް ހިނގައިގަތެވެ. އަހަރެން ބައްޕާ އަހަންނަށް މަޢާފު ކުރާށޭ ގެއިން ނުނެރޭށޭ ކިޔާ އާދޭސް ކުރަން ފެށީމެވެ. އަދި މަންމައަށް ވެސް ގޮވަންފަށީމެވެ. މަންމަ ދުވަފަ އައިސް ބައްޕަގެ ފައިގައި ހިފެހެއްޓިއެވެ. އަދި ތިހެންނަހަދާށޭ ކިޔާ އާދޭސްކުރަންފެށިއެވެ. ބައްޕަ ހުއްޓުނެވެ. އަދި އެހަރެންގެ އަތުން ދޫކޮށްލިއެވެ. ” ދޭ ކޮޓަރިއަށް” މަންމަ އެހެން ބުނުމާއެކު އަހަރެން އަވަހަށް ކޮޓަރިއާ ދިމާއަށް ދިޔައީމެވެ. ކޮއްކޮވެސް ރޮވިފައި ކޮޓަރިން ބޭރަށް ބޯދިގުކޮށްގެން ހުރިތަން ފެނުމުން އަހަންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ.

އަހަރެން އެނދު މަތިގައި އޮށޯވެ އޮތީމެވެ. ދެންވާނީ ކިހިނެއް ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އެންމެ ފަހުން ފޯނު ނަގާ ޝިނާހުއަށް ގުޅާލުމަށް ނަންބަރު ޖަހާލީމެވެ. އަހަންނަށް ނުގުޅެނީސް ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލިއެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. މަންމަ އެތެރެއަށް ވަނެވެ. މަންމަ މޫނުމަތިން ރުޅިވެރިކަން ނޫން އެހެން އެއްޗެއް އަހަންނަށް ނުފެނުނެވެ. މަންމަ އަހަރެން އަތުން ފޯނު ޖަހައިގަތެވެ. އަދި ކަބަޑުމަތީގައި އޮތް ލެޕްޓޮޕްވެސް ނެގިއެވެ. “މިހުރިހާ އެއްޗެއް ހޯދަދިނީމަވެސް ތިތަ އަހަރެމެންނަށް ދޭން އިނގުނު ހަދިޔާއަކީ؟” މަންމަ ރުޅިވެރިކަމާއެހު އަހާލުމުން އަހަންނަށް އިސްޖަހާލެވުނެވެ. “މުޅި ދުނިޔެއަށް އަހަރެމެން ބަދުނާމުވާނެވަރު ކަންތައް ކޮށްފަ އިސްޖަހާނެ ކަމެއް ނެތް. ކާކުގެ ދަރިއެއްތީ؟” މަންމަ ހަޅޭއްލަވައިގަތެވެ. އަދި އެސުވާލު އެތައް ފަހަރަކު ތަކުރާރު ކޮށްލިއެވެ. އަހަރެން ޖަވާބެއް ނުދިނުމުން މަންމަ ފޯނާ ލެޕްޓޮޕް ކަބަޑު މަތީގައި ބޭއްވިއެވެ. އަދި ސިންގާއެއް ހެން އަހަރެންނާ ދިމާއަށް ފުންމައިގަތެވެ. މަންމަ އަހަރެންގެ ކަންފަތުގައި ހިފާ ދަމާލުމަށް ފަހު އަނެއްކާވެސް އެހެން އަހާލިއެވެ. އަހަރެން ބާރަށް ރޯން ފެށިމެވެ. ކޮއްކޮ ދައްތައަށް ތިހެން ނަހަދާށޭ ކިޔާ އާދޭސް ކުރަން ފެށިއެވެ. އަޑުގަދަވުމުން ބައްޕަ ކޮޓަރިއަށް ވަނެވެ. އަދި ވަގުތުން މަންމަ ދުރުކޮށްލިއެވެ. މަންމަ އަހަންނާ ދިމާއަށް ބަލަން ހުރުމަށްފަހު ފޯނާއި ލެޕްޓޮޕް ނަގައިގެން ކޮޓަރިން ނުކުތެވެ. އަހަރެން ބަޑިފަޅައިގެން ދިޔައެވެ. އަހަރެން އުމުރުން 19 އަހަރުވެގެން ދިޔައިރު ދުވަހަކުވެސް މަންމަ އަހަންނަށް އެފަދަ ކަމެއް ކޮށްފައެއް ނުވެއެވެ.

އެތައް އިރެއް ވަންދެން ރުއިމަށްފަހު އަހަރެން ތެދުވީމެވެ. ދޮރާދިމާއަށް ހިނގައިގަތީމެވެ. އެކަމަކު ކޮޓަރިން ނުކުންނާކަށް ނުކެރުނެވެ. އެހެންވުމުން ދޮރުކައިރީގައި އިށީނީމެވެ. ބޭރުން މަންމަ އާ ބައްޕަ ވާހަކަ ދައްކާ އަޑު އިވެއެވެ. މަންމަމެން އުޅެނީ ދެންހަދާނެ ގޮތެއް ނުވިސްނިގެންނެވެ. އެންމެ ފަހުން ދަރިފުޅު ވައްޓާލަން ހިނގާށޭ ބައްޕަ ބުންޏެވެ. އަހަންނަށް އަނގަ މަތީގައި އަތް އަޅާލެވުނެވެ. އަދި ނޫނެކޭ ބުނާގޮތަށް ބޯހޫރާލީމެވެ. މަންމަ އެކަމާ އެއްބަސް ނުވުމުން އަހަންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. “ދެން އެނޫން ކޮންގޮތެއްތަ އޮތީ؟ އެ ދަރިއަކު ވިހައިފިއްޔާ އަހަރެމެންނޭ ބަދުނާމު ވާނީ.. ކާކުގެ ދަރިއެއްތަ؟” ބައްޕަ ހާސްވަފައިހުރި ރާގަކަށް ބުނެލިއެވެ. “އަހަންނަކަށް ނޭނގެ! ތި ސުވާލު ކުރީމަ އޭނަ ޖަވާބެއް ނުދިން. ކަންފަތަށް ތިމަރަ އެޅިފަ” މަންމަ އަޑުގައިވަނީ ނުރުހުމާއި ނަފްރަތެވެ. “ތިވާނީ ސީ.އެޗް.އެސް.އީ ގަ އޭނަ އާއެއްކޮށް އުޅުނު ދެ ފިރިހެނުންގެ ތެރެއިން އެކަކުގެ ދަރިއަކަށް. މަ އޭރުވެސް ބުނީމޭ ފިރިހެނުންނާއެއްކޮށް ތިއުޅެނީ ކީއްވެހޭ” މަންމަ އިތުރަށް ބުނެލިއެވެ. “ތި މީހަކު އިނގޭ ދުވަހަކުން އޭނައަށް މަމީ ނުބައި މީހެއްކަން އަންގާލާނަން” އެހެންބުނެ ބާރަށް އެއްޗެއްގައި ޖެހި އަޑު އިވުނެވެ.

އަހަންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. އަހަންނަށް މިކުރެވުނީ ކޮންފަދަ ބޮޑުކުށެއް ހެއްޔެވެ. މަންމަ އާ ބައްޕަ އަހަރެންދެކެ އެ އަންނަނީ ހަމަ އައުން ހައްޤު ރުޅިއެކެވެ. އެދެމީހުން އަހަންނަށްޓަކައި ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަ އިރުއްސުރެ އަހަންނަށްޓަކައި އެތައް ރެއެއްގެ ނިދި ނަގާލި ބަޔަކަށް އަހަރެން މިދެނީ ކޮންފަދަ ހަދިޔާއެއް ހެއްޔެވެ؟ އެދެމީހުން ބަދުނާމުކޮށް މުޖުތަމައިގައި އަގު ވައްޓާލުމަށް އަހަންނަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި އެކި ހިޔާލުތައް އެނބުރެން ފަށައިފިއެވެ. ބޭއިހްތިޔާރުގައި އަހަންނަށް ބަނޑުގައި އަތް އަޅާލެވުނެވެ. ހިޔާލުތަކުގައި ވަނިކޮށް ކުއްލިއަކަށް މަންމަމެންގެ އަޑު ގަދަވިއެވެ. “ފޯނަށް މީހަކު މެސެޖެއް ކޮށްފި. ލިއު ކިހިނެއް؟ މަންމަ ކައިރި ބުނީތަ؟” މަންމަ މެސެޖް ކިޔާލިއެވެ. ބައްޕަ ކާކު ކުރި މެސެޖެއްހޭ އެހުމުން މަންމަ ޝިނާހުއޭ ބުންޏެވެ.

“ޝިނާހުއޭ.. ގެނޭ ތި ފޯނު. ހޭއަރުވާލާނަން” ރުޅިން ކެކިކެކި ހުރި އަޑަކުން ބައްޕަ އެހެން ބުނުމުން އަހަންނަށް ވަގުތުން ތެދުވެވުނެވެ. އަދި އަވަހަށް ކޮޓަރިން ނުކުތީމެވެ. މަންމަ އާއި ބައްޕައަށް އެއްފަހަރާ އަހަންނަށް ބަލާލެވުނެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ. “ފަޅާއެރީމަވެސް އެއްބަސް ނުވަންތަ ތިއުޅެނީ؟” މަންމަ ބުނެލިއެވެ.                “ނޫނެކޭ މަންމާ! ޝިނާހުގެ ދަރިއެއް ނޫނޭ”.
“ދެން ކާކުގެ ދަރިއެއްތަ”
“އެއްވެސް މީހެއްގެ ދަރިއެއް ނޫން. ހަމައެކަނި އަހަރެންގެ ދަރިއެއް”
“ބަލަ ކަލޭތީ މަރިޔަމްގެފާނުތަ؟ ބަފައަކާނުލާ ދަރިއަކު ލިބެން”
“އެކަމަކުވެސް މީ ޝިނާހުގެ ދަރިއެއް ނޫނޭ” އަހަރެން ދެކަކޫ މައްޗަށް ތިރިވެ އާދޭސް ކުރަން ފެށީމެވެ. އަދި ޝިނާހުއަށް ގުޅާފައި އެއްވެސް އެއްޗެއް ނުކިޔުމަށް އެދުނީމެވެ.
“ދާން އުޅޫ ކޮޓަރިއަށް” ބައްޕަގެ އަމުރަށް އަހަރެން އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. “އަހަންނަށް ހީވަނީ ޝިނާހުގެ ދަރިއެއް ނޫންހެން” އަހަރެން ދޮރު ކައިރީގައި މަންމަ އާއި ބައްޕަގެ ވާހަކަ އަޑު އަހަން ހުރީމެވެ. އަނެއްކާވެސް މަންމައާއި ބައްޕަ ދެން ހަދާނެ ގޮތަކާމެދު މަޝްވަރާ ކުރަން ފެށިއެވެ. އަހަރެން އަވަހަށް ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވާލުމަށްވެސް މަންމަ ހިޔާލު ދިނެވެ. ނަމަވެސް އެ ހިޔާލު ބައްޕައަކަށް ކަމަކު ނުދިޔައެވެ. އެފަދަ އެތައް ހިޔާލެއް އަކަކު އަނެކަކާ ހިއްސާ ކުރަމުން ދިޔައެވެ. ނަމަވެސް އެކަކަށް ކަމުދާ ހިޔާލު އަނެކަކަށް ކަމަކުނުދެއެވެ. އެގޮތުގައި އެއް ގަޑިއިރު ހޭދަވެގްން ހިނގައްޖެވެ. މަންމައާ ބައްޕައަށް އެއްފަހަރާ ހިއްސާކޮށްލެވުނު ހިޔާލާއެކު އަހަންނަށް ބޭއިހުތިޔާރުގައި އަނެއްކާވެސް ރޮވެން ފެށުނެވެ.

އަހަންނަށް ހޭލެވުނު އިރު އަހަރެން އޮތީ ދޮރު ކައިރީގައެވެ. އަވަހަށް ތެދުވެ ކޮޓަރީގެ ގަޑިއަށް ބަލާލީމެވެ. މެންދުރު ވާން ގާތްވެފައި ހުރުމުން އަވަހަށް ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތިމެވެ. މާގިނަ އިރުވަންދެން ނިދީމަ އަނެއްކާ މަންމަ އިތުރަށް ރުޅިއަންނާނެކަން އިނގޭތީ އަހަރެން ހުރީ ކުޑަކޮށް ކޮޓަރިން ނުކުންނަން ޖެހިލުންވެފައެވެ. އެހެންނަމަވެސް ހިއްވަރު ކޮއްފައި ދޮރު ހުޅުވާލަން ތަޅުގައި ހިފާލީއެވެ. އެއާއެކު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކޮޓަރީގެ ދޮރެއް ނުހުޅުވުނެވެ. އެކަމަކު ހުރީ ތަޅުލެވިފައެއްވެސް ނޫނެވެ. އަހަންނަށް މިވީ ކިހިނެއްކަން ރޭކާލީ އެތައް ފަހަރަކު ދޮރުގައި ހިފުނު ފަހުންނެވެ. ދޮރު ހުރީ ކޮޓަރިން ބޭރުން ތަޅުލާފައެވެ. އެކަހަލަ ތަޅެއް އެހުރީ މިއަދު ހަރުކޮށްފައެވެ. އަހަރެން ދޮރުގައި ތަޅަމުން މަންމަ އަށް ގޮވަން ފެށީމެވެ. އިރުކޮޅަކުން މަންމަ އައިސް ތި ދޮރުގައި ނުތަޅާށޭ ބުންޏެވެ. އަދި ދޮރު ހުޅުވާލުމަށްފަހު 3 ރޮއްޓާއި ކުޅިމަސް އަޅާފައި ހުރި ތައްޓަކާއި 5 ލީޓަރުގެ ފެންފުޅިއެއް އެތެރެއަށް ވެއްދިއެވެ. އަހަރެން ތިހެން ނަހަދާށޭ ބުނެ ގޮވަން ފެށިމެވެ. މަންމައަށް އަހަރެން ކިޔާއެއްޗެއް އަޑު ނީވޭކަހަލައެވެ. އަހަރެން ބޭނުންވީ ވަގުތުން އެތަނުން ސަލާމަތް ވާށެވެ. މަންމަ ތަށިތައް ބެހެއްޓުމުގައި އުޅެނިކޮށް އަވަހަށް ކޮޓަރިން ނުކުމެ އަހަރެން ގޭގެ ބޮޑު ދޮރާ ދިމާއަށް ދުއްވައިގަތީމެވެ. ނަމަވެސް އަހަރެންނަށް އެ ދޮރާދިމާއަށް ވާސިލު ނުވެވެނީސް ކުރިމައްޗަށް ޖެހުނީ ބައްޕައެވެ.

ޖެހިގެން އައި ހަމަސް ދުވަހު އަހަރެން ދިރިއުޅެމުން ދިޔައީ އަހަރެންގެ ކޮޓަރީގައެވެ. މަންމަ ނޫން އެހެން މީހަކު އަހަރެންގެ ކޮޓަރިއަކަށްވެސް ނުވަދެއެވެ. މަންމަވެސް ވަންނަނީ ތިން އިރު ކާއެއްޗެހި ގެނެސްދޭން އެކަންޏެވެ. އަހަރެން ވާހަކަ ދެއްކިއަސް އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. ކޮއްކޮ ކުރީކޮޅު ދޮރު ކައިރީގަ ހުރެގެން އަހަންނާ ވާހަކަ ދެއްކިއަސް މަންމަ ހިތްހަމަ ނުޖެހޭތީ އެކަންވެސް ހުއްޓާލައިފިއެވެ. ކޮއްކޮ ބުނިގޮތުގައި ޝިނާހު އަހަރެން ހޯދަން ގެއަށް އެތައް ފަހަރަކު އައެވެ. މަންމަ ޝިނާހު އާ ދިމާއަށް އެއްޗެހި ކިޔާލާފައި ފޮނުވާލަނީއެވެ. އެނދުމަތިގައި އޯށޯވެގެން އަހަރެން އޮތީ މިއަދު ބަނޑަށް އުނދަގޫ ވާތީއެވެ. ކުޑަކޮށް ތަދު ވެފައި ތަދު ކެނޑެއެވެ. އެކަމަކު އަނެއްކާވެސް އިރުކޮޅަކުން ތަދުވެއެވެ. މަންމައަށް އެތައްފަހަރަކު ގޮވަންވެސް ގޮވައިފީމެވެ. ކުއްލިއަކަށް އަހަރެންގެ ބަނޑަށް އެރި ތަދާއެކު އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަދި މަންމައަށް އަނެއްކާވެސް ގޮވަން ފެށީމެވެ. މަންމަ އައިސް ދޮރު ހުޅުވާލިއެވެ. އަދި އަހަރެން ފެނުމުން ހާސްވެގެން ތެޅެން ފެށިއެވެ. ވިހާ ވަގުތު ޖެހުނީއއެވެ. ހާލަތު ހުރި ގޮތުން އަހަރެން ވިހަން ޖެހެނީވެސް ގޭގައެވެ.

ހިޔާލީ ދުނިޔެއިން އަހަންނަށް ހޭލެވުނީ ފޯނު ރިންގުވުމުންނެވެ. އަހަރެން އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ. “ލިއު! ޒަޔާން ވާހަކަ ދައްކަން ބޭނުންވެގެން” ވާހަކަދެއްކީ ޝިނާހުއެވެ. އަހަރެންގެ ފިރިމީހާއެވެ. ޒަޔާން އަހަންނަށް ގޮވާލިއެވެ. އާއެކެވެ. އެއީ އަހަރެންގެ 6 އަހަރުގެ ދަރިފުޅެވެ. އެކަމަކު ޒަޔާން ގޮވާލީ މަންމާއޭ ކިޔާފައް ނޫނެވެ. ދައްތާއޭ ކިޔާފައެވެ. މަންމަމެން ދުނިޔެއަށް އެ ދަރިފުޅު ދެއްކީ މަންމަގެ ދަރިއެއް ކަމަށެވެ. އެއީ އަހަރެންގެ ދަރިއެއްކަން މުޅި ދުނިޔެއަށް ވަންހަނާ ކުރިއެވެ. މިއީ އަހަރެންގެ ތަޤްދީރެވެ. ދައްތާއޭ ކިޔާފައި ގޮވާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔަޔަސް އަހަރެންނަށް ކުރެވޭނެ ކަމެއެ ނެތެވެ. ކޮންމެވެސް ދުވަހަކު އެ ދަރިފުޅު އަހަންނަށް މަންމާއޭ ކިޔާފައި ގޮވާލާނެކަމުގެ އުންމީދުގައި ހުއްޓަސް މިއީ އެހެން އެންމެންނަށްވެސް އެންމެ ރަނގަޅު ގޮތެވެ. މަންމައާއި ބައްޕަގެ އަގު މީހުންގެ މެދުގައި ވެއްޓިގެން ނުދެއެވެ. ދައްތައާހެދި ދުނިޔޭގަ އުޅެން ލަދުން ކޮއްކޮ އުޅެން ނުޖެހެއެވެ. ހަރާމް ދަރިއެއްގެ ލަގަބު އެ ދަރިފުޅަށް ލިބި އެ ދަރިފުޅުގެ މުސްތަޤްބަލް އަނދިރިވެފައެއް ނެތެވެ. އަދި ޝިނާހު އަހަންނާ ކައިވެނީގެ ގޮތުން ގުޅުނަސް ޝިނާހު ބަދުނާމުވެގެން ނުދެއެވެ. އެކަމަކު …
(ނިމުނީ)

0

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. mivaahaka haikal kurin hama mi website ga genesdheyn feshin. ekam eyru dhimaavi kamehge sababun ithurah up nukurevunu.. ehenve full vaahaka mi genesdhiny 😉
    Sorry!

    ⚠Report!
  2. Mi story ge bodubaehh mi e hageegathehh!!! Mihenn ebahuri dhanna kujjakahh dhimaavefa …..story salhi BT maabodahh kuru

    ⚠Report!

Leave a Reply

Your email address will not be published.