
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ ހަނި މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ޚުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތަނުގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާެބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ.
“ލުޔޫން……” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ.
ފައިވާން އަތަށް ނަގައިގެން، ހުސްފަޔާއި އެކު ދުވަމުން ދިޔަ އެ އަންހެން ކުއްޖާގެ ފިޔަވަޅުތަށް މަޑު ޖެހުނީ ކޮންމެވެސް މީހަކު ވަރަށް ބާރަށް އޭނަގެ ނަމުން ގޮވާލި އަޑަށެވެ. ލިބުނު ސިހުމާއި އެކު ލުޔޫންއަށް ފަސް އެނބުރި އެ އަޑު އިވުނު ދިމާލަށް ބަލައިލެވުނެވެ. އެވަގުތު މަގުގެ އެއްކޮޅުން ދުވެފައި އަންނަމުން ދިޔަ މީހެއް ފެނި ލުޔޫންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. މީހާ ފިނިވެ ހަށިގަނޑު ރޫރޫލާން ފެށިއެވެ. ބޭއިޚުތިޔާރުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް ޖެހެވެން ފެށުވެނެ. އެ ހިތުގައި ޖަހަމުންދިޔަ ވިންދުތައް ވެސް އަވަސްވެ ނޭވާލާންވެސް ދަތި ކުރުވަމުން ދިޔައެވެ.
ވިއްސަކަށް ފޫޓު ދުރުން އެމީހާ ހަލުވި ކަމާއި އެކު މަގުމައްޗައް އެޅިފައިވާ ގަސްތަކުން ރެކެމުން ދުވެފައި ލުޔޫން އާއި ދިމާލަށް އަންނަމުން ދިޔައެވެ. މަގުގެ ވަކި ހިސާބަކުން އެމީހާގެ ދުވުން މަޑު ޖައްސާލާ ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި މަޑުމަޑުން ލުޔޫން އާއި ކައިރިވާން ފެށިއެވެ. ހާސްވެ ގޮތް ހުސްވެފައި ވާ ފަދަ އަސަރެއް ލުޔޫންގެ މޫނުމަތިން ހާމަވޭވޭ ހުއްޓެވެ. ފެންކަޅި ވެފައިވާ ހާލު ލުޔޫން އަށް އެމީހާ އާއި ދިމާލަށް ބަލާލެވުނެވެ. އިތުރު އެއްވެސް ހުރަހެއް ނެތި އެމީހާގެ ނަޒަރު ސީދާ ލުޔޫން ގެ ދެލޮލަށް އަމާޒުކޮއްލީ ހަމަ އެވަގުތުއެވެ. އަނގައިން ބުނަން ބޭނުންވެފައި ވީ ނަމަވެސް ލުޔޫންގެ ދުލުންެ ބަހެއް ބޭރެއް ނުވިއެވެ. ދޫ ތަޅުލެވިފައި ވާ ކަހަލައެވެ. ތުންފަތް ހަރަކާތް ކޮއްލިނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެވި ގިސްލަ ގިސްލާފައި ލުޔޫންއަށް ރޯން ފެށުނެވެ. އެ މަންޒަރު ބަލަންހުރެފައި އެމީހާ ވިހަ ގޮތަކަށް ހީލަމުން ދެވަނަ ފަހަރަށް ވެސް އެ ބަރު އަޑުން ލުޔޫންގެ ނަން ތަކުރާރު ކޮއްލިއެވެ.
“ލުޔޫން….. ހެހެ. ހީވޭތަ މަށަށް ފިލޭނެހެން…. އެން؟؟”
ސީދާ ލުޔޫންގެ ދެ ލޮލަށް ބަލަންހުރެ، ދެ އަތަކަށް ބޯ ހޫރާލަމުން އެމީހާ ސުވާލު ކޮށްްލިއެވެ. އަދި ކަނދުރާގައި އަތް ކާތާލަމުން ލުޔޫން އާއި ގާތަށް ޖެހިލިއެވެ. ވަރުގަދަ ބިޔަ ހަށިގަނޑެއް ލިބިފައިވާ އެމީހަކީ ލުޔޫން އާއި ނުހަނު ލޯބިން ކައިވެނިކޮށް އެކީގައި އުޅުމަށް އެކި ރޭރޭ ވަޢުދާއި އަޙުދު ވީ ބައިވެރިޔާ ނިހާލް އެވެ. އެހާ ލޯބިން އުޅުނު ފިރިޔަކު ދެކެ މިއަދު ލުޔޫން އެހާ ބިރުގަންނަން ވީ ފަހެ ކޮން ސަބަބަކާއި ހެދި ހެއްޔެވެ؟
ނިހާލްގެެ ފިޔަވަޅުތައް މަޑުމަޑުން ކުރިއަށް އަޅަމުން ދިޔައިރު އެ ސިކުނޑި ތެރޭގައި ރާވަމުން ދިޔައީ ކޮންފަދަ ނުރައްކާތެރި ރޭވުން ގަނޑެއް ކަމެއްވެސް ލުޔޫން އަކަށް ނޭނގެއެވެ. ނިހާލް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއި އެކު ލުޔޫން ގެ ފިޔަވަޅުތައްް ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ނިހާލް ލުޔޫންގެ އަތު މުލައްދަނޑީގައި ހިފާ ނިހާލްގެެ ގަޔާއި ކައިރިއަށް ދަމައިގަތެވެ. ހަމަ އެވަގުތު އެކަހަލަ ކަމެއް ވެދާނެ ކަމަށް ހުޝިޔާރުވެ ހުރި ލުޔޫން އޭނަގެ އަތުގައި އޮތް ފައިވާނުން، އަތުގައި ހުރި ބާރެއްލާފައި ނިހާލްގެެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. ކަންދިމާކުރި ގޮތުން އެ އެތިފަހަރު އެރީ ނިހާލްެ ކަނާތު ލޮލާއި ދިމާލަށެވެ. ލޮލަށް އެރި ދިލަ ތަދެއްގެ ސަބަބުން ނިހާލްއަށް ލުޔޫންގެ އަތުން ދޫކޮށްލެވުމާއި އެކު، ލުޔޫން ނިހާލްގެ މޭ މަތީގައި އަޅާ ކޮއްޕާލުމަށް ފަހު ފައިގައި ނެތް ބާރެއް ލާފައި ދުއްވައި ގަތެވެ.
ދެވޭ ނުދެވޭ ތަނެއް ނޭގި ދުވަމުން ދަނިކޮށް، ގަހަކުން ބިންދައިގެން މަގުމައްޗަށް ވެއްޓިފައި އޮތް ގޮފިގަނޑެއްގައި އަޅައިގަނެ ލުޔޫން އަރިއަޅާލައި ވެއްޓުނެވެ. އެވަގުތު ވޭނީ އަޑަކުން ލުޔޫން އަށް ވަރަށް ބާރަށް މަންމާއޭ ކިޔާ ރޮއެގަނެވުނެވެ. އެހެނަސް ލުޔޫންގެ އެ އަޑު ކުއްލިއަކަށް ކެނޑުނެވެ. ވެއްޓުން ވަގުތު ބިންމަތީގައި ކުޑަކޮށް ފޭހިފައިވާ ކަހަލަ ގޮތަކަށް އިން ކޮޅު ތޫނު މުލެއް ލުޔޫންގެ ނިތްކުރިން އެއް އަރިޔަކަށް ހެރިފައި ހުއްޓެވެ. މޫނުވަތަށް ބިންމައްޗަށް ވެއްޓިފައި އޮތް ލުޔޫންގެ މޫނު ކައިރިން މަދު ހިނދުކޮޅެއްގެ ތެރޭގައި ލޭގެ ކޯރެއް ނީރާލިއެވެ. ވެހެމުން ދިޔަ ބޯ ވާރެއާއި އެކު އެ ހަނި މަގުގައި ހެދިފައިވާ ޗަކަ ފެންގަނޑާއި، ލުޔޫންގެ ނިތްކުރިން ފައިބަމުން ދިޔަ ލޭތައް އެކުވަމުން ދިޔައެވެ. ލުޔޫންގެ ހުޅުވިފައިވާ ދެ ލޯ މަޑުމަޑުން މެރެމުން ދިޔައިރު އެ ދެ ލޮލަށް ފެންނަމުންދިޔަ މަންޒަރުތައް ވެސް ދިޔައީ ފަނޑުވެ ފުސް ވަމުންނެވެ. އެ ފުސް ކަމުގެ ތެރެއިން މީހަކު އޭނާއަށް ގޮވާލިއަޑުއިވުނެވެ. އެއީ ލޯބިން ފުރިގެންވީ އަޑެކެވެ. އެހެނަސް އެތާކު ދެވަނަ އެހެން މީހަކު ނުވެއެވެ. އާނ އެކެވެ. އެއީ ލުޔޫންގެ އެ ފޮނި ފޮނި މާޒީއެވެ. އެ ހަނދާންތައް އާވާން ފެށުމުން އެ ވޭނީ ހާލުގައި އޮވެ ލުޔޫން އަށް ދެ ލޯ މަރާލެވުނެވެ.
**************************
“އޫޕްސްސް… އެމް ރިއަލީ ސޮރީ! ގަސްތުގައެއް ނޫން” އަވަސް އަވަސް އަރުވާލާފައި ފިހާރައިން ނިކުންނަން ދިޔަ ޒުވާނާގެ ދަބަހުން ޖެހި ފިހާރަ ކައިރީގައި މަޑު ކޮއްލައިގެން ހުރި ލުޔޫން ގެ އަތުގައި އޮތް ބިސް ކޮތަޅު ވެއްޓި ބިސްތައް ތަޅައިގެން ދިޔައެވެ. އެވަގުތު އެ ޒުވާނާއަށް ބަލާލެވުނީ ލުޔޫންގެ މޫނަށެވެ. އެ ދޮން ދޮން މޫނުމަތިން ފޫހި ކަމެއް ފާޅުވަމުން ދިޔައެވެ. ތުންކޮޅަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން ވެއްޓިފައި އޮތް ބިސްކޮތަޅަށް ބަލަން ހުރި ލުޔޫން ފެނިފައި އެ ޒުވާނާ އަނެއްކާވެސް މަޢާފަށްް އެދުނެވެ.
“ހެއި، އަސްލުވެސް ސޮރީ އިނގޭ..” ކުޑަކޮށް ބޯ ކަހާލަމުން އެ ޒުވާނާ އަނެެއްކާވެސް ލުޔޫން އާއި ދިމާލަށް ބަލާލިއެވެ.
“އާން… އެ އެޅުނީ ބިސްގަނޑު….. އިޓްސް އޯކޭ” ލުޔޫންގެ ޖަވާބު ކުރު ނަމަވެސް އޭގައި ކޮންމެވެސް ފުން މާނައެއް އެކުލެވިގެން ވާކަން އެ ޒުވާނާއަށް ނަގައި ގަނެވުނެވެ. ދެވަނަ އެއްޗެއް ބުނަން ބަލާލި އިރު ލުޔޫން ފަރި ހިނގުމެއްގައި ހިނގާލާފައި ދަނީއެވެ.
ވެދިޔަ ކަންތަކާއި ހިތްހަމަ ނުޖެހި ހުރެ ހިތާއި ހިތުން ކުދި ކިޔަމުން ގޮސް ލުޔޫން ގެއަށްވަނެވެ.
“ހާދަ ލަސްވީ…؟ އަވަހަށް ތި ހިފައިގެން އާދޭ ބަދިގެއަށް.. މިހާރު މާ ބޮޑަށްވެސް ލަސް ވެއްޖެ.” ބަދިގެ ތެރޭގައި ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔަ ލީލާ އަށް ލުޔޫން ގެއަށް ވަދެގެން އައިތަން ފެނިފައި ބުނެލިއެވެ.
ލީލާ އަކީ ލުޔޫންގެ މަންމަ ކަމުގައި ވީ ނަމަވެސް އެ ދެމައިންނަށް ގިނަފަހަރު އޮންނަނީ އެކުގައި ހޭދަކޮށްލާނެ ވަގުތެއް ނުވެފައެވެ. ލީލާގެ ވަޒީފާގެ ކަންތައް ހުންނަ ގޮތުން ގިނަ ފަހަރު ހުކުރު ހޮނިހިރު ދުވަހަށްވެސް ލީލާއަށް ގޭގައި މަޑުކޮއްލާނެ ފުރުސަތެއް ނުލިބެއެވެ. ފިރިމީހާ ޔާސިރު ނިޔާވިއިރު ފަށާފައިވާ އެމީހުންގެ އަމިއްލަ ވިޔަފާރީގެ ހުރިހައި ކަމަކާ ލީލާއަށް ހަވާލުވާން ޖެހުނީ ލުޔޫންގެ އުމުރުން އެންމެ ދިހަ އަހަރުގައެވެ. އެހެންކަމުން ލުޔޫންގެ ކަންތައްތައް ބެލެހެއްޓުމަށާއި ގޭތެރެ ބެލެހެއްޓުމަށް ލީލާއަށް ޖެހުނީ ގެއަށް އިތުރު މީހަކު ގެންނާށެވެ. އަމީނާ އަކީ އެ ދުވަހުން ފެށިގެން އެ ގޭގައި އެ ގޭގެ މެންބަރެއް ފަދައިން އުޅެމުން ދިޔަ މީހެކެވެ. އަމިއްލަ ދަރިއެއް ލިބިފައި ނެތް ކަމުގައި ވިޔަސް އަމީނާ ވެސް ލުޔޫން ބަލާ ބޮޑުކޮށްފައި ވަނީ އަމީނާގެ އަމިއްލަ ދަރިއެއް ފަދައިންނެވެ.
ލުޔޫން ފޫހި ގޮތަކަށް ހުރެ ބަދިގެ ތެރެއަށް ވަދެގެން އައުމުން ލީލާ ލުޔޫންގެ އަތަށް ފަރުވާތެރި ކަމާއިއެކު ބަލާލިއެވެ.
ލީލާ: “ބިސް ގަންނާކަށް ނޫންތަ ދިޔައީ؟”
” ހޫމމ.. ދެން ވަރަށް ފޫހިވެ… ޔޫން ހަމަ ފިހާރައިން ނިކުންތަނުން ކޮންމެވެސް މީހަކު އައިސް ޖެހިގަތީ. ބަލާބަ އަޅުގަނޑުގެ ޖީންސް… ޗީ… ޔަކް” ތުން ދަމައިގެން ހުރި ލުޔޫން އޭނަގެ ޖީންްސްގެ ފައިކުރި ދައްކަމުން ޝަކުވާ ކޮއްލިއެވެ. ތެދެކެވެ. ލުޔޫންގެ ޖީންސް ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ. އެ ކަޅުކުލައިގެ ޖީންސްގެ ފައިކުރީގެ އެތަން މިތަނުގައި ބިހުގެ އަސަރު ފެންނަން ހުއްޓެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި އަމީނާ ވެސް އެ ދެމައިންނާއި އަރާ ހަމަވަނީއެވެ.
ލީލާ: ” މި މަންޖެއަށް ކަމެއް ހަވާލު ކޮށްފިއްޔާ ބަދުވެސް ވާނީ މިވަރު… އަހަރެން ހިތަށް އަރާ މީނަ ބޮޑުވާނީ ކޮން އިރަކުން ބާ އޭ….”
އަމީނާ: ” ދެން އެކަމާ އަޅާނުލާ.. ޔޫން ދޭ އަވަހަށް ރީތިވެލައިގެން ތިރިއަށް އަންނަން. މިހާރު އެމީހުން އަންނަން އުޅޭނެ…. އަވަސް ކޮށްލާތި އިނގޭ”
އަމީނާގެ ވާހަކަ ތަކުން ގެއަށް ކޮންމެވެސް ބަޔަކު އަންނަން އުޅޭ ކަހަލަ އިޝާރާތެއް ވިއެވެ. އެއީ ލުޔޫން އަށް އާ ކަމަކަށް ނުވިއެވެ. ސަބަބަކީ އެ ގެއަކީ ވަރަށް ގިނައިން ލީލާ އާއި އެކު މަސައްކަތް ކުރާ މީހުން އަންނަ ގެއަކަށް ވެފައި ގިނަ ފަހަރު ވިޔަފާރީގެ ކަންކަމުގައި ބާއްވާ އެކިއެކި ބައްދަލުވުންތަށް ވެސް އެ ގޭގައި ބާއްވާތީއެވެ. ލީލާ ވެސް އަމީނާގެ ބަހަށް ބޯ ޖަހާލަމުން މޭޒުމަތި ތައްޔާރު ކޮށްލުމަށް އެދި އެތަނުން ދިޔައީ ކުޑަކޮށް މީހާ ފެންވަރާ ތާޒާވެލާށެވެ.
ގޭތެރެއަށް ވެރިވެފައި ވީ ހަމަހިމޭންކަން ފޫ އަޅުވާލަ ދިނީ ކޮންމެވެސް މީހަކު ސަލާމް ގޮވާލި އަޑުންނެވެ. ބަދިގެތެރޭގައި ތައްޓަކަށް ފެން އަޅައިގެން ފެންފޮދެއް ބޯލުމަށް ތައްޔާރު ވަމުން ދިޔަ އަމީނާގެ ކަންފަތުގައި އެ އަޑު ޖެހުމުން ފެންތަށި މޭޒުމަތީގައި ބަހައްޓާ، ގޭގެ ދޮރާއި ދިމާލަށް ހިނގައި ގަތީ ސަލާމް ބަލައި ގަންނަމުންނެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ލީލާ ވެސް އަވަސް ފިޔަވަޅު ތަކަކާއި އެކު ދޮރާއި ދިމާލަށް ހިނގައިގަތެވެ.
ދޮރުމަތީގައި ހުރި ދެބައި އުމުރަށްދާ ފިރެހެނަކު ލީލާ ފެނުމުން ވަރަށް އުފާވެރި ހިނިތުން ވުމަކާއި އެކު ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. އެމީހަކީ ލީލާގެ އެއްބަނޑު އެއްބަފާ ބޭބެ ސަލީމް އެވެ. އަހަރު ތަކަކަށްފަހު ބޭބެއާއި ބައްދަލުވުމުން ލީލާގެ މޫނުމަތިން އެ އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ. ސަލީމް އާއި އަތާއަތް ޖޯޑު ކޮށްލުމަށްފަހު އެތެރެއަށް ވަންނަން އެދުމުގެ ކުރިން ލީލާއަށް ބޭރު ބަލާލެވުނީ، ސަލީމް އާއި އެކު އިތުރު މީހަކު އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ…. (ނުނިމޭ)
15 Comments!
Comments are closed.
Nice
thank u 🙂
vv Reethi
thank u 🙂
Chill story kyp it up Ella!!!!!!????
thanks 🙂
V kuru. .. ekm vx v v reethi. .. waiting for next part. .. keep it up…
Feshun vvv reethi. Maa kuruveema mahssala aky. Waiting next part. Kohmme dhuvahaku up kohdhehchey
konme dhuvahaku up kuran kudakoh undhagu vaane.
iraadha kurehviyya konme Friday, Saturday, adhi Tuesday ehga up kohdheynan 🙂
V reethi
Salhi. Keep it up
reethi fashun.?☺??
Vrh reethi mi story… I really loved it…looking forward to the next part ??
Mi vaahaka feshun v reethi. Hope v reethi vaane kamah kuriah ves
Feshun v reethi.. nimendhn in sha allaah up kohdheche. Nice.