
އިޒްޔާންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނު ވަގުތު އޭނާއަށް ހީވީ އޭނާގެ އެތެރެހަށީގައި ހިނގަހިނގާހުރި ނޭވާ ހުއްޓުނުހެންނެވެ.
ބުދެއްހެން ހުއްޓިފައި އިޒްޔާންއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އައި ރުޅިން އޭނާއަށް ފޯނު ހޫރާލެވުނެވެ. “އޭތް. ކީއްވެ ތި ފޯނު ހޫރާލީ؟” އަޝްފާގް ހައިރާންވެފައި އަހާލިއެވެ.
ކުއްލިއަކަށް އިޒްޔާން ތެދުވެ އަޝްފާގްގެ ޓީޝާޓުގައި ހިފާ ޖޯލިން ނެގިއެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރި އިޒްޔާންގެ ދެއަތް ތުރުތުރުލަމުންދެއެވެ. ވާނުވާ ނޭނގި އަޝްފާގް ދެލޯ ބޮޑުކޮށްގެން ހުރެ ވީ ކީއްތޯ ސުވާލުކުރަމުން ދިޔައެވެ.
“އަޝް ބޭނުންހާ އެއްޗެއް ނުކިޔޭނެ. މަލަކާއަކީ ތިހީކުރާ ކަހަލަ ކުއްޖެއްނޫން.” އިޒްޔާން ރުޅިވެރިކަމާއެކު އަޝްފާގް ކޮއްޕާލިއެވެ. އަޝްފާގް ނުވިސްނާ ހުރުމުން ގޮސް ޖެހުނީ ޖޯލިގަނޑަށެވެ.
“ހަނދާންކުރާތި! މީގެފަހުން މަލަކާއޭ ކިޔާފައި ވާހަކައެއް ދެއްކުމުގެ ކުރިން އަހަރެން ކަލޭގެ ކުޑަދޫ ދަމައިގަންނާނަން.” އިޒްޔާން އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުން ރުޅިވެރިކަމުގެ ދިލަ ހޫނު އަރައަރާ ހުއްޓެވެ. އެހެން ބުނެ މަޑުވެސްކޮށްނުލާ އިޒްޔާން ދާން ހިނގައިގަތެވެ. އިޒްޔާން ދިޔަގޮތަށް ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ. އިޒްޔާން ދާތަން ފެނި އަޝްފާގް އަވަސްއަވަހަށް ޖޯލިން ތެދުވެ މަޑުކުރުމަށް ގޮވިއެވެ. އަދި ދުވެފައި ގޮސް ފޯނު ނެގިއެވެ. އަޝްފާގް ގޮވަގޮވާ ހުއްޓާ އިޒްޔާން ގޮސް އޮބާލުމުން އަޝްފާގްވެސް ސައިކަލަށް އަރާ ދުއްވާލިއެވެ. އިޒްޔާން ދިޔަ މަގުން ފުލް ސްޕީޑްގައި ގޮސް އިޒްޔާންގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލިއެވެ. އަޝްފާގް ވިސްނާނުލާ ސައިކަލު މަޑުކޮށްލުމުން އިޒްޔާން އައިސް ސައިކަލުގައި ޖެހިފައި ސައިކަލާއެކު ވެއްޓުނެވެ. އަޝްފާގް ސައިކަލުން ފައިބައިގެން ގޮސް އިޒްޔާން ތެދުވަން އެހީތެރިވުމުގެގޮތުން އަތް ދިއްކޮށްލިއެވެ. އަޝްފާގް ކަންތައްކުރި ގޮތުން އިޒްޔާން އައިސްފައިހުރި ރުޅިވީ ގަދައެވެ. އަޝްފާގްގެ އަތުގައި ހިފުމުގެ ބަދަލުގައި އޭނާ އަމިއްލައަށް ތެދުވިއެވެ.
“އަހަރެން ހިއެއްނުކުރަން އަޝް ތިހާ ގޯސްވާނެ ކަމަކަށް.” ނުރުހިފައި އިޒްޔާން ބުނެލިއެވެ. ވެއްޓި ޖެހުނުގޮތުން އިޒްޔާންގެ އަތްވެސް އޮތީ ޒަޚަމްވެފައެވެ. ފަޔަށްވެސް ތަދުވެފައި ހުރުމުން ހިނގަންވެސް ދަތިވިއެވެ.
“ސޮރީ އިޒް! އަހަރެން ކިތަންމެ ގޯހަސް މީހަކަށް ގެއްލުމެއް ނުދޭނަން. އަހަރެން މިއައީ އިޒްއަށް ހަޤީޤަތް ކިޔައިދޭން.” އަޝްފާގްގެ ވާހަކަތަކަށް ރައްދުދިނުމުގެ ބަދަލުގައި އިޒްޔާން ބެލީ ވެއްޓިފައި އޮތް ސައިކަލު ނެގޭތޯއެވެ.
“މަލަކާ އެއީ އިޒް ތިހީކުރާ ކަހަލަ ކުއްޖެއްނޫން. އަހަރެންނަކަށް ނޭނގެ މަލަކާ އިޒްއަށް ދެއްކީ ކޮން ދަޅައެއްކަމެއް.” އަޝްފާގްގެ ވާހަކަ ނުނިމިގެން އުޅެނިކޮށް އިޒްޔާން ސައިކަލަށް އަރާ ދުއްވާލަން އުޅުނެވެ. ކުއްލިއަކަށް އަޝްފާގް ސައިކަލުގެ ކުރިމައްޗަށް އެރިއެވެ.
“އޯކޭ! އިޒްއަށް ޤަބޫލުނުކުރެވެންޏާ ހިނގާ މިރޭ ދާން. އޭރުން އިޒްއަށް މަލަކާގެ ހަޤީޤަތް އެނގޭނެ.” އިޒްޔާން އެއްވެސް ބަހެއްނުބުނެ ސައިކަލު ދުއްވާލިއެވެ. އެހެންކަމުން އަޝްފާގަށް މަޖުބޫރުވީ ސައިކަލު ކުރިމަތިން ދުރަށްދާށެވެ.
“ހަޤީޤަތް އެނގެން ބޭނުމިއްޔާ މިރޭ ދިހަގަޑި ބަޔަށް ރެއިންބޯ ހޮޓެލްއަށް އާދޭ.” އިޒްޔާންއަށް އަޑުއިވޭވަރަށް އަޝްފާގް ގޮވާލިއެވެ.
އިޒްޔާން ސައިކަލު މަޑުވެސްކޮށްނުލާ ދިޔައީއެވެ. މިވަގުތު އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. އެހެންކަމުން ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ގޭދޮށަށް ސައިކަލު މަޑުކޮށްލިއެވެ. ގެއަށް ވަދެގެން ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިޒްޔާން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީ ސިކުނޑިއަށް ލިބިފައިވާ ބުރަ ލުއިކޮށްލުމަށެވެ.
“މަލަކާ އެއީ އެބުނާ ކަހަލަ ކުއްޖަކަށް ވެދާނެބާ؟ މިއޮއް ހުރިހާ ދުވަހު އެކުގަ އުޅުނުއިރުވެސް މަލަކާގެ ކިބައިން އެކަހަލަ އެއްވެސް ސިފައެއް ނުފެނޭ. ދެން ކީއްވެ އެންމެން އެހެން އެކިޔަނީ؟” އިޒްޔާން ދަށްބޮލުން އެނދުގެ ހެޑްބޯޑްގައި ތަޅަންފެށިއެވެ. ހާސްކަމާއި ނުތަނަވަސްކަމުން އިޒްޔާންގެ ހިތް ހުއްޓެން އުޅޭހެންވެސް ހީވެއެވެ. އެތެރެއަށްލާ ނޭވާ ބޭރުވެސް ކޮށްލެވެނީ ވަރަށް އުނދަގުލުންނެވެ. އިރުގަނޑެއް ވަންދެން އެފަދަ ހާލެއްގައި އިޒްޔާން އުޅުނެވެ. އެއަށްފަހު އިޒްޔާން ފޯނު ހުޅުވާލިއެވެ.
“މަލަކާ! ކޮބައިތަ ޔޫ؟ އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ. މިހިތަށް އިތުރަށް ތަދުނުކޮށް އައިސްބަލަ. މި އެންމެން އެދައްކަނީ ދޮގު ވާހަކަތަކެއްކަން ހާމަކޮށްދީބަލަ. ޕްލީޒް!” އިޒްޔާން ފޯނުގައި އިން މަލަކާގެ ފޮޓޯއަށް ބަލަން އިނދެ އެހިތުގައިވާ ޝަކުވާތައް އެފޮޓޯއާ ކުރަމުންދިޔައެވެ.
އިރުއޮއްސި އަނދިރިވެ ރަތްވިލާ އޮއްސިގެން ދިޔައިރުވެސް އިޒްޔާޏް އޮތީ އެނދުގައެވެ. ތެދުވާ ހިތްނުވެ، ކާހިތްނުވެ، ބޯހިތްނުވެ އިޒްޔާން އެނދުގައިއޮވެގެން ވިސްނަމުންދިޔައެވެ. އެތައް ގޮތަކަށް ވިސްނައިގެންވެސް އޭނާއަށް މަލަކާގެ ހަޤީޤަތް ހޯދޭނެގޮތެއް ނޭނގުނެވެ.
“އޮތީ އެންމެ ގޮތެއް. އަޝް އެބުނާ ގަޑިއަށް އެތަނަށް ދިޔުން. އެތަނަށް ގޮސްފިނަމަ މަލަކާއަށް ހީވާނެ އަހަރެން އޭނާއަށް ޝައްކުކުރަނީއޭ. ދުވަހަކުވެސް މަލަކާއަށް ޝައްކެއް ނުކުރަން. އެކަމަކު ކަންތައްވާގޮތުން ޝައްކުކުރަންވެސް މަޖުބޫރުވީ.” އިޒްޔާން ހިތާހިތާ ކިޔާލިއެވެ. އިޒްޔާޏް ނިންމީ ކޮންމެ ގޮތެއްވިޔަސް މަލަކާގެ ހަޤީޤަތް ހޯދުމަށް އެހޮޓެލަށް ދިއުމަށެވެ.
ގަޑިން ދިހައެއް ޖެހިއިރު އިޒްޔާން ހުރީ ރެިންބޯ ހޮޓެލް ދޮރުމަތީގައެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު ދެކޮޅަށް ހިނގަންފެށިއެވެ. މިހާރު ވަގުތުވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާހެން އިޒްޔާންއަށް ހީވެއެވެ. އެތައް ފަހަރަކު ގަޑިއަށް ބަލާލިއިރުވެސް ދިހަގަޑި ފަނަރަ ނުހިނގައެވެ. އިޒްޔާން ހޮޓެލް ދޮރުމައްޗަށް އައިސްފައި އަޝްފާގްއަށް ގުޅުމުން ދިހަގަޑި ފަނަރައަށް އަންނަން ބުނިފަހުން އިޒްޔާންގެ ހިތް ތެޅެންފެށި ގޮތަށް ހުއްޓޭކަށްވެސް ނޫޅުނެވެ.
“އަނެއްކާ އަޝް އަހަރެންނަށް ލަނޑެއްދޭން އުޅެނީބާ؟ ކޮންމެގޮތެއްވިޔަސް މިރޭ ދާނީ އަޝް އެދައްކަންއުޅޭ އެއްޗެއް ބަލާފަ.” އިޒްޔާން ހިތާހިތާ ކިޔާލިއެވެ. މިހާރު އިޒްޔާން ބޭނުންވަނީ ކޮންމެ ގޮތަކުންނަމަވެސް މަލަކާގެ ހަޤީޤަތް ހޯދާށެވެ. އެހެންކަމުން ކިތަންމެ ދިގު އިންތިޒާރެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.
“ކޮބާ ދާންވީނު އެތެރެއަށް.” ސައިކަލުން ފައިބައިގެން އައިސް އަޝްފާގް އިޒްޔާންއަށް ހިނިތުންވުމެއް ރައްދުކުރަމުން ބުނެލިއެވެ.
“ކޮބާ މަލަކާ؟” އިޒްޔާން ވަށައިގެން ހޯދާލަމުން ހައިރާންކަން އެކުލެވިގެންވާ އަޑަކުން އަހާލިއެވެ. އަޝްފާގް ހިނިގަނޑެއް ޖަހާލަމުން ކެތްކޮށްލާށޭ ބުނެލިއެވެ.
“މަލަކާވެސް އަންނާނެ.” އަޝްފާގްއާއެކު އިޒްޔާން ދާން ހިނގައިގަތެވެ. ވާނުވާ ނޭނގޭތީ އިޒްޔާންގެ ހިތުގައި ސުވާލުތައް ގިނަވަމުން ދިޔައެވެ. އަޝްފާގް ގޮސް ކައުންޓަރާ ގާތްވާއިރަށް ކައުންޓަރުގައި އިން އަންހެންކުއްޖާ ތަޅުދަނޑިއެއް ދިއްކޮށްލިއެވެ. އަޝްފާގް ޝުކުރުއަދާކުރަމުން ހިނިތުންވެލިއެވެ. އެއަށްފަހު ލާނެތް ބަސްތަކެއް ބުނެލަމުން ހިނގައިގަތެވެ. އަޝްފާގްގެ ލާނެތް ބަސްތައް އަޑުއިވިފައި ކައުންޓަރުގައި އިން އަންހެންކުއްޖާ ރަކި ގޮތަކަށް ހީލިއެވެ. ކައުންޓަރުގައި އިން އަންހެންކުއްޖާ އޭނާއަށް ބަލާކަން އިޒްޔާންއަށް ފާހަގަވިއެވެ. އޭނާ އެކަމާ އަޅާނުލާ އިސްއޮބާލައިގެން ހުރެ ހިނގައިގަތެވެ. ސިޑިން މައްޗަށް އަރައިގެން ހަނި މަގަކުން ހިނގަމުންގޮސް ތިންވަނައަށް ހުރި ކޮޓަރީގެ ދޮރު އަޝްފާގް ހުޅުވާލިއެވެ. އެއަށްފަހު އިޒްޔާން ގާތު އެތެރެއަށް ވަނުމަށް ބުންޏެވެ.
އިޒްޔާން ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން އެތެރެއަށް ވަނެވެ. ކޮޓަރިތެރެ ވަރަށް އަނދިރިއެވެ. އެއަނދިރިކަމާއި ހިމޭންކަމުގެ ތެރޭގައި އިޒްޔާންއަށް އޭނާގެ މޭތެރޭގައި އޮތް ހިތުގެ ތެޅުމުގެ އަޑު އިވެއެވެ. އެވަގުތު ކޮޓަރި ދިއްލާލާފައި އަޝްފާގް އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އިޒްޔާން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަޝްފާގް ގޮސް އުޑުތިލަމަތިން އެނދުގައި އޮށޯވެލިއެވެ. އިޒްޔާން ހުރީ ޖެހި ބުދެއްހެން ގުޑާވެސްނުލައެވެ. އޭނާގެ ހިތުގައި ހިނގަމުންދާ ހައިޖާނުގެ ސަބަބުން ހިއްސުތައް ހަމަޖައްސަން އުނދަގޫވެފައެވެ. އެގޮތުގައި ވަގުތުތައް ދިގުލާދާހެން އޭނާއަށް ހީވާންފެށިއެވެ. ހާސްކަމުގެ ސަބަބުން އިޒްޔާންގެ ނިތްކުރިން ދާތިކިތައް ވިދަންފެށިއެވެ.
“އޭ އަޝް! ކޮބައިތަ މަލަކާ؟ އަޝް އަހަރެން ގެނައީ މަލަކާގެ ހަޤީޤަތް އަންގާކަށްނު. މިހާރު ކިހާއިރެއް ވެއްޖެ މިތާ ތިބޭތާ.” އިޒްޔާން ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ. މިހާރު އޭނާގެ ކެތްތެރިކަން ކޮޅުންލަނީއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް މަލަކާއޭ ކިޔައިގެން އެދެކެވޭ ވާހަކައިގެ ހަޤީޤަތް އެނގޭށެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ދޮރުގައި ޓަކިޖެހި އަޑުއިވި އިޒްޔާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
“މަލަކާބާ؟” އިޒްޔާންގެ ހިތް ތެޅިގަތްވަރުން ހީވީ ރޯމަހެއް މަރަށް ތެޅިގަތްހެންނެވެ. އެނދުގައި ހަމަޖެހިލައިގެން އޮތް އަޝްފާގް ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. ވަރަށް ހާސްވެފައިހުރެ އިޒްޔާން ގާތުގައި ކޮންމެވެސް ތަނަކަށްވަދެ ފިލުމަށް ބުންޏެވެ. އިޒްޔާން ވާނުވާ ނޭނގިހުރެ ސުވާލުކުރިއެވެ.
“މާގިނަ ސުވާލުނުކޮށް ފިލާބަލަ.” އެހެން ބުނެ އަޝްފާގް ދޮރާއި ދިމާލަށް ހިނގައިގަތެވެ. އިޒްޔާން ހާސްވީ ފިލަން ވަންނާނެ ތަނެއް ނުވިސްނުމުންނެވެ. ކުރިމަތީ ހުރި އަލަމާރި ފެނިފައި އިޒްޔާން އަވަސްއަވަހަށް އަލަމާރި ދޮރު ހުޅުވާލާފައި އެތެރެއަށްވަދެ ދޮރުފަތް ގާތްކޮށްލިއެވެ. އަޝްފާގް ދޮރު ހުޅުވާލުމުގެ ކުރިން އިޒްޔާން ކޮބައިތޯ ބަލާލިއިރު އިޒްޔާން އަލަމާރިއަށް ވަތްތަން ފެނި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.
ދޮރު ހުޅުވާލިއިރު ދޮރަށް ފުރަގަސްދީގެން އަންހެންކުއްޖަކު ހުއްޓެވެ. ކުރު ސްކާރޓްކޮޅަކާއި ޓޮޕްކޮޅެއް ލައިގެންހުރި އެއަންހެންކުއްޖާގެ ހަށިގަނޑަށް އަޝްފާގް ބަލާލިއެވެ. އަންހެންވަންތަ ރީތި ހަށިގަނޑު ފެނިފައި ދީވާނާ ނުވާނެ ފިރިހެނެއް ހުންނާނެބާއޭ އަޝްފާގްގެ ހިތަށްއެރިއެވެ. ދޮރު ހުޅުވުނު އަޑަށް އެއަންހެންކުއްޖާ އެނބުރިލިއެވެ. ހިނިތުންވެލަމުން އަޝްފާގްއާ ދޮރާ ދޭތެރެއިން އެތެރެއަށް ވަނެވެ. އަލަމާރިތެރޭ ހުރި އިޒްޔާންއަކަށް ކޮޓަރީ ދޮރެއް ނުފެނެއެވެ. އެހެންވެ ވަދެގެން އައީ ކާކުކަމެއް ނޭނގެއެވެ. ހިތް ތެޅޭވަރުން އޭނާއަށް ކެތްވަނީއެއް ނޫނެވެ. އެއައީ ކާކުކަން ބަލަން ބޭނުންވެފައިވާލެއް ބޮޑުކަމުން ދޮރު ހުޅުވާލަންވެސް އުޅެވުނެވެ. އެކަމަކު ދޮރު ހުޅުވާލައިފިނަމަ އޭނާ ހޯދަން އައި ހަޤީޤަތް ނޭނގޭނެކަން ވިސްނި ކެތްތެރިވެލިއެވެ.
ކޮޓަރިއަށް ވަދެގެން އައި މީހަކު ވާހަކަވެސް ދައްކާލި އަޑެއް ނީވެއެވެ. އިޒްޔާން ކުޑަކޮށް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ދޮރު ކުޑަކޮށް ހުޅުވާލުމުން އެނދުގައި އޮތް އަޝްފާގް ފެނުނެވެ. އިޒްޔާން ބަލަން ހުއްޓާ އަންހެންކުއްޖެއް އަޝްފާގް އޮތް ދިމާ އެނދާއި ގާތްވެލިއެވެ. އޭރުވެސް އިޒްޔާންއަކަށް އެކުއްޖާގެ މޫނެއް ނުފެނެއެވެ. އެކުއްޖާ ހުރީ އަޝްފާގަށް ކުރިމަތިވާގޮތަށް އިޒްޔާންއަށް ފުރަގަސްދީގެންނެވެ. ކުރު ސްކާރޓްކޮޅާއި ޓޮޕްކޮޅުގައި ހުރިއިރު، އިސްތަށިގަނޑު ހުރީ ބޮލު މެދަށް ހުޅިއެއް ޖަހާފައެވެ. އެކުއްޖާގެ ހާމައަށް އޮތް ފަޔަށް އިޒްޔާންގެ ނަޒަރު ހުއްޓުނެވެ. ރީތި ދޮން ދެފައެވެ. ފަލަމަސްގަނޑާއި ފޫކޮޅު ބޮޑުވެ ހަޑިވާވަރެއް ނޫނެވެ. އަސަރު ކުރުވާފަދ ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެކެވެ. އިޒްޔާން ބަލަން ހުއްޓާ އެކުއްޖާ ލައިގެންހުރި ޓޮޕްކޮޅު ބޭލިއެވެ. އެވަގުތު އިޒްޔާންގެ ނޭވާ ތާށިވިއެވެ. ދެލޯ ބޮޑުކޮށްލެވުނީ ފެންމުންދިޔަ މަންޒަރު އެއީ ހަޤީޤަތެއްކަން ޤަބޫލުނުކުރެވިފައެވެ.
“އަޝްފާގް އަހަރެން މިގެނައީ ކޮންފަދަ ތަނަކަށްތަ؟” އިޒްޔާން ގާތަށް އައި ރުޅިން ދޮރު ހުޅުވާލަން އުޅުނު ވަގުތު ފެނުނު މަންޒަރުން އެތެރެއަށް ދެމިގަނެވުނެވެ. އެއަންހެންކުއްޖާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. އަޝްފާގްގެ ގައިމައްޗަށް ގުދުވެލީތަން ފެނުމާއެކު އިޒްޔާންއަށް ދޮރު ލައްޕާލެވުނެވެ. ހިތް ހާސްވެ މީހާގެ އަތްފައި ފިނިވީ ގަނޑުފެންގަނޑެއް ތެރޭގައިވިޔަސް ފިނިވާނެހާ އަވަހަށެވެ. އިވެމުންދާ އަޑުއަޑުން ކެތްނުވެގެން އިޒްޔާންއަށް ދެކަންފަތުގައި އަތްއަޅާލެވުނެވެ. އޭނާ ގޮވައިގެން އައިސް މިފަދަ މުޑުދާރު އަމަލެއް ހިނގަން އަޝްފާގަށް ކެރުނީތީ އިޒްޔާން ހައިރާންވިއެވެ.
ގަޑިއެއްހާއިރު ފަހުން އިޒްޔާން ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ކުރިން އިވެމުންދިޔަ އަޑުފަށްގަނޑު މަޑުވެ ކޮޓަރިތެރެ ހަމަހިމޭންވެފައިވާކަމުގެ އިހުސާސް ކުރެވުމުންނެވެ. އިޒްޔާން ހުރީ އަޝްފާގްގެ އެ މުޑުދާރު އަމަލާއިހެދި އިންތިހާއަށް ރުޅިގަދަވެފައެވެ. އަޝްފާގް އޭނާއަށް އޮޅުވާލައިގެން ގެނެސް މިފަދަ ކަމެއް ކުރީތީ، އިޒްޔާންގެ ހަށިގަނޑުގައި ރުޅިވެރިކަމުގެ އަލިފާން އަނދަމުންގޮސް ކެތްތެރިކަން ކޮޅުންލިއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު އެނދުގައި އަޝްފާގް އޮތެވެ. ގއިމަތީ ފޮތިގަނޑެއް އަޅާލައިގެން ހަމަޖެހިލައިގެން އޮތް އަޝްފާގް ފެނި އަލަމާރިން ނުކުންނަން އުޅެނިކޮށް، ފާޚާނާގެ ދޮރު ހުޅުވުނުތަން ފެނިފައި އިޒްޔާންއަށް މަޑުކޮށްލެވުނެވެ. ފާޚާނާއިން ނުކުތް އަންހެންކުއްޖާ ފެނި އިޒްޔާންގެ ހިތް ހުއްޓުނު ކަހަލައެވެ. މިފެންނަނީ ހަޤީޤަތެއްބާއޭ އިޒްޔާންގެ ހިތަށް އަރަމުންދިޔައެވެ.
“މީގެ ކުޑައިރުކޮޅެއް ކުރިން މިކޮޓަރީގަ ހުރި ކުއްޖާއަކީ މިއީތަ؟” އިޒްޔާންއަށް ޤަބޫލުކުރަން ދަތިވިއެވެ. އެއަންހެންކުއްޖާ ފާޚާނާއިން ނުކުމެގެން އިސްތަށިގަނޑުން ފެން ހިއްކަމުން އައީ އިސްއޮބާލައިގެންނެވެ. އިޒްޔާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނުނުތާގައި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. ފެން ހިއްކަން ގެންގުޅުނު ތުވާލި އެނދުމައްޗަށް އެއްލާލަމުން އަތްދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ.
“ކޮބާ؟” އެހެން ބުނެފައި އެއަންހެންކުއްޖާ އަޝްފާގްއާ ދިމާލަށް އަތް ދިއްކޮށްލިއެވެ.
އިޒްޔާންއަށް ބަލާލަމުން އަޝްފާގް ތިރިއަށް ވެއްޓިފައި އޮތް ޖީންސް ނަގައިދިނުމަށް މަލަކާ ގާތު އެދުނެވެ. ވާނުވާ ނޭނގިހުރެ ހިނިތުންވެލަމުން މަލަކާ ޖީންސް ނަގާ ދިއްކޮށްލިއެވެ. އަޝްފާގް ޖީބަށް އަތްލާފައި ނެގި ލާރިތައް މަލަކާއަށް ދިއްކޮށްލިއެވެ. ލާރިކޮޅުގައި ހިފަން އުޅެނިކޮށް އަޝްފާގް އަތް ދަމައިގަންނަމުން ލާނެތް ގޮތަކަށް ހީލިއެވެ.
“އަދިވެސް މަލަކާ ހާދަ ރީއްޗޭ. އަސްލުވެސް މަލަކާވަރެއް ހަމަ ނެތް. ތީ ހަމަ ބެސްޓް. ދެން ކޮންއިރަކުން ދިމާވާނީ؟” އަޝްފާގް އެހެން ބުނުމުން މަލަކާވެސް ލާނެތް ވައްތަރެއް ޖައްސާލިތަން ފެނިފައި އިޒްޔާންގެ އެތެރެހަށީގައި އަނދައަނދާހުރި އަލިފާންގަނޑަށް މީހަކު ޕެޓްރޯލު އެޅި ކަހަލައެވެ. އައި ރުޅިން އަތް މުއްކަވާލެވުނެވެ. މިއޮއް ހުރިހާއިރު ހިލައިގެ ބުދެއްހެން ގަނޑުވެފައިހުރި އިޒްޔާންއަށް ދިރުމެއް ލިބިގެންދިޔައީ ކީއްވެކަމެއް ނޭނގެއެވެ. އަޝްފާގްގެ ގާތަށް ގުދުވެލަމުން މަލަކާ އަޝްފާގްގެ އަތުގައިހުރި ފައިސާގެ ގަނޑުތައް އަތުލިއެވެ. އަދި ހިނިއައިސްފައިހުރެ ދާން އެނބުރިލިއެވެ. އެވަގުތު އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެފައިގައި ކަސްތޮޅެއް އެޅިގެން ދިޔައެވެ.
މަލަކާ ހައިރާންވީ އިޒްޔާން އެކޮޓަރިއަށް ވަތްގޮތެއް ނުވިސްނުމުންނެވެ. މިއޮއް ހުރިހާއިރު އޭނާ އަޝްފާގްއާއެކު އުޅުނުގޮތް އިޒްޔާންއަށް ފެންނާނެބާއޭ ހިތަށްއެރި ވަގުތު މަލަކާގެ ހިތް ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނުވިސްނި ހަދާނެ ގޮތެއް ނޭނގިފައި އޭނާއަށް ހުރެވުނެވެ. އިޒްޔާން މަޑުމަޑުން ފިޔަވަޅު އަލަމުން ކުރިއަށް ދިޔައީ ސީދާ މަލަކާގެ ދެލޮލަށް ބަލަމުންނެވެ. އެދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމެވެ. ލޮލަށް ޖަމާވަމުންދާ ކަރުނައިން އެހިތް ކުދިކުދިވެފައިވާ މިންވަރު އެނގިގެންދެއެވެ. މިއަދު އިޒްޔާންއަށް ކޮށްފައިވާ އަސަރުން މުޅިމީހާ ތުރުތުރުއަޅަމުން ދިޔައެވެ. މަލަކާގެ ކައިރިއަށް ދިއުމަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުން ބައެއް މަދުވެގެންދާފަދަ އިހުސާސެއް ކުރެވެމުންދެއެވެ. މަލަކާއާ ކައިރިވަމުންދާ އިޒްޔާން ފެނިފައި މަލަކާ ހާސްވެ ނޭވާ ތާށިވަމުން ދިޔައެވެ. އިޒްޔާންގެ ލޮލުން ފެންނަމުންދާ އަސަރުން އިޒްޔާންއަށް ހުރިހާ ކަމެއް އެނގިއްޖެކަން މަލަކާއަށް ޔަޤީންވިއެވެ.
“އިޒް!” މަލަކާގެ އަޑު ނުކުތީ ކިހިނެއްކަމެއް ނޭނގެއެވެ. ދެވަނަ ފަހަރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އިޒްޔާންގެ އަތުގެ ބާރު އެތިފަހަރެއް މަލަކާގެ ކޯތާފަތްމައްޗަށް އެރިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން ކަނޑާ ވައްޓާލި ރުކެއްހެން މަލަކާ ވެއްޓުނެވެ. ބާރު ހަޅޭކެއްގެ އަޑު މަލަކާގެ އަނގައިން ނުކުމެގެން ދިޔައެވެ. ވެއްޓި ޖެހުނުގޮތުން މަލަކާގެ ނިތްކުރި ޖެހުނީ އެނދުގެ ދާރައިގައެވެ. އެހިނދު ނިތްކުރި ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ. އެނދުގައި އޮތް އަޝްފާގަށް ފުންމައިގެން ތެދުވެވުނީ މަލަކާ ގައިގައި އިޒްޔާން ޖެހިލެއް ބާރުކަމުން ވެއްޓުނުތަން ފެނިފައެވެ. އަޝްފާގް ގުދުވެ ވެއްޓިފައި އޮތް މަލަކާ ގައިގައި ހިފާ ކޮޅަށް ނެގިއެވެ.
“ތީ މުޑުދާރު އަންހެނެއް. ތިރީތި ސޫރައިގެ ފަހަތުގައި ޝައިޠާނެއްވާކަން ކުރިން އެނގުނުނަމަ…” އިޒްޔާން ދަތްކުނޑިވިކާލަމުން ތުރުތުރުލާ އަޑަކުން ބުންޏެވެ. އައިސްފައިވާ ރުޅިއާއި ހިތަށް ލިބިފައިވާ ވޭނުން އިޒްޔާންގެ މުޅި ހަށިގަނޑުން ވާގިނެތެމުންދާހެން އޭނާއަށް ހީވިއެވެ. އޭނާ އިތުރަށް އެތާ މަޑުނުކޮށް ދާން ހިނގައިގަތެވެ. އެންމެ ހިނދުކޮޅަކުވެސް މަލަކާގެ ސޫރަ ފެންނަ ހިސާބުގައި ހުންނާކަށް މިހާރު އޭނާ ބޭނުމެއްނުވެއެވެ.
މަލަކާގެ ގައިގައި ހިފަހައްޓައިގެން ހުރި އަޝްފާގްގެ އަތް މަލަކާ ފޮޅުވާލިއެވެ. “ކޮންމެހެން މާ ހެޔޮއެދޭނެ ކަމެއްނެތް. އަހަރެންނަށް އެނގޭ މިހުރިހާ ކަމެއް ކުރީ އަޝްފާގްކަން.” މަލަކާ ރުޅިއައިސް ރަތްވެފައިހުރެ، ރިހުން އެކުލެވިފައިވާ އަޑަކުން އަޝްފާގްއާ ދިމާލަށް ބުނެލަމުން އިޒްޔާން ކޮބައިތޯ ބަލާލިއެވެ. އެވަގުތު ނުކުންނަންދިޔަ އިޒްޔާން ފެނިފައި އިޒްޔާންއަށް ގޮވަމުން މަލަކާ ދުއްވައިގަތެވެ.
އަޑު އިވޭކަމަށްވެސް ނުހަދާ އިޒްޔާންއަށް ދޮރާއި ހަމައަށް ދެވުނުތަނާ މަލަކާ ގޮސް އިޒްޔާންގެ ފައިބުޑަށް ވެއްޓި ރޯންފެށިއެވެ. ނިތްކުރިން ފަޅައިގެންގޮސް ލޭ އޮހެމުން ދިޔައިރުވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ މަލަކާ ދިޔައީ އިޒްޔާން ގާތު އަދޭސްކުރަމުންނެވެ. ދެފައިގައި ހިފާ ސަލާމް ޖަހަމުންދިޔައީ އިޒްޔާންގެ ލޯތްބަށެވެ. އެލޯބިން އޭނާގެ މުޅި ދިރިއުޅުމަށް އުފަލާއި ހަމަޖެހުން ލިބިގެންދިޔަ ލޯތްބަށެވެ.
“އިޒް ޕްލީޒް! އަހަރެން ދޫކޮށްލާފަ ނުދޭ. މީ ހަމައެކަނި އިޒްގެ މީހެއް. މީ އިޒްގެ މަލަކާއޭ. ޕްލީޒް އިޒް! އިޒްއާނުލާ އަހަރެން ކިހިނެއް އުޅޭނީ؟ އަހަރެންގެ ހިތް ފަޅައިގެންގޮސް މަރުވެދާނެ. ޕްލީޒް އިޒް!” ރޮމުން ގިސްލަމުން މަލަކާ އާދޭސްކުރަމުން ދިޔައިރު އެއަޑު އިވުނު ކޮންމެ މީހެއްގެ ހިތް ކުދިކުދިވާނެކަން ގައިމެވެ. އެކަމަކު މިއަދު މަލަކާގެ އެގިސްލުމުން އިޒްޔާންއަށް އަސަރެއް ކުރާހެނެއް ހިއެއްނުވެއެވެ.
“ހަމަ މިހާރު ފައިން ދޫކޮށްލާ! ތި މުޑުދާރު ދެއަތުން އަހަރެން ގައިގަ އަތްލާކަށް ލަދެއް ނުގަނޭތަ؟ ލަދުކުޑަ ގޮތްކުޑަ އަންހެންކުއްޖާ. އަދި ބުނެފިއެއްނު މީ ހަމައެކަނި އިޒްގެ މީހެކޭ. ތީ އިޒްގެ މަލަކާއެއް ނޫން. ތިކަހަލަ ގޮތްކުޑަ ރަންޑިއެއްކަން އެނގުނުނަމަ މި އިޒްޔާން ތިމަލަކާއާ ވައިވެސް ނޭޅުނީމުސް. އެނގިއްޖެތަ؟ ދޫކޮށްލާށޭ ފައިން!” އެއްވެސް ރަހުމެއްނެތި އިޒްޔާން ފައި ދަމައިގަންނަމުން މަލަކާ ގައިގައި ފައިން އަޅާ ކޮއްޕާލިއެވެ. އައިސްފައި ހުރި ރުޅިން އިޒްޔާންއަށް ހެދޭނުހެދޭއެއް ނޭނގެއެވެ.
އިޒްޔާންގެ ހިތުގައިވާ އޯގާތެރިކަމާއި ލޯބި މިއަދު ކޮބާ ހެއްޔެވެ؟ ކުޑަކުޑަ ގެއްލުމެއް ވާން ކީއްކުރަން ހެއްޔެވެ؟ މަލަކާގެ ހިތަށް ދަތިކަން ލިބޭ އެއްވެސް ކަމެއް ވާން ނޭދޭ އިޒްޔާން މިއަދު މަލަކާ މަތިން ފޫހިވެއްޖެއެވެ. މަލަކާ ހުންނަ ދުނިޔެއެއްގައިވެސް އުޅެން މިއަދު އިޒްޔާން ބޭނުމެއްނުވެއެވެ. އިޒްޔާންގެ ކޮންމެ ޖުމްލައެއް ވިހަގަދަ ހަރުފައެއްހެން މަލަކާގެ ހިތަށް ވިހަލަމުން ދިޔައެވެ.
“އިޒް ޕްލީޒް! ތިހެން ނުބުނޭ. އަހަރެން ލޯބިވަނީ ހަމައެކަނި އިޒްދެކެ. އެހެން އެއްވެސް މީހެއްދެކެ އަހަރެން ލޯތްބެއްނުވޭ. އިޒްވެސް އަހަރެންދެކެ ލޯބިވެއެއްނު.” މަލަކާ ވަރަށް ހިތްވަރުން ތެދުވެ އިޒްޔާންގެ މޫނުގައި ހިފާލަމުން ނުހަނު އަސަރާއެކު ބުނެލިއެވެ. މަލަކާގެ އެބީހިލުމުންވެސް އިޒްޔާންއަށް ހީވީ އެއްފަހަރާ އެތައްހާސް ކަށިތަކެއް އެހިތަށް ހެރުނުހެންނެވެ. އިޒްޔާން މަލަކާގެ ދެއަތުގައި ހިފާ ދުރުކޮށްލަމުން އެ ގެންދިޔަގޮތަށް ގޮސް ފާރާލާ ފިއްތާލިއެވެ.
“ކީކޭ؟ ލޯތްބޭ؟ މަލަކާއަށް އެނގޭތަ ލޯތްބަކީ ކޯއްޗެއްކަން؟ އެއީ ކިހިނެއްވާ އެއްޗެއްކަން؟ މަލަކާ އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ ދެންމެ މި އެނދުމަތީގަ ތިގަތް ގަނޑެއް ނުގަތީސް. ނޭނގެ ކިތައް ފިރިހެނުންނާ ކަމެއް…” އިޒްޔާންއަށް ބުނެވުނީ އެހާ ހިސާބަށެވެ. ހިތަށް ކޮށްފައިވާ އަސަރުން އަޑު ބެދި، ނޭވާ ތާށިވިއެވެ. އެވަގުތު އިޒްޔާންގެ ދެލޮލުން ވެއްޓެން އުޅުނު ކަރުނަ ތިއްކެއް ފޮހެލަމުން ހިންދިރުވާލިއެވެ.
“އިޒް ޕްލީޒް! އެންމެ ފަހަރަކު ނަމަވެސް އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަބަލަ. ޕްލީޒް އިޒް!” މަލަކާގެ އާދޭސްތަކުން މިއަދު އިޒްޔާންއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.
“ދެން އިތުރަށް ކޮން ވާހަކައެއް ދައްކަން އޮތީ؟ ހުރިހާ ކަމެއް ފެނި އެނގުނީމަ. މަލަކާ ހީކުރީ ދުވަހަކުވެސް އަހަރެންނަށް މިކަން ނޭނގޭނެ ކަމަށްތަ؟ ބަލަ މުސްކުޅިން ބުނެއެއްނު ވަގަކަށް ހާސްދުވަހޭ، ވެރިއަކަށް އެއްދުވަހޭ. މިއަދު މިއޮތީ އެދުވަސް އައިސްފަ.” އިޒްޔާންގެ ކޮންމެ ޖުމްލައެއް މަލަކާގެ ހިތަށް ހެރިގެންދިޔަ ތީރަކަށްވިއެވެ. ބުނާނެ އެއްޗެއް ނޭނގި ކުށްވެރިއެއް ފަދައިން މަލަކާ އިސްޖަހާލިއެވެ. އިޒްޔާން މަލަކާގެ ގައިން ދޫކޮށްލާފައި ފަހަތަށް ދެފިޔަވަޅު އެޅިއެވެ. އޭރުވެސް އިޒްޔާން ހުރީ ސީދާ މަލަކާގެ ދެލޮލަށް ބަލާށެވެ. އޭނާގެ ދެލޮލުން އެތައް ޝަކުވާއެއް މަލަކާއާ ކުރަމުންދިޔައެވެ. އެޝަކުވާތަކުގެ އަޑު އެކަކަށް ނީވުނަސް މަލަކާއަށް އިވެމުންދިޔައެވެ. އިޒްޔާންގެ ޝަކުވާތަކުން މަލަކާއަށް އިތުރަށް ރޮވެންފެށިއެވެ. ގިސްލަމުންދިޔަ މަލަކާގެ ދެލޮލުން އޮހެމުންދާ ކަރުނަތަކަކަށް ހުއްޓުމެއް ނާދެއެވެ. އިޒްޔާންގެ ހިތް ކުދިކުދިވެ އެކި އެތިކޮޅު ވަކިވަކިވެފައިވާއިރު އެހިތުގައި އަޅާ ވޭނުން އޭނާއަށް ކެތްކުރަން ދަތިވަނީއެވެ.
“ހަނދާންކުރާތި! މިރޭ މިވަގުތުން ފެށިގެން އަހަރެންނާ އެއްވެސް ގުޅުމެއް ބާއްވަން ނޫޅޭތި!” އިންޒާރެއް ދޭފަދަ ގޮތަކަށް އިޒްޔާން ބުނެލިއެވެ. އޭރު އެމޫނުން ފެންނަމުންދާ އަސަރުތައް ފެނުނު ކޮންމެ މީހެއްގެ ހިތް ކުދިކުދިވާނެއެވެ. މިއޮއް ހުރިހާ ދުވަހު ލޯބިން ހިތް ފުރަމުންދިޔަ ލޯބިވެރިޔާގެ ހަޤީޤަތް މިފަދަ ގޮތަކަށް ހާމަވެގެން ދިއުމުން ހިތަށް ކުރާނެ އަސަރު މިއަދު އިޒްޔާންގެ މޫނުމަތިން ފެންނަމުންދިޔައެވެ. މީހަކު ފައިންއަރާ އެހިތް ޗިސްޗިސް ކޮށްލުމުން އަޅާ ވޭންވެސް މިއަށްވުރެ ކުޑަވާނެކަން ގައިމެވެ. އިޒްޔާން ބޭނުންވަނީ އަވަހަށް ގެއަށްދާށެވެ. އޭނާގެ ހިތް ރޮއިރޮއި ވަރުބަލިވަނީއެވެ. އެހިތުގައި އަޅާ ވޭނަށް ކެތްކުރަން ދަތިވަނީއެވެ. މިވަގުތު އޭނާ ބޭނުންވަނީ ހިތް ފުރެންދެން ރޯލާށެވެ. ނަމަވެސް މަލަކާގެ ކުރިމަތީގައި އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލާކަށް މިއަދު އޭނާ ބޭނުމެއްނުވެއެވެ. އެފަދަ ބޭވަފާތެރިއެއްގެ ކުރިމަތީގައި ރުއިމަކީ އޭނާގެ އަމިއްލަ ނަފްސަށްވެސް ލިބޭ ހުތުރެއްކަމުގައި ނޫނީ ނުވާނެއެވެ. އިރުކޮޅަކު މަލަކާއާ ދިމާއަށް ބަލަން ހުރުމަށްފަހު އިޒްޔާން ބާރުބާރަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)
22 Comments!
Comments are closed.
V reethi mi part ves
ޝުކުރިއްޔާ ނާދީ
vvv reethi
ޝުކުރިއްޔާ މަރީ
Vvv teething mi vaahaka
I mean reethi
ޝުކުރިއްޔާ މާޝް
V rythi mi bai vx ……umm I don’t think malakaa akee goas kuhjeh henneh bt kyve ehenulhenvyky curious to know that
ޝުކުރިއްޔާ އެޕީ
ummm reethi dhen dhw meehunge hageegau falhaaves arany dhw
ޝުކުރިއްޔާ ޝެލީ
Majubooree haalathehga ves allah nahee kurevvi kameh kohgen nuvaane aslu..
Ehves hama eh nujeheyne aslu konme vaahaka ehga majubooru vegen jashi vikkan jehey anhen kujjeh ge vahaka annaatheeve. Allah aa vakeel kohfa ekan nukureema hama gaimu ves dhera gotheh nuvaane..
-just my point of view..
Mi vaahaka reethi ehnviyas.. ?
thibunee thedhuvaahakaeh.
dhen Malaka kanthah kuraanee kuhinebbaa ey hithah miaranee…izz ah hageegaih engeyne baa….waiting.
ޝުކުރިއްޔާ ބިންތި އަދި ކިޔުންތެރިޔާއަށްވެސް
Nice…
ޝުކުރިއްޔާ ޝުގަރޕްލަމް
މަލަކާ ވާހަކައިގެ އިންތިޒާރުގައި ތިބި ހުރިހާ ކުދިންނަށް
ސާންޑީ ރަށުން ބޭރަށް ކުޑަ ކަމެއްގައި ދާން ޖެހިގެން ދެން ވާހަކައިގެ އާ ބައެއް އަޕްކޮށްދެވޭނީ އެންމެ އަވަހަށްވެސް ހޯމަ ދުވަހު… 5ވަނަ ބައި އަޕްކުރުން ލަސްވާނެތީ ހުރިހާ ކުދިންގެ ކިބައިންވެސް ވަރަށް ބޮޑަށް މާފަށް އެދެން
NICE. .<3
ޝުކުރިއްޔާ އަންނޮވްން
Varah reethi mivaahaka
ޝުކުރިއްޔާ ޖުވޭ