Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (5ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
January 2, 2017 8 Mins Read
18 Comments

އިރުކޮޅަކު މަލަކާއާ ދިމާއަށް ބަލަން ހުރުމަށްފަހު އިޒްޔާން ބާރުބާރަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ. އިޒްޔާން ދާތަން ފެނުމުން މަލަކާއަށް ކެތްކުރަން ދަތިވިއެވެ. އަނގަމަތީ އަތްއަޅާލެވުނެވެ. މުޅި ދުނިޔޭގައި އެކަނިވެ މާޔޫސްވެފައިވާ ހާލު ފާރު ކައިރިއަށް ވެއްޓިގަނެވުނެވެ. އިޒްޔާން އެދިޔަ ބާރުމިނުގައި ގޮސް ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ ދޮރު ލައްޕާވެސްނުލައެވެ. މަލަކާގެ ނިތްކުރިން ފައިބަމުންދިޔަ ލެއިން މޫނުމަތި ރަތްވެފައިވާއިރު މަލަކާގެ ހާލާއިމެދު ހަމްދަރުދީގެ ނަޒަރުން އިޒްޔާން ބަލާވެސްނުލިއެވެ.

**********

އިޒްޔާން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އަޝްފާގް އަވަސްއަވަހަށް ޖީންސްއާއި ގަމީސްލިއެވެ. އެއަށްފަހު ރޮމުން ގިސްލަމުންދާ މަލަކާގެ ގާތަށް ދިޔައެވެ. އަދި ކޮނޑުގައި އަތް ޖައްސާލީ އޯގާތެރިކަމާއެކުގައެވެ. މިއަދު މަލަކާ އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނުވެއެވެ. އޭނާ އެންމެ ބޭނުންވި އޯގާތެރިޔާ އެދިޔައީ މުޅި އުމުރަށް ވަދާޢީ ސަލާމްކޮށްފައެވެ. ދުވަހަކުވެސް އެނބުރި ނާންނާނެކަމުގެ ޔަޤީންކަން ދީފައެވެ. މިއަދު މަލަކާ ބޭނުންވަނީ މި އަނިޔާވެރި ދުނިޔެއާ ވަކިވާށެވެ.

“މަލަކާ! ތިވަރަށް ނުރޮއި. އިޒް ދިޔަޔަސް ކޮބާ މައްސަލައަކީ؟ މިއަދު އެކަހަލަ ކިތަންމެ އިޒްޔާންއެއް މަލަކާއަށްޓަކާ މަރުދެމުން ދާއިރު ކޮންކަމަކާ ތިވަރަށް ތިރޮނީ؟” އަޝްފާގްގެ ވާހަކަތަކުން މަލަކާއަށް ކުރި އަސަރު ވަކިން ބޮޑެވެ. އޭނާ ބޭނުންވީ ރޮއިގެންނަމަވެސް އެހިތުގައިވާ ވޭން ކުޑަވުމަށެވެ. އަޝްފާގްގެ ވާހަކައަކުން މަލަކާގެ ރުއިމަކަށް ބަދަލެއް ނައެވެ. އަދި ވާހަކައެއްވެސް ނުދެއްކިއެވެ. އެންމެފަހުން އަޝްފާގްވެސް ނުކުމެގެން ދިޔައީ މާބޮޑަށް ދަންވާތީއެވެ. އޭނާ ގެއަށް ނުދަނީސް އޭނާގެ މާމަ ނިދަން ނުވަންނާނެކަން އެނގޭތީއެވެ. އަނެއްކާ މަލަކާ ގޯހެއް ނުހަދާނެބާއޭ ހިތަށްއަރާ ހާލު އަޝްފާގް ނުކުމެގެން ދިޔައީ ވަރަށް ބިރުން ހުރެއެވެ. މަލަކާގެ ހާލާއިމެދު ހަމްދަރުދީވާ ހާލުގައި އަޝްފާގް ނުކުމެގެން ދިޔައީ ދޮރު ލައްޕާލާފައެވެ.

އަޝްފާގް ދިއުމުން މަލަކާ މުށިތަކު މަތީގައި އޮށޯތެވެ. ރޮއިރޮއި ދެލޯ ފާރުވީއިރުވެސް އެދެލޮލުން އޮހެމުންދިޔަ ކަރުނައަކަށް ބަދަލެއްނައެވެ. އޭނާގެ ލޮލު ކުރިމަތިން ސިފަވަމުން ދިޔައީ މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާއެވެ. އިޒްޔާން ފެނުނު ވަގުތު އެހުރިތަނުން ބިން ފަޅާފައި އަޑިއަށް ދިޔަނަމައޭ އޭނާގެ ހިތަށްއެރިއެވެ. ކުއްލިއަކަށް ގެއްލޭ ކަހަލަ އިސްމެއް އެނގޭނަމަ މަލަކާ އެއިސްމެއް ކީސްކަން ޔަޤީނެވެ. ނަމަވެސް އެއިން އެއްކަމެއްވެސް މަލަކާއަކަށް ނުކުރެވުނެވެ. ތަޤުދީރުގެ ނިޔާއާ ދެކޮޅު ހެދޭނެ މީހަކު ނުހުންނާނެއެވެ. މިއަދު މަލަކާގެ ނަސީބުގައި މިގޮތަށް ކަންތައްވާން ތަޤުދީރުގައި އޮތީ ލިޔެވި ނިމިފައެވެ. އިޒްޔާންއާ ވަކިވާންޖެހުމުން މަލަކާއަށް ކެތްކުރަން ދަތިވިއެވެ. ފަތިސްވެ އަލިވީވެސް މަލަކާ އެހާލުގައި އޮއްވައެވެ.

އިޒްޔާންއަށް ގެއަށް އާދެވުނީ ވަރަށް ހިތްވަރުންނެވެ. ދޮރުގައި ހިފާލިއިރު ދޮރު ހުރީ ހުޅުވާފައެވެ. އިޒްޔާން ބޭނުންވީ އަވަހަށް ކޮޓަރިއަށް ދާށެވެ. އެތެރެއަށް ވަދެގެން ތަންކޮޅަކަށް ދެވުނުތަނާ މީހަކު އައިސް ފަހަތުން އޭނާ ގައިގައި ބައްދާލާފައި ރޯންފެށިއެވެ.

“މިހާރު ކޮންއިރެއް މަންމަ ހޯދާތާ؟ ކޮންތާކު އުޅެފަތަ ތިއައީ؟ ހޯދަން ނުދާ ތަނެއް، ނުގުޅާ މީހެއް ނުހުންނާނެ. ޔާންއަށް ގޮތެއް ވީނަމަ މަންމަ ކިހިނެއް ހަދާނީ؟” އަޒްފާ އަސަރާއެކު ބުނެލިއެވެ. އިޒްޔާން ގެއަށް އައުން ލަސްވެގެން އަޒްފާއާއި ފަޔާޒް ނުކުމެ ހޯދާތާ ކޮންއިރެއް ހެއްޔެވެ؟ އޭނާ ދާނެހެން ހީވާ ހުރިހާ ތަނެއް ބެލިއެވެ. ރައްޓެއްސެއް ހުރިއްޔާ އެމީހަކަށް ގުޅިއެވެ. އެންމެފަހުން ގޮތް ހުސްވެގެން ސޯފާގައި ތިއްބާ ދޮރު ހުޅުވާލާފައި ވަތް އިޒްޔާން ފެނި އަޒްފާއަށް ބޭއިޚްތިޔާރުގައި ރޯން ފެށުނީއެވެ.

އިޒްޔާން ގެއަށް ނައިސް މިދިޔަ ވަގުތުތަކުގައި އަޒްފާގެ ހިތަށް އިޒްޔާންއާމެދު އެތައް ޚިޔާލެއް އައިސް ގޮސްވިއެވެ. އިޒްޔާންއަށް މީހަކު އަނިޔާއެއް ދިނީބާއޭވެސް ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އަޒްފާ އައިސް އެގޮތަށް ރޮމުން ސުވާލުކުރަން ފެށުމުން އިޒްޔާންއަށް އަމިއްލަ ޚިޔާލުތަކުން ދުރުވެވުނެވެ. އޭނާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނާގެ ހާލު މަންމައާއި ބައްޕައަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ހާލު އެމޫނުން އެކަކަށްވެސް ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ނަމަވެސް އިޒްޔާން ގެއަށް އައުން ލަސްވެގެން ހާސްވެފައި ތިބިވަރުން އަޒްފާއާއި ފަޔާޒްއަށް އެކަން ފާހަގައެއް ނުކުރެވުނެވެ. ދާއިން ހުރިގޮތަށް ބަލަހައްޓައިގެން ހުއްޓެވެ. އިޒްޔާންގެ މޫނުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އޭނާއަށް ދޭހަވިއެވެ. ވީ ކީއްތޯ އަހާ އޮޅުންފިލުވަން ބޭނުންވިވަރުން ދާއިން ކުރިއަށް ޖެހިލިއެވެ.

“ޔާން! ދޭ ކޮޓަރިއަށް!” ފަޔާޒްގެ އަމުރުވެރި އަޑުން ދާއިން ކުރިއަށް އަޅައަޅާހުރި ފިޔަވަޅު އެޅުނީ ފަހަތަށެވެ. އަޒްފާ ބަލާލުމުން ފަޔާޒް ބުނީ އިޒްޔާން ގައިން ދޫކޮށްލުމަށެވެ. އަދި އެންމެން ނިދަން ދިއުމަށެވެ. ފަޔާޒް އެގޮތަށް ނިންމީ އޭނާ އައިސްފައިވާ ރުޅީގައި ބުނެވޭ އެއްޗަކުން މައްސަލަ އިތުރަށް ގޯސްވެދާނެތީއެވެ. މިހާ ދަންވަންދެން އިޒްޔާން އުޅުނު ތަނެއް ބަލަން ފަޔާޒްވެސް ބޭނުންވެއެވެ. ނަމަވެސް މީ އެކަމަށް އެންމެ އެކަށޭނަ ވަގުތު ނޫންކަން އޭނާއަށް އެނގެއެވެ. ފަޔާޒްގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން އަޒްފާ އިޒްޔާންގެ ގައިން ދޫކޮށްލިއެވެ.

“ދެން އަވަހަށް ދެކުދިން ގޮސް ނިދާލާ. ވަރަށް ދަންވެސް ވެއްޖެއެއްނު. ވާހަކަދައްކަން މާދަމާވެސް އޮންނާނެ. އިންޝާ ﷲ.” އިޒްޔާން ދުރުދުރުގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރިއަށް ވަނެވެ. ދާއިންއަށް ކޮޓަރިއާ ހަމައަށް ދެވުނުއިރު އިޒްޔާން އެތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ. ދާއިން ތަޅުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލާފައެވެ. އޭނާ ދެތިން ފަހަރު ޓަކި ދިންއިރުވެސް ދޮރެއް ނުހުޅުވިއެވެ.

“ކީއްވެ ތި ދޮރުގަ ޓަކިދެނީ؟” ދާއިން ދޮރުގައި ޓަކިދޭ އަޑަށް ފަޔާޒް އައިސް އެހިއެވެ. ދާއިން ވެގެންއުޅޭ ގޮތް ބުނުމުން ފަޔާޒް ބުނީ ދާއިން މިރޭ ޔާނާގެ ކޮޓަރީގައި ނިދުމަށެވެ.

އިޒްޔާން ދޮރު ލައްޕާ ތަޅުލައިގެން ހުރުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. މިއޮއް ހުރިހާއިރު ކެތްކޮށްގެންހުރި އިޒްޔާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ލޮލުގައި ގިނަވެފައިހުރި ކަރުނަތައް އޮހިގަތެވެ. ލޯބީގެ އާ ތަޖުރިބާގައި ކެހިވެރިއެއްގެ އަތްދަށުވެ އެހިތް ޗިސްޗިސްވެ ދިޔައީއެވެ. އެތައްއިރަކު ރޮއިގެންވެސް އެހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މަލަކާގެ އެ މުޑުދާރު އަމަލު ހިތުން ފޮހެއެއް ނުލެވުނެވެ. އިރުއިރުކޮޅާ އެމަންޒަރު ހިތަށް ސިފަވަމުން ދަނީއެވެ.

“މަލަކާ ކީއް ތިކުރީ؟ އަހަރެންގެ ލޯތްބަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ތިހަދާލީ ކީއްވެ؟ އަހަރެންނަށް ކޮން ކުށެއް ކުރެވުނީ؟ ބުނެބަލަ! ކީއްވެތަ؟” އިޒްޔާންގެ ހިތް ޝަކުވާއިން ފުރެމުން ދަނީއެވެ. ލޯބިން އެހިތަށް އުފާ ލިބިފައި އެއުފާ ނެތި ދިޔައީއެވެ. އިޒްޔާންއަށް ލޯތްބަކީ ފޫހި އެއްޗެއްގެ ގޮތުގައި ސިފަކުރެވުނު ޒަމާނެއްވެސް ދިޔައެވެ. އެއާއެކު ލޯބީގެ ފޮނި މީރުކަން ލިބިފައި، މިއަދު ލޯބީގެ ހިތިކަންވެސް ތަޖުރިބާ ކުރަން ޖެހުނީއެވެ. މިއަދުގެ މި މުޖުތަމަޢުން ރަނގަޅު ކުއްޖެއް ދެނެގަތުން ވަނީ ދަތި ކަމަކަށްވެފައެވެ. ރީތިކަމާއި ފަރިކަމުގެ ނިވަލުގައިވަނީ ކޮންފަދަ ސޫރައެއްކަން ދެނެގަންނާނެ ގޮތެއް މިއަދަކު ނެތެވެ. އިޒްޔާންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެންމެ ފުރަތަމަވެސް އާލިމްމެންގެ ނަސޭޙަތް އަޑުއެހިނަމަ މިއަދު މިހެނެއް ނުވީސްކަން ގައިމެވެ.

“ލޯބިވާންވެސް މިއެނގުނީ އެކަހަލަ ކުއްޖެއްދެކެ ވިއްޔަ. މަލަކާ! ދުވަހަކުވެސް އަހަރެންގެ މާފެއް ނުލިބޭނެ. އިޒްޔާން އެއޮތްގޮތަށް އޮވެ ޝަކުވާކުރަމުން ދިޔައެވެ.

ފަތިސް ވީއިރުވެސް އިޒްޔާންގެ ލޮލަކަށް ނިންޖެއް ނައެވެ. ވަރުބަލިކަމާއި މާޔޫސްކަމާއެކު ބޮލުގައި ރިއްސާވަރުން ކެތްކުރަން ދަތިވިއެވެ. އިޒްޔާންއަކީ މައިގްރޭންގެ ޝިކާރައަކަށް ވެފައިވާ ޒުވާނެކެވެ. އެހެންކަމުން ކުޑަކުޑަ ކަމަކާ ހާސްވިޔަސް އިޒްޔާންއަށް ބޮލުގައި ރިހުމުގެ ވޭނާއި ކުރިމަތިލާން ޖެހެއެވެ. މިކަމާމެދު އިޒްޔާންގެ އާއިލާއިން ވަރަށް ވިސްނައެވެ. އިޒްޔާން އެނދުން ތެދުވެވޭތޯ ބެލިއެވެ. ބޮލަށް ވެފައިހުރި ބަރުން ވެއްޓިދާނެތީ އިޒްޔާން އެނދުގެ ހެޑްބޯޑްގައި ހިފަހައްޓާލިއެވެ. ދެން އެނދު ކައިރީގައި ހުރި ކަބަޑުގެ ވަތްގަނޑު ދަމާލުމަށްފަހު އޭގެތެރޭ އޮތް ބޭސްކާޑުން ބޭސްގުޅައެއް ނެގިއެވެ. އެއަށްފަހު ފެންފުޅިން ފެން އަޅަން ބަލާލިއިރު ފެންފުޅި ހުސްވެފައި ހުރުމުން އިޒްޔާން ހާސްވިއެވެ. ބޮލުގައި ރިއްސާވަރުން ކެތްނުވެފައި ހުއްޓާ ބޭރަށް ދާން އުޅެފިނަމަ ވެއްޓިދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. ހިތުގެ ވޭނާއި ބޮލުގައި ރިހުމުގެ ވޭން އެކުވުމުން އިޒްޔާންގެ ފުރާނަވެސް ނުކުމެދާނެހެން ހީވެއެވެ. އެވޭނާއި ހަނގުރާމަކޮށްކޮށް އޮއްވާ އިޒްޔާންއަށް ނިދުނީކަމެއް ނުވަތަ ހޭނެތުނީކަމެއް ނޭނގެއެވެ.

އަޒްފާ ހެނދުނުން ފެށިގެން ގޮވާގޮވާ އިޒްޔާންގެ ޚަބަރެއް ނުވިއެވެ. މެންދުރު ނަމާދު ކޮށްގެން އައިސް ގޮވާގޮވާ ޚަބަރެއް ނުވުމުން އަޒްފާ ބިރުގަތެވެ. އިޒްޔާންއަށް ކަމެއްވީބާއޭ ހިތާ ތަޅުދަނޑި ޖަހާ ދޮރު ހުޅުވިއެވެ. އެވަގުތު ފެނުނު މަންޒަރުން އަޒްފާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލަ އިހުސާސެއް އަޒްފާއަށް ކުރެވުނެވެ. އިޒްޔާން އޮތީ ދެފައިކޮޅު އެލުވައިގެން އުޑުތިލަމަތިންނެވެ. އެއީ ދުވަހަކުވެސް އިޒްޔާން ނިދަން އޮންނަ ގޮތެއް ނޫނެވެ. އަޒްފާ އަވަސްއަވަހަށް އައިސް އިޒްޔާންއަށް ގޮވަން ފެށިއެވެ. އަޒްފާގެ އަޑަށް ފަޔާޒްއާއި ދާއިންވެސް އައެވެ. އިޒްޔާން އޮތް ހާލު ފެނި އެންމެންވެސް ވަރަށް ހާސްވިއެވެ. ފަޔާޒްއާއި ދާއިން ވެގެން އިޒްޔާން ނަގާ ރީތިކޮށް އެނދުގައި ބޭއްވުމުން އަޒްފާ ބެލީ އިޒްޔާން ހޭއެރުވޭތޯއެވެ. އެތައްއިރަކު މަސައްކަތްކުރިފަހުން އިޒްޔާން ލޯ ހުޅުވާލިއެވެ. ފަޔާޒްއަށް ފުން ނޭވައެއް ދޫކޮށްލެވުނުއިރު ލިބުނު އުފަލުން ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އެއްވެސް މީހަކު އިޒްޔާންއާ މިވަގުތު ސުވާލުނުކުރުމަށް ފަޔާޒް ވަނީ ބުނެފައެވެ. އެހެންކަމުން އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ.

އިޒްޔާން ލޯ ހުޅުވާލިއިރު އަޒްފާ އޭނާގެ ބޯ މޮޑެދެމުން ގޮވަނީއެވެ. އޭނާގެ ގާތުގައި ހާސްވެފައި ބައްޕައާއި ކޮއްކޮ ހުއްޓާ ފެނުމުން އިޒްޔާން ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. އޭނާގެ ހާލު އެންމެންނަށް އަންގަން ބޭނުންނުވާތީ ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. ގަދަކަމުންވެސް މިއަދު އިޒްޔާން ހިނިތުންވެލުމުން އަޒްފާއަށް ވަރަށް އަސަރުކުރިއެވެ. އިޒްޔާން ކިތަންމެ ސިއްރުކުރަން އުޅުނުނަމަވެސް އޭނާގެ ހާލު އޭނާއަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަޒްފާއާއި ފަޔާޒްއަށްވެސް އިޒްޔާންއަށް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގެއެވެ.

“ޔާން! ތިވަރު ވީއިރު އެންމެ ރަނގަޅެއްނު މަންމައަށް ގޮވާލަން.” އިޒްޔާންގެ އަތުގައި ހިފާލަމުން އަޒްފާ އަސަރާއެކު ބުނެލިއެވެ. ދާއިން އިރުކޮޅަކު އެތާ ހުރުމަށްފަހު ބޭރަށް ނުކުތެވެ. އަޒްފާވެސް އިޒްޔާންއަށް ކާއެއްޗެއް ދިނުމަށްފަހު ބޭސްދިނެވެ. ބޭހުގެ އަސަރުކޮށްގެން އިޒްޔާންއަށް ނިދިޖެހެން ފެށިއެވެ. އިޒްޔާންއަށް ނިދެންދެން އަޒްފާ އިޒްޔާންގެ ބޯ މޮޑެދޭން އިނެވެ.

އިޒްޔާންއަށް ހޭލެވުނީ ރޭގަނޑުގެ ވަގުތެއްގައެވެ. ލޯ ހުޅުވާލިއިރު އަޒްފާ އޭނާ ކައިރީގައި އިންތަން ފެނުމުން އިޒްޔާން ވަރަށް ދެރަވިއެވެ. އޭނާއަށްޓަކައި މަންމަ އުފުލާ ބުރަ ފެނިފައެވެ.

“ޔާން! އަވަހަށް ހިނގާ އެއްޗެއް ކާލަން. މިހާރު ބޮލުގެ ރިހުން ކިހިނެއްތަ؟” އަޒްފާ ކާއެއްޗެހި އަޅާފައިހުރި ތަށި ހިފައިގެން އައިސް އިށީނެވެ.

“އިޒް! ކިހިނެއްތަ މިހާރު؟” އާލިމްގެ އަޑަށް އިޒްޔާން ބަލާލިއިރު އާލިމްއާއެކު ޝިޒާންވެސް ހުއްޓެވެ. އިޒްޔާންއަށް ބަލާލުމުން ހީވަނީ އެތައް ހާސް އަހަރަކު ބަލިވެ އުޅެފައިވާ މީހެއްހެންނެވެ. އިޒްޔާން ފެނުމުން އާލިމްމެންވެސް ދެރަވިއެވެ.

“އަޒްފާއްތަ ކޮން އެއްޗެއްތަ ތި ކާންދެނީ؟ އަހަރެމެން މިއައީ އިޒް ބަލައޭ. މިހާރު ދެފަހަރަށް އާދެވިއްޖެ. މިބޭފުޅާ ހޭލާކަށް ނޫޅުނުވިއްޔަ.” އިޒްޔާން އިނީ ހައިރާންވެފައެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އޭނާގެ އެކުވެރިން އޭނާ ބަލާ އައުން ވެގެންދިޔައީ އިޒްޔާންއަށް ލިބުނު ސަޕްރައިޒްއަކަށެވެ. ޝިޒާން އެހެން ބުނެ ހީލަމުން އިޒްޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އިޒްޔާންގެ މޫނުމަތިން ދާން ބޭނުންނުވާކަން ހާމަވިޔަސް ދުލުން ބަހެއް ބުނެވެސްނުލާ ހިމޭންވެފައި އިނެވެ.

“އިޒް މާދަމާ ފުރާތީ އަހަރެމެން މިއުޅެނީ އެންމެންވެގެން ކެއުމަކަށް ދާން. އިޒް ބަލާ މިއައީ. އަވަހަށް ތައްޔާރުވެގެން ހިނގާ ދާން.” އާލިމްގެ ވާހަކައިން އިޒްޔާންއަށް ލިބުނީ ހައިރާންކަމެކެވެ. އިޒްޔާންއަށް ބަލާލެވުނީ އަޒްފާއަށެވެ. އެވަގުތު އެއީ ތެދެކޭ ބުނަމުން އަޒްފާ ބޯޖަހާލިއެވެ. އިޒްޔާންއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނީ އޭނާ މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް މާލެ ދާށެވެ. އާލިމްމެން ބަލާ އައިސް ތިއްބަސް އިޒްޔާން ގެއިން ބޭރަށް ދާހިތެއް ނުވެއެވެ. އޮޅިގެންވެސް މަލަކާއާ ދިމާވެދާނެތީއެވެ. ހުވަފެނަކުންވެސް މަލަކާ ފެނުމަކަށް މިހާރު އިޒްޔާންއެއް ނޭދެއެވެ. އިޒްޔާންގެ ދުޢާއަކީ ދެން ދުވަހަކުވެސް އޭނާއަށް މަލަކާގެ ސޫރަވެސް ނުފެނުމެވެ. އިޒްޔާންގެ ބޮލުގެ ރިހުން ނުފިލާތީ ބޭރަށް ދިޔުން ރަނގަޅު ނޫންކަމަށް އަޒްފާ ބުނުމުން، އެންމެން ނިންމީ އެގޭގައި ކެއުމުގެ ކަންތައް ނިންމާލާށެވެ. އެހެންކަމުން ކާއެއްޗިއްސަށް އޯޑަރ ދިނުމަށްފަހު އެންމެން އެގެއަށް ޖަމާވިއެވެ.

އެންމެންނާ އެކުގައި ވަގުތު ހޭދަކުރަން ފެށުމުން އިޒްޔާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެކުވެރިންގެ މަޖާ ވާހަކަތަކުންކުޑަ އިރުކޮޅަކަށް ނަމަވެސް އިޒްޔާންއަށް މަލަކާގެ ހަނދާންތަކާ ދުރުވެވުނެވެ. އިރުކޮޅަކުން އިޒްޔާންވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެ ކުޑައިރުގެ މަޖާ ވާހަކަތައް ދައްކަމުން ދިޔައެވެ. އިރުކޮޅަކުން މީހަކު ދޮރުގައި ޓަކި ދިން އަޑަށް އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އިޒްޔާން ހާސްވެފައި އެންމެންގެ މޫނަށް ބަލާލިއެވެ.

“މިގަޑީ ކާކުބާ؟” އާލިމް ގަޑިއަށް ބަލާލަމުން ހައިރާންކަން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ. އާލިމް އެހެން ބުނުމުން ޝިޒާން ދޮރު ހުޅުވަން ހިނގައިގަތެވެ.

“އަނެއްކާ އެއީ މަލަކާއަށް ވެއްޖެއްޔާ…؟” އެހެން ހިތަށް އެރުމުން އިޒްޔާންގެ ގައިން އޮށްދާ ހިއްލާލިއެވެ. އިޒްޔާންގެ އަޑަށް ޝިޒާންއަށް ހުއްޓެވުނެވެ. ނަމަވެސް އޭރު ޝިޒާން ދޮރު ހުޅުވައިފިއެވެ. އެންމެންގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓިފައިހުރީ ކާކުތޯ ބަލާލުމުގެ ޝައުޤުވެރިކަމުންނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝިޒާން ގުދުވެފައި ނެގީ ބަންދުކޮށްފައި ހުރި ކުޑަކުޑަ ފޮށިގަނޑެކެވެ. އޭގައި އިޒްޔާންގެ ނަން ލިޔެފައި އޮތުމުން ޝިޒާން އެފޮށިގަނޑު އިޒްޔާންއަށް ދިއްކޮށްލިއެވެ. އިޒްޔާން ފޮށިގަނޑު އެތާގައިހުރި ކުޑަ މޭޒެއްގެ މަތީގައި ބެހެއްޓިއެވެ. ކެއުން ނިންމާލާފައި އެންމެން ދިއުމުން އިޒްޔާން އެފޮށިގަނޑު ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

އެނދުގައި ހަމަޖެހިލައިގެން އިނދެ އެފޮށިގަނޑު ކަނޑާލިއެވެ. އޭގައިވަނީ އިޒްޔާންއާއި މަލަކާގެ ހަނދާންތަކެވެ. އެއެއްޗެހިތައް ފެނުމުން ކުއްލިއަކަށް އިޒްޔާންގެ ކުރިމަތީގައި އެމަންޒަރުތައް ސިފަވެގެން ދިޔައެވެ. އައި ރުޅިން ފޮށިގަނޑު ހޫރާލިއެވެ. އެއާއެކު އޭގައިހުރި އެއްޗެހިތައް އެކި ދިމަދިމާއަށް ބުރަބުރައިގެން ދިޔައެވެ. އެވަގުތު އިޒްޔާންގެ ލޮލުގައި އަޅައިގަތީ މޮނީޓަރ ލިޔާ ފޮތެކެވެ. އިޒްޔާން ގޮސް އެފޮތް ނެގީ އޭގައި އޮތް އެއްޗެއް އޮޅުންފިލުވާލުމުގެ ޝައުޤުވެރިކަން ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. އެވަގުތު ފޮތުގެ ތެރެއިން ބޭރަށް ނުކުމެފައި އޮތް ފަށްޖަހާލާފައިވަ ގަނޑެއް އިޒްޔާންއަށް ފެނުނެވެ. އިޒްޔާން އެގަނޑު ނަގާ ނިއުޅާލިއެވެ.

“އިޒް! އަހަރެންނަށް އެނގޭ އިޒް ތިހުރީ ވަރަށް ރުޅިއައިސްފަކަން. އަހަރެންގެ ސޫރަ ފެންނަންވެސް ނޭދޭނެކަން. އިޒް! އަހަރެން އިޒް ހޯދަން ތިގެއަށް ދިޔައިން. އެކަމަކު ހާސްނުވޭ. އެކަކަށްވެސް އަހަރެން ދިޔަކަމެއް ނޭނގޭނެ. އޭރު އިޒްއަށް އޮތީ ނިދިފަ. އެހެންވެ ފަހުން ކުއްޖަކުވެސް ފޮނުވިން. އެކަމަކު އިޒްއާ ދިމަލެއްނުވި. އެހެންވެ މިގޮތަށް މިކަން ކުރަން މިޖެހުނީ. އިޒްއަށް އަހަރެންގެ ހަޤީޤަތް އެނގެން އަހަރެން ބޭނުންވާތީ. އިޒް ޤަބޫލުނުކުރިޔަސް މިހިތުގައި ތިނޫން ފަރާތެއް ނުވޭ. އިޒް ފިޔަވައި އެހެން އެއްވެސް މީހެއްދެކެ ލޯތްބެއް ނުވެވޭ.

އިޒް! އަހަރެންނަކީވެސް އަންހެންކުއްޖެއް. އަހަރެންވެސް އުންމީދުތަކެއް ކުރިން. އިޒްއާއެކު ރީތި ހުވަފެންތަކެއްވެސް ދުށިން. އިޒްގެ ލޯބި ލިބުނު ދެތިން ދުވަސް އެއީ މި ބަދުނަސީބު މަލަކާގެ ހަޔާތުގެ އެންމެ އުފާވެރި ރީތި ދުވަސްތައް. ދުވަހަކުވެސް އިޒްގެ މަތިން ހަނދާނެއް ނުނެތޭނެ.

އިޒް! މިފޮތުގައި ވަނީ އަހަރެންގެ ވާހަކަ. އަހަރެން މިފަދަ ގޮތްކުޑަ އަންހެނަކަށް ވާންޖެހުނު ގޮތުގެ ވާހަކަ. އުންމީދުކުރަން އިޒް މިފޮތް ކިޔާނެކަމަށް. އާދޭސްކޮށްފަ ބުނަން އެންމެ ފަހަރަކު ނަމަވެސް މިފޮތް ކިޔާލަދީ. އިޒްއަށް ހުރިހާ ހަޤީޤަތެއް އެނގޭނެ.” މަލަކާ ލިޔެފައިވާ ލިޔުންކޮޅު ކިޔާލުމާއެކު އިޒްޔާންގެ ހިތުގައި މަޑުމަޑު ތެޅުމެއްވިއެވެ. އޭގައި މަލަކާ ލިޔެފައި އޮންނާނީ ކީކޭކަން އެނގެން ބޭނުންވެފައިވާވަރުން ހިތުގެ ހިނގުންވެސް އަވަސްވާން ފެށިއެވެ.

**********

މަލަކާ ކޮޓަރީގައި ހުރެ ދެކޮޅަށް ހިނގަހިނގާ ފައި ވާލުވުމުން އެނދުގައި އިށީނދެލިއެވެ. މަލަކާ އެއައީ އޭނާގެ މުޅި ދިރިއުޅުން އިޒްޔާންއާ ހަވާލުކޮށްފައެވެ. ދުވަހަކުވެސް މީހަކަށް އަންގާފައިނުވާ އޭނާގެ ހިތި މާޒީގެ ސޮފުހާތައް އިޒްޔާންއާ ހަވާލުކޮށްފައެވެ. އިޒްޔާންގެ ލޯތްބަށްޓަކައި އެނޫން ގޮތެއް ނެތިގެންނެވެ. ހާސްކަން ފިލުވާލުމަށް މޫނުގައި އަތް އަޅާލެވުނެވެ. އެވަގުތު ނިތްކުރިން ފަޅައިގެން ގޮސްފައި ހުރިތަނުގައި އަތް ޖެހުމުން ރޭގައި ހިނގާދިޔަ ހާދިސާގެ މަތިން ހަނދާންވިއެވެ. އިޒްޔާންގެ ކުރިމަތީގައި އޭނާ ފަޟީހަތްވި ގޮތް ހަނދާންވެ މަލަކާއަށް ރޮވުނެވެ. މަލަކާ ރޮއި އާދޭސްކޮށްކޮށް އޮއްވާ އިޒްޔާން ނުކުމެގެން ދިޔަގޮތް ހިތަށް ސިފަވެގެން ދިޔައެވެ. އެއްފަހަރުވެސް މަލަކާއަށް ބަލާވެސްނުލާ އެއޮތްގޮތަށް މަލަކާ ރޯން ދޫކޮށްލާފައެވެ. އޯގާތެރި އަތެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާއިރުވެސް އެލޯބި ދެއަތުން ހިމާޔަތެއް ނުލިބުނެވެ.

އަޝްފާގް ދިއްކޮށްލި އެހީގެ އަތުގައި ހިފާކަށް މަލަކާ ބޭނުމެއްނުވިއެވެ. މިއަދު އޭނާ އެހާލަތަށް ގެންދިޔައީ އަޝްފާގް ކަމަށް ވީތީއެވެ. އަޝްފާގް ދިއުމުން ވަރަށް ގިނައިރު ވަންދެން މަލަކާ ރޯން އޮތެވެ. އެއަށްފަހު ތެދުވެ ފާޚާނާއަށް ވަދެ ލޯގަނޑުން މޫނު ބަލާލިއެވެ. އެއްފަޅި އެއްކޮށް ލެއިން ކަޅިވެފައިވާތަން ފެނުމުން މަލަކާއަށް އަނެއްކާވެސް ރޮވުނެވެ. މީގެކުރިން އެރީތި އޮމާން މޫނުގައި ލަކުނެއްހާ ހިސާބުވެސް ނުވާއިރު އިޒްޔާންގެ ފަރާތުން އެފަދަ އަނިޔާއެއް ލިބުނީތީ މަލަކާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ހިކިފައި ހުރި ލޭތައް ދޮވެ ސާފުކޮށްލުމުންވެސް މަލަކާގެ މޫނު ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. އެހާ ގިނައިރު ރުއިމުގެ ސަބަބުން ދެލޯވެސް ހުރީ ދުޅަވެފައެވެ. މަލަކާ ނުކުމެ މޫނުމަތި ރީތިކޮށްލިއެވެ. މީހަކަށް ޝައްކުވެގެން އަހައިފާނެތީ އިސްތަށިތަކުން ނިތްމަތި ފޮރުވާލިއެވެ. މަލަކާއަށް ގެއަށް ދެވުނުއިރު ފަތިސްވެއްޖެއެވެ.

ގެއަށް ގޮސްފައިވެސް މަލަކާއަށް ވަރަށް ރޮވުނެވެ. މާޒީގެ ހިތި ހަނދާންތަކުން އެހިތް އިތުރަށް ކުދިކުދިކޮށްލިއެވެ. އެނދުގައި އޮވެގެން އޭނާގެ ބަދުނަސީބާމެދު ކަރުނަ އޮއްސުން ނޫންގޮތެއް ނެތްކަން މަލަކާއަށް އެނގެއެވެ. ހަޔާތުން ހޭދަވި ފަންސަވީސް އަހަރުގައި އޭނާއަށް ލޯތްބެއް ލިބުނު ހަމައެކަނި ފަރާތަކީ އިޒްޔާންއެވެ. އެހެންވީއިރު އިޒްޔާން މަތިން މަލަކާއަށް ހަނދާން ނައްތާލެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއޯގާތެރިކަމާއި ލޯބި އިންތިހާއަށް ބޭނުންވާއިރު ދެން ދުވަހަކުވެސް އިޒްޔާން އޭނާ ދެކެން ނާންނާނެއޭ ހިތަށް އެރުމުން މަލަކާއަށް އަޑުން އަޑުނަގާ ރޯން ފެށުނެވެ. ކިތަންމެ ބާރަށް ރުޔަސް އަޑުއަހާނެ މީހަކު ނުވާނެކަންވެސް މަލަކާއަށް އެނގެއެވެ.

ޖެހިގެން އައި ދުވަހު މަލަކާ ނުތެދުވެ އެނދުގައި އޮތެވެ. ގަޑިން މެންދުރު ބާރަ ޖެހުމުން މަލަކާ ތެދުވެ ތައްޔާރުވިއެވެ. ކޮންމެ ގޮތެއް އިޒްޔާންއާ ބައްދަލުކުރަން މަލަކާ ނިންމިއެވެ. އެގޭދޮށަށް ދެވުނުއިރު މެންދުރު ނަމާދު ބަންޤި ގޮވަނީއެވެ. މަލަކާ އެގެއާއި ޖެހިގެންހުރި ގޭގެ ފާރުން އެތެރޭގައި މަޑުކޮށްލިއެވެ. ފަޔާޒްއާއި ދާއިން ނުކުމެގެން ދިއުމުން މަލަކާ ވަރަށް ސިއްރުސިއްރުން ވަދެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އަޒްފާ ކޮޓަރިއަކުން ނުކުންނަނިކޮށް މަލަކާއަށް ފެނުނެވެ. އަޒްފާ ގޮސް ޖެހިގެންހުރި ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލުމުން މަލަކާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް، އަޒްފާ ދެންމެ ނުކުތް ކޮޓަރީ ދޮރުމަތީ ހުއްޓިލިއެވެ. އެވަގުތު އެނދުގައި ނިދިފައި އޮތް އިޒްޔާން ފެނުނެވެ. މަލަކާ ވިސްނާލާފައި ގޮސް އިޒްޔާން އޮތް އެނދު ކައިރިއަށް ހުއްޓިލިއެވެ. ނިދާލާފައި އޮތްއިރުވެސް އިޒްޔާންގެ މޫނުމަތިން ފެންނަންހުރި އަސަރުން އޭނާ ކޮށްފައިހުރި ހިތާމަ ރަނގަޅަށް އެނގެއެވެ.

އިޒްޔާންގެ އަތުގައި ހިފާލަން އުޅެފައިވެސް މަލަކާއަކަށް ނުކެރުނެވެ. އިޒްޔާން އޮތް ހާލު ފެނި ލޮލަށް ޖަމާވި ކަރުނަތައް ފޮހެލާފައި މަލަކާ އަވަސްއަވަހަށް އެގެއިން ނުކުތެވެ. މަލަކާ ގެއަށް އައިސް އިޒްޔާންއަށް ހަޤީޤަތް އަންގައިދޭނެ ގޮތަކާމެދު ވަރަށް ވިސްނިއެވެ. މަލަކާގެ ރައްޓެހި ކުއްޖެއްވެސް އެގެއަށް ފޮނުވިއެވެ. ނަމަވެސް އަޒްފާ އޭނާ އިޒްޔާންއާ ބައްދަލުވިޔަކަ ނުދިނެވެ. އެކުއްޖާ އެނބުރި އައިސް ދިން ޚަބަރުން މަލަކާގެ ހިތް ހުއްޓުނު ކަހަލައެވެ. އިޒްޔާން ފުރާ ޚަބަރު ވެގެންދިޔައީ މަލަކާއަށް ޝޮކެއް ލިބިގެންދިޔަ ޚަބަރަކަށެވެ. މަލަކާއަށް ސޯފާއަށް ވެއްޓިގަނެވުނެވެ. އެގޮތުގައި އެތައްއިރެއް ހޭދަވެގެން ދިޔައެވެ. އިޒްޔާންއަށް ހަޤީޤަތް އަންގައިނުދެވެނީސް ފުރައިގެން ގޮސްދާނެތީ، ވިސްނާ ވިސްނާ މަލަކާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ.

އިރުއޮއްސި އަނދިރިވުމުން މަލަކާ ފޮށިގަނޑަކަށް އެއްޗެހިތަކެއް އަޅަމުން ދިޔައެވެ. ކޮންމެ އެއްޗެއްގައި ބޮސްދިނުމަށްފަހު ފޮށިގަނޑަށް ލަމުން ދާއިރު، ފެންނަ ކޮންމެ މީހަކަށް ހީވާނީ މަލަކާ އެއިނީ މޮޔަވެފައިހެންނެވެ. ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އެހާލުގައި އިނދެ ފޮށިގަނޑު ބަންދުކުރިއެވެ. މޫނާއި ބޯ ރީތިކޮށްލުމަށްފަހު ފޮށިގަނޑު ހިފައިގެން އިޒްޔާންގެ ގޭދޮށަށް މަލަކާ ދިޔައެވެ. ވަރަށް ގިނައިރު ދޮރުމަތީގައި ހުރުމަށްފަހު ޓަކިދިނެވެ. ދެތިން ފަހަރަކު ޓަކި ދިނުމަށްފަހު ފޮށިގަނޑު ދޮރުމަތީ ބަހައްޓާފައި މަލަކާ ގޯތިތެރޭ ހުރި ގަހަކާ ނިވާވެލީ އިޒްޔާންގެ ކޮޓަރި ދޮރު ފެންނާނެހެންނެވެ. ޝިޒާން ފޮށިގަނޑު ހިފައިގެން އެތެރެއަށް ވަތް ވަގުތު މަލަކާއަށް އިޒްޔާން ފެނުނެވެ. އިޒްޔާން ފެނުމުން އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

ޚިޔާލުތަކަށް ގެއްލިފައި މަލަކާއަށް އިރުކޮޅަކު އިނދެވުނެވެ. ދެން ތެދުވެ އަނެއްކާވެސް ދެކޮޅަށް ހިނގަންފެށިއެވެ. އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އިޒްޔާން އެފޮށިގަނޑަށް ހަދާނީ ކިހިނެއްބާއޭ ހިތަށް އަރާވަރުންނެވެ. އިޒްޔާންއަށް އެއެއްޗެހިތައް ފޮނުވުން އެއީ މިވަގުތަށް ރަނގަޅު ގޮތްބާއޭ މަލަކާގެ ހިތަށް އެރިއެވެ. އިޒްޔާން ކަންތައް ކުރިގޮތުން މަލަކާގެ ހިތްވަނީ ކުދިކުދިވެފައެވެ. އިޒްޔާންއާއެކު އުޅުނު މަދު ދުވަސްކޮޅުގެ ތެރޭގައި، އިޒްޔާންގެ އުޅުމާއި ދެކޭގޮތް މަލަކާއަށް ވަރަށް ކަމުދިޔައެވެ. މަލަކާ ދަންނަ ހުރިހާ ޒުވާން ފިރިހެނުންނާ އިޒްޔާން ވަރަށް ތަފާތެވެ. އެހާ ލޯބިލޯބިން އުޅެފައި އިޒްޔާން ދިއުމުން މަލަކާއަށް ހީވީ އޭނާގެ ހަށިގަނޑުން ބައެއް އުނިވިހެންނެވެ. ކުރިންވެސް، އިޒްޔާންއަށް ހަޤީޤަތް އެނގޭ ދުވަހަކުން ކަންތައްވާނެ ގޮތާއިމެދު އޭނާ ކަންބޮޑުވެއެވެ. ކިތަންމެ ފަހަރަކު ހަޤީޤަތް އަންގައިދޭން މަލަކާ އުޅުނެވެ. ނަމަވެސް އިޒްޔާންއާ ވަކިވާން ޖެހިދާނެތީ އެކަން ކުރަން ނުކެރުނީއެވެ. އެހެނަސް މިއަދު މިއޮތީ އެދުވަސް އައިސްފައެވެ. މިހާރު މަލަކާ އިންތިޒާރު ކުރަމުންދަނީ އޭޏާގެ ހިތި މާޒީ ކިޔާފައި އިޒްޔާން އަންނާނެ ދުވަހަކަށެވެ. މި އަނިޔާވެރިންގެ އަތްދަށުން އޭނާ ސަލާމަތްކުރާނެ ދުވަހަކަށެވެ. އެ ހިތި މާޒީއާ އަބަދަށް އަލްވަދާޢު ކިޔޭނެ ދުވަހަކަށެވެ. އިޒްޔާންގެ ލޯބިން އެހިތް ފުރާލަދޭނެ ދުވަހަކަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯތްބަށްޓަކައި (ފުރަތަމަ ބައި)

Next

އިންތިހާޔަށް (2ވަނަ ބައި)

Next
January 2, 2017

އިންތިހާޔަށް (2ވަނަ ބައި)

Previews
January 2, 2017

ލޯތްބަށްޓަކައި (ފުރަތަމަ ބައި)

18 Comments!

  1. Rai says:
    January 2, 2017 at 1:10 pm

    Me first vvv salhi

    1. Saandy says:
      January 2, 2017 at 9:52 pm

      ޝުކުރިއްޔާ ރާއި

  2. Ju says:
    January 2, 2017 at 1:39 pm

    Me 2nd dhw hehe vvvvvvvvvvvvvvvvvv rythi mi vaahaka??? waiting for next part

    1. Saandy says:
      January 2, 2017 at 9:53 pm

      ޝުކުރިއްޔާ ޖޫ

  3. Princess lilli says:
    January 2, 2017 at 1:48 pm

    Me third… vvv nice ?

    1. Saandy says:
      January 2, 2017 at 9:54 pm

      ޝުކުރިއްޔާ ޕްރިންސެސް ލިލީ

  4. Mai says:
    January 2, 2017 at 2:02 pm

    Mives dhen vaahakaehtha.ehves reehcheh noon.

    1. Saandy says:
      January 2, 2017 at 9:54 pm

      ޝުކުރިއްޔާ މައި

  5. maree says:
    January 2, 2017 at 3:23 pm

    Saandy vvvvvvv reethi next part konirakutha

    1. Saandy says:
      January 2, 2017 at 9:55 pm

      ޝުކުރިއްޔާ މަރީ! އިރާދަކުރެއްވިއްޔާ މާދަމާ 6ވަނަ ބައި ގެނެސްދޭނަން

  6. Anonymous says:
    January 2, 2017 at 5:00 pm

    Vvvv nice

    1. Saandy says:
      January 2, 2017 at 9:55 pm

      ޝުކުރިއްޔާ އެނޮނީމަސް

  7. Appy says:
    January 2, 2017 at 6:18 pm

    V rythi mi bai vx. .dhn in bai mihaa dhigu inthixaareh kuran nijahsahche

    1. Saandy says:
      January 2, 2017 at 9:57 pm

      ޝުކުރިއްޔާ އެޕީ! އިރާދަކުރެއްވިއްޔާ ދެން އެހާ ދިގު އިންތިޒާރެއް ކުރާކަށް ނުޖައްސާނަން… ކަމެއް ދިމާނުވަންޏާ، އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު ބައެއް ގެނެސްދޭނަން

  8. shelly says:
    January 2, 2017 at 11:37 pm

    umm ehaa reecheh nion bt okay reethi kureveyne

    1. Saandy says:
      January 3, 2017 at 11:01 am

      ޝުކުރިއްޔާ ޝެލީ

  9. Anonymous says:
    January 3, 2017 at 11:06 am

    gayaavaa gotheh eba huri.. heekurana dhi mihaarah vure vx reethi vaane kamah fahun..

    1. Saandy says:
      January 3, 2017 at 3:15 pm

      ޝުކުރިއްޔާ އެނޮނީމަސް

Comments are closed.

Next Episodeމަލަކާ (6ވަނަ ބައި)←


All Right Reserved!