ނޭނގި ޔާރު ވަކިވީ (3)
“އިއާން.. ޑޭމް އިޓް. ކޯއްޗެއްތަ ތިފޮރުވަނީ މާވަރަކަށް؟” އެނދުގައި އޮށޯވެލި މިރުޝާލް އަތުގައި އޮތް އޮރެންޖް މަށަމުން ވާހަކަދެއްކިއެވެ. އޭރު އުނގަށް ލެޕްޓޮޕް ލައިގެން އިނދެ އިއާން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަނީ ނުތަނަވަސް ކަމެވެ. “މަޑުކޮށްބަލަ.. ދެނަމޭ ލެޕްޓޮޕް. ބުނެފިން ދޯ އީމެލް ޗެކް ކޮށްލަނީއޭ.” އިއާން ރުން ކުރުގޮތަކަށް ބުނެލިއެވެ.
“އީމެއިލް ޗެކް ކުރެވޭނެ ފޯނުން ވެސް. މިހާރު އަހަރެންގެ ލެޕްޓޮޕް ހިފައިގެން އިންނަތާ ވެސް ގަޑިއިރެއް ވެއްޖެ.” އޮރެންޖު ފޮއްޗެއް އަނގަޔަށް ލަމުން މިރުޝާލް ލެޕްޓޮޕް ބަލައިލަން ބޯ ދިއްކޮށްލިއެވެ. “ދެން މަޑުކޮށްބަލަ!” އިއާން އެނދުން ފުއްމައިގެން ތެދުވަމުން ބުނެލިއެވެ. “ސާބަހޭ.. އަނެއްކާ އެކަހަލަ ފިލްމެއް ބަލަނީ. ހެހެހެ.. ރައިނާ ނުދެނީތަ؟” މިރުޝާލް ހެމުން ބުނެލިއެވެ.
“ޝަޓް އަޕް އޯކޭ.. އެހެންނޫނަސް އަހަރެން އެބަ އުޅެތަން މޮޔަވެގެން..” އިއާން ކައިރީގައި ހުރި ކުޑަ ސޯފާގައި ޖައްސާލަމުން ބުނެލިއެވެ. “އާނ ދެން ކޮންމެ ދުވަހަކު އެތަށް އަންހެނުންނެއް ބަލަން ލިބެންޔާ ކީއްކުރަން އެކަހަލަ ކަންތައް ކުރަނީކީ ދޯ..” މިރުޝާލަ ޖެއްސުމަށް މިހެން ބުނުމުން އިއާން ސޯފާ މަތީގައި އޮތް ޓީވީ ރިމޯޓް އޭނައާއި ދިމާއަށް ހޫރާލިއެވެ.
“ޔޫ އާ ޑިސްގަސްޓިން..” ލެޕްޓޮޕަށް ގެއްލިފައި އިނދެ އިއާން ބުނެލުމުން މިރުޝާލް އިތުރު އެއްޗެކޭ ނުބުނެ ނިކަން ބާރަށް ހެމުން އެކޮޓަރިން ނިކުތެވެ. އޭރު އޭނާގެ އީމެލްގައި ބޭންކުން ފޮނުވާފައި ހުރި މެސެޖުތަކެއް ކިޔަމުން ދިޔައިރު އޭނާ ހުރީ ހާސްވެފައެވެ. ކޮންމެ މަހަކު ގަވާއިދުން ފޮނުވާ ޓްރާންސެކްޝަން މައްސަލައެއް ޖެހި އެކަން ނުވެގެން އޭނާ އިންނަތާ މިހާރު ގަޑިއިރެއް ވެއްޖެއެވެ.
“ހެލޯ..” އިއާން ފޯނުން ނަމްބަރަކަށް ގުޅާލަމުން ވާހަކަދެއްކިއެވެ. “ވައި އިޒް ދިސް ހެޕަނިން.. އައި އަންޑަސްޓޭންޑް ދެޓް.. ބަޓް ދިސް ޓްރާންސެކްޝަން ހެޒް ބީން ގޮއިން އޮން ފޯ އިޔާޒް ވައި ދަ ކޮމްޕްލިކޭޝަން ނައު.. ނޯ ޔޫ ލިސްން.. އައި ޑޯންޓް ކެއާ ވަޓް ޔޫ ޑޫ ޖަސްޓް ފިކްސް ދިސް.” އިއާން ހަރުކަށި ކަމާއި އެކު މިހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އޭނާ ލިޔަން އިން އީމެއިން ފުރިހަމަ ކޮށްލިއެވެ.
އިރުގަނޑެއް ފަހުން އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް ފައިސާ ޖަމާ ވެއްޖެ ކަން ޔަޤީންވެ މެސެޖު ލިބުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އިއާން އަވަސް އަވަހަށް ލެޕްޓޮޕްގެ ހިސްޓްރީއަށް ވަދެ އޭނާ ކުރި ހުރިހާ ކަމެއް ފޮހެލިއެވެ. އެވަގުތު އެތަނަށް މިރުޝާލްގެ ފަހަތުން ނާއިކް ވަނެވެ.
“އަން.. މިއޮތީ ލެޕްޓޮޕް..” އިއާން ލެޕްޓޮޕް ދިނުމުން މިރުޝާލް އޭތި ޗެކް ކޮށްލިއެވެ. “ހޫމް.. ހިސްޓްރީއާ އެއްޗެހި ފޮހެލާފައޭ ދޯ އަދި މި ދިނީ. ވަޓް އާ ޔޫ ހައިޑިން ލިޓިލް ބްރަދާ؟” މިރުޝާލް ޖެއްސުމަށް މިހެން ބުނުމުން އިއާން އެތަނުން ދާން ތެދުވިއެވެ. “ނޮން އޮފް ޔުއާ ބިޒްނަސް.” އޭނާ މިހެން ބުނެފައި ކޮޓަރިން ނިކިތުމުން ނާއިކް ސޯފާގައި ޖައްސާލިއެވެ.
“އިއާން ކީއްވެތަ އަބަދު މޫޑީވެފައި އެހުންނަނީ. އަންހެން ކުއްޖަކަށް ވުރެ ކަންތައް ފަލަ.” ޓީވީ ހުޅުވާލަމުން ނާއިކް ބުނެލިއެވެ. އޭރު މިރުޝާލް ފުން ޚިޔާލަކަށް ގެއްލިފައި އިންއިރު އިއާން ކޮންމެ ވެސް ކަމެއް ފޮރުވާ ކަމާއި މެދު އޭނާއަށް ޝައްކުވިއެވެ.
****
އަތުން ދެތިން ކޮތަޅު ހިފައިގެން ފިހާރައިން ނިކުއިން ޖޫލްގެ ފަހަތުން ރައިނާއާއި ޖަޒްލާން ނިކުތެވެ. ތިން މީހުން އެކީގައި ހަވީރުގެ ވަގުތު އެކި ފިހާރަތަށް ބަލަމުން ދިޔައިރު ގަނެލާފައި ހުރި އެއްޗެހި މަދެއް ނޫނެވެ. އެންމެފަހުން އެމީހުން ބަނޑުހައި ވުމުން ކައިރީގައި ހުރި ރެސްޓޯރަންޓަކަށް ވަދެ އޯޑަރު ދިނެވެ.
“ހިނގާ ހިނގާ ފައިގައި ރިއްސާ އެބަ.” ޖޫލް އޭނާގެ ފައިތިލަ މޮޑެލަމުން މިހެން ބުނިއިރު ޖަޒްލާން އިނީ ފޯނަށް ގޮސް ގެއްލިފައިއެވެ. “ޖާޒް.. ދެން ތި އަބަދު ފޯނަށް ގެއްލިފައި ނީނދެބަލަ.” ޖޫލް މިހެން ބުނެފައި ޖަޒްލާންގެ އަތުން ފޯނު ޖަހައިގަތެވެ. އޭރު ރައިނާ ތައްޓަށް ކޯކު އަޅަމުން ދިޔައިރު އޭނާ އިނީ ޚިޔާލަކަށް ގެއްލިފައެވެ.
“ކޭކަށް އޯޑަރު ދޭން ވެގެންނޭ މިއުޅެނީ..” ޖަޒްލާން މިހެން ބުނެފައި ޖޫލް އަތުން ފޯނު ނެގިއެވެ. “އޯ ޔެސް. އަދި ކޭކް މަތިން ހަނދާން ނައްތާލާފައި މިއިނީ.. އެއްޗެއް މަދެއް ނޫނެއްނުން ދެން. ވާނެ ނާއިކް ސަޕްރައިސް ކޮށްލަން.. ކިތަށް އަހަރުތަ އެވަނީ އޭނައަށް ރައި؟” ޖޫލް އޭނާގެ އައިސް ކްރީމް ތަށި ތަބަކުން ނަގަމުން އަހާލިއެވެ. ނަމަވެސް ރައިނާ އެއްވެސް ޖަވާބެއް ނުދިނުމުން ޖޫލް ދެވަނަ ފަހަރަށް ގޮވާލިއެވެ.
“އާނ.. ކީކޭ؟” ރައިނާ ސިހިފައި ބުނެލިއެވެ. “ނާއިކްއަށް ކިތަށް އަހަރުހޭ މާދަން ވަނީ.. ކޮންކަމަކަށް ގެއްލިފައި ތިއިނީ؟” ޖޫލް އަހާލިއެވެ. “އޯ.. ނަތިން. އޭނާއަށް އެވަނީ ބާވިސް އަހަރު.. ދެން ގާލްފްރެންޑް ނެތީމަ ދެރައީ..” ރައިނާ ހިނިތުންވެލަމުން ބުނެލިއެވެ. ފެން ބޯން އިން ޖަޒްލާން ވަގުތުން ކޮށިއެރިއެވެ.
“ގާލްފްރެންޑޭ؟ ކޮންއިރަކު؟” ޖަޒްލާން ހައިރާންވެފައި އިނދެ އަހާލިއެވެ. “ކޮން އިރަކު ކަމެއް ނޭގެ.. އެކަމު ބޭރު ކުއްޖެއް.. ނާއިކް ކޮލެޖުން ކަންނޭގެ ދިމާވީ. ދެން އެވަރަކަށް ކިޔައެއް ނުދޭ.” ރައިނާ މިހެން ބުނުމުން ޖަޒްލާންގެ މޫނު މިލާމޯޅި ވިއެވެ. “ޝިމްލާތައަށް އިނގޭތަ؟ ޔަޤީން މިހާރު ވެސް އެންޓި ވާނެކަން.” ޖޫލް ހެމުން ހެމުން ބުނެލިއެވެ.
“ހެހެހެ.. އާނ. ދެން އިނގެއެއްނުން.. މަންމައަށް ބޭރު ކުދިން އެހައި ކަމަކު ނުދާނެ..” ރައިނާ ވެސް ޖޫލްއާއި އެއްބައިވެ ހޭން ފެށިއެވެ. ނަމަވެސް މިކަމުގައި ބައިވެރި ނުވެ ޖަޒްލާން އިނީ ހިމޭނުންނެވެ. ކައި ނިމެގެން ރެސްޓޯރަންޓުން ނިކުއިން އިރު އިރު އޮއްސި މަޚްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ.
****
އާދުވަހަކަށް ޖައްވު މަރުޙަބާ ކީއިރު އިއާން ހެނދުނު ހެނދުނާއި ތައްޔާރު ވެލައިގެން ބޭރަށް ނިކުއިން އިރު ސޯފާގައި ތަސްލީމާއާއި ނާދިރާ އިނެވެ. “އިއާން މިހާ ހެނދުނާ ކޮންތާކަށް؟” ކޮފީ ތައްޓެއް ބޯން އިން ނާދިރާ އަހާލިއެވެ. އޭރު އިއާން އޭނާ ގެނައި ދުވާ ބޫޓު ނަގަމުން ގޮނޑީގައި އިށީނދެ އެއަށް އަރަން ފެށިއެވެ.
“މިދަނީ ދުވެލަން. މާލެ ވަށައި ބުރެއް ޖަހާލަން ކަމަށް..” ބޫޓުގެ ނާޑުވައި އައްސާލަމުން އިއާން ބުނެލިއެވެ. އޭނާ ލައިގެން ހުރި އަތް ކުރު ޖޯޒީ ގައިގައި ހިފާފައި ވީއިރު ތިރިން ހުރީ ސޯޓެއް ލައިގެންނެވެ. އޭނާ ނިކުންނަމުން ހެޑް ސެޓް ޖަހައި ފޯނު އަތުގައި އޮތް ބޭންޑުގައި ހަރު ކޮށްލުމަށްފަހު ލިފްޓަށް އެރިއެވެ.
ސްކޫލް ބަންދު ދުވަސްވަރު ކަމުން މާލޭ މަގުމަތިން މީހުން މަދުކަމަށް ފާހަގަ ކުރެވެއެވެ. އޮފީސް ތަކަށް ދާމީހުން އެމީހުންގެ ސައިކަލު ގަޔާއި ކާރުތަކުގައި ދާއިރު ހިނގާފައި ދާ މީހުން ވެސް މަދެއް ނޫނެވެ. އިއާން ދުވަމުން ގޮސް މާލޭގެ ބޭރުމަގަށް އެޅުމަށްފަހު މަޑު ޖެހިލިއެވެ. އަރާމު ވަރަކަށް ހެނދުނުގެ އަވި ދީފައި އޮތް އިރު ދޯނި ފަހަރުތައް ޖެޓީ ކައިރީގައި ވިއެވެ.
އިއާން ދުވަމުން ދުވަމުން ގޮސް ރަސްފަންނު ކައިރިން ދަނިކޮށް ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް މަގުމައްޗަށް ނިކުއިން މީހެއް ގައިގައި ޖެހުނެވެ. އޭނާ އަތުގައި އޮތް ދަބަސް ބިއްމައްޗަށް ވެއްޓުނު އިރު އިއާން އަރި އަޅާލިއެވެ. “އައި އެމް ސޮރީ..” އިއާން މިހެން ބުނެފައި ތިރިވެ ދަބަސް ނަގައި ދިން ވަގުތު ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނި އިއާން ވާހަކަ މެދު ކެނޑުނެވެ.
“އޯ މައި ގޯޑް.. އިއާން ޖާބިރް.. އިޓްސް ޔޫ.” އެ އަންހެން ކުއްޖާ މިހެން ބުނެފައި ޔަޤީން ކުރަން ދަތިވެފައި ހުރި ގޮތަކަށް އިއާންއަށް ބަލަން ހުއްޓެވެ. “އާ.. އާލިޔާ.” އިއާން މިހެން ބުނުމާއި އެކު އާލިޔާ ހެވިފައި ހުރެ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. “ކޮންތާކު ތިއުޅެނީ؟ ފެނިވެސް ނުލައި. ލުކް އެޓް ޔޫ..” އާލިޔާ ބުމަ އަރުވާލަމުން ބުނެލިއެވެ.
“ހެހެ.. ލުކް އެޓް ޔޫ.. ކޮން އިރަކު ބުރުގާ އެޅީ. ޒަމާން ގަނޑަކަށްފަހު ދޯ މިދިމާވީ.” އިއާން ހެވިފައި ހުރެ މިހެން ބުނިއިރު އާލިޔާ ބޯ ޖަހާލިއެވެ. “ލަންޑަންއަށް ފުރިގޮތަށް ހަބަރެއް ވެސް ނުވޭ.. ކޮބާތަ ވައިފް ކިހިނެތް؟” އާލިޔާ އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ. “ހަމަ ބަރާބަރު..” އިއާން ބުނެލިއެވެ. “ވާނެ އިނގޭ ދިމާވެލަން އަދި.. އަހަރެން އޮފީހަށް ދާން ލަސްވެގެން މިދަނީ ވެސް. ގްލޭޑް ޓު ސީ ޔޫ އާފްޓާ ސޯ ލޯންގް.” އާލިޔާ މިހެން ބުނެފައި އޭނާގެ ނަމްބަރު ދިނުމަށްފަހި އެތަނުން ދިޔައެވެ.
****
“ކޮންތާކަށް ދާން ތިދަނީ؟” ކޮޓަރިއަށް ވަދެ އަލަމާރިން ޓީޝާޓެއް ނަގަން ހުރި އިއާން ފެނި ރައިނާ އަހާލިއެވެ. އެނދުގައި ބަންޑުން އޮވެ ޓިވީ ބަލަމުން ދިޔައިރު އޭނާ ލައިގެން އޮތީ ކުރު ސޯޓު ބުރިއަކާއި ކަރުބޮޑު ޓީޝާޓެކެވެ. ހެނދުނު އިއާން ދުވަން ގޮސް އައިސްފައި އަނެއްކާ ރައްޓެހިންނާއި އެކު ބޭރަށް ގޮސް މެންދުރު ގެއަށް އައި ގޮތަށް އަނެއްކާ އެއުޅެނީ ބޭރަށް ދާށެވެ. އެހެންކަމުން ރައިނާ ތެދުވެ ގޮސް އިއާންގެ ފަހަތުގައި މަޑު ކޮށްލިއެވެ.
“އަހަރެން ވެސް ދާނަން ތި ދާތާކަށް.” ރައިނާ މިހެން ބުނުމުން ލޯގަނޑު ކުރިމަތީ ބޮލުގައި އަތް ފުނާ އަޅާލަން ހުރި އިއާން އޭނާއަށް ކަޅިއެއް އެއްލިއެވެ. “ކިހިނެތްވީ؟” އިއާން ދިން ޖަވާބުން ރައިނާ ހިތްހަމަނުޖެހުނެވެ. މީގެ ދެރޭ ކުރިން ރައިނާ ކުއްޖަކު ހޯދަން ބޭނުންވާ ވާހަކަ ދެއްކިފަހުން އިއާން ގޭގައި ގިނަ އިރު މަޑުވެސް ކޮށްނުލައެވެ.
ރައިނާއާއި އެހައި ވާހަކަ ނުދައްކާ އިރު އޭނާ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލައެވެ. މާކުރިން ނިދަން އަރާ އިރު ރައިނާ ކައިރި ވެލިއަސް އިއާން އޭނާ ދުރުކޮށްލައެވެ. މިއީ އެހެންނޫނިއްޔާ އިއާންގެ މިޒާޖް ހުންނަ ގޮތް ނޫންކަމުން ރައިނާ ދެރަވިއެވެ. “ކީއްވެ އަހަރެން އިގްނޯ ކުރަނީތި؟” ރައިނާ ދެރަވެފައި އަހާލިއެވެ.
“އިގްނޯއެއް ނުކުރަން..” އިއާން މިހެން ބުނެފައި އޭނާ ގެންގުޅޭ ‘ފޮގް’ ސެންޓު ފުޅި ގަޔަށް ޖަހާލަމުން އެހިތްގައިމު ވަސް އެތަނުގައި ހިފާލިއެވެ. “ދެން ކީއްވެ ގޭގައި މަޑު ނުވެގެން ތިއުޅެނީ.. އަހަންނާއި ރަނގަޅަށް ވާހަކަ ވެސް ދައްކާ ނުލާތައި ދެދުވަސް މިވީ. ލުކް އެޓް މީ ވެން އައި ޓޯކް އިއާން!” ރައިނާ ހިތްހަމަ ނުޖެހިފައި މިހެން ބުނުމުން އިއާން އޭނައާއި ހަތަރު ކަޅި ހަމަ ކުރިއެވެ.
“ވަޓް ރައިނާ! ކިހިނެތްތަ ހަދަންވީ؟” އިއާންގެ އަޑުގައި ވެސް ވީ ހިތްހަމަ ނުޖެހުމެވެ. “އަހަރެން ނުބުނަން މާ ބޮޑު ކަމެއް ކޮށްދޭކަށް.. ހަމައެކަނި ތިގޮތަށް އިގްނޯ ނުކުރަންވީ.. ކަމެއް ވިއްޔާ ވެސް ބުނީމަ ދޯ އިނގޭނީ. އިޒް ދިސް އެބައުޓް ދަ އަދާ ނައިޓް؟” ރައިނާ މިހެން ބުނުމުން އިއާން ދެބުމަ ގޮށް ޖެހިފައި ހުރެ ކޮޓަރިން ނިކުންނަން ހިނގައި ގަތެވެ.
“އިއާން! އަހަރެން ވާހަކަދައްކަމޭ އެބަ..” ރައިނާ ތަންކޮޅެއް ބާރަށް މިހެން ބުނުމުން އިއާން ބޭރަށް ނިކުންނަށް ހުޅުވި ދޮރު ބަންލާފައި ޖެހިއެވެ. “ހޫމް.. ކިޔާބަލަ. އަޑުއަހަނީއޭ މި.” އިއާން ހަރުކަށިކޮން ބުނެލިއެވެ. ރައިނާ ފުންނޭވާއެއް ލަމުން ރުޅި މަޑު ކުރެވޭތޯ މަސައްކަތް ކުރިއެވެ. “ވެގެން އުޅޭގޮތަކާއި މެދު ވާހަކަ ދެއްކީމަ ހައްލު ވާނީ. ތިގޮތަށް އަނގައިން ނުބުނެ ދިޔަޔަސް ކަންތަކެއް ހައްލެއް ނުވާނެ.” ރައިނާ ހަމަޖެހިލަމުން ބުނެލިއެވެ.
“ކޮންވާހަކައެއް އަހަރެން ދައްކަންވީ ރައިނާ ގާތު؟ އެރެއަށްފަހު އަހަރެން ކޮންމެ ވާހަކައެއް ދެއްކިއަސް ރައިނާ އެބަޖެހޭ އެވާހަކަ ފަށައި ގަންނަން. ހަމަ ރީތި ސާފު ދިވެހި ބަހުން ކިޔާދިނިން ދޯ އަހަރެން އަދި ކުއްޖެއް ބޭނުން ނުވަނީ ކީއްވެގެންކަން. ދެން ކީއްކުރަންތަ އިރު އިރުކޮޅުން އެވާހަކަ ދައްކަނީކީ؟” އިއާން އަތުން ބޮލުގެ އިސްތަށި ގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ.
އިއާންގެ އަޑުގައިވީ ރުޅިވެރިކަން ފާޅުވުމުން ރައިނާ އިތުރު އެއްޗެކޭ ނުބުނެ ގޮސް އެނދުގައި އިށީނދެލިއެވެ. އިސްޖެހިފައި އިންއިރު ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. ރައިނާ އެގޮތަށް އެއްޗެކޭ ނުބުނެ އިންނާނީ އޭނާ އިތުރު ޒުވާބަކަށް ދާން ނޭދޭތީކަން އިއާންއަށް ރަނގަޅަށް އިނގެޔެވެ.
“ރައި ޕްލީޒް..” އިއާން ގޮސް ރައިނާ ކައިރި އިށީނދެ އެއަތުގައި ހިފާލަމުން ބުނެލިއެވެ. ނަމަވެސް ރައިނާ އިތުރު އެއްޗެކޭ ނުބުނެ ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ދޮރު ތަޅުލިއެވެ. ސިންކުގައި އަތް ވިއްދާލައިގެން ހުރެ އަމިއްލަ ސޫރައަށް ރައިނާ ނަޒަރު ހުއްޓާލި އިރު އެލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުމުން އިއާން ދިޔައީކަން ރައިނާއަށް އިނގުނެވެ.
‘އަހަންނަށް ކުރެވުނީ ކޮން ކުށެއް؟ އިއާން ބުނި ގޮތަކަށް ބުނި ކަމެއް ކުރަމުން މިހާތަނަށް ވެސް މިއައީ. ދުވަހަކުވެސް ފިރިމީހާއަށް ވީތީ އިއާން ނުރުހޭ ކަމެއް ނުކުރަން. އަހަރެން އިއާން ފަރާތުން މި އެދެނީ އަހަންނަނަށް ލިބުން ހައްޤު އެއްޗަކަށް. އޭގައި މައްސަލައަކީ ކޮބާ؟ ދެން ހެޔޮ. މިވީހާ ދުވަހު އިއާން ބުނި ގޮތަށް ކަންތައް ކުރިއަސް ދެން ނުވާނެ..’ ރައިނާ ހިތާހިތުން ޝަކުވާ ކުރިއިރު އެ ލޮލުގައި ޖަމާވި ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުން ފޭބިއެވެ.
ކައިރީގައި ހުރި ކަބަޑު ހުޅުވާލުމަށްފަހު އޭގައި އިން ދަބަސް ނަގައި ރައިނާ އޭގެތެރެ ހާވަން ފެށިއެވެ. އޭނާ ހޯދަމުން ދިޔަ އެތި ފެނުމުން އެއަށް ނަޒަރު ހުއްޓާލަމުން ހިންދިރުވާލިއެވެ. އަތުގައި އޮތް ބޭސް ކާޑުން ކޮންމެ ގުޅައެއް ވަކިން ނެގުމަށްފަހު އޭނާ ފާޚާނާ ތަށި މަތި ނެގުމަށްފަހު އެއަށް އެހުރިހާ ގުޅަތަކެއް އަޅާލިއެވެ. އެއަށްފަހު ފާޚާނާ ފްލަޝް ކޮއްލަމުން ރައިނާ އަތުގެ ނުފުށުން ލޯ ފޮހެލިއެވެ.
****
ރެއިލިންގައި އަތް އަޅުވާލައިގެން ފޯނާއި ކުޅެން ހުރި ނާއިކްގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުން ވުމެކެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި އެކު ވާހަކަ ދައްކަމުން ދިޔައިރު ކުއްލިއަކަށް ވައިބާއަށް އައި މެސެޖެކުން އެމޫނުގެ ކުލަވަރު ބަދަލުވިއެވެ. އެއީ ޖަޒްލާންގެ މެސެޖެކެވެ.
އޭނާ އެއަށް ޖަވާބެއް ނުދިން ތަކުގައި އެ މެސެޖް ހުޅުވާ ވެސް ނުލިއެވެ. އެހެން ހުއްޓާ ކުއްލިއަކަށް ސިހުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ފަސް އެނބުރި ބަލާލި އިރު ފަހަތުގައި ހުރި ޖަޒްލާން ފެނި އޭނާ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. “ޖަޒް.. ޖާޒް.” ނާއިކް އަވަސް އަވަހަށް ޖީބަށް ފޯނު ލަމުން ބުނެލިއެވެ.
“ގަސްތުގައި ރިޕްލައި ނުކުރާން ދޯ ތިހުންނަނީ..” ޖަޒްލާން ހަށަން ބަދެލަމުން ބުނެލިއެވެ. އޭރު ނާއިކް ވަކި އެއްޗެކޭ ނުބުނެ ރެއިލިންގައި އަތް އަޅުވާލަމުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. “ވާއޮ. ދެން ހަމަ އިނގޭ ކަމަށް ވެސް ހަދާނުލާތި..” ޖަޒްލާން ހިތްހަމަނުޖެހިފައި މިހެން ބުނުމުން ނާއިކް އޭނާގެ އަތުގައި ހިފާލިއެވެ.
“ކަމް އޮން ބޭބް.. އިޓްސް ނަތިން ލައިކް ދެޓް.” ނާއިކް އެހެން ބުނުމާއިއެކު ޖަޒްލާން އޭނާގެ އަތް ފޮޅުވާލިއެވެ. “ބޭބްއޭ؟ ރިއަލީ ނާއިކް.. އަހަންނަށް އޮޅުވާލާފައި އަދިވެސް އެކަންތައް ފޮރުވަން ދޯ ތިއުޅެނީ.” ޖަޒްލާން މިހެން ބުނުމުން ނާއިކްގެ މޫނުމަތިން ސީރިއަސްކަން ފާޅުވިއެވެ.
“ކީކޭ؟ އަހަރެން ކޮންކަމެއް އޮޅުވާލީ.. ދެން ކަމްއޯން ރޭގަ ވެސް އަހަރެން ބާތްޑޭގައި އެންމެންނާއި އެއްކޮން ސަޕްރައިޒް ދީފައި އެހައި ދަންވަން ދެން ވާހަކަ ވެސް އޮތް.. މިހާރު ކުއްލިއަކަށް ކީކޭ ތިކިޔަނީ؟” ނާއިކް ނޭނގޭ ކަމަށް ހަދައި ބުނެލިއެވެ.
“ޔާ.. އަހަރެން ރޭގައި އެއްޗެކޭ ނުބުނީ އެއީ ނާއިކްގެ ބާތްޑޭ ވީމައި.. ބަޓް އައި ނޯ އެވްރީތިން.. ޔޫ އާ ޗީޓިން އޮން މީ. ލޯބިވެޔޭ. ބޭނުމޭ ކިޔާފައި. ރައި ބުންޏޭ ނާއިކްގެ ކޮލެޖް ގާލްފްރެންޑްގެ ވާހަކަ.” ޖަޒްލާން މިހެން ބުނުމުން ނާއިކް އަނގަ ބަންދުވިއެވެ. “ބޭ.. ބޭބް. އަ.. އައި..” ނާއިކްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ނައު ވަޓް؟ ޔޫ ކާންޓް ސްޕީކް އިންގްލިޝް.. ޔޫ ނޯ ވަޓް ނާއިކް. އަހަރެން އަބަދުވެސް ނާއިކް ދެކެ ލޯބިވީން. އެކަން އިނގުނީމަ އޭގެ ނާޖާއިޒް ފައިދާ ނަގާކަށްނުން ނާއިކް ތިއުޅުނީ.. ބަޓް އައި އެމް ނޮޓް ދެޓް ގާލް.” ޖަޒްލާން މިހެން ބުނެފައި އެތަނުން ދާން ހިނގައިގަތެވެ. ނާއިކް އޭނާ ހުއްޓުވަން އުޅެފައި ވެސް އެތެރޭ ސިޓިން ރޫމަށް ޖޫލް އައުމުން އޭނާ އެކަން ނުކުރީއެވެ.
****
ކަނޑުގެ ފެން ކަފަމުން ދަތުރު ކުރަމުން ދިޔަ ފެރީ ހުރީ ހުޅުމާލެއަށް މިސްރާބު ޖަހާފައެވެ. އިރުއިރުކޮޅުން އިއާން ގަޑި ބަލާލާ އިރު އަދި ކިރިޔާ ތިންގަޑި ބައި ވަނީއެވެ. ހުޅުމާލެ ފަޅުތެރެއަށް ފެރީ ވަނުމާއިއެކު އިއާން ހިތް ނުތަނަވަސް ވާން ފެށިއެވެ. އެންމެން ފޭބުމުން އިއާން ސައިކަލަށް އަރައި ފެރީ އިން ފޭބިއެވެ. އޭނަ ވަށާލާފައި ގޮސް ފެރީ ޓާމިނަލްއަށް ވުރެ ތަންކޮޅެއް ދުރުގައި ސައިކަލު މަޑުކޮށްލައިގެން އިނެވެ.
ތިރީސް ވަރަކަށް މިނެޓު އެތަނުގައި އިނުމަށްފަހު އޭނާ ހޯދަމުން ދިޔަ ސޫރަ ލޮލުގައި އަޅައިގަތެވެ. އޭނާ ސައިކަލު ސްޓާޓް ކޮށްލަމުން ޓާމިނަލް އިން ދެވަނައަށް ނައްޓާލި ބަހުގެ ފަހަތުން ދުއްވާލިއެވެ. ވައިކަފަމުން އިއާން ބާރު ސްޕީޑެއްގައި އެ ބަހުގެ ފަހަތުން ދިޔަ އިރު އެހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ.
ބޭނުންވި މަންޒިލަށް އާދެވުމުން އިއާން ސައިކަލު ދުރުގައި ޕާކުކޮށްލުމަށްފަހު ބަހުން ފޭބި އެޒުވާނާގެ ފަހަތުން އިއާން ހިނގައިގަތެވެ. އޭނާ ވައިން އެޕާޓްމެންޓްގެ ބޭރުގައި އިއާން މަޑުކޮށްލި އިރު އެތުންފަތަށް ހިނިތުންވުމެއް ވެރިވި ނަމަވެސް މާޒީގެ މަންޒަރުތައް ކުރިމަތިން ކުލަކެނޑުނު ފަދައެވެ.
އިއާން ދެ ޚިޔާލެއްގައި ހުރެފައި އެޕާޓްމެންޓަށް ވަދެގެން ގޮސް އެ ޒުވާނާ އޭނާގެ ބަޔަށް ވަނުމުން އޭނާ މަޑު ޖެހިލިއެވެ. އޭނާގެ ކުރިން އެރި މީހުންތައް މައްޗަށް ދިޔުމުން އިއާން ސިޑީގެ ރެއިލްގައި ހިފާލިއިރު އެ އަތް ވަނީ ދާހިއްލާފައެވެ. ހަމަޖެ ދެތިން ފުން ނޭވާއެއް ލީ ނަމަވެސް އެހިތުގެ ތެޅުން ދެގުނައަށް އިތުރުވިއެވެ.
ދެއަތުން މޫނު ފޮހެލަމުން އިއާން މައްޗަށް އަރައި ދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. ފާރުގައި ހަރުކޮށްފައި އިން ރަނގަބީލަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެއަތް ހަރަކާތެއް ނުކުރިއެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ތުރުތުރު އަޅައި އަތަކުން އެ ފިތަށް އޮއްބާލުމާޢއި އެކު އިވުނު ރަނގަބީލުގެ އަޑުން އެހިތް ވެސް ގުޑިލިއެވެ.
އިރުކޮޅެއް ފަހުން ތަޅުދަނޑި އެނބުރުނު އަޑަށް އިއާން ހަށިފުރައި ނޭވާއެއް ލަމުން އޭނާގެ ނަޒަރު ދޮރަށް ހުއްޓާލިއެވެ. އެ ދޮރު ހުޅުވުމާއި އެކު އޭނާއަށް ކުރިމަތިން ފެނުނު ސޫރައިން އެތެރެއަށް ލީ ނޭވާ ވެސް ތާށިވި ކަހަލައެވެ. އެދެމެދުގައި ހަމަހިމޭން ކަމުގެ ދެތިން ސުކޫންތު ދިޔަ އިރުވެސް ހީވީ އެތަށް އިރެއް ވީހެންނެވެ.
“އާން..” އެދުލުން އެނަން އިވުމާއިއެކު އިއާންގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. “ޒާރާ..” އިއާންއަށް އެތަށް ޒަމާން ތަކަކަށްފަހު އެނަން ފާޅުގައި ކިޔާލެވުމުން ދެލޯ ކަރުނުން ފުސްވިއެވެ. ޒާރާ ކަޅި ޖަހައި ނުލައި އިއާންއަށް ބަލަން ހުރި އިރު އެލޮލުގައި ގިނަވި ކަރުނަތައް އެއްވެސް އިޚްތިޔާރަކާއި ނުލައި އެސްފިޔަތައް ދަށުން ފޭބިއެވެ.
އެއަތްތިލަ އިއާންގެ މޫނާއި ދިމާއަށް އައިރު އެލޮލުގައިވީ ޖަޒްބާތް އިއާންގެ ލޮލުގައި ވެސް ވިއެވެ. އެއަތުގެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ އިއާން ލޯ މަރާލީ އެކަން އިހުސާސް ވާނެކަމަށެވެ. ނަމަވެސް އެ ސިކުންތުގައި ޒާރާ އަތް ދަމާފައި އިއާންގެ ކަންކަށިމަތީގައި ޖެހިއެވެ.
ދެލޯ މަރައިގެން ހުރި އިއާންއަށް އަރައިގެން ދިޔަ ދިލައިން މޫނުގައި އަތް ލެވުނު އިރު އޭނާ ލޯ ހުޅުވާ ކުރިމަތީގައި ހުރި ޒާރާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު މީގެ ހިނދުކޮޅެއް ކުރިން އެ ލޮލުން ފާޅުވާން ހުރި ޖަޒްބާތް ވަނީ މުޅިން ބަދަލުވެފައެވެ. އެ މޫނުމަތިން ވޭނާއި ނަފްރަތް ނޫން އެއްޗެއް އިއާން އަކަށް ނުފެނުނެވެ.
-ނުނިމޭ-
23 Comments!
Comments are closed.

Morning all. so here’s the new part. let me know what you think ❤️
Wow…. v nice
The ending ❤️ love how very well it was described. varah interesting gothe mi v. salhi igey
The ending ❤️. Love how it was described so well. varah interesting gothe mi vi
thanks ?
V reethi. Komme dhuvahaku up kohdheyn v nu
ey varah varah salhi igey. poor raina.. kon irakun next part up vaani dhen?
thanks dear. on saturday
This is very interesting mihaaru. ok dhen konme dhuvahaku up nuviyas. dhigu v ma ok.
Thanks ?
varah salhi. wiating for next part
iyye ves inin vaahaka up veytho.. varah reethi mi bai ves. nargis thi girl eh tha boy eh tha?
thank you dear. and i’m a girl ?
zara mi kaakutha? bodah heevani ex eh hen… dhen ekamu ian keeveyo eyna fahthun e dhani. reethi mi concept. atleast Ryn ah vure ibaarai kurumaa ehchehi maa furihama dhe iru dhe dhalhaya up nukiri kamaku.
seriously! thi Ryn eh ge vaahaka mithaa nudhakaa. konme vaahaka eh hulhuvias Ryn ge eychekey meechekey. bo halaaku ?
ahaa kihine mi vi? evarun fahathun dhiyama e hadhaali goi. ian ge past igey hiyy vejje
nice
sifakuruntha hama varah habeys. ? keep it up
Thank you ?
mi vaahkaige ibaarai kurun hama varah salhi.
Maasha Allah. Mi site ga in enme furihama story hen heevanee mi. Vara reethi sifa kurumaa ibaaraaitha ves. Story nimen dhen genes dhechey alhe.
Jaxlaan aee girl ehta boy eh ta?????
Maadhan up koh dhechey avaha. waiting waiting