ފިލްމު ފެށެން އުޅުނު ވަގުތު އޭނައަށް އެއްލި ކަޅިއަކުން އެތާ މޭޒުމަތީގައި އޮތް ސިޓީ އުރަ ފެނުނެވެ. އޭނަ ހުރީ އޭގެ މަތިން ހަނދާން ނެތިފައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ކުއްލިއަކަށް އެ “ސިޓީ” ކިޔާލަން ބޭނުންވިއެވެ. އޭނަ ވަގުތުން ފިލްމު މަޑު ޖައްސާލަމުން އެ ސިޓީ އުރަ ނަގައި އޭތި ހުޅުވާލިއެވެ. އަދި ކެތްމަދުވެފައިވާ ހިތަކާއެކީ އެ އުރައިގެ ތެރެއަށް އަތް ކޮއްޕައި އޭގެ ތެރޭގައި ހުރި އެއްޗެއް ނެގިއެވެ. އެވަގުތު ފެނުނު އެއްޗަކުން ވިސާމް ހުއްޓުންއެރިއެވެ. އޭގައި ހުރީ ފަސް ސަތޭކަ ރުފިޔާގެ ނޫޓުތަކެވެ. އޭނަ އެ އެއްޗެހި ނަގައި ރަނގަޅަށް ބަލާލިއިރު އެއީ ފަސް ސަތޭކައިގެ ތިން ނޫޓެވެ. ޝަފަޤް އޭނައަށް ލާރި ދޭންވީ ކީއްވެބާއެވެ؟ ކޭކު އެޅިކަމަށްޓަކައި ވެސް މިހާ ގިނަ ލާރި އޭނައަށް ޙައްޤުވާނެހެނެއް ހިއެއްނުވެއެވެ. ވިސާމް ވިސްނުމެއްގެ ތެރޭގައި ހުރެ އެ ސިޓީ އުރައަށް ދެވަނަ ނަޒަރެއް ދިން ހިނދު އޭގެ ތެރެއިން ގަނޑުކޮޅެއްވެސް ނިކުމެފައި އޮތްތަން ފެނުނެވެ. އޭނަ ދެންވެސް ވާނުވާއެއް ނޭނގިފައި އެ ގަނޑުކޮޅު ނަގައި ނިއުޅާލިއެވެ.
“ނުބައި ކަމެއްކޮށްގެން ހޯދޭ ލާރިއަކުން ޞަދަޤާތެއް ނުދެވޭނެއެވެ. އަދި ޞަދަޤާތެއް ދިނުމުގެ ނިޔަތެއްނެތި ދެވޭ އެއްޗަކީ ޞަދަޤާތެއްނޫނެވެ. – ޝަފަޤް”
ގަނޑުކޮޅުގައި ލިޔެވިފައިވި އެއްޗެއް ކިޔާލުމުން ވިސާމް އިތުރަށް އޮޅުންއެރިއެވެ. ޝަފަޤް އެ ދައްކަނީ ކޮން “ޞަދަޤާތެއްގެ” ވާހަކަތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަ އަދިވެސް އެއްފަހަރު އެ ނޫޓުތަކާއި ދިމާލަށް ބަލާލިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އޭނަގެ ކާރުގައި ޖެހި ޝަފަޤްގެ އެކްސިޑެންޓް ހިނގި ދުވަހެވެ. އެ ދުވަހު އޭނަ ޝަފަޤާއި ދިމާލަށް ނޫޓުތައް އުކި ގޮތެވެ. އޭނަ އައި ރުޅީގައި ވޮލެޓް ނަގައި ނޫޓުތައް އުކާލީ އެއީ ކިހާވަރެއްތޯ ވެސް ނުބަލައެވެ. އޭނައަށް އުކާލެވުނީ ހާދަ ގިނަ ލާރިއެކޭ އޭނަގެ ހިތަށްއެރިއެވެ. ޝަފަޤް މިހާ ގިނަ ލާރި އޭނައަށް އަނބުރާ ދިނީ ކީއްވެބާއެވެ؟ ޝަފަޤަކީ އޭނަ ހީކުރާ ފަދައިން ދަހި ކުއްޖަކަށް ވާނަމަ ކޮންމެ ފަދަ ގޮތަކަށް ލިބުނު ލާރިއެއްވެސް ޝަފަޤް އަނބުރައެއް ނުދޭނެއެވެ. އެ ޚިޔާލު ހިތަށް ވަނުމުން ވިސާމަށް ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ސޯފާއަށް ލެނގިލެވުނެވެ. ޝަފަޤަކީ ކޮން ކަހަލަ ކުއްޖެއްތޯ އޭނަގެ ހިތަށްއެރިއެވެ. ޝަފަޤް އެ އުޅެނީ ވަކި ތަނަވަސް ދިރިއުޅުމެއްގައެއްނޫނެވެ. ޒަމީނާ ޢިޝާރާތް ކުރިހެން އެމީހުންނަށް ކަރަންޓު ބިލުވެސް ދެއްކޭނީ ކިރިޔަކިރިޔާކަން ވިސާމަށް ޔަޤީން ކުރެވެއެވެ. ކަން މިހެން އޮތްވާ ޝަފަޤް މިހާ ގިނަ ލާރި އަނބުރާ ދޭންވީ އެއްވެސް ސަބަބެއް ވިސާމަކަށް ނުވިސްނުނެވެ. ދީނާއި އެއްގޮތަށް އުޅެން ވެސް މީހަކު މިފަދަ ކަމެއް ކޮށްފާނެކަމަށް ވިސާމަށް ޤަބޫލު ކުރަން ދަތިވިއެވެ. އެހެނަސް އޭގެ އަލިގަދަ ހެއްކެއް މިއޮތީ އޭނަގެ އަތް މަތީގައެވެ.
އަތުގައި ހުރި ނޫޓުތަކަށް ބަލަން އިނދެފައި ވިސާމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް އޭނަގެ ދެބުމަ ކައިރި ވެފައިވި ގޮތުން އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭކަން އެނގެއެވެ. ޝަފަޤްގެ މި ކުޑަކުޑަ ޢަމަލުން އޭނަ މިހާ ދުވަހު ދީނާއިމެދު ދެކެމުން އައި ގޮތަށް ވެސް ލޮޅުމެއް އައިއްސިހެން އޭނައަށް ހީވިއެވެ. ނަމަވެސް އޭނައަށް ދީނާއިމެދު ރަނގަޅަށް ވިސްނެން ފެށި ތަނާހެން ޝައިޠާނާ އޭނަގެ ހިތް ވަސްވާސްތަކުން ފުރައިފިއެވެ. ޝަފަޤް މިގޮތަށް ކަންތައް ކުރީ ވަކި ދީނާއި އެއްގޮތަށް އުޅެން ނޫން ކަމަށާއި ޝަފަޤް މިކަން ކުރާނީ އޭނަ ޝަފަޤަށް ޤަދަރު ކުރާނެފަދަ ގޮތެއް މަގުފަހި ކުރުމަށްޓަކައި ކަމަށް ވިސާމްގެ ހިތް ބުންޏެވެ. އަދި އޭނަ މި ވާހަކަ އެހެން މީހުން ގާތު ދެއްކުމުން ޝަފަޤްގެ ނަން އެންމެންގެ މެދުގައި މަޝްހޫރުވެގެން ދާނެ ކަމަށް ޝަފަޤް އުއްމީދުކުރާނެކަމަށް ވިސާމްގެ ހިތް ބުންޏެވެ. މީގެ އިތުރުން ވެސް ޝަފަޤާއިމެދު އެތައް ގޯސް ޚިޔާލެއް ކުރެވުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ އޭނައާއި އިނުމުގެ ޚިޔާލު ވިސާމަށް ދޫކޮށްނުލެވުނެވެ. އެއީ މިހާތަނަށް އައިއިރު މިޝްކާއަށް އެހާ ބޮޑަށް ކަމުދިޔަ “ދައްތިއެއް” ފެނިފައި ނުވާތީވެ ކަންނޭނގެއެވެ. ޝަފަޤާއި އެކީގައި ހުރިއިރު މިޝްކާގެ މޫނުމަތީގައިވި އުފާވެރިކަން ހަނދާންވެފައި އޭނައާއި އިނުން ރަނގަޅު ވާނެކަމަށް ވިސާމަށް ނިންމުނެވެ. އެހެނަސް ޝަފަޤްގެ “ދީންވެރިކަން” ހަނދާންވުމުން ވިސާމްގެ ޚިޔާލު ބަދަލުވިއެވެ. ޝަފަޤަށްވުރެ މާ ރަނގަޅު މަންމައަކު މިޝްކާއަށް ހޯދައިދެވިދާނެކަމަށް އޭނަގެ ހިތް ބުނި ހިނދު އެކަމަށްޓަކައި މާ ގިނަ ދުވަހެއް ނެތްކަން ވެސް ވިސާމަށް ހަނދާން ކޮށްދިނީ އެ ހިތެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ މިޝްކާ އޭނަގެ އަސްލު މަންމަގެ ޙަޤީޤަތާއި ގާތްކޮށްދޭ ދުވަހެކެވެ. ވީއިރު ޝަފަޤް ދޫކޮށްލައިގެން އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟
ހައިޖާނެއް އުފެދިގެން ދިޔަ ހިތެއްގެ ސަބަބުން ވިސާމަށް އެރޭ ނުވެސް ނިދެއެވެ. އޭނަ ގޭގެ ބިއްދޮށުގައި އޮންނަ ކުޑަކުޑަ ބަގީޗާއަށް ގޮސް ސިނގިރޭޓެއްގެ އެހީގައި އޭނަގެ ހިތަށް ހަމަޖެހުން ގެނެވޭތޯ މަސައްކަތް ކުރިއެވެ. އާދައިގެ މަތިން އެއިން އޭނައަށް ހަމަޖެހުމެއް ލިބުނީ ވަކި ވަރަކަށެވެ. އެއް ސިނގިރެޓަށްފަހު އަނެއް ސިނގިރެޓި ހުއްޓުމެއްނެތި ބޮމުން ދިޔައީ ކޮންމެވެސް ހިސާބަކުން އޭނަގެ ހިތް ފުރޭނެކަމުގެ އުއްމީދުގައި ކަންނޭނގެއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. ވިސާމް އެންމެ ފަހުން ދެލޯ މަރާލަމުން އޭނަ އިށީނދެގެން އިން ގޮނޑިއަށް ލެނގިލީ ވެސް ބަލިވެފައިވާ ހިތަކާއި އެކީގައެވެ.
**
“މަންމާ! މަށަކަށް ނުދެވޭނެ މި ޓައި އަޅައިގެން ސްކޫލަކަށް. މީތި މާ ކުރު!” ޖެހިގެން އައި އާދިއްތަ ދުވަހު ފަތިހު ފަތިހާ މުޅި ގޭގެ ތެރޭގައި ހުދާގެ އަޑު ގުގުމާލިއެވެ.
“އެ ޖެހުނީ ކަންތަކާ…….އެކަމަކު ހުދާ ރޭގަ ބުނީ ތީތި ރަނގަޅޭ. އާދެބަލަ މަންމަ ބަލާލަން.” ބަދިގެ ތެރޭގައި ޝަފަޤާއެކީ ހުރި ޒަމީނާ އޭނަގެ ފުރަތަމަ ބަސްތައް ބުނެލީ މަޑުން ކަމަށްވިޔަސް ފަހުން އޭނަގެ އަޑު ހަރުވިއެވެ. އޭގެ މާ ގިނައިރެއް ނުވެ ތިރިއަކާއެކީ ހުރި އޭނަގެ އާ ޔުނިފޯމް ލައިގެން ހުރި ހުދާ ބަދިގޭގެ ދޮރުމައްޗަށް އެރިއެވެ. އެވަގުތު އޭނަގެ ތުން ދިގުވެފައިވިއެވެ.
“މީތި ކުރުތަ؟ ކުރެއްނޫން. އެއީ ހުދާއަށް ހީވާ ގޮތް.” ޒަމީނާ އޭނަގެ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ގޮސް ބުނެލިއެވެ. ދުރުގައި ހުރި ޝަފަޤް ވެސް މަސައްކަތުގައި ހުރެ އެ ދިމާލަށް ބަލާލިއެވެ. ހުދާގެ ޓައި އޮތް ގޮތުން ޙަޤީޤަތުގައި އައިބުކަމެއް ނެތެވެ. އޭނައަށް އެ ފެންނަ އައިބެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
“ބަޓް މަންމާ ޔޫ ޑޯންޓް އަންޑަސްޓޭންޑް! މީތި މިހެން އޮތީމަ ވަރަށް އޮޑް. ބަލާބަލަ ބެލްޓާވެސް ހަމަނުވޭ.” ހުދާ ދެންވެސް ޝަކުވާ ކުރިއެވެ.
“ދެން ކޮޑޭ ނުކިޔާ އަވަހަށް ސައިބޯންދޭ. އިންޓަވަލް ދަބަސް ހިފައިގެން ދާން ހަނދާން ކުރާތި. ޝަފަޤް އެ ތައްޔާރު ކުރަނީ އޭތި.” ޒަމީނާ ހަރުކަށި އަޑަކުން ވާހަކަ ދެއްކިއެވެ. އެއާއެކު އިންޓަވަލް ތަށިގަނޑެއް ފިޔާތޮށި ކުލައިގެ ދަބަހަކަށް އަޅަމުން ދިޔަ ޝަފަޤަށް ހުދާ ބަލާލިއެވެ.
“އިންޓަވަލް ދަބަހޭ؟! ސީރިއަސްލީ މަންމާ! މަ މީ ކުޑަ ކުއްޖެއް ނޫނޭ އިންޓަވަލް ދަބަސް އަޅައިގެން ސްކޫލަށް ދާކަށް. ސްކޫލްގަ ކެންޓީނެއް ހުންނާނެ. ބްލެހް! އަދި ޕިންކު ކުލައިގެ ދަބަސްގަނޑެއްތަ؟ މަށެއް ނުދާނަން އޭތި އަޅައިގެން. މަށަށް ލާރި ދީ ކެންޓީނުން އެއްޗެއް ގަންނަން!” ހުދާ އޭނަގެ ކުރިމަތީގައި ހުރީ އޭނަގެ މަންމަކަން ވެސް ހަނދާން ނައްތާލަމުން އަމުރުކުރިއެވެ.
“މާ ވާހަކަ ގިނަ ނުކޮށް އޭތި އަޅައިގެންދޭ!” ޒަމީނާގެ ރުޅިވެރި އަޑު ހަރުވިއެވެ.
“ގޯޑް!!! ކޮންކަހަލަ މަންމައެއްތަ މަށަށް ލިބިގެން މި އުޅެނީ؟ ޔޫ ޑޯންޓް އަންޑަސްޓޭންޑް މައި ފީލިންގްސް. އައި ހޭޓް ޔޫ!!” ހުދާ ނުރުހުންތެރިކަމާއެކީ ފެންކަޅިވެފައިވާ ދެލޮލާއެކީ އެހެން ބުނެލަމުން ދާން ހިނގައިގަތެވެ. އެވަގުތު ހުދާ ބުނި ބަސްތަކުގެ ކޮންމެވެސް ވަރެއް އެނގުނު ޒަމީނާގެ މޫނުމަތިން ވެސް ހިސާބެއްގެ މާޔޫސްކަމެއް ފެނުނެވެ. އޭނަ ކުއްލިއަކަށް ފަސްއެނބުރިލަމުން ބަދިގެތެރެއަށް ގޮސް އެތާހުރި ކަބަޑުތަކުގެ ތެރެއިން ކަބަޑެއްގެ ވަތްގަނޑު ހުޅުވާލިއެވެ. އެއަށްފަހު ކަބަޑު ތެރެ ހާވާލަމުން ދެ ފަސް ރުފިޔާގެ ނޫޓު ނަގައި އެ ދެ އެއްޗަށް ވަކިވަކިން ބަލާލިއެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް ކަބަޑު ހުޅުވާލަމުން ވަކި ލާރިތައް އެއްކޮށް ވިހި ރުފިޔާ ހަމަ ކޮށްލިއެވެ. ޒަމީނާ އެ ލާރި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއިން ނިކުންނަމުން ހުދާގެ ނަމުން ގޮވާލިއެވެ. އެ މަންޒަރު ބަލަން ހުރި ޝަފަޤް ޒަމީނާ އޭނަގެ ލޯމައްޗަށް ގެއްލުމުން ވެސް ދެރަވެފައިހުރެ އެ ދިމާލަށް ބަލަން ހުއްޓެވެ. ޒަމީނާ އެ ލާރި ދިނުމުން ހުދާ ގެއިން ނިކުމެގެން ދިޔައީ ޝުކުރުވެސް އަދާ ނުކޮށްކަން ބޭރުން އިވެމުން ދިޔަ އަޑުތަކަށް ސަމާލުވެގެން ހުރި ޝަފަޤަށް އެނގުނެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލަމުން އަތުގައި އޮތް އިންޓަވަލް ދަބަހަށް ބަލާލެވުނެވެ. އެ ދަބަހަކީ ޒަމީނާ އޭނައާއި އެއްކޮށް ފިހާރައަކަށް ގޮސް ގަތް ދަބަހެކެވެ. ހުދާގެ ސްކޫލްގައި ކެންޓީނެއް ހުންނާނެ ވާހަކަ ޝަފަޤް ޒަމީނާއަށް ހަނދާން ކޮށްދިނެއްކަމަކު ޒަމީނާ ބޭނުންވީ އިންޓަވަލް ދަބަހެއް ގަންނާށެވެ. އެއީ އެހެން މީހުންގެ ކުރިމަތީގައި ހުދާއަށް ލިބޭނެ މޮޅެއްކަމުގައި އޭނަ ދެކުނީތީވެއެވެ. ޒަމީނާ އެ ދަބަސް ހުދާއަށްޓަކައި ގަތީ ވަރަށްވެސް ލޯބިންނެވެ. ހުދާއަށް އެ ލޯބި ނުފެނުނު ގޮތުން ޝަފަޤް ހުދާއަށް ނުރުހުންވިއެވެ. އޭނަ ބޭނުންނުވިޔަސް މަންމަގެ އުފަލަށްޓަކައި އެ ދަބަސް އަޅާލިނަމަ ނިމުނީއެއްނޫންހޭ ޝަފަޤްގެ ހިތަށް އެރިއެވެ. ނަމަވެސް ﷲ ގެ ހަނދުމައިން ދުރުގައިވި ހަރު ހިތަކަށް އަސަރެއް ކުރާނީ ކިހިނެއްތޯ އޭނަގެ ހިތް ސުވާލު ކުރި ވަގުތު އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ހުދާއަށް ހިދާޔަތް ދެއްކެވުމަށް އެދި ދުޢާކުރެވުނީ ހުދާއަށް ޙަމްދަރުދީވާ ޙާލުގައެވެ.
**
“ބައްޕީ ޝަފްދައްތިގެ ގެ ހުންނަނީ މިޝީމެންގެ ސްކޫލް ކައިރިދޯ؟” ސްކޫލަށް ދިޔުމަށްޓަކައި ވިސާމް ކާރު ސްޓާޓް ކޮށްލަން އުޅުނުތަނާހެން ކާރުގެ ކުރީ ސީޓުގައި އިން މިޝްކާ ސުވާލުކުރިއެވެ. ވިސާމް މިޝްކާއަށް ބަލާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. މި ވޭތުވެދިޔަ ދެދުވަސް ތެރޭގައި “ޝަފްދައްތި”ގެ ނަން އޭނައަށް އަޑު ނުއިވޭ މިނިޓެއް ނުހިނގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވިސާމް އިންތިޒާރުކޮށްކޮށް މިޝްކާ ޝަފަޤަށް ކުރާ ތަޢުރީފުތަކަށް ނިމުމެއް ނާދެއެވެ. ޝަފަޤާއި އިނުމާމެދު ވިސާމަށް އަދިވެސް ހުރެވެނީ ދެ ޚިޔާލެއްގެ މަތީގައެވެ. މިޝްކާ ޝަފަޤްގެ ނަން ކިޔާ ކޮންމެ ފަހަރަކު އޭނަ އެ ޚިޔާލަށް ކިތަންމެ ނަފްރަތު ކުރިޔަސް އޭނަ ޖެހޭނީ ހަމަ ޝަފަޤާއި އިންނަންކަމަށް އޭނަގެ ޒަމީރު ބުނެއެވެ.
“ބުނެބަލަ ބައްޕި! އެދުވަހު ޝަފްދައްތިގެ ގެއަށް ދިޔައިރު ފެނުނެއްނު ކޮއްކޮގެ ސްކޫލްވެސް؟” މިޝްކާ ވިސާމްގެ އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާލަމުން އާދޭހުގެ ރާގަކަށް އަހާލިއެވެ.
“އާނއެކޭ ލޯބި. ކިހިނެއްތަވީ؟” ވިސާމް ކާރު ސްޓާޓް ކޮށްލަމުން އެހިއެވެ.
“މިއަދު ސްކޫލް ނިންމާލާފަ ޝަފްދައްތިގެ ގެއަށް ދާނީދޯ؟” މިޝްކާ އުޖާލާވި މޫނަކާއެކީ އެދުނެވެ. އެ މޫނުމަތީގައި ވި ކުލަވަރު ވިސާމަށް ހީލެވުނެވެ.
“އެންމެ ރަނގަޅު ކޮއްކޯ. ދާނީ.” އޭނަ އިންކާރު ކުރަން އުޅުނަސް ވާނެގޮތް އެނގިގެން ވިސާމް އެއްބަސްވިއެވެ. މިޝްކާ ޔެސްއޭ ކިޔައި އުފާ ފާޅުކުރަން ފެށި ވަގުތު ވިސާމް ކާރު ދުއްވާލިއެވެ.
ގޭގެ ފެންޑާގެ އެއްފަރާތެއްގައި ހުރި ގަސްތަކަށް ފެންދޭން ހުރި ޒަމީނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. މިއީ ހުދާ އޭނައަށް ނުރުހުންތެރިކަން ފާޅުކުރާ ދުވަސްދުވަހު އަބަދުވެސް އޭނަގެ ޙާލަތެވެ. މިއަދު ހެނދުނު ހުދާ އޭނައާއި ދިމާލަށް ބުނި ބަސްތައް ޒަމީނާގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައިރު ކަންތައް މިހެން ވަނީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އޭނަގެ ދަރިފުޅަށް ފުއްދައިނުދޭ ބޭނުމެއް ނެތެވެ. ލިބޭ މިންވަރަކުން ހޯދައިނުދޭ އުފަލެއް ނެތެވެ. ވީއިރު ހުދާ އޭނައަށް ނަފްރަތު ކުރަނީ ކީއްވެ ހެއްޔެވެ؟ އޭނަ މި ދުވަސްކޮޅު ޗުއްޓީ ނަގައިގެން ހުރީވެސް ހުދާއާއި އޭނަގެ ގުޅުން ބަދަހި ކުރުމުގެ ނިޔަތުގައެވެ. އެހެނަސް ޗުއްޓީ ފެށިގެން މިދިޔައީ ވެސް އޭނަގެ ހުރިހާ އުއްމީދެއް ވިއްސިވިހާލިކުރުވަމުންނެވެ.
ހުދާ އޭނައާއި ދިމާލަށް ކިތަންމެ ނުބައި އެއްޗެއް ބުންޏަސް ޒަމީނާއަކަށް އެއިން އޭނަގެ ދަރިފުޅުގެ ނުބައިކަމެއް ނުފެނެއެވެ. ޒަމީނާއަށް އަބަދުވެސް ހީކުރެވެނީ އޭނަގެ ދަރިފުޅު ގޯސްވަނީ އޭނައަށް އޭނަގެ ދަރިފުޅަށްޓަކައި ތަނަވަސް ދިރިއުޅުމެއް ހޯދައި ނުދެވޭތީ ހެންނެވެ. ޒަމީނާގެ ފިރިހެނުން އިބްރާހީމް ދުނިޔޭގައި ހުރިއިރު އެމީހުން އުޅެމުން ދިޔައީ ފުދޭވަރަކަށް ތަނަވަސް ދިރިއުޅުމެކެވެ. އޭރު އިބްރާހީމް ބޯޓު ދަތުރު ކޮށްގެން ލިބުނު ލާރިން ޒަމީނާ އެހެން މަސައްކަތެއް ނުކޮށް ވެސް ފުދުނެވެ. އެހެނަސް ހިތުގެ ބައްޔެއްގެ ޝިކާރައަކަށްވެ އިބްރާހީމް ނިޔާވެގެން ދިޔަ ފަހުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. ޒަމީނާ އެކަނިމާއެކަނި އޭނަގެ ދެ ދަރިންގެ ޒިންމާ އުފުލަން ޖެހުނެވެ. ޒަމީނާ އެހެން މީހަކާއި ކައިވެނިވެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެ ޢުމުރުގައި އޭނައާއި އިންނާނެ މީހަކު ނުވިއެވެ. އޭނަގެ ދެކުދިން އަމިއްލަ ފައިމައްޗަށް ތެދުވަންދެން އޭނަ ދިރިއުޅުން ދެން ވޭތުވާނީ ދަތި ޙާލެއްގައިކަން ނިންމައިގެން ހުއްޓާ ޝަފަޤް އައުމުން ޒަމީނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ޝަފަޤް މަހުޖަނަކާއި ދެވިއްޖެނަމަ އަރާމުން ފުރިގެންވި ދިރިއުޅުމަކަށްޓަކައި އޭނަ ކުރާ އިންތިޒާރު ކުރުވާނެކަމަށް އޭނައަށް ނިންމުނެވެ. އެދުވަހަކުން ހުދާއާއި ޒައިންގެ އުޅުން ވެސް ރަނގަޅުވާނެ ކަމަށް ޒަމީނާގެ ހިތް ބުނެއެވެ.
**
“ބައްޕީ ބަލާލަބަލަ. ޝަފްދައްތި އެހެރީ!” ސްކޫލްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު މިޝްކާ ބުނެލިއެވެ. ވިސާމް ބަލާލިއިރު މިޝްކާ ހުރީ ކުޑަދޮރުން ބޭރު ބަލައިގެންނެވެ. ބޭރުން ފެންނަމުން ދިޔަ ގޭގެ ފެންޑާގެ ތެރޭގައި ހައުސްކޯޓު ލައިގެން ހުރީ ޝަފަޤެއް ނޫންކަން ވިސާމަށް ނަގައިގަނެވުނެވެ. އޭނަ އެވާހަކަ ބުނަން އުޅުނު ވަގުތު މިޝްކާ އޭނައަށް ހުރަސް އެޅިއެވެ.
“ބައްޕި މިޝީ ދަނީ ޝަފްދައްތި ކައިރިއަށް.” މިޝްކާ އެހެން ބުނެ ވިސާމަށް ފުރުޞަތެއް ނުދީ ކާރުގެ ދޮރު ހުޅުވައި ކާރުން ފޭބިއެވެ. އޭގެ ދެވަނަ ސިކުންތުގައި މިޝްކާ މަގު ހުރަސްކޮށް ޒަމީނާމެންގެ ގެއާއި ދިމާލަށް ދުއްވައިގަތްތަން ފެނިފައި ވިސާމްގެ މޭގަނޑު އަތަށްއައެވެ. އޭނަ ވަގުތު ކާރުން ފައިބައި މިޝްކާއަށް ގޮވަމުން މަގުގެ ދެފަރާތް ބަލައި މިޝްކާގެ ފަހަތުން ދިޔައެވެ. ނަސީބު ރަނގަޅުކަމުން ދެބަފައިންނަށް ވެސް ސަލާމަތުން އެ ކާރޫބާރޫ ބޮޑު މަގު ހުރަސް ކުރެވުނެވެ. މިޝްކާ ޒަމީނާމެންގެ ގޭގެ ދޮރު މައްޗަށް މަޑުކޮށްލީ ވަގުތު ވިސާމް އައިސް މިޝްކާގެ ފުރަގަހުގައި މަޑުކޮށްލިއެވެ.
“އެއީ ޝަފްދައްތިއެއް ނޫނޭ ދޫނި. ޝަފްދައްތިއާ ބައްދަލުކުރަން އަންނާނީ އަހަރުމެން އެހެން ގަޑިއެއްގަ. މިހާރު ސްކޫލް ގަޑިއެއްނޫންތަ؟” ވިސާމް ފުރަގަހުން މިޝްކާގެ ދެކޮނޑުގައި ހިފަހައްޓައިގެން އެހެން ބުނެލި ވަގުތު މިޝްކާގެ މޫނުމަތީގައިވީ މާޔޫސްކަމެވެ.
“ޝަފްދައްތި މަތިން ހަނދާންވަނީތަ މިޝްކާ؟” ހެވި ދިއްލިފައިހުރި ޒަމީނާ ސުވާލުކުރިއެވެ. އޭނައަށް ކުއްލިއަކަށް ދާދި ދެންމެއަކު ކުރެވެމުން ދިޔަ ޚިޔާލުތަކާއި ދުރަށް ދެވުނެވެ. ވިސާމް ފެނުމުން އޭނައަށް އޭނަގެ ހުރިހާ ހިތާމައިގެ ޙައްލު ކަމުގައި ވާ ފައިސާއާއި ގާތްކަމެއް އިޙްޞާޞް ކުރެވުމުންނެވެ.
“ކޮބައިތަ ޝަފްދައްތި؟” ދެރަވެފައިހުރެ މިޝްކާ އަހާލިއެވެ. ޒަމީނާއަށް އެއްޗެކޭ ނުބުނެވެނީސް ވިސާމް ކުރުފައިމައްޗަށް ތިރިވެ މިޝްކާ އޭނައާއި ދިމާލަށް އަނބުރާލިއެވެ.
“ޑާރލިންގް، ބައްޕިއާ ދިމާލަށް ބަލާބަލަ. ކޮއްކޮ އަދި ޝަފްދައްތިއާ ބައްދަލުކުރާނެ. އެކަމަކު ޝަފްދައްތި ވެސް ދެރަވާނެދޯ ކޮއްކޮ ސްކޫލަށް ނުގޮސް ކުޅެން އައިމަ؟ ސްކޫލް ނިންމާލާފަ އަންނާނީ ޝަފްދައްތި ކައިރިއަށް. ޕްރޯމިސް. ނައު ސްމައިލް!” ވިސާމް މިޝްކާގެ ދެކޮލުގައި މަޑުމަޑުން ހިފައި ދެކޮޅަށް ދަމާލިއެވެ. މިޝްކާ ވަގުތުން ހިނިތުންވެލަމުން ވިސާމްގެ ގައިގައި ބައްދާލިއެވެ.
“ޝަފްދައްތި ކައިރި ބުނާނަން މިޝްކާގެ އިންތިޒާރުގަ ހުންނާށޭ.” ވިސާމް ޚިޔާލު ބަދަލުކޮށްފާނެއޭ ހިތައި ޒަމީނާ ބުނެލިއެވެ. އެއާއެކު މިޝްކާ ވިސާމްގެ ގައިން ދޫކޮށްލިއެވެ.
“އާނ ބުނައްޗޭ ޝަފްދައްތި ކައިރީގަ މިޝީ އަންނާނަމޭ. ހިނގާ އަވަހަށް ބައްޕީ!” މިޝްކާގެ ވާހަކައިގެ ވަކި ހިސާބަކުން ސްކޫލްގެ ބެލް ޖަހާލި އަޑަށް އޭނަ ތެޅިގެންފިއެވެ. ވިސާމް ވަގުތުން ހިންދެމިލަމުން މިޝްކާ އުރާލައިގެން މަގު ހުރަސް ކުރިއެވެ. އަދި ޕޭވްމެންޓާއި ހަމަވުމުން މިޝްކާ ޕޭވްމެންޓް މަތީގައި ބަހައްޓަމުން އަވަހަށް ދާށޭ ބުނެލިއެވެ. އެވަގުތު މިޝްކާ ފުރަގަހުގައި ހުރި މީހަކަށް އަތުން ހަނާ އަޅާތަން ފެނިފައި ވިސާމަށް ފުރަގަހަށް ބަލާލެވުނެވެ. އޭރު ޒަމީނާ ވެސް ހުރީ މިޝްކާއަށް ހަނާ އަޅާށެވެ.
“ބައްޕީ އެއީ ޝަފްމަންމިގެ މަންމިދޯ؟” މިޝްކާ އަވަސް އަރުވާލުމުގެ ތެރޭގައި ބުނެވުނު ވާހަކައިން ވިސާމް ސިހުންވިއެވެ.
“ކީކޭތަ ކޮއްކޯ؟” ވިސާމަށް އަވަސްއަވަހަށް އަހާލެވުނެވެ.
“ޝަފްމަމް….ހެހެ….ކޮއްކޮ އޮޅެނީ. ޝަފް ދައްތިގެ މަންމިހޭ އެއީ.” މިޝްކާ ހެވިލާފައި އޭނައަށް ބުނެވުނު އެއްޗެއް ރަނގަޅުކޮށްލިއެވެ. ވިސާމްގެ އަނގައިން ލުއި އާހެއް ނިކުތް ވަގުތު އޭނައަށް ހިނިތުންވެލެވުނެވެ.
“އެއީ ޝަފްދައްތިގެ ދައްތިއެއް. މަންމިނޫން.” ވިސާމް މަޑު މައިތިރި އަޑަކުން އެހެން ބުނެލަމުން މިޝްކާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި އެއަށްފަހު އަނެއްކާވެސް ދާށޭ ބުނެލިއެވެ. މިޝްކާ މިފަހަރު އާނއެކޭ ކިޔައި ސްކޫލްގެ ތެރެއަށް ދުއްވައިގަތެވެ. އޭނަ ލޯމައްޗަށް ގެއްލުނު ވަގުތު ވިސާމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޝަފަޤް މިޝްކާއާއެކީ ހޭދަކުރި މަދު ވަގުތު ކޮޅުގެ ތެރޭގައި އޭނަ މިޝްކާއަށް ދައްކުވައިދިނީ އާދައިގެ ލޯތްބެއް ނޫންކަމަށް ވިސާމަށް ހިތާހިތުން އެއްބަސްވެވުނެވެ. އެހެންޏާ މިޝްކާ ދުވަހަކުވެސް ބީރައްޓެހި މީހަކާ ދެވަނަ ފަހަރަށް ބައްދަލުކުރަން މިހާ ވަރަށް ބޭނުންވެފައެއް ނެތެވެ. ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވިއެއްކަމަކު އޭގެ ޖަވާބު ވިސާމަކަށް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ އޭނަ ޝަފަޤާއި ބައްދަލުކުރަން އެބަޖެހޭ ކަމެވެ. އެ ކަމަށްޓަކައި ހިތްވަރު ލިބޭ ފަދަ އެތައް ޚިޔާލެއް އޭނަގެ ހިތަށް ވެރިވިއެވެ. މިޝްކާ އޭނަގެ އަނދިރި މާޒީގެ ޞަފްޙާތަކުން ރައްކާތެރިކުރަންޖެހޭ ކަމާއި މިޝްކާއަށް މަންމައެއްގެ ލޯބި ބޭނުންވާ މިންވަރު އޭނަގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދިނެވެ. އެވަގުތު ވިސާމަށް ފަސްއެނބުރި ޝަފަޤްގެ ގެއާއި ދިމާލަށް ބަލާލެވުނެވެ. އެ ގޭގައި މިވަގުތު ޝަފަޤް ހުންނާނެކަން އެނގި އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅުނު ހިނދު އޭނަގެ ހިތަށް ނުތަނަވަސްކަމެއްވަނެވެ. އެކަމާމެދު ޚުދު ވިސާމްވެސް ޙައިރާންވިއެވެ. އޭނަ ނުތަނަވަސްވާންވީ ކީއްވެ ހެއްޔެވެ؟ އެތައް އަހަރެއް ފަހުން މީހަކާއި އިންނަން އުޅޭތީވެ ހެއްޔެވެ؟ ނޫނީ އޭނަގެ ފުރަތަމަ ޒަވާޖީ ޙަޔާތުގައި ވި ކަންތައް ތަކުރާރު ވެދާނެހެން އޭނައަށް ހީވަނީ ހެއްޔެވެ؟ ނޫނީ ޝަފަޤްގެ “ދީންވެރިކަމުގެ” ސަބަބުން ޝަފަޤަކީ އެއްވެސް ރަޙުމެއްނެތް ހިތްހަރު ކުއްޖަކަށް ވެދާނެކަމަށް އޭނައަށް ނިންމެނީ ހެއްޔެވެ؟ އެ “ދީނުގެ” “ނުބައި” އަސަރުތައް މިޝްކާއަށާއި އޭނައަށް ވެސް ކޮށްފާނެކަމުގެ ބިރު އޭނައަށް ހީވަނީ ހެއްޔެވެ؟ ވިސާމްގެ ހިތަށް ވެރިވި ކޮންމެ ސުވާލަކަށް އެ ހިތް އާނއެކޭ ބުނަމުން ދިޔަދިޔަހެން ޝަފަޤްގެ ގެއަށް ދިޔުމުގެ ޚިޔާލު އޭނަގެ ސިކުނޑިން ފޮހެވިގެން ދިޔައެވެ. އޭގެ މާ ގިނައިރެއް ނުވެ ވިސާމް ބުމަގޮށްޖަހައި އިސްޖަހާލަމުން އޭނަގެ ކާރާއި ދިމާލަށް ހިނގައިގަތެވެ. ހަމަ އެ ވަގުތު މިޝްކާގެ ނަން އޭނަގެ ހިތަށް ވެރިވުމުން އޭނަގެ ހިތް ރޯންފެށިއެވެ. ނަމަވެސް މިފަހަރު އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ހިތްހަމަ ޖައްސާލީ އޭނަގެ މޭތެރޭގައި މި އުފެދިފައިވި ހައިޖާނަށް ކޮންމެވެސް އެއްދުވަހަކުން ނިމުމެއް އަންނާނެކަމަށް އަމިއްލަ ނަފްސުގާތު ބުނެގެންނެވެ.
**
“އޯ އެމް ޖީ!!! އައްމު އަނެއްކާވެސް ސިންގަލްވެއްޖެޔޯ!” އިންޓަވަލް ގަޑި ނިމެން 10 މިނެޓަށްވެފައި ވަނިކޮށް ހުދާ އޭނަގެ ކްލާހަށް ވަންނަމުން ތޫލި އަޑަކުން އޭނަގެ އެކުވެރިންނަށް އަންގާލިއެވެ. އެވަގުތު ކުލާހުގެ ކަނާތް ފަރާތުގެ ދެވަނަ ބަރީގައި އޭނަގެ ދެ އެކުވެރިން ފިޔަވައި ކުލާހުގައި އެހެން މީހަކު ނެތެވެ.
“ސީރިއަސް؟ ވާވް! މިފަހަރު މީ ހުދާގެ ޗާންސް. އަހަރުމެން ރިލޭޝަންޝިޕްސްގަ ތިބިކަން އެއީ ހުދާގެ ނަސީބު އިނގޭ؟” ހުދާގެ އެކުވެރި ހައުރާ އެހެން ބުނެ ނިމުނުތަނާހެން ހުދާ ގޮސް އޭނަގެ ކޮނޑުގައި ޖަހާލިއެވެ. ހައުރާ ތަދުވާކަމަށް ހެދެމުން އެ ޖެހި ތާނގައި ހިފައި އައުޗްއޭ ކިޔާލިއެވެ.
“ކޮބާ ދެން ކިހިނެއް ހަދަންތަ ތި ޕްލޭން ކުރަނީ؟ އަވަހަށް މެސެޖެއް ކޮށްލަން އަހަންނަށް ފެންނަނީ.” ހައުރާގެ ކައިރީގައި އިން ލިއުޝާ ބުނެލިއެވެ. އެވަގުތު ހުދާ ހަމަޖެހޭ ގޮތް ދައްކަމުން ފުން ނޭވައެއް ދޫކޮށް ހައުރާގެ އަނެއްފަރާތުގައި ހުސްކޮށް ހުރި ގޮނޑީގައި އިށީނދެ ގޮނޑިއަށް ލެނގިލިއެވެ.
“މިފަހަރު އަހަރެން އެއްވެސް ކަމެއް ކުރަން ޖެހޭނެހެނެއް ހިއެއްނުވޭ. ހަމަ ހިތް ބުނަނީ އައްމު އަންނާނީ އަހަރެން ކައިރިއަށޭ.” ހުދާ މައްޗަށް ނަޒަރު ހުއްޓައިގެން އޮވެ ބުނެލިއެވެ. ހައުރާ އެއްވެސް އަސަރެއް ނެތްގޮތަކަށް ހީލިއެވެ.
“ހުދާ ޑާރލިންގް. ދިސް އިޒް ނޮޓް އަ މޫވީ. ދިސް އިޒް ރިއަލް ލައިފް. އައްމު އަކީ އަންހެން ކުދިން ކައިރިއަށްދާ މީހެއްނޫން. އަންހެން ކުދިން ޖެހޭނީ އޭނަ ކައިރިއަށްދާން. އޭނަ ދުވަހަކުވެސް އަންހެން ކުއްޖަކު އިމްޕްރެސް ކުރަން މަސައްކަތެއް ކުރަންޖެހުނުހެނެއް އަހަންނަށް ހިއެއްނުވޭ. ދެން އޭނަ ވަކި ކީއްކުރަން ހުދާ ކައިރިއަށް އަންނަންވީ ހުދާ އެއްވެސް ކަމެއް ނުކުރަނީސް؟” ހައުރާ އަހާލިއެވެ. ހުދާ ލުއްކެއްޖަހައި ސީދާވެލިއެވެ.
“އެކަމަކު މިއަދު އަހަންނަށް ހަމަ ނޯޓިސްވިކަމެއް. އައްމު ބްރޭކް އަޕްވި ވާހަކަ އަޑުވެސް ނާހަނީސް އަހަންނަށް ހަމަ ފާހަގަވި އައްމު އަހަންނަށް ބެލިކަން. ވަރަށް ޑެސްޕަރޭޓް ލުކްއެއް ހުރީ. އޭޒް އިފް ހީޒް އާސްކިންގް ފޯ ސަމްތިންގް. ދެން ބްރޭކް އަޕްވި ވާހަކަ އަޑު އިވުނީމަ އަސްލު އަންޑަސްޓޭންޑްވީ.” ހުދާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ އަސަރާއެކީ ކިޔައިދިނެވެ.
“ގޯޑް ހަމަ އަސްލުކޮށްތަ؟” ލިއުޝާ ދެލޯ ބޮޑުކޮށްފައި އެހިއެވެ. ހުދާ ހިތާމަކަން ވެރިވެފައިވި މޫނަކާއެކީ ބޯޖަހާލިއެވެ. އެވަގުތު އޭނަ އަމިއްލަ ނަފްސަށް ދޮގު ހަދަނީކަން ޚުދު ހުދާއަށް ވެސް އެނގެއެވެ. އައިމަން އޭނައަށް ފެނިފައިވަނީ އޭނަ ކެންޓީނަށް ދިޔަ މަގުމަތީގައެވެ. އެވަގުތު އައިމަން ސީރިއަސްކަމާއެކީ އޭނަގެ އެކުވެރިންނާއި ވާހަކަ ދައްކަމުން ގޮސް ކުރިމައްޗަށް ބަލާލި ހިނދު ފަޅި ސިކުންތަކަށް އޭނަގެ ނަޒަރު ހުދާއަށް ހުއްޓުނީއެވެ. އެ ނަޒަރު ހުއްޓިގެން ދިޔައީ އައިމަންގެ ޤަޞްދުގައެއް ނޫންކަން ހުދާއަށް އެނގެއެވެ. އެހެނަސް އޭނަ ދެންމެ އޭނަގެ އެކުވެރިންނަށް ކިޔައިދިނީ އޭނަ ޤަބޫލުކުރަން ބޭނުންވާ ގޮތެވެ. އޭނަ ބެލިހާ ލޯބީގެ ފިލްމުތަކުން އޭނަގެ ޚިޔާލުތައް ބައްޓަންވެފައި ހުރި ގޮތަށެވެ.
“ޕްސްސްސްޓް! އަހަންނަށް ހީވަނީ އެހެން މީހެއްގެ ޑެސްޕަރޭޓް ލުކްވެސް ހުދާއަށް އެބަ އަމާޒުވާހެން.” ހައުރާ ސިއްރުން ކަހަލަ ގޮތަކަށް ހުދާ ކައިރީގައި އެހެން ބުނެލަމުން ކުރިމައްޗަށް ބޮލުން ޢިޝާރާތް ކޮށްލިއެވެ. ހުދާ އެ ޢިޝާރާތް ކުރި ދިމާލަށް ބަލާލިއިރު ކުލާހުގެ ދޮރު ކައިރީގައި ހުއްޓިގެން ހުރި އަޒާން އޭނައަށް ފެނުނެވެ. އޭނަ ދެންމެ ސިފަކޮށްދިން ފަދަ ނަޒަރެއް ޙަޤީޤަތުގައި ފެންނަމުން ދިޔައީ އެވަގުތެވެ. އެހެނަސް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ސޫރައަކީ އޭނަގެ ޤަދަރު ލިބޭހާ ވަރަށް ރީތި ސޫރައަކަށް ނުވުމުން އޭނަ މޫނު އަނބުރާލަމުން ޗޮއްކަނޑާލިއެވެ. އެއާއެކު އޭނަގެ ދެ އެކުވެރިން ހޭންފެށިއެވެ. މަންޒަރު ބަލަން ހުރި އަޒާން ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހައި ކުލާސްތެރެއަށް ވަދެގެން ދިޔައެވެ.
ހުދާއާއި އަޒާންގެ ގުޅުމަށް އެއްވެސް ބަދަލެއް ނައެއްކަމަކު ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މިޝްކާއާއި ޝަފަޤްގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ފަހަކަށް އައިސް ވިސާމް މިޝްކާ ގޮވައިގެން ޝަފަޤް ކައިރިއަށް ދާން ނުޖެހޭ ދުވަހެއް މަދެވެ. ކުރީކޮޅު ޝަފަޤް މިޝްކާއާއެކީ ކުޅެން ހުންނައިރު ވިސާމް އެސްފިޔަ ޖަހާލުމެއްނެތި އެ ދެމީހުންނަށް ބަލަން ހުރެއެވެ. އެދުވަހު ހިތަށް ވެރިވި ޚިޔާލުގެ ސަބަބުން ޝަފަޤާއެކީ މިޝްކާ ދޫކޮށްލަން ހިތްނޭދޭ ވަރުންނެވެ. އެހެނަސް ޝަފަޤް މިޝްކާއާއި އަޅާލާ މިންވަރު ފެންނަމުން ދިޔަދިޔަހެން ވިސާމްގެ ހިތް ބަދަލުވަމުން ދިޔައެވެ. ޝަފަޤް އަމިއްލަ ޚަރަދުގައި މިޝްކާއަށް ކުދިކުދި ހަދިޔާތަކެއް ދޭ ގޮތުންނެވެ. މިޝްކާ ކައްސާލާފައި ވެއްޓެން ދިޔަ ވަގުތެއްގައި އޭނައަށްވުރެ ވެސް ކުރިން ޝަފަޤް ގޮސް މިޝްކާގެ ގައިގައި ހިފެހެއްޓި ގޮތުންނެވެ. އެދުވަހު މިޝްކާގެ ހިތަށް ބިރުވެރިކަމެއް ވަދެފައިވުމުން ޝަފަޤް އޭނަގެ ހިތްހަމަޖައްސާލުމަށްޓަކައި ސަމާސާކުރި ގޮތުންނެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ވިސާމަށް މިޝްކާ ޝަފަޤްގެ ކައިރީގައި ބަހައްޓާފައި ދެވޭނެހާ ވަރުގެ އިތުބާރެއް ޝަފަޤަށް ކުރެވުނެވެ. ނަމަވެސް އޭނައާއި ކައިވެނި ކުރަން އެދޭނެހާ ހިތްވަރެއް އޭނައަށް ނުކުރެވުނެވެ. އެއީ އަދިވެސް އޭނަ ނުތަނަވަސްކުރުވަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުންނެވެ. އެ ޚިޔާލުތަކުން ދުރުވެ ފިޔަވަޅެއް އަޅަން އޭނައަށް ޖައްސާނީ ކޮންކަމެއްތޯ ވިސާމްގެ ހިތަށްއަރަމުން ދިޔައެވެ.
އެއްދުވަހެއްގެ ހަވީރު ވަގުތު ވިސާމް މިޝްކާ ގޮވައިގެން ހެދުން ފިހާރައަކަށް ދިޔައެވެ. މިޝްކާ ފިހާރައަށް ވެސް ދާން ބޭނުންވީ ޝަފަޤް ގޮވައިގެންނެވެ. ނަމަވެސް ވިސާމް މިޝްކާއާއެކީ އެކަނި ވަގުތު ހޭދަކުރަން އެދުނީތީ މިޝްކާ ބޭނުން ކޮންމެ އެއްޗެއް ގަނެދޭނެކަމަށް ބުނެ އޭނަ ކާރަށް އެރުވިއެވެ. ދިގު ދަތުރަކަށްފަހު ހިތަދޫގެ ބޮޑު ފިހާރައަކަށްވަދެ ދެ ބަފައިން އެކި ހެދުންތަކާއި ބޫޓުތައް ބަލަމުން ފާޑު ކިޔަމުން ދިޔައެވެ.
“ކޮއްކޯ ބަލާބަލަ މީތި ކިހިނެއް؟” ވިސާމް ފިރިހެނުންގެ ގަމީސްތައް އަޅުވާފައި ހުރި ހަރުގަނޑަކުން އޮރެންޖު ކުލައިގެ ގަމީހެއް ނަގައި އަމިއްލަ ގައިގައި ޖައްސާލަމުން މިޝްކާގެ ޚިޔާލު ހޯދިއެވެ.
“އައްޗި ނޫން! ބައްޕިއާ އޮރެންޖު ނުގުޅޭ. މީތި ގުޅޭނީ!” މިޝްކާގެ ޖަވާބު އައި ގޮތުން ވިސާމަށް ހީލެވުނެވެ. އެއަށްފަހު އޭނަ މިޝްކާ ޢިޝާރާތް ކުރި ގަމީސް ނަގަން އުޅުނު ވަގުތު އޭނައަށް ހުރަސް އެޅުނެވެ.
“ސޭމް! ކޮބާ ޙާލު ކިހިނެއް؟” އެ ސުވާލުގެ އަޑަށް ވިސާމަށާއި މިޝްކާއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ވިސާމްގެ އެކުވެރިއެއްކަމަށްވާ ރަފްހާން ހިނިތުންވުމަކާއެކީ އައިސް އޭނައާއި ހަމަ ކުރަނީއެވެ.
“ޑޫޑް! އަހަރެން ރަނގަޅު. އަމިއްލައަށް ކިހިނެއްތަ؟” ވިސާމް ރަފްހާންގެ ގައިގައި ބައްދާލަމުން އަހާލިއެވެ. އެއާއެކު ދެމީހުންގެ ވާހަކަ ފެށިގެން ދިޔައެވެ. ވިސާމްގެ ފުރަގަހަށް ވާގޮތަށް ހުރި މިޝްކާ އެ ދެމީހުންނަށް ވަކިވަކިން ބަލަމުން ދިޔައެވެ. މިޝްކާ އޭނަގެ ބައްޕައަށް ގޮވާލަން ހިތަށްއެރިއެއްކަމަކު ބޮޑެތި މީހުން ވާހަކަ ދައްކާއިރު ދެމެދުން ވާހަކަ ދައްކަން ނުވާނެކަމަށް ބުނެ ބައްޕަ އޭނައަށް ނަޞޭޙަތްދީފައިވާތީ އޭނަ އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. މިނެޓްތަކެއް ހިނގިއިރުވެސް ބައްޕައާއި ބައްޕަގެ އެކުވެރިޔާގެ ވާހަކައެއް ނިމުމެއް ނައުމުން މިޝްކާ ފޫހިވާން ފެށިއެވެ. އެހެންކަމުން އޭނަ ވިސާމާއި ކުޑަކޮށް ދުރަށް ޖެހިލަމުން އެތާ ތިރިކޮށް ހުރި ފިލައެއްގެ މަތީގައި ހުރި ކުޑަކުދިންގެ ބޫޓުތައް ބަލަން ފެށިއެވެ. މިޝްކާ އެހެން ހުއްޓާ ކޮންމެވެސް މީހަކު އައިސް އޭނަގެ ބޯމަތީގައި މެޓަލެއް ބޭއްވިއެވެ. ބޯމަތިން އިޙްޞާޞެއް ކުރެވުމުން މިޝްކާ މައްޗަށް ބަލާލިއެވެ. އެވަގުތު އެ މެޓާ ކައްސާލައިގެން ގޮސް ބިންމަތީގައި ޖެހުނު އަޑަށް މިޝްކާ ތިރި ބަލާލިއެވެ. ޓައިލްސް މަތިން ސްޓްރޯބެރީ މެޓަލެއް ފެނިފައި މިޝްކާ އުފަލުން ގުދުވެ އޭތި ނެގިއެވެ. އެވަގުތު އަނެއްކާވެސް ބިންމައްޗަށް މެޓަލެއް ވެއްޓުނު އަޑަށް އޭނަ ކުރިމައްޗަށް ބަލާލިއެވެ. އޭރު ކޮންމެވެސް ފިރިހެނަކު މެޓާ ކޮތަޅެއް ހިފަހައްޓައިގެން ހުރިތަން މިޝްކާއަށް ފެނުނެވެ. ފަން އިސްތަށިގަނޑު މައްޗަށް ކަހާފައި ހުރި އެ ޒުވާނާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލީ މިޝްކާގާތު ވާހަކަ ނުދެއްކުމަށް ޢިޝާރާތް ކުރަމުންނެވެ. އެއަށްފަހު އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ އޭނަ ފަހަތުން އައުމަށް ހަނާއަޅަމުން މިޝްކާއަށް ފަސްދީފައި ހިނގައިގަތެވެ. މިޝްކާވެސް އުޖާލާވި ހިނިތުންވުމަކާއެކީ ކުޑަކޮށް ދުވެފައި ގޮސް އެތާ ބިންމަތީގައި އޮތް މެޓާ ނަގައިގެން އެ ޒުވާނާ ދިޔަ ދިމާލަށް ހިނގައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







Vaahaka dhaagoyi v v kamudhey……visaam akee dhivesethoa….nooni beyrumeehethoa..
. v v olhije…….story v v reethi
Alhamdhulillah! (All praise and thanks belong to Allah) 🙂 olhuvaa nulahchey ny. Jana vaahakaige furathama baiga liyefa othennu Wisaam dhivehi lhenthah ves liyunu vaahaka. Eyna aky beyru meeheh nama jana liyunyhy eyna dhivehi dhaskoggen dhivehi lhenthah liyunu vaahaka ehnu? hehe….
ny ah thihen heevy eyna ah ingireysi nickname eh kiyaathytha? ey dhivehinge thereyga mihaaru varah aammu kameh hen jana ah heevany.
ny ah thihen heevy Wisaam dheenaa medhu dhekey gothugai kamah vaanama, adhi kudakoh inthizaaru kollaa. Wisaam ge nazariyyaathu ehen hury keevvekan adhi engeyne In Sha Allah. Adhi vaki dhivessakah nuvythyve eh noon dho ekahala khiyaaluthah hunnaany. dhivehinge thereygai ves e fadha visnunthakeh hurumaky ekasheegenvaa kameh hen jana ah heevany. e massala ah ali alhuvaalumattakai haqeeqathuga jana mi vaahaka mi genesdheny. 🙂
kihineh baa e veee, vvv reethi, next episode….
Alhamdhulillah! 🙂 dhen oiy bai angaara dhuvahu In Sha Allah 🙂
Please mishka e nubai myha ge kibain salaamai kodhy. Please. Mishy e kame vejeya my hurt wl break
hehe….dhen balamaa mishy ah vaa gotheh dho? 😀
Varah reethie. Alhey dhen mishkaa kidnapp kuraani thaa
Alhamdhulillah! Mishka ah hadhaa gotheh balamaa In Sha Allah 🙂
Mashallah varah reethi
dhen vaane gotheh balaalan cant’t wait
Alhamdhulillah! dhen oiy bai angaara dhuvahu In Sha Allah 🙂
FB Post:
Yup! That’s how sick minded one could become in desperation of living a perfect love story. You could make up an entire tale based on a glance that wasn’t even meant to be. Reasons why we must have the correct definition of love itself instead of letting movies and fairy tales define it for us
FB Post:
“You don’t understand!” is the most common line that we say while throwing a tantrum. Especially in front of our parents. But chances are, that we are the ones who are not understanding. Chances are that they are doing whatever they do for our best. At least from their perspective. And that’s what we don’t understand for the most part…
Hurihaa kiyuntherinves mi page ah ziyaaraiy kohlevvun edhen 🙂
https://www.facebook.com/Asr-1445208739121696/
V reethi pls avah up kohla dhybala
Alhamdhulillah! 🙂 hehe….Azuna mihaaruves avahakahnu up kurany? 😀 jana komme dhuvahaku up kuramun dhiyaee ey kureega ebaithah liyefa hunnaathy. mihaaru liyefa huri bai nimijje. ehenve dhe dhuvahun ehdhuvahu mi up kurany. 🙂
Jana mibai Haadha las vee?? Kon dhuvas thakehga vaahaka up kohdheyny?? Mi veythuvi dhe dhuvahu iru iru kolhaa esfiya site beleny Asru vaahaka up koffa intho.. my God its so beautiful
Alhamdhulillah! 🙂 Anaan love, vaahaka up vaany dhe dhuvahun ehdhuvahu. dhen up vaany angaara dhuvahu In Sha Allah. mi hurihaa dhuvahu komme dhuvahaku genesdhevuny ebaithah liyefa hunnaathy. mihaaru liyefa huri bai nimijje. ehenve kudakoh las mikolly. Adhi kuriah huri baithakuge msg thah ves gina veema jana ah heevany emme effective vaany dhe baige dhemedhuga kudakoh space eh dhinymahen. jana beynun msg thakaa medhu visnan kiyuntherinnah vaguthu dheyn. ehenvyma 🙂
Masha allah!! V reethi mi part ves, anaan bunihen mashah ves hama miadhu iru irukolhaa balailevey vaahaka up vefa intho… Omaha allah… angaaraiga dhen kiyeyne next part ves dho!!
hehe….Kudakamana mikamuga maa gina vaguthu beykaaru nukurahchey. eyrun Jana varah dheravaane. vaahaka up vaany dhedhuvahun ehdhuvahu. dhen oiy bai angaara dhuvahu In Sha Allah 🙂
varah salhi…
Alhamdhulillah! 🙂
varah varah varah riythi mibai vs masha Allah… 🙂
Alhamdhulillah! 🙂
Varah salhi.. Aharen furthama mi site n ky hijra vahaka.. Friend eh recommend kuryma.. Dhen e vahaka magey ah Varah reethi vi.. Varah ginain allah ah thauba lehvumah edheven feshi.. Anekka vx mi vahaka n vx varah Ibrah libey eba.. I will say thank you for writing such stories.. Keep it up..
mi comment kiyaafai jana ge hithah varah asaru kuri. varah varah ufaavejje jana liyunu vaahaka egge sababun kiyuntheriaku thaubaa vaan feshikan engunyma. mi mikahala vaahaka thah liyan libunu hiyvvareh ves me. Jazakallah Khairan! Alhamdhulillah! :’) Maaiy Allah alhamen emmennavves hidhaayaiy ithuru kohdhevvaashi. Ameen! 🙂
… thibunee hama ragalhah, hijra vaahaka kee iru kurevifaivaa kuhthah hadhaan ve dherave Ladhu gan, hithah araa eyru nuvisnunee keehvebaaey,, kureega namaadhah samaalukameh nudhevey!! Lava a ee aiymathee ehcheh, Ekam insha allah, jana medhuveri vegen mashah dhaanvee magu hadhaan kohdheefi,,
Kudakamana: :”)
Thank you jann.. n pls tell me around kihaa iraku vaahaka up kohdheyny?? I know this is a stupid question but want to know because its making me restless
Subuhanallahi Anaan chill! 😛 mendhuru 2:30 hikahaairu check kollaathi In Sha Allah 🙂
Alhey Jana. Mi ulheni Hama vaahaka kiyaalaa hithun keynukureyvigen.
Janaaa mibai ves vrh reethi MaShaAllah.. Mishka ah dhera gotheh nahadhacchey..