Skip to content
އެސްފިޔަ

ޝެލީން 10

” ބޭބީ ނުރޮއެބަލަ! އެމީހުން ދިޔަޔަސް އަހަރެމެން ނެތްކަން އެނގުމުން އަންނާނެ….ޕްލީޒް ހަމަޖެހިބަލަ!…” އަލަމް އަހަރެން ހިތްހަމަ ޖައްސައިދިން ނަމަވެސް އޭނާވެސް ހުރީ ކަންބޮޑުވެފައިކަން އަހަރެންނަށް އެނގެއެވެ. ދުވަސްވަރަކީ މޮބައިލް ފޯންވެސް އާއްމުކޮށް ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. ފޯނުން ގުޅާފައި އެމީހުން ކޮބައޮތޯވެސް ބެލޭނީ އެހެންނަމަތާއެވެ. ދެން ކޮންމެގޮތެއްވިޔަސް އެމީހުން އަހަރެމެން ބަލާ އަންނާނެ އިރަކަށް ޖެހޭނީ އިންތިޒާރުކުރާށެވެ.

ހެދޭނެ އިތުރުގޮތެއް ނެތީތީ އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ވެލިގަނޑުމަތީގައި އަހަރެމެން ތިބީމެވެ. ދުނިމަތި އަނދިރިވަމުން ދާވަރަކަށް ހިތުގައި ބިރުވެރިކަންވެސް ބޮޑުވަމުން ދިޔައެވެ. ހިތްބިރުގަންނަ ވަރަކަށް ވަށައިގެން އަހަރެންނަށް ބެލެމުންދަނީ ކުއްލިއަކަށްވެސް އެއްޗެއް ފެނިދާނެހެން ހީވާވަރުންނެވެ. އަހަރެން ދިމަދިމާއަށް ބަލަމުން ދަނިކޮށް ދުރުން ދެމިހަކު ހިނގާފައި އަންނަނިކޮށް ފެނުނެވެ. އަލަމް އާއި އަހަރެން ކޮޅަށް ތެދުވީމެވެ. އެބަޔަކު ކައިރިވުމުން އެއީ ދައްތައާއި ބޭބެކަންވެސް އެނގުނެވެ. އަހަރެން ދުވެފައި އެމީހުންގެ ގާތަށް ދިޔައީމެވެ.

” ޝެލީން….އަޅެ ކޮންތާކުންތަ ތިނުކުތީ؟….މިހާރު ކިހާއިރެއް ޝެލީންމެން ނުފެނިގެން އަހަރެމެން ހޯދާތާ……” ދައްތަހުރީ ކަންބޮނޑުވެސް ހިތްހަމަވެސް ނުޖެހިފައެވެ.

” ކޮބާތަ ދޯނި؟….ކޮބާތަ އެހެންމީހުން؟…” ދައްތަގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އަހަރެންވެސް ކޮށްލީ ސުވާލެކެވެ.

” ކުއްޖަކު ފިޓްޖެހިގެން އިމެޖެންސީކޮށް ދޯނި ދިޔައީ ކުޅުދުއްފުއްޓަށް…..އަހަރެމެންވެސް ދޯންޏަށް އަރަން އުޅެނިކޮށް އެނގުނީ ޝެލީންމެން ނެތްކަން…..ދޯނިކައްޕިގާތު ބުނުމުން ބުނީ މަޑުކުރާށޭ….ފަހުން ބަލާއަންނާނަމޭ……ދެން އަހަރެމެން ތިމީހުން ހޯދަން ގޮސްގެން އުޅެނިކޮށް ޔޫނާމެންނާއި އަދިވެސް އިތުރު ކުދީންތަކަކާ ދިމާވީ…..ދޯނި ކުއްލިއަކަށް ފުރައިގެން ދިޔައީމަ އެމީހުންވެސް ތިބީ ކަންބޮޑުވެފަ….. އެމީހުން ވެއްޖެ އަނެއްކާ ޝެލީންމެން ހޯދަން އެކޮޅަށް ގޮސްފަ……އެކުއްޖާއަށް ފިޓްޖެހުނު ގަޑީގަ މިދިމާގަ އަހަރެމެންނަށްވެސް ތިބެވުނުކަންވެސް ނަސީބު…އެހެން ނޫންނަމަ ހާސްވެފަހުރިވަރުން ދޯނީވެރިމީހާއަށް ނޭނގޭނެ ބަޔަކު ރަށުތެރޭގަ ބައިތިއްބާފަ ދެވުނަސް….” ދައްތަހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ.

“ސޮރީ…..އަހަރެމެން އެތާ ހުއިތަކެއްމަތީ ތިއްބާ ނިދުނީ..” ކަންތައްވީގޮތް ކުރުގޮތަކަށް އަހަރެން ކިޔާދިނީމެވެ.

ހަތަރުމީހުން ވެލިގަނޑުމަތީ އިށީނދެ ތިއްބައި ޔޫނާއާއި އަޒީމްއާއި އިތުރު ދެފިރިހެން ކުއްޖަކުވެސް އައިސް އަހަރެމެންގާތުގައި އިށީނެވެ. އެރަށުގައި ތިބީ އަހަރެންނާއި އަލަމް އެކަނިނޫންކަން އެނގުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިރުއޮއްސުމުން ޖައްވުގައި ފިނީގެ އަސރުގަދަވާން ފެށިއެވެ. އެއްވެސް ހުރަހެއްނެތި ކަނޑުން އަންނަ ވައިރޯޅިތައް ބީހިލުމުން ގައިން ހީބިހި ނަގައެވެ. މަޑުމަޑުން ރަށުތެރެވެސް އަނދިރިވަމުން ދިޔައެވެ. ދޯނީގެ އިންތިޒާރުގައި އަތިރިމަތީ ތިބިއިރު އަހަރެމެންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. ކުއްލިއަކަށް އަލަމްފެށި ބިރުވެރި ވާހަކައަކުން އެންމެން ހިމޭންވިއެވެ. އަލަމް ކިޔާދިނީ ފަޅުރަށެއްގައި ހިނގި ބިރުވެރި ހާދިސާއެއްގެ ވާހަކައެވެ.

” މަންމާ!…..އަލަމް ކޯއްޗެއްތަ އެހެރަ ފެންނަނީ؟” އަލަމްގެ ވާހަކަ ނުނިމެނީސް ރަށުގެ އަނެއްކޮޅުން އަލިފާންގަނޑެއް ކަހަލަ އެއްޗެއް އަހަރެންނަށް ފެނުނެވެ. އެއާއެކު އެންމެން އެއްފަރާ އެދިމާބަލާލިއެވެ.

” ކޯއްޗެއްތަ އެއީ؟” ކަންބޮނޑުވެފައި ދައްތަވެސް އަހާލިއެވެ.

” އެއްޗެއް އެބަފެނޭތަ އަޅެ…މާބޮޑަށް ބިރުގަނެފަ ތިބެންޏާ އެއްޗެއްސާ އެއްޗެހި ފެންނަހެންވެސް ހީވާނެ”  އަހަރެމެން ބިރުގަތްކަން އެނގުމުން އަލަމްއަށް އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ހެދިއެވެ.

” އަލަމް!….އަލިގަނޑު އެބައާދެއޭ މިކޮޅަށް” އަޒީމް ސީރިއަސްވެފައި އަލަމްއަށް ބުންޏެވެ.

” އަލިގަނޑެއް އެކަނިތަ ކަލޭމެންނަށް ފެންނަނީ…އެއާއެކީ އެއަންނަ ބޮޑުހިޔަންޏެއް ނުފެނޭތަ؟” އެންމެފަހުން ބޭބެވެސް ކަންބޮޑުވެފައި ބުންޏެވެ. އަހަރެން ބިރުން އަލަމްގެ ގައިގާ ތަތްވެގެން އިނީމެވެ. ޔޫނާވެސް އިނީ އަޒީމްގެ ހިޔަނިފަދައިންނެވެ. ދައްތަގެ ހާލަކީވެސް އެއީއެވެ. އެންމެން ބަލަބަލާ ތިއްބައި އެހިޔަނި ގާތްވަމުން ގޮސް ސިފައެނގޭވަރަށް ގާތަށް އަތުވެއްޖެއެވެ.

” ސާބަހޭ ކަލޭމެންނަށް…އެއީ މިރަށް ބަހައްޓަން އުޅޭ އިބުރާހިމްބޭ…..” އަލަމްއަށް އެއީ ކާކުކަން އެނގުމުން ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. އޭރު އަހަރެންއިނީ ބިރުންގޮސް ހަލާކުވާ ވަރުވެފައެވެ. އަލިގަނޑެއްގެ ގޮތުގައި ފެނުނީ އިބުރާހިމްބޭބެގެ އަތުގައިހުރި ފާނޫޒެވެ.

” އެކޮއެމެން އަދިވެސް ރަށަށް ނުދަނީތަ؟…..މިހާރު އެއޮއް އިރުވެސް އޮއްސުނީއެއްނު!” އަހަރެމެން ފެނުމުން ހައިރާންވެފައި އިބުރާހިމްބޭބެ އަހާލިއެވެ.

” އާނ..އަދިނުދެވިގެން މިއުޅެނީ…..ކުއްލިއަކަށް އިމެޖެންސީވެގެން ދޯނިވެއްޖެ ކުޅުދުއްފުއްޓަށް ގޮސް…..ދެން ދޯނީގަތިބިމީހުން ރަށަށްލާފަ ކަންނޭނގެ އަހަރެމެން ބަލާ އަންނާނީ…” އަލަމް ޖަވާބުދިނެވެ.

“އެހެންތަ؟….އެކޮއެމެން ކަމެއްބޭނުން ވެއްޖެއްޔާ ބޭބެއުޅޭހިސާބަށް ދޭއިނގޭ…..ބޭބެމިދަނީ މަޣުރިބު ނަމާދުކުރަންވެގެން ގެޔާދިމާއަށް…” އިބުރާހިމްބޭބެ އަނެއްކާވެސް އައިކޮޅަށް ހިނގައިގަތެވެ.

” މިރަށުގަ ގެވެސް ހުރޭތަ؟…މަށެއް ނުދެކެން” ދައްތަ ހައިރާންވެފައި އަހާލިއެވެ.

” އާނ…ފަނުން އަޅާފައިހުރި އެންމެ ގެޔެއް ހުންނާނެ…އެއީ އެބޭބެ އުޅޭގެ….އިތުރުގެޔެއް ނުހުންނާނެ…ވަރަށް އެކޮޅުގަ އެގެ ހުންނަނީ” އަލްމް އޮޅުންފިލުވައިދިނެވެ.

އިންތިޒާރުގެ ވަގުތުތައް ގުނަމުންދަނިކޮށް މަޑުމަޑުން އުދަރެސް އަލިކުރަން ފެށިއެވެ. ބަލަބަލާތިއްބައި އިރުމަތީފަރާތު އުދަރެހުން ހަނދުފާޅު ވެއްޖެއެވެ. އިސާހިތަކު ހަނދުގެ ރިހިއަލިން މުޅިގޮނޑުދަށް އަލިކޮށްލައިފިއެވެ. މޫދުގެ ލޮނުގަނޑުވެސް ރިހިފަތްގަނޑެއްހެން ވިދަންފެށިއެވެ.

” ވާއު…ސޯބިއުޓިފުލް….” ހަނދުވަރުގެ އަލިން މުޅިމާހައުލު އުޖާލާވެގެން ދިޔަ ރީތި މަންޒަރު ފެނިފައި ހައިރާންވެގެން ދައްތައަށް ބުނެވުނެވެ. މާލޭގައި އުޅެބޮޑުވާ މީހުންނަށް މިފަދަ ރީތި ގުތުރަތީ މަންޒަރުތަކެއް ދުވަހަކުވެސް ނުފެންނާނެކަން ގައިމެވެ. ދައްތަވެސް އެހާބޮޑަށް ހައިރާންވި ސަބަބަކީ އެއީއެވެ.

” އަޅޭ…ހާދަ ރީއްޗޭ…..މިތަނުން ދާހިތްވެސްނުވޭ…..އޯވަނައިޓަކަށް އާދެވުންނަމަ ދޯ” މޫދުގެ ލޮނުގަނޑުވިދާ މަންޒަރު ބަލަންއިނދެ ދައްތަބުންޏެވެ.

” ދެން އޯވަނައިޓެކޭ ނުކިޔަކަސް މިއޮތީ އޯވަނައިޓަކަށް ވެފައެއްނު…..ދެން މިރޭސަމީމަޑުކުރަންވީނު މިތާ….އެބޭބެއާ އެކީ އެގޭގަ” ބޭބެ ދައްތައަށް ޖެއްސުން ކޮށްލިއެވެ. އެންމެން ހޭންފެށުމުން ދައްތައަށް ލޯއަޅާލަމުން ބޭބެގައިގާ ބޮނޑިއެއް އަޅާލިއެވެ.

އިންތިޒާރުގައި ތިބޭތާ އެތައްއިރެއްވީފަހުން ދޯންޏެއްގެ އިންޖީނުއަޑު އިވެންފެށިއެވެ. އެއަޑު ގާތްވަމުން ގޮސް ދޯނި ރަށުގެ ފަޅުން ވަތްއިރު އަހަރެމެންތިބީ ކެތްތެރިކަން ކޮޅުންލާފައެވެ. އެންމެން އަވަސް އަވަހަށް ދޯންޏަށް އެރިއެވެ.

” ކޮބާތަ ފިޓްޖެހުނު ކުއްޖާ؟” ދޯންޏަށް އެރުމާއެކު ދައްތަ އަހާލިއެވެ.

” އެމަންޖެ މިހާރު ރަނގަޅު…..ރަށަށް ގެންގޮސް މިއައީ…އެހެންވެ ލަސްވީ” ދޯނީގެ ކެޔޮޅުމީހާ ޖަވާބުދިނެވެ.

ޖެހެމުންދާ ފިނިފިނރޯޅިތަކާއި ފެންނަމުންދާ ހިތްގައިމު މަންޒަރަށް ހިތްދޫކޮށްލައިގެން ތިއްބައި ރަށަށް އާދެވިއްޖެއެވެ. އޭރު ފިނިބޮޑުވެގެންނާއި ބަނޑުހައިވެގެންވެސް ތިބީ ހަލާކުވާވަރުވެފައެވެ. ނަމަވެސް ކުރެވުނު ތަފާތު ތަޖުރިބާގެ ސަބަބުން އަހަރެންހުރީ ވަރަށް އުފާވެފައެވެ. އަހަރެމެން ލެވިފިއިރު މަންމައާއި ބައްޕަވެސް ތިބީ އަހަރެމެންގެ އިންތިޒާރުގައި އަތިރިމަތީގައެވެ.

ގެޔަށް ގޮސް ފެންވަރާ ނަމާދުކޮށްގެން ކައިނިމުނުއިރު ނިދިއައިސްގެން ކޮޅަށްވެސް ނުހުރެވެއެވެ. އެހެންކަމުން ދެން އެރޭގެ ކުޅިވަރުބަލަން ވެސް ނުގޮސް އަހަރެން ނިދީއެވެ.

**************

އަނެއްދުވަހުގެ ފަތިހު ފުރަތަމަ ގޮވިހާލާއެކީ އަހަރެންހުރީ ހޭލައެވެ. ފަތިސްނަމާދުކޮށްގެން މާމަގެޔަށް ދިޔައީމެވެ. އަހަރެން މާމަގޭގެ ޖޯލީގައި އިންދައި އަލަމް އެމަގުން ދަނިކޮށް އަހަރެން ފެނިގެން ވަނެވެ.

” ހައިބޭބީ….މޯނިންގް…..މިގޭގަތަ ރޭގަ ނިދީވެސް؟” ޖެހިގެންހުރި ޖޯލީގައި އިށީއްނަމުން އަލަމް ހިނިތުންވެލާފައި އަހާލިއެވެ.

” ނޫން….ގޭގަނިދީ…މާއަވަހަށް ހޭލެވުނީމަ އައީ…” އަހަރެން ބުނީމެވެ.

” މިއަދު ހެނދުނު އޮންނާނެ ފުޓްބޯޅަމެޗެއް…ނޮޅިވަރަންފަރު ޖަމުއިއްޔާއާ އެކީ….ސަޕޯޓްކުރަން ދާންވާނެ އިނގޭ!…” އަލަމް ބުނެލިއެވެ.

” ހަވީރަކުނޫންތަ މެޗްއޮތީ؟ ” އަހަރެން އަހާލީމެވެ.

” އާނ…ކުރިންއޮތީ ހަވީރު…..އެކަމު މިހާރު ހަވީރު ބަށިމެޗެއް ކުޅޭތީ ހެނދުނަށް ބަދަލުކުރީ” އަލަމް އޮޅުން ފިލުވައިދިނެވެ. އިރުކޮޅަކު އަހަރެންނާ ވާހަކަ ދައްކާލަމް އިނުމަށްފަހު އަލަމް ގެޔަށް ދިޔައެވެ.

ހެނދުނުގެ ސަޔަށްފަހު ޔޫނާއާ އެކީ ދިޔައީ ފުޓްބޯޅަ މެޗްބެލުމަށެވެ. ދެޓީމު ދަޑަށް އެރިވަގުތު އަލަމްމެންނާއެކު ދަނޑަށް އެރި ބޭބެ ފެނިފައި އަހަރެން ހައިރާންވިއެވެ.                                                                                                 ބޫޓަށް އަރައި ޖާރޒީގައި ފުރިހަމައަށް ތައްޔާރުވެގެން ހުރިއިރު ހަމަރަނގަޅަށްވެސް ކުޅޭމީހެއް ވައްތަރު ޖަހައެވެ. ދެން ކުޅެވޭކަމެއްވެސް އެނގޭނީ ކުޅޭތަން ފެނުނީމައެވެ.

މެޗްފެށުމުން ފޯރީގައި ދެކޮޅުންވެސް ކުޅެންފެށިއެވެ. އަހަރެމެން ރަށުޓީމަށް ސަޕޯޓްކުރަމުން ދިޔައިރު ނޮޅިވަރަންފަރު ސަޕޯޓަރުންވެސް އެއްއަޑަކަށް އެމީހުންގެ ކުޅުންތެރިންނަށް ސާބަސްދެމުންދިޔައެވެ. ބޭބެގެ ކުޅުންފެނިފައި އަހަރެން ހަމަ ރަނގަޅަށްވެސް ހައިރާންވިއެވެ. އަލަމްއަށްވުރެވެސް ބޭބެ ފުޓްބޯޅަ ކުޅެން މޮޅުކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ދެލަނޑު ސުންލަނޑުން އަހަރެމެންގެ ޓީމުމޮޅުވިއިރު އެއްލަނޑުޖެހީ ބޭބެއެވެ. އަނެއްލަނޑުޖެހީ އަލަމްއެވެ. އެކީގައި ކުޅެން އުޅުނުއިރު ހީވަނީ އެއްއުމުރެއްގެ ދެކުދީން ހެންނެވެ.

މެޗުންމޮޅުވެގެން ގެޔަށް އައުމުން ދައްތަވެސް ބޭބެއަށް ވަރަށް ތަޢުރީފުކޮށް ހެދިއެވެ. އަހަރެންވެސް ބޭބެގެ މޮޅުވާހަކަ ބުނެ ތަޢުރީފް ކުރީމެވެ. ބޭބެހުރި ވަރަށް އުފަލުންނެވެ.

ހަވީރު ހަތަރެއްޖެހުމާއެކު ބަށިމެޗްފެށުނެވެ. ނޮޅިވަރަންފަރުގެ އަންހެނުން ކޮމިޓީއާ ރަށުގެ އަންހެނުން ކޮމެޓީގެ މެދުގައެވެ. އެމެޗްވެސްވީ ވަރަށް ފޯރިގަދަ މެޗަކަށެވެ. ޔޫނާވެސް ކުޅެންއެރިއެވެ. ނަމަވެސް ބަށިމެޗުން މޮޅުވީ ނޮޅިވަރަންފަރުޓީމެވެ. އެކަމާ އަލަމްމެން ޔޫނާމެންގެ ޓީމަށް މަލާމާތްވެސް ކުރިއެވެ.

މިއަދަކީ އީދު ޗުއްޓީގެ އެންމެ ފަހުދުވަހެވެ. ރަށުން ދާންޖެހޭތީ އަހަރެން ހުރީ ވަރަށްދެރަވެފައެވެ. އީދުގެ އެންމެ ފަހު ކުޅިވަރެއްގެ ގޮތުގައި އޮތީ އަންހެނުންނާއި ފިރިހެނުންގެ ދަފިނެގުމެވެ. ފިރިހެނުން ދަފިބަހައްޓާއިރަށް އަންހެނުން ދަފިނަގައެވެ. އަނެއްކާ އަންހެނުން ފިރިހެނުން ދަފިބެހެއްޓުމުން ފިރިހެނުން ނަގަނީއެވެ. އެގޮތަށް ތަކުރާރުކޮށް ތިންހަތަރުދަފި އެދުވަހު ނެގިއެވެ.

އެންމެފަހުން ފިރިހެނުން ދަފިނެގި ފަހަރު ކާކުކަން ނޭނގޭގޮތަށް މުޅިމޫނުގައި ކުލައާއި ފުށް އުނގުޅައިގެން މީހަކު ހުއްޓެވެ. އެމީހާއަށް އެހެންމީހުނާ ފައިހަމަކުރަން ނޭނގިގެން އޭނާއަށް ޖެއްސުނުހާ ވައްތަރެއް ޖެއްސިއެވެ. ބަލަންތިބިމީހުނަށް އެކަންވީ ވަރަށް މަޖާކަމަކަށެވެ. ދަފިނަގާނިމުމުން އެމީހަކު ދުވެފިލައިފިއެވެ. އަހަރެންނަށްހުރީ އެއީ ބޭބެކަމާމެދު ޝައްކުވެފައެވެ. ޔަގީންވީ އަހަރެން ގެޔަށް އައިސް ގިފިއްޔަށް ވަތްވަގުތު ގިފިލިތެރޭގައި މޫނުދޮންނަން ހުއްޓާ ފެނުމުންނެވެ. ދަފިނަގަން ހުރިއިރު ބޭބެ ޖެއްސި ވައްތަރު ސިފަވެފައި އަހަރެންނަށް ހެވުނެވެ. އަހަރެން ހޭންފެށުމުން އަހަރެންގެ މޫނަށް ފެންބުރުވާލާފައި ހެމުން ހެމުން ބޭބެ ނުކުމެގެން ހިނގައްޖެއެވެ. މިފަހަކަށް އައިސް ބޭބެގެ ފަރާތުން އަހަރެންނަށް ފެންނަނީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ތަފާތު ސިފަތަކެކެވެ.

މިރޭމީ ރަށުގައި ހޭދަކުރެވޭނެ އެންމެ ފަހުރެޔަށްވުމުން އަލަމްއާ ބައްދަލުކުރަން އަހަރެން ބޭނުންވިއެވެ. މިރެއަކީ އަހަރެންނަށް ވަރަށް ޚާއްސަ ރެއެއްވެސް މެއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ މަންމަމެންނާއި ދައްތަމެންވެސް ނިދާނެއިރަކަށެވެ. މިރޭ އީދުކުޅިވަރު ނެތުމުން އެންމެންވެސް ތަންކޮޅެއް އަވަހަށް ނިދާނެކަން އަހަރެންނަށް އެނގެއެވެ. ބާރަޖެހުމުގެ ކުރިން އަލަމްއާ ބައްދަލުކުރަން އަހަރެން ބޭނުމެވެ. މިއަދު ހަވީރު އަލަމް ދިމާވުމުން މިރޭ ބާރަޖަހާއިރަށް ގޭދޮށު ޖޯލިފައްޗަށް އައިސްދިނުމަށް އަހަރެން އެދުނީމެވެ. އަލަމްވެސް ހުރީ އަހަރެންނާއި ބައްދަލުކުރަން ކެތްމަދުވެފައެވެ.

ގޭތެރެ ހަމަހިމޭންވުމުން އަހަރެން ސިއްރު ސިއްރުން ކޮޓަރިން ނުކުތީމެވެ. އަދިހަމަ އެހާމެ ސިއްރުން ފިޔަވަޅު އަޅަމުން ގޮސް ގެއިން ބޭރަށް ނުކުތީމެވެ. ހަނދުވަރުގެ އަލިން ގޯތިތެރެވަނީ އަލިވެފައެވެ. ފޭރުގަސްދޮށުގައި ހުރިޖޯލީފަތީގައި މީހަކު އޮތްކަން ކޮކާ ހަނދުވަރުގެ ތެރެއިންވެސް އަހަރެންނަށް އެނގުނެވެ. އަހަރެން ހިނިތުންވެހުރެ ގޮސް އަލަމްއޮތް ޖޯއްޔާއި ޖެހިގެންހުރި ޖޯލީގައި އޮށޯތީމެވެ. ކުއްލިއަކަށް ވިލާގަނޑެއްގެ ނިވަލަށް ހަނދުވަނުމުން ހަނދުވަރު ފަނޑުވެގެން ދިޔައެވެ. ކައިރިގައި އޮތް އަލަމްގެ މޫނުވެސް ނުފެންނަ ވަރަށެވެ. އަލަމް ހަރަކާތެއް ނުކޮށް އެއޮތީ ކޮންމެވެސް ލާނެއްކަމެއް ކުރަންހެން ހީވެއެވެ. އަހަރެން މަޑުމަޑުން އަލަމްއާ ގާތްވީމެވެ. އަލަމް ކަމެއްކުރުމުގެ ކުރިން މިރޭކަމެއް ކުރާނީ އަހަރެންނޭ ހިތަށްއެރިއެވެ.

” ހެޕީބާރތްޑޭ ބޭބީ” އަލަމްގެ ކޮލަށް ދޮނެއްދެމުން އަހަރެން އަލަމްއަށް އުފަންދުވަހުގެ ތަހުނިޔާކީމެވެ. އެވަގުތު އަލަމްގެ މޫނުގައި ތަފާތުގޮތެއް ހުރިހެން އަހަރެންނަށް ހީވީ ، ކޮންމެވެސް ވަރަކަށް ތުބުޅީގެ އިސްތަށިން ކަށިކަށިލީހެން ހީވުމުންނެވެ. އަލަމްއަކީ އެއްވެސް ވަރަކަށް ތުނބުޅި ހުންނަމީހެއް ނޫނެވެ. އެއާއެކު ދުވި ސެންޓްވަހުން އެއީ އަލަމްނޫންކަން އަހަރެންނަށް ޔަގީންވިއެވެ. އެވަހަކީ އަހަރެންގެ ނޭފަތް އާދަވެފައިވާ ވަހެކެވެ. ހިތަށް އެރިއެއްޗަކުން ކުއްލިއަކަށް ފުންމައިގެން ޖޯލިން ތެދުވެވުނެވެ. އެއާއެކު ހަނދުވެސް ވިލާގަނޑުން ނެއްޓި މުޅިތަން އަލިކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Hot gola

    E beybe dhw

  2. Mary

    Mi vahaka v salhi

  3. xaf

    hehehehe….
    eyoh vee gotheh…
    hama varah salhi ingey….

  4. Afaa

    Beybe dho e ee. E boy ge manma akee shelly dho

  5. liz

    no no no no…y avahah ninmaileeee?
    mihaaru mivaahaka ah dhevi hifaifi

  6. Maree

    V reethi

  7. faidhaS

    O MY GOD, thivaani beybe kamah, eyna hunnani Shelyn aa faadakah alhaiganefa….. vaahaka v reethi

  8. Thaany

    Beybe,????????

  9. ken?

    alhaigenfaei noon hunnanee ? loabivevifa??

  10. Sami

    Thanks shine.I like ur stories. V nice.Adhi avahah up kuraathy v ufaavey. Mirey adhi up kohlachey. Thanks a lot.

  11. azuha

    Heheheeee e ee e baybe gadhu dho. Vara foohivay shelee aa alhaaganege nete neygi gen dho e ulhani.

  12. Azu

    Baybe ah umma dhenee…lol…vaahaka hama habeys….love all ur stories….love u maisha….????

  13. Azu

    Sorry…shine jahan vegen maisha ey jehunee???

  14. naan

    Eiy beybe dhoa?

  15. sharu

    Beybe hap mi vaahaka

  16. Emneez

    Kiyeh beybe yai liplock kiss kurias ?? fahun e dhemeehun vaa kaiveni kuraane adhi

  17. mixoo

    majaa ba eh mee

  18. Herrr

    Beybe gandu ves keekkuran ethaa othy.. hehe
    mi part hama obi.. avahah next part up kohdhee..

  19. Aish

    Hehehe vvv majaa story eh mee…vv reethi

  20. Inu

    Haadha thihthi ey shine ge stories. Can’t wait to read next part

  21. Inu

    Kudhinney. Suvaaleh kohlan beynun. Beybe ah kithah aharu? I don’t know

    1. Shine
      Inu

      he is 5 years older than shelyn….is it so old

  22. Lam

    He is so old compare to sheleen…bt this stry vvv vvvvv reethi…love it?

  23. Inu

    He is not old compare to shelyn. Hama gulhey age eh.

  24. Luba

    Its not so old only 5 years difference they have.

  25. Brainless

    5 years its not a big deal..
    Baehh marry koh ge ulhey meehun ge age difference hurey 10 years 13 years vex..
    Nice..❤

Comments are closed.