Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 8

“ދަރިފުޅު ބައްޕަ ކައިރީގައި މިވާހަކަދައްކަން ނުކެރެންޏާ މަންމަ މެދުވެރިކޮށް ދަރިފުޅު ބުނަން ބޭނުންވާ އެއްޗެއް ބައްޕަގެ ކަންފަތާއި ހަމައަށް ގެނެސްދީ. ދަރިފުޅު ހިތްހަމަޖެހޭދޯ”  އަލްޔާގެ ބޮލުގައި ފިރުމާލަމުން ޢަބްދުއްޝަކޫރު އަހާލިއެވެ. މޭގެ ތެރޭގައި އޮތް ހިތް ރޮމުންދާ އިރު ވެސް ލޯބިވާ ބައްޕަ އަށް އަލްޔާ ދިނީ ހިނިތުންވުމެކެވެ.

 

 

ދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި އޮފީހުގައި މަސައްކަތް ކުރަން އިން އަލްޔާ އިނީ ކަންތައްތައް ވެގެންދާ ގޮތުން މާޔޫސް ވެފައެވެ. ޝައިމް ދެކެ އަލްޔާ ކުޑަކޮށް ވެސް ލޯތްބެއް ނުވޭއެވެ. އެހިތުގައި ރަސްކަންކުރަމުން ދަނީ ލޫކެވެ. ލޫކް އަލްޔާ ދެކެ ލޯބިވާ ވާހަކަ ނުބުނެ އެއުޅެނީ ކީއްވެހެއްޔެވެ؟  ސަޖޫލް ބުނިހެން ކުރިން އަލްޔާ ބުނަންވީ ހެއްޔެވެ؟ އެތައް އިރަކު ވިސްުނުމަށްފަހު އަލްޔާ ވިިސްނީ ކޮންމެސް ގޮތަކަށް ލޫކާއި ބައްދަލުކުރާށެވެ. ލަދުގެ ފަރުދާ ކަހާލުމަށްފަހު ލޫކަށް އަލްޔާގެ ހިތުގެ އަޑު އިއްވާލާށެވެ. ލަދަކާއި ހުރެ ތަދެއް ނުފިލާނެއެވެ. ޢަބްދުއްޝަކޫރު ގާތުގައި މާދަމާ ވެސް އަލްޔާ ލޯބިވަނީ އެހެންމީހަކު ދެކެއޭ ބުނެފިއްޔާ ދެކޮޅެއް ނަހަދާނެކަން އަލްޔާ އަށް ޔަގީންވެއެވެ. ނަމަވެސް އަލްޔާ އަށް ވިސްނަން އުނދަގޫވީ ލޫކާއި ބައްދަލުކުރާނެ ގޮތެކެވެ. އެންމެ ފަހުން ހިޔާލެއް ހޯދާލަން ގުޅާލި ސަޖޫލް ދިން ހަބަރަކުން އަލްޔާ އަށް ހެވުނެވެ. ސަޖޫލްގެ އެކުވެރި ބީނާ އޭނާގެ ފިރިމީހާ ގޮވައިގެން ބޭހަކަށް ގަމަށްދާ ހަބަރު ލިބުމުން އުފާ ނުވާނޭ ހެއްޔެވެ؟  ލޫކް ކައިރިއަށް ދެވޭނެ ގޮތް އެކަލާނގެ އަލްޔާ އަށް މިންވަރުފުޅު ކޮށްދީފިއެވެ. ދެން އޮތީ ހިތްވަރާއެކު ކުރިމަތިލުމެވެ.

 

“ޒާން ބުށްތަށި ބުއިންތަ”  ސޯފާގައި އޮތް ޝައިމް ފޯނުން ވާހަކަދައްކަމުން އެދަނީ އޭނާގެ ފުރަތަމަ ދަރިފުޅު ފަސް އަހަރުގެ ޒާން  އާއެވެ. ތުއްތު ދަރިފުޅު އުރާލައިގެން އެވަގުތު ޝެނާ ޖެހިގެން ހުރި ސޯފާގައި އިށީނެވެ. ޝައިމްގެ ހިތްހަމަޖެހިފައިވާ މޫނު ފެނުމުން ޝެނާ ގެ ހިތް ފުރުނެވެ. އޭނާގެ ކޮއްކޮ ހިނިތުންވެފައިވާ މޫނު ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ. “އެހެންތަ! ޒައި ކޮއްކޮ ސްކޫލުން އައިމަ ބުނައްޗެ ބައްޕިއަށް ގުޅައްޗޭ. މިގޭގައި ވެސް މިހާރު ކުޑަކުޑަ ބޭބީއެއް އެބައޮތް. އެނގޭތަ ދޫނި އަށް ބޮޑުމަންމި އެބޭބީ އަށް ދިނީ ކޮން ނަމެއް ކަން. ޒޫނީ. ދަރިފުޅު ބުނި ނަމެއްނު ދޯ އެއީ”  ޝައިމް ފޯނު ބާއްވާލަމުން ޝެނާ އަށް ބަލާލިއެވެ. އަދި ސޯފާ އިން ތެދުވެލާ ޝެނާ އުނގުގައި ހޭލާ އޮތް ޒޫނީ އުރާލިއެވެ.

“ދޮންތަ ވަރަށް އުފާވޭ ކޮއްކޮ ތިގޮތަށް އުފާވެފައި ހުރީމަ”  ޒޫނީ އުނގުމައްޗަށް ލައިގެން އިން ޝައިމްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޝެނާ ބުންޏެވެ. “އާނ! ދޮންތާ! އަޅުގަނޑު މިހުރީ ވަރަށް އުފަލުން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑު އެމީހެއްދެކެ ހިތާ ފުރާނައިން ލޯބިވާ ފަރާތް ދެން އަޅުގަނޑުގެ މިލްކަކަށް ވާން އޮތީ ކުޑަ ދުވަސްކޮޅެއް. ލައި ފާޅުގައި އާއެނކޭ ނުބުންޏަސް ޔަގީން ޢަބްދުއްޝަކޫރުބޭގެ ބަހަކާއި ދެކޮޅެއް ނުވާނެކަން”  ހަގީގަތުގައި ވެސް ޝައިމް އިނީ ވަރަށް އުފަލުންނެވެ. “އެކަމަކު ކޮއްކޯ. ޒާން އާއި ޒައިނީގެ ހަގީގަތް އަލްޔާ އަށް ކިޔާނުދީ ތިކަން ކުރާކަށް ދޮންތައަކަށް ނުފެނޭ. ފަހުން ރޯންޖެހުނީމަ ހިތް ފަޅައިގެންދާވަރުވާނެ. ކޮއްކޮ އަށް ބުނަން ނުކެރެންޏާ ދޮންތަ ބުނެފާނަން”  ޝެނާ ބުންޏެވެ. ޝައިމް ހީވީ ތެޅިގަތްއިރު ރޯމަހެއް ހެންނެވެ. އަދި އޭނަ އަކީ އަކީ ކުޑަ ދެކުދިންގެ ބައްޕައެއް ކަން އަލްޔާ އަށް އަންގަން ބޭނުމެއް ނުވެއެވެ. ލޯބި ލިބިފައި އަތުން ބީވެގެންދާ މަންޒަރު ބަލަން ކެތްވާނީ ކޮންހިތަކަށް ހެއްޔެވެ؟  އެހަގީގަތް ނާންގާ ވެސް ޝައިމް އާއެކު އުފާވެރި ހަޔާތެއް އަލްޔާ އަށް ލިބޭނެ ކަމުގައި ޝައިމް ޔަގީންކުރޭއެވެ. ސަބަބަކީ އެކުދިން ތިބެނީ ކުދިންގެ މަންމަ ކައިރީގައި ކަމަށްވާތީއެވެ.

 

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތުގައި ދޯނިން ޖެޓީ މައްޗަށް ފުންމާލި އަލްޔާ ދެފަޔަށް ބާރުލީ އަލުވިމާގެ އާއި ދިމާލަށް ދިއުމަށެވެ.  ލޫކްގެ ކުރިމަތީގައި އަލްޔާގެ ހިތް ހުޅުވާނުލެވެނީސް އަލްޔާ ދެން ހިތްހަމައެއް ނުޖެހޭނެއެވެ. އަލްޔާ ގޮވަމުން ފަހަތުން ދުވެފައި އައި ސަޖޫލް މާނޭވާ ލާން ފެށިއެވެ.  “ސާބަހޭ. ވަރުބަލިވެއްޖޭ ލައި ފަހަތުން ދުވެދުވެ. ތަންކޮޅެއް މަޑުން ހިނގިއަސް އެގެއަށް ދެވޭނެ”  މާނޭވާ އަޅަމުން ސަޖޫލް ވާހަކަދެއްކިއެވެ. އަލްޔާ ހަމަ ބަހެއް ވެސް ނުބުނެ ކުރިއަށް ދިޔައެވެ. ހައިރާންވެފައި ހުރި ސަޖޫލް ވެސް އަލްޔާ އާއި އެއްހަމައެއްގައި ފިޔަވަޅު ހަމަކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

އަލުވިމާގެ ގޯޅިއަށް ވަދެވުމާއެކު އަލްޔާ ދުއްވައިގަތެވެ. ސަޖޫލް ވެސް ފަހަތުން ދުއްވައިގަތެވެ. މަގުމަތީގައި ތިބި މީހުން ބެލިޔަސް އަލްޔާގެ ފަރުވާލެއް ނެތެވެ.

“އަނބިގަބޫލުކޮށްފިން”  އަލްޔާގެ ކަންފަތުގައި އެޖެހުނީ ލޫކްގެ އަޑު ނޫން އެހެން އަޑެއް ނޫނެވެ. މާގިނަ މީހުން ނެތަސް ކައިވެނި ހަފްލާއެއް ކުރިއަށްދާކަން އަލްޔާ އަށް ވިސްނުނެވެ. ކައިވެނިވި ދެމަފިރިން އަލްޔާ އަށް ފުރަގަހަށް އިނަސް އެފިރިހެނާ އަކީ އަލްޔާގެ ހިތުގެ ރަސްގެފާނުކަން ދެނެގަތެވެ. އަލްޔާ އަށް ހީވީ އުޑު ބޯމައްޗަށް ވެއްޓުނު ހެންނެވެ. މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. ހުވަފެނަކަށްވޭތޯ ހިތާހިތުން ދުޢާ ކޮށްލެވުނެވެ. މޭގައި އަތް އަޅާލެވުނީ ހިތުގައި ރިއްސައިގަތްވަރުންނެވެ. އިހުތިޔާރަކާއި ނުލާ ދެލޯ ފުރިގެން އައެވެ. އިސާހިތަކު އަލްޔާގެ މޫނު މައްޗަށް އަނދިރިވެ އަރި އަޅާލިއެވެ.

އެއްޗެއް ބިންމައްޗަށް ވެއްޓުނު އަޑަށް ހުރިހާ މީހުންނަށް އެއްކޮށް ބަލާލެވުނެވެ. ކުޑަމަނިކެ ބާރަކަށް ދުވެފައި އައިސް އަލްޔާގެ ބޮލާއި ދިމާލުން ތިރީގައި އިށީނެވެ. ލޫކާއި މިކްހާ ވެސް ކައިރިވެލިއެވެ. ސަޖޫލް ވެސް އަލްޔާ ކައިރީގައި އިނީ ރޮވިފައެވެ. އަލްޔާގެ އިސްތަށިގަނޑު މޫނު މައްޗަށް ފެތުރިފައި ވުމުން ކާކުކަން ދެނެގަންނާކަށް އެއްވެސް މީހަކަށް ނޭނގުނެވެ. ހިތާމައިގެ ތަސްވީރެއް ފަދައިން ހުރި ލޫކްގެ ހިތުގައި ހިފާ މީހަކު ފިތާއިގަތްހެން ހީވީ އަލްޔާ ކައިރީގައި އިން ސަޖޫލް ފެނުމުންނެވެ. އަވަސް އަވަހަށް ވެއްޓިފައި އޮތް އަލްޔާ އަށް ބަލާލިއެވެ. އިންޒާރަކާއި ނުލާ ލޫކްގެ ދެލޯ ފުރިގެން އައުމާއެކު އަތުގެ ބޮޑުވާ އިނގިލިން ފޮހެލިއެވެ. ކުޑަމަނިކެ އަލްޔާގެ އިސްތަށިގަނޑު އެއްކައިރިކޮށްލުމާއެކު ލޫކްއަށް ނުހުރެވުނެވެ. އަލްޔާގެ ހަށިގަނޑު ލޫކްގެ އަތްދަނޑި މައްޗަށް އުފުލާލީ ކައިރީގައި ހުރި މިކްހާ އަށް ވެސް ބަލާނުލައެވެ.

ކުޑަމަނިކެ ވެސް ހުރީ އެގެއިން އެވަގުތު އަލްޔާ ފެނުމުން ހައިރާންވެފައެވެ. ސަޖޫލް ކައިރީގައި އަހާލަން ވެސް އުޅެފައި ފުރަތަމަ އިސްކަމެއް ދިނީ އަލްޔާ އަށް ފަރުވާއެއް ދިނުމަށެވެ. ކުޑަމަނިކެގެ ކޮޓަރީގައި ހުރި އެނދެެއް މަތީގައި އަލްޔާ ބާއްވާލަމުން ލޫކް އެމޫނަށް ވަރަށް ކައިރިން ބަލާލިއެވެ. އަލްޔާގެ ދެލޯ ކައިރީގައި ފާޅުވާން ހުރި ކަރުނަތައް ފެނުމުން ލޫކްގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބިގެން ދިޔައެވެ.

ފެންތައްޓެއް ހިފައިގެން ކައިރިވި ކުޑަމަނިކެ ފެނުމުން ލޫކް ފަހަތަށް ޖެހެމުން ގޮސް ކޮޓަރިން ނިކުންނަމުން ސަޖޫލަށް ބަލާލިއެވެ. ލޫކްގެ ފަހަތުން ސަޖޫލް ނިކުތެވެ.  “ލޫކްގެ ކައިވެނިކަމެއް ނުވެސް އެނގޭ. ކީއްތަވާނީ ބުނެލިނަމަ”  ސަޖޫލް ބުންޏެވެ.  “ލައި ކީއްކުރަން މިރަށަށް އައީ. އެވެސް މިވަގުތު”  ލޫކް ސަޖޫލާއި ސުވާލުކުރިއެވެ. “މަށަށް ހީވަނީ އަލްޔާ މިރަށަށް އައި ސަބަބެއް ބޮޮޑަށް އެނގޭނެ މީހަކީ ތީހެން”  ސަޖޫލް ލޫކް ގެ ކުރިމަތީގައި ހުރެ އެމޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ބުންޏެވެ. ލޫކް ސަޖޫލަށް ފުރަގަސް ދިނީ އެ މޫނު މަތީގެ ކުލަވަރުތައް ސަޖޫލަށް ސިއްރު ކުރުމަށްޓަކައެވެ.

“ތިދެމީހުން ދޭތެރޭގައި ހިނގި ކަމެއްފަހުން ލައި ވަނީ މަށަށް ކިޔާދީފައި. ކީއްވެ ލައި އަށް ތިވަރުގެ ދެރައެއް ތިދިނީ. ލޫކް ކައިރީގައި ލޯބިވާ ވާހަކަ ބުނުމަށްޓަކައި  އެފަކީރު މޮޔައެއްހެން މިރަށަށް އެއައީ. އެކަމަކު ބަލާލަބަލަ. ކިހާ ރީތި މަންޒަރެއް އެފެނުނީ. އެންމެ ފަހަރަކު ވެސް ލޫކް ބުނެލިނަމަ ތިދެމީހުން މެދުގައި ހިނގި ކަމެއް ފަހުން ހަނދާން ނައްތާލާށޭ. ތިހާ އަނިޔާވެރިކޮށް އަންހެންކުއްޖެއްގެ ހިތް ދެފަޅިކޮށްލަން ވެދާނެތަ؟ ތިގޮތަށް ކަންތައް ކުރިއިރު ވެސް ލޫކްގެ ހިތަށް އެއްޗެކޭ ނާރާތަ؟ ލޫކް ލޯބިން ކުރި ކޮންމެ ކަމަކަށް ލައި ފުރުސަތުދީގެން ހުރީ އެހިތުގައި އެއްޗެއް އޮވެގެން ކަން ނޭނގޭހާ ގަމާރެއްތަ ތީ؟ އަންހެންކުއްޖެއްވީމަ އެހެން ފިރިހެނުންނެކޭ އެއްގޮތަށް ބޭނުންގޮތެއް ހަދާލީދޯ. ތީ ހަމަ ތިކަހަލަ މީހުންގެ ފާޑު”  ސަޖޫލް ކިޔާނެ އެއްޗެއް ކިޔަންދެން ލޫކް ހުރީ އަޑުއަހާށެވެ. ލޫކަށް އަމިއްލަ ކުށް އިހުސާސް ކުރެވޭ ކަހަލައެވެ.

ލޫކްގެ ދުލުގައި ތަޅެއް އެޅިފައިވާ ކަހަލައެވެ.  “އަހަރެން ކުޑަކޮށް ވެސް އެފަދަ ނަޒަރަކުން ލައި އާއި މެދު ނުދެކެން. އަހަރެން ލޯބިވާ މީހާ އާއި ކައިވެނި މިކުރެވުނީ. ހިއެއް ނުކުރަން ލައި އެގޮތަށް ދެކެފާނެ ކަމަކަށް. ހެހެހެ. ލައި ހާދަ މޮޔައޭ ދޯ. އަހަރެން އެގޮތަށް ކޮށްލި ސަމާސާއެއް ލައި އެހާ ސީރިއަސްކޮށް ނަގާފާނެ ކަމަކަށް އަހަރެން ހިތަށް ވެސް ނާރާ. ހެހެހެ…”  ފަޓްލޫނުގެ ދެޖީބަށް އަތް ޖަހާލައިގެން ހުރެ ވާހަކަދައްކަމުން ލޫކް މަޑުކޮށްލީ ސަޖޫލް ގެ ފުރަގަހަށެވެ. އެއާއެކު މިހުރިހާ އިރު ސަޖޫލް ކުރިމަތީގައި ހިނިތުންވެފައި ހުރި ލޫކް ގެ މޫނު މަލެއްހެން މިލާ މޯޅިވިއެވެ. އައި ރުޅި މަތީގައި ސަޖޫލް ދަތްކުނޑި ވިކާލިއެވެ. ލޫކްގެ މޫނުމަތިން ލޭކޮށާލާފާނަމޭ ސަޖޫލްގެ ހިތަށް އެރިއެވެ. ބަހެއް ވެސް ނުކިޔާ އެތެރެއަށް ވަދެގެން ދިޔައީ ލޫކް އަށް ދެލޯ އަޅާލާފައެވެ.

ގޯތީގެ ފުރަގަހުގައި އިންދާފައި ހުރި ކެޔޮގަސްތައް ތެރޭގައި ހުރި ލޫކަށް ކެތްކޮށްލެވުނީ ކިރިޔާއެވެ. ހުރި ދިމާލުން ތިރީގައި އިށީނދެވުނީ ގޮތްހުސްވެފައިވާ މުސާފިރެއް ފަދައިންނެވެ. ހަގީގަތުގައި ލޫކް އަލްޔާ ދެކެ ވާ ލޯތްބަށް ވުރެ ވެސް މާބޮޑަށް މިއަދުު އަލްޔާ ލޫކް ދެކެ ލޯބިވާކަމަށް ގަބޫލުކުރެވިއްޖެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ބޮޑު ކަނޑެއް ހުރަސްކޮށްފައި ލޫކް ކައިރިއަށް އަލްޔާ އައި އައުމެވެ. ލޫކް އަށް ރޮވެން ފެށުމުން ހުދު ލޫކް ވެސް ހުރީ ގަބޫލު ނުކުރެވިފައެވެ. ފަހުގެ ތާރީހެއްގައި ލޫކް ރޮއެ ހަނދާނެއް ނުވެއެވެ.

ލޫކްގެ ފަރާތުން އަލްޔާ އަށް މިލިބުނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ މިއަދު އެހިތަށް ހާދަ އަސަރެއް ކުރާނެއެވެ. އަލްޔާ ދެކެ ވާލޯބި ހާމަކުރަން ލޫކް ވެސް ބޭނުމެވެ. ވަރަށް ބޮޑަށް އެދޭ ކަމުގައި ބުނެ އަލްޔާގެ އުނގުތެރޭގައި އެންމެ ފަހުނޭވާ ދޫކޮށްލަން ލޫކް އިންތިހާއަށް ބޭނުމެވެ. ލޫކްގެ ހަފަރާތުން ވަށައިގެން ވަނީ އަލްޔާ އާއި އެކުގައި ހޭދަކުރެވުނު ލޯބިވެތި ހަނދާންތަކެވެ. ނަމަވެސް މިއަދު ކުރާނެ އެއްވެސް ކަމެއް ނެތެވެ. މިއަދު ލޫކް އަކީ މީހެއްގެ ފިރިއެކެވެ.

ލޯބިވާ ބައްޕަ ދަރާފައިވާ ބޮޑު ދަރަންޏަކުން ސަލާމަތްކޮށްދިނުމަށްޓަކައި ލޫކްގެ ލޯބި ގުރުބާން ކުރީއެވެ. ލޫކްގެ ހަޔާތުގައި އަލްޔާ އާއި ދިމާ ނުވިނަމައެވެ. އެ އަންހެންކުއްޖާ އާއި ދޭތެރޭގައި ލޫކްގެ ހިތުގައި ލޯބި ނުއުފެދުނު ނަމައެވެ. ގަމީހުގެ ޓައީ އަށް ދޫކުރަމުން އެތެރެއަށް ވަން ލޫކް ހުރީ ގޮތެއް ނިންމިއެވެ. ލޫކްގެ ހަނދާނުގައި އަލްޔާ އުމުރު ހުސްކޮށްލަން ބޭނުންނުވާ ވަރަށް އެހިތުގައި ލޫކާއި މެދު ފޫހިކަން އުފައްދަން ބޭނުމެވެ.

އަލްޔާ ހަމައަކަށް އެޅުމުން ކުޑަމަނިކެ އަލްޔާ އާއި ސުވާލުކުރިއެވެ. ޖަވާބުގައި އަލްޔާ ބުނީ އެރަށަށް އައީ ބޭހަކަށް ކަމަށާއި އެގެއަށް ދިޔައީ ކުޑަމަނިކެ އާއި ބައްދަލުކުރަން ކަމުގައެވެ. ކުޑަކޮށް ބަލިވެ އުޅުމުން އަދި ކަނޑުމަގުން ދަތުރު ކުރުމުން ބޮލަށް އެނބުރުން އެރީ ކަމުގައެވެ. އަލްޔާގެ ވާހަކަތައް ކުޑަމަނިކެ ގަބޫލު ކުރިއެވެ. އަލްޔާގެ ބޮލުގައި ފިރުމާލާ ބޯ މަސާޖު ވެސް ކޮށްދިނީ ކުޑަމަނިކެއެވެ. ސަޖޫލާއި އެކުގައި އަލްޔާ ނިކުމެގެން ދާން އުޅުމުން ކުޑަމަނިކެ ބުނީ ފުރަންވަންދެން އެގޭގައި މަޑުކުރުމަށެވެ. ރޭގަނޑުގައި ލޫކްގެ ކައިވެނީގެ އުފަލުގައި އާއިލާ މީހުން ތައްޔާރުކޮށްފައިވާ ކުޑަކުޑަ ސައިފޮދުގައި ބައިވެރިވާންވާނެ ކަމުގައި ކުޑަމަނިކެ ވަނީ އަލްޔާ އާއި ސަޖޫލް ކައިރީގައި އެދިފައެވެ. ނަމަވެސް އަލްޔާ އަށް އެކަންވާނެ ހެއްޔެވެ؟ އަލްޔާގެ ލޯބިވެރިޔާގެ ކައިވެނީގެ އުފަލުގައި ކިތައްމެ މީރުކާނާ ތައްޔާރުކުރެވިފައި ހުއްޓަސް އޭގެއިން ލާ ރަހަ ހިތި ހަބަރެކޭ އަލްޔާ އަށް ވާނީ އެއްގޮތެވެ.

ކޮޓަރީގައި އިޝާނަމާދަށް ސަޖޫލް ހުރިއިރު އަލްޔާ ފަތްޖެހިއެނދުގައި އޮށޯވެގެން މަތީގައި ހުރި ދަގަނޑު ޓިނު ތަކަށް ނަޒަރުހުއްޓާލައިގެން ބޯ މައްޗަށް އަތްނަގައިގެން އޮތީ ފުން ވިސްނުމެއްގައެވެ. ލޮލުގެ ދެއަރިމަތިން ކަރުނަ ތިއްކަކަށް ފަހު ތިއްކެއް ވެއްޓެމުން ދިޔައެވެ. ލޫކްގެ ލޯތްބަށް އެދި މިރަށަށް ނާދެވުނުނަމައޭ ހިތަށް އަރަމުން ދިޔައެވެ.  “ނުނިކުންނާނަންތަ ބޭރަށް. މިގޭ ދައްތަ ދެރަވާނެ ލައި ނުނިކުތީމަ”  ސަލާމް ދިނުމަށްފަހު ނަމާދު ދޮޅި ގަޔާ ވަކިކޮށްލަމުން ސަޖޫލް ވާހަކަދެއްކިއެވެ.  “ސަޖޫޫ ނިކުމޭ. މަށެއް ނުދާނަން. މިތަނުގައި މަށަށް ހީވަނީ މަށަށް ރަނގަޅަށް  ނޭވާ ވެސް ނުލެވޭހެން. އަހަރެން ބޭނުމީ މިތަނުން ނިކުމެގެން ގެއަށް ދާން. އެހެންނޫނަސް އަހަރެންގެ މި ހިތަކަށް ކެތެއް ނުވާނެ ލޫކް ފެންނަ ހިސާބަކަށް ދާކަށް. މި ހިތަށް ހާދަ އަސަރެއް އެބަ ކުރެޔޭ. ވިސްނާ ވިސްނާ ވެސް ލޫކް އެގޮތަށް ކަންތައް ކުރަން ޖެހުނީ ކީއްވެކަމެއް ނޭނގުނު”  އަލްޔާ ބަލަން އޮތް ދިމާލުން ނަޒަރު ވަކިކޮށްނުލާ ވާހަކަ ދެއްކިއެވެ.  “އޭނަ އެގޮތަށް ކަންތައްކުރި ސަބަބެއް ލައި އަށް ހަމަ ނޭނގުނުތަ. އެކަމަކު މަށަށް އެނގިއްޖެ. އޭނަ އެގޮތަށް ކަންތައް ކުރީމަ އެކަމުން ދޭހަވަނީ އެންމެ މާނައެއް. އެއީ ދުވަހެއްގައި ވެސް އޭނައެއް ނެތް ލައި އާއި ދޭތެރޭ ސީރިޔަސް ކޮށް ގުޅުން ބާއްވާފައެއް. ނޫންނަމަ މިއަދު އޭނަގެ އަންބެއްގެ މަގާމުގައި މިގޭގައި ހުންނަން ޖެހޭނީ ލައި”  ސަޖޫލްގެ ވާހަކަތަކަށް އަލްޔާގެ ހިތުގެ އެއްކަނުން އެއްބަސް ވެވުނެވެ.  “ލައި ރެސްޓްކޮށްލާ. އަހަރެން އަންނާނަން ނިކުމެލާފަ. މިގޭ ދައްތަ ސުވާލުކުރިއްޔާ ބުނާނަން ލައި އަށް އޮތީ ނިދިފައޭ. ދެން މިހެން ބުނީމަ ކުރިން ނިދާނީކީ ނޫން”  ސަޖޫލް ހީލުމަށްފަހު ދޮރު ހުޅުވާލާފައި ބޭރަށް ނިކުތީ އެތެރެއިން ލޮކް ކޮށްފައެވެ.

ސަޖޫލް ނިކުތުމާއެކު ލޫކްގެ ހަނދާންތައް އަނެއްކާ ވެސް އަލްޔާގެ ވަށާލިއެވެ. މާބޮޑަށް ރޮވެން ފެށިއެވެ. ހިމޭންކަމާއެކު ސިއްރުން ރޮމުން ދިޔަ އަލްޔާގެ އަޑުފެޅި އިރެއް ވެސް ނޭނގެއެވެ. ކޮޓަރި ތެރޭގައި އެއްއަޑަކަށް އިވެމުން ދަނީ އަލްޔާގެ ވޭނީ ގިސްލުމުގެ އަޑެވެ. ބޭރުން މީހަކަށް އަޑު އިވިދާނެތީ ބާލީސް މޫނުމަތީގައި އަޅާ ބާރުކޮށްލައިގެން އޮތް އިރު ފެނުު ކޮންމެ މީހެއްގެ ހިތް ފަޅައިގެންދާނެކަން ކަށަވަރެވެ.

އެނދުގައި ރޯން އޮތް އަލްޔާ އަށް ކޮޓަރި ތަޅު ހުޅުވާފައި މީހަކު ވަންކަން އެނގެއެވެ. ބަލާނުލީ އެކޮޓަރިއަށް މިވަގުތު ސަޖޫލް ނޫނީ އެހެން މީހަކު ނުވަންނާނެކަން އެނގޭތީއެވެ. ސަޖޫލް ކޮޓަރި ތަޅުލާފައި ނިކުތީ އަލްޔާ ބަލަހައްޓައިގެން އޮށްވައެވެ. ކޮޓަރި މެދުގައި ހުރި ލޫކްގެ ހިތްހީވީ ކުދިކުދި ވެދާނެހެންނެވެ. އެ އަންހެންކުއްޖާ އަށް އެހާލު ޖެހުނީ ހަމަ ލޫކްގެ ސަބަބުން ހެއްޔެވެ؟ ލޫކް ދެކެ އަލްޔާ އަށް އެމިންވަރަށް ލޯބިވެވުނީ ކޮންއިރަކުބާއޭ ހިތަށް އަރަމުން ދިޔައެވެ. އެނދުގައި އުއްޑުން މޫނުމަތީގައި ބާލީހެއް އަޅައިގެން އޮތް އަލްޔާގެ ފުރިހަމަ އިސްކޮޅަށް ލޫކް ބަލާލިއެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ނަމަވެސް އެރީތިކަން ދެން ލޫކަށް މިލްކު ވުމެއް ނެތެވެ.  “އާހް”  ލޫކް މޭގައި ފިރުމާލީ ހިތުގައިޖެހިފައި އެހިތް ރޯވަރުންނެވެ.

“ލައި”  އަލްޔާގެ ކަންފަތަށް އެއިވުނު އަޑަކުން ފުންމައިގެން ތެދުވިއެވެ. ކުރިމަތީގައި ހުރި ލޫކް ފެނުމާއެކު އިސްޖަހާލިއެވެ. އަލްޔާގެ ދެލޯ ފެނުމާއެކު ލޫކް އެހެން ދިމާލެއް ބަލަން ފެށީ ބުނަން ބޭނުންވާ އެއްޗެއް ނުވަތަ ކުރަން ބޭނުންނުވާ ކަމެއް ކުރެވިދާނެތީއެވެ.  “އަހަންނަށް މާފްކުރާނަންތަ” ހިނދުކޮޅަކަށްފަހު ލޫކް ބުނެލިއެވެ. އަލްޔާ ކޮޅަށް ތެދުވެ ލޫކް އަށް ފުރަގަސް ދިނެވެ.  “މާފަށް އެދޭ ވަރުގެ ކަމެއް ލޫކަށް ކުރެވިފައި އޮތީތަ”  އަލްޔާ ސުވާލު ކުރިއެވެ.  “އެބައޮތް ކަންނޭނގެ. މާފް ނުކުރިޔަސް އަހަރެން ކުރާނެ ކަމެއް ނެތް. އަހަރެންނަކީ މީހެއްގެ ފިރިއެއް. އަހަރެން އަހަރެންގެ އަނބިމީހާ އަށް ވަފާތެރިވާން ބޭނުން”  ލޫކް ހިތްވަރާއެކު ވާހަކަދައްކަމުން ދިޔައެވެ.

“އެހެންތަ! ކާކުތަ ބުނީ އަނބިމީހާ އަށް ބޭވަފާތެރިވާށޭ. އަހަރެން ކައިރީގައި ތިހެން ތިބުނީ ލޫކްގެ ދިރިއުޅުން އަހަރެން ހަލާކުކޮށްލާނޭ ހީވާތީތަ؟ އެގޮތަށް ނުވިސްނައްޗޭ. އަހަރެންނަކީ އެހާ ނުބައި މީހެއް ނޫން.  އަހަރެން ދުވަހަކު ވެސް ފިރިހެންކުއްޖެއްގެ އިހުސާސްތަކާއި ކުޅެފައެއް ނޯންނާނެ. ލޫކް ގެ އަންހެނުންނަކީ އަހަރެން ކަހަލަ އަންހެނެއް. އަހަރެން އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުން ހަލާކެއް ނުކުރާނަން. ސުވާލަކީ ތި އިންސާނާ އަށް އެ އަންހެންކުއްޖާ އަށް ވަފާތެރިކަންމަތީ ހުރެވޭނެ ކަމުގެ ކިތަށް ޕަސެންޓް ޔަގީންކަމެއްހޭ އޮތީ” ހިތަށް އައިހާ އެއްޗެއް ގޮވަލަން ބޭނުންވިއެވެ.  އަލްޔާ އަށް ހިތްވަރުލިބުނު ގޮތެެއް ވެސް ނޭނގެއެވެ.

އަލްޔާގެ ވާހަތަކުން ލޫކް ގެ ހިތުގައި ކިތަންމެހާ ވެސް ބޮޑަށް ޖެހުނެވެ. އަލްޔާ ގެ ބޭނުމަކީ ލޫކް ވަރަށް ބޮޑަށް ދެރަކޮށްލުން ކަމުގައި ވާނަމަ އެކަންތައް ކާމިޔާބުވެއްޖެއެވެ. ލޫކް ހިތުގައި ޖެހުނަސް ކެތްކުރިއެވެ.  “ހެހެހެ….ތި ބޭރުކޮށްލީ ވަރަށް ފިލްމީ ބަސްކޮޅެއް. އައިމް އިމްޕްރެސްޑް… ރިއަލީ…. ހެހެހެ…. ނާހާނަންތަ އަހަރެން މާފަށް މިއެދުނީ ކޮންކަމަކަށްތޯ” ކޮޓަރީގައި ދެކޮޅަށް ހިނގަމުން  ލޫކް ބުންޏެވެ.  “އޯކޭ ނޭހިޔަސް.އެކަމުވެސް ބުނެފާނަން. އަލްޔާ އާއި އެކު ބައްދަލުވި ކޮންމެ ތަނަކުން ކިސް ކުރެވިފައި ހުރީމަ. އެއީ އަހަރެން ކޮށްގެންވާނެ ކަމެއް ނޫން. އެކަމަކު ގެއްލިއްޖެ ވަގުތެއް އަނބުރާ ނުއެއް ގެނެވޭނެދޯ. އެހެން އެކަންތައް ވީ ވެސް އަލްޔާ ވެސް ދޭން ހުރީމަ ދޯ. އަންހެނަކު އެހާ ވަރުން އުޅެންޏާ ފިރިހެނަކަށް ކިހިނެއް ކެތްވާނީ. ނެކްސްޓް ޓައިމް ބީ ކެއަރފުލް”  ފަޓްލޫނުގެ ދެޖީބަށް އަތް ޖަހާލައިގެން ހުރި ލޫކް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލިއެވެ.

“ވަރަށް ފަސޭހަދޯ ތިހެން ބުނަން. އެނގޭތަ އެހުރިހާ ރެއަކު ލޫކް ތިކުރި ކަންތަކުގެ މާނަ އަހަރެން ނެގީ ކިހިނެއްކަން. އެނގޭތަ އަހަރެން އެގޮތަށް ކަންތައްކުރީ ކީއްވެކަން.  އަހަރެން ވިސްނީ އެއީ ލޯބި ކަމުގައި. ލޫކް އަހަރެން ދެކެ ލޯބިވާ ކަމުގައި ހީކުރިން. ލޫކް އަނގައިން ލޯބިވެޔޭ ނުބުންޏަސް ތިދެލޯ އަހަރެންނަށް ބުނެދިނީ އެގޮތަށް. އެނގޭތަ ލޫކް މިރޭ ތިކުރި ކަމަކުން އަހަރެންގެ ހިތުގައި ޖެހުނު ވަރެއް. މިދުނިޔޭން ވެސް އަހަރެން އެންމެ ފުރަތަމަ ލޯބިވި އިންސާނަކީ ތީ. ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އަހަރެންގެ ނަސީބުގައި ކުޑަކުޑަ އުނިކަމެއް ހުރިތީ އަހަރެންގެ ފުރަތަމަ ލޯބި ކާމިޔާބު ނުވީ. އެކަމު ކޮންމެކަމެއް ވެސް ވާނީ ރަނގަޅަކަށް. ތިކަހަލަ ނުބައި މީހެއްގެ ކިނބައިން އަހަރެން ސަލާމަތްކޮށްދިން ފަރާތަށް ޝުކުރު ކުރަން. އަހަރެންނަށް ލޫކް ދެކެ މިހާވަރަށް ލޯބިވެވުނީވެސް ލޫކްގެ ސަބަބުން. ކީއްވެ އެގޮތަށް އެރޭ ތަކުގައި ކަންތައްކުރީ. އަހަރެންގެ ކުށަކީ ކޮބާ؟ ދުވަހަކު ވެސް އަހަރެން އިސްއުފުލާ ކުރިން ލޫކަށް ބަލާލިންތަ. ތި ޖިސްމުގައި ބީހުނިންތަ؟ ކީއްވެތަ މަށާ ދޭތެރޭ ތިހާ ދަށުދަރަޖައިގެ ވިސްނުމަކުން ތި ވިސްނީ؟ ފަހަރެއްގައި ވެސް އަހަންނަކީ ލޫކް ތި ހީކުރާކަހަލަ ކުއްޖެއް ނޫން. އަހަރެންގެ ނަފްސަކީ ތޯހިރު ނަފްސެއް. ލޫކް ޖަވާބުދީބަލަ؟ އަހަރެންގެ އިހުސާސްތަކާއި ތިގޮތަށް ކުޅެގެން ހާސިލްވި ފައިދާއަކީ ކޮބާ؟

އަލްޔާ އަށް ރޯންފެށުމުން އެތަނުގައި އިތުރަށް ހުންނާކަށް ލޫކް ބޭނުމެއްނުވިއެވެ. ހިތްވަރާއެކު އެހިސާބަށް ދެވުމުން އަމިއްލަ އަށް ބޭޒާރުވާން ނޭދޭތީ އަވަސް އަވަހަށް އެކޮޓަރިން ބޭރަށް ނިކުތެވެ. އެވަގުތު އެއީ ސަޖޫލް އެކޮޓަރިއަށް އައިސް ވަން ވަގުތެވެ. އަލްޔާ ސަޖޫލްގެ ގައިގާ ބައްދާގަތެވެ. “ސަޖޫޫ! އަހަރެން ބޭނުމީ މިތަނުން ދާން”  ސަޖޫލްގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން އޮތް އަލްޔާ ރޮމުން ބުނަމުންދިޔައެވެ. ސަޖޫލް އަލްޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

ރަށަށް އެނބުރި އާދެވުމާއެކު އަލްޔާ އެންމެ ފުރަތަމަ ވެސް ބޭނުންވީ ޝައިމް އާއި ބައްދަލުކުރާށެވެ. ޝައިމްގެ އަންބަކަށް ވުމަށް އަލްޔާ ހުރީ ނިންމައިގެންނެވެ. އަލްޔާގެ މައިންބަފައިން އެދޭ ގޮތަކީ ވެސް އެއީއެވެ. މިހާރު ލޯބިނުވި ކަމުގައި ވިޔަސް އިނީމަ ހިތް ބަދަލުވެދާނޭ އަލްޔާ ހީކުރިއެވެ. ޢަބްދުއްޝަކޫރާއި މިޔާނާ އަށް އަލްޔާގެ ޖަވާބު ލިބުނު ހިނދު އުދުއްސައި ނުގަތީ ކިރިޔާއެވެ. މިހާރުން ފެށިގެން ކައިވެނީގެ މަސައްކަތް ފެށީކަމުގައި ބުންޏެވެ.

ގޭތެރޭގައި ޝައިމް އަށް އުޅެވޭ ނޫޅެވޭ ގޮތެއް ވެސް ނޭނގެއެވެ. އޭނާގެ ހުވަފެންތަކުގެ ރާނީ މުޅި އުމުރަށް އެހަޔާތަށް އަންނަނީއެވެ. އަލްޔާ ލިބުމަށްފަހު މިދުނިޔޭން ޝައިމް ބޭނުން އެއްވެސް އެއްޗެއް ނެތެވެ. ޝެނާ ވެސް ކޮއްކޮ އަށް މަރުހަބާ ކިއިއެވެ. މެސެޖަކުން ޝައިމް އަލްޔާ އާއި ބައްދަލުކުރަން ބޭނުންވާ ކަމުގައި ބުންޏެވެ. އަލްޔާގެ ޖަވާބު ވެސް ހަމައެހާ އަވަހަށް އައެވެ. ޝައިމް ބުނި ގަޑިއަށް ތައްޔާރުވާނެ ކަމުގައި ބުނެ ޖަވާބު ފޮނުވާލިއެވެ. އަލްޔާ ބޭނުންވަނީ ކައިވެނީގެ ކުރިން ވެސް ލޫކް މަތިން ހަނދާންނައްތާލާ ޝައިމް ދެކެ ލޯބިވެވޭތޯ މަސައްކަތް ކުރާށެވެ.

ލ.ގަމުގެ ޕޮލިސް ސްޓޭޝަނުގެ ކެންޓީނުގައި ހަވީރުގެ ސަޔަށް އިންސާފުކުރަން އިން ލޫކް އިނީ ވިސްނުމެއްގައެވެ. އެރަށުން ލިބުނު އާއެކުވެރިޔާ ޝާރިމް އައިސް ލޫކް ކައިރީގައި ޖައްސާލިއެވެ. “ކައެ އޮފް ޑިއުޓީގައި ވެސް މިތަނަށް ދޯ އަންނަނީ ކާންބޯން”  ޝާރިމް ލޫކް ކައިރީގައި ޖައްސާލަމުން ލޫކް ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ.

“ބުނަން. މިތާ މިހަދާ ކާއެއްޗެއްސެއް މަށަކަށް މީރެއް ނޫން. މިތަނުން ކޭމަ މަ ހުންނަނީ މޭނުބައި ކޮށްފަ”  މިފަހަރު ވެސް ވާހަކަދެއްކީ ޝާރިމް އެވެ.  “މަވެސް”  ކުޑަކުޑަކޮށް ހީލަމުން ލޫކް ބުންޏެވެ.  “ވެއްޖެ އައިސީ ކައިރީގައި ބުނެގެން މިތަނަށް ކާން ގެންނަ އަލިބެ ބަދަލުކުރަން. ކައެ އަށް އެނގޭތަ މީރުކޮށް ކައްކާ ކާންދޭނެ މީހެއް. އަހަރެމެން ނުޖެހެއްއެއްނު އަގަށް ބަލާކަށް”  ސިގިރެޓެއް ނަގާ ރޮއެކޮށްލަމުން ޝާރިމް ބުންޏެވެ.  “އާނ. ޝަރީފައްތަ. ވަރަށް މީރުކޮށް ކައްކާނެ. އެގޭ ކުދިން ވެސް”  ލޫކް ހިޔާލަކަށް ގެއްލިފައި އިނދެ ބުންޏެވެ.  “އޭނ! ކޮންގެއަކު މީހެއް އެއީ”  ޝާރިމް ސުވާލުކުރިއެވެ.  “އެއީ ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ކާން ގެންނަ ދައްތަ”  އަތުގައި އޮތް މޯބައިލް ފޯނުގެ ޑިސްޕްލޭގައި އިނގިލިން މަޑުމަޑުން ތަޅާލަ ތަޅާލަ އިން ލޫކް ބުންޏެވެ. “ކީކޭ! ކައެ ހަމަތަ ބުރޯ. ޝަރީފައްތަ ވީ ކޮންމެ ގަޑިއަކު ކައްކައިގެން މިރަށަށް ކާން ގެންނަން. އެވެސް ފެރީގަ. ކޮންކަމަކާ ކައެ ކަޓާފަ ތީނީ”   ލޫކް އިން ގޮތުން ޝާރިމް އަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Ushaali

    hi ol… here is new episode…. enjoy 🙂 🙂 🙂 huriha kudhinnah ves kamudhaane kamah heekuran… love u ol. 🙂

  2. Axee

    Alhe looook marry kury ehen girl akaa……..???…..alyaa ah adi libeynedho… shaim r alyaa marry nukuruvahchey….v v vsalhi…… mi part kiyaafa rovihje..hehe…. waitin for next part

    1. Ushaali
      Axee

      thankyou Axee lets see dhw… 🙂

  3. Aayesha

    V nice i love this story.

    1. Ushaali
      Aayesha

      awwwwn…. thankyou so much Aayesha 🙂

  4. Axee

    Ushaali vaahakathah hama hebeys..?????v salhi hurihaa stories ehves…..

    1. Ushaali
      Axee

      awwwwwwn thankyou Azee… 🙂

  5. dee

    plx avahah up kohla dhyba,….up vaaleh varah slow

    1. Ushaali
      dee

      dee than.. maadhan noon aneh dhuvahu genesdheynan. inshallah. 🙂

  6. zaal

    Awwwwwww ??? feeling sad for both of them.

    1. Ushaali
      zaal

      than zaa… fahun ragalhuvaane 🙂

  7. Eenoooo

    Feeling sad alya ah adhi look libeyne dho.

    1. Ushaali
      Eenoooo

      lets see dhw… libeyne kannenge 🙂

  8. Aksh..

    Alhey luke ? rovijje

    1. Ushaali
      Aksh..

      sorry aksh… adhi rangalhuvaane 🙂

  9. ainm

    alhey ehen nahadhaa. luke n alya gulhuvaa. mihaaru hurihaa vaahakaeh eh gothakah dhanee. loabi vaa dhemeehun vakikohffai anekka ane dhemeehun gulhuvaafai loabivaa goi hadhanee :(:( 🙁

    1. Ushaali
      ainm

      than ainm. ekamu mi vahakaiga hiyeh nuvey thihen vaanehen 🙂

  10. hmm

    v dheravehjje luke ehen kuhjaka marry kuryma…alya knmes shaim aa marry nukuraathi…luke ahnnandhen madukohlla..eyrun salhi vaane..luke ves alya dheke loabivaakan alya ah engunyma adhi rythi vaany..cant wait for da next part…

    1. Ushaali
      hmm

      than hmm… adhi dheranuvey.. adhi reethi vaane 🙂

  11. ?Shue?

    Luke ehn kujjakaa marry kureeema V dheravejje.. V reeethi vaaahaka thigendhaaa goiy… V kiyaaa hithun kiyaaa story ehh mee… and mi episode ge ending V majaa… ehaaa dheravefa indha majaa thankolhehh aee..
    ???❤

    1. Ushaali
      ?Shue?

      hehehe… than shue… adhi dheranuvey. fahun rangalhuvaane 🙂

  12. Appy

    Alya n shaim marry kuraanehen hyvany trailer ga in gothun bt Alya n look gulhuniyya rangalhy …hehe vaahaka kuriyah dhaa gothakun dhw engeyny vx adhi mioeh gothun viyya rangalhy look ah libuniyya. .

    1. Ushaali
      Appy

      lets see dhw…. konme gotheh viyas vahaka nimeyny varah reethikoh. and than Appy 🙂

  13. D@h@@

    V habeys….alhe adhivx thankolheh lahy up vaaleh..avaha up kohla dhyba plxx ….

    1. Ushaali
      D@h@@

      ushaaly ge life ga kanthah hunna gothun vahaka genesdheven othy dhedhuvahun eh dhuvahu. and than for da comment 🙂

  14. axoo

    Alhe nooooooo… ?????? ehn nahadhaaa… shaim n alya marry nukuruvahchey.. alya ah ehn nahadhahchey.. mi part vx vvv salhi…

  15. BLACKANGEL

    ushaa reply kuraathy aslu vaarah happy vey ingey..aslu better to reply…eyru bodah kiyaa hith vaany…STORY HAMA HABEYS….WAITING FOR THE NEXT PRT….ANYWAY..GUD NIGHT…….

  16. me

    alhey e fakyrah thihen hadhakah nuvaane eh nu. bt v nyc story, waiting for da next part

    1. BLACKANGEL
      me

      efakurah???maybe e udhali hehe

  17. shaadhow

    adhi mivaahakaige kithah part ebaohtha

  18. shai

    Alheyyyy rovihje … story habeyse

  19. Mi

    Mi vaguthu esfiya in emme inthixaaru kurevey vaahaka…v v v v reethi…
    But v dheravejje look n alyaa ah ehen v ma..
    Pls look n alyaa gulhuvadhee
    Dhen lookge kaiveni kurevunas alyaa ge kaiveni viya nudheythi
    Konmeves gothakun look ge majubooree alyaa ah anga dhee plsss…

Comments are closed.