ލެޕްޓޮޕްގެ ސްކްރީން ސޭވަރގެ ގޮތުގައި ދުވެލަދުވެލާ ހުރީ ނީލާގެ ފޮޓޯތަކެކެވެ. ދަތުރުދިޔަ ދުވަހުގެ ފޮޓޯއާއި އަދި އެހެންބައެއް ފޮޓޯވެސް ހުއްޓެވެ. އިޝާންގެ ލެޕްޓޮޕްގައި ނީލާގެ ފޮޓޯ ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ނީލާގެ ފޮޓޯ އިޝާން ފޮރުވައިގެން ގެންގުޅުމުންވެސް ދޭހަވަނީ އިޝާންގެ ނިޔަތް ނީލާއާމެދު ރަނގަޅު ނޫންކަމެވެ. އަނިލްގެ އަންބެއްގެ ގޮތުގައި ނީލާހުރިއިރު އިޝާން ނީލާއާމެދު އެފަދަ ނަޒަރަކުން ބަލަންވީވެސް ކީއްކުރަން ހެއްޔެވެ؟ އިޝާން އަކީ ހަމަ ހަގީގަތުގައިވެސް ނީލާއާ ހިތާވެގެން އެއުޅޭ މީހާކަން އަނިލްއަށް ޔަގީން ކުރެވިއްޖެއެވެ. އިޝާންއަކީ އޭނާ ހީކުރިފަދަ ރަނގަޅު މީހެއް ނޫންތާއެވެ. ރުޅިވެރި ހިތަކާއެކު އަނިލް އެފޮޓޯތަކަށް ބަލަން ހުއްޓައި، ފޮޓޯތައް ބަދަލުވަމުން ގޮސް ކުއްލިއަކަށް ނީނާއާއި ދަތުރުގެ އެހެން ބައިވެރިންގެ ފޮޓޯތައްވެސް ފެންނަންފެށިއެވެ. އަދި ދަތުރުގެ ފޮޓޯތަކުގެ އިތުރުން އިޝާންއާއި އޭނާގެ އެކުވެރިންގެ ފޮޓޯތަކާއި ޚުދު އަނިލްއާއި މާމައާއި ކާފަ އަދި މަންމަގެ ފޮޓޯވެސް ފެނުނެވެ.
އަނިލް ހީކުރިގޮތާއި ޚިލާފަށް ނީލާގެ އިތުރުން އެހެންމީހުންގެ ފޮޓޯ އިޝާންގެ ލެޕްޓޮޕުން ފެނުމުން އިޝާންއާމެދު ހިތުގައި އުފެދެމުންއައި ރުޅިވެރިކަން ކުޑަހިނދުކޮޅަކަށް ފިލާދިޔައެވެ. ނަމަވެސް އޭނާގެ ހިތަށް އަދިވެސް ފިނިކަމެއް ނުލިބެއެވެ. އިޝާން އެގޭގައި އުޅޭހައި ހިނދަކު އެހިތަށް ފިނިކަމެއް ނުވެސް ލިބޭނެއެވެ. އަނިލް ވިސްނާލިއެވެ. އިޝާންގެ ބޮލުގައި އިލްޒާމެއް އަޅުވައިގެން އިޝާން ބޭރުކުރެވޭކަށްވެސް ނެތެވެ. އިޝާންގެ ބޮލުގައި އިލްޒާމު އަޅުވާނީވެސް ކީކޭ ކިޔާފައި ހެއްޔެވެ؟ ހަމައެކަނި ނީލާގެ ފޮޓޯތަކެއް އިޝާންގެ ލެޕްޓޮޕުން ފެނިގެން އިޝާންއަކީ ނީލާގެ އިއްފަތްތެރިކަން ފޭރިގަތްމީހާއޭ ބުނެވޭކަށް ނެތެވެ. އެފަދަ އިލްޒާމެއް އިޝާންގެ ބޮލުގައި އަޅުވައިފިނަމަ ބޭޒާރުވާނީވެސް ޚުދު އޭނާއެވެ. ނީލާގެ ބަނޑުގައިއެވާ ދަރިއަކީ އޭނާގެ ދަރިއެއް ނޫންކަންވެސް މުޅިދުނިޔެއަށް އެނގި ނީލާވެސް ބަދުނާމު ވާނެއެވެ. އޭރުން ނީލާ އަނިލްއަށް ކުރިއިތުބާރު ނެތިގޮސް، އޭނާދެކެ ކުރިއަށްވުރެވެސް ބޮޑަށް ރުޅިއައިސްގެން އޭނާއާ ވަކިވެސް ވެދާނެއެވެ. އަނިލްއާއި ނީލާގެ މެދުގައި އެއްވެސް ގުޅުމެއް ނެތްކަން އިޝާންއަށްވެސް އެނގުމުން، އިޝާންއަށް ނީލާއާ ގުޅެން މާފަސޭހަ ވާނެއެވެ. އަނިލްއަށް ކުރެވުނީ ކިހާ މޮޔަ ޚިޔާލެއްކަން ވެސް ވިސްނުނީ އަދި ކިރިޔާއެވެ. އިޝާން ބޭރުކުރަން އޭނާޖެހޭނީ ކޮންމެވެސް އެހެން މަގެއް ޚިޔާރުކުރާށެވެ.
“އިޝާން އަހަރެން ބޭނުން ވާހަކައެއް ދައްކާލަން؟” ދޮރާށިން އެތެރެއަށް ވަދެގެން އައި އިޝާންފެނުމާއެކު ޖޯލީގައި އިނދެފައި އަނިލް ގޮވާލިއެވެ.
” އޯކޭ…އައި އެމް ރެޑީ ޓް ލިސްން” އިޝާން އައިސް ޖޯލީގައި އިށީންނަމުން ހިނިތުންވެލާފައި ބުނެލިއެވެ.
” އިޝާން!…..އަހަރެން މިދައްކާ ވާހަކައިން އިޝާން ފަހަރެއްގަ ހިތްހަމަ ނުޖެހިދާނެ….އެކަމަކު ހީކުރަން އިޝާންއަށް ވިސްނޭނެ ކަމަށް…..” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އަނިލް ވާހަކަ ދައްކަން ފެށިއެވެ. އިޝާން އަނިލްގެ މޫނަށް ބަލަހައްޓައިގެން އަނިލް ދައްކަން އުޅޭ ވާހަކައެއްގެ އިންތިޒާރުގައި އިނެވެ.
“އިޝާންއަށްވެސް އެނގޭނެ ފަދައިން މިގޭގަ މިހުންނަނީ އެންމެ ހަތަރުކޮޓަރި…..މާމާއާއި ކާފައަށް ކޮޓަރިއެއް، މަންމައަށް ކޮޓަރިއެއް، އަހަރެންނަށް ކޮޓަރިއެއް އަދި ބާކީހުރި ކޮޓަރީގަ ތިއުޅެނީ އިޝާން…..ނަރުގިސް އަށް ވަކިކޮޓަރިއެއް ނެތީމަ، އޭނަ އެހުންނަނީ މަންމަ ކޮޓަރީގަ ބަހައްޓާފަ….އެކަމަކު އިޝާންއަށްވެސް އެނގޭނެ މަންމަގެ ގޮތް…..މަންމައަށް ވަރަށް އުނދަގޫވާނެ އިތުރުމީހަކު އެކޮޓަރީގަ އުޅެންޏާ…..އެހެންވީމަ ނަރުގިސް މަންމަގެ ކޮޓަރިން ނެރެން އަހަރެން ބޭނުން…..އިޝާންގެ ކޮޓަރީގަވެސް ނަރުގިސް ބެހެއްޓޭކަށް ނެތް އަންހެން ކުއްޖެއްވީމަ….އެކަމަކު ސިޓިންރޫމުގަ އޭނަ ބާއްވާކަށްވެސް އަހަރެން ހިތްހަމައެއް ނުޖެހޭ…..އިޝާން ބުނެދީބަލަ ދެން ހަދަންވީގޮތެއް……މިކަމުގަ އިޝާންގެ ލަފައެއް އަހަރެން ވަރަށްބޭނުން….” އިޝާންއާ ހަތަރުކަޅި ހަމަކޮށްލަމުން އަނިލް ބުންޏެވެ. އަނިލްގެ ވާހަކަތަކާމެދު އިޝާން ވިސްނާލިއެވެ.
” އެހެންވީމަ އަހަރެން އޮވެދާނަން ސިޓިންރޫމުގަ…..އެގޮތް ކިހިނެއްވާނީ؟….” އިރުކޮޅަކު ވިސްނަން އިނުމަށްފަހު އިޝާން ޖަވާބުދިނެވެ. ކޮންމެގޮތެއް ހަދާފައިވެސް އިޝާން އެގޭގައި ހުންނަން ބޭނުމެވެ. އިޝާންގެ ޖަވާބު އިވިފައި އަނިލް ހައިރާންވިއެވެ. ކޮންމެފަދަ ހާލެއްގައިވެސް އިޝާން އެގޭގައި ހުންނަން ބޭނުންވެގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އިޝާން ހިތުން ރުހުމުން އެގެދޫކޮށް ދުވަހަކުވެސް ނުދާނެކަން އަނިލްއަށް ވިސްނުނެވެ. އިޝާންގެ އެނިންމުމުން އަނިލް ގާތަށް ރުޅިއައި ނަމަވެސް އޭނާ އެކަން އެތެރެއަށް ހިންދާލިއެވެ.
” ނޫނޭ….ތިއީވެސް އަހަރެން ހިތްހަމަޖެހޭގޮތެއްނޫން……މިހާތަނަށްވެސް އިޝާން އުޅެމުންތިއައީ ނުލާހިކު އަރާމުގަ….އެކަނި އެއްކޮޓަރީގަ، މީހެއްގެ އެއްވެސް އުނދަގުލެއް ނެތި……މިގޭގަ ނޫޅެވުނަސް މިރަށުގަ އެބަހުރި ވަރަށް ރަނގަޅު ގޭގެ….ކުއްޔަކާ ނުލައިވެސް އިޝާންއަށް އުޅެވޭނެގޮތް އަހަރެން ހަދާދޭނަން……މިހާރުވެސް އަހަރެން ބަޔަކާ ވާހަކަ ދައްކައިގެން ކޮޓަރިއެއް ހަމަޖައްސާފަ ހުންނާނީ….އޭރުން އިޝާންއަށް އަލުން އެކަމާ ވިސްނާކަށް ނުޖެހޭނެއްނު…..މާދަމާ ދާންބޭނުންވިޔަސް ދެވޭގޮތަށް ހުންނާނީ….” އަނިލް އޭނާ ނިންމާފައިވާގޮތް ކިޔައިދިނުމުން އިޝާން ހައިރާންވިއެވެ. އިޝާންއާ ވާހަކަވެސް ނުދައްކާ އަނިލްވަނީ ހުރިހާކަމެއް ހަމަޖައްސާފައިކަން އެނގުމުން އިޝާން ދެރަވިއެވެ. އަނިލް އެގޮތަށް ކަންތައްކުރީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިނަމަވެސް އެސުވާލު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަނިލް އޭނާދެކެ ނުރުހުންވެފައި ހުންނަކަން އޭނާއަށްވެސް އެނގޭތާ ކިތަންމެ ދުވަހެކެވެ. ސަބަބުވެސް އޭނާއަށް އެނގެއެވެ. ވީއިރު އޭނާ ސުވާލު ކުރުމުގެ ބޭނުމަކީވެސް ކޮބާހެއްޔެވެ؟
” އޯކޭ….ވީހާވެސް އަވަހަކަށް އަހަރެން ބަދަލުވާނަން….އެކަމު ރަމަޟާން މަހުގެ ބާކީ މިއޮތް ދުވަސްކޮޅު މިގޭގަ އަހަރެން ބަހައްޓާލަ ދިނިއްޔާ ވަރަށް ރަނގަޅު……ރޯދަމަހު ރެސްޓޯރެންޓުން ކާން އެހާ ހިތްހަމައެއް ނުޖެހޭ” އިޝާން ބަހަނާއެއް ދެއްކިއެވެ. ކޮންމެ ވާހަކައެއް ދައްކައިގެންވެސް އިޝާން އަދި ދުވަސްކޮޅަކު އެގޭގައި މަޑުކުރަން ބޭނުމެވެ.
” ތިކަމާ ހާސްނުވޭ!…..އަރޫމެން ގޭގަވެސް ކައްކާލެއް ނުލާހިކު މީރުވާނެ…..އެގޭން ކެއުންވެސް ހަމަޖެހޭނެ…” އަނިލް ހަމަޖެހިލާފައި ޖަވާބުދިނެވެ.
” ކީކޭ؟…އަރޫމެންގެޔޭ؟….އެގެއިންތަ ކޮޓަރި ހަމަޖެއްސީ؟….” އިޝާން ހައިރާންވެފައި އަހާލިއެވެ. އިޝާންގެ ހައިރާންކަން ފެނި އަނިލްގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ.
” އާނ! ކިހިނެއްވީ؟….ކޮބާ މައްސަލައަކީ؟ އިޝާންއާ އަރޫއާ އުޅެނީވެސް އެހާ ކުލޯޒްކޮށެއްނު….ދެން އަދިމާ ކުލޯޒް ވެވޭނެއެއްނު!…އިޝާން ބޭނުމިއްޔާ މުސްތަޤުބަލްގަ އަރޫއާ ރިލޭޝަން އެއްވެސް އުފެއްދިދާނެ….އެއީވެސް ނުލާހިކު ރަނގަޅު ކުއްޖެ….އިޝާންއާ ނުލާހިކު ގުޅޭ” އަނިލް ހަމަ ގަސްތުގައި އިޝާންއާ ދިމާކޮށްލިއެވެ.
” އެކަމު ކުރިން ބުނެލިނަމަ ރަނގަޅުވީސް……ދެން އޯކޭ ތިބުނީ މިހާރު ހުރިހާކަމެއް ހަމަޖެހިފަ އޮތްވާހަކަ….ދެންދާނީދޯ!….މާދަމާދާނަން އިރާދަކުރެއްވިއްޔާ…” އިޝާން ހިތްހަމަ ނުޖެހުނު ނަމަވެސް ދެކޮޅު ނުހަދައު އެގޮތާއި އެއްބަސްވިއެވެ. އިޝާން މޮޅިވެރި ހިތަކާއެކު ކޮޓަރިއަށް އައިސް އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. ދެލޯމަރައިގެން އޮވެ އޭނާ ވިސްނަމުން ދިޔައެވެ. އަނިލް އަރޫނާގެ ގެއިން ކޮޓަރިއެއް ހަމަޖެއްސީ ކީއްވެގެން ބާއެވެ. އޭނާއާއި އަރޫނާގެ މެދުގައި ގުޅުމެއް އޮތީކަމުގައި އަނިލްވެސް ހީކުރަނީ ބާއެވެ؟ އަނިލް ބޭނުންވާ ގޮތަށް ގޮތް ނިންމިއިރު އިޝާންގެ ލަފައެއްވެސް އަހާނުލުމުން އިޝާން ވަރަށް ހިތްހަމަނުޖެހުނެވެ. އަރޫނާގެ ގެޔަށް އިޝާން ގޮސްފިނަމަ، މީހުން އަރޫނާއާ އޭނާއިމެދުގައި އޮންނަ ގުޅުމާމެދު ނުބައި ޝައްކެއްވެސް ކޮށްފާނެއެވެ. އެކަމުގެ ސަބަބުން އަރޫނާވެސް ބަދުނާމުވެ، އެދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާކަން ކަށަވަރެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ގޮތެއްނޫނެވެ. އިޝާން އިރުކޮޅަކު ވިސްނަން އެނދުގައި އޮތުމަށްފަހު ދެތުވެގެން ބޭރަށް ނުކުތެވެ.
ހިތްހަމަޖައްސާލުމަށްޓަކައި އިޝާން ގެއިން ބޭރަށް ނުކުމެގެން ވަކި މިސްރާބެއްނެތި ހިނގަމުން ދިޔައެވެ. އަނިލް ޖެހިމަޅީގައި ބެދޭކަށް އިޝާން ބޭނުމެއް ނުވިއެވެ. އިޝާން ވިސްނާލިއެވެ. އަދިވެސް އޭނާ ކުރިން އުޅުނުގެޔަށް އޭނާއަށް ދެވިދާނެއެވެ. އެގެއަދިވެސް ހުރީ ހުސްކޮށެވެ. އިޝާން އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު އެގޭގެ ވެރިމީހާއާއި ގުޅާލިއެވެ. އެއްވެސް ސުވާލަކާއި ނުލައި އެގޭގައި އިޝާން ހުރުމަށް ވެރިމީހާ އެއްބަސްވުމުން އިޝާން އުފާވިއެވެ. އިޝާން އެނބުރި ގެޔަށްދިޔައިރު ހިތަށްވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައެވެ. އޭނަގެ ސަބަބުން އަރޫނާއަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތްވީތީއެވެ. އިޝާން ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ފަންގިފިލާއަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނާގެ ހިތަށް ތަފާތު ޝުޢޫރުތައް ވެރިވަމުން ދިޔައެވެ. އަނެއްކާވެސް މަންމައާއި ވަކިވާން ޖެހޭކަމުގެ ހިތާމައިން ހިތްފޯވަމުން ދިޔައެވެ. އިޝާން ކުއްލިއަކަށް ތެދުވެ އަލަމާރި ކައިރިއަށް އޭނާގެ މަންމަގެ އަލްބަމް ނެގިއެވެ. އަލްބަމް ހިފައިގެން އައިސް އެނދުގައި އިށީނދެ، އޭގައިހުރި ފޮޓޯތައް ބަލަންފެށިއެވެ. މަންމަ އޭނާ އުރާލައިގެން ހެވިފައި އިން ފޮޓޯގަނޑު ނަގައިގެން އެއަށް ބަލަން އެތައް އިރަކު އޭނާ އޮތެވެ.
” މަންމާ!….އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ….އެކަމަކު ކީއްކުރާނީ….މަންމަގެ ގާތުގާ އުޅެން މިލިބުނީ މަދު ދުވަސްކޮޅެއް….އަނެއްކާވެސް މަންމަޔާ ވަކިވާން މިޖެހުނީ…..މަންމަގެ ގާތަށް އާދެވުމުންވެސް، މަންމައާއެކު އުޅޭކަށް ނުލިބުނު…..މަންމަ އަހަރެން ދިޔައީމަ ދެރަވާނަންތަ؟…..އަހަރެންނަށް އެނގޭ މަންމަވެސް އަހަރެންދެކެ ލޯބިވާކަން…..މަންމަ ބުނީމެއްނު ރަގަނޅު ކުދިންދެކެ ލޯބިވާނަމޭ…..އަނިލްވެސް ވަރަށް ރަނގަޅޭ ބުނީމެއްނު…..އެކަމު ބަލާބަލަ! އަނިލް ކިހާ ގޯސް….އަނިލް އެއުޅެނީ އަހަރެންނާ މަންމައާ ވަކިކުރަން…..މަންމަ އަދިވެސް ލޯބިވާނީ އަނިލް ދެކެތަ؟….އަހަރެން ދިޔައީމަ މަންމަ އަހަރެން މަތިން ހަނދާންވާނެތަ؟” އިޝާން ހިތާހިތާ ޝަކުވާތައް ކުރަމުން ދިޔައިރު އޭނާގެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. މަންމަގެ ލޯބި ލިބެން ފެށިތާ ގިނަ ދުވަހެއް ނުވަނީސް، އަނެއްކާވެސް މަންމައާ ވަކިވާން ޖެހުމުން އެހިތަށް އިންތިހާއަށް އަސަރުކުރަމުން ދިޔައެވެ. އޭނަގެ ހަޤީޤަތް ހާމަކޮށް އެގެއިން ނުދިއުމަށްވެސް ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ހަޤީޤަތް ހާމަކުރުމުން ވެދާނެ ގޮތަކާމެދުވެސް އޭނާގެ ހިތް ބިރުގަނެއެވެ. އެއްވެސް ހާލެއްގައި މަންމައަށް ތަކުލީފެއް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
ހިތުގެ އުދާސްތައް އިތުރުވާން ފެށުމުން، އޭނާ ގެންގުޅޭ ނޯޓްކުރާ ފޮތާއި ގަލަން ނަގައިގެން އައިސް އެހިތުގެ ޝަކުވާތައް ލިޔަންފެށިއެވެ. އޭނާއަކީ ދުވަހަކުވެސް ޑައިރީ ލިޔެ އުޅުނު މީހަކަށް ނުވީނަމަވެސް، މިވަގުތު އެހިތަށް ލުޔެއް ލިބެން އޮތީ އެހިތުގެ އުދާސްތައް ކޮންމެވެސް ގޮތަކުން ބޭރުކުރެވިގެންނެވެ. މަންމައާއި ވަކިވުމުގެ އިތުރުން ނީލާއާ ވަކިވާން ޖެހޭތީވެސް އެހިތުގައި އަޅާވޭން ކުޑައެއް ނޫނެވެ. ނީލާއާމެދު ލިޔެ ލިޔެ އޮއްވައި އިޝާން ނިދިއަންނަ ގޮތްވުމުން ފޮތް ލައްޕާލުމަށްފަހު އެނދުގެ ހެޑްބޯޑްމަތީގައި ބޭއްވިއެވެ.
އިޝާންއަށް ހޭލެވުނީ ނަރުގިސް ދޮރުގައި ތަޅާއަޑަށެވެ. އިޝާން ތެދުވެ ގަޑުބަލާލިއިރު ހާރުދަންވީއެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ދަތްއުނގުޅައި މޫނުދޮވެ ހަދައިގެން ކާކޮޓަރިއަށް ދިޔައެވެ. އިޝާން ކާކޮޓަރިއަށް ވަންއިރު އެންމެންވެސް ތިބީ އޭނާގެ އިންތިޒާރުގައެވެ. އިޝާން ގޮނޑިއެއް ދަމާލުމަށްފަހު އިށީނދެ ކާންފެށިއެވެ. އެއްވެސް ވާހަކައެއް ނުދައްކައި ހިމޭން ކަމާއެކު އިޝާން ކަމުންދިޔަ ނަމަވެސް އޭނާގެ ނަޒަރު ފަހަރަކު މީހަކަށް އަމާޒުވަމުން ދިޔައެވެ. މިއީ އޭނާ އެމީހުނާއެކު ކާ އެންމެ ފަހު ފަހަރުކަމަށްވެސް ވެދާނޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އިޝާންގެ ހިމޭންކަން ބަރުދާސްތުކުރަން އެންމެ އުނދަގޫވީ ނީލާއަށެވެ. ނަމަވެސް ނީލާ ސުވާލެއް ކުރުމުގެ ކުރިން މާމަ އިޝާންއާ ސުވާލުކުރިއެވެ. އިޝާން ކަމެއްނުވާކަމަށް ބުނެ ހިނިތުންވެލީ އެހިތުގެ އުދާސްތައް ފޮރުވުމަށެވެ. އިޝާން އަށްވެފައި އިންގޮތް އެނގޭ ހަމައެކަނި މީހަކީ އަނިލްއެވެ. އިޝާންގެ މޫނުމަތިން ފެނުނު މޮޅިވެރިކަމުންވެސް އަނިލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކައިނިމިގެން ފެންފުޅިއެއް ހިފައިގެން އިޝާން ކޮޓަރިއަށްވަދެ، ސައިޑް ކަބަޑްމަތީފުޅި ބަހައްޓަން އުޅެނިކޮށް އަތުން ދޫވެގެން ފުޅި ވެއްޓި ތެޅިއްޖެއެވެ.
“ދަރިފުޅާ! ކިހިނެއްވީ؟” ފުޅި ވެއްޓުނު އަޑަށް މާމަ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.
” ފުޅި ވެއްޓި ތެޅުނީ..” އިޝާން ދެރަވެލާފައި މާމައަށް ޖަވާބުދިނެވެ.
” އެހެންތަ؟….އަނެއްކާ ދަރިފުޅަށް އަނިޔާއެއްވިތަ؟” ހާސްވެފައި މާމަ އަހާލިއެވެ.
” ނޫނޭ…މަށަކަށް އެއްވެސް ކަމެއްނުވޭ!…މާމަ މިކޮޅަށް ނައިސް މަޑުކުރޭ! ފައިކެނޑިދާނެ..” އިޝާން ކަންބޮޑުވީ މާމައަށް ގެއްލުމެއް ލިބިދާނެތީއެވެ.
” ނަރުގިސް..އާދެބަލަ މިތަން ސާފުކުރަން..” މާމަ ބާރަކަށް ނަރުގިސްއަށް ގޮވާލުމުން ނަރުގިސް ދުވެފައި އައެވެ. ނަރުގިސް ކޮޓަރިސާފުކުރަން ވަނުމުން އިޝާން ނުކުމެގެން ދިޔައީ މިސްކިތަށެވެ. ފަތިސްވާން އަދި ވަގުތުކޮޅެއް އޮތުމާއެކު އިޝާން ބޭނުންވީ ޤުރުޢާން ކިޔަވާލުމަށެވެ. ނަރުގިސް ކޮޓަރިތެރޭގައިހުރި ބިއްލޫރިތަން ނަގައި ކުނިކަހާ ސާފުކުރުމުގެ ތެރޭގައި ފިހިގަނޑުން ޖެހިފައި އެނދުގެ ހެޑްބޯޑުމަތީގައި އޮތް އިޝާންގެ ނޯޓްފޮތް އެނދާއި ފާރާއި ދޭތެރެއަށް ވެއްޓިއްޖެއެވެ. ނަރުގިސް ވަރަށް ކަންބޮޑުވިއެވެ. އެނދު ދުރުކުރަން އޭނާ މަސައްކަތް ކުރި ނަމަވެސް އެކަން އޭއަކަށް ކާމިޔާބެއް ނުވިއެވެ. އެނދު ބަރުކަމުން އަތަކަށް ގުޑުވާވެސް ނުލެވުނެވެ. އިޝާން އައުމުން އިޝާންގެ ގާތުގައި އެވާހަކަ ބުނުމަށް ގަސްތުކޮށްގެން ނަރުގިސް ކޮޓަރިން ނުކުތެވެ.
ފަތިސް ނަމާދުކޮށްގެން އިޝާން އެނބުރި ގެޔަށް އައިއިރު ގޭތެރެއިން މާމަ ޤުރުޢާން ކިޔަވާއަޑު އިވެއެވެ. އިތުރު މީހަކަ ހޭލާ އުޅޭހެނެއް ހިޔެއް ނުވެއެވެ. އިޝާން މަޑުމަޑުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެއެވެ. އަދި އަލަމާރި މަތީގައި ހުރި އޭނާގެ ބޮޑު ދަބަސް ނެގުމަށްފަހު އެއަށް އޭނާގެ އަންނައުނުތަކާއި އެހެނިހެން ސާމާނުތައް އަޅަންފެށިއެވެ. އޭނާ ގެންދަން ބޭނުންވާ ހުރިހާ އެއްޗެއް އެޅުމަށްފަހު ދަބަހުގެ ޒިޕްދަމާލިއެވެ. އެއްއަތުން ބޮޑުދަބަސް ހިފައިގެން ކޮނޑުގައި ލެޕްޓޮޕް ދަބަސް އަޅުވާލައިގެން އިޝާން ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި އެއްވެސް މީހަކު ފެންނަން ނެތުމުން އިޝާން މަޑުމަޑުން ގޮސް މަންމަގެ ކޮޓަރި ދޮރުހުޅުވާލިއެވެ. މަންމައަށް އޮތީ ނިދިފައެވެ. ތަށިމުށިތައްމަތީ ގޮދަޑިއެއް އަޅައިގެން ނަރުގިސްވެސް ނިދާފައި އޮތެވެ. އިޝާން މަޑުމަޑުން ކޮޓަރި ތެރެއަށްވަދެ މަންމަގެ އެނދު ކައިރިއަށް ގޮސް ހުއްޓުނެވެ. ލޮލުން ކަރުނަ އޮހުރޭހާލު މަންމަގެ މޫނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިޝާން އެކޮޓަރިން ނުކުތެވެ. އެގެއިން ނުކުމެގެން އޭނާ މިސްރާބުޖެހީ ކުރިންވެސް އޭނާ އުޅުނު ގެޔަށް ދިއުމަށެވެ. ދޮރާށިން އެތެރެއަށް ވަދެވުމާއެކު ގޯތި ތެރޭގައިހުރި މީހަކު ފެނިފައި އިޝާން ސިހުނެވެ. އެއީ ގޭގެވެރި އާދަމްގެ އަންހެނުން އާޒިމާއެވެ.
“އަނހާ! އިޝާން ތިއައީތަ މިހާރު؟…އަދި ދައްތަ މިއުޅެނީ އިޝާން އަންނަންވާއިރަށް ގޭތެރެ ފޮޅާލާ ސާފުކުރަން ކަމަށް…..އާދަނުބޭބެ ރޭގަބުނީ އިޝާން މިއަދު އަންނާނޭ….އެކަމަކު ދައްތަ ހިޔެއްނުކުރަން ފަތިހުފަތިހާ އަންނާނެ ކަމަކަށް…..މިތާބޭރުގަ އިހަށް މަޑުކޮށްލާ!….ދައްތަ ވަރަށް އަވަހަށް ގޭތެރެ ސާފުކޮށްލާނަން…..އިޝާން ދިޔަފަހުންވެސް ސާފުކޮށްފަ މިއޮތީ…..އެކަމަކު މިހާރު އޮންނާނީ އަނެއްކާ ސާފުކުރަން ވެފައެއްނު…” އާޒިމާ ހިނިތުންވެ ހުރެ އިޝާންއާ ވާހަކަދެއްކިއެވެ. އިޝާންވެސް ހިނިތުންވެފައި ދަބަސްތައް ހިފައިގެން ގޮސް ޖޯލީގައި އިށީނެވެ.
ގޭތެރެ ސާފުކޮށްފައި އާޒިމާ ދިއުމުން އިޝާން އޭނާގެ ދަބަސް ހިފައިގެން އޭނާ ކުރިންވެސް އުޅުނު ކޮޓަރިއަށް ދިޔައެވެ. އެކޮޓަރިއަށް ވަނުމާއެކު ނީލާގެ މަތިން ހަނދާންވީ ކުއްލިއަކަށެވެ. އެނދުގައި އޮށޯވެ ބާލީހުގައި ބައްދާލުމާއެކު ލޯމަތިން ނީލާ ސިފަވެގެންދިޔައެވެ. އެހަނދާންތައް އާވުމުން ހިތުގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ހިތްހަމަޖެހުމާ އުފަލުގައި ދުވަސްކޮޅެއް ހޭދަވުމަށްފަހު އަނެއްކާވެސް އެކަނިވެރިކަން އޭނާގެ ހަޔާތަށް ވެރިވީއެވެ. އަނެއްކާވެސް ފޫހިކަމާއި އެކަނިވެރިކަމުގައި ދުވަސްތައް ހޭދަކުރަންވީއެވެ.
އޭނާ ސިއްރު ސިއްރުން އައުމުން މާމައާއި ކާފަ ދެރަވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެމިހުންނަށް އެނގިގެން އަންނަން ވެއްޖެނަމަ އޭނާ މާބޮޑަށް ދެރަވާނެއެވެ. އަނިލް އޭނާ އެގެއިން ނެރެން ބޭނުންވި ނަމަވެސް މާމަމެން ދުވަހަކުވެސް އޭނާ ނެރޭކަށް ބޭނުމެއް ނުވާނެކަން އޭނާއަށް ޔަގީން ކުރެވެއެވެ. އެއަށްވުރެ ބޮޑަށް އެމީހުން އޭނާދެކެ ލޯބިވެއެވެ. ކޮންމެގޮތެއްވިޔަސް ލޭގެ ގުޅުމަކީ ބާރެއްހުރި އެއްޗެކެވެ. އަނިލްއަށްވެސް އެގުޅުމެއް ވަތްކެއް ނުކުރެވޭނެއެވެ. އަނިލްއަށް ހަޤީޤަތް އެނގޭނަމަ އޭނާ ބޭރުކުރާކަށް ނުވެސް ކެރޭނެކަން ޔަގީނެވެ. ފުން ވިސްނުމެއްގައި އޮއްވައި މަޑުމަޑުން އިޝާންގެ ލޯމެރެންފެށިއެވެ.
އެދުވަހުގެ މެންދުރުވަގުތެވެ. ކާފަ ނަމާދަށްދާން ތައްޔާރުވެގެން ނުކުމެ އިޝާންގެ ކޮޓަރި ދޮރުގައި ޓަކިދިނީ އިޝާން ނުހޭލަނީ ކަމުގައި ހީކޮށެވެ. ދެތިންފަހަރު ޓަކިދިނުމުންވެސް ޚަބަރެއް ނުވުމުން، ތަޅުގައި ހިފައި އަނބުރާލިއެވެ. އެއާއެކު ދޮރުހުޅުވިއްޖެއެވެ. އިޝާންއެއް ފެންނާކަށް ނެތެވެ. ކޮޓަރިތެރެއަށް ވަދެ ބަލާލުމުން އިޝާންގެ ސާމާނުތައް ނެތްކަން ކާފައަށް އެނގުނެވެ. ކާފަ ވަރަށް ކަންބޮޑުވިއެވެ.
” ދަރިފުޅާ އަނިލް!..ކޮބާ އިޝާން….ކޮންތާކަށް އިޝާން ދިޔައީ…..އިޝާންގެ އެއްވެސް ސާމާނެއް ކޮޓަރިއަކުނެތް…” ވުޟޫކޮށްގެން ނަމާދަށް ދިޔުމަށްޓަކައި ކޮޓަރިން ނުކުތް އަނިލް ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ކާފަ އަނިލްގެ ގާތަށް ދިޔައެވެ. ކާފަ ބުނި އެއްޗެއް އިވިފައި އަނިލް ހައިރާންވީ އިޝާން އެހާ އަވަހަށް އެގެދޫކޮށް ދިޔުމުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިޝާންގެ ކޮޓަރިދޮރު މައްޗަށް ހުއްޓި، ކޮޓަރިތެރެއަށް އަނިލް ނަޒަރު ހިންގާލީ ކާފަ ބުނި އެއްޗެއް ޔަގީން ކޮށްލުމަށެވެ. ތެދެކެވެ. އިޝާންގެ އެއްވެސް އެއްޗެއް ކޮޓަރިތެރެއަކުން ފެންނާކަށް ނެތެވެ. އިޝާން އެހާ އަވަހަށް ނުކުމެގެން ދިޔުމުން އަނިލް ހައިރާންވީ ނަމަވެސް އޭނާގެ ގާތަށް ހިނިވެސް އައެވެ. އިޝާން ހުރީ އެހާބޮޑަށް އަރޫނާގެ ގެޔަށް ދާހިތްވެފައި ހެއްޔެވެ؟ އެކަމަކު އިޝާން ދިޔައީ ކޮންއިރަކު ބާއެވެ؟ ކާފައާއި އަނިލް އިޝާންގެ ކޮޓަރި ކައިރީ ތިއްބައި މާމަވެސް އައިސް ކޮޓަރިތެރެ ބަލާލުމަށްފަހު އިޝާން ކޮބައިތޯ ސުވާލުކުރަން ފެށިއެވެ. މާމައާއި ކާފަގެ ކަންބޮޑުވުންފެނި އަނިލް ހާސްވިއެވެ. އިޝާން ގެއިން ނުކުތީ އަނިލްބުނި ބުނުމަކަށް ކަން އެނގިއްޖެނަމަ ކާފަޔާމާމަ ހިތްހަމަ ނުޖެހިދާނެކަން އަނިލްއަށް ޔަގީންވިއެވެ.
“ދަރިފުޅާ…ގުޅާބަލަ އިޝާންއަށް…..އިޝާން ވީތަނެއް ނުބަލާ ތިބޭކަށް ނުވާނެއްނު!…..ކޮންމެވެސް ކަމެއްވީމައެއްނު އަހަރެމެންގާތު ނުވެސްބުނެ ކުއްލިއަކަށް ދާނީ….ވީގޮތެއް ބަލަންޖެހޭނެ ކޮންމެހެންވެސް…އަވަހަށްގުޅާ…..ކާފަބޭނުން އިޝާންއާ ހަމަމިހާރު ވާހަކަދައްކަން….” ކާފަހުރީ ވަރަށް ކަންބޮޑުވެފައެވެ. މިސްކިތަށްދާން ނުކުތްކަންވެސް ކާފަ މިހާރު ހަނދާނެއް ނެތެވެ. އެއަށްވުރެ ބޮޑަށް ކާފަހުރީ ހާސްވެފައެވެ.
” ކާފާ…ހިނގާ އިހަށް ނަމާދަށްދާން…..ނަމާދުކޮށްގެން އައިސްގުޅާނީ..” އަނިލް އަވަސް އަވަހަށް ބުންޏެވެ.
” އިޝާންއާ ގުޅާފަ…..ކާފައާއެކީ މިސްކިތަށްދާން އަންނާށޭ ބުނޭ…..ނަމާދުކޮށްގެން ވީގޮތް އޮޅުންފިލުވާނީ….” ކާފަ ބުންޏެވެ. އެންމެފަހުން އަނިލް އިޝާންއަށް ގުޅިއެވެ. ނަމަވެސް އިޝާންގެ ފޯނުއޮތީ ނިވާލާފައެވެ. އެއީ އަނިލްގެ ނަސީބުކަމުގައި އޭނާ ގަބޫލުކުރިއެވެ.
” ކާފާ…އިޝާންގެ ފޯނު ނިވާލާފައޭ ބުނަނީ…ދެންފަހުން ގުޅާނީދޯ”
” ނޫން….ތިވާނީ ތިފޯނުން ނުގުޅެނީ ކަމަށް….މަޑުކުރޭ! ކާފަގެ ފޯނުން ގުޅާނަން..” ކާފަ ހަލުވިކަމާއެކު ކޮޓަރިއަށްވަދެ ފޯނުހިފައިގެން އައިސް އިޝާންއަށް ގުޅިއެވެ. ކާފަގެ ފޯނުން ގުޅުމުންވެސް ބުނީ އިޝާންގެ ފޯނުއޮތީ ނިވާލާފައި ނޫނީ ގުޅޭ ސަރަހައްދުން ބޭރުގައި ކަމުގައެވެ. އަނިލް ކާފައަށް ސިއްރުން އަރޫނާއަށް ގުޅާފައި އިޝާން އެގެއަށްދިޔައީތޯ ސުވާލު ކުރިއެވެ. ނަމަވެސް އިޝާން އެގެއަށް ނުދާކަން އެނގުމުން އަނިލް ހައިރާންވިއެވެ. އިޝާންދިޔައީ ކޮންތާކަށްބާއޭ އަނިލްގެ ހިތަށްއެރިއެވެ.
” އަނެއްކާ އިޝާން މާލެދިޔައީތަ؟…” ކުއްލިއަކަށް ކާފަކޮށްލި ސުވާލުން އަނިލްވެސް ކަންބޮޑުވާގޮތްވިއެވެ. އިޝާން ހަމަހަޤީގަތުގައިވެސް މާލެދިޔައީ ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ވެއްޖެނަމަ ދެން އޭނާހަދާނީ ކިހިނެއް ހެއްޔެވެ؟ އަނިލް ކަންބޮޑުވީ ނަމަވެސް އެއްވެސް ޖަވާބެއްނުދީ ކެތްކޮށްލައިގެން ހުރީއެވެ. ކާފަ އެތައްއިރެއް ވާންދެން ގުޅަން މަސައްކަތްކޮށް ނުގުޅުމުން މާޔޫސްވެގެން މިސްކިތަށް ދާން ނުކުތެވެ. އަނިލްވެސް ކާފަގެ ފަހަތުން މިސްކިތަށްދިޔައެވެ. ކާފަ އުއްމީދުކޮށްގެން ހުރީ މިސްކިތުން އިޝާންއާ ބައްދަލުވެދާނެ ކަމުގައެވެ. ނަމަވެސް މިސްކިތުން އިޝާން ނުފެނުމުން ގެޔަށް އައިސް އަނެއްކާވެސް އިޝާންއާ ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. އިޝާން އަންނާނޭ ކަމުގެ ފޮނި އުއްމީދުގައިހުރި އަރޫނާއަށް ހައިރާން ކަމެއް ލިބުނީ އިޝާން އަނިލްގެ ގެއިން ނުކުމެގެން ދިޔަތަނެއް ނޭނގިގެން އަނިލް ގުޅުމުންނެވެ. އަރޫނާވެސް އިޝާންއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށްވެސް ގުޅޭގޮތެއް ނުވިއެވެ.
ފޫހިކަމާއެކު ކޮޓާރިތެރޭގައި އިޝާން އޮންނަތާ ކިތަންމެ އިރެކެވެ. ކުރާނެކަމެއް ނޭނގުމުން އިޝާން ލެޕްޓޮޕް ހުޅުވައިގެން ނީލާގެ ފޮޓޯތައް ބަލަން ފެށިއެވެ. އެންމެ ފުރަތަމަ ނީލާ ފެނުނު ދުވަހުނެގި ފޮޓޯއަށް ނަޒަރު ހުއްޓާލިއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ތެދުވެ އޭނާގެ ދަބަސް ހާވަންފެށިއެވެ. އޭނާ ފޮޓޯނަގަން ގެންގުޅޭ ކެމެރާ ނެގުމަށްފަހު ޗާރޖަށް ޖަހާލިއެވެ. އަސުރު ނަމާދަށްފަހު އިޝާން ކެމެރާހިފައިގެން ބޭރަށް ނުކުތެވެ. އަބަދަށްފެހި މަގުން ގޮނޑުދޮށަށް ފައިބައިގެން ގޮސް ރަށުގެ ދެކުނުކޮޅަށް މިސްރާބުޖެހިއެވެ. މޫދާއި ގޮނޑުދޮށުގެ މަންޒަރުތައް ފޮޓޯނަގަމުން ގޮސް ކުޅިއޮންނަދިމާއަށް ދެވިއްޖެއެވެ. ހޭޅިފަށުން އެތެރެއަށްވަދެ ކުޅީގެ އައްސޭރީގައި ހުރި ރުއްކައިރީގައި އިޝާން މަޑުކޮށްލިއެވެ. އެއީ އެންމެފުރަތަމަ އިޝާންއަށް ނީލާފެނުނު ތަނެވެ. ރުކުގައި ލެނގިލައިގެ ހުރިއިރު އޭނާގެ ހިތަށް ސިފަވަމުން ދިޔައީ ނީލާގެ މައުސޫމު މޫނެވެ. އެދުވަހު ނީލާ ބިރުންގޮސް އަނބުރައިގެން މަންޒަރު ހިތަށް ސިފަވުމުން ބޭއިޚްތިޔާރުގައި ހިނިތުން ވެވުނެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށްޓަކައި އޭނާގެ ހިތުގައި ތަފާތުގޮތަކަށް ވިންދުޖަހާލީ އެދުވަހުއެވެ. އެދުވަހުގެ ކުރިން އޭނާއަކީ ދުވަހަކުވެސް އަންހެން ކުއްޖަކަށްޓަކައި ބޭޤަރާރުވީ މީހެއް ނޫނެވެ.
” އައި މިސްޔޫ ނީލް…އައި ލަވް ޔޫ ސޯމަޗް…..”އިޝާން ދެލޯމަރާލިއެވެ.
ކުޅީގެ އައްސޭރީގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު ގެޔަށް ދިޔުމަށްޓަކައި ހިނގައިގަތީ އިރުއޮއްސެން ގާތްވުމުންނެވެ. އިރުއޮއްސޭ މަންޒަރު ފޮޓޯނަގަމުން ދިޔައިރު ރޯދަވީއްލާނޭ ގޮތަކާއިމެދު އިޝާން ވިސްނާފައެއް ނެތެވެ. ގެޔަށް އެނބުރި އައީ ހިތްހަމަ ޖެހޭވަރަށް ފޮޓޯނެގުމަށް ފަހުގައެވެ. މަޣުރިބުނަމާދު ބަންގިގޮވުމާއެކީ ރޯދަވީއްލާނެ ގޮތަކާއިމެދު ވިސްނާލިއެވެ. ގޭގައި އެއްވެސް ކާއެއްޗެއް ނެތެވެ. އެހެންކަމުން ފެންފޮދަކުން ރޯދަވީއްލުމަށްފަހު ވުޟޫކޮށްލައިގެން އިޝާން ދިޔައީ މިސްކިތަށެވެ.
ބާރަގަޑިއިރުވީއިރުވެސް އިޝާންގެ ޚަބަރެއް ނުވުމުން އަނިލްވެސް ކަންބޮޑުވިއެވެ. ރަށުގައި އުޅޭނަމަ މިހާރު އިޝާންގެ ޚަބަރެއް ނުވެޔެއް ނުހުންނާނެ ކަމުގައި އަނިލް އަށް ވިސްނުނެވެ. ނަމަވެސް އިޝާން އެހާފަސޭހައިން އެރަށް ދޫކޮށް މާލެ ގޮސްފާނެ ކަމަކަށްވެސް އޭނާގެ ހިތެއް ގަބޫލެއް ނުކުރެއެވެ. ރޯދަވީއްލިގަޑީގައި ކާފަޔާއި މާމަގެ އިތުރުން ނީލާވެސް އިނީ އިޝާންގެ ހަނދާންވެ ދެރަވެފައެވެ. ކުއްލިއަކަށް އިޝާން އެދިޔައީ ކޮންތަނަކަށްބާއޭ ނީލާގެ ހިތަށް އަރަމުންދިޔައެވެ. ވީކިހިނެއްކަން ނޭނގުނު ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ނީލާއަށް ވިސްނުނެވެ. އަދި އަނިލްއަށް ކަންތައްވީގޮތް އެނގޭނެކަމުގައިވެސް އޭނާގެ ހިތްބުނަމުން ދިޔައެވެ. އިޝާން ދިއުމުން އެންމެންގެ މޫނުމަތިން ފެނުނު މޮޅިވެރިކަން ދެކެފައި އަނިލްގެ ހިތަށް އުނދަގޫވިއެވެ. އަނިލް ހީކޮށްގެން ހުރިގޮތާއި ޚިލާފަށް އިޝާން ދިއުމުން އެހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ.
އޭގެ ބަދަލުގައި ހިތަށް ލިބުނު ނުތަނަވަސްކަން ވީ އިތުރެވެ. އިޝާންގެ ޚަބަރެއް ނުވުމުން ހަޤީޤަތުގައިވެސް އިޝާންއާމެދު އަނިލް ކަންބޮޑު ވެއްޖެއެވެ. އިޝާން ރޯދަވީއްލައި ކައިހަދާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. މާމައާއި ކާފަވެސް ދެރަވެ ދެރަވެފައި އެވާހަކަ ދައްކަމުން ދިޔައިރު، ނީލާގެ ހިތުގައިވެސް ވަނީ އެޚިޔާލެވެ. އިޝާން ދަމުން އެދިޔައީ އެމީހުންގެ ހިތުގެ ހަމަޖެހުން ނަގާލާފައެވެ. އެމީހުންގެ ހިތްތަކުގައި އިޝާންއަށްވާ ލޯބި އަނިލްގެ ކުރިމަތީގައި ހާމަވަމުން ދިޔަވަރަކަށް އެހިތަށްވެސް އަސަރު ކުރަމުން ދިޔައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އިޝާން ދިއުމުން އޭނާ ވާންވީ އުފާނޫން ހެއްޔެވެ؟ ނޫނެކެވެ. އިޝާންނެތި މިވޭތުވެދިޔަ މަދު ވަގުތުކޮޅުގައިވެސް އެހިތަށް ހިނދުކޮޅަކަށްވެސް ހަމަޖެހުމެއް ނުލިބުނެވެ. އިޝާން ގުޅިފައިވަނީ ހަމައެކަނި ނީލާގެ ހިތާއި ނޫންކަން އަނިލްއަށް މިހާރު ގަބޫލު ކުރެވިއްޖެއެވެ. އެއީ މިހާރު އެއާއިލާގެ ހިއްސާއެއް ކަމުގައި ވަނީވެފައެވެ.
ދުވަހަކީ ހުކުރުދުވަހެވެ. ސުކޫލަށް ނުކުންނަން ނުޖެހޭތީ އިޝާންގެ ފޫހިކަން އިތުރުވިއެވެ. މާމަމެން ދެކިލަން ދާން ހިތައް އަރާފައިވެސް އެގެޔަށްދާން ޖެހިލުންވިއެވެ. އެމީހުންގާތު ނުބުނެ ސިއްރުން އައުމުން އެމީހުން އޭނާދެކެ ނުރުހިފައިވެސް ތިބެދާނެއޭ ހިތައް އަރަނީއެވެ. ކާފަ އާއި އަނިލްވެސް އިޝާންގެ ފޯނަށް އެވަރަށް ގުޅިއިރުވެސް އޭނައުޅުނީ ފޯނު ނިވާލައިގެންނެވެ. ފޯނު ހުޅުވާފައި ބަލާލިއިރު އެތައް މިސްޑްކޯލެއް އޮތެވެ. އަނިލް އަށް ގުޅާފައި ގޭތެރޭގެ ހާލަތު އޮޅުން ފިލުވަންވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާއަށް ކަންތައް ކުރެވުނު ގޮތުން ގުޅާކަށްވެސް ނުކެރުނެވެ. ހަފްތާބަންދުގެ ދެދުވަސް އޭނާ ހޭދަކުރީ ނުހަނު ފޫހިކަމާ އެކަނިވެރިކަމާއެކުގައެވެ. ގިނަވަގުތު އޭނާހޭދަކުރީ ކޯޓަރިތެރޭގައެވެ. ބޭރަށްދަނީ ހަމައެކަނި ނަމާދަށް މިސްކިތަށް ދިޔުމަށްޓަކައެވެ. ކާފައަށް ފެނިދާނެތީ އިޝާން ދަނީ އެލިޔާ އަވަށުގައި ހުންނަ މިސްކިތަށެވެ.
ހަފްތާ ބަންދަށްފަހު ސުކޫލު ހުޅުވިއްޖެއެވެ. އިޝާންވެސް އާދައިގެމަތިން ސުކޫލަށް ނުކުތެވެ. އަނިލްއަށް އިޝާން ފެނުމާއެކު ބުނަންނޭނގޭފަދަ ހަމަޖެހުމެއް ހިތަށް ލިބުނެވެ. މިވީ ދެދުހުގެ ތެރޭގައިވެސް އިޝާންގެ މޫނުވަނީ މިލާފައެވެ. ނަމަވެސް އެތުންފަތުގައި އަބަދުމެ ދުވެލަދުވެލައި ހުންނަ ލާނެއް ހިނިތުން ވުމަކަށް ބަދަލެއް ނާދެއެވެ. އިޝާންގެ މޫނުގައިހުރި އުފާވެރިކަމުން އޭނާހުރީ ވަރަށް ހަމަޖެހިފައިކަން އަނިލްއަށް ޔަގީން ކުރެވުނެވެ. ނީލާއަށްވެސް އިޝާން ފެނުމުން ބަލަން ހުރެވުނީއެވެ. އިޝާންއާ ކުރަންބޭނުން ބައިވަރު ސުވާލުތައް އޭނާގެ ހިތުގައި ވެއެވެ. ނީލާފެނުމާއެކީ މޯރނިންގް އޭބުނެ ހިނިތުންވެލިއިރު އެއްވެސް ކަމެއްވެފައިވާހެންވެސް ހިއެއްނުވެއެވެ. އަނިލް ފެނުމުންވެސް ގުޑްމޯރނިންގް ސަރ އޭބުނެ ހިނިތުންވެލީ އެހިތުގައި އެއްވެސް ޝަކުވާއެއް ނެތޭބުނާފަދަ ގޮތަކަށެވެ. އަރޫނާއަށް އިޝާން ފެނުމުން ފާޑަކަށް ބަލަންހުރުމުން، އިޝާންއައިސް ހިނިތުންވެލާފައި އަރޫނާގެ ނޭފަތުގައި ހިފާލިއެވެ. އަރޫނާހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އުފާވެރިކަން މޫނަށް ވެރިކުރުވައިގެން އެންމެނާ ސަމާސާކުރަމުން އިޝާން އައިސް އޭނާގެ ކެބިންއަށް ވަނެވެ. އެހިތުގައިވާ ވޭނާއި އުދާހެއް އެއްވެސް މީހަކަށް ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހާރުނުކައި ދެދުވަސްވާންދެން ރޯދައަށް ހުރުމުގެ ސަބަބުން ލޮޑުކަމެއްވަނީ ހަށިގަނޑަށް ވެރިވެފައެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުން އެކަމެއްވެސް މީހަކަށް ދޭހަވިޔަކަ ނުދެއެވެ. އެގޮތުގައިވެސް އޭނާ ކެތްކުރާނެއެވެ. ކޮންމެފަދަ ހާލެއްގައިވެސް މިރަށުގައި އުޅެން އޭނާބޭނުމެވެ.
އެދުވަހުގެ ހަވީރު އިޝާން އަނިލް މެންގެޔަށް ދިޔައީ އިޝާންގެ ނޯޓްފޮތް އެގޭގައި ބާއްވާފައި އާދެވުނުކަން އެނގުމުންނެވެ. އޮފީހުގައި އިނދެފައި އެއްޗެއް ނޯޓްކުރަން ވެގެން ފޮތް އޮތްތޯ ލެޕްޓޮޕް ދަބަސް ބަލައި ނުފެނުމުން ފޮތް ނަގައިގެން ލިޔަން ގެންގުޅެވުނުކަން އިޝާން ހަނދާންވިއެވެ. ނިދިއައުމުން ފޮތްބޭއްވުނީ އެނދުގެ ހެޑްބޯޑްމަތީގައިކަން ވެސް ހަނދާންވީ ދެނެވެ. އިޝާން ބޭނުންވީ އެހެން މީހަކަށް ފޮތްފެނުމުގެ ކުރިން އަވަހަށް ގޮސް ގެނައުމަށެވެ. އަދި އެފޮތް މީހަކަށް ފެނުނު ކަމުގެ އެއްވެސް އަލާމާތެއް އޭނާއަކަށް ނުފެނެއެވެ.
އިޝާން ވަރަށް ސިއްރު ސިއްރުން ދޮރާށި ހުޅުވާލިއެވެ. ނަސީބު ދިމާކުރިގޮތުން އެވަގުތު ކާފައާއި މާމަ ތިބީ ގޯތިތެރޭގައިހުރި ޖޯލިފަތީގައެވެ. އިޝާން ފެނުމުން ކާފައާއި މާމައަށް ހީވީ މޮޔަވީހެންނެވެ. ދުވެފައި އައިސް އިޝާންގެ ގައިގާ އޮޅުލައިގަތެވެ. އަތުގައި ހިފައިގެން ގެންގޮސް ޖޯލީގައި ބައިންދާ ސުވާލުތައް ކުރަންފެށިއެވެ. އެމީހުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއްވެފައި އޮތްނަމަ މާފުކުރާށޭ ކިޔައި އެތައް ފަހަރަކު މާފަށްވެސް އެދުނެވެ. މާމައާއި ކާފަ އުޅޭގޮތުން އިޝާންހުރީ ހައިރާންވެފައެވެ. ނަމަވެސް އެމީހުން އޭނަދެކެ ލޯބިވާވަރު ފެނިފައި އިންތިހާއަށް އުފާވެސް ވިއެވެ. އޭނާ ކުރަން އައި ކަންތައްވެސް ވަގުތުން ހަނދާންނެތުނެވެ.
” ދެން ބުނެބަލަ ދަރިފުޅާ…..ކީއްވެގެންތަ ދިޔައީ؟…..ކާފަމެންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟…ނޫނީ އަނިލްއާ ދެމީހުން ކަމަކާ ދެބަސްވީތަ؟” ކާފަދެރަވެލާފައި އަހާލިއެވެ.
” ނޫނޭ ކާފާ……އަހަރެން މިގޭން ދިޔައީ ތިހީކުރާ ކަހަލަ އެއްކަމެއްވެސް ވެގެންނެއް ނޫން…….އަހަރެންގެ ރަހުމަތްތެރީންތަކެއް މިރަށަށް އަންނަން އުޅޭތީ އެމީހުނާއެކީ އެއްގެއެއްގަ އުޅެންވެގެން……އެމީހުން ބައިތިއްބާނެ ތަނެއް މިގެޔަކު ނެތެއްނު……..އެމީހުން ހިތްހަމައެއް ނުޖެހޭނެ އަހަރެންނާ ވަކީން އުޅޭކަށް…..ދެން އެހެންނޫނަސް އަހަރެން ދިޔައީމަ ނަރުގިސްއަށްވެސް ހަމަޖެހިލައިގެން އުޅެވޭނެއްނު….” މާމައާއި ކާފަގެ ހިތްހަމަ ޖައްސައިދިނުމަށް އިޝާން މަސައްކަތް ކުރިއެވެ.
” ދެން ކީއްވެތަ ކުރިން ތިވާހަކަ ނުބުނީ…..ސިއްރު ސިއްރުން ދިޔައީމަ ކާފަމެން ކަންބޮޑުވާނެ ވަރު ނޭގޭތަ؟” ކާފަ ކުޑަކޮށް ނުރުހުންވެފައި ބުންޏެވެ.
” ކާފަމެންނަށް އެނގިގެން އަހަރެން ދާން އުޅުނު ނަމަ ކާފަ އަހަރެން ދިޔަދޭނަންތަ؟…..ހަމަޔަގީން ކާފަ އަހަރެން ހިފަހައްޓާނެކަން…..އެހެންވެ ސިއްރުން ދިޔައީ…….އެގޮތަށް ކަންތައް ކުރެވުނީ ވަރަށް ބޮޑަށް ސޮރީ ކާފާ……އަހަރެން މިގޭގަ ނޫޅުނަސް ބަރާބަރަށް ކާފަމެންގެ ހާލުބަލަން އަންނާނަމޭ…..އެގޮތް އެންމެ ރަނގަޅެއްނު” ކާފަގެ ކޮނޑަށް އަތްވައްޓާލަމުން ހިނިތުންވެފައި އިޝާން ބުންޏެވެ. ޖޯލިފަތީގައި ތިބެގެން އިޝާންއާއި ކާފަމެން ދައްކަމުން ދިޔަވާހަކަ އަޑުއިވޭ ހިސާބުގައި އަނިލް ހުއްޓެވެ. އަނިލް ހީކުރީ އަނިލް ދެއްކި ވާހަކަ އިޝާން ކާފަމެންނާ ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް އިޝާން ކައްތައް ކުރީ އަނިލް ހީކުރި ގޮތަކަށް ނޫނެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ރަމަޟާން މަސް ވެސް ނިމިއްޖެއެވެ. އިޝާން އާދައިގެ މަތިން އޭނާގެ މަންމައާއި ކާފައާއި މާމަގެ ހާލުބަލަން އަނިލްމެން ގެޔަށް ގޮސް ހަދައެވެ. ހަމައެފަދައިން ނީލާގެ ހާލުވެސް އިޝާން ބަލައެވެ. އެއްދުވަހަކު ނަރުގިސް ނެތް ވަގުތު ބަލައި އިޝާން އެކޮޓަރިއަށް ވަނެވެ. އެނދުގެ ހެޑްބޯޑާއި އަލަމާރީގެ ވަތްގަނޑުތައް ވަކިވަކީން ބެލިއެވެ. އަނދުމަތީގައިހުރި ބާލީސްތައް ނަގައި ގޮދަޑި ހިއްލައިގެން ވެސް ބެލިއެވެ. ނަމަވެސް އޭނާގެ ފޮތެއް ނުފެނުނެވެ. ފޮތް އޮވެދާނެހެން ހީވާ ހުރިހާތަނެއް އިޝާން ބެލިއެވެ. ފޮތެއް ނުފެނުނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އެނދާއި ފާރާއިދޭތެރެއަށް ފޮތް ވެއްޓިފަ އޮވެދާނޭކަމަކަށް އޭނާގެ ޚިޔާލަކަށް ނައެވެ. ސަބަބަކީ އޭނާ އެކޮޓަރީގައި އުޅުނުއިރު އެއްވެސް އެއްޗެއް އެތަނަށް ވެއްޓިފައި ނުވާތީއެވެ. އެންމެފަހުން އިޝާން ގަބޫލުކުރީ ނަރުގިސް އެފޮތް އެއްލާލީ ކަމުގައެވެ. އެގޮތަށް އެކަން ވެއްޖެނަމަ އޭނާ އެކަމާ ފިކުރު ބޮޑުވުމުގެ ބޭނުމެއްނެތެވެ. ނަރުގިސް ނޫން އިތުރު މީހަކަށް އެފޮތް ފެނުނުނަމަ އޭނާގެ ހަގީގަތް މިއަދާ ހަމައަށް ސިއްރުވެފައި ނުއޮތީސްކަން އޭނާއަށް ޔަގީންވިއެވެ. އިޝާން ފޮތް ހޯދުން ހުއްޓާލާފައި ހިތްހަމަ ޖައްސާލީ އެފޮތް ދެން އެހެން މީހަކަށް ނުފެންނާނެ ކަމުގެ އުއްމީދުގައެވެ.
އިޝާން އެގެ ދޫކޮށް ދިޔުމަށްފަހު ނީލާގެ މޫނުމަތީގައި ކުރިން ހުންނަ ހިނިތުންވުން ވަނީ ފިލައިގެން ގޮސްފައެވެ. ނީލާ އުފާކޮށްދިނުމަށްޓަކައި އަނިލް އެކިގޮތް ގޮތަށް މަސައްކަތް ކުރިނަމަވެސް އިޝާން ފަދައިން ނީލާ ހެއްވާލާކަށް އަނިލް އަކަށް ނޭނގެއެވެ. އެއުފާވެރިކަން އަލުން އަނބުރާ ހޯދާދޭނެ ގޮތެއްވެސް އަނިލް އަކަށް ނުވިސްނުނެވެ.
ފަސްމަސް ފަސް……….
އިޝާން އެނދުގައި ފުރޮޅި ފުރޮޅި އޮތީ ލޮލޮށް ނިދިނައިސް ގެންނެވެ. ނީލާ ގޮވައިގެން އަނިލް މާލެދިޔަފަހުން އިޝާންގެ ހާލަކީ އެއީއެވެ. މިއީ ނީލާގެ ބަނޑަށް ދުވަސްފުރޭ މަސްކަމަށްވީތީ އަނިލްވަނީ ޗުއްޓީ ނަގާފައެވެ. އަނިލް ނީލާގޮވައިގެން މާލެދިޔައީ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ދަށްވެފައިވާތީ، އެ ހޮސްޕިޓަލަށް ވިހަންދާން ނީލާ ބިރުން އުޅެން ފެށުމުންނެވެ. މުޅި ދިވެހިރާއްޖޭގެވެސް ސިއްޚީ ހާލަތުވަނީ ވަރަށްބޮޑުތަން ދަށްވެފައެވެ. އަނިލްމެން ދިޔަފަހުން ދުވާލުގެ ގިނަ ވަގުތު އިޝާން ހޭދަކުރަނީ ކާފަމެންނާއެކު އެގޭގައެވެ. ދުވާލަކު އެތަކެއް ފަހަރު ކާފަ އަނިލްއަށް ގުޅައިގެން ނީލާގެ ހާލުބަލައެވެ. އެހެންކަމުން އިޝާންއަށް ނީލާގެ ޚަބަރުތައް ބަރާބަރަށް ލިބެމުން ދެއެވެ. މިހާރު އޭނާގެ ކަންފަތް އެންމެބޮޑަށް އަހަން ބޭނުންވާ އަޑަކީ އޭނާގެ ދަރިފުޅު އުވަންވި ޚަބަރެވެ. އެޚަބަރު އެހުމަށްޓަކައި ބޭޤަރާރުކަމާއެކީ އޭނާ އިންތިޒާރު ކުރަމުންދެއެވެ.
އެނދުގައި ފުރޮޅި ފުރޮޅި ބަނޑުހައިވުމުން އިޝާން ތެދުވެގެން ސިޓިންރޫމަށް ނުކުމެ ކޮފީއެއް ގިރާލިއެވެ. ކޮފީޖޯޑު ހިފައިގެން އައިސް ސޯފާގައި އިންދައި ބޭރު ގޯތިތެރެއަށް ބަޔަކު ފުންމާލި އަޑު ކަހަލަ އަޑެއް އިވިއްޖެއެވެ. ނަމަވެސް އެއީ އޭނާއަށް ހީވިގޮތެކޭ ހިތައި އަޅާނުލައި އިންދައި ދެމީހެއްގެ ވާހަކަ ދެއްކުމުގެ އަޑުވެސް އިވިއްޖެއެވެ. އިޝާން މަޑުމަޑުން ސޯފާއިން ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ދޮރުފޮތިގަނޑު ހިއްލައި ބޭރުބަލާލިއިރު މިލަހަނދުވަރުގެ ތެރެއިން ދެމީހެއްގެ ހިޔަނި އިޝާންއަށް ފެނުނެވެ. ދެމީހުން ވައިއަޑުން ވާހަކަދައްކަމުން ދޮރާދިމާއަށް އަންނަނީއެވެ.
2619 Comments
Comments are closed.
Shara
November 1, 2016 at 9:24 pmV v v reethi!!? Ekn ishan ah v gothun v sad? aneh kaa kn baeh baa ae aee dhw!! Eyna ge frnd eh hn hyvany
Naanu
November 1, 2016 at 9:46 pmMasha Allah v v furihama.
Hama loluge kuri mathin sifavegn dhany.
Emaku ishaan ge diary book ah v goye dhw.
Total kithah part tha ihnany??
Shau
November 1, 2016 at 9:49 pmNice
Adam
November 1, 2016 at 9:55 pmV v v salhi than kolheh avas kohla dhybala update thah??
Thaany
November 1, 2016 at 10:04 pmKon baeh baa?? mi a e v v reethi ngey storry ekm miduvas klhu test v ma dhera ee…ekm mi storry nukiyaeh vx nuhureveyne…hehe
Saandy
November 1, 2016 at 10:30 pmވަރަށް ވަރަށް ރީތި… އެކަމު ތިއޮއް ހެދި ގޮތެއް… އެންމެފަހުން އަނިލް ނުބައި މީހަކަށް ތިހެދީ އެއޮއް ރަނގަޅު މީހާ… ހަސަދައަކީ އެކަހަލަ އެއްޗެއް… 18ވަނަ ބަޔަށް ވަރަށް އިންތިޒާރު ކުރެވޭ އެބަ
Aishu
November 1, 2016 at 10:41 pmYageeney vakkan kuran ai bayeh kan. Ishan ah hamala dheefa kanneyge filaany
Wasy
November 1, 2016 at 10:53 pmAlhe mihaaru 24hr ga enme part ehtha thigenesdhenee. Dhuvaalu eh part reygadu eh part genesdheebala. Haadha reehchey vaahaka
Qeen
November 1, 2016 at 11:13 pmvv reethi
Navya
November 1, 2016 at 11:17 pmV salhu?
Inee
November 1, 2016 at 11:35 pmVarah furihama
aaliyaa
November 1, 2016 at 11:40 pm18 wana part genesdhyba awaha cant wait now
Said
November 2, 2016 at 7:58 amVarah shali engey den kuriyah oih. Bai miahvure rythivaane kamah unmydukuran
Anonymous
November 2, 2016 at 10:41 amvaahaka haadha reecehy.. avahah up kohdheebala shine plx
Shuhaa
November 2, 2016 at 12:06 pmVaahak varah ves furihama…dhen kuriah oih bai avaha genesdheebala Shine☺
lai
November 2, 2016 at 8:02 pmKobaa vaahaka up vanee konirakubaa. Vara inthizaaru kurevay Plx Plx avas kon deebala
Shau
November 2, 2016 at 9:36 pmHaadha lahunney up kurany varah inthizaaru kurevey. .. next part ah
Anonymous
November 2, 2016 at 9:55 pmkobaatha vaahaka… knirakun upkohdheny?
insha
November 25, 2018 at 9:09 amKobaatha author. Haadha habare nuvey. Kudhin kuraa comments ah reply nukuranee keevetha. I’m sorry.