
ޤުރުބާން ވުމީ މިހިތުގެ އުފާ 33 ވަނަ ބައި
ދުވަހަކު ރުޅި ނާންނަ ވަރަށް ހިދާޔާ ދެކެ އަބްޔާން ހުރީ ހުޅި އައިސްފަ އެވެ. އެތައް އެއްޗެއް ކިޔާލަން ހިތަށް އަރަމުން ދިޔަ އެވެ. ނަމަވެސް އޭނަ މަންމައާއި ދިމާއަށް އަޑުލައި ބާރަށް ވާހަކަދެއްކުމަކީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. ދުވަހަކު ވެސް އެގޮތަށް ރުޅިއައިސްގެން ބާރަށް މަންމައަށް ގޮވާލާފައި ވެސް އޭނާ ނެތެވެ. ނަމަވެސް މިއަދު އައި ރުޅިން މަންމައާއި ދިމާއަށް މާބާރަށް ގޮވާވެސް ލެވިއްޖެ އެވެ.
“މަންމާ، ކީއްވެ؟ ކީއްވެ ތިހެން ތި ހެދީ.” އަބްޔާންގެ ހިތުގައި އޭނަ މަންމައާއި މެދު ދެކެމުން އައި ގޮތް ބަދަލު ވެގެން ދިޔަ އެވެ. “މަންމައާއި މެދު ޖަންނަ ދެކުނީ ކިހިނެއް؟ މަންމަ އޭނައަށް ތި ހެދީ ކިހިނެއް؟ އަހަރެންގެ މަންމަ ތިހެން ކަންތައް ކުރާނެ ކަމަކަށް އަހަރެން ހިތަކަށް ވެސް ނާރާ.” އަބްޔާންގެ އަޑު ބެދުނެވެ. އިތުރަށް ދެން އެންމެ ބަހެއް ވެސް އަބްޔާންގެ އަނގައިން ނުނިކުތެވެ.
“މަންމައަށް ޖަންނަ ކީއްކުރީ؟ ޖަންނަ މަންމައަށް ކިހިނެއް ހެދީމަ މަންމަ ތިގޮތަށް ތި ކަންތައް ކުރީ؟ މި ހުރިހާ ދުވަހު މަންމައަށް ޓަކައި މަންމަގެ އެހެން ދަރިންނަށް ވުރެން ބޮޑަށް އަޅާލަމުން އަހަރެން އައީ މަންމަދެކެ އިންތިހާއަށް އަހަރެން ލޯބިވާތީ. އެއީ އަހަރެން ހީކުރީ މަންމަ އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް. އެކަމު އެހެން އެކަމެއް ނުވި… ” އަބްޔާންގެ ހިތަށް އެތަކެއް ޝަކުވާތަކެއް ގިނަވަމުން ދިޔަ އެވެ. އެހުރިހާ ވާހަކަ ތަކެއް ހިދާޔާ ގާތު އަބްޔާންއަކަށް ނުދެއްކުނެވެ. ހިދާޔާ ޖޯލީގައި އަނގައިން ވެސް ނުބުނެ އިސްޖެހި ގޮތަށް އިނީ އެވެ. އަބްޔާންގެ ހިތް ތޮރުފަމުން ދިޔައިރު ލޮލަށް ގިނަވަމުން ދިޔަ ކަރުތައް ފަޅަން ފަށާފައިވާ ތުނބުޅިއަށް ހިނދެމުން ދިޔަ އެވެ.
އެ މަންޒަރު ބަލަން ފަރުޒާނާ އިނދެފައި ތެދުވީ އަބްޔާންއަށް ކުރި އަސަރު ފެނުމުން ދެރަވެގެންނެވެ. ފަރުޒާނާއަކީވެސް ހިދާޔާ ފަދައިން އަމިއްލަ އެދުމަށް އިސްކަން ދީގެން އުޅޭ މީހެކެވެ. ނަމަވެސް އަބްޔާންގެ ޖަޒުބާތުތަށް ފެނުމުން ފަރުޒާނާއަށް ވެސް ކެތްކޮށް ނުލެވުނެވެ. ފަރުޒާނާ ތެދުވެގެން އައިސް އަބްޔާންގެ ބުރަކަށީ ފިރުމާލެވުނެވެ. އަބްޔާން އަކީވެސް ފަރުޒާނާގެ ދަރިއެއް ފަދަ ކުއްޖެއް ވިއްޔާ އެވެ. މާ ގިނަ އިރު މަޑުނުކޮށް ފަރުޒާނާ އަވަހަށް ގޮސް އޭނަގެ ގެއަށް ވަނެވެ. ހިދާޔާ ވެސް މަޑުމަޑުން ތެދުވެ އަބްޔާންއާއި ދިމާއަށް ބަލައިލި އެވެ.
“ދަރިފުޅާ، މަންމަ އެގޮތަށް ކަންތައް ކުރީ ހަމަ ދަރިފުޅަށް ރަގަޅަކަށް.” ހިދާޔާ އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ.
“ރަގަޅަކަށޭ؟” އަބްޔާންއަށް އަހާލެ ވުނެވެ. އަދި ވޭނުން ފުރިގެންވާ ބެލުމަކުން ހިދާޔާއަށް ބަލައިލި އެވެ. “އަހަރެން ދުނިޔެއިން ވެސް އެންމެ ލޯބިވި ކުއްޖާ އަހަންނާ ދުރުކުރީމަ އަހަންނަށް ލިބޭނީ ކޮން ރަގަޅެއް؟” އަބްޔާން ހިތަށް އަރަމުން ދިޔަ އެއްޗެއް ދުލަކަށް ނައެވެ. ހިދާޔާއާއި ދިމާއަށް ބަލަން ހުރެވުނީ އެވެ.
“ޖަންނައަށް ވުރެން ރަގަޅު ކުއްޖެއް ދަރިފުޅަށް ލިބިދާނެ.. މަންމައަށް ޔަގީން.” ހިދާޔާ އައިސް އަބްޔާންގެ އަތުގެ މުލަށްދަނޑީގައި ހިފަހައްޓާލި އެވެ.
“ޖަންނަ ގޯހީތަ؟” އަބްޔާން ހިދާޔާގެ އަތް ނައްޓާލަމުން އެހި އެވެ. ޖަންނަ ގޯސް ކަމަކަށް މަންމައަށް ކުރީ ކީއް؟ ޖަންނަ ކުރި އެންމެ ގޯސް ކަމެއް ވެސް މަންމަ ދައްކަ ބަލަ… ޖަންނަގެ ހުރި ވިޔާ ނުދާ ސިފައެއް މަންމަ ބުނެ ބަލަ.” އަބްޔާން ދެރަވެފައި ހިދާޔާއާއި ސުވާލުކުރި އެވެ. އެއަޑުގައި ވީ ވޭނާއި ކެކުޅުން ކިތަންމެ ރަގަޅަކަށް ވެސް ހިދާޔާއަށް ފާހަގަވިއެއް ކަމަކު، ދެނަހުރި ކަމަށް ވެސް ހަދާކަށް ހިދާޔާ ބޭނުމެއް ނުވި އެވެ.
ހިދާޔާއަށް ބުނާނެ އެއްޗެއް ނޭގިފައި އަބްޔާންއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ޖަންނަތުގެ ނޭދެވޭ ސިފައެއް ހުދު ހިދާޔާއަށް ވެސް ނޭގެ އެވެ. ފެނިފައި ވެސް ނެތީ އެވެ. ނަމަވެސް ކަމެއް ހަދާން ކުރާ ކަހަލަ ގޮތަކަށް ހިދާޔާ ހުއްޓެވެ.
“ދަރިފުޅާ، ދެން ޖަންނަ މަތިން ހަދާން ނައްތާލާ… އެހެން ކުއްޖެއް މަންމަ ހޯދަދީ ފާނަން.” އަނެއްކާ ވެސް ހިދާޔާ ބުންޏެވެ.
“މަންމާ، އަހަންނަށް ތިކަމެއް ދުވަހަކު ވެސް ނުވާނެ… މަށަށް ވެސް އިނގޭ މަންމައަށް ކިތަންމެ އަންހެން ކުދިންނެއް އަހަންނަށް ޓަކައި ހޯދޭނެ ކަން… ހުދު އަހަންނަށް ވެސް ހޯދިދާނެ… އެކަމަކު ޖަންނައެއް ދެން ނުލިބޭނެނު…. ޖަންނަ ދެކެ އަހަރެން ލޯބިވާވަރަށް އެހެން މީހަކު ދެކެ ލޯތްބެއް ނުވެވޭނެ… ދުވަހަކު ވެސް އަހަންނަށް އެކަމެއް ނުވާނެ…” އަބްޔާން އެހެން ބުނެފައި ހިދާޔާއަށް ފުރަގަސް ދެމުން ހިގައި ގަތެވެ.
“އަހަންނަކަށް ނޭގެ މަންމަ ޖަންނަ ދެކެ ތިހާ ރުޅިއެއް ތި އަންނަ ސަބަބެއް. ގައިމުވެސް އެ ސަބަބުވެސް ކޮންމެވެސް ދުވަހަކުން އަހަންނަށް އިނގޭނެ. ޖަންނަ އަހަންނާ ދުރުވީ ކީއްވެކަން ވެސް މިއަދުވެސް މިޔޮތީ އިނގިފަ… މަންމަ ނުބުންޏަސް އެކަން ވެސް އަހަންނަށް އިނގިދާނެ.” އަބްޔާން ދަމުން ހިތަށް އެރި އެވެ.
“ދަރިފުޅާ،” ގެއަށް ނުވަދެވެނީސް ހިދަޔާ އަނެއްކާވެސް އަބްޔާންއަށް ގޮވާލި އެވެ. އަދި އަބްޔާން ކައިރިއަށް އައިސް އަބްޔާން އަތުގައި ހިފަހައްޓާލަމުން ވާހަކަ ދައްކަން ފެށި އެވެ. “ދެން އެކަންތައް ހަދާން ނައްތާލާ.. ދެން އެކަން ވެސް އެޔޮތީ އެހެން ވެފަ… މަންމައަށް ވެސް އެގޮތަށް އެކަން ކުރެވިއްޖެ… ދެން ވެދިޔަ ކަމެއް ވެ ދިޔައީނު… ދަރިފުޅު ވެސް ދެން ރަގަޅު ކުއްޖެއް ހޯދައިގެން އިނީމަ ލޯބިވެސް ވެވޭނެޔޭ.” އަދިވެސް ހިދާޔާ ބެލީ ހިދާޔާ ކޮޅަށް އަބްޔާން އަނބުރާލެވޭތޯ އެވެ.
“މަންމާ،” އަބްޔާން ލޯ ފޮހެލަމުން ނުރުހިފައި ވާހަކަ ދައްކަން ފެށި އެވެ. “މަންމަ، އަހަރެން ކައިރީ މީހަކާ އިންނަން ނުބުނާތި… ތިކަމެއް ދުވަހަކު ވެސް ނުވާނެ… އަހަރެން މިއަދު ވަރަށް ދެރަވެއްޖެ… މަންމައާ ހެދި އަހަރެން މިއަދު ވަރަށް ދެރަވެއްޖެ… އަދި އަހަރެންގެ ހިތަށް ވަރަށް އަސަރުކޮށްފި…” އަބްޔާން ހިދާޔާއަށް ބަލަން ހުރެލާފައި ލޮލަށް ޖަމާވި ކަރުތައް ފޮހެލަމުން މުޅި މޫނުގައި އަތް ހާކާލަމުން ގޮސް ގޭތެރެއަށް ވަދެގެން ހިގައްޖެ އެވެ. ހިދާޔާ އަބްޔާން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. އަބްޔާން އެންމެ ފަހުން ބުނެލި ޖުމުލަތަށް ހިދާޔާގެ ސިނކުޑީގައި ގުގުމަމުން ދިޔަ އެވެ. ހުރި ގޮތަށް އިރުކޮޅަކު ހިދާޔާއަށް އެތާ ހުރެވުނެވެ. އަބްޔާން އާއި ދެތެރޭ ކަންތައް ކުރެވެމުން ދިޔައީ ރަގަޅަށް ނޫންކަން ހިދާޔާއަށް ވިސްނުނެއް ކަމަކު އެކަން އަދި ޤަބޫލު ކުރާކަށް ހިދަޔާ ބޭނުމެއް ނޫނެވެ. އެހެން ހުރެފައި ހިދާޔާއަށް ގޭތެރެއަށް ވަދެވުނީވެސް އެ ހިޔާލުގައި ހުރެ އެވެ.
އަބްޔާން ލީކްސް ރެސްޓޯރެންޓަށް ގޮސް އާނމުކޮން އިންނަ މޭޒު ކައިރީ އިށީނެވެ. އަބްޔާން ކޮފީއަކަށް އޯޑަރު ދިންތަނާހެން މުޒައްފަރުއާއި ނޫރު އައިސް އަބްޔާންއާއި ބައިވެރި ވިއެވެ. އަބްޔާންގެ މޫނު ފެނި މާ މަޑުން އިންނަން ފެށުމުން ނޫރު ސުވާލު ކުރަން ފެށި އެވެ. އަބްޔާން ނޫރުއާއި މުޒައްފަރުއަށް ހުރިހާ ވާހަކައެއް އަސަރާއި އެކު ކިޔައި ދިނެވެ. މުޒައްފަރުއާއި ނޫރު އެކަކު އަނެކަކަށް ބަލައިލަމުން އަބްޔާން ގައިގައި ފިރުމާލި އެވެ.
“އަހަރެން ބުނީމަވެސް އަބީ ގަބޫލު ނުކުރި ވިއްޔަ.” ނޫރު މަޑުމަޑުން ބުނެލި އެވެ.
“އާން، އަހަރެން ހިތަކަށްވެސް ނާރަ އަހަރެންގެ މަންމަ އެހެން ހަދާނެޔެކޭ…” އަބްޔާން ބުނެލި އެވެ. މުޒައްފަރު ވެސް ބޯޖަހާލި އެވެ.
“ދެން ކުރާނެ ކަމެއް ނެތެއްނު…” މުޒައްފަރު ބުނެލި އެވެ.
“އާން، ދެން ކުރާނެ ކަމެއް ނެތް… ޖަންނަ ކަންތައް އެކުރީ ހަމަ ރަގަޅަށް… އަހަރެން މަންމަ ޖަންނަ ދެކެ އެހާ ރުޅި އަންނަ އިރު އަހަރެން ޖަންނައާ މެރީ ކުރި ނަމަވެސް ޖަންނައަށް އުފާވެރި ދިރިއުޅުމެއް ނުލިބުނީސް ކަންނޭގެ.”
“އަހަރެން ހިތަށް އަރާ އަބީ މަންމަ ޖަންނަ ދެކެ އެހާ ރުޅި އަންނަނީ ކީއްވެ ބާއޭ.” އިރުކޮޅެއް ފަހުން ނޫރު ބުންޏެވެ.
“ތީ ދެން ހޯދަން ޖެހިފައި އޮތް ޖަވާބަކީ… އަހަރެން ވެސް ތިހެން ހިތަށް އަރަނީ.” އަބްޔާން އިނދެފައި ބުނެލި އެވެ.
“ވެދާނެ އަބީ ބައްޕަ ޖަންނަމެނާ ބިޒްނަސް ހިއްސާ ކުރީމަ ކަމަށް ވެސް.” މުޒައްފަރު ބުނެލި އެވެ.
“ހޫނ… ވެދާނެ.” އަބްޔާން ވިސްނުމެއްގައި އިނދެފައި ބުނެލި އެވެ.
އެތަށް ދުވަހެއް ވަންދެން ޒައީމާ މެންގެއަށް ނުވަދެ ހުރެފައި މިއަދު އަބްޔާން ގޮސް ޒައީމާ މެންގެއަށް ވަނެވެ. އޭރު ޒައީމާއާއި ޒިޔާދާ ބަދިގޭގައި ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަން އުޅެ އެވެ.
“އައްދޭ އެއްކަލަ އަބީ އައިއްސި.” ޒިޔާދާއަށް އަބްޔާން ފެނުމުން ބުންޏެވެ. ޒައީމާ ވެސް އެވަގުތު އަބްޔާންއަށް ބަލައިލި އެވެ.
“މިހާރު އަބީ ހާދަ ތަދޭ ދޯ… އަނެއްކާ މިގެ ދެއްކީ ކާކު؟” ޒައީމާ އަބްޔާންއާއި ސަމާސާ ކޮށްލި އެވެ.
“ސޮރީ ޒައީމާއްތާ، އަހަރެން އަސްލު މިގެއަށް އަންނަން ވަރަށް ބޭނުންވޭ އަބަދުވެސް… އެކަމަކު ކަންތައް ދިމާވި ގޮތުން އަންނަ ހިތް ނުވީ… މިހާރު ހުރިހާ ކަމެއްވެސް އިނގުނީމަ ދެން މިއައީ.” އަބްޔާން އައިސް އެތާހުރި ގޮނޑިއެއްގައި އިށީންނަމުން ބުނެލި އެވެ.
“ހުރިހާ ކަމެއް އިނގުނީމަ ޔޭ؟” ޒައީމާ ހައިރާން ވެފައި ސުވާލު ކޮށްލި އެވެ. އަބްޔާން ބޯ ޖަހާލަމުން ހިދާޔާގެ ވާހަކަ ޒައީމާއަށް ކިޔައި ދިނެވެ. ޒައީމާ ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އަބްޔާން ވާނެ ދެރަ ހިތަށް އަރާފައި މަޑުން ހުރެވުނީ އެވެ.
“އަސްލު ޒައީމާއްތަ ވެސް ވަރަށް ދެރަވި… ދެރަވި ވަރުން އަބީއަށް ވެސް އެކަން ސިއްރުކުރީ… އަނެއްކާ ޖަންނަވެސް ބޭނުންވީ އެގޮތް ވިއްޔާ.”
“އާން، ޖަންނަވެސް ޒައީމާއްތަ ވެސް ކަންތައް ކުރީ ރަގަޅަކަށް ނޫން، އަހަންނަށް ކުރިން އިނގުންނަމަ މިަކަމަށް ކޮންމެވެސް ހައްލެއް ގެނެވުނީސްކަންނޭގެ… ދެން އެކަމު ކުރާނެ ކަމެއްނެތްތާ.” އަބްޔާން ގަދަކަމުން ހިނިތުން ވެލި އެވެ. “އެކަމަކު އަހަރެން ހިތަށް އަރާ ޖަންނަމެން ދެކެ މަންމަ އެހާ ރުޅި އަންނަނީ ކީއްވެބާއޭ… އެންމެ ކުރިން ވެސް ޖަންނަމެނާ ބައެއް ފަހަރު މަންމަ ވާހަކަ ދައްކާނީ ވަރަށް ރޫޑުކޮން… އޭރު ދެން އެކަމު އަބަދު އެހެން ވާހަކަ ދައްކާތީ ހިތަކަށްނާރަ ޖަންނަމެން ދެކެ ރުޅި އަންނަނީ ކަމެއް.”
“އަބީ، ޒައީމާއްތަ ބުނަންތަ ކީއްވެކަން. ދެން ކަމެއް ސިއްރުކޮށްގެން ހުންނާކަށް ޒައީމާއްތަ ބެނުމެއްނޫން. އެކަމަކު އަބީއަށް ކިޔައިދީފިއްޔާ ދެން ވާނެގޮތެއް ވެސް ނޭގެ… ފަހަރެއްގައި އަބީ މަންމަ ދެކެ ރުޅިވެސް އައިސްދާނެ…”
” މަންމަ ކަންތައް ކުރި ގޮތުން، މިހާރުވެސް އަހަރެން މަންމަ ދެކެ ރުޅި އައިސްފަ މިހުންނަނީ… ޒައީމާއްތައަށް އިނގޭ އެއްޗެއް ކިޔައިދީބަލަ…”
ޒައީމާ އަބްޔާންއަށް ހިދާޔާގެ ލޯބީގެ ވާހަކަ ކިޔައި ދިނެވެ. އަބްޔާން އިނީ ހައިރާން ވެފަ އެވެ. އަބްޔާންއަށް ހިލަމެއް ވެސް ނުވާ ވާހަކަ އެކެވެ. މީހަކު ދައްކަނިކޮން އަޑުވެސް އިވުނީއެއް ނޫނެވެ. ގަބޫލު ކުރަންވެސް ބޭނުން ނުވެފައި އަބްޔާންއަށް އިނދެވުނީ އެވެ.
“ގަބޫލު ނުކުރަން ދޯ ތީނީ؟” ޒައީމާ އަހާލި އެވެ.
“ނުކުރެވިފަ މީނީ… އެކަމަކު ތީ މުޅިން ދޮގެކޭވެސް ބުނާކަށް ނެތިން.” އިވުނު ވާހަކައިން ގަބުވެފައި އިން އަބްޔާން ބުނެލި އެވެ.
“އަނެއްކާ ޒައީމާއްތަ މިވާހަކަ ދެއްކިކަމަށް ނަހަދައްޗޭ… އޭރުން ކަންތަށް ރަގަޅެއް ނުވާނެ.”
“އާން، ޒައީމާއްތަ ހާސްނުވޭ…” އަބްޔާން ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެ އަތް ކޮށްޕާލައިގެން އެގެއިން ނިކުމެގެން ގެއާ ދިމާލަށް ދިޔައިރު ތަފާތު ހިޔާލުތައް ބޮލުތެރޭ ގިނަވަމުން ދިޔަ އެވެ. އޭނަމަންމަގެ ގޮތް ރަގަޅަށް އިނގުމުން އިތުރަށް އޭނަ މަންމައާއި ކުރިމަތި ލާކަށް އަބްޔާން ބޭނުމެއް ނުވި އެވެ.
ޒައިދާން ފުރަން އުޅޭތީ ޖަންނަތު ޒައިދާންގެ ކުޑަ ފޮށްޓަށް އެއްޗިހި އަޅާ ތައްޔާރު ކުރަމުން ދިޔަ އެވެ. އޭރު އާޔަތު ވެސް ޔަޒަންއާއި އެކު އެކޮޓަރި އެނދުމަތީ އިށީނދެގެން ތިއްބެވެ. ޒައިދާން ވެސް އޭނަގެ ލެޕްޓޮޕާއި ފައިލްތައް ތަރުތީބު ކޮށްލާފައި އޭނަގެ ސޫޓުކޭހަށް ތަރުތީބުން އެ އެއްޗިހި ލިޔެވެ.
“ބައްޕާ، އަބީބެ ކައިރީ ބުނަށްޗޭ ޔަޒަން ވަރަށް މިސްވެޔޭ.” ޔަޒަން ޒައިދާންއަށް ބަލައިލަމުން ބުނެލި އެވެ. ޒައިދާންއަށް ބޭ އިހުތިޔާރުގައި ޖަންނަތުއާއި ދިމާއަށް ބަލައިލެވުނީ އަބްޔާންގެ ނަން ބުނީމަ އެވެ. ކުރިން އެހެން ބުންޏަސް ޒައިދާން ހިތަކަށް ގޮތެއް ނުވެ އެވެ. ނަމަވެސް މިއަދު އަބްޔާންގެ ނަން އިވުމުން ޖަންނަތުއަށް ބަލައިލެވުނީ އަދިވެސް ޖަންނަތު ހިތުގައި އަބްޔާންއަށް ޓަކައި ވާލޯބި އަންދާޒާ ކޮށްލުމަށެވެ. ޖަންނަތުގެ މޫނުމަތިން އެއްވެސް އަސަރެއް ޒައިދާންއަކަށް ނުފެނުނެވެ. ޒައިދާން ހިންދެމިލަމުން ތެދުވި އެވެ.
“އާން، ބައްޕަ ބުނާނަން…” ޒައިދާން އައިސް އެނދުކައިރީ ހުއްޓިލަމުން އެނދުމަތީ އިން ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ. “އަބީބެ އެކަނިތަ މިސް ވަނީ، ބޮޑޫއްތައާ ކުޑާއާ މަތިން ހަދާނެއް ނުވޭތަ؟” ޒައިދާން ހީލަމުން އެހި އެވެ.
“އަބީބެ އެންމެ ބޮޑަށް މިސް ވަނީ… ބޮޑޫއްތަޔާ ކުޑާއާ ތުއްތި މަތިން ވެސް ހަދާން ވޭ. އެކަމަކު އެ އެންމެން އަބަދު ޔަޒަންއަށް ގުޅާލަ އެއްނު. އަބީބެ ނުވެސް ގުޅާލަ.” ޔަޒަން ބުނެލި އެވެ. އާޔަތު ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ.
“ޒައިދާންބޭ، ކެބް އައިސްސި.” އާޒަތު އައިސް ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ޖަންނަތު އޭރު ކުޑަ ފޮށީގެ ޒިބު އަޅުވާލާފައި ތެދުވަނީ އެވެ. ޔަޒަން އެނދުން ފުންމާލައިގެން އައިސް ޒައިދާން ގައިގައި ބައްދާލި އެވެ. ޒައިދާން ޔަޒަންގެ ނިއްކުރިއަށް ބޮސްދެމުން ބަސް އަހައިގެން އުޅުމަށް ނަސޭހަތްތެރި ވެލި އެވެ. އަދި އެތާ އިން އާޔަތުއާއި ސަލާން ކޮށްލާފައި ސޫޓުކޭސް ހިފާލަމުން ޖަންނަތުއަށް ބަލައިލި އެވެ. އާޔަތު ލާނެތް ފާޑަކަށް ހިނިތުން ވެލަމުން ޔަޒަން ގޮވައިގެން އެކޮޓަރިން ނުކުތެވެ. އާޒަތު ވެސް ކުޑަ ފޮށި ހިފައިގެން ނުކުތީ ކާރަށް އެ ލުމަށް ޓަކަ އެވެ.
“ޖަންނާ،” ޒައިދާން އައިސް ޖަންނަތު ކައިރީ ހުއްޓިލަމުން އަތްދިއްކޮށްލީ ސަލާން ކުރާށެވެ. “މީ… ޔަޒަން.. ޔަޒަން ރަގަޅަށް ބަލައްޗޭ…” ޖަންނަތުއާއި ސަލާން ކޮށްލަން އަތުގައި ހިފާލަމުން ޒައިދާން ބުނެލި އެވެ. މިއަދު ޖަންނަތުގެ އަތުގެ އިހުސާސް ވެސް ޒައިދާންއަށް ކުރެވިގެން ދިޔަ އެވެ. ޖަންނަތު އަތުގައި އަތްލުމުން ކަރަންޓުގެ ރާޅުބާނީއެއް ހަށިގަނޑަށް ދިޔަ އެވެ. “އައި އޭމް ގޮއިން ޓު މިސް ޔޫ…:” ޒައިދާން ބުނަން ހިތަށް އެރި އެވެ. ނަމަވެސް ދުލު ކުރިއަށް އެންމެ ލަފުޒެއް ވެސް ނައެވެ.
“ގުޅައްޗޭ، އޭރުން ޔަޒަން އުފާވާނީ.” ޖަންނަތު ޒައިދާން އަތުން އަތް ވަކިކޮށްލަމުން ބުނެލި އެވެ. “ޖަންނަ އުފަލެއް ނުވާނެތަ؟” ޒައިދާންއަށް އެ ސުވާލުވެސް ކޮށްލެވުނީ އަމިއްލަ ހިތާ އެވެ.
“އާން، އިރާދަކުރެއްވިއްޔާ، ކޮންމެ ދުވަހަކު ގުޅާނަން.” ޖަންނަތުއަށް ބަލަން ހުރެފައި އެންމެ ފަހުން ޒައިދާން ބުނެލި އެވެ.
“އެންމެނަށް ސަލާން ބުނައްޗޭ.”
“ޝުއަރ.” ޒައިދާން ދާން ނުކުންނަމުން ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލައިގެން ދޮރުކަނީގައި ލެގިލައިގެން ޒައިދާން ދާތަން ބަލަން ހުއްޓެވެ.
އިރުއެރީ ވަރަށް ވިއްސާރަ ދުވަހަކަށެވެ. އަބްޔާން ކޮޓަރިން ނުކުތް އިރު ނަސީރު ކޮޓަރި ބެލްކަނީގައި ހުރެގެން ބަދިގޭގައި އުޅޭ ކައްކާ މީހާއާއި ވާހަކަ ތަކެއް ދައްކަ އެވެ. އަބްޔާން ފެނުމުން ނަސީރު ނިކަން ބޮޑަށް ހިނިތުން ވެލަމުން އައިސް އަބްޔާންގެ ކޮނޑުގައި ފިރުމާލި އެވެ.
“ދަރިފުޅާ، ރޭގަ ހާދަ ލަހުން އައީ.. ؟” ރޭ ދަންވަރު އަބްޔާން ފެކްޓްރީއަށް އައިމަ ނަސީރު ހުރީ ހައިރާން ވެފަ އެވެ. ކުއްލިއަކަށް ލޯންޗެއް ހިފައިގެން އައިމަ އެވެ.
“ބައްޕައަށް އިނގިލެއްވިތޯ އަޅުގަނޑު އައި ގަޑި.” އަބްޔާން ނަސީރުއާއި ސުވާލު ކޮށްލީ ހަގީގަތުގައި ވެސް އަބްޔާންއަށް ނޭގޭތީ އެވެ.
“އާން، ބައްޕައަށް އިނގުން… ދަރިފުޅު އައިސް އެނދުގައި އޮށޯތް ވަގުތު ބައްޕައަށް ހޭލެވުނީ.” ނަސީރު އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ. “ދަރިފުޅު ކުއްލިއަކަށް ފެކްޓްރީއަށް އައިމަ ބައްޕަ ވަރަށް ހައިރާންވި… އެކަމަކު އެހާ ދަންވެފަ ހުރީމަ ބައްޕަ އަޅާނުލީ.”
“އަޅުގަނޑު ހަމަ އަންނަ ހިތްވީ ބައްޕާ، ރަށުގަ ހުންނަން ބޭނުން ނުވާތީ.” ޒައިދާން ދުރު ބަލަން ހުރެ ބުނެލި އެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔަ އެވެ. “އަޅުގަނޑު ބޭނުންވަނީ ގިނަ ވަގުތު ފެކްޓްރީގަ އުޅެން… ރަށުގެ މާހައުލާއި ދުރުގަ.” އަބްޔާން ލައިގެން ހުރި ސޯޓުގެ ޖީބަށް އަތްޖަހާލަމުން އަދަބުވެރި ކަމާއެކު ނަސީރުއާއި ވާހަކަ ދައްކަމުން އަބްޔާން ގެންދިޔަ އެވެ.
“އާން… ބައްޕައަށް އިނގެޔޭ… ދަރިފުޅު ކަންތައް ތަކާއި މަސްޢޫލުވެ އުޅުނީމަ ރަގަޅު ވެސް ވާނީ.” ނަސީރު ބޯ ޖަހާލަމުން ބުންޏެވެ.
“މީން ދުވަހަކު ވިއްސާރަ ހުއްޓާނެ ކަމެއް ނޭގެ… ހާދަ ބޯކޮނޭ މި ވާރޭ ވެހެނީ.” އަބްޔާން މާހައުލަށް ބަލައިލަމުން އަވަހަށް ބުންޏެވެ. ނަސީރު ބޯ ޖަހާލަމުން ދުރަށް ބަލައިލި އެވެ. އަބްޔާން ވެސް އިރުކޮޅަކު އެތާ މަޑުކޮށްލައިގެން ހުރެފައި ކޮޓަރިއަށް ވަނެވެ.
ޒައިދާން ގޮސް ގެސްޓް ހައުސްއަށް ވަންއިރުވެސް ބޯކޮން ވާރޭ ވެހެމުން ދިޔަ އެވެ. ކުއްލިއަކަށް އަންގާވެސް ނުލާ ޒައިދާން އައުމުން ރިސެޕްޝަންގައި އިން ލާމިޔާއަށް ހައިރާންކަން ލިބި ތެދުވި އެވެ.
“ޒައިދާން،” ލާމިޔާއަށް މަޑުމަޑުން ބުނެލެ ވުނެވެ.
“ލާމިޔާ، ކޮން ބަޔެއް އޮފީހުގަ؟” ޒައިދާން ލާމިޔާ ގާތު އަހާލި އެވެ.
“މިވަގުތު މާޒިދު އާއި ހުދާ އެބަ އުޅޭ.” ލާމިޔާ ބުންޏެވެ.
“ކަންތައްތައް ރަގަޅުތަ؟” ޒައިދާން ލާމިޔާއަށް ނިކަން ރަގަޅަށް ބަލައިލަމުން އެހި އެވެ. ކަލީމް ޒައިދާންއަށް ކިޔައިދީފައި ވާ ވާހަކަތައް ތެދުތޯ ބަލަން ޒައިދާން ބޭނުންވި އެވެ.
“ޒައިދާން، ކޮންކަމެއްތޯ ރަގަޅުވާނީ… ޒައިދާން މެނޭޖަރަކަށް މިތަނަށް ވެއްދީ ހަމަ ހުރިގޮތަށް ހުރި ފުރޯޑެއް. ތަން ހިނގަން ވެސް ނޭގޭ އިރު މިތަނަށް ލިބޭ ބައެއް ފައިސާ ހަމަ ދިމާއަށް ފެންނަގޮތަށް ފާޅުގަ ޔޫސްކުރަނީ. ކަލީމް އެކަމާ އެއްޗެއް ބުނެގެން ކަލީމްއާއި ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވުމުން ކަލީމްވެސް ރުޅިއައިސްގެން މިތަނުން ވަކިވީ. އަޅުގަނޑުމެންވެސް މި ތިބެނީ ކިރިޔަ ކިރިޔާ.” ލާމިޔާ ހުރިހާ ވާހަކަތަކެއް ޒައިދާންއަށް އޮޅުން ފިލުވައި ދެމުން ދިޔަ އެވެ. “މިތަނުގެ މާހައުލު މުޅިން މިވަނީ ބަދަލުވެފަ. ގެސްޓުން ކުރިމަތީވެސް މުވަށްޒަފުން ޒުވާބު ކުރާތަން ފެންނަނީ… ޒައިދާންއަށް އިނގިލައްވާތޯ ޒައިދާން ދަމުން މިތަނަށް ވެއްދި ސެކްރެޓަރީއާއި މާޒިދުއާ ވެސް ކޮންމެވެސް ރިލޭޝަންއެއް އޮވޭ. އެދެމީހުންގެ ކަމަކީ މުޅި މިތާ ތެރޭ މާފޮޅުވުން.” ލާމިޔާގެ ވާހަކަތައް އަޑުއަހާފައި އިތުރަށް ހިތްހަމަ ނުޖެހިފައި ހުރެ ޒައިދާން އެތެރެއަށް ހިގައި ގަތެވެ.
ޒައިދާން ކުއްލިއަކަށް ވަނުމުން މޭޒު ކައިރީއިން މާޒިދުއަށް ކުއްލިއަކަށް ތެދުވެވުނީ ހައިރާން ވެފައި ހުރެ އެވެ. ހުދާ ވެސް މަޑުމަޑުން ހައިރާން ވެފައި ތެދުވި އެވެ. އެގޮތަށް ކުއްލިއަކަށް ޒައިދާން އައިސްދާނެ ކަމަކަށް ކުޑަކޮންވެސް މާޒިދުއާއި ހުދާ ވެސް ހިތަކަށް ނާރަ އެވެ.
“މާޒިދު،” ޒައިދާން މާޒިދުއަށް ބަލައިލަމުން ގޮވާލި އެވެ. “ހުރިހާ ފައިލްތައް އަހަރެންގެ މޭޒަށް ގެނޭ.” ޒައިދާން އެހެން ބުނަމުން ޒައިދާންގެ ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ.
“ޒައިދާން، ކޮން އިރަކުތޯ ދުރުވީ؟” މާޒިދުއަށް ބޭ އިހުތިޔާރުގައި ސުވާލުކޮށްލެވުނެވެ.
“ކިހިނެއްވީ، އަހަރެން އައިމަ ކަމެއް ގޯސްވީތަ؟” ޒައިދާންވެސް ސުވާލު ކޮށްލި އެވެ. އެވަގުތު ޒައިދާން އެތަނަށް ލީ ސެކްރެޓެރީ ކަމަށްވާ ޝިއުރާ އައިސް ވަނެވެ. ޝިއުރާއަށް ޒައިދާން ފެނުމުން ހުއްޓިފައި މާޒިދުއަށް ބަލައިލި އެވެ.
“ޝިއުރާ، ގަޑި ޖެހުނީނު.” ޒައިދާން ގަޑިއަށް ބަލައިލަމުން ޝިއުރާއާއި ދިމާއަށް ބުނެލި އެވެ.
“އެއީ އަބަދުގެ ވެސް އާދަ.” ޝިއުރާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނުން އެތަނުގެ އެކައުންޓެންޓެއްގެ ވަޒީފާގައި އުޅޭ ހުދާ ހުރެފައި ބުނެލި އެވެ.
“ހުދާއަށް ކީއް… އަހަރެން ކޮންމެ ދުވަހަކު ގަޑި ޖެހިގެން އަޔަސް ހުދާއަށް ވުރެން ގިނަ ކަންތައް އަހަރެން ކުރަން.” ޝިއުރާ ކައިރިއަށް ރުޅިއައިސްގެން ބުންޏެވެ.
“އާން، މަށަށް ފެނެޔޭ… މާޒިދުއާ ދެމީހުން ކޮންމެ ދުވަހަކު ކުރާ މަސައްކަތް… ދެމީހުންގެ ކަމަކަށް އޮންނަނީ މިތާ މާފޮޅުވުން.” ހުދާ ރުންކުރުކޮން ބުނެލި އެވެ.
“ކަލޭ އެކަމާ ދެރަވީ ދޯ، މަށަށް އިނގެޔޭ ކަލޭ ހިތުގަ އޮންނަ އެއްޗިސް.” ޝިއުރާ ހުދާއާއި ގާތަށް ޖެހިލަމުން ބުނެލި އެވެ. “ކަލޭ ކިތަންމެ ޖޭ ވިޔަސް ދެން ކަލެއަށް ކުރެވޭނެ ކަމެއްނެތް.”
“މާ ގިނަ ދުވަހަކު ވަކި ކަލެއަކަށްވެސް އުފަލަކު ނޫޅެވޭނެ.” ދެމީހުންގެ ވާހަކަތައް އަޑުއަހަން ހުރި ޒައިދާން މާޒިދުއަށް ބަލައިލި އެވެ. އަދި ދެމީހުނަށް އިޝާރާތް ކޮށްލި އެވެ. މާޒިދު ޖެހިލުންވެ ލަދުގަނެފައި ހުރެ ޝިއުރާ ކައިރިއަށް ޖެހިލި އެވެ.
“ޝިއު، ދެން އެހަށް ހުއްޓާލަބަލަ… ޒައިދާން މިތާ އެބަ ހުންނެވިކަން ވެސް ނޭގެނީތަ.” މާޒިދު އެހެން ބުނުމުން ޝިއުރާ ޒައިދާންއަށް ބަލައިލަމުން ހުދާއާއި ދުރަށް ޖެހިލި އެވެ. ޒައިދާން ހުދާއަށް ބަލައިލާފައި ޝިއުރާއަށް ބަލައިލި އެވެ.
“މީ މަސައްކަތް ކުރަން އަންނަ އޮފީހެއް. މިތާ އެކަކު އަނެކަކު މަސައްކަތް ކުރާނީ އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން. ތިގޮތަށް ޒުވާބުކޮށް ހެދުމަކީ އެއްގޮތަކަށްވެސް މިތާ ކޮށްގެން ވާނެ ކަމެއްނޫން. މިތަނުގައި ގެސްޓުން އުޅޭކަންވެސް ދަންނަން ވާނެނު.” ޒައިދާން ދެމީހުނާ ދިމާލަށް އެހެން ބުނެފައި ގޮސް އެތެރެއަށް ވަނެވެ. މާޒިދު ޝިއުރާއާއި ދިމާއަށް ނުރުހިފައި ބަލައިލަމުން ޒައިދާން ބުނި ފައިލުތައް ހިފައިގެން އަވަހަށް ޒައިދާން ކޮޓަރިއަށް ވަނެވެ.
“ކަލޭގެ ކަންތައްމީ.” ހުދާ މޭޒު ކައިރީ އިށީންނަމުން ބުނެލި އެވެ.
“އަދިވެސް މީހުންގެ މަތި އަޅުވާ.” ޝިއުރާ ވެސް ނުރުހިފައި އައިސް އޭނަގެ މޭޒު ކައިރީ އިށީނެވެ.
ފައިލްތައް ބަލަން އިނދެފައި ޒައިދާން މާޒިދުއަށް ބަލައިލި އެވެ. ޒައިދާން އިނީ އެތަކެއް ސުވާލު މާޒިދުއާ ކުރަން ބޭނުން ވެފަ އެވެ.
“ކަލީމް، ކީއްވެ ކަލީމް ކެނޑުނީ؟” ޒައިދާން ދަތް ދޮޅީ އަތް ވިއްދާލަމުން މާޒިދުއަށް ބަލައިލަމުން އެންމެ ކުރިންވެސް ކުރީ ޒައިދާން އެންމެ އަހަން ބޭނުންވި ސުވާލެވެ. ޒައިދާން ކަލީމްއަށް ވަރަށް އިތުބާރު ކުރެ އެވެ. ކަލީމްއަކީ ޒައިދާންގެ ދުވަސްވީ އެއް މުވައްޒިފެވެ.
“ކަލީމް،” މާޒިދު ޒައިދާންއަށް ބަލައިލީ ބުނާނެ އެއްޗެއް ހަދާން ކުރާ ކަހަލަ ގޮތަކަށެވެ. “ކަލީމް ދޯ.” މާޒިދުއަށް ބުނާނެ އެއްޗެއް ނޭގުނެވެ.
“އާން، ކަލީމް މިތަނުން ވަކިވީ ކީއްވެހޭ މި އަހަނީ.”
“ކަލީމް ވަކިވީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭގެ.”
“ދެން، ކާކަށް އިނގޭނީ؟ ބަލަ މާޒިދު ތީ މިތަނުގެ މެނޭޖަރެއް ނޫންތަ؟” ޒައިދާން ނުރުހިފައި އިނދެ އެހި އެވެ. ކަލީމް ވަނީ ޒައިދާންއަށް ހުރިހާ ވާހަކައެއް ކިޔައިދީފަ އެވެ. އެ ގެސްޓް ހައުސްގެ މާހައުލު މުޅިން ބަދަލުވެފައިވާ ވާހަކައާއި ކަންތައްތަކަށް މާޒިދުގެ ފަރުވާ ކުޑަކުރުމާއި ފާޅުގައި ކުރަމުން އަންނަ ހިޔާނާތްތަކުގެ ވާހަކަ އެވެ.
“ކޮބާ، ބައެއް އިންވޮއިސްތައް؟… މިހުރީ ފައިލް ނުކޮށެއްނު… މާޒިދު، ކޮބާ މިދިޔަ ތިން ހަފްތާގެ ބިލްތަށް؟” ޒައިދާން ފައިލުތައް ބަލަން އިނދެފައި އަނެއްކާވެސް އެހި އެވެ.
“އަޅުގަނޑުވެސް މި ހުންނަނީ އެއަށް ވީގޮތެއް ނޭގިފަ… ހުދާއަށް އިނގޭނެ.” މަޑުމަޑުން ފާޑާކަށް ހުރެ މާޒިދު ބުނެލި އެވެ.
“ހުދާއަށް ގޮވާލަ ބަލަ.”
މާޒިދު ހުދާއަށް ގޮވާލުމުން ހުދާ އައިސް އެތެރެއަށް ވަނެވެ.
“ބައެއް އިންވޮއިސްތައް މަދުވަނީ ކީއްވެ؟ ބެލެންސް ދިމާ ނުވަނީ ކީއްވެ ހުދާ؟” ހުދާ މާޒިދުއަށް ފާޑަކަށް ބަލައިލި އެވެ. މާޒިދު އިޝާރާތުން ކޮންމެވެސް އެއްޗެކޭ ބުނެލިތަން ވެސް ޒައިދާންއަށް ފެނުނެވެ. ހުދާ ތުން އަނބުރާލަމުން ބޯހޫރާލި ތަން ވެސް ޒައިދާންއަށް ފެނުނެވެ.
“ބައެއް އިންވޮއިސް އަޅުގަނޑާއި ހަމައަށް ނާދޭ އިނގޭތޯ. އަޅުގަނޑު ވަރަށް ކީން މާޒިދު ގާތު އިންވޮއިސް މަދުވާހަކަ… ނަމަވެސް މާޒިދު އެކަމަކާ މާބޮޑު ފަރުވާލެއް ނުބެހެއްޓި.” ހުދާ މާޒިދުއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
“ހުދާ ދިޔަސް އެންމެ ރަގަޅު.” ޒައިދާން ހުދާ ދިއުމުން ގޮޑީގައި ލެނގިލި އެވެ. އަދި މާޒިދުއަށް ބަލައިލި އެވެ. “މާޒިދު، އަހަރެން މާޒިދުއަށް ހުރިހާ ކަމެއް ދޫކޮށްލީ ވަރަށް އިތުބާރުކޮށްފައި، އަދި މާޒިދުއަކީ ހީވާގި އަދި އެހާމެ ފަރުވާތެރި މީހަކަށް ވާނެ ކަމަށް ހީކޮށް. ނަމަވެސް ހުރިހާ ކަމެއް މިދިޔައީ ފެނަކަށްނު. މާޒިދު ދެން ގޭގައި މަޑުކޮށްލަން އަހަރެން އެދެނީ. އަހަރެން ވަރަށް ދެރަވޭ މިހެން ހަދަން.. މާޒިދުގެ އާއިލާއަކީ އަހަރެންނާ ވަރަށް ގާތް ބަޔެއް. އެކަމަކު މާޒިދު ތިގޮތަށް ހިޔާނާތްތެރި ވެދާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން.” ޒައިދާން އިނީ ވަރަށް ނުރުހިފަ އެވެ.
“އަޅގަނޑަށް މާފު ކުރޭ ޒައިދާން،” ޒައިދާންއަށް މާޒިދު ކުރި ކަންތައްތައް އިނގުމުން މާޒިދު އަވަހަށް މާފަށް އެދުނެވެ. އިތުރު ގޮތެއް ދެން ނެތްކަން ވެސް މާޒިދުއަށް އިނގުނެވެ.
“އަހަރެން މާޒިދުއަށް މާފުކޮށްފާނަން… އެކަމަކު ދެން މިތަނުގަ މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭކަށް ނެތް. ވަރަށް ބޮޑަށް ސޮރީ.” ޒައިދާން ގޮނޑީގައި ލެނގިލި އެވެ. މާޒިދު ޒައިދާންއާއި ދިމާއަށް ބަލަން ހުރެފައި ނުކުމެގެން ދިޔަ އެވެ.
ޒައިދާން ވަރަށް ދަން ވަންދެން އެރޭ އޮފީހުގައި މަސައްކަތް ކުރި އެވެ. އަދި ކަލީމްއަށް ގުޅައިގެން ގެނެސް އޮފިސް މަސައްކަތުގައި ކަލީމްވެސް ބައިވެރި ކުރުވި އެވެ. ޝިއުރާއާއި ހުދާއަށް ޒައިދާން ވަރަށް ނަސޭހަތްތެރި ވެފައި އެދެމީހުންވެސް އެރޭ ލަސްވަންދެން ޒައިދާން ބޭތިއްބި އެވެ.
ދޭއް ޖެހިއިރު ޒައިދާން ގެއަށް ދިޔައިރުވެސް ހިމަފޮދުވާރޭ ވެހެމުން ދިޔަ އެވެ. ގެއަށް ވަދެ ޒައިދާން އެއްޗިހި ބަދަލުކޮށްލައިގެން އައިސް ކޮފީއެއް ގިރަން އުޅުނެވެ. އެވަގުތު ހިޔާލަށް އައީ ޖަންނަތު އެވެ. ޖަންނަތު އައިސް ޒައިދާންއަށް ކޮފީއެއް ގިރާލާފައި ދިއްކޮށްލި މަންޒަރު ޒައިދާންއަށް ސިފަ ވިއެވެ. ޒައިދާން ހައިރާންވެފައި ހިތާދިމާ މޭގައި އަތް ޖައްސާލަމުން ލޯމަރާލި އެވެ. ޒައިދާންއަށް ސިފަވަމުން ދިޔައީ ޖަންނަތުގެ ހިނިތުން ވެފައިވާ ސޫރަ އެވެ. ވަރުދާ ހިޔާލަށް ނައުމުން ޒައިދާންއަށް ހައިރާންކަން ލިބިގެން ދިޔަ އެވެ.
“އަނެއްކާ އަހަރެން ވަރުދާ މަތިން ހަދާންނެތި ޖަންނަ ދެކެ ލޯބިވީތަ؟” ޒައިދާންއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. “އެކަމަކު އަހަރެން ވަރުދާ ދެކެ ވަރަށް ލޯބިވޭ.. އަނެއްކާ އަހަންނަށް ކިހިނެއްބާ މިވަނީ؟” ޒައިދާން މުޅި ގޭތެރެއަށް ނަޒަރު ހިންގާލަމުން ވާހަކަ ދެއްކި އެވެ. ޒައިދާން ބަލައިލާ ކޮންމެ ދިމާލަކުވަނީ ޖަންނަތުގެ ހަދާން ތަކެވެ. ހިޔާލަށް އަންނަނީ ޖަންނަތު ކޮންމެވެސް ކަމެއް ކުރަން ހުއްޓަ އެވެ. އެއްވެސް ގޮތަކަށް ވަރުދާއެއް ސިފައެއް ނުވެ އެވެ. ލިބުނު ހައިރާން ކަމާއި އެކު ކޮފީ ޖޯޑު ހިފައިގެން ޒައިދާން މައްޗަށް އަރާ ސިނގިރޭޓެއް ރޯކޮށްލި އެވެ. ޖަންނަތުގެ އެކި އެކި ހިޔާލުތައް ޒައިދާންގެ ހިތާއި ސިނކުޑީގައި އެނބުރެމުން ދިޔަ އެވެ. އެންމެ ފަހުން ފޯނު ނަގާ ޖަންނަތުއަށް ގުޅާލަން އުޅެފައި ވެސް ފޯނު ނިއްވާލި އެވެ. އެގަޑީ ގުޅުން ރަގަޅު ނުވާނެކަން ޒައިދާންއަށް ވިސްނުނީ އެވެ. އެކޮޅަށް އޭރު ފަތިސް ވާން އުޅޭނެ އެވެ.
ހެދުނު އަބްޔާން އައިސް ގްރީން ވިލާ ޖޯލިފަތީ ޖައްސާލައިގެން އޮތެވެ. ކުރިން ދުވަހު ވިއްސާރަކޮން އޮތެއް ކަމަކު އެދުވަހު ވަނީ އެއްކޮން ރީތިވެ އަލިވެފަ އެވެ. އަބްޔާން އިންތިޒާރު ކުރަމުން ދިޔައީ މުރަކަގެއިން ޒައިދާން ނުކުންނާނެ އިރަކަށެވެ. ޒައިދާން ރަށަށް އައިސް އުޅޭ ހަބަރު ލިބުމުން އަބްޔާން ފެކްޓްރީން މިއަދު އައީ ހަމަ އެކަނި ޒައިދާންއާއި ބައްދަލުކޮށްލާ ހިތުންނެވެ.
ޒައިދާން ނުކުމެ ސައިކަލަށް އަރަން ދިމާކޮށްލި ވަގުތު އަބްޔާން ޖޯލިން ތެދުވެގެން އެދިމާލަށް އަންނަތަން ފެނުނެވެ. ޒައިދާން އަޅައިގެން ހުރި އަވިޔާނު ނަގަމުން އަބްޔާންއާއި ދިމާއަށް ބަލަން ސައިކަލުމަތީ މަޑުކޮށްލައިގެން ޒައިދާން އިނެވެ.
“ޒައިދާން،” އަބްޔާން އައިސް ހުއްޓެމުން ގޮވާލި އެވެ. “ކިހިނެއް؟” އަބްޔާން ޒައިދާން އާއި ސަލާން ކޮށްލަން އަތް ދިއްކޮށްލަމުން އެހި އެވެ.
“ވަރަށް ރަގަޅު، އަބީ ކިހިނެއް؟” ޒައިދާން އަބްޔާން އަތުގައި ހިފަ ސަލާން ކޮށްލަމުން އެހި އެވެ.
“ލެޓްސް ޓޯލކް” އަބްޔާން ބުނެލި އެވެ. ޒައިދާން ހައިރާން ވެފައި އަބްޔާންއަށް ބަލައިލަމުން ދެއަތުން އިޝާރާތް ކޮށްލީ ހިނގާށޭ ބުނާ ފަދަ ގޮތަކަށެވެ. “ލީކްސްއަށް ހިނގާ ކޮފީއަކަށް.” ޒައިދާންގެ ސައިކަލު ފަހަތަށް އަރަމުން އަބްޔާން ބުނެލި އެވެ. ޒައިދާން ޖަންނަތުއާއި އިނީއްސުރެން އެގޮތަށް އެކުވެރިކޮން ރުހުމާއި އެކު އަބްޔާން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ޒައިދާންއަށް ލިބުނު އުފާވެރި ކަމާއެކު އަވަހަށް އެއްބަސް ވެލަމުން ސައިކަލު ދުއްވާލި އެވެ.
އަބްޔާން ޒައިދާންގެ ސައިކަލު ފަހަތަށް އަރައިގެން އައިސް ލީކްސް ރެސްޓޯރެންޓް ދޮރުމައްޗަށް ހުއްޓި އެވެ. ދެމީހުން އައިސް އިށީނީ އެމީހުން އާމުކޮން އިށީންނަ މޭޒުގަ އެވެ. އަބްޔާން ކޮފީއަކަށް އޯޑަރު ކުރުމުން ޒައިދާން އޯޑަރު ކުރީ ޑިސްކާއި މަސްހުންޏަށެވެ. ޒައިދާން ބޭނުންވީ ހެދުނުގެ ނާޝްތާ އެވަގުތު ކޮށްލާށެވެ.
“އަބީ، ކޮން ވާހަކައެއްތަ ދައްކަން ތި އުޅެނީ؟” މަޑުން އިން އަބްޔާންއަށް ބަލައިލަމުން ޒައިދާން ބުންޏެވެ.
“އާން، އަހަންނަށް ހުރިހާ ކަމެއް އިނގިއްޖެ ޒައިދާން، އަހަންނަށް އަހަރެންގެ މަންމަގެ ހުރިހާ ކަމެއް ވެސް އިނގިއްޖެ.” އަބްޔާން ސީދާ ޒައިދާންގެ މޫނަށް ބަލަން އިނދެ ބުނެލި އެވެ. ދެމީހުން ދޭތެރެއަށް ހަމަހިމޭން ވަގުތު ކޮޅެއް އައެވެ.
“އަބީ، އައި އޭމް ރިއަލީ ސޮރީ.” ހަމަހިމޭންކަން ފޫދުއްވާލަމުން ޒައިދާން ބުނެލި އެވެ.
“ނޫނޭ ޒައިދާން، ޑޯންޓް ބީ.” އަބްޔާން އަވަހަށް ބުނެލި އެވެ. “އަހަރެން ބުނަން މިއުޅެނީ ޒައިދާން ކަންތައް ކުރީ ހަމަ ރަގަޅަށޭ. ޖަންނަ ޒައިދާންއާއި އިނީ އަހަންނާ ދުރުވާންކަން އަހަންނަށް މިއަދު ޔަގީން ވެއްޖެ. އަދި ދުވަހަކު ވެސް ޖަންނަ އަހަންނަށް ލިބޭނެ ކަމުގެ އުންމީދެއްވެސް އަހަރެން ނުކުރާނަން. އަހަންނަށް ޔަގީން އަހަންނަށް ވުރެން ބޮޑަށް ޒައިދާންއަށް ޖަންނަ އުފަލުގަ ގެންގުޅެވޭނެކަން. އަހަރެން ޒައިދާން ކައިރީ މިގޮތަށް ޖަންނަގެ ވާހަކަ ދައްކާނެ މީ އެންމެ ފަހު ދުވަސް. އަހަރެން އަބަދުވެސް ޖަންނަ ދެކެ ލޯބިވޭ. އަދިވެސް ވޭ… އަދި އަހަންނަކަށް ހިޔެއް ނުވެ އެހެން މީހެއް ދެކެ އަހަންނަށް ލޯބި ވެވޭނެ ހެނެއްވެސް. އެކަމަކު ޖަންނަ ހާސިލް ކުރާކަށް އަހަރެން ގަސްތެއް ނުކުރަން. ޖަންނަ އުފަލުގަ ހުރުމުން އަހަންނަށް އެނިމުނީ. އަދި އަހަންނަށް ޔަގީން ޖަންނައަށް ހުރިހާ އުފަލެއް ޒައިދާންގެ ފަރާތުން ލިބޭނެ ކަންވެސް.” އަބްޔާން ވާހަކަ ނިންމާލަމުން ފެން ކަޅިވެފައިވާ ލޯ ފޮހެލިތަން ޒައިދާންއަށް ފެނުނެވެ. އެވަގުތު ވެއިޓަރު އައިސް އެމީހުންގެ އޯޑަރު މޭޒުމަތީ އަތުރާލި އެވެ.
“އަބީ، އަސްލު އަހަރެން އަބީއަށް ދެރައެއް ދޭން ކުރި ކަމެއްނޫން މީކީ. އަހަރެން އެދުވަހު ވަރަށް ދެރަވި… އަބީގެ އެހާ ގާތް ރައްޓިއްސަކަށް ވެގެން ހުރެ އަބީގެ ލޯބިވެރިޔާއާއި އިނުން އެއީ ކިހާ ދަށު ދަރަޖައިގެ ކަމެއް… ހަގީގަތުގަ އަހަރެން ވަރަށް ލަދުގަނޭ…” ޒައިދާން އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ.
“ނޫނޭ ޒައިދާން، ތިހެން ހިތަށް ނާރުވާ… ތީ ހަމަ އަހަންނަށް ޓަކާ ކޮށްދިން ވަރަށް ހެޔޮ ކަމެއް. ޒައިދާން ނޫން އެހެން މީހަކާ ޖަންނަ އިންނަމަ އަހަރެން މާ ދެރަވާނެ. އަހަރެން މަންމަގެ ނުގަބޫލުގައި ޖަންނައާއި އަހަރެން ގުޅުން ނަމަ ޖަންނައަށް ލިބޭނެ ހިތްދަތިކަން މާ ބޮޑުވާނެ… އަހަރެންގެ ފަހަތުން މަންމަ އަބަދުވެސް ޖަންނައަށް ފުރަސާރަ ކުރީސްކަން ޔަގީން…” އަބްޔާން ބުންޏެވެ. “އަހަރެން އެދެނީ ޖަންނައަށް ހުރިހާ އުފަލެއް ލިބުމަށް. އަހަންނަށް އިނގޭ ޒައިދާންއަށް ޖަންނަ އުފަލުގަ ބެހެއްޓޭނެކަން.”
“އަބީ، ޖަންނަ އަދިވެސް އަބީ މަތިން ހަދާނެއް ނުނެތޭ. އަހަންނާ ޖަންނައާ އެއްވެސް ގުޅުމެއް ނޯވޭ. އަބީ ބޭނުމިއްޔާ….”
“ނޫން، ޒައިދާން، ޖަންނަ އަމިއްލައަށް ނިންމި ނިންމުމެއްނު ތީ. ޒައިދާން ޖަންނަ ދޫކޮށްލިއަސް ޖަންނަ އަހަންނަކާ ނީންނާނެ. އަހަރެން ޖަންނަ ދަންނަން. އަހަރެންދެކެ ކިތަންމެ ލޯބިވިއަސް ދެން އޭނަ އަހަންނާ ނުގުޅޭނެ. އެއީ ވަރަށް ޔަގީންވާ ކަމެއް..”
“އަބީ، ޖަންނައާ ވާހަކަ ދައްކާލީމަނު އިނގޭނީ… އަހަރެންވެސް ބޭނުންވަނީ ޖަންނައަށް ހުރިހާ އުފަލެއް ލިބުމަށް. އެކަން ވާން އޮތީ އަބީއާ ޖަންނައާ ގުޅިގެން.”
“ނޫނޭ ޒައިދާން… އަހަރެންގެ މަންމަ ދުވަހަކުވެސް ޤަބޫލެއް ނުވާނެ ތިކަމަކާ. މަންމަ ޤަބޫލު ނުވާ ހިނދަކު ޖަންނަ ޤަބޫލެއް ނުވާނެ…. މިހާރު ކަންތައް ވެފަ މިއޮތީ އެންމެ ރަގަޅަށް… ޒައިދާން މަސައްކަތް ކުރޭ ޖަންނަގެ ހިތް ކާމިޔާބު ކުރަން. ލޯބިދީގެން ލޯބި ލިބޭނެކަމަށް ތަޖުރިބާ ކާރުން ބުނޭނު… މަށަށް ޔަގީން ޔަޒަން ވެސް މަންމައެއް ފަދައިން ޖަންނަ ދެކެ ލޯބިވާނެކަން.”
“އާން، ޔަޒަން ޖަންނަ ދެކެ ވަރަށް ލޯބިވޭ. ޖަންނަ ވެސް ޔަޒަން ދެކެ ވަރަށް ލޯބިވޭ… ޖަންނައަށް ޔަޒަންއާއި ދުރުގަ ހުންނަން ވެސް މިހާރު ވަރަށް އުނދަގޫ.” ޒައިދާން ކާން ފަށަމުން ބުންޏެވެ. ޒައިދާން ކަމުން ދިޔައިރު ވިސްނަމުން ދިޔައީ އަބްޔާން ދެންމެ ދެއްކި ވާހަކައާއި މެދު އެވެ. އަބްޔާން ވެސް ކޮފީ ޖޯޑުން ކޯވަރެއް ދަމާލި އެވެ. އަބްޔާންވެސް އިނީ ވިސްނުމަކަށް ގެއްލިފަ އެވެ.
“ޒައިދާން،” ހަމަހިމޭން ވަގުތުކޮޅަކަށް ފަހު އަބްޔާން ވާހަކަދައްކަން ފެށި އެވެ. “އަހަރެން އެދެނީ އަހަރުމެންގެ ދުވަސްވީ އެކުވެރިކަން އަދިވެސް އޮންނަން… އެކަމަށް ބުރުލެއް އަރާކަށް އަހަރެން ނޭދެން.” އަބްޔާން ބުންޏެވެ. ޒައިދާން އަބްޔާންއަށް ހިނިތުން ވެލި އެވެ.
“އަހަރެންވެސް ނޭދެން އަބީއާ ދުރުވެގެން ހުންނާކަށް… ޒާތީ ކަންތައްތައް އެއްފަރާތްކޮށް ދެމީހުންގެ ގުޅުން ދަމަހައްޓަން އަހަރެންވެސް އެދެނީ.”
އަބްޔާން ނިކަން އުފަލުން ހިނިތުން ވަމުން ބޯ ޖަހާލި އެވެ.
“އަހަރެން ދެން ޒައިދާން ކައިރީ ޖަންނަގެ އެކަހަލަ މިކަހަލަ ވާހަކައެއް ދައްކާކަށް ނެތިން. އެއީ ޒައިދާންގެ އަނބިކަމަށް އަހަރެން މިއަދު ޤަބޫލުކުރަން.”
“އަހަރެންގެ އަންބަކަށް ވުމުގެ ކުރިން އެއީ އަބީގެ އެކުވެރިއެއްނު… ޖަންނަ އަދިވެސް ޤަބޫލު ކުރަނީ އަބީ އަކީ ޖަންނަގެ އެކުވެރިއެއް ކަމުގަ…”
އަބްޔާން ޒައިދާންއަށް ބަލައިލި އެވެ. ވިސްނާލަން އިނދެފައި އަބްޔާން ވާހަކަ ދައްކަން ފެށި އެވެ.
“ޒައިދާން އެކަމާ ކަންބޮޑުނުވޭ… އެއަށް ވުރެން ކައިރި ރިލޭޝަން އެއް އަހަރުމެން ދޭތެރެއަކު ދެން ނޯންނާނެ… ”
ޒައިދާން ސައިތަށި ދަމާލަމުން އަބްޔާންއަށް ބަލައިލި އެވެ. ސައިތަށި ބަހައްޓާފައި ޒައިދާން އަބްޔާންއަށް ހިނިތުން ވެލި އެވެ.
“އަހަރެން ތި ދެމީހުނަށް ވަރަށް އިތުބާރު ކުރަން…” ޒައިދާން އެހެން ބުނުމުން އަބްޔާން ބޯޖަހާލަމުން ހިނިތުން ވެލި އެވެ.
ހިނދުކޮޅަކަށް ފަހު ދެން ޒައިދާން ދައްކަން ފެށީ ޒައިދާންގެ ގެސްޓް ހައުސްގެ ވާހަކަ އެވެ. މާޒިދުގެ ވާހަކަ ދައްކާ ނިމުމުން އަބްޔާން ވެސް އިނީ ވަރަށް ބޮޑަށް ހައިރާން ވެފަ އެވެ.
“އަހަންނަށް ހީވަނީ ޒައިދާން މާބޮޑަށް މާޒިދުއަށް ދޫކޮށްލީމަ ވީ ގޮތެއްހެން. މާޒިދުއާއި ހަވާލުކުރި ކަމަކު ދަންނަ މީހެއް ކައިރީވެސް ބަލައިލަ ދިނުމަށް އެދުންނަމަ.” އަބްޔާން ލަފައެއް ދިނެވެ.
“އަސްލު އެކަމަށް އެންމެ ރަގަޅު މީހަކީ ތިޔޭ. އޭރު ކަންތައް ވީގޮތުން އަހަންނަށް އަބީ ކައިރީ ބުނާކަށް ނުކެރޭނެނު.” ޒައިދާން އެހެން ބުނުމުން އަބްޔާން ހިނިތުން ވެލި އެވެ.
“ޒައިދާން އަލުން މެނޭޖަރެއް ހޯދާ އަހަރެން އެތަން ބަލަހައްޓައި ދޭނަން.” އަބްޔާން އެހެން ބުނުމުން ޒައިދާން އަބްޔާންއަށް ބަލައިލި އެވެ. އަދި ނިކަން އުފާވެފައި އަބްޔާންއަށް ޝުކުރު އަދާ ކުރި އެވެ.
އެދުވަހަށް ފަހު ދެމީހުންގެ އެކުވެރިކަން އަނެއްކާވެސް ކުރިން އޮތްގޮތަށް ބަދަލުވެގެން ދިޔަ އެވެ. ރަށުގެ ބައެއް މީހުން އެއްޗިހި ބުނެ އުޅެ އެވެ. ބައެއް ފަހަރަށް ވައްބަހުން ޒައިދާންއާއި ދިމާކޮށްވެސް ހަދަ އެވެ.
“ތިހާވަރުން އުޅެގެން ވެސް ދެނެއް ޖަންނައެއް ދުލެއް ނުކުރާނެޔޭ” ބައެއް މީހުން އަބްޔާންއާއި ދިމާއަށް ވެސް ބުނެ ހަދަ އެވެ. ނަމަވެސް މީހުން ކިޔާ ފާޑު ފާޑުގެ އެއްޗިއްސަކުން އަބްޔާންއާއި ޒައިދާންގެ ގުޅުމަކަށް ބަދަލެއް ނާދެ އެވެ.
ގެސްޓް ހައުސްއަށް ޒައިދާންއާއި އެކު އަބްޔާން ވެސް ގޮސް އުޅެން ފެށި އެވެ. އެތާގައި އުޅޭ ޝިއުރާއާއި ހުދާއަށް ވެސް އަބްޔާން ރީތިވެގެން އެކަމާ ވާހަކަ ދައްކާ އުޅެން ފެށި އެވެ. ލާމިޔާއަށް އެކަން އިނގިގެން އަބްޔާންގެ ހަޔާތުގެ ވާހަކަތައް އެދެމީހުނަށް ކިޔައި ދިނުމުން ދެމީހުންވެސް ހަމުދަރުދީވެ ނިކަން ދެރަވެގެން އުޅުނެވެ. އަދި ޖަންނަތުއަށް އެހާ އެއްޗިހިވެސް ކިޔާހެދި އެވެ. އޭގެ ފަހުން އެދެމީހުން ތިބެނީ އަބްޔާންއަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށެވެ. އެހެން ކަމުން ކަންތައްތައް ބަލަހައްޓަން އަބްޔާންއަށް ވެސް ފަސޭހަވެގެން ދިޔަ އެވެ.
31 Comments!
Comments are closed.
Kon zamaaneh inthizaaru kuraathaa mi vaahaka ah
Dhw sithooo
Yea..emme fahun inthizaaruge nimun aissii dho lima
V reethi..
Nice!! happy to see u back ??
Waiting for the next part ? ❤ ❤
Finally aasi came….tnx aasi 4 da stry…
Rovijje. Abi nd janna gulhuvabala. Bt vahakaige nama balaafa hiye nuvey janna nd abi gulheyne hen. Gurubaan vun viyya e othy. Sad dhn..janna mihaaru loabe nuvey dho abi dheke. Ehnve thaa abi ge name bunyas asare nukuraany. I want abi nd janna
Den koam dhuvahku next episode up kuraani
Next part avas kurey…
Haada dhuvahe kolaafa…….mivaahakaathin hadhaan nethifahutaathi upkodhinee………sapraiz………… Dhinee dhw….????☺☺???☺☺☺☺☺☺
Aasi yu r back? So happy to v yu. Varah rythi vaahaka. ?
Abee ah Janna gelluneetha? Alhey thihen nahadhaaaaaa……Anyways Vaahaka varah reethi
Ey kada nahadhabr dhww..
Janna n abee gulhuvabrr.., plzz
Varahreethi…….surpriseh gothuga genesdhinythy thnkx,next part avaskohlahchey………
Vvvvvvv reethi mivaahahaka inthizaaruga hunnathaa kondhuvaheh waiting for the next part?????????
Noone dhen abee aa jannage kokko aa gulhuvaanee dhw…story is awesome…love this story..waiting for next part
hadi .. janna aa gulhen jeheyny abee
Abi nd janna
Thanx aasi… v dhigu inthizaarakah fahu mi vaahaka kiyaalan libuneema v ufaavi…??
Next part avahah up kohla dheythi..
Dhen ithurah inthizaaru kuraakah nujjahsaane kamah uhmeedhu kuran…
Finally u r back? v reethi stry..?? zaidha n janna ge luv stry fashaaba plx..
Abee n janna gulhuvaba..eyrun mi story reethivaanee
Alhe zaidhan janna dheke loabinuvebala……????
zaidhan aa janna gulhuneema dhen vaahaka reethi vaanee… v v reethi vaahaka eh mee
zaidhaan & janna ge bai thah genes dhechey . janna ge character akee firimeeha & dharifulhu dhookohfa dhaa kahala character eh noon so janna & zaidhaan gulhu v ma vaahaka reethivaanee
LOIBBAH JOKE JAHAAFA. ABEE AH EVVES UFALEH NUDHEE. VAAHAKA DHAAGOI KADA MIHAARU
aby n janna dhurunukurey..
Thanks aaaaaassssiiii ☺vvvvv reeethi
Konmehen loabi vaa dhemyhun gulheykah nujeheyne…zaidhaan n janna loabi v ma rythivaane
Konmehen loabi vaa dhemyhun gulheykah nujeheyne…zaidhaan n janna loabi v ma rythivaane…salhi
Knme vaahaka eh ga vx loabivaa dhemyhun libeyny vaane ehcheh ve nimey fahun…malun fonikolhu boenulanys nueh libeyne…v foohi…
Knmeh meehakah eh meehaku loabi vaa meeheh nulibeyneh….. Ehen veema dhen mi story reethi vaanee zaidhaan & Janna gulhuneema…. V nice