ކާމިޔާބު އަންހެނާ 10
“ތިޔައީ ޑޮކްޓަރެއްތަ؟” ހީނާ މަޑުމަޑުން އަހާލިއެވެެ. މަތީން ނޫނެކޭ ބުނާގޮތަށް ބޯހަލުވާލިއެވެ.
“ތިޔައީ އަހަރެންގެ އެކުވެރިއެއްތަ؟”
“އާން.. އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެއެކުވެރިން..ހަމައެކަނި ހީނާ މާލެ ބަދަލުވުމާއި އަހަރެން އައްޑޫއަށް ބަދަލުވުމާއި އެކު 15 ވަރަކަށް އަހަރަށް އަހަރެމެން ބައްދަލުނުވެ ތިބެވުނީ. އަދި އަހަރެން ގިނައިން އުޅުނީ ރާއްޖެއިން ބޭރުގަ އެހެން އުޅެނިކޮށް ސަރުކާރުން އަހަރެން ލަންކާގެ އެންބަސީއަށް ބަދަލު ކުރީމާ އެއްގޮތަކަށްވެސް ގުޅާނުލެވުނު ބިޒީކަމުންނާ އުޅެވޭލެއް ދުރުކަމުން އެހެން ގޮތަކަށް ބުނާނަމަ ފޯނު ނަމްބަރުވެސް ބަދަލު ކުރުމަކީ އޭރު ފެށަނެއް ދުވާލަކު ނަމްބަރެއް ކޮންމެ ބަޔަކު ވެސް ބަދަލު ކުރާނެ ހީވާގޮތުން ހީނާވެސް ނަމްބަރު ބަދަލު ކުރީ”.
އެޒަމާނުގަ ހީނާއަކީ އޭނާގެ ލޯބިވެރިޔާއެވެ. އެކަމަކު މަތީން އެވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ.
ހީނާއަށް މިއީ އާޙަބަރެކެވެ. އުލްފަތު ކާރިން އޭނާ ޖެހޭނީ މިވާހަކައިގެ ތަފްސީލު އަހާށެވެ.
“އޯހް އެހެންތަ” ހީނާ މިހެން ބުނެލާފަ އިތުރު އެއްވެސް ސުވާލެއް ނުކުރެއެވެ. އެކަމަކު ވަރަށް ފުންނަޒަރަކުން މަތީން އާއި ދިމާލަށް ބަލަމުން ގެންދިޔައެވެ. މަތީންގެ މޫނު ހީނާއަށް ދަންނަ ވައްތަރު ގޮތެއް ހުއްޓެވެ. އެކަމަކު އެއިޙްސާސް އެއްގޮތަކަށްވެސް އޭނާއަށް ނޭނގުނެވެ.
މަތީންވެސް ހީނާ ބަލާވަރުން ލަދުގަންނަ ގޮތްވިއެވެ.
“ހީނާއަށް މިހާރު ކިހިނެތްތަ؟” ވަރަށް އޯގާތެރި ކަމާއެކު މަތީން އަހާލިއެވެ.
“އަހަރެންނަށް ހީވަނީ ވެދިޔަ ދުވަސް ތަކުގެ ވާހަކަ ހަނދާން ކުރުމުގެ މާބޮޑު ބޭނުމެއް ނޫން. އެކަމަކު މިހާރުގެ ހާލަތާ މެދު ވިސްނާ ކަންތަށް ކުރުން ވަރަށް މުހިންމު” މަތީން ކާރީގަ ހުރި ތަށީން ޖޫސް އަޅާފަ ހީނާއަށް ދިއްކޮށްލަމުން ބުނެލިއެވެ. މަތީންގެ އެއަދާ ތަކުގެ ސަބަބުން ހީނާއަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. އަދި މަތީންއަކީ ވަރަށް ގާތް މީހެއްކަން ހީނާދެނެގަތެވެ. ހީނާ އަށް ހީވާގޮތުން މަތިން ކޮންމެވެސް ވަރަކަށް ހީނާ ހަނދާނަށް އާދެއެވެ. އެކަމަކު ވަރަށް ފަނޑުކޮށެވެ. ޔާސިރު މަތިން އެއްގޮތަކަށްވެސް ހީނާހަނދާނެއް ނުވެއެވެ. އެއީ ކީއްވެބާވައެވެ.
“އަހަރެންނަށް އެއްގޮތަކަށްވެސް އެއްވެސް ކަމެއް ހަނދާނެއް ނުވޭ. ކުއްލިއަކަށް އަހަރެންގެ ބޮޑު ދެދަރިންވެސް އެބަތިބި އެމީހުންވަރަށް ބޮޑު …. އެކަމަކު އަހަރެން އެމީހުންގެ ނަންވެސް ހަނދާނެއް ނުވޭ..އެމީހުން ބުނި އެއީ ޒުންނޫން އާއި ތާނިޔާއޭ..ބައްދަލު ކުރަން އައި އެއްވެސް މީހެއްވެސް އަހަރެންނަށް ނޭނގުނު..” ހީނާ ލޮލުން ކަރުނަ ފޮހެލަމުން ބުންޏެވެ. މަތީންގެ ކާރީ އޭނާގެ ހިތުގައިވާ ހުރިހާ ވާހަކައެއް ބުނަން ހީނާ ބޭނުންވި ކަހަލައެވެ.
“އަހަރެން އެކުދިން ދަންނަން. އެއީ ހީނާގެ ދެކުދިން..އެއީ ވަރަށް ބަސްއަހާ ރަނގަޅު ކުދިން..އަންހެންދަރިފުޅަށް ހީނާގެ ރީތި ކަން ވާރުތަ ވެފައިވާކަހަލަ” މަތީން ހިނިތުންވެލަމުން ބުނެލިއެވެ.
ހީނާ އެނދުގައި އިށީނދެލިއެވެ. މަތީން ތެދުވެފަ ހީނާގެ ގައިގާ ބައްދާލިއެވެ. މަތީން ގެ މިކުޑަހަރަކާތުންވެސް ހީނާ އަށް ވަރަށް އުފާވެރި އިޙްސާސެއް ވިއެވެ.
“އަހަރެން އުންމީދު ކުރަން ހީނާ ހުރިހާ އެއްޗެއް ވަރަށް އަވަހަށް ހަނދާންވެނެކަމަށް..އަހަރެން ވަރަށް އުފާވޭ.. އަހަރެން އައިން ހީނާ ނިދިފަ އޮތް އިރުވެސް ކޮންމެ ދުވަހަކު ދެރަވެލާފަ އަހަރެން ދަނީ” މަތީން ހީނާގެ އަތްތިލާގަ ބޮސްދެމުން ބުނެލިއެވެ.
އެވަގުތު ބުނަން ނޭނގޭ ހިމޭން ކަމެއް އެދެމީހުންގެ ދޭތެރޭ އައެވެ. އެކަކު އަނެކަށް ބަލާލައިގެން ގެއްލިފައި ތިއްބެވެ.
“ހީނާ ހޭލެވުނު ކަންމިއީ ވަރަށް އުފާވާކަމެއް. އަހަރެން ހީނާގެ މަތިން އަބަދުވެސް ވަރަށް ހަނދާންކުރަން.. ކިތަންމެ ދުރުގައި ހުއްޓަސް” މަތީން މިހެން ބުނުމުން ހީނާ މަތީން އަތުން ދޫކޮށްލިއެވެ. އެއާއެކު މަތީން ކުރިންވެސް އިންގޮތަށް ގޮނޑީގައި އިށީނދެއްޖެއެވެ.
ހީނާ ސުވާލު ކުރަން ބޭނުންވީ މަތީން ހީނާ އާއި ބެހޭ ގޮތުން ވިސްނީ ކީއްވެތޯއެވެ. އެހެނަސް އޭނާ އިނީ ހިމޭނުންނެވެ. މިދިމާވާ އާކަންތަށްތަކުން އޭނާގެ ސިނކުޑި ތޮޅިލާފައިވެއެވެ. ނަމަކަށްވެސް މިއިން ކަމެއް އޭނާ ހަނދާނެއް ނުވެއެވެ.
ކޮންމެ ގޮތެއްވިޔަސް ޔާސިރު އާއި ކުދިންގެ ހުރިހާ ކަމެއް ތަފާތެވެ. އެއްވެސް އެއްޗެއް ފޮރުވައިގެން ވާހަކަ ނުދައްކައެވެ. ވަރަށް ޑައިރެކްޓު ކޮށް އޭނާގެ ސުވާލުތަކަށް ޖަވާބު ދިންވެސް މެއެވެ. އެކަމަކު މަތީން ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން ހީނާއަށް އިޙްސާސް ވިއެވެ. މަތީންގެ ލޮލުން ހީނާއަށް ފެންނަމުން ދިޔައީ ލޯތްބާއި ގާތްކަމެވެ. އެކަމަކު މަތީން އެކަހަލަ ގުޅުމެއް އޮތްނަމަ ބުނާނެކަން ހީނާ ހިތަށް އެރިއެވެ.
“އަހަރެންވެސް ވަރަށް އުފާވެއްޖެ. . އަހަރެންގެ ހާލު ބަލާލަން އައީތީ ޝުކުރިއްޔާ”
“އަހަރެން މާދަންވެސް އަންނާނަން އެންމެ ރަނގަޅުތަ؟” މަތީން މިހެން ބުނުމުން ހީނާ އެއްބަސް ވުމުގެ ގޮތުން ބޯހަލުވާލިއެވެ. މަތީން އާއި ދައްކަންވީ ކޮންވާހަކައެއް ކަމެއް ހީނާއަށް ނޭނގުނެވެ. މަތީން އޭނާ ގެނައި މާ ބޮނޑި ނަގާ އެތަނުގައި ހުރި ފެން އެއްޗަކަށް ޖަހާލިއެވެ.
“ތިޔަ މާތައް ވަރައް ރީތި.. އަހަރެންނަށް ވަރަށް ރީތި ތިކަހަލަ މާ”
“އަހަރެންނަށް އެނގޭ ކުރިންވެސް ހީނާ މާގަސްތަކާ މާމެލާ މެއްޔަށް ލޯބި ކުރާކަން. އެހެންވެ އެމާވެސް ގެނައީ” ޔާސިރު ހީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އަހަރެންނަކަށް ނޭނގޭ އަހަރެން އުމުރުން ވީވަރެއްވެސް” ވަރަށް ދެރަވެލާފައި ހީނާ ބުނެލިއެވެ.
މަތީން ވިސްނާލިއެވެ. ހީނާގެ އުމުރުން ވީ 50 އަހަރު ކަން މަތީން އަށް އެނގެއެވެ. އެހެނަސް އެވާހަކަ ދައްކަން މަތީން ބޭނުމެއް ނުވިއެވެ
“ޢުމުރަކީ މާބޮޑު އެއްޗެއް ނޫން.. އަދިވެސް ހީނާތީ ވަރަށް ޒުވާން އަންހެންކުއްޖެއް. އަހަރެންގެ ޢުމުރަކީ 68 އަހަރު” މަތީން ހީނާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އުމުރު އެހެން ހުއްޓަސް މަތީންގެ ޅަޢުމުރު ނޫނީ ޒުވާން އުމުރު އޭނާ ވަރަށް ވަރުގަދަ ވާނެކަމާއި ޒުވާންކަމުގެ ފުރިހަމަ ކަން އެނގެއެވެ.
“ނޫން އެއްގޮތަކަށްވެސް ތިވަރަށް އުމުރުން ދުވަސްވީ ވައްތަރެއް ނުޖަހާ..ތިޔައީ ޑޮކްޓަރެއް ނޫނީޔާ ތިޔައީ ކޮން ވަޒީފާއެއް އަދާ ކުރާމީހެއްތަ؟”
ލަދުރަކި ހިނިންވުމަކާ އެކު ހީނާ ބުނެލިއެވެ.
“އަހަރެންނަކީ ކައުންސިލަރެއް.. އަހަރެން މަސައްކަތް ކުރީ އެމް ޑީ.ޕީ ޓިކެޓްގަ އައްޑު އަތޮޅުގަ.. އެކަމަކު މިހާރު ޕާޓީ ބަދަލުވެގެން ލަންކާގަ އެންބަސީ މީހަކަށް އުޅެނީ”
މަތީން ކުރުގޮތަކަށް ހީނާއަށް އޭނާއަކީ ކާކު ކަން ބުނެދިނެވެ.
މަތީން ވާހަކަ ދެއްކި އިރުވެސް ޙީނާ ވަރަށް ޝައުގުވެރިކަމާއެކު އޭނާގެ ވާހަކަތައް އެއްސެވެ. އެއްވެސް އެއްޗެއް ހީނާ ހަނދާން ނުވެއެވެ. ހީނާއަކީ މަޝްހޫރު ފިލްމުސްޓާރެކެވެ. ދުނިޔޭގެ ގިނަ މީހުންނަށް އޭނާ އެނގޭނެއެވެ. އެކަމަކު އެހުރިހާމީހުން ހީނާއަށް ނޭގުން އެކަށީގެންވެއެވެ. މަތީން އަކީވެސް އޭގެ ޙިއްސާއެކެވެ. ހީނާ ހިނިތުންވެލިއެވެ. ސަލާންކޮށްލުމަށްފަހު މަތީން ދިޔައީއެވެ. އޭނާ ދިޔުމުން ހީނާއަށް ފަޅުކަމެއް ޢީހްސާސްވިއެވެ.
އުލްފަތު އާއި ޔާސިރު އަދި ކުދިން އައީ އެދުވަހު ހަވީރު ވަގުތުގައެވެ. ހުރިހާ މީހުންތިބީ ވަރަށް ހަމަޖެހޭކަހަލަ މޫޑެއްގައެވެ.
“މަމް މާޝަމައްލޯ ކާނަންތަ؟ މަމް ބުނީ އެއީ ކަޑައެއްޗެކޭ ކުރިން މާ ފަކުރު އެއްޗެކޭ މަމް ކުރިން ބުނޭ” ތާނިޔާ މާޝަމައްލޯ ފެކެޓް ނަގާ ހީނާއަށް ދައްކާލަމުން ބުނެލިއެވެ.
“ނޫން އަހަރެން ކާނަން” ހީނާ ހިނިތުންވެލާފައި ބުނެލިއެވެ. ހީނާ، ތާނިޔާގެ އަތުން އެޕެކެޓް ހޯދައިގެން ކާންފެށިއެވެ. ހީވީ ދުވަހަކުވެސް މާޝަމައްލޯ ނުދެކޭ ހެންނެވެ. ނޫނީ ކާން ބޭނުންވެގެން ނުލިބިފައި ހުރި އެއްޗެއް ހެންނެވެ. ތާނިޔާ އާއި އުލްފަތު އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ.
” މާފު ކުރޭ..! އަދިވެސް އަހަރެން އެއްވެސް އެއްޗެއް ހަނދާންނުވޭ.. އެކަމަކު އަދި ހަނދާންވާނެދޯ” ކުޑަކުއްޖެއްހެން ހީނާ ތާނިޔާގެ އަތުގައި ހިފައިގެން ބުނެލިއެވެ.
“މަމް އެއީ މާބޮޑު ކަމެއް ނޫން އަހަރުން މަމްއަށް ހުރިހާއެއްޗެއް މަޑުމަޑުން ހަނދާން ކޮށްދޭނަން” ތާނިޔާ ހީނާގެ ނިންމަތީ ބޮސް ދެމުން ބުނެލިއެވެ.
“ޝުކުރީއްޔާ … ހޫނ އަހަރެން ބޭނުން އެންމެ ކުޑައެތިކޮޅުން ބޮޑެތި ކަންތައްވެސް ހަނދާންވާން، އަދި ތާނިޔާ ކުޑައިރުގެ ވެސް އަހަރެން ބޭނުން ހަނދާންވާން.. ހުރިހާ އެންމެން ގެ ކަންތަށް އަހަރެން އަލުން ހަނދާންކުރަން ބޭނުންވޭ” ހީނާ ހިނިތުންވެލާފައި ބުނެލިއެވެ.
“މަމް ހުންނަނީ އަބަދު ދަތުރު މަތީގަ” ތާނިޔާ ޔާސިރުއަށް ބަލާލަމުން ބުނެލިއެވެ.
“އަހަރެން އަބަދު ދަތުރު މަތީގައޭ ތިބުނީ ކީއްވެ؟” ހީނާ އެދެމީހުންގެ މޫނަށް ބަލާލާފައި ހައިރާންވެފައި އަހާލިއެވެ.
“މަމް މަސައްކަތްކުރީ ވަރަށް ބުރަކޮށް ދޯ ޑޭޑް.. އެހެންވެ ޝޫޓިންތަކުގަ އަބަދު ދަތުރު ކުރީ ވަރަށް ފޫހިވޭ” ތާނިޔާ މިހެން ބުނުމުން ޒުންނޫންވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ތާނިޔާ އާއި ހީނާގެ އަބަދު ޒުވާބު ކުރާ ކަމަކީ އެއީ އެވެ. ތާނިޔާ އަބަދުވެސް ބޭނުންވަނީ މަންމަ އެމީހުން ކާރީ ހުރުމަށެވެ. މަންމަ ދާހާ ތަނަކަށް ފަހަތުން ދާށެވެ. އެކަމަކު ޒުންނޫން އަކީ މަންމަޔާ އެހާ ކާރި ކުއްޖެއް ނޫނެވެ. ވަރަށް ބަސްމަދު މަޑުމައިތިރި ކުއްޖެކެވެ.
މަންމަ ނެތި މަހެއް ދެމަހެއްވެސް ބައްޕަޔާއެކު އޭނާ އެއްވެސް ޝަކުވާއެއްނެތި ހޭދަކޮށްލާނެއެވެ.
“ހީނާއަކީ ވަރަށް މަޝްހޫރު ތަރިއެއް އެހެންވެ ގިނަ ފިލްމުތައް އޭރު ލިބެމުންދިޔަ” ޔާސިރު އަވަހަށް ހީނާ ދިފާއު ކޮށްލިއެވެ. އެއީ އަބަދުވެސް އާދައެވެ. ކުދިން ޝަކުވާކުރާއިރަށް ޔާސިރު އަވަހަށް އެމައްސަލަ ހަމަޖައްސާނެއެވެ.
“އަސްލުތަ؟ މީހުން އަހަރެން ދަނޭތަ ހަމަ އެވަރަށް؟” ހީނާ ހައިރާންކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
ހުރިހާ އެންމެން ބާރަކަށް ހީގަތެވެ.
“އަހަރެމެން ނުބުންޏަސް އެނގޭނެ. ހީނާ ބޭރަށް ދާއިރަށް މީހުންގަނޑު އޮޓޯގުރާފް ހޯދަން އަންނާނެ އަހަރެމެންނަށް ވަނީ މިކަން ބޮޑު މަޖާކަމަކަށް” ޔާސިރު ހީނާ ކާރިޔަށް ގޮސް ބުނެލިއެވެ.
“މަމް އަކީ ވަރަށް ގިނަ ފިލްމުތަކުގެ ހިރޮއިން އެހެންވެ ޕަކްލިކް ވަރަށް ބޮޑަށް މަމްގެ ކާރިޔަށް އާދެވޭތޯ ބަލާނެ..” ޒުންނޫންވެސް ބުނެލިއެވެ.
“ކުދިންނާއެކު އަހަރެންނަށް ވަގުތު ހޭދަކުރެވުނުތަ؟” ހީނާ އަހާލިއެވެ.
“ނުކުރެވުނު” ތާނިޔާ ކުއްލިއަކަށް ބުނެލިއެވެ. ތާނިޔާ މިހެން ބުނުމުން ޒުންނޫން ތާނިޔާގެ އަތުގައި ހިފާ ފިތާލިއެވެ.
“މޮޔަނުގޮވާ.. ފިލްމުސްޓާރު މަންމަޔެއް ހުރުމަކީ ކިހާ އުފާވާކަމެއް ކަން ކޮއްކޮޔަކަށް ނޭނގޭނެ.. އަހަރެންގެ ގިނަ ފުރެންޑުންވެސް އަހަރެންކާރީ އަބަދު މަމްގެ މޮޅުވާހަކަ ދައްކާ” ޒުންނޫން އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ. ތާނިޔާ މޫނު ކުނިކޮށްލަމުން އެއްފަރާތަކަށް އެނބުރުނެވެ.
ހީނާއާއި ތާނިޔާ ގިނަ ވަގުތު އެއްގަލަކަށް ނާރާނެއެވެ. ހީނާ ގިނަ ތަންތަނަށް ފިލްމު ޝޫޓިންތަކަށް ދާއިރު ތާނިޔާ ނުގެންދެއެވެ. ސުކޫލް ކަންތަށް އޮތީމައެވެ. ތާނިޔާ ހީނާއާއި އެކު ދާންވަރަށް ކުސްތަޅައެވެ. އެންމެ ފަހުން އުލްފަތު އާއި ތާނިޔާ ހަވާލު ކޮށްފައި ދިޔުން ނޫންގޮތެއް އޭނާއަށް ނޯވެއެވެ. ތާނިޔާ ރޮއި ރޮއި ގޭގައި ހުންނަނީއެވެ. ހީނާ އަންނާނީ ދެތިން ދުވަސް ކޮށްފައެވެ. ހީނާ ގެޔަށް އައުމާ އެކު ތާނިޔާ ރުޅި ދައްކައެވެ. ބޮޑާ ހާކައެވެ.މަންމަ ހަދިޔާތައް ގެންނާނެއެވެ. އެކަމަކު މަންމަ ގެންނަ އެއްވެސް އެއްޗެއް ތާނިޔާ ބޭނުމެއް ނުކުރެއެވެ.
“ތިޔައީ ދޮންބެ ބޭނުންވާގޮތް.. އަސްލު ވަރަށް ފޫހިވޭ މަމް ފިލްމު ކުޅެން ދާތީ..” ތާނިޔާ މޫނު ކުނިކޮށްލާފާ ބުނެލިއެވެ. މިކަމާ ހުރިހާ އެންމެން ހުނެވެ.
“މަންމައަށް މާފް ކުރޭ.. ތާނިޔާ..އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއްނޫން.. އަހަރެންވެސް އަހަރެން ކުޑައިރު ނަމަ ބޭނުންވާނީ އަބަދުވެސް މަންމަ ކާރީ ހުރުމަށް ތާނިޔާ..ގޮތަށް” ހީނާ މިހެން ބުނެލާފައި ޔާސިރުއަށް ބަލާލިއެވެ.
“އަހަރެންގެ މަންމަ ކޮބާ؟” ހީނާ ކުއްލިއަކަށް އެއްޗެއް ހަނދާން ވާހެން ހަނދާންވެގެން އަހާލިއެވެ.
“ހީނާއަށް ޢުމުރުން ދެއަހަރު ހީނާގެ މަންމަ ނިޔާވެއްޖެ. އަދި ހީނާއަށް 18 ވަނަ އަހަރު ހީނާގެ ބައްޕަ ވެސް ނިޔާވެއްޖެ” ޔާސިރު ބުނެލިއެވެ.
“ދެން އަހަރެން ބަލާބޮޑުކުރީ ކާކު އަދި ކޮންތާކު؟” ހީނާ އަނެއްކާވެސް އަހާލިއެވެ.
“ހީނާ ދިރިއުޅުނީ ހީނާގެ ބޮޑު ދައިތަޔަކާ އެކު މިހާރު އޭނާވެސް އިންޑިޔާއަށް ބަދަލުވެއްޖެ.. ޢުމުރުން 18 އަހަރުން ފެށިގެން ހީނާ ފިލްމު ކުޅޭ އެހެންވެ ހީނާއަށް އެކަނި ވާނެ ވަގުތެއް ނޯވޭ”
“އަޅުގަނޑު ހުރިން ހީނާއާއި އެކު..ކޮންމެ މަރުހަލާއެއްގަ ދޯ ތާނިޔާ” އުލްފަތުވެސް ބުނެލިއެވެ.
“އާދެ ދަރިފުޅާ މަންމަ ކާރިޔަށް.. ދެން މަންމަ ދުރަށް ނުދާނަން އެކަމަކު މިހާރު ތިކުދިން ތިތިބީ ބޮޑެތިވެފަ މަންމަޔަށް ނޭނގޭ ކުޑައިރު ވީއެއްވެސް ކަމެއް.. އަހަރެމެންނަށް މުޅިން އާދުވަސްތަކެއް ހަދާލެވިދާނެދޯ”
ހީނާ ތާނިޔާގެނެސް އޭނާގެ މޭގައި ލައްކޮށްލަމުން ބުނެލިއެވެ. ހީނާގެ މިއަދާގެ ސަބަބުން ތާނިޔާ ވަރަށް އުފާވިއެވެ. ޒުންނޫންވެސް އެއްފަރާތުންގޮސް ހީނާގައިގާ ބައްދާލިއެވެ.
“މަމް މިހާރު އަޅުގަނޑު މެން ވަރަށް ބޮޑުވެއްޖެ މިހާރު ދިރިއުޅެނީވެސް ދޮންބެ ޔާއެކު އިންޑިޔާގަ ދޯ ދޮންބޭ. ޑޭޑް، އާއި މަމް އާދޭ އަހަރެމެންނަށް ޒިޔާރަތް ކުރަން.. މިހާރުވެސް ހަދާގޮތަށް އެދުވަސްތަކުގަ އަހަރެން ވަރަށް ޝޮޕިން ކޮށްލަން ހަހްހަހް” ތާނިޔާ ހެމުން ބުނެލިއެވެ.
“ކޮންސުކޫލެއްގައިތަ ކުދިން ކިޔެވީ” ހީނާ އަހާލިއެވެ.
“ތާނިޔާ ކިޔެވީ އަމީނީއްޔާގަ ޒުންނޫން ކިޔެވީ މަޖީދީޔާގަ” ޔާސިރު ބުނެލިއެވެ.
“އެއީ ރާއްޖޭގަ ހުރި އެންމެ ރަނގަޅު ދެ ސުކޫލް” އުލްފަތު ބުނެލިއެވެ.
“މިހާރުވެސް އަހަރެން ބޭނުމީ މަމް އަހަރެމެންނާ އެކު އިންޑިޔާގަ އުޅުމަށް” ތާނިޔާ އަވަހަށް ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ހީނާ ބޯހަލުވާލިއެވެ.
އޭގެ ފަހުން އެމީހުން އާދައިގެ ގޮތުގަ ވާހަކަ ދެއްކިއެވެ. އަދި ހީނާއަށް ސަލާމް ކޮށްލާފައި ހޮޓަލަށް ދާން ކުދިންނާ ޔާސިރު ނިކުތެވެ. އެކޮޓަރިން އެންމެ ފަހުން ނިކުތީ އުލްފަތުއެވެ. ދަމުން އޭނާ ހީނާގެ އެނދާއި ކާރިވެލިއެވެ.
“ހީނާ.. ވަރަށް ރަނގަޅު ތާނިޔާއާއި އެކުގެންދިޔަ ކޮންވަޒޭޝަން އެމަންޖެ ވަރަށް އުފާވެފަ އެދިޔައީ.. މަންމަ އެއްކޮށް ލިބުނުކަމުގެ އުފަލުގަ.. އަދި މިލްކުވެރިކަން ސާބިތު ވެސް ކޮށްލާފަ ތޯއްޗެއް.” ހިނިތުން ވެލާފަ އުލްފަތު މިހެންބުނެލަމުން ސަލާމް ކޮށްލާފައި ހީނާގެ އެނދުގެ ރަޖާގަނޑު ރަނގަޅު ކޮށްލާފައި ބޮކި ނިއްވާލާފައި ދާން ހިނގައިގަތެވެ. އެވަގުތު ހީނާ ގޮވާލިއެވެ
“އުލްފަތު އައިސްބަލަ”
“ކީކޭތޯ؟”
“އަސްލު އަހަރެން ބޭނުންވޭވޭ ހުރިހާ ވާހަކައެއް އަހަން”
“ދެން މިގަޑީގަ އަރާމު ކޮށްލާ.. މާދަމާ އައިސް ބާކީ ވާހަކަތަށް ކިޔާދޭނަން” އުލްފަތު ވަޢުދުވެލިއެވެ.
“ހީނާ މީ ކާކުގެނައި މަލެއްތޯ؟” އުލްފަތު މާޓުކުރި ރީތި ކޮށްލަމުން އަހާލިއެވެ.
“މަށަކަށް ނޭނގެ ކާކު ކަމެއް. ނަންވެސް ބުނި މިހާރު ހަނދާނެއް ނެތް، އެއީ ދިވެހި މީހެއް ތި މާގެނައީ” ހީނާ ރަޖާގަނޑު ރަނގަޅު ކޮށްލަމުން ބުނެލިއެވެ.
“އަޖާބެއް ސެކިޔުރިޓީން އެމީހާ މިރޫމަށް ވަންނަން ހުއްދަ ދިންތަ؟. އަޅުގަނޑުމެން އަންގާފަ އޮންނާނީ ޢާއިލާ މީހުން އެކަނި ކަމަށް ވަދެވޭނީ.. ހުއްދައެއްނޯންނާނެ އެއްވެސް މީހަކަށް.. ކޮންމެ މީހަކަށް ވެސް ބުނެވިދާނެ ރައްޓެއްސެކޭ އެއީ ސޭފް ކަމެއް ނޫން. މީގެ ކުރިން އެތައް މާބޮނޑިތަކެއް އެމީހުން ގޭޓާއި ހަމައިން ހުއްޓުވާފަވާނެ” އުލްފަތު ބުނެލިއެވެ.
“އަހަރެން އަހަރެންގެ އަމިއްލަ ދަރިންގެ ނަންވެސް ހަނދާނެއް ނެތް ވީއިރު އެހެން އަންނަ މީހެއް ނަން ކިހިނެއް އަހަރެން ހަނދާން ހުންނާނީ” ހީނާ ވަރަށް ދެރަވެފަ ބުނެލިއެވެ.
“އަޅާ ނުލާ އަޅުގަނޑު ބުނާނަން ގާޑުން ކާރީ ބޮޑަށް ރައްކާތެރިކަން ދޭށޭ”
“އެއީ ވަރަށް މާތް މީހެއް ގިނައިރުވެސް މަޑެއްވެސް ނުކުރޭ. އަދި ބުނި އަހަރެންގެ ކުދިން ކުޑައިރުންފެށިގެން ދަންނަ ވާހަކަ” ހީނާ ބުނެލިއެވެ
“ކޮންމެ މީހަކަށްވެސް މިއަދު ތިހެން ބުނެވިދާނެ” އުލްފަތު މިހެން ބުނެލާފަ ހިނިތުން ވެލަމުން ދިއައީއެވެ.
ޕަޕަރާޒީންނާހެދި ޔާސިރު ވަނީ ޕުރައިވެޓް ބޮޑީ ގާޑުންވެސް ހީނާއަށް ލާފައެވެ.
ހީނާ ވަރުބަލި ކަމާއެކު ލޯމަރާލިއެވެ. ހިނދުކޮޅަކަށް މާޒީގެ ސޮފްހާތައް ހުވަފެނުން ފެނުންވެސް ހީނާ އެދެމުން ދިޔައެވެ.
ހެނދުނު ހެދުނާ ތާނިޔާ ބޭނުންވީ ބާޒާރަށް ދާށެވެ. އޭނާއާއި އެކު އުލްފަތު އާއި ޒުންނޫންވެސް ބައިވެރިވިއެވެ،މެންދުރު ކާގަޑިޔަށް އެމީހުން ހޮޓަލަށް އައެވެ. ޔާސިރު އާއި ޒުންނޫން އެމީހުންގެ އޮފީސް ކަންތަކުގަ ބިޒީވެގެންދިޔައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގެ ގިނަ ކަންތަށް ވަރަށް ބޮޑަށް ފަހަތައް ގޮސްފައިވާތީ ޒުންނޫން ވަރަށް ކަންބޮޑުވިއެވެ. އެކައުންޓާއި ބެހޭ ގިނަ މަސައްކަތް އޮތީ އަތްނުފޯރާފަށުގައެވެ. އެކަމަކު އެމީހުންގެ ސެކްރެޓަރީ އެމީހުންގެ ކަންތަށް ވަރަށް ފުރިހަމަޔަށް ބަލަމުން ދިޔައެވެ.
ތާނިޔާ ކެއުމުގެ ފަހުން ދިޔައީ މޫދަށެވެ. ކޮޓަރީގަ ތިބެގެން ޔާސިރު އާއި ޒުންނޫން އޮފީސް މަސައްކަތް ކުރިއެވެ. މަންމަ ސުކޭންކޮށް ނިމޭނީ ހަވީރު ގަޑީގައެވެ. މަންމަ ބަލާލަން ދެވޭނީ އޭގެ ފަހުންނެވެ. ތާނިޔާ ވަރަށް ފޫހިވެފަ އިނެވެ.
ތާނިޔާ އޭނާގެ ލޯބިވެރިޔާއަށް ގުޅާލިއެވެ. އެއީ މީގެ ދުވަސްކޮޅެއްކުރިން އިންޑިޔާއިން އޭނާއާއި ދިމާވި ލަންޑަން މީހެކެވެ. ގަޑިއެއްހާއިރު ތާނިޔާ އޭނާއާއި ވާހަކަ ދެއްކިއެވެ. އެއީ ތާނިޔާ ވަރަށް ގަބޫލްމީހަކަށް ވިއެވެ. އޭނާ ކާރީ ތާނިޔާ މަންމަޔަށް ދިމާވެގެން އުޅޭ އެކްސިޑެންޓުގަ ވާހަކަ ކިޔާދިނެވެ. އޭނާވެސް މަންމަޔަށް ގުޅާނަމޭ ބުންޏެވެ.
އުލްފަތު މެންދުރު ހީނާކާރިޔަށް ދިޔަގޮތަށް ގޮސް ހުރީ ހޮސްޕިޓަލްގައެވެ. ޑޮކްޓަރުންގެ އިރުށާދުގެ މަތިން އުލްފަތު ހީނާއަށް ކަންތަށް ކުރަމުންދިޔައެވެ. ވާހަކަ ދެއްކުމުގައެވެ. މާޒީގެ ކަންތަށް ހަނދާން ކޮށްދިނުމުގައެވެ. އުލްފަތު ހީހީފަ ހީނާކޮށްފަވާ ބައެއް ކަންތަށްތަކުގެ ވާހަކަ ހީނާއަށް ކިޔާދެމުން ގެންދިއެވެ. ހީނާގެ މާޒީގެ އެއްވެސް ދެރަވެފަވާ ވާހަކައެއް އުލްފަތު ކިޔާދޭކަށް ބޭނުމެއްނުވިއެވެ. މިހެންބުންޏަސް ކޮންމެވެސް ވަރަކަށް އުލްފަތު ހީނާގެ ހަޔާތުގެ ހިތާމަވެރި ދާސްތާންތަކަށްވެސް އަލިއަޅުވާލިއެވެ. ހީނާވެސް ހުއްޓުމެއްނެތި އުލްފަތު ކާރީން އެކި އެކި ސުވާލުތައް ކުރަމުން ދިޔައެވެ. އޭނާގެ މައިންބަފައިންނާބެހޭގޮތުންނެވެ.
އުލްފަތު އޭނާކާން ގެނައި ސޭންޑުވިޗް ކަމުން ދިޔައެވެ. ބައެއްފަހަރަށް ސޭންޑުވިޗް އަނގައިގަ ހުރީމާ ވާހަކަވެސް އުލްފަތުއަށް ނުދެއްކެއެވެ. އެކަމަކު ހީނާ ހުއްޓުމެއްނެތި ވާހަކަ އަހަމުން ދިޔައެވެ. އޭނާ އެއްފަހަރާ ހުރިހާ އެއްޗެއް ދެނެގަންނަން ބޭނުންވާކަހަލައެވެ.
އެންމެ ފަހުން ހީނާ އޭނާޔާ ޔާސިރު ވަރިވީ ކިހިނެއްތޯ އަހާލިއެވެ.
“އެޒަމާނުގަ އަޅުގަނޑު އަދި ހީނާޔާއެކު މަސައްކަތެއް ނުކުރަން.. އަޑުއިވިފަ އޮތީ ޔާސިރު ރަށިޔާ މީހަކާ ކައިވެނި ކުރި ވާހަކަ. އެއީ ރަށިޔާ ގެ މޮޑެލް ކުރާ ކުއްޖެކޯލަ..އަދި މިހާރު އޭނާ ކައިރިންވެސް ޔާސިރު ވަރިވެގެން އުޅެނީ އެދުވަސްކޮޅު އަޅުގަނޑު ހީނާގެ ސެކްރެޓަރީއެއްގެ ވަޒީފާ އަށް ޖޮއިން ކުރީ ޔާސިރު ދުވަސްތަކެއް ވަންދެން ހީނާކާރިޔަށް އަންނަތަން އަހަރެން ދެކެން އަދި ހީނާ ކާރީ ވަރަށް އާދޭސްކުރި އަނބުރާ އޭނާޔާ ކައިވެނި ކުރުމަށް އަދި އެގެޔަށް ބަދަލް ވުމަށް އެދުވަސްކޮޅު އަޅުގަނޑަށް ރަނގަޅަށް ދިވެހި ނޭނގޭ އެހެންވެ ދައްކާވާހަކަ މާރަނގަޅަށް ނޭނގޭ. ހީނާ އެއްވެސް މަޢުލޫމާތެއް އަނެއް ހެން އަޅުގަނޑަށް ނުދޭ އަދި އަޅުގަނޑުވެސް އެވާހަކަ ނުދައްކަން. ގައިމުވެސް ހީވާގޮތުން އެދުވަސްތަކުގަ ހީނާ ޔާސިރު ދެކެ ވަރަށް ރުޅިއައިސްފަ..ފޯނުންވެސް ދެމީހުން ޒުވާބު ކުރާހެން ހީވަނީ ފޯނުންވެސް. ކުދިންގެ ކަންތަކުގަވެސް ވާހަކަ ދައްކާ .އެކަމަކު މިހާރު އޭގެ ފަހުން 10 އަހަރު ވެއްޖެ މިދިޔަ ދުވަސްތަކުގަ ތިދެމީހުންނަކީވެސް ވަރަށް ގާތް ދެއެކުވެރިން އަދި ޔާސިރު އަޅުގަނޑު މެން ގެޔަށް އައިސް ނިދަންވެސް އޮވޭ..ހީވަނީ ވަރަށް ލޯބިން އުޅުނު ހެން”
ހީނާ ހިމޭންކަމާއެކު އުލްފަތު ދައްކަމުންދިޔަ ވާހަކަތަށް އަޑުއަހަމުންދިޔައެވެ.
“އަހަރެންތަ ޔާސިރު ދޫކޮށްލީ ނޫނީ ޔާސިރުތަ އަހަރެން ދޫކޮށްލީ؟” ހީނާ އަހާލިއެވެ
“ތިޔަ ވާހަކަ ހީނާ އެހުން ރަނގަޅީ ހަމަ ޔާސިރު ކާރިން. އަޅުގަނޑަށް އެނގޭ ގޮތުން ޔާސިރު އާއި ހީނާ ކައިވެނިކޮށްގެން ދެކުދިންލިބުނު އަދި ކުދިންނާއެކު ހީނާ އުޅެމުން އައީ ލަންކާގަ ހީވާގޮތުން 10 ވަރަކަށް އަހަރު ހީނާ ލަންކާގަ ވެސް އުޅުނު. އެދުވަސްތަކަކީ ހީނާ ގިނަ ފިލްމުތަކުގަ މަސައްކަތް ކުރި ދުވަސްތަށް އަދި ކާމިޔާބުގެ ގިނަ ހަރުފަތްތަށް ގިރާކުރަމުން ހީނާ އައީ.. ކުއްލި ގޮތުގައި ރާއްޖެ އަށް ދިރިއުޅުން ބަދަލު ކުރީވެސް ދޫކޮށްލި ލަންކާގެ އެގެޔަކީ ވަރަށް ލޯބި ރީތި ގެއެއް”
“ކިހިނެތް އުލްފަތުއަށް އެނގުނީ އެގޭގެ ރީތިކަން ބުނީމެއްނު ތިމަންނަ ވަޒީފާއަށް އައީ އަހަރެން ރާއްޖެ ބަދަލުވީފަހުންނޭ” ކުއްލިޔަކަށް ހީނާ އުލްފަތުގަ ވާހަކަ މެދުކަނޑާލާފަ އަހާލިއެވެ.
“ލައްބަ އަޅުގަނޑު ވަޒީފާއަށް ރަސްމީކޮށް ޖޮއިން ކުރީ ހީނާމެން މާލެ ބަދަލުވީފަހުން އެކަމަކު ލަންކާގަ ހުރިގެޔަށް ބައެއް ކަންތަކުގަ ލަފާ އަހާލަން އަޅުގަނޑު ދިޔައިން ލޯޔަރާއެކު އަދި އެގެ ދޫކުރިފަހުންވެސް އެގޭގެ ބިލްތައްސެޓުލް ކުރަންވެސް އަޅުގަނޑު އައިން” އުލްފަތު ބުނެލިއެވެ.
“ސަބަބަކީ ކޮބާތަ؟ އަހަރެން ރާއްޖެ ބަދަލުވި؟” ހީނާ އަނެއްކާވެސް އަހާލިއެވެ.
“އެދުވަސްތަކުގަ އަޅުގަނޑަށް ހަނދާންވަނީ ހީނާ ކުޅުނު ގިނަ ފިލްމުތައް ކުޅުނީ ރާއްޖޭގެ ލޮކޭޝަންތަކުގަ އެހެންވެ ދިރިއުޅެންވެސް އެއްތަނެއްގަ އުޅެންޏާ ފަސޭހަވާނެތީހެން އަޅުގަނޑަށް ބޮޑަށް ލަފާކުރެވޭނީ އަދި ކުދިންވެސް އޭރު ރާއްޖޭގެ ސުކޫލްތަކަށް ލާފަ ތިބީ”
ހީނާ ވިސްނަމުން ދިޔައެވެ. އުލްފަތު މިދައްކާ ހުރިހާ ވާހަކައަކީ ހަގީގަތެއް ބާވައެވެ. އެކަމަކު އަހަރެންނާ މެދު މީހުން ދައކަމުން އައީ ކޮންކަހަލަ ވާހަކަތަކެއް ބާވައެވެ. އަހަރެންގެ ރަނގަޅުވާހަކަ ނޫނީ އަހަރެންގެ ގޯސްވާހަކަ ބާވައެވެ. ކުދިންގެ ނަޒަރުގަ އަހަރެންނަކީ ކޮންކަހަލަ މަންމައެއް ބާވައެވެ. މިހާރު ކުޑަގޮތަކަށް އެނގުނު ގޮތުގައި ތާނިޔާ ކޮންމެވެސް ވަރަކަށް އަހަރެންނާ މެދު ހިންހަމަ ނުޖެހުނެއް އެބައޮތްހެން ހީވެއެވެ.
“އަހަރެންނާމެދު ތާނިޔާގެ ހިތް އެހާ ނުބައީ ކީއްވެތަ؟ އަހަރެންނަކީ ވަރަށް ގޯސް މަންމައެއްތަ؟” ހީނާ ސުވާލު ކޮށްލިއެވެ.
“ނޫން އެއްގޮތަކަށްވެސް ގޯސްމަންމަ އެއް ނޫން.ތީ. އެކަމަކު އެހެންމަންމަ މެންނަ ވުރެ ޒިންމާދާރު ކަންބޮޑު މަސައްކަތްތެރި، ކެތްތެރި. ހިންމަތްތެރި މަންމައެއްތީ.. ގިނަ ކުދިންނަށް ނުލިބޭނެ ތިކަހަލަ މަންމައެއް. ތިޔައީ ކުދިންދެކެ އިންތިހާއަށް ލޯބިވާ މަންމަ އެއް. ހީނާ އަށް ތާނިޔާ ލިބުނު އިރު ހީނާގެ ޢުމުރުން ވާނީ 28 އަހަރު.. އަޅުގަނޑު ތިޔަ ޢާއިލާއަށް ޖޮއިން ކުރިއިރު ތާނިޔާގެ ޢުމުރުން 7 އަހަރު އޭރުގަ އެއީ ކޮންމެ ކަމަކާ ބޮޑާ ހާކާ ކުޑަކުޑަ ލޯބި ކުއްޖެއް. ވަރަށް ހަނދާންވޭ ހީނާ ކުދިންވެސް ހީނާގެ ފިލްމު ލޮކޭޝަންތަކަށް ގެންދާނެ.އަދި ޓީޗަރުން ވެސް ގެންދާފަހަރު އާދޭ..ހީނާޔަކީ ވަރަށް ސިވިލައިޒް މަންމަ އެއް. ސުކޫލްގެ ފިލާވަޅަށް ބުރުއަރާތީ ޒުންނޫން ލޮކޭޝަންތަކަށް ނުދާނެ އަދި ހުންނަނީ އަޅުގަނޑުގެ ބެލުމުގެ ދަށުން ގޭގަ ސުކޫލަށް ގޮސްފަ އައިސް. ތާނިޔާއަށް ގުރޭޑް 8 އާއި ހަމަޔަށް ސުކޫލްގެ ކަންތަކަށް ދަތިވި ކަމަށް ވާނީ. އޭނާ ގުރޭޑް 8 ގެ ފަހުން ހީނާ ދަނީ ލޮކޭޝަން ތަކަށް އެކަނި. ތާނިޔާ ނުގެންގޮސް މަންމަ ނެތިގެން މައްސަލަޔަކަށް ވެގެން އުޅޭނީ ހަމަ އެކަނި ތާނިޔާ. .އެކަމަކު ހީނާއަށް އެއީ އެހާ ބޮޑު މައްސަލަޔަކަށް އޭރަކު ނުވޭ.. ހީނާ ބުނަނީ ތާނިޔާ އަކީ ބޮޑު ކުއްޖެކޭ. މަންމަޔާ ނުލާވެސް އުޅެން ދަސްކުރަން ޖެހޭނެއޭ މަންމަގެ މިނިވަންކަން މަންމަޔަށް ލިބިދޭން ޖެހޭނެޔޭ. ވެދާނެ ހީނާތީ ފިލްމުސުޓާރަކަށް ވާތީ ޙިޔާލާތު މޮޅީ ކަމަށް ވެސް. އަހަރެންވެސް ހީނާގެ މަސައްކަތާމެދު ވަރަށް ފަޙުރުވެރިވޭ. ކޮންމެ ދަތުރަކު ނިންމާފަ އަންނަ އިރު ހީނާ ކުދިންނަށް ވަރަށް އަގުބޮޑެތި ހަދިޔާތަށް ގެނެސްދީ ހަދާނެ. ޒުންނޫން ހުންނާނީ އުފަލުން ވަރެއް ނެތިފަ ތާނިޔާ ފުރަތަމަ ބޮޑާ ހާކާނެ. ހަދިޔާތަށް ޤަބޫލެއް ނުކުރާނެ އެކަމަކު ފަހުން އޯކޭވެދާނެ.”
ނުނިމޭ
3
2 Comments
Comments are closed.
leem
October 31, 2016 at 7:35 pmV shauguveri mivaahaka. Keep it up rozy
Anonymous
November 1, 2016 at 1:42 amThank you…?