Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކާމިޔާބު އަންހެނާ 11

Rozy
November 5, 2016
17 Mins Read
43 Views
2 Comments

ކާމިޔާބު އަންހެނާ 11

“އެހެންވީމާ ތާނިޔާ އަހަރެން ފިލްމު ކުޅުމަށް ޤަބޫލް ނޫނީތަ؟”

“ނޫން އަޅުގަނޑަށް ހީވަނީ އޭނާ ހީނާ ފިލްމު ކުޅޭކަށް ނުގަބޫލެއް ނޫންހެން. އޭނާވެސް ވަރަށް ޝައުގުވެރިކަމާއެކު ހީނާގެ ފިލްމުތައް ބަލާވިއްޔާ. ހީވަނީ ހަމައެކަނި އޭނާ ބޭނުންވަނީ ހީނާގެ ވަގުތު ހެން.ނޫނީ ވެދާނެ އޭނާ އޭރު މާކުޑައީ ކަމަށްވެސް”

“އަހަރެން ގޭގަ ކުދިންނާ އެކު ގިނަ ވަގުތު ހޭދަ ކުރެވުނު ނަމަ ފިލްމު ކުޅުމަށް ވުރެ މާރަނގަޅުވީސް ހެން ހީވޭތަ؟”

“އެއީ ދެން ތިޔަ ހީނާއަކަށް ނުވާނެ. ތިޔައީ ހިތްވަރުގަދަ ކަންތަކަށް ކެރޭ ވަރަށް މުރާލި ހުނަރުވެރި އަންހެން ކަނބަލެއް. ގިނަ ދިވެހި އަންހެނުންނަށް ހުރި ނަމޫނާ މަންމައެއް” އުލްފަތު ހީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ދެން މިހާރޯ؟” ހީނާ އަހާލިއެވެ.

“ކަޑައެއްނޫން ..ހަމަ އެކަނި ހީނާގެ މަސައްކަތަށް ކުޑަ މަޑުޖެއްސުމެއް އައީ”

އުލްފަތު ކޮންމެ ވާހަކައެއްދެއްކިޔަސް ދައްކަނީ ވަރަށް ވިސްނާފައެވެ. ރާމިޒްގެ ވާހަކަ އަދި އޭނާ ނުދައްކައެވެ. ނޫނީ ދެއްކިފައި އޮތީ ވަރަށް ކުޑަކޮށެވެ. ކޮންމެ ގޮތެއްވިޔަސް ރާމިޒް ނިޔާވުމާ ގުޅިގެން ހީނާގެ ކެރިއަރަށް މަޑުޖެއްސުމެއް އައީއެވެ. އެކަމަކު މިހިނދުކޮޅު ރާމިޒްގެ މަރުގެ ވާހަކަ ނެގުންވެސް ބުއްދިވެރިއެއް ނޫނެވެ. އުލްފަތު ވިސްނަމުން ދިޔައެވެ.

“ކީއްވެތަ އަހަރެންގެ މަސައްކަތަށް މަޑުޖެއްސުމެއް އައީ؟”

“ވެދާނެ ވަރުބަލިވީކަމަށްވެސް.. . މިދުވަސްކޮޅު ހީނާ ވަނީ ފިލްމުތައް ކުޅުންވެސް މަޑުކޮށްފަ. އެހެންނޫނަސް ހީނާއަކީ ކޮންމެ ކޮންމެ ކަހަލަ ވާހަކައަށް އެކްޓު ކުރާމީހެއް ނޫން.. ވަރަށް ބަލާފަ ނޫނީ ހީނާ ސުޓޯރީއެއް ނަގަނީ ބައިވަރު ރޯލުތައް ހީނާ އަދާކުރި. އަދި ހީނާ ކުޅޭ ކޮންމެ ފިލްމެއް ވަރަށް ބޮޑަށް ހީނާ އެފިލްމަކާ ގަޔާވޭ..ހަމަ އެކަނި ކަމަކަށް ކަމެއް ނޫން ހީނާ ކުރީ.. ހީނާގެ ފިލްމުތަކުން އިބުރަތްތެރި ފިލާވަޅު މީހުންނަށް ލިބިގެންދޭ. އަދި މިދުވަސްކޮޅު ހީނާ އައީ ހީނާގެ އަމިއްލަ ފޮތެއް ލިޔަމުން ދަނީ މިދަތުރަކީވެސް އެފޮތް ލިޔަން ހީނާ ނެގި ދަތުރެއް. ހީނާ ބުނި އަޅުގަނޑު ކާރީ ފޮތްލިޔަން ފަސޭހަ ވާނީ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރި ތަނުގައޭ. އެކަމަކު އެހެންކިޔާފަ އައިސް އެތައް ދުވަހެއް ވަންދެން ތިއޮތީ ތަންމަތީގަ  އަދިވެސް ފޮތް އޮތީ މޭޒުމަތީ އޭތި ލިޔާނެ ފުރުސަތެއް ހީނާއަށް ނުލިބުނު ކަންނޭނގެ. ކޮންމެޔަކަސް އެފޮތް ނިމުމާއެކު ހީނާ ކުޅެންޖެހޭ ވަރަށް ގިނަ ފިލްމުތައް އެބަހުރި” އުލްފަތު ހިނިތުން ވެލިއެވެ.

“އަސްލު ކީއްވެތަ އަހަރެން ފިލްމުކުޅުން މަޑުކޮށްލީ އެއީ ފޮތްލިޔާތީތަ އަހަރެން ފިލްމު މަޑުކޮށްލީ؟” ހީނާ އަހާލިއެވެ.

“ނޫން އެހެންވެގެނެއްނޫން…އެކަމަކު ބޮޑު ސަބަބަކާ ހެދި ފިލްމު ކުޅުން ކުޑަކޮށް މަޑުކޮށްލީ. ހީނާ ހުރީ ވަރަށް ރަނގަޅު މީހަކާ ކައިވެނިކޮށްގެން ފާއިތުވި ދުވަސްތަކުގަ ” އުލްފަތު ބުނަން ބޭނުން ނުވިޔަސް ރާމިޒްގެ ވާހަކަ ފެށިއެވެ. އަދި ސުރުޙީ އަޅާލާފަ ހިމޭންވެލިއެވެ.

“މާތްކަލާކޯ ނުބުނައްޗޭ އަހަރެންވަނީ އެމީހާ ކާރިން ވަރިވެފައޭ އެއީ ކޮންނަމެއް ކިޔާ ކާކު” ހީނާ ހާސްކަމާއެކު ބުނެލިއެވެ. ޔާސިރު ކާރިން ވަރިވެފައިވުންވެސް ވަނީ އެއީ ހީނާ ވަރަށް ހިތާމަ ކުރާކަމެކެވެ.

“ނޫން ހީނާ ވަނީ އޭނާ ކާރިން ވަރިވެފަ ނޫން. އެއީ ހީނާ ދެކެ ވަރަށް ލޯބިވާ މީހެއް.. އަދި ހީނާވެސް އިންތިހާއަށް ލޯބިވޭ ގާތްގަޑަކަށް 8 އަހަރު ހީނާޔާ އެކު އޭނާ އުޅުނު އޭނާގެ ނަމަކީ ރާމިޒް..ހީނާ އޭނާއާއި ކައިވެނި ކުރީ ހީނާގެ ޢުމުރުން 40 އަހަރުގައި. އޭނާގެ ޢުމުރުން 34 އަހަރު..އޭނާ އަކީވެސް ކާމިޔާބު ޕުރޮޑިޔުސަރެއް.. ތިދެމީހުން އެކުގަ ފިލްމު ކުޅެފައެއްނުވާނެ. އޭނާ އަކީ ވަރަށް ހިތްހެޔޮ މީހެއް.. ތިދެބޭފުޅުން އުޅުއްވީ ވަރަށް އުފަލުން.. ކުދިންވެސް އޭނާދެކެ ވަރަށް ލޯބިވޭ. ރާމިޒް އާއި ހީނާއަށް ކުދިން ލިބިފައެއް ނެއް ހީނާގެ ތިބީ ހަމައެކަނި ޔާސިރު އާއި އިނދެގެން ދެކުދިން ލިބިފައި މީގެ 3 އަހަރު ކުރިން އޭނާ ވަރަށް ބަލިވި…ލިވާ ކެންސަރު ޖެހުނީ ވަރަށް ބޮޑަށް އޭނާއަށް ފަރުވާކުރި އޭނާ ނިޔާވީ ހީނާ އޭނާ ކާރީ ހުއްޓާ…އެއީ ހީނާ އަށް ވަރަށް ބޮޑު ހީތާމަޔަކަށްވި…އެއީ ހީނާ ފިލްމުކުޅުން ކުޑަކޮށް މަޑު ޖެއްސި ސަބަބަކީ.. މިހާރު ހީނާ ނިންމާފަ އޮތީ ހީނާގެ ފޮތް ލިޔުމަށްފަހު އަނެއްކާ ފިލްމީ ދުނިޔެއަށް އެނބުރި ދިޔުމަށް.” އުލްފަތު ވާހަކަ ދައްކަމުންދިޔައެވެ. އޭނާ ހިނދުކޮޅަކުން އެނބުރި ބަލާލިއިރު ހީނާގެ ލޮލުން ކަރުނަ ފާއްދާލާފަ ހުއްޓެވެ.އެހެންވެ އަވަހަށް އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. އަދި ހީނާގެ ކާރިޔަށް ޖެހިލިއެވެ. ހީނާގެ ކޮނޑުގައި އަތްއަޅާލިއެވެ.

“އަހަރެންނަށް ހީވަނީ ހީނާ މިހާރު ވަރަށް ހިތްވަރު ގަދަ ވެއްޖެ ހެން. ރާމިޒް ދުނިޔޭގައި ހުރިއިރު ހީނާވަރަށް ފިނޑި. ކޮންމެ ކަމެއްގައި ރާމިޒުގެ އަތެއްވާނެ .އެކަމަކު މިހާރު ހީނާ އެކަނި ހުރިހާ ކަމެއް އެކަނި އެބަކުރޭ. ” އުލްފަތު ހީނާގެ ކަރުނަ ފޮހެލަ ދިނެވެ. މަންމަ އެއްހެންނެވެ. އުލްފަތުގެ ލޯބި އާއި ގާތްކަން ހީނާއަށް ވަރަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ހީނާ އުލްފަތުގެ މޭގައި ބޯއަޅާލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ އުލްފަތު ހުރިހާވާހަކައެއް އަހަރެންނަށް ކިޔާދިނީމަ.. އެހެންނޫނީ ތިޔައިން އެއްވެސް ކަމެއް ދުވަހަކުވެސް އަހަރެން…ނަށް..ނޭނގުނީސް އަސްލު ރާމިޒް..ވެދާނެ އަހަރެން ވަރަށް ލޯބިވި  މީހެއް ކަމަށް، ރާމިޒްއަކީ ދޯ.. އެކަމަކު އަހަންނަށް އޭނާގެ މޫނު އަދި ނަންވެސް ހަނދާނެއްވެސް ނުވޭ..  ވަރަށް ބޮޑު ފަޅުކަމެއް މިހާރު އަހަރެންނަށް އިހްސާސް ކުރެވޭ. އަހަރެންގެ ހަޔާތުގެ ވަރަށް ގިނަ މީހުން އަހަރެންނަށް ގެއްލިއްޖެ.  އަހަރެންގެ ކުދިން އުފަންވި ކަމެއްވެސް އަހަރެން ހަނދާނެއް ނެތް… ” ގިސްލުމަކާއެކު ހީނާ އަޅަ އަޅައިގަންނަމުން ވާހަކަ ދެއްކިއެވެ.

“ނޫން ހީނާ.. އަސްލު ހީނާއަށް އެއްވެސް ކަމެއް ގެއްލިގެންގެންނުދޭ.. ހަމައެކަނި ރާމިޒް ނިޔާވުން އެއީ ވެފައިވާ ދެރަކަމަކީ ހީނާގެ ހަޔާތުގަ.. އެހެން ހުރިހާ މީހުން އެބަތިބި ހީނާގެ ހަޔާތުގަ..” އުލްފަތު މޭވާތަށި ނަގާ ހީނާގެ އަތަށް ދިއްކޮށް ލަމުން ބުނެލިއެވެ.

“އުލްފަތު އާއި ބެހޭގޮތުންވެސް އަހަރެން ހަނދާނެއް ނެތް.. ކިޔާދީބަލަ ދެން އުލްފަތުގެ ވާހަކަ” ހީނާ ހިނިތުންވެލާފަ އަހާލިއެވެ.

“އަހަރެން އުޅެނީ މީހަކާ ރައްޓިހިވެގެން..” އުލްފަތު ބުނެލިއެވެ.

“އުލްފަތު އޭނާދެކެ ލޯބިވޭތަ؟” އުލްފަތު ހީމޭންވިތަންދެކެފައި ހީނާ އަހާލި އެވެ. ހީނާ އެއްދުވަހުން ހުރިހާއެއްޗެއް ދެނެގަންނަން އުޅޭކަހަލަ އެވެ.

“ބައެއްފަހަރު.. އަބަދަކު ލޯބިނުވެވޭނެ” އުލްފަތު ހީނިތުންވެލަމުން ލަދުރަކި ކަމާއެކު އިސްޖަހާލަމުން ބުނެލިއެވެ.

“އަޅުގަނޑަށް އޭނާ އާއި މެދު އެހާބޮޑަށް ޓައިމް ނުދެވޭ..އަޅުގަޑުމެން ކައިވެންޏެއް ނުކުރަން. އޭނާގެ ނަމަކީ އެލަން.. އޭނާއަކީ ނޫސްވެރިއެއް..ވަރަށް ގިނަތަންތަނަށް ރިޕޯޓަރެއްގެ ގޮތުން އޭނާ ދަތުރު ކުރާނެ. އެކަމުގެ ސަބަބުން އަޅުގަނޑަށް އޮފީސް ކަންތަކަށް ވަރަށް ވަގުތު ލިބޭ،  އަޅުގަނޑަށް އަޅުގަނޑުގެ ވަޒީފާ  މާ މުހިންމު.. އެހެންވެ ނުބުނެވޭނެ އަޅުގަނޑަށް ލޯބިވެވެނީ އެލަންދެކެ ކަމެއް ނޫނީ ބޮޑަށް ލޯބިވެވެނީ ވަޒީފާ ދެކެކަމެއް.. އަޅުގަނޑު ކައިވެނި ކުރާކަށްވެސް ބޭނުމެއް ނޫން ސަބަބަކީ އަޅުގަނޑު އަމިއްލަ އަށް ކުދިން ވިހަންބޭނުން ނުވާތީ.”

“ކީއްވެ ވިހަންބޭނުންނޫނީ.. ” ހީނާ ހައިރާންވެފަ އުލްފަތުގެ ވާހަކަ މެދުކަނޑާލާފަ އަހާލިއެވެ.

“އަޅުގަނޑުގެ ދަރިޔަކީ ހީނާ.. ދެން ކީއްކުރާ އިތުރު ދަރިއެއް” އުލްފަތު ހިނިތުންވެލަމުން ބުނެލިއެވެ.

“ައަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ކުއްޖަކު ނުލިބޭނެޔޭ.. އެކަމުގަ އަޅުގަނޑު ބޭނުމެއްނޫން އުންމީދު ކުރާކަށް.އަޅުގަނޑު ގެންގުޅެން ބުޅަލެއްވެސް.. އެހެންވެ ދަރިޔަކު ނެތުމުގެ އިހްސާސެއް ނާދޭ.މީހުން ކުދިންނާ ހެދި ރޯންޖެހޭތަން އަޅުގަނޑު ދެކެން.. ކުދިން މައިންބަފައިނާ މެދު ކަންތަށް ކުރާ އިހާނެތިގޮތްވެސް ވަނީ ފެނިފަ އެހެންވެ އަޅުގަނޑު ގެންގުޅެނީ ބުޅަލެއް އޭތި މާރަނގަޅު..އަނެއްކާ އަޅުގަނޑު ވަރަށް ލޯބިވޭ އަޅުގަނޑުގެ ވަޒީފާދެކެ.އަދި މިއީ އަޅުގަނޑުގެ ދުނިޔެއަކީ”

“ތިކަމާ ގައިމުވެސް އެލަން ހިންހަމަނުޖެހޭނެނު؟” ހީނާ އުލްފަތު އާއިމެދުވިސްނިއެވެ.

“ކިތަންމެ ބޭނުންވިޔަސް ކުދިން ނުލިބޭނެ. ޒަމާންތަކެއް ކުރިން އަަޅުގަނޑު ވަނީ ނުވިހާ އޮޕަރޭޝަން ކޮށްފަ. ވީމާ އޭނާ ޖެހޭނީ އެޖެސްޓުވާން” އުލްފަތު ހިނިތުންވެލަމުން ބުނެލިއެވެ.

“އަހަރެން ކަލެއަށް ވުރެ ދޮށީ.. އަހަރެންނަށް ގޮތެެއް ވެއްޖިއްޔާ ކިހިނެއް ހަދާނީ. އަހަރެން މަރުވެއްޖެއްޔާޔޯ؟ މިދިޔަ ހަތަރު ހަފްތާތެރޭގަ ވެސް އަހަރެންނަށް ކޮންމެ ފަދެ ގޮތެއްވެސް ވުން އެކަށީގެންވޭނު. އެހެންވިނަމަ ކިހިނެއްހަދާނީ؟ ތިޔަބުނަނީ އަހަރެންނޭ އުލްފަތުގެ ހަޔާތުގެ އެންމެ މުހިންމު ކަން ދޭ ކަމަކީ.. އަހަރެން މަރުވެއްޖެއްޔާ އުލްފަތު ކިހިނެއް ހަދާނީ”

ހީނާގެ މިވާހަކައާއި މެދު އުލްފަތު ހިމޭންވިއެވެ.

“ތިޔައީ ހުރިހާ މީހުން ދެރަވާނެ ކަމެއް.. އަޅުގަނޑު މީހަކާ އިނދެގެން އުޅެނިކޮށް  ފިރިމީހާ މަރިވެއްޖެއްޔާވެސް އަޅުގަނޑު އެކަނި ވާނެ ނޫންތޯ. ކޮންމެ މީހަކަށްވެސް ކަމަކާ ކުރިމަތި ލާން ޖެހުނީމާ ކުރިމަތި ލެވޭނެ. ހަމަ އެކަނި ބޭނުންވަނީ ހިތުގެ ހަމަޖެހުމާއި އުފާ އެއީ އަދި ކޮންމެ މީހަކާ އެކު ދަތުރު ފަށައިގެން ކުރިޔަށް ދިޔަޔަސް. އެއްވެސް މީހަކަށް އެމީހާ އެންމެ ލޯބިވާމީހާވެސް އަދި އެމީހާ އެންމެ ބޭނުން ދިރިއުޅުމެއްވެސް ނުލިބޭނެ.. އަދި ފައިސާ ހުރިއްޔާ ލޯބި ނުހުންނާނެ ވަގުތު އެކަކު އަނެކަކަށްޓަކާ ނުހުންނާނެ.. ފައިސާ ނެތިއްޔާ ލާރި ހޯދަން ދެމީހުން މަސައްކަތް ކުރާނެ ހޭބޯނާރާ..އޭރުންވެސް ލޯބި ނެތް.. އެހެންވެ އަޅުގަނޑު ވަރަށް ހިންހަމަޖެހޭ އަޅުގަނޑުގެ ހަޔާތުގެ މިސްރާބު ދަތުރު ކުރަމުން މިދެވޭ ދިމަ”

“ކަލޭތީ ވަރަށް މިނިވަން ޙިޔާލުގެ އަންހެން ކުއްޖެއްހެން ފެނޭ”

“އަޅުގަނޑަށް ހީވަނީ ހީނާއަކީވެސް ވަރަށް މިނިވަންޙިޔާލުގެ ބޭފުޅެއްހެން.. އަދިވެސް އަޅުގަނޑު ހިތަށް އަރާ ހީނާގެ ހަޔާތަށް ޔާސިރު އެނބުރި އައިމާ އަދި އޭނާ އެވަރަށް އާދޭސްކުރިމާ އޭނާއަށް މާފު ކޮށްފަ ހީނާއޭނާ އާއި ކައިވެނި ކުރިނަމަޔޭ. ހީނާ.!.އަޅުގަނޑަށް އެނގޭ ހީނާ އޭނާ އާއި އެކު އުޅުއްވިއިރު ވަރަށްގިނަ ޤުރުބާނީތަކެއްވިކަން..އެހެނަސް  ހީނާ އަކީ ގެންގުޅުއްވާ އުސޫލްގަ ހިފަހައްޓަވާ ސީދާ ސާދާ ބޭކަނބަލެއް”

“އަސްލު އަހަރެންދެނެގަންނަށް ބޭނުން އަހަރެންނަކީ ކުދިންނާ މެދުގަ އަހަރެންނަކީ ރަނގަޅު މަންމައެއްތޯ ދެނެގަންނަން ހަމައެކަނި އަހަރެންނަށް  އެނގެނީ ތާނިޔާ ދެރަވާކަން. އެހެންވެ މިފަހަރު ހުރިހާ ކަމެއް ހުއްޓާލާފަވެސް އަހަރެން ތާނިޔާ އަށް ވަގުތު ދޭނަން”

އުލްފަތު އާއި ހީނާ މުޅި ދުވަހު ވާހަކަ ދެއްކިއެވެ. އޭނާގެ ހަޔާތުގެ ތަފާތު ކަންތައްތަކުގެ ވާހަކައެވެ.

“މިހާރު އަހަރެން އެއްވެސް އެއްޗެއް ހަނދާން ނެތް..” ހީނާ ދެރަވެލާފަ ބުނެލިއެވެ.

“ހީނާ އަދި ހުރިހާ އެއްޗެއް ހަނދާންވާނެ.. އަޅުގަނޑު ހިތަށް އަރާ އަޅުގަނޑު ޅަ އިރުކަންތަށް ހަނދާން ނެތޭނެނަމައޭ” އުލްފަތު ވަރަށް ދެރަވެލާފައިވާ ރާގަކަށް ބުނެލިއެވެ.

“އައްދެ އެއީ ކީއްވެ؟”

 

“އަޅުގަނޑުގެ ހަޔާތުގެ އެންމެ ޅައިރުން ފެށިގެން އެއްވެސް އުފަލެއް ނުލިބޭ. ބައްޕަ އަކީ ޑުރަގުސް ބޭނުން ކުރާމީހެއް. އެއީ ލަންކާ މީހެއް މަންމަ ވެސް ބައްޕައާއި އެެކު މަސްތުވާތަކެތި ބޭނުންކުރޭ. ބައްޕަ ލަންކާ މީހަކަށް ވިޔަސް މަންމައަކީ ދިވެހި މީހެއް އަޅުގަނޑު ވަރަށް ކުޑައިރު ލަންކާގަ އުޅުނިން މަންމަ ތިންވަނަ ކުއްޖަކު ލިބުނީމާ މާލެއަށް ބަދަލު ވީ އަޅުގަނޑުމެން ތިންކުދިން ގޮވައިގެން. ދައްތަ އަށް 14 އަހަރު އަޅުގަނޑަށް 9 އަހަރު ކޮއްކޮ އަށް 1 އަހަރު.  ދައްތަ ނުވެސް ކިޔެވި އަދި ވީ ހަށިވިއްކާ މީހަކަށް. ބައްޕަގެ ލަންކާ ރައްޓެހިން އައިސް ދައްތަޔާ ބެހި ހަދާ އަދި ޙުދު ބައްޕަ ދައްތަ އާއި ބެހި ދައްތަގެ ޢުމުރުން އެންމެ  15 އަހަރު އޭނާ ބަލިވެއިން މިގޮތަށް ދައްތަ ވަރަށް ގިނަފަހަރު ބަލިވެއިން އަދި ކޮންމެ ފަހަރަކު ބައްޕަ އޭނާ ގޮވައިގެން ލަންކާއަށް ގޮސް އޭނާގެ ކުއްޖާ އެބޯޓް ކޮށްލަނީ  އޭނާ އެބޯޓްކުރި އެއްކުއްޖަކު އެބޯޓް ކުރަން އުޅުމުގެ ތެރޭ އޭނާ މަރުވީ އޭނާގެ ޢުމުރުން 23 އަހަރު. އޭނާ ރުއި މަންޒަރު ވަރަށް ރަނގަޅަށް އަޅުގަނޑު ހަނދާން އެބަހުރި  އެނާ ކިޔަވަން ސުކޫލަށް ދާން ވަރަށް ބުނި އެކަމަކު ފައިސާ ނެތިގެންނޭ ކިޔާފަ އޭނާ ސުކޫލަށްނުފޮނުވާ. ބައްޕަގެ ޝިކާރައަކަށް ހެދީ، އޭނާ މަރުވުމާއެކު ބައްޕަގެ ޝިކާރަޔަކަށްވީ އަޅުގަނޑު. ޑުރަގުސް އާއި އެކު މަންމަ ޕޮލިހަށް ބަސްޓުވި. މަންމަގެ ބޮޑު ދައިތަ އެއް އައިސް އަޅުގަނޑުގެ ކޮއްކޮ ގެންދިޔައީ މަންމަ ޖަލަށް ގެންދިޔާމަ. އަޅުގަނޑު ބެހެއްޓީ ބައްޕަ ކާރީ

އެއްދުވަހު އިންޓަނެޓުން ސެކްރެޓަރީއެއްގެ ވަޒީފާ ޢިއުލާންކޮށްފައި އޮތްތަން ފެނިގެން އަޅުގަނޑު އެޕްލައި ކުރިން، އަޅުގަނޑަކީ އެހާ ތަޢުލީމީ ކުއްޖެއް ނޫން. ހަމައެކަނި ކޮންޕިޔުޓަރ އިން ބޭސިކް ހަދާފަ އޮތީ. ކިޔަވާފައި އޮތީ އާލިޔާ ސުކޫލްގެ ގުރޭޑް 7 އާއި ހަމަޔަށް، އަޅުގަނޑަށްވެސް އެނގޭ އެއެޑްވަޓައިޒްގަ ބުނެފަވާ އެއްވެސް ކޮލިފިކޭޝަނެއް އަޅުގަނޑުގެ ނެތް ކަންވެސް އެކަމަކު އަޅުގަނޑު ދިޔައިން ބައްދަލު ކުރަން އޮތް ދުވަހު ވާހަކަ ދައްކަން އޭރު އަޅުގަނޑުގެ ޢުމުރުން 16 އަހަރު. އެއީ އަޅުގަނޑު ހީނާ އާއި ބައްދަލުވިގޮތް. އިންޓަވިއުގަ އަޅުގަނޑު ކިޔާދިނިންް އަޅުގަނޑުގެ ހުރިހާ ވާހަކަ އެއް އެއްވެސް ފޮރުވުމެއްނެތި ޢާއިލީ ހަމަނުޖެހުމުގެ ވާހަކަ އާއި،  އަޅުގަނޑުގެ އުފަން ބައްޕަގެ ފަރާތުން އެއްވެސް ރައްކާތެރި ކަމެއް ނެތް ވާހަކަ. މަންމަވެސް ޖަލަށް ގެންދިޔަ ވާހަކަ ހީނާގެ ހިތުގައި އަޅުގަނޑާއި މެދު ރަހުމު އުފެދުނު، އަދި ވަޒީފާ އަދާކުރުމަށާއި އެގޭގަ ހުރުމަށް ބުނި. އެދުވަހުން ފެށިގެން އަޅުގަނޑު އުޅެމުން އައީ ހީނާ އާއި އެކު އެގޭގައި އަޅުގަނޑު ހީނާ ކާރިޔަށް ބަދަލުވިފަހުން އަޅުގަނޑުގެ މަންމަޔާ ބައްޕަވެސް ޑުރަގުސް އޯވަރ ޑޯޒްވެގެން މަރުވީ..އަޅުގަނޑު އާއިލާ ގެ ކަންތަކަކީ އަޅުގަނޑަށް ބިރުވެރި ހުވަފެނެއް. އެތަނުން އަޅުގަނޑު ސަލާމަތް ކޮށްދެއްވީ ހީނާ، އަދި ހީނާ ދަރިއެއްހެން އަޅުގަނޑު ދެކެ ލޯބިވޭ. އަޅުގަނޑު ހީނާގެ ދެކުދިން ބަލަން ނެނީއެއްހެން އަދި ހީނާ އަޅުގަނޑަށް ކިޔަވާ ދެއްވި އެމްއީއެސް ރޭނގަނޑު ކުލާހަށް ފަޮނުވައިގެން، އަޅުގަނޑު އޯލެވެލް ހެދުމަށް ފަހު އޭލެވެލް ވެސް ހެދިން އަދި ބިޒްނަސް މެނޭޖްމަންޓް ކޯހެއް ހަދަން އިންޑިޔާއަށް ދިޔައިން. ހީނާ އަޅުގަނޑަށް ތަޢުލީމު ހޯދައި ދެއްވީ ހަޔާތުގެ ކުރިމަގު އާރާސްތު ކޮށްދެއްވި. އަޅުގަނޑުގެ މުސާރައިގެ ގޮތުގައި ހީނާ ދެއްވާ ފައިސާ  ދެބައިކޮށްފަ އެއްބައި އަޅުގަނޑު  ސޭވްކުރިން އަޅުގަނޑު ހީނާކާރީ އުޅޭތާ 30 އަހަރު ވެއްޖެ.ﷲ އަށް ޝުކުރު ކުރަން ވަރަށް އުފަލުން އަޅުގަނޑު ހުންނަނީ ” އުލްފަތު ވާހަކަ ހުއްޓާލިއެވެ. އަދި ގިސްލާ ރޮމުން ދިޔައެވެ. ދެން ގޮޑިން ތެދުވެގެންގޮސް އެކޮޓަރީގެ ކުޑަދޮރު ކާރިޔަށް ގޮސް އޭނާގެ މޫނުގަ އަތް އަޅައިގެން ރޮމުން ދިޔައެވެ. ހީނާ އެނދުން ފައިބައިގެން އައިސް އުލްފަތު އޭނާ އާއި ދިމާލަށް އަނބުރާލާފަ އުލްފަތު ގައިގާ ބައްދާލިއެވެ.

“އަހަރެންނަށް މާފުކުރޭ އަހަރެންނާ ހެދި ތިޔަ ހަދާންތަކާ ވާހަކަތައް އުލްފަތު މިހާރު ހަނދާންވީ އުލްފަތު އަކީ އަބަދުވެސް އަހަރެންގެ ދަރިއެއް ދެން ހުއްޓާލާ މީގެ ފަހުން ތިޔަ ކަންތަކެއް އުލްފަތު ހަނދާން ކުރިޔަކަ ނުދޭނަން”

ހީނާ އުލްފަތުގެ ކަރުނަ ފޮހެލަ ދިނެވެ. އަދި ވަރަށް ލޯބިން ބައްދާލިއެވެ.

 

“އަސްލުވެސް އަަހަރެންނައް މިލިބުނީ މުޅިން އާދިރިއުޅުމެއް. އުލްފަތު.. ދިމާވި އެކްސިޑެންޓުން އަހަރެން މަރުނުވެ ސަލާމަތްވި  ކަމަށްޓަކާ އަހަރެން ބޭނުން ސަދަގާތެއް ދޭން..އަދި އަހަރެން އުލްފަތުއަށްވެސް ވަރަށް ޝުކުރު ވެރިވަން.”

ހީނާ އުލްފަތުގެ ބޮލުގައި ފިރުމާލާފަ އަނެއްކާ އެނދުގައި އިށީނެވެ. ހީނާ އެނދުގައި އިށީންނަންވެސް އުލްފަތު އެހީވިއެވެ.

ރޭނގަޑު 11 ޖެހީއެވެ. އުލްފަތުގެ ހަޔާތުގެ ވާހަކަ ދައްކަން މުޅިއެއްދުވަސް ނެގީބާވައެވެ. އުލްފަތު ދެރަވިއެވެ. ހީނާއަށް ރެސްޓު ނުކުރެވުނީމައެވެ.

“އަޅުގަނޑު ދެން ދަނީ އަންނާނަން މާދަމާ ހެނދުނާ.. ހީނާއަށް ރީތި ހުވަފެން ފެނޭތޯ ދުޢާ ކުރާނަން” އުލްފަތު ހީލަމުން މިހެންބުނަމުން ހީނާގެ ރަޖާގަނޑު ރަނގަޅުކޮށްލާފަ ވަކިވުމުގެ ސަލާމް ކޮށްލުމަށްފަހު ދިޔައީ ހޮޓަލަށެވެ. މުޅި ދަތުރު މަތީގަވެސް އުލްފަތު ދިޔައީ ހިމޭންކަމާއެކު އޭނާގެ ކަރުނަ ފޮހެމުންނެވެ. އޭނާގެ މާޒީގެ ދުވަސްތަކާއި މަންމަ މެންގެ ކަންތަށް އޭނާގެ ހަނދާނަށް އަންނަމުން ދިޔައެެވެ. ހީނާއަށް އޭނާ ޝުކުރުވެރިވެއެވެ.

ޖެހިގެން އައި ހޮނިހިރުދުވެހެ. އެއީ ޢީދު ދުވަހެވެ. ހީނާގެ ދެކުދިންނާއި ޔާސިރު އާއި އުލްފަތު ހޮސްޕީޓަލަށް ހެނދުނު ހެނދުނާ އައެވެ. ހީނާ ވަރަށް ވަރުބަލި ކަމާއެކު އެނދުގައި އިށީނދެ އިނެވެ. އިއްޔެ އުލްފަތު އާއި ދެމީހުން މާގިނަ ވާހަކަ ދެއްކުނީ ކަމަށް ހީނާ ބުންޏެވެ. މިކަމާ ހުރިހާ މީހުން ހޭންފެށިއެވެ. ހީނާ ބޭނުންވީ ނިދާލާށެވެ. މާވަރުބަލިއެވެ. ހުރިހާމީހުންވެސް އެގޮތާއި އެއްބަސްވެ ހީނާ ނިދާލަންބާއްވާފަ ވަކިވުމުގެ ސަލާމް ކޮށްލާފަ ދިޔައީއެވެ.

ތާނިޔާ އާއި ޒުންނޫން ބޭނުންވީ ބާޒާރަށް ދާށެވެ. އުލްފަތު ވެސް ބޭނުންވީ އެމީހުންނާ އެކު ދާށެވެ. ޔާސިރު މެންދުރު ހީނާކާރިޔަށް ހޮސްޕިޓަލަށް ދިޔައީއެވެ. ކޮންމެ ގޮތެއްވިޔަސް ހީނާ އާއި ޔާސިރު އަށް އެކަނިވެރި ވަގުތު ކޮޅެއް ދިނުމަށް އުލްފަތުއާއި ކުދިންވެސް ބޭނުންވިއެވެ.

ޔާސިރު ކާރިން ހީނާ ދެނެގަންނަން ޖެހޭ ގިނައެއްޗިހި ހުންނާނެކަން އުލްފަތު ބުނެލިއެވެ.

ޔާސިރު އަށް ހޮސްޕިޓަލަށް ދެވުނީ ހީނާ ތެދުވެ އުޅެނިކޮންނެވެ. އެކޮޓަރިއަށް ވަދެފަ ސަލާމް ގޮވާލަމުން ހީނާގެ އެނދު ކާރީ ހުރި ގޮނޑީގައި އިށީނދެލިއެވެ. އަދި އެތާއޮތް ނޫސް ނަގައިގެން ކިޔަންފެށިއެވެ. ނަރުސް ކުއްޖާ ހީނާގެ ބޭސްދީ ކަންތަށް ކުރަން ހުއްޓެވެ. ނަރުސް ކުއްޖާ ދިޔައީމާ ޔާސިރު ނޫސް ބޭއްވިއެވެ. އަދި ހީނާއާއި ވާހަކަ ދައްކަން ފެށިއެވެ.

“ﷲަ އަށް ޝުކުރު ކުަރަން ހީނާ ރަނގަޅުވީތީ ” ޔާސިރު ހީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެންމެ ފުރަތަމަ އެމީހުންވާހަކަ ދައްކަމުން ދިޔައީ ކުދިންނާ ބެހޭގޮތުންނެވެ. ޔާސިރު އެކުދިން ކޮށްފަވާ މަޖާ ކަންތަކުގެ ވާހަކަ ހީހީފަ ހީނާއަށް ކިޔާދިނެވެ. ހީނާވެސް މަޖާވެފަ ހެމުން ދިޔައެވެ.

“އަހަރެންގެ ފިރިހެން ދަރިފުޅަކީ ވަރަށް ބުއްދިވެރި ބަސްއަހާ ރަނގަޅު ކުއްޖެއް. މަސައްކަތްތެރި ހީވާގި ކުއްޖެއް. ކިޔެވުމުގެ ދައުރުގައިވެސް ވަރަށް ފުރިހަމަ ކާމިޔާބީއެއް ޙާސިލް ކުރި އަހަރެން ވަރަށް ފަޙުރުވެރިވޭ ހީނާ އަހަރެންނަށް ވަރަށް ގާބިލް ދެކުދިން ދިން އެއީ އަހަރެންގެ ޒުންނޫން އާއި ތާނިޔާ”

“ޝުކުރު އަދާ ކުަރަންވާނީ ﷲަ އަށް.. ހާދަ ވަރަކަށް އެސޮރަށް ތާރީފު ތިކުރަނީ އަންހެންދަރިފުޅޯ” ހީނާ ފުރުޓްކޮޅެއް ކަމުން އަހާލިއެވެ.

“ހަސަދަވީދޯ އަހަރެން ޒުންނޫން އަށް ތާރީފް ކުރާތީ.. އަސްލުގަ ހަސަދަވެރިވާންވީ އަހަރެން.. ޒުންނޫން ހީނާދެކެ ވަރަށް ލޯބިވާނެ.. އަހަރެންގެ ކުރިމަތީ ވަރަށް ގިނަފަހަރަށް ހީނާއަށް ތާއީދު ކޮށްފަ ވާހަކަ ދައްކާނެ. އޭނާ ހީކުރަނީ ހީނާ ހިނގަމުންދަނީ ރަނުންހަދާފައިވާ މޫދެއްގަ ހެން.. ހީނާގެ ގިނަ ފިލްމުތަކުގެ ޝޫޓިން ބަލަން އޭނާ ދާނެ.. އެއްވެސް އެއްޗެއް އޭނާ މިސްނުކުރޭ ކަންނޭނެގެ.. އަދި ފޮނިކަން ހުންނަވަރަކީ ޝޫޓިން ލޮކޭޝަން އަށް ދާނީވެސް އޭނާގެ ރަހްމަތްތެރިން ގޮވައިގެން..އޭނާގެ އުފަންދުވަހުގަވެސް ޕާޓީގަ އަޅުވަން ޖެހެނީހީނާ އެކްޓު ކޮށްފަ ހުންނަ ލަވަތަށް ތާނިޔާ އާއި މެދު އެއްޗެކޭ ބުނެވޭކަށްނެތް”

“އެޔޯ.. އަހަރެން އަހަންބޭނުން ތާނިޔާގެ ވާހަކަވެސް”

“ތާނިޔާ އަބަދުވެސް ހުންނަނީ މަންމަ ބޭނުންވެގެން.. މަންމަ ފިލްމު ކުޅެންފޮނުވަން ހިންހަމަނުޖެހޭ ހެން އަހަރެންނަށް ހީވަނީ އޭނާ..ޒުންނޫންއާއި އެކު ހުންނާކަށްވެސް އެއްބަހެއްނުވާނެ ހަމަ އަބަދު މާ މަންމަގެން  އެ މަންޖެ އުޅޭނީ.. ހީނާގެ އެތަށް ޝޫޓިންއެއް އޭނާ އާއި ހެދި ދުވަސް ކެންސަލްވެސް ކުރަންޖެހުނު.. އޭނާރޮއިރޮއި ބަލިވާތީ ޝޫޓިން ކެންސަލް ކޮށްފަ ހީނާ ހޮސްޕިޓަލްގަ ހުންނަންޖެހޭ” ޔާސިރު މޭވާ ހުސްވި ތަށި ނަގާ މޭޒް ސާފުކޮށްލަމުން ބުނެލިއެވެ.

 

“އަހަރެން މާގިނައިން ބޭރަށް ދަނީދޯ؟”  ހީނާ އަހާލިއެވެ.

“ނޫން ފިލްމުސުޓާރަކަށް ވީމާ ހަޔާތުގަ ގިނަ ކަންތަށް ބަދަލު ވާނެނު.. ވަރަށް ގިނަ ފަހަރު ހީނާ ތާނިޔާ ގޮަވއިގެންވެސް ޝޫޓިން ތަކަށްދޭ ސުކޫލުން ޓީޗަރުން ތާނިޔާއަށް ޓިޔުޝަން ދޭން އައިސް ލޮކޭޝަންތަކުގަ ތިބޭ ފަހަރުވެސް ދާނެ. މިކަމުންވެސް މާބޮޑު ނަތީޖާއެއް ރަނގަޅެއް ނޫން ތާނިޔާ އޯލެވެލްގަޔާ އޭލެވެލްގަ ވަރަށް ދަށުން ނަތީޖާ ލިބުނީ އެހެންވެ މިހާރު އިތުރު ކުލާސްތަކަށްދޭ.” ޔާސިރު ބުރިފްކޭސްއިން ފޮޓޯ އަލްބަމެއް ނަގާ ހީނާ އަތައް ދިއްކޮށްލިއެވެ.

“އަސްލު ތާނިޔާ އެބުނީ ރަނގަޅަށް ރަނގަޅު މަންމަޔަކަށް ވާންބޭނުންނަމަ އެހުރިހާ ފިލްމުތަށް ކުޅޭނީ ކިހިނެއް ހަމަ ޔަގީނުންވެސް އޭނާގެ ކިޔެވުން ދަށްވެގެންދިޔަ ސަބަބަކީ އަހަރެން ކަން މިއަދު އަހަރެންނަށް ޢިހްސާސް ކުރެވިއްޖެ..” ހީނާ އޭނާގެ ލޮލުން ފާއްދާލާފައި ހުރި ކަރުނަ ފޮހެލިއެވެ.

“ނޫނޭ އަހަރެންނަށް ހީވަނީ ހުރިހާކަމެއްވެސް ވެދިޔައީ ރަނގަޅަށް ހެން ކުދިންނަށް އިންޑިޕެންޑެޓްކޮށް އުޅެންދަސްވި.. އަދި މިއަދު އެދެބެއިންނަކީ އެކުދިންގެ އަމިއްލަ ގެ ހުރި ވަރަށް މިނިވަން ޙިޔާލުގެ ދެކުދިން. ތާނިޔާ އަކީ ހަމައެކަނީ އެންމެންގެ އެޓެންޝަން ބޭނުންވެގެން އުޅުނު ކުއްޖަކީ. އެކުދިން ކުޑައިރު އުނދަގޫ ދުވަސްތަކެއް ނޫނީ އަހަރުތަކެއް އަހަރެމެންގެ ޙަޔާތުގަ ފާއިތު ވެގެން ދިޔަ. އެކަމަކު ހީނާ ވަނީ ވީއެންމެ ރަނގަޅަށް ކުދިންނާ އަދި އަހަރެންގެ ކަންތަށް ކޮށްދީފަ.. ހީނާ ލޯޔަރަކަށް ނުވަތަ ޑޮކްޓަރަކަށް ވީނަމަ އަހަރެމެންގެ ހަޔާތު އެހާއުފާވެރި ނުވީސް ކަންނޭނގެ. ފުލްޓައިމް ކުދިންނަށް ދެވުނީސް އެކަމަކު އޭރުން ކުދިން އެހާ ކެރޭ ކުދިންނައް ނުވާނެ މިހާރު ބަލާބަލަ އެކުދިން އަމިއްލަޔަށް އެއުޅެލަނީ އަހަރެން ވަރަށް ފަޙުރުވެރިވޭ ދެކުދިންނާމެދުވެސް.” ޔާސިރު އަލްބަލްގަ ހުރި ފޮޓޯތަށް ހީނާއަށް ކިޔާދެމުން ވާހަކަދައްކަމުން ދިއައެވެ. ހިމޭން ކަމާއެކުގައެވެ. އެފޮޓޯ ތަކުގައި ޔާސިރު އާއި އޭނާގެ ކައިވެނީގެ ދުވަސްތަކުގެ ފޮޓޯތަށް ހުއްޓެވެ އެކަމަކު އެއިންއެއްވެސް އެއްޗެއް ހީނާއަށް ހަނދާންނުވެއެެވެ.

“ތާނިޔާ އެހާވަރަށް އަހަރެންނާ ކާރީގަ އުޅެންބޭނުން ކަން އެނގި ހުރެ އަހަރެން ފިލްމު ކުޅުން ނުހުއްޓީ ކީއްވެ؟”

ހީނާ މިހެން ބުނުމުން ޔާސިރު ބާރަށް ހޭންފެށިއެވެ.

“ހީނާ އަކަށް ނޭނގޭތަ ހީނާއަކީ ކިހާ މަޝްހޫރު ފިލްމުސުޓާރެއް ކަމެއް.. ކިހިނެއް ފިލްމު ކުޅުން ހުއްޓާލާނީ..މީހަކަށް ބުނެވޭނެތަ ޖޫހީ ޗައުލާ ނޫނީ ދިވެހި ފިލްމު ނިޢުމާ ކާރީ ފިލްމު ކުޅުން ހުއްޓާލާށޭ.. ކިހިނެއް އެހެން ހަދާނީ އަހަރެންނަށްވެސް ހީނާއާއި ބައްދަލުވިއިރު ހީނާއަކީ މާ މަޝްހޫރު ނޫނަސް ފިލްމުސުޓާރެއް އެކަމަކު ކައިވެނީގެ ފަހުން ގިނަފިލްމުތަކެއް ލިބިގެންދިޔަ އެހެންވެ އަހަރެންވެސް އެކަމަށް މައްސަލައެއް ނުޖައްސަން އަދި ހަޔާތުގެ ދުވަސްތަށް ފާއިތުވެގެންދިޔައީ އުފަލުން”

“އުފަލުންނޭ އެހެންވެއްޖެއްޔާ ކީއްވެތަ އަހަރެންމެން ވަކިވީ؟” ކުއްލިއަކަށް ހީނާ އަލްބަމް ލައްޕާ ލާފަ އެއްފަރާތެއްގެ ބާއްވާފަ ހަމަޖެހިގެން އެނދުގައި އިނދެފަ ޔާސިރު އާއި ދިމާލަށް ސީދާ މޫނު އަނބުރާލަމުން އަހާލިއެވެ.

“ވާވް ތިޔައީ ހާދަ ބޮޑު ސުވާލެކޭ..” ޔާސިރު އާއި ހީނާ އެކަކު އަނެކަކާދިމާލަށް ބަލަން ހިމޭން ކަމާއެކު ތިއްބެވެ. ހީނާ ބޭނުންވަނީ ކޮންވާހަކައެއްކަން ހީނާގެ ލޮލުން ރަނގަޅަށް ފެންނަން ހުއްޓެވެ،އެމީހުން ކައިވެނި ކޮށްގެންތިބީ 10 އަހަރު އެވެ. ކުއްލިއަކަށް ހީނާ ކެއްސާލިއެވެ. ހިޔާލީ ދުނިޔެއިން ޔާސިރު ބޭރަށް ނިކުމެވުނެވެ.

“ތެދަށް ބުނަންޏާ އަހަރެންނަށް ނޭނގޭ އަހަރެމެން ވަކިވީ ކިއްވެގެންކަމެއް އަހަރެން މަސައްކަތްކުރީ ރިސޯޓުގަ ވަރަށް މަތީ މަޤާމުތަކުގަ ވަރަށް ގިނަ އަންހެން ކުދިންނާ ވަރަށް ގާތުން ދިމާވޭ އަދި އަހަރެންނަކީވެސް އޭރުގަ ވަރަށް ޒުވާން މީހެއް މާރީތިވީމަ ކަންނޭގެ ވަރަށް ކާމިޔާބު.. ގިނަ އަންހެން ކުދިންގެ ޔޫސުފުގެ ފާނަށް ވެގެން އަހަރެން އުޅުނީ އަދި އެދުވަސްކޮޅު ދިމާވި ވަރަށް ރީތި ރަށިޔާ މޮޑެލްއެއްގެ ޖާދޫގަ އަހަރެންވެސް ޖެހި އޭނާ އާއި ކައިވެނި ކުރީމާ ހީނާ ކުދިންނާ އެކު މާލެއަށް ބަދަލުވީ، އަހަރެންނަށް ހީނާވެސް ވަރަށް ރީތި ދޫކޮށްލާކަށް ބޭނެމެއް ނުވި އެކަމަކު ހީނާ ދެއަންބަށް ހުންނަންބޭނުންނުވާތީ އަމިއްލައަށް ވަރިވީ އަހަރެން އެކަމާ ހިތާމަކުރަން”

“އޭގެ މާނަޔަކީ ކަލޭ އަހަރެންނާ ކައިވެނި ކޮށްގެންހުރެ އެހެންމީހަކާ ކައިވެނި ކުރިއްޔޭތަ؟” ހީނާ ރުޅިވެރި އަޑަކުން ބުނެލިއެވެ.

“ހީނާ ތީ އަހަރެންދުށް އެންމެ ރީތި އަންހެނާ އަދި ހީނާ އެހާ ރަނގަޅު. އެހާ މަޢުސޫމް. ހީނާގެ ލޯތްބަކީ ފިލްމު. އަހަރެން ހީނާދެކެ ލޯބިވެގެން ދީވާނާ ވެގެން އައިިއިރުވެސް ހީނާ ވަނީ ފިލްމީ ދުނިޔޭގައި ފައި ހަރުކޮށްފަ. އަހަރެން އޭރު ލަންކާގައި ކިޔަވަނީ. ކޮންމެ އަހަރެކު އެތައް ފަހަރަކު އަހަރެން ހީނާ ދެކެން ބައްދަލު ކުރަން މާލެއަންނަން. އެހާ މަޝްހޫރު އެހާ ރީތި ކުއްޖަކާ ކައިވެނި ކުރަން ބޭނުންނުވާނީ ކާކު؟ އަހަރެން ހީނާއާއި ތަފާތު ގޮތްގޮތަށް ބައްދަލު ކޮށް ހަދިޔާ ދީ ހެދުމުގެ ނަތީޖާ އަކަށްވީ ހީނާވެސް އަހަރެންގެ ދީވާނާ އަކަށް ވުން. އަދި އަހަަރުމެން ކައިވެނި ކުރިން. އަަހަރެން ރިކުއެސްޓު ކުރިން ގޭގައި ގެވެހި އަންބެއްގޮތަށް ހީނާ ވުމަށް . އެކަމަކު ހީނާ ވަރަށް ސާފުކޮށް އެކަމާ ދެކޮޅު ހެދި. އަދި ހީނާ ފިލްމީ ދުނިޔެ ދޫކުރަން ބޭނުމެއްނުވި. އަހަރެމެން ހަނީމޫނަށްވެސް ދިޔައީ މެކްސިކޯއަށް.  ދެހަފްތާއަށް ފަހު އަހަރެން ލަންކާއަށް އަދި ހީނާ ރާއްޖެއަށް ދިޔައީ. އޭރު ހީނާ ވަރަށް ބިޒީ. ތިންފިލްމެއްގައި އެއްކޮށް މަސައްކަތް ކުރަމުންދިޔައީ. ގިނަ ޕުރޮޑިޔުސަރުންނާއެކު ހީނާ ގުޅެމުންދިޔަ. ގިނަ ސުޓާރުން ހީނާގެކޮމްޕެނީގައި ގިނަވަމުން ދިޔަ. އަހަރެންނަށް ހިނާއަށްދެވޭ ވަގުތު މަދުކަމުގެ ޝަކުވާ އަހަރެން ކުރަމުން ދިޔައިން ނަތީޖާއަކަށްވީ ހީނާވެސް އަހަރެން ކާރިޔަށް ލަންކާއަށް ބަދަލުވީ. ކައިވެންޏަށް ދެއަހަރު ތެރޭ އަހަރެމެންނަށް ޒުންނޫންލިބުނު އޭރު ހީނާ ބުނަމުންދިޔައީ އެހެންކުއްޖެއް ބޭނުމެއްނޫނޭ އެހެންނަމަވެސް ޒުންނޫންއަށް ތިންއަހަރުވީތަނާ ހީނާ ބަލިވެއިން އަދި ތާނިޔާ ލިބުނު. ކުދިންގެ ކަންތަށް ބަލަމުން ދިޔައީ ނެނީއެއް. ތާނިޔާއަށް ހީނާ ބަލިވެއިނުން ވީ ހީނާގެ ނަޒަރުގައި އަހަރެން ހީނާއަށް ދިން ލަނޑެއް ކަމުގައި. އަދި އެކަމުގެ ސަބަބުން ހީނގެ ކެރިއަރއަށް ގެއްލުންވަމުންދާ ކަމެއް ކަމުގައި. އަހަރެން އަދިވެސް ކުދިން ބޭނުން ވާހަކަ ބުނުންވީ ހީނާއާއި އަހަރެންނާ ދެމެދު ހުއްޓުމެއްނެތް ޒުވާބު ކުރުންކަމަކަށް. ތާނިޔާ ލިބުނު އިރު ހީނާއަށް ވާނީ 30 އަހަރު. އަހަރެންގެ އުމުރުން ވާނީ 40 އަހަރު އަހަރެންނާއެކު ހީނާ ތަންތަނަށް ދާއިރު ހީނާއަށް އަމާޒުވާލޯތައް ގިނަ އަދި އަހަރެންނުވޭ އެއްވެސް އެއްޗަކަށް .އަހަރެންނަށް އިހްސާސްވީ އަހަރެންގެ ބޭކާރުކަން އަހަރެން ހީނާއާއި މެދު މިކަންތަކުގައި ހަސަދަވެރިވި. އަހަރެން މީޑީޔާމީހުންދެކެ ފޫހިވާންފެށި ހުސްއެކަނި ހީނާގެ ފަހަތުން އެމީހުން ދާތީ އަހަރެން ރުޅިއަންނަން ފެށި އޭގެ ނަތީޖާއަކަށްވީ އަހަރެމެންގެ ގޭގެ ހަމަޖެހުން ނެތިދިޔުން  އަހަރެން ކިޔެވުން ނިންމާފަ ރިސޯޓަށް ވަޒީފާއަށް ދިޔައިން ކޮންމެ ގޮތެެއްވިޔަސް ހީނާއަށް އަހަރެންނަށް ދޭނެ ވަގުތު ކުދިންނަށް ދޭނެ ވަގުތު ނުލިބޭ އަހަރެން ގޭގައި ހުންނަ ހުރިހާ އިރު ޒުވާބުވެސް ގިނަވޭ އެހެންވެ އަހަރެން ވަޒީފާއަށް ކޮމްރެޑަށް ދިޔައީ..އެތަނުން އަހަރެން ރާބުއިމާއި އަންހެނުންނާ އެކު މަޖާ ކުރަން ފެށުނު ހީނާ ކާރީ ނެތުމުގެ ހިތާމަ ފިލާދިއަ”

މިހިސާބަށް ބުނެފައި ޔާސިރު ހީނާއަށް ބަލާލިއެވެ. ވަރަށް ޝައުގުވެރިކަމާއެކު ހީނާ ޔާސިރުގެ ވާހަކަ އަހަމުންދިޔައެވެ. އެހެނަސް އޭނާގެ ލޮލުންވަނީ ކަރުނައިގެ ވިދުވަރު ފާއްދާލާފައެވެ. ހީނާ ބޯހަލުވާލިއެވެ. ދެން ކީކޭހޭ ބުނާ އުސޫލުންނެވެ. ޔާސިރު ގޮނޑިން ތެދުވެގެން ގޮސް ކުޑަދޮރު ކާރީ ހުއްޓިލާފައި އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

” އެދުވަސްތަކުގައި އަހަރެންނާ ރިސޯޓުން ރައްޓެހިވި އަންހެންކުއްޖަކީ އިޓަލީގެ މޮޑެލެއް ކަމަށްވާ ނަތާލިޔާ.  އަހަރެންމެން އެއްކޮށް އުޅުމުގެ ތެރޭ އޭނާ ޕުރެގްވި އަހަރެން ބޭނުމެއްނޫން އަހަރެންގެ ދަރިޔަކަށް ގެއްލުން ލިބޭކަށް އަހަރެން ބޭނުންވީ އޭނާއާއި ކައިވެނިކޮށްގެން ހީނާވެސް ގެންގުޅެން ދެއަނބިން ގެންގުޅެން، އެކަމަކު ހީނާ އެގޮތަކާ އެއްބަަސް ނުވި. އެއަންހެންމީހާ އަހަރެން ދޫކޮށްލާކަށް ވެސް ބޭނުމެއްނުވި..އަހަރެން ފައިސާދީގެން އެކަންތައް ހައްލު ކުރަން އުޅުނިން އެކަމަކު އޭނާ އަހަރެންނަށް ބިރު ދެއްކި  ބެލެކް މެއިލް ކުރި އަދި އެއާއެކު އަހަރެންގެ ދަރިޔަކަށް ބަލިވެއިންކަން މުޅި މީޑިޔާއަށް ފަތުރާނެ ކަމުގެ އިންޒާރުދިން.. ހީނާގެ ނަމަށްވެސް މިކަމުން ހުތުރު ވާނެ ކަން އަހަރެންނަށް އެނގުނު. އަހަރެންނަށް ޖެހުނީ ހީނާއާއި ދެކުދިން ދޫކޮށްލަން .ހީނާގެ އަމިއްލަ އެކައުންޓުގައިވެސް އަހަރެންގެ އެކައުންޓުގައި ހުރިވަރަށްވުރެ ގިނަ ފައިސާ ހުރި..ހީނާ ހުރީ އެކަމާ ބޮޑާވެފަ.” ޔާސިރު ފުންނޭވާއެއްލިއެވެ. އެވާހަކަތައް ދެއްކުމަށް އޭނާއަށް އުނދަގޫކަން އޭނާގެ ތުރު ތުރު އަޅަމުންދާ އަޑުން އެނގުނެވެ. އޭނާގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ.

“އަހަރެން ހީނާވަރި ކުރީ ލަންކާގައި އެކަމަކު މުޅި ދިވެހިރާއްޖެއަށް އެވާހަކަ އެނގި އަހަރެންނާ ހެދި ހީނާ ވަރަށް ބޮޑަށް ބަދުނާމުވީ ދުވަސްތަކެއް ވަންދެން ހީނާ ކުދިން ގޮވައިގެން ލަންޑަނަށް ދިޔަ..އަހަރެން ނަތާލިޔާ އާއި ކައިވެނި ކުރީ..އޭނާ އަހަރެންނަށްޓަކާ އޭނާގެ މޮޑެލިން ދޫކޮށްލި އަަހަރެމެން ދިރިއުޅުނީ މާލޭގައި އޭނާ ވިހެއީ އެއްމާބަނޑު ދެކުދިން. އޭނާ ބޭނުންވީ ކުދިންގޮވައިގެން އަހަރެން އޭނާއާއި އެކު އިޓަލީއަށްބަދަލުވާން އަހަރެން މިކަމާދެކޮޅުހެދުމުން އޭނާ އަހަރެންނަށް ފިލައިގެން ކުދިންވެސް ގޮޮވައިގެން ކޮންމެވެސް ފިރިހެނަކާ އެކު ފިލީ ފަހުން އަހަރެންނަށް ހަބަރު ލިބުނުގޮތުގައި އެކުދިންނަކީވެސް އަހަރެންގެ ކުދިންނެއްނޫން. އަހަރެންގެ ހަޔާތް ބަރުބާދުވީ އަހަރެންގެ އަތުން. އޭގެ އަދަބު އަހަރެން ލިބިގަތީން އެއްވެސް ކައިވެންޏެއް އަހަރެންދެން ނުކުރަން އަހަރެންގެ ދެކުދިން ޒުންނޫން އާއި ތަނިޔާ އަކީ އަހަރެންގެ ލޮލުގެ ނޫރު ހަޔާތުގެ ހަމައެކަނި އުންމީދު”

“އަހަރެން ވަރަށް ދެރަވެއްޖެ ތިވާހަކަތައް އަޑުއަހާފަ. މިހާރު ނަތާލިޔާ ކޮބާ؟”

ހީނާ އަހާލިއެވެ.

“މިދިޔަ ފަސް އަހަރު ތެރޭ އެކުދިންގެ ވެސް އޭނާގެވެސް މާބޮޑު ޙަބަރެއްނެތް. އަޑު އަހާފަވާގޮތުން ތަފާތު ފިރިހެނުންނާ އެކު އުޅޭ އަހަރެންނަށް މާފު ކުރޭ ހީނާ އަހަރެންނަކީ ހީނާގެ ކުށްވެރިޔާ” ޔާސިރު ހީނާގެ ކާރިޔަށް އައިސް ދެއަތް ޖޯޑު ކޮށްލާފަ މާފަށް އެދުނެވެ.

“މިހާރު މާލަސްވެއްޖެ އެހެނަސް އަބަދުވެސް އަހަރެން ބޭނުން ހީނާ އަހަރެންނަށް މާފުކޮށްދިނުމަށް އަހަރެން އަދިވެސް ހީނާދެކެ އިންތިހާއަށް ލޯބިވޭ.. އަހަރެންނަށް އެނގޭ ހީނާ އަހަރެންގެ ހަޔާތަށް ދެން އަންނަން ބޭނުންނޫންކަން.. ޙާއްސަކޮށް ރާމިޒް އާއި ހީނާ ދިމާވުމުން އަހަރެންނާ ހީނާ ބަދަލުވީ ގާތް ރަހްމަތްތެރިންނަށް. ވަރަށް ގިނަ ކަންތައްތަކުގައި ހީނާ ލަފާ ހޯދީ އަހަރެންގެ ކާރިން. އަަހަރެންނަށް ހީވަނީ ހީނާވެސް އަހަރެންދެކެ އަދިވެސް ލޯބިވާހެން.. ފައިސާގެ ކަންތަކުގަ އެއްވެސް އިރެއްގަ ހީނާ އަހަރެންގެ އެހީނުހޯދާ ސަބަބަކީ ހީނާ އަބަދުވެސް އުޅުނީ ހީނާގެ އަމިއްލަ ފައިސާޔާއެކު..ﷲ އިރާދަ ކުރެއްވީޔާ ވަރަށް ތަނަވަސްކޮށް. ކުދިންގެ ކަންތަށްވެސް ހީނާކުރީ އެކުދިންނަށް އެއްވެސް ކަމެއް އުނިކޮށްނުލާ..އަހަރެމެން އުފަލުން އުޅުނު ދުވަސްތަށް އަހަރެންގެ ހަޔާތުގައިވަނީ އުފާވެރި ފޮނި ހަނދާންތަކެއްގެ ގޮތުގައި.. އަހަރެން ހިތާމަ ކުރަން ހީނާ އެހުރިހާ ހަނދާންތަށް ނެތުނީމާ. އަހަރެން އުންމީދު ކުރަން ހީނާއަލުން ހުރިހާ އެއްޗެއް ހަނދާން ވާނެކަން..އަދި އަނެއްކާވެސް އަހަރެމެންގެ އެކުވެރިކަމާ ގުޅުން ބަދަހިވެގެން ދާނެކަމަށް. އަހަރެންގެ ފަރާތުން ލިބުނު ހިތްދަތިކަން ހީނާ ހަނދާން ނައްތާލާނެ ކަމަށް އުންމީދު ކުރަން. މިއަދާ ހަމަޔަށް ވެސް އަހަރެންނަކީ ހީނާގެ އެންމެ ގާތް އެކުވެރިޔާ، އުންމީދު ކުރަން އަހަރެންގެ މިމަގާމު ހީނާ އަބަދުވެސް ދޭނެ ކަމަށް.”

ޔާސިރުގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އަދި ވާހަކަ ނުދެއްކި އޭނާގެ އަޑު ކުރެހިއްޖެއެވެ.  ހީނާ ތެދުވެފަ ޔާސިރު ކާރިޔަށް ދިޔައެވެ. އަދި އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލަމުން އޭނާގެ މޭގައި ބޯއަޅާލިއެވެ. ޔާސިރުވެސް ހީނާގެ ބުރަކަށީގައި ވަރަށް ލޯބިން ފިރުމާލިއެވެ. އަދި ހީނާގެންގޮސް އެނދުގައި ބޭންދިއެވެ.

“އަހަރެންނަށް މާފު ކުރޭ ޔާސިރު.. އަދި ވަރަށް އުފާވެއްޖެ ތިޔަ ހުރިހާ ވާހަކައެއް ޔާސިރު މިއަދު އަހަރެންނަށް ކިޔާދިނީމާ.. އަހަރެން ވަރަށް ދެރަވެއްޖެ ޔާސިރު ބޭނުންވި ކަހަލަ އަންބަކަށް އަހަރެން ނުވެވުނު ކަމަށްޓަކައި.. ޅަ ޢުމުރަކީ ކޮންމެ މީހަކުވެސް މަގުން ކައްސާލައިގެންދާނެ،އަހަރެންނަށްވެސް ވީ އެގޮތްކަންނޭގެ..އެކަމަކު އަހަރެން ދެންއޮތްތަނުގަ ރަގަޅު ކުރާނަން. އަހަރެންގެ ކުދިން ޙާއްސަކޮށް ތާނިޔާ ވެސް ބޭނުންވަނީ އަހަރެން ގޭގަ ހުރުމަށް ދެން ކޮންމެ ގޮތެއްވިޔަސް އެއްވެސް އެއްޗެއް އަހަރެން ހަނދާނެއް މިހާރަކު ނެތް އެހެންވީމާ ގޭގަ ހުރުން ބުއްދިވެރި އަހަރެން އަމިއްލަޔަށް އަހަރެން ކުޅުނު ފިލްމު ބަލަން ވަގުތުވެސް ލިބޭނެ” ހީނާ މިހެން ބުނުމުން ދެމީހުންވެސް ހުނެވެ.

“މި ބޮމުބެ  ޙާދިސާއިން ހީނާ ސަލާމަތްވި ކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރު ކުރަން.. އަދި މިއަދު މިގޮތަށް ވާހަކަ ދެއްކުނީމާ އަހަރެންގެ ބޮލަށް ހީވަނީ ވަރަށް ލުއި ވެއްޖެ ހެން..އަހަރެންގެ ހިތުގެ އަޑީން އަހަރެންނަށް އޮތީ މާފު ނުކުރެވި.. އެކަމަކު މިއަދު މާފު ކުރެވިއްޖެ.. އަހަރެން އުންމީދު ކުރާނީ ވީއެންމެހާ އަވަހަށް ހީނާގެ ހަނދާންއައުމަށް”

“އަހަރެންވެސް ބޭނުންވަނީ އެގޮތް. އަހަރެންވެސް ޔާސިރު ދެކެ ލޯބިވޭ” އިސްދަށައް ޖަހާލަމުން ލަދުވެތި ކަމާއެކު ހީނާ ބުނެލިއެވެ.

ހީނާ އާއި ޔާސިރު އެކަކު އަނެކަކު ގައިގާ ބައްދާލާފަ ޔާސިރު ހީނާ އެނދުގައި ރީތި ކޮށް ބާއްވާފަ ރަޖާގަނޑު ރަނގަޅު ކޮށްލަ ދެމުން ވަކިވުމުގެ ސަލާމް ކިސްއަކުން ކޮށްލިއެވެ.

ޔާސިރު ދިޔުމުންވެސް ހީނާ ވިސްނަމުން ދިޔައީ ޔާސިރު ކިޔާދިން ވާހަކަ ތަކަށެވެ.

ފުރުމުގެ  ކުރިން ޒުންނޫންވެސް ހޮސްޕިޓަލަށް އައެވެ.

“މަމް އެއްވެސް ޓުރިޕެއް ނަހަދާތި.. ހޮސްޕިޓަލުން ދޫކޮށްލިޔަސް އުލްފަތު ނެތި އެކަނި އެއްވެސް ތަނަކަށް ދިޔުން މަމް އަށް މަނާ. މަމް މާލެ އައިސް އެންމެން އެއްކޮށް ޕާޓީ ބާއްވަން.” ޒުންނޫން މަންމަގެ ކޮލަށް ކިސް އެއް ދިނެވެ. ފުރައިގެން ދާންވާތީ އޭނާ ހުރީ ދެރަވެފައެވެ.

މަންމަޔާ އެކު ގަޑިއެއްހާއިރު އިނދެފަ ސަލާމް ކޮށްލާފަ ފުރަން ދިޔައީއެވެ.

ދެމައިން ވަކިވަމުން ވަރަށް ރޮއި ހެދިއެވެ. މީގެ ކުރިން ވެސް ޒުންނޫން އޭނާއާއި ވަކިވެގެން ދެއެވެ. އެކަމަކު އޭނާ ނުރޯނެއެވެ. މަންމަ އިމޯޝަނަލީ ވަރަށް ޑައުން ވިކަން ޒުވާން ފިރިހެން ދަރިފުޅަށް އިހްސާސް ވިއެވެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް އެއީ ރަނގަޅު ފާލެކެވެ. މަންމަ އެމީހުންނާ މާ ކާރި ވާނެއެވެ.

ޒުންނޫން ވަދާޢުގެ ސަލާމް ކޮށްލާފަ ނިކުންނަނިކޮށް އެކޮޓަރިއަށް ވަނީ މަތީން އެވެ. ޒުންނޫންގެ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައިސް މޫނަށް ބަދަލުތަކެއް އައެވެ. މިކަން ހީނާ އަށް ފެނުނެވެ. ޒުންނޫން ގެ މޫނަށް އައިބަދަލަކީ ކޮންކަހަލަ ބަދަލެއް ކަމެއް ހީނާ އަށް ނޭގުނެވެ.

ހިނދުކޮޅަކަށް ޒުންނޫން މާޒީގެ ސޮފްހާތަށް ޒުންނޫން ހަނދާން ވަމުން ދިޔައެވެ. މި އަންކަލް އަކީ މަންމަގެ ރަހްމަތްތެރިންގެ ތެރެއިން ޒުންނޫން ވަރަށް ގަޔާވާ އަންކަލް އެކެވެ. ދެމީހުން އެކުގަ ފުޓްބޯޅަ ކުޅުމާއި މަޖާ ކުރުމާއި މިއަންކަލް އަބަދުވެސް އެމީހުންގެ ކާރީ ހުރިއެވެ. އެކަމަކު މިހާރު ލަންކާ އިން މާލެ ބަދަލު ވިފަހުން ފާއިތުވި 15 އަހަރު ވަނީ ދެމީހުން ދިމާނުވެފައެވެ.

މަންމަ މި އަންކަލްއަށްޓަކާ ކަރުނަ އެޅިތަން ޒުންނޫން ކުޑައިރު ވަނީ އޭރު ދެކެފައެވެ. މަންމަޔަށް މީނާ މީ ކާކުކަން އެނގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގޭނެއެވެ. އެކަންތަށް ޒުންނޫން ދޯކޮށްލީ ޙުދު މަންމަ ނިންމާނެ ގޮތަކަށެވެ.

މަތީން ވަނީ ޒުންނޫން ކާރިންވެސް މަންމަޔާ މެދު އޭނާއަށް ކަންތަށް ކުރެވުނު ގޮތުން މާފަށް އެދިފައެވެ. މަންމަވެސް ވަނީ އޭނާއަށް މާފް ދީފައެވެ. އެކަމަކު އެއީ މީގެ 15 އަހަރު ކުރިއެވެ.

މަތީން އާއި ޒުންނޫން ސާދާ ގޮތަކަށް އަތާ އަތް ޖޯޑުކޮށް ސަލާމް ކޮށްލިއެވެ.

“ހިނިނެތްތަ ހާލު ޒުންނޫ. ނުފެންނަތާ ލައްކަ ޒަމާންވެއްޖެދޯ”

” ލައްބަ، ރަނގަޅު އަންކަލް މިތަނުގަ ކިހިނެއްތޯ؟”

” ޒުންނޫން މަންމަ ގެ ހާލު ބަލާލަން މިއައީ ކުރިންވެސް ދެފަހަރެއްގެ މަތިން އައިން”

“މަންމަޔަށް އަންކަލް އެނގުނުތަ؟”

“ނޫން ނުއެއް އެނގުނު އެކަމަކު ކިޔާދިނިން ކޮންމެވެސް ވަރަކަށް.”

މަތީން އެތަނަށް އައުންވީ ޒުންނޫން އެހާ ހިތްހަމަ ޖެހޭކަމެއް ނޫނެވެ. އެހެނަސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އޭނާ ފުރަން ދާން ގޮސްފަ ނުގޮސް މަޑުކޮށްލީ މަތީން އާއި ހެދިކަން މަތީން އަށް އެނގުނެވެ. އަދި ޒުންނޫންގެ މޫނު މަތިން އެހާ ހިތްހަމަ ޖެހޭ ހެނެއް ހީނުވާކަން ވެސް މަތީން އަށް އެނގުނެވެ.

“ފަސް ވަރަކަށް މިނިޓް ކޮށްފައި އަޅުގަނޑުވެސް މިދަނީ” ހީނާގެ އެނދާއި ކާރިވެލަމުން މަތީން ބުންޏެވެ. ޒުންނޫން ބޯޖަހާލަމުން މަންމަޔާ ދިމާލަށް އެނބުރުނެވެ. އަޑު ހަރުކޮށް މަތީންގެ ވާހަކަ ކިޔާދީފަނަމޭ ޒުންނޫން ހިތަށް އެރިއެވެ.

މިމީހާޔާ ހެދި މަންމަވަނީ ވަރަށް ހިތާމަ ކޮށްފައެވެ. ވަރަކަށް ރޮއިފައެވެ. އެރުއި މަންޒަރު ކާރިން ފެނިފައިވަނީ ޒުންނޫން އަށެވެ. އެކަމަކު ޒުންނޫން އަށް އެހުރިހާ އެއްޗެއް ސާފުކޮށް ނޭނގެއެވެ. ހަމައެކަނި އޭނާއަށް ފެންނަނީ މަންމަ މީނަޔަށްޓަކާ ރޯ މަންޒަރެވެ. މައްސަލަޔަކީ ކޮބާކަމެއް އަހާކަށް ނުކެރެއެވެ. ސަބަބަކީ އޭރު އޭނާއަކީ 14 އަހަރުގެ ކުޑަކުއްޖެއްކަމެވެ. ގައިމުވެސް މަންމަޔާ މަތީން މީ ވަރަށް ލޯބިވާ ދެމީހުންކަން އޭނާއަށް އެނގެއެވެ. ބައްޕަ ރާމިޒް ޔާ އިންނަންދެން މަންމަގެ ހަޔާތުގައި ހުރި މީހަކީ މިއީކަން ޒުންނޫން ހަނދާން އެބަހުރިއެވެ.

“މަމް އަޅުގަނޑު ދަނީ.. އިންޑިޔާއަށް ގޮސް ގުޅާނަން،” ޒުންނޫން އަނެއްކާވެސް އޭނާގެ މަންމަގެ ކޮލަށް ދޮނެއްދީފައި ސަލާމް ކޮށްލަމުން މަތީންއާއިވެސް ސަލާމް ކޮށްލަމުން ނިކުމެގެން ދިޔައީ އެވެ.

ޒުންނޫން ދިޔުމުން ހިނދުކޮޅަކަށް މަތީންވެސް އެއްވެސް އެއްޗެކޭ ނުބުނެ ހުރިއެވެ. ތަނުގެ ހިމޭންކަން ކަނޑުވާލަން  ހީނާ ވާހަކަ ދައްކަން ފެށިއެވެ.

“ޒުންނޫން އަށް މަތީން އެނގުނުދޯ؟”

“ހޫނ އެނގުނު ހެން ހީވަނީ މިހާރު ވަރަށް ދުވަސްވީމާ އެމީހުންވެސް ކޮންފިޔުޒް ވާނެތާ؟ އޭރުގަ އޭނާ ގެ އުމުރަކީ 14 އަހަރުހެން ހަނދާންވަނީ”

“ހޫން އޭނާ ސަލާމް ކޮށްލާފަ ވާހަކަ ދެއްކި ތަން އަހަރެން ދެކުނިން”

ހީނާ އޭނާއަށް ބަލަހައްޓައިގެން އިނެވެ. މަތީން އޭނާގެ ލޮލުން އައިސް އައިސް ހުރި ކަރުނަ ފޮހެލިތަންވެސް ހީނާ އަށް ފެނުނެވެ

މަތީންގެ ހިތުގައިވެސް ހީނާގެ މައްޗަށް އޮތް ލޯބި ހީނާއަށް ފެނުނެވެ. ޔާސިރުގެ ލޮލުން ހީނާއަށް ފެނުނީ ވެސް ހަމަ ލޯބި ބާވައެވެ.

ވާހަކަ ދެއްކުމުގައި ޔާސިރު މާ އޯގާތެރިއެވެ. އަދި ވަރަށް ބޮޑަށް ހީނާއަށް އިހްތިރާމް ކުރާކަން ހީނާ ފާހަގަ ކުރިއެވެ. މަތީން ގެ ވާހަކަ ދެއްކުމުގައި ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަން ހީނާއަށް އިހްސާސް ވިއެވެ. މަތީން ބުނާގޮތުން ހީނާއާއި މަތީން އަކީ އެއްޒަމާނެއްގެ ގާތް ދެއެކުވެރިންނެވެ. ނުވަތަ ދެލޯބިވެރިންނެވެ ހީނާ މިއިން އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.

“އަހަރެމެން ވަކިވީ ކިހިނެއް؟” ހީނާ ފެންގޮތަކަށް އަހާލިއެވެ. އެވަގުތަކީ އުލްފަތުވެސް އެރޫމަށް ވަން ވަގުތެވެ. އަދި މަތީން އެތާ ހުރުމުން އުލްފަތު ހައިރާންވިއެވެ. ހީނާ އުލްފަތުއަށް މަތީން ތައާރަފް ކޮށްދިނެވެ. އުލްފަތު ހިމޭންކަމާއެކު ބޭރަށް ދިޔައީ އެވެ. ހީނާ މަތީން އާއި އެކު ވަގުތުކޮޅެއް ބޭނުން ވެދާނެކަމަށް ބަލާފައެވެ.

“އަޅުގަނޑު ވެއިޓިން ރޫމްގަ މަޑު ކުރާނަން..”  ދަމުން އުލްފަތު ހީނާ ކާރިޔަށް ޖެހިލާފަ ބުނެލިއެވެ.

“އަހަރެމެންގެތެރޭ ވަރަށް ގިނަ ކަންތަށް ހިނގި ހީނާ ހީނާޔަކީ އަހަރެން ފުރާނައަށްވުރެވެސް ލޯބިވި ކުއްޖެއް.އަހަރެމެންގެ ހަޔާތަށް ކަންތައް ދިމާވި ގޮތް ހީނާ އަށް އަހަރެން ކިޔާދޭން ބޭނުން އެކަމަކު މިހާރަކު ނޫން”  މަތީން މިހެން ބުނެފަ އައިސް ހީނާގެ ކާރީ ހުރި ގޮނޑީގައި އިށީދެލިއެވެ.

“ކީއްވެ މިހާރު ކިޔާ ނުދެވޭންވީ..” ހީނާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“އެއީ ވަރަށް ގިނަ ވާހަކަ މިހެން ލިބޭ ކުޑަ ހިނދުކޮޅެއްގަ އެވާހަކަ ދެއްކުމަކީ އުނދަގޫ ކަމެއް. އަހަރެމެން އެކުގަ ދެއަހަރު ދިރި އުޅުނިން”

“އަސްލުވެސް ދެއަހަރު ދުވަހުއޭ” ހީނާގެ ހައިރާންކަން އިތުރު ވިއެވެ. އެންމެ ފުރަތަމަ ޔާސިރު އާއި އެކު 12 އަހަރު އުޅުން ރާމިޒް އާއި އެކު 8 އަހަރު އުޅުން މިހާރު މި މީހާޔާއެކު 2 އަހަރު ދުވަހު އުޅުން މިއީ ހީނާއަށް ވަރަށް ކޮންފިއުޒްވާ ކަންތަކެވެ. ހަމަ ގައިމުވެސް އެއްވެސް ސަބަބެއްނެތި ދެއަހަރު ދުވަހު މީހަކާ އެކީ ނޫޅެނެ ނޫން ހެއްޔެވެ. ޔާސިރު އާއި އެކު އެއީ  ކައިވެނި ވެގެން ޔާސިރުގެ އަންބެއްގެ ގޮތަށެވެ. ރާމިޒް އާއި އެކުވެސް އޭނާ އުޅުނީ އަންބެއްގެ ގޮތަށެވެ. އެކަމަކު މީނަޔާ އެކު ހީނާ އުޅުނު ހައިސިއްޔަތަކީ ކޮބާ ބާވައެވެ. މިމީހާޔާ ބެހޭގޮތުން ޔާސިރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އުލްފަތުވެސް ކިޔާ ނުދިނެވެ.

“އަހަރެމެން ތިބީ ކައިވެނި ކޮށްގެންތަ؟” ހީނާ އަހާލިއެވެ.

“ނޫން.. އަހަރެމެން ދެމީހުންވެސް ކާވެނި ކުރަން ބޭނުންވި އެކަމަކު އަހަރެންގެ ޢާއިލާގެ މީހުންގެ ނުފޫޒާއި އަހަރެން ހުރި މަގާމުގެ ގޮތުން ކައިވެނި ނުކުރެވި ދިޔައީ”

މަތީން ތެދުވިއެވެ.

“ހީނާ މިވަގުތު އަހަރެން ދަނީ އެކަމަކު އަދި އަންނާނަން. އަދި ވަގުތު އޮވެގެން ހުރިހާ ވާހަކައެއް ކިޔާދޭނަން”  މަތީން ހީނާގެ އަތުގައި ހިފައިގެން ރޮމުން ދިޔައެވެ. ހީނާގެ ލޮލުންވެސް ކަރުނަ ފާއްދާލާފަ ހުއްޓެވެ.

“އުންމީދު ކުރަން އަހަރެންނާ ބައްދަލު ކުރާނެ ކަމަށް” މަތީން ކަރުނަ ފޮހެލަމުން ހިނިތުން ވެލިއެވެ. ހީނާ މިވަގުތު އަހަރެން ދަނީ އެކަމަކު އަދި އަންނާނަން. އަދި ވަގުތު އޮވެގެން ހުރިހާ ވާހަކައެއް ކިޔާދޭނަން”  މަތީން ހީނާގެ އަތުގައި ހިފައިގެން ރޮމުން ދިޔައެވެ. ހީނާގެ ލޮލުންވެސް ކަރުނަ ފާއްދާލާފަ ހުއްޓެވެ.

“އުންމީދު ކުރަން އަހަރެންނާ ބައްދަލު ކުރާނެ ކަމަށް” މަތީން ކަރުނަ ފޮހެލަމުން ހިނިތުން ވެލާފަ ބުނެލިއެވެ.

ހިތުގެ އަޑިން ހީނާ ބޭނުންވީ މި މީހާ އޭނާ އާއި ބައްދަލު ކުރުމަށް ނައުމެވެ. އަޔަސް އުލްފަތުގެ ހާޒިރުގައި މީނާ ދައްކާ ވާހަކައެއް ދެއްކިދާނެއެވެ. މީނާގެ ވާހަކަތަށް މާ ފޮރުވިފައި ހުންނަ ހެން ހީީނާ އަށް ހީވިއެވެ. ދަމުންވެސް އޭނާ ހީނާގެ އަތަށް ކިސްއެއް ކޮށްލިއެވެ.

މަތީން ދާއިރަށް އުލްފަތު ހީނާގެ ރޫމަށް ވަނެވެ.

“އަސްލު އެއީ ކާކުތަ؟” ހީނާ އަހާލިއެވެ. ހީނާ މިސުވާލު ކުރާނެކަން އުލްފަތުއަށް ކުރިންވެސް އެނގެއެވެ.

“ކޮންމެ މީހަކު އަންނަ ނައަންނަ ދިމާލެއްވެސް ނޭނގޭ ލޯބިވެރިން.. ފިރިން މިއީ އަހަރެންނަށް އަރަތެއް އުލްފަތު އަސްލުވެސް އަހަރެންނަށް ނޭނގޭ ދެންމެ މިތަނުން އެދިޔަ ރީތި މީހާ.. އަހަރެންނަށް ޔާސިރުވެސް ނޭނގެ އަދި ރާމިޒެއްގެ މޫނުވެސް ހަނދާނެއް ނެތް އަދި އެންމެ އަޖާބު ތަންކޮޅަކީ މިމީހާ ބުނި މަށާއެކު ދެއަހަރު ދުވަހު އުޅުނީމޭ އެއީ ތެދެއްތަ އުލްފަތު”

“އެއީ އައްޑޫ މީހެއް. ވަރަށް މަތީ މަގާމެއްގެ މީހެއް. އަޅުގަނޑަށް ހީވަނީ ލަންކާގަ ޔާސިރު އާއި މައްސަލަ ޖެހުނު އިރު ހީނާ އުޅުއްވި މި މީހާޔާ އެކުހެން”

“ދެންމެ އޭނާ މިތަނަށް އައިއިރު ޒުންނޫން ހުރި ސަލާމްވެސް ކުރި އެކަމަކު އެހާ ގާތްގޮތެއް ނުފެނުނު.. އަހަރެން އެވާހަކަ އަހާލީމާ މިމިހާ ބުނީ އެއީ އެކުދިން ކުޑައިރުޔޯ ދިމާވެފަ އޮތީ އޭގެ ފަހުން ނުފެންނާތީ ނޭނގުނީ ކަމަށްވެސް ވެދާނެޔޯ”

“އޭނާ އެބުނީ މުޅިޔަކުން ދޮގެއް ނޫން އަޅުގަޑަށްވެސް އޭނާ ފެނިފަ އޮތީ އެކުދިން ކުޑައިރު”

“މަ ހިތަށް އަރާ މިއިން އެއްވެސް ކަމެއް މަ ހަދާން ވާނެ ނަމެއޭ މިއިން ކޮންމެ ވާހަކަ އަކީ ވަރަށް އަޑުއަހާލަން ގަޔާވެވޭ ވާހަކަ ތަކެއް އެކަމަކު ޙުދު އަހަރެންގެ ޔޭ އަހަރެންގެ ހިތެއް ނުބުނޭ އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރުމާއި ފިރިމީހާ ހިތްހަމަ ޖައްސަ ނުދެވުމާއި ކިތަށް އަރަތް އަހަރެންގެ ހަޔާތުގަ އުލްފަތު 21 އަހަރުގަ އަހަރެން ޔާސިރު ދޫކޮށް މިމިހާޔާ ރައްޓިހިވުން..އަދިވެސް އެހެންމީހަކު އަހަރެންގެ ހަޔާތުގައި ތިމަންނަ މީ ހީނާގެ ލޯބިވެރިޔާ އޭ ކިޔާފަ އަންނާނެ މީހަކު ވާނެބާ؟”

“އަޅުގަނޑަށް ހީވަނީ ދެން އެގޮތަށް އަންނަން ކެރޭނެ މީހެއް ނެތް ހެން” އުލްފަތު މޭވާ ތަށި ހީނާ އާއި ކާރި ކޮށްލަމަމުން ބުނެލިއެވެ.

މިއަދު ހީނާއަށް އޮތީ ހިނގުމުގެ ޕުރެކްޓިސް އެވެ. ހީނާ ކޮޅަށް ތެދުވިޔަސް ހީނާވަނީ ހިނގާ ގޮތް ހަނދާން ނެތިފައެވެ.

ޒުންނޫންވެސް އިންޑިޔާއަށް ގޮސް ވަގުތުން މަންމަޔަށް ގުޅިއެވެ. މަތީން މަންމަ ކާރީ ހުރީމާ އޭނާ ހުރީ ވަރަށް ހިތް ހަމަ ނުޖެހިފައެވެ.

“މަންމާ އަޅުގަނޑު އެމީހާ އާއި މެދު ހިތް ހަމަ ނުޖެހޭ އެމީހާ މަމް އެ ހާޓް ބުރޭކް ކުރި އަދި އެމީހާޔާ ހެދި އަޅުގަނޑުމެން ލަންކާ ދޫކޮށް މާލެ ބަދަލުވީ” ޒުންނޫން ފޯނުން ބުނަންފެށިއެވެ.

“އޭނާ ކިހިނެއް ހެދީ މަންމަ ޔަށް ކިޔާދީބަލަ ތެދަށް”

އެކަމަކު ޒުންނޫން އަކީވެސް އޭރު ކުޑަ ކުއްޖެކެވެ. މާބޮޑު ކަންތަކެއް ނުމެ އެނގޭނެއެވެ.

“މަމް އޭނާ އަބަދުވެސް މަމް ރޮއްވާލާ އަޅުގަނޑު ވަރަށް ފޫހިވާ މީހެއް އެއީ” ޒުންނޫން މިހެން ބުނުމުން ހީނާ ހިނިތުންވެލިއެވެ. އެއީ މައުސޫމް ކުއްޖެކެވެ. އަސްލު ޖެހުނު މައްސަލަ ނުމެ އެނގޭނެއެވެ.

“ދަރިފުޅާ މިހާރު އޭނާޔަކަށް މަމް ރޮއްވާނުލެވޭނެ”

“މަމް ބުނޭ  އޭނާ ކާރީ މަމްޔާ ބައްދަލު ކުރަން ނައަންނާށޭ މިހާރު އޭނާ މަމް ރޮއްވާފިއްޔާ އަހަރެން އެނާ މަރާލާނަން” ޒުންނޫންގެ ރުޅިވެރިކަން ހީނާއަށް އިހްސާސް ވިއެވެ.

އުލްފަތު ހީނާގެ ޕުރޮޑިޔުސަރުން ހީނާއާއި ބައްދަލު ކުރުމަށް ބުނާވަރުން ހޮސްޕިޓަލަށް ގެނައެވެ. ފާއިތުވި 50 އަހަރުގެ ހީނާގެ ފިލްމުތަށް ޕުރޮޑިޔުސް ކޮށްފަވަނީ ސުލޭމް ސުޓޫޑިއޯއިންނެވެ. ވީއިރު އަސްލަމް އަކީ ހީނާއަށް ވަރަށް މުހިންމު މީހެކެވެ. އަސްލަމް އަށް ހީނާ ފެނުނީ ހީނާގެ އުމުރުން 30 އަހަރުގައެވެ. މިހާރު އޭގެ ފަހުން އަހަރުތަކެއް ވީއެވެ.

ކޮންމެ ގޮތެއްވިޔަސް ހީނާ އަސްލަމް މަތިންވެސް ހުންނާނީ ހަނދާންނެތިފައެވެ. މިވާހަކަ އުލްފަތު އަސްލަމް ކާރީ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ބުންޏެވެ.

“މަމް ބުނޭ  އޭނާ ކާރީ މަމްޔާ ބައްދަލު ކުރަން ނައަންނާށޭ މިހާރު އޭނާ މަމް ރޮއްވާފިއްޔާ އަހަރެން އެނާ މަރާލާނަން” ޒުންނޫންގެ ރުޅިވެރިކަން ހީނާއަށް އިހްސާސް ވިއެވެ.

އުލްފަތު ހީނާގެ ޕުރޮޑިޔުސަރުން ހީނާއާއި ބައްދަލު ކުރުމަށް ބުނާވަރުން ހޮސްޕިޓަލަށް ގެނައެވެ. ފާއިތުވި 50 އަހަރުގެ ހީނާގެ ފިލްމުތަށް ޕުރޮޑިޔުސް ކޮށްފަވަނީ ސުލޭމް ސުޓޫޑިއޯއިންނެވެ. ވީއިރު އަސްލަމް އަކީ ހީނާއަށް ވަރަށް މުހިންމު މީހެކެވެ. އަސްލަމް އަށް ހީނާ ފެނުނީ ހީނާގެ އުމުރުން 30 އަހަރުގައެވެ. މިހާރު އޭގެ ފަހުން އަހަރުތަކެއް ވީއެވެ.

ކޮންމެ ގޮތެއްވިޔަސް ހީނާ އަސްލަމް މަތިންވެސް ހުންނާނީ ހަނދާންނެތިފައެވެ. މިވާހަކަ އުލްފަތު އަސްލަމް ކާރީ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ބުންޏެވެ

ނުނިމޭ

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ތާޝަ (ދިހަވަނަ ބައި)

Next

ރިޔާޝާ (17ވަނަ ބައި)

Next
November 5, 2016

ރިޔާޝާ (17ވަނަ ބައި)

Previews
November 4, 2016

ތާޝަ (ދިހަވަނަ ބައި)

2 Comments

  1. hafuss says:
    November 5, 2016 at 10:52 pm

    v reethi mibaivess

    1. Rozy says:
      November 6, 2016 at 12:01 am

      Thank you

Comments are closed.

All Right Reserved!