ލޯބިން ލޯބިވާއޭ…. (3)
މަޑުމަޑުން ހިގާލާފައި އައި އަންހެން ކުއްޖަކު ޝަންހާއީގެ ބޮޑު ގޭޓުން ވަދެގެން ދިޔައެވެ. ފެންނަ ފެނުމަށް ވަރަށް ސާދާ އަންހެން ކުއްޖެކެވެ. މައިދޮރު މައްޗަށް އަރާ އެއަންހެން ކުއްޖާ ދެފަހަރަކު ސަލާމް ގޮވާލިއެވެ. ނަމަވެސް ސަލާމް ބަލައިގަންނާކަށް އެއްވެސް މީހަކު ނާދެއެވެ. ތިންވަނަފަހަރު ސަލާމް ގޮވާލަން އުޅެނިކޮށް ސަލާމް ބަލައިގަތް އަޑު އިވުނެވެ. މޫމިނާ އައީ އޭނާގެ މާމަ ދަރިން ކަމަށްވާ އިވާން އާއި އިމްޔާން އާއި އެކުގައެވެ. އަޅައިގެން ހުރި ނަންބަރު އައިނު މަތިން މޫމިނާ އެއަންހެންކުއްޖާއާއި ދިމާލަށް ބަލާލިއެވެ. ރީތި އިސްކޮޅެއް ލިބިފައި ހުރި ބަލާލަން ރީތި އަންހެން ކުއްޖެކެވެ. ފެންނަ ފެނުމަށް ހީވާގި ބުރަ މަސައްކަތް ކުރާ އަންހެން ކުއްޖެއްކަން ސާބިތުކޮށްގެނީ އޭނާގެ ދެރަވަރުވެފައިވާ ހަށިގަނޑެވެ. ލައިފައިވާ ގޯނި ހެދުމުގެ ސަބަބުންނާއި ބޮލުގައި ޖަހާފައިވާ ހުޅީގެ ސަބަބުން ރީތިކަން ފޮރުވިފައިވެއެވެ.
އިމްޔާންގެ ވިސްނުމާއި ހިލާފަށް ޝަންހާއީފަދަ މުއްސަނދި ބަޔަކު އުޅޭ ގެއަކަށް ފެންނަން އެއިން އަންހެންކުއްޖާފަދަ އާދައިގެ ހެދުން އަޅައިގެން ހުރި ފަގީރުފާޑު ޖަހާ ކުއްޖަކު އައުމުން އިމްޔާން އަށް އެކަން ގަބޫލުކުރަން އުދަގޫވިއެވެ. ހައިރާންކަމާއި އެކު އެމޫނުމަތިން އިންތިހާ ދަރަޖައިގެ ފޫހިކަން ފެންނަމުން ދިޔައެވެ. މިއާއި ހިލާފަށް މޫމިނާގެ މޫނުމަތިން ފެންނަމުން ދިޔައީ މަރުހަބާ ކިޔާކަމުގެ ޝުއޫރުތަކެވެ. ސުވާލުމާކުތަކުން ފުރިފައިތިބި ދެމާމަ ދަރިންގެ މޫނަށް ބަލާލަމުން އެއީ ކީއްކުރަން އެގެއަށް ގެނައި ކުއްޖެއްކަން އެދެމީހުންނަށް ބުނެ ދިނުމަށް އަވަސްވެގަތެވެ. “މީ މައިރާ. މިއަދަށްފަހު މިގޭގެ އެންމެހާ މަސައްކަތުމީހުންނާއި ގޭތެރޭގެ އެންމެހާ ކަންތައް ބަލަހައްޓާނީ މީނަ. އަދި އާއިލާތެރޭ ބޭއްވޭ ހަފްލާތަކަށްވެސް ތައްޔާރުކުރާނީ މައިރާ. ” މޫމިނާ ވާހަކަދައްކާ ނިމުމުން އިވާން މައިރާއަށް ބަލާފައި ހީލިއެވެ. ކިތަންމެ މުއްސަނދި ނަމަވެސް އިވާން އަކީ އަބަދުވެސް އެންމެންނާއި ގުޅޭފަދަ ހިތްހެޔޮ ޝަހްސެކެވެ. އިމްޔާން މާމައަށް ބަލާފައި މޫނު އަބުރާލިގޮތުން މާމަގެ އެނިންމުމަކީ އޭނާ މާގަޔާވާ ނިންމުމެއް ނޫންކަން އެގިގެން ދިޔައެވެ.މޫމިނާ މައިރާ ގޮވައިގެން ހިގައިގަތް އިރުވެސް ދެބެއިން ސިޓިންގ ރޫމުގައި ތިއްބެވެ. “އިއޫ. މާމައަށް ނޭގުނުތަ އެނޫން އެހެން މީހަކު ގެންނާކަށް؟ ރާއްޖެތެރޭ ކަޓު ވައްތަރަށް ހެދުންއަޅާފަ” އިމްޔާން ނުރުހިފައި ވާހަކަ ދެއްކީ ކޮއްކޮ އިވާންއާއެވެ. އެދެއްކި ވާހަކައަށް އިވާންގެ މާބޮޑު އެއްބާރުލުމެއް ނުލިބޭނެކަންވެސް އޭނައަށް އިގެއެވެ. އިވާން ބޯހޫރާލަމުން ބޭބެގެ ވިސްނުން ހުންނަގޮތާއި މެދު ނުރުހުން ފާޅުކުރިއެވެ. “އިމީގެ ތިހުންނަނީ ހަމަ ބައްޕަގެ ގޮތްގަނޑު. ވަކި ހައިސިއްޔަތެއްގެ ވަކި ފަންތިއެއްގެ މީހުން ދިރިއުޅުމާ ގުޅުވުމަކީ އެއީ ހަމައެކަނި ބައްޕައާއި އިމީ ދަންނަ ކަމެއް. އެހެޔޮ މަސައްކަތު މީހަކަސް. ތިދެބަފައިންގެ ނަޒަރުގައި މަސައްކަތުމީހާވެސް ވާން ޖެހެނީ މުއްސަނދި އާއިލާއަކުން އައިސް ހުންނަ މީހަކަށް. އަޖައިބުވޭ! އެމީހުން ނޯކިރީކަންކޮށް ދީގެން ލާރި ހޯދަނީ ފަގީރުވީމަކަން ހަމަ ނޭގެނީބާއޭ ހިތަށް އަރާ. އެހެން ނޫނަސް މީހެއްގެ ފެންވަރެއް ނޭގޭނެ ލައިގެން ހުންނަ ހެދުމަކުން. މީހާ މީހަކަށް ހަދަނީ އެމީހަކަށް ލިބިފައިވާ އަދަބާއި އަހްލާގް” ދެމެދުގައި ވާހަކަތަކެއް ދެކެވުމަށްފަހު އިވާން ހިގައިގަތީ އޮފީސްކަމެއްގައި ގެއިން ބޭރަށް ދިއުމަށެވެ.
މައިރާއަކީ އައްޑޫ ސިޓީ މަރަދޫއަށް އުފަން ކުއްޖެކެވެ. މާފުދުންތެރި އާއިލާއެއްގެ އަންހެން ކުއްޖަކަށް ނުވިނަމަވެސް ރިވެތި ތަރުބިއްޔަތެއްގެ މަތީގައި ބޮޑުވެފައިވާ ކުއްޖެކެވެ. މާލެއިން ކުޑަ ތަންކޮޅެއް ހިފައިގެން މައިރާ އުޅެމުންދަނީ ކޮއްކޮ މިޝާއާއި ދައްތަ ހިންދުއާއި އެކުއެވެ. ދައްތަގެ ފަރާތުން މައިރާ އަދި މިޝާއަށް އެއްވެސް އަޅާލުމެއް އެހީތެރިކަމެއް ނުލިބޭތީ ވަޒީފާއަކަށް ދިއުމަށް މައިރާއަށް މަޖުބޫރުވީއެވެ. ދައްތަ ކަންތައް ކުރާގޮތުން އެއީ އެއްބަނޑު ދައްތަބާއޭ ހިތަށް އަރާ ފަހަރުވެސް މަދެއްނޫނެވެ. މީގެ 2 އަހަރު ކުރިން މަންމަ ނިޔާވެފައިވާއިރު ބައްޕަވީ ތަނެއް މައިރާމެންނަކަށް ނޭގެއެވެ. އަބަދުވެސް އިވެނީ މިޝާގެ ބައްޕައަކީ ވަރަށް މުއްސަނދި މީހެކޭ ކިޔާތީއެވެ.ދުވަހަކުވެސް މައިރާ އޭނާގެ ބައްޕަ ނުދެކެއެވެ. އެބުނާ ވަރުގެ މުއްސަނދި މީހަކު މައިރާމެން ދުކޮށްލީ ކީއްވެބާއޭ މައިރާ ހިތަށް އަރައެވެ.
މެރިޓައިމް ބިލްޑާސްގެ އިމާރާތުން ނުކުމެގެން އައިސް ކާރަށް އަރަން ދިޔަ އިވާންއަށް ހުއްޓެވުނީ ކުރިމަތިން ފެންނަމުންދިޔަ ރީތި މަންޒަރުގެ ސަބަބުންނެވެ. މީހަކަށް އެހީވުމަށްޓަކައި އަންހެން ކުއްޖަކު މަސައްކަތްކުރާ ރީތި މަންޒަރެވެ. ބޯޑާއި ބެނަރ އަދި ފްލަޔާތައް ހިފައިގެން ހުރި އަންހެންކުއްޖާއާއި އެކު އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިފެނުނު މަންޒަރުން އިވާންގެ ހިތަށް ތަފާތު ޝުއޫރުތައް ވެރިވެގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މިއޮތްފަދަ ނަފްސީ ނަފްސީގެ ޒަމާނުގައި އަނެކަކަށްޓަކައި މަސައްކަތެއް ކުރާނީ ވަރަށް މަދު ބައެކެވެ. ގިނަފަހަރަށް މީހަކު އެހީއަކަށް އެދުނަސް އެހީނުވެ އެމީހަކާއި ދިމާލަށް މޫނު އަބުރާލާނީއެވެ. އަތުގައި ހުރި ފައިލްތައް ކާރުތެރެއަށް ދޫކޮށްލާފައި އެއަންހެންކުއްޖާއާއި ދިމާލަށް އިވާން ހިގައިގަތީ ކާރުތެރޭގައި އޮތް ޗެކް ފޮތުން ތިރީސްހާސް ރުފިޔާގެ ޗެކެއް ލިޔެގެން އެހިފައިގެންނެވެ. “އެކްސްކިއުޒް” އިވާންގެ އަޑަށް ކައިރީގައި ހުރި އަންހެންކުއްޖާ ހީލަމުން ބަލާލިއެވެ. އިވާން އަތުގައި އޮތް ޗެކް ދިއްކޮށްލުމުން އޭގައި ހިފަމުން އަރޫޝާ ތައާރަފުވެލިއެވެ. އިވާން ހީލަމުން އޭނާގެ ބިޒްނަސް ކާޑް ނަގާ ދިއްކޮށްލަމުން އެހީއެއް ބޭނުންވެއްޖެނަމަ ގުޅުމަށް އެދި ހިގައިގަތެވެ. އަތުގައި އޮތް ޗެކް އަށް ނަޒަރެއްދެމުން ފަސްދީ ދިޔަ ޒުވާނާއާއި ދިމާލަށް ބަލާލަމުން އަރޫޝާ ހީލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Sorry all lovely readers. Lately, I have been through some issue due to that the upload got late. Insha Allah, tommorow you will get to read another short story and next part of Loabin Loabiwaaey will be uploaded on tuesday.
Good night ❤
v rythi story.
but v v v v kuru. dhen mivarun story nuliyuniyya ma rangalhuvaane….
Reethi ekm kuru dw